Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހުވަފެނީ ދުނިޔެ

Faathii Level 410 Stories100 Comments100 Login
September 6, 2019 5 Mins Read
19 Comments

އުފާވެރި ހަޔާތެއްގައި ތާ އަބަދު އުޅެވޭނެ ހެއްޔެވެ؟ އެއްވެސް ޝަރުތަކާއިނުލާ މީހަކަށް ލޯބިދެވޭނެ ހެއްޔެވެ؟ ކުރާ ކޮންމެ ކަމަކަށް މާފު ދެވޭނެ ހެއްޔެވެ؟ އަނެކާގެ ހިތުގައި އަޅާ ވޭން އެއްވެސް ލަފްޒަކާއި ނުލާ ދެނެ ގަންނަން އެނގޭނެ ހެއްޔެވެ؟ މީ ހައްތަހާވެސް ސުވާލުތަކެކެވެ. ޖަވާބު ވަރަށް ސާފު ސުވާލު ތަކެކެވެ. އެހެނަސް ޅަ އުމުރުގައި ލޮލައް ފެނި އަދި އިވުނު އަޑުތަކެއްގެ ސަބަބުން އެ ސުވާލުތަކުގެ ޖަވާބު ސާފެއް ނޫނެވެ. ނޫނެކެވެ. އެ ސުވާލުތައް އޭރު ހިތައްވެސް ނާރާނެއެވެ. އެކަންތައްތަކާއި ވިސްނާވެސް ނުލެވެއެވެ. އެއީ ކަންތައްތަކާއި ވިސްނި ޒަމާނެއް ނޫން ވިއްޔާއެވެ. އެއީ މުޅިންވެސް ހުވަފެން ދެކުނު ޒަމާނެވެ. ހިތް އެދޭ ލޯބިވެރިޔާއާއި ދިމާވުމުން “އުފާވެރި ހަޔާތެއްގައި ތާ އަބަދު އުޅޭނެ މަންޒަރުގެ ހުވަފެންތަކެވެ.” އަހަރެންގެ ގައިގައި ކިތަމެ އުނިކަމެއް ހުއްޓަސް އޭނާގެ ލޯތްބައް އެއްވެސް އުނިކަމެއް ނައިސް ދެމީހުންގެ މޫނުމަތިން ހިނިތުންވުން ނުފިލާނޭ މަންޒަރުތަކެވެ. ކުރުކޮށް ބުނަންޏާ އަހަރެންދެކެ ލޯބިވާން އޭނާއަށް ޝަރުތުތަކެއް ބޭނުންނުވާނެ ކަމެވެ. ދެމީހުންނަށް ކިތަމެ ކުށެއް ކުރެވުނަސް އެކަކު އަނެކެއްދެކެވާ ލޯބިން މާފުކޮށް ދުވަހަކުވެސް ވަކި ނުވާނޭ މަންޒަރުތަކެވެ. އަހަރެން ހިތައް އަރާ ކަންތައްތަކާއި، އަހަރެންގެ ބޭނުންތައް އަހަރެން ނުބުންޏަސްވެސް އެ ލޯބިވެރިޔާއަށް އެނގި ފުއްދާދޭނެ މަންޒަރުތަކެވެ. އެއީ މުޅިންވެސް އަހަރެންނަށް ދެކެވުނު ހުވަފެންތަކެވެ. ހާދަހާވާ ހުވަފެނީ ދުނިޔެއެކެވެ.

އެ ހުވަފެންތައް އަހަރެންގެ ސިކުނޑިއަށް ވަނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ ބިއުޓީ އެންޑް ދަ ބީސްޓް، ސިންޑްރެއްލާ، ޝްރެކް ފަދަ ކާޓޫން ތަކަކީ އޭރުގެ އެންމެ ފެވަރިޓެވެ. ކުޑަކުދިންނަށް ހާއްސަކޮށްފައިވާ މި ކާޓޫން ތަކުން ފެންނަމުން ދިޔައީ ގަޔާވާ މީހަކާއި ދިމާވާ ހިސާބުން އެމީހަކަށް ހިތް ލެނބި، ދެން އެ ލޯބި ހާސިލް ކުރުމަށް ކުރާ މަސައްކަތްތަކެވެ. އަނެކާގެ އުނި ސިފަތައް ކަމަކަށްނުވެ، ކޮންމެ ގޮތަކަށްވެސް އެމީހަކު ބޭނުންވެގެން އުޅޭ މަންޒަރެވެ. އެއަށްފަހު އެމީހަކު ލިބުމުން “ހެޕިލީ އެވާ އާފްޓާ” އަށް ފިލްމު ނިމިދަނީއެވެ. އަހަރެންނަށްވެސް ދެކެވެންފެށީ އެ “ހެޕިލީ އެވާ އާފްޓާ”ގެ ހުވަފެންތަކެވެ. އެ ހުވަފެންތަކުގައި ޖެހި ގަޔާވާ މީހަކު ފެނޭތޯ ހިތް ހޯދަމުން ދިޔައީ އިތުރު ފިކުރަކާއި ނުލައެވެ. ހިތް ނަށަމުން ދިޔައީ އެ ކާޓޫންތަކުގެ މަޝްހޫރު ލަވަތަކުގެ ރާޤުތަކަށެވެ.

ދެން ބޮޑުވި ބޮޑުވިހެން ފެންނަމުން ދިޔައީ ހިންދީ ފިލްމުތަކެވެ. ލިސްޓު ގުނާ އަދަދުވެސް ނުކުރެވޭނެއެވެ. އެތަކެތިން ފެންނަމުންދިޔަ އިމޯޝަނަލް ޑްރާމާތަކުގެ އަލީގައި ހުވަފެންތައް ވަޅުޖެހެން ފެށުނެވެ. ލޯބީގެ މައްސަލަތައް ފެނިފެނި ކިރިޔާ ކަމެއް ވިޔަސް އަނެކާއަށް ޝައްކު އުފެދޭހާ ވެއެވެ. ހިތް ދެވުނު ލޯބިވެރިޔާ އެހެން މީހަކާއި އެކު އުފަލުގައި އުޅޭތަން ފެނުމުން އަމިއްލަ ނަފްސުދެކެ ފޫހިވެ އަތުގައި ކަޓަރު އަޅާ، އަދި އެނޫންވެސް އެތައް މޮޔަ ކަންތައްތަކެއް ކުރެވުނެވެ. މުޅިންވެސް އުޅެވުނީ ފިލްމީ ދުނިޔެ އެއްގައެވެ. އެ ފިލްމުތަކުން ފެންނަ ފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމަކާ އަމިއްލަ ދިރިއުޅުން އަޅާ ކިޔެ އެ ފިލްމުގެ ބަތަލާ ހޯދި ކަހަލަ ހައްލެއް ހޯދޭތޯ ވިސްނެއެވެ. އެގޮތުން އޭރުގެ ފިލްމުތަކުން އެންމެ ގިނައިން ފެނުނު މަންޒަރަކީ އެއީއެވެ. ތިމާގެ ލޯބިވެރިޔާ ނުލިބިއްޖެނަމަ އަމިއްލަ އަށް މަރުވާން އުޅުމެވެ. ދެން ދުނިޔޭގައި ތިމާ ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގެ އިހްސާސް ކޮށްދެއެވެ. އަދި ތިމާގެ އަމިއްލަ ނަފްސަކީ އެއްވެސް ބޭނުމެއްނެތް ހަށިގަނޑެއްފަދައެވެ.

ކޮންމެ ޔަކަސް އެ ފިލްމީ، ޚިޔާލީ ދުނިޔޭގައި އުޅެމުން އައިސް އެންމެފަހުން ލޯބިވެރިއެއް ލިބި ކައިވެންޏާއި ހަމައަށްވެސް ވާސިލް ވެވިއްޖެއެވެ. ކައިވެނީގެ ރޭ އިހްސާސް ކުރެވުނީ އަހަންނަށްވެސް އަހަރެންގެ “ހެޕިލީ އެވާ އާފްޓާ” ލިބުނީ ކަމަށެވެ. އެތައް ފޮނި ހުވަފެންތަކެއްގައި ކުލަ ޖެހުނު ފަދައެވެ. އަދި ކުރިމަގު ފެންނަމުން ދިޔައީ އުޖާލާވި އުފާވެރި ދުވަސްތަކެއްގެ ގޮތުގައެވެ. ނަމަވެސް ކުރިއަށް އޮތް އެންމެ މިނަޓެއްގައި ވާން އުޅޭ ކަމެއް ނޭނގޭ މި އިންސާނުންނަށް މުސްތަޤުބަލުގައިވާނެ ކަމެއް އެނގޭނޭ ހެއްޔެވެ؟ ފުރަތަމަ އަހަރެމެންގެ ދިރިއުޅުން ނުލާހިކު އުފާވެރިއެވެ. އަހަރެމެންގެ ގޭގައި ދުވަސްތައް ފާއިތު ވަމުން ދިޔައީ މަޖަލާ ހިތްހަމަ ޖެހުމުގައެވެ. ނަމަވެސް މަޑުމަޑުން އަހަރެން ހީކުރި “ބަދަލު ނުވާނެ ލޯބި” ފަނޑުވަމުން ދާންފެށިއެވެ. ލޯބީގެ ބަސްތަކުން އެކަކު އަނެކެއްގެ ހިތް ފުރާލުމުގެ ބަދަލުގައި، އެކަކު އަނެކެއްގެ އުޅުމަށް ފާޑު ކިޔުމުގެ ބަސްތައް ރައްދު ކުރެވެން ފެށުނެވެ. އެކަކު އަނެކެއްގެ ޚިޔާލާއި ވިސްނުމަށްވެސް މަލާމާތް ކުރެވެން ފެށުނެވެ. އަހަރެންގެ އާއިލާގެ މީހުންގެ އުޅުމަށްވެސް ފިރިމީހާގެ މަލާމާތުގެ ބަސްތައް ރައްދުވާން ފެށިއެވެ. ފުރަތަމަ ދުވަސްކޮޅު އަހަރެން ކަމަކަށް ނަހަދާ އަޅާނުލާ ހުރީމެވެ. އެހެން ނަމަވެސް ގޯސްކަމެއް ކުރާ ހިނދު ހަނު ހުރުމުގެ ބޭނުމެއް ނެތުމުން އަހަރެން އެކަމާ ހިތްހަމަ ނުޖެހޭކަން ހާމަ ކުރަންފެށީ އޭނާ އެކަން ހުއްޓާނެ ކަމަށެވެ. ނަމަވެސް އޭނަޔައް ގޯސްކަމެއް ކުރެވޭ ކަމަށް ޤަބޫލު ނުކުރެވޭހާ ހިނދު އެކަމެއް ހުއްޓާނީ ކިހިނަކުން ހެއްޔެވެ؟

ދުވަސްތައް ފާއިތު ވަމުން ދިޔައީ އަހަރެން އެންމެ ގަޔާވި ލޯބިވެރިޔާ ފޫހި މީހަކަށް ބަދަލު ވަމުންނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން ދެކެނު ހުވަފެންތަކުން ފެނުނު ފަދަ ޕްރިންސެއްގެ އުޅުމެއް އޭނާގެ ނެތްކަން ހާމަވަމުން ދިޔައީއެވެ. އަހަރެންނަށް ތަޢުރީފު ކުރުމުގެ ބަދަލުގައި އޭނާގެ ދުލުން ބޭރުވަނީ މުޅިންވެސް ޝަކުވާގެ ބަސްތަކެވެ. މަލާމާތުގެ ބަސްތަކެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތައް ކުރަމުން ދިޔަ އަސަރުތައް އަހަރެން ނުބުނި ނަމަވެސް އަހަރެންގެ ޕްރިންސައް އިހްސާސް ވާނޭ ކަމަށް ހީކުރެވުނީ އަހަރެންނަށް އޮޅުމަކުންނެވެ. އޭނާޔައް މުހިންމުވީ އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނުމެވެ. އޭނާގެ ޚިޔާލު ހާމަ ކުރުމެވެ. އަހަރެންނަށް މުހިންމުވީ އަހަރެންގެ އިހްސާސް ތަކެވެ. އެ އިހްސާސްތައް އޭނާވެސް އިހްސާސް ކުރުމެވެ.

އެފަދަ ކަންކަމުން ކުދިކުދި މައްސަލަތައް ޖެހެމުން ގޮސް އެކީގައިހެން އަހަރެން އޭނާދެކެ ފޫހިވެއްޖެއެވެ. އަހަރެން ދައްކާ ވާހަކަ އަޑު ނާހާތީއެވެ. އަހަރެންގެ ކަންކަމަށް ފާޑު ކިޔާތީއެވެ. ބޭކާރު ޝަކުވާ ކުރާތީއެވެ. އަހަރެންގެ އިހްސާސްތަކަށް ޤަދަރު ނުކުރާތީއެވެ. އަހަރެންގެ ޕްރިންސް ނޫން މީހަކާއި އިނދެގެން އުޅެވޭހެން ހީވާން ފެށިއެވެ. އެއީ އަހަރެން ދެކުނު ހުވަފެނީ ދިރިއުޅުމެއް ނޫން ވިއްޔާއެވެ. އެއީ ކައިވެންޏައް ފަހު އޭނާއަށް އައި ބަދަލެއް ހެއްޔެވެ؟ ނުވަތަ ކުރިންވެސް އަބަދުވެސް އޭނާގެ އުޅުން ހުންނަ ގޮތް ހެއްޔެވެ؟ ވެވުނު ލޯބީގައި އަހަންނަށް އޭނަގެ އަސްލު ސިފަ ނުފެނުނީ ހެއްޔެވެ؟ ނޫނެކެވެ. އަހަންނަށް އޭނާދެކެ ހަޤީޤީ ލޯބި ނުވެވުނީ ކަންނޭނގެ އެވެ. ހަޤީޤީ ލޯބި ވާނަމަ އެ ފިލްމުތަކުން އެ ފެންނަހެން ކިތަމެ އުނި ސިފަތަކެއް ހުރި ނަމަވެސް ފޫއްސެއް ނުވާނެއެވެ. އޭނާވެސް ހަޤީޤަތުގައި އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އުނި ސިފަތަކަށް ފާޑެއް ނުކިޔާނެ ނޫން ހެއްޔެވެ؟ އެންމެ ފުރަތަމަ ދުވަހު ލޯބިވީ ފަދައިން އެ ލޯތްބަކަށް ބަދަލެއް ނާންނާނެ ނޫން ހެއްޔެވެ؟ އެ ލޯބީގައި ތާ އަބަދު އުފަލުގައި އަހަރެމެންނަށް އުޅެވޭނެ ނޫން ހެއްޔެވެ؟

އަހަރެން މިފަދަ ޚިޔާލުތަކުގައި، ފިކުރީ ދުނިޔެއެއްގައި ގެއްލިފައިވަނިކޮށް އެންމެ ފަހުން އައީ ދުވަހަކުވެސް ހީނުކުރާ ދުވަހެކެވެ. އަހަރެންގެ “ހެޕިލީ އެވާ އާފްޓާ” ބިލާހަކަށް ހަދާފައި އޭނާ އަހަރެން ވަރިކޮށްފައި ދިޔައީ ހިތުގައި ރަހުމެއް ކުލުނެއް ނުވާ ފަދަޔަކުންނެވެ. އަހަރެންގެ ދުނިޔެ ފުނޑު ފުނޑު ވީ ފަދައެވެ. ހުވަފެންތައް އޮޔާ ނެތި ދިޔައީއެވެ. އަހަރެންގެ ދިރިއުޅުން ގެއްލި ދިޔައީއެވެ. އޭނާ އަހަރެންދެކެވީ ލޯބި ކޮބައި ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ އުނިވީ ކޮން ސިފަ އެއް ހެއްޔެވެ؟އަހަންނަށް ނުކޮށްދެވުނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންގެ ޕާފެކްޓް ވެޑިންގ ބޭކާރުވީއެވެ. ރައްޓެހިންގެ ދުލުންކިޔޭ ޖޯކަކަށް އަހަރެންގެ ހުވަފެންތައް ހަދާލީއެވެ. އަނެއްކާވެސް އިމޯޝަނަލް ފިލްމީ ދުނިޔެއަށް އަހަރެން ގެއްލި ހުސްވީއެވެ. އަހަރެންގެ ނަފްސުދެކެ ފޫހިވެވުނެވެ. ދުނިޔޭގައި ހުރުން ބޭކާރު ކަމެއްކަމަށް އިހްސާސް ކުރެވުނެވެ. އަހަރެންމީ ބޭކާރު، އެންމެން ފޫހިވާ މީހެއްކަމަށް ހިތައް ވަސްވާސް ވަންނަން ފެށިއެވެ. ރޭދުއާ ބޭކާރު ކުރެވެމުންދިޔައީ ހިތާމަވެރި ލަވަތަކުން ދިރިއުޅުން ނަފްސާނީ ބަލިގަނޑެއްގެ ތެރެއަށް ވައްދަމުންނެވެ. ހިތާމަވެރި ފިލްމުތަކުގެ މަންޒަރުތައް ހިތައް ވައްދަމުން ދިރިއުޅުން އިތުރަށް މާޔޫސް ކުރުވަމުންނެވެ. ލޯބިވެރިޔާއިއެކު ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާންކޮށް ރޮއި، ދެލޯ ރަތްކުރަމުންނެވެ. އަހަރެން މަރުވަން އުޅެފިނަމަ އޭނާ އެނބުރި އަހަރެން ސަލާމަތްކުރަން އަންނާނެ ހެއްޔެވެ؟ އޭނާޔައް ކުރެވުނީ ކުށެކޭ ބުނެ މާފައް އެދޭނެ ހެއްޔެވެ؟ ނުވަތަ އަހަރެން އެހެން މީހަކުދެކެ ލޯބިވާކަމަށް ހެދިގެން އޭނާއަށް އެކަން ދައްކައިފިނަމަ ޖެލަސް ވެގެން، އެނބުރި އަންނާނެ ހެއްޔެވެ؟ މިފަދަ ޚިޔާލުތަކުން އަހަރެންގެ ހިތް ފުރެމުން ދިޔައީ އަހަރެންގެ ކައިވެނި އެގޮތައް ކުއްލިއަކަށް ނިމި ދިއުމުން ލިބުނު ޝޮކަކުން ކަންނޭނގެއެވެ. ހުވަފެނީ ދުނިޔެއާއި އެކު އަހަރެންގެ ހިތްވެސް ކުދިކުދިވެ ނެތި ދިޔައީ ވިއްޔާއެވެ.

ކޮންމެޔަކަސް ދެން އައީ އަހަރެންގެ ދިރިއުޅުމުގެ ޓާނިންގ ޕޮއިންޓެވެ. ރަނގަޅު ރަހުމަތް ތެރިއެއްގެ ސަބަބުން ރަނގަޅު ދިމާލަކަށް ފިޔަވަޅު އެޅުނު ފުރަތަމަ ފަހަރު ކަންނޭނގެއެވެ. ފުން ކަނޑަކަށް ގެނބެމުން ދިޔަ އަހަރެންނަށް ހިކިފަސްބިމެއް ލޮލު ކޮޅަށް ފެނި އެ ދިމާލަށް މިސްރާބު ޖެހެންފެށުނެވެ. ކަނޑު ނުލާހިކުވެސް ގަދައެވެ. ނަމަވެސް އޮޔާއި ވައި ހުރީ އަހަރެންގެ މިސްރާބާއި އެއްކޮޅަށެވެ. މަޑުމަޑުން އަހަރެން އެއްގަމަށް ގެންދަމުން ދިޔައެވެ. ބައެއް ފަހަރު އަހަރެންގެ އެއްވެސް ބާރަކާއި މަސައްކަތަކާއި ނުލައެވެ. އަހަރެންގެ ކުދިކުދި ވެފައިވި ހިތުގައި މަލަންއެޅި މަޑުމަޑުން ރަނގަޅުވާންފެށިއެވެ. ހުވަފެނީ ދުނިޔެ އަލުން އާރާސްތުކުރަންފެށީ ހަޤީޤީ ދާއިމީ އުފާވެރިކަމުގެ ދުނިޔެއާއި ގުޅުވަމުންނެވެ.

އިންސާނުންގެ ފިތުރަތަކީ ކޮބައިކަން ސާފުވެއްޖެއެވެ. ދިރިއުޅުމުގެ މަޤްސަދަކީ ފިރިހެނަކާއިއެކު ހެޕިލީ އެވާ އާފްޓާއެއްގައި އުޅެ ނިމިދިއުން ނޫންކަމާއި، އެހެނަސް ﷲ އަށް އަޅުކަން ކުރުންކަން ސާފު ވެއްޖެއެވެ. ހިތައް ހަމަޖެހުން ލިބެނީ އިންސާނެއްގެ ތަޢުރީފުގެ ބަސްތަކަކަށްވުރެ ސުވަރުގެ ހޯދުމަށް ކުރެވޭ މަސައްކަތުންކަން އިހްސާސް ކުރެވިއްޖެއެވެ. ﷲމަތިން ހަނދުމަކޮށް އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވުމުންކަން އެނގިއްޖެއެވެ.

އަހަރެން މިއޮށް ހުރިހާ ދުވަހުވީ ކޮންދުނިޔެއްގައިތޯ ހިތާއި ސުވާލު ކުރެވުނެވެ. މުސްލިމަކަށްވެ ހުރެ ﷲ ވޮޑިގެންވާކަން އިހްސާސް ނުކުރެވުނީ ކީއްވެކަމާއިމެދު ސުވާލު ކުރެވުނެވެ. ލޯބިވެރިޔާ އެންމެ އިސްކުރެވުނީ ކީއްވެކަމާއިމެދު ސުވާލު ކުރެވުނެވެ. އާޚިރުގައި ﷲގެ ހަޟްރަތައް ދާންޖެހޭނީ އެކަނި ކަން ނުވިސްނި، އޭނާޔާއި ނުލާ ދިރިއުޅުމެއް ނުވާކަމަށް ދެކެވުނީ ކީއްވެކަމާއިމެދު ފިކުރު ކުރެވުނެވެ. ހިތާއި ސިކުނޑިން ޖަވާބުވެސް ލިބުނެވެ.

ކޮންމެޔަކަސް އަހަރެންނަށް ފުން ނިންޖަކުން ހޭލެވުނު ފަދައެވެ. ޚިޔާލީ ދުނިޔެއިން ހަޤީޤީ ދުނިޔެއަށް ނިކުމެވުނީ އަދި ކިރިޔާއެވެ. މިނިވަންގޮތުގައި ސިކުނޑި ހުޅުވާލެވުނީ އަދި ކިރިޔާއެވެ. ކުރިން ވިސްނުނީ ބަޔަކު ވިސްނައިދިން ގޮތަކަށެވެ. ލޮލައް އަބަދު ފެނުނު މަންޒަރުތަކާއި އަޑުތަކަށް ދިރިއުޅުން ބެހެއްޓުނީ އެއީ އިންސާނީ ފިޠުރަތުކަމުގައިވާތީއެވެ. އިންސާނުންނަކީ ކުއްކުރެވޭނެ ބަޔެކެވެ. އިންސާނުންގެ ފިޠުރަތުގައި އެތައް އިހްސާސްތަކެއް ލައްވާފައި ވެއެވެ. ލޯބިވުމާއި، ފޫހިވުން، ރުޅިއައުމާއި ހިތްހަމަ ނުޖެހުން ފަދަ އެތައް ކަމެކެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް ވަނީ ކެތްތެރިވެ ﷲގެ ފަރާތުން ވާޤިހޯދުމެވެ. “ހެޕިލީ އެވާ އާފްޓާ” ލިބެނީ ސުވަރުގެއަށް އެދި މަސައްކަތްކުރާ ފަރާތްތަކަށެވެ. އުނި ސިފަތަކަކީ އިންސާނުން ފޫހި ކުރުވާކަމެއްކަމާއިމެދު ޝައްކެއްވެސް ނެތެވެ. ނަމަވެސް އެ އުނި ސިފަތަކާއިއެކު އިންސާނުން ލެއްވި ރަސްކަލާނގެ އެކަލާނގެ އަޅުންދެކެ ލޯބިވެ ވޮޑިގެންވަނީ އެތައް ގުނަޔަކަށެވެ. އިންސާނުންނަށް އެކަކު އަނެކަކަށް މާފުކުރަން އުނދަގޫ ނަމަވެސް އެތައް ފާފަތަކެއް އެ އިންސާނާ ކުރާއިރުވެސް އެކަލާނގެ ފުއްސެވުމަށްއެދޭ އިންސާނަކަށް ފުއްސަވާ ދެއްވާކަމީ އެކަލާނގެ އޯޤާވަންތަކަމުގެ ބޮޑު މިސާލެކެވެ. އަހަރެންގެ އިހްސާސްތައް އަނެކާއަށް އިހްސާސްވަނީ އަހަރެން ބުނެދިނީމައެވެ. ނުވަތަ އަހަރެންގެ މޫނަށްއަރާ ކުލަވަރުންނެވެ. ނަމަވެސް އެއްވެސް ލަފްޒަކާއި ނުލާ އަހަރެންގެ ހިތުގެ ހާލު އަހަރެންގެ ވެރި ރަސްކަލާނގެ ދެނެވޮޑިގެންވާކަން އިހްސާސް ވުމަކީ އަހަރެންގެ ހިތައް ލިބޭ ހާދަ ބޮޑު ހިތްހަމަ ޖެހުމެކެވެ.

ފިރިއެއް ހުއްޓަސް ނެތަސް މި އޮޑީގެ މިސްރާބު ދެން ބެހެއްޓީ ސުވަރުގެ ހޯދޭނެ މަގަށެވެ. މިދަތުރަކީ އަމިއްލައަށް ކުރަންޖެހޭ ދަތުރެއްކަން ހަނދާނުން ކައްސާލިޔަ ނުދެމެވެ. ނަތީއްޖާއަކީ ޙަލާލު ގޮތުގައި ދީންވެރި މީހަކާއި ކައިވެނި ކުރެވުމެވެ. އޭރުން ދެމީހުންނަށްވެސް އެރުނީ އެއް އޮޑިއަކަށެވެ. މަންޒިލަކީ އެއް މަންޒިލެކެވެ. މަސައްކަތަކީ އެއް މަސައްކަތެކެވެ. ދުނިޔޭގެ ކަންކަމުގައި ޚިޔާލު ތަފާތުވެއެވެ. ކުދިކުދި އަރާރުންތައްވެސް ހިނގާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް އަދި ކޮންމެ ވަގުތެއްގައިވެސް ﷲ މަތިން ހަނދުމަކޮށް އެކަލާންގެ ރުއްސަވާނޭ ގޮތަކަށް އަމަލު ކުރެވޭތޯ ދެމީހުންވެސް މަސައްކަތް ކުރުމުން ހިތް ސާފުވެއެވެ. މާފު ކުރެވެއެވެ. ލޯބި އިތުރު ވެއެވެ. އެކަކު އަނެކަކަށްޓަކައި ހިތުގައިވާ އިޙްތިރާމާއި ޤަދަރުވެސް އުފުލިގެންދެއެވެ. ވީމާ ހަޤީޤީ ދާއިމީ އުފާވެރިކަން (ހެޕިލީ އެވާ އާފްޓާ) އާޚިރަތުގެ ލިބޭނެކަމަށް ހުވަފެން ދެކެމުން ދެމީހުންވެސް ދިޔައީމެވެ.

އޭރާއި މިހާރުގެ ދިރިއުޅުމުގެ ތަފާތަކީ އޭރު ދިރިއުޅެމުން ދިޔައީ ފިލްމުތަކުން ފެނުނު ފަދައިން ލޯބިވެރިޔާއާއި އެކީ ދުނިޔެއިން ނިމިދިއުމުގެ ހުވަފެނުގައި ކަމެވެ. ނަމަވެސް މިހާރު ދިރިއުޅެމުން ދަނީ ދާއިމީ ގޮތުގައި ސުވަރުގޭގައިވެސް ދެމީހުން އެކީ އުފަލުގައި ހޭދަކުރެވޭނެ ކަމުގެ އުންމީދުގައި މަސައްކަތް ކުރަމުންނެވެ. އޭރުގައި ނަމަ ހިތްހަމަ ނުޖެހުމުން އަޑުއަހާލެވެނީ ކޮންމެވެސް ލަވަޔެކެވެ. ނަމަވެސް މިހާރު ހިތްހަމަޖެހުން ހޯދަނީ ﷲގެ ވަހީ ބަސްފުޅު ތަކުންނެވެ. ޤުރުއާނުގެ އެ އާޔަތްތަކުން މުސްތަޤުބަލައް އުންމީދު އާލާވެ، ހިތައް ހަމަޖެހުން ގެނުވައިދެއެވެ. ނަމަވެސް އޭރު އަޑުއެހި ލަވަތަކުން އިތުރަށް ހާލާތު އަޑުއިވި ހިތުގައި މާޔޫސްކަން އުފައްދައި ހިނިތުންވުން ފަނޑުވެދެއެވެ. ކުރިންނަމަ ހުރިހާވެސް އުފަލަކީ ލޯބިވެރިޔާއެވެ. ވީމާ ލޯބިވެރިޔާ ވަކިވުމުން އުފާވެރިކަން ނިމިދިޔައީއެވެ. ނަމަވެސް މިހާރު އުފާވެރިކަން ގުޅިފައިވަނީ ﷲގެ ހަޟްރަތާއިއެވެ. ވީމާ އެއީ ނިމުމެއްނެތް ދާއިމީ އުފާވެރިކަމެކެވެ.

 

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 8

Next

ބުނެދޭށޭ ރުހެމޭ 74-1

Next
September 7, 2019

ބުނެދޭށޭ ރުހެމޭ 74-1

Previews
September 5, 2019

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 8

19 Comments!

  1. Faathii says:
    September 7, 2019 at 12:05 am

    Salaam everyone. varah dhuvas koffa dhw waahakaeh mi liyevuny… anyways.. ummeedhu kuran mi hiyaaly waahakaves kamudhaane kamah. but i am sure varah gina kudhinge life aai konmeves varakah relate vaanekan. 🙂
    jazaakumullah khair

  2. Naax says:
    September 7, 2019 at 4:27 am

    Masha Allah… haadha furihama vaahaka ekey ❤❤❤❤❤

    1. Faathii says:
      September 7, 2019 at 4:49 pm

      Jazaakillah khairan
      ♥️♥️♥️

  3. Anonymous says:
    September 7, 2019 at 6:58 am

    Ehves furihama eh noon

    1. Faathii says:
      September 7, 2019 at 4:54 pm

      No problem. I didn’t tried to make it perfect. Just wanted to give the messages. Hope it worked. ?
      In Shaa Allah, next time will try more harder…
      Jazaakallah

  4. Aroo says:
    September 7, 2019 at 9:20 am

    Emennah kamudhaa gothakah ehves kameh nukureveyne. Vaahaka v reethi.

    1. Faathii says:
      September 7, 2019 at 4:57 pm

      Hmmm.. thedheh thibuny..
      May Allah reward you.. ?

  5. Dear says:
    September 7, 2019 at 10:51 am

    Hurihaa kameh furihama eh ves nuveveyne. Namaves you can do this with your own faith

    1. Faathii says:
      September 7, 2019 at 5:08 pm

      Yap. Nothing in this world is perfect. Haqeeqee furihamakan vany akhirathuga. Suvarugeyge bodethi niumaithakugathaa dhw..
      Jazaakallah. ?

  6. Wow says:
    September 7, 2019 at 9:08 pm

    Faathii varah rythi

    1. Faathii says:
      September 8, 2019 at 4:04 pm

      Jazaakallah khair.

  7. Eenash says:
    September 8, 2019 at 12:03 pm

    Ma sha Allah varah reethi. Meehunnah varah ihusaas nuvaakameh thi handhaan kohdhiny. Barakallah laki❤

    1. Faathii says:
      September 8, 2019 at 4:06 pm

      ?
      Jazaakillah khair

  8. Princess says:
    September 9, 2019 at 7:07 am

    Vvv reethi

    1. Faathii says:
      September 9, 2019 at 7:18 pm

      Jazaakillah khair
      ?

  9. !y@@d# says:
    September 9, 2019 at 9:57 am

    Mi vaahaka in ran’galhu message eh libunu. Ma shaa Allah varah reethi

    1. Faathii says:
      September 9, 2019 at 7:19 pm

      Alhamdhulillah.
      Jazaakallah khair.

  10. Sweet says:
    September 18, 2019 at 3:38 pm

    Wow. Vrh Reeth vaahaka
    ❤️❤️❤️

  11. Sweety says:
    September 18, 2019 at 3:46 pm

    Wow. Vrh Reeth vaahaka
    ❤️❤️❤️

Comments are closed.



All Right Reserved!