އެލީޝާ (4 ވަނަބައި)
އެލީޝާމެން ހަވީރު ހިނގާލާފާ ގެއަށް އައިއިރު އެލީޝާގެ ބައްޕަ އަލްސަން ގޭގެ ސިޓިންގްރޫމްގައި އިނެވެ. ކައިރީގައި މަންމައާއި ބޮޑުދައިތަ އިނެވެ. “ބައްޕާ ކޮންއިރަކު އައީ..؟؟” ބައްޕަ ފެނުމުން އެލީޝާ އަހާލިއެވެ. “ކުޑަ އިރުކޮޅެއްވެއްޖެ… ދަރިފުޅުމެން ނައިސްގެން ބައްޕަ މި އިންނަނީ.. އާދެބަލަ މިތާ އިށީންނަން…” “އަން މި ބަލާލަބަލަ..” އެލީޝާމެން އިށީނުމުން ފޮޓޯގަނޑެއް ދިއްކޮށްލަމުން އަލްސަން ބުނެލިއެވެ. “ބައްޕަ ކޮން އިރަކު ފިލްމުސްޓާރުންގެ ފޮޓޯ ގެންގުޅެންފެށީ…” އެލީޝާއަށް ވުރެ ކުރިން އެ ފޮޓޯގަނޑު ބަލާލަމުން އަލްޝާ އަހާލިއެވެ. ” ތީ ފިލްމުސްޓާރެއް ނޫން ދަރިފުޅާ.. ތީ ދޮންތަގެ ވާންއުޅޭ ފިރިމީހާ…” ބައްޕަގެ މި ޖުމްލައާއިއެކު އެލީޝާ ދިޔައީ ސިހިގެންނެވެ…… ފޮޓޯގަނޑަށް ބަލާލުމުގެ ބަދަލުގައި އެލީޝާއަށް ބަލާލެވުނީ ބައްޕަގެ މޫނަށެވެ. އޭރު އަލްސަންވެސް އިނީ އެލީޝާއަށް ބަލަހައްޓައިގެން ހެވިފައެވެ. ލައިލާއާއި ތަހުމީނާވެސް އިނީ ހެވިފައެވެ. “ބައްޕަ ތިބުނި އެއްޗެއް އަހަރެންނަކަށް ނުވިސްނުން..” ހައިރާންކަމާއިއެކީ އެލީޝާ އަހާލިއެވެ. “ދަރިފުޅާ ބައްޕަ މި އައީ ބައްޕަގެ ރިސޯޓްގެ ބޮޑުމީހާގެ ދަރިފުޅު ކަރަމްއާއި ދަރިފުޅުގެ ކައިވެނި ހަމަޖައްސާފަ… އެއީ ވަރަށް ރަނގަޅު ބައެއް… ދަރިފުޅު ގާތު ނާހަ ބައްޕަ މި ކައިވެނި ހަމަޖެއްސީ ބައްޕަ ދަރިފުޅަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން… ބައްޕައަށް އެނގޭ ބައްޕަގެ ކޮންމެ ނިންމުމަކަށް ދަރިފުޅު ހިތުން ރުހުމުން ގަބޫލުވާނެކަން…. މަންމަޔާވެސް ވާހަކަ ދައްކާފަ ބައްޕަ މިގޮތަށް ނިންމީ….” “އެއީ ތެދެއް ދަރިފުޅާ…” އެލީޝާގެ ބޮލުގައި ފިރުމާލަމުން ލައިލާ ބުނެލިއެވެ. އެލީޝާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ…؟؟؟ އޭނާގެ ދިރިއުޅުމުގެ އެހާ ބޮޑު ނިންމުމެއް ނިންމިއިރު އޭނާއަށް އަންގާ ނުލީތީ އެލީޝާގެ ހިތުގައި ޝަކުވާ އުފެދުނެވެ. ނަމަވެސް މި ޝަކުވާތައް ދުލާހަމައަށް ގެނައުމަކީ އެލީޝާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާއަކީ ދުވަހަކުވެސް މައިންބަފައިންގެ ނިންމުމާދެކޮޅުހަދާ އެމީހުން ކުރިމަތީ އެއްޗެހި ބުނެއުޅޭ ކުއްޖެއް ނޫނެވެ. “ތަހުމީނާ ހިނގާ ސައިހަނދަން ދާން….” މިހެން ބުނެފާ ލައިލާ ދިޔައީ ކާގެއާ ދިމާއަށެވެ. ލައިލާގެ ފަހަތުން ތަހުމީނާވެސް ދިޔައެވެ. “ބައްޕާ އަޅުގަނޑު އެބައަންނަން…” އެލީޝާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. އެލީޝާގެ ފަހަތުންހެން ކަހަލަ ގޮތަކަށް ތަހާނީމެން ވެސް ދިޔައެވެ.
އެލީޝާއަށް ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. ލޮލުގައި ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބާގަތެވެ. އެނދުގެ މަގަތުގައި ބޯއަޅާލައިގެން އޮވެ އޭނާ ރޮމުން ދިޔައެވެ. އެވަގުތު ތަހާނީއާއި ތާރާއައިސް އެލީޝާ ނަގާ އެނދުގައި ރީތިކޮށް ބޭންދުމަށްފަހު ދެމީހުން ދެފަރާތުގައި އިށީނެވެ. އަލްޝާހުރީ ދޮރުކައިރީގައެވެ. ލޯބިވާ ދޮންތަ ރޯތަން ފެނުމުން އޭނާގެ ދެލޮލުންވެސް ވަނީ ކަރުން ހިލިފައެވެ. “އެލީ ދެން ނުރޮއެ…” އެލީޝާގެ ބޮލުގައި ފިރުމާލަމުން ތަހާނީ ބުނެލިއެވެ. “އަހަރެން ދެން ކިހިނެއް ހަދާނީ…؟؟ މިއުވާނަށް އަހަރެން ދައްކާނީ ކޮންމޫނެއް…؟؟؟ އަހަރެން މިއުވާން ނޫން އެހެން މީހަކު ބޭނުމެއް ނޫން…” ތަހާނީގެ ކޮނޑުގައި ބޯ އަޅާލަމުން އެލީޝާ ބުނެލިއެވެ. “ދޮންތަ ބައްޕަ ގާތު މިއުވާނުގެ ވާހަކަ ބުނަންވީނު… އޭރުން ފަހަރެއްގަ ބައްޕަގެ ޚިޔާލު ބަދަލުވެދާނެ…” އެނދުކައިރި ތިރީ ޓައިލްސްތައްމަތީ އިށީނދެ އެލީޝާގެ ކަކޫމަތީ އަތް ބާއްވާލަމުން އަލްޝާ ބުނެލިއެވެ. “ތިހެން ބުނާއިރުވެސް ކޮއްކޮއަށް އިނގޭނެ ދޮންތައަށް ބައްޕަ ގާތު މިއުވާނުގެ ވާހަކަ ބުނާކަށް ނުކެރޭނެކަން…” “ދޮންތައަށް ބުނަން ނުކެރެންޏާ އަލްކޮ ބުނެދީފާނަމޭ….” “ނޫން…. ބައްޕައަށް ނޭނގި އެކަހަލަ ކަމެއް ކުރިކަން އެނގިއްޖެއްޔާ ބައްޕާ ރުޅިއަންނާނެ… އަނެއްކާ ބައްޕަ އެއައީ ކައިވެނި ހަމަޖައްސާފަ… ދެން ކެންސަލް ކޮށްލާފިއްޔާ ބައްޕަގެ ވަޒީފާ ގެއްލުމަކީވެސް އެކަށީގެންވާ ކަމެއް… ދޮންތަ ބޭނުމެއް ނޫން ދޮންތަގެ ސަބަބުން ބައްޕަގެ އަގުވެއްޓި ވަޒީފާ ގެއްލޭކަށް…” އަލްޝާގެ އަތުގައި ހިފާލަމުން އެލީޝާ ބުނެލިއެވެ. “ދެން އެލީދޮންތަ މެރީކޮށްގެން އުޅެން ޖެހޭނީ އަހަރެމެންނާ ވަކިން މާލޭގަ ދޯ….” ތާރާ މިހެން ބުނުމުން އެލީޝާ ވަކިން ދެރަވެ އިތުރަށް ރޮވޭ ގޮތްވިއެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށްވަން ލައިލާއަށް ތާރާ ބުނި ޖުމްލަ ރީތިކޮށް އަޑުއިވުނެވެ. އަދި ހަތަރު ކުދިން ދެރަވެފާ އިންތަން ފެނުމުން އޭނާވެސް ދެރަވިއެވެ. ލައިލާ ފެނުމުން ތާރާ ލައިލާ އިށީންނަން ތަންދެއްކިއެވެ. “ދަރިފުޅާ… މަންމައަށް އެނގޭ ދަރިފުޅު ތި ރޮނީ ކޮއްކޮމެންނާ ވަކިވެގެން ދާންޖެހޭތީކަން… އެކަމަކު ކޮންމެވެސް ދުވަހަކުން ކޮންމެ ކުއްޖަކުވެސް މީހަކާ އިނދެގެން ދާންޖެހޭނެ… މިހާރު ތިއުޅޭގޮތަށް އަބަދަކު އެކީގައެއް ނޫޅެވޭނެ…” އެލީޝާގެ ބުރަކަށީގައި ފިރުމާލަމުން ލައިލާ ބުނެލިއެވެ. “އެކަމަކު މަންމާ އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫން…” އެލީޝާ ބެލީ ކޮންމެވެސް ގޮތަކުން މި ކައިވެނި ހުއްޓުވޭތޯއެވެ. “ދަރިފުޅުގެ އުމުރުން މިހާރު ބާވީސް އަހަރު ވީ… އެހެންވީމަ އަވަހެއް ނޫނޭ… މަންމަމެންވެސް ކައިވެނި ކުރީ ވިހި އަހަރުގަ… ދެން އެހާ ވާހަކަ ގިނަ ނުކޮށް މޫނާ ތަންތަން ދޮވެލައިގެން ހިނގާ ސައިބޮން…. މަންމަ މި އައީ ބައްޕަ ބުނެގެން ދަރިފުޅުމެން ސައިބޮން ބަލާ….” އެލީޝާގެ ކަރުނަތައް ފޮހެލަދެމުން ލައިލާ ބުނެލިއެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެވެ. ފަހުމީ ރިސޯޓުން އައިސް ގެއަށް ވަންއިރު އެންމެން ހަމަޔަށް ސިޓިންގްރޫމްގައި ތިއްބެވެ. “އަހަނ… ވަރަށް ރަނގަޅު ވަގުތަކު ދޯ މިއާދެވުނީ…” ހަފްސާގެ ގާތު ސޯފާގައި އިށީންނަމުން ފަހުމީ ބުނެލިއެވެ. “ލައްބަ ބައްޕާ… ރިސޯޓްގެ ކަންތައް ކިހިނެއްތޯ..؟؟” ބައްޕައަށް ޖަވާބު ދިނުމަށްފަހު ކައުޝަލް ސުވާލު ކޮށްލިއެވެ. “ވަރަށް ބަރާބަރު… ބައްޕަ ބޭނުން ތިކުދިން ގާތު ވަރަށް މުހިންމު ވާހަކައެއް ދައްކާލަން….” “އަވަހަށް ކުރިޔަށް ގެންދަވާ…. އަޅުގަނޑުމެން މިތިބީ އަޑުއަހަން…” ކިޔާން ބުނެލިއެވެ. “ދަރިފުޅާ ކަރަމް… ދަރިފުޅުގެ ހަޔާތުގެ ބައިވެރިޔަކު ހޮވަން ބައްޕަމެންނާ ހަވާލު ކުރީތީ ބައްޕަ ކުއްޖަކު ހޯދާފިން… ބައްޕަ ހީކުރަން ދަރިފުޅަށް ބައްޕަގެ ހޮވުން ކަމުދާނެކަމަށް… މިއޮތީ ފޮޓޯގަނޑު ބަލާލަބަލަ….” ކަރަމްއަށް ފޮޓޯގަނޑު ދިއްކޮށޮލަމުން ފަހުމީ ބުނެލިއެވެ. ކަރަމް ފޮޓޯގަނޑުގައި ހިފަން އުޅެނިކޮށް ކިޔާރާ ފޮޓޯގަނޑު ދަމާގަތެވެ. “އައްދޭ… ބައްޕަ ކޮންއިރަކުތޯ މިކަހަލަ ސަމާސާ ކުރަންފެށީ…؟؟؟ މީ ރާއްޖެ ކުއްޖެއް ނޫން….” ކިޔާރާ ފޮޓޯގަނޑަށް ބަލާލަމުން ބުނެލިއެވެ. ކިޔާރާ މިހެން ބުނުމުން ކަރަމް ނޫން އެންމެންވެސް އެ ފޮޓޯ ބަލާލިއެވެ. ” ނޫނޭ ދަރިފުޅާ ތީ ހަމަ ރާއްޖެ ކުއްޖެއް… ބައްޕަގެ ރިސޯޓްގެ މެނޭޖަރުގެ ދަރިފުޅު އެލީޝާ… ބައްޕަ ކުޅުދުއްފުށްޓަށް ގޮސް އުޅުންއިރު އެކުއްޖާ ދެކުނިން…. ވަރަށް އަހުލާގު ރަނގަޅު ކިޔަމަންތެރި ކުއްޖެއް…” ފަހުމީ އޮޅުން ފިލުވާދިނެވެ. “ބައްޕާ ބައްޕަ ހިތްހަމް ޖެހެންޏާ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް…” ކަރަމް ބުނެލިއެވެ. “ތިއްތިބެ ފޮޓޯ ނުވެސް ބަލާތަ އޯކޭ ތިދިނީ…؟؟؟” ކިޔާރާ އަހާލިއެވެ. ” ކަރަމް… ދޮންބެދައްތަ ނުދެކެން އަދި ރާއްޖެއަކުން މިހާރީތި ކުއްޖެއް….” އަރޫނާ ބުނެލިއެވެ. “އަހަންނަށް ހެޔޮ ކޮންމެ ސިފައެއްގަ ހުއްޓަސް… ރަނގަޅު ކުއްޖަކަށް ވެއްޖާ އޯކޭ ވާނެ…” ހީލަމުން ކަރަމް ބުނެލިއެވެ. “ބައްޕަ ބޭނުން ވީހާވެސް އަވަހަށް ކައިވެނީގެ ކަންތައް ނިންމަން… އެހެންވީމަ އަންނަ ހަފްތާގަ ކިހިނެއް ވާނީ…؟؟؟ އެލީޝާގެ ބައްޕަ އަލްސަން ބޭނުން ވަނީ ކައިވެނީގެ ކަންތައް އެކޮޅުގަ ނިންމަން….” “ބައްޕައަށް ފެންނަ ގޮތަކަށް ހުރިހާ ކަމެއްވެސް ހަމޖެއްސީމަ އޯކޭ ވާނެ…” ކަރަމް ބުނެލިއެވެ. “ބައްޕާ އަޅުގަނޑަށް ހީވަނީ ކަރަމް އާ އެކީ ކިޔާގެ ކައިވެނިވެސް ހަމަޖައްސަންވީހެން….” ކައުޝަލް މިހެން ބުނުމުން އެންމެންވެސް އެކަމަށް ވަރަށް ތާއީދުކުރިއެވެ. “ނޫން އަޅުގަނޑު މި އަހަރަކު ނޫން…” ކިޔާރާ އަވަސް އަވަހަށް ބުނެލިއެވެ. “އެންމެ ރަނގަޅު… އެކަމް އަންނަ އަހަރު ނިމެންވާއިރަށް ދަރިފުޅުވެސް ޖެހޭނެ މީހަކާ އިންނަން….” ހަފްސާ މިހެން ބުނުމުން ކިޔާރާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “އެހެންވީމާ ބައްޕަ އަލްސަން އާ ވާހަކަ ދައްކައިގެން އަންނަ ހަފްތާއަށް ކައިވެނީގެ ކަންތައް ހަމަޖައްސާނަން…” މިހެން ބުނެފާ ފަހިމީއާއި ހަފްސާ ދިޔައީ ކޮޓަރިއަށެވެ. އެންމެން ހީފައި މަޖާކުރަމުން ދިޔައިރު ރިޝާއިނީ ހިތްހަމަ ނުޖެހިފައެވެ.
އެލީޝާމެން ތިބީ އެގޭ ބިތްދޮށް ފަރާތުގައިވާ ޖޯލިފަތީގައެވެ. އެވަގުތު އެތަނަށް އިނާޝް އައެވެ. “އެލީ ފޯނު ކޮންތާކަށް ލައިގެން ތި އުޅެނީ…؟؟؟ މިއުވާން ބުނީ ގުޅާ ގުޅާ ފޯނެއް ނުނެގި އޯ…؟؟ އިނާޝް މަޑުމަޑުން ބުނެލިއެވެ. އިނާޝް މިހެން ބުނުމުން ތަހާނީ އެލީޝާގެ ކައިވެނީގެ ވާހަކަ އިނާޝްއަށް ކިޔާދިނެވެ. “އިނާ… މިއުވާނަށް މީން އެއްވެސް ކަމެއް ނާންގައްޗޭ ޕްލީޒް… އޭނަ ވަރަށް ދެރަވާނެ… އަހަރެން މިހާރު ބޭނުން ވަނީ އޭނަ އަހަރެން މަތިން ފޫހިކުރުވަން…. މީ އަހަންނަށް މަޖުބޫރުވެގެން ކުރި ކައިވެންޏެއްކަން އޭނައަށް އެނގިއްޖެއްޔާ އެހެން މީހަކާ ނީނދެ އަހަރެންގެ އިންތިޒާރުގައިވެސް ހުރެދާނެ… އިނާ ބުނޭ އޭނަ ގާތު އަހަރެން މާލޭ ކުއްޖަކާ ރައްޓެހިވެގެން މެރީކުރާށޭ އުޅެނީ… އަހަރެން މީ ބޭވަފާތެރިއެކޭ… އަހަންނަށް އިންތިޒާރު ނުކުރާށޭ….” އެލީޝާގެ އަޑު ބެދޭ ގޮތްވިއެވެ. “އެކަމަކު……” އިނާޝް ބުނަން އުޅުން ޖުމްލަ މެދުކަނޑާލީ އެތަނަށް އެލީޝާގެ މަންމަ އާއި ބައްޕަ އައުމުންނެވެ. “ދަރިފުޅާ ދެންމެ ކަރަމްގެ ބައްޕަ ގުޅާފަ ބުނެފި އަންނަ ހަފްތާގަ އެމީހުން މިކޮޅަށް ކައިވެނީގެ ކަންތައް ހަމަޖައްސަން އަންނަ ވާހަކަ….” ބައްޕަގެ މިޖުމްލައާއި އެކު އެލީޝާ ހާސްވިއެވެ. އެހާއަވަހަށް ހުރިހާ ކަމެއް ހަމަޖެހެމުން ދާތީއެވެ.
ނުނިމޭ
5 Comments!
Comments are closed.
Mi story vvvvvvvvvvvvvv nice
vvvvvvvvvvvvvvvvvvvvvvvvvvvvvvvv nyc….
avahah upload kurahchey..waitng for da next part….
Thanks nabee n salyna
ehn nahadha eleesha ah