ކުށަކާ ނުލާ 1
ނަދާއާ އެކީ އެތެރެއަށް ވަދެ ނަދާއަށް ވުރެ ކުރިން އަޔާޒް ކޮޓަރިއަށް ވަނެވެ. ލަސްލަހުން ނަދާ ގޮސް ކޮޓަރިއަށް ވަން އިރު އަޔާޒް ވީ ފާހާނާގައެވެ. ހަދާނެ ގޮތެއް ނޭނގިފައި ނަދާ ހުއްޓާ އަޔާޒް ނިކުތް ގޮތަށް ދިޔައީ ކޮޓަރިން ބޭރަށެވެ.
“އަޔާ—” އަޔާޒްގެ ފަހަތުން ނިކުމެ ނަދާ ގޮވާލިއެވެ.
“އަންނާނަން…” ނަދާއާ ދިމާއަށް ބަލާނުލާ، ނަދާ ބުނާ އެއްޗެއް އަޑު އަހަން މަޑުވެސް ކޮށްނުލާ އަޔާޒް ގެއިން ނިކުތެވެ.
އަލުން ކޮޓަރިއަށް ވަދެ އެއްފަރާތުގައި ހުރި ދެ ފޮއްޓަށް ނަދާ ބަލާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި ނަދާ ގޮސް އެނދުގައި އިށީނދެ ހެޑްބޯޑްގައި ލެނގިލާފައި ލޯމަރާލަމުން އެއް އަތުން ނިތްކުރީގައި ފިރުމާލިއެވެ.
ދެން ހަދަންވީ ކިހިނެއް ބާއޭ ނަދާ ހިތަށް އެރިއެވެ. އަޔާޒް ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ އަޔާޒް އަންނަން ދެން ނަދާ ނުނިދާ އިންނަން ވީ ހެއްޔެވެ؟ ދެންވެސް އަޔާޒްއާ ވާހަކަ ދައްކާލާނެ ފުރުސަތެއް އަޔާޒް ދޭނެ ހެއްޔެވެ؟
ވިސްނުމުގައި ނަދާ އެހެން އިނދެފައި އެނދުމަތީ އޮތް އަތްދަބަސް ހުޅުވާލާފައި ފޯން ނަގާ ގަޑި ބަލާލިއެވެ. ދޭއް ޖެހީއެވެ. އަޔާޒް ދިޔަތާ ބައިގަޑި އިރު ވީއެވެ. އަޔާޒްއަށް ގުޅާލަން ހިތަށް އަރާފައި ނަދާ ފޯނުގައި އަޔާޒްގެ ނަމްބަރު ޖަހާލިއެވެ. ނަމަވެސް ސްކްރީނަށް ބަލަން އިނދެފައި ނަމްބަރު ފޮހެލާފައި ފޯން އެނދުމަތީ ބޭއްވިއެވެ.
އަނެއްކާވެސް ނަދާ އެނދުގައި ލެނގިލައިގެން އިށީނީ ފޯން އަތަށް ލައިގެންނެވެ. ކިތަންމެ ލަސް ވިޔަސް އަޔާޒް އައުމުން ނޫނީ ނުނިދަން ނިންމައިގެން ނަދާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ވެފައި ހުރި ވަރުބައްޔާއެކު ކުރީރޭ ނުނިދާ ހުރުމުން ނަދާއަށް ނިދުނީއެވެ.
ކުއްލިއަކަށް ސިހިފައި ނަދާއަށް ހޭލެވުނީ އަތުގައި އޮތް ފޯން ދޫވެގެން މުށިތައް މައްޗަށް ވެއްޓުނު އަޑަށެވެ. ނަދާ އެނދުން ތެދުވެ ދެފަރާތަށް ކަރު އަނބުރާލީ ކަރަށް ތަދުވެފައި ހުރުމުންނެވެ. އަޔާޒް ކޮޓަރީގައި އޮތްތޯ ބަލާލެވުނީ އޭގެ ފަހުންނެވެ. މުށިތައް މަތީ އޮތް ފޯން ނަގާ ނަދާ ގަޑި ބަލާލީ އަދިވެސް އަޔާޒް ނާންނާތީއެވެ. އޭރު ގަޑިން ތިނެއް ޖެހީއެވެ. ހަދާނެ ގޮތެއް ނުވިސްނިފައި ނަދާއަށް ހުރެވުނެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ނަދާ ކޮޓަރިން ބޭރަށް ނިކުތީ ފެން ބޯން ނަމަވެސް އަޔާޒް ބޭރަށް ނިކުމެދާނެޔޭ ހިތަށް އަރާފައެވެ. މަޑުމަޑުން ދޮރު ހުޅުވާފައި ސިޓިންގްރޫމަށް ނިކުތް ނަދާއަށް އިރުކޮޅަކު މަޑުކޮށްލެވުނީ އެތާ އޮތް އަނދިރި ކަމަށް ލޯ ހޭނިލަން ދެނެވެ.
ބޯދަށަށް ބާލީހެއް ލައިގެން ސޯފާގައި ނިދާފައި އޮތް އަޔާޒް ފެނިފައި ނަދާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފުރަތަމަ ސިހުނު ނަމަވެސް ނަދާ މަޑުމަޑުން ކުރިއަށް ގޮސް ސޯފާ ކައިރީ ހުއްޓުނެވެ.
“އަޔާ…؟ އަޔާ…؟” އަޔާޒްގެ ނަމުން ދެ ފަހަރަކު ގޮވާލާފައި ނަދާ އަޔާޒްގެ އަތުގައި ކޮއްޓާލިއެވެ.
ފުންމައިގެން އަޔާޒް ތެދުވުމާއެކު ނަދާ ސިއްސައިގެން ގޮސް ފަހަތަށް ޖެހިލެވުނެވެ.
“ކީއްވެ މިތާ ތި އޮތީ؟ ހިނގާ ކޮޓަރިއަށް” މޭގައި އަތް ޖައްސާލައިގެން ހުރެ ނަދާ ބުންޏެވެ.
“ނަދާ ދޭ” އަޔާޒް ބުނެލީ ރުންކުރު ރާގެއްގައެވެ.
ނަދާ ހީކުރީ ނިދާފައި އޮއްވާ ގޮވުމުން އަޔާޒް ހިތްހަމަ ނުޖެހުނީ ކަމަށެވެ.
“ދޭ އެނދުގަ އޮށޯންނަން…” އަޔާޒްގެ ކޮނޑުގައި އަތް ޖައްސާލަމުން ނަދާ ބުންޏެވެ.
“ޑޯންޓް ޓަޗް މީ!” ނަދާއާ ދުރަށް ޖެހިލަމުން އަޔާޒް ބުނެލީ އަޑަށް ބާރު ލާފައެވެ.
“އަޔާ…” އަޔާޒްއަށް ވީ ގޮތެއް ނުވިސްނިފައި ނަދާއަށް އަޔާޒްގެ ނަން ކިޔާލެވުނެވެ.
“އަހަރެން ދުވަހަކުވެސް ނަދާއަކަށް މާފެއް ނުކުރާނަން” އަޔާޒް ނަދާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
“އަޔާ… އަހަރެން ބޭނުން ވިއޭ ކުރިންވެސް އަޔާ ކައިރީ އަހަން… ވީ ގޮތް ބުނެދޭން—” ރޮވެން އުޅުނު ނަމަވެސް ކަރުނަ ހިފަހައްޓާލަމުން ނަދާ ބުނަން އުޅުނެވެ.
“ނުބުންޏަސް ހެޔޮ، މިއޮތީ ފެންނާކަށްނު… އިތުރަށް ދައްކާނެ ވާހަކައެއް ދެން ނޯންނާނެ” ދުވަހަކުވެސް އަޔާޒްގެ ފަރާތުން އިހުސާސް ނުވާހާ ދުރުކަން އަޔާޒްގެ އެ ބަސްތަކުން ނަދާއަށް އިހުސާސް ކުރެވުނެވެ. އިތުރަށް އެއްޗެއް ބުނަންވެސް ނަދާއަކަށް ނުކެރުނެވެ.
އަނގަމަތީ އެއް އަތް އަޅާލަމުން ނަދާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ބާލީހަކުން މޫނު ފޮރުވާލިއެވެ. ނަދާގެ ރުއިމުގެ އަޑު އަޔާޒްއަށް އިވުން ކުޑަކޮށްވެސް ބޭނުން ނުވާތީއެވެ.
ހުރިހާ ކަމެއް ބަދަލު ވީއެވެ. ނަދާގެ އެއްވެސް ކުށަކާ ނުލައެވެ. އާއިލާއެއް އޮތް ނަމަވެސް ނަދާ އެކަނި ވީއެވެ. އަޔާޒް ދުރުވީތީއެވެ. އެންމެ ގާތް އެކުވެރިޔާ ގެއްލުނީތީއެވެ. އަޔާޒްގެ ރަހުމަތްތެރިކަން ބަދަލުވީތީއެވެ.
އެއްވެސް ކަމެއް ވީ ނަދާގެ ކުށަކުން ނޫނެވެ. ނަމަވެސް އަޔާޒް އެކަން ގަބޫލެއް ނުކުރާނެއެވެ. އެއްވެސް ކަމެއް ނިންމުމުގެ ކުރިން އަޔާޒްއާ ވާހަކަ ދައްކަން ނަދާ މަސައްކަތް ކުރިއެވެ. ނަމަވެސް އަޔާޒް އެ ފުރުސަތު ނަދާއަށް ނުދިނީއެވެ. ދެންވެސް ނަދާއަށް އެ ފުރުސަތު ލިބިދާނެ ހެއްޔެވެ؟ ނަދާ ބުނަން އުޅޭ އެއްޗެއް އަޔާޒް އަޑު އަހާނެ ހެއްޔެވެ؟
ރޯން އޮތް އިރު އެ ކައިވެންޏާ ހަމައަށް ނަދާއާ އަޔާޒް އައި ގޮތް ނަދާގެ ހަނދާނަށް އަންނަމުން ދިޔައެވެ.
******
ނަދާއަކީ ސާޖިދާއާ ޒަމީރުގެ ތިން އަންހެން ކުދިންގެ ތެރެއިން މެދަށް ހުރި ދަރިފުޅެވެ. ހުދާއަށް ވުރެ ތިން އަހަރު ހަގު، އަދި ރިދާއަށް ވުރެ ހަތަރު އަހަރު ދޮށީ ކުއްޖާއެވެ.
ނަދާއަށް ހަ އަހަރުގައި ނަދާގެ ބައްޕަ ޒަމީރު ނިޔާ ވުމުން، ސާޖިދާ ތިން ކުދިން ބަލާ ބޮޑު ކުރީ އެކަންޏެވެ. އިތުރު ކައިވެންޏެއް ކުރަން ސާޖިދާ ބޭނުން ނުވީ، ޒަމީރުއާ ކުރެވުނު ކައިވެނިން ސާޖިދާ ބޭނުންވި ފަދަ ދިރިއުޅުމެއް ނުލިބުމުންނެވެ. އެކައިވެންޏަކީ މައިންބަފައިންނާ ދެކޮޅަށް، ލޯބިން ކުރި ކައިވެންޏެއް ނަމަވެސް ފުރަތަމަ ދަރިފުޅު ލިބުމަށް ފަހު ޒަމީރުއާ ކުރިން އޮތް ގުޅުން ބަދަލު ވީއެވެ. އެކަކު އަނެކަކާ ދުރުވީއެވެ. ސާޖިދާއަކީ ޒަމީރު ބޭނުންވާ ކޮންމެ ވަގުތަކު ބުނި ކޮންމެ ކަމެއް ކުރަން ހުންނަ މީހަކަށް ބަދަލުވީއެވެ. އަމިއްލަ ކަމެއް ކޮށްލާނެ ވަގުތެއް ސާޖިދާއަކަށް ނުވެއެވެ. ރައްޓެއްސަކާ ބައްދަލުކޮށްލަން ނުވަތަ ސާޖިދާގެ އާއިލާ މީހަކާ ބައްދަލުކޮށްލަން ދިޔަޔަސް ޒަމީރު އަންނަން ވާ އިރަށް ގެޔަށް ދާން ޖެހެއެވެ. ޒަމީރު ގެއަށް އަންނަ އިރު ސާޖިދާ ގޭގައި ނެތް ނަމަ ހިތްހަމަ ނުޖެހެއެވެ. އެންމެ ފަހުން ސާޖިދާ ގެއިން ނުނިކުމެ އިންނަން ފެށިއެވެ. ތިން ކުދިން ލިބުނު އިރު ދެމަފިރިންގެ ދެމެދުގައި ހަމަ އެކަނި ނަމެއްގައި ގުޅުމެއް އޮތީއެވެ.
ސާޖިދާއާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް ޒަމީރު ކުދިންނަށް ވަގުތު ދެއެވެ. ކުދިން ދެކެ ލޯބިވާކަން ބަހުންނާ އަމަލުން ފާޅު ކުރެއެވެ. ކުދިންގެ އެއްވެސް ކަމެއްގައި ކުޑަކޮށްވެސް ފަރުވާ ކުޑައެއް ނުކުރެއެވެ.
އެންމެ ކުޑަ ދަރިފުޅު ރިދާއަށް އަހަރެއް ވީ ތަނުން ސާޖިދާ ގޮތެއް ނިންމީ އިތުރަށް އެގޮތަށް އުޅެން ބޭނުން ނުވާތީއެވެ. އެދުވަހު މަސައްކަތް ނިންމާފައި ޒަމީރު ގެއަށް އައުމުން ވަކިވާން ބޭނުން ވާހަކަ ސާޖިދާ ބުނުމުން ޒަމީރުއަށް ލިބުނީ ސިހުމެކެވެ. ވީ ކީއްތޯ އެހުމުން ހަތް އަހަރު ވަންދެން ހިތުގައި އެއްކުރި ހުރިހާ ޝަކުވާއެއް ސާޖިދާ އޮއްސާލިއެވެ.
ޒަމީރުއަށް ދިރިއުޅުމާ މެދު ވިސްނާލެވުނެވެ. ސާޖިދާގެ ޝަކުވާއަކީ ބޭކާރު ވާހަކަތަކެއް ނޫންކަން ޒަމީރުއަށް ވިސްނުނެވެ. ވަގުތުން ސާޖިދާގެ ކިބައިން މާފަށް އެދުނެވެ. އަދި އެއް ފުރުސަތު ދިނުމަށް އެދުނެވެ. ސާޖިދާ އެ ފުރުސަތު ޒަމީރުއަށް ދިނެވެ. އެއަށް ފަހު ޒަމީރުގެ އުޅުން ބަދަލުވިއެވެ. ލޯބިވާ، އަޅާލާ ފިރިއަކަށް ވިއެވެ. ސާޖިދާއަށް ޝަކުވާ ކުރާނެ ފުރުސަތެއް ނުދެއެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު އަލުން އައި ކަހަލައެވެ.
ނަމަވެސް އެ އުފާވެރިކަން މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދިޔައެވެ. ޒަމީރު ބަލިވީ ކުއްލިއަކަށެވެ. ހަފްތާއެއް ވީ ދުވަހު ސާޖިދާއާ ވަކިވެއްޖެއެވެ. ސާޖިދާއަށް ހަމައަކަށް އެޅެން ދުވަސްތަކެއް ނެގިއެވެ.
ޒަމީރު ނިޔާ ވުމުން ދަރިންނާ މެދުވެސް ސާޖިދާއަށް ފަރުވާ ކުޑަ ކޮށްލެވުނެވެ. ތިން ކުދިންނާއެކު ޒަމީރުގެ ގޭގައި ސާޖިދާ އުޅެމުން ދިޔައެވެ. ޒަމީރުއަކީ އާއިލާގައި ހުރި ހަމަ އެކަނި ދަރިފުޅަށް ވެފައި ޒަމީރުގެ މަންމައާއި ބައްޕަ މާކުރިން ނިޔާވެފައި ވުމުން އެ އާއިލާގެ އެއްވެސް ބަޔަކު ނެތުމާއެކު އެގޭގައި އުޅެން ސާޖިދާއަށް ފަސޭހައެވެ. ގޭތެރޭގެ ކަންތަކުގައި ސާޖިދާއަށް އެހީ ވަމުން ދިޔައީ ޒަމީރުގެ އެންމެ ގާތް ރަހުމަތްތެރިޔާ އާތިފްއެވެ.
އާތިފް އަކީ ސްކޫލް ދައުރުން ފެށިގެން ޒަމީރުގެ އެކުވެރިއެކެވެ. ކުރިން ކައިވެންޏެއް ކޮށްފައިވީ ނަމަވެސް އާތިފްގެ އަންހެނުން ނާދިޔާ، އެދެމީހުންގެ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ނިޔާވި ފަހުން އާތިފް ދެވަނަ ކައިވެންޏެއް ނުކުރެއެވެ. އޭގެ ފަހުން އާތިފްގެ ވަގުތު ހުސްކޮށްލީ ނާދިޔާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިހެން ދަރިފުޅު ބަލާ ބޮޑު ކުރުމުގައެވެ. ނާދިޔާއާ އާތިފް ކައިވެނި ކުރި އިރުވެސް އަޔާޒް ގެންގުޅުނީ ނާދިޔާއެވެ. އަޔާޒްއަށް އެންމެ ދެ އަހަރުގައި ހިނގި އެކްސިޑެންޓެއްގައި ނަސްމާއާ ނާޝިދު ނިޔާވުމުން އޭގެ ފަހުން އަޔާޒް ހުރީ ނާދިޔާއާ ނާދިޔާގެ މަންމަ ކައިރީއެވެ. ނާދިޔާ، އަޔާޒް ދެކެ ދަރިއެއް ފަދައިން ލޯބިވާ ކަން އާތިފްއަށް އެނގޭތީ އާތިފްވެސް އަޔާޒްއާ މެދު ދުށީ ހަމަ އެގޮތަށެވެ. އަނބިމީހާ ވަކިވެ ދިޔުމަށް ފަހު އިތުރު ކައިވެންޏެއް ކުރުމުގެ ޚިޔާލެއްވެސް އާތިފް ނުކުރެއެވެ.
އާތިފްއާ އެކީ ޒަމީރުމެން ގެއަށް ދިއުމުގައި އަޔާޒްއާ ޒަމީރުގެ ތިން ކުދިންގެ މެދުގައި ވަނީ ރަހުމަތްތެރިކަން އުފެދިފައެވެ. ވަކިން ޚާއްސަކޮށް އަޔާޒްއާ ނަދާގެ މެދުގައި އޮތީ އެންމެ ގާތް ރަހުމަތްތެރިންގެ މެދުގައި ނޫނީ ނޯންނާނެ ފަދަ އެކުވެރިކަމެކެވެ.
ޒަމީރު ނިޔާވުމުން، ގޭގައި ހަދަން ފަށާފައި ހުރި ތިންވަނަ ފްލޯރ އާތިފްގެ އެހީގައި ހަދާ ނިންމާފައި، އެ ފްލޯރ އާއި ގޭގެ އެންމެ ތިރި ކުއްޔަށް ދީގެން ސާޖިދާ ގެއާ ކުދިންގެ ކަންތައް ބަލަހައްޓަމުން އައީ ކުއްޔަށް ލިބޭ ފައިސާއިންނެވެ.
ދޮއްޓަށް ހުރި ހުދާ އޯލެވެލް ހަދާ ނިމުމާއެކު ސާޖިދާ އެދުނީ ދެން ވަޒީފާއަކަށް ދިޔުމަށެވެ. އިތުރަށް ކިޔަވަން ބޭނުންވާ ކަމަށް ހުދާ ބުނުމުން ސާޖިދާގެ ޖަވާބަކަށް ވީ އޯލެވެލްއަށް ވުރެ މައްޗަށް ކިޔަވަން ބޭނުން ނަމަ ވަޒީފާއަށް ގޮސްގެން އަމިއްލައަށް ކިޔަވާށޭއެވެ. ނޫން ނަމަ ކައިވެނިކޮށްގެން ފިރިމީހާގެ އެހީގައި ކިޔެވުމެވެ.
ކިޔަވާ ނިމި ނަތީޖާ ލިބުމާއެކު ހުދާ ވަޒީފާއަށް ދާން ފެށި އެހެން ވެއެވެ. އަބަދުވެސް ގޭތެރޭގެ މަސައްކަތް އަމިއްލައަށް ކުރަމުން އައި ސާޖިދާ ހުދާ ކިޔަވާ ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރީ އެހުރިހާ ކަމެއް ހުދާއާ ހަވާލު ކުރުމަށެވެ. ނަމަވެސް ހުދާ ވަޒީފާއަށް ދާން ފެށުމުން ސާޖިދާ ދެން އެކަން ހަވާލު ކުރީ ކިޔަވާ ނުނިމި ހުރި ނަދާއާއެވެ.
ކިޔަވަމުން ގޭތެރޭގެ ހުރިހާ ކަމެއް ކުރަން ޖެހުމުން ކިޔެވުމަށް ނަދާއަށް ވަގުތު ނުދެވެން ފެށިއެވެ. ނަމަވެސް ލިބޭ ވަގުތުގައި ނަދާ މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އޯލެވެލްގައި ހީވެސް ނުކުރާ ވަރުގެ ނަތީޖާއެއް ނަދާއަށް ލިބުނެވެ.
އޭގެ އިތުރުން ކެއްކުމަކީ ނަދާ ވަރަށް ކުރާހިތްވާ ކަމަކަށް ވާތީ އުމުރުން އެންމެ ސޯޅަ އަހަރު ވީއިރު އެކި ވައްތަރުގެ ކާތަކެތި ތައްޔާރު ކުރުމުގައި ނަދާ ވަނީ ކުޅަދާނަ ކުއްޖަކަށް ވެފައެވެ.
ސާޖިދާގެ ތިން ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކީ އެކުއްޖަކު ބޭނުންވި ވަރަށް މަންމަގެ ލޯތްބާއި އަޅާލުން ލިބުނު ކުއްޖެއް ނޫނެވެ. ޒަމީރު ނިޔާ ވުމަށް ފަހު ފުރަތަމަ ތިންމަހެއްހާ ދުވަސް ދިޔައީ ސާޖިދާ އެހިތާމައިން އަރައި ނުގަނެވިއެވެ. އޭގެ ފަހުން ދެން ދިޔަ ދުވަސްކޮޅަކީ ޒަމީރުގެ ހަނދާންތަކާ ދުރުވުމަށް ރައްޓެހިންނާ ތިމާގެ މީހުންނާއެކު ގިނަ ވަގުތުތަކެއް ހޭދަ ކުރެވުނު ދުވަސްތަކެކެވެ.
ކައިވެނި ކޮށްގެން ވީ ދިހަ އަހަރުގައި ނުލިބިފައި އޮތް މިނިވަން ކަން އަލުން ސާޖިދާއަށް ލިބުނު ކަން އިހުސާސްވީ އެ ދުވަސްކޮޅުއެވެ. އެހިސާބުން ކުދިންނަށް ކޮށްދޭން ޖެހޭ ކަންތައްތަކަށް ފައިސާ ދީފައި ސާޖިދާގެ ގިނަ ވަގުތު ހޭދަ ކުރަމުން ދިޔައީ ރައްޓެހިންނާ އެކުގައެވެ. ކުއްޖަކަށް ބޭނުންވާ އެއްވެސް ކަމެއް ނުކޮށްދީ، ނުވަތަ ބޭނުންވާ އެއްޗެއް ގަނެނުދީ ސާޖިދާ ދޫކޮށެއް ނުލައެވެ. ނަމަވެސް އެކުދިން ބޭނުންވާ ވަރަށް ވަގުތެއް ސާޖިދާއަކަށް އެކުދިންނަކަށް ނުދެވެއެވެ.
ސާޖިދާ ނުކޮށްދީ ދޫކޮށްލީ އެންމެ ކަމެކެވެ.
“ތިވަރަށް ބޮޑެތިކޮށްފައި، އޯލެވެލް ހެދޭ ވަރުކޮށްދީފަ ދެން އިތުރަށް މަންމައަކަށް ނުވާނެ، ދެން ކިޔަވަން ބޭނުމިއްޔާ އަމިއްލައަށް ކިޔަވާ، ކިޔަވަން ބޭނުން ނުވަންޏާ އަވަހަށް މީހަކާ އިންނަން އުޅޭ، އޭރުން ދެން ރީތިކޮށް އުޅެވޭނީ” އިތުރަށް ކިޔަވަން ބޭނުން ކަމަށް ހުދާ ބުނުމުން ސާޖިދާ ދިން ޖަވާބަކީ އެއީއެވެ.
ސާޖިދާއަކީ ކުދިންނަށް ގޯސް މަންމައެއް ނޫނެވެ. ސާޖިދާ ކަންތައް ކުރީ އޭނައަށް ވިސްނުނު އެންމެ ރަނގަޅު ގޮތަށެވެ. އެކަން ކުދިންވެސް ގަބޫލު ކުރިއެވެ. އެހުރިހާ ދުވަހު ބައްޕައަކާ ނުލާ، އިތުރު ކައިވެންޏެއް ނުކޮށް މަންމަ އެކުދިން ގެންގުޅުނު ކަން އެކުދިން ހަނދާން ނައްތައެއް ނުލައެވެ.
ނަމަވެސް ސާޖިދާއަށް އިހުސާސް ނުވިނަމަވެސް ކުދިންނާމެދު ކަންތައް ކުރެވެނީ ރަނގަޅަކަށް ނޫނެވެ. ކިޔަވާ ނިމުމާއެކު ކުދިންނަށް ކައިވެނި ކުރުމަށް ސާޖިދާ ބާރު އަޅަމުން ދިޔައީ ހުރިހާ ޒިންމާއަކުން މިނިވަން ވުމަށް ބޭނުންވި ވަރުންނެވެ. ކުރިންވެސް ސާޖިދާއަކީ ކުދިންގެ ކަންކަމަށް ވަގުތު ދެވުނު މަންމައެއް ނޫނެވެ. އެ ކުދިން ބޭނުން ވާ ކަންތައް ފައިސާއިން ފުއްދައި ދެވުމުން ސާޖިދާއަށް ހީކުރެވުނީ މަންމައެއްގެ ޒިންމާ އަދާ ކުރެވުނީ ކަމުގައެވެ.
ކިޔެވުމުގެ ޚިޔާލު ދޫކޮށްލާފައި ހުދާ ވަޒީފާއަށް ދާން ފެށިއެވެ. ދެން ސާޖިދާ ދައްކަން ފެށީ ހުދާގެ ކައިވެނީގެ ވާހަކައެވެ. ކައިވެންޏެއް ނުކޮށް ގިނަ ދުވަހު ހުރުމަކީ ސާޖިދާ ބޭނުންވާ ގޮތެއް ނޫންކަމަށް ބުނެ ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް އެވާހަކަ ދައްކަން ފެށިއެވެ. ހުދާ ކައިވެނި ނުކޮށް ހުރީ އެހާ އަވަހަށް ދިރިއުޅުމެއް ފަށަން ބޭނުން ނުވާތީއެވެ. އޭރު ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުން ވި ފަރާތް ހުދާގެ ހަޔާތަށް އައިސްފިއެވެ. ސާޖިދާއަށް އެކަން ނޭނގުނު ނަމަވެސް ފެށުނީއްސުރެ އެކަން ނަދާއަށް އެނގެއެވެ.
ނިހާލްއަކީ ހުދާމެން ގެޔާ ޖެހިގެން ހުންނަ ގޭ ކުއްޖެކެވެ. ހުދާމެންގެ ތިން ބެއިންނާ ނިހާލް އެއީ ކުޑަ އިރުން ފެށިގެންވެސް ރައްޓެހިންނަށް ވީ އެހެންވެއެވެ. މާ ގާތް އެކުވެރިކަމެއް ނޫން ނަމަވެސް އަބަދު ފެނި އުޅެމުން މަދުމަދުން ވާހަކަ ދައްކައެވެ. އެހެން ދުވަސްތައް ދަމުން ގޮސް ނިހާލްއަށް ހުދާ ދެކެ ލޯބި ވެވުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. ނިހާލް ހުދާއަށް ލޯބި ހުށައެޅީ އޯލެވެލްގެ އެންމެ ފަހު ޓެސްޓް ހެދި ދުވަހުއެވެ.
ފުރަތަމަ ހުދާ ދެކޮޅު ހެދިއެވެ. ނިހާލްގެ ސަމާސާއެއް ކަމަށް ހީކޮށްފައެވެ. ނަމަވެސް ގިނަ ދުވަހެއް ނުވެ ދެވަނަ ފަހަރަށް ނިހާލް އަނެއްކާވެސް އެ ހުށައެޅުން ތަކުރާރު ކުރުމުން ހުދާ ހިތްހަމަ ނުޖެހުނެވެ.
“ނިހާލް ތީ އަހަރެންގެ ފްރެންޑެއް، ތީ ފްރެންޑުން ކުރާ ކަހަލަ ސަމާސާއެއް ނޫނެއްނު؟” ހުދާ ބުންޏެވެ.
“މީ ސަމާސާއެކޭ ކާކު ބުނީ، މުޅި ލައިފްގަ ދުވަހަކުވެސް އަހަރެން ކަމަކާ މިހާ ސީރިއަސްއެއް ނުވަން” ނިހާލް ޖަވާބުގައި ބުންޏެވެ.
“ގަބޫލެއް ނުކުރެވޭ… އެހެން ވިއްޔާ ކީއްވެ ކުރިން ނުބުނީ؟ ނޫނީ ކުއްލިއަކަށްތަ ތި ކަހަލަ ހިޔާލެއް ނިހާލްގެ ހިތަށް އައީ؟” ހުދާއަށް ގަބޫލު ކުރަން އުނދަގޫވިއެވެ.
“ނޫން، ކިތަންމެ ދުވަހެއް… ހުދާ ކިޔަވާ ނިމެން ދެން އަހަރެން މަޑުކުރީ. އަހަންނަށްވެސް ނޭނގެ އަހަރެންގެ ހިތް ބަދަލުވީ ދުވަހެއް ބުނާކަށް” ނިހާލް ބުންޏެވެ.
“އަހަރެން ބޭނުން ވަގުތުކޮޅެއް، ވިސްނާލަން” ހުދާއަށް ވަގުތުން ޖަވާބެއް ދޭން އުނދަގޫ ވިއެވެ.
ނިހާލް ހުދާއަށް ވަގުތު ދިނެވެ. ތިން މަސް ވެގެން ދިޔައިރު ތިންވަނަ ފަހަރަކަށް ނިހާލް އެވާހަކައެއް ނުދައްކައެވެ. ނަމަވެސް ހުދާ ދިޔައީ ނިހާލްއާ މެދު ވިސްނަމުންނެވެ. ދުވަހެއް ދުވަހަކަށް ހުދާގެ ހިތް ދިޔައީ ނިހާލްއަށް ލެނބެމުންނެވެ. ތިން މަސް ވީ އިރު އަލުން ނިހާލް އެވާހަކަ ނުދެއްކުމުން ހުދާ މާޔޫސް ވާން ފެށީ ނިހާލް ހުދާ މަތިން ފޫހި ވީ ކަމަށް ހީކޮށެވެ. އެހެން ހުއްޓާ އަނެއްކާވެސް ނިހާލް ހުދާއަށް ލޯބި ހުށައެޅީ ނިހާލްގެ އުފަން ދުވަހުއެވެ.
އެރޭ ދެމީހުން ދިމާވީ ގޭ ކައިރީ ހުރި ފިހާރައިންނެވެ. ނިހާލް ފެނުމުން ހުދާ ނިހާލްއަށް އުފަން ދުވަހުގެ ތަހުނިޔާ ކިއެވެ.
“ތީ ހާދަ ފެންކޮށް ކޮއްލި ވިޝްއެއް؟ ހަމަ އެކަނި ތިހެން ބުނެލައިގެން ގަބޫލު ކުރާ ހިތެއް ނެތް” ސަމާސާ ރާގަކަށް ނިހާލް ބުންޏެވެ.
“ކޯޗެއް ނިހާލް ބޭނުމީ؟ މި ވަގުތު ދެވޭނީ މި ފިހާރައިގަ ހުރި އެއްޗެއް، ބުނެބަލަ” ހީލަމުން ހުދާ ބުންޏެވެ.
“އަހަރެން ބޭނުން ވާ އެއްޗެއް މި ފިހާރައަކުން ނުލިބޭނެ، ހުދާއަށް އެނގޭނެ އަހަރެން ބޭނުން ވަނީ ކޯޗެއް ކަން، އެހެން އެއްޗެއް ބޭނުމެއް ނޫން” ސީރިއަސް ވެފައި ނިހާލް ބުނެލިއެވެ.
ހުދާ އެއްޗެއް ނުބުނެ އިސް ޖަހާލިއެވެ.
“ބުނެބަލަ… ލިބޭނެތަ؟” ނިހާލް މަޑުމަޑުން އަހާލިއެވެ.
“ކޯޗެއް؟” ހުދާވެސް އަހާލީ އެހާ މަޑުންނެވެ.
“ޔޫ! ޖަސްޓް ޔޫ… އޮންލީ ޔޫ…” ނިހާލް ބުންޏެވެ.
“ކީކޭ އަހަރެން ބުނަންވީ؟” ހުދާ އަހާލިއެވެ.
“އާނއެކޭ ބުނޭ… ނޫނީ ބޯ ޖަހާލާ…” ނިހާލް އެދުނެވެ.
ހުދާ ބޯ ޖަހާލިއެވެ.
“ޝުކުރިއްޔާ!” ހުދާގެ އަތް ތިލައިގައި ހިފާލަމުން ނިހާލް މަޑުމަޑުން ބުނެލިއެވެ.
“ދެން ދަނީ” ހުދާ އަވަސް އަވަހަށް ފިހާރައިން ނިކުތެވެ.
ހިނި އައިސްފައި ހުދާ ދިޔަ މަންޒަރު ބަލަން ހުރި ނިހާލްވެސް އިރުކޮޅަކުން ނިކުތެވެ.
ގެއަށް އައި ހުދާ ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެ ހެން ނަދާއަށް ހީވެގެން ސުވާލު ކުރުމުން ހުދާ ހުރިހާ ވާހަކައެއް ނަދާއަށް ކިޔާދިނެވެ. އެއާއެކު ނަދާ އުފަލުން ހަޅޭ ލަވައިގަނެފައި ހުދާ ގައިގައި ބައްދައިގަތެވެ.
“ދެން ނިހާލްބެ މި ވީ ދޮންތަބެއަށް ދޯ؟ ސަޅި!” ނަދާ ބުންޏެވެ.
“ޝްޝް… ހަޅޭ ނުލަވަބަލަ… މަންމައަށް އަޑު އިވިއްޖެއްޔާ ނިމުނީ!” ތުންފަތުގައި އިނގިލި ޖައްސާލަމުން ހުދާ ސިއްރުސިއްރުން ބުނެލީ ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލަމުންނެވެ.
ނިހާލްއާ ހުދާގެ ގުޅުމުގެ ވާހަކަ އެކަކުވެސް ސާޖިދާ ކައިރިއަކު ނުބުނެއެވެ. އަބަދު ކައިވެނީގެ ވާހަކަ ސާޖިދާ ދައްކާތީ އެ ވާހަކައަށް އިތުރު ބާރެއް ދޭން ހުދާ ބޭނުން ނުވީއެވެ. ހުދާ ބޭނުން ވީ އަދި ދުވަސްކޮޅަކު މަޑުކޮށްލާށެވެ.
ހަމަ އެދުވަސްކޮޅު ޝާމިލް ހުދާގެ ފަހަތުން އުޅެން ފެށިއެވެ. ހުދާ ފެންނަ ކޮންމެ ފަހަރަކު ޝާމިލް ހުދާއަށް ލޯބި ހުށައަޅައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ހުދާ ދެކޮޅު ހަދައެވެ. ހުދާ ޝާމިލްގެ ހުށައެޅުމަށް ދެކޮޅު ހަދަނީ އެންމެ ސަބަބަކާ ހެދިއެއް ނޫނެވެ. އެތައް ސަބަބެއް އެކަމުގައި ވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.








ޢީދު މުބާރިކު ހުރިހާ ކުދިން، ހީކުރަން މި ވާހަކަވެސް ކިޔުންތެރިންނަސް ކަމުދާނެ ކަމަށް، ކަމުދާ ނަމަ ކޮމެންޓަކުން އަންގާލަ ދިނުން އެދެން، ދެވަނަ ބައި އިރާދަ ކުރެއްވިއްޔާ ބުރާސްފަތި ދުވަހު ގެނެސްދޭނަން.
Me first dhw..vvv Salhi feshun…
Waiting fr the next part curiously..
Keep it up marsha??????♥♥♥♥
Yes. U r 1st, thnq dear, part 2 tomorrow Insha Allah ?
Vrh reethi Ma Shaa Allah… Keep it up ingey….
Thnq Rifu
Varah reethi
Thnq Ibsha
Vvvv reethi
Thnq rayaa
Mashaa Allah .varah reethi . Kuriyah huri bayah inthizaaru kuran
Thnq Sharu, maadhan a eh baiy kiyaaleveyne InshaAllah
Vvvvvvv reethi
v reethi masha allah… hope u will not stop the story…. curiously waiting … lYSM…
i hope u will read my story nd cmnt…THANK U
Thnq Cute Lips, InshaAllah, will continue till the end dear, I will try inge ??
salhi