އަމާން ފަސްގަނޑަށް
“ބޭން!”
ރަށުގެ ގޮނޑުދޮށުގައި އަލިދީދީ އިނީ މާޔޫސް ކަންމަތީގައެވެ. އިރު އޮއްސެމުން ގޮސް ކަނޑުގެ ތެރެޔަށް ގެނބިގެން ދިޔަކަހަލަ އެވެ. އަވަހަށް ތެދުވީ ގެޔަށް ދާށެވެ. ރަނގަޅަށް ނުތެދުވެވިގެން އުޅެނިކޮށް މުންޑޭ ދުވެފައި އައިސް އަލިދީދީ ކުރިމައްޗަށް ވެއްޓިގަތެވެ. “އަލިދީދީ! އަވަސް ކުރޭ! ކަލޭގެ އަމާ…! …ގެންދަނީ…!”
އަލިދީދީ ގެޔާ ދިމާލަށް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ޖެހިގަތީ ޕޯޗުގީޒު ސިފައިންގެ މީހެއް ގައިގައެވެ. އޭނާ ރުޅިން އެއްޗެކޭ ކިޔައިފައި އަލިދީދީ ބިމަށް ގަޅައިލިއެވެ. ގެއި ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައީ އެ ނުބައި ބާޣީންގެ ދެމީހުންނެވެ. އަލިދީދީ ގެއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ލެޔާ ވަނީ ކުޅެލާފައެވެ. ރަހުމުކުޑަ ގޮތަކަށް ވަނީ އޭނާގެ މަންމަ އަވަހާރަ ކޮށްލާފައެވެ. ވެލިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. މަންމަ ލައިގެން އޮތް ލިބާސްވެސް ވަނީ ތަންތަނުން ވީދި ލެއިން ފޯވެފައެވެ.
**********************************************************
**********************************************************
އައްސުލްތާން އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް ވަނީ 1573 ވަނަ އަހަރު އޭނާގެ ދެބެންނާއިއެކު ދިވެހި ޤައުމު ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ސާލާމަތް ކޮށްދީފައެވެ. ނަމަވެސް އޭގެ ކުރިން ޕޯޗުގީޒުން ވަނީ 1558 ގައި ދިވެހި ޤައުމަށް އަރައި ސުލްތާން އަލީ 6 ޤަތުލްކޮށް ރާއްޖެ އެމީހުންގެ އަނިޔާވެރިކަމުގެ ދަށަށް ގެނެއްސައެވެ. އެ ނުލަފާ ބާޣީންގެ ވެރިޔާ އަނދިރި އަނދިރިންގެ އަތްދަށުގައެވެ. އަދި ކިއެއްތޯ، އިސްލާމް ދީން ދޫކޮށް ނަސާރާ ދީން ގަބޫލުކުރި އެންމެ ފުރަތަމަ ދިވެހި ދަރިއަކީ ސުލްތާން ހަސަން 9، ހިމެނެއެވެ. އެއީ ވަރަށްވެސް އަނދިރި ދުވަސްތަކެކެވެ. ދިވެހި ރާއްޖޭގެ ކަނޑު ލެއިން ރަތްކޮށްލި ދުވަސްތަކެވެ.
***********************************************************
***********************************************************
އަނދިރި އަނދިރިންގެ ކުރިން ދިވެހި ޤައުމުގައި ރަސްކަން ކުރީ ސުލްތާން އަލީ 6 އެވެ. އޭނާ ޤަތުލް ކޮށްލީ 1558 ވަނަ އަހަރުގައެވެ.
އަހަރަކީ 1570 ވަނަ އަހަރެވެ. އަލިދީދީ ވަނީ އޭނާގެ މަންމަ ވަޅުލުމަށްފަހު އޭނާގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ ގޮވައިގެން އެހެން ރަށަކަށް ދިޔުމަށް ތައްޔާރު ވެފައެވެ. އޭނާގެ އެކުވެރިޔާ މުންޑޭ ބުނާ ގޮތުގައި އެރަށަކީ ޕޯޗުގީޒުންގެ އަތް ނުފޯރާ ހިސާބުގައިވާ ރަށެކެވެ. ނަމަވެސް އެރަށަށް ދިޔުން އެއީ ފުރާނައަށް ނުރައްކާވާނެ ކަމަކަށް ވަނީ ވެފައެވެ.
އަލިދީދީގެ ކޮއްކޮ ހައްވަ އަށް ވަނީ 13 އަހަރެވެ. މަންމަ ދުނިޔެ ދޫކޮށް ދިޔުމަށްފަހު ދެ މައިން އުޅެމުން އައީ ވަރަށްވެސް އެކަނިވެރިކޮށެވެ. އެ ނުބައި ބާޣީން އަތުވެދާނެ ކަމުގެ ބިރު ހީވެގެންނެވެ. މުންޑޭގެ ބުނުމަށް އަލިދީދީ އާއި ހައްވަ ބޯޓު އެހެލާ ތަނަށް ދިޔައެވެ. އަދި ނިމިފައި ހުރި ދޯންޔެއް އަލިދީދީއަށް މުންޑޭ ދެއްކިއެވެ.
“މީގައި އަހަރުމެން ފުރާނީ، މިރޭ ދަންވަރު އަހަރެންގެ އިޝާރާތަކަށް ތައްޔާރުވޭ! އިނގޭ!” މުންޑޭ ބުންޏެވެ.
“އާނ! އެންމެ ރަނގަޅު.” އަލިދީދީ ބުންޏެވެ.
“ބޭބޭ! އަހަރުމެންނަށް ޕޯޗުގީޒުންނެ ކިބައިން ސަލާމަތް ވެވޭނެތަ؟” ހައްވަ މާޔޫސްކަންމަތީ އިނދެ އަހާލިއެވެ.
“ފިކުރު ނުކުރޭ ކޮއްކޯ! އަހަރުމެންނަށް މާތްﷲ އިރާދަ ކުރެއްވިއްޔާ ސަލާމަތްކަން ލިބޭނެ.” އަލިދީދީ އޭނާގެ ކޮއްކޮ އަށް ހިއްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.
****************************************************
ރޭގަނޑު ވެއްޖެއެވެ. އަލިދީދީ އިނީ ހައްވަ ކައިރީގައި މުންޑޭގެ އިންތިޒާރުގައެވެ. ހައްވަ އޮތީ ރޮއެ ރޮއެ ވަރުބަލިވެގެން ނިދިފައެވެ. ގެއި ބޭރު ބަލާލިއިރު ޕޯޗުގީޒުންގެ ސިފައިންގެ ދެމީހުން ކަނޑި ހިފައިގެން ފޯރިމަރަން އެނބުރެނީއެވެ. އެމީހުން ތިބިއްޔާ ދެވޭކަށެއް ނޯންނާނެކަން އަލިދީދީއަށް އެނގެއެވެ. ދެން ހަދާނީ ކިހިނެތްތޯ ވިސްނަން ގެއި ތެރޭގައި އިންދައި އިރުކޮޅެއްގެ ތެރޭގައި އިވުނީ މީހެއްގެ ވޭނީ ރުއިމުގެ އަޑެވެ. އަލިދީދީ ބޭރަށް ނުކުމެ ބަލާލިއިރު އެ ގެއާ ދިމާލަށް އެ ސިފައިންގެ ދެމީހުންގެ ފުރާނަ ނެތް މަސްގަނޑު ދަމަމުން ގެނެސް ވެއްދީ މުންޑޭ އާއި ހަސަނެވެ. އެ ދެމީހުންގެ އަތުގައިވެސް ދެ ކަނޑި އޮތެވެ.
“ސުބުހާނައްﷲ! ކީއް ތިކުރީ؟” އަލިދީދީ ހާސްވެފައިހުރެ އަހާލެވުނެވެ.
“ހަމަޖެހޭ! ދެން މިއީ އަހަރުމެން މިރަށުގައި ހުންނަ ފަހު ވަގުތު ކޮޅު ކަމަށް ބަލާ! ހިނގާ އަވަހަށް ދާން! ކޮއްކޮ އަށް ގޮވާ!” މުންޑޭ ބުންޏެވެ.
އަލިދީދީ ހައްވަ އުރާލިއެވެ. މަރުވެފައި އޮތް ދެ ބާޣީންނަށް ބަލާލާފައި ދެން އެރަށުގައި ހުރުން އެއީ އަލިދީދީގެ ނިމުން ކަން ޔަގީންވިއެވެ. ކޮންމެ ގޮތެއްވިޔަސް ދެން ޖެހޭނީ ދާންށެވެ. އަވަހަށް މުންޑޭ އާއި ހަސަނުގެ ފަހަތުން އަލިދީދީ ދުވަމުން ގޮސް ވަލުތެރެއަށް ވަނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ދުރު ހިސާބަކުން ފިޔަވަޅުގެ އަޑު އިވެން ފެށިއެވެ. ވަލުތެރޭގައި އެމީހުން ނޫން އެހެން ބަޔަކު އެބަ އުޅޭކަން އެނގުނެވެ.
“މަޑުކުރޭ! އަހަރެން އެބަ ބަލާލަން. ހަނގުރާމައަށް ތައްޔާރުތަ؟” މުންޑޭ މިހެން ބުނެލުމުން އަލިދީދީއަށް ސިހުންއެރިއެވެ.
“ކީކޭ؟ ހަނގުރާމައޭ؟” އަލިދީދީ އަތުގައި މަރާލި މީހުންގެ ކަނޑިއެއް އޮތެވެ. ކަނޑި އުރައިން ނަގާ އަތަށް ހެއޮވަރު ކޮށްލިއެވެ.
މުންޑޭ ހިނގަމުން ދިޔައީ ތަންކޮޅެއް ކުރިންނެވެ. އޭނައާ ދެ ފޫޓުވަރު ދުރުން އަލިދީދީ ހައްވަ އުރައިގެން ހިނގަމުން ދިޔައެވެ. އެމީހުންގެ ފަހަތުން ހަސަނު ހުށިޔާރު ކަމާއިއެކު އައެވެ. ނަސީބު ކަންދިމާކުރިގޮތުން އެއްވެސް ނުރައްކަލެއް ކުރިމަތިނުވެ ދޯނި އެހެލާ ތަނަށް އާދެވުނެވެ. އެތާ ގޮނޑުދޮށުގައި ބާލާފައި އޮތް ފައިބަރު ދޯންޏެއް އޮތެވެ. އަލިދީދީ ދޯންޏަށް ނަޒަރު ހިންގާލިއިރު އޭގައި ބަޔަކު އުޅޭކަން އެނގުނެވެ.
“އެއީ ދޯނި ކެއޮޅުބޭއާއި ފަޅުވެރިން. މަދު ރައްޔިތުންކޮޅެއްވެސް އުޅޭނެ. ހީވާ ގޮތުން މިރަށުން ދެން މި ތަނަށް އާދެވޭނެ އިތުރު ބަޔަކު ނުތިބޭނެ. އަހަރުންނަށް ވާނެ ވަރަކީ މިއީ!” މުންޑޭ ބުންޏެވެ.
“ލަތީފާ އެބައިންތަ ދޯނީގައި؟ އެ ޕޯޗުގީޒުންގެ ދެވަނަ ބޮޑުގޭ ކައިރީގައި އުޅޭ ލަތީފާމެން. އެމީހުން އެބަ ތިބިތަ؟” އަލިދީދީ އަހާލިއެވެ.
“ނޫން. އެމީހުންނަކަށް ނާދެވޭނު. އެ މީހުން ކިހިނެތް ނުފެނި އެހިސާބުން އަންނާނީ. މިއީ ހުރިގޮތް އައްޔާ! ހިއްވަރު ކުރޭ! ކޮއްކޮ ސަލާމަތް ކުރަން ބޭނުންތަ؟ އެހެންވިއްޔާ ހިނގާ ދޯންޏަށް ލަސްނުކޮށް އަރަން ދެންވެސް.” މުންޑޭ އަލިދީދީއަށް ވިސްނައި ދިނެވެ.
މުންޑޭ ވެސް އެބުނީ ތެދެކެވެ. ލަތީފާ ދެކެ ކިތަންމެ ލޯބިވިޔަސް ދެން ޖެހޭނީ ކޮއްކޮއަށްޓަކާ އެމަންޖެއަށް އަލްވަދާޢު ކިޔާށެވެ. އަލިދީދީ ދޯނިއާ ގާތް ވެލާފައި ފަޅުވެރިއެއް އަތަށް ހައްވަ ދިއްކޮށްލިއެވެ. އަދި އަރަން އުޅެނިކޮށް ވަރަށް ބާރުމިނެއްގައި ދުނި ތީރެއް ވައިއަޅުވާލާފައި އައިސް އަލިދީދީގެ އަތަށް ހެރިއްޖެއެވެ. “އައްދިއްޔޯއި!” އަލިދީދީއަށް ރޮއެގަނެވުނެވެ.
ހިއްވަރު ކޮށްލާފައި އަލިދީދީ އެ ތީރު އަތުން އުފުރާލިއެވެ. ރާސްލާފައި އެ ޒަހަމުން ލޭ އޮހެރެން ފެށިއެވެ. އަވަހަށް މުންޑުން ފޮތިކޮޅެއް އިރާލުމަށްފަހު އަތުގައި ވަރަށް ބާރުކޮށް ބަނދެލިއެވެ. އަދި ފުރާނައަށް ކަނޑިނަގައި ހަނގުރާމައަށް ތައްޔާރުވިއެވެ. އެއިރު މުންޑޭ އާއި ހަސަނު ވަނީ އެމީހުނަށް ހަމަލަދޭން އައި ބާޣީންތައް މަރާލާފައެވެ.
ހަސަނަކީ ސުލްތާން އަލީ 6 ގެ ރަސްކަމުގައި ހުރި ސިފައިންގެ ލަޝްކަރުގެ ތިންވަނައަށް ކޮމާންޑްކުރި ވެރިޔާއެވެ. މުންޑޭއަކީ ކުރީގެ ސިފައިންގެ މީހެކެވެ. އަލިދީދީއަކީ މުންޑޭގެ އެންމެ ގާތް އެކުވެރިޔާއެވެ.
އިތުރު ހަތަރު ޕޯޗުގީޒުންގެ ސިފައިން އެތަނަށް އައިއްސިއެވެ. އަދި އަލިދީދީމެނާ ކަނޑި ހަނގުރާމައެއް ފެށިއެވެ. ދޯނިން ތިން ފިރިހެނަކު ފައިބައި މަރުވެފައިތިބި މީހުންގެ އަތުން ކަނޑިއާއި ދުނި ތީރު ނަގާ ހަނގުރާމައިގައި ބައިވެރިވިއެވެ. އަލިދީދީ އަކަށް އެމީހުންހާ ކުޅަދާނަކޮށެއް ކަނޑިން ހަމަލާދޭކަށް ނޭނގުނެވެ. އަދި ވައަތް ޒަހަމްވެފައި ވުމުންވެސް މެއެވެ. އަލިދީދީއަށް ހަމަލަދޭން ހުރި ބާޣީގެ ކަރަށް ކަނޑިޖަހައި މަރާލީ މުންޑޭއެވެ. އަދި އަލިދީދީއަށް ދުނިތީރު ދީފައި ރައްކާވެ ހުރުމަށް ނަސޭހަތްތެރިވިއެވެ. އަލިދީދީ ތީރު ކޮތަޅަށް ފުރާ ތީރު ހޮވާ އަޅައިލިއެވެ. އަދި ދުވެފައި ގޮސް ދޯންޏަށް އަރާ ތީރު ޖަހަން ތިބި މީހުނާ އެއްބައިވެ ތީރު ޖަހަން ފެށިއެވެ. ޕޯޗުގީޒުންގެ ސިފައިން މެދުކެނޑުމެއްނެތި އަންނަނީއެވެ. އެމީހުންގެ ސިއްރު ރޭވުން ފަޅާއެރީތާއެވެ. މާ ދުރުން އަލިތަކެއް ފާޅުވާން ފަށައިފިއެވެ. ޔަގީނުންވެސް ބާޣީންގެ ލަޝްކަރެއް އަންނަނީއެވެ.
“މުންޑޭ! އެންމެނޭ! އަވަހަށް އާދޭ ދޯންޏަށް އަރަން!” އަލިދީދީ ހަޅޭއްލަވަން ފެށިއެވެ.
ކެއޮޅުބޭގެ އެންގުމަށް ފަޅުވެރިންތައް ފަލިޖަހަން ފެށިއެވެ. ހުރިހާ ދިވެހިންތައް އައިސް ދޯންޏަށް އަރައިފިއެވެ. ކައިރީގައި އޮތް ދެ ދޯނީގައި ހަސަނު ހުޅުޖަހައި ރޯކޮށްލާފިއެވެ. އެތަން އަލިދީދީއަށް ފެނުމުން އަވަސްވެ އަލިފާނުގެ ތީރެއް ތައްޔާރުކޮށް އެ ދޯންޏަށް ގައިހުރި ބާރުލާ ދޫކޮށްލިއެވެ. އެ ތީރުޖެހި އިތުރަށް ދޯނީގައި ރޯވާން ފެށިއެވެ. ދިވެހިންގެ ދޯނި ފަޅުތެރެއަށް ވަދެ ގޮނޑުދޮށުން ބޭރުވެއްޖެއެވެ. އެއިގެ ކުރިން ހަސަނަކަށް ދޯންޏަށް އެރޭގޮތެއް ނުވިއެވެ. މާ ލަސްވީއެވެ. ބާޣީން އައިސް ހަމަކުރީއެވެ. ހަސަނު މަހެއްގެ ކަރު ކަނޑާލާހެން ބާޣީން އޭނަގެ ކަރު ކަނޑާލާ ބިމަށް އެއްލައިލީ ދިވެހިން ބަލަން ތިއްބައެވެ. ހަސަނު ޝަހީދުވެގެން އެދިޔައީއެވެ. އޭނާގެ ފުރާނަ ޤުރުބާން ކުރީ ދިވެހިންނަށްޓަކައެވެ. ދޯނިތަކުގައި ހުޅުޖަހައި ބާޣީންނަށް ފަހާ ނާދެވޭނެގޮތް ހަދައިދިނީއެވެ.
ޕޯޗުގީޒުން މަސައްކަތް ކުރަމުން ދިޔައީ ހުޅު ނިއްވާށެވެ. އެއް ދޯނި ވަރަށްވެސް ބޮޑަށް އަނދައި ދިވެހިންގެ ލޯ ކުރިމަތީގައި ހަލާކުވެގެން ގޮއްސިއެވެ.
އަލިދީދީ އައިސް އިށީނުމުން ހައްވަ އައިސް އަލިދީދީގެ އުނގުގައި އޮށޮއޮތެވެ. “ބޭބޭ! ދެން ކިހިނެތް ވާނީ؟”
މުންޑޭ ހަސަނުގެ ޤުރުބާނަށް ހިތާމަ ކުރަނީއެވެ. ދޯނީގައި ތިބި އަންހެން ވެރިން އެމީހުންގެ ފިރިން ހަމަޖައްސައިދެނީ އެވެ.
ދޯނި ކަނޑަށް ނުކުތުމުން ރިޔާ ނެގިއެވެ. ވައި ހުރީ ކެއޮޅުބޭ ލަފާކުރިގޮތަށެވެ. އެއީ ހަމަ ދަތުރު ފަށަންވީ އެންމެ ރަނގަޅު ވަގުތެވެ. ފުރަންވީ ވަގުތު މި ހަމަޖެއްސުނީ ހަމަ އެންމެ ރަނގަޅަށްކަން އެނގި ކެއޮޅުބޭގެ މޫނަށް އުފަލުގެ ކުލަވަރު އައެވެ. މުންޑޭ ކެއޮޅުބެއާ ހަމަކޮށްފައި އަހައިލިއެވެ. “ކޮބާ ދެން ކިހާ އިރަކުން ދެވޭނީ އެރަށަށް؟”
އަލިދީދީ އިނީ އޭނާގެ ލޯބިވެރިޔާ ލަތީފާ ދޫކޮށް އާދެވުމުން އެކަމާ ފިކުރުބޮޑުވެފައެވެ. ހައްވައަށް އޮތީ ނިދިފައިކަމުން އަލިދީދީ މަޑުމަޑުން ހައްވަގެ ބޯ އުނގުން ނަގައި، ގަމީސް ބާލާފައި އޮޅާލުމަށްފަހު ހައްވަގެ ބޯދަށަށް ލިއެވެ. އަލިދީދީ ކައިރީގައި އިށިއިންދެގެން އިނީ އޭނާގެ އުމުރުފުރައިގެ އަންހެނެކެވެ. އަދި އަލިދީދީ އެ މަންޖެއަށް ބަލައިލުމުން ހީނލިއެވެ. އަދި ބުންޏެވެ. “އަލިދީދީ ވަރަށް ހިއްވަރުގަދަ. އަހަރެން ހީނުކުރަން އަލިދީދީ ގައި އެވަރުގެ ހިއްވަރެއް ހުންނާނެކަމަކަށް.”
“ތިއީ ފާތުމަ… މޭވާގޭ ދޮން ފާތުމަ ދޯ؟” އަލިދީދީ އަހައިލިއެވެ.
“އާނ، އެނގިއްޖެ ދޯ.” ފާތުމަ އަނެއްކާވެސް ހީނލާފައި ބުންޏެވެ.
“ކާކަށް ނޭނގޭނީ ދޮން ފާތުމަ. ފާތުމަ ކަހަލަ ރީތި ކުއްޖަކު ނޭނގި ހުރެެދާނެތަ ރަށުގެ އެއްވެސް މީހަކަށް؟” އަލިދީދީ މިހެން ބުނުމުން އަނެއްކާވެސް ފާތުމަގެ ހުދު ދަތްޕިލަ ދައްކާލިއެވެ.
ދޯނީގެ ދުވެލި ކުޑަކޮށް ބާރުވެއްޖެއެވެ. އަދި ވައިގަދަވެ ދޯނި ދެކޮޅަށް ކުޑަކޮށް ތެޅެން ފެށުމުން ފާތުން ކޮންޓްރޯލްއިން ނެއްޓިގެން ގޮސް އަލިދީދީގެ ގައި ޖެހި ކޮލަށް ދޮނެއް ދެވުން ކަހަލައެވެ. ލަދުން މޫނުގައި އަތް އަޅައި ހޭން ފެށިއެވެ.
“ހާދަ ވަރަކަށް ހެނީ؟ މޮޔަވީތަ ފާތުމާ؟” އަލިދީދީ ބުންޏެވެ.
“ސާބަސް! … މާ ބޮޑަށް އުފާވެވުނީ އަސްލު.” ފާތުމަ ބުންޏެވެ.
“މަށަށް ދޮނެއް ދެވުނީމަތަ؟” އަލިދީދީ އެހެން ހީކޮށް ޔަގީން ކޮށްލަން އަހައިލިއެވެ.
“ސަމާސާ ނުކޮށްބަލަ! އެ ނުބައި ޕޯޗުގީޒުންގެ އަތްދަށުން އަހަރުމެން ސަލާމަތްވީމަ ދެން މިނިވަންވީއޭ ހިތަށް އަރާ އުފާވަނީ. އަލިދީދީމެންގެ ހިއްވަރުން މިކަން މިވީ! ދޮނެއް އެކަނިތަ ދޭންވީ؟ ހުރިހާ އެއްޗެއްވެސް އަލިދީދީ އަށް ދޭންޖެހޭ ތި ކޮށްދިން ކަންތަކުން.” ފާތުމަ ކިޔައިދިނެވެ.
“ހޫން އެންމެ ރަނގަޅޭ ދެން ތިވަރު ނުކުރިޔަސް. ދެން ބުނެބަލަ، ޕޯޗުގީޒުންގެ ލޮލުގައި ފާތުމަ އަޅައެއް ނުގަނޭތަ؟” އަލިދީދީ އަށް އަހާލެވުނެވެ.
ފާތުމައަށް ސިހުންއަރައި އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އަދި ބޯޖަހައި ހަމަހިމޭންކަމުގެ ތެރެއަށް ފޭދުނެވެ.
އަލިދީދީއަށް މި އެހުނީ ރަނގަޅު ސުވާލެއް ނޫންކަން އެނގުނެވެ. އަދި މައާފަށް އެދިފައި ތެފުވެގެން ގޮސް ކެއޮޅުބޭ ކައިރީ އިށިއިނެވެ.
******************************************************
އަލިދީދީއަށް ހޭލެވުނު އިރު ފަތިހުގެ އިރު ކަނޑުރޮނގުން ދައްކާލަނީއެވެ. ދޯނީގެ ހިޔާތެރޭގައި އެންމެން އޮތީ ނިދާފައެވެ. ދޯނީގެ ރިޔަލުގައި ކެއޮޅުބޭ ހުރީ ހިފަހައްޓައިގެންނެވެ. ތިން ފަޅުވެރިން ތިބީ ކެއޮޅުބޭގެ އިޝާރާތަކަށް ބަލަބަލައި ނިދި ޖެހިޖެހިއެވެ. އަލިދީދީއަށް އޮއެވުނީ ހިޔަލުން ބޭރުގައެވެ. ތެދުވެ ކެއޮޅުބޭ ކައިރިއަށް ގޮސް އަހައިލިއެވެ. “ކިހާ ކައިރިވެދާނެ މިހާރު އެ ރަށާ؟”
“މިހާރު ދެން މި ވީހާ އިރެއް ނުވާނެ ކޮއްކޯ! މައްސަލައަކީ އެއޮށް ރަށުން އަހަރުން ފެނިގެން އަންނަ ދޯންޏެއް. ޕޯޗުގީޒުންގެ ދިދަ ނަގާފައި އެ ހުރީ! ދެން ކިހިނެތް ހަދާނީ؟ އަންނަނީވެސް ހާދަ ބާރަކަށޭ!” ކެއޮޅުބޭގެ ވާހަކަ ހުރިގޮތުން އޭނާ ހުރީ ހާސްކަންމަތީގައިކަން އަލިދީދީއަށް އެނގުނެވެ.
“ހާސްނުވޭ! އިހަށް ކަންތައް ކުރިހެން ދެންވެސް ކަންތައްކުރާނީ! އަހަރުންގެ ތަން މިއީ! މިތާގައި ގަދަވާނީވެސް އަހަރުމެން!” އަލިދީދީ މިހެން ބުނެ ކެއޮޅުބޭއަށް ހިއްވަރު ދިނެވެ.
ދޯނީގައި ތިބި އެންމެނަށް ގޮވާ ހަނގުރާމައަށް ތައްޔާރުކުރިއެވެ. ޕޯޗުގީޒުންގެ އޮޑި އައިސް ދިވެހިންގެ އޮޑިއާ ހަމަ ކޮށްލިއެވެ. ކަން ވެގެން ދިޔައީ އެއްވެސް މީހަކު ހީކުރިގޮތަކަށް ނޫނެވެ. އެ އޮޑީގައިވެސް ތިބީ ދިވެހިންނެވެ. ދެ އޮޑި ކައިރިވެލާފައި އެ އޮޑިން މުސްކުޅި މީހަކު އަލިދީދީމެން އޮޑިއަށް ފޭބިއެވެ. އަދި ޕޯޗުގީޒުންގެ ދިދަ ނަގައިގެން އެ ދުއްވަނީ އޮޅުވާލުމަށްކަމަށް ބުނެ އެމީހުން އެރަށް ދޫކޮށް ދާ ސަބަބުވެސް ކިޔައިދިނެވެ. އިއްތިފާގުންނަމަވެސް ދެ އޮޮޑިއަށް މި ދެވެނީ އެއް މަންޒިލަކަށެވެ.
*******************************************************
ދެ ދޯނިވެސް އެއް ބާރުމިނެއްގައި ވަޔާއިއެކު ދަތުރުކުރަމުން ދިޔައެވެ. ކުއްލިއަކަށް ފަހަތުން އަނެއްކާ އެހެން ދޯންޏެއް ދައްކާލިއެވެ. ހަމަ ޕޯޗުގީޒުންގެ ދިދަ ނަގާފައި ހުރި ދޯންޏެކެވެ. އަލިދީދީމެން ތިބީ ހަދާނެގޮތް ނޭނގިފައެވެ. އެއީ އަނެއްކާވެސް ދިވެހިން ކަމުގައި ވެދާނެތީއެވެ. ވަރަށް ކައިރިވަންދެން މަޑުޖެހިފައި ތިއްބައި ދެން ފެނުނީ ބާޣީންތަކެވެ. ބާޣީންގެ އޮޑި އައިސް އަލިދީދީމެން އޮޑީގައި ވަރަށް ބާރަށް ޖައްސައިލިއެވެ. ދެން ފުންމަމުން ބާޣީން އެ އޮޑިއަށް އަރަން ފެށިއެވެ.
“މިއީ އަހަރުމެންގެ ތަނޭ ބުނެފީމެންނު!” އަލިދީދީ ރުޅިއައިސް މިހެންކިޔައި ދުނި ޖަހަން ފެށިއެވެ.
އަލިދީދީގެ އަމާޒު ވަރަށް ރަނގަޅެވެ. މޫދަށް ދިޔައީ ފަހަރަކު ބާޣީއެއް ވައްޓަމުންނެވެ. މުންޑޭ ހަޅޭއްލަވަމުން އެމީހުންނާ ކަނޑިން ހަމަލާ ދެމުން ކަނޑަށް ކޮށްޕަމުން ދިޔައެވެ. އެމީހުންގެ ގިނަބަޔަކަށް ފަތާކަށް ނޭނގެއެވެ. ނަސްރުއޮތީ ދިވެހިންގެ އަތުގައެވެ. ޖެހިގެން އޮތް ދިވެހިންގެ އޮޑިން ބަޔަކު އަރާ އަލިދީދީމެނަށް އެހީވާން ފެށިއެވެ. އެ މަންޒަރު ބަލަން ފާތުމަ އިނީ ހައްވަގެ މޫނު އޭނާގެ މޭތެރެއަށް ފޮރުވައިލައިގެންނެވެ. ޕޯޗުގީޒުންނަކަށް މިތާކު މޮޅުވެވޭނޭ ގޮތެއް ނުފެނުނެވެ. އެމީހުންގެ ކެޕްޓަން އަންގަމުންދިޔައީ އަވަހަށް އަނބުރާލުމަށެވެ. ނަމަވެސް އެމީހުން ދިޔަދޭކަށް އެކަކުވެސް ނޭދެއެވެ. ސަބަބަކީ އެމީހުންގެ ލަޝްކަރަށް ޚަބަރުލިބި އަނބުރާ އަންނާނެތީއެވެ. ކަނޑުގައި ކުރި ހަނގުރާމަ ނިމިގެން ދިޔައީ ދިވެހިންނަށް ނަސްރު ލިބިގެންނެވެ. އެމީހުންގެ ފުރާނަނެތް ހަށިތައް ކަނޑަށް އަޅައިލާ އެމީހުންގެ އޮޑި ހިސޯރު ކުރިއެވެ. ތިންވަނަ އޮޑިއަށް ބަޔަކު އަރައި އެކުގައި ދަތުރު ކުރިޔަށް ގެންދިޔައެވެ.
********************************************************
މެންދުރުފަސްވެ އިރުގެ އަލިކަން ފޭދުމުން އެމީހުންނަށް ވަނީ ދާން ބޭނުންވި މަންޒިލަށް އާދެވިފައެވެ. އަލިދީދީ އާއި ފާތުމަ ހައްވަ ގޮވައިގެން އެ ރަށަށް ފޭބީ އާ އުންމީދުތަކަކާއިގެންނެވެ. ތިން އޮޑި ގޮނޑުދޮށުން އެއްގަމަށް އަރުވައި ވަލުތެރޭގައި ފޮރުވިއެވެ. އަދި ހަތިޔާރުތައް ރައްކާކުރިއެވެ. މާޒީ މާޒީގެ ގޮތުގައި ބާއްވައި އެންމެންވެސް ބެލީ އަލުން އައު ހަޔާތެއް ފަށާށެވެ.
-ނިމުނީ-
6 Comments!
Comments are closed.


What… mee aslu story eh nuun dhw… aslu storyga ali rasgefaanu maru ve ehnu
aan, mi hiyaalee vahaka eh. 🙂
Mivaahaka hama vvv reethi…A.S.Cain ge faraathun mikahala vaahakathah kiyaalan libeynekamau ummeedhukuran
Vvv habeys
V bodah Shukuriyyaa Dhonthee!in sha Allah adhives ithuru vaahaka thakeh genesdheveytho balaanan. 🙂
Impressive❤
thankyou Eiiverr 🙂