އިމްތިހާން

- by - 36- October 1, 2019

އަހަރުގެ ފުރަތަމަ ޓާރމް ނިމި، އިމްތިހާނުތައް ކުރިއަށް ދަނީއެވެ. މިއަދަކީ އިމްތިހާނުގެ ފުރަތަމަ ދުވަހެވެ. ހޯލް ތެރޭގައި، އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން ތިބިއިރު، އެކުދިންގެ ފުރިހަމަ ސަމާލުކަން، އެކުއްޖެއްގެ އަތުގައިވާ ކަރުދާސްތަކަށް ދެވިފައިވެއެވެ. ކުދިންތައް ފޯރީގައި ކަރުދާހުގައިވާ ސުވާލުތަކަށް ޖަވާބުދިނުމުގެ މަސައްކަތް ކުރަމުން ދެއެވެ.

 

ނަމަވެސް، އެއް ކުއްޖަކު ހަމަޖެހިލާފައި ޑެސްކުގައި ބޯ ޖަހާލައިގެން އޮތެވެ. ކަރުދާހުގައި ޖަވާބުލިޔަން ދީފައިވާ ރޮނގުތަކުގައި، އެންމެ އަކުރެއްވެސް ލިޔެލާފައެއް ނެތެވެ. އަތުގައި ގަލަމެއް އޮތްއިރު، ގަލަމުގައި ހިފައްޓާފައިވާ ގޮތުން ހީވަނީ، ޖަވާބު ލިޔަން ތައްޔާރުވެފައިވާހެންނެވެ. ނަމަވެސް، އެއްވެސް ވަރަކަށް އަތް ހަރަކާތެއް ނުކުރެއެވެ. ދެލޯ މެރިފައިވީއިރު، ފުން ނިންޖެއްގެ ތެރެއަށް ގެނބިފައިވާހެން ހީވެއެވެ.

 

ހޯލް ބަލަހައްޓަން ތިބި މީހުންގެ ތެރެއިން މީހަކު، އެކުއްޖާ ކައިރިއަށް އައިސް، އިޝާރާތެއް ކޮށްލީ އެއްވެސް ހަރަކާތެއް ނެތި އެހެން އޮންނަތާ، އިރުކޮޅެއްވީ ފަހުންނެވެ. އަތުގައި އޮތް ގަލަން ދޫވެގެން މޭޒުމައްޗަށް ވެއްޓުނެވެ. ކުޑަކޮށް ސިހިފައި، ބޯ ހިއްލާލިއެވެ. ދެލޯ އުނގުޅަމުން ދިޔަ ގޮތުން، ނިދި ހަމަނުވާހެން ހީވެއެވެ. އާފުރިލަމުން އަނގަމަތީގައި އަތް އަޅާލިއެވެ. ގަދަކަމުން ލޯ ހުޅުވާލިއިރު، ދެލޯ ވަނީ ރަތްވެފައެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލަމުން، ތެޅި ގަނެވުނީ، މި އޮވެވުނީ ނިދާ އެނދުގައި ނޫންކަން އެނގުމުންނެވެ.

 

މަޑުމަޑުން ވަށައިގެންވި މަންޒަރުތައް ސާފުވާން ފެށިއެވެ. ކުރިމަތީގައި އޮތް އިމްތިހާން ކަރުދާސް ފެނިފައި، މިއީ ހުވަފެނެއް ނޫންކަން އެނގުންވިއެވެ. ދެލޯ ބޮޑުކޮށްލަމުން ބަލާލެވުނީ، އެއްފަރާތުގައި ހުރި މީހާއަށެވެ. އެމީހާގެ މޫނު ފެނުމުން، އުޅެވުނުގޮތް ހިތަށް އަރާފައި، ގަތް ލަދުން އަވަސް އަވަހަށް އިސްޖަހާލިއެވެ. އިމްތިހާނު ކަރުދާސް ނަގާ، ސުވާލު ކިޔާކަމަށް ހެދިއެވެ. ގަލަން ނަގާ، ޖަވާބު ލިޔަން ފެށީ، ކޮންމެހެން ސުވާލުގައި ބުނާ އެއްޗެއް ދޭހަވެގެންނެއް ނޫނެވެ. އެމީހާގެ އިތުރު ސުވާލެއް ކުރިމަތިވެދާނެތީއެވެ. ނަސީބަކުން ތަންކޮޅެއް ދުރުގައި އިން ކުއްޖަކު އަތް މައްޗަށް ނެގުމުން، އެމީހާގެ ކިބައިން ސަލާމަތްވިއެވެ.

 

ފުން ނޭވާއެއް ދޫކޮށްލަމުން، އެއްފަރާތަކަށް ނަޒަރު ހިންގާލިއިރު، އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިން އަންހެން ކުއްޖާ، ދެފަރާތަށް ބޯ ހޫރާލިތަން ފެނުނެވެ. އެކުއްޖާއަށް ހީލަމުން އަނެއްކާވެސް، ސުވާލު ކަރުދާހަށް ސަމާލުކަން ދިނީ، ކަންތަކާ ޖެހުނީއޭ ހިތަށް އަރާފައެވެ. މިއަދުވެސް ލެކްޗަރ އަޑުއަހަންޖެހޭނެއޭ ހިތަށް އެރުމުން، އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ.

**********************

 

ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން، އިމްތިހާން ހޯލުން ކުދިންތައް ނުކުންނަން ފެށިއެވެ. ކަންނެތް ހިނގުމެއްގައި، ފޫހިވެފައި ހުރެ، އެކުއްޖާވެސް ނުކުތެވެ. ގަޑި ޖެހުނުއިރުވެސް ހުރިހާ ސުވާލުތަކަކަށް ޖަވާބެއް ނުދެވެއެވެ. އެހެންނޫނަސް، ޖަވާބު ލިޔެވޭނީވެސް ރަނގަޅު ޖަވާބު އެނގޭނަމަތާއެވެ. ގިނަ ސުވާލުތަކުގެ ޖަވާބު ހަނދާނެއްވެސް ނެތެވެ. ހިތްހަމަ ނުޖެހުނުވަރުން ދެފަރާތަށް ބޯ ހޫރާލިއެވެ.

 

“އީމާ…” ގޭޓުން ނުކުންނަނިކޮށް، ނަމުން ގޮވާލި އަޑު އިވުމުން ހުއްޓުނެވެ. ފަހަތަށް އެނބުރި ނުބެލިޔަސް، އެއީ ހިންދުކަން އެނގުނެވެ.

 

“މިއަދު ޓެސްޓް ވަރަށް ފަސޭހަތަ؟” ފުން ނަޒަރަކުން އީމާއަށް ބަލާލަމުން، ހިންދު އަހާލިއެވެ.

 

“ކޮންތާކު؟ މަށަކަށް ނޭންގުނު އެ ސުވާލުތަކަކަށް ޖަވާބުދޭކަށް…” ފޫހިވެފައި ހުރެ އީމާ ބުނެލިއެވެ.

 

“ތިކަމެއް ނޭންގެ… ގަޑި ޖެހުމުގެ މާކުރިން ނިދާފައި އޮތީ… މަ ހީކުރީ ނިންމާލާފައި ފޫހިވެގެން ނިދަނީއޭ..” ހިންދު ދިމާކޮށްލިއެވެ.

 

“ހޫމް، މަށަށް ދިމާކުރަން ދޯ ތި އުޅެނީ؟… ޓެސްޓް ހަދާއިރު، އެހެން ތަންތަނަށް ބަލަން ޖެހޭތަ؟” އީމާވެސް ދެރަ ނުވާންވެގެން ބުނެލިއެވެ.

 

“އެންމެން އިށީންދެގެން ތިބެ އެގްޒާމް ހަދާއިރު، އެކަކު އޮށޯވެގެން އޮތީމަ، ކޮންމެ މީހެއްގެ ލޮލުގައިވެސް އަޅައިގަންނާނެ ދޯ؟… އެހެންނޫނަސް އީމާއާއި މާދުރަކު ނޫން އަހަރެންގެ ސީޓް އިނީވެސް..” ހިންދު ރައްދު ދިނެވެ.

 

“އޯކޭ، ދެން ތިވާހަކަ ދައްކާނެކަމެއް ނެތޭ… ހިނގާ ގެއަށް ދާން…” އީމާ އެވާހަކަ އިތުރަށް ކުރިއަށް ގެންދާކަށް ބޭނުމެއް ނުވިއެވެ. ހިންދުވެސް އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ނުބުނީ، އީމާ ހިތްހަމަނުޖެހިފައި ހުރިހެން ހީވުމުންނެވެ.

**********************

 

“ދަރިފުޅު އައީދޯ؟ ޓެސްޓް ފަސޭހަތަ؟” ގެއަށް ރަނގަޅަށް ނުވަދެވެނީސް ބަސްމާ އެހިއެވެ.

 

“ނޭންގެ މަންމާ… ނަތީޖާ ލިބުނީމަ އެނގޭނީ..” އީމާ ބުނެލިއެވެ.

 

“ދަރިފުޅާ، ކޮންމެ ފަހަރަކުވެސް ދަރިފުޅު ބުނަނީ ތިހެން… ދަރިފުޅަށްވެސް އެނގޭނެއެއްނު، ސުވާލުތަކަށް ޖަވާބު ދޭން އެނގުނިއްޔާ؟” ބަސްމާ ބުނެލިއެވެ.

 

“މަންމާ… އެ…” މަންމައަށް ގޮވާލުމަށްފަހު، އީމާ ދައްކަން ފެށި ވާހަކަ މެދުކަނޑާލީ، އެތަނަށް އައި އޭނާގެ ކުޑަބެއެވެ.

 

“މަންމާ، މަންމައަކަށް ނޭންގޭތަ؟ އޭގެ މާނައަކީ އީއްކޮއަށް ޓެސްޓް ހަދާކަށް ނޭންގުނޭ… ސުވާލުތައް އެނގިގެންނު ޖަވާބު ދޭން އެނގޭނީ… ދޯ؟” އީމާގެ ބޮލުގެ އެއްފަރާތުގައި އަތުން ޖަހާލަމުން، އިޔާޒު ޖެއްސުމަށް ބުނެލިއެވެ.

 

“އިޔާޒް.. ކޮއްކޮ ރުޅިއަރުވަން ފެށީދޯ.. ދެކުދިން ހަނގުރާމައެއް ފަށަން ނޫޅެ ހިނގާ ކާން…” ބަސްމާ އަވަހަށް ބުނެލިއެވެ. އެދެކުދިން އެކަކު އަނެކަކަށް ސަމާސާކުރުމާއި، ޖެއްސުންކުރުމަކީ އާއްމު ކަމެކެވެ. ބައެއްފަހަރު ސަމާސާ ވިހަވެސްވެއެވެ.

 

ބަސްމާ ބަދިގެއާއި ދިމާއަށް ދިޔައެވެ. އިޔާޒު އީމާއަށް ދިމާއަށް ބަލަހައްޓައިގެން ހުރެ، ލާނެއް ގޮތަކަށް ހީލަމުން ބުމަ އަރުވާލިއެވެ. އީމާ ރުޅި އައިސްގެން، ތުން އަނބުރާލުމަށްފަހު، އިޔާޒަށް ދެލޯ އަޅާލިއެވެ. އިޔާޒަށް މިކަންވީ، މަޖާ ކަމަކަށެވެ. ބާރުބާރަށް ހޭން ފެށިއެވެ. މަންމަ ދެވަނަ ފަހަރަށް ގޮވާލި އަޑު އިވުމުން، ހުނުން ހުއްޓާލުމަށްފަހު، ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ތުނބުން ފުމެމުން ކުރިއަށް ގޮސްގޮސް ހުއްޓާ، އީމާ ދުވެފައި ގޮސް، އިޔާޒުގެ ބޮލުގެ އިސްތަށިގަނޑަށް ދަމާލިއެވެ.

 

“އައުޗް..” ނުވިސްނާ ހުރުމުން އަރިއަޅާލި ނަމަވެސް، ހުޝިޔާރުކަމާއެކު، އިޔާޒު އޭނާގެ ހަށިގަނޑު ބެލެންސްކޮށްލިއެވެ. އަވަސް ހަރަކާތަކާއެކު އިޔާޒުގެ އިސްތަށިގަނޑު ހާވާލުމަށްފަހު، އީމާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ، ދޮރު ލެއްޕިއެވެ. އިޔާޒުއަށް އެހިސާބަށް ދެވުނުއިރު، ތަޅުވެސް ލައިފިއެވެ. އެހެންކަމުން ދެފަހަރަކު، ތަޅުގައި ހިފާލާފައި އެތަނުން ދުރަށް ޖެހިލީ، އީމާއަށް ފަހުން ލަނޑެއް ދޭން ހިތަށް އަރުވައިގެންނެވެ.

 

“ރިވެންޖް އޮންނާނެ އިނގޭ… ބަލަން ހުންނާތި..” އެނބުރި ކޮޓަރިއާއި ދިމާއަށް ދަމުން، އިޔާޒު އިންޒާރު ދިނެވެ. އެއާއެކު، އެތެރެއިން އީމާ ހޭންފެށި އަޑު އިވުނެވެ. އެ އަޑު އިވުމުން، އަނެއްކާވެސް ގޮސް، އީމާގެ ކޮޓަރި ދޮރު ކައިރިއަށް ހުއްޓުނެވެ. އަތް މުށްކަވާލުމަށްފަހު، ދޮރުފަތުގައި ބާރަށް ޖެހިއެވެ.

**********************

 

ދެކުދިން ކާން ދިޔައިރު، ޒާހިދު އިނީ އެކުދިންގެ އިންތިޒާރުގައެވެ. ފުރަތަމަވެސް ސުވާލުކުރީ، ޓެސްޓާއި ގުޅޭގޮތުންނެވެ. އީމާއަށް ވީގޮތުން އިޔާޒު ހިނިއައި ނަމަވެސް، އެތެރެއަށް ހިންދާލައިގެން އިނީ ބައްޕަ ކުރިމަތީގައި އިނީމައެވެ. ޒާހިދު، ދެކުދިންނަށްވެސް ވަރަށް ނަސޭހަތްދިނެވެ. ކިޔަމަންތެރިކަމާއެކު، އެކުދިން އެ ނަސޭހަތްތައް އަޑުއެހިއެވެ.

**********************

 

ރޭގަނޑު އަށެއް ޖަހައިފިއެވެ. އީމާ އޮތީ ފޯނުން ގޭމް ކުޅޭށެވެ. މާދަމާ އޮންނަ ޓެސްޓަށް ތައްޔާރުވާން ނޫޅޭތީ، ބަސްމާ މިހާރު ދެތިން ފަހަރަކު އީމާ ގާތު އެވާހަކަ ބުނެފިއެވެ.

 

ރޭގަނޑުގެ ކެއުމަށްފަހު، ފޮތްތައް ނަގައިގެން މޭޒުދަށުގައި އިށީނީ، ކޮންމެހެން ފިލާވަޅުތައް ދަސްކުރާކަށް ނޫނެވެ. މަންމަ ކައިރީގައި ކައި ނިމިގެން، ފޮތް ކިޔާނަމޭ ބުނެވުނީމައެވެ. ފޫހިގޮތަކަށް އީމާ ފޮތްތައް ހުޅުވާލިއެވެ. ގަނޑަކަށްފަހު، ގަނޑެއް އެއްލަމުން ދިޔައީ، މަޖުބޫރުން ކުރާ އުސޫލުންނެވެ. އެއިން އެންމެ ޞަފްޙާއެއްވެސް ނުއެއް ކިޔައެވެ.

 

ކޮޓަރީގެ ދޮރުގައި މީހަކު ހިފާލިހެން ހީވިއެވެ. އަވަސްއަވަހަށް ހުޅުވިފައިވާ ޞަފްޙާގައި އޮތް ފިލާވަޅު ބާރަށް ކިޔަން ފެށިއެވެ. ބަސްމާ ދޮރު ހުޅުވާލިއިރު، އީމާ ފޮތް ކިޔަން އިނުމުން، އުފަލާއެކު ހިނިތުންވެލިއެވެ. ދޮރު ލައްޕާލި އަޑު އިވުމުން، އީމާ އެދިމާއަށް ބަލާލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން، ފޮތް ލައްޕާލާ، ގޮނޑީގައި ލެނގިލިއެވެ. ދެލޯ މަރާލައިގެން އިނދެފައި، ކުއްލިއަކަށް ފުންމައިގެން ތެދުވެވުނީ، ކަމެއް ހަނދާންވެގެންނެވެ.

 

“އޯ ނޯ…” ބޮލުގައި އަތުން ޖަހާލަމުން، އީމާ ގަޑިއަށް ބަލާލިއެވެ. ދެން މިކަން ވާނެ ކަމެއްވެސް ނޭންގެއެވެ. އިޔާޒުއާއި ކުރެވިފައިވާ ޗެލެންޖް މަތިން ހަނދާންވުމާއެކު، އަވަސްއަވަހަށް ފޮތް ހުޅުވާލާ، ފިލާވަޅަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. މިހާރުވެސް އެއް މާއްދާގެ ޓެސްޓް ނިމިއްޖެއެވެ. ކުރިއަށްހުރި އިމްތިހާނުތަކުން ރަނގަޅު ނަތީޖާއެއް ހޯދާނީއޭ ހިތަށް އެރުމާއެކު، އީމާ އަވަހަށް އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

 

ފޮތުގައި ދީފައިވާ ސުވާލެއްގެ ޖަވާބު ނޭންގުމުން، ހިންދުއަށް ގުޅާލީ، އޭނާއަށް އެސުވާލުގެ ޖަވާބު އެނގޭނެއޭ ހިތާއެވެ. އެކަމަކު އެ ސުވާލުގެ ވާހަކަ އެހުމުން، ހިންދުއަކަށްވެސް ނޭންގުނެވެ.

 

“ހޫމް… ސާބަސް.. ތިއީ ކިޔަވާ މީހާއަށް ވާވަރު… ދެން އަހަރެމެން ނުކިޔަވާ މީހުން ކިހިނެއް ވާނީ؟” އީމާ ހިންދުއާއި ދިމާއަށް ބުނެލިއެވެ. ކޮން ފިލާވަޅެއްގެ ސުވާލެއްތޯ ހިންދު އެހުމުން، ފިލާވަޅުގެ ސުރުޚީއާއި، ޞަފްހާ ނަމްބަރަށް ދަންދެން ކިޔައިދިނެވެ. އިރުކޮޅަކުން އިވުނީ ހިންދު ބާރުބާރަށް ހޭންފެށި އަޑެވެ.

 

“މިހާރު ކިހިނެއްވީ؟” ވީގޮތެއް ނޭންގޭތީ، އީމާ ސުވާލުކުރިއެވެ.

 

“ދަސްކުރަން ހުރި ފިލާވަޅުތައް މަދުކަމުންތަ، ނަގައިނުދޭ ފިލާވަޅުތަކަށް ދަންދެން ތި ދަސްކުރަނީ؟؟ ނޫނޭ ވާ ކުޅަދާނަ….” ހެމުންހެމުން ހިންދު ބުނެލިއެވެ.

 

“އޭން.. ކީކޭ؟… މިއީ އަދި ކިޔަވައިނުދޭ ފިލާވަޅެއްތަ؟… އެހެން ކިހިނެއްތަ އެނގޭނީ؟” އީމާ ރަނގަޅަށްވެސް ރަކިވިއެވެ.

 

“އޭ ދެން ބާއްވަނީ… ނިދަންވެސް ޖެހޭނެއެއްނު… ގުޑް ނައިޓް..” އީމާ ރަކިވެގެން އަވަހަށް ފޯނު ބޭއްވީއެވެ.

 

“މިޖެހުނީ އަނެއް ކަންތައް… މަށެއް ހަނދާނެއް ނެތް ނަގައިދިން ފިލާވަޅުތަކެއްވެސް… ދެން ކިހިނެއްތަ ހަދާނީ؟؟ ހޫމް.. ދިންހެން ހީވާ ފިލާވަޅުތައް ދަސްކުރާނީ މިފަހަރު… އުނހު.. އޭރުން ކަމަކު ނުދާނެ… ހިންދުގެ އެހީ ހޯދަންވީ ކަންނޭންގެ…” އީމާ ވިސްނަމުން ދިޔައީ ދެން ހަދާނެ ގޮތަކާމެދުއެވެ.

 

އިރުކޮޅެއްފަހުން، ފޯނު ނަގާ މެސެޖެއް ކޮށްލިއެވެ. ޖަވާބެއްގެ އިންތިޒާރުގައި އިންދާ، ދެތިން މިނެޓެއް ފަހުން، ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ.

 

“ތިއީ ނިދަން ޖެހޭނޭ ބުނި މީހާ؟ އަނެއްކާ ހުވަފެނެއް ފެނުނީތަ؟ ނޫނީ ނިދާފައި އޮވެގެންތަ ތި މެސެޖް ކުރަނީ؟” އަވަސްއަވަހަށް ބަލާލިއިރު، ހިންދުގެ ޖަވާބު ފެނުމުން، އީމާ ތުން ހަދާލިއެވެ. އަނެއްކާވެސް މެސެޖެއް ކޮށްލީ، މިވަގުތު އެހީއެއްވެދޭނެ މީހަކަށް ހުންނާނީ، ހަމައެކަނި ހިންދުކަން އެނގޭތީއެވެ.

 

“އާން އޯކޭ.. ތިވަރަށް އާދޭސް ނުކުރިއަސް… ހެލްޕް ވެދޭނަން… އީމާ ވިއްޔަ… ކޮށްދޭކަށްނު ޖެހޭނީ ދޯ…” ޖަވާބު ލިބުމުން، އީމާގެ މޫނުން ހިނިތުންވުމެއް ފެނިލިއެވެ. އިރުކޮޅަކުން، ހިންދު އެ ސެމެސްޓަރގައި ކިޔަވައިދިން ހުރިހާ ފިލާވަޅުތަކުގެ ސުރުޚީތައް މެސެޖްކުރިއެވެ. އީމާ އުފަލުން ޝުކުރު އަދާކުރުމަށްފަހު، އެއްފަރާތުގައި ފޯނު ބޭއްވިއެވެ.

 

“އޯ ނޯ!… ސީރިއަސްލީ!… މިއީ ދަސްކުރަން ޖެހޭހާ ފިލާވަޅުތައް؟؟…. މަ ކިހިނެއް މިހުރިހާ އެއްޗެއް މިރޭ ދަސްކުރާނީވެސް؟؟…” ދެލޯ ބޮޑުކޮށްލަމުން އީމާއަށް ބުނެވުނެވެ. ފިލާވަޅުތައް ފޮތުން ފާހަގަކޮށް ނިމުނުއިރު، އީމާގެ ބޮލަށް އެނބުރުން އެރީ، ދަސްކުރަން ހުރި ފިލާވަޅުތަކުގެ ގިނަކަމުންނެވެ. ގަޑި ބަލާލިއިރު، ދިހައެއް ޖަހައިފިއެވެ. މިރޭ ނުނިދާ ހޭލާ އިނދެގެންވެސް މިކަމެއް ނުވާނެއޭ އީމާގެ ހިތަށް އެރުމުން، މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. މޭޒުމަތީގައި ހުޅުވާފައިވާ ފޮތުގެ ތެރޭގައި މޫނު ޖައްސާލިއެވެ.

 

ދިހަވަރަކަށް މިނެޓްފަހުން، ތެދުވެ، ގޮނޑީގައި ހަމަޖެހިލިއެވެ. ކުޑަކޮށް ނަމަވެސް ދަސްވާނީ، ކޮންމެވެސް ވަރަކަށް ކިޔާލައިގެންނޭ އީމާގެ ހިތަށް އެރުމުންނެވެ. އަނެއްކާވެސް ގަޑިއަށް ބަލާލަމުން، އީމާ ފިލާވަޅު ކިޔަން ފެށިއެވެ.

 

އެގާރަ ޖެހިތަނާ، ބަސްމާ ބަދިގެއަށް ދިޔައީ ޖަގަށް ފެން އަޅަން ވެގެންނެވެ. ފެން ޖަގު ހިފައިގެން، ކޮޓަރިއަށް ދިއުމުގެ ކުރިން، ކުދިންގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. ބަސްމާ ނިދަން އޮށޯތުމުގެ ކުރިން، ދެކުދިން ނިދީތޯ ޔަގީންކުރުމުގެ ބޭނުމުގައެވެ.

 

އެންމެ ފުރަތަމަ، ބަސްމާ ވަނީ އިޔާޒުގެ ކޮޓަރިއަށެވެ. އިޔާޒު ނިދާފައި އޮތްއިރު، ފޮތް އޮތީ އެނދުކައިރިއަށް ވެއްޓިފައެވެ. ބަސްމާ ފޮތް ނަގާ، އެއްފަރާތުގައި ހުރި މޭޒުމަތީގައި ބޭއްވިއެވެ. ދޮރު ލައްޕާލުމުގެ ކުރިން، ކޮޓަރީގައި ދިއްލާފައި ހުރި އަލިގަދަ ބޮކި ނިއްވާލުމަށްފަހު، ނިދާ ބޮކި ދިއްލިއެވެ.

 

އީމާގެ ކޮޓަރި ދޮރު ހުޅުވާލުމާއެކު، ބަސްމާއަށް ލިބުނީ ސިހުމެކެވެ. އެހެން ރޭރޭ ދިހަގަޑި ބައިވާއިރު، ނިދަން އޮންނަ ކުއްޖާ، މިރޭ އެގާރަ ޖަހާ ބޮޑުވިއިރުވެސް ހޭލާ އިނީމައެވެ. އަދި އެ އިނީވެސް ފޮތް ކިޔާށެވެ. އީމާއަކީ ފޮތް ކިޔަން ފަށައިފިނަމަ، ނުލާހިކު އަވަހަށް ނިދި އަންނަ ކުއްޖެކެވެ. ފޮތުގައި އަތްލާތާ، ބައިގަޑިއެއްހާއިރު ތެރޭގައި އޮންނާނީ ނިދާފައެވެ.

 

ފޮތުގެ ތެރެއަށް ގެއްލިފައި އިން ވަރުން، ކޮޓަރީގެ ދޮރު ހުޅުވާލިކަމެއްވެސް އީމާއަކަށް ނޭންގެއެވެ. ފެންނަ މަންޒަރު ގަބޫލުނުކުރެވިފައި ހުރި ބަސްމާ، އަދިވެސް އެއްފަހަރު ގަޑިއަށް ބަލާލިއެވެ. ދެން ކޮޓަރިތެރެއަށް ވަދެ، އީމާއަށް ގޮވާލިއެވެ.

 

“ދަރިފުޅާ، ނުނިދަންތަ އަދިވެސް؟” ބަސްމާގެ އަޑުއިވުމުން އީމާ ބަލާލިއެވެ.

 

“މަންމާ… މި ފިލާވަޅުތައް ދަސްކޮށްލާފައި ނިދާނީ… އަދި އިރުކޮޅެއްވާނެ” އީމާގެ ޖަވާބުން، ބަސްމާއަށް ލިބިފައިވާ ހައިރާންކަންވީ އިތުރެވެ. އޭނާގެ ދަރިފުޅު ޝައުގުވެރިކަމާއެކު، ފޮތް ކިޔަން އިން މަންޒަރު ފެނުމުން ވާނީވެސް އެހެންތާއެވެ. އާއްމުގޮތެއްގައި، އީމާ ފޮތެއްގައި އަތްލާނީވެސް ބަސްމާ އެތައް ވަރަކަށް އާދޭސްކުރާފަހުންނެވެ. މާ ގިނައިރަކު ފިލާވަޅުތައް ދަސްކުރާކަށް ނުވެސް އިންނާނެއެވެ.

 

ބަސްމާ އީމާގެ ބޮލުގައި ފިރުމާލިއެވެ. އަދި މާ ލަސްނުވަނީސް، ނިދުމަށް ނަސޭހަތްތެރިވިއެވެ. އީމާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން، ބަސްމާ ހިނިތުންވެލިއެވެ. ހަޤީޤަތުގައިވެސް، އޭނާ މިއަދު ވަރަށް އުފާވެއްޖެއެވެ. ބަސްމާ ހިތާހިތުން ޙަމްދުކުރަމުން، ކޮޓަރިން ނުކުތެވެ.

 

ބާރަ ޖެހިއިރުވެސް، އީމާ ނުނިދާ އިނީ، ދަސްކުރަން ހުރި ފިލާވަޅުތައް ގިނަކަމުންނެވެ. މަންމަ ގާތު މާގިނައިރެއް ނުވެ ނިދާނަމޭ ބުނެވުނަސް، ނިދައިފިނަމަ، މި ހުރިހާ ފިލާވަޅެއް ދަހެއް ނުވާނެއެވެ.

 

ގަޑިން ދޭއްޖެހިއިރު، އީމާ ނިދި އަންނަން ފަށައިފިއެވެ. އެކަމަކުވެސް ހިތްވަރުކޮށްލާފައި، ފިލާވަޅުތައް ދަސްކުރަމުން ދިޔައެވެ. ނިދިތާއްޔާޖެހެން ފެށުމުން، މޭޒުމަތީގައި ބޯ ޖައްސާލީ، ކުޑައިރުކޮޅަކުން ތެދުވަން ވެގެންނެވެ. އެހެން ނަމަވެސް، ފުންނިދީގެ ތެރެއަށް ގެނބިގެން ދިޔައީ، ކޮން އިރަކު ކަމެއްވެސް އީމާއަކަށް ނޭންގުނެވެ.

 

ސިއްސައިގެން ގޮސް އީމާއަށް ހޭލެވުނެވެ. ކުރިމަތީގައި ހުރި ފޮތްތައް ފެނުމުން، ނިދުނީ ޓެސްޓަށް ފިލާވަޅު ދަސްކުރަން އިންދާކަން ހަނދާންވިއެވެ. ގަޑި ބަލާލިއިރު، ހަތަރެއް ޖަހަނީއެވެ. ޗޮކެއް ކަނޑާލެވުނީ، ދެން ކިތަންމެ އަވަހަށް ކިޔަސް، ހުރިހާ ފިލާވަޅުތައް ކިޔާލާނެ ވަގުތުވެސް ނެތްކަން އެނގުމުންނެވެ. އަދިވެސް އީމާއަށް އެންމެ ފަހަރަކުވެސް ކިޔާނުލެވޭ، ފިލާވަޅުތަކެއް އެބަހުއްޓެވެ.

 

ފޮތް ކިޔަމުން ދިޔައިރުވެސް، ދޭތެރެއަކުން ގަޑި ބަލަމުން ދިޔައީ، ވަގުތު ނެތްކަން ހަނދާންވާވަރުންނެވެ. ހިތް އަވަސްވެގެން ކިޔޭ އެއްޗެއްވެސް، ސިކުނޑިއަކަށް ނަގައެއް ނުގަނެވެއެވެ. އެތައް ފަހަރަކު، އެއްތަންކޮޅެއް ތަކުރާރުކޮށް ކިޔަން ޖެހުމުން، އީމާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. ބަސްމާ ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑުވެސް އިވުނީ، އީމާ އެހާލެއްގައި އުޅެނިކޮންނެވެ.

 

“ދަރިފުޅާ.. ދެން ތެދުވޭ.. މިހާރު ފަތިސް ނަމާދު ބަންގި ގޮވައިފި…” ބަސްމާ ގޮވާލި އަޑު އިވުނެވެ.

 

“މަންމާ.. ހޭލައޭ މި އުޅެނީ… މިދަނީ ނަމާދު ކުރަން” އީމާ ޖަވާބު ދިނުމަށްފަހު، އަނެއްކާވެސް ފިލާވަޅަށް ސަމާލުކަންދިނެވެ.

 

ބަސްމާ ހުރީ، އިވުނު އަޑު ގަބޫލުނުކުރެވިފައެވެ. އީމާއަކީ ފަސްހަފަހަރު ގޮވާއިރުވެސް، އެނދުން ހިއްލާލާ ކުއްޖެއް ނޫނެވެ. ފަތިސް ނަމާދު ބަންގިއާއި އިރު އެރުމާ ދެމެދު، އެ ހޭދަވާ ވަގުތުކޮޅު ތެރޭގައި ބައެއްފަހަރު، ބަސްމާ ދިހަވަރަކަށް ބުރުވެސް ޖަހަން ޖެހިދާނެއެވެ. ނަމާދު ކުރާނީ އެހާވަރު ކޮށްގެންނެވެ.

 

“ދަރިފުޅާ، ހަމަ އަސްލުވެސް ހޭލީތަ؟” ހައިރާންވެފައި ބަސްމާއަށް ބުނެވުނެވެ.

 

“އަޅެ މަންމާ… އާއެކޭ.. ހޭލައިފީމޭ..” އީމާ މިހެން ބުނި އަޑު އިވުމުން، ބަސްމާ ތަޅުގައި ހިފާލިއެވެ. ދޮރު ހުޅުވާލާ އެތެރެ ބަލާލިއެވެ. ތެދެކެވެ. އީމާ އިނީ ފޮތްތައް ކައިރިއަށް ލައިގެން މޭޒުދަށުގައެވެ.

 

“ދަރިފުޅާ.. ނުނިދާތަ ތި އުޅެނީ؟” ބަސްމާ ހަމަ އެ ހައިރާންކަމުގައި އަހާލިއެވެ.

 

“ނުނިދާ ހުންނަންވެގެން އުޅުނީ.. އެކަމަކު ނިދުނީ.. ދެން ނޭންގެ މި ފިލާވަޅުތައް ދަސްވާނެކަމެއްވެސް” އީމާ ހާސްވެފައި ޖަވާބުދިނެވެ.

 

“ކުރީބައިގައި އިމްތިހާނަށް ތައްޔާރުވާށޭ މަންމަ ބުނަމެއްނު.. ތިހެން ނުނިދާ އިނދެގެން ފިލާވަޅު ދަސްކުރުމަކީ ރަނގަޅުކަމެއް ނޫނޭ ދަރިފުޅާ.. އޭރުން ނިދިވެސް ހަމައެއް ނުވާނެ.. ފިލާވަޅުވެސް ރަނގަޅަކަށް ދަހެއްނުވާނެ” ބަސްމާ އޭނާގެ ލޯބިވާ އަންހެން ދަރިފުޅަށް ނަސޭހަތްދިނެވެ.

 

“ދެން އިހަށްދޭ ނަމާދުކުރަން..” އީމާގެ ބޮލުގައި ފިރުމާލަމުން، ލޯތްބާއެކު ބަސްމާ ބުނެލިއެވެ. ލިބިފައިވާ މާޔޫސްކަމާއެކު، އީމާ ކޮޅަށް ތެދުވެ، ތުވާލި ނެގިއެވެ. އީމާ ފާހާނާއަށް ވަންނަންދެން ބަލަން ހުރުމަށްފަހު، ބަސްމާ ކޮޓަރިން ނުކުތެވެ.

 

ނަމާދުކޮށް ނިމިގެން، އީމާ އަނެއްކާވެސް ފިލާވަޅުތައް ދަސްކުރަން އުޅުނެވެ. ސައިބޯން އިންއިރުވެސް ފޮތް އަތުން ދޫނުކުރެއެވެ. ޒާހިދުއާއި އިޔާޒުވެސް ހައިރާންވެފައި ބަލަން ތިއްބެވެ. ފޮތް ބާއްވާފައި، ރަނގަޅަށް ސައި ބުއިމަށް މިހާރު ދެތިން ފަހަރު ބަސްމާވެސް ބުނެފިއެވެ.

 

އީމާއަކީ ކުރިން އެގޮތަށް ފޮތް ކިޔާ، ފިލާވަޅުތައް ދަސްކުރުމަށް އުޅޭ ކުއްޖަކަށް ނުވާތީ، ފެންނަމުން ދިޔަ މަންޒަރުން، އެންމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ސުވާލެއް ކޮށްލަން އަނގަ ހުޅުވާލާއިރަށްވެސް، ތިމަންނައަށް އުނދަގޫ ނުކުރާށޭ ކިޔާފައި އީމާ ހަޅޭއްލަވައިގަނެއެވެ. އެހެންކަމުން، އެކަކު އަނެކަކުގެ މޫނަށް ބަލަބަލާ ތިބީއެވެ.

 

މީގެ ކުރިން، އިމްތިހާނު އޮންނަ ދުވަހުގެ ކުރީރޭ، ދެގަޑިއެއްހާއިރަށް، އީމާ ފޮތް ބަލާލަފާނެއެވެ. އެވެސް އޭނާ ހިތަށް އެރި މާއްދާއަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. ކުރީބައިގައި އިމްތިހާނަށް ތައްޔާރުވުމަކީ އީމާ ކޮށްއުޅޭ ކަމެއް ނޫނެވެ. އެހެންކަމުން، ނަތީޖާ ލިބޭއިރު، ބައެއް މާއްދާތަކުން ކިރިޔާ ފާސްވާއިރު، އަނެއްބައި މާއްދާތަކުން ފާސްވެސްނުވެއެވެ.

**********************

 

އިމްތިހާނު ހޯލަށް ވަންއިރުވެސް، އީމާ ހުރީ ހާސްވެފައެވެ. ހިތްހަމަޖެހޭވަރަށް، ފިލާވަޅުތައް ދަސްނުކުރެވުނީތީ، ކަންބޮޑުވެފައެވެ. އެހެންކުދިން ޖަވާބުދޭން ފެށިއިރުވެސް، އީމާ ކުރިމަތީގައި އޮތް ސުވާލު ކަރުދާހާއި ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ޖަވާބުތައް ލިޔުމަށް ތައްޔާރުވެލީ، މިހާރު ދެން ކުރެވޭނެ އިތުރު ކަމެއް ނެތުމުންނެވެ.

**********************

 

“ކިހިނެއްވީ މާ މޫޑީވެފަ؟” ގޭޓުން ނުކުންނަން ދިޔަ އީމާ ކައިރީގައި ހުރި ހިންދު ސުވާލުކުރިއެވެ. އެހެންޏާ، އަނގަ ހުއްޓާނުލާ އީމާ، މިއަދު، ދުލުން ބަހެއްވެސް ނުކިޔާ ހުރުމުން ސުވާލު އުފެދޭނެތާއެވެ.

 

“އެވަރަށް ފޮތް ކިއީމަވެސް ބައެއް ސުވާލުތަކަކަށް ހަމަ އެއްގޮތަކަށްވެސް ޖަވާބެއް ނުދެވުނު… ސުވާލުތައް ހުރިގޮތުން ވަރަށް ކޮންފިއުޒްވި… ދަސްކުރި ބައެއް ފިލާވަޅުތައްވެސް އެގަޑީގައި ހަނދާން ނެތުނީ… ނޭންގެ ރަނގަޅު ޖަވާބުކަމެއް ލިޔެވުނީވެސް… ނުކިޔާ ދޫކޮށްލި ފިލާވަޅުތަކުން، އެންމެ ފަހު ދެ ސުވާލު އައިސްފައި އިނީ.. ދެން ކިހިނެއް ވާނީ؟” މާޔޫސްވެފައިހުރެ އީމާ ޖަވާބުދިނެވެ.

 

“ތިހާ ހާލުގަ އުޅޭކަށް ނުޖެހޭނީހެއްނު، ކުރީބައިގައި ފިލާވަޅުތައް ދަސްކުރިނަމަ…” ހިންދުއަށް ބުނެވުނެވެ. އީމާ އިސްޖަހާލިއެވެ. ހިންދު އެބުނީ ދޮގު ވާހަކައެއް ނޫނެވެ. އެކަމަކު، މިހާރު ‘ނަމަ’އަކުން ކުރެވޭނެ ކަމެއް ނެތެވެ. އީމާގެ މޫނަށް ވެރިވި ކުލަވަރުތައް ހިންދުއަށް ވަރަށް ސާފުކޮށް ފެނުނެވެ. ހިންދު، އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއާއިމެދު ހަމްދަރުދީވިއެވެ.

 

“އީމާ… ދެން މިއަދުގެ ޓެސްޓާއި މެދު އެހާ ބޮޑަށް ނުވިސްނާ… މާދަމާގެ ޓެސްޓް ރަނގަޅުކުރެވޭތޯ ބަލާނީ ދޯ… ހިނގާ މިއަދު ދެމީހުން އެއްކޮށް ޓެސްޓަށް ރެޑީވެލަން…” ހިންދު، ބޭނުންވީ އީމާއަށް ހިތްވަރުދޭށެވެ. އެހީތެރިވާން އެންމެ ގާތުގައި، ހިންދު ހުރިކަން އަންގައިދޭށެވެ.

 

“ތަންކޮޅެއް ފަހުން ދޯ… މިގަޑީގައި ބޭނުމީ ނިދާލަން… ވަރަށް ބޮލުގައި އެބަ ރިއްސާ… ރޭގަ ވަރަށް ކުޑަ ވަގުތުކޮޅަކު ނިދުނީވެސް…” ބޮލުގައި އަތް ޖައްސާލައިގެން ހުރެ، އީމާ ބުންޏެވެ.

 

“އޯކޭ… ހޭލާފައި ގުޅާ އިނގޭ…” ހިންދު ބުންޏެވެ. އީމާވެސް އެކަމަށް އެއްބަސްވިއެވެ.

**********************

 

ގެއަށް އާދެވުމުން، ޔުނިފޯމް ބަދަލުކޮށްލުމަށްފަހު، އީމާ ބޭނުންވީ ނިދާލާށެވެ. އެނދުގައި އޮށޯވެ، ގިނައިރެއް ނުވަނީސް، ފުން ނިދީގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. ހޭލެވުނީ، ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ކަންނެތް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއިރު، ކުރިމަތީގައި ހުރީ ބަސްމާއެވެ.

 

“ކީކޭ މަންމާ؟” އޭރުވެސް އީމާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ.

 

“ދަރިފުޅާ… އަދިވެސް ނިދަނީތަ؟ ސްކޫލުން ގެއަށް އައިގޮތަށް، އެއްވެސް އެއްޗެއް ނުކައި ކޮޓަރިއަށް ވަނީ… މިހާރު އެއޮއް ދޭއް ޖެހީ.. ތި އުޅެނީ އަދި މެންދުރުވެސް ނުކައި…” ބަސްމާ ޝަކުވާ ކުރިއެވެ.

 

“ކީކޭ؟؟ ދޭއް ޖެހީތަ؟” ދެލޯ ބޮޑުކޮށްލަމުން އީމާއަށް އަހާލެވުނެވެ. އެހާ ގިނައިރު ނިދުނުކަން، އޭނާއަށް ނުވެސް އެނގުނެވެ.

 

“ހޫމް… ދޭއް ޖެހީ.. ދަރިފުޅު އަދި މެންދުރު ނަމާދުވެސް ނުކުރަންދޯ؟” ބަސްމާގެ ސުވާލަށް އާއެކޭ ބުނުމުގެ ގޮތުން އީމާ ބޯ ޖަހާލިއެވެ.

 

“އެހެންވީމާ ދޭ އަވަހަށް ނަމާދުކޮށްލައިގެން ކާން އަންނަން…” ބަސްމާ މިހެން ބުނެފައި ދިއުމުން، އީމާ ފާހާނާއަށް ވަދެ ތައްޔާރުވެލައިގެން ނަމާދުކޮށްލިއެވެ.

**********************

 

ކައި ނިމިގެން އައިސް، އީމާ ފޯނު ނަގާ ހިންދުއަށް ގުޅާލިއެވެ. ދެތިން ފަހަރަކު ރިންގްވީ ފަހުން، ހިންދު ފޯނު ނެގިއެވެ. ދެކުދިން ވާހަކަ ދެއްކުމަށްފަހު ނިންމީ، ހިންދުގެ ގެއަށް ދާ ގޮތަށެވެ. ފޯނު ބާއްވާފައި، އީމާ އަވަހަށް ތައްޔާރުވެލިއެވެ. ގެއިން ނުކުތުމުގެ ކުރީގައި މަންމަ ގާތު، ހިންދުމެން ގެއަށް ދާ ވާހަކަ ބުނެލިއެވެ.

 

ސަލާމްގޮވާލުމުން، ސަލާމްގެ ޖަވާބުދިނީ ބަދިގެއިން ނުކުތް ހިންދުގެ މަންމައެވެ. ހިނިތުންވެލުމާއެކު، އެތެރެއަށް ވަންނަން ދަޢުވަތުދިނެވެ. އީމާ ގާތު ސޯފާގައި އިށީނުމަށް ބުނެފައި، ހިންދުއަށް ގޮވާލަމުން އީމާ އައި ވާހަކަ ބުންޏެވެ.

 

“އީމާ… އާދޭ އެތެރެއަށް…” ކޮޓަރީގެ ދޮރު، ކުޑަކޮށް ހުޅުވާލަމުން، ބޭރަށް ބޯ ދިއްކޮށްލި ހިންދު ބުނެލިއެވެ. އީމާ ސޯފާއިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

 

ކޮޓަރިތެރެއިން ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ކިޔަވާ މޭޒުމަތީގައިވެސް ތަރުތީބުން ފޮތްތައް ބަހައްޓާލެވިފައިވެއެވެ.

 

ދެކުދިން، ބޭނުންވާ ފޮތްތައް ހިފައިގެން މޭޒުދަށުގައި އިށީންދެލިއެވެ. އީމާއަށް ނޭންގޭ އެއްޗެހި، ހިންދު ކިޔައިދެމުން ދިޔައެވެ. އަސްރު ނަމާދު ބަންގި ގޮވުމުން، ދެކުދިންވެސް ދިޔައީ ނަމާދު ކުރާށެވެ. ނަމާދުކޮށް ނިމިގެން އަނެއްކާވެސް ފިލާވަޅުތައް ދަސްކުރުން ކުރިއަށް ގެންދިޔައެވެ.

 

ހިންދުގެ މަންމަ އައިސް ސައިބޯން ގޮވުމުން، ދެކުދިން ފޮތްތައް ބަހައްޓާލުމަށްފަހު، ކޮޓަރިން ނުކުތެވެ. އެނބުރި ކޮޓަރިއަށް އައިސް، އަނެއްކާވެސް ފިލާވަޅުތައް ދަސްކުރުމުގައި ދެކުދިން އުޅުނެވެ.

 

ކުޑަ ބްރޭކެއް ނަގައިގެން ދެކުދިން ވާހަކަ ދައްކަން ތިއްބާ، ހިންދުގެ މަންމަ ގޮވާލިއެވެ. އެބަ އަންނަމޭ ބުނެފައި ހިންދު ތެދުވެ، ކޮޓަރިން ނުކުންނަން ދިޔައެވެ. ނުކުތުމުގެ ކުރިން، މޭޒުމަތީގައި އޮތް ފޮތެއްގައި ޝޯޓް ނޯޓްތަކެއް ހުންނާނެކަމަށާއި، އެ ފޮތް ބަލާލުމަށް ބުންޏެވެ. މޭޒުގެ އެއްފަރާތެއްގައި ބާއްވާފައި އޮތް ދެނޯޓްފޮތަށް އީމާގެ ނަޒަރު ހުއްޓުނެވެ. އެންމެ މަތީގައި އޮތް ފޮތް ނެގި ވަގުތު، އެފޮތުގެ ދަށުގައި އޮތް ގަނޑެއް، އީމާގެ ލޮލުގައި އަޅައިގަތެވެ.

 

ހިންދު އައުމުން، އެ ގަނޑު ދައްކާލިއެވެ. އީމާގެ މޫނަށް ހިންދު ބަލާލުމުން، އެއްބުމަ އަރުވާލީ އެއީ ކޮން އެއްޗެއްތޯ އަހާފަދަ ގޮތަކަށެވެ. ހިންދު ހިނިތުންވެލަމުން، އެއީ އޭނާ ހަދާފައިވާ ޝެޑިއުލްއެއްކަން ބުނެދިނެވެ.

 

“ތިއީ އަހަރެން ގެންގުޅޭ ޝެޑިއުލް… ޕްލޭން ކޮށްލާފައި އޮތީމަ، ފަސޭހަވާނެއެއްނު” ހިންދު ބުންޏެވެ. ސުވާލު އުފެދިފައި އީމާ ބަލާލިއެވެ. އެއީ އެހާ މުހިންމު އެއްޗެއްތޯ ސުވާލުކުރިއެވެ. ހިންދު އެކަމާ ގުޅޭގޮތުން އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

 

“ހަމަ ގައިމުވެސް އަހަންނަށް ވަރަށް ފަސޭހަ… ދަސްކުރަންޖެހޭ ފިލާވަޅުތައް ގިނަވެގެން, ފަހު ވަގުތު، ބޯހާސްވެގެން އުޅޭކަށް ނުޖެހޭ.. އެކި މީހުންނަށް ދަސްކުރަން ފަސޭހަވާނީ އެކި ގޮތަށް… އެކި ވަގުތުތަކުގައި…. މިސާލަކަށް ހިންދުއަށް ވަރަށް ފަސޭހަ ފަތިސް ވަގުތު ފިލާވަޅު ދަސްކުރަން… އެކަމަކު އީމާއަށް އެހެން ގަޑިއެއް ފަސޭހަވެދާނެ… މުހިންމީ އެމީހަކަށް ދަސްކުރަން ފަސޭހަ ގޮތްތަކެއް ހޯދާފައި، ދަސްކުރުމަށްޓަކައި ވަކި ގަޑިތަކެއް ކަނޑައެޅުން…” ހިންދު އިތުރަށް ކިޔައިދިނެވެ.

 

އަދި އެއަށްފަހު، ހިންދު ގެންގުޅޭ ރިވިޝަން ޗެކްލިސްޓްތަކެއް އީމާއަށް ދެއްކުމަށްފަހު، އޭގެ ބޭނުންވެސް ކިޔައިދިނެވެ. ފިލާވަޅުތައް ދަސްވެފައިހުރި މިންވަރު ދެނެގަތުމަށާއި، އިތުރަށް ދަސްކުރަންޖެހޭ ފިލާވަޅުތައް ފާހަގަކުރުމަށް އެހީއެއްގެ ގޮތުގައި އެ ޗެކްލިސްޓްތައް ބޭނުންކުރާކަމަށް ބުންޏެވެ.

 

އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު ގޮތަކީ، ކޮންމެ ދުވަހަކުވެސް ދެވޭ ފިލާވަޅުތައް ދަސްކުރުންކަމަށް ހިންދު ބުންޏެވެ. ހަމައެއާއެކު، ދޭތެރެދޭތެރެއިން ދަސްކުރާ ފިލާވަޅުތައް ހަނދާންހުރި މިންވަރެއް ބެލުމަކީވެސް ވަރަށް މުހިންމު ކަމެއްކަމުގައި ހިންދު ބުނެދިނެވެ. މި ހުރިހާ ވާހަކައެއްވެސް އީމާ ވަރަށް ފަރުވާތެރިކަމާއެކު އަޑުއެހިއެވެ.

**********************

 

އިމްތިހާނުގެ ނަތީޖާ ލިބުނުއިރު، އެހެން ފަހަރުތަކަށްވުރެ ބައެއް މާއްދާތަކުން އީމާގެ މާކްސްތައް ރަނގަޅެވެ. ގެއަށް އައިސް ކުޑަބެގެ ނަތީޖާ އެނގުމުން، އީމާ ދެރަވީ، އޭނާގެ މާކްސްތައް އިޔާޒުގެ މާކްސްތަކަށްވުރެ ދަށްވުމުންނެވެ.

 

ސަކަރާތްބޮޑުކޮށް އުޅުނަސް، އިޔާޒަކީ ކިޔެވުމަށްވެސް ސަމާލުކަންދޭ ކުއްޖެކެވެ. ފިލާވަޅުތައް ދަސްކުރާ ކުއްޖެކެވެ. ހުރިހާ މާއްދާއަކުން “އޭ” ނުހޯދުނުކަމުގައިވިޔަސް، ބަރާބަރަށް ފާސްވާ ކުއްޖެކެވެ.

 

“ކުޑަބޭ… ޔޫ ވޮން” އީމާ ތުން ދަމާލަމުން ބުނެލިއެވެ. އިޔާޒުގެ މޫނުމައްޗަށް އެރި ކުލަވަރުން، އީމާ އެބުނި އެއްޗެއް އޭނާއަށް އޮޅުންނުފިލާކަން ދޭހަވެއެވެ.

 

“ކީކޭ ތި ކިޔަނީ؟” އިޔާޒު އެންމެ ފަހުން ސުވާލުކުރިއެވެ. އީމާ ތަންކޮޅެއް ކުރިން، އިޔާޒް ކޮށްފައިވާ ޗެލެންޖްގެ ވާހަކަ ބުނުމުން، އިޔާޒުގެ ނިތުން ރޫތައް ފިލިއެވެ.

 

މީގެ ދުވަސްތަކެއް ކުރިން، އެއްދުވަހަކު، ދެކެވުނު ވާހަކައެއްގެ ތެރޭގައި، ތިން މާއްދާއިން އިޔާޒަށްވުރެ މަތިން މާކްސް ހޯދުމަށް ބުނުމުން، އީމާ އެކަމަށް އެއްބަސްވީއެވެ. އެއީ އިޔާޒު އެހާ ސީރިއަސްކޮށް ދެއްކި ވާހަކައެއް ނޫނެވެ. އީމާ ކިޔެވުމަށް މާބޮޑު ސަމާލުކަމެއް ނުދޭތީ ބުނެލި އެއްޗެކެވެ. އެކަމަކު އީމާ، އެކަން މާ ސީރިއަސްކޮށް ނެގީއެވެ. ފަހުވަގުތު، އީމާ އެހާ މަސައްކަތްކުރީ، އިޔާޒުއާއި ކުރެވިފައިވާ ޗެލެންޖްގެ ސަބަބުންކަން އެނގުމުން، އިޔާޒުވެސް އަޖައިބުވިއެވެ.

 

އެންމެ އެކަށީގެންވާ ގޮތަށް ފިލާވަޅުތައް ދަސްނުކުރެވުމުން، އީމާއަށް ލިބުނު ނަތީޖާ އެހާ ރަނގަޅެއް ނޫނެވެ. މިކަމާ އީމާ ވަރަށް ދެރަވިއެވެ. އެންމެ ފަހު ވަގުތު، ހުރިހާ ފިލާވަޅުތަކެއް، އެއްފަހަރާ ދަސްކުރުމުގެ ބަދަލުގައި، ވަގުތު އޮއްވާ ފިލާވަޅުތައް ދަސްކޮށް، ދުރާލާ އިމްތިހާނުތަކަށް ތައްޔާރުވުމަށް، މަންމަމެން އީމާއަށް ނަސޭހަތްތެރިވިއެވެ.

**********************

 

ދެވަނަ ޓާރމް ފެށިގެން އައިއިރު، އީމާވެސް ފޯނު ކުޅުމަށާއި، ޓީވީ ބެލުމަށް ހޭދަކުރާ ވަގުތު މަދުކުރިއެވެ. ފިލާވަޅުތައް ދަސްކުރުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައިގެން، އެވަގުތުތައް ޚާއްޞަކުރަނީ ހަމައެކަނި އެކަމަށެވެ. އީމާވެސް ރަނގަޅު ނަތީޖާއެއް ހޯދާ މޮޅު ކުއްޖަކަށް ވާން ބޭނުންވެއެވެ. މަންމަމެންގެ ނަސޭހަތާއި އެއްގޮތަށް އަމަލުކުރެވޭތޯ، އީމާ މަސައްކަތް ފެށިއެވެ. އެކަންކަމުގައި ހިންދުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން، އީމާ ހަނދާނެއް ނުނެތޭނެއެވެ.

**********************

 

ގެއަށް އައިސް ވަން އިޔާޒުއަށް އީމާ ސޯފާގައި އޮށޯވެގެން އޮއްވާ ފެނުމުން ކައިރިއަށް ގޮސް ހުއްޓިލިއެވެ. އީމާއަކީ ގޭގައި އުޅޭ ވަގުތެއްވިއްޔާ ފޯނު އަތުން ދޫކުރާ ކުއްޖެއް ނޫނެވެ. އަތުގައި ފޯނު ނެތް ވަގުތެއްނަމަ، އޭނާގެ ލޯ ހުއްޓާލެވިފައި ހުންނާނީ ޓީވީ ސްކްރީނަށެވެ. އެކަމަކު، މި ގަޑީގައި ޓީވީވެސް ނިއްވާލާފައި ހުރުމުން، އިޔާޒުގެ ހިތުގައި ސުވާލު އުފެދުނެވެ.

 

“ކުރާނެ ކަމެއް ނެތިފައި ތި އޮންނަނީ ކީއްވެގެން؟” އިޔާޒް އީމާއާއި ދިމާއަށް ބުނެލިއެވެ.

 

“ކަމެއް ނުވޭ… ހަމަ އޮތީ ދެން..” އީމާގެ ޖަވާބުން އިޔާޒުގެ ނިތައް ރޫ ގިނަވިއެވެ.

 

“އޯހ… ކޮބާތަ ދުވަހަކު އަތުން ދޫނުވާ ފޯނު؟” އަނެއްކާވެސް އިޔާޒު އިތުރު ސުވާލެއް ކުރިއެވެ.

 

“ފޯނުގައި މައްސަލައެއް ޖެހިގެން، ބައްޕައާއި ހަވާލުކޮށްފިން” ހަމަޖެހިލާފައި އީމާ ޖަވާބުދިނެވެ. ފޯނުގައި މައްސަލަ ޖެހުމުން ވީ ދެރައިން، ޓީވީވެސް ބަލާހިއްނުވެފައި އޮތީއޭ އިޔާޒުގެ ހިތަށް އެރިއެވެ. އެހެން ނޫންނަމަ، އީމާ އޮންނާނީ ގޭމް ކުޅެން، ޗެޓްކުރަން، ނޫނީ ކޮންމެވެސް ވީޑިއޯއެއް ބަލާށެވެ.

 

އީމާއަށް ޖެއްސުމެއް ކޮށްލާނަމޭ ހިތަށް އެރުމުން، ވަކިން ހުރި ސޯފާގައި، އިޔާޒު އިށީންދެލިއެވެ. ލޯ ހަނިކޮށްލަމުން، އީމާ އިޔާޒުއާއި ދިމާއަށް ބަލާލިއެވެ. އެ އުޅެނީ ސަހަލު ކަމަކު ނޫނޭ، އީމާގެ ހިތަށް އެރިއެވެ.

 

“މަ ހިތަށްވެސް އަރައިފިއޭ… މި ކަމަނާ އަތުން ދުވަހަކު ވަކިނުވެ އޮންނަ ފޯނު ކޮބައިބާވައޭ؟” އިޔާޒު ބުނެލިއެވެ. އީމާ ތުން އަނބުރާލިއެވެ. އިޔާޒު ގާތު އެވާހަކަ ބުނެވުނު މޮޔަ ހިތަށް އެރިއެވެ.

 

“ހަލާކު ނުވިއްޔާ ދެރަ.. ދުވަހަކު އަތުން ދޫކުރެވޭ ކަމަކަށް ނުވޭ… އަބަދު ގޭމެއްގައި ޖެހިފައި.. އަޅެ ތި ގޭމެއް ކުޅެކުޅެ ފޫއްސެއްވެސް ނުވޭތަ؟” އިވުނީ ރިޔާޝާގެ އަޑެވެ. އެއީ ބޮޑުދައިތަގެ ދޮށީ ދަރިފުޅެވެ. އީމާ އަބަދު ގޭމްކުޅުމާއި ޓީވީ ބެލުން ފަދަ ކަންކަމުގައި ވަގުތު ހޭދަކުރާތީ، އެވާހަކަ ވަރަށް ގިނައިން ދައްކާނެއެވެ. ސިޓިންގރޫމް ދޮރު ހުޅުވާފައި ހުރީތީ، މީހަކު އައިކަންވެސް އެކުދިންނަށް ނޭންގުނީއެވެ. އީމާ ސޯފާއިން ތެދުވެ، ރިޔާޝާ އިށީންނަން ތަން ދެއްކިއެވެ.

 

“ރިޔާ ދައްތާ… މިހާރު އެހާ ގިނައިންނެއް ނުކުޅެމޭ” އީމާ އޭނާގެ ދިފާއުގައި ބުނެލިއެވެ. އެއާއެކު އިޔާޒުގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

 

“މިހާރު ނުކުޅެވޭނެތާ.. ފޯނު ހަލާކުވީމާ، ނުކުޅެވޭނެކަން އަހަރެމެންނަށްވެސް އެނގެއޭ…” އިޔާޒު ފުރުސަތުގެ ބޭނުން ކުރިއެވެ. އީމާ ދަތްކުނޑިވިކާލިއެވެ. އިޔާޒުއާއި އެއްބައިވާނެ މީހަކު އައުމުން، އޭނާއަށް އިތުރު ހިތްވަރެއް ލިބިގެން އުޅެނީކަން އީމާ ދެނެގަތެވެ. ވާހަކަ އޮޅުވާލާފައ،ި އީމާ އަވަހަށް އެތަނުން ތެދުވެގެން ދިޔައީ އެހެންވެގެންނެވެ. އިޔާޒުގެ ޖެއްސުންކުރުމަށް ނިމުމެއް ނާންނާނެތީއެވެ.

**********************

 

އެހެން ދުވަހެކެވެ. މެންދުރުގެ ކެއުމުގެ ވަގުތެވެ. ކެއުމުގެ ތެރެއިން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. އީމާ ބައްޕައަށް ގޮވާލީ، އޭނާ ބޭނުންވާ ކަންތައް، ބައްޕަ ކޮށްދޭނެކަމުގެ ޔަޤީންކަމާއެކުގައެވެ.

 

“ބައްޕާ… މާދަމާއަށް ނިންމަންޖެހޭ މަޒުމޫނެއް އެބައޮތް.. އަޅުގަނޑަށް ބައްޕަގެ ލެޕްޓޮޕް ލިބިދާނެތޯ؟ މައުލޫމާތުކޮޅެއް ހޯދާލަން ވެގެން” އީމާ އަދަބުވެރިކަމާއެކު، ބައްޕަގެ ހުއްދައަށް އެދުނެވެ.

 

“އެންމެ ރަނގަޅު… ކައި ނިމިގެން ބައްޕަމެންގެ ކޮޓަރިއަށް އާދޭ” ބައްޕަގެ ހުއްދަ ލިބުމުން، އީމާ އުފަލާއެކު ހިނިތުންވެލިއެވެ. އިޔާޒު އިނީ، އީމާ ދައްކާ ވާހަކަ ގަބޫލުނުކުރެވިފައެވެ. އަނގައާއި ކައިރިކޮށްލެވިފައިވި ސަމްސާވެސް، ނެގި ގޮތަށް ހުއްޓުން އަރާފައި އިނދެވުނެވެ.

 

“ރަނގަޅަށްވިއްޔާ، ފޯނުގައި މައްސަލަ ޖެހުނީމަ، މިހާރު ގޭމް ކުޅެވޭނެ ގޮތެއް ނެތިގެން އެ އުޅެނީ… ފިލްމް ނޫނީ ސީރީޒް ބަލަން ކަންނޭންގެ އެ އުޅެނީ… އަދި މާ ކިޔަވާ މީހަކަށް ވެގެން އެބަ އުޅެއެއްނު… ބައްޕައަށްވެސް ދައްކާނަން ކިޔަވާވަރު… ހުރެބަލަ މިފަހަރު….” އިޔާޒު ހިތާހިތުން އީމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. އީމާއާއި ދިމާއަށް ބަލަން އިނދެ، ބަތް ސުވާ ނަގާ އަނގައަށްލިއެވެ. ދެން ހޭދަވި ވަގުތުކޮޅު ތެރޭގައި އޭނާގެ ސިކުނޑީގައި ރޭވުމެއް ރާވާލިއެވެ.

**********************

 

އިޔާޒު ބައްޕަގެ ކޮޓަރިއަށް ވަންއިރު، އީމާ އިނީ ލެޕްޓޮޕް ހުޅުވައިގެންނެވެ. މޫނުމަތިން ސީރިއަސްކަން ފެންނަމުން ދިޔައިރު، ކަޅި ހުއްޓިފައިވަނީ ސްކްރީނާއި ދިމާއަށެވެ. މީހަކު އެ ކޮޓަރިއަށް ވަންކަމެއްވެސް އީމާއަކަށް ނޭންގުނެވެ. އިޔާޒު ސިއްރު ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް، އީމާ އިށީންދެގެން އިން މޭޒު ކައިރީގައި ހުއްޓުނެވެ. ލެޕްޓޮޕުން ބަލައިގެން، މޭޒުމަތީގައި އޮތް ނޯޓްފޮތެއްގައި ޕޮއިންޓްތަކެއް ލިޔަމުން ދިޔައިރު، އީމާ އިނީ އޭނާގެ މަސައްކަތުގެ ތެރެއަށް ގެއްލިފައެވެ.

 

އިޔާޒު އެ ދިޔަ ގޮތަށްގޮސް މޭޒުގައި އަތް ވިއްދާލަމުން، ލެޕްޓޮޕްއިން ފެންނަމުން ދިޔަ އެއްޗަކަށް ނަޒަރު ހުއްޓާލިއެވެ. ނުވިސްނާ އިންދާ، އިޔާޒު ކުރި ކަމަކުން އީމާ ދިޔައީ ސިއްސައިގެންނެވެ.

 

“ދެން ކުޑަބޭ” އޭ ކިޔާ އީމާއަށް ހަޅޭއްވެސް ލަވައިގަނެވުނެވެ. ނަމަވެސް އިޔާޒު މިކަމަށް ފަރުވާލެއް ނުބަހައްޓައެވެ. ލެޕްޓޮޕުން ފެނުނީ އޭނާ ހީކުރި އެއްޗެއް ނޫންކަމުން، އިޔާޒުއަށް ހައިރާންކަމެއް ލިބުނެވެ.

 

އިޔާޒު ލެޕްޓޮޕްގެ ސްކްރީނާއި މޫނު އަދިވެސް ގާތްކޮށްލީ، ފެންނަމުން ދިޔަ އެއްޗެއް ގަބޫލު ނުކުރެވިގެންނެވެ. ދެލޯ އުނގުޅާލާ، އަވަސްއަވަހަށް އެސްފިޔަތައް ޖަހާލީ މަންޒަރު ބަދަލުވެދާނެއޭ ހިތައެވެ. ނަމަވެސް އެއްވެސް ބަދަލެއް ނާދެއެވެ.

 

“ކުޑަބެ ތި އުޅެނީ ލެޕްޓޮޕް ތެރެއަށް ވަންނަންތަ؟” އީމާ، އިޔާޒުއާއި ޖެއްސުމަށް ބުނެލިއެވެ. އެހާ ޝައުގުވެރިކަމާއެކު، މަސައްކަތް ކުރަން އިންދާ، އިޔާޒު އައިސް އުނދަގޫ ކުރުމުން، އީމާ ވަރަށް ހިތްހަމަ ނުޖެހުނެވެ.

 

ލެޕްޓޮޕްގައި އެވަގުތު ހުޅުވާފައި ހުރި، ޓެބްތަކާއި ފައިލްތައް ވަކިވަކިން ޗެކްކުރިއެވެ. ނަމަވެސް އިޔާޒު ހީކުރި ފަދަ އެއްވެސް އެއްޗެއް ނުފެނުނެވެ. ދެން އިޔާޒުގެ ނަޒަރު ހުއްޓާލީ، މޭޒުމަތީގައި އޮތް އީމާގެ ނޯޓް ފޮތަށެވެ. ހުޅުވާލެވިފައިވާ ނޯޓް ފޮތުގައި މަޒުމޫނެއްގެ ސުރުޚީ ލިޔެފައިވާއިރު، ތިރީގައި ހުރީ އެއާއި ގުޅޭ ޕޮއިންޓްތަކެއް ނޯޓްކޮށްފައެވެ. ލެޕްޓޮޕްގައިވެސް ހުޅުވާފައިހުރީ، އެކަމާ ގުޅޭ ލިޔުންތަކެވެ. އަނެއްކާވެސް ލެޕްޓޮޕަށް އިޔާޒުގެ ނަޒަރު ހުއްޓާލިއެވެ.

 

“އައި ކާންޓް ބިލީވް ދިސް..” އިޔާޒު ލެޕްޓޮޕުން ނަޒަރު ވަކިކޮށްލަމުން، އީމާގެ މޫނަށް ބަލާލިއެވެ. އީމާ، މެއާއި ދިމާއިން އަތް ހުރަސްކޮށްލައިގެން، އިޔާޒުގެ މޫނަށް ބަލަން އިނެވެ.

 

“ދެން؟… ކޮބާ ޕްލޭނަކީ؟…” އީމާ ލެޕްޓޮޕަށް ނަޒަރު ހުއްޓާލުމަށްފަހު، އަނެއްކާވެސް އިޔާޒުއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. އިޔާޒުގެ ރޭވުން، ވަރަށް ރަނގަޅަށް އީމާއަށް އެނގެއެވެ.

 

“ޕްލޭން؟” ލޯ ހަނިކޮށްލަމުން، އިޔާޒު ސުވާލުކުރިއެވެ. އީމާ ދެކޮނޑު އަރުވާލަމުން، އެއް މިޔަކަނުން ހީލިއެވެ.

 

“ހޫމް… ޕްލޭން މަތިންވެސް ހަނދާން ނެތުނީތަ؟.. އޯހ… ބަދަލު ކުރަންދޯ ޖެހޭނީ..” އީމާ ބުމަ އަރުވާލަމުން، އިޔާޒުގެ މޫނަށް ބަލާލިއެވެ. އިޔާޒް ބޯ ކަހާލީ، އީމާ އެހާ ފަސޭހައިން އޭނާގެ ރޭވުން ދެނެގަތީމައެވެ.

 

“ދެން ހަނދާންވި އިރަކުން އާދޭ… މިގަޑީގައި މިތަނުން ދޭބަލަ… މި މަޒުމޫނު ނިންމަން ވެއްޖެ…” އީމާ އަނެއްކާވެސް އިޔާޒުއާއި ދިމާއަށް ބުންޏެވެ.

 

އިޔާޒު އިތުރު އެއްވެސް އެއްޗެއް ނުބުނީ، އިތުރަށް ލަދުގަންނަން ޖެހިދާނެތީއެވެ. މިހާރުވެސް އީމާގެ ކުރިމަތީގައި، މާ ރީއްޗަށްވެސް އޭނާ ބޭޒާރު ވެއްޖެއެވެ. ހިތާހިތުން އަމިއްލަ ނަފްސަށް ކުދި ކިޔަމުން، އިޔާޒް އެތަނުން އަވަހަށް ނުކުތެވެ.

**********************

 

ދުވަސްތައް ފާއިތުވެ، މާޒީއާއި އެކުވަމުންދާއިރު، އާ އުންމީދުތަކަކާއެކު، އީމާ ކިޔެވުމުގެ މަސައްކަތުގައި ކުރިއަށް ދިޔައެވެ. ކްލާހުގައި ފިލާވަޅު ނަގައިދޭ ގަޑީގައި ކަނުލާ އަޑުއަހައެވެ. ޝޯޓް ނޯޓް ނަގަނީ އެގޮތަށް ހެދުމުން، އީމާއަށް ދަސްކުރަން ފަސޭހަވީމައެވެ. ފިލާވަޅުގައި އޮޅުންނުފިލާ ބައެއް އޮތްނަމަ، މުދައްރިސުން ގާތު، އެބަޔަކުން ސުވާލުކޮށް، އަހާ އޮޅުންފިލުވައެވެ.

 

ކޮންމެ ދުވަހަކުވެސް، އެދުވަހަކު ދެވޭ ފިލާވަޅުތައް މުޠާލިޢާކޮށް ރަނގަޅަށް ދަސްކުރެވޭތޯ ބަލައެވެ. ފިލާވަޅުތައް ދަސްކުރުމަށް ވަކި ޝެޑިއުލެއް ގެންގުޅެއެވެ. ދަސްކުރާ ފިލާވަޅުތައް ހަނދާނުގައި ހުރި މިންވަރުވެސް ދޭތެރެއަކުން ބަލާލައެވެ. ހިންދުއާއި ދެކުދިން، ބައެއްފަހަރު ގްރޫޕް ސްޓަޑީވެސް ހަދައެވެ.

**********************

 

މިހެން ކަންތައްކުރުމުން، އިމްތިހާނު އައިސް ބޯމަތިވާއިރު، ފިލާވަޅުތައް ދަސްނުވެގެން އުޅޭކަށް ނުޖެހެއެވެ. އިމްތިހާނު އޮންނަ ދުވަހުގެ ކުރީރޭ، ނުނިދާ ފިލާވަޅު ދަސްކުރަން އިންނާކަށް ނުޖެހެއެވެ. ދަސްކުރަން ހުރި ފިލާވަޅުތައް ގިނަކަމުން، ބޯހާސްވެގެން އުޅޭކަށްވެސް ނުޖެހެއެވެ. ހަމަޖެހިލައިގެން އެރޭ ނިދާލެވެއެވެ. އިމްތިހާން ހޯލްގައި އިންނައިރު، އަތުގައި އޮންނަ ސުވާލު ކަރުދާހަށް ފުރިހަމަ ސަމާލުކަން ދެވެއެވެ. ޖަވާބު ނުދެވިގެން، އެތައް ވަގުތެއް ބޭކާރު ކުރާކަށް ނުޖެހެއެވެ.

**********************

 

ކިޔެވުމަށް ދޭ ސަމާލުކަން އިތުރުވުމުން، އޭގެ އަސަރު، އީމާގެ ނަތީޖާއިންވެސް ފެނުނެވެ. އެހެން ފަހަރުތަކާއި ބަލާފައި ފާހަގަކުރެވޭވަރުގެ ކާމިޔާބީއެއް ޙާޞިލްކުރެވުނެވެ. ފުރަތަމަ ޓާރމަށްވުރެ ދެވަނަ ޓާރމްގެ ނަތީޖާ މާ ބޮޑަށްވެސް ރަނގަޅެވެ. މުދައްރިސުންގެ އިތުރުން އީމާގެ މައިންބަފައިންވެސް ތިބީ، އީމާގެ ކިޔެވުމާއިމެދު، ވަރަށް ހިތްހަމަޖެހިފައެވެ. އީމާވެސް ހުރީ، އޭނާ ކުރި މަސައްކަތުގެ ނަތީޖާ މިހާ ފޮނިވުމުން، ވަރަށް އުފާވެފައެވެ.

 

އަބަދު އީމާއަށް ޖެއްސުންކޮށް އުޅޭ އިޔާޒުވެސް އީމާގެ ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔެވެ. ހިނިތުންވުމާއެކު، އީމާ ޝުކުރު އަދާކުރިއެވެ. މި މަންޒަރު ބަލަން، ބަސްމާއާއި ޒާހިދުވެސް ތިބީ ވަރަށް އުފަލުންނެވެ. އެދެމީހުންގެ ދަރިންނާއިމެދު ފަޚްރުވެރިވާ ޙާލުގައެވެ. ބަސްމާގެ ލޯ ފެންކަޅިވެގެން ދިޔައީ، ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

**********************

 

ޖެހިގެން އައި އަހަރުވެސް އީމާއަށް ލިބުނީ ވަރަށް ރަނގަޅު ނަތީޖާއެކެވެ. ފުރަތަމަ ޓާރމްގައި ހުރިހާ މާއްދާއަކުން “އޭ” ފާސް ހޯދިއިރު، ދެވަނަ ޓާރމްގައި މުޅި ކްލާހުން އެއްވަނަ ހޯދިއެވެ. ހިތްވަރާއެކު އީމާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފުރިހަމައެވެ. ކާމިޔާބީގެ އެއް ހަރުފަތުން އަނެއް ހަރުފަތަށް ދިއުމަށް، އީމާ ގަދައަޅާ މަސައްކަތް ކުރަމުން ދިޔައެވެ.

**********************

 

މިއަހަރު، އީމާ ތައްޔާރުވަމުން އެދަނީ އޯ ލެވެލް އިމްތިހާނަށެވެ. އީމާގެ އުންމީދަކީ، ތިން އަހަރު ވަންދެން އޭނާ ކުރި މަސައްކަތާއެކު، ރަނގަޅު ނަތީޖާއެއް އޯ ލެވެލްއިން ޙާޞިލްކުރުމެވެ. ސްކޫލަށް ރީތި ނަމެއް ހޯދައިދީ، މުދައްރިސުންނާއި އީމާގެ މައިންބަފައިން ފަޚްރުވެރިވާނެފަދަ ދަރިއަކަށްވުމެވެ.

**********************

 

ލަނޑުދަނޑިއެއް ކަނޑައަޅާ، އެކަން ހާސިލްކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެ، ކުރިއަށްދާން އެންމެ އެކަށީގެންވާ ގޮތެއްގައި ޕްލޭންތަކެއް ހަދާ، އެއާއި އެއްގޮތަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ކާމިޔާބީއާއި ހަމައަށް ވާސިލުވެވޭނީ ވަރުގަދަ އަޒުމަކާއެކު، އެކަމަށް ގަދައަޅާ މަސައްކަތްތަކެއް ކުރެވިގެންނެވެ. އުންމީދު ކަނޑާނުލާ، ހިތްވަރާއެކު ކުރިއަށް ދެވިގެންނެވެ. ދުޢާއަކީ އީމާގެ މަސައްކަތުގައި، މާތްﷲ ކާމިޔާބީ މިންވަރު ކުރެއްވުމެވެ.

 

(ނިމުނީ)

36

You may also like...

13 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Thanks for telling important things to do before exam 😘😘Vara reethi ibretheri vaahaka ah❤️💝💕

    ⚠Report!
    1. Thank you so much Someone
      💗💗💗
      😘😘😘
      Vaahaka kamudhiyaima varah ufaa vejje
      😊

      ⚠Report!

Leave a Reply

Your email address will not be published.