އެލީޝާ (14ވަނަބައި)
ބަގީޗާގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޒަވީން ގޮވައިގެން ގެޔަށްދާން ނުކުތް އެލީޝާއަށް ހުއްޓުން އެރީ މަގުގެ އަނެއް ފަރާތުން ފެނުނު މަންޒަރަކުންނެވެ. ޔަގީނެވެ. އަންހެންކުއްޖެއްގެ އަތުގައި ހިފައިލައިގެން އެދަނީ ހުޝާމްނޫން ދެވަނަ އެހެންމީހެއް ނޫނެވެ. ނަމަވެސް އޭނާގެ ކައިރީގައި އެހުރީ ކިޔާރާއެއް ނޫނެވެ. އެހެން އަންހެންކުއްޖެކެވެ. އެލީޝާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. މިކަހަލަ މީހުން ދުވަހަކު ބަދަލެއް ނުވާނޭ އެލީޝާގެ ހިތަށް އެރިއެވެ. އެލީޝާ ފޯންނަގާ އެމަންޒަރު ފޮޓޯ ނަގާލިއެވެ. ކިޔާރާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެންދާތަން ބަލާކަށް އޭނާއަކަށް ނުހުރެވޭނެއެވެ. އެއަނދަވަޅުން ކިޔާރާ ސަލާމަތްކުރަން އޭނާ ބޭނުމެވެ.
ދެތިންހަތަރު ފަހަރު ބެލްއަޅާއަޑު އިވުމުން އެލީޝާ ދޮރުހުޅުވާލިއެވެ. “ކޮބާ ޒަން……” އެތެރެއަށް ވަންނަމުން ކަރަމް އަހާލިއެވެ. އޭނާގެ ކޮޓަރީގައި….. ކާންދޭން އުޅެއުޅެ އަހަރެން ބަލިވެއްޖެ…. އެއްގޮތަކަށްވެސް ކާ ހިޔާލެއް ނުކުރި…..” އެލީޝާ އަތުގައި ހުރި ބަތްތަށި ދައްކާލަމުން ބުނެލިއެވެ. “މަޑުކުރޭ އަހަރެން އަންނާނަން އޭނަ ގޮވައިގެން…..” މިހެން ބުނެފައި ކަރަމް ދިޔައީ ޒަވީންގެ ކޮޓަރިއާއި ދިމައަށެވެ.
އެތެރެއަށް ދިޔަތާ އިރުކޮޅެއްނުވެ ކަރަމް އައީ ޒަވީން އުރާލައިގެންނެވެ. ޒަވީންގެ އަތުގައި ޗޮކްލެޓެއްވެސް އޮތެވެ. ކަރަމް ޒަވީން ގޮވައިގެން އައިސް ސޯފާގައި އިށީނެވެ. އެލީޝާވެސް ބަތްތަށިހިފައިގެން ގޮސް ކަރަމްގެ ގާތު އިށީނެވެ. “މިހާރު ޗޮކްލެޓެއްވެސް ލިބުނީނު….. ދެން އަވަހަށް ކާލާ…..” ބަތްސަމުސަލެއް ދިއްކޮށްލަމުން އެލީޝާ ލޯތްބާއި އެކު ބުނެލިއެވެ. ޒަވީން ދެންވެސް ދެފަރާތަށް ބޯހޫރާލަމުން ކެއުމަށް އިންކާރުކުރިއެވެ. އެލީޝާ ކަރަމްއަށް ބަލާލިއެވެ. “ނުކަންޏާ ޗޮކްލެޓް އަތްލާނަން……”ޗޮކްލެޓްގައި ހިފައިލަމުން ކަރަމް ބުނެލިއެވެ. “ކޮއްކޮ ކާނަން…… އެކަމް ކަރަމްބެވެސް ވާނެ ކޮއްކޮއާ އެކީ ކާން……”ޒަވީން މިހެން ބުނުމުން ކަރަމް އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެލީޝާ ބަތްސަމުސާ ދިއްކޮށްލިއެވެ. “ފުރަތަމަ ކަރަމްބެ…..” ބޯހޫރާލަމުން ޒަވީން ބުނެލިއެވެ. ކަރަމްއަށާއި އެލީޝާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެލީޝާ ބަތްސަމުސާ ކަރަމްއަށް ދިއްކޮށްލިއެވެ. “ކަރަމްބެ ކާލަބަލަ…….” ކަރަމް އެހެން އިންނަން ފެށުމުން ޒަވީން ބުނެލިއެވެ. ކަރަމް އަނގަ ހުޅުވުމުން އެލީޝާ ކަރަމްއަށް ބަތްސަމްސާ ލެވިއެވެ. އެލީޝާއަށް ފޮނި އިހުސާސް ތަކެއް ކުރެވުނު ނަމަވެސް ކަރަމް އިނީ ދެރަވެފައެވެ. އޭނާގެ ސަބަބުން އެލީޝާ ބޭނުން ނުވާ އެތައްކަމެއް ކުރަން ޖެހޭތީއެވެ. “ދެން މީ ޒަންއަށް…. އަވަހަށް ކާލާ…..” އެލީޝާ މިހެން ބުނުމުން ޒަވީން ކާލިއެވެ.
ޒަވީންއަށް ކާންދީ ނިމުމުން ތަށިދޮވެލާފައި އެލީޝާ ދިޔައީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލިވަގުތު ފެނުނު މަންޒަރަކުން އެލީޝާގެ ގާތަށް ހިނިއައެވެ. ކަރަމް އޮތީ ހަތަރު މުއްގަނޑު ޖަހައިގެންނެވެ. ޒަވީން ކަރަމްގެ ބުރަކަށިމައްޗަށް ލައިގެން ކޮޓަރިތެރޭގައި ދުވަނީއެވެ. އެލީޝާވެސް އެކަހަލަ ލޯބި ލޯބި ކުއްޖެއް ބޭނުމެވެ. އޭރުން އޭނާގެ ދިރިއުޅުންވެސް ކިހާ އުފާވެރިވާނެހެއްޔެވެ.؟ ލޯބިވާ ދަރިފުޅާ ފިރިމީހާ ކުޅެމުންދާއިރު އޭނާ އިންނާނީ ދުރުގައި ހިނިތުންވެލައިގެން އެންމަންޒަރު ބަލާށެވެ. “އެލީ ދައްތާ…..” އެލީޝާ ސިހިފައި ބަލާލިއިރު ޒަވީން ހުރީ އެލީޝާގެ އަތުގައި ހިފައިލައިގެންނެވެ. “އެލީ ދައްތަވެސް ދޭބަލަ ކަރަމްބެ ބުރަކަށި މައްޗަށް އަރާލަން….. ވަރަށް މަޖާ….” އެލީޝާގެ އަތުގައި ހިފާ ދަމާލަމުން ޒަވީން ބުނެލިއެވެ. އޭރު ކަރަމް އިނީ އެނދުގައި އިށީނދެލައިގެންނެވެ. “ނޫނޭ…. އެލީދައްތަ މީ ބޮޑުކުއްޖެއްނު އެލީދައްތަ އަރައިފިއްޔާ ކަރަމްބެއަކަށް ނުވެސް ދުއްވޭނެ….” މިހެން ބުނެފައި އެލީޝާ ބަލާލީ ކަރަމްއާއި ދިމާއަށެވެ. ކަރަމް އިނީ ފޯނާ ކުޅޭށެވެ. އެހެން ދުވަސްދުވަހާ ހިލާފަށް މިޔަދު ޑިއުޓީން އައިފަހުން ކަރަމް މާ މަޑުން ހުންނަކަން އެލީޝާއަށް ފާހަގަ ކުރެވުނެވެ. އެއީ ޒީވާ އެކްސިޑެންޓްވީމަ އެކަމާ މާބޮޑަށް ދެރަވީމަ ކަރަމްއަށް އައި ބަދަލެއް ކަމުގައި އެލީޝާ ނިންމިއެވެ. އެއްފަހަރުވެސް އެއީ އޭނާގެ ސަބަބުން ކަރަމްއަށް އައި ބަދަލެއްކަމެއް އޭނާއަކަށް ރޭކާއެއް ނުލައެވެ. “ޒަންކޮ މިހާރު ނިދާގަޑި ޖެހިއްޖެއެއްނު…. ދެން ކުޅޭނީ މާދަމާ….. ދެން ހިނގާ ނިދަން…..” އެލީޝާ މިހެން ބުނުމުން ޒަވީން ބޯޖަހާލިއެވެ.
އެލީޝާ ޒަވީން ފެންވަރުވާލުމަށްފަހު ރީތިކޮށް ނިދާއެއްޗެހި ލައްވާލުމުން ޒަވީން ދުވެފައި ގޮސް އެނދުމައްޗަށް އަރާ ދެފައިވަށްކޮށްލައިގެން އިށީނެވެ. އެލީޝާވެސް ގޮސް އެނދުގެ އެއްފަރާތުގައި އިށީދެލިއެވެ. “ކީއްވެ ތިއިނީ އަވަހަށް އޮށޯވޭ…..” ޒަވީން އެހެން އިނުމުން އެލީޝާ ބުނެލިއެވެ. “ކޮންމެ ރެޔަކު ކޮއްކޮ ނިދުމުގެ ކުރިން މަންމިއާއި ޑެޑީއާ ކޮއްކޮއަށް ކިސްއެއްދޭނެ މިތަނަށް…… މިރޭ ކަރަމްބެއާއި އެލީދައްތަ ޖެހޭނީ ކިސްއެއްދޭން…..” ޒަވީން އޭނާގެ ދެކޮލުގައި ޝަހާދަ އިނގިލި ޖައްސާލަމުން މައުސޫމް ގޮތަކަށް ބުނެލިއެވެ. އެލީޝާއާއި ކަރަމްއެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އަދި ދެމީހުން ދެފަރާތުން ޒަވީންގެ ދެކޮލުގައި ތުންފަތް ޖައްސާލިއެވެ. އެވަގުތު ގެނައި ކުއްލި ހަރަކާތަކާއިއެކު ޒަވީން މޫނު ދަމައިގަތުމުން ދެމީހުންގެ ތުންފަތް އެކަކު އަނެކަކުގެ ތުންފަތުގައި ޖެހުނެވެ. އެވަގުތު ދެމީހުންނަށްވެސް ކުރެވުނީ ބުނެދެން ނޭނގޭ އިހުސާސެކެވެ. ދެމީހުންގެ ހަށިގަނޑުގެ ތެރޭގައި ކަރަންޓްގެ ރާޅުބާންޏެއް ދުވެލިކަހަލައެވެ. އެލީޝާގެ މަޑުމަޑު ތުންފަތުގެ މީރު ލައްޒަތު ލިބިގަތުމަށް ކަރަމްގެ ހިތްއެދެމުން ދިޔައެވެ. ހަށިގަނޑުގެ ތެރޭގައި ހޫނުލޭ ކެކިއަރަމުން ދަނީއެވެ. އެލީޝާގެ ހާލަކީވެސް ހަމަ މިއީއެވެ. ކަރަމްގެ ހޫނު ތުންފަތް އޭނާގެ ތުންފަތުގައި ޖެހުމުން އެއްވެސް އިހުތިޔާރަކާއިނުލާ އެލީޝާއަށް ލޯމަރާލެވުނެވެ.
ދެމީހުން ދުރަށްޖެހެލީ ދެއަތް ޖަހަމުން ޒަވީން ހޭންފެށުމުންނެވެ. “ދެކުދިންނަށް ލަނޑެއް ލިބުނިއޯ….” އޭނާ މި ކުރި ކަމަކުން ދެމީހުންގެ އިހުސާސްތަށް އުތުރިއަރައިގެން ދިޔަކަމެއް އެއްޗެއް ނުވިސްނޭ ކުޑަކުޑަ ޒަވީނަށް އިނގޭނީ ކިހިނަކުން ހެއްޔެވެ.؟ އޭނަ މަޖާވެގެން ހީލަހީލަ އިނެވެ. “ދެން އަވަހަށް އޮށޯވޭ….” އެލީޝާ މިހެން ބުނުމުން ހުނުން ހުއްޓާލުމަށްފަހު ޒަވީން ވެސް ބަސްއަހައިގެން އޮށޯތެވެ. އެލީޝާވެސް ޒަވީންގެ ގާތު އޮށޯތެވެ. “ކަރަމްބެވެސް އާދެބަލަ މިތާ އޮށޯންނަން….” ޒަވީން ކުރުނުކުރުމުން ކަރަމް ޒަވީންގެ އަނެއް ފަރާތުގައި އޮށޯތެވެ. ޒަވީން އެލީޝާގެ އަތް ގެނެސް އޭނާގެ މޭ މަތީ ބާއްވާލިއެވެ. އެއަށްފަހު ކަރަމްގެ އަތްގެނެސް އެލީޝާގެ އަތްމަތީ ބާއްވާލުމަށްފަހު އޭނާގެ ދެއަތް ކަރަމްގެ އަތްމަތީ ބާއްވާލިއެވެ. ކަރަމްގެ އަތުގެ ހޫނުކަމުން އެލީޝާ އަށް ކުރެވުނީ ބަޔާންކުރަން ދަތި އިހުސާސެކެވެ. ޒަވީން ޝަހާދަތް ކިޔާލުމަށްފަހު ދެލޯމަރާލިއެވެ. ދިހަވަރަކަށް މިނެޓްފަހުން ކަރަމްގެ އަތުގައި ބާރަށް ހިފަހައްޓައިގެން އޮތް ޒަވީންގެ އަތް މަޑުމަޑުން ދޫވަމުން ގޮސް އެއްކޮށް ދޫވިއެވެ. ޒަވީން ނިދިކަން ޔަގީންވުމުން ކަރަމް މަޑުމަޑުން ޒަވީންގެ އަތް ހިއްލާލަމުން އޭނާގެ އަތް ނަގާލިއެވެ. އަދި ޒަވީންގެ ނިތަށް ބޮސްދިނުމަށްފަހު ތެދުވެގެން ކޮޓަރިން ބޭރަށް ނުކުތެވެ. ކަރަމްގެ ހަރަކާތްތަކަށް ބަލަން އޮވެފައި އެލީޝާވެސް ޒަވީންގެ ނިތަށް ބޮސްދިނުމަށްފަހު އޭނާގެ ގައިގާ ރަޖާ އަޅާލިއެވެ. އެއަށްފަހު ތެދުވެ ކޮޓަރީގެ އެކިތަންތަނަށް އުކާފައިހުރި ކުޅޭއެއްޗެހިތައް އެއްކޮށްލުމަށްފަހު ކޮޓަރިތެރެ ރާމަނާ ކޮށްލިއެވެ.
ކޮޓަރިން ބޭރަށް ނުކުތްއިރު ކަރަމް ފެންނަން ނެތުމުން އެލީޝާ ބެލްކަންޏަށް ބޯދިއްކޮށްލީ ކަރަމް ހުރިތޯ ބަލާލާށެވެ. ކަރަމް ފެންނަން ހުރުމުން އެލީޝާވެސް ބެލްކަންޏަށް ނުކުތެވެ. ޖެހިލާ މަޑުމަޑު ވައިރޯޅިއާއިއެކު ކަރަމްގެ ކުޑަކޮށް ދިގުވެފައިވާ އިސްތަށިގަނޑު ވިހުރެމުންދާ މަންޒަރު ފެނިފައި އެލީޝާއަށް ބަލަހައްޓައިގެން ހުރެވުނީ އާޝޯހުވެފައެވެ. ހާދަހާ ފުރިހަމަވެފައި ރީއްޗެވެ. މީގެ ކުރިން އެލީޝާއަށް އެރީތިކަން ފާހަގަ ނުކެރުވުނީ ކީއްވެގެންހެއްޔެވެ.؟ އޭރު ކަރަމްއަށް ކުރާ ނަފުރަތެއްގެ ސަބަބުން އެރީތިކަން ލޮލުގައި އަޅައިނުގަތީކަމަށްވެސް ވެދާނެއެވެ. އެލީޝާ ކަރަމްއަށް ބަލަހައްޓައިގެން ހުއްޓާ ކަރަމް ބަލައިލުމުން އެލީޝާއަށް އިސްޖަހާލެވުނީ ރަކިވިވަރުންނެވެ. އޭނާގެ މޫނަށް މަޑުރަތްކުލައެއްވެސް އެވަގުތު ވެރިވިއެވެ. “ޒީ ކިހިނެއް މިހާރު….؟؟؟” އެދޭތެރެއަށް ވެރިވެގެން ދިޔަ ހިމޭންކަމުން އެލީޝާއަށް އުނދަގޫވާންފެށުމުން އިސްވެ ވާހަކަ ދެއްކިއެވެ. “ރަނގަޅު…. މާބޮޑު އަނިޔާއެއް ނުވެ…. އަތުންނާ ފައިން ދެތިން ތަން މަށައިގެން ގޮސްފަ ހުރީ….. މާދަން ދޫކޮށްލާނެ….” ހަލަބޮލިވެފައިވާ މަގުމައްޗަށް ބަލަހައްޓައިގެން ހުރެ ކަރަމް ބުނެލިއެވެ. ހުޝާމްގެ ވާހަކަ ކަރަމްއާއި ހިއްސާކޮށްލަން އެވަގުތު އެލީޝާ ބޭނުންވިއެވެ. ނަމަވެސް ކަރަމް މިހާރުވެސް ޒީވާގެ ކަންތަކާ ނުތަނަވަސްވެފައި ހުރުމުން ފަހުން އެވާހަކަ ދައްކަން އެލީޝާ ނިންމިއެވެ. “ހިނގާ ކާންދާން…..” މިހެން ބުނެފައި އެލީޝާ އެތެރެއަށް ހިނގައިގަތުމުން ކަރަމްވެސް އެލީޝާގެ ފަހަތުން ދިޔައެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އެލީޝާ ހުރީ ހެނދުނުގެ ނާސްތާއަށް މޭޒުމަތީ ތަށިތައް އަތުރާށެވެ. އެވަގުތު ބޮޑުދޮރުގެ ތަޅަށް ބޭރުން މީހަކު ތަޅިދަނޑިޖަހާލުމަށްފަހު ހުޅުވާލި އަޑަށް ސިހިފައި އެލީޝާ އެދިމާއަށް ބަލާލިއެވެ. ޒީވާގެ އަތުގައި ހިފައިގެން ނިހާން އެތެރެއަށް ވަނެވެ. އެދެމީހުންގެ ފަހަތުން ކޮތަޅުތަކެއް ހިފައިގެން ކަރަމްވެސް ވަނެވެ. “ޒީ…… ކިހިނެއް މިހާރު…..” ޒީވާގައިގާ ކުޑަކޮށް ބައްދާލަމުން އެލީޝާ އަހާލިއެވެ. “ހަމަ ސުޕަރ……” ހީލަމުން ޒީވާ ބުނެލިއެވެ. ދެއަތުގެ މުލައްދަނޑީގައި ބޭސް އަޅައިފައި އޮތެވެ. ޒީވާ އަތްގެންގުޅޭގޮތުން ތަދުވާތީ އުޅޭހެނެއް ހިޔެއްނުވެއެވެ. “ކޮބާ ޒަން….؟؟؟؟” ޒަވީންގެ އަޑެއްބަޑެއް ނީވޭތީ ނިހާން އަހާލިއެވެ. “އަދި ނުހޭލަ….. ހިނގާ ސައިބޯން……”
“ނިހާން…. އަހަރެމެން ދިޔަސް އޯކޭތަ…؟؟؟ ޑިއުޓީއަށް ދާންވާއިރަށް ރެޑީވެސްވާންޖެހޭނެ…” ސައިބޮއެ ނިމިގެން ހަމަޖެހިލަމުން ކަރަމް ބުނެލިއެވެ. “ހޫމް…. އޯކޭ…. ތޭންކްސް ބަޑީ….” ކަރަމްގެ ކޮނޑުގައި ޖަހާލަމުން ނިހާން ބުނެލިއެވެ. ކަރަމް ހީލިއެވެ. ” ޒީ….. ދަނީ….. ކަމެއް ބޭނުންވެއްޖާ އަންގާލައްޗޭ……” ޒީވާ ބޯ ޖަހާލަމުން ހިނިތުންވެލިއެވެ. އެލީޝާ ކަރަމްއާއި އެކު ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.
އެދުވަހުގެ މެންދުރުފަހެވެ. ކަރަމް ޑިއުޓީ ނިންމާލާފައި އައިސް ފެންވަރައިލައިގެން ފައިލެއް ހިފައިގެން ބޭރަށް ދިޔުމުން އެލީޝާވެސް ތައްޔާރުވެލައިގެން މިސްރާބުޖެހީ ކިޔާރާމެން އުޅޭ އެޕާރޓްމެންޓަށް ދިޔުމަށެވެ. އެލީޝާގޮސް މަޑުކޮށްލީ ތިންބުރިއަށް ނަގާފައިވާ ކުޑަ އިމާރާތެއްގެ ކުރިމައްޗަށެވެ. މަޑުން މަޑުން ސިޑިންއަރައިގެންގޮސް ތިންވަން ބުރިއަށް ދެވުމުން 3ބީ ޖަހާފައިވާ ދޮރާ ދިމައަށް ހިނގައިގަތެވެ. ދޮރުގައި ޓަކި ޖަހާލަން އަތް ހިއްލާލި އެލީޝާއަށް ހުއްޓުން އެރީ އެތެރެއިން އިވިގެން ދިޔަ އަޑުންނެވެ. “އަދިވެސް ހުރީތަ…..؟؟؟ ނުކުންނާށޭ ބުނީމަ އަޑު ނީވެނީތަ…..؟؟؟” އެއިވުނީ ހުޝާމްގެ އަޑެވެ. ކޮންމެވެސް ނުބައެއް އުޅޭކަމާމެދު އެލީޝާގެ ހަވަނަ ހިއްސު އިންޒާރުދެމުން ދިޔައެވެ. “އަތުގައި ހިފައިފައި ބޭރަށް ނުލަނީސް އެއްދުވަހުވެސް ނުކުންނަން ނޭނގޭނެ….” ދެން އިވުނީ ދޮރުހުޅުވަން އެތެރެއިން ތަޅުގައި ހިފާލި އަޑެވެ. އެލީޝާ ދުވެފައި ގޮސް ފާރާ ނިވާވެލިއެވެ. ހުޝާމް ކިޔާރާގެ އަތުގައި ހިފައި ބޭރަށްލާތަން ފެނުމުން އެލީޝާއަށް ވީގޮތެއްވެސް ނޭނގުނެވެ. “ނޫން ހުޝާމް ތިހެން ނަހަދާ….” ކިޔާރާ ރޮއެ އާދޭސް ކޮށްކޮށް ހުއްޓާ ހުޝާމް އެތެރެއަށްވަދެ ދޮރުތަޅުލާފިއެވެ. ކިޔާރާ ދޮރުގައި ދެތިންފަހަރު ޖަހާލުމަށްފަހު ދޮރުކައިރި ތިރީގައި އިށީނދެ މޫނުގައި ދެއަތްއަޅައިގެން އިނދެ ރޮމުންދިޔައެވެ. އެލީޝާގެ ހިތަށް މިމަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ.
ކިޔާރާގެ ކޮނޑުގައި މީހަކު އަތްލުމުން ސިހިފައި ބަލާލިއެވެ. އެލީޝާ ފެނުމުން ކިޔާރާގެ ހައިރާންކަން އިތުރުވެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އޭނާ އަވަސް ހަރަކާތަކާއެކު ފޯނަށް ބަލާލުމަށްފަހު ކުޑަދޮރުން ބޭރު ބަލާލިއެވެ. ބޭރު ބަލަލިކަމެއް ނޭނގެ އެލީޝާގެ އަތުގައި ހިފައިގެން ގޮސް ކިޔާރާމެންގެ އެޕާރޓްމެންޓް ކުރިމަތީ 3އޭ ޖަހާފައި ހުރި ދޮރުގައި ޓަކި ތަޅާލިއެވެ. އެލީޝާ ހުރީ ވާނުވާ ނޭނގިފައެވެ. ސިޑިއަށް އަވަސް ނަޒަރެއް ދެމުން އަނެއްކާވެސް އެދޮރުގައި ޓަކިޖަހާލިއެވެ.
ދެތިންފަހަރު ޓަކި ޖެހުމުން ދޮރު ހުޅުވީ ރަތްކުލައިގެ ޓީޝާޓަކާއި ކަކުލާހަމައަށް އަންނަ ޖީންސް ސޯޓުބުރިއެއް ލައިގެން ހުރި އިސްކޮޅުންދިގު ބައިމަތި ފުޅާ ޒުވާން ފިރިހެނެކެވެ. މޫނުމަތިން ނިދީގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ހީވަނީ ނިދާފައި އޮއްވަ ހޭލައިގެން އައިސް ހުރިހެންނެވެ. ކުޑަކޮށް ދިގުވެލާފައިވާ ފަން އިސްތަށިގަނޑުވެސް ވަނީ ހޭވިފައެވެ. އޭނާ ދެލޯ އުނގުޅާލީ ކުރިމަތިން ފެންނަމުންދާ މަންޒަރަކީ ހަގީގަތެއްތޯ ބަލާލާށެވެ.
“އޯ ވާއު… މިސް އޮސްޓުރޭލިއާ އެންޑް މިސް ލަންކާ….. ކިހިނެއްތޯ ހަދައިދޭންވީ…..؟؟؟؟” ކުޑަކޮށް ބޯ ގުދުކޮށްލަމުން އެ ޒުވާނާ މިހެން ބުނުމުން އެލީޝާއަށް ދެބުމަ ގޮށްޖަހާލެވުނެވެ. ކިޔާރާ އަނެއްކާވެސް ސިޑިއަށް އަވަސް ނަޒަރެއް ދެމުން އެލީޝާގެ އަތުގައި ހިފައި ހުޅުވާފައި ހުރި ދޮރުން އެތެރެއަށް ދެމިގަތެވެ. “އޫމް…… ޓޫ ފާސްޓް…..” އެތެރޭގައި ހުރި ކިޔާރާމެންނަށް ބަލާލަމުން އެ ޒުވާނަ ބުނެލިއެވެ. “ދެންވެސް ބަލަން ނުހުރެ އަވަހަށް ތިދޮރު ލައްޕާލަދީބަލަ ޕްލީޒް…..” ހާސްކަން އެކުލެވިފައިވާ އަޑަކުން އާދޭހުގެ ރާގެއްގައި ކިޔާރާ މިހެން ބުނުމުން ވާނުވާ ނޭނގޭތީ މޫނަށް ގޮތެއް ހަދާލަމުން އެޒުވާނާ ދޮރުލައްޕާ ތަޅުލިއެވެ.
“ކިޔާ…. ކިހިނެއްތަ ވީ…؟؟؟؟ ކީއްކުރަން މިތަނަށް ތިވަނީ…؟؟؟؟ އަހަންނަށް މިފެންނަނީ ކޮން މަންޒަރުތަކެއްތަ….؟؟؟؟” ވާނުވާ ނޭނގޭތީ އެލީޝާވެސް ސުވާލުކޮށްލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެލީޝާގެ ގައިގާ ކިޔާރާ ބައްދާލިއެވެ. އަދި ގިސްލަގިސްލާފާ ރޯންފެށިއެވެ. އެ ރުއިމުގައި ވޭނީ ރިހުމެއް އެކުލެވިފައިވެއެވެ. ކޮންމެވެސް ކަންތައްގަނޑެއް ގޯސްވެއްޖެކަން އެލީޝާއަށް ޔަގީންވިއެވެ. ވާނުވާ ނޭނގުނަސް ކޮންމެވެސް ކަމެއް ގޯސްވެފައިވާކަން އެޒުވާނާވެސް ދެނެގަތެވެ. އޭނާގެ މޫނުމަތިންވެސް ސަމާސާ ގޮތްގަނޑު ކެނޑި ސީރިޔަސްކަން ފެންނަން ހުއްޓެވެ.
ެ. އެލީޝާ ކިޔާރާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެޒުވާނާ އިޝާރާތުން އެލީޝާއަށް އެންގީ ކިޔާރާ ސޯފާގައި ބޭންދުމަށެވެ. އެލީޝާ ކިޔާރާ ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. “ކިޔާ…. ޕްލީޒް…. ކިޔާދީބަލަ ތިވެގެން އުޅޭ ގޮތެއް….” ކިޔާރާ އޭނަގެ ލޮލުން އައިސްފައިވަ ކަރުނަތައް ފުހެލިއެވެ.
“އެލީ…. ހުޝާމް އަހަންނާ މެރީ ކުރީ އަހަރެންދެކެ ލޯބިވެގެނެއްނޫން…. އަހަރެންގެ މުއްސަނދި ކަމުގެ ބޭނުމުގަ…. މެރީ ކޮށްގެންވެސް އޭނަ ބޭނުންވީ އަހަރެމެންގެ ގޭގަ އުޅެން…. އަހަރެން އެކަމާ ދެކޮޅު ހެދީމަ އޭނަ އަހަރެންދެކެ ރުޅިއައީ….. ކައިވެންޏަށް އެއްމަސް ވެގެންދިޔައިރު އޭނާގެ ފަރާތުން ހިތްދަތިކަމާއި އަނިޔާ ނޫން އެހެން އެއްޗެއް އަހަންނަކަށް ނުލިބޭ….” ކިޔާރާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. “ތިހުރިހާ ކަމެއް ވީއިރު ކިޔާ ކީއްވެ ގޭ މީހަކަށް އަންގާނުލީ…..” ކިޔާރާގެ ބޮލުގައި ފިރުމާލަމުން އެލީޝާ އަހާލިއެވެ.
“ކައިވެންޏަށް އަދި މަހަކާ ދުވަސްކޮޅެއް ވީ…..” އެހާ އަވަހަށް މައްސަލަ ޖެހިގެން މަންމަމެންގެ ގާތަށް ދާން ނުކެރުނީ….” “އެލީ…” ކިޔާރާ އެލީޝާގެ އަތުގައި ހިފައިލިއެވެ. “އެލީ ކައިވެނީގެ ކުރިން ދެއްކީ ތެދުވާހަކަ ތަކެއްކަން މިޔަދު އަހަންނަށް ގަބޫލުކުރެވިއްޖެ…. އޭނަ ކޮންމެ ދުވަހަކު މިގަޑީގަ ގެޔަށް އެކި އަންހެންކުދިން ގެންނާނެ…. އެގަޑީގަ އަހރެން ބަހައްޓާނީ ގޭންބޭރުގަ…. ކައިވެނީގެ ފަހުން އެއްވެސް ރެއެއްގަ އަދި ގެޔަށް ނިދާކަށް ނާދެ……. އެދުވަހު އެލީ ދެއްކި ވަހަކަ އަހަންނަށްގަބޫލު ކުރެވުންނަމަ…..” ނޭފަތް އެތެރެއަށް ދަމާލަމުން ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލަމުން ކިޔާރާ ބުނެލިއެވެ. “ކިޔާ…. ކީއްވެ މާ ބިރުންހުރެ މިތަނަށް ތިވަނީ…..؟؟؟” ކުއްލިއަކަށް ހަނދާންވުމުން އެލީޝާ އަހާލިއެވެ. “މީ އެއަންހެން ކުއްޖާ އަންނަ ގަޑި….. އޭނަ އަންނަތަން ފެނުނީމަ…. އޭނަޔަށް އަހަރެންގާތު އެލީހުރިތަން ފެނިއްޖާ ހުޝާމް ގާތު ކުޓުވާލާނެ….. އޭރުން ހުޝާމް އަހަންނަށް އަނިޔާ…..” ކިޔާރާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އަނެއްކަވެސް އެހާވަރަށް ހިފަހައްޓައިގެން ހުއްޓާ ބަޑި ފަޅައިގެން ދިޔައެވެ. “އޭނަ ކިޔާއަށް އަނިޔާވެސް ކުރޭތަ….؟؟؟” ކިޔާރާގެ ބުރަކަށީގައި ފިރުމާލަމުން އެލީޝާ މިހެން އަހާލުމުން އާނ އެކޭ ބުނެ މޫނުގައި ދެއަތްއަޅައިގެން އިނދެ ކިޔާރާ ރޮމުން ދިޔައެވެ. އެލީޝާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާ އިނީ ފެންކަޅިވެފައެވެ.
“ފެންފޮދެއް ބޯލާ….” ފެންތަށްޓެއް ދިއްކޮށްލަމުން އެޒުވާނާ ބުނެލިއެވެ. ކިޔާރާ އެތަށީގައި ހިފައި ފެންކޯވަރެއް ބޯލިއެވެ. “އަހަރެން ބޭނުން މޫނުދޮވެލަން….” އެ ޒުވާނައަށް ބަލާލަމުން ކިޔާރާ ބުނެލިއެވެ. ކިޔާރާގެ މޫނު ފެނުމުން އެޒުވާނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެރީތި މޫނު ހީވަނީ ހިތާމައިގެ ތަސްވީރެއްހެންނެވެ. މުޅިމޫނު ވަނީ ރަތްވެފައެވެ. ނޭފަތްކައިރި ވަކިން ރަތްހެން ހީވެއެވެ. ރޮއުމުގެ ސަބަބުން ދެލޯވަނީ ދުޅަވެފައެވެ. ތުންފަތުގައި މަޑު ތުރުތުރެއް އެކުލެވިފައި ވެއެވެ. “އެ ކޮޓަރީގަ ހުންނާނެ ފާހާނާ….” ކުރިމަތީގައި ހުރި ކޮޓަރިއަށް އިޝާރާތް ކޮށްލަމުން އެޒުވާނާ ބުނެލިއެވެ. ކިޔާރާ އަތުގައި ހުރި ފެންތަށި ކުރިމަތީ ހުރީ ކުޑަމޭޒުމަތީ ބެހެއްޓުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
“ސޯ…. ދެން ކިހިނެއް ހަދަނީ….. މިސް ލަންކާ އެހާލުގަ އުޅެންޏާ ކީއްކުރަން އެމީހާގެ ގާތު ބަހައްޓަނީ….. މިސް އޮސްޓުރޭލިޔާ ދަމުން އޭނަ ގޮވައިގެންދޭ…….” ސޯފާގައި އިށީންނަމުން އެޒުވާނާ ބުނެލިއެވެ. އެލީޝާ އެމީހާއަށް ބަލާލުމަށްފަހު އެ އެޕާރޓްމެންޓްގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޓީވީ ރެކްމަތީގައި ހުރި ފޮޓޯފުރޭމްތަކެވެ. އެތަނުން އެއްފޮޓޯގައި ހުރީ 7 އަހަރުވަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އޭނާގެ އަތުގައި ކުޑަ ޓެޑީބެއަރ އެއް އޮތްއިރު ދޫނެރެގެން ވައަތަރު ޖައްސާލައިގެން ހުރިއިރު ބަލާލި ކޮންމެ މިހަކަށް އޭނަގެ ލާނެއްކަން ހާމަވެގެންދާނެއެވެ. ދެން ހުރި ފޮޓޯގަނޑުގައި ހުރީ މިހިރަ ޒުވާނާއާއި ދެބައި އުމުރުގެ އަންހެންނަކާއި ފިރިހެނެކެވެ. “އައިމަން…..” އިރުކޮޅަކު އެފޮޓޯއަށް ބަލަން އިނދެފައި އެޒުވާނާއަށް ބަލާލަމުން އެލީޝާ ބުނެލިއެވެ. “އޯ…. ކިހިނެއް އަހަރެންގެ ނަން އެނގުނީ…..؟؟؟؟” އެޒުވާނާ ހައިރާންކަމާއިއެކު އަހާލިއެވެ. “އަހަރެންގެ ޓެޑީ ބެއަރ ހިފައިގެން ހުރިމަ…. އެދުވަހު ނެގި އެހެން ފޮޓޯއެއް އިންނާނެ އަހަރެންގެ އަތުގަ…” ހީލަމުން އެލީޝާ ބުނެލިއެވެ. “އެއީ އެލީގެ ޓެޑީ….” ބުނަން އުޅުން ޖުމްލަ މެދުކަނޑާލާފަ އޭނާ އެލީޝާއަށް އިނގިލި ދިއްކޮށްލިއެވެ. “އެލީ….” އެލީޝާ ހީލަމުން އާން އެކޭ ބުންޏެވެ. “އޯ މައި ގޯޑް… ވައްތަރެއްވެސް ނޫން… ނުވެސް އެނގުނު….” ދެލޯ ބޮޑުކޮށްލަމުން އައިމަން ބުންޏެވެ. “އެކަނިތަ ތި އުޅެނީ… ކޮބާ މަންމަމެން….؟” އެލީޝާގެ މިސުވާލުން އައިމަންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. “މަންމައާއި ބައްޕަ އިންޑިޔާގަ ހިނގި އެކްސިޑެންޓެއްގަ މަރުވެއްޖެ….” “އޯ ސޮރީ….” ދެރަވެލަފައި އެލީޝާ ބުނެލިއެވެ. “އިޓްސް އޯކޭ… އެލީ މާލޭގަ ކީއްކުރަނީ…..؟؟ އެއީ ކޮން ކުއްޖެއް….؟؟؟” އައިމަން ހިނިތުންވެލަމުން އަހާލިއެވެ. “މާލެ މީހަކާ މެރީކޮށްގެން މިކޮޅުގަ އުޅެނީ…. އެއީ ފިރިމީހާގެ ޓުވިން ކޮއްކޮ….” އެލީޝާ މިހެން ބުނިވަގުތަކީ ކިޔާރާ އެތަނަށް އައިވަގުތެވެ. “ކިޔާ ހިނގާ އަހަންނާ އެކީ ގެޔަށްދާން….” ކިޔާރާގެ އަތުގައި ހިފާލަމުން އެލީޝާ ބުނެލިއެވެ. “ނޫން އެލީ…. އަހަރެން ބޭނުން އޭނައާ ވާހަކަދައްކައިގެން މިކަން ހައްލުވޭތޯ ބަލަން…. އިހަށް ގޭ މީހެއްގެ ގާތު މިވާހަކަ ނުބުނައްޗޭ…. ޕްލީޒް….” “އެންމެ ރަނގަޅު…. އެކަމަކު ކަމެއް ގޯސް ވެއްޖާ އަހަންނަށް އަންގަންވާނެ….” ކިޔާރާ ބޯޖަހާލިއެވެ. ކިޔާރާއަށް ވާނުވާ ބަލާލަދިނުމަށް އައިމަންގެ ކިބައިން އެދި އެލީޝާ ދިޔައީ ކަމެއް ގޯސްވެގެން އުޅެންޏާ އޭނާއަށް އަންގަދޭށޭބުނެ އައިމަންއަށް އޭނަގެ ފޯން ނަމްބަރުވެސް ދީފައެވެ.
އެލީޝާ ގެޔަށް އައިއިރު ކަރަމް ކޮޓަރީގައި އުޅެއެވެ. “ކޮންތާކުން ތިއައީ…..” އެލީޝާ ފެނުމުން ކަރަމް އަހާލިއެވެ. އެލީޝާ ވިސްނާލިއެވެ. ކިޔާރާއަށްޓަކައި އަދި އެކަންތައް ސިއްރު ކޮށްދޭން އެބަޖެހެއެވެ. “ޒީ ގާތަށް ގޮސްލާފަ….” ކުޑަކޮށް ވިސްނާލުމަށްފަހު މިހެން ބުނެ އެލީޝާވަނީ ފާހާނާއަށެވެ. ކަރަމްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭރު ބޭރަށް ދިޔަގޮތަށް ހުރިހާ އިރަކުވެސް އޭނަ އިނީ ޒީވާމެންގެ ގޭގައެވެ. އެލީޝާ އެގެޔަށް ދިޔައްޔާ އޭނައަށްވެސް ފެންނާނެތާއެވެ. އެލީޝާ ކޮންމެވެސްކަމެއް ސިއްރުން އެބަކުރެއެވެ. “އަނެއްކާ އޭނަ މިއުވާނާ ބައަދަލް ކުރަނީބާ…” މިހެން ހިތައް އެރުމުން ކަރަމްއަށް އޭނާގެ ނިއްކުރީގައި ފިރުމާލެވުނެވެ.
އެރޭ ދިހައެއްޖަހާކަށްހާއިރެވެ. އެލީޝާ ބެލްކަނީގައި ހުއްޓާ ކުއްލިއަކަށް ވާރޭވެހެންފެށިއެވެ. ބެލްކަނި ދޮރު ލައްޕާލުމަށްފަހު އެލީޝާ މިސްރާބު ޖެހީ ޓެރެސްއާ ދިމާއަށެވެ. ވިއްސާރަވެހޭ ދުވަސްދުވަހު އެތާ ހުރެގެން ވާރޭ ވެހޭ މަންޒަރުބެލުމަކީ އޭނާގެ އާދައެކެވެ. ޓެރެސްއަށް ދިޔަ އެލީޝާއަށް ހައިރާންކަން ލިބުނީ ބޯކޮށްވެހެމުންދިޔަ ވާރޭތެރޭގައި ތެމިގެންހުރި ކަރަމް ފެނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







sorry all readers…. for the delay…. mihaa lahun upp kohlevunyma thankolheh ginain mi liyely… v dheravi mihaa las v ma… eem ah vee nama miah vure kurin up kohla dhinis… once again sorry alll….
It’s OK… 🙂 story vvv rythi…. Thanks..! 😀
Varah reethi next part mi ahvure avahah up kohdheythi ingeyy…
V reethi mi part next part avahah up kohla dhehchey.
it;s so romantic………
hey,,… dhen dhe myhun gulhuvaba “eemiyaa” …. mihaaru hiyy dhathi vaahaa vehje viyya.. plx… make the two of them a lil,….. …………………………… n btw… was fab and very nice keep it.. ur a fab writer.. carry on.. may allah bless ur gud work.. aameen.. 🙂 :p :*
eemiyaa dhn vaahaka up waany kn irakuntha?
vvvv nyc………
Mi part ves varan reethi , next part avahah genes dhechy .
nice story.. i love this.. thanks eemiya for ur hard work…waiting for next part 🙂
what is mean by raamanaa….? adhi alah ivun baheh…. vrhaka hma haboooos…
aslu vx dhw z………. aalaa vx adhi alah adu mi ehee raamanaa kiyaa adu…. eem rashuga kiyaa bahakah vx vedhaane dhw,,…………. ehn nooony eem ahethanah lane word hadhaan nethigen e bahaai ehme vatharu vane word eh lee kanneyge>>> aalaa ah hyvany ethanuga aslu eem liyan ulhuny>>ramatha hen >>> eem vx bunnyehnu spelling mistake vx huredhaane ey dhw ae kannneyge avee gothaky>>>>,,…………,………. BTW EEM THE STORY IS VERY NICE …… I ALWAYS WAITING FOR THE STORY,,,,,,,,,,,, THANX EEM …… I KNW THIS TIME YOU WILL UPDATE IT SOON……………………..
Masha allah!! Vvvvvv habeys vahakaeh!!vvvvv reethi!!nxt prt thankolheh avahah up kohdhyba plxxx…..aneh prt kiya hithun hurevenyky noon…..aslu vx dw z n aalaa,maee heekury aee typin mistake eh kamah…aee hama dhivehi bahuge word eh tha?
i think raamanaa means “tarutheebu’……. BECAUSE a word genesfa in thnun…. yageen eh noon…. alhe dhn oiyh prt awaskohdheebala…… z miohgn maruvanee ey dhn oiy prt kiyaa hithun…….pleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeese….
Aaan dw z!! Maee ah vx heevany thihn……radhyf ga vx ney e baheh….k,leave dat!!n plxxxxxxx nxt prt avahah up kohdhyba…..m dyin 2 read da nxt prt!!eem dhoonya avass kohba puleeeexxxx!!
Eeem kobai dhen vaahakaa up nukeramaatha?
Eeem,,, wat happened dear??? Kn irakun next part up kurany???? Cant wait to read ..:-D
Next part kn irakuta???
Avas koh up koh dehchey plxxxxxxxx….:-(
aneh part up kurany kon dhuvahaku???
thanks all
“raamanaa” a e “tharutheebu” ah kiyaa nameh. may b e word radheef ga neendhedhaane. bt rashu myhun ebas kiyaathy e word beynun kohlevuny. dhn faharakun ekahala words laairu v visnaanan… 🙂