އެއީ ޝާޔާއެއް ނޫނެވެ. ޔަޤީނެވެ. އެއީ ޝާޔާއެއް ނޫނެވެ.
********************************
ހެލްތު ރޫމް ބޭރުގައި އަހަރެން އިނީ ކަންބޮޑުވެފައި ހުރި މާއިން ކައިރީގައެވެ. ދެއަތް މޮޑެމުން އަހަރެން ދެފައި ތަޅުވަމުން ދިޔައިރު ހުއްޓާނުލާ އަދިވެސް ކުރުސި ކިޔަމުން ގެންދިޔައީމެވެ. ޝާޔާގެ މޫނުގެ އެއްފަޅި ބަދަލުވިގޮތް އަހަރެންގެ ސިކުނޑީގައި ބިންވަޅުނެގުނެވެ. އޭނާގެ އެއްލޯ ރަން ކުލައަކަށް އެރިއިރު ކަޅި ބޮޑުވެފައި ކަޅުކަން ގަދަވިއެވެ. މޫނުގެ އެއްފަޅީގައި އަޅިކުލައިގެ ހުޅުނބުތަކެއް ފަޅާ ޝާޔާގެ އަނގައިން ފެންނަން ހުރި ދަތްތައް ވެސް ދިގުވިއެވެ. މޫނުގެ އަނެއް ފަޅި ހުރީ ހަމަ ޝާޔާގެ ހަޤީޤީ ސިފައިގައެވެ. ފެންނަހާ އެއްޗެއް ފެންނަނީ ވެސް އަހަރެންނަށެވެ. ދެން ތިބި އެކަކަށް ވެސް ޝާޔާގެ ހަށިގަނޑަށް ބާރުފޯރުވާ އިތުރު އެއްޗެއް އުޅޭކަމެއް ނޭނގެއެވެ. އަހަރެން ބުންޏަސް ގަބޫލު ކުރާނީ ވެސް ފަހެ ކާކު ހެއްޔެވެ؟
“ކޮބާ ޝާޔާ؟” ދުވެފައި އައި ފައިނާން މާއިންގެ ކޮނޑުގައި ހަމްދަރުދީވުމުގެ ގޮތުން ފިރުމާލިއެވެ. މާއިން ފައިނާނަށް ބަލައިލީ މާނަ ފުން ނަޒަރަކުންނެވެ.
“ނޭނގެ. ހެލްތު މިސް ނުނިކުމޭ. ރަނާ ވެސް ވީ އެތެރޭގަ”
މާއިންގެ އަޑު ހުރީ ފުދޭވަރަކަށް ކުރެހިފައެވެ.
“ރައްޔާން! ތި ކޮން ޕުސް ޕުސްއެއް ތަ ތި ލައްވަނީ؟!” ކުއްލިއަކަށް ބަރު އަޑަކުން މާއިން އަޑުގެ ނެތް ތަނަށް ހަޅޭއްލަވައިގަތެވެ. ފައިނާން ވެސް ސިހިފައި ފަހަތަށް ޖެހުނެވެ. ސިއްސައިގެން ދިޔަވަރުން އަހަރެން ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. މާއިންއަށް އަހަރެންނަށް ފެނުނު މަންޒަރު ފެނުނުނަމަ ތިޔަ ހުރި ހިތްވަރެއް ވެސް ފެނިދާނެއެވެ. އަނގަޔަށް ވައްތަރެއް ޖައްސަމުން އަހަރެން ހިމޭނުން އިނީމެވެ. ބޮލުގެ ރިހުން ވެސް މުޅިން ހެން ފިލައި ގޮއްސިއެވެ.
“ޝާޔާ އޯކޭ މިހާރު.”
ހެލްތު މިސްގެ ފަހަތުން ނުކުން ޝާޔާގެ އިސްތިގުބާލަށް މާއިން އައީ ވިދުވަރެއް ހެންނެވެ. އޭނާގެ ބިޔަ ހަށިގަނޑާއި ހެދި ޝާޔާގެ މޫނު ވެސް ފެންނަވަރެއް ނުވިއެވެ.
“މާއިން. ޝާޔާއަށް ނޭވާލާނެ ތަންކޮޅެއް ދީބަ.” ފައިނާން މާއިންގެ އަތުގައި ހިފަމުން އޭނާ ދުރަށް ޖައްސާލިއެވެ. ޝާޔާގެ މޫނު ފެނުމުން އަހަރެންގެ ހިތުގައި އުފެދުނު ޝައްކު ޔަޤީންވިއެވެ. ޝާޔާގެ ލޯ ކައިރީ ވަޅު ވަދެފައި ހުރިއިރު އޭނާގެ ތުންފަތުގައި ކުރެކި ކަމެއް ހުއްޓެވެ. މާމުއި ކުލައިގެ ލޮލުގައި ދިރުމެއް ނެތެވެ. ހަންގަނޑު ހުދުކަމުން އެތެރެއިން ލޭ ދައުރުކުރާ ނާރުތައް ފާޅުވިއެވެ. ޝާޔާއަށް ބޮޑު މުސީބާތެއް ލައިގެންފިކަން ކަށަވަރެވެ. ދެން މިދޭތެރެއަށް އަހަރެން ނޫން މީހެއް ގެންނަން ނޭނގުނީ ހެއްޔެވެ؟
“ހާދަ ވަރަކަށް ރައްޔާން ތި ބަލަނީ؟ މަމީ އަރާކާ އެއްޗެއް ނޫނޭ..”
ޝާޔާ އެއްމިޔަކަނުން ހީލަމުން ބަލިކަށި އަޑަކުން ބުނެލިއެވެ. އެވަގުތު ޝާޔާގެ ކަންކަށިމަތީ ޖަހާ ހެޔަރުވާލާ ނަމޭ އަހަރެން ހިތަށްއެރިއެވެ.
“ނޫނޭ. ހަމަ “ވޮރީ” ވީ..”
ދަތް ކުޑިވިކަމުން އަހަރެން ބުނެލި ޖުމުލައިން ޝާޔާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. މާއިންގެ އެހީގައި މަޑު ހިނގުމެއްގައި ޝާޔާ ދިޔައީ އިތުރަށް އެއްޗެކޭ ނުބުނެއެވެ. ފަހަތުން ފައިނާން ވެސް އިސްޖަހައިގެން ހުރެ ދިޔައެވެ. ތިން ކުދިން ލޮލުކޮޅަށް އޮބާލަންދެން އަހަރެން ހުރީ ބަލާށެވެ. ފުން ވިސްނުމެއްގެ ތެރޭގައެވެ. ޝާޔާ ދެން ކުރާނެ ކަމަކާ މެދު ވިސްނާށެވެ.
“ރައްޔާނު.. ހޭ؟ އޯކޭތަ؟” ރަނާ އަހަރެންގެ އަތަށް އަތް މަހާލަމުން އަހާލިއެވެ. ރަނާގެ ލޮލުގައި ލޯބީގެ ކުލަޖެހިފައި ހުއްޓެވެ. ނަމަވެސް އަހަރެންގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ވާންވީވަރަށް އުފާވެސް ނުވެވުނެއެވެ. ރަނާގެ އިނގިލަތަކުން އަހަރެންގެ ތިރީ ތުންފަތަށް ކުޅެލިއެވެ. ވަގުތުން އަހަރެންގެ ހިއްސުތައް ހޭލައިފިއެވެ. މި ހިނދުކޮޅު ބީވިޔަ ނުދޭނަމެއެވެ. އަހަރެންގެ އަތް ރަނާގެ ފަން އިސްތަށިގަނޑަށް މަހާލީމެވެ. ރަނާ ވެސް ހިނިތުންވެފައި އަހަރެން ގެ މެދުހަށީގައި ބައްދާލިއެވެ. ދެތުންފަތް އިހުނަށް ވުރެ ކައިރިވިއެވެ. ހޫނު ނޭވާ އިހުސާސްވާހާ ކައިރިއަށެވެ.
“ދުވަހަކުވެސް ލޯބިވެޔޭ ނުބުނާނަންތަ؟” ރަނާ އަހަރެންގެ ކަންފަތުގައި ބޮސްދެމުން މަޑުމަޑުން އަހާލިއެވެ. ވީ އުފަލާއި އަރާމެއްގެ ބޮޑުކަމުން އަހަރެން ރަނާ ގައިގައި ބައްދާލިީމެވެ.
“ލޯބިވޭ. އަބަދުވެސް ލޯބިވޭ. ސޮރީ ރަނ..” ރަނާ އަހަރެންގެ ތުންފަތުގައި އަތް އެޅިއެވެ. ހޯލްވޭގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ބަލަން ނުހުރެ ރަނާ ފާރުގައި ތަތްކޮށްލީމެވެ. މަސްތުވީ އަހަރެންގެ ނަޒަރު އެކަންޏެއް ނޫނެވެ. މުޅި ސިކުނޑިއާއި ހަށިގަނޑުގައި ދައުރުކުރާ ލެޔާއި އަހަރެންގެ ޒަމީރު އާދޭސް ކުރީ ރަނާ އަހަރެންގެ މިލްކަކަށް ހެދުމަށެވެ.
ރަނާގެ ދަތްދޮޅީގައި ހިފާލަމުން އަހަރެން އޭނާގެ ތުންފަތުގައި ދަތް އަޅާލީމެވެ. އެވަގުތު އަހަރެންގެ ބޮލަށް އެރި ތޫނު ތަދަކުން ކެނޑި ރުކެއް ހެން ބިންމައްޗަށް ތިރިވިއެވެ. ރަނާ ކަންބޮޑުވެފައި އަހަރެން ތަޅުވަމުން ގެންދިޔައެވެ. ބޮލުގައި އަތް އަޅަމުން ރަނާއަށް ބަލަމުން ދިޔައިރު އޭނާ ކިޔާ އެކައްޗެއް ވެސް ނީވެއެވެ. ހިތުގައި ބިރުވެރިކަން އުފެދުނެއެވެ. ދެން ވާން އުޅޭ ކަންތައް އިނގޭތީއެވެ.
“ހަބަރުދާރު. ރަނާގެ ދުވަސް ދުއްވާލާނަން. ކަލޭގެ ތި ހަށިގަނޑުން އަރާމް ހޯދޭނީ އަހަންނަށް އެކަނި”
އަހަރެންގެ ބޮލަށް ފޭދިގެން އައީ ކުރިންވެސް އިވުނު އަޑެވެ. ތޫލި އަޑެކެވެ. އިވޭއިރު ކަންފަތުގެ ހިނދުރި ފަޅައިގެންދާހެން ހީވެއެވެ. އެއީ ޝާޔާގެ ހަށިގަނޑުގައި އުޅޭ އެތިކަން މިހާރު އަހަރެންނަށް އިނގެއެވެ. މަޖުބޫރު ހާލުގައި ރަނާއާއި އަހަރެން ދުރަށް ޖެހިލީމެވެ.
“ހިނގާބަ ހެލްތު ރޫމަށް. ރައްޔާން. ޕްލީސް. މައިގްރޭންއެއް ކަންނޭނގެ”
ރަނާ އާދެސްކުރަމުން ދިޔައިރު އޭނާގެ ލޮލުގައި ކަރުނަ ފޭދުނެވެ. އަހަރެން ދެކެ އަބަދުވެސް ރަނާ މިހާ ލޯބިވި ހެއްޔެވެ؟ އަމިއްލަ ނަފްސަށް ނަފުރަތުކުރަމުން ދިޔައިރު ރަނާގެ ލޯތްބަށް އަހަރެންގެ ދެލޯ ކަނުވީ ކީއްވެ ހެއްޔެވެ؟ ޝާޔާގެ މަލާމާތަށް ހެއްލުނީމައެވެ. އޭނާގެ ވިހަ ބަސްތައް ހިތަށް ނަގާ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުވާލީމައެވެ. ޝާޔާގެ ސުންޕާކަން އެހާ ބޮޑުއިރު އިތުރަށް އަނެއް ހަކަންތައް ޖެހުނީއެވެ.
“ނޫން. އެއީ މާ ބޮޑު ކަމެއް ނޫން. ދޭ ކިލާހަށް. އަހަރެން އެބަ ދަން.”
ރަނާގެ އިނގިލިތަކުގައި ބޮސްދެމުން އަހަރެން އޭނާ ފޮނުވާލީމެވެ. ފަހަތަށް ބަލަމުން ރަނާ ހިނގަމުންދިޔައީ ދެވިސްނުމެއްގައި ހުރެއެވެ. ގަދަކަމުން ހިނިތުންވެލަމުން އަހަރެން މިސްރާބުޖެހީ ފާހަނާއަށެވެ.
މޫނު ދޮވެލާފައި ބޭރަށް ނުކުންއިރު ކުރިމަތީގައި ހުރި މާއިން ފެނިފައި މޭގައި އަތްއެޅުނެވެ. ޝާޔާގެ ހަންޑި އަހަރެންގެ ދުވަސްދުއްވާލުމުގެ ކުރިން މީނަ އެކަން ކުރާނެއެވެ.
“ޓީޗަރު އެބަ ހޯދާ. ދޭބަލަ ދެންވެސް. ކީއްތަ ތި ކުރަނީ؟” މާއިން އަހަރެންނާއި އެއްވަރަކަށް ހިނގަމުން އެހިއެވެ.
“ކަލެޔާ ބެހޭ ކަމެއް ނޫން.”
ފަހު ބަސް އިއްވާލަމުން ކިލާހަށް އަހަރެން ވަންއިރު ޝާޔާ، ފައިނާން އަދި ރަނާ ތިބީ އޮލަ ވާހަކައެއްގައެވެ. ދެންމެ ފިޓެއް ޖެހިގެން އުޅުނު މީހެއްހެން ވެސް ހިއެއްނުވެއެވެ. ރަނާ އާއި އަހަރެންގެ ނަޒަރު ބައްދަލުވި ހިނދު އޭނާ ރަކި ގޮތަކަށް ހީލިއެވެ. ޖަވާބުގައި އަހަރެންވެސް ފަނޑު ހިނިތުންވުމެއް ރައްދުކޮށްލީމެވެ. ވައްކަޅިން ބަލަން އިން ޝާޔާއަށް އަހަރުމެންގެ ހުރިހާ ހަރަކާތެއް ފޮރުވިގެން ނުވާނެކަން އަހަންނަށް އިނގެއެވެ.
“އޯކޭ! ޓީޗަރު ކިޔާ އެއްޗެއް އަޑު އަހާލިއްޔާ ތަނެއް މަދެއް ނުވާނެ އިނގޭ ކުދިންނޭ!”
ބަޔޮލޮޖީ ޓީޗަރު، އަސްލަމް ދެއަތް ހޫރުވަމުން ދިޔައީ ކުރީ ބަރީގައި ތިބި އަންހެން ކުދިންނަށް ނިސްބަތްކޮށެވެ. ވަގުތުން ހުރިހާ އެންމެން މަޑުވިއެެވެ.
“މާދަން އޮންނާނެ ފީލްޑް ޓްރިޕް. ހުރިހާ އެންމެން މާދަން ސުކޫލް ފަށާ ގަޑިއަށް ބަނދަރު ކައިރިއަށް ދާތި. ހުރިހާ އެންމެން ގަޑިއަށް ހާޒިރު ވާތި.”
ފަހު ގަޑީގެ ރަނގަބީލު އެޅުމުން ހުރިހާ އެންމެން އަވަސްވެގަތީ ގެޔަށް ދާށެވެ.
“މާއިން.. ދަންތަ؟” ކަންފަތުގެ ފަހަތަށް އިސްތަށިކޮޅެއް ލައްވަމުން ފައިނާން އަހާލިއެވެ. މާއިން އެއްޗެކޭ ނުބުނެ ގޮނޑިން ތެދުވެގެން ދިޔައީ ދޮރު ކައިރީ ހުރި ޝާޔާއާއި ދިމާލަށެވެ. ފައިނާން އިސްދަށަށް ޖަހާލަމުން ތިރީ ތުންފަތުގައި ބާރަށް ދަތް އަޅާލިއެވެ. ހުރިހާ ވައްތަރެއް ޖައްސާއިރު ހީވަނީ އަހަރެން މިއީ ނެތް މީހެއް ހެނެވެ. ބޯ ދެފަރާތަށް ހޫރުވަމުން އަހަރެން ވެސް މިސްރާބުޖެހީ ގެޔަށެވެ. ފަޅު ރަށަކަށް ފީލްޑް ޓްރިޕްކަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ރަނާ ދަންޏާ އޭނަޔާއި ދުރުގައި ހުންނަން އެއީ އަހަރެންނަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ.
ރަނާ ސުކޫލު ގޭޓުގައި އިންތިޒާރުކުރަމުން ދިޔައީ އަހަރެންނަށެވެ. އޭރު ޝާޔާއާއި ދެން ތިބި ދެމީހުން ފެންނާކަށް ނެތެވެ. ރަނާއާއި އަރާ ހަމަކޮށްލަމުން ލޯބިން އޭނާގެ ކޮލުގައި ހިފާލީމެވެ.
“ދާނަން ދޯ މާދަން؟ ރައްޔާން ދަންޏާ އަހަރެން ދާނީ.” ތުން އޫކޮށްލަމުން ރަނާ ބުނެލިއެވެ.
“އަހަރެން ނުދަންޏާ ނުދާނަންތަ؟” ރަނާގެ އަތުގައި ހިފާލަމުން އަހަރެން ބުނެލީ ބޭނުންވާ ގޮތެވެ.
“ޕްލީސް ނޯ! ދެން ރައްޔާން ވެސް އަންނަންވާނު. ހުރިހާ އެންމެން ދެޔޭ!”
މާކުރިން ވެސް ރަނާ ބޮޑާ ހާކާނެކަން އަހަރެންނަށް އިނގެއެވެ.
“ޝާޔާވެސް ދޭތަ؟”
ނޫންކަމަށް ހެދިލާފައި އަހަރެން ކޮށްލި ސުވާލުން ރަނާ އަހަރެން އަތުން ދޫކޮށްލިއެވެ.
“ކިތައް ފަހަރު ރައްޔާން ކައިރި ބުނާނީ ޝާޔާ އިޒް އަ ނައިސް ޕޭސަން އޭ! ޝާޔާއަކީ އަހަރެންގެ ބެސްޓް ފްރެންޑް. ކުޑައިރުއްސުރެވެސް. އޭނަ ކިޔާ އެއްޗެއް ކިޔަނީ މަޖަލަކަށް. ރައްޔާން އެކަންޏޭ މާ ސީރިއަސް ވެގެން އުޅެނީ.”
ރަނާގެ އަޑު އިހުނަށް ވުރެ ބާރުވިއެވެ.
“ދެން ލެކްޗަރ ދޭނެ ކަމެއް ނެތޭ.”
ބޭނުންވި ވަރަށް ވުރެ އަހަރެންގެ ރާގު ހަރުކަށިވިއެވެ. ސޮރީ އޭ ނުބުނެވިގެން އުޅެނިކޮށް ރަނާ ދުން ކަނޑާފައި ކުރިއަށް ހިނގައިގަތެެވެ. ރަނާގެ ފަހަތުން ދާން ބޭނުންވިޔަސް މިއީ އަދި ރަނގަޅު ވަގުތެއް ނޫނެވެ. ހުރިހާ އެންމެންގެ ރަނގަޅު ސިފަތައް ދެނެގަތުން އެއީ ރަނާގެ މިޒާޖެވެ. ދުވަހަކުވެސް ރަނާއަށް ޝާޔާ ނުބައި ނުވާނެކަން އަހަރެންނަށް އިނގެއެވެ. ހަންޑިއެއް ނެތަސް ހުއްޓަސް ހެވެ.
ގެޔަށް ވަންއިރު މަންމަ ބަލަމުން ދިޔަ ހިންދީ ޑްރާމާގެ އަޑު މުޅި ގޭގައި ގުގުމަމުން ދިޔައެވެ. އަހަރެން ދޮރު ލައްޕާލި އަޑަށް މަންމަ ފަހަތަށް ބަލާލިއެވެ.
“ދަރިފުޅާ! ކާންވީނު. ހުންނާނެ ގަރުދިޔައާ ބަތާ”
އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލަމުން އަހަރެން ވަނީ ކޮޓަރިއަށެވެ. އޭރު ގަޑިން މެންދުރު ދޭއް ޖަހަނީއެވެ. ޔުނީފޯމްވެސް ބަދަލުކުރުމެއް ނެތި އަހަރެން އޮށޯވެލީ އަރާމުކޮށްލުމުގެ ނިޔަތުގައެވެ. ވީ ނުވީއެއް ނޭނގި ލޮލަށް ނިދި ސަވާރުވެ ފުން ނިންޖަކަށް ޣަރަގުވެއްޖެއެވެ.
ހޭލެވުނު އިރު ބަރާބަރު މެންދަމު ތިނެއް ޖެހީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Yey me first dhw…kiyaafa comment eh kohlaanan?????????
Alheyy so beautiful❤❤❤…Waiting fr the next Curiously????????????
Yey me first dhw…kiyaafa comment eh kohlaanan?????????
Oh yes finally
Mi part ves awesome ?????
Curiously waiting to know about what happens in there trip
Reethi
Thank you, everybody
Next two episodes will be uploaded simultaneously on Monday next week
Sorry for the delay
I appreciate the comments and the support
Why do i feel like he wasnt sleeping all that time
Teacher vaahaka dhahkaatha e gothah? Hurihaa enmenney kiyaatha? I dont think so
FYI, not all teachers talk in formal language. Specially not to big students. plus they are not grammatically correct either. I know from experience.
Also, this teacher has a different personality.
Thank you for commenting. 🙂
Vaahaka salhi
Dhen bae eh teacharun dharivarunaa varah gulheyne
So egothah vaahaka dhahkafaane Hama samaalukan hoadhan
Wow nice story waiting for next part ???
Varah reethi
Aslu ves varah reethi mi vaahaka
yeah .baeh faharu teachers egothah vaahaka dhAHKAANE . BODETHI KUDHINNAA VAAHA DHAHKAAIRU vvvv salhi mi part
Keep it up ….rainoppo ?