
އައްޑުއަތޮޅު މަރަދޫގެ ކެފޭއެއްގެ ތެރޭގައި ލަޔާލް އިންއިރު އޭނާގެ ކުރިމަތީ އިނީ ނާއިމްއެވެ. ދުރުގައި ހުރި އިތުރު މޭޒެއްގައި ލަޔާލްގެ ޓީމްގެ ދެ މެމްބަރުން ކަމުގައިވާ ޒުހުރީއާއި ރާޝީދު އޮލަވާހަކައެއްގައި ތިއްބެވެ. އޭނާ އައީ އެމީހުންވެސް ގޮވައިގެންނެވެ. ” މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓްކުރި ކޭސްއެއް. މަށަށް ހީވަނީ އެކޭސްއާއި ލަޔާލް ތިހަރަކާތްތެރިވާ ކޭސްއާއި ކޮންމެވެސް ވަރެއްގެ ގުޅެމެއް ވާހެން” ނާއިމް ވާހަކައާއިގެން ކުރިއަށް ދިޔައެވެ. އެއަށް ފަހު އޭނާ އެކޭސްއާއި ބެހޭ ވާހަކަ ލަޔާލްއަށް ކިޔައިދޭން ފެށިއެވެ.
މަރަދޫގެ ސްކޫލުގައި މަސައްކަތް ކުރަމުން ދިޔަ ޓީޗަރުން ތަކެކެވެ. ޝެޝަން ނިންމާލުމަށް ފަހު ޝާއިން އޭނާގެ ދަބަސް ހުރަހަށް ވާގޮތަށް ކޮޑުގައި އަޅުވާލަމުން ނުކުތީ އޭނާ އުޅޭ ގެއަށް ދިއުމަށެވެ. ޝާއިންނަކީ ރ.އަލިފުއްޓަށް އުފަން ކުއްޖެކެވެ. ހެޔޮވަރު އިސްކޮޅަކާއި ރީތި ސިފަތަކެއް ލިބިފައި ހުރި، އަންހެން ކުދިން ހިތްކިޔާ ކަހަލަ ޖާދުވީ ގޮތްތަކެއް ހުރި ރަގަޅު ޒުވާނެކެވެ. ކިޔަވައިދިނުމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށް ނިންމާލުމަށްފަހު ރަށުން ވަޒީފާއެއް ހުސްވެފައި ނެތުމުން އޭނާ އައީ މަރަދޫގައި ހުސްވެފައިވާ އިނގިރޭސި ޓީޗަރެއްގެ މަޤާމަށް ކުރިމަތިލައި އެމަޤާމަށް ހޮވުމުންނެވެ. އޭނާ އައިސް އެރަށުގައި ހުންނަނީ އޭނާއާއި އެއްކޮށް ކިޔަވަން އުޅުނު ނާއިޝްގެ ގޭގައެވެ. ނާއިޝްއަކީ އެސްކޫލުގެ އިސްލާމް ޓީޗަރަކަށް އުޅޭ ޝާއިންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދަބަސް ހިފައިގެން ޝާއިން ގޭޓުން ނުކުންނަށް ހިގައިގަތްތަނާ އޭނާގެ ލޮލުގައި އަޅައިގަތީ ގޭޓްގެ ކައިރީ ހުރި ނަވާއެވެ. ނަވާއަކީ އެސްކޫލުގެ ހިސާބު ޓީޗަރެވެ. ހަމުގެ ކުލަ އަލި ، ރީތި ދެލޮލާއި ތޫނުކަޅިރަވައެއްގެ ވެރި ނަވާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އެނާގެ ދިގު ފަންއިސްތަށިގަނޑެވެ. ހަމައެހެންމެ އިސްކޮޅާ ހެޔޮވަރު ރޫފައެއް ލިބިފައިވާއިރު ނަވާއަކީ ކޮންމެ ފިރެހެނެއްގެވެސް ހިތުގެ ރާނީއެވެ.
ޝާއިން އައިސް ހުއްޓުނީ ނަވާގެ ކައިރިއަށެވެ. ” ކިހިނެތްވެފައި މިތާ ތިހުރީ؟” ނަވާ އެކަނި ހުރުމުން ޝާއިން އަހާލިއެވެ. އެވަގުތަކީ އެމީހުން ތިބި ތަނަށް ނަވާގެ ބޭބެ ރުޝްދީ ސައިކަލުގައި އައިސް މަޑުކޮށްލި ވަގުތެވެ. އެހެންކަމުން ޝާއިންގެ ސުވާލަށް ޖަވާބު ދޭނެ ފުރުސަތެއް ނަވާއަކަށް ނުލިބުނެވެ. ” މާ ބޮޑަށް ލަސްވީދޯ! އަވަހަށް އަރާ” ރުޝްދީ އެހެން ބުނުމުން ނަވާ ސައިކަލް ފަހަތަށް އެރިއެވެ. ހަމައެއާއެކު ރުޝްދީ ސައިކަލް ދުއްވާލިއެވެ. ސައިކަލް ގޮސް އޮބާލަންދެން ޝާއިންއަށް އެދިމާއަށް ބަލަން ހުރެވުނެވެ. ޝާއިންއަށް ނަވާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާގެ ހިތުގައި އެރީތި އަންހެން ކުއްޖާއަށް ވަނީ ޚާއްސަ މަޤާމެއް ދެވިފައެވެ. އެހެނަސް މިއަދާ ޖެހެންދެންވެސް އެކަން ނަވާގެ ކުރިމަތީ ހާމަ ކުރަން ޝާއިން ފަސްޖެހެއެވެ. އެއްތަނެއްގައި ވަޒީފާ އަދާކުރި ނަމަވެސް ގަޑިތައް އޮންނަ ގޮތުން ދެމީހުން ބައްދަލުވަނީ މަދުފަހަރަކުއެވެ. އެހެންކަމުން ރަގަޅަށް ވާހަކަ ދައްކާލާނޭ ފުރުސަތެއްވެސް ނުލިބެއެވެ
ރޭގަޑު ގެއަށްގޮސް ނިދަން ވަތްއިރުވެސް ޝާއިންގެ ހިތުތެރޭގައި ވަނީ ނަވާގެ ޚިޔާލުތަކެވެ. އެ ރީތި ސޫރައެވެ. “ކޮންކަމަކާތަ މާވަރަކަށް ތިޔަ ވިސްނަނީ؟” ނަވާގެ ޚިޔާލުތަކަށް ގެއްލިފައި އޮތް ޝާއިންއަށް ހޭވެރިކަންވީ ނާއިޝް އައިސް އޭނާ އޮތް އެނދަށް ފުއްމާލުމުންނެވެ. ” ކަމަކާ ނުވިސްނަން” ޝާއިން ނޫންކަމަށް ހެދިއެވެ.
މުޅިން އާ ދުވަހަކަށް އިރު އަރައިފިއެވެ. ޝާއިން ނިންމައިގެން ހުރީ މިއަދު ސްކޫލަށް ގޮސް ކޮންމެވެސް ވަގުތަކުން ނަވާއާއި ބައްދަލު ކުރާށެވެ. އެހެނަސް ސްކޫލަށް ދާން ޖެހެނީ ބާރަގަޑި ބައިގައި ކަމުން އަދި އިންތިޒާރުކުރަން ޖެހޭ ވަގުތު ވަރަށް ގިނައެވެ. ގަޑީގެ ކޮންމެ ސިކުންތެއްވެސް ޝާއިން ގުނަމުން ދިޔައީ ކެތްތެރިކަން ކުޑަވެފައިވާތީއެވެ.
ކަންދިމާކުރި ގޮތުން މިއަދު ޝާއިންގެ ހުސްގަޑީގައި ސްޓާފްރޫމުގައި އިންދާ އެތަނަށް ވަދެގެންއައީ ނަވާއެވެ. އޭރު ސްޓާފްރޫމުގައި އިތުރު މީހަކު ނެތުމުން މިއީ ރަގަޅު ވަގުތެއް ކަމަށް ޝާއިން ނިންމިއެވެ. ” މިއަދު މާ ހުސް ދުވަހަކީތަ؟” ނަވާ އައިސް ގޮޑީގައި އިށީނުމުން ޝާއިން އަހާލިއެވެ. ” ނޫން.އެންމެ ގަޑިއެއް ލިބޭނީ.” ޝާއިންއާއި ދިމާއަށް ހިނިތުންވެލަމުން ނަވާ ބުނެލިއެވެ. ނަވާގެ ލުއި ހިނިތުންވުން ފެނިފައި ޝާއިންގެ ހިތް އުފަލުން ފުރުނެވެ. އޭނާގެ ހިތުގެ އެދުން ނަވާގެ ކުރިމަތީ ހާމަކުރަން ބޭނުންވިއެވެ. ނަމަވެސް މިއީ އެކަމަށް އެންމެ ރަގަޅު ވަގުތުކަމަށް ނުވެދާނެއެވެ. އެހެންކަމުން ނަވާއާއި ބައްދަލު ކޮށްލުމުގެ އިތުރު ފުރުސަތަކަށް ޝާއިން އެދުނެވެ. ” މިރޭ ބިޒީތަ؟ އަހަރެންނާއެކު ކޮފީއަކަށް ދެވިދާނެތަ؟” ޖެހިލުންވެ އިނދެ ޝާއިން އަހާލިއެވެ. ” ބިޒީއެއް ނޫން. ދެވިދާނެ” ނަވާގެ ޖަވާބު ލިބުނެވެ. ޝާއިން އެންމެ ހިތް އެދޭގޮތަށެވެ.
ރޭގަނޑުގެ އަށްގަޑި ބަޔަށް ނަވާއަށް ގަޑި ކިއިފައި އޮތުމުން ޝާއިން ތައްޔާރުވަމުން ދިޔައީ ބޭރަށް ދިޔުމަށެވެ. ” އޯހޯ…ހާދަވަރަކަށް..އަންހެން ކުއްޖެއް ކައިރިއަށް ދާންތަ؟” ނާއިޝް ކޮޓަރިއަށް ވަންނަމުން ލޯގަނޑު ކައިރީ ރީތިވާން ހުރި ޝާއިން ފެނިފައި ދިމާކޮށްލިއެވެ. އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއް ލައިފައި ހުރިއިރު ޝާއިންގެ ފިރެހެންވަންތަކަށް ވަރަށް ފުރިހަމައަށް ފައުޅުވާން ހުއްޓެވެ. ” އެހެންކަމަށް” ޝާއިން އާދައިގެ ގޮތަކަށް ބުނެލިއެވެ. ” އަސްލުވެސްތަ؟ ހާދަ ވަގޭ. އަންގައިވެސް ނުލަމެއްނު” ނާއިޝްއަށް ކުރިން ނޭންގުމުން އޭނާ ޝަކުވާކުރިއެވެ. ” އަދި ނޭންގިފައެއް ނެތެއްނު..ސެޓްވީމަ ބުނާނަމޭ” ޝާއިން އުޅުނީ އަވަސް އަރުވާލާފައެވެ. “އެއީ ކޮންކުއްޖެއްތަ؟” ނާއިޝް އިނީ އޮޅުން ފިލުވަން ބޭނުންވެފައެވެ. ” ނަވާ” ޝާއިން އެހެން ބުނަމުން ކޮޓަރިން ނިކުތެވެ. ނާއިޝްއަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުލިބުނެވެ.
ޝާއިން ގޮސް ރެސްޓޯރެންޓް ކުރިމަތީ ހުއްޓިލައިގެން ހުއްޓެވެ. އޭރު އަދި ނަވާއެއް ނާދެއެވެ. އެހެން ހުއްޓާ އޭނާއަށް ކުއްލިއަކަށް ފެނުނީ ރެސްޓޯރެންޓް ކުރިމައްޗަށް މަޑުކޮށްލި ޓެކްސީއިން ފެބި ނަވާއެވެ. ރަތް ކުލައިގެ ޓޮޕް ކޮޅަކާއި ޖިންސެއް ލައިފައި ހުރިއިރު އޭނާ ވަރަށް ރީއްޗެވެ. އޭނާގެ ފަންއިސްތަށިގަނޑު އޮތީ ރޫޅާލެވިފައެވެ. ޝާއިންއަށް ނަވާ ފެނުމުން އެދިމާއަށް ދިއައެވެ. ” މާ ލަސްވީ ދޯ!” ނަވާ ލަދުރަކި ގޮތަކަށް ބުނެލިއެވެ. ” ނޫން.ލަހެއް ނުވޭ. އަހަރެންވެސް ދާދި ދެންމެއަކު މިއައީ. ހިނގާ އެތެރެއަށް” ޝާއިން ނަވާ ގޮވައިގެން ވަނީ އެތެރެއަށެވެ. އެތެރެއަށް ވަދެ ޝާއިން ދެއްކި މޭޒުދަށުގައި ދެމީހުންވެސް އިށީނެވެ. ” ކޯއްޗެއް ގެންނާނީ؟” ޝާއިން އަހާލިއެވެ.
ނަވާ އާއި ޝާއިން ކާއެއްޗެއްސަށް އޯޑަރު ދިނެވެ. ނަވާ އިނީ އިސްދޮށަށް ޖަހައިގެންނެވެ. ދެމީހުންގެ ދެމެދުގައި ވަނީ ހަމަހިމޭންކަމެވެ. އެކަކަށްވެސް އިސްވެ ވާހަކަ ދައްކާކަށް ނުކުރުނެވެ.” އަހަރެން ނަވާ ކައިރީ ވާހަކައެއްބުނަން ބޭނުން.” އެދެމެދުގައިވާ ހަމަހިމޭންކަން ނަގާލީ ޝާއިންގެ މިޖުމްލައެވެ. ހިތުގައި ވާ އެދުން ހާމަކުރުމަށް ޝާއިން ހުރީ ނިންމައިގެންނެވެ. އެނާއަކީ ކެރޭ މީހެކެވެ. ” ކޮން ވާހަކައެއް؟” ނަވާ އަހާލިއެވެ. އޭރު ކާން އޯޑަރު ކުރި ކްލަބްސޭންޑްވިޗްތައް މޭޒުމަތީ ބަހައްޓާފައި ވޭޓަރު ދަނީއެވެ. ” އަ..އަހަރެނަށް ނަވާ ވަރަށް ކަ..ކަމުދޭ. އަހަންނަށް ނަވާދެކެ ލޯބި ވެވިއްޖެ” ޝާއިން އޭނާގެ ހިތް ނަވާގެ ކުރިމަތީ ހުޅުވާލިއެވެ. ނަވާ އެއްޗެކޭ ނުބުނެ ޝާއިންއާއި ދިމާއަށް ބަލައިލަމުން ހިނިތުން ވެލިއެވެ. ” ތީގެ މާނައަކީ ނަވާވެސް.؟؟..” ޝާއިންއަށް ނަވާގެ އެ އިޝާރާތުން ކޮންމެވެސް އެއްޗެއް ދޭހަވިއެވެ. ނަވާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރު އެމޫނުމަތިން ލަދުވެތި ކަމުގެ އަސަރުތައް ފައުޅުވާން ހުއްޓެވެ. އެވަގުތަކީ ޝާއިންގެ ހަޔާތަށް އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. އޭނައެކޭ އެއްގޮތަށް ނަވާވެސް އޭނާއަށް އެދިއެދި ހުރިކަން ހާމަވުމުން އޭނާގެ ތުންފަތް މައްޗަށް ވެރިވެފައިވަނީ އުފާވެރި ހިނިތުންވުމެކެވެ.
ދެމީހުންވެސް އެރޭ އެބައްދަލުވުން ނިންމާލީ ވަކިނުވުމަށް އެތަކެއް ވަޢުދާއި ހުވާ ކުރަމުންނެވެ. ޝާއިން ގެއަށް ގޮސް ނާއިޝް ކައިރީ އެވާހަކަ ބުންޏެވެ. އެރޭ ނިދަން އޮވެގެންވެސް ޝާއިންއަށް ވިސްނެމުން ދިޔައީ ނަވާއާއި ދޭތެރޭއެވެ. ނަވާގެ ހާލަކީވެސް އެއީއެވެ. ދެމީހުންގެ ހިތުގައިވެސް ވަނީ އިންތިހާ ދަރައިޖައިގެ އުފާވެރިކަމެވެ.
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. ސްކޫލުން ބައްދަލު ވާ ވަގުތު ތަކުގައި ދެމީހުން އެކަކު އަނެކަކަށް ލުއި ހިނިތުންވުންތައް ހަދިޔާކުރެއެވެ. ސްކޫލު ނިމުމުން ދެމީހުންވެސް އެކިރޭ އެކިތަނުން ބައްދަލު ކޮށްހަދައެވެ. ލޯބީގެ ޒަމާންވީ މަންޒިލުތައް ކަމުގައިވާ ތުނޑިތަކާއި ގޮނޑުދޮށްތަކުގައި އެތަކެއް ފޮނި ހުވަފެންތައް ދެކެމުންނެވެ. ނަވާއާއި ޝާއިންގެ ލޯތްބަކީ ވަރަށް ވަރުގަދަ ލޯތްބެކެވެ. ދެމީހުންނަށް އެކަކު އަނެކާ ނުލައި ނޫޅެވޭވަރަށް އެދެހިތުގައި ލޯބި އުފެދިފައިވެއެވެ. އެހެނަސް މިގުޅުން ވަނީ ދެ އާޢިލާއަށްވެސް ސިއްރު ކުރެވިފައެވެ.
ހަވީރު ކްލާސް ނިންމާލުމަށްފަހު ނަވާ ސްޓާފްރޫމަށް ވަނެވެ. އޭރު އެތަނުގައި ޝާއިންއާއެކު އިތުރު ބައެއް ޓީޗަރުން ތިއްބެވެ. ނަވާއައިސް މޭޒުދޮށުގައި އިށީނުމާއެކު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ” ހަލޯ. ނަވާ ! ބޭބެ ސައިކަލު ހަންފަޅައިގެން ގޮސްގެން މިއުޅެނީ..މިރޭ ބަލައެއް ނުދެވޭނެ .ޓެކްސީއެއްގައި ގެއަށް އާދޭ އިނގޭ” އެކޮޅުން ވާހަ ދެއްކީ ނަވާގެ ބޭބޭ ރުޝްދީއެވެ. އާއެކޭ ބުނުމަށްފަހު ނަވާ ފޯނު ބޭއްވި ވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. ” ކިހިނެތްވީ ؟ ކާކު ގުޅީ؟” ޝާއިންގެ މެސެޖެކެވެ. ” ބޭބެ. ބަލައި ނާދެވޭނެޔޯ. ޓެކްސީއެއްގަ އަންނާށޯ.” ނަވާ ޖަވާބު ފޮނުވާލިއެވެ. ” ކީއްކުރަން ޓެކްސީއެއްގަ ދަނީ އަހަރެންނާއިކު ހިނގާލާފައި ދާންވީނު..އަހަރެން ހިނގައިދާނަމޭ ނަވާ ގޮވައިގެން” ޝާއިން މެސެޖްކުރިއެވެ. ނަވާ ޝާއިންއާއި ދިމާއަށް ބަލައިލުމަށް ފަހު ހީލިއެވެ. އެތަނުގައި ތިބި އެހެން މީހުންނަށް ނޭގޭނެހެންނެވެ.
ޝާއިންއާއި ނަވާ ނިކުތީ ނަވާގެ ގެއަށް ދިއުމަށެވެ. ދިޔަ މަގުމަތީ ދެމީހުންވެސް އެކަކު އަނެކަކާ ސަމާސާކުރަމުން ހެމުން ގެންދިޔައެވެ. ނަވާގެ ގެއާއި ހަމައަށް އާދެވުމުން ޝާއިން މަޑުކޮށްލިއެވެ. ” އަވަހަށް ދެން ދޭ” ޝާއިން ނަވާގެ އަތުގައި ބޮސްދެމުން ބުނެލިއެވެ. ލަދުރަކި ގޮތަކަށް ހިނިތުން ވެލުމަށްފަހު ދުވެފައިގޮސް ނަވާ ގެއަށްވަނެވެ. އޭރު ގޭގެ ދެވަނަބުރީގެ ބެލްކަނީގައި ހުރި ނަވާގެ ބައްޕައަށް ވަރަށް ރަގަޅަށް އެމަންޒަރު ފެނުނެވެ. ” އެއީ ދޯ އެބުނާ ސޮރަކީ؟ ރުޝްދީ ކުރިން ދުވަހެއްގައި ބުންޏޭ ގޭޓް ކައިރީ ނަވާ ފިރެހެން ކުއްޖަކާއެކު ހުރި ވާހަކަ.” ނަވާ އައިސް ގެއަށް ވަނުމުން އޭނާގެ ބައްޕަ ޖަމީލު ބުންޏެވެ. ޖަމީލުގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ނަވާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ” ބައްޕާ! އެއީ ޝާއިން. ރ.އަތޮޅު އަލިފުށީ ކުއްޖެއް. ވަރަށް ރަގަޅު ކުއްޖެއް އެއީ” ނަވާ ހުރީ އޭނާގެ ބައްޕަގެ ހަރުކަށިކަން ފެނި ފެންކަޅިވެފައެވެ. ނަވާގެ ބައްޕަ ނަވާދެކެ ވަރަށް ލޯބިވެއެވެ. ހަރުކަށިކޮށް ވާހަކަ ދެއްކުމަކީ އޭނާގެ ބައްޕަ ކޮށްއުޅޭ ކަމެއް ނޫނެވެ. މަންމަ ނިޔާވި ދުވަހުން ފެށިގެން ނަވާއާއި ނަވާގެ ބޭބެ ރުޝްދީ ބަލާ ބޮޑުކޮށް ކިޔަވައިދީ ހެދީ ބައްޕަގެ ބުރަ މަސައްކަތުންނެވެ. ” ހެވޭ ކިތަންމެ ރަގަޅަސް. ތަނަކުން އަންނަހާ މިހަކާ ހިތާވާކަށް ނުޖެހޭ. މީގެ ފަހުން ސްކޫލަށް ދާން ނޫނީ ނަވާ ގެއިން ބޭރަށް ނުކުމެގެން ނުވާނެ!” ޖަމީލުގެ އަޑު އިހުނަށްވުރެ ގަދަވިއެވެ. އޭރު ރުޝްދީވެސް ކޮޓަރީގައި އޮވެފައި ގޭތެރޭގައި އަޑުގަދަ ވެގެން ނިކުމެ ހުއްޓެވެ. ބައްޕަގެ މިހަރުކަށިކަން ފެނުމުން ނަވާއަކަށް ކެތެއް ނުވިއެވެ. ރޮމުން ރޮމުން ދުވެފައި ގޮސް އޭނާ ކޮޓަރިއަށްވަނެވެ
އަނެއް ދުވަހު ޝާއިން ސްކޫލަށް ދިޔައިރު ނަވާ އިނީ ސްޓާފްރޫމްގައެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އެ ރީތި މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް ދިރުމެއް އެމޫނު މަތީ ނުވެއެވެ. ޝާއިން ވަތްތަން ފެނުމުން ނަވާ އިސްދޮށަށް ޖަހާލިއެވެ. އޭރު އެރީތި ދެލޮލުގައި ޖަމާވި ކަރުނަތައް ފޮރުވަމުންނެވެ. ” ކިހިނެތްވީ؟” ޝާއިން ނަވާއާއި ޖެހިގެން ހުރި ގޮޑީގައި އިށީންނަމުން އަހާލިއެވެ. ” ބައްޕައަށް ރޭގަ އަހަރެމެން ފެނުނީ. ބައްޕަ އަހަރެމެންގެ މި ގުޅުމާއި ވަރަށް ދެކޮޅު. ގެއިން ނުކުތުންވެސް މަނާކޮށްފަ އޮތީ” ހިތްވަރުކޮށްލާފައި ނަވާ ވާހަކަ ދެއްކޭތޯ ބެލިއެވެ. ” އެހާހިސާބަށްވެސް ކަންތައް ދިޔައީތަ؟” ޝާއިން މާޔޫސްވިއެވެ. ” މިއަދު ބްރޭކް ގަޑިގަ ލައިބްރަރީއަށް އަންނައްޗޭ .އަހަރެން ނަވާއަށް އިންތިޒާރު ކުރާނަން” އެހެން ބުނެފައި ޝާއިން ކްލާހަށް ދާން ނުކުތެވެ.
-ނުނިމޭ
One Comment
Comments are closed.
salhi ,.,.