ހުވަފެނަކީ ބިލާހެއް – 1
ހަނދުވަރު ދޭ ރޭރޭގައި ބޭރަށް ނިކުމެ ބުރު ޖެހުމަކީ ވިލްދާން އަބަދުވެސް ކުރާ ކަމެކެވެ. އޭނާ ބުރު ޖަހަނީ ސައިކަލަކު ނޫނެވެ. އަދި ބައިވަރު ރަހުމަތްތެރިންތަކެއް ގޮވައިގެނެއް ވެސް ނޫނެވެ. ވިލްދާން ހިނގަނީ އެކަންޏެވެ. އެކަނި ހަނދުވަރުގެ އަލީގައި ރަސްފަންނުގައި ހިނގާލެވުނީމާ އޭނާގެ ހިތަށް ލިބުވައިދެނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހައްޔަރުވެފައި އިން ދޫންޏެއް ކުޑަ ވަގުތުކޮޅަކަށް އުދުހިލަން ލިބުނީމާ ވާނީވެސް އެހެނެއް ނޫން ހެއްޔެވެ؟
ވަށައިގެން އިވެން ފެށި އުފާވެރި އަޑުތައް ވިލްދާން ކަނުލައި އަޑުއަހަމުން ގެންދިޔައެވެ. މީހުން ގިނަ ތަންތަނަށް އޭނާ ދާހިތްވެއެވެ. އެކަކު އަނެކަކަށް މަޖާކޮށް ހީ ސަމާސާކުރާ މަންޒަރު ވިލްދާން ބަލާ ހިތްވެއެވެ. ހީވާ ކަހަލައެވެ. އޭނާގެ ހިތުގައި ވި އެކަނިވެރިކަން ފިލުވަނީ ނުދަންނަ މީހުން އުފަލުގައި އުޅޭ މަންޒަރު ސިކުނޑީގައި ކުރަހައިގެނެވެ.
ޖޯލީގައި އެކަނި އިށީންދެލައިގެން ވިލްދާން އިނީ ކަޅުކުލައިގެ ގަމީހަކާއި އަޅި ކުލައިގެ ފަޓުލޫނެއް ލައިގެންނެވެ. އޭނާ އަތުގައި އޮތް އެންމެ އާދައިގެ ހެދުމަކީ މިއީއެވެ. ދެން މުޅިން ވެސް ހުރީ ކޯޓު ފަޓުލޫނެވެ. އަގުބޮޑު ބްރޭންޑެޑް ކޯޓާއި ގަމީހެވެ. އެކަހަލަ ހެދުން ލައިގެން މީހުންގެ ތެރެއަށް ނިކުމެ އުޅުމަކީ ވިލްދާން ފޫހިވާ ކަމެކެވެ. މުއްސަންޖަކަސް ދެއްކޭކަށް ބޭނުމެއް ނޫނެވެ. މީހުންގެ ސަމާލުކަން ހޯދާކަށް ބޭނުމެއް ނޫނެވެ. ވީހާ ވެސް މީހުންގެ ލޮލުގައި އަޅައިނުގަންނާނެ އުކުޅުތައް ހޯދުމަކީ ވިލްދާން ފިސާރި ހުނަރުވެރިކޮށް ކުރާ ކަމެކެވެ.
ކޮޑުގައި އަޅައިގެން އޮތް ދަބަހުން ކުރަހާ ފޮތެއް ނަގަމުން ޖީބުން ފަންސޫރެއް ނެގިއެވެ. އަވަސް ހަރަކާތްތަކަކުން ކުރިމަތީގައި މަޖާނަގަމުން ދިޔަ ޢާއިލާއެއްގެ އުފާވެރި މަންޒަރެއް ކުރަހާލިއެވެ. ކުޑައިރުކޮޅެއްވަންދެން އެ ކުރެހުމަށް ބަލަން އިދެފައި ގަނޑު ވީދާލިއެވެ. ތެދުވަމުން ކައިރީގައި ހުރި ޑަސްބިނަށް ކަރުދާސް ބޮނޑި ކޮށްލާފައި އެއްލާލިއެވެ.
އިސްޖަހާލަމުން މަޑު ހިނގުމެއްގައި ވިލްދާން މިސްރާބުޖެހީ މަގުމަތީގައި މަޑުކޮށްގެން އޮތް ރޯލްސް ރޮއިސް ކާރަށް އަރަންށެވެ. މިނިވަންކަމުގެ މީރު ރަހަ ދުލުކުރީގައި ނުލަނީސް ނިމުމަކަށް އައީއެވެ. އެ ވަގުތުކޮޅުވެސް އެދިޔައީއެވެ. ދެން އޮތީ ހަނގުރާމަކުރުމެވެ. ދިރިއުޅުމާއި ދެކޮޅަށް ހަނގުރާމަކުރުމެވެ.
“ސަރ. މީޓިންގް ސްޓާރޓް ވަނީ ނުވައެއް ޖަހާއިރު.”
ކާރު ދުއްވަން އިނީ ސްރިލަންކާ މީހެކެވެ. އޭނާއަށް ދިވެހި ދަސްވީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ރާއްޖެއަށް އައިސް ދިވެހި ރަހުމަތްތެރިން ލިބުނީ ތޯއްޗެވެ. އެއްވެސް މީހަކީ މިދުނިޔޭގައި އެކަނިވެރިއެއް ނޫނެވެ. ގާތުގައި މީހަކު ނެތަސް މީހެއްގެ ހަނދާންތަކެއް ސިކުނޑީގައި ވާނެއެވެ. އެ ހަނދާންތަކުގެ އެހީގައި ވެސް އެކަނިވެރިކަން ފިލުވައިދެވިދާނެއެވެ. އިނގިލީގައި އަޅާފައި އޮތް ރިހި އަނގޮޓި ޖަރީކޮށްފައި އިން ޖަވާހިރު ބޮޑެވެ. އަދި އެއަށް ވުރެވެސް ހިތުގައި ހެދެމުން އައި ލޯވަޅު ބޮޑެވެ. އެ ލޯވަޅުގައި ވީ އަދިރިކަމެވެ. ދުވަހަކު އަރައިނުގަނެވޭނެ ހުސްކަމެކެވެ.
“މިޔަދު ކިލާސް އެބަ އޮތް. ބައްޕަ ކައިރީ ބުނޭ ނާދެވޭނެޔޭ”
ވިލްދާންގެ މަޑުމައިތިރި އަޑަށް ހޭނިފައި ހުރި މީހެއް ވެއްޖިއްޔާ އޭނާ ކިޔާ އެއްޗެހި އިނގޭނެއެވެ. އަލަށް އެ އަޑު ކަންފަތުގައި ޖެހުނު މީހެއް އެދޭނީ ތަކުރާރުކުރާށެވެ. އެހާވެސް އަޑު މަޑެވެ.
“އޯކޭ. ސަރ. ”
މަޑު ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައިރު ވިލްދާންގެ ނަޒަރު ހުއްޓިފައިވަނީ މަގުމަތިން ހިނގާފައި ދިޔަ މީހުންނަށެވެ. ހޭ މީހުންނާއި ގުރޫޕުހަދާފައި ވާހަކަ ދައްކަމުން ދިޔަ މީހުންގެ މޫނުމައްޗަށް އަަރައި ފައިބަމުން ދިޔަ ކުލަތައް ވިލްދާންއަށް ވަރަށް ކަމުދިޔައެވެ. އޭނާގެ ހިތްވެސް އެދެމުން ދިޔައީ އެ ހިނިތުންވުމަށެވެ. ނަމަވެސް އޭނާގެ ތުންފަތް އަރިއަކަށް ގުޑާވެސް ނުލިއެވެ. އަނގައިގެ މިިޔަކަނުގައި ބަރު އެލުވާފައި ހުރި ކަހަލައެވެ. މަންޒިލެއް ނެތް ވިސްނުމެއްގައި އިންދާ ކޮލެޖަށް ވެސް އާދެވިއްޖެއެވެ.
ކާރުން ފައިބަމުން ދެޖީބަށް އަތްޖަހާލީ އަތުގައި ފެން ހެދޭކަމުގެ އިހުސާސްވީމައެވެ. ކޮޅުކޮޅަށް ބަލަމުން ވިލްދާން އެރީ ކޮލެޖުގެ ތިންވަނަ ބަޔަށެވެ. ކިލާސް މިހާރު ފެއްޓިއްޖެއެވެ.
ކިލާހުގެ އެންމެ ކަނުގައި ވިލްދާން އިށީންދެލައިގެން އިން އިރު އޭނާ އައި ކަމެއް ވެސް މީހަކަށް ނޭނގެއެވެ. ބަލާނުލި ތާގައި ވިހި ދަރިވަރުންގެ ކިލާހެއްގައި އޭނާޔަށް ހިނިތުންވުމެއް ރައްދުކޮށްލާނެ މީހެއް ވެސް ނެތެވެ. ވިލްދާން އެކަމަކާއި ދެރައެއް ނުވެއެވެ. އެއީ ކުރިންވެސް އޭނާއަށް ދިމާވެފައި ހުރި ކަންކަމެވެ. މީހުންގެ ނަޒަރުގައި ވިލްދާންއަކީ ބަލައިލަން ރީތި މީހަކަސް އެއްވެސް ކަހަލަ ޝަހްސިއްޔަތެއް ހުުރި މީހެއް ނޫނެވެ.
މާސްޓަރސް އާއި ހިސާބަށް ކިޔަވަމުން ދިޔައީ ބައްޕަ ބުނެގެންނެއެވެ. ބައްޕައަށް މުހިންމީ އަަބަދުވެސް ތަޢުލީމްއެވެ. އެހެން ނޫން ނަމަ އުމުރުން އެންމެ ދިހަ އަހަރުގައި ބޯޑިންގް ސުކޫލަކަށް އެންމެ ދޮށީ ދަރި ފޮނުވާލުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
ކިލާސް ނިމުމުން ވިލްދާން މިސްރާބުޖެހީ ގެޔަށެވެ. ފޫހި ދުވަހަކަށް ފޫހި ނިމުމެއް އައީއެވެ. ދެން އޮތް ކަމަކީ ނިދުމެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ ގެޔަށް ނުދެވިގެން އުޅެނިކޮށެވެ. ސްކްރީން ބަލާލިއިރު އަރާފައި އިނީ “ގާދިރު” މި ނަމެވެ.
“ކިހިނެތްވީ؟” ވިލްދާން ކަންފަސޭހަ ރާގަކަށް އަހާލިއެވެ.
“އެބަ އުޅޭ ބައްޕަގެ ފްރެންޑެއް އައިސްގެން. ތި އަންނަނީ ތަ؟” ބައްޕަގެ އަޑުގައި ހުރި އުފާވެރިކަން އަޑުއިިވިފައި ވިލްދާން ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އަދި މިއުޅެނީ އެ ހާދިސާ ހިނގިތާ އަހަރެއް ވެސް ނުވެއެވެ. ހީ ސަމާސާ ކުރާކަށް ބައްޕަ ލަދެއް ނުގަނޭ ހެއްޔެވެ؟
“ހޫ.” ކަރުގެ މެދުން އަޑެއް ލައްވާލަމުން ފޯނު ބޭއްވީ ނުރުހުންވެފައެވެ. ބައްޕަގެ މިޒާޖަކީ ގަނޑުފެން ކަހަލަ އެއްޗެކެވެ. މީހަކު ފިނިކުރަންޏާ ގަނޑު ވާނެއެވެ. ހޫނުކުރަންޏާ ވިރޭނެއެވެ. މީހުންގެ ފޮނި ބަސްތަކަށް ހެއްލޭ މިވަރުގެ މޮޔައެއް އަދި ނުދެކެމެވެ. ވިޔަފާރިވެސް އަޑިއަށް ނުގޮސް އޮންނަނީ ވިލްދާންގެ ކުޅަދާނަކަމުން ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަގެ މަސައްކަތަކީ ލިބޭހާ ލާރިއެއް އަލިފާނަށް އެޅުމެވެ.
ގެޔަށް އާދެވުނުއިރު ބައްޕަ ހުރީ އަންހެނަކާއި ވާހަކަ ދައްކާށެވެ. ވިލްދާން ގޮސް ސޯފާގައި އިށީދެ ފަސް މިނިޓު ވީއިރުވެސް އޭނާ ހުރި މީހަކަށް ވެސް ނެހެދިއެވެ. އެންމެ ފަހުން ކެތް ނުވެގެން އޭނާ ކަރުކެހިލިއެެވެ.
“އަަހަ.. ވިލްދާން. ޝިފްރާ. މިއީ މަގޭ އެންމެ ދޮށީ ދަރި ވިލްދާން. ވިލްދާން. މިއީ ޝިފްރާ. ބައްޕަ ރަށުގައި އުޅުންއިރު ކުޑައިރުއްސުރެ އެންމެ ގާތް ރަހުމަތްތެރިޔާ. ގާތްގަނޑަކަށް ތިން މަސް ވަރު ޝިފްރާއާ ޝިފްރާ ދަރި ތިބޭނީ މިގޭގައި. އޯކޭ؟”
ނިއް އެއްލަމުން ސޯފާއިން ތެދުވެގެން ވިލްދާން ދިޔައީ އެއްޗެކޭ ނުބުނެއެވެ. ބައްޕައާއި ބެހޭ ކޮންމެ މީހެއް އަޔަސް އެއީ ވިލްދާންއަށް ބެހޭކަމެއް ނޫނެވެ. އޭނާއަށް ވަރިހަމައެވެ. ބައްޕަ ގަންނާނެހާ ގަނޑެއް ގަންނަންވީއެވެ.
ފަސްބުރިއަށް ނަގާފައި ހުރި ޢިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ލައިބްރަރީއެއްވެސް ހުރެއެވެ. އެއީ ވިލްދާންގެ ލައިބްރަރީއެވެ. އޭނާ އެންމެ އުފާވަާ އެއް ޖަގަހައަކީ އެއީއެވެ. ނިދުމުގެ ކުރިން ފޮތެއް ކިޔާލުަމަކީ އޭނާގެ ކަށީގައި ހަރުލާފައި ހުރި އާދައެކެވެ. ވާހަކަ ލިޔުމާއި ވާހަކަ ކިޔުމަކީ ސިކުނޑީގައި ޖަމާވަމުންދާ ވިހަ ހިޔާލުތަކަށް ހުރި ފަރުވާއެކެވެ.
ލައިބްރަރީއަކީ ފުދޭވަރަކަށް ބޮޑު ކޮޓަރިއެކެވެ. އުސް ހަރުގަނޑުތަކުގައި ފޮތްތައް ޖަހާލައިފައި ހުރިއިރު ސީލިންގުން އަޅުވައިފައި އިން ޗާންދެލިޔާއިން އެ ކޮޓަރިއަށް އިތުރު ޝާހީކަމެއް ގެނުވައިދިނެވެ.
އަތަށް ހެޔޮވަރު ފޮތެއް ނަގަމުން ވިލްދާން އިށީނީ ކައިރީގައިން ބޮޑު ގޮނޑިއެއްގައެވެ. ވާހަކަ ފޮތްތަކާއި މަޢުލޫމާތުގެ ފޮތްތަކުން ފުރިފައިވި އެ ކޮޓަރިއަކީ އޭނާގެ މަންމަގެ ހިޔާލެކެވެ. މަންމަ ބޭނުންވި ކޮޓަރިއެކެވެ. މަންމަގެ ހަނދާންތައް ސިކުނޑި ހިޞާރުކޮށްލުމާއި އެކީ ދެލޯ ފުސްވާން ފެށިއެވެ. މޭގައި ފަނޑު ރިހުމެއް އުފެދުނެއެވެ. ޖީބުން ނެގި ޓިޝޫކޮޅެއް ނަގާލަމުން ލޯ ފުހެލީމެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ވިލްދާން ފޮތް ހުޅުވާލިއެވެ. އެވަގުތު ކުޑަދޮރުން އައި ވައިރޯޅިއަކާއިއެކު ކުޑަދޮރު ކައިރި ހުއްޓިގެން ހުރި އަންހެންކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ އަންހެންކުއްޖާ ހުރީ ދޮރުފޮތިގަނޑަށް ވަދެ ނިވައިވެގެން ވިލްދާން ކުރި ހުރިހާ ކަމެއް ބަލާށެވެ. މިހާރުވެސް އެހުންނަނީ ލާނެތް ގޮތަކަށް ބަަލަންށެވެ. ވިލްދާންގެ ދެބުމަ ގޮށްޖެހުނެއެވެ. އަމިއްލައަށް ހޭދަކޮށްލަން ލިބުނު ވަގުތުކޮޅުވެސް ގެއްލުނީމައެވެ.
ލޯމަރައިލައިގެން ވިލްދާން ހުރީ އައި ރުޅި މަތަކުރެވޭތޯއެވެ. ފަހަރެއްގައި ތިރީގައި ބައްޕައަށް ވާހަކަދައްކަން އިން ޝިފްރާގެ ދަރިއަށްވެސް ވެދާނެތީޢެވެ.
ދެލޯ ހުޅުވާވެސް ނުލާ ފޮތް ލައްޕާލިއެވެ. މޫޑުވެސް މުޅިން ސަކަރާތްވެއްޖެއެވެ. ބައްޕަ ގެންނަހާ މެެހެމާނުން މުނިފޫހިފިލުވާނެހާ ބާރެއް އޭނާ ގަޔަކު ނެތެވެ. މާ ރަނގަޅުވެގެން ބައްޕަ ގެޔަށް ފަޤީރުންނާއި މިސްކީނުން ގެނެސް މީހުންނަށް ސިއްހީ ފަރުވާޔާއި އެހެނިހެން ކަންތައް ކޮށްދިނަސް ވިޅްދާން ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ބައްޕައަކީ ހަމައެކަނި ދެއްކެން އުޅޭ މީހެކެވެ. އަބަދު ފަޤީޜުންނަށް އެއްޗެހި ގަނެދީ ފޭސްބުކަށް ލައިކް ގިނަކުރަން ފޮޓޯ އަޅަމުން ދުވާ “ސޯޝަލް” ވޯކަރެކެވެ.
“ހާދަ ވަރަކަށް ބުމައަށް ތި ގޮށް ޖަހަނީ”
އަހަރެންގެ ނިއްކުރީގައި ފިނި އިނގިއްޔަކުން ފިރުމާލިއެވެ. ސިއްސައިގެން ދިޔަވަރުން ދެލޯ ބޮޑުކޮށް ކުރިމަތީގައި ހުރި އަންހެންކުއްޖާއަށް ބަލާލެވުނެއެވެ. ދުރުން ފެނުނުއިރު އޭނާގެ އަޅިކުަލައަކަށް ދާ ލޮލެއް ނުފެނެއެވެ. އެ ލޮލުގައި ވީ އަޖައިބެއް ފަދަ ވިދުމެކެވެ.
“އުހޫ. އެހެން ބުނީމަ ގިނައެއްނު ތިވީ ރޫތައް.”
ދެއަތުގެ ޝަހާދަތް އިނގިލިން އޭނާ އަހަރެންގެ ދެބުމަ ދޭތެރެ މަސާޖުކުރަން ފެށިއެވެ. ރުޅިއައިސްގެން އެ އަންހެންކުއްޖާގެ އަތް ފޮޅާލާ ވިލްދާން ގޮނޑިން ތެދުވިއެވެ.
“އަަހަރެންނަށް ކިޔަނީ ތަމަންނާ. ތީ؟”
މައްޗަށް ބޯ ހިއްލަމުން ދިޔައިރު ވިލްދާންގެ މެޔާއި ހިސާބަށްވެސް އޭނާގެ އިސްކޮޅު ނުފޯރައެވެ. ރުޅިއައިސް ޗޮކެއް ޖަހަމުން ވިލްދާން ހިނގައިގަތީ ނުކުންނާށެވެ. އެވަރުންވެސް އެ އަންހެންކުއްޖާ ކުރިމައްޗަށް ހުއްޓި ހުރަސްއެޅިއެވެ.
“ބުނެބަލަ. ކަމަކާ ދެރަވެފަތަ ތިހިރީ؟”
އޭނާގެ އަޑުގައި މިޔުޒިކީ ގޮތެއް ހުއްޓެވެ. ވިލްދާންއަށް އެ އަންހެންކުއްޖާގެ އެއްވެސް ސިފައެއް ކަމަކު ނުދިޔައެވެ. އޭނާގެ ހަރަކާތްތަކުން ހީވަނީ ވިލްދާންއަށް މަލާމާތްކޮށް ޖެއްސުންކުރަން އުޅޭ ހެނެވެ.
“ތަންކޮޅެއް ދީފާނަން؟” އަނގަ ފިއްތައިގެން ވިލްދާން އެހެން އަހާލުމުން އެ އަންހެން ކުއްޖާ ހިނިގަނޑެއް ޖަހާލިއެވެ.
“އޯކޭ. އެކަމަކު ޝަރުތެއްގެ މަތިން.” އަނެއްކާވެސް އެ އަންހެން ކުއްޖާ އިނގިލިކުރިން ވިލްދާންގެ ދެބުމައަށް ވެރިވެފައި ހުރި ރޫތައް އޮމާންކޮށްލިއެވެ. މިފަަހަރު އަތްފޮޅާލުމުގެ ކުރިން އިނގިލި ނެގިއެވެ.
“ކޮން ޝަރުތެއް؟” ވިލްދާންގެ އަޑު ޢާންމުކޮށް މަޑުވިޔަސް މިފަހަރު އިވިގެން ދިޔައީ ބާރަށެވެ.
“މާދަން ހަވީރު އަހަރެން ހުޅުމާލެއަށް ގެންގޮސްދީ.”
އެހެން ބުނަމުން ތަމަންނާ ވިލްދާންއަށް ދާނެތަން ދެއްކިއެވެ. ފުން ނޭވާއެއްލަމުން ވިލްދާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.
“ހަނދާން ބަހައްޓައްޗޭ. ”
ތަމަންނާ ގޮވާލި އަޑު ވިލްދާންއަށް އިވުނެއެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނި ތާގައި އެނބުރި ބަލާވެސްނުލިއެވެ. އޭނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ރުޅި އައިސްގެންކަމެއް ނޫނީ އެހެން އިހުސާސެއް ކަމެއް ވިލްދާނަކަށް ނޭނގުނެވެ. އެއީ އަންހެން ކުއްޖެއް އިސްނަގައިގެން އޭނާއާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.



Rainoppa new story eh dhww???..First part v rythi..Bxy koh ulheythy kiyaafa vec thankolheh lahun mi comment kohlevuny.. kon irakun next..Waiting ingey..Btw me first dhww
Next very soon 🙂
Thanks, jiji
V v reethi..❤️
waiting for next part?
Thanks for your comment, Ahoo
I’m glad you enjoyed it 🙂
ޖުމުލަ ގޮތެއްގައި ބުނާނަމަ ލިޔުމުގެ ފެންވަރު ރަނގަޅު. ވާހަކައިގެ ކުރިޔަށް އޮތް ބައިތަކަށް އިންތިޒާރު ކުރަން
ޝުކުރިއްޔާ ވާހަކަ ކިޔުއްވީތީ
varah reethi vaane hen heevey..
next part ah waiting
Another story dhw v.salhi…sifakurun hama 100…..keep up the good work sis
Hi everybody. There are some mistakes in this story regarding the point of view of character. Next time will proof read more thoroughly. Hope you guys can look past this and enjoy the story 🙂
Wow…amazing …rainoppo ..hiivanii dhusman ah vure rythi vaane hen ..rainoppo ur the best writer…. ?
Happy independence day …azker and rainoppa* ?
You too, Naf 🙂
Who is the person in cover pic
Just some random model 😛
Thanks for commenting
Wow. your new story is great. Love it keep it up. Good luck for next.good night.??????????☺????????????????????????????
You too
Awwwwwn. Thank you dear. U too.
Varah varah teething
New eh dhoo… V Salhi ❤️❤️❤️❤️
Thanks for reading commenting, Ryn 🙂
Yes, this is a new story
❤️❤️ nice
V. Nice.. I love it ❤️
Thanks, Shyn. I hope you enjoy the rest of the story as well
New person
vedhaane
wow…………
…………….amazing
sifakurun varah reethii
shukuriyya, eemhsay 🙂
ހަބޭސް
asluves hama varah reethi
thivareh hamaneh
Wow nice