“ނައިނާ… މީޓް މައި ހަޒްބެންޑް ހައިޒަލް…” ޝަލީން އެއްވެސް އަސަރެއްނެތި ބުނެލި ޖުމްލަތަކާއިއެކު ނައިނާގެ ކަންފަތްދޮށުގައި ބޮމެއް ގޮއްވާލެވުނުފަދައެވެ. ސިކުނޑީގައި އެތައްގޮވުމެއް ގޮވާ ހުރިހާ ނާރުތަކެއް ބުރިބުރިވެގެން ދިޔައީހެން ހީވިއެވެ. ވަގުތުން ހައިޒަލްއާއި ދިމާލަށް ބަލާލެވުނުއިރު ދެފަރާތަކަށް ބޯހޫރާލެވުނީ އެކަން ގަބޫލުކުރަން ހިތްވެސް ދެކޮޅުހެދިވަރުންނެވެ. އޭރު ނައިނާއަށް ސިއްރުކުރަމުންދިޔަ ހިތި ހަބަރު ނައިނާގެ ކުރިމަތީގައި ނިއުޅިގެންދިޔުމުން ލިބުނު ޝޮކްގެ ބޮޑުކަމުން ހައިޒަލްއަށް ހުއްޓުންއަރާފައި ހުރެވުނީ ހަރަކާތެއްކޮށްލުމެއްނެތިއެވެ. މަޑުމަޑުން ނައިނާގެ ރީތި ދެލޯ ތެމެންފެށިއިރު ހައިޒަލްއަށް އިސްޖަހާލެވުނީ އެ މަންޒަރު ދެކެން ކެތްނުވެގެންނެވެ.
“ޝަލީންއަށް ނައިނާ އިނގޭތަ؟” އެ މަންޒަރު ދެކެން ހުރި މިކްޔާލްއަށް ހައިޒަލްއަށްވުރެ ކުރިން ސުވާލުކޮށްލެވުނެވެ. އެއާއިއެކު ހައިޒަލްވެސް ޝަލީންގެ މޫނަށް ބަލާލީ ޖަވާބެއް ބޭނުންވެފައި ހުރެއެވެ.
“ޝީޒް ލައިކް އެ ލިޓިލް ސިސް ޓު މީ…” ޝަލީން ނައިނާއާއި އެކުވެރިވީގޮތާއި ދެކުދިންގެ ގުޅުމުގެ ބަދަހިކަން ކިޔާދެމުން ދިޔައިރު ހައިޒަލްއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ޝަލީންއަށް ނައިނާއާއި އޭނައާއި ދެމެދުގައި އޮތް ގުޅުން ނޭނގެނީހެއްޔެވެ؟ ޖަވާބުނުލިބިވީ އެތަށް ސުވާލެއް ހައިޒަލްގެ ސިކުނޑީގެ ހިމޭންކަން ނަގާލީއެވެ. ނަސީބުގެ ކުޅިގަނޑު ނޭނގިހުއްޓާ އޭނަގެ ދިރިއުޅުން އޮޅުންބޮޅުންގަނޑެއްގެ ތެރެއަަށް ވައްދައިފިއެވެ. ނައިނާއާއި ދުރަށްދާން ބޭނުންވިޔަސް ނަސީބު އެކަމަކަށް އެހީނުވީއެވެ. އޭނަ ކުރާނީ ކީއްހެއްޔެވެ؟
“ސިސް ކޮންގްރާ… ވިސް ޔޫ ބޯތް އެ ހެޕީ ލައިފް…” ނައިނާގެ ލޮލަށް ބޮޑިވިކަރުނަތައް ދެންމެދެންމެ ބަންޑުންވެދާނެހެން ހީވިއިރު ޝަލީން ނިވާފަތްގަނޑަކަށް ހަދަމުން ޝަލީންގެ ގައިގައި ބައްދައިގަތެވެ. އޭނަގެ ހިތް ކުދިކުދިވެގެން ގޮސް އެތިކޮޅުތަކަކަށްވެގެން ހިނގައިދާނެހެން ހީވެއެވެ. އޭނަ ކެތްކުރާނީ ކިހިނެތްހެއްޔެވެ؟ ހައިޒަލްއަށް އޭނަ ހަދިޔާކުރި ހިތް ހައިޒަލް ހަލާކުކޮށްލީ ދުވަހަކު ހީނުކުރާހާ އަނިޔާވެރިކޮށެވެ. އެލޯބި ހިތުން ފުހެލިކަން ހާމަކޮށްދިނީ އެހެންމީހެއްގެ ހައްޤަކަށްވެގެންނެވެ.
ނައިނާ ތުންފަތުގައި ދަތްއަޅާލަމުން ކަރުނަތައް ހުއްޓުވަމުން ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެނައެވެ. އޭނަގެ ސަބަބުން ޝަލީންގެ އުފާވެރި ރޭ ހަރާބުވެގެން ނުވާނެއެވެ. ޝަލީންގެ ކުށަކީ ކޮބާހެއްޔެވެ؟
“އެބައަންނަން އިނގޭ…” ނައިނާއަށް ކަރުނަތައް ހުއްޓުވަން ނުކުޅަދާނަވީއިރު ބަހަނާއެއް ދައްކާލަމުން އެކަނިވުމަށް ބޭނުންވިއެވެ. އެވަގުތު ހައިޒަލްއާއި ނައިނާގެ ނަޒަރު ސީދާވީއިރު ނައިނާ ވަގުތުން ދުރުބަލާލީ އެ ކަރުުނަތައް ހައިޒަލްއަށް ދައްކަން ބޭނުންނުވާތީއެވެ. ހައިޒަލްއަކީ އޭނަގެ ކަރުނަ ހައްގުވާވަރަށްވުރެ ބޮޑު އަނިޔާވެރިއެކެވެ.
ނައިނާ ބާރުބާރަށް ހިނގާފައި ދިޔައިރު ލޮލަށް ގިނަވަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއްނެތި ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. އެއްއަތުން ހުއްޓުމެއްނެތި ކަރުނަތަށް ފޮހެމުންދިޔައިރުވެސް ލޮލަށް ގިނަވަމުންދިޔަ ކަރުނަތަކަކަށް ހުއްޓުމެއްނައެވެ. އަނގަމަތީ އަތް އަޅައިލައިގެން ހުރެ އަޑުބޭރުވެނުދިނުމަށް މަސައްކަތްކުރި ނަމަވެސް ހިތަށް ކެތްކުރެވެނީކީ ނޫނެވެ. ދުވަހަކު ލޮލުން އޮހެމުންދިޔަ ވޭނީ ކަރުނަތަކަށް ހުއްޓުމެއްނެތެވެ. އެއަށްވުރެ ބޮޑަށް ހިތް ހަލާކުވެއްޖެއެވެ. ހައިޒަލްގެ ސަބަބުން ހިނިތުންވިއިރު މިއަދު ރޯން މިޖެހުނީ ކޮންފަދަ ނުބައިގޮތަކަށް ހެއްޔެވެ؟
ލޮލުން އޮހުރުނު އެތަށް ހާސް ކަރުނަތަކަކާއިއެކު ބެލްކަންޏަށް ނިކުތްގޮތަށް ނައިނާއަށް ބާރުބާރަށް ރޮއެގަނެވުނީ ހިތާމަތައް ވަންހަނާކޮށްގެން އިތުރަށް ކެތްކުރާހާ ހިތްވަރު ހަށިގަނޑުގައި ނެތުމުންނެވެ. ހައިޒަލްއާއި ޝަލީންގެ މަންޒަރުތައް ލޯކުރިމަތިން ފެންނަން ފެށިއިރު ބެލްކަނިން ފުންމާލާ ހިތާމަތަކާއި އުުމުރަށް ދުރަށް ދާން ހާސްފަަހަރު ހިތަށް އެރިއެވެ.
**** *** *** *** *** ***
ހުދުކުލައިގެ ވެޑިން ޑްރެސްގެ ބިންމަތީ ދެމެމުންދިޔަ ބައި އަތުން ހިއްލައިލައިގެން ހުރެ ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ޝަލީންއަށް ފައި އަޅާލެވުނީ އޮމާން މާބްލްމަތީ ދޫލައެއް ފަދައިން ފެތުރިފައިވާ ފިނިފެންމާ ފިޔަތަކުގައެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަން ކަނިކޮށްދެނީ ސްޓޭންޑްތަކުގައި ޖަހާފައިވާ އުއްބައްތިތަކުގެ ނަށަަނަށާހުރި ހުޅުކޮޅުތަކުންނެވެ. އުއްބައްތި ވިރޭވަހުން ކޮޓަރިތެރެ އެއްފަސްވެފައިވާއިރު މާތަކުގެ ވަސް ލުއިގޮތަކަށް ކޮޓަރިތެރޭ ހިފާލައިފައިވެއެވެ. އެނދުމައްޗަށްވެސް މާތަކުގެ ގުލްދާސްތާއެއް ބަންޑުންކޮށްލާފައިވާފަދައެވެ. އަންހެންކުއްޖަކު ކައިވެނީގެ ރޭ ހޭދަކުރަން ބޭނުންވާފަދަ އެންމެ ރޮމޭންޓިކް މާހައުލެވެ. ނަމަވެސް ޝަލީން ނަފްސު އެ ރީތިކުލަތަކަށް ދޫވާގޮތެއްނުވިއެވެ. އެއްފަރާތެއްގައި މަޑުކޮށްލައިގެން ކޮޓަރިތެރެއަށް ނަަޒަރު ހިންގަން ހުރި ޝަލީން ކިތަންމެ ވަރަކަށްވެސް އޭނައާއި މަޔާންގެ ކައިވެނީގެ ރޭ މަތިން ހަނދާންވިއެވެ. އެ ހިތުންނުފިލާފަދަ އުފާވެރިރޭވެސް މަޔާންއާއިއެކީ ހޭދަވެގެންދިޔައީ މިފަދަ މަލުގެ ދާނެއްގައެވެ. ތަފާތަކީ މިރޭ އެދާނުގައި އޭނައާއިއެކު ރަސްކަންކުރަން ހައިޒަލް ހުރިކަމެވެ. ނުދަންނަ ޒުވާނަކާއި އޭނަގެ ކައިވެނިކުރެވިގެން ދިޔައިރު މި ކައިވެނި ހުއްދަވާނެ އެއްވެސް ގޮތެއް ނެތެވެ. އޭނައަކީ އަދިވެސް މަޔާންގެ އަންހެނުންނެވެ. ނަމަވެސް އޭނަގެ ކައިވެނި އެހެން ފަރާތަކާއި ކުރެވިގެންދިޔައިރު އޭނަގެ ފިރިއަކީ ކޮބައިކަންވެސް ފާޑަކަށް އޮޅިއްޖެއެވެ.
ކުޑަވަގުތުކޮޅެއްވަންދެން ހުޅުކޮޅުގެ ހަރާކަތްތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ޝަލީން ގޮސް އުއްބައްތިތައް ނިއްވަންފެށިއެވެ. ފިނިފެންމާ ފިޔަތަކުން އެނދުމަތީ ރީތިގޮތަކަށް އަޅާލެވިފައިވާ އަކުރުތައްވެސް ވިނަވާލީ އޭނަގެ ނަމާއި ގުޅިގެން ހައިޒަލްގެ ނަން އައުމުން ހިތަށް އުނދަގޫވެގެންހެން ހީވިއެވެ.
ކޮޓަރީގެ ބޮޑު ޗާންދަލިޔާ ދިއްލާލުމަށްފަހު ޝަލީން އުޅެގަތީ ބޮޑު ވެޑިން ޑްރެސް ގަޔާއި ވަކިކޮށްލެވޭތޯއެވެ. ހެދުމުގައި ބަރުކަމާއިއެކު ލޭސްފޮތިތައް ހަންގަނޑުގައި ޖެހެމުންދިޔަ ގޮތުން ޝަލީން ހުރީ އުނދަގޫވާގޮތްވެފައެވެ. ހެދުމުގެ ފަހަތުގައިވާ ރިބަންތައް މޮހަމުން ޝަލީން ވޯޑްރަބްތެރެއަށް ވަދެގެންގޮސް ދޮރުފަތްތައް ހުޅުވާލިއެވެ. ހުސްކޮށް އޮތް ވޯޑްރަބް ތެރޭ އަޅުވާލައިފައި އިން ރަތްކުލައިގެ ލޭސް ނައިޓީ ފެނުމާއިއެކު ޝަލީންގެ މޫނަށް ވެރިވެގެން އައި ނުރުހުމުގެ ކުލަވަރާއިއެކު ބާރުބާރަށް ދޮރުފަތް ޖެހިއެވެ. އެއާއިއެކު އުނދަގުލާއިއެކު ވެޑިން ޑްރެސް ގަޔާއި ވަކިކޮށްލިއެވެ. އޭރު ވެޑިން ޑްރެސްގެ އެތެރެއިން ލައިގެން ހުރި ހެދުންކޮޅުގައި ޝަލީންގެ ހަށިގަނޑުގެ ބޮޑުބައެއް ހާމަވާތީ ބޭރަށް ފިޔަވަޅެއް އަޅާލަން ނުކެރިފައި އެތަށް އިރެއްވާންދެން ވޯޑްރޯބްގެ ލޯގަނޑު ކުރިމަތީ ހުރެވުނެވެ. އެންމެ ފަހުން ވޯޑްރޯބްތެރެއިން ނެގި ރޯބްއެއް ހެދުންމަތިން މޮހައިލައިގެން ޝަލީން ވޯޑްރޯބްއިން ނިކުތެވެ. އެއާއިއެކު އެނދަށް އެރިގޮތަށް ކިލްޓުތެރޭ ފޮރުވިގަނެގެން އޮވެ ހައިޒަލް އައުމުގެ ކުރިން ނިދޭތޯ މަސައްކަތްކުރިއެވެ. މަޑުމަޑުން ލޯމަރާލުމާއިއެކު ޝަލީންގެ ކޯތާފަތް ތެމިގެން އައެވެ. މިހުރިހާ އިރު އެލޮލުގެ ތެރޭގައި ގައިދުކުރަމުން އައި ކަރުނަތައް މިނިވަންކަމާއިއެކު ކޯތާފަތް މައްޗަށް ފައިބަތްއިރު އެ ކަރުނަތައް ހުއްޓުވާކަށް ޝަލީން މަސައްކަތެއްނުކުރިއެވެ. ބާލީހުގައި މޫނު ފޮރުވާލިގޮތަށް ހިތްފުރެންދެން ރޮއެލިއެވެ.
*** *** *** *** *** ***
ޕާޓީއަށް މެހެމާނުން މަދުވަމުންގޮސް އެންމެ ފަހަށް ތިބި އާއިލާގެ މެންބަރުން ހައިޒަލްއަށް ބާއްޖަވެރި ރެއަކަށް އެދެމުން ވަކިވެގެންދިޔުމުންވެސް ހައިޒަލް ކޮޓަރިއަށް ދިޔުމުގެ ހިޔާލެއްނުކުރިއެވެ. ކޮޓަރީއަށް ވަދެވެން އިންނަ ފުޅާ ކޯރިޑޯއިން ނިކުމެވެން އިންނަ ބެލްކަނިކޮޅުގައި ހުރިއިރު ހައިޒަލް ވިސްނަމުން ދިޔައީ ކޮންކަމަކާއިކަމެއް ނޭނގެއެވެ. ފުޅާ ރެއިލިންގައި އަތްވިއްދާލައިގެން ހުރިއިރު ލޮލުން ރޮނގަކަށް ކަރުނަތައް ފައިބަމުންދިޔައެވެ. އެވަރުންވެސް ފުންލޮލުގައިވާ ވޭނާއި ރިހުން ސިއްރުކުރަން އޭނަ މަސައްކަތްކުރަމުން ދިޔައެވެ. ހިތް ކުޑިކުޑިވެ އެތައް ސަތޭކަ އެތިކޮޅުތަކަށް ބުރައިގެން ދިޔަނަމަވެސް އޭނަ އެކަން ދުނިޔެއަށްވެސް ވަންހަނާކުރާނެއެވެ. ހިތް ހަލާކުވެދިޔަދޭށެވެ. އޭނަގެ ހިތާމަތަކުން މަޑުވެގެންދާނޭ ހިތެއް މިއުޑު ހިޔާދަށުގައި ނުވާނެއެވެ.
އޭނަގެ ނަފްސު ބަނދެވިފައިވާ ކުށްވެރިކަމުގެ ސިލްސިލާއަށް ނިމުމެއްނެތެވެ. އޭނަގެ ބޭގަރާރުވެފައިވާ ހިތަށް ފިނިކަން ލިިބޭނޭ ހައްލެއް ނެތެވެ. އޭނަގެ ހިތުގައި އަތްއަޅާލައިގެން ހުރެ ނައިނާގެ ހިތްހަލާކޮށްލުމަށްފަހު ކުރި ކަންތަކުން ދުވަހަކު ހިތަށް ހަމަޖެހުމެއް ލިބިދާނެހެއްޔެވެ؟ އޭނަގެ ލޯބިން ނައިނާއަށް ހިތްދަތިކަން ނޫން އެއްޗެއް ލިބިދާނެހެއްްޔެވެ؟ ހައިޒަލްގެ ވަކިވުމުން ހިތްހަލާކުވެފައި ހުއްޓާ ޝަލީންއާއި ކައިވެނިކޮށްގެން އިތުރަށް ނައިނާގެ ހިތް ސަކަރާތްކޮށްލެވުނީއެވެ. އަދިވެސް ނައިނާގެ ކަރުނުން ފުރިގެންވީ ލޯ އޭނަގެ ލޯކުރިމަތިން ފެންނަފަދައެވެ. ކަރުނުން ފުރެމުންދިޔަ ލޮލުގައިވީ ވޭނީ އަސަރުތައް ދުވަހަކު ހިތުން ފިލުވާލެވޭނޭކަމެއްނޭނގެއެވެ. އޭނަ އަމިއްލަ ނަފްސަށް މައާފުކުރާނީ ކިހިނެތްހެއްޔެވެ؟ ތަގުދީރު އޭނައާއި މިކުރަނީ ކޮންފަދަ ނުބައި ސަމާސާއެއް ހެއްޔެވެ؟
ހައިޒަލް ވަރަށް ދަންވަންދެން ބެލްކަނީގައި ހުރުމަށްފަހު ކޮޓަރިއަށް ވަތްއިރު ޝަލީން އެނދުގައި އަރާމްކޮށް ނިދާލައިފައި އޮތެވެ. ހައިޒަލް ކޯޓް ގަޔާއި ވަކިކޮށްލިގޮތަށް ސޯފާގައި އޮށޯވެލިއެވެ. ކިތަންމެ ވަރުބަލިވެފައި ހުރިނަމަވެސް ސިކުނޑި ހަލަބޮލިކުރަމުންދާ ހިޔާލުތަކާއިއެކު ހައިޒަލްގެ ލޮލަކަށް ނިންޖެއް ނައެެވެ.
*** *** *** *** *** ***
ބަހާރު މޫސުމުގެ ދުވަސްތައް ފެށިގެން އައިރު ފެހި ގަސްތަކުގެ ތެރެއިން ކުލަކުލައިގެ މާތައް މަޑުމަޑުން ބޯދިއްކުރަމުންދާ މަންޒަރު ބަލާފޫހިނުވާހާ ފުރިހަމައެވެ. ދޭތެރެއަކުން ކުރާ ވިއްސާރައިގެ ސަބަބުން ބިންގަނޑު އަބަދުހެން ތެތްކޮށް އޮންނާތީ ގަސްތައް ފެންނަނީ ނުހަނު ތާޒާކޮށެވެ. ފެހިކަން ގަދަކަމާއިއެކު އިރުގެ އަލި އެޅި އަބަދާއި އަބަދު ވިދަވިދާތިބޭހެން ހީވެއެވެ. ދޭތެރެއިން ޖެހިލާ ލުއިރޯޅިތަކުން ފަޒާގައި މަލުގެ މީރުވަސް ހިފާލައިއިރު އިވޭ ލުއިލުއި މިޔުޒިކުން ސިކުނޑި ތާޒާކޮށްދެއެވެ.
ހަވީރުވާން އުޅެނިކޮށް ހައިޒަލްއާއި ޝަލީން މިޑޯވިއުއަށް އައިރު އިޔާނާ ބަގީޗާގެ ގަސްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅެއެވެ. މިޑޯވިއުގައި ކޮންމެ ކަމެއް ކުރަން ނޯކަރުން ތިބޭއިރުވެސް ބަގީޗާގެ ކަންކަން ބެލެހެއްޓުން ނޯކަރުންނާއި ހަވާލުކުރާކަށް އިޔާނާ ބޭނުމެއްނުވެއެވެ. އޭނަ ހިތްހަމަޖެހެނީ އަމިއްލައަށް ގަސްތަކާއި އަޅާލެވުމުންނެވެ.
އިޔާނާ ފިނިފެންމާގަސްތަކަށް ފެންދޭ ހުރެފައި ޝަލީންމެން ފެނުމާއިއެކު މަސައްކަތް ބަހައްޓާފައި އައެވެ.
“ދަރިފުޅުމެން ހާދަ އަވަހަކަށް ތިއައީ… މަންމަ ހީކުރީ ހޮޓެލްގައި ދެތިން ދުވަހު މަޑުކުރާނެކަމަށް… އެތަން ކަމުނުދަނީތަ؟ ބައްޕަ ކައިރީ ބުނެގެން ރިސޯޓް ދަތުރެއް ހަމަޖައްސައިދެންތަ؟” އިޔާނާ ހުރީ ޝަލީންގެ އުފާވެރިކަން ދުށުމަށްޓަކައި ކޮންމެކަމެއްވެސް ކުރަން ތައްޔާރަށްހެން ހީވެއެވެ.
“ނޫން މަންމާ… ރަށުން ބޭރަށް ދާން ހައިޒަލްއަށް އުނދަގޫވާނެއެއްނު… އެހެންނޫނަސް ހޮޓެލްއަށްވުރެ މާބޮޑަށް ގޭގައި އުޅޭހިތްވޭ…” ޝަލީން ވާހަކަދެއްކީ ހައިޒަލް ބޭނުންވާގޮތް އިނގިގެންހެން ހީވިއެވެ. އެއާއިއެކު ހައިޒަލް ޝަލީންއާއި ދިމާލަށް ބަލާލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. އޭނަ ބަހަނާއެއް ދައްކާލައިގެން މިވަގުތަށް ބައްޕަ ދެއްވި ހަނީމޫން ދަތުރުވެސް ލަސްކޮށްލައިފިއެވެ.
“ދަރިފުޅު ބޭނުންގޮތެއްތާ އޮންނާނީ… ހަވީރު ސައިބޮއެގެންދާން މަޑުކުރައްޗޭ ދަރިފުޅުމެން… ސައިގެ ގަނޑިވެސް ކައިރިވަނީއެއްނު…” އިޔާނާ ޝަލީންގެ ކުރިއަށް ހުރެގެން ގެއަށް ވަންނަން ހިނގައިގަތެވެ.
ހަވީރުގެ ސަޔަށްފަހު އިޝާރުއާއިއެކު ހައިޒަލް ލިވިންރޫމްއަށް އައިގޮތަށް އިޝާރު ކޮންމެވެސް ވާހަކައެއް ފެއްޓެވިއެވެ. އޭރު ޒޭބްއާއިއެކު ޝަލީން މައްޗަށް އަރައިގެން ދިޔައީ ބްރީޒްވިއުއަށް ގެންދަން ޖެހޭ ބައެއް ސާމާނުތައް ތައްޔާރުކުރުމަށެވެ. އިޔާނާ ބެލްކަނީގައި ހުރި ގަސްތަކަށް ސްޕްރޭކުރަން ހުރިއިރު ހައިޒަލްއާއި އިޝާރުއަށް ދޭތެރެއަކުން ކަޅިއެއް އެއްލައެވެ.
ފިޔާތޮށިކުލައިގެ ބޮޑު ސުއިޓްކޭސް ދަމަމުން އައިސް ޝަލީން ކޮޓަރިދޮރުމަތީ ހުއްޓިލިއެވެ. އެއާއިއެކު ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ދެލޯމަރާލިއެވެ. އެއީ ތުއްތުއިރުއްސުރެ މިހާތަނާއި ޖެހެންދެން ޝަލީން އެތައް ހަނދާންތަކެއް ރައްކާކޮށްފައިވާ ތަނެވެ. މިއަދު ވަކިވެގެންދާން ޖެހުނުއިރު ހިތަށް ކުރީ ފުންއަސަރެކެވެ. ހަޔާތުގައި އެއައި އެންމެ އުފާވެރި ދުވަސްތަކާއި ހިތްދަތިދުވަސްތައް ޝަލީން ހޭދަކުރީ އެ ހަތަރު ފާރުގެ ތެރޭގައެވެ. މަޔާންގެ ލޯބި އޭނަ ރައްކާކޮށްގެން ވަކިނުކޮށް ގެންގުޅުނު މަންޒިލަކީ އެއީއެވެ.
ހަމަދްގެ ފަހަތުން ޝަލީން ސިޑިންފައިބައިގެން އައިރު އިޝާރު އިންނެވީ ސޯފާގައެވެ. ހައިޒަލް ފޯނެއްގައި ބެލްކަނީގައި ހުރިއިރު އިޔާނާ އިޝާރު އިންނެވި ސޯފާގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުއްޓެވެ.
ޝަލީން މަޑުހިނގުމެއްގައި އައިސް އިޝާރުގެ ކުރިމައްޗަށްވާ ކަހަލަގޮތަކަށް ހުއްޓުނެވެ.
“ބައްޕަ އެދިލެއްވި އެދުން އަޅުގަނޑު ފުރިހަމަކޮށްދީފިން… އެކަމަކު އަޅުގަނޑު މިހިރީ އުފަލަކު ނޫންކަން ބައްޕައަށްވެސް އިނގިލައްވާނެ… އެކަމަކު މިގެ ދޫކޮށްދިޔުމުގެ ކުރިން ދޮންބެ ބުނިފަދަ ބަސްތަކެއް ބުނާކަށް ނެތިން… ކޮންމެގޮތަކަށް ކަންތައްކުރެއްވިޔަސް ބައްޕަވާނީ ބައްޕައަށް… އެކަމަކު ބައްޕައަށް އެއްދުވަހުން އިނގިލައްވާނެ ބައްޕަ ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެމުމެއް ނޫންކަން…” އަމިއްލަ ހުވަފެންތަކުގައި ހުޅުޖެއްސެވުމަށްފަހު ގަދަކަމުން ބައްޕަ އޭނަގެ ހިތްހަމަޖެހުމާއި ވަކިކުރުވިނަމަވެސް ބައްޕަގެ ޤަދަރަށް އުނިކަން އަންނާނޭ ފަދަ ބަހެއް ބުނާކަށް ޝަލީން ބޭނުމެއްނުވިއެވެ. ކޮންމެ ހާލެއްގައިވެސް ބައްޕަވާނީ ބައްޕަައަށެވެ.
“ޝަލީން…” ބެލްކަނިން ނިކުންނަމުން ހައިޒަލް ގޮވާލިއެވެ. ކައިވެނީގެ ފަހުން ހައިޒަލްގެ އަޑުއިވުނު ފުރަތަމަ ފަހަރެވެ. މިއަދު ހަތަރުދަން އޭނައާއިއެކީ ހޮޓެލްގައި ހޭދަކުރިއިރު ހައިޒަލް އަނގައިން ބުނެނުލިތާ ލޮލަށް ފެނިލީކީވެސް ނޫނެވެ. އޭރު އަތުގައި އޮތްގަނޑިއަށް ހައިޒަލް ނަޒަރު ދީގެން ހުރިގޮތުން ހައިޒަލްއަށް ލަސްވަނީކަން ޝަލީންއަށް ނަގައިގަނެވުނެވެ.
“ދަރިފުޅުމެން ދޭތެރެއަކުން އަންނަންވާނެ އިނގޭ…” އިޔާނާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޝަލީން ގެނެސް މޭގައި ޖައްސާލިއެވެ. އޭރު އެލޮލުގައި ކަރުނަތައް ގިނަވެފައިވީ ހުރިހަމައެކަނި އަންހެންދަރިފުޅު އޭނައާއި ވަކިވެގެންދާތީއެވެ. އެދަރިފުޅުގެ މޫނުމަތިން ކުޑަވެސް އުފާވެރިކަމެއް ފެނުނުނަމަ އޭނަގެ ހިތަށް ތަސައްލީއެއް ލިބުނީހެވެ.
އިޝާރު ހައިޒަލްގެ އަތުގައި ހިފަހައްޓާލައްވަމުން ކޮންމެވެސް ވާހަކައެއް ދެއްކެވިއެވެ. އެވަގުތު އިޝާރުގެ ނަޒަރު ޝަލީންއަށްވެސް ދަތުރުކުރިއެވެ.
ހައިޒަލްގެ ފަހަތުން މިޑޯވިއުއިން ނިކުމެގެންދަމުން ޝަލީން އެންމެ ފަހުފަހަރަށް ގެއާއި ދިމާލަށް ބަލާލިއެވެ. އެއީ އޭނަގެ ހަޔާތުގެ ގިނަދުވަސްތަކެއް ހޭދަކުރި މަންޒިލެވެ. މިއަދު އެގެ ދޫކޮށް އެދަނީ އުފަލަކުންނެއް ނޫނެވެ. އޭނަގެ ހިތުގައި ވިންދުޖަހަމުންދާ މަޔާންގެ ލޯބި ދެއަތުން ކަފުންކުރަމުން އަމިއްލަ ހިތުގެ އެދުމާއި ދެކޮޅުހަދަމުން އާ ފެށުމަކުން ފަށަމުންނެވެ. ދުނިޔޭގެ ލޯމައްޗަށް އެހެން ޒުވާނެއްގެ ހައްގެއްކަމަށް ދައްކަމުންނެވެ.
*** *** *** *** *** ***
އިރުއޮއްސުމުގެ ނިޝާންތައް އުދަރެހުން ފާޅުވަމުންދިޔައިރު ހައިޒަލް ހުރީ ބްލޫސް ކައިރީ ޕާރކްކޮށްލައިފައިވާ ކާރަށް ލެގިލައިގެންނެވެ. ޔަޒްދާންއާއި ވާހަކަދެއްކުމުގައި ހުރިއިރު ހައިޒަލްގެ ސަމާލުކަން ދޭތެރެއަކުން އެހެން ދިމާލަކަށް ހުއްޓެއެވެ. އިރުކޮޅެއްފަހުން ޔަޒްދާން ކާރަށް އަރައިގެން ނައްޓާލުމާއިއެކު ހައިޒަލްއަށް ކާރަށް ލެގިލައިގެން ހުރެވުނީ ހަރަކާތެއްނެތިފައެވެ. ކަޅުކުލައިގެ ފޭރާމުގައި މިލާފައިވާ މޫނުގެ ސަބަބުން ހައިޒަލް ހިތާމައިގެ ތަސްވީރެއްފަދައެވެ. ރޭބަން އައިނުން އެ ރީތި ލޮލާއި ލޮލުގެ ރިހުންތައް ފޮރުވާލެވިފައިވެއެވެ. އެ މޫނުގައިވާ އަސަރަކުން ކޮންމެ މީހެއްގެ ހިތާވެސް ކުޅެލާނެއެވެ. އެފަދަ ދެވަނަ އެއް ނުވާ ފުރިހަމަކަން ފެނިފައި މޮޔަނުވާނޭ ހިތެއް ނުވާނޭއިރު މުއްސަނދިކަމާއިއެކު ހައިޒަލްއަށް ނޭދޭ ކުއްޖަކު މަދުވާނެއެވެ. ނަމަވެސް މުއްސަނދިކަން އޭނައަށް ޒަހަރެއް ފަދައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބި އޭނަ ލޯބިން މަހުރޫމްވާންޖެހުނީ މުއްސަނދިކަމުގެ ސަބަބުންނެވެ.
ހައިޒަލް އިރުކޮޅެއްވަންދެން އެގޮތަށް ހުރުމަށްފަހު ކާރަށް އަރަން ދޮރުފަތް ހުޅުވާލިއިރު ކޮމްޕެނީއިން ނިކުމެގެން ނައިނާ އައިސް އެ ހިސާބާއި އަރާ ހަމަވީއެވެ. ހައިޒަލް ފެންނަކަމަށްވެސް ހަދާނުލާ ނައިނާ ހައިޒަލް ކައިރިން އަޅާލައިފައި ކުރިއަށް ދިޔަގޮތުން ހައިޒަލްގެ ހިތަށް އުނދަގޫވިއެވެ. އެދެމެދުގައި ރޭނިގެންދިޔަ ފާރުގެ ބޯމިން ވަޒަންކުރެވި ހައިޒަލް މާޔޫސްކުރުވިއެވެ. “ނައިނާ…” ހައިޒަލް ދުވެފައި ގޮސް ނައިނާގެ އަތުގައި ހިފާލިއިރު ނައިނާ ފަސްއެނބުރިބަލާލުމެއްވެސް ނެތި ހައިޒަލްގެ އަތުތެރޭ އޮތް އޭނަގެ އަތްތިލަ މިނިވަންކޮށްލައިިފިއެވެ. އެއަމަލުން ހައިޒަލްގެ ހިތުން ލިބުނު ހުސްކަމާއިއެކު ދެއަތް ޖީބަށް ޖަހާލިއިރު ނައިނާގެ ނަމުން ގޮވާލިއެވެ.
“އަހަރެމެން ދެމީހުން އިތުރަށް ދައްކަން އޮތީ ކޮން ވާހަކައެއް؟ ދެން އެންމެ ރަނގަޅުވާނީ ވެދިޔަތަން ހަނދާން ނައްތާލުމަށްފަހު ދެމީހުންވެސް ކުރިއަށް ދިޔައިއްޔާ…” ހައިޒަލް މޫނަށް ބަލާލުމެއްވެސް ނެތި ނައިނާ ބުނަން ބޭނުންވި ޖުމްލަތައް ބުނުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އެއާއިއެކު ހައިޒަލް ނައިނާގެ އަތުގައި ހިފެހެއްޓިއެވެ.
“ހައިޒަލް.. ޕްލީޒް… ތިއުޅެނީ ފަޞީހަތްވާނެގޮތެއް ނޭނގިގެންތަ؟ ތިއީ މިހާރު މީހެއްގެ ފިރިއެކޭ…” ހައިޒަލް އަތުތެރޭ އޮތް އަތްތިލަ ދަމައިގަންނަމުން ނައިނާ ހައިޒަލްއާއި ދިމާލަށް އެނބުރިލިއިރު ކަރުނައިގެ ތެތްކަން ވީ ލޮލުގެ ތެރެއިން ރުޅިވެރިކަން ފެނިލިއެވެ.
“ނައިނާ… އައި…” ނައިނާގެ ރުޅިވެރި ނަޒަރާއިއެކު ހައިޒަލްގެ ޖުމްލަތައް މެދުކަނޑާލިއެވެ.
“ސޭވް އިޓް ހައިޒަލް… މިހުރިހާ ދުވަހު އަހަންނަށް އުޅެވުނީ ހުވަފެނެއްގެ ތެރޭގައިކަން ރޭގައި އިނގިއްޖެ… ހައިޒަލްގެ ދިރިއުޅުމުގައި އަހަރެންގެ މަޤާމަކީ ކޮބައިކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ… އެންމެ ފަހަރަކުވެސް ބުނިނަމަ.. އެހެން މީހެއްގެ ހައްޤަށް އަރައިގަންނަހާ ނުބައި މީހެއް ނޫން އަހަންނަކީ… އަހަންނަށް މައާފުކުރާތީ… މިވީހާ ދުވަހު ހައިޒަލްގެ ބޮލުގެ ރިހުމަކަށް ވެވުނީތީ…” ނައިނާގެ ލޮލަށް ޖަމާވާންފެށި ކަރުނަތަކާއިއެކު އެ ލޮލުން ހިނދުކޮޅަކަށް ފެނިލި ރުޅިވެރިކަމުގެ މައްޗަށް ހިތާމަވެރިކަން ކުރިހޯދިއެވެ. ހިނދުކޮޅެއްވަންދެން ހައިޒަލްގެ މޫނަށް ނަޒަރު ހުއްޓައިގެން ހުރުމަށްފަހު ނައިނާ ކުރިއަށް ހިނގައިގަތްއިރު ހައިޒަލްގެ އިނގިލިތައް އެ އިނގިލިތަކާއި ލާމެހިގެންދިޔަގޮތުން ކުރިއަށް ފިޔަވަޅެއް އަޅާލުމަށް ނައިނާ ނުކުޅެދުނެވެ. އެއަތުގެ ތެރެއިން އިނގިލިތައް ވަކިކޮށްލަން ބޭނުންނުވެ އެގޮތަށް ހުންނަން ބޭނުންވިޔަސް ނައިނާ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވިއެވެ. ހައިޒަލްއަކީ މިހާރު އޭނަގެ ހައްޤެއް ނޫނެވެ. އޭނަވީ ލޯބީގެ އަގުވަޒަންނުކޮށް އޭނަ ބާކީކޮށްލީ ހައިޒަލްއެވެ.
ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލަމުން ހައިޒަލްގެ އަތުތެރެއިން އޭނަގެ އަތް ދަމައިގަތްގޮތުން ނައިނާ ހައިޒަލްއާއި ދުރަށް ދުއްވައިގަތީ އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލާލުމެއްނެތިއެވެ.
*** *** *** *** *** ***
އިރުއޮއްސުުނުފަހުން ނައިނާ ކޮޓަރިން ނިކުމެގެން އައިރު މުޅި އެޕާރޓްމެންޓްތެރެ އެއްވަސްވަމުންދިޔައީ ހައިރާ ޕޭންކޭކް ފިހާ ވަހުންނެވެ. ނައިނާ ކާބަޔަށް ވަނުމަށްފަހު އައިސްއަލަމާރިން ނެގިފެންފުޅި ހިފައިގެން މޭޒުކައިރީ އިށީނެވެ. އޭރު ހައިރާވެސް ޕޭން ކޭކް ފިހެ ނިމިގެން އުނދުން ނިއްވާލުމަށްފަހު ޕޭން ކޭކްތަށި ހިފައިގެން ނައިނާއާއި ދިމާލަށް އެނބުރިލީއެވެ. އޭރު ނައިނާ ކަރުހިއްކައިގެންފައި އިންފަދަ ގޮތަކަށް ފެންތައްޓަކަށް ފަހު ފެންތައްޓެއް ތުބުގައި ޖައްސަމުންދިޔަގޮތުން ހައިރާއަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. ނައިނާގެ އެފަދަ ގޮތަކަށް އުޅޭނީ ކީއްވެގެންކަން ހައިރާއަށް ވަރަށް ރަނގަޅަށް އިނގެއެވެ. ހައިރާ ކުރިއަށް ޖެހިލަމުން ނައިނާގެ ބޮލުގައި ފިރުމާލިއެވެ.
“ނައިނާ ބުނެބަލަ… ދަރިފުޅު ކޮންކަމަކާއި ދެރަވެގެން ތިއުޅެނީ…” ހައިރާ އޯގާތެރިކަމާއިއެކު ވާހަކަދެއްކިއިރު ނައިނާ އިސްއުފުލާ ބަލާލިއެވެ. އޭރު ކަރުނައިގެ ތެތްކަން އެކުލެވިގެންވާ ލޮލުގެ ރަތްކަމުންވެސް ނައިނާ ވަރަށް ގިނައިރު ރޮއެފައިވާކަން އިނގެއެވެ. މުޅި މޫނަށް ރަތްކުލަ ފާއްދާލައިފައިވާއިރު ނޭފަތް އަދި ވަކިން ރަތްހެން ހީވެއެވެ.
“ހާދަ ލޯވެސް ރަތޭ… ކަމަކާއި ރޮއެފަތަ؟” ހައިރާ ނައިނާގެ މޫނުގައި އަތް ހިންގާލަމުން އެ މޫނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ދެލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ހުއްޓުވަންވެެގެން ނައިނާ ތުންފަތުގައި ދަތްއަޅާލައިގެން އިނދެ ދެފަރާތަކަށް ބޯހޫރާލިއެވެ. އެއާއިއެކު ގޮނޑި ދުރުކޮށްލަމުން ކޮޓަރިއަށް ދިމާލަށް ދުއްވައިގަތްއިރު ހައިރާއަށް ނައިނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.
ނައިނާ ކިތަންމެ ސިއްރުކުރިޔަސް މިވޭތުވެދިޔަ ދުވަސްތަކުގައި ނައިނާ ކުރަމުންދިޔަ ހިތާމަތައް ހައިރާއަށް ސިއްރުވެފައެއް ނުވެއެވެ. ނައިނާގެ މައިންބަފައިން ވަކިވެގެންދިޔުމާއިއެކު އެ ލޮލުން ކަރުނަ ނުހިކުނު ދުވަސްކޮޅެއް އައިނަމަވެސް ފަހުން ފަހުން އައިސް ކަރުނައަކީ ނައިނާއަށް ބީރައްޓެހި އެއްޗެކެވެ. އެ ކުއްޖާ އަބަދު ހިނިތުންވެލައިގެން ހުންނަ ގޮތުން ހިތާމައަކީ ދަންނަ އެއްޗެއް ނޫންހެންވެސް ހީވިއެވެ. އަދި ފަހުން އައިސް އެ މޫނުމަތީގެ އުފާވެރިކަން ދެގުނަވެގެންދިޔައިރު މާބޮޑު އުފަލެއް ލިބިގެން އުޅޭހެން ހީވެއެވެ. އެތަށް އަހަރެއްވެގެންދިޔަފަހުން ފުރަތަމަ ފަހަރަށް ނައިނާގެ ލޮލުން ކަރުނަ ފެނިލިއިރު ހައިރާއަށް އެކަމުގެ ސަބަބު ވިސްނައިގަންނާކަށް އުނދަގުލެއްނުވިއެވެ. އެއާއިއެކު ހައިރާގެ ހިތުގައި ރިއްސާލީ ނައިނާގެ އުުމުރުގެ ހަގުކަމާއިއެކު ނައިނާ ކަޑައްތުކުރުމުންދާ ކަންތަކުގެ އުނދަގޫކަމާއިއެކު ކުރަމުންދާ ހިތާމަ އިހުސާސްކުރެވިފައެވެ. އަދި އެކަމުގައި އޭނައަށް ކޮށްދޭވޭނެކަމެއް ނެތްކަން އިނގިފައެވެ.
*** *** *** *** *** **
ހަފްތާ ބަންދަށްފަހު ބްލޫސްގެ މުވައްޒަފުން ވަޒީފާއަަށް ނިކުތްއިރު މުޅި ކޮމްޕެނީތެރޭގައިވެސް ދެކެވެމުންދިޔައީ މާބޮޑު އެންގުމަކާއިނުލާ ކުއްލިގޮތަކަށް ކުރެވިގެންދިޔަ ސީއީއޯ ހައިޒަލްގެ ކައިވެނީގެ ވާހަކައެވެ. އެ ފަދަ ހަފްލާއެއްގައި ބައިވެރިވާ ހިތުން ތިބި ކުދިން ދައުވަތު ނުލިބުނީތީ އެކަމާއި ޝަކުވާކުރިއެވެ. ހާއްސަކޮށް ހައިޒަލްއާއި ހެދި މޮޔަވެފައި ތިބި ކުދިންކޮޅު ހައިޒަލް އެހެން މީހެއްގެ ހައްޤަަކަށްވުމުން އެކަމާއި ދެރަވެގެން އެ ވާހަކަ ދެއްކިއެވެ. ކޮމްޕެނީގެ ޕޭޖްގައި ހުރި ޕޮޓޯތައް ވައިބަރ ގްރޫފްތަކުގައި ދައުރުވަމުންދިޔައިރު އެންމެންވެސް ޝަލީންގެ ރީތިކަމަށް ތައުރީފުކޮށް ހައިޒަލްއާއި ގުޅޭނެ ދެވަނައެއް ނެތްކަމަށް ފާހަގަކުރިއެވެ. ނަމަވެސް އެކަމުގެ ސަބަބުން ހަސަދަވެރިކަމުގެ ހުޅުކޮޅު ރޯވެގަތް ހިތްތަށްވެސް ވަކި މަދެއްނޫނެވެ.
*** *** *** *** *** ***
އަރައިގެން އައި އިރުގެ އަލިކަން މޫނަށް އެޅެންފެށުމުން ހައިޒަލް އުނދަގޫގޮތަކަށް ލޯހުޅުވާލިއެވެ. ކުޑަދޮރުގެ ދޮރުފޮތިތައް ކަހާލެވިފައިވާތީ އިރުގެ އަލި މުޅި ކޮޓަރިތެރެއަށް ފަތުރާލާފައިވެއެވެ. ހައިޒަލްގެ މޫނުމައްޗަށް ނިވާއަޅާފައިވާ އިސްތަށިކޮޅުތައް ރީތިކޮށްލަމުން ހަށިގަނޑު ދަމާލިއެވެ. އާދަޔާ ހިލާފަށް ބުރަކައްޓާއި އަތުގެ މަސްތަކުގައި ރިއްސަމުންދަނީ ފުރަތަމަ ފަހަރަށް ސޯފާގައި ނިދީމައެވެ. ޝަލީން ރީތިވާ މޭޒުދޮށުގައި ހުރެފައި ހައިޒަލްއަށް ބަލާލުމަށްފަހު އޭނަ ކުރަންހުރި މަސައްކަތަށް އެނބުރިލިއެވެ.
ހައިޒަލް ތުވާލި ނަގަމުން ހިނގައިގަތީ ފާޚާނާ އާއި ދިމާލަށެވެ. ޝަވަރަށް ދޫކޮށްލުމާއިއެކު ފިނިފެން އެ ކަސްރަތީ ހަށިގަނޑުގައި ބޮސްދޭން ފެށިނަމަވެސް ހިތުގައިވާ އުދާސްކަން ފިލައިގެނެއް ނުދިޔައެވެ. ކައިވެންޏަށް އެންމެ ދުވަހެއް ނުވަނީސް މި ކައިވެނި ދެމިހެއްޓިދާނެކަމުގެ ޝައްކުތައް ހިތުގައި ހިނގާލައިފިއެވެ.
ހައިޒަލް ކަޅުކުލައިގެ ޖީންސްއަކާއިއެކު ނޫކުލައިގެ ޓީޝާޓެއް ވައްޓާލައިގެން ތިރިއަށް ފޭބިއިރު ޑައިނިންރޫމްތެރޭ ނޯކަރުން ހަރަކާތްތެރިވަމުންދިޔައެވެ. ޝަލީން މޭޒުދޮށުގައި އިށީދެލައިގެން އިންއިރު ހައިޒަލް ބޭނުންނުވެފައި ހުރެވެސް ގޮސް ޑައިނިންރޫމްތެރެއަށް ވަނެވެ.
އިރުކޮޅެއްފަހުން ރިހާނާއާއި އަލްހާން އެކީގައި އައިސް ޑައިނިންރޫމްއަށް ވަނެވެ. ރިހާނާ ގޮނޑީގައި އިށީދެލިގޮތަށް ސައިތައްޔާރުކުރުމަށް ނޯކަރުންނަށް އަމުރުކޮށްލިއެވެ. ހައިޒަލްގެ މޫނަށް ގޮތެއް ހަދާލެވުނެވެ. ފެށުނީއްސުރެ އާއިލީ ކެއުންތަކަށް ބޭއްވުމަށް ރިހާނާ އިސްކަމެއްދީފައެއްނުވެއެވެ. އަދި އަމުދުން ހައިޒަލްއާއި އެއް މޭޒުދޮށުގައި މަޑުކުރުމަކީ ރިހާނާ ކުރާނޭ ކަމެއް ނޫނެވެ. ނަމަވެސް ޝަލީން އައުމާއިއެކު ރިހާނާ ވަގުތުން އެހެން ކުލައެއް ދައްކަންފަށައިފިއެވެ.
ސަޔަށް އިންސާފުކުރަމުންދިޔައިރު ޝަލީންއާއި ރިހާނާއާއި ދެމެދު ވާހަކަތައް ބަދަލުކުރެވެމުންދިޔައެވެ. ރިހާނާ ނުހަނު ބޮޑަށް ހިނިތުންވެލައިގެން އިނދެ ޝަލީންއާއި ވާހަކަދައްކަމުން ދިޔަގޮތުން ޝާދީންއާއި ހައިޒަލްގެ މައްޗަށް އެ ހިތުގައި ނެތް ލޯބި ޝަލީންގެ މައްޗަށް ޖެހުނީހެން ހީވެއެވެ. ހައިޒަލްއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އޭނަގެ ހިތުގައި އެކަމުން ޝަކުވާ އުފެދުމުގެ ބަދަލުގައި އުފެދުނީ ފޫހިކަމެކެވެ.
*** *** *** *** *** ***
މެންދުރުގެ ދިލަ ހޫނުން ދުނިޔެ މާލަމުންދިޔައިރު ނަައިިނާ އިނީ ކެންޓީނުންގައެވެ. ބިއްލޫރި ބިތާއި ކައިރި މޭޒެއްގައި އިންއިރު ވަށައިގެން ޖަހާފައިވާ މޭޒުތަކުގައި ތިބި މީހުންގެ ނަޒަރުތައް އޭނާއަށް ހުއްޓެމުންދިޔަގޮތުން ނައިނާއަށް ކިތަންމެހާވެސް އުނދަގޫވިއެވެ. ނައިނާއަށް އަޑުނީވޭވަރަށް މަޑުމަޑުން ސިމި ސިމި ލައްވަމުންދިޔައިރު އެ މީހުން ދައްކަމުންދާ ވާހަކަތައް ނިސްބަތްވަނީ އޭނާއަށް ކަން ނައިނާއަށް ނަގައިގަނެވުނެވެ. ހައްތަހާވެސް މަލާމާތުގެ ނަޒަރުތަކާއި ދިމާކުރުންތަކެވެ. ހައިޒަލްފަދަ ޒުވާނެއްގެ ލޯބިވެރިއަކަށް ނައިނާވުުމުން އެކަމާއި ހަސަދަވެރިވެ އެ ހަސަދަ ނުބޭލިފަދަ ތިބި މީހުންނެވެ. މިހާރު ހައިޒަލް ނައިނާ ދޫކޮށް މުއްސަނދިކުއްޖަކާއި ކައިވެނިކުރުމުން ނައިނާއާއި ދިމާކުރަން ގަސްތުކޮށްގެން ތިބިހެން ހީވިއެވެ. ބައެއް އަންހެންކުދިން ޖެހިލުމެއްނެތި ބާރަށް ވާހަކަދައްކަމުންދިޔައިރު ނައިނާއަށް އަޑު އިއްވަން އުޅޭހެން ހީވެއެވެ. ނައިނާ އެ ބަސްތައް ނީވޭކަމަށް ހަދައިގެން އިންއިރުވެސް ލޮލަށް ކަރުނަތައް ބޮޑިވަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް ކޯތާފަތުން ތިރިއަށް ފައިބައިގަނެދާނެހެން ހީވެއެވެ.
ހައިޒަލް ކެންޓީނުގެ ބޭރުގައި މަޑުކޮށްލައިގެން އެ މަންޒަރު ދެކެން ހުރެފައި ކެންޓީންތެރެއަށް ވަދެެގެން އައިސް ނައިނާގެ ގާތުގައި އިށީނެވެ. އެއާއިއެކު ސިމިސިމި ލެވުންތައް އިތުރަށް ބާރުވިހެން ހީވިއެވެ. ނައިނާ ހަައިޒަލްއާއި ދިމާލަށް ބަލާލުމެއްވެސް ނެތި ވަގުތުން ގޮނޑިން ތެދުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.






Me first dhw… kiyaalafa comment kohllanan ❤️??
k
k dear
masha allah … varah reethi
thnks
Masha Allah mi part vs vrh rythi ❤️❤️??
Keep it up darla! ??
thnks
love the story.. maasha allah❤️
curiusly waiting for next part
thnks
hope you will all like this part.. enjoy reading and feel free to comment… your support means a lot to me… next part on saturday night… readers ah vure fahun dho mi comment kohlevuneee… hehehe
Curious…… when is next part ?????
be patient
kiyaalaafa comment eh kohlaanan
k
Curious to know wat’s gonna be happen next ❤❤..btw vvvv rythi ingey mi bai vec..
Waiting fr the next ingey..lysm???????????????❤❤❤????????????
thnks
varah salhi.keep it up
thnks
Haizel dhn thi kaiveni kohgen rangalhah mainbafainge bas ahaagen ulheyveytho Balaa.
dwwww
Kihinetha avahah story upload kurany?
i just upload it…it will take time to publish… site in publish kuraane
huh.. adi gotheh fotheh nethigen sis aa marry kohfi ehnu???sis noonee nufenuneetrr miyoh bodu duniye in inaane meehaku vx?hama aharenah hurt kuraane gotheh neingigen???hai ahanah thihen hadan heyo vaanee kihineh… nai ah eba hurtveyey?pls thihen nuhadabala
dww..adi hai ah visneyne keih kohlaa deloluga aih alhaalaigen
Woowwww..mi part vx hama vrh vrh reethi..whn is next part??waiting?
thnks…saturday insha allah
Oh god!dhiraa this is just awesome igey varah salhi ???
thnks
This story is outstanding… One of the few stories that I could barely wait to read
oww thnks
Kobaatha mayaan
googlega jahaalabala alhe feneythww
hi Rees… i am here… kihineh vee aharen nufenigen thiulhenee.. anehkaa maabodah miss veetrr.
Mayaan eh nufeney mihaaru naina dhn marry kuraany mayaan aa kahneyge
Vaahaka v reethi
thnks… mayaan veethan neingigen dhiraa vx miulhenee
Mirey kihaairaku 43 vana part
i have uploaded it
kihaa iraku up vaany ?
i have uploaded it
Kobaibaa, mihaaru kiyaa hithun
thnks for waiting.. stry upkohfin