ކުށަކާ ނުލާ 6
ބިރުން ގޮސް ވާހަކަވެސް ނުދެއްކިފައި އޮތް ނަދާ ވެއްޓެމުން ކަހަލަ ގޮތަކަށް އެނދުން ފައިބައިގެން ގޮސް އަޔާޒް ގައިގައި ބައްދައިގަތީ ބާރަށް ރޮމުންނެވެ.
ކުރަން އުޅުނު ކަންތަކަށް ހުރަސް އެޅުމުން ރުޅިއައިސްފައި ހުރި ޝާމިލް ވެއްޓި ޖެހުމާއެކު ތެދުވެ ބަލާލި އިރު އަޔާޒްގެ އަތުތެރޭ ނަދާ ހުއްޓާ ފެނުމުން ވަކިން ރުޅި ގަދަވިއެވެ.
“ހުދާ—!” ނަދާއާ އަޔާޒްއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ޝާމިލް ގޮވާލިއެވެ.
ކޮޓަރިއަށް ވަދެ ރޮމުން ދިޔަ އަޒްކާ އުރާލި ހުދާ އެނބުރި ޝާމިލްއާ ދިމާއަށް ބަލާލިއެވެ.
އަޒްކާ އުރާލައިގެން ހުރި ހުދާއަށް އެއްފަހަރު، އަޔާޒްގެ އަތުތެރޭ ހުރި ނަދާއަށް އެއްފަހަރު ބަލާލަމުން ޝާމިލް ދެފަހަރަކު އެސްފިޔަ ޖަހާލިއެވެ. އަދި ހުދާއާ ދިމާއަށް އެނބުރި ހުދާގެ ނަމުން ގޮވާލިއެވެ. އެވަގުތު ހުދާ އައިސް އަތުގައި ހުރި ބާރެއް ލާފައި ޝާމިލްގެ މޫނުމަތީ ޖެހިއެވެ. އަތުން ނަގައިގަތް ދިލަވެސް ހުދާއަށް އިހުސާސް ނުކުރެވެއެވެ.
މަސްތުގެ ހާލަތުގައި ހުރި ޝާމިލް، ހުދާ ޖެހުމުން އަރިއަކަށް ގޮސް އަލަމާރީގައި ޖެހުނެވެ.
“މަށާ މަގޭ ކޮއްކޮއާ ވަކި ކުރަންވެސް ނޭނގޭ ވަރުވެފަ ތިހިރީ… ތީ އަޅެ އިންސާނެއްތަ؟” ހުދާ ބުނެލިއެވެ.
އިތުރަށް އެންމެ މިނަޓަކަށްވެސް އެގޭގައި މަޑު ކުރާކަށް ހުދާ ބޭނުމެއް ނުވިއެވެ. އަޒްކާގެ ދަބަސް ނަގައިގެން އެއަށް އަޒްކާގެ އެއްޗެހި އެޅުނު ވަރަކަށް އަޅައިގެން އަޔާޒްއާ ނަދާގެ ކުރީގައި ހުރެ ކޮޓަރިން ނިކުމެގެން ގޮސް ގޭގެ ދޮރު ހުޅުވާލެވުނީ ޒުލްފާއާ ލަތީފްގެ ކުރިމައްޗަށެވެ.
“ތާކަށް ދަނީތަ؟” ކޮނޑުގައި އަޒްކާގެ ދަބަސް އަޅުވައިގެން އަޒްކާ އުރާލައިގެން ހުދާ ހުރި ގޮތް ފެނުމުނެ ޒުލްފާ އަހާލިއެވެ.
“އަހަރެން މި ދަނީ ގެޔަށް. ދެން ބޭނުމެއް ނޫން އެންމެ އިރުކޮޅަކުވެސް މިގޭގަ ހުންނާކަށް، ބޭނުމެއް ނޫން ޝާމިލްގެ އަނތްބެއްގެ ގޮތުގަ ހުންނާކަށް…” ހުދާ ބުންޏެވެ.
“ހުދާ، ދަރިފުޅާ، ކިހިނެއްވީ؟” ލަތީފްއަށް އަހާލެވުނީ ކޮންމެވެސް ކަމެއް ވަރަށް ގޯސް ވެއްޖެ ހެން ހީވުމުންނެވެ.
“ބަލާބަލަ!” އެއްފަރާތަށް ޖެހިލާފައި ނަދާއަށް އިޝާރާތް ކޮށްލަމުން ހުދާ ބުންޏެވެ.
އަޔާޒްގެ ގައިގައި ލައްވެލައިގެން، ހަލާކުވެފައި އޮތް ގަމީހުގެ ދެފަޅި އެއްއަތުން ހިފާ އެއްކޮށްލައިގެން ރޮއެރޮއެ ގިސްލެވެމުން ދިޔަ ނަދާ ފެނުމާއެކު ވީ ގޮތް ދެނެގަންނާކަށް ލަތީފްއަކަށް އަދި ޒުލްފާއަކަށްވެސް އުނދަގުލެއް ނުވިއެވެ.
“އިންސާނަކަށް ކެތް ކުރެވޭނީ ވަކި ވަރަކަށް… އޭނަ ހުރި ހާލުން އަހަންނާ ނަދާ ވަކި ކުރަންވެސް އޭނައަށް ނޭނގުނު… މީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއޭ… އެވަރު މީހަކާ އެކީ ކިހިނެއް އުޅޭނީ؟ މިހާ ދުވަސް ވަންދެން ކެތް ކުރީ އަހަންނަށް އެހީ ވާނެ މީހަކު ނެތީމަ، އެކަމަކު ދެން މަގުމަތީ ސަލާން ޖަހައިގެން އުޅެން ޖެހުނަސް މިގެއަކު، އޭނަޔާ އިނދެގެނެއް ނުހުންނާނަން” ލޮލުން އައި ކަރުނަ ފޮހެމުން ހުދާ ބުންޏެވެ.
ޒުލްފާ އެއްވެސް އެއްޗެއް ނުބުންޏެވެ.
“މީތަ ނިހާލްއަށް ވުރެން ރަނގަޅަށް އަހަރެން ގެންގުޅޭނެޔޭ ބުނި މީހަކީ؟ ނިހާލްއަށް ވުރެ އަހަންނާ އެކަށީގެންވާ މީހަކީ މީތަ؟ މީ މީހަކާ އިނީމަ އިސްލާހު ވާ ގޮތަކީ؟ އިނދެގެން އުޅޭ މީހާގެ އެއްބަނޑު އަންހެން ކޮއްކޮއެއް ހުރިއްޔާ އޭނަ ރޮލާ ކާލުމަކީތަ މީހާ ރަނގަޅު ވާ ގޮތަކީ؟ އެ ބޭނުން ކުރާ އެއްޗެއް ބޭނުން ކޮށްގެން ގޮސް ތިމާގެ އަނބި މީހާޔާ އެހެން އަންހެނުންނާ ވަކި ކުރަން ނޭނގޭ ވަރު ވުމަކީ ދޯ ހަރުދަނާ ވުމަކީ؟ އެ ކަންތައް ނިހާލް ނުކުރާތީތަ ނިހާލްއަށް ވުރެ ޒުލްފާއްތަގެ ދަރި ރަނގަޅީ؟ ހަތަރު އަހަރު ޒުލްފާއްތަގެ ދަރިފުޅާ އިނދެގެން މި އުޅުނީ، ދުވަހަކުވެސް އަހަރެންނާ އަހަރެންގެ ދަރިފުޅު ނުކަން އޭނަ ދިން އެއްޗެއް، މި ކުއްޖާއަށް އެންމެ ހެދުމެއްވެސް ގަނެފަ ނޯންނާނެ އޭނަ ހޯދި ލާރިއަކުން… އަހަންނަށް ހަރަދު ކުރީ ނިހާލްގެ ބައްޕަ، އަހަރެންގެ ދަރިފުޅުގެ ހުރިހާ ކަމެއް ބަލަމުން އައީ ނިހާލްގެ ބައްޕަ… އެކަމަކު ހަތަރު އަހަރު އަހަރެން އިނދެގެން މި އުޅުނީ ނިހާލްގެ ދޮންމަންމަގެ ދަރިއާ…
މަންމަ ނިހާލް ދެކެ އެހާ ރުޅި އަންނަނީ ހަމަ ޒުލްފާއްތައާ ހެދި، ނިހާލްއާ ނިހާލް މަންމައޭ ކިޔައިގެން މަންމަ ކައިރީ ފާޑު ފާޑުގެ ވާހަކަ ދެއްކީ ޒުލްފާއްތަ… އަހަރެން ނިހާލްއާ އިންނަން ބޭނުން ވާހަކަ ބުނި އިރު ޒުލްފާއްތަ އިނީމެއްނު މަންމަ ކައިރީ؟ ހުރިހާ ކަމެއް އެނގި ހުރެއެއްނު އަހަންނާ ޝާމިލްގެ ކައިވެނި ކުރުވީ؟ ކިހިނެއް އެންމެ ފަހުން ނަތީޖާ މި ފެނުނީ؟ އަހަންނަށް ހުރިހާ ދެރައެއް މި ލިބުނީ… އަހަރެންގެ ދިރިއުޅުން ހަލާކު މިވީ… ޝާމިލް އަހަންނާ އިންނަން ވެގެން އުޅުނީ މި ދުވަސް އަހަންނަށް ދައްކަންތަ؟ ޒުލްފާއްތަ މަންމައަށް ވިސްނައިދީގެން ކުރި ކަންތަކަށް ޝުކުރިއްޔާ!”
ޒުލްފާ ބުނާނެ އެއްޗަކަށް ނުބަލާ ހުދާ ނިކުތެވެ. ފަހަތުން ނަދާ ގޮވައިގެން އަޔާޒްވެސް ނިކުތެވެ.
“ހުދާ…؟ ކިހިނެއްވި…؟ ނަދާއަށް ކިހިނެއްވީ؟” ގޭތެރެއަށް ވަދެގެން އައި ހުދާމެން ފެނުމުން ޓީވީ ހުޅުވައިގެން އިން ސާޖިދާ އަހާލިއެވެ.
“އެގެއިން ނިކުމެގެން މި އައީ، ދެން ނޫޅޭނަން ޝާމިލްއާ އިނދެގެނެއް” ހުދާ އިތުރު އެއްޗެއް ނުބުނެ ސިޑިއާ ދިމާއަށް ދިޔައެވެ.
“ހުދާ…” ސާޖިދާ އިތުރަށް ސުވާލު ކުރަން އުޅުނެވެ. ނަމަވެސް އެ ވަގުތު ހުދާ ހުރީ ސާޖިދާ ކިޔާނެ އެއްޗެއް އަޑު އަހާ ކަހަލަ ގޮތަކަށް ނޫނެވެ.
“އެހެރީ ނަދާ ހުރި ގޮތް… މަންމައަކަށް ނުފެނޭތަ؟ ނޭނގޭތަ އެހެރީ ކިހިނެއް ވެފަ ކަމެއް؟ އެހެރީ މަންމަގެ އެންމެ ހެޔޮ އެދޭ ރައްޓެހި ޒުލްފާގެ ރަންދަރި ޝާމިލްއަށް އަހަންނާ އޭނަޔާ އޮޅިގެން… އޭނަ އެއީ އަހަރެން ކަމަށް ހީކޮށް ގަދަ ކަމުން ވިޔަސް… ބަލާލަބަލަ ނަދާއަށް، މަންމައަށް އެނގޭނެ… މީ އަހަރެންގެ ބައްޕަގެ ގެ، މަންމަ ގަބޫލު ނުވިޔަސް އަހަންނަށް މިގޭގަ ހުރެވޭނެ، އެކަމަކުވެސް އަހަރެން މިގޭގަ ހުންނަން މަންމަ ގަބޫލު ނޫނިއްޔާ ބުނޭ، އަހަރެން ވަގުތުން ނިކުންނާނަން، ކޮންމެ ތާކު އުޅުނަސް ދެނެއް އެ ގެޔަކަށް ނުދާނަން” ހުދާ ބުނެލީ އެ ނިންމުމާ ދެކޮޅަށް ސާޖިދާއަށް އެއްޗެއް ނުބުނެވޭ ފަދަ ގޮތަކަށެވެ.
“މަންމަ ނުބުނަމެއްނު މިގެޔަކު ނުހުރެވޭނެޔެކޭ، މީ ހުދާގެވެސް ގެ… ހުދާއަށް މިގޭގަ ނުހުރެވެން ވީ ކީއްވެ؟” ހުދާއާ ދެކޮޅަށް އެއްޗެއް ބުނަން ސާޖިދާއަށް ނުކެރުނީ އެ ވަގުތު އޭނަގެ ދެ އަންހެން ދަރިން ތިބި ގޮތް ފެނުމުންނެވެ.
އިތުރު ވާހަކައެއް ދެއްކުމެއް ނެތި ނަދާގެ ބޮލުގައި ފިރުމާލާފައި ހުދާ މައްޗަށް އެރިއެވެ.
“ނަދާ… ހިނގާ ކޮޓަރިއަށް…” ސާޖިދާ އައިސް ނަދާގެ އަތުގައި ހިފާލިއެވެ.
އަޔާޒްގެ މޫނަށް ބަލާލާފައި ނަދާ ސާޖިދާއާ އެކީ މައްޗަށް ދިޔައެވެ. އިރުކޮޅަކު އެ ދިމާއަށް ބަލަން ހުރެފައި އަޔާޒް އެގެއިން ނިކުތެވެ.
ހީވެސް ނުކުރާ ވަރަށް އެ ދުވަސްކޮޅު ސާޖިދާގެ ފަރާތުން ހުދާއަށް އަޅާލުން ލިބުނެވެ. ނަމަވެސް އެއީ ޝާމިލް އަންނަން ދެނެވެ. ޝާމިލް ކައިރިން ވަރި ވުމަށް ކޯޓަށް ފޯމް ލީކަން އެނގުމާ އެކު ޝާމިލް އައެވެ. ކުރެވުނު ކަންތަކަށް ހުދާގެ ކިބައިން މާފަށް އެދުނެވެ. ކުރިން ކަންތައް ކުރިހެން ދެން ދުވަހަކުވެސް ނުކުރާނެ ކަމަށް ބުނެ ވަޢުދު ވަމުން އަދި އެއް ފުރުސަތު ޝާމިލްއަށް ދިނުމަށް އެދުނެވެ. ނަމަވެސް ހުދާ އެ ފުރުސަތެއް ޝާމިލްއަކަށް ނުދިނެވެ. ދެވަނަ ފަހަރަށް ޝާމިލްގެ އަނތްބަކަށް ވާން ބޭނުން ނުވާ ކަމަށް ބުނެ އިންކާރު ކުރިއެވެ. އާދޭސް ކޮށްގެންވެސް ހުދާގެ ފަރާތުން އާނބަސް ނުލިބުމުން އެންމެ ފަހުން ޝާމިލް ދިޔައީއެވެ.
އެ ދުވަހު ސާޖިދާގެ ވާހަކަ އަހާފައި ހުދާއަށް ގަބޫލު ކުރަން ދަތިވިއެވެ.
“އޭނަ އައިސް އެ ގޮތަށް އާދޭހެއް ނުކުރާނެ ހުދާ ދެކެ އޭނަ ލޯބި ނުވާ ނަމައެއް، އަނެއްކާ އެހެރީ އަޒްކާވެސް، ދަރިފުޅަށް ޓަކާވެސް ދަރިފުޅުގެ ބައްޕައަށް އަދި ފުރުސަތެއް ދޭން ވާނެއެއްނު؟ ހުދާ ތި ވިސްނަނީ އަދި ރަނގަޅަކަށް ނޫން، ދެންވެސް ޝާމިލްއަށް ބަދަލެއް ނައިއްޔާ ހުދާއަށް ވަރި ވެވިދާނެއްނު؟ ތި އުޅެނީ ރަނގަޅަކަށް ނޫން” ސާޖިދާ ބުންޏެވެ.
“އަނެއްކާ އިނދެފަ އަނެއް ދަރިއަކު ހޯދަންވީތަ؟ މަންމައަށް ހާދަ ނުވިސްނެއޭ ދޯ؟ މީ ކުޅިވަރެއްތަ؟ އެއް ފަހަރު ނުވިސްނުނު މީހަކަށް ދެވަނަ ފަހަރަކަށްވެސް ނުވިސްނޭނެ، ކުރިން އުޅުނު ހެން ދެނެއް އަހަންނަކަށް ނޫޅެވޭނެ، މަންމައަކަށް ނޭނގޭނެ އަހަރެން އުޅުނު ހާލެއް… ކިރިޔާވެސް އެއްޗެއް ހިތަށް އަރާ ނަމަ މަންމަ ތިހެން ނުވެސް ބުނާނެ، ކޮންމެ ގޮތެއް ވިޔަސް އަހަރެން ދެނެއް ނީންނާނަން ޝާމިލްއަކާ، މަންމަ ބުނީތީ އެއް ފަހަރު އެކަން ކޮށްފިން، ދެނެއް ނުވާނެ. މަންމަ ހިތްހަމަ ނުޖެހެންޏާ ދެންވެސް އަހަރެން ބުނާނީ މި ގެޔަށް އައި ދުވަހުވެސް ބުނި ހެން، އަހަރެން އަޒްކާ ގޮވައިގެން މިގެއިން ހިނގައިދާނަން މިގޭގަ އަހަރުމެން ތިބެން މަންމަ ނުރުހެންޏާ” ހުދާވެސް އޭނަގެ ނިންމުން އިއްވާލިއެވެ.
ހުދާ ގެޔަށް އައި ދުވަހު ނިހާލް ހުދާއަށް ގުޅިއެވެ. ނަމަވެސް ހުދާ ނިހާލްގެ ފޯނަކަށް ޖަވާބެއް ނުދެއެވެ. ވަރީގެ ކަންތައް ނިމި ތިން މަސް ވެގެން ދިޔަ އިރުވެސް ނިހާލްގެ ފޯނަށް ހުދާ ޖަވާބެއް ނުދެއެވެ. ޝާމިލްއާ އެކު ހޭދަ ކުރި ހަތަރު އަހަރު ދުވަސް ތެރޭ ނިހާލްއާ މެދު ހުދާގެ ހިތުގައި ވަނީ އެތައް ޝަކުވާއެއް އުފެދިފައެވެ. ހުދާއަށް ޓަކާ ނިހާލް ހުދާގެ މަންމައާ އިތުރަށް ވާހަކަ ނުދެއްކީތީއެވެ. އެހާ އަވަހަށް އުންމީދު ދޫކޮށްލީތީއެވެ. ސާޖިދާގެ ބަސް އެހުމަށް ހުދާއަށް ބާރު އެޅީތީއެވެ. ޝާމިލްއާ ޒުލްފާއަށް ވިސްނައިދޭން މަސައްކަތް ނުކުރީތީއެވެ.
މަންމަގެ ރުހުމާ ދެކޮޅަށް، މުޅި އާއިލާ ދޫކޮށްލާފައި ނިހާލްއާ އެކު ދިރިއުޅުމެއް ފެށުނު ނަމަވެސް އެ ކަމުން ލިބެންވީ ފުރިހަމަ އުފަލާ ހިތްހަމަ ޖެހުން ނުލިބޭނެކަން އެނގޭ އިރުވެސް ނިހާލްއާ މެދު ހުދާގެ ހިތުގައި ވީ ޝަކުވާއެވެ. އެހާ އަވަހަށް އެ ޝަކުވާތައް ހުދާގެ ހިތުން ފިލައިގެން ނުދާނެއެވެ.
ދެވަނަ ކައިވެންޏަކާ މެދު ވިސްނަންވެސް ހުދާ ބޭނުމެއް ނޫނެވެ. އެހާ އަވަހަށް އެ ހިތްދަތި ދުވަސްތައް ހުދާގެ ހިތަކުން ނުފިލާނެއެވެ. ހަތަރު އަހަރުގެ އެ ކައިވެނިން ހުދާގެ ހިތަށް އެންމެ އަނިޔާ ދެނީ ގެއްލިގެން ދިޔަ ދަރިފުޅުގެ ހަނދާނުންނެވެ.
ނިހާލް އުންމީދު ކަނޑާނުލާ ހުދާއަށް ކޮންމެ ދުވަހަކުވެސް ގުޅައެވެ. ދެވަނަ ފަހަރަށް އެހާ ފަސޭހައިން ދޫކޮށްލާކަށް ނިހާލް ބޭނުމެއް ނޫނެވެ. ހުދާ ރުއްސުމަށް ކިތަންމެ ދުވަހެއް ހޭދަވި ނަމަވެސް ނިހާލް ކެތް ކުރާނެއެވެ. އެ ހިތުގައި ހުދާއަށް ޓަކާ ވީ ލޯތްބަށް އަދިވެސް ބަދަލެއް ނާދެއެވެ.
ހުދާގެ ކައިވެނީގެ ވާހަކަ ދެއްކުމުން ފުރަތަމަވެސް އެކަމާ ނުރުހުނު އާތިފް، އެ ކައިވެނި ރޫޅުނު ހަބަރު ލިބުމުން އެ ގެއަށް އައެވެ. ސާޖިދާއާ ޚިލާފަށް އާތިފް ވާހަކަ ދެއްކީ ހުދާގެ ކޮޅަށެވެ. އެ ފަދަ ކައިވެންޏަކުން ހުދާ ސަލާމަތް ވީތީ އުފާވާންވީ ކަމުގައި ބުނެ އާތިފް ހުދާއަށް ހިތްވަރު ދިނެވެ. މުސްތަގުބަލާ މެދު ހާސް ނުވުމަށް ބުނެ، އަމިއްލަ ފައި މައްޗަށް ތެދުވުމަށް އާތިފް ހުދާއަށް ނަސޭހަތް ދިނެވެ. ވަޒީފާއަކަށް ދާން ފެށުމުން ހުދާއާ އަޒްކާގެ ކަންތައް ކުރުން ފަސޭހަ ވެގެން ދިއުމުގެ އިތުރުން ބޭކާރު ފިކުރުތަކުން ދުރު ވެވޭނެ ކަމަށްވެސް ބުންޏެވެ. އަދި ވަޒީފާއެއް ހޯދުމުގައި ހުދާއަށް އެހީވާނެ ކަމުގައިވެސް ބުންޏެވެ.
ސާޖިދާގެ ވިސްނުން ހުންނަ ގޮތެއް އާތިފްއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ނަމަވެސް ކުދިންނާ މެދު ސާޖިދާ ނިންމާ ނިންމުން ތަކާ ސީދާ ދެކޮޅު ހެދުމަކީ އެހާ ރަނގަޅު ކަމަކށް ނުވާތީ އާތިފް އެއްޗެއް ނުބުނަނީއެވެ. ނަމަވެސް ހުދާއާ ޝާމިލްގެ ކައިވެނީގެ ވާހަކަ ދެކެވުނު އިރުވެސް އެއީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ ސާޖިދާއަށް ވިސްނައިދޭން އާތިފް މަސއްކަތް ކުރިއެވެ. އެހެން ނަމަވެސް އޭރު އާތިފް ބުނި އެއްވެސް އެއްޗެއް ސާޖިދާ އަޑެއް ނޭހިއެވެ.
ހުދާ ވަޒީފާއަށް ދާން ފެށިއެވެ. ގޭތެރޭގެ ކަންތައް ނަދާ ކުރަމުން ދިޔައެވެ. ރިދާ އޭލެވެލްގެ ފަހު އަހަރުގެ ކިޔެވުން ފެށިއެވެ. ތިން އަހަރުގެ އަޒްކާ ސްކޫލަށް ދާން ފެށިއެވެ. ސާޖިދާގެ ދިރިއުޅުމުގައި އޮތީ ކުރިންވެސް އޮތްހެން ދަރިންނަށް ވުރެ ރައްޓެހިންނަށް ވަގުތު ދިނުމެވެ. ދުވަސްކޮޅަކު އެގެޔަށް ނައިސް ހުރެފައި ޒުލްފާ އަނެއްކާވެސް އެ ގެޔަށް އަންނަން ފެށިއެވެ.
ވިހި އަހަރުގެ ނަދާގެ ދިރިއުޅުމާމެދު ސާޖިދާ ވިސްނަން ފެށީ، ހުދާ އޮފީހަށް ދިޔުމުން އަޒްކާ ގޮވައިގެން ނަދާ އުޅޭތަން ފެނިފައެވެ. ޒުލްފާ ކައިރީވެސް، އަދި އާތިފް އެ ގެޔަށް އަންނަ ފަހަރަކު ވިއްޔާ އާތިފް ކައިރީވެސް ސާޖިދާ އެ ވާހަކަ ދައްކަން ފެށިއެވެ.
ނަދާ އާ މެދު އާތިފް ކަންބޮޑު ވިއެވެ. ކައިވެންޏަކާ މެދު ނަދާ އަދި ނުވިސްނާ ކަން އަޔާޒްގެ ފަރާތުން އާތިފްއަށް ވަނީ އެނގިފައެވެ. ސާޖިދާގެ ވިސްނުން ހުރި ގޮތުން ހުދާއަށް ވީހެން ނަދާގެ ދިރިއުޅުންވެސް ހަލާކު ވެދާނެ ކަމުގެ ބިރު އާތިފްގެ ހިތުގައި ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔައެވެ.
ޒުލްފާގެ ޝާއިންއަކީ ކިޔަވައިގެން ހުރި ޒުވާނެކެވެ. ބޭރުން ކިޔަވައިގެން ހުރި ނަމަވެސް ޝާއިންއަށްވެސް ދަސްވެފައި ހުރީ ޝާމިލްގެ އުޅުމެވެ. ކިޔެވި އެއްޗެއްގެ ބޭނުމެއް ނުކުރެވި ހުރީ ވަޒީފާއަކަށް ދާން ބޭނުން ނުވާތީއެވެ. ޝާއިން ބޭނުން ވީ އަމިއްލަ ވިޔަފާރިއެއް ފަށާށެވެ. ޒުލްފާގެ އެދުމަށް އެކަމުގައި ލަތީފް ޝާއިންއަށް އެހީ ވިއެވެ. ނަމަވެސް އެކަން ޝާއިން ހީކުރިހާ ފަސޭހަ ކަމަކަށް ނުވިއެވެ. ކުރިއަށް ނުގޮސް ވިޔަފާރި ހުލި ވުމުން އެއީ ފުރަތަމަ ފަހަރަށް ވުމުން ވީ ގޮތެއް ކަމަށް ބުނެ އަދި އެއް ފުރުސަތު ދިނުމަށް އެދުމުން ދެވަނަ ފަހަރަށްވެސް ލަތީފް އެކަން ކޮށްދިނެވެ. ނަމަވެސް ދެންވެސް ވީ އެހެންނެވެ. ވިޔަފާރި މަތިން ފޫހި ވުމުން ޝާއިން ވަޒީފާއަކަށް ދާން ފެށިއެވެ. ނަމަވެސް އެއީވެސް ޝާއިން ގަޔާވާ ކަމަކަށް ނުވިއެވެ. ދުވަސްކޮޅަކު ވަޒީފާއަށް ގޮސްފައި އެކަން ހުއްޓާލާފައި އަނެއްކާވެސް އެދުނީ އަމިއްލަ ކަމެއް ކުރުމަށް އެހީއަކަށެވެ. ނަމަވެސް އެ ފަހަރު ލަތީފް ދެކޮޅު ހެދިއެވެ. އެންމެ ފަހުން ކަމެއް ނެތިފައި ގޭގައި އޮންނަ މީހަކަށް ޝާއިންވެސް ވިއެވެ. ޝާމިލްއާ ޝާއިންގެ ހުރި ތަފާތަކީ ޝާއިން މަސްތުވާ ތަކެތި ބޭނުން ނުކުރާ ކަމެވެ.
ޒުލްފާ އެކި ފަހަރު މަތިން ޝާއިންގެ ވާހަކަ ދައްކަން ފެށުމުން ސާޖިދާއަށް ޝާއިން ކަމުދާން ފެށިއެވެ. ނަދާއާ ޝާއިންގެ ކައިވެނި ކުރުވުމުގެ ޚިޔާލު ހިތުގައި އުފެދެން ފެށިއެވެ. ނަމަވެސް ސާޖިދާ އެވާހަކަ އެއްވެސް މީހަކާ ހިއްސާއެއް ނުކުރެއެވެ. ޒުލްފާ ގާތުވެސް އެފަދަ އެއްޗެއް ނުބުނެއެވެ. ސާޖިދާއަށް ނަދާގެ ވާހަކަ ދެއްކުނީ އާތިފް ކައިރީއެވެ.
“ނަދާވެސް ކިޔަވާ ނިމުނު ގޮތަށް އެ ހުންނަނީ ހަމަ، ވަޒީފާއަކަށް ދާކަށްވެސް އޭނަ ނޫޅޭ. މީހަކާ އިންނަ ހިޔާލެއް ނުކުރޭ. އަހަންނަކަށް ނޭނގެ އޭނައަށް ހަދަން ވީ ގޮތެއް. މީހަކު ހޯދާފަ ކައިވެނި ކުރުވަން ވީ ކަންނޭނގެ” އާތިފް އައި ދުވަހެއްގައި ސާޖިދާ ބުންޏެވެ.
“އެ ކުދިން އަމިއްލައަށް އެކަން ކަން ކުރަން ދޫކޮށްލިއްޔާ އެންމެ ރަނގަޅު ވާނީ، އަދި އެ ކަހަލަ ހިޔާލެއް ނުގެންގުޅުނަސް ނަދާވެސް ކައިވެންޏާ މެދު ވިސްނާނެއެއްނު؟” އާތިފް އޭނައަށް ފެންނަ ގޮތް ހާމަ ކުރިއެވެ.
“ނަދާ އަމިއްލައަށް އެކަން ކުރަން ވިއްޔާ މުޅި އުމުރަށްވެސް އޭނަ ހުންނާނީ އެހެން، އެއީ ހުދާއާ މުޅިން ތަފާތު ކުއްޖެއް. އެއްވެސް ގޮތަކަށް ބޭރަށް ނިކުމެ ނޫޅޭ ކުއްޖަކު ކިހިނެއް އިންނާނެ މީހަކު ހޯދާނީ؟” ސާޖިދާ ބުންޏެވެ.
“އަދި ވަގުތު ނުޖެހެނީ، ސާޖިދާ އަދި ދުވަސްކޮޅަކު ކެތް ކޮށްލާ” އާތިފް ބެލީ ސާޖިދާ ބުނާ އެއްޗަކާ ދެކޮޅަށް އެއްޗެއް ނުބުނެ ވޭތޯއެވެ.
ސާޖިދާގެ އެ ވާހަކައަށް އާތިފް ބާރު ނުދިނީ އާތިފްއަށް ވެފައިވާ ޝައްކެއްގެ ސަބަބުންނެވެ. އެ ގެޔަށް އައިސް އުޅުމުގައި ނަދާއަށް ޓަކާ އަޔާޒްގެ ހިތުގައި ޚާއްސަ ކަމެއް ވާހެން އާތިފްއަށް ހީވާތީއެވެ. ނަމަވެސް ޔަގީން ނުވަނީސް އެ ކަހަލަ ވާހަކައެއް ދެއްކުމަކީ ބުއްދިވެރި ކަމަކަށް ނުވާތީ އާތިފް އެކަމާ އެއްޗެއް ނުބުނީއެވެ. ނަމަވެސް ނަދާގެ ކައިވެންޏާ މެދު ސާޖިދާ ވިސްނާ ކަން އެނގުމުން އާތިފް ބޭނުން ވީ ހިތުގައިވާ ޝައްކު ކޮންމެވެސް ގޮތަކުން ޔަގީން ކުރާށެވެ.
“ދެން އަދި މަޑުކުރާނީ” ސާޖިދާ އެއްބަސް ވިއެވެ.
އާތިފްއާ އެކު އެގެޔަށް އައި އަޔާޒް އޭރު އިނީ ނަދާ ކައިރީގައި މަތީގައެވެ.
“ކީއްވެތަ ނަދާ ބޭރަށް ނުނިކުމެ ގޭގަ އަބަދު ތި އިންނަނީ؟” އަޒްކާ ގޮވައިގެން ހުދާ ބޭރަށް ދާން އުޅޭތީ އަޒްކާ ލައްވާނެ ހެދުމެއް އިސްތިރި ކުރަން ހުރި ނަދާއަށް އަޔާޒް ބުންޏެވެ.
“ދެން ބޭރަށް ދިޔައޭ ކިޔާފަ ކޮން ކަމެއްތަ ވަނީ؟ ގޭގަ އިނަކަސް އަހަރެން ފޫއްސެއް ނުވޭ ވިއްޔަ” ނަދާ އިސްތިރި ކުރި ހެދުން ކޮނޑެއްގައި އަޅުވާލިއެވެ.
އެ ވަގުތު އަޒްކާ ފެންވަރުވައިގެން ހުދާ އައީ ނަދާ އަތަށް ދިން ހެދުން ބަލައެވެ.
“އަޔާ، ކިހިނެއް؟” އަޔާޒް ފެނުމުން ހުދާ ގޮވާލިއެވެ.
“އަހަރެން ބެސްޓް، އަޒް، މިއޮތީ އަޔާބެ އަޒްއަށް ގެނައި ހަދިޔާއެއް” އަތުގައި އޮތް ކޮތަޅުން ބޮޑު ޗޮކްލެޓަކާ، ކުޑަ ބެއަރއެއް ނަގާ އަޔާޒް އަޒްކާއަށް ދިނެވެ.
އަޒްކާ އުފަލުން އެ އެއްޗެހީގައި ހިފާފައި އަޔާޒްއަށް ޝުކުރު އަދާ ކުރިއެވެ.
“އެކަމަކު ޗޮކްލެޓް ކާން ވާނީ ކުޑައްތައާ ތުއްތައަށް ދީގެން އިނގޭ، އެހެން ނޫނީ މި ތުއްތަ އަޔާބެ ކާލާނެ” އަޒްކާގެ ކޮލުގައި މަޑުމަޑުން ހިފާލަމުން އަޔާޒް ބުންޏެވެ.
“އައްދޭ، މިހާރު އަހަރެން ތި ހަދާލީ މިނިކާ މީހަކަށް؟ މާ ރަނގަޅު ވީހެއްނު ރިދާއަށް ނުދީފިއްޔާ އަޔާބެ ކާލާނޭ ބުނި ނަމަ، އޭނަ ވިއްޔަ ޗޮކްލެޓާ ހެދި މޮޔަ ވެފަ ހުންނަނީ” ހެމުން ނަދާ އައިސް އަޔާޒްގެ އަތުގައި ޖަހާލިއެވެ.
“އެ ބުނާހެން އަޔާ، ނަދާ ބޭނުން ވާނި ކުޑަ އެތިކޮޅެއް، އެކަމަކު އެ ރިދާއަށް ޗޮކްލެޓެއްގެ އެއްބަޔަށް ވުރެ މަދު ވެއްޖެއްޔާ އެތިކޮޅެއް ލިބުނު ކަމަކަށްވެސް ނުހަދާނެ” އެހެން ބުނެފައި އަޒްކާ ގޮވައިގެން ހުދާ ނިކުތެވެ.
“މިއޮއް ހަނދުވަރު ރީތި ރޮމޭންޓިކް ރޭ މައިހާ ކައިރިއަށް ނުގޮސް އަޔާ މިގެޔަށް ތިއައީ ކީއްކުރަން؟” ހުދާ ދިޔުމުން އަޔާޒް އިން ގޮޑިގެ ކުރިމަތިން އެނދުގައި އިށީނދެފައި ނަދާ އަޔާޒްއާ ދިމާ ކޮށްލިއެވެ.
“މިރޭ އެއިޓްގެ ޑިޔުޓީ ވީމަ ނުދެވޭނެއެއްނު؟ ދެން ފޫހި ވެފަ ގޭގަ އިންދާ ބޭބެ ބުނެފި ހިނގާށޭ މިގެޔަށް ދާން، އެހެންވެ އައީ” މާ ނޫން ގޮތަކަށް އަޔާޒް ކޮނޑު އަރުވާލިއެވެ.
“ދެން އަޔާގެ ލޯބިގަނޑު އަހަންނަށް ދައްކާނީ ކޮން އިރަކުންތަ؟” ނަދާ ޝަކުވާގެ ރާގެއްގައި އަހާލިއެވެ.
“ނަދާ ބޭރަށް ނިކުމެގެންނު ކަމެއް ވާނީ؟” އަޔާޒް ބުނެލިއެވެ.
“ދެން ތިހެން ކިޔަކިޔާ ހުރެފަ ދައްކާވެސް ނުލާ މެރީ ކޮށްފަ ކަންނޭނގެ ބުނާނީވެސް” ނަދާ ތުންދަމާލިއެވެ.
“ނަދާއަށް އެނގެއެއްނު ތީ އެހާ ފަސޭހަ ކަމެއް ނޫން ކަން… މައިގެ ބައްޕަ އަދިވެސް ގަބޫލެއް ނޫން” އަޔާޒްގެ މޫނުމަތިން ސަމާސާ ގޮތް ކެނޑުނެވެ.
“ކީއްވެތަ އެކަމަކު؟ އަހަރެންގެ މަންމައެކޭ މައިހާގެ ބައްޕައެކޭ ތަފާތެއް ނެތެއްނު؟ އަހަރެންވެސް ގަބޫލު ކުރަން އެއްވެސް މަންމައާ ބައްޕައެއް އެމީހުންގެ ދަރިއަކަށް ދެރައެއް ދޭކަށް ބޭނުމެއް ނުވާނެ ކަން، އެކަމަކު ދަރިން ހޮވާ މީހަކާ ކައިވެނި ކުރަން ވީމަ އެކަމާ އެހާ ނުރުހުން ވާންވީ ކީއްވެތަ؟ އަޅެ އެ މީހަކަށް ނޫންތަ އެނގޭނީ އެ މީހަކު އިންނަން ބޭނުން ވާ މީހަކު؟” ހިތް ހަމަ ނުޖެހިފައި ނަދާއަށް ބުނެވުނެވެ.
“އަސްލު މައިއަށް ވާ ގޮތަކީ… މައިގެ ދޮން މަންމަގެ ދަރިފުޅާ މައި އިންނަން އެ މީހުން ބޭނުން ވަނީ، އެހެންވެ އަހަންނާ އެހާ ނުގަބޫލީ” މައިހާ އަޔާޒްއާ ގުޅުމަށް އޭނަގެ ބައްޕަ ދެކޮޅު ހަދާ ސަބަބު އަޔާޒް ނަދާއަށް ބުނެދިނެވެ.
“ދެން އަޅެ… ހަމަ އެކައްޗެއް މީ! ކީއްވެތަ ނުވިސްނެނީ އަޔާ މައިހާ ދެކެ ލޯބި ވާ ވަރު… އަޔާ އެ މީހުންނާ މީޓް ކޮށްފަ ވާހަކަ ދައްކަބަލަ… އޭރުން ފަހަރެއްގަ ވިސްނިދާނެއެއްނު؟” އަޔާޒްއަށް ޓަކާ ނަދާ ދެރަވެއެވެ. މައިހާއާ އަޔާޒްގެ ގުޅުމަށް ތިން އަހަރު ވެފައި ވީ އިރު މައިހާގެ އެކި އެކި ވާހަކަތައް އަޔާޒް ވަނީ ނަދާއާ ހިއްސާ ކޮށްފައެވެ. މައިހާގެ އާއިލާއިން އަޔާޒްއާ މައިހާގެ ގުޅުމާ ނުރުހޭތީ އަޔާޒް އެ ގުޅުމުގެ ވާހަކަ އެއްވެސް މީހަކަށް ނާންގައެވެ. އަޔާޒް ބޭނުން ވަނީ ދެ މީހުންގެ ކައިވެންޏަށް މައިހާގެ އާއިލާއިން ރުހުން ދިން ދުވަހަކުން އެ ވާހަކަ އާތިފްއާ ހަމައަށް ގެންދާށެވެ. އަޔާޒްގެ ހަޔާތުގައި އަންހެން ކުއްޖަކު ވާ ކަމެއް އާތިފްއަކަށް އެއް ގޮތަކަށްވެސް ނޭނގެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.








Next part will be uploaded on Monday, thnq for reading. ?
Me first dhw…vvv Salhi mi part vec..waiting fr the next ingey..keep going???❤❤❤??????????????????
❤❤❤Hi Marsha
I m doctor mashoor gulati F.A.M
Varah reethi ???❤❤❤???
Nice keep it up