ދާނެ މަންޒިލެއްނެތް މަގުގެއްލިފައިވާ މުސާފިރެއް ފަދައިން މަތީނު މަޑު ހިނގުމެއްގައި ގޮސް ސަޙަރާގެ ތެރެއަށް ވަނެވެ. ދެން ވީ ގޮތެއް ނޭނގެއެވެ.
މަތީނަށް ހޭލެވުނުއިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. މުޅިމީހާވަނީ ހިކި އަނަރޫފަ ވެފައެވެ. މޫނުމަތިން ފެންނަމުންދަނީ ހިތާމަޔާއި ހިތްދަތިކަމެވެ. ދެލޯވަނީ ވަޅުވަދެފައެވެ. ކޯތާފަތްވަނީ ވަޅުވަދެފައެވެ. އޭނާގެ ފަން އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހާވާލެވިފައެވެ. އެއްވެސް ތަރުތީބެއް ނެތިއެވެ. ފުރާނަ ހުރި ނަމަވެސް މައްޔިތެކޭ އޭނާއެކޭ މާ ބޮޑު ތަފާތެއް ނެތެވެ. މަތީނަށް ބަލައިލާ ކޮންމެ މީހަކަށްވެސް އޭނާވަނީ ބަރުދާސްތު ނުކުރެވެފަދަ ވޭނެއްގައިކަން ފަހުމްވާނެއެވެ.
ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޙަޔާތު ނާ ކޮޅިގަނޑެއްގައި ޖެހި ބަންޑުންވުމުން ވާނީ މިހެން ނޫން ހެއްޔެވެ؟ ގަދަ ކަނޑުގެ ހޮޅި ރާޅުތަކުގެ ތެރޭގައި ޣަރަގުވަމުންދާ މީހަކު އެކަން ތަޙައްމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ މަތީނުގެ ދިރިއުޅުން މިއަދުވަނީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. އަދި އެ ވަޅުގަނޑުގައި އޭނާގެ ގައިގެ ތަންތަނުން ލޭކޮށި ދިރިއުޅުން އިންދިރާސް ވެއްޖެ އެވެ.
މަތީނު އެނދުގައި އޮވެ ވީރާނާ ވެފައިވާ އޭނާގެ ޙަޔާތާއިމެދު ވިސްނަންފެށިއެވެ. އެ ވޭނީ އިޙްސާޞްތައް މުޅި ހަށިގަނޑުންވެސް ކުރާ ކަހަލައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދިރިހުއްޓާ މަރުގެ އިންޒާރުގެ ލިބުމަކީއެއްވެސް އިންސާނަކަށް ތަޙައްމަލުކުރެވޭނެ ކަމެއް ހެއްޔެވެ؟ އޭނާގެ ޙަޔާތާއިމެދު ވިސްނާލުމާއެކު މަތީނުގެ ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ. ހަމަ މިއާއިއެކު އޭނާގެ މާޒީގެ ފީތާތައް އޭނާގެ ކުރިމަތީގައި ކުލަ މަންޒަރުތަކެއް ފަދައިން ސިފަވާން ފެށިއެވެ.
އެއީ ގާތްގަނޑަކަށް މީގެ ފަނަރަ އަހަރެއްހާ ދުވަސް ކުރިއެވެ. މަތީނަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދެމީހުންގެ ލޯބީގެ ނިޝާނެވެ. އެހެންކަމުން އެ ދެމަފިރިން މަތީނުދެކެ ވަނީކީ އަމަށަކު ލޯތްބެއްނޫނެވެ. އެ ދެމަފިރިން މަތީނު ބަލަމުންއައީ ލޮލުގެ ކޮއި ފަދައިންނެވެ. ހިތުގެ ފަނާރު ފަދައިންނެވެ. މަތީނުގެ ހާޖަތްތައް ފުއްދައިދިނުމަށް ކޮންމެ ދުވަހަކު މުލުހާލު ތުބަށް ތެދުވެ އެތައް މިންނެތް މަސައްކަތްތަކެއް ކުރެއެވެ. މަތީނުގެ ދިރިއުޅުމުގެ ތަރަޙަ އެންމެ އެދެވޭ ގޮތުގައި ބިނާ ކުރުމަށް ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. މަތީނަކީ މުޖުތަމަޢު ޤަބޫލުކުރާފަދަ އާރުލާ ދަރިޔަކަށް ހެދުމަށް ތެޔޮނާޅާ އެންމެ ބައްތިއެއްވެސް ނުބަހައްޓައެވެ. އަހަރެމެން އުޅެން އަންގަވައިފައިވާ ގިއުގަނޑުން ބޭރަށް އެންމެ ފިޔަވަޅެއްވެސް އެޅިއަނުދީ އެދެމަފިރިން މަތީނު ބޮޑުކުރަމުންއައީ ފިނިފެންމަލުގެ ދާނެއްގައެވެ. މީގެ އިތުރުން މަތީނު ދަތުރުކުރަމުންދިޔަ ނައު ރީތި ސާލަކަށް ބީއްސާލުމަށް އެތައް މިންނެތް މަސައްކަތްތަކެއް ކުރެއެވެ.
ނަތީޖާއެއްގެ ގޮތުން މަތީނު ވީ ހުނިޖަހައިލެވޭފަދަ ކުއްޖަކަށެވެ. މި ޒަމާނުގައި މީހަކަށް ނުލިބޭނެފަދަ އަގުމާތް ޖައުހަރަކަށެވެ. އަޚްލާޤީ ގޮތުންވެސް އޭނާއަކީ އެއްވަނައެވެ. މަތީނަކީ ފޯދެމުންއައި ފަސްމީރު ކުރިރުކެކެވެ. ލާމަސީލު މިސާލެކެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ކިޔެވުމަކީ މުހިންމު ކަމެއްކަން މަންމަ ވިސްނައިދީފައިވާތީ ކިޔެވުމުގައިވެސް ރަންވަނަތަކެއް ޙާޞިލްކުރިއެވެ. މުޅި ސުކޫލުގައިވެސް މަތީނާއި އަރައި އަރަފޯދޭނެ އެެއްވެސް ކުއްޖަކު ނެތެވެ. މަތީނަކީ ދުރޫސުލް އަޚްލާޤުގެ މާތް ސިފަތަކުން ޒީނަތްތެރި ވެފައިވާ ކުއްޖެކެވެ. އޭނާގެ މި ހުރިހައި އަރުތައެއްގެ މުގުލުގައިތިބީ އޭނާގެ ހަންހާރަވެތި މައިންބަފައިންނެވެ.
ސުކޫލު ދައުރު ނިންމުމަށްފަހު މަތީނު ބޭނުންވީ އިތުރަށް ކިޔެވުމަށެވެ. އޭނާގެ ލޭފަވެތި މައިންބަފައިންގެ ޝަޢުޤަށް ފެންދިނުމަށެވެ. ނަމަވެސް އޭގެކުރިން ޒަވާޖީ ޙަޔާތެއް ފެށުމަށް މަތީނު ނިންމިއެވެ. އޭނާގެ މަންމައަށް އެހީތެރިވާނެ އަންހެން ދަރިއެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.
މަތީނުގެ ހެއު ޚުލްޤުގެ ސަބަބުން އޭނާއާށް ތަފާތު ފެންވަރުގެ ތަފާތު ގިންތީގެ މީހުންގެ ހުށަހެޅުންތައް ލިބެމުން ދިޔައެވެ. މި އެންމެން ގެ ތެރެއިންވެސް މަތީނު ހޮވާލީ މިޝްޔާއެވެ. ލޯލާރިތަގެއްގެ ތެރެއިން ރަން ފައުނެއް ހޮވާލާފަދަ ގޮތަކަށެވެ.
މިޝްޔާ އާއި މަތީނު ދިމާވީ ސްލޫލު ދައުރުގައެވެ. މިޝްޔާއަކީ މަޑުމައިތިރި އޯގާތެރި ކުއްޖެކެވެ. އެ އޯގާތެރިކަމުގެ އޮށުން ލޯބީގެ ގަސްފެޅީ ކޮންއިރަކުކަމެއް އެކަކަށްވެސް ނޭނގެއެވެ. އެދުވަހުން ފެށިގެން އެދެމީހުން ލޯބީގެ ގަހަށް ފެންދީ ބޮޑުކުރަމުން ގެންދިޔައެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ. މިޝްޔާއާާއި މަތީނުގެ ލޯބީގެ ގުލްޝަން ތަފާތު ކުލަ ކުލައިގެ މާތަކުން ޖަރީކުރަމުންނެވެ. ވަޢުދާއި އަހުދުތައް ވަމުންނެވެ. މަތީނާއި މިޝްޔާ އެމީހުންގެ ގުޅުން ދެފަރާތުގެ ޢާއިލާއަށް އެންގިއެވެ. ދެފަރާތުގެ ޢާއިލާއިންވެސް ހިތުގެ އެންމެ އަޑިން މި ގުޅުމަށް ޤަބޫލުވިއެވެ. އެހެންކަމުން މާގިނަ ދުވަސްތަކެއްނުވެ މިޝްޔާއާއި މަތީނު ކައިވެނީގެ މާތް ގުޅުމުން ގުޅިގެންދިޔައެވެ. ކައިވެންޏަށްފަހު މަތީނުގެ ހުރިހައި ކަމެއްގައި މަގުދައްކައިދޭ އާރުކާޓީއަކަށް މަތީނުގެ މައިންބަފައިންނާއެކު މިޝްޔާވިއެވެ.
ކައިވެންޏަށްފަހު މާގިނަދުވަހެއްނުވެ، މަތީނުގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް އޭނާ ބޭރަށް ދިޔައެވެ. ކިޔަވައި މޮޅުވެ ލަޔާޤާތްތެރި ދަރިއަކަށް ވުމަށެވެ.
ބޭރަށްގޮސް ކިޔަވަން ފެށުމުންވެސް މަތީނުގެ ދިރިއުޅުމަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. މަންމަގެ ނަޞޭޙަތުގެ ބަސްތައް ކެނޑިނޭޅި އިވޭތީއެވެ. އެ ބަސްތައް ކަންފަތުގައި ހަރުލާފައި ހުންނާތީއެވެ. މަންމަގެ ނަޞޭހަތުގެ ބަސްތައް އަޑުއިވޭ ކޮންމެ ފަހަރަކު މަތީނުގެ ހިތްވަރު އާލާވެގެންދެއެވެ. ޢަޒުމް ވަރުގަދަ ވެގެންދެއެވެ. ބައްޕައާއި މިޝްޔާގެ ފޮނި ހުވަފެންތައް އަބަދުވެސް އޭނާގެ ދެލޮލުގެ ކުރިމަތީގައި ސިފަވެފައި ހުރެއެވެ.
މި ހުރިހައިކަމެއް މަތީނަށް މަޖުބޫރުކުރުވީ ރަނގަޅަށް ކިޔެވުމަށެވެ. އެހެންކަމުން މަތީނު ފޫގަޅާފައި ކިޔެވުމަށް މަސައްކަތް ކުރަމުންދިޔައެވެ. ރަނގަޅު ނަތީޖާއަކާއި ކާމިޔާބީއެއް ހޯދުމަށް ހިންމަތާއި މިންނަތް ކުރަމުން ދިޔައެވެ. ދިރިއުޅުގެ މި ހަރުފަތް ހެޔޮގޮތުގައި ކަޑައްތުކުރުމަށް ރެއާއި ދުވާލު ހޭބޯނާރައި މަސައްކަތްކުރަމުން ގެންދިޔައެވެ.
ނަތީޖާއެއްގެ ގޮތުން ހީވެސް ނުކުރާހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަތީނުގެ ނަން މުޅި ކޮލެޖުގައި ވަކި ހިއްޕާލިއެވެ. އެންމެންގެ އަނގައިން އެއް އަޑަކަށް އިވޭ ނަމަކީ މަތީނުގެ ނަމަށް ވެއްޖެއެވެ. މީހުންގެ ހެޔޮދުޢާއާއި ލޯބީގެ ގުލްދަސްތާތަށް މަތީނަށް އޮހެންފެށިއެވެ. އޭނާގެ ހެޔޮ ޚުލްޤުގެ ސަބަބުންނެވެ. އެކުވެރިކަމާއި އޯގާތެރިކަމުގެ ސަބަބުންނެވެ. ކިޔެވުމަށް ހުންނަ ޝައުޤުވެރިކަމާއި ވަރުބަލިކަމެއްނެތި ކިޔެވުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ. އަދި އޭނާގެ މޮޅު ނަތީޖާއާއި ތަނަވަސް ސިކުނޑީގެ ސަބަބުންނެވެ.
ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާ ބީދައިން މަތީނުގެ ދިރިއުޅުމަށްވެސް އަޑިގުޑަންތަކެއް އަންނަން ފެށިއެވެ. ކޯސްނިމެން އަހަރެއްހާ ދުވަހަށް ވެފައިވަނިކޮށް ދިމާވި ރައްޓަހިންތަކެއްގެ ސަބަބުން ކުރީގެ މަތީނު މުޅިން ފިރާލާ ދިޔައީއެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން މަތީނު ދެކެމުންއައި ރަން މުސްތަޤުބަލަށް ލޯމަރައިލާން ޖެހިދާނެކަން ނުވިސްނުނުކަން އެއީ މަތީނުގެ ބަދުނަސީބެވެ. އޭނާގެ މައިންބަފައިންގެ އުއްމީދުތައް ވެއްޔާ މޮޑެވިދާނެކަން ވިސްނާނުލެވުނުކަމީ އޭނަގެ މޮޔަކަމެވެ. ދުނިޔޭގެ ދަޅަތަކުގައި އޭނާއަށް ޖެހެވުނީ “ރައްކާވެ ތިބިއްޔާ ދަތުރޭ” ބުނާ ބަހަށް ސަމާލުކަން ނުދެވުނީތީއެވެ.
މަތީނު ކިޔެވުމަށް ދޭ އަހައްމިއްޔަތުކަން ކުޑަވިއެވެ. ކުރިއަށް ދިޔުމަށް މައިންބަފައިން ކޮށައި އަލިކޮށްދިން މަގު ދޫކޮށް ނުބައި މަގަކުން ހިނގަން ފެށިއެވެ. މި ގޮތަށް ނޫޅުމަށް އެދި މައިންބަފައިން ދިން ނަޞޭހަތްތައްވީ ކަނޑުގައި އަޅާ ރޮނގުތަކަކަށެވެ. މަތީނު އިޞްލާޙުކުރުމަށް އޭނާގެ ޢާއިލާއިން ކުރަމުން ދިޔަ މަސައްކަތްތައް ފަނުފުލުންދާން ފެށިއެވެ. މިހުރިހައި މަސައްކަތެއްވީ ފޫނެއްފަޔަށް ފެން ފުރުމަށެވެ.
މަތީނުގެ އެކުވެރިންގެ ފަލްސަފާ ފުރިހަމަވިއެވެ. މަސްތުވާތަކެތީގެ އަޅަކަށް މަތީނުވެ ނިމިއްޖެއެވެ. އެ ކެހިވެރި ދަލުގައި ހަމަ ރަނގަޅަށްވެސް ހައްޔަރު ވެއްޖެއެވެ. މަސްތުވާތަކެތީގެ “ޑީލަރަކަށް” އަދި “ލީޑަރަކަށް” މަތީނުވިއެވެ. މަސްތުވާ ތަކެއްޗަކީ ހުރިހައި ފާފަތަކުގެ މަންމައޭ ބުނަނީ ހަމަ ރަނގަޅަށެވެ. މަތީނު ކުށްތަކަށް އަރައިގަންނަން ފެށިއެވެ. ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަތީނު ވައްކަންކުރަން ފެށިއެވެ. މި ހުރިހައި ކަމެއް ގޯހުން ގޯހަށް ވަމުން ދިޔައިރު މަތީނުގެ ޢާއިލާއަށް ކުރެވުނުހާވެސް ކަމަކީ ފައިގެ ބޮޑުވާ އިނގިލިން ފަސްކޮނެލަ ކޮނެލާ ތިބުމެވެ.
މަތީނުގެ ދިރިއުޅުން ރައްޓަހިންގެ ބަހަށް ހެއްލި ބަދަލުކޮށްލިއިރު އޭނާއަށް ނުވިސްނުނު އެއްކަމެއް އޮތެވެ. އޭނާގެ ރަށްޓަހިން އޭނާ ޅޮސް އުނދޯންޔަށް އަރުވައިފާނެ ކަމެވެ. އޭނާގެ މިތުރުން ހަތުރުންނަށް ވެގެން ހިނގައިދާނެ ކަމަކަށް މަތީނު ހިތައްވެސް އަރުވާ ނުލައެވެ.
މަތީނުގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. މަސްތުވާތަކެތި ބޭނުންކޮށް އެ އެތެރެކުރުމުގެ ކުށުގައި ލަންކާގައި މަތީނަށް 10 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުނެވެ. މިއާއެކު ހީވީ މަތީނުގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ވަށައިގެންވާ ހަފަރާތް އޭނާ ފިއްތާލި ފަދައެވެ. އޭނާގެ މެއަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. މިކަމުގެ މުގުލުގައިވެސް ތިބީ އޭނާގެ މިތުރުންނެވެ.
މަތީނުގެ ހުވާސް ހޭލައްވައި ހަވާސް އަވަސްކުރުވި ދެވަނަ ޚަބަރެއް އޭނާއަށް ލިބިގެން ދިޔައީ އޭނާ ޖަލަށްލީތާ ހަތަރު އަހަރެއްހާ ދުވަސް ފަހުންނެވެ. އޭނާގެ ކަންފަތައް ހޮނު ގުގުރިއެއް ފަދައިން އިވުނު މިޚަބަރަކީ މަތީނަށް އެއިޑް ޖެހިފައިވާކަމުގެ ޚަބަރެވެ.
މަތީނަށް ހެވާއި ނުބައި ރޭކާލީ ދެނެވެ. ނަމަވެސް އޭރު ވަގުތު ވަނީ ފާއިތުވެފައެވެ. މަތީނު ކުރެވިފައިވާ ކުއްތަކަށް ތަޢުބާވާން ބޭނުންވިއެވެ. އޭނާގެ އަހުރަވެތި މައިންބަފައިންގެ ގާތުން މަޢާފަށް އެދެން ބޭނުންވިއެވެ. އެހެންކަމުން އޭނާ މިނިވަން ވުމާއެކު އެނބުރި ރާއްޖެ އައެވެ. މަންމަގެ މަޢާފް ލިބޭނޭކަމުގެ ފޮނި އުއްމީދުގައެވެ. އެތައް ރެއެއްގެ ނިދި މަތީނަށްޓަކައި ޤުރުބާންކުރި އެ މަންމައަށް ގުލާނުކޮށްދިނިމުގައި ޙަޔާތުގެ ބާކީ އޮތްބައި ހޭދަކުރުމަށެވެ.
މަންމަގެ ހިތުގެ ދުއްލިސާ ކަމުގައި ވާނޭކަމަށް ވަޢުދުވެ ފުރައިގެންދިޔަ މަތީނު އެނބުރި އައިއިރު އޭނާގެ ދިރިޅުންވަނީ ވީރާނާ ވެފައެވެ. ވިއްސި ވިހާލި ވެފައެވެ.
މަތީނު އެނބުރި އައިއިރު ހިތާމަތަކަށް ކެތް ނުކުރެވިގެން އޭނާގެ އިލިވަރުވެފައިވާ މައިންބަފައިން މި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. އަދި މިޝްޔާވެސް މަތީނު ދޫކޮށް ދިޔައެވެ. އެޅުނު ޅައެއްޗެއްގެ ސަބަބުން މަތީނުގެ މުޅި ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔައީއެވެ.
އިރަކު މަތީނަކީ މީހުންގެ ލޯތްބާއި އިޚްތިރާމު ލިބިފައިވާ މީހަކު ނަމަވެސް މިއަދު އޭނާއަކީ މިހަސްތީއަށް ބަކީ ވެފައިވާ އެކަނިވެރިއެކެވެ. މިހާރު މަތީނުގެ ކަމަކީ މޮޔައެއް ފަދައިން ކޮންމެ ދުވަހަކު އޭނާގެ މައިންބަފައިންގެ މަހާނަ ކައިރިއަށްގޮސް ކަރުނަ އޮހުރުމެވެ. އަމިއްލައަށް މަރުވުމަކީ ފާފައަކަށް ނުވާނަމަ މިއަދު އެކަންވެސް މަތީނަށް ކުރެވުނީހެެވެ. އޭނާ ވަނީ އެހާވެސް މާޔޫސްވެ ގޮތް ހުސްވެފައެވެ.
މަތީނުގެ މާޒީގެ ދޮރުފަތްތައް ލެއްޕުނީ ޑޮކްޓަރު އޭނާއަށް ގޮވާލުމުންނެވެ. ކޯތާފަތް މައްޗަށް ނީރައިލައިފައިވާ ކަރުނަތައް ފޮހެލުމަށްފަހު ޑޮކްޓަރާއި ދިމާއަށް އެނބުރުނެވެ. ޑޮކްޓަރު ހިނިތުން ވުމަކާއެކު މަތީނު ހޮސްޕިޓަލުން ދޫކޮށްލަން އައީ ކަމުގައި ބުންޏެވެ. އަދި މަތީނުގެ ޞިއްޙަތައް ސަމާލުކަން ދިނުމަށް ނަޞޭހަތްތެރި ވަމުން އޭނާ ދޫކޮށްލިއެވެ.
މަތީނު ހޮސްޕިޓަލުން ނުކުމެގެން ހިނގައިގަތެވެ. މިޞްރާބު ގެއްލިފައިވާ އުޅަނދެއް ފަދައިންނެވެ. އަދި އޭނާގެ މާޒީއިން ޢިބްރަތް ލިބިގަންނަމުންނެވެ.
(ނިމުނީ)
204 Comments
Comments are closed.
jiji
April 26, 2019 at 9:05 am❤❤❤????Salhi Vhk eh
Illusion
April 26, 2019 at 3:47 pmThankxx Jiji ❤❤
Cute Lips
April 26, 2019 at 2:05 pmalhe continue kohlaa nama v salhi vaane.. ehn meehaka eky zavaajy hayaatheh fashaa. dhn more….. hehe. dhn bunely salhi v ma… ingey miyaky kuruvaahka eh kan.. ek vs hama nala v ma bunely…. hope i will get to read a long story from you darla… keep it up dear…. lysm
Illusion
April 26, 2019 at 3:48 pmAwwnn ❤❤ thanks for the lovely comment and support … insha Allah soon u will get to read a long story