Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 10

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
July 4, 2019 8 Mins Read
20 Comments

“ނަދާ!” އަޔާޒް ގޮވާލި އަޑަށް ކޮޓަރީގެ ދޮރާ ހަމައިގައި ހުރި ނަދާ ސިހިފައި ހުއްޓި ބަލާލިއެވެ.

“އޮފީސް ބަޔަކު މާދަމާ އަންނާނެ ކާން، ހަފްތާއެއް ވެއްޖެ އެ މީހުން އެ މީހުން އަންނަން ކިޔާތާ. މިގެޔަށް މީހަކު ނުވައްދައެއް ނޫޅެވޭނެއެއްނު؟ ހުކުރު ނިންމާފަ ދޭއް ޖަހަން ވާ އިރަށް އަންނާނެ. އަށް މީހުން އަންނާނީ” ނަދާއާ ދިމާއަށް ނުބަލާ ހުރެ އަޔާޒް ބުންޏެވެ.

“ކޯޗެއް ހަދަން ވީ؟” ނަދާއަށް އަހާލެވުނީވެސް އިރުކޮޅެއް ފަހުންނެވެ.

“ހެޔޮ ކޮންމެ އެއްޗެއް ހެދިޔަސް. އަހަރެން ބޭނުން ވަނީ އެންމެ ކަމެއް. އެއްވެސް ކަމެއް އެ މީހުންނަށް އެނގިގެން ނުވާނެ” އަޔާޒް ބުންޏެވެ.

އެއްވެސް މީހަކަށް އެދެމެދުގައި ވާ ގުޅުމުގެ ސިއްރު ނަދާ އަންގަން ބޭނުން ވެދާނެ ހެން އަޔާޒްއަށް ހީވަނީ ހެއްޔެވެ؟ އަދި އެވެސް ކުރިން އަޔާޒް ދިން އިންޒާރަށް ފަހުއެވެ. ހަމަ އެކަނި ބޯ ޖަހާލަމުން ނަދާ ކޮޓަރިން ނިކުތެވެ.

ހުކުރު ދުވަހު ހެނދުނު ފަސޭހަ ސަޔަކަށް ފަހު ނަދާ ގެއިން ނިކުތީ އެގޭ ތިރީގައި ހުންނަ ފިހާރައަށް ދާށެވެ. މެންދުރަށް ކައްކާނެ އެއްޗެހި ގަންނާށެވެ. ދިހައެއް ޖެހުމުން ނަދާ ބަދިގެއަށް ވަނީ އެ ދުވަހުގެ ޚާއްސަ ކެއުން ތައްޔާރު ކުރާށެވެ.

ތަރުކާރީ ފްރައިޑް ރައިސްއާ، ޑެވިލްޑް ޗިކަން، ހިކި އަލުވި، ހަނާ ކުރި މަސް، އަދި ތަރުކާރީ ސެލެޑް ނަގާ މޭޒުމަތީގައި އަތުރާފައި، ސިޓިންގްރޫމްގެ ކޮފީ ޓޭބަލް މަތީ ޗޮކްލެޓް މޫސްއާ ޖެލީ ކަސްޓަޑް ބަހައްޓާފައި ނަދާ ގަޑި ބަލާލި އިރު އެކެއް ޖެހީއެވެ. އަޔާޒް އައުމުގެ ކުރިން ފެން ވަރާލަން ބޭނުން ވެފައި ހުރުމުން ނަދާ ވަރަށް އަވަސްކޮށްލާފައި ފެން ވަރައިގެން ނިކުތް ތަނާ އަޔާޒް ގޭ ދޮރު ހުޅުވާފައި ވަން އަޑު އިވުނެވެ. އޭރު އަދި އެއްގަޑި ފަނަރަ ވީ ކިރިޔާއެވެ. ބޭރަށް ނުނިކުމެ ނަދާ ފުރަތަމަ ނަމާދު ކޮށްލިއެވެ. އެއަށް ފަހު ރީތި ވެލައިގެން ނިކުތް އިރުވެސް އަދި ވަގުތު އޮތެވެ. އެންމެ ފަހު ކަމަކަށް ނަދާ ތަށިތަކަށް ޖޫސް އެޅިއެވެ. އަޔާޒްގެ ރައްޓެހިން އައީ ނަދާ ޖޫސް އަޅާ ނިމުނު ތަނާއެވެ. ބެލް ޖެހި އަޑަށް ދޮރު ހުޅުވީ އަޔާޒްއެވެ.

އަޔާޒްއާ ވާހަކަ ދައްކަމުން އެންމެން އެތެރެއަށް ވަނެވެ. ނިކުންނަން ނުކެރިފައި ނަދާ ބަދިގޭގައި، އައިސް އަލަމާރީގެ ނިވަލުގައި ހުއްޓެވެ.

“ކޮބާތަ އަޔާގެ ވައިފް؟ ފޮރުވައިގެންތަ ތި އުޅެނި؟’ އަޔާޒްގެ ރައްޓެއްސެއްގެ އަޑު އިވުނެވެ.

“ނޫނޭ، އަދިވެސް ކެއްކުމުގެ ކަންތަކުގައެއްނު އެ އުޅެނީ… ނަދާ…” އަޔާޒް ގޮވާލުމުން ނަދާ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްލަމުން ކާތަށިތައް ހިފައިގެން ނިކުމެ މޭޒުމަތީ ބަހައްޓާފައި އަޔާޒް ކައިރީގައި ހުއްޓުނެވެ.

“މިހިރީ އަހަރެންގެ ވައިފް” ނަދާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ގެނެސް އަޔާޒްގެ ގައިގައި ޖައްސާލަމުން އަޔާޒް ބުންޏެވެ. ހައިރާން ވެގެން އަޔާޒްގެ މޫނަށް ނަދާއަށް ބަލާލެވުނެވެ. އެއާއެކު ހިނިތުންވެފައިވާ އަޔާޒްގެ މޫނު ފެނި ނަދާއަށް ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. އެއްވެސް ކަމެއް އެއްވެސް މީހަކަށް އަންގަން ބޭނުން ނުވި ނަމަވެސް އަޔާޒް މިފަދަ ޑްރާމާއެއް ކުޅޭނެ ކަމަކަށް ނަދާ ހިއެއް ނުކުރެއެވެ.

ނަދާ ހުރި ގޮތުން އަޔާޒް ނަދާގެ އުނަގަނޑުގައި ހިފާ މަޑުމަޑުން ފިތާލިއެވެ. ނަދާ ހީލަމުން އަޔާޒްގެ އެކުވެރިންނާ ދިމާއަށް އެނބުރުނެވެ. އެ މީހުންގެ ސުވާލުތަކަށް ޖަވާބު ދީ ވާހަކައިގައި ބައިވެރިވިއެވެ. ކައި ނިމެންދެންވެސް އެ މީހުންގެ ސަކަރާތުގައި އަޔާޒްއާ އެކު ނަދާ ބައިވެރިވިއެވެ. އަޔާޒްގެ ފަރާތުން ފެނުނީ އަނބިމީހާ ދެކެ ލޯބިވާ ފިރިއެއްގެ ފަރާތުން ފެންނާނެ ސިފަތަކެވެ. އަލަށް ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއްގެ ފަރާތުން ފެންނާނެ ކަންތައްތަކެވެ. އަޔާޒް އިރުއިރުކޮޅާ ނަދާގެ ގައިގައި އަތް ޖައްސާލައެވެ. އަޔާޒްގެ ރައްތެހިންގެ ތެރެއިން މީހަކު ނަދާގެ ކެއްކުމަށް ވިޔަސް އަދި ނަދާއަށް ވިޔަސް ތައުރީފެއް ކޮށްލާ އިރަށް އެއާ ވިއްދާ އެތައް ތައުރީފެއް އަޔާޒް ކޮށްލައެވެ. އެހެން މީހަކު މާ ގިނަ އިރު ނަދާއާ ވާހަކަ ދައްކާކަން ފާހަގަ ވެއްޖެ ނަމަ އެކަމާ ސަމާސާ ކޮށްލައެވެ.

ނަދާގެ ހިތަށް އުނދަގޫ ވި ދެ ގަޑިއެއްހާ އިރަށް ފަހު އަޔާޒްގެ އެކުވެރިން ދިޔައެވެ. އަދި އެހެން ފަހަރަކުންވެސް ނަދާގެ އަތުން ކެއުމެއް ދޭން ވާނެ ކަމަށް ބުނަމުންނެވެ. އެ މީހުން ދަންދެން ދޮރުމަތީގައި، ނަދާގެ އުނަގަނޑުގައި ހިފާލައިގެން ހުރެފައި ދޮރު ލައްޕާލުމާއެކު އަޔާޒް ނަދާ ގައިން ދޫކޮށްލާފައި ކޮޓަރިއަށް ވަނެވެ. އިރުކޮޅަކު އަޔާޒް ދިޔަ ދިމާއަށް ބަލަން ހުރެފައި ނަދާ އަޔާޒްގެ ފަހަތުން ދިޔައެވެ.

“އަޔާ…” ކޮޓަރީ ދޮރުމަތީ ހުއްޓިލަމުން ނަދާ ގޮވާލިއެވެ.

“މިސްކިތަށް މި ދަނީ” ފާހާނާއަށް ވަދެފައި ނިކުމެ، ލައިގެން ހުރި ގަމީސް ބަދަލު ކުރަން ހުރި އަޔާޒް އެހެން ބުނެފައި މަޑުކޮށްލުމެއް ނެތި ނިކުމެގެން ދިޔައީއެވެ.

ނަދާ ވަދެ އެނދުގައި އިށީނެވެ. ކައިވެންޏަށް ފަހު ނަދާ އަދި އެއްފަހަރުވެސް ގެޔަކަށް ނުދެއެވެ. އޭރު އަޔާޒްއަށް ގޮވާލީ ގެޔަށް ދާން ބޭނުން ވެގެން އަޔާޒް ކައިރީ އެހެން ބުނާށެވެ. ނަމަވެސް އަޔާޒް އަޑުވެސް ނޭހިއެވެ. އަޔާޒް ކައިރީ ނުބުނެ ދާން ނުކެރޭނެތީ ނަދާ އިނީއެވެ.

އަނެއް ދުވަހު ހެނދުނު ސައި ހަދާފައި އަޔާޒް ސައި ބޯން އިށީނުމުން ނަދާ ހަވީރު ގެޔަށް ދާ ވާހަކަ ބުނުމުން އަޔާޒް ވަގުތުން އެއްބަސް ވިއެވެ. ނަދާ ހީކުރީ އަޔާޒް ނަދާ ގެންގޮސްދޭނެ ކަމަށެވެ. އަޔާޒް އަސުރު ނަމާދު ކޮށްގެން މިސްކިތުން އަންނަން ވާ އިރަށް ނަދާ ތައްޔާރު ވެގެން އިނީ އެހެންވެއެވެ. ނަމަވެސް ފަހެއް ޖަހާ ދިޔައިރުވެސް އަޔާޒް ގެޔަށް ނައުމުން ގުޅަން ނުގުޅަން ހުރެފައިވެސް ނަދާ އަޔާޒްއަށް ގުޅާލިއެވެ.

“ކީކޭ؟” ފޯން ނުނަގާ ކެނޑިދާނެހެން ހީވާ ހާ އިރުކޮށްފައި އަޔާޒް ފޯން ނެގި ގޮތަށް ބުންޏެވެ.

“އަޔާ ނާންނަންތަ؟” ނަދާ އަހާލިއެވެ.

“ކީއްކުރަން؟” އަޔާޒްގެ އަޑުގައި ހުރީ ރުންކުރު ގޮތެކެވެ.

“ގެޔަށް ދާން…” ލަސްލަހުން ބުނަން ފަށާފައި ނަދާ ހުއްޓާލިއެވެ.

“އަހަންނާ އެއްކޮށް ނޫނަސް ނަދާއަށް ގެޔަށް ދެވިދާނެއެއްނު؟ މިހާރަކު ނުދެވޭނެ، އެކަނި ނުދަންޏާ ޓެކްސީއެއްގަ ދޭ” ފަރުވާކުޑަ ގޮތަކަށް އެހެން ބުނުމާއެކީ އަޔާޒް ފޯން ކަނޑާލިއެވެ.

ނަދާ ދެރަވިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ލޯމަރާލަމުން ހަމަޖެހިލުމަށް ފުންކޮށް ދެތިން ނޭވާ ލިއެވެ.

ސާޖިދާއާ ހުދާ ކައިރީގައި އެ ދުވަހު ގެޔަށް ދާނެ ވާހަކަ ނަދާ އޮތީ ބުނެފައެވެ. އެހެން ވުމުން ނުގޮސް ވާކަށް ނެތެވެ. ގެޔަށް ނުދާތީ ރިދާ މިހާރު އެތައް ފަހަރަކު ޝަކުވާ ކޮށްފިއެވެ. އެކަނި ދާނީއެވެ. ކުރިން، މަދު ފަހަރަކު ނުނީ ނަދާ އެކަނި ތަނަކަށް ދާކަށް ނުޖެހެއެވެ. ނަދާ ބުނާ ތަނަކަށް އަޔާޒް ނަދާ ގެންގޮސް ދެނީ ނަދާ އެދިގެންނެއް ނޫނެވެ. ނަދާ ދާން އުޅޭކަން އެނގިއްޖެ ނަމަ އަޔާޒް އެ ތަނަކަށް ނަދާ ގެންގޮސްދީ ބަލާވެސް ގޮސްދެނީ އަމިއްލައަށް ފެނިގެންނެވެ. ނަމަވެސް އެކަންވެސް ބަދަލު ވީތާއެވެ.

ނަދާއަށް ހިނގާފައި ގެޔަށް ދެވުނީ ހައެއް ޖަހަން ގާތްވެފައި ހުއްޓައެވެ.

“އަދި ކިރިޔާ ތި އާދެވުނީ؟ މިހާރު އެއޮއް އިރު އޮއްސެނީ… ދެން މެރިޑް ވީމަ ހާދަހާ ބިޒީވެސް ވެއްޖެޔޭ ދޯ މަގޭ ކޮއްކޮގަނޑު!” ނަދާ ފެނުމާއެކު ހުދާ ޝަކުވާ ކުރަމުން ދިމާވެސް ކޮށްލިއެވެ.

“ކޮބާ އަޔާބެ؟ އައި މީން ތުއްތަބެ؟” ރިދާވެސް އައިސް ނަދާ ގައިގައި ބައްދާލަމުން އަހާލިއެވެ.

“އެކަނި މިއައީ. އަޔާ ބިޒީ ވެގެން ނާދެވިގެން މިހާ ލަސްވެސް މިވީ. އެވަރުންވެސް ނުބުނާނެ ރަނގަޅެކޭ” ހަގީގަތް އޮޅުވާލަމުން ނަދާ ބުންޏެވެ.

“ހިނގާ ސައިބޯން” ނަދާގެ އަތުގައި ހިފާ އެތެރެއަށް ވައްދަމުން ހުދާ ބުންޏެވެ.

“ކޮބާ އަޒް؟” ގޭތެރެއިން އަޒްކާ ފެންނަން ނެތުމުން ނަދާ އަހާލީ ސައިބޯން އިނދެފައެވެ.

“އޭނަ ބައްޕަ ގޭގަ ވެއްޖެ، އިއްޔެ ބުނެފަ އޮތީ މިއަދު ގެންދާނެ ވާހަކަ، އެކަމުވެސް ނަދާ އަންނާތީ ނުފޮނުވަން ވެގެން ފަސްގަޑި ބައި ވަންދެން ބޭންދިން، އަޒްވެސް ފޫހި ވާން ފެށީމަ ފޮނުވީ” ހުދާ ބުންޏެވެ.

“ޝާމިލް ރަނގަޅުތަ އަދިވެސް؟” ނަދާ އަހާލިއެވެ.

“އަހަންނަކަށް އޭނަ ދުވަހަކުވެސް ރަނގަޅެއް ނުވާނެ” މޫނަށް ވައްތަރެއް ޖައްސާލަމުން ހުދާ ބުނެލިއެވެ.

ހުދާއާ ވަކިވުމަށް ފަހު ޝާމިލްގެ އުޅުން ވަނީ ކުރިއާ ބަލާފައި ވަރަށް ބޮޑަށް ބަދަލު ކޮށްފައެވެ. ކުރިން ކުރަމުން އައި ވިޔާނުދާ ކަންތައް ހުއްޓާލާ، ވަޒީފާއަކަށް ދާން ފަށާ، އަދި ފަސް ވަގުތު ނަމާދުކުރުންވެސް ޝާމިލް ވަނީ އާދައަކަށް ހަދާފައެވެ. ހުދާއާ ދެމީހުންގެ ވަރިއަށް ފަހު ފާއިތުވި އަހަރެއްހާ ދުވަސް ތެރޭ ދެ ފަހަރަށް ޝާމިލްއާ އަލުން ކައިވެނި ކުރުމަށް އޭނަ ވަނީ ހުދާ ގާތުން އެދިފައެވެ. ނަމަވެސް ހުދާ އަލުން ޝާމިލްއާ ގުޅޭކަށް ބޭނުމެއް ނޫނެވެ.

“ދޮންތާ… ކޮބާ؟” ނަދާ ސިއްރުން ކަހަލަ ގޮތަކަށް އަހާލީ ނިހާލްގެ ވާހަކައެވެ.

“މިހާރު ހީވަނީ ތުއްތަ ތި ބުނާ ކޮބާއާ ދޮންތައާ ވާހަކަ ދައްކާ ހެން… ވަރަށް އެހެން ކަހަލަ ފޯންތަކެއް ދޮންތައަށް އާދޭ މިހާރު” ނަދާ އަހާލީ ރިދާއަށް ނީވޭނެ ވަރަށް ނަމަވެސް އޭނައަށް އަޑު އިވިއްޖެ ކަން އަންގާލުމަށް ރިދާ ބުނެލިއެވެ.

“ރިދާއަށްވެސް މިހާރު އެ ކަހަލަ ކަންތައް ދަސްވޭ ދޯ އެބަ؟” ހެމުން ނަދާ އަހާލިއެވެ.

“އާނ، ދަސް ވާނެއެއްނު… މި ދޮންތަގެ ފޯނުކޯލްތައް ސިއްރުން އަޑު އަހާ އަހާ މަށަށް މިހާރު ހުރިހާ އެއްޗެއް ދަސް ވެއްޖެ” ހުދާއަށް ފާޑަކަށް ބަލާލަމުން ރިދާ ދިމާކޮށްލިއެވެ.

“އަހަރެން ކޮން އިރަކު މީހަކަށް އެއްޗެއް ދަސްވާ ކަހަލަ ވާހަކައެއް ފޯނުން ދެއްކީ؟” ހުދާ ކުއްލިއަކަށް ރިދާގެ އަތުގައި ވިކާލިއެވެ.

“ރުޅި އައިސްފަ، ރޮއެފަ ހީފަ މީހުން އުޅޭތަ ރޮމޭންޓިކް ޑްރާމާއެއްގަ ނޫނީ؟ ތުއްތަގެ ވެޑިންގ އަށް ފަހު ދޮންތައަށް އެ އަންނަ ކޯލްތަކަށް ވާހަކަ ދައްކާ އިރު ފުރަތަމަ ރުޅި އައިސްގެން އެއްޗެހި ކީ، ދެން ރޮއެރޮއެފަ ކީ އެއްޗެއް ކިޔަކިޔާފަ އޭގެ ފަހުން މިހާރު ތިން ހަތަރު ދުވަސް ވެއްޖެ ހިނިއައިސްފަ އިނދެގެން ނޫނީ އެ ފޯނުން ވާހަކަ ނުދެއްކޭތާ” ރިދާ ކިޔާދިނެވެ.

“މީނަ ހާދަ ވަރަކަށް އަހަންނަށް ފާރަ ލައޭ ދޯ؟” އަނެއްކާވެސް ރިދާ ގައިގައި ހުދާ ވިކާލިއެވެ.

“ސާބަސް! އަޑުގެ ކޮޅަށް ތިހެން ކިޔާ ހަޅޭ ލަވަނިކޮށް މަންމަ ނިކުމެ ލެކްޗަރެއް ދީފާނެ” ނަދާ ހުނުމުގެ ތެރެއިން ބުނެލިއެވެ.

“ނެތް ގެޔަކު، މަންމަ އުޅޭ ނަމަ މިހެން ވާހަކަ ދައްކައެއް ނުލެވޭނެއެއްނު؟ ހިނގައްޖެ ހަވީރު ބޭރަށް” ހުދާ ބުންޏެވެ.

“އެހެން ވިއްޔާ ބުނެބަލަ… ދޮންތަބޭއާ ވާހަކަ ދައްކަންތަ މިހާރު؟” ނަދާ ޝައުގުވެރިކަމާ އެކު ހުދާއާ ދިމާއަށް އެނބުރުނެވެ.

“ނަދާގެ ވެޑިންގ ތެރޭން އައިސްވެސް ހަމަ ކިޔަނީ ފޯނު ނަގާށޭ އޭނަ ގުޅީމަ… ދެން ފޯން ނަގަން ފެށީ، ރިދާ އެ ބުނި ހެން ފުރަތަމަ ހަމަ ނިހާލްއާ ދިމާއަށް އެއްޗެހި ކިޔުނީ… އޭނަވެސް ހުންނަނީ ދެރަވެފަ… އެކަން ނޭނގިގެންނެއް ނޫން އެ ހުރިހާ ދުވަހު އޭނަ ގުޅީމަ ފޯން ނުނަގާ ހުރީކީ… މަންމަ މަޖުބޫރު ކުރުމަށް ވުރެ ބޮޑަށް އަހަރެން ޝާމިލްއާ އިނީ ނިހާލް ބުނީމަ… އެހެންވެ އެ ހުރިހާ ކަމެއްގެ ރުޅި ބޭލުނީ އޭނައަށް… ނިހާލް އަހަރެން ދެކެ ލޯބި ވާކަން އަހަންނަށް އަބަދުވެސް އެނގޭ… ވަރަށް އެއްޗެހި ކީން ގުޅީމަ… އެހެންވެ ފަހުން އެކަމާ ދެރަ ވެގެން ރޮވުނީ…” ހުދާގެ ތުންފަތުގައި ހިނިތުންވުމެއް ވީ ނަމަވެސް އެ ލޮލުގައި ކަރުނަވެސް ވިއެވެ.

“އޯހ ދޮންތާ… ދެން ދޮންތަބޭ ދޫކޮށް ނުލާތި އިނގޭ… އަވަހަށް މެރީ ކުރަން އުޅޭ ދެން” ހުދާ ގައިގައި ބައްދާލަމުން ނަދާ ބުންޏެވެ.

“ލަވް މޭކްސް ޕީޕަލް ޑޫ ކްރޭޒީ ތިންގްސް!” ވަރަށް ވިސްނޭ ހަރު މީހެއް ހެން ރިދާ ބުނެލިއެވެ. ހުދާއާ ނަދާ، ރިދާއަށް ބަލާލާފައި ބާރަށް ހޭން ފެށިއެވެ.

އަށެއް ޖެހުމުން ނަދާ ގެޔަށް ދާން ވެގެން އުޅުމުން އަޔާޒްއަށް ގުޅާށޭ ހުދާ ބުންޏެވެ. ނަމަވެސް އަޔާޒް ބިޒީ ކަމަށް ބުނެފައި ނަދާ ނިކުތީ އެކަނި ހިނގާލާފައި ދާށެވެ.

ނަދާ ގެޔަށް ދިޔަ އިރު އަޔާޒް އަދިވެސް ވީ ބޭރުގައެވެ. އެއްޗެހި ބަދަލު ކޮށްގެން ނަދާ ބަދިގެއަށް ވަދެ މެންދުރު ކެއްކި އެއްޗެހި ހޫނު ކޮށްފައި ކާން ހެދިއެވެ. އަޔާޒް އައީ ނަދާ ކާން ހަދަން ހުއްޓައެވެ. އެއްޗެއް ނުބުނެ އައިސް ކައިގެން އަޔާޒް ޓީވީ ހުޅުވައިގެން އިނީ ފިލްމެއް ބަލާށެވެ.

އަޔާޒްއާ ކައިވެނިކޮށްގެން އެ ގެޔަށް އައި ފަހުން ނަދާ ވަނީ ކެއުމާ ވަރަށް ދުރު ވެފައެވެ. ކުރިން އަބަދު ކޮންމެވެސް އާ ވައްތަރެއްގެ ކާ އެއްޗެއް ތައްޔާރު ކޮށްގެން ހުދާއާ ރިދާ، އަދި ގިނަ ފަހަރު އަޔާޒްއާވެސް އެކުގައި އެ އެއްޗެއްގެ ރަހައަށް އެކިއެކި ފާޑު ކިޔާ އުޅުނު ނަދާ ވަނީ އެކަންވެސް ހުއްޓާލާފައެވެ. ހުދާއާ ރިދާ އެގެޔަށް ގެންނަން ބޭނުން ވި ނަމަވެސް ނަދާ އެ ދެ ކުދިންނަށް ދައުވަތު ނުދެނީ، ނަދާއާ އަޔާޒްގެ މެދުގައި ކަންތައް އޮތް ގޮތް އެހެން ބަޔަކަށް އަންގަން ބޭނުން ނުވާތީއެވެ. އެހެން ކަމުން ކުރީގެ އެ އާދަވެސް ނަދާ ދޫކޮށްލީއެވެ.

އެރޭވެސް ހަމަ އެކަނި ކޮފީއެއް ބޯލައިގެން ނަދާ ކޮޓަރިއަށް ވަނީ ނިދާށެވެ. ބާރަ ޖަހާ، ބާރަގަޑި ބައިހާ ކަންހާ އިރު އަޔާޒް ނިދަން އޮށޯތުމުގެ ކުރިން ފާހާނާއަށް ވަންނަ އިރުވެސް ނަދާ އޮންނާނީ ހޭލައެވެ. ކޮންމެ ރެއަކުވެސް، އެނދުން ބާލީހަކާ ރަޖާ ހިފައިގެން އަޔާޒް ނިކުންނާނީ ބޭރަށެވެ. ސިޓިންގްރޫމް ސޯފާގައި ނިދާށެވެ.

އަނެއް ދުވަހު ހެނދުނު އަޔާޒްއަށް އާތިފް ގުޅީ، އާތިފް ބަލާ އެއަރޕޯޓަށް އައިސް ދިނުމަށް އެދޭށެވެ. އެހެން ކަމުން އޮފީހަށް ވަދެލާފައި އަޔާޒް އެއަރޕޯޓަށް ގޮސް އާތިފް ގޮވައިގެން ދިޔައީ އާތިފްމެން ގެޔަށެވެ. އަޔާޒް ދާން އުޅުމުން އާތިފް ގޮވައިގެން ނަދާ ކައިރިއަށް ގޮސްލުމަށް އެދުމުން އަޔާޒްއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

އެގާރަ ގަޑި ބައި ވީ ތަނާ، ކައްކާ ނިންމާފައި ނަދާ ފެންވަރާލަން ވަނެވެ. އަޔާޒް ގެޔަށް އައީ އެވަގުތުއެވެ. ގޭ ތެރެއިން ނަދާ ފެންނަން ނެތުމުން ސިޓިންގްރޫމްގައި އާތިފް ބައިންދާފައި އަޔާޒް ކޮޓަރިއަށް ވަނެވެ. ފާހާނާއިން ފެން އޮހޭ އަޑު އިވުމުން އަޔާޒް ފާހާނާ ކައިރިއަށް ގޮސްފައި ޓަކި ޖަހާލިއެވެ.

ދޮރުގައި ޓަކި ޖަހާލި އަޑު އިވުމާއެކު މާގަނޑު ބަންދު ކޮށްލާފައި ނަދާ ހުރީ އިތުރު އަޑެއް އިވޭތޯއެވެ. އެއްވެސް މީހަކު ގޭގައި ނޫޅޭ ވަގުތެއްގައި ޓަކި ޖެހި އަޑު އިވުމުން ނަދާ ހުރީ ބިރުގެންފައެވެ.

“ނަދާ…؟” އަޔާޒް ގޮވާލި އަޑު އިވުމުން ނަދާއަށް މޭގައި އަތް އަޅާލަމުން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.

“ކީކޭ؟” ނަދާ އަހާލިއެވެ.

“ބޭބެ އައިސް އެބައިން، އަވަސް ކޮށްގެން ނިކުމެބަލަ ކާން ހަދަން” އަޔާޒް ވާހަކަ ދެއްކީ މަޑުންނެވެ.

“މި ނިކުންނަނީ” ނަދާ އަވަސް ކޮށްލައިގެން ނިކުމެ ގަޑި ބަލާލިއެވެ. ބާރަވެސް ނުޖަހައެވެ. ނަދާއަށް ހީވީ ފާހާނާގައި ނަދާ މާ ލަސްވީ ހެންނެވެ. ނަމަވެސް ނަދާ ލަސް ވީއެއް ނޫނެވެ. އަޔާޒް އަވަހަށް އައީއެވެ.

ނަދާ ނިކުތް އިރު އަޔާޒްއާ ވާހަކަ ދައްކަން އާތިފް ސޯފާގައި އިނެވެ. ނަދާ އާތިފްއަށް ގޮވާލާފައި ފުރަތަމަ ދިޔައީ ކާން ހަދާށެވެ.

“ބޭބެ ހީކުރީ އަޔާޒް ނަދާ ގޮވައިގެން ލަންކާއަށް ނަމަވެސް ގޮސްލާނެ ކަމަށް” ކާން އިނފެދައި އާތިފް ބުންޏެވެ.

ނަދާއަށް ބުނެވޭ އެއްޗަކުން އަޔާޒް ނުރުހިދާނެތީ ނަދާ އެއްޗެއް ނުބުނެ އަޔާޒްއަށް ބަލާލިއެވެ.

“އޭރު އޮފީހުގަ ތަންކޮޅެއް ބުރަ ދުވަސްކޮޅެއް ވީމަ ނުދެވުނީ” އަޔާޒް ޖަވާބު ދިނެވެ.

“އެހެން ވިއްޔާ މިހާރު ދާންވީނު؟” އާތިފް ބޭނުން ވަނީ އަޔާޒްއާ ނަދާ ހަނީމޫންއަށް ދާށެވެ.

“އަދިވެސް އަޔާ ހަމަ އެހާ ބުރަކޮށޭ އެ އުޅެނީ، އަދި ދެވިދާނެއެއްނު ތަންކޮޅެއް ފަހުންވެސް. އަޔާއަށް ތަންކޮޅެއް ލުއި ވެލީމަ ދާނީ” އާތިފް ނަދާއާ މުޚާތަބްކޮށް ވާހަކަ ދެއްކުމުން ނަދާއަށް އެއްޗެއް ނުބުނެ އިންނާކަށް ނުކެރުނެވެ.

“އާނ، ދެކުދިންނަށް ފެންނަ ގޮތަކަށް ހެދީމަ ރަނގަޅު ވާނެ. ނަދާ ނުކަންތަ؟” އަޔާޒްއާ އާތިފްއާ އެކީގައި ކާ މޭޒު ދޮށުގައި އިން ނަމަވެސް، ހަމަ އެކަނި ޖޫސްތައްޓެއް ނަދާ ބޯތީ އާތިފް އަހާލިއެވެ.

“ނަދާ ހެނދުނު ސައި ބޮއެފިއްޔާ މެންދުރަކު ނުކާނެ ބޭބޭ، ކައްކަން އެކަނި ނަދާ ފޯރި ހުންނާނީ، ކާކަށް ނޫޅޭނެ، ބަލާނީ އެހެން މީހުންނަށް ކާން ދެވޭތޯ” ނަދާގެ ބަދަލުގައި އަޔާޒް ބުންޏެވެ.

ހައިރާންވެފައި ނަދާއަށް އަޔާޒްގެ މޫނަށް ބަލާލެވުނެވެ. ނަދާއާ މެދު އެހާ ގާތް ގޮތަކަށް އަޔާޒް އެއްޗެއް އެ ބުނީ ކިހާ ދުވަހެއް ފަހުން ހެއްޔެވެ؟ ހީވީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކުރީގެ އަޔާޒް ނަދާގެ ކުރިމަތީ އިންހެނެވެ.

އާތިފް ދަންދެން އަޔާޒް އުޅުނީ އެކަހަލަ ގޮތަކަށެވެ. ރައްޓެހިންގެ ކުރިމަތީ އުޅޭ ގޮތާ އާތިފްގެ ކުރިމަތީ އުޅޭ ގޮތާ ތަފާތު ވީ ނަމަވެސް އާތިފްއަށް އަޔާޒް ދެއްކީ ނަދާއާ މެދު އަޅާލާ ފިރިއެއްގެ ނަމޫނާއެކެވެ. އެ ދެމީހުންނަށް ބަލާފައި އާތިފްގެ ހިތް ހަމަ ޖެހޭނެ ފަދަ ގޮތަކަށް އަޔާޒްގެ އަމަލުތައް ބެހެއްޓިއެވެ.

އާތިފް ދިޔުމުން އަޔާޒް ދިޔައީ އޮފީހަށެވެ. ގޭގައި އެކަނި އިންނަން ވުމުން ނަދާ ފޫހި ވެއެވެ. އެހެން ވިޔަސް މަންމަ ގެޔަށް ދާ ހިތެއް ނުވެއެވެ. ހުދާއާ ރިދާއަށް ގުޅާފައި އަންނަން ބުނަން ނަދާ ހިތަށް އެރިއެވެ. ނަމަވެސް އަޔާޒް ކައިރީ ނުބުނެ އެ މީހުން ގެނެސްފި ނަމަ ރުޅި އައިސްދާނެތީ އެ ޚިޔާލުވެސް ދޫކޮށްލިއެވެ. އަޔާޒް ގެޔަށް އައުމުން އަހާފައި އަނެއް ދުވަހުން އެ މީހުން ގެންނާނީއެވެ.

އެ ގެޔަކީ ވަރަށް ފަހުން ހަދާ ނިމުނު ތަނަކަށް ވާތީ އެގޭގައި ނަދާމެން ފިޔަވާ އިތުރު ބަޔަކަށް އުޅެނީ ފުރަތަމަ ބައިގައި އުޅޭ، އެގޭގެ ވެރި މީހުން އެކަންޏެވެ. އެހެން ބަޔަކު އެ ގެޔަށް އަންނަން އުޅޭ ކަމެއް ނަދާމެންނަކަށް އެނގިފައެއް ނެތެވެ.

ބެލްކަންޏަށް ނިކުމެ އެތާ އެލުވާފައި އޮތް ޖޯލީގައި ނަދާ އޮށޯވެލިއެވެ. އެކި އެކި ކަންކަމާ ވިސްނަމުން ގޮސް، ކުރެވުނު ކައިވެންޏާ މެދު ނަދާއަށް ވިސްނެން ފެށުނެވެ.

އެއީ ކައިވެންޏެއް ހެއްޔެވެ؟ އެކަކު އަނެކަކާ ވާހަކަ ނުދައްކާ އަޔާޒްއާ ނަދާ އުޅޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އެހެން މީހުންވެސް އެ ފަދަ ކައިވެނި ކުރެއެވެ. މައިން ބަފައިން އެދިގެން، އެ މީހުން ބުނާ މީހަކާ އެކީ ދިރިއުޅުމެއް ފަށައެވެ. އެ ހުރިހާ މީހުންގެ ދިރި އުޅުން އެއްގޮތެއް ނުވާނެއެވެ. ބައެއް މީހުންނަށް ކާމިޔާބު ވާނެކަން ޔަގީނެވެ. ނަމަވެސް އެހެން މީހުންނަށް ލިބެނީ އަނިޔާއާ ހިތްދަތި ކަމެވެ. އޭގެ މިސާލަކީ ހުދާއާ ޝާމިލްގެ ކައިވެންޏެވެ. އެ ކައިވެނިން، ދަރިއަކު ފިޔަވާ ހުދާއަށް ލިބުނު އުފަލެއް ނެތެވެ. ޝާމިލްގެ ފަރާތުން ލިބުނީ ހިތުން ނުފިލާނެހާ ވޭނާ ހިތްދަތިކަމެވެ.

ނަދާގެ ކައިވެނިން ނަދާއަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އަޔާޒްގެ ހިތުގައި ނަދާގެ މައްޗަށް އުފެދުނު ނަފްރަތު ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. މައިހާއާ ވަކި ވާން ޖެހުނު ސަބަބަކަށް ނަދާ ވީ އިރު، އަޔާޒް އެކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އަދި ނަދާވެސް އެކަން ހަނދާން ނެތުނަކަ ނުދޭނެއެވެ. އެ ގޮތަށް ނަދާއަށް އުޅެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އުމުރު ދުވަހު ނަދާ އުޅެން ޖެހޭނީ އެހެން ހެއްޔެވެ؟ އަޔާޒްގެ ހިތުގައި ވާ ނަފްރަތު ދުވަހަކުވެސް ނުފިލާނެ ހެއްޔެވެ؟ ވެދިޔަ ކަމެއް ހަނދާން ނައްތާލާފައި އެކުގައި އުޅެން މަސައްކަތެއް ނުކުރެވޭނެ ހެއްޔެވެ؟ އަނތްބެއްގެ ގޮތުގައި އަޔާޒްއަށް ނަދާ ބަލައެއް ނުގަނެވޭނެ ހެއްޔެވެ؟ އަޔާޒް ފުރުސަތެއް ދީފި ނަމަ ފިރިއެއްގެ ގޮތުގައި އަޔާޒް ބަލައިގަންނަން ނަދާ ފަހަކަށް ނުޖެހޭނެއެވެ. ވީ އިރު އަޔާޒްގެ ހިތް ބަދަލު ކުރުމަށް ނަދާއަށް މަސައްކަތެއް ނުކުރެވޭނެ ހެއްޔެވެ؟

ކުއްލިއަކަށް ނަދާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ނަދާގެ ވިސްނުން ދަތުރު ކުރަމުން ދިޔަ މިސްރާބުންނެވެ. އެފަދަ ވިސްނުމެއް ނަދާގެ ސިކުނޑިއަށް އަންނަން ވީ ކީއްވެ ހެއްޔެވެ؟ އަޔާޒްއާ އެކުގައި އުޅެން ނަދާ ބޭނުން ވަނީ ހެއްޔެވެ؟ އަޔާޒްއާ މެދު ނަދާގެ ހިތުގައި ވަނީ ހަމައެކަނި ރައްޓެއްސެއްގެ މަގާމު ނޫން ހެއްޔެވެ؟ އެއަށް ވުރެ ގާތްކޮށް ނަދާއަށް އަޔާޒްއާ މެދު ދެކެވެނީ ހެއްޔެވެ؟

ކުއްލިއަކަށް ނަދާގެ ހަނދާނަށް އައީ އަޔާޒްއާ ވާހަކަ ދައްކަން އިން ދުވަހެއްގައި އަޔާޒްއާ ބެހޭ ގޮތުން ނަދާއަށް ކުރެވުނު ޚިޔާލެވެ. ދެ މީހުން އެކުގައި ނަދާގެ ހިތަށް ސިފަ ކުރެވުނު ގޮތެވެ. އެއާއެކު ނަދާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކުރެވުނު އިހުސާސާއެކު ނަދާގެ ހިތް ބާރަށް ތެޅިގަތެވެ. ކުރިން އަމިއްލަ ނަފްސަށްވެސް ނޭނގޭ ކަމެއް، ކުއްލިއަކަށް އެއްވެސް ޝައްކެއް ނެތި ޔަގީންވެގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބުނެދޭށޭ ރުހެމޭ 49

Next

ބުނެދޭށޭ ރުހެމޭ 50

Next
July 5, 2019

ބުނެދޭށޭ ރުހެމޭ 50

Previews
July 4, 2019

ބުނެދޭށޭ ރުހެމޭ 49

20 Comments!

  1. Mar Sha Marsha says:
    July 4, 2019 at 11:03 pm

    Hi, hope u all like this part too, comment kollaafa angaalahchey, next part on Monday! Wish all readers a very blessed friday!

  2. Suney says:
    July 4, 2019 at 11:21 pm

    Mi first dhw… V reethi mi prt.. ???

    1. Mar Sha Marsha says:
      July 5, 2019 at 10:29 pm

      Thnq Suney, hehe yes u first

  3. Ibsha says:
    July 5, 2019 at 12:55 am

    Varah reethi

    1. Mar Sha Marsha says:
      July 5, 2019 at 10:29 pm

      Thnq Ibsha

  4. YerN says:
    July 5, 2019 at 11:30 am

    Varah reethi…..

    1. Mar Sha Marsha says:
      July 5, 2019 at 10:30 pm

      Thnq YerN

  5. Aby says:
    July 5, 2019 at 12:22 pm

    Vaahaka varah reethi… Up vaaleh thankolheh lahee… ??

    1. Mar Sha Marsha says:
      July 5, 2019 at 10:31 pm

      Thnq Aby, dhen balaanan morning ga upload kureveytho

  6. shaina says:
    July 5, 2019 at 1:26 pm

    Vahakah vvvvv salhi ❤❤❤

  7. Mal? says:
    July 5, 2019 at 10:22 pm

    Varah reethi ?

    1. Mar Sha Marsha says:
      July 5, 2019 at 10:32 pm

      Thnq Mal?

  8. Meekkomee says:
    July 5, 2019 at 11:21 pm

    V salhi 🙂

    1. Mar Sha Marsha says:
      July 8, 2019 at 5:53 pm

      Thnq Meekkomee

  9. Mimmi says:
    July 6, 2019 at 6:35 pm

    Vaahaka varah reethi.. thanks marsha

    1. Mar Sha Marsha says:
      July 8, 2019 at 5:54 pm

      Thnq Mimmi

  10. Giggi says:
    July 8, 2019 at 3:57 pm

    Kobaa vaahaka..nuves nidhe

    1. Mar Sha Marsha says:
      July 8, 2019 at 8:43 pm

      Hehe, now uploaded

  11. Aish says:
    July 8, 2019 at 4:50 pm

    Koba miadhu ge part…vrh reethi mi story..up kuraleh lahy

    1. Mar Sha Marsha says:
      July 8, 2019 at 5:55 pm

      Now uploaded Aish, sorry for that, will try better ingey. thnq

Comments are closed.

Next Episodeކުށަކާ ނުލާ 11←


All Right Reserved!