ކުށަކާ ނުލާ 9
އެދުވަހުވެސް ހަ ފަހަރު ނަދާ އަޔާޒްއަށް ގުޅިއެވެ. ނަމަވެސް އަޔާޒް ހަމަ ފޯނެއް ނުނެގިއެވެ. އޮފީހުގެ ކަމެއްގައި އަޔާޒް ވަރަށް ބުރަކޮށް އުޅޭ ކަމުގައި އާތިފް ބުނީ، ނަދާ ގޮވައިގެން ހުރިހާ ކަމެއްގައި އާތިފް އުޅެން ޖެހުނު ސަބަބު ބުނެދިނުމަށެވެ.
އަޔާޒް ނަދާގެ ފޯނަށް ޖަވާބު ދިނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. ކުރީރޭ ނަދާއަށް އެއްގޮތަކަށްވެސް ނުނިދުނެވެ. އެ ދުވަހު އަޔާޒްއާ ނުގުޅިއްޖެ ނަމަ އަޔާޒްމެން ގެޔަށް ގޮސްގެން ވިޔަސް ވާހަކަ ދައްކަން ބޭނުން ކަމަށް ބުނެ މެސެޖް ކުރުމުންވެސް އަޔާޒް ނަދާއަކަށް ނުގުޅައެވެ. ނަމަވެސް ދެން ނަދާ ގުޅި ފަހަރު އަޔާޒް ފޯން ނެގީ ނަދާގެ މެސެޖް ކިޔާފައެވެ.
“އަޔާ، އަހަރެން ކިހާ ވަރަކަށް މި ގުޅަނީ—” ނަދާ ވާހަކަ ދައްކަން ފެށި ނަމަވެސް އަޔާޒް އެ ވާހަކަ މެދުކަނޑާލިއެވެ.
“ވަރަށް ބިޒީކޮށް މިއުޅެނީ، އެއްވެސް ކަމެއް ބޭނުމިއްޔާ ބޭބެއަށް ގުޅާލާ، ބޭބެ ހަމަޖައްސާދޭނެ، މިރެއަށް މި ޕްރޮޖެކްޓްގެ މަސައްކަތް ނުނިމިއްޖެއްޔާ މާދަންވެސް އުޅެން ޖެހޭނީ މިކަމާ… އެހެންވެ ފޯންވެސް ނުނެގެނީ” އަޔާޒް ވާހަކަ ދެއްކީ އަވަސްއަވަހަށެވެ.
“އަޔާ އޯކޭތަ؟” ނަދާ އަހާލިއެވެ.
“އާނ، ހުރިހާ ކަމެއްވެސް ރަނގަޅު… ދެން ފަހުން ވާހަކަ ދައްކާނީ ދޯ؟ އިހަށް ބާއްވަނީ، މި ދަނީ އޮފީހަށް ދާން” އަޔާޒް ބުންޏެވެ.
އާނއެކޭ ބުނެފައި ފޯން ކަނޑާލި އިރު ނަދާ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނީ އަޔާޒްއާ ވާހަކަ ދައްކާލެވުމުންނެވެ. އަޔާޒްގެ އަޑުން ނުރުހުމެއްގެ އަސަރެއް ނަދާއަށް ފާހަގައެއް ނުކުރެވެއެވެ. ކައިވެނި ކުރެވެނީ އަޔާޒްގެ ރުހުމުގައި ކަން ޔަގީން ވުމުން ދައްކަން ހުރި ވާހަކަތައް ފަހުން ދެއްކޭނެއޭ ހިތަށް އެރި ނަމަވެސް ނަދާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ.
ދިހަވަރަކަށް ދުވަސް ތެރެއިން އަޔާޒްއާ ނަދާ ބައްދަލު ވީ ކައިވެނި ކުރެވޭ މޭޒުދޮށުންނެވެ. އަޔާޒްގެ މޫނަށް ބަލާލަން ފުރަތަމަ ފަހަރަށް ނަދާއަށް އުނދަގޫ ވީ އެރެއެވެ. ކައިވެނިކޮށް ނިމެން ދެން އެއް ފަހަރުވެސް ނަދާއަށް އަޔާޒްއާ ދިމާއަށް ބަލާލާކަށް ނުކެރުނެވެ. ނަދާއާ ވާހަކަ ދައްކާކަށް އަޔާޒް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެހެން ވެ ނަދާއަށްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެއީ ދުވަހަކުވެސް އެދެމެދުގައި ނުވާ ފަދަ ބީރައްޓެހި ކަމެކެވެ.
ޕާޓީގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައެވެ. މަޑު ކްރީމް ކުލައިގެ، އެއްވެސް ގޮތެއް ހަދާފައި ނުވާ ސާދާ ކައިވެނީގެ ހެދުމުގައި ނަދާ ހުރި އިރު ކަރާ ކަންފަތާ އަތުގައި ހުދުރަނުގެ ގަހަނާ ބޭނުން ކޮށްފައި ހުއްޓެވެ. އަރައިގެން ހުރީ ހުރަހަށް، ހިމަހިމަ ވަދުތަކެއް ހުރި ކްރީމް ކުލައިގެ އުސް ފައިވާނަކަށެވެ. އިސްތަށިގަނޑު ހުރީ އެއްކޮށް މައްޗަށް ނަގާ ބޮލުގެ މެދަށް ހުޅިއެއްހެން ޖަހާފައި، ވަށައިގެން ހުދުރަނުގެ ކުދި ކުދި މާތަކެއް ޖަހާފައެވެ. މާބޮޑު މޭކްއަޕްއެއް ނުކުރީ އެއީ ނަދާ އެހާ ކުރާ ހިތްވާ ކަމަކަށް ނުވާތީއެވެ. ތުންފަތުފައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލުން ފިޔަވާ އެހެން މޭކްއަޕްއެއް ނުކުރެއެވެ.
އަޔާޒް ހުރީ ހުދު ގަމީހަކާ މެރޫން ޓައީ އާއެކު ގަދަ ކްރީމް ކުލައިގެ ފަޓްލޫނާ ވެސްޓްގައެވެ. އިސްތަށިގނޑު އޮތީ އާދައިގެ މަތިން އަޔާޒް ބަހައްޓާހެން ކަނދުރާގައި ކޭއްތޭ ވަރަށް ދިގުކޮށެވެ. ތުނބުޅިއާ މަތިމަސް ހުރީ އާންމުކޮށް ހުންނަ ވަރަށް ވުރެ ތުނިކޮށެވެ. އަޔާޒް ކައިރީ ނަދާ ހުރިއިރު އަޔާޒްގެ ކަންފަތާ ހަމައަށް ނަދާގެ އިސްކޮޅު ހުރީ އަރާފައިވާ ފައިވާނުގެ އުސް ކަމުންނެވެ.
ސާޖިދާއާ ހުދާއާ ރިދާއާ އަޒްކާގެ އިތުރުން ނަދާއާ އަޔާޒްގެ ގާތް ރައްޓެހިންނާ ތިމާގެ އެހެން މީހުން ތިބީ މެރޫން ކުލައާއި ކްރީމް ކުލައިގެ ހެދުމުގައެވެ. ސްކޫލްގައި އުޅުނު އިރުން ފެށިގެންވެސް އަޔާޒްއަކީ ނަދާގެ ‘ބެސްޓް ފްރެންޑް’ ކަމުގައި ބުނެފައި ވާތީ، ޕާޓީއަށް އައިސް އުޅުނު ނަދާގެ ސްކޫލްގެ އެކުވެރިން ނަދާއާ އަޔާޒްއާ ދިމާކޮށް ސަމާސާ ކުރަން ފެށުމުން އަޔާޒްވެސް އެ ކުދިންނާ އެކު އެ ސަމާސާގައި ބައިވެރި ވީ އެއީ އަޔާޒްއަށްވެސް ފެނި އެކުވެރި ވެފައިވާ ކުދިން ކަމަށް ވާތީއެވެ. އަޔާޒްގެ އެކުވެރިން، ނަދާއާ އަޔާޒް ވަރަށް ގުޅޭ ވާހަކަ ބުނެ، ނަދާގެ ރީތި ކަމަށް ތަޢުރީފް ކުރަން ފެށުމުން އަޔާޒް ހަމައެކަނި ހީލުމަކުން ފުއްދާލައެވެ.
ޒުލްފާއާ ލަތީފްގެ އާއިލާއަށްވެސް ދައުވަތު ދީފައި ވާތީ އެމީހުން ޕާޓީއަށް އައެވެ. ޒުލްފާއާ ލަތީފްއާ އެކު ޝާމިލްއާ ޝާއިން އައެވެ. ނިހާލް އައީ ނާޒިޔާގެ ދެމަފިރިންނާ ކުދިންނާ އެކުއެވެ.
ޕާޓީ ދިގުލައިގެން ދިޔަ ވަރަކަށް އަޔާޒްއާ ނަދާގެ ނުތަނަވަސް ކަން އިތުރު ވަމުން ދިޔައެވެ. ނަދާއަކީ އާންމުކޮށް ތިރި ފައިވާނުގައި އުޅޭ ކުއްޖަކަށް ވާތީ، އުސް ފައިވާނުގައި ގިނަ އިރު ކޮޅަށް ހުންނަން ޖެހުމުން ފަޔަށް ތަދުވާން ފެށިއެވެ. ނަދާމެން ކައިރިއަށް ހުދާ އައި ވަގުތެއްގައި ނަދާ އެވާހަކަ ބުނުމުން ފައިވާން ބާލާފައި ހުސް ފައިގައި ހުރުމަށް ހުދާ ބުނުމުން ނަދާ އެހެން ކަންތައް ކުރުމުން ފަޔަށް ލުއި ވިއެވެ. އަޔާޒްވެސް އޭރު ހުރީ ގަމީހުގެ ކަރު ގޮށް ނައްޓާލައިގެން ޓައީ ކުޑަކޮށް ދޫކޮށްލައިގެންނެވެ.
ޕާޓީ އޮތީ އަށަކުން އެގާރައަށް ނަމަވެސް ބާރަ ޖަހަން ކައިރި ވީ އިރުވެސް ފުދޭވަރަކަށް މީހުން ތިއްބެވެ. ނަމަވެސް އެހާ އިރު ވުމުން އާތިފްގެ އެދުމަށް އަޔާޒްއާ ނަދާ، އެ ދެމަފިރިންނަށް ޚާއްސަ ކުރެވިފައި ހުރި މޭޒުދޮށުގައި އިށީނީ ކާށެވެ. ކާން ފެށި ނަމަވެސް އެކަކަށްވެސް ރަނގަޅަކަށް ނުކެވުނެވެ. ކޮންމެވެސް ވަރަކަށް ކައިގެން ދެ މީހުން ތެދުވި އިރު އެތަނުގައި ތިބީ ސާޖިދާއާ އާތިފްއާ ހުދާއާ ރިދާގެ އިތުރުން ނަދާގެ އެންމެ ގާތް ތިން ރައްޓެހިންނެވެ. ކުޑަކުޑަ އަޒްކާ އޮތީ ހުދާގެ ކޮނޑުމަތީގައި ނިދާފައެވެ.
ބާރަގަޑި ބައިވާން އުޅެނިކޮށް އެންމެ ފަހުން ނަދާމެން ގެޔަށް ދާން ނިކުތެވެ. އަޔާޒްއާ އާތިފް ސައިކަލުގައި ދިޔައީ ހުދާއާ ރިދާއާ އެކު ނަދާ ކާރަށް އެރުމުންނެވެ. ސާޖިދާ ގެޔަށް ދިޔައީ ނިދިފައި އޮތް އަޒްކާ ގޮވައިގެންނެވެ.
ނަދާ ކާރުން ފޭބުމުން އާތިފް އެ ކާރުގެ ކުރިއަށް އެރިއެވެ. އަޔާޒްއާ އެކު ގޭ ދޮރުމަތީގައި ހުރި ނަދާ، ހުދާއާ ރިދާ ދިޔަ ކާރު އަނެއް މަގަށް ލަނބާލަން ދެން ބަލަން ހުރެފައި އެނބުރުނު އިރު އަޔާޒް، ކާޑުން ގޭ ދޮރު ހުޅުވާފައި ދޮރުގައި ހިފަހައްޓައިގެން ހުރީ ނަދާ ވަންނަން ދެނެވެ.
ދެ މީހުން އެކީގައި ލިފްޓުގައި މައްޗަށް ދިޔަ އިރުވެސް އެކަކުވެސް އެއްޗެއް ނުބުނެއެވެ. ގޭ ދޮރުވެސް ހުޅުވީ އަޔާޒްއެވެ. އެތެރެއަށް ވަން ގޮތަށް ލައިގެން ހުރި ވެސްޓްއާ ޓައީ ބާލާފައި ކޮޓަރީގައި ހުރި ސޯފާ މައްޗަށް އެއްލާފައި އަޔާޒް ވަނީ ފާހާނާއަށެވެ.
***
އަނެއް ދުވަހު ނަދާއަށް ހޭލެވުނީ އަށެއް ޖެހި ފަހުންނެވެ. އޭރު ބޮލުގައި ރިހުމެއް ހުއްޓެވެ. ހޭލެވުމާ އެކު ރޭގެ ހަނދާން ވުމުން ލޮލުން އައި ކަރުނަ ނަދާ ފޮހެލަމުން އެނދުން ތެދުވެގެން ގޮސް އެއްކޮށް ނުލެއްޕި ހުރި ކޮޓަރީގެ ދޮރު މަޑު މަޑުން ދުރުކޮށްލާ ބޭރު ބަލާލިއެވެ. ޓީވީ ބަލަން ސޯފާގައި އިން އަޔާޒް ފެނުމުން ނަދާގެ ލޮލުން އަނެއްކާވެސް ކަރުނަ އައެވެ. އަތުން ލޯ ފޮހެލާފައި ނަދާ އަޔާޒްއަށް ބަލާލިއެވެ. އިސްތަށިގަނޑު އަދިވެސް ތެތްކޮށް ހުރުމުން އަޔާޒް ފެން ވެރިތާ ގިނަ އިރެއް ނުވާކަން ނަދާއަށް އެނގުނެވެ. އެތެރެއަށް ވަދެ އަވަސް އަވަހަށް ފެން ވަރާލައިގެން ނަދާ ފުރަތަމަވެސް ފަތިސް ނަމާދު ކޮށްލީ ރޭ ފަތިހު ހޭނުލެވުނީތީއެވެ.
ނަދާ ކޮޓަރިން ނިކުމެ، ބަދިގެއަށް ވަން އިރު މޭޒުމަތީ ޕާނަކާ ބިސް ހުއްޓާ ފެނުމުން ޕާން ޓޯސްޓްކޮށްފައި ބިސްގަނޑު އަޅާ ދެ މަގުގައި ކޮފީ ގިރައިގެން ގޮސް ސައި ތައްޔާރު ކުރިއެވެ.
“އަޔާ… ސައި…” މޭޒު ކައިރީ ހުރެ ނަދާ ގޮވާލިއެވެ.
އަޔާޒް އެއްވެސް އެއްޗެއް ނުބުނެ އައިސް ސައި ބޯން ފެށިއެވެ. ދެ ކޮފީ މަގު ހުރިކަން ފާހަގަ ކުރެވުނު ނަމަވެސް އަޔާޒް ނަދާއަށް ސައިބޯކަށް ނުގޮވައެވެ. އެކަމާ ނަދާ ދެރަވިއެވެ. އަޔާޒް ސައި ބޮއެ ނިމުމުން ތަށިތައް ނަގާފައި، ހިހޫ ވެފައި ހުރި ކޮފީތަށި ނަދާ ބޯލީ ބަދިގޭގައި ހުރެއެވެ.
އަޔާޒް ކޮޓަރިއަށް ވަނުމުން ނަދާ އައިސް ކާމޭޒު ކައިރީ ގޮނޑިއެއްގައި އިށީނެވެ. ނުރޯން އުޅުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ. ނަމަވެސް އެހެން އިންދާ އަޔާޒްއަށް ފެންނަން ބޭނުން ނުވާތީ ނަދާ އަނެއްކާވެސް ވަނީ ބަދިގެއަށެވެ.
މެންދުރު ވާން ވީ އިރަށް ނަދާގެ ބޮލުގެ ރިހުން ގަދަވިއެވެ. ގޭގައި ޕެނަޑޯލް ގުޅައެއްވެސް ނެތުމުން އެ ރިހުމަށް ލުޔެއް ހޯދޭނެ ގޮތެއް ނުވިސްނިފައި ނަދާ އިންދާ އަޔާޒް ގެއިން ބޭރަށް ދިޔައެވެ. އަޔާޒްއަށް ގުޅާލާފައި ބޭސް ގެނެސް ދޭށޭ ބުނަން ހިތަށް އަރާފައިވެސް ނަދާއަކަށް ގުޅާކަށް ނުކެރުނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލައިގެން އޮއްވާ ނަދާގެ ފޯނަށް މެސެޖެއް އައުމުން ބަލާލި އިރު އަޔާޒްގެ މެސެޖެކެވެ.
ކާ އެއްޗެހި ހިފައިގެން ދާ ވަހަކަ ބުނަން އަޔާޒް މެސެޖް ކޮށްފައި އިނުމުން ނަދާ ތެދުވެގެން ގޮސް ސިޓިންގް ރޫމްގައި އިށީންތާ ގިނަ އިރެއް ނުވެ އަޔާޒް ކޮތަޅެއް ހިފައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ.
ނަދާ ކާން ހެދުމުން، ހެނދުނު ފަދައިން އަޔާޒް ކައިގެން ތެދުވީ ނަދާއަށް ބަލާވެސް ނުލައެވެ. އަޔާޒް އަތް ދޮވެގެން ކޮޓަރިއަށް ވަނުމުން ނަދާ ކާއެއްޗެހި ނަގާފައި މޭޒުމަތި ސާފުކޮށްލީ ކާ ހިތް ނުވީތީއެވެ.
އަޔާޒް އެ ކައިވެންޏަށް އެއްބަސް ވީ ކީއްވެތޯ އަހަން ނަދާ ބޭނުމެވެ. ނަމަވެސް އަހަން ނުކެރެނީ އަޔާޒް ރޭގައި ނަދާއާ ވާހަކަ ދެއްކި ގޮތުންނެވެ. އެ ދުވަހު އެކީވެސް އަޔާޒް ނަދާއާ ވާހަކަވެސް ނުދައްކާތީއެވެ. އެހެން ވިޔަސް އެ ސުވާލު ނުކޮށް އަޔާޒް ނަދާ ދެކެ އެހާ ރުޅި އަންނަން ވީ ސަބަބެއް ނަދާއަކަށް ނޭނގޭނެއެވެ. ޖަވާބު ހޯދަން ބޭނުން ނަމަ ފުރަތަމަ ޖެހޭނީ ސުވާލު ކުރާށެވެ.
އެރޭ ކެއުމަށް ނަދާ ކެއްކީ ނޫޑްލްސްއެވެ. ކައިގެން އަޔާޒް ތެދުވި އިރަށް ނަދާ އަޔާޒްއަށް ގޮވާލިއެވެ.
“އަޔާ އާނއެކޭ ބުނީ ކީއްވެ؟” އަޔާޒް ނަދާއަށް ބަލާލުމުން ނަދާ އަހާލިއެވެ.
“ނަދާ އާނއެކޭ ބުނީ ކީއްވެ؟” ޖަވާބު ދިނުމުގެ ބަދަލުގައި ނަދާ ކުރި ސުވާލު އަޔާޒް އަނބުރާ ނަދާއާ ކޮށްލިއެވެ.
“އަހަރެން… ބޭބެ ބުނީ އަޔާ އޯކޭ އޭ…”
“ނަދާއަކަށް ނޭނގޭތަ ބޭބެ ބުނެފިއްޔާ އަހަރެން ނޫނެކޭ ނުބުނާނެ ކަން؟ އަހަންނަށް ޗޮއިސްއެއް ނެތް… ނަދާއަށް ޗޮއިސް އޮތެއްނު؟ ދެން ކީއްވެ ނޫނެކޭ ނުބުނީ؟” އަޔާޒްގެ އަޑު ކޮންމެ ޖުމްލައަކާއެކު ބާރު ވެގެން ދިޔައެވެ. ނަދާއަށް ފަހަތަށް ޖެހިލެވުނީ އަޔާޒްގެ ލޮލުން ފެންނަމުން ދިޔަ ރުޅިވެރިކަމުންނެވެ.
“އަހަރެން ނުބުނަމޭ އާނއެކޭ… އެކަމަކު މަންމައާ ބޭބެ ކިޔާ ވަރުން… އަޔާވެސް އެއްބަސް ވީމަ އަހަރެން ދެކޮޅު ނުހަދާށޭ ބުނީމަ…” ނަދާއަށް އިތުރަކަށް ނުބުނެވުނެވެ. ކުރެވުނު މޮޔަ ކަންތައް ހިތަށް އަރާފައި އިތުރަށް ބުނާނެ ބަހެއް ދުލަކަށް ނައެވެ.
“ނަދާއަކަށް ނޭނގޭތަ މަޖުބޫރު ވެގެން ނޫނީ މައިހާ ނޫން ކުއްޖަކާ އިންނަން އަހަރެން އެއްބަސް ނުވާނެ ކަން؟ އަހަރެން މައިހާ ދެކެ ލޯބި ވާ ވަރު ނަދާއަށް ނޭނގެންޏާ ދެން ކާކަށް އެނގޭނީ؟ ހުރިހާ ކަމެއް އެނގި ހުރެ ނަދާ އެއްބަސް ވީ… ހުރިހާ ކަމެއް އެނގޭ އިރުވެސް ނަދާ ބޭނުންވީ އަހަރެން މައިހާއާ ވަކި ކުރަން… ކޯޗެއް ލިބޭނެ ކަމަށް؟ ނަދާ ހީކުރީތަ މިހެން ކައިވެނި ކޮށްގެން ދިރިއުޅުމެއް ފެށިދާނެ ކަމަށް؟ އެހެން ވިއްޔާ އެއީ ކުށްހީއެއް… އަހަރެންގެ ފަރާތުން ދުވަހަކުވެސް ނަދާއަކަށް އުފަލެއް ނުލިބޭނެ… ހަނދާން ކުރާތި އެކަން! އަހަރެން ހީކުރީ ތީ އަހަރެންގެ ރައްޓެއްސެއް ކަމަށް… ހިއެއް ނުކުރަން ރައްޓެއްސެކޭ ކިޔައިގެން އުޅުނީ ތިވަރުގެ މީހެއް ކަމަކަށް…” އަޔާޒް އެންމެ ފަހު ޖުމްލަ ބުނަމުން ދުރު ބަލާލީ ނަދާގެ މޫނަށް ބަލަންވެސް ބޭނުމެއް ނޫނޭ ބުނާ ފަދައިންނެވެ.
“އަހަރެން އެހާ ވަރަށް ގުޅީ އެހެން ވެޔޭ… އަހަން ވެގެންނޭ…” ނަދާއަށް އެއްޗެއް ބުނެވުނީ އަޔާޒް ދާންވެގެން ހިނގައިގަތުމުންނެވެ.
“އަހާކަށް ނުޖެހޭނެ… ހުރިހާ ކަމެއް ފެށީ ނަދާ، ނަދާ އެއްޗެއް ނުބުނާ ނަމަ ބޭބެ ފުރަތަމަ އެ ވާހަކަ ނުވެސް ދެއްކީސް… ހަމަ ހުރެފަ ނަދާއާ އަހަރެން ކައިވެނި ކުރާ ވާހަކައެއް ކަމެއް ނުވަނީހެއް ބޭބެއެއް ނުދައްކާނެ” ނަދާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އަޔާޒް ހަޅޭލަވައިގަތެވެ.
ނަދާއަށް ދެ ކަންފަތުގައި އަތް އަޅާލެވުނެވެ. އެއާއެކު ދެ ފަރާތަށް ބޯ ހަލުވަމުން ރޮވުނީ އަޔާޒްގެ ނަފްރަތު އިހުސާސް ކުރެވުމުންނެވެ. އެ ވާހަކަތައް ދޮގު ކުރަން ބޭނުން ވި ނަމަވެސް ރުއިމުގެ ސަބަބުން ނަދާއަކަށް އެއްޗެއް ނުބުނެވުނެވެ. ހުރި ތަނަށް ތިރިވެ ނަދާ ދެކަކޫ ގެނެސް މޭގައި ޖައްސާލަމުން ކަކުލުގައި ބޯޖަހާލާފައި ދެއަތުން ކަކުލުގައި ހިފާ ބާރުކޮށްލިއެވެ.
ނަދާ ރޯތަން ބަލަން ނުހުރެ އަޔާޒް ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު ނަދާ ދެކެ އައިސްފައި ހުރި ރުޅިން އަޔާޒް ތުރުތުރު އަޅައެވެ. ދުވަހަކުވެސް އެހާ ވަރަށް ރުޅި އައި ހަނދާނެއް އަޔާޒް ނުވެއެވެ.
އަމިއްލައަށް ހުރިހާ ކަމެއް ފަށާފައި ނަދާ ނޭނގޭ ކަމަށް ހެދެން އުޅެނީ އަޔާޒް ގަބޫލު ކުރާނެ ކަމަށް ހެއްޔެވެ؟ ނަދާގެ ސަބަބުން މައިހާ ރޯނެ ވަރު ނަދާއަށް ނޭނގޭނެ ހެއްޔެވެ؟ އެހެން ބައެއްގެ ދިރިއުޅުން ހަލާކު ކޮށްފައި އުފަލުގައި އުޅެވިދާނެ ކަމަށް ނަދާ ހީކުރަނީ ހެއްޔެވެ؟
ކުޑަ އިރުން ފެށިގެން އެކީގައި އުޅުނު އިރު އަޔާޒްއަށް ނަދާ ދަސް ނުވަނީ ހެއްޔެވެ؟ އެހެން މީހުންގެ އުފަލަށް ވުރެ ނަދާއަކީ އަމިއްލަ އުފާ އިސް ކުރާ މީހެއް ކަން އަޔާޒްއަށް ހީވެސް ކުރެވިފައި ނުވެއެވެ. މައިހާއާ އަޔާޒް ދިމާ ވި ދުވަހުން ފެށިގެން ހުރިހާ ވާހަކައެއް އަޔާޒް އައީ ނަދާއަށް ކިޔާ ދެމުންނެވެ. ވީ އިރު މައިހާއާ ވަކިވާން އަޔާޒް ބޭނުން ނުވާނެ ކަން ނަދާއަށް ނޭނގޭނެ ހެއްޔެވެ؟ އެ ހުރިހާ ކަމެއް ކޮށްފައި މިއަދު ދެރަ ވެގެން ރޯންވީ ނަދާ ހެއްޔެވެ؟ އެ ރުއިމުން އަޔާޒްއަށް އަސަރު ކުރާނެ ކަމަށް ނަދާ ހީކުރަނީ ހެއްޔެވެ؟
އެތައް އިރެއް ވަންދެން ނަދާ އެ ގޮތަށް ރޯން އިނެވެ. އަޔާޒްގެ ބަދަލު ވެފައިވާ މިޒާޖު ފެނި ނަދާއަށް އެއީ ކުރީގެ އަޔާޒް ކަން ގަބޫލު ކުރަން ދަތިވެއެވެ. އެ ކައިވެނި ކުރެވުމުގައި އަޔާޒް ނަދާ ކުށްވެރި ކުރަން ވީ ސަބަބެއް ނަދާއަކަށް ނުވިސްނެއެވެ. ނަދާއަށް ވުރެ ކުރިން ރުހުން ދިނީ އަޔާޒްއެވެ. އެވަރުންވެސް ނަދާ ހުރީ އެ ކައިވެންޏަށް އެއްބަސް ނުވާށެވެ. އަޔާޒް އެއްބސް ވީ ސަބަބެއް ހޯދާފައި ނޫނީ ޖަވާބެއް ނުދޭށެވެ. ސާޖިދާ ބުނުމުން ހަމަ ހިލާވެސް ނަދާ އެއްބަސް ނުވިއެވެ. ނަމަވެސް އާތިފް އައިސް އަޔާޒް އެއްބަސް ވި ވާހަކަ ބުނެ، ނަދާގެ ޖަވާބެއް އެހުމުން އިތުރަށް ދެކޮޅު ހަދަން ނަދާއަށް ނުކެރުނީއެވެ.
ނަދާއަށް ނުވިސްނުނީއެވެ. އަޔާޒް ކައިވެންޏަށް ރުހުނީ އާތިފް އެދުމުން ކަމަށް ވެދާނެއެވެ. އާތިފް އެދުނު ކަމެއް ނުކޮށް އަޔާޒް ދޫކޮށްނުލާނެއެވެ. އެކަން ނަދާއަށް އެނގެއެވެ. ވީ އިރު އަޔާޒް އުންމީދު ކުރީ ނަދާ ދެކޮޅު ހަދާނެ ކަމަށް ހެއްޔެވެ؟ އަޔާޒް އެހާ ރުޅި އައި ސަބަބަކީ އެއީ ހެއްޔެވެ؟ އެހެން ވިޔަސް އެކަން ނަދާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަޔާޒްއާ އެ ވާހަކަ ދައްކަން ނަދާ ކިހާ މަސައްކަތެއް ކުރި ހެއްޔެވެ؟ އެއް ފަހަރުވެސް އަޔާޒް ނަދާގެ ކޯލަށް ޖަވާބު ދިން ނަމައެވެ. އެންމެ ފަހަރަކުވެސް އަޔާޒް ނަދާއާ ވާހަކަ ދެއްކި ނަމައެވެ.
ދެން ކުރާނެ ކަމެއް ނެތެވެ. ވެ ދިޔަ ކަންތައް ދެން ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް އަޔާޒްއަށް އަދިވެސް މައިހާއާ ގުޅުމުގެ ފުރުސަތު އެބަ އޮތެވެ. އަޔާޒްގެ ދިރިއުޅުމުން ނަދާއަށް ދުރަށް ދެވިދާނެއެވެ.
އާނއެކެވެ. ހައްލަކީ އެއީއެވެ. ނަދާ އަޔާޒްއާ އެ ވާހަކަ ދައްކާނެއެވެ. އަޔާޒްއަށް ނަދާގެ ފަރާތުން މިނިވަން ވުމުގެ ފުރުސަތު ދޭނެއެވެ. އޭރުން ހުރިހާ ކަމެއް ހައްލު ވާނެއެވެ. ނަމަވެސް ދެން އަޔާޒްގެ އެކުވެރިކަމެއް ނަދާއަކަށް ނުލިބޭނެއެވެ. އެކަން ނަދާއަށް ޔަގީނެވެ. ނަދާގެ މައްޗަށް އަޔާޒްގެ ހިތުގައި އޮތް އިތުބާރު، އަޔާޒްއަށް ކުރެވިފައިވާ ކުށްހީއެއްގެ ސަބަބުން އެވަނީ ގެއްލިފައެވެ. އަޔާޒްގެ މާފެއް ނަދާއަކަށް ނުލިބޭނެއެވެ. އެ އެކުވެރިކަން ދެން ނަދާއަށް ގެއްލުނީއެވެ.
އެހެން ވިޔަސް ނަދާ އެދެނީ އަޔާޒްގެ އުފަލެވެ.
ގޮތެއް ނިންމުމުން ނަދާ ލޯ ފޮހެލާފައި ތެދުވެގެން ކޮޓަރިއަށް ވަން އިރު އަޔާޒް ފެންވަރައިގެން ނިކުތީއެވެ. އިސް ޖަހައިގެން ހުރެ ނަދާ އެތެރެއަށް ވަން އިރަށް އެނދުން ބާލީހަކާ ރަޖާ ހިފައިގެން އަޔާޒް ނިކުތެވެ.
އަނެއް ދުވަހު ފަތިހު ހޭލައިގެން ނަމާދު ކޮށްގެން ނަދާ ނިކުމެ ސައި ހެދިއެވެ. އަޔާޒްއަށް އެންމެ ކަމުދާނެ ހެން މަސްހުންޏާ ރޮއްޓާއެވެ. އޮފީހަށް ދާން ތައްޔާރު ވެގެން ސައިބޯން އަޔާޒް ނިކުތް އިރު ހަތްގަޑި ބައިވީއެވެ.
އަޔާޒް ސައި ބޯން އިށީނުމުން ނަދާ ބަދިގެއަށް ވަނީ ހަޑިވެފައި ހުރި ތަށިތައް ދޮންނާށެވެ. އަޔާޒް ސައި ބޮއެ ނިމިގެން ތެދު ވުމުން ނަދާ އައިސް އަޔާޒް ކާމޭޒުގެ އަނެއް ފަރާތުގައި ހުއްޓިލިއެވެ.
“އަޔާ… ވަރަށް ބޮޑަށް ސޮރީ މިކަންތައް މި ވީ ގޮތުން… އެކަމަކު… އަޔާ ބޭނުމިއްޔާ އަހަރުމެންނަށް ވަކި ވެވިދާނެ… އޭރުން އަޔާއާ މައިހާ—”
“ތި އުޅެނީ އަހަންނާ ބޭބެއާ ދެމެދު މައްސަލަގަނޑެއް ޖައްސަންތަ؟ ތި ސިކުނޑިން އެ ކަހަލަ ކަމެއް ނޫނީ ނުވިސްނެނީތަ؟ ތީ މިހުރިހާ ދުވަހު ނަދާ ކޮންތާކު ފޮރުވައިގެން އުޅުނު ސިފައެއްތަ؟” ނަދާ ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލަމުން އަޔާޒް ސުވާލުކުރީ ހަރުކަށި ރާގަކަށެވެ.
“އަޔާ…” އެފަދަ ގޮތަކަށް ނަދާއާ މެދު އަޔާޒް ހީކުރީތީ ނަދާ ވަރަށް ދެރަ ވިއެވެ.
“އެހެން ކޮން ކަމެއް ދެން؟ ނަދާއާ އިނދެފަ ދެ ދުވަސް ނުވަނީސް ވަރި ކުރީމަ އަހަރެން ދެކެ ބޭބެ ރުޅި އަންނާނެ ކަން އެނގޭތީ ތިހެން ތި ކިޔަނީ… ކޮންމެހެން މައިހާއަށް ހެޔޮ އެދިގެނެއް ނޫން… ކުރިން ނޭނގުނަކަސް މިހާރު އަ އަންނާނެ ކަން އނގޭތީ ޔަސް އެކަންހަންނަށް އެނގިއްޖެ ތީ ކާކުކަން” އަޔާޒްގެ ދުލުން ބުނެލި ކޮންމެ ބަހެއްގައިވެސް ނަދާއަށް ޓަކާ ވަނީ ރުޅިވެރިކަމެވެ.
“ނަދާ ހަނދާން ކުރާތި! އަހަރުމެންގެ މެދުގަ ހިނގާ އެއްވެސް ކަމެއް ބޭބެއަށް އެނގިގެން ނުވާނެ. ބޭބެއަށް ޝައްކެއްވެސް ވާކަށް އަހަރެން ބޭނުމެއް ނޫން. އެއްވެސް މީހަކަށް އެނގިގެން ނުވާނެ. އެއްވެސް މީހެއްގެ ފަރާތުން ބޭބެއަށް އެނގިގެން ނުވާނެ!” އިންޒާރެއް ދިން ފަދައިން ނަދާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަޔާޒް ބުނެލިއެވެ.
ނަދާއަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ނަދާ ކޮންމެ އެއްޗެއް ބުނި ނަމަވެސް އަޔާޒްއަށް އޭގެން ނެގޭނީ ގޯސް މާނައެކެވެ. އިސް ޖަހާލަމުން ނަދާ ގޮސް ބަދިގެއަށް ވަނީ އަޔާޒްގެ ކުރިމަތީ ރޮވިދާނެތީއެވެ.
އެ ދުވަހުގެ ފަހުން އަޔާޒްއާ އެއްވެސް ވާހަކައެއް ދައްކާކަށް ނަދާ މަސައްކަތެއް ނުކުރެއެވެ. އަޔާޒް ގެޔަށް އައިސް ކޮޓަރިއަށް ވަނިއްޔާ ނަދާ ނިކުންނަނީ ބޭރަށެވެ. އަޔާޒް ކޮޓަރިން ނިކުމެއްޖެ ނަމަ ނަދާ ހުންނަނީ ބެލްކަނީގައެވެ. ނަދާ ހުންނަ ތަނަކަށް ނާންނާކަށް އަޔާޒް ނޫޅެއެވެ. އަޔާޒްގެ ކުރިމައްޗަށް ނާރާ ވޭތޯ ބަލަނީ ނަދާއެވެ.
އަޔާޒްގެ ހުރިހާ ކަމެއް ނަދާ ކުރެއެވެ. ހުރިހާ އިރަކަށް ކައްކައެވެ. އަޔާޒް ކާން އަންނަ އިރު މޭޒުމަތި ހުންނަނީ ތައްޔާރު ކޮށްފައެވެ. އަޔާޒްގެ އެއްޗެހި ދޮވެ އިސްތިރި ކުރެއެވެ. ނަމަވެސް އަޔާޒްއަށް ނަދާގެ މޫނުވެސް ނުދައްކާ ވޭތޯ ނަދާ ބަލައެވެ.
އަޔާޒްގެ ލޯތްބާ އަޔާޒް ވަކިވާން ޖެހުނީ ނަދާގެ ސަބަބުން ކަމުގައި ނަދާ ގަބޫލު ކުރެއެވެ. އަޔާޒްގެ ދިރިއުޅުމުގައި ނަދާގެ ސަބަބުން އިތުރު ހިތްދަތި ކަމެއް ދިމާވާކަށް ނަދާ ނޭދެއެވެ.
އަޔާޒްއާ ނަދާގެ ކައިވެންޏަށް ދެ ހަފްތާ ވީއިރު ދެ މީހުންނެކޭ އެއްތާކު އުޅޭ ދެ ބީރައްޓެހިންނެކޭ އެއްގޮތެވެ. އެކަކު އަނެކަކާ އެންމެ ބަހެއްވެސް ބަދަލު ކޮށްނުލާ ދެ ދުވަސް ތިން ދުވަސްވެސް ދެއެވެ.
ދެ ވަނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އިރު އޮއްސުނު ފަހުން އަޔާޒް އޮފީހުން އައިސް ސައި ބޮއެ ނިމިގެން ކޮޓަރިއަށް ވަން އިރު ނަދާ ނަމާދުކޮށް ނިމެނީއެވެ. އަޔާޒް ވަނުމުން އަވަސް ކޮށްލައިގެން މުސައްލަ އޮޅާލާފައި އެ ހުންނަ ތަނުގައި ބަހައްޓާފައި ނަދާ ކޮޓަރިން ނިކުންނަން ދިޔައެވެ.
“ނަދާ!” އަޔާޒް ގޮވާލި އަޑަށް ކޮޓަރީގެ ދޮރާ ހަމައިގައި ހުރި ނަދާ ސިހިފައި ހުއްޓި ބަލާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.








ސަލާމް، އިއްޔެ ތަންކޮޅެއް ބިޒީކޮށް އުޅެން ޖެހިގެން ވާހަކަ އަޕްލޯޑްކޮށްލަން ހަނދާޏް ނެތުނީ، އެކަމަށް މާޝާ މާފަށް އެދެން، ހީކުރަން މިބައި ކަމުދާނެ ކަމަށް، ދިހަވަނަ ބައި އިރާދަ ކުރެއްވިއްޔާ ބުރާސްފަތި ދުވަހު ގެނެސްދޭނަން
Nice.isha ah reethy loabyga naakaamiyaab vaa meehunge story. Isha ves miulheny nadha ulhey life
Varah reethi
V reethi.. kobaa aneibai
Koba next part
kn irakun upkurany story maashaa
Vaahaka reethi vaan fashifi mihaaru.. keep up the good work.. waiting for today’s part dear
Very sorry for the late update, but hv done now! Thnq all for reading n commenting