ހުވަފެނަކީ ބިލާހެއް – 2
ތަމަންނާ ގޮވާލި އަޑު ވިލްދާންއަށް އިވުނެއެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނި ތާގައި އެނބުރި ބަލާވެސްނުލިއެވެ. އޭނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ރުޅި އައިސްގެންކަމެއް ނޫނީ އެހެން އިހުސާސެއް ކަމެއް ވިލްދާނަކަށް ނޭނގުނެވެ. އެއީ އަންހެން ކުއްޖެއް އިސްނަގައިގެން އޭނާއާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
**************************************************************************************
ނިދީގައި އޮވެފައި ކުއްލިއަކަށް ހޭލެވުމަކީ މިހާރު ވިލްދާންގެ އާދައެކެވެ. ފުރިހަމަ ނިދި ނުލިބޭތާ ދިހަ މަހެއް ވަރު ވެދާނެއެވެ. ބޭސް ވެސް އެބަ ހުއްޓެވެ. އެކަމަކު ކާކަށް ބޭނުމެއް ނުވެއެވެ. ބޭސް ކެއުމަކީ ކުޑަ އިރުއްސުރެވެސް ވިލްދާން ފޫހިވާ ކަމެކެވެ. އޭސީކޮށްފައި ހުރި ކޮޓަރިއެއް ކަމުގައި ވިޔަސް އޭނާގެ ބާލީސް ތެމިފައިވަނީ އަމިއްލަ ދަލުންނެވެ. ހުސް ގަޔާ ނިދަނީ ވެސް އެހެންވެއެވެ. ޓީޝާޓު ފޯވީމާ ގައިގައި ތަތްލާތީއެވެ.
އެނދުން ތެދުވެގެން ބާލުހާނާއަށް ވަނީ އަނގަޔަށް ސިގިރޭޓެއް ޖަހައިގެންނެވެ. މެންދަމުގެ ވަގުތު ކަމުގައިވިޔަސް މާލޭގެ މަގުތަށް ހަވީރުހާ ހަލަބޮލިއެވެ. ދުން ކަނޑާފައި މީހުން ދުއްވާފައި ދާ މަންޒަރު ވިލްދާން ބަލަމުން ދިޔައީ ފޫހިކަމާއި އެކީގައެވެ.
“ނުނިދެނީތަ؟”
ޖެހިގެން ހުރި ކޮޓަރީގެ ބާލުހާނާއަށް ނިކުމެ ހުރި ތަމަންނާ ފެނުނީ ދެނެވެ. ވިލްދާން ކޮށިއަރާ ގޮތްވިއެވެ. އަތުގައި އޮތް ސިގިރޭޓު ދުރަށް ލަމުން އޭނާ އިސްޖަހާލިއެވެ. ހުސްގަޔާ ހުރުމުން ލަދުގަންނަން ޖެހުނު ފުރަތަމަ ފަހަރަކީ އެއީއެވެ. ވިލްދާން ކަތި ނަޒަރަކުން ތަމަންނާއާއި ދިމާލަށް ބަލާލިއެވެ. ތަމަންނާ ހުރި ގޮތް ފެނިފައި އޭނާ އިތުރަށް ލަދުގަތެވެ. އައިކޮޅަށް ހިނގައިގަންނަން ބޭނުންވިޔަސް އޭނާގެ ހަށިގަނޑު އެކަމަށް އިންކާރު ކުރަމުން ދިޔައެވެ.
“ކީއްކުރަން މާލެ އައީ؟”
ވީހާ ވެސް ތަމަންނާއާއި ދިމާލަށް ނުބަލަ އޭނާ ވާހަކަ ދެއްކޭތޯ ބެލިއެވެ.
“މަންމަ ބަލިވެގެން… ވިލްދާން ކޮންކަމަކާ ރަކި ވެގެން ތިއުޅެނީ؟ ބަނޑުގަ ހުރި ގޮޅިތައް ގިނަކަމުން ފޮރުވަނީތަ؟”
ސިކުންތެއްގެ ތެރޭގައި ބާލުހާނާއިން އެލިގަނެގެން ތަމަންނާ އިހުނަށް ވުރެ ވިލްދާންގެ ގާތަށް އައެވެ. އޭނާގެ ނޭވާ އަރުތެރޭ ތާށިނުވީ ކިރިޔާއެވެ. ތަމަންނާގެ ލޮލުގައި ވި ވިދުމާއި އެއްމިޔަކަނުން ހީލާފައި ހުރި ގޮތުން ވިލްދާންގެ ގާތަށް ރުޅިއައެވެ. އެއާއި އެކު އޭނާގެ މޫނު ހޫނުވަމުންދާ އިހުސާސް ވެސް ކުރެވުނެއެވެ.
“އަންހެނެއް ނައިޓީއެއް ލައިގެން ހުއްޓާ ކުރިން ނުދެކެންތަ؟ އަހަހަ… އެއްޗެކޭ އަހާއިރަށް ބުމަ ގޮށް ނުޖަހަބަލަ.. ތިހާ ޒުވާންއިރު މުސްކުޅި ވެއްޖިއްޔާ އޯ؟”
ތަމަންނާގެ މިޔުޒިކީ އަޑުން އޭނާ ބުނާ ކޮންމެ ލަފުޒަކަށް ދިރުން ގެނެސްދެއެވެ. ވިލްދާންއަށް ބޭއިހުތިޔާރުގައި ހިން ދިރުވާލެވުނެއެވެ. ސިކުންތަކަށް ވިޔަސް ތަމަންނާ ލައިގެން ހުރި ތުނި ފޮތިން އޭނާގެ ހަށިގަނޑުގެ ވަނާތައް ވިލްދާންގެ ސިކުނޑީގައި ބިންވަޅު ނެގުނެއެވެ.
“ކީއްކުރަން ހުޅުމާލެއަށް ދަނީ؟ ބައްޕަ ކައިރި ބުންޏަސް ގެންގޮސްދޭނެ..”
ވިލްދާންގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. އެއް ނޭވާއިން ސިގިރޭޓު ދަމާލަމުން ކޮޓަރި ތެރެއަށް ވަންނަން އެޅި ފިޔަވަޅު ގަނޑުވީ ތަމަންނާ ބުނި އެއްޗަކުންނެވެ.
“މީހެއްގެ ހިތް ހަލާކުކޮށްލަން…”
ހެވިފައި ތަމަންނާ އެހެން ބުނުމުން ވިލްދާންގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފާޅުވިއެވެ.
“އެހެންވީމަ ދާންގެ ބައްޕައާއި އެއްކޮށް ނުދެވޭނެ އެއްނު؟ މަންމަ ކައިރި ކިޔާފިއްޔާ ކަނޑަ ވާނެ.”
ދާން އޭ ބުނުމުން ވިލްދާންގެ ލޯ ހަނިވިއެވެ. ގޮށްމުއްކަވާލެވުނީ ހިތި ހަނދާނެއް ސިކުނޑީގައި ތާޒާވީމައެވެ.
“ދާން ނުކިޔާތި މަށަށް. ހަވީރު ރެޑީވެގެން ހުންނާތި.”
ތަމަންނާ އަނެއްކާވެސް ރައްދުކޮށްލީ ފަނޑު ހިނިތުންވުމެކެވެ. ކޮންމެ އެއްޗެކޭ ބުންޏަސް އެމޫނުން ހިނިތުންވުމުގެ އަސަރު ފިލާނުދާނޭ ވިލްދާން ހިތަށް އެރިއެވެ. އެކަމަކު އެއީ ކުރި ތަޢުރީފެއް ނޫނެވެ. ވިލްދާން ޤަބޫލުކުރާ ގޮތުގައި ހޭންޖެހޭ އިރާއި ރޯންޖެހޭ އިރު ވެސް އަންނާނެއެވެ. އެކަމަކު ތަމަންނާ ކަހަލަ ލަދު ކުޑަ މީހަކަށް މިއިން ކަމެއް އިނގޭ ހެނެއް ހިޔެއް ނުވެއެވެ.
“ގުޑްނައިޓް..ދާން.”
އިސްތަށިގަނޑު އަތުން ހޫރުވާލަމުން ތަމަންނާ ކޮޓަރިއަށް ވަންނަން ހިނގައިގަތީ ހިނިގަނޑެއް ޖަހާލުމަށް ފަހުއެވެ. އޭނާ ކޮޓަރިއަށް ވަންއިރުވެސް އެ އަޑު ވިލްދާންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ބުނީމަ ބުނާ ގޮތެއް ތަމަންނާ ނަހަދާނެ ކަން ކުރިންވެސް ވިލްދާނަށް ހީވިއެވެ. ސިގިރެޓު ބިންމައްޗަށް ވައްޓާލުމަށްފަހު ފައިން ބާރުބާރަށް ޗިސްކޮށްލިއެވެ.
އެނދުގައި ޖައްސާލިތަނާހެން ނިދިއައީ ކިހިނެތް ކަމެއް ނޭނގެއެވެ. ނަމަވެސް ނިދުނީ ފަސް ގަޑިއިރަށެވެ. އެވެސް ބޮޑުވަރުތާއެވެ. ހުވަފެނެއް ނުފެނި ނިދުނީތީ ވިލްދާން އެކަމަށް ޝުކުރުކުރިއެވެ.
ހެނދުނު ހަތެއް ޖަހަން ވާއިރަށް ވިލްދާން ހުރީ އޮފީހުގައެވެ. ކޮމްޕިޔުޓަރު ކައިރީގައި އިދެގެން އޭނާ ދިޔައީ މުހިންމު ރިޕޯޓެއް ތައްޔާރު ކުރަމުންނެވެ. މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓު ވިއަޑަށް ވިލްދާންގެ ސަމާލުކަން އެދިމާލަށް ދިޔައެވެ. ސްކްރީން ހުޅުވާލިއިރު އިނީ ނުދަންނަ ނަންބަރަކުން އައި މެސެޖެކެވެ.
“ދާން… ގުޑް މޯނިންގް. ރަނގަޅަށް ނިދުނުތަ؟ ޕްރޮމިސް ހަނދާން އެބަހުރި ދޯ؟ ހަވީރު ހަތަރެއް ޖަހާއިރު. ހުންނާނަން އިންތިޒާރުގައި…”
މެސެޖު ކިޔާލުމަށްފަހު ވިލްދާން ފުން ނޭވާއެއް ލަމުން ގޮނޑީގައި ލެގިގަތެވެ. ތަމަންނާގެ މަޤްސަދަކީ ކޮބާ ހެއްޔެވެ؟ މަންމަ ޑޮކްޓަރަށް ދައްކަންށޭ ކިޔާފައި އައީ ވިލްދާން އޭނާގެ ރީތިކަމުގެ ދަލުގައި ޖައްސަން ހެއްޔެވެ؟ ހުޅުމާލެއަށް ވެސް ދަނީ މީހުންގެ ހިތް ހަލާކު ކުރަންށޯ ލައެވެ. އެހެންވީމާ ގެންގުޅޭ ބިޓުންތައް ވެސް ގިނަވާނޭ ވިލްދާން ހިތަށް އެރިއެވެ.
“ސަރ. މީޓިންގް ރެޑީ..”
ކެބިންގެ ދޮރު ހުޅުވާލަމުން ވަރަށް އަދަބުވެރިކަމާއިއެކީ ޝިފާ ބުންޏެވެ. ވިލްދާން ޝިފާއާއި ދިމާލަށް ބަލާވެސް ނުލާ ކެބިން ތެރެއިން ނިކުންނަން ހިނގައިގަތެވެ.
“ސަރ…މަޑުކޮށްބަ”
ތުއި އަޑަކުން ޝިފާ އެހެން ބުނެލީމާ ފަސް އެނބުރި ވިލްދާން ބަލާލީ ނުރުހެންވެފައެވެ.
“ސަރ… ޓައި..”
އެހެން ބުނެލުމާއިއެކީ ކަރުގައި ދޫވެފައި އިން ޓައި ވިލްދާންގެ ލޮލުގައި އަޅައިގަތެވެ. ޝިފާ އައިސް ޓައިގައި ހިފާލިއެވެ. އޭނާގެ ލޮލުގައި ތަތް ކޮށްފައި ހުރި އެސްފިޔަތަށް ތަޅުވަމުން ޓައި ބާރުކޮށްލަން ވިލްދާންގެ ނޭވާ އިހުސާސްވާހާ ކައިރިއަށް ޖެހިލިއެވެ.
“ޑްރާމާ ކުޅެން ނޫޅެބަލަ.. މީގެ ފަހުން ތިހާ ކުރު ސްކާޓް ލައިގެން ނުވާނެ.. ފެޝަން ރަންވޭ އެއް ނޫން އޮފީހަކީ.”
ވިލްދާން ޝިފާގެ އަތް ފޮޅާލަމުން ބުންޏެވެ. ޝިފާ ލަދުން އިސްޖެހުނެއެވެ. އޭނާގެ ލޮލުގައި ކަރުނަ ފާއްދާލިތަން ވެސް ވިލްދާންއަށް ސާފުކޮށް ފެނުނެއެވެ. ނަމަވެސް އޭނާ ހުރީ ޖީބުން ރުމާ ދިއްކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ.
މީޓިން ނިމުނުއިރު މެންދުރު ބާރަ ޖަހަނީއެވެ. ތަމަންނާގެ އިތުރު މެސެޖެއް ނާދެއެވެ. ވިލްދާން ހީކުރީ އޭނާޔަށް ޖެއްސުން ކުރަން ނަމަވެސް މެސެޖު ކުރާނެ ކަމަށެވެ. މެސެޖުކުރާނީވެސް ވިލްދާން ކުރީމައެއް ނޫން ހެއްޔެވެ؟ ފޯނު ނިއްވާލުމަށް ފަހު ސިނަމާލެ ފާލަމުގައި ދަތުރުކުރަމުން ދިޔަ ކާރުގައި ވިލްދާން ހަމަޖެހިލިއެވެ.
ކަޅު ކުލައިގެ ކާރު ހުއްޓުނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމައްޗަށެވެ. ވިލްދާން އަވަސް ފިޔަވަޅުތަކެއްގައި އެތެރެއަށް ވަންއިރު އޭނާގެ އަތުގައި ފިނިފެންމާ ބޮނޑިއެއް އޮތެވެ. ނަރުހުން ހިނިތުންވަމުން ދޮރު ހުޅުވަދިނީ ޕްރައިވެޓް ކޮޓަރިއަކަށެވެ.
ކޮޓަރީގައި ބައިންދާފައި އިން ޝާހީ އެނދުގައި އޮތީ މެދުއުމުރުގެ އަންހެނެކެވެ. އޮޅަލިކުލައިގެ ހަންގަނޑުގައި ރޫ ގިނައެއް ނޫނެވެ. ފަން އިސްތަށިގަނޑު އުނަގަނޑާއި ހިސާބަށް އަރާނެއެވެ. ހިތާމައަކީ އެ ހަށިގަނޑުގައި ހަރަކާތެއް ނެތްކަމެވެ. ދެލޯ މަރައިލައިގެން އޮތީ ނިދާފައޭ ދުރުން ބަލާމީހަކަށް ހީވާނެއެވެ. ނަމަވެސް ވިލްދާންއަށް އިނގެއެވެ. އޭނާގެ މަންމަ ދެލޯ ނުހުޅުވާތާ ދިހަމަހަށް ވުރެ ގިނަ ދުވަސް ވަނީއެވެ. އެ އިނގިލި ތަކުން ވިލްދާންގެ ބޮލުގައި ލޯބިން ފިރުމާނުލާތާ ހާދާހާ ގިނަ ދުވަސް ވެއްޖެއެވެ. އެ ރީތި އަޑުން ލަވައެއް އަޑުއަހާލަން ވިލްދާންގެ ކަންފަތްވަނީ ކެތްމަދުވެފައެވެ. ކުރެވޭނީ ކީއްހެއްޔެވެ؟ އިންސާނުންނަކީ ކިހާ ބަލިކަށި ބައެއްހެއްޔެވެ؟
“އަހަންނަށް މަޢާފްކުރޭ ، މަންމާ.. އަހަރެންނާ ހެދި…”
ކޮންމެ ދުވަހަކު މެންދުރު މަންމަގެ އަތުގައި ހިފައިގެން ރުއިމަކީ މިހާރު ވިލްދާންގެ އާދައެކެވެ. އޭނާގެ ހިތުގައި އަޅަމުންދާ ވޭނަކަށް ލުޔެއް ނުލިބެއެވެ. ޑޮކްޓަރު ވިދާޅުވީ ކޮމާއެއްގައި އޮތް ބަލިމީހަކަސް ކިޔާ އެއްޗެހި އިވޭނެ ކަމެވެ. ވީމާ ވިލްދާންގެ މަސައްކަތަކީ އޭނަގެ މަންމަގެ ކިބައިން މަޢާފަށް އެދުމެވެ. މިހުރިހާ ކަމެއް ވީ ވިލްދާންއާއި ހެދިއެވެ. މަންމަ ހޭލާއިރު އޭނަޔާއި ދޭތެރޭ ހިތް ލުއިކުރާނެ ކަމަށް ވިލްދާން އުއްމީދުކުރަމުން ދިޔައެވެ.
“ކަލޭ މިތާ ކީއްތިކުރަނި؟!”
ކޮޓަރީގެ ދޮރު ހުޅުވާލަމުން ވަން ޒުވާނާފެނި ވިލްދާން އިން ގޮނޑިން ތެދުވީ ޖެހި ބަޑިއެއް ހެނެވެ.
“ގައިޝާން؟ ކޮންއިރަކު ރާއްޖެއައީ؟”
ވިލްދާން ގަމީހުގެ އަތުކުރިން މޫނު ފުހެމުން ވާހަކަ ދެއްކީ އޭނާގެ ކޮއްކޮ ގައިޝާންއާއެވެ.
“އަހަރެން އައި ތޯ ނައި ތޯ ބަލާނެ ކަމެއް ނެތް.. މަމް ކައިރިން ދުރަށް ދޭ އިތުރު އަނިޔާއެއް ނުދީ..”
ގައިޝާންގެ ވިހަ ބަސްތަކުން ވިލްދާން ހިތުގައި ޖެހުނެއެވެ. ގައިޝާން އެބުނަނީ ތެދެކެވެ. ވިލްދާންއަކީ ކުށްވެރިއެއްކަން އޭނާއަށް އިނގެއެވެ. އެކަމުގެ އަދަބު ލިބެމުން މިދަނީ ކިހާ ހިތިކޮށް ހެއްޔެވެ؟ ފަހަތަށް ފިޔަވަޅެއް އަޅަމުން މަންމަގެ މޫނަށް ފަހު ފަހަރަށް ބަލާލިއެވެ. އެ މޫނުގައި ވާ ހިތްހެޔޮކަން އަދިވެސް ފިލައި ނުދާ ކަހަލައެވެ.
“ދެންވެސް ދޭބަލަ!”
ވިލްދާންގެ ބުރަކަށީގައި އަތް އަޅާ ދޮރާއި ދިމާލަށް ގައިޝާން ކޮއްޕާލިއެވެ. އަތް މުއްކަވަމުން ކޮޓަރިއިން ނިކުންއިރު ފާރުގައި ލައްވެގަނެގެން ހުރި އޭނާގެ ބައްޕަ ފެނުނީ ދެނެވެ.
“ދަރިފުޅާ… ގައިޝް އެހެން އެބުނީ ގަސް…”
ބައްޕަގެ ވާހަކަ ނުނިމެނީސް ހަލުވި ފިޔަވަޅުތަކެއްގައި ވިލްދާން ހޮސްޕިޓަލުން ނިކުމެގެން ކާރަށް އަރައިފިއެވެ. ބައްޕަގެ ބަހަނާތައް ކިތަންމެ ފަހަރަކު އަޑު އިވިއްޖެއެވެ. ގައިޝާންގެ ދުލަކީ އެކަކަށް ވެސް ހިފެހެއްޓޭ އެއްޗެއް ނޫންކަން ވިލްދާނަށް އިނގެއެވެ. އޭނާގެ ދިފާޢުގައި ބައްޕަގެ އަނގައިން އެންމެ ލަފުޒެއް ވެސް ބޭރުވާނެކަމަށް އުއްމީދުކުރާތާ ސައްބީސް އަހަރު ވަނީއެވެ. ދޮށީ ދަރި ވީމާ ވިސްނެން ޖެހޭނެއެވެ. ދޮށި ދަރި ވީމާ ހަގު ކުއްޖާއަށް ދޫދޭން ޖެހޭނެއެވެ. ދޮށީ ދަރިއަށް ލިބޭ ހުރިހާ އެއްޗެއްގެ ހިއްސާ ހަގު ކުއްޖާއަށް ލިބެން ޖެހޭނެއެވެ. އެކަމަކު ހަގު ކުއްޖާއަށް ލިބޭ އެއްޗަކުން އެހެން މީހަކަށް ބައި އަޅާކަށް ނުޖެހޭނެއެވެ. މީ ކާކު ހެދި ތާކުން ތާކު ނުޖެހޭ ގަވާއިދެއް ހެއްޔެވެ؟ ދޮށީ ކުއްޖާގެ މޭގައި ވަނީ ހިތެއް ނޫން ހެއްޔެވެ؟
ވިލްދާން ދެރަކޮށްލަން ލިބުނު ފުރުސަތުގައި ގައިޝާން ނުހިފަ ހުންނާނީ ކިހިނެތް ހެއްޔެވެ؟ ގައިޝާން ކުޑައިރުއްސުރެވެސް ކުރަމުން އައި ކަމަކީ އެއީ ވިއްޔާއެވެ. ރުޅިއައިސް ބޮލުން ހޫނު އަރަމުން ދިޔަ ވިލްދާންގެ ލޮލުން ބޭއިހްތިޔާރުގައި ކަރުނަ ވެސް އޮހިގަތެވެ. އޭނާގެ ބަދުނަސީބު ކަމާއި މެދު ހިތާމަކުރެވުނެއެވެ. މަންމައާއި މެދު ވިސްނާލާ ކޮންމެ ފަހަރަކު ހިތުގައި ރެދެއްލާ ކަހަލައެވެ.
ޖީބުން ފޯނު ވައިބްރޭޓުވިކަމުގެ އިހުސާސް ވިލްދާނަށް ވިއެވެ. ސިނަމާލެ ފާލަން ހުރަސްކުރުމަށްފަހު މާލެއަށް ވެސް އާދެވިއްޖެއެވެ. ފޯނުގެ ސްކްރީން ދިއްލުނުތަނާހެން ނުދަންނަ ނަންބަރަކުން މެސެޖެއް ކޮށްފައި އިނެވެ.
“ދާން.. ކައިފިންތަ؟ ކީއްވެ ރިޕްލައި ނުކުރަނީ؟ ހަނދާން ނައްތާނުލައްޗޭ ޑީލް އިނގޭ.. އެންޑް ސައިކަލެއް ހޯދިދާނެތަ؟ މަ ބޭނުމެއް ނޫން ކާރުން ދާކަށް.. އޯކޭ؟”
ތަމަންނާގެ މެސެޖު ކިޔާލުމުން ވިލްދާންގެ މޫނަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ކާރުން ގޮއްސިއްޔާ މީނައަށް ފާފަވެރި ވަނީ ހެއްޔެވެ؟
އޮފީސް ނިމުނުއިރު ވިލްދާން ހުރީ ފެންވަރާލަން ބޭނުންވެފައެވެ. އޭރު ތިން ގަޑި ބައި ވަނީއެވެ. ގޭގެ އެތަން މިތަނަށް ލޯ އެއްލަމުން ވިލްދާން ކޮޓަރިއަށް ވަނީ ތަމަންނާ ފެނޭތޯއެވެ. ތަމަންނާ ނުފެނުނު ތާގައި ދިރޭ އެއްވެސް ފުރާނައެއްގެ ހިލަމެއް ނުވިއެވެ.
ފަނަރަ މިނެޓުން ފެންވަރާލައިގެން ވިލްދާން ނިކުތީ ބޮކްސާރ ކޮޅު ލައިގެން އިސްތަށިގަނޑު ހިއްކަމުންނެވެ.
“ފިރިހެނުން ބައިގަޑިއިރު ނަގާތަ ފެންވަރަން؟”
ދޮރުފޮތިގަނޑު އެތެރެއަށް ވަދެ ފިލައި ހުރި ތަމަންނާ ފެނުމުން ވިލްދާން އަވަސްއަވަހަށް ތުވާލި އުނަގަނޑުގައި އޮޅާލިއެވެ.
“ހިލޭ ފިރިހެނެއްގެ ކޮޓަރިއަށް ވަންނަން ލަދެއް ނުގަނޭތަ؟ ”
ވިލްދާންގެ ބަސްތައް އިވިފައި ތަމަންނާ ހިނިގަނޑެއް ޖަހާލިއެވެ.
“ކޮބާ ހެކިވެރިން؟ މިގޭގައި މިވަގުތު ހުރީ މަށާ ދާންއާ އެކަނި.. މި ކޮޓަރިއަށް މަ ވަންކަމެއް އިނގޭ އެކަކުވެސް ނެތް.. އެހެން ނޫނަސް ދަތް ހުރިއިރު ކާށި ކާން ޖެހޭނެ..”
ތަމަންނާ ވިލްދާންގެ ލޮލަށް ބަލާލީ އަސަރުގަދަ ގޮތަކަށެވެ. ރުޅި ނައިސް ހުރިނަމަ ވިލްދާން ވެސް ތަމަންނާގެ ލޮލުގެ ޖާދޫގައި ޖެހޭނެކަން ކަށަވަރެވެ.
“ކާއްޓޭ ކުރުނބައޭ ނުކިޔަ ނިކުމޭ!”
ދޮރު ހުޅުވާލަމުން ވިލްދާން ބޮލުގެ އިޝާރާތުން ތަމަންނާ ކައިރި ނިކުންނަން ބުންޏެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު ތަމަންނާ ދިޔައީ ވިލްދާންގެ އަތުގައި ވިކާލާފައެވެ. ވިކާލިލެއް ބާރުކަމުން ވިލްދާންގެ ދޮން ހަންގަނޑު ރަތްވެގެން ދިޔައެވެ
“މިހިރީ އިނގޭ ބޭރުގަ.”
ތަމަންނާ ބޭރު ދޮރުން ނިކުންނަމުން ބާރަކަށް ގޮވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



Me first dhw..kiyaafa comment eh kohlaaanan
Rangalhu…Kon irakun next part.. Waiting ingeyy
Thanks, Jiji.
Next part is very soon
Thanks for reading
Salhi ❤️❤️
Salhi .When next part.Kehmadhu Vefaa hureveny????????
Second ..hahaha….btw hiivany story ethere ulhevey hen ….neyge varah ginadhivehi bas ingihjja …thii hama best …adhivx story up kurun avas kohllaa…varah kiyaa hih vaa kahala vaahakaeh …thamanna majaaa kuhjjeh hahaha…keep it up rainoppa
Aslu vxxx varah obi sifakurun ….plus point eh ibaaarah kurumah …and hii vany story ethere ulheveyhn
@Rainoppa…hama habeys writer eh thiii
Thank you very much for your comment, Naf. I really appreciate it.
Rainoppaaaaaaa. U made me curiouse ingey. Story hama habeys.
Thanks, sleepy puffin. 🙂
Ma kaleyney hithah eba araa thi thamannaa kaalaamanna thy kihineh vefai hunna anhen kujjeh baaey.. Rulhi anna meehaa gaathah ithurah rulhi aruvaa type??..
Ahahaha… We’ll find out soon enough.
Ey thamanna gadha ingey meehun ge hih athulan.Waiting for the next part curiously???????
Aha. We’ll see whether she succeeds. Thanks for reading. ?
Nice episode.when is the next epsoide comming.i cant wait
very soon. Thursday or Friday. I mostly update on Tuesday and Friday.. 🙂
Thanks for your comment, Eenas
Nice..
I know you
I wait next part ? This part Vv nice ??
Next part when…..varah salhi mi story
mee haadha reethi vaahaka ekeyy.. tamanna akee reethi kuhjjeh dhww
I think tamanna egothah e ulhehy eyge fahathuga knmeves reason s
Eh othy ma btw nice story ???