ހިތަދޫގެ މީހުން ނޫޅޭ ހިސާބުގައި ހުރި ގެގަނޑެކެވެ. ގިނަދުވަސްވެ ބާވެފައި ހުރި ކުރީގެ ގެގަނޑެކެވެ. އެގޭގެ ބޭރުދޮރު ހުރީ ލައްޕާ މަކުނޑި އަޅުވާފައެވެ. ގޭގެ ފާރުތަކުގައާއި ދޮރުތަކުގައި ހުރީ މެކުނުވާތަކެވެ. އެގޭގެ އެތެރޭގައި ހުރި ފަށްޖެހި އެނދުގައި އޮށޯވެލައިގެން ޝާއިން އޮތެވެ. މިރޭވެސް ނަވާ ބޭރަށް ގޮސް އަދި އެނބުރި ނާދެއެވެ. ގަޑިން ވީ އިރެއްވެސް ޝާއިންއަކަށް ނޭގެއެވެ. އިރުކޮޅަކުން އިވުނީ ނަވާ އައިސް ގެއަށް ވަތް އަޑެވެ. ” ހާދަ ލަސްވީ؟ ކޮންތާކުން ތިއައީ؟ ” ޝާއިން ނަވާއާއި ސުވާލު ކުރިއެވެ. “މިރޭ މަސައްކަތް ނިމުނީ ތަންކޮޅެއް ފަހުން” ނަވާ އައިސް ޝާއިންގެ މަގަތުގައި އިށީންދެލިއެވެ. އަދި އޭނާގެ ދެއަތުން ޝާއިންގެ ބޮލުގައި ފިރުމާލިއެވެ. ” އަހަރެން ފާޚާނާއަކަށް ދާންވެފަ މި އިނީ ..ނަވާ ނައިސްގެން ނުދެވިފަ މިއިންނަނީ” ޝާއިން ބުނެލިއެވެ. އާއެކެވެ. ނަވާ ނެތީ ވިއްޔާ މިހާރު ޝާއިންއަށް އެއްކަމެއްވެސް ނުކުރެވެއެވެ. ޝާއިންގެ ލޮލުގެ ފެނުން ދިޔަފަހުން ހުރިހާކަމެއްވެސް ކޮށްދެނީ ނަވާއެވެ. އާއެކެވެ. މީގެ ދުވަސްތަކެއް ކުރިން ޝާއިންގެ ލޮލުގެ ފެނުންވަނީ ގެއްލިފައެވެ. އެހެންކަމުން ޝާއިން އެއްގޮތަކަށްވެސް ގެއިންބޭރަށް ނުކުމެއެއް ނޫޅެއެވެ. އޭނާ ގެއިން ނުކުތަސް ފެންނާނެ ތަނެއް ނޯންނާނެއެވެ. ގެއިން ބޭރަށް ދިއަޔަސް އަދި ގޭގައި އިނަސް އޭނާއަށް ފެންނަނީ ކަޅު އަނދިރި ކަމެވެ. އެހެންކަމުން ހުރިހާ ވަގުތެއްވެސް އޭނާ ހޭދަކުރަނީ ގޭގައެވެ. ޝާއިން ހާލުގައި ޖެހުނު ދުވަހު ނަވާގެ ފަރާތުން އޭނާއަށް މިލިބޭ އަޅާލުމާއި އޯގާތެރިކަމަކީ މީހެއްގެ ފަރާތުން މީހަކަށް ލިބޭނެ އެންމެ ބޮޑު އެހީތެރިކަމެވެ. ޝާއިންގެ ލޮލަށް ނުފެނުނު ކަމުގައި ވިއަސް އޭނާގެ ހިތާއި ސިނކުޑީގައި ވަނީ ނަވާގެ ސޫރަ ކުރެހިފައެވެ. ނަވާގެ އެރީތި ސިފަ އޭނާގެ ލޮލަށް ނުފެނުނު ކަމުގައި ވިއަސް ނަވާގެ އިހްސާސް އޭނާއަށް ކުރެވެއެވެ. ޝާއިންއަށް ކާންދީ ބަލަހައްޓަނީ ނަވާގެ މަސައްކަތުންނެވެ. ނަވާ ބުނާގޮތުން ވިއްޔާ ފިހާރައެއްގައި މަސައްކަތްކޮށްގެން ލިބޭ ލާރިކޮޅުން ހަމަޖެހިގެން އުޅެވެއެވެ
ކައިވެނި ކުރުމަށް ޝާއިން ނަވާގެ ކިބައިން އެތަށް ފަހަރަކު އެދުނެވެ. އެހެނަސް ނަވާގެ ޖަވާބަކަށް ވެފައި އޮންނަނީ ކަންކަން ރަގަޅުވެ ދިރިއުޅުން ހަމައަކަށް އެޅުމުން އެކަމާ ވިސްނާނީ ކަމުގައެވެ. އެއީވެސް ތެދެކެވެ. ކައިވެންޏެއް ކުރަންވާނީވެސް ހަމަޖެހިގެން ވަރަށް ވިސްނާފައެވެ. ކައިވެންޏެއް ނުކޮށް އެއްގެއެއްގައި ޝާއިންއާއި ނަވާ އުޅުނު ކަމުގައި ވީނަމަވެސް އިސްލާމީ ރިވެތި އަޚްލާޤު އެމީހުން ހިފަހައްޓައެވެ. ކައިވެނިން ބޭރުގައި ކުރުން މަނާ އެއްވެސް ކަމެއް އެދެކުދިން މިވީހައިތަނަށް ކޮށްފައެއް ނުވެއެވެ. ދެކުދިންނަކީވެސް ކިޔަވައިގެން ތިބި ތަޢުލީމީ ކުދިންކަމުން އެވަރު ވިސްނެއެވެ
” ދެން މިހެންނެއް ނުވާނެ.ލަސްނުވެ އާދެވޭތޯ ބަލާނަން” ލަހުން އާދެވުމުން ނަވާ ދެރަވީ ކަންނޭގެއެވެ. ނަވާއަކީ ކެތްގަދަ އަންހެން ކުއްޖެކެވެ. އެކަނިމާ އެކަނި އޭނާ ޝާއިން ބަލަމުން އެގެންދަނީ އެއްވެސް ކަމެއް އުނިނުކޮށެވެ. ދެ އާއިލާގެ ނުރުހުންތެރި ކަމުގެ ޝިކާރައަކަށް އެމީހުންގެ ލޯބި ވިޔަ ނުދީ ނަވާ އެ ލޯތްބަށް ރައްކާތެރިވެއެވެ. މިއީ ކޮންފަދަ ހަޤީޤީ ލޯތްބެއް ހެއްޔެވެ؟ ދުނިޔޭގެ އެދުންތަކާ ދެކޮޅަށް ލޯބި އިސްކޮށް ނަވާއާއި ޝާއިން އުޅެމުން ދަނީ އުފަލުގައެވެ
ޖެހިގެން އައި ހަފްތާގެ ބުދަ ވިލޭރެއެވެ. ލަޔާލްއާއި އޭނާގެ ޓީމް ތިބީ ވަރަށް ތައްޔާރުވެގެންނެވެ. މިއީ ހަމަގައިމުވެސް ޒާހިރުގެ ރެއެވެ. މިހާރު އެލިސްޓުގައިވާ ގޮތުން ހުރީ ޒާހިރު އެކަންޏެވެ. ލަޔާލްއާއި ލަޔާލްގެ ޓީމް އިރުއޮއްސުމާއި އެކު ޒާހިރުގެ ގެ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއެވެ. ޒާހިރުގެ ގެއަކީވެސް މީހުންއުޅޭ ހިސާބާއި ދުރުގައި ހުންނަ ގެއެކެވެ. މީހުން އެހިސާބުގަނޑުގައި އާބާދުވާން ފަށާފައިވި ނަމަވެސް އަލަށް އަޅާފައި ހުރި ގެތަކުން މީހުން އުޅެނީ ދެތިން ގެއެއްގައެވެ. ވަށައިގެން އޮތީ ވަލެވެ. އެހިސާބުގަނޑަކީ މަދު މީސްކޮޅެއް ދިރިއުޅޭ ސަރަހައްދެއްކަމުން ވެރިވެފައިވަނީ ފަޅުކަމެވެ. ވަލެތެރޭގެ ގަސްގަސް ބުޑަށް ވަދެ ފިލައިގެން ލަޔާލްގެ ޓީމްގެ މެމްބަރުން ތިބީ ގެ ވަށައިގެން ފެންނާނެ ހެންނެވެ
” އަހަރެން ވަރަށް ބިރުގަނޭ އިރުއޮއްސި އަނދިރި ވުމަށްފަހު ވަލަށް ވަދެ އުޅެން..ދުވަހަކުވެސް ކުރިކަމެއް ނޫން..އެކަމަކު ކީއްކުރާނީ..ކުއްވެރިން އަތުލަން ކުރަން ނުޖެހޭ ކަމެއްވެސް ނޯވޭ ވިއްޔަ” ޒުހުރީ ހުރީ ވަލުތެރެއަށް ވަންނަން ޖެހުމުން ބިރުގަތްފައެވެ. ” ދެން މިރޭ އެކަންޏޭ..މިރޭ ނިމުނީމަ ނިމުނީ..އިރާދަ ކުރެއްވިއްޔާ މިރޭ އަތުލައިގަނެ ވޭނެ” ޒުހުރީއާއި އެކު އިން ރާޝިދު ބުނެލިއެވެ. ލަޔާލް އިނީ އޭނާގެ އިތުރު އޮފިސަރަކާއި އެކުއެވެ. އަދި އެނޫނަސް އެހެން އޮފިސަރުންވެސް މި މިޝަންގައި ހަރަކާތްތެރިވުމަށް އެކި ޕޮޒިޝަންތަކުގައި ބޭތިއްބިފައި ވެއެވެ. ” ހުޝިޔާރުވެގެން ތިބެއްޗޭ! މިރޭ ހަމަ ގައިމުވެސް އެމީހަކަށް ސަލާމަތެއް ނުވެވޭނެ..ގެއާއި ކައިރި ވެލިއަސް އަހަރެމެންނަށް ފެންނާނެ.” ލަޔާލް ވާހަކަ ދެއްކީ ފޯނުނެވެ. ހުރިހާ އޮފިސަރުންވެސް ތިބީ ހެޑްސެޓް ޖަހައިގެން ކޮންފަރެންސް ކޯލެއްގައި ލަޔާލްއާއި އެކުއެވެ. އެމީހުން އެގޮތުގައި ތިބޭތާ ވަރަށް ގިނައިރު ވެއްޖެވެ. ” މިހާރު ނިދިވެސް އެބަ އާދޭ” ޒުހުރީ އިނީ ނިދިއައިސްފައެވެ
ގަޑިން މެންދަމު ބާރަ ޖަހައިފިއެވެ. ” ދެން މާގިނައިރެއް ނުވާނެ…ތައްޔާރުވެގެން ތިބޭ” ލަޔާލް އޭނާގެ ޓީމުގެ މެމްބަރުންނަށް އެންގިއެވެ. އެންމެންވެސް ތައްޔާރުވެގެން ތިބީ އެ ނުބައި ޤާތިލް އަތުލުމަށެވެ. މިރޭ އެ ނުރައްކާތެރި ޤާތިލާއެކު ޒާހިރުވެސް ހައްޔަރު ކުރެވޭނެއެވެ. މީހުން މެރުމުގެ ކުށުގައި ޤާތިލަށް ނިޔާ އިއްވޭއިރު އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލިކަމުގެ ތުހުމަތުގައި ޒާހިރުއަށް ނިޔާ އިއްވޭނެއެވެ. ޓީމުގެ މެންބަރުން އެމީހުންގެ ލޯތައް އަމާޒު ކޮށްގެން ތިބީ ގެއާއި ދިމާއަށެވެ. ކުއްލިއަކަށް އެންމެންގެ ނޭފަތުގައި ޖެހުނީ ދުމުގެ ވަހެވެ. ” ދުން ވަސް..އެއީ ކޮންތާކުން އަންނަވަހެއް..އަނެއްކާ ތަނެއްގައި ރޯކޮށްލީބާ؟” ލަޔާލްއަށް ބުނެލެވުނެވެ. އެންމެން އެއްފަހަރާހެން މަތި ބަލައިލިއެވެ. އޭރު އެހިސާބަށް އަންނަ ދުންތަކެއް އެންމެނަށްވެސް ފެނުނެވެ. މިއީ ޤާތިލްގެ ވަރަށް ހުޝިޔާރު ޢަމަލެކެވެ. އެމީހުންގެ ސަމާލުކަން ނަގާލުމަށް ޤާތިލް ފަތުރާލި ދަލުގައި ލަޔާލް ކަހަލަ ވިސްނުންތެރި އޮފިސަރަކު ނުޖެހޭނެކަން ޔަޤީނެވެ. ” ރާޝިދު..އަހަރެންގެ އަޑު އިވޭތަ؟ އާދޭ އަހަންނާއެކު މަޑުމަޑުން ދުންގަނޑު އަންނަ ދިމާއަށް…އެހެން އޮފިސަރުން އެމީހެއްގެ ޕޮޒިޝަންގައި ތިބޭތި!” ލަޔާލް އޭނާއާއި އެކު ދިޔުމަށް ރާޝިދަށް އެންގިއެވެ. ރާޝިދު ލަޔާލް ހުރި ދިމާއަށް ދިއައެވެ. އޭރު ޒުހުރީ އެތަނުގައި އެކަނި އިންނަން ނުކެރިގެން އުޅެއެވެ.
ލަޔާލްއާއި ރާޝިދު އެއްހަމައެއްގައި ދުންގަނޑު އަންނަ ދިމާއަށް މަޑުމަޑުން ދާންފެށިއެވެ. ކުއްލިއަކަށް އެމީހުންގެ ލޮލުގައި އަޅައިގަތީ ވަލުތެރޭ ހެދިފައި ހުރި ބޮޑު ކާނިގަހެއްގެ ދޮށުގައި ތިބި ދެ މީހެކެވެ. ވަގުތުން އެހެން އޮފިސަރުން އެތަނަށް އައުމަށް ލަޔާލް އެންގިއެވެ. އެއީ އެމީހުން އެހޯދާ ކުށްވެރިންކަން ލަޔާލްއަށް ޔަޤީންވުމުންނެވެ. އިސާހިތަކު ޓީމްގެ މެމްބަރުން ލަޔާލްމެން ތިބި ތަނަށް ޖަމާވެއްޖެއެވެ. މަޑުމަޑުން އެންމެން އެމީހުން ވަށައިގެން ވާ ގޮތަކަށް ގަސްތަކުގެ ނިވަލުގައި އެތުރިލިއެވެ. އެމީހުން ސަލާމަތްވެގެން ދާނެ އެއްވެސް ކޮޅެއް ނޯއްނާނެ ގޮތަށެވެ. އެންމެންވެސް ތިބީ މިކުށްވެރިން އަތުލައިގަނެވޭނެ އިރެއްގެ އިންތިޒާރުގައެވެ
” އެންމެން އެއްފަހަރާ އެމީހުން ތިބި ދިމާއަށް ދުއްވައިގަނޭ…ސަމާލުވާތި!” ލަޔާލް އޭނާގެ ޓީމްގެ މެމްބަރުންނަށް އެންގިއެވެ. ހުރީހާ އެންމެން އެއްފަހަރާ އެދިމާއަށް ނުކުމެ އެމީހުން ވަށާލިއެވެ. ބޮޑު އަލިފާންގަނޑެއް ރޯކޮށްގެން އެމީހުން ތިބީ ކޮންމެވެސް ކަމެއް ކުރާށެވެ. އެކެއްގެ އަތުގައި ކަޅު ބުޅަލެއް އޮތެވެ.އެތާ ބެހެއްޓިފައިވަނީ ފަންޑިތަވެރިކަމަށް ބޭނުންކުރާ އާލާތްތަކާއި ފޮތްތަކެވެ. އަލިފާންގަނޑަށް ކިޔަވަން އިންމީހަކީ މުސްކުޅިފުރާގެ މީހެކެވެ. ދެން އިނީ ޒުވާން ފިރެހެނެކެވެ. ލަޔާލްއާއި އޭނާގެ ޓީމުގެ ކުއްލި ޢަމަލުން މި މީހުންނަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އެއްޗަކާއި އެއްޗެއް ދޫކޮށް ދުއްވައިގަތުމަށް އެމީހުން އުޅުނެވެ. އަލިފާންގަނޑުގެ ކައިރީ އިން މުސްކުޅި މީހާގެ އަތުގައި އޮތް ކަޅު ބުޅާވެސް ދުވެފައި ދިޔައީ އެމީހާއަށް ލިބުނު ސިހުމުން އެއެތި އަތުން ދޫވުމުންނެވެ. އެހެނަސް ޓީމުގެ މެމްބަރުން އެއަށްވުރެ މާ ހުޝިޔާރެވެ. އެމީހުންނަށް ގޮތް ހުސްވިއެވެ. ހެދޭނެ އިތުރުގޮތެއް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ.” ތިއީ ކޮންތާކުން އައިސް އުޅޭ ކޮންބައެއް؟” ލަޔާލް ރުޅިވެރިކަމާއެކު އެމީހުންނާއި ސުވާލުކުރިއެވެ.(ނުނިމޭ
4 Comments!
Comments are closed.
varah salhi
f**k… Bastared…
v v v salhi… avaha 9vana part up kohdhy bala plxplx plx …………………..
v bodah shukuriyyaa kiyuntherin…9 vana bayah kuda kuda inthizareh kohlahvaa….