އިރުގެ އަލްވަދާއުއާއިއެކު އުދަރެސް ރަތްކުރަމުން ދިޔަ ކުލަތަކަށް ބަލަހައްޓައިގެން އަލްހާން ހުރީ އޭނަގެ މޭޒުގެ ފަހަތަށްވާގޮތަށްވާ ބިއްލޫރި ބިތުގެ ކައިރީގައެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން އިރުއަރާ އޮއްސިގެންދިޔަސް ވަގުތު ދިރިއުޅުމުގެ ހާލަތަށް ބަދަލެއް ގެނުވައިފިއެވެ. ގުޅުންތައް ހީނަރުކޮށް ދިރިއުޅުމަށް ހަނަފަސްކަމެއް ގެނުވައިފިއެވެ. އަމާންއޮމާންކަމާއިއެކު ކުރިއަށް ދިޔަ ހަޔާތަށް ބިޔަ ރާޅެއް ބިންދާލީއެވެ. މަންޒިލާއި ގާތްވަމުންދަނިކޮށް ރާސްތާ އަޑިގުޑަންވީއެވެ.
މަޑުންމަޑުން އަނދިރިކަމުގެ ތެރެއަށް ގެއްލެމުންދިޔަ އިމާރާތްތަކުން ނަޒަރު ވަކިކޮށްލަމުން އަލްހާން އަނެއްފަރާތަށް އެނބުރިލިއެވެ. މޭޒުގެ ކުރިމައްޗަށް ބަހައްޓާފައި ހުރި ބޮޑު ސޯފާގައި އިޝާރު އިށީދެލައިގެން އިންއިރު އައްމާރު ފޯނެއްގައި ހުރެގެން ދެފަރާތަކަށް ހިނގަމުންދިޔައެވެ.
“ކިހިނެތް ތިހެދީ… އެމީހުން ދޫކޮށްލީމައޯ…” އައްމާރު ފޯނު ކަންފަތާއި ދުރުކޮށްލުމާއިއެކު އިޝާރު ވާހަކަދެއްކިއެވެ. އޭނަ އިނީ އައްމާރުގެ ވާހަކައަށް ފުރިހަމައަށް ސަމާލުކަން ދީގެންނެވެ. މެދުތެރެއިން މަޔާންގެ ނަން އިވިފައި އޭނަގެ އިވުމުގެ ހިއްސު ވަކީން ތޫނުވިއެވެ.
“އަމިއްލަ ނާޤާބިލްކަމުން އެމީހުން ހައްޔަރުވީ… އެވަރުންވެސް ސަލާމަތްކުރަން ތެޅިގަންނަންވީ… ބެދޭތާ އަދި ހައްތަހާބޮޑަށް ބެދޭނީ… އެބީތާތަކަށް އަންހެނަކުވެސް މަރާނުލެވުނު… ބަސްޓާރޑްސް…” އައްމާރު ހުރީ ރުޅިމައިތިރިނުކުރެވިފައެވެ. މާހިލްގެ ސަބަބުން އޭނައަށް މިކަމުން ބޯދަމައިގަނެވުމުގެ ފުރުސަތު ހައްތަހާ ހަނިވީއެވެ. ނަަމަވެސް އޭނަގެ ރުޅިގަދަކަމުގެ އަސްލަކީ މާހިލްއެއްނޫނެވެ. ހައިޒަލްއެވެ. ހައިޒަލްގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަން އޭނަގެ ލޭނާރުތައް ހޫނުކުރަން ފަށައިފިއެވެ. ދުވަހުން ދުވަހަކަށް ހައިޒަލް ކުޅިބައިގެ އިތުރު ފިޔަވަޅަކަށް ކުރިއަށް ޖެހިލަނީއެވެ. އެއީ އޭނައަށް ހަޖަމުކުރެވޭކަމެއްނޫނެވެ.
“އެކަމަކު އޭރުން… މާހިލްއަކީ އައްމާރުގެ ހުރިހާ ސިއްރެއްހެން އިނގޭ ފަރާތް… މާހިލް އަނގަހުޅުވައިފިއްޔާ…” އިޝާރު ހާސްވިއެވެ. އިޔާނާއާއި ދެކުދިންގެ ކުރިމަތީ އޭނަގެ އަނދިރިފަރާތް ކަސްފުވާކަށް އިޝާރު ނޭދެއެވެ. އޭނަ އެންމެ ބޮޑަށް ކަންބޮޑުވާކަމަކީ އެއީއެވެ.
“އޭރުން ވާނެގޮތް އޭނައަށް އޮޅިފައެއް ނޯންނާނެ… މިހުރިހާކަމެއްވެސްވަނީ އެ ހައިޒަލަކާއި ހެދި… އަލްހާން ކަލޭ މޭގައި އަތްޖަހާލައިފައި ބުނާނެ ތިމަންނަގެ ދަރިއަކަށް ހަދައިގެން ބޮޑުކޮށްފައިހުރި ދަރިއެކޭ… ކިހާ ރަނގަޅަށް ބެލުނީމަ ކަލޭގެ ބަސްނުވިކެނީ… ދެވަނަ އަޒްހާންއެއް އުފަންވާންޖެހުނީ ކަލޭގެ ސަބަބުން އަލްހާން….. އޭނަ މަރާލަން ކަލޭ ބޭނުންނުވީމަ… ދަރިއެއްހެން ބަލާބޮޑުކުރީމަ ކިހާ ތާހިރުވައްތަރަކަށް އެއުޅެނީ… އިޝާރުގެ ޝަލީންއާއި ކައިވެނިކޮށްގެން އެ ޔަތީމުކުއްޖާގަނޑުވެސް ގޮވައިގެން… ކަލޭ ދެނެވެސްނުހުރިންދޯ…” އެވަގުތު އަލްހާންއާއި ދިމާލަށް ބަލާލެވުނުގޮތުން އައްމާރު މޫނުމަތީވީ ހިނިތުންފިލައި މޫނުމައްޗަށް ރުޅިވެރިކަން ގަދަވެގަތެވެ. އަލްހާންދެކެ ހިތްހަމަނުޖެހިފައި ހުރި އައްމާރު ވަގުތުން ފަަށައިގަތެވެ. ހައިޒަލްގެ ފުރާނަދުއްވާލަން އަލްހާން އެއްބަސްނުވުމަކީ އޭނައަށް ޤަބޫލުކުރެވޭކަމެއްނޫނެވެ. އަލްހާން އޭނަ އެޅިހާ ބަތަކަށް ރިހަވެގެން ހުރެފައި އަމިއްލަ ކޮޅު ގަދަކުރަންފަށައިފިއެވެ.
“ޔަގީންތަ އަޒްހާންއާއި ހައިލާއާއި މަރާލެވުނުކަން… އެއްބަޔަށް މަސައްކަތްކުރާ މީހެއްނު… ނޭނގެ މާދަން ތަނަކުން ނިކުމެގެން އަޒްހާން ނާންނާނޭކަމެއް.. ކަލޭގެ މަސައްކަތް ކާމިޔާބުނުކުރެވުނީތީ ހައިޒަލް ދުނިޔޭގައި އެހުރީ… މިހުރިހާދުވަހު އަހަރެން އަޅާނުލާހުރީ އޭނަގެ ސިކުނޑި ފަސާދަކޮށް އަހަރެމެންނާއި އެއްކޮޅަށް އަނބުރާލާނޭކަމަށް ޔަގީންކޮށްގެން… އެކަމަކު ދެނެއް ކަލެ އަކަށް އިތުބާރެއްނުކުރާނަން… އަހަރެން ނުރައްކަލާއި ދިމާލަށް ދާވަރަށް ހައިޒަލްގެ ކަރަށް މަޅިގަނޑު ވާންވާނެ…” އައްމާރު އިންޒާރުކުރިއެވެ.
“އައްމާރު ރުޅިގަދަނުވެބަލަ… ތިހެންއުޅެގެން އަތުން ފައިން ގޯސްހެދޭނީ… އަލްހާން ސަބަބަކާއިނުލާ ދެކޮޅު ހަދާނެހެން އައްމާރަށް ހީވަނީތަ؟ އެހެންނޫނަސް އެގޮތަށް ކަންތައްކޮށްގެން އެމީހުންނަށް އެހީއެއްނޫންތަ އެވެވެނީ…” އެދެމެދުގައި ދެބަސްވުމެއް ހިނގުމުގެ ކުރިން އިޝާރު އެދެމެދަށް ވަނެވެ. އައްމާރު ހަމަޖައްސަން ވާހަކަދެއްކިއެވެ.
“އަހަރެން ހައިޒަލްގެ ފުރާނައާއިމެދު ވިސްނަނީ އަޒްހާންގެ ދެކެ ނުވި ލޯބި އޭނަދެކެ ވެގެންނޭ އައްމާރުއަށް ހީވަނީ ކީއްވެގެންތަ؟ ތިސިކުނޑިއަށް ތަންކޮޅެއްބާރުލާފައި ވިސްނާލަބަލަ… އަޒްހާން މަރުވުމުގެ ކުރިން ލިޔެފައިވާ ވަސިއްޔަތްވެސް ފެނުނީ އައްމާރަކަށްނޫންތަ؟ އަހަންނަށް މިވިޔަފާރި މިވަރަށްވެސް މިލްކުވެފައި މިވަނީ އަށާރަ އަހަރުވަންދެން ހައިޒަލް ބެލީތީ… މި ވިޔަފާރީގެ ހިއްސާދާރަކީ އަދި ވާރުތަވެރިޔައަކީ ހައިޒަލްއަށް… އަހަންނަށް ލިބުނު ސާޅީސް ޕަރސެންޓަކީ ކުޑަމިންވަރެއް… ހައިޒަލް ނެތިގެންގޮސްފިނަމަ ބާކީ 60 ޕަސެންޓްގައި އަހަރެމެންނަކަށް އަތެއްނުލެވޭނެ… ހައިޒަލް ނެތްނަމަ އެބައި ލިބޭނީ އަމިއްލަ ފަރާތްތަކަކަށް އެހީވާ ޖަމިއްޔާއަކަށް… އަހަރެންގެ މުށުގެ ތެރޭ ހައިޒަލް ބެހެއްޓުމަށް މިވީހާތަނަށްވެސް އަހަރެން މަސައްކަތްކުރީ އަހަރެން ކަޅި އަޅަމުންދިޔަ މުދާ އެހެން ފަރާތަކަށް ދީލައިލާފާނެއަތީ… މަންޒިލާއި މިހާގާތަށް އައިސްފައި އަމިއްލަ އަތުން ގޯސްހަދާ އަތްދޮވެލާނީ ހަމަ މޮޔައެއް…” އަލްހާންގެ ވާހަކައިގެ ރާގު ބަދަލުވަމުންދިޔައެވެ.
އޭރު ހައިޒަލް ހުރީ ކެބިންގެ ދޮރުގައި ހިފާލިގޮތަށް ހުއްޓުންއަރާފައެވެ. އޭނަ މިތަނަށް މިއައީ އަލްހާންގެ ކަޅު ސިއްރުފާޅުވެގެންދާނެކަމަކަށްނޫނެވެ. ހަޤީގަތާއި އޭނަ ދެކޮޅު ހަދަން ހުރިނަމަވެސް އޭނައަށް އެކަން އިނގެން ހުރީތީ ސަބަބެއް މެދުވެރިކުރެއްވީއެވެ. އެއިން ކޮންމެ ލަފްޒަކުން އޭނަގެ ދުނިޔެ ކުދިކުދިކޮށް ދިރިއުޅުމަށް ޒަލްޒަލާއެއް ގެނެސްފިއެވެ. ހައިޒަލްގެ ދެފައިކޮޅުން ވަރުދޫވެދާނެހެން ހީވެގެން ކެބިންގެ ދޮރުފަތުގައި އަތްވިއްދާލެވުނެވެ. އޭރު ހިތަށް ކުރި އަސަރާއި ލިބުނު ސިހުން ހަށިގަނޑަށް ނަގައިނެގަނެވި ސިކުނޑި އައްސިވެފައިވިއެވެ. އެ ބަސްތަކުން ސިކުނޑީގެ ހިނގުން މަޑުޖައްސާލާ އޭނަ ހަށިގަނޑު ހިލައިގެ ބުދަކަށް ހަދާލައިފައިވާފަދައެވެ. އޭރު އެ ކަޅުލޮލުގެ ތެރޭގައި ކަރުނަތައް ހިފަހެއްޓިފައިވިއެވެ.
އިތުރަށް އަޑުއަހަން ހުންނަން ކެތްނުވެގެން ގައިގައި ހުރި ބާރެއްލައިފައި ދޮރު އެތެރެއަށް ކޮއްޕާލިގޮތަށް ހައިޒަލް ކެބިންގެ ތެރެއަށް ވަދެގަތެވެ. ބާރަށް ދޮރު ޖެހިގެންދިޔަ އަޑާއިއެކު އަލްހާން ދޮރަށް ފަސްދީގެން އިންނަވާފައިވެސް ސިހިފައި ކަހަލަގޮތަކަށް ފަހަތަށް ބައްލަވާލެއްވިލިއެވެ. އެއާއިއެކު ވަގުތުން ގޮނޑިން ތެދުވެވުނުއިރު ފެނުނު މަންޒަރުން ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ފިނިވެގެންދިޔައެވެ. ޖެހިލުންވެ ހިންދިރުވާލެވުނެވެ. ލޮލުގައިވީ ކަރުނަތައް ގިނަވަމުންދިޔައިރު މަޑުމަޑުން އެ މޫނުމަތީވީ ކުލަވަރު ބަދަލުވަމުންގޮސް ލޮލުގައިވީ ފިއްސާލާފަދަ ރުޅިވެރިކަމެވެ. އެ ރުޅިވެރިކަމަށްނިވާ އަޅަނީ ހިތާމައެވެ.
“ކީއްވެ…” ހައިޒަލް މިހާތަނަށްވެސް ވަންހަނާކުރަމުން އައި ހިތާމަ އެއަޑުން ފާޅުވިއެވެ. ހިތާމައިގެ ސަބަބުން އެއަޑު އިތުރަށް ބަރުވެފައިވިއެވެ.
“ކީއްވެ… ކީއްވެހޭ…” އަލްހާންއަށް ބަހެއްނުބުނެވެނީސް ހައިޒަލްގެ ބާރު ހަޅޭކުގެ އަޑު ކެބިންގެ ތެރޭ ހިފާލިއެވެ.
“ދަރިފުޅާ…” އަލްހާން ކުރިއަށް ފިޔަވަޅެއް އެޅުއްވިގޮތަށް ހައިޒަލްގެ އަތުގައި ހިފަހައްޓާލައްވަން އުޅުނެވެ. އެއާއިއެކު ހައިޒަލް ދެފަރާތަކަށް ބޯހޫރާލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.
“ދަރިފުޅު… ކޮން ހައިސިއްޔަތަކުން މިއަދު ދަރިފުޅޭ ކިޔާފައި ތިގޮވަނީ… މަރުހޫމް ކޮއްކޮގެ ދަރިފުޅަށްވީމަތަ… ނޫނީ ބާކީއޮތް ފަސްދޮޅަސް އިންސައްތަ ހިއްސާގެ ވެރިޔަކީ އަހަންނަށްވާތީތަ؟” ހައިޒަލްގެ އަޑުގައިވީ ހިތާމައިގެ އަސަރުގެ މައްޗަށް ރުޅިވެރިކަން ގަދަވިއެވެ. އެ ހަރުކަށި ބަސްތަށް އިވި އަލްހާންއަށް ލޯތަގުޅިކޮށްލެވުނެވެ. އޭރު ހައިޒަލްގެ އަތްމުށްކެވި ހަށިގަނޑަށް ބާރެއް އަރާފައިވިއެވެ. ލޯ ހަނިކޮށްލެވިފައިވާއިރު ރުޅިންގޮސް ލޯވަނީ ރަތްވެފައެވެ.
“އަމިއްލަ އުފަލާއި މުއްސަނދިކަމުގެ ބޭނުމުގައި ކުށެއްނެތް ދެފުރާނަ ދުނިޔެއާއި ވަކިކޮށް ތުއްތު ކުއްޖަކު ޔަތީމުކޮށްލީ… ލޯބިން އުޅެމުން އައި އާއިލާއަކަށް ޒަހަރު ލީ… ދެމަފިރިއެއްގެ ލޮލުގެ ނޫރުކަމުގައިވީ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލީ.. މިއަދު ފަހުރުވެރިވެފައި އެވާހަކަ ދައްކާއިރު އަމިއްލަ އަތުން މަރާލެވުނީ އަމިއްލަ ލޭ ހިނގާ ކޮއްކޮއޭ ހިތަށް އަރާތަ؟ ތިހިތަށް އެއްޗެކޭ އަރާތަ؟ އާއިލާއެއް ހަލާކުކޮށްލުމަށްފަހު އަމިއްލަ އުފަލޭ ކިޔާ އަނގަހުޅުވަން އޮތީ ކޮން ހައްޤެއް… ” ބިއްލޫރިކޮޅެއްފަދައިން ހިތް ކުދިކުދިވެ އެތަށް އެތިކޮޅުތަކަކަށްވަމުންދިޔައިރުވެސް ހައިޒަލް މިއަދު އެންމެ ކަރުނަތިއްކެއްވެސް އޮހޮރުވައެއްނުލިއެވެ. އަނިޔާވެރިންނަށް އޭނަގެ ކަރުނަ ހައްޤެއްނުވެއެވެ. މައިންބަފައިންގެ ޤާތިލުންގެ ކުރިމަތީ އޭނަ އެންމެ ކަރުނަތިއްކެއްވެސް ވައްޓައެއްނުލާނެއެވެ.
“މިއަދާއި ހަމަޔަށްވެސް ދަރިއެއްފަދައިން އަހަރެން ބަލާބޮޑުކުރީ އަހަރެންދެކެ ލޯބިވާތީކީނޫން… އަމިއްލަ އެދުމެއް އޮވެގެން… އަހަންނަކީ މުދާގަނޑެއްކަމަށް ދެކިގެން… އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކުރީ.. ނުފޫޒާއި ބާރު އަހަރެންގެ ފިއްތާ ޖިސްމާއި ހަށިގަނޑު ހަފުސްކުރީ… އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލިއިރު އަހަންނާއި މެދު ވިސްނާނުލި… އަމިއްލަ ލޭގެ އަގުވަޒަން ނުކުރެވުނު މީހަކަށް އެހެން މީހެއްގެ ހިތާމަ ވަޒަނެއްނުކުރެވޭނެ… އުފަލާއި ފުރާނައިގެ އަގު ތިފަދަ މީހަކަށް އަންދާޒާއެއް ނުކުރެވޭނެ… އަންދާޒާކުރެވޭނީ ކިހިނެތް އިންސާނެއްގެ ފުރާނައަކީ ތިކަހަލަ މީހެއްގެ ކުރިމަތީ އަގެއް އޮތް އެއްޗެއްނޫން….” ހައިޒަލްގެ ކޮންމެ ޖުމްލައެއް އަލްހާން އިސްއޮބާލަން މަޖުބޫރުކުރުވިއެވެ. އޭނަގެ ހަށިގަނޑުގެ ނުތާހިރުކަން ހައިޒަލް އަންގައިދިނީއެވެ.
“ހަޤީގަތް އިނގިހުރެ މިއަދާއި ހަމަޔަށްވެސް އަހަރެން އެކަން ދޮގުކުރީން… އެއީ ދޮގެއްކަމަށް އަހަރެން އަމިއްލަ ނަފްސަށްވެސް ވިސްނައިދިނިން… އަހަރެން ބަލާބޮޑިކުރި ބައްޕަ އެހާ އަމިއްލަ އެދުން ބޮޑުނުވާނޭކަމަށް…. އެހާ އަނިޔާވެރިނުވާނޭކަމަށް އަހަރެންގެ އަހަރެންގެ ނަފްސުވެސް އަހަންނަށް ވިސްނައިދިނީ… ކީއްވެ އަހަންނަށް ނޭނގުނީ… އަންހެންކުއްޖެއްގެ ފުރާނައިން އަމިއްލަ ދަރިއެއް ގޮތަށް ގެންގުޅުނު މީހަކަށް ބިރުދައްކަން ފަސްނުޖެހުނުއިރު މީހެއްގެ ފުރާނައިން އަތްދޮވެލަންވެސް ފަސްނުޖެހޭނޭކަން… އަހަރެން މިހުރިހާ ދުވަހަކު އެންމެ މާތްކޮށްގެން ގެންގުޅުނުމީހާގެ ނުބައިކަން މިއަދު އިނގި ހާމަވެއްޖެ… މިހުރިހާ ދުވަހު ބައްޕަ ކިޔައިގެން މިއުޅެނީ އުފަން ބައްޕަގެ ގާތިލަށް…. އެ ނުބައި މީހާ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށް ހަފުސްކުރީ ނަސްލު އޮޅުވާލީ… އަހަރެންގެ ކަރުނަތަކުން އުފާ ހޯދީ… އެހުރިހާކަމަކަށް އަހަރެން މައާފުކޮށްފާނަން… އެކަމު އަހަރެންގެ މައިންބަފައިންގެ މަރު… އަހަރެން މަރުވެގެންދިޔަސް މައާފެއްނުކުރާނަން… އަހަރެންގެ ދިރިއުޅުން އޮޅުންބޮޅުކޮށް މިހާ މަޖުބޫރީކުރީތީ އަހަރެން އެކަމަކު ބަދަލު މުޅިއުމުރަށްވެސް ހިފާނަން… މަންމައާއި ބައްޕަގެ މަރު… އަަހަރެންގެ އަމިއްލަ އަތުން އެކަމުގެ ހައްޤު ޖަޒާ ދޭނަން… ތިއީ ގާތިލެއް….” ހައިޒަލް ކަރުފަޅައިގެންދާހާ ބާރަަށް ހަޅޭލަވައިގަތެވެ. އޭރު ރަތްވެފައި ލޮލުގެ ތެރޭގައި ކަރުނައިގެ ކޯދު ހެދިފައިވެއެވެ. ބުމަ ގާތްވެފައިވާއިރު ހަނިކޮށްލައިފައިވާ ދެލޮލުން ދިލަކަނި ބުރަމުންދާފަދައެވެ.
“ނުހައްޤުން ހޯދައިގަތް މުއްސަނދިކަމަކީ ތިއަރުތެރޭ ލައްވާލި ޒަހަރަކަށް އަހަރެން ހަނދާނަން… މިއީ ތިފަދަ މީހަކަށް ހައްޤު މަޤާމެއްނޫން… މިއީ އަޒްހާންގެ އަތުން ފޭރިގަތް އޭނަގެ ހައްޤު… އަހަރެން މިހުރިހާކަމެއް އަނބުރާ ހޯދާނަން… އަހަރެންގެ ދިރިއުޅުމަށް ބާރު ހިންގުން މިހިސާބުން ނިމުނީ…. އަމިއްލަ ނިމުން ދެލޮލުން ދެކެން ތައްޔާރުވޭ… އަހަރެންގެ ބައްޕައާއި ދިމާލަށް ނުނިޔަތަކުން ބަލާލިމީހަކުވެސް އަހަރެން ދުލެއްނުކުރާނަން… މިއީ އަޒްހާންގެ ދުވަސް… ޤާތިލުންނަށް އަހަރެން ހައްޤު އަދަބުދޭނަން… ބައްޕައަށް އިންސާފު ހޯދައިދޭނަން…” ހައިޒަލް އަޒްހާންއާއި ހަތަރުކަޅިހަމަކޮށްލައިގެން ހުރެ އެ ބަސްތައް އިއްވާލިއިރު އެއަޑުގައިވީ އަސަރަކުންނާއި ސާބިތުކަމުން އަލްހާންގެ އެތެރެހަށީ ރޫރޫއެޅިއެވެ. އެލޮލުން އަލްހާންގެ މައްޗަށް ފެނުނު ލޯބީގެ ބަދަލުގައި މިއަދު ގަދަވެގަނެފައިވަނީ ރުޅިވެރިކަމެވެ. ނަފްރަތެވެ. ބަދަލު ހިފުމުގެ ރޫހުން ހައިޒަލްގެ މުޅި ހަށިގަނޑު ކަޅިކޮށްފައިވެއެވެ.
އިރުކޮޅެއްވާންދެން އެެލޮލުން ބުރަމުންދިޔަ ކަނިތައް އަލްހާންއަށް އަމާޒުކޮށްލައިގެން ހުރުމަށްފަހު ހައިޒަލް ފަހަތަށް ޖެހެންފެށިއެވެ. ހިމޭންކަމާއި ގުޑުމެއް ނުގެނެވިފައި ތިބި އައްމާރުއާއި އިޝާރު މިވަގުތު އެލޮލަށް ޣައިބުވެފައިވާފަދައެވެ. އޭނައަށް ފެންނަމުންދިޔައީ އޭނަގެ މަރުހޫމް ބައްޕަގެ ހަޤީޤީ ގާތިލް އަލްހާނެވެ.
ހައިޒަލް ނިކުމެގެންދަމުން މޭޒުމަތީގައިވާހާ ސަމާނުތަކެއްގައި އަތުން ޖަހާލައި ދުރަށް ވިއްސާލިއެވެ. ނަންބަރ ޕްލެޓް ކުދިކުދިވެ އަލްހާންގެ ނަން ފެނުނީ އަކުރުތަކެއްގެ ގޮތުގައެވެ. އަލްހާންގެ މަޤާމަކީ އެއީއެވެ. ނުހައްޤުން އަޒްހާންގެ މުދަލަށް ވެރިވެގަނެގެން އަލްހާން ލައްކަދުވަހު އުޅެފިއެވެ. އޭނަ އެކަމަށް ނިމުމެއްގެންނާނެވެ.
މިހުރިހާ ދުވަހު އޭނަދެކެ ލޯބިވެގެން އޭނައަށް ހެޔޮއެދިގެން އުޅުނު ހުރިހާ ފަރާތްތަކަކީ އެދުމުގެ ފަހަތުން އުޅުނު ބައެކެވެ. ނައިނާ ފިޔަވައެވެ. އަލްހާންވެސް އޭނަގެ ބޭނުންކުރީ މުދާވެރިކަން މިލްކުކުރަން ބޭނުންކުރި ހަތިޔާރެއްގެ ގޮތުގައެވެ. އަމިއްލަ އެދުން ހާސިލްކުރުމުގެ މަޤްސަދުގައި ލޯބިވާ މީހުންނާއި ވަކިކޮށް އޭނަގެ މުޅި ދިރިއުޅުން ހަލާކުކޮށްލީއެވެ. ނަަސްލު އޮޅުވާލީއެވެ. އޯގާތެރިވެދޭނެކަމަށް ހީކުރި އެދެއަތުން އޭނަގެ އަރުތެރޭ ލައްވާލީ ޒަހަރެވެ. އެ ޒަހަރުގެ ހިތިކަން ދުވަހަކު އަރުތެރެއިން ފިލައިގެންނުދާނެއެވެ.
*** *** *** *** *** **
އިރުއޮއްސުނުއިރު އުޑުމަތީ އޮތީ ބަނަކޮށެވެ. ވިލާތައް ޖަމާވަމުން އުޑުމަތީ ކަޅު ސާލެއް ފަތުރަމުންދިޔައެވެ. ބެލްކަންޏަށް ނިކުތްގޮތަށް ނައިނާ އުނޑުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ވިލާބޯވަމުންދިޔަ އުޑަށް ބަލަހައްޓައިގެން ހުރެފައި ވާރޭ ވެހޭނޭކަން ޔަގީންވާތީ އޭނަ އަވަސްވެގަތީ ހަރުގައި ހުރި އަންނައުނުތައް ނެގޭތޯއެވެ.
އަތްދަނޑިމައްޗަށް އަންނައުނުތައް އަޅައިގެން ހުރެ ނައިނާ ނައިނާ ކޮޓަރިއަށް ވަތްއިރު ހައިރާ އިނީ އެނދުމަތީގައި އިށީދެގެންނެވެެ. ރޫ ޖެހިފައިވާ ބެޑްޝީޓްގެ ރޫތައް ފިލުވާލުމަށް އަތްތިލަ ބެޑްޝީޓްމަތީ ކާއްތާލުމަށްފަހު ނައިނާގެ ހިޔަނިވުމާއިއެކު އިސްއުފުލާ ބަލާލިއެވެ. ކައިރިއަށް އަންނަން އިޝާރާތް ކޮށްލިއެވެ. އަތުގައި ހުރި އަންނައުނުތައް އެނދާއި ކައިރިއަށް ހުރި ގޮނޑިމައްޗަށް އަޅާލަމުން ނައިނާ އައިސް އެނދުމަތީ އިށީދެލިއެވެ. އެވަގުތު ހައިރާގެ ސަމާލުކަން ދަމައިގަތީ ނައިނާގެ ކަރުގައި ކަޅުވެފައިވާ އިން ތަންކޮޅަށެވެ. ހައިރާގެ އަތް އެދިމާލަށް ގެންދަން ފެށުމާއިއެކު ނައިނާ ހާސްވެފައި އިސްތަށިގަނޑުން ކަރުގައިވާ ލަކުނު ފޮރުވިއެވެ.
“ކިހިނެތްވެފަ؟ ތޫނު އެއްޗެއް އަޅުވާފައި އިން ތަނެއްތަ؟” ހައިރާ ސުވާލުކުރިއެވެ. ހިނދުކޮޅަކަށް އޭނަ ލޯމަތިން އެކަހަލަ އެހެން ޒަހަމެއް ފެނިލިއެވެ. “ނޫން… ހިރުވާތީ މާބާރަށް ކަހާލެވުނީމަ ހަން ގޮސްފައި…” ނައިނާ އަވަސްއަވަހަށް ވާހަކަދެއްކިގޮތުން ނައިނާ ކަމެއް ސިއްރުކުރަނީކަން ހައިރާއަށް ޔަގީންވިއެވެ.
“ދަރިފުޅު ދައްތައަށް އެއްވެސް ކަމެއް ސިއްރުނުކުރައްޗޭ… މިއަދު ނައިނާގެ މަންމަގެ މަޤާމުގައި ހުރި މީހަކީ މިއީ… ނައިނާއަށް ކަމެއްވެއްޖެއްޔާ އާނިޔާއަށް ދައްތަ ދައްކާނީ ކޮން މޫނެއް…” ނައިނާގެ އަތް ހައިރާގެ އަތުތެރެއަށް ލައިގެން އިނދެ ހައިރާ ދައްކަމުންދިޔަ ވާހަކައިން ނައިނާ އިސްޖަހާލިއެވެ.
“އަންގާނުލާ ކުއްލިއަކަށް ދަރިފުޅު ފުރައިގެންދިޔައިމަ ހިތްހަމަނުޖެހިފައި ދައްތަ މިހުރީ… އަންގާވެސް ނުލާ ދެން އެގޮތަށް ނުދައްޗޭ… ނައިނާއަށް ހީވީދޯ ދައްތަ މަނާކޮށްފާނެއޭ… ނައިނާ ބޭނުންކަމަކަށް ދައްތަ ހުރަހެއް ނާޅާނަން… އެކަމުގައި ނައިނާއަށް ގެއްލުމެއްނެތްހާ ހިނދަކު…” ހައިރާ ނައިނާގެ އަތްތިލައާއި އަތްވަކިކޮށްލަމުން އިސްތަށިގަނޑުގައި ފިރުމާލިއެވެ. މިއީ އޭނައަށް ދައްތައެއްފަދައިން ދެކުނު އާނިޔާގެ ހަމައެކަނި ނިޝާނެވެ. ނައިނާއާއިމެދު އޭނަ އަބަދުވެސް ދެކެނީ ދަރިއެއްގެ ގޮތުގައެވެ. ނައިނާގެ ޅައުމުރުގެ ދުވަސްތައް އޭނައަށް އޭނަގެ ދަރިފުޅުމަތީން ހަނދާންކޮށްދެއެވެ.
“ދައްތާ ސުވާލެއްކޮށްލަންތަ؟” ހައިރާގެ މޫނަށް ސަމާލުކަން ހުއްޓާލައިގެން އިނދެފައި ނައިނާ އަހާލުމުން ހައިރާ ބޯޖަހާލިއިރު އެ ސުވާލަކީ އޭނަގެ ނަފުސް ހިމޭންކުރުވާނޭ ސުވާލެއްކަމެއް ނުދަނެހުއްޓެވެ.
“ދައްތަ… ދައްތަގެ…ދަރިއަކު ހުރޭތަ؟” ނައިނާ ސުވާލާއިއެކު ނައިނާގެ އިސްތަށިގަނޑުގެ ތެރޭ ހަރާކަތްތެރިވަމުންދިޔަ ހައިރާގެ އިނގިލިތައް މަޑުޖެހުމެއް އައިކަން ނައިނާއަށް ފާހަގަކުރެވުނެވެ. އިސްއުފުލާ ބަލާލިއިރު ހައިރާއިނީ ހުއްޓުން އަރާފައެވެ. އެލޮލަށް ބޮޑިވަމުންދިޔަ ކަރުނަތަކާއިއެކު ހައިރާ ވަގުތުން ދުރުބަލާލިއެވެ.
އެންމެ ޖުމްލައަކުންވެސް ހައިރާގެ ލޯމަތީގައި މާޒީގެ އެ ހަނދާންތައް ކުލަނެތް ތަސްވީރުތަކެއްގެ ގޮތުގައި ފިޔަޖަހާލިއެވެ. 21 އަހަރުވެގެންދިޔަޔަސް މިއަދު އެ ހަނދާން އާވެގެންދަނީ އެކަން ހިނގައިދިޔަ ދުވަސްފަދައިންނެވެ. އޭނާ ދިރިހުރިހާ ހިނދަކު އެ ހަނދާންތައް ހިތުން ފިލާދިޔުމެއްނެތެވެ. އޭނަގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލި ދުވަސް އޭނަ ހަނދާންނެތިދާނެހެއްޔެވެ؟ ލޯބިވާ ބައިވެރިޔާއާއި ވަކިވެ އޭނަ ހުވަފަތްވީއެވެ. ދިރިއުޅުމުގެ އެންމެ އުނދަގޫ ނިންމުން ނިންމަން ޖެހުނު ދުވަހަކީއެއީއެވެ. އޭނަގެ އަމިއްލަ ހިތް ކަތިލަމުން ދަރިފުޅާއި ދުރަށްދިޔައީއެވެ. އެދަރިފުޅަށް ރަނގަޅަށެވެ. ނަމަވެސް މިއަދުވެސް އޭނަގެ ހިތް އެކަމާއި ހިތާމަކުރެއެވެ. އަމިއްލަ ނަފްސު ކުށްވެެރިކުރެއެވެ. އޭނައަށް ދަރިފުޅުގެ މައާފު ހައްޤުވެގެނެއްނުވެއެވެ.
ދުވަސްތައް ފަށްފަށްވަމުންގޮސް އެންމެންގެ ހިތުން އެދުވަސް ފުހެވިގެން ހިނގައްޖެއެވެ. ޒުވާން ވިޔަފާރިވެރިއެއްގެ އަންހެނުންގެ ގޮތުގައި އެންމެންގެ ހިތުން ޖާގަ ހޯދި ހިތްތިރި އޯގާތެރި އަންހެންކުއްޖާމަތިން އެންމެން ހަނދާން ނެތުނީއެވެ. ވަގުތު އޭނައަށްވެސް ބަދަލުތަކެއް ގެނައީއެވެ. މިއަދު އޭނައަކީ އެދުވަހު ނޫސްތައް ފަޅުފިލުވަމުންދިޔަ ރީތި ސޫރަ ލިބިގެންވީ ޒުވާން ބަނިޔާދަން ޖިންސުން ލަތީފެއްނޫނެވެ. އުމުރާއިއެކު އޭނަގެ ބުރުސޫރައަށް ބަދަލުތަކެއް އައީ އޭނައާއި އެންމެ ގާތް ފަރާތްތަކަށް ނޫނީ ވަކިކުރަން ނޭނގޭ ވަރަށެވެ.
“އަޅުގަނޑަށް ހީވިހީވުމަކީ ތެދެއްދޯ… ދައްތަގެ ދަރިއަކު ހުރޭދޯ… އެއީ ފިރިހެންކުއްޖެއްނު… ކީއްވެ އެދަރިފުޅާ ބައްދަލުނުކޮށް ދައްތަ ތިހުންނަނީ… ދަރިފުޅު ދެކިލާހިތް ދައްތަ ނުވަނީތަ… ނޫނީ ދައްތަ އަޅުގަނޑަށް ކަމެއް ސިއްރުކުރަނީތަ؟ ދަރިފުޅު ކިހާ އުފާވާނެ މަންމައާއި ބައްދަލުވީމަ…” ހައިރާގެ މޫނަށް ވެރިވި ކުލަަވަރުތައް އެންމެ ނަޒަރަކުންވެސް ދެނެގަތް ނައިނާ އިތުރަށްވެސް ވާހަކަދެއްކިއެވެ.
ނައިނާ ނުހަނު ފޯރިއާއިއެކު ދައްކަމުންދިޔަ ވާހަކައަށް ހުއްޓުމެއް އައީ ހައިރާ އޭނަގެ ނަމުން ގޮވާލިގޮތުންނެވެ. އެއަޑުވީ ކުރެހިފައެވެ.
“ނައިނާ… ހެޔޮނުވާނެ ތިވާހަކަ ނުދައްކާ…” ދެތުންފަތުގެ ދޭތެރެއިން ނިކުމެގެންދިޔަ ހިމޭން ގިސްލުމާއިއެކު ހައިރާ އަނގަމަތީ އަތްއެޅިއެވެ.
“ދައްތަގެ ހުރިހާކަމެއް ނައިނާއަކަށް ނޭނގޭނެ… އެކަމަކު ކިޔައިދޭނެހާ ހިތްވަރެއް މިހަށިގަނޑަކު ނެތް… އިތުރަށް ސުވާލުނުކުރޭ… ދައްތަ މިކުރާ ހިތްވަރުވެސް ދޫވެދާނެ….” ހައިރާ އެވަގުތު ނައިނާއާއި ދިމާލަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. އެލޮލުގައިވީ ކުށްވެރިކަމާއި ހިތާމައެވެ. އޭނަގެ ދަރިފުޅަކީ ނައިނާގެ ކުށްވެރިއެކެވެ. ނައިނާ ކުރިމަތީ އެދަރިފުޅޭ ކިޔާފައި އޭނަ އަނގަހުޅުވާނީ ކިހިނެތްހެއްޔެވެ؟ ދަރިފުޅު ކުރި އަމަލެއްގެ ސަބަބުން އޭނައަށް ޖެހިފައިވަނީ ނައިނާގެ ކުރިމަތީ އިސްއޮބާލައިގެން ހުންނާށެވެ. ތުއްތުއިރު އެދަރިފުޅަށް އޭނަ ދިން ތަރުބިއްޔަތުގެ އަގުވަޒަނެއް ޒުވާންވެގެން އައިރު އެދަރިފުޅުނުކުރިއެވެ. އެހެންނޫނަމަ ހުރިހާ މަލަކަށް ތިރިކުރަމުން އުދުހޭ މާބުރަކަށް އެދަރިފުޅު ނުވީހެވެ.
ލޮލަށް ގިނަވި ކަރުނަތައް ބަންޑުންވެދާނެހެން ހީވުމުން ހައިރާ އެނދުން ތެދުވިގޮތަށް ހަލުވި ފިޔަވަޅުތަކެއްގޮސް ކޮޓަރިން ނިކުތެވެ. ހައިރާގެ ފަހަތުން ދާން ތެދުވެފައިވެސް ނައިނާއަށް އަލުން އެނދުގައި އީށީދެވުނެވެ. އޭރު އެ މޫނުމަތީގައިވީ ސުވާލު އުފެދިފައިވީކަމުގެ ކުލަވަރެވެ. އެ ސުވާލުން ދައްތަގެ ލޮލުން ކަރުނައޮހޮރާލި ސަބަބެއް އިނގެން ހިތްވެސް ބޭނުންވެފައިވެއެވެ.
*** *** *** *** *** ***
ދުރަށް ދެމިފައިވާ މާސިންގާ ކަނޑުން ހޮޅިލާފައި އަންނަ ބިޔަ ރާޅުތައް ފަޒާގެ ހިމޭންކަން މުނގުރަމުން ތޮށިގަނޑުމައްޗަށް ބިންދަމުންދިޔައެވެ. އުޑުމަތީގައި ވިލާތައް ބޯވެ އަނދުންކުލަ ޖައްސަމުންދިޔައިރު ވައިރޯޅިތަކުގައި ވީ ފިނިކަމެވެ. ވާރޭގެ ހިމަ ހިމަ ތިކިތައް ވަޔާއިއެކު ދިމަދިމާއަށް ބުރުއްސަމުން ދިޔައެވެ.
ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ހައިޒަލްގެ ޓީޝާޓުގެ ފެބްރިކްގެ ތެރެއަށް ވަންނަމުންދިޔައިރު ތެމިދާނެތީ ފަރުވާލެއްވެސް ނެތި ވަށައިގެން ލެވިފައިވާ ފާރުބުރި ހައިޒަލް ހުރީ ހަރަކާތެއްނެތިފައެވެ. ފޮނުގަނޑު އުފައްދާލައިފައި އަންނަ ރާޅުތަކަށް ބަލަހައްޓައިގެން ހުރިއިރު އޭނަގެ ލޮލުގައި ކަރުނަތައް ހިފެހެއްޓިފައިވެއެވެ. ރާޅުވެސް އޭގެ މަންޒިލް ހޯދައިގެން ރުޅިވެރިކަމާއިއެކު އައިސް ހިނދިގެންދާގޮތަށް އޭނަގެ ހިތުގެ އުދާސްތައްވެސް ހިތާއި ވަކިވެގެންދާނެނަމައެވެ. ދުލަކީ ހާދަ ބާރުގަދަ ހަތިޔާރެކެވެ. ބޭރުކޮށްލާ ބަހަކުން އެތައްކަމެއް ބަދަލުވެގެން ހިނގައިދާނެއެވެ. ހުރިހާ އުފާތަކެއް ފެނަށް ހަދާލަފާނެއެވެ. ލޯބި ނަފްރަތަށް ހަދާލާ ތިމާގެ ކުރިމަތީ އެމީހެއްގެ ބުރުސޫރަ ބަދަލުކޮށްލަފާނެއެވެ. އަލްހާންގެ ދުލުން އެބަސްތައް އިވެންދެންވެސް ހައިޒަލް ޤަބޫލެއްނުކުރެއެވެ. މަޔާންގެ ބަސް ދޮގުވާނޭކަމަށް ޔަގީންކުރިއެވެ. ނަމަވެސް އަލްހާންގެ ދުލުން ބޭރުވި ލަފްޒާއިއެކު އޭނަގެ ނަފްސަށް އޮތް ޔަގީންކަން ނެތިގެންދިޔައީއެވެ. އަލްހާންގެ މައްޗަށް އޮތް ހުރިހާ ލޯތްބެއް ހިތުން ފުހެވިގެންދިޔައީއެވެ.
މަގުގެ އެއްފަރާތަކަށް ހުއްޓި ކާރުން މަޔާން ފޭބިއެވެ. ވައިގެ ތެރެއަށް އަތްދިއްކޮށްލައިގެން ހުރެފައި ކާރުގެ ދޮރުފަތް ލައްޕާލިގޮތަށް ޖީބަށް ރިމޯޓްލަމުން ދޮންވެލިގަނޑު ވަކިވާގޮތަށް ލާފައިވާ ފާރާއި ދިމާލަށް ހިނގައިގަތެވެ. ފާރު ބުރިމަތީގައި ހައިޒަލް ހުރިތަން ފެނިފައިވާ ފާރުމަތިން ހިނގާލައިފައިގޮސް ހައިޒަލްއާއި އަރާހަމަކުރަމުން ކޮނޑުގައި އަތްޖައްސާލިއެވެ. އެހެންފަހަރުތަކުގައި މަޔާންގެ ފިޔަވަޅުގެ އަޑުއިވުނަސް ހިލަންވެގެން ފަސްއެނބުރިބަލާލައި ޒުވާނާގެ ފަރާތުން ހަރަކާތެއްނުފެނުނެވެ.
“ހައި…” މަޔާންއަށް ޝައްކެއްވިއެވެ. ވަގުތުން ހައިޒަލްގެ ކޮނޑުގައި ހިފާލައިފައި އޮތް އަތަށް ބާރުކޮށްލެވުނެވެ. އެވަގުތު ހައިޒަލް މަޔާންއާއި ދިމާލަށް އެނބުރުނެވެ. އެލޮލުގައި ހައިޒަލް ހައްޔަރުކުރަމުންދިޔަ ކަރުނަތަކާއިއެކު އެދެލޯ ހަންޖަރެއްފަދައެވެ. މޫނުމަތި އަނދިރިވެފައިވީ އުޑު ފަދައިންނެވެ. ހިނދުކޮޅަކަށް ބައްދަލުވި ނަޒަރުންވެސް މަޔާން ހައިޒަލްގެ ހިތުގެ ހާލަތު ދެނެގަތީ އޭނަވެސް ހައިރާންވާ ދަރަޖައަކަށެވެ.
“ޔާން ބުނީ ތެދެއް… އިނގޭތަ މިއަދާއި ޖެހެންދެން ޔާންގެ ބަސް އަހަރެން ޤަބޫލެއްނުކުރަން… ކުރާނީ ކިހިނެތް.. އެއްރަހިމުން އުފަންވި ކޮއްކޮމަރާލާހާ ހިތްހަރު އިންސާނެއް ދުނިޔޭގައި ނުވާނޭކަން ހީކުރީ… މިއީ ލޯތްބެއް ރަހުމެއް ހަމްދަރުދީއެއް އަގެލެއް ނެތް ބައެއް އުޅޭތަނެއްކަން މިއަދު ހާމަވެއްޖެ… ފައިސާއާއި މުދަލަކީ ހުރިހާ އެއްޗެއް… މީހެއްގެ ފުރާނައަށްވުރެ އަގު ބޮޑީ މުދާވެރިކަން… އެކަމަކު މުދާވެރިކަމަށްވުރެ އަހަރެން ބޭނުންވީ ލޯބި… މައެއްގެ ލޯބި… އޯގާތެރި ބައިވެރިއެއްގެ ލޯބި… އެކަމަކު ލޯތްބަކީ އަގެއްނެތް އެއްޗެއްކަން އަހަރެން ބައްޕަގެ ގޮތަށް ދެކެމުން އައި މީހާ ސާބިތުކޮށްދީފި…” ހައިޒަލްގެ ލޮލުން ކަރުނަ ނުފޭބިޔަސް ހިތްވީ ޒަހަމްވެފައެވެ. އަދަދުނުވާހާ ގިނަ އަނިޔާތައް ލިބެމުންގޮސް ހިތުގައި ދުވަހަކު ފިލައިގެންނުދާނެފަދަ ލަކުނުތަކެއް ލައިފިއެވެ.
“ހައި…” ހައިޒަލްގެ ޒަހަމްވެފައިވާ ހިތަށް ތަސައްލީއެއް ހޯދައިދޭފަދަ ބަސްތަކެއް މަޔާންގެ ވިސްނުމަކަށްނައެވެ. ހިތާމައަކީ މިވީހާތަނަށްވެސް ހަމައެކަނި އޭނަ އަޑުއަހާފައިވާ ބަހެކެވެ. ހައިޒަލްއާއި ހިލާފަށް އޭނަ ބޮޑުވެގެން އައީ މައިންބަފައިންގެ އިންތިހާ ދަރަޖައިގެ ލޯބި ލިބިގެންނެވެ. ލޯބިވާ ބޭބެއެއްގެ ހިމާޔަތުގެ ދަށުގައެވެ. ޝަލީންއާއި ޖެހުނު މައްސަލަގަނޑުގެ ކުރިން ލޮލުން ކަރުނައެއް އޮހޮރުވާލި ދުވަހެއް އޭނަ ހަނދާނެއްނެތެވެ. ނަމަވެސް މިއަދު އެ ހިތްވެސް ހަލާކުވެފައިވެއެވެ. ދަރިފުޅު މިޝަލްގެ ވަކިވުމާއިއެކު ހިތުގައި ލީ ޒަހަމް އެގޮތުގައި ދެމިހުންނާނެއެެވެ. ދަރިއެއްގެ ލޯބިން މަހުރޫމްވެގެން އޭނަ ރޯއިރު ހައިޒަލް ރޮނީ މައިންބަފައިންގެ ލޯބިން މަހުރޫމްވެގެންނެވެ. ދަރިފުޅާއި މައިންބަފައިންގެ ދެމެދުގައިވާ ވަކިނުކުރެވޭނޭފަދަ ބާރެއްކަމަށް ބުނަނޭ އެކަމުގައި ހިކްމަތެއް އޮވެގެންނެވެ.
“ދެން ބޭނުމެއްނޫން ކަރުނަ އޮހޮރުވާކަށް… އަހަރެން ބަރުދާސްތުކުރި ވޭންތަކުން އެމީހުން ލައްކަ އުފާ ހާސިލްކޮށްފި… ދެން ނުވާނެ… ޔާން އެމީހުންނަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއްދީ… އަހަރެންގެ ހިތުގައި އޮތް ރަހުމުގެ ކަންފުޅު އަލްހާން ފުހެލައިފި… އަހަރެންގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދިޔަސް އެދެ ޤާތިލުންނަށް މައާފުނުކުރާނަން…” ހައިޒަލް ދަތްތަކަށް ބާރުކޮށްލަމުން ކިޔާލިއިރު އެދެލޯ ހަނިވެފައިވިއެވެ. ބުމަގޮށްޖެހި ކޮލުކަށިގަނޑަށް ވާންކަމެއް އެރިއެވެ. ދެލޯތެއްމަމުންދިޔަ ކަރުނަތައް ފުހެލީ ރުޅިވެރިކަމާއިއެކުގައެވެ.
އަލްހާންއަށް ބޯލަބައިގެން ކިޔަމަންތެރިކަން އަދާކޮށްގެން އޭނަގެ އުމުރުގެ ބޮޑުބައި ކަނު އަނދިރީގައި ހޭދަކޮށްފިއެވެ. އޭނަގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލި އަނިޔާވެރިޔާގެ ވަކިތަކުގެ ދަށުގައެވެ. މިއަދު އެކަން ނިމުމަކަށް އައީއެވެ. އޭނަގެ ހިތުގައި އަލްހާންއާއިމެދު އޮތް އެންމެ ފަހު އިހުސާސްތައް އަލްހާން ނަަގައި އެއްލާލައިފިއެވެ. އަލްހާން އޭނަގެ ބައްޕައަށް ނުކުރި ރަހުމެއް އޭނަ އަލްހާންއަށް ކުރުމެއްނެތެވެ.
*** *** *** *** *** ***
އިޝާ ނަމާދަށްފަހު ޝަޔަމް ގެއަށް އައިރު މުޅި ލިވިންރޫމްތެރެ އެއްފަސްވަމުންދިޔައީ ލައިޝާ ހަދާ ޗިލީ ޗިކެންގެ ބަނޑުފުރޭހާ މީރުވަހުންނެވެ. ލިވިންރޫމްއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ޝަޔަމްއަށް ނޭވާ އެތެރެއަށް ދަމާލެވުނެވެ. ބޫޓް ބޭލުނުގޮތަށް ޑައިނިންރޫމްއާއި ދިމާލަށް ދެވުނެވެ. ޑައިނިންރޫމްއާއި ޖެހިގެން ހަދާފައިވާ ކައްކާ ތަންކޮޅުގައި ލައިޝާ ހުރީ ދޮރަށް ފުރަގަސްދީގެންނެވެ. އުދުންމައްޗަށް އުދާފައިވާ ތެލީގައި ހުރި އެއްޗެހި ހަލުވަން ހުރިއިރު ކައުންޓަރުމަތީ ލައިޝާ ބޭނުންކޮށްފައިވާ ސާމާނުތަކެވެ.
“ހާދަ މީރުވަސް ދުވައޭ… ލައި ކޯއްޗެއް ތިހަދާލަނީ…” ޝަޔަމް ދޮރުން ވަދެގެން އަންނަމުން ލައިޝާއާއި ގާތްގޮތަށް ވާހަކަދެއްކިއެވެ. އެރޭގެ ފަހުން ޝަޔަމް ލައިޝާއާއި ވާހަކަދައްކާގޮތް ބަދަލުވެފައިވެެއެވެ. އެދެމެދުގައި ވެރިވެފައިވާ އޮތް ހިމޭންކަން ނައްތާލަން ޝަޔަމް މަސައްކަތްކުރެއެވެ. ނަމަވެސް ލައިޝާ ހިމޭން ބުދެއްފަދައެވެ. ދުވާލުދާ ހަތަރުދަމު ހިދުމަތްތެރި އަނތްބަކަށްވެގެން ޝަޔަމްގެ ހުރިހާ ކަމެއްކޮށްދޭއިރު ބަހެއްވެސް ބޭރުކޮށްނުލައެވެ. ޝަޔަމްއަށް ކުށްވެރިކަމުގެ އިހުސާސް އެންމެބޮޑަށް ކުރެވޭ ސަބަބަކީ އެއީއެވެ. އަނެއްކޮޅުން މިދުވަސްކޮޅު ލައިޝާގެ ފަރާތުން ފެންނަނީ އިޒާގެ މިޒާޖާއި ހަރާކާތްތަކެވެ. ޝަޔަމް އަތްތިލިޔަސް ސިހިދެއެވެ. އަބަދު ހުންނަނީ ހިޔާލެއްގައެވެ. އެކަނި ހުއްޓާ ޝަޔަމް ފެނުނަސް ހަޅޭލަވައިގަނެއެވެ.
“ލައި…” އިރުކޮޅެއްވަންދެން ލައިޝާގެ ހަރަކާތްތައް ދެކެން ހުރެފައި ޝަޔަމް ލައިޝާގެ ކޮނޑުގައި އަތްޖައްސާލުމާއިއެކު ސިހުނެވެ. އަތުގައި އޮތް ހޫނު ދޭފަތްމަތިން ހަނދާން ނައްތާލުމަށްފަހު ތެޅިގަތުމާއި ދޭފަތް ޖެހުނީ އަތުގެ ކުޑަހުޅުގައެވެ. އަތުން ނެގި ޒަވި ރިހުމަށް ކެތްނުވެގެން ލައިޝާ ރޮއެގަތެވެ. ޝަޔަމްގެ ހަށިގަނޑު އެލާރޓަށް އައި ފަދައެވެ. ވަގުތުން ލައިޝާގެ އަތުން ދޭފަތް އަތުލިގޮތަށް އުނދުންނިވާލިއެވެ. ލައިޝާގެ އަތުގައި ހިފަހައްޓައިގެން ސިންކުކައިރިއަށް ލެފިލިގޮތަށް އިސްކުރު ދޮށަށް ލައިޝާގެ އަތްލިއެވެ.
“ސޮރީ ސިއްސުވާލެވުނީމަ… ނަސީބެއްނު ބޮޑުވަރުނުވިކަން… އެކަމް އޮއިންޓްމެންޓްކޮޅެއް އުނގުޅާލަންވާނެ…” ޝަޔަމް ވާހަކަދެއްކީ ލައިޝާގެ އަތުގައި ހިފަހައްޓައިލައިގެން ހުރެއެވެ. ޝަޔަމްގެ އެއްއަތުން ލައިޝާގެ އަތުގެ ކުޑަހުޅާއި ހިސާބު ހިފަހައްޓާލެވިފައިވާއިރު އަނެއް އަތްވަނީ ލައިޝާގެ ބަނޑުގައި ވަށާލެވިފައެވެ. އެދެމެދުގައި ވައިރޯޅިއަކަށް ދައުރުވެވޭހާ ދުރުމިނެއްވެސް ނުވެއެވެ.
ލައިޝާ އިސްއުފުލާލައި ޝަޔަމްގެ މޫނަށް ބަލާލިއެވެ. ހުދު އަލީގައި ޝަޔަމް ފެންނަލެއް ރީތިކަމުން ބަލަހައްޓައިގެން ހުރުމަށް ލައިޝާގެ ހިތްމަޖުބޫރުކުރިއެވެ. އެރީތި މޫނުގައި ފިރުމާލުމަށް ކެތްތެރިކަން ކުޑަވިއެވެ. އެމޫނުމަތީގައި ހޫރެމުންދިޔަ އިސްތަށިކޮޅު އެއްފަރާތްކޮށްލަދޭހިތުން އަތްހަރަކާތްކުރިއެވެ. އަބަދުވެސް އޭނައަށް ޝަޔަމްގެ މިފަރާތް ފެންނާނެނަމައެވެ. އޭރުން އޭނަ މުޅިއުމުރަށްވެސް ޝަކުވާއަކާއިނުލާ އުޅެފާނެއެވެ.
ޝަޔަމް އޮއިންޓްމެންޓް އުގުޅާލަދޭންވެގެން ލައިޝާ ލައިގެން ހުރި ޓޮޕްގެ އަތްކުރި އަޅާލުމާއިއެކު ތުންފަތުގައި ދަތްްއަޅާލެވުނެވެ. އޭނަގެ ދެއަތުން އެރޭ ލައިޝާއަށް ދެވުނު އަނިޔާތައް ހުރީ ސާފުކޮށް ފެންނާށެވެ. އެ ދޮން ހަންގަނޑުގައި އޭނަގެ ނިޔަފަތީގެ ނިޝާނެވެ.
“ލައި… މިތާ ބޭސްވެސް ނާޅައެއްނު މިހުރީ…” ޝަޔަމް ލައިޝާގެ އަތުގައި އިނގިލިތައް ހިންގާލުމާއިއެކު ލައިޝާ ވަގުތުން އަތްދަމައިގަތެވެ.
“ޕްލީޒް ލެޓް މީ…” ޝަޔަމް ދެވަނަ ފަހަރަށް ލައިޝާގެ އަތުގައި ހިފަހައްޓާލިއެވެ. އެއިނގިލިތަކުން އަތުގައި ބޭސް ހާކާލަދެމުންދިޔައިރު ހަށިގަނޑަށް ފިނިވިއެވެ. ލައިޝާގެ ލޮލަށް ކަރުނަގިނަވިއެވެ. އޭނަ ޝަޔަމްގެ ފަރާތުން މި އަމަލްތައް ދެކެން މިހާރު ބޭނުމެއްނޫނެވެ. ޝަޔަމް އެގޮތަށް ކަންތައްކުރަނީ އެރޭ ކަންތައްވީގޮތުން އަމިއްލަ ނަފްސު ކުށްވެރިކުރެވިގެންކަން އޭނައަށް އިނގެއެވެ. ޝަޔަމް ދުވަހެއްގެ ކޮޅުންވެސް އޭނަދެކެ ލޯތްބެއްނުވާނެއެވެ. އެހިތާއި ހިތުގެ ކޮންމެ ވިންދެއް ގުޅިލާމެހިފައިވީ އިޒާއާއިއެވެ. އިޒާ ދުނިޔޭގައި ނެތުމަކީ އެލޯތްބަށް އުނިކަމެއް އައި ސަބަބެއްނޫނެވެ. އެދެމެދުގައި އޮތް ގުޅުން ކޮންމެ ވަގުތަކުވެސް ކެނޑިގެން ހިނގައިދާނެއެވެ. ބޭނުންވަނީ އިޝާރުގެ ރުހުމުގެ ބަހެކެވެ. އެކަަމަކު އޭގެ ކުރިން ޝަޔަމްއާއި ދުރަށްދާން ލައިޝާ ބޭނުމެވެ. ޝަޔަމްގެ ދުލުން ދެއަކުރުގެ އެ ލަފްޒު އިވުމަށްވުރެ އަމިއްލައަށް މަރުވުންވެސް ހިތަށް ފަސޭހަވާނެއެވެ.
ޝަޔަމް ލައިޝާގެ އަތުގައި އޮއިންޓްމެންޓް އުގުޅައިދިނުމަށްފަހު އަތްކުރި ތިރިކޮށްލަދިނެވެ. އިރުކޮޅެއްވަންދެން ލައިޝާ ވާހަކަދައްކާތޯ ހުރުމަށްފަހު ބަހެއް ނުބުނާނެކަން ޔަގީންވުމުން ޝަޔަމް ބޭރަށް ނިކުތެވެ. ގަމީހުގެ ކަރުގޮށްތައް ދޫކުރަމުން ސިޑިން އަރައިގެން ދަނިކޮށް ކޮންމެވެސް މީހަކުގައި ދޮރުގައި ޓަކިދިނެވެ. ޝަޔަމް ތިރިއަށްފިޔަވަޅެއް އެޅިއެވެ. އޭރު ތުވާލިކޮޅަކުން އަތްފުހެމުން ލައިޝާ ކިޗެންއިން ނިކުމެގެން އަންނަނީއެވެ. ސިޑިމަތީގައި ހުރި ޝަޔަމް ފެނުމުން ލައިޝާ ހުރި ފިޔަވަޅުމަތީ ހުއްޓުނެވެ.
“ލައި ބަލާބަލަ ކާކުތޯ…” ޝަޔަމް އެއްފައި މައްޗަށް ފާރަށް ލެގިގޮތަށް ލައިޝާއަށް އިޝާރާތްކުރިއެވެ. ކުޑަ މަޑުޖެހުމަކާއިއެކުވެސް ލައިޝާ ގޮސް ދޮރުހުޅުވާލިއެވެ. އެއާއިއެކު އެ މޫނުމަތިން ތަފާތު ކުލަވަރެއް ފެނިލިއެވެ. ދޮރުގައި ހިފަހައްޓާލެވިފައިވާ އަތަށް ބާރުކޮށްލެވުނެވެ.
“ކާކުތަ…” ޝަޔަމް ލައިޝާގެ ފަހަތުން ހުއްޓެމުން ލައިޝާގެ ކޮނޑާއި ދިމާލުން ބޯނެރެލިއެވެ. އެއާއިއެކު ދޮރުހުޅުވާލިގޮތަށް ހަޅޭލަވައިގަނެފައި ދޮރުމަތީގައި ހުރި ޒުވާނާގެ ގައިގައި ހިފައިގަތެވެ.
“ލެން…” ޝަޔަމް ޒަމާންވީ އެކުވެރިޔާގެ ގައިގައި ބައްދާލަމުން ސަލާމްކޮށްލައިފިއެވެ. އޭރު ލައިޝާ އެތެރެ ވަދެ ނިވާވެއްޖެއެވެ.
ސާދަވިލޭރޭގެ ހަނދު ފަހުރުވެރިކަމާއިއެކު މެދު އުޑުގައި ރަނިކަން ކުރަން އިންއިރު ހަނދުވަރުގެ ރީތި އަލި ފޫހިކަމެއްނެތި މުޅި ދުނިޔެއާއި ކުޅެމުންދިޔައެވެ. ގަސްތަކުގެ ފަތްތަކުގައި ބީހެމުން ވެލިގަނޑުން ވިދުވަމުންދިޔައީ ރިހީގެ ޔާގޫތެއްފަދައެވެ. މަޑުމަޑު ޖެހެމުންދިޔަ ވައިރޯޅިތަކާއިއެކު ގަސްތައްވެސް ނާނާ ކިޔަމުންދިޔައެވެ.
ކޮޓެޖްގެ ފަހަތު ފެންޑާގައި ބަހައްޓާލެވިފައި ސޯފާތަކުގައި ލީވާންއާއި ޝަޔަމް އިށީދެލައިގެން ތިއްބެވެ. ގޭގެ ފަހަތަށް ހުޅުވާލެވޭ ކުޑަދޮރުތަކުން އެ ހިސާބަށް އެޅިފައިވަނީ ލޮލަށް ފަސޭހަ އައްޔެކެވެ. ލީވާން ދައްކަންފެށި ވާހަކައެއްގެ ސަބަބުން ޝަޔަމްގެ މޫނުމަތީ މިވަގުތުވީ ސީރިއަސްކަމެވެ. ދަތްދޮޅީގައި އަތް ވިދެލައިގެން އިނދެފައި ޝަޔަމް ލީވާންއާއި ދިމާލަށް ބަލާލިއެވެ.
“އަހަރެންގެ ހިތެއް ނުބުނޭ އިޒާގެ އެކްސިޑެންޓްއަކީވެސް ރޭވުމެއްނޫނެކޭއެއް… އެރޭ އެގްރޫޕްގައި އެންމެ ބޮޑަށް ހުރި މީހާ އަދިވެސް މިއުޅެނީ އަތުލައިނުގަނެވިގެން… އެހެންވީއިރު ހެކި ނައްތާލަން އޭނަ ބޭނުންކަމެއްކުރާނެދޯ… އަމިއްލަ މީހާގެ ދިފާއުގައި ހެކިބަސްވެސް ނުދެވެނީސް އިޒް އެދިޔައީ… އެ ފިރިހެނާ ވާނީ ކޮންމެވެސް މަތީ މީހެއްގެ ދަރިއަކަށް… މިވެސްދެން ބޮޑުވެއްޖެކަމެކޭ މިހާރު.. އެއިން މީހެއްގެ ދަރިއެއްގެ މައްސަލަ ބެލިޔަސް ދެވަނަ ފަހަރު ވަޒީފާއަށް ނުނިކުމެވޭވަރު އެބަކުރެޔޭ… އެ މީހުން ވަކި ތަފާތީތަ؟” ލީވާން އަޑުގައިވީ ރުޅިވެރިކަމާއި ފޫހިކަމެވެ. ފުލުސް އޮފިސަރަކަށްވާތީ އޭނައަށް ނުހަނު ގިނަ ކަންކަން ތަޖުރިބާކުރެވިފައިވެއެވެ.
“އެކަމަކު ތިހެންވާންވީ ކީއްވެތަ؟ ކުށުގެ ވެށިންނެއް ނޫންތަ އެމީހުން ހައްޔަރުކުރެވުނީކީ… އަނެއްކާ ޓްރަކްގެ ޑްރައިވަރވެސް އިޒް ވަޅުލަންދެން އެތާއުޅުނުދޯ… ލެން ތިބުނިގޮތަށް ވިނަމަ އޭނަ ފިލަން މަސައްކަތްކުރީހެއްނު…” ޝަޔަމް ވިސްނަމުންދިޔައެވެ. އެ ހާދިސާގައި އިޒާއަށް އަނިޔާކުރި ޒުވާނުން ހައްޔަރުކުރެވުނީ ސީދާ ކުށުގެ ވެށީންނެވެ. އެ އަމަލު ކުރަން ތިއްބެވެ. ހުރިހާ ހަބަރުތަކަކަށް އެ ވާހަކައަރާ އިޒާ ބޮޑަށް ބަދުނާމްވާން މެދުވެރިވި ސަބަބަކީ އެއީއެވެ.
“ކިހިނެތް އިނގެނީ ސިމްޕަތީވެގެން ގޭމްއެއްނޫންކަމެއް… އެކަކު ފިލައިގެން އަނެކަކު ލޯކުރިމަތީ… ދެން ނޭނގެ… އަހަންނަށް ހީވާގޮތް މިބުނީ… އިތުރަށް އިނގޭވަރަކުން ސެމްއަށް އަންގާނަން… ތިއެއްނޫނޭ މިދުވަސްކޮޅު ވަރަށް ހާރޑްވާނެއިނގޭ…” ލިވާން ވާހަކަދައްކަމުން އައިސް މެދުކަނޑާލީ ގޭ ދޮރުން ނިކުމެގެން އައި ލައިޝާ ފެނިފައެވެ. ލައިޝާގެ އަތުގައި ހުރި ތަނބަށް މޭޒުމަތީ ބަހައްޓަން ގުދުވިއިރު ޝަޔަމްއާއި ކަޅިހަމަވިއެވެ. ލައިޝާ ވަގުތުން ދުރުބަލާލި ސަބަބު ޝަޔަމްއަށް އިނގުނެވެ. އިޒާގެ ވާހަކަދެކެވޭ ކޮންމެ ފަހަރަކު އެ މޫނަށް ވެރިވާކުލަވަރު އޭނައަށް ދަސްވާހާ ދުވަސް ވެއްޖެއެވެ. ފުރަތަމަ ފަހަރަށް އެކަމުން ޝަޔަމްގެ ހިތުގައި އުނދަގޫކަމެއް އުފެދުނެވެ.
“އަދިވެސް ތިދެމީހުން ހަމަ އެހެންތަ؟ ސެމް އަހަރެން ނަސޭހަތެއްދެންތަ؟ އިޒްއެއްދެން އަނބުރައެއްނާންނާނެ… އިޒްގެ އިންތިޒާރުގައި ތިހެން ލައިއަށް އަނިޔާދިނުމަކީ އިންސާފެއްްނޫން… އަހަރެން ނުބުނަން އިޒްދެކެ ލޯބިނުވާށެކޭ… އެކަމް ލައިއަކީ ސެމްގެ އަންހެނުން… އޭނައާއިމެދު ސެމް ވިސްނަންޖެހޭނެ… ލައި ކިހާކެތްތެެރި… މިހުރިހާދުވަހުވެސް ސެމްއާއިއެކީ އެއުޅުނީ ލޯބިވާވަރުން… ތިގުޅުމުގައި އިތުރުކުލައެއް ޖެއްސުމަކީ ސެމްގެ އަތްމަތީ އޮތްކަމެއް… ފަސޭހަކަމަކަށްނުވާނެކަން އިނގޭ… އެކަމް ސެމްއަށް ލައިދެކެ ލޯބިނުވެވޭއެކޭ އަހަރެން ނުބުނާނަން… ކުޑަކޮށްނަމަވެސް…” ލިވާން ދެއްކީ ވާހަކައާއި މެދު ޝަޔަމްއަށް ވިސްނާލެވުނެވެ. މިހާތަނަށް ލިވާން އެ ވާހަކަދެއްކި ކޮންމެ ފަހަރަކު ޝަޔަމްއަށް އިސްކުރެވުނީ ރުޅިވެރިކަމެވެ. ލައިޝާގެ އިހުސާސްތަކާއިމެދަކު ވިސްނައެއްނުލެވުނެވެ. އޭނަ އުޅެމުންދިޔައީ އަމިއްލަ ހިޔާލީ ދުނިޔޭގައި އިޒާއާއި އެކުގައެވެ. ލައިޝާގެ ހިތާމަތައް މެހެސޫސްނުވާހާ ދުރުގައެވެ. މިއަދު ފުރަތަމަ ފަހަރަށް އަމިއްލަ އަމަލްތަކުގެ ސަބަބުން ނަފްސަށް ލައުނަތްދެވިއްޖެއެވެ.
ދަންވަންދެން ޝަޔަމް ލީވާންއާއި ބޭރުގައި އުޅެފައި ގެއަށް އައިރު ލައިޝާއޮތީ ލިވިންރޫމް ސޯފާގައި ނިދިފައެވެ. ރަތްކުލައިގެ ޓީޝާޓްކޮޅަކާއި ކުރުކުރު ޓައިޓްކޮޅެއްގައި ނިދާލައިފައި އޮތްއިރު އެ މޫނުމަތީ ވަރުބަލިކަމެވެ. ޝަޔަމް ލައިޝާއާއި ކައިރިވެލުމަށްފަހު އެ އޮމާން މަޑު ކޯތާފަތުގައި އަތްބީއްސާލިއެވެ. ނީދީގެ ތެރޭގައި ލައިޝާ އެސްފިޔަތައް ތަޅުވާލިއެވެ.
އިރުކޮޅެއްވަންދެން އެމޫނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ޝަޔަމް އޭނަގެ އޭނަގެ އަތްދަނޑިމައްޗަށް ލައިޝާ އުފުއްލާލިއެވެ. އެވަގުތު ލައިޝާ ނިދީގެ ތެރޭއޮވެފައި ހަޅޭލަވައިގަތެވެ. މަޑުމަޑުން ދުރުކޮށްލި އެސްފިޔަތަކުގެ ދޭތެރެއިން ޝަޔަމްގެ މޫނު ފެނިފައިވެސް ލައިޝާގެ ހިތަށް ތަސައްލީއެއް ލިބުމުގެ ބަދަލުގައި ހިތުގައި އުފެދުނީ ބިރުވެރިކަމެވެ. ލޮލަށް އެރޭގެ މަންޒަރުތައް ސިފަވެގެންދިޔުމާއިއެކު ލައިޝާއަށް ލޯމަރާ ތަގުކޮށްލެވުނެވެ. ޝަޔަމްގެ މޭގައި ދެއަތުން ތަޅައިގަނެވުނީ ސަލާމާތްވާން ބޭނުންވީވަރުންނެވެ.
“ލައި ހަމަޖެހިބަލަ… އަހަންނޭ… ނޫޅެމޭ ލައިއަށް އަނިޔާއެއްކުރާކަށް…” ލައިޝާ ތިރީގައި ބެހެއްޓުމަށްފަހު ޝަޔަމް ވާހަކަދެއްކީ ކިތަންމެ ލޯބިން ނަމަވެސް އެ ބަސްތައް ޤަބޫލުކުރަން ލައިޝާއަށް އުނދަގޫވާނެކަން އިނގުނެވެ. އޭނާގެ އަނިޔާވެރިކަން ދައްކާ ލައިޝާގެ ޅަހިތް ސިއްސުވާލެވުނީ އެއަށްވުރެ ބޮޑަށެވެ. ލައިޝާގެ ދެލޮލުން ރޮނގަކަށް ކަރުނަ ނީރާލިއިރު އެ ބަސްތައް ޤަބޫލުނުކުރާކަމުގެ ހެކިތައް އެ މޫނުން ފާޅުވިއެވެ. ޝަޔަމްގެ މޫނަށް ބަލަން ނުބަލަން ހުރެފައި ލައިޝާ ފަހަތަށް ޖެހެންފެށިއެވެ. އެއާއިއެކު ވައިރޯޅިއެއްހާ ހަލުވިމިނުގައި ސިޑިން އަރައިގެންދިޔައިރު ބަލަހައްޓައިގެން ހުރުން ނޫންކަމެއް ޝަޔަމްއަކަށް ނުކުރެވުނެވެ.
ލައިޝާ ދިޔަދިމާލަށް ބަލަހައްޓައިގެން ހުރެފައި ފަރުދާ ހިއްލާލެވިފައިވާ ކުޑަދޮރުކައިރީ ޝަޔަމް މަޑުކޮށްލިއެވެ. އިރުކޮޅެއްކުރިން ވެހެންފެށި ވާރޭ ބޯކުރަމުންދިޔަ މަންޒަރަށް ބަލަހައްޓައިގެން ހުރިއިރު ޝަޔަމްގެ ހަނދާނަށް އައީ އެ ތޫފާނީރެއެވެ. އެރޭ ލައިޝާ ކުރި އާދޭސްތަކެވެ. އޭނަ ލައިޝާ ކުރި އަނިޔާތަކާއި ސަލާމަތްވާންވެގެން ލައިޝާ ރުއިވަރެވެ. ހޭވެރިކަން ނެތް ހާލުގައި އެރޭ އޭނައަށް ލައިޝާއަށް އެތަށް އަނިޔާއެއްދެވުނެވެ. ޝައިތާނާ އޭނައަށް ވިސްނައިދީ ގަދަ ބާރުން ލައިޝާ ހާސިލްކުރާށެވެ. މުޅިއުމުރަށް ލައިޝާ ހިމޭންވާވަރު ކުރާށެވެ. އެ ފިނިފިނިރޭ އެ ވަސްވާސްތަކުގައި އޭނަ ޖެހުނީއެވެ. ފަރިވަމުން އައި މަލުގެ ފިޔަތައް އަނިޔާވެެރިކަމާއިއެކު ރޫޅާލެވުނީއެވެ. ލޯތްބާއިއެކު އެ ހަށިގަނޑުގައި ފިރުމާލިނަަމަ ލައިޝާގެ އަމަލުތައް ތަފާތުވާނެކަން އިނގޭއިރުވެސްވެސް އޭނަ ބޭނުންވީ ބާރުދައްކާށެވެ.
“އަހަންނަށް ލައިގެ އުފާވެރިކަން ފޭރިގަނެވިއްޖެ… ދުވަހަކު މައާފުނުދެވޭވަރުގެ ކުށެއް ކުރެވިއްޖެ… ލައި ތިގޮތުގައި ފެންނަ ހިނދަކު އަހަންނަށް ހަމަޖެހުމެއްނުލިބޭނެ… އެރޭ އަނބުރާ އަލުން އަންނާނެނަމަ… އެގޯސް ރަނގަޅުކުރަން ކުރެވެންހުރި ހުރިހާކަމެއް އަހަރެން ކުރާނަން… އަހަންނަށް މައާފުކުރައްޗޭ… އަހަންނަށް ރަނގަޅު ފިރިއަކަށްވެސް ނުވެވުނު… ލައިގެ ކުށް ހަނދާންކޮށްދޭއިރު އަހަރެންގެ އަމިއްލަ ކުށެއްނުފެނުނު… އަހަރެންގެ ސަބަބުން އަންހެންކުއްޖެއްގެ ހިތްހަލާކުވަމުންދިޔަކަމެއް ނޭނގުނު…” ލައިޝާ ދިޔަދިމާލަށް އަމާޒުކުރެވިފައިވާ ނަޒަރު ވެހެމުންދިޔަ ވާރޭތެރެއަށް ހުއްޓާލިއިރު ޝަޔަމް އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އެދެޒުވާނުން ދެމަފިރިންގެ ގޮތުގައި ހޭދަކުރި ހަތަރުއަހަރަކީ ދުލަކުން ބުނެލެވުނަސް ކުރު މުއްދަތެއްނޫނެވެ. ވަގުތާއި މެދު ހުރިހާ ކަމެއް ބަދަލުވެ މީހާވެސް ބަދަލުވެގެންދާކަމަށްވިޔަސް އޭނައާއިމެދު އެބީދައިން ކަންތަކެއްނުވިއެވެ. ލައިޝާއާއި ކައިވެނިކުރެވުނު ރެއިންފެށިގެން އެރެއާއި ހަމަޔަށްވެސް ޝަޔަމްއަކީ ފިނި ހިތުގެ ވެރިޔާއެވެ. އަނތްބަކަށްވީތީ ބަރާބަރަށް ހަަރަދުކުރުމުގެ އިތުރަށް އޭނަ އިސްނަގައިގެން ލައިޝާއަށް ކޮށްދިންކަމެއްނެތެވެ. އެއްގެއެއްގައި ދެމަފިރިން ދިރިއުޅެމުންދިޔައީ ދެބީރައްޓެހިންފަދައިންނެވެ. އެދެމެދުގައި ކިރިޔާވެސް ވާހަކައެއް ދެކެވެނީ ލައިޝާގެ މައިންބަފައިން ނޫނީ އިޔާނާގެ ކުރިމަތީގައެވެ.
މާޒީގެ ކޮންމެ ހަނދާނެއް މިއަދު ތޫނުކައްޓެއްފަދައިން ޝަޔަމްގެ ހިތުގެ އެންމެ ފުނަށް ހެރުނެވެ. ކުށްވެރިކަމުން ހަށިގަނޑު ހައްޔަރުކޮށް އަމިއްލަ ނަފްސުމަތިން ފޫހިކުރުވިއެވެ. އަމިއްލަ ނަފްސަށް ޝަޒާދޭން ޖެއްސިއެވެ.
*** *** *** *** *** ***
ދަންވަމުންދިޔަވަރަކަށް އިމާރާތުގެ ތެރޭގައިވީ ހިމޭންކަން ފުންވަމުންގޮސް ގަނޑީގެ ކަށީގެ އަޑު ނޫން އަޑެއްނީވެއެވެ. މަޑު މަޑު އިމާރާތުގެ އެކި ފަންގިފިލާތަކުގައިވާ އަލިތައް ފަޑުވަމުންގޮސް ބައެއް ފަންގިފިލާތައް އެކީ ނިވިގެންދިޔައެވެ.
ފަނޑު އައްޔަކުން ދިއްލާލެވިފައިވާ ކެބިންގެ ކުޑަދޮރާއިގާތަށް ހުރި މޭޒުގައި ކައިރީ މަޔާން އިންއިރު މޭޒުމަތީ ބަރި ޖަހާލެވިފައިވާ ފައިލްތަކާއި ކަރުދާސްތަކުގެ ތެރެއިން މަޔާންގެ މޫނު ފެނިލަނީ ކިރިޔަކިރިޔާއެވެ. މޭޒުމަތީ ވިއްދާލައިގެން އިން އަތުގައި ދަތްދޮޅި ޖައްސާލައިގެންއިންއިރު އެ ތޫނު ލޮލުގެ ނަޒަރު ހުސްކޮށްލެވިފައި ކޮމްޕިއުޓަރުގެ ސްކްރީނަށެވެ. އަނެއްއަތުން މައުސް ސްކްރޯލްކުރަމުންދިޔައިރު ލޯ ހަނިވެ އެވަރުގަދަ ބުމަ ގޮށްޖެހިފައިވެއެވެ. ކޮމްޕިއުޓަރުން ނެގި މައުލޫމާތުތައް ގަނޑެއްގައި ނޯޓްކޮށްލުމަށްފަހު ވަރުބަލިވެފައިވާ ހަށިގަނޑު ގޮނޑީގެ ތެރެއަށް ދޫކޮށްލަމުން މަޔާން ލޯމަރާލިއެވެ. ދިގު އެސްފިޔަތައް ކޯތާފަތުގައި ޖެހުނު ބާރުމިނުގައި ހުޅުވާލެވުނީ ފިޔަވަޅުތަކެއްގެ އަޑުއިވިފައެވެ. އޭރު ކެބިންގެ ދޮރު ހުޅުވާލައިފައި އައިޒާން އެތެރެއަށްވަނީއެވެ. އެއްއަތުން ދެ ކޮފީ ކަޕް ހިފަހައްޓައިގެން އަނެއް އަތުން ކަރުދާސްކުޑަ ފޮށިގަނޑެއް ހިފައިގެން އައިސްފައި ކޮފީ ތަށިތައް މޭޒުމަތީ ބަހައްޓަމުން ފޮށިގަނޑު ހިފައިގެން މަޔާންގެ މޭޒާއި ކައިރިވިއެވެ.
“ޔާން ކޮންމެވެސް މީހަކު ޔާންއަށް ދޭށޭ ކިޔައިފައި ގާރޑް ބޭބެއަތަށް ދިން އެއްޗެއް…” މަޔާންގެ ކުރިމަތީގައި ހުރި ހުސްމޭޒުގައި ފޮށިގަނޑު ބެހެއްޓުމަށްފަހު އައިޒާން ވާހަކަދެއްކިއެވެ.
“ކާކު ދިން އެއްޗެއްކަމެއް ނޭނގޭތަ… ނަމެއްވެސް ލިޔެފައެއްނެތްތަ؟” މަޔާން ގޮނޑިން ތެދުވެގެން އައިސް މޭޒާއި ކައިރިވިއެވެ. ޖަވާބެއްގެ ގޮތުން އައިޒާން ދެކޮނޑު އަރުވާލިއެވެ. މޭޒާއި ކައިރިވެ ފޮށިގަނޑާއި ދިމާލަށް ބަލަަހައްޓައިގެން ދެފިކުރެއްގައި ހުރެފައި ފޮށިގަނޑު ނެގީ ރުހާމް ފޮނުވި އެއްޗަކަށް ވެދާނެތީއެވެ.
ފޮށިގަނޑުގެ ދިގަށް އަޅާފައިވާ ޓޭޕްފަށް ނައްޓާލަމުން މަޔާން ފޮށިގަނޑު ހުޅުވާލިއެވެ. ފޮށި ފުރާލައިފައިވަނީ ކުދިކުދި ކަރުދާސްތަކަކުންނެވެ. ހުސްކަރުދާސްކޮޅެއް އަތަށް ނަގައިގެން ހުރުމަށްފަހު މަޔާން ފޮށިތެރޭ އިނގިލިތައް ހިންގާލިއެވެ. ދެތިންފަހަރަކު ތަކުރާރުކޮށްލުމާއިއެކު މަޔާންގެ އަތުގައި ރަނބަރު ކޮތަޅެއް ޒާތުގެ އެއްޗެއް ޖެހުނެވެ. މަޔާން ނުހަނު ފަރުވާތެރިކަމާއިއެކު އެ ކޮތަޅު ނަގާ އައްުޔަށް ދިއްކޮށްލިއެވެ. އެއާއިއެކު މަޔާންގެ ދެލޯބޮޑުވެގެންދިޔައެވެ. އަތް ތުރުތުރުއަޅައިގަތެވެ. އައިޒާންއަށް ވަގުތުން މަޔާންއާއި ގާތަށް ޖެހެވުނެވެ.
އަތުގެ ދިގުމިނުގެ އެ ވަޅި ކަޑިއެއްފަދައެވެ. މިޔައިގެ ދެފަރާތުން ތުނޑުތައް ނިކުމެފައިވާއިރު ވަޅީގެ މެދަކާއި ހިސާބުން ތުނޑާއި ހަމަޔަށް ހޭކިފައިވާ ލޭތައް ހިކި ވަޅީގެ މިޔަ އެކީހެން ކަޅުވެފައިވެއެވެ. ދުވަސްވެގެން ލޭގެ ކުލަ ބަދަލުވެފައިވިޔަސް އެވަޅި ކަޅިވެފައިވަނީ އިންސާނެއްގެ ލެއިންކަން ދެނެގަންނާކަށް މަޔާންގެ ތޫނު ސިކުނޑިއަކަށް މާބޮޑެތި ވިސްނުމެެެއް ބޭނުމެއްނެވެ. މަޔާންއަށް ނަގައިނުގެވުނީ އެފަދަ އެއްޗެއް އޭނައަށް މީހަކު ފޮނުވަންވީ ސަބަބެވެ. މިއީ މީހަކު އޭނައަށް ވެދިން އެހީއެެެއްހެއްޔެވެ؟ ނޫނީ ދިން އިންޒާރެއްހެއްޔެވެ؟
މަޔާން ވަޅި އެއްފަރާތެއްގައި ބޭއްވުމަށްފަހު ފޮށި ތެރެ ހާވާލިއެވެ. ފޮށީގެ ތެރޭގައި ހުރި ކަރުދާސްތައް މޭޒުމައްޗަށް އަޅާލުމާއިއެކު އޭނަގެ ލޮލުގައި އަޅައިގަތީ ކަޅު ދެލިން ލިޔެފައި އޮތް ކަރުދާސްގަނޑެކެވެ.
“އަޒްހާން މަރާލަން ހަމަލާދިން ވަޅި… އެހީއަކަށްވާނޭކަމަށް ހީކުރަން…” އެބަސްކޮޅުގެ އިތުރަށް އެ ކަރުދާސްކޮޅުގައި އިތުރު ލިޔުމެއްނެތެވެ. މަޔާން އިތުރަށް އިނގެން ބޭނުންވެފައި ހުރެ ކަރުދާސްގަނޑު ދެފުށަށް ޖަހައިގެން ބެލިއެވެ.
މަޔާން ރަނބަރު ކޮތަޅާއިއެކު އެ ވަޅި އަތަށް ނެގިއެވެ. ހަމައަސްލަށްވެސް އަޒްހާން މަރާލީ ވަޅިން ހަމަލާދީގެން ހެއްޔެވެ؟ މަޔާންގެ ހަނދާނަށް އައި އަޒްހާންގެ ހަށިގަނޑު ބެލި ޑޮކްޓަރ ނާހިލް ދެއްކިވާހަކަތަކެވެ. ނާހިލް ބުނުއްވި ގޮތުގައި އަޒްހާންގެ ހަށިގަނޑަށް ހަމަލާދީފައިވާކަމަށް ފާހަގަކުރެވޭކަހަލަ ބައެއް ނިޝާންތައް އަޒްހާންގެ ހަށިގަނޑުން ފެނުނެވެ. އަޒްހާންގެ އަނދާފައިވާ ހަށިގަނޑުން އެ ނިޝާންތައް ނާހިލްއަށް އެހާ ރީތިކޮށް ފާހަގަކުރެވުނީ އޭނާއަކީ އެދާއިރާއިން ފުންނާބު އުސް ބޭފުޅަކަށްވާތީއެވެ. އަނެއްކޮޅުން އަޒްހާންގެ ހަށިގަނޑު ފެނުނުގޮތުން މަޔާންގެ ހިތުގައި ޝައްކުތައް އުފެދިފައިވެއެވެ. ތަޅުމުގައި ފެވިފައިވާ ލޭތައް އޭނަގެ ޝައްކަށް ބާރުދޭ ބަޔަކަށްވެފައިވެއެވެ.
*** *** *** *** *** ***
ދަންވަމުންދިޔަވަރަކަށް މާބްލް ހޮސްޕިޓަލްތެރެ ހަމަހިމޭންވިއެވެ. ހޮސްޕިޓަލްގެ އެނދުތަކުގައި އެނދުމަތިކޮށްފައި ތިިބި މީހުންނާއިއެކު މުޅި ހޮސްޕިޓަލްވެސް ފުން ނިންޖަކަށް ގެނބިފައިވާފަދައެވެ. ދަންވަރުގެ ވަގުތުކަމުން ހޮސްޕިޓަލްތެރޭ ހަރަކާތްތެރިވާ ޑޮކްޓަރުން ފެންނަނީ ނުހަނު މަދުމަދުންނެވެ. ނިންޖަށް ބަލިވިޔަސް ބަލިމީހުންގެ ހިދުމަތުގައި ނާރސިން ކައުންޓަރު ދޮށުގައި ނަރުހުން ހޭލާ ފޯރިމަރަން ތިއްބެވެ.
އެންމެން ނިދާ ފައިހިލަވަޅު އޮބިފައިވާ އެވަގުތު އޭސީގެ ފިނިކަން ކޮޓަރިތެރޭގައި ހިފަމުންދިޔައިރު ނޭވާގެ އަޑު ނޫން އަޑެއްނީވެއެވެ. މަޑުމަޑުން އިވެމުންދިޔަ ނޭވާގެ އަޑު ފުންވާން ފެށިއެވެ. ނޭވާތައް އަވަސްވެ ނޭވާގެ އަޑުބާރުވިއެވެ. ހިމޭންކަމުގެ ތެރެއިން މަޑު ގިސްލުމެއްގެ އަޑު ފޭދެންފެށިއެވެ.
*** *** *** *** *** ***
ބަލާލައި ކޮންމެ ދިމާލަކުން ފެންނަނީ ޒަމާނީ ކުލަތަކެވެ. ކޮޅުކޮޅަށް ހަރަކާތްތެރިވަމުންދާ މުވައްޒަފުންގެ ސަބަބުން ތަނަށް ހަލަބޮލިކަން ވެރިވެފައިވެއެވެ. ހޯލެއްފަަދަ މަގުން ހިނގާލައިފައި އައިސް ވަދެވުނީ ބޮޑު ލައިބްރަރީއެއްފަދަ ތަނަކަށެވެ. ވަށައިގެން ހަރުގަނޑުތައް ބަހައްޓާލެވިފައިވާއިރު އެއްބިތް އެކީވާގޮތަށްހުރި ހަރުގަނޑު ހުރީ ބިއްލޫރި ޓްރޮފީތަކާއި ޝީލްޑްތަކެވެ. ބިއްލޫރި ޓްރޮފީތައް ފެނި ތުއްތު ޒެލްގެ ދެލޯ ވިދައިގަތެވެ. ދުވެފައި ގޮސް ހަރާއި ކައިރިވީގޮތަށް ޓްރޮފީއެއް ނަގަން އުޅެގަތެވެ. ޒެލްގެ އަތް ހަރުގަނޑާއި ހަމަޔަށް ފޯރުމުގެ ކުރިން ޒެލްގެ ފަހަތުން އައި އަޒްހާން ހަރަށް އަތްފޯރުވާލައިފައި ނެގި ޓްރޮފީ އެކުޑަކުޑަ ދެއަތުގެ ތެރެއަށް ލައިދިނެވެ.
“ވާވް… ޑޭޑީ އިޒް ދިސް ރިއެލް ގްލާރސް… ޒެލްވެސް ބޭނުން މިކަހަލަ ޕްރައިޒްއެއް…” ބިއްލޫރި ޓްރޮފީ އަތަށް ލައިގެން ހުރެ ޒެލްގެ ލޯބި އަޑުން ދެއްކި ވާހަކައިން ހައިލާއާއި އަޒްހާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ޔަގީނެއްނު ޑެޑީގެ ޕްލަމް… މިހުސް ޒެލްގެ ޕްރައިޒަސްއެއްނު… ޑެޑީގެ ކުޑަކުޑަ ސީއީއޯ…” އަޒްހާން ދެކަކޫމައްޗަށް ތިރިވެ ޒެލްގެ މަޑު ކޯތާފަތުގައި ހިފާލިއެވެ. ޒެލް ނުހަނު ލޯބިން ހިނިތުންވެލައިފައި އަޒްހާންގެ ކަރުގައި ދެއަތްވަށާލިއެވެ. އެވަގުތު ވަރަށް ބާރު އަޑުފަށްގަނޑެއްގެ އަޑުއިވުނެވެ. ބޮޑަށް ހީވީ އެއްޗެއް ގޮވީހެވެ. ޒެލް ސިހުނުވަރުން އަޒްހާންގެ ގައިގައި ހިފައިގަތީ ތަދުވާހާ ބާރަށެވެ. އޭރު އެ ކުޑަ ހިތުގެ ތެޅުން ބާރުކަމުން އަޒްހާންއަށްވެސް އިހުސާސްކުރެވުނެވެ. ޒެލްގެ ހަށިގަނޑު އެއް އަތުން ހިފަހައްޓާލަމުން އަޒްހާން ހާސްވެފައި ހުރި ހައިލާގެ އަތުގައި ހިފާ ފިއްތާލިއެވެ. އަޒްހާން ހާސްވިނަމަވެސް އެކަން ދެއްކުމެއްނެތި އަންހެނުންނާއި ދަރިފުޅު ހަމަޖައްސާލަން އަވަސްވެގަތެވެ.
“އެއްވެސްކަމެއްނޫނޭ ބޭބީ… ޑެޑީ މިހުރީނު… ހައި އެއްޗެއް ވެއްޓުނު އަޑުކަމަށްވާނީ.. ހާސްނުވައްޗޭ…” އަޒްހާން ވަގުތުން ވާހަކައެއް ހަދާލިޔަސް އޭނަގެ ހިތުގައި ނުބައި ޝައްކުތަކާއި ވަހުމްތައް ހިނގާލިއެވެ. އަދި އެވަގުތު ދުވެފައި އައިސް އެ ރޫމްތެރެއަށް ވަތް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިޝާރުގެ މޫނުމަތީވީ ކުލަވަރުން އަޒްހާންގެ ނޭވާހާސްވާގޮތްވިއެވެ.
“ސަރ… އަވަހަށް ދުރުވޭ… އިމާރާތުގެ އެތެރޭގައި އެއްޗެއް ގޮވާ ދުމާއިއެކު އަލިފާން ފެތުރެމުންދަނީ… އަޅުގަނޑުމެން މިދަނީ މީހުން ހުސްކުރަމުން… ދުރުވޭ އަޅުގަނޑާއިއެކު…” އިޝާރު ގެނެސްދިން ނުބައި ހަބަރާއިއެކު އަޒްހާންގެ މޫނު ހުދުވިއެވެ. ވަގުތުން ހައިލާއާއި ދިމާލަށް ބަލާލިއިރު ހައިލާގެ ހާސްކަމުގެ ނަޒަރު ހުއްޓިފައިވަނީ އަޒްހާންގެ މޫނަށެވެ. ހައިލާގެ ލޮލާއި ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތުކޮޅު އަޒްހާން ހައިލާގެ އަތަށް ބާރުކޮށްލަމުން ބޯޖަހާލިއެވެ. އޭނައަށް އިތުބާރުކުރާށޭ ބުނިފަދައެވެ. އަދިވެސް ބޮޑަށް ޒެލްގެ ހަށިގަނޑު މެއާއިލައި ފިއްތާލަމުން ހައިލާ ކައިރިކޮށްލައިގެން ހުރެ އަޒްހާން ދޮރާއި ދިމާލަށް ދިޔައެވެ.
މަޑުމަޑުން ދުންތައް ބޯވަމުންދިޔައިރު ޖެހިގެން ހުންނަ މީހާވެސް ފެންނަވަރެއްނުވެއެވެ. އޭރު އިމާރާތުގައި ހިފާފައިވާ ދުމުގެ ވަހުން ނޭވާލާންވެސް ދަތިވާހާވެއެވެ. އިމާރާތުގެ ތެރޭގައި ވަކިހިއްޕަމުންދިޔަ އުދާސްކަމާއިއެކު އަމިއްލަ ފުރާނައާއިގެން ސަލާމަތްވާން މީހުން ކޮޅުކޮޅަށް ދުވަމުންދިޔައެވެ. ހޯލްވޭ ތެރޭ އެކަކު އަނެކަކު ކޮއްޕަމުން އެމީހެއްގެ ސަލާމަތްހޯދަމުންދިޔައިރު ރުއިމާއި ހަޅޭކުގެ އަޑު ބާރުވަމުންދިޔަގޮތުން ބިރުން ފިތްކަނޑައިގެންދާހާވެއެވެ.
ދިގު ހޯލެއްފަދަ ތަނުގައި ދުވަމުންދިޔަ މީހުންތަކުން ރެކެމުން ދުވެފައި ކަހަލަގޮތަކަށް އަޒްހާން ބޭރަށް ނިކުތެވެ. އެ ފުޅާ ކޮނޑުގެ ހިމާޔަތް ހޯދައިގެން ޒެލްއޮތްއިރު ހައިލާ ހުރީ އަޒްހާންގެ އަތަށް ބާރުކޮށްލައިގެންނެވެ. އޭރު ވަރުބަލިވެގެންގޮސް އަޒްހާނަށް މައިނޭވާލެވެމުންދިޔައެވެ. އިމާރާތަށް ނަޒަރެއްދެވޭވަރުވީ ދެނެވެ. އޭރު އިމާރާތުގައި ދުންތައް ބޯވެ ދޭތެރެތަކުން ދުންތައް ނިކުމެ ގޯތިތެރޭގައި ފެތުރެމުންދިޔައެވެ. ކުޑަދޮރުތަކުން އަލިފާން ކަނިތައް ކަޑަމުންދިޔައެވެ.
“ޖީއެމް ކޮންތާކަށް ތިދަނީ… ފަޔަރ ރެސްކިއުއަށް ގުޅައިފިންތަ؟” އިމާރާތަށް ވަދެ ނިކުމެވާ ދޮރުގެ ބަދަލުގައި އިޝާރު އެހެންދިމާލަކަށް ދާން ފެށުމާއިއެކު އަޒްހާން ސުވާލުކުރިއެވެ. އިތުރަށް އެހެން ސުވާލެއްކޮށްލީ ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުންނެވެ.
“އިރުކޮޅެއްގެ ތެރޭގައި އެމީހުން އައިސްދާނެ… ސަރ މެއިން ގޭޓާއިދިމާލުން ބޮޑަށް އަލިފާންގަނޑު ރޯވެފައި އޮތީ… އަޅުގަނޑަށް އިތުބާރުކުރައްވާ… ސަރއާއި އާއިލާއަށް ރައްކާތެރިވާނޭ ތަނަކަށް އަޅުގަނޑު ސަރ މިގެންދަނީ…” އިޝާރުގެ މޫނަށް ވެރިވި ހާސްކަމުގެ ކުލަ ފޮރުވާލަމުން ފަށުވި ދޮގެއް ހަދާލިއެވެ. އިތުރު ސުވާލުތަކަކާއިނުލާ އަޒްހާން އެވާހަކަ ޤަބޫލުކުރީ އިޝާރުއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އޭގެ ނާޖާއިޒް ފައިދާ އިޝާރު ނަގަމުންދާކަމެއް އަޒްހާންއަށް ރޭކައެއްވެސްނުލިއެވެ.
އިމާރާތާއި ދުރުގައި ހަދާފައިވާ ގުދަނާއި ދިމާލަށް ދިޔަ އިޝާރު ތަޅުދަނޑި ފައްޗަކުން ގުދަނުގެ ދޮރު ހުޅުވާލިއެވެ. އެއާއިއެކު ބޮލުން އެތަނުގެ ތެރެއަށް ވަންނަން އިޝާރާތްކުރިއެވެ. ކުޑަކޮށް ބޯއަރިކޮށްލަމުން ގުދަނުގެ ތެރެއަށް ނަޒަރެއްދިން އަޒްހާން އެތެރެއަށް ނުވަދެ ދޮރުމަތީ މަޑުކޮށްލިއެވެ. އެވަގުތު އިޝާރު އޭނަގެ އަތުގައި ހިފަހައްޓާލިއެވެ. އެލޮލުގައިވީ އޭނަައަށް އިތުބާރުކުރާށޭ ބުނާފަދަ ކުލަވަރެކެވެ. އެއިމާރާތުގެ ކޮންމެ އިންޗިއަކީ އަޒްހާންއަށް ހިތުދަސްވެފައިވާ ބަޔަކަށްވިޔަސް އަމިއްލައަށް ގޮތް ނިންމުނުގެ ބަދަލުގައި އަޒްހާންއަށް ބުރަވެވުނީ އިޝާރުގެ ބަހަށެވެ. އިޝާރުއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. އެހެންނޫނަސް އޭނަ ހުރީ އަމިއްލަ ނަފްސަށްވުރެ ޒެލްއާއި ހައިލާގެ ސަލާމަތާއިމެދު ކަންބޮޑުވެފައެވެ. އަލިފާންގަނޑުން ތެރެއިން އިމާރާތުން ބޭރުވާން މަސައްކަތްކުރުންވާނީ އެދެމައިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަށެވެ.
ގުދަނުގެ ތެރޭ ވަތްގޮތަށް ޒެލް އުރާލައިގެން ހުރެފައި އަޒްހާން އޭނަގެ އަތުގެ ތެރެއަށް ހައިލާ ގެނައެވެ. ބިރުވެރިކަމުން އަމިއްލަ ހިތް ވިރެމުންދިޔަވަގުތުވެސް ހައިލާގާތު ބިރުނުގަތުމަށް އެދުނެވެ. އެތަނުން ސަލާމަތްވެވޭނޭކަމުގެ ޔަގީންކަން ދިނެވެ.
ކުއްލިއަކަށް ބޭރުން ދޮރުތަންޑުން އެޅިގެންދިޔަ އަޑާއިއެކު އަޒްހާން ޒެލްއާއި ހައިލާ މެޔާލައި ބޮޑިކޮށްލައިގެން ހުރެފައި ފަސްއެނބުރި ދޮރާއި ސިހިފައެވެ. އޭނަގެ ސިކުނޑި ދިން ނުރައްކާތެރިި އިންޒާރާއިއެކު އޭނަގެ ގައިގައި ތަތްވެލައިގެން އިން ޒެލްދުރުކޮށް ހައިލާގެ އުނގަށް ލީގޮތަށް ދޮރާއި ދިމާލަށް ދިޔައެވެ.
“ހުޅުވާ… މިދޮރު ހުޅުވަބަލަ…” އަަޒްހާން ދޮރާއިދިމާލަށް ބަލަހައްޓައިގެން ހުރެފައި ދަގަނޑު ދޮރުގައި ދެއަތުން ތަޅައިގަތީ ތަދުވާހާ ބާރަށެވެ. އެވަގުތު ދުރުވަމުންދިޔަ ފިޔަވަޅުތަކެއްގެ އަޑުއިވިފައި އޭނައަށް ނޭނގި މެހެވުނު މަޅީގެ ނުރައްކާތެރިކަން އަޒްހާންްއަށް ރޭކާލިއެވެ. ވަގުތުން ހަޅޭލަވައިގަނެފައި ދެއަތުން ދޮރުގައި ތަޅައިގަތެވެ. އަޒްހާންގެ މޫނުމަތީން ފާޅުވި މާޔޫސްކަމާއިއެކު ދޮރުގައި ދެއަތުން ހިފައިގަތެވެ.
“ހެޔޮނުވާނެ… މިދޮރު ހުޅުވަބަލަ… މިތާގައި ކުޑަ ދަރިއަކު އެބައިނޭ… މީހެކޭ…” އަޒްހާން ދޮރުގައި ތަޅަމުން ހަޅޭލެވިއެވެ. ތަނުގެ ބަންދުކަމާއިއެކު މީހަކަށް އަޑުއިވުމަކީ ނުވާނޭކަމަކަށް އިނގޭއިރުވެސް އަޒްހާން ކަރުން ހަންދާންދެން ހަޅޭލެވިއެވެ. އެންމެފަހުން ދޮރުގައި ބޯ ޖައްސާލައިގެން ހުރެފައި ޖީބާއި ދިމާލަށް އަތްގެންދެވުނީ ކަމެއް ހަނދާންވެގެންނެވެ. ޖީބުގައި އޮތް ފޯނުގައި އަތްޖެހުމާއިއެކު އަޒްހާންގެ މޫނުމަތީން އުއްމީދުގެ ދޯދިފަށެއް ފެނިލިއެވެ. ބަސްބުނާހާ ހިނދު އެއަލިކަން ނެތިގެންދިޔައީ އޭނަ ބަލަބަލާހުއްޓާ ފޯނުގެ ރޭންޖް ފިއްތަށް ގެއްލިގެންދިޔުމުންނެވެ. މަންޒިލަށް ވާސިލްވުމަށްފަހު ނާކާމިޔާބުވީކަން އިހުސާސްވުމާއިއެކު އަޒްހާން ފޯނުވެސް ދުރަށް ހޫރާލިއެވެ. އެއަށްފަހު ކޮނޑުން ދޮރުގައި ޖެހިގަތީ ކޮޑުހުޅުންވެސް ލުހިގެންދާހާ ބާރަށެވެ. އެވަގުތު ހައިލާ ކައިރިވެ އަޒްހާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އޭރު އެލޮލުގައި ކަރުނައާއިއެކު ވީ ބިރާއި ސިހުމެވެ. މަޑުމަޑުން އޭނަގެ އާއިލާގެ ނިމުން އަންނަކަމުގެ ހިތި އިހުސާސް އެހިތަށް ވެރިވެގަނެފައިވެއެވެ.
“ހައި އަހަންނަށް އިތުބާރުކުރޭ… އަހަރެން މަރުވެގެންވިޔަސް ހައިއާއި ޒެލް ސަލާމަތްކުރާނަން….” ހައިލާގެ ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ފުހެލަމުން އަޒްހާން ހައިލާގެ ކޯމަތީ އަތްތިލަ ބާއްވާލިއެވެ. ހިތާމައާއި މުސީބާތުގެ ވަގުތުގައިވެސް އަންހެނުންނާއި ދަރިފުޅުގެ ލޮލުން ކަރުނައެއް ދެކޭކަށް އޭނަ ބޭނުމެއްނޫނެވެ. އެއީ އޭނަގެ ހިތާއި ފުރާނައެވެ. ހައިލާ އަޒްހާންގެ މޭގައި މޫނު ފޮރުވާލިއެވެ.
އަޒްހާން ތަކުރާރުކޮށް ދޮރުގައި ތެޅިއެވެ. އެހީއަކަށް އެދި ގޮވިއެވެ. އޭރު ހައިލާ ހުރީ ޒެލް ގޮވައިގެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭރު ކަމެއް ގޯސްވަމުންދާކަން ފަހުމްވެގެން ޒެލް ބިރުން ރޮމުންދިޔައެވެ. މިނެޓްތަކުގެ މަސައްކަތްތަކަށްފަހު އަޒްހާން އަތްއެލުވާލިއެވެ. މާޔޫސްވެފައި ދޮރުފަތުގައި ބޯ ޖައްސާލިއެވެ. އޭނައަށް އެހީވާނެ ފަރާތެއް ނެތީހެއްޔެވެ؟ ނިކަމެތި އިންސާނެއްގެ އަޑުއަހާނޭ އިންސާނެއް ނެތީހެއްޔެވެ؟
އެވަގުތު ބޭރު ތަޅުގައި ހިފާލި އަޑު އިވުމާއިއެކު އަޒްހާން ދޮރާއި ދުރަށްޖެހިލިއެވެ. އެ މޫނުމަތިން ކަނިނުވާ އުއްމީދެއް ފެނުނުއިރު ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތީ ބޭރުގައި ހުރި މީހެއްގެ ކަންފަތަށްވެސް އުނދަގޫވާވަރަށެވެ. ތޫލި އަޑާއިއެކު ދޮރުހުޅުވިގެންދިޔައެވެ. ހައިލާއަށް ނަޒަރެއްދެމުން އަޒްހާން ކުރިއަށް ފިޔަވަޅެއްއަޅާލިއެވެ. އެއާއިއެކު ފެނުނު މަންޒަރަކުން ހައިލާއަށް ހަޅޭލަވައިގަނެވުނެވެ. ދޮރުގެ ދޭތެރެއިން ވަތް ކޮޅު ހިމަ ވަޅި އަޒްހާންގެ ބަނޑަށް ވަދެގެން ދިޔައީ އޭނަ ބަލަބަލަ ހުއްޓައެވެ. އޭރު އަޒްހާން ހުރީ އަމިއްލަ ދިފާއުގައި ހަރަކާތެއްވެސް ނުގެނެސް ބުުދެއްފަދައިންނެވެ. އޭނަގެ ނަޒަރު ހަމަވެފައިވީ ދޮރުގެ ދޭތެެރެއިން ފެންނަމުންދިޔަ ކަޅުކަންގަދަ ކަޅިއަށެވެ. ލޮލުގެ އެއްފަރާތުން ދުރަށް ފާޅުވަމުންދިޔަ ލޭކުލައިން އޭނައަށް ހިތި ހަޤީގަތެެއް އަންގައިދިނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.






YEY me first reethi
thanks dear and congrats on being first
When next ??m happy that ur back sis ..?
thankss dear.. insha allah saturday night ga
Readers.. mi bayah kudhi kudhi change thah genevifa vaane.. and 71 up kohlaafa ihnaanee enjoy reading
Varah dhen foohi, medhu therein than kolheh change kollaafa pis pis
thankss dear.. kithanme kuda badhalakunves mulhi vaahaka ah badhaleh aisfaane
V nise ekamaku haadalahey up vaaleh..
thankss dear.. aslu exam week veema delayvee.. sorry for that
Yehhh finally u uploaded…. Curiously waiting for more parts
thankss dear.. keep waiting
Haizal aai Naina ge Bai haadha madhey….. Alhe e thankolheh ginakuraanama