“ވަކި ހިސާބަކުން އަހަރެން އެނބުރި ބަލައިލިއިރު އަންހެން ކުއްޖަކު ދުވެފައި އެތަނަށް އަންނާތީ ދެކުނިން. އަނދިރި ކަމުން އޭނާގެ މޫނެއް ނުފެނޭ. ފެނުނީ އޭނާގެ ދިގު އިސްތަށިގަނޑު.”
ފަހު ޖުމްލަ ބުނިއިރު އަޒާންގެ އަޑު ކުރެހުނެވެ. އިރުކޮޅެއް ވަންދެން އަޒާން ވާހަކަދެއްކުން ހުއްޓައިލައިގެން އިންއިރު ދެފަހަރަކު ނޭފަތް ދަމާލިއެވެ.
“ކުރެވުނު ކަންތައް އިހުސާސްވީ ގެއަށް ދިޔުމުން. އޭނާ މަރުނުވޭތޯ ހިތާހިތުން ވަރަށް ދުއާ ކުރެވުނު. އެކަމަކު……
ބޭރަށް ދިޔުން އެއްކޮށް ހުއްޓާލިން. އަހަރެމެންގެ ދެމީހަކު ހައްޔަރުކުރުމުން ބައްޕަގެ ސުވާލުތައް އަމާޒުވި. ބައްޕައަށް ހަގީގަތް އެނގުމުން ބައްޕަ އެމީހުން ސަލާމަތްކޮށްދިނީ އަހަރެންގެ ނަން ފަހަރެއްގައިވެސް އެކޭސްއާއި ގުޅެން ބައްޕަ ބޭނުންނުވާތީ.
އުޅެވުނީ ރަނގަޅަށްނޫންކަން އިހުސާސްވިއިރު ފޫނުބެއްދޭވަރުގެ ގެއްލުމެއް ބަޔަކަށް ދެވިއްޖެ. އެކަމާ އަހަރެން ވަރަށް ހިތާމަކުރިން. އެއާއިލާގެ ކިބައިން މައާފަށް އެދެން ބޭނުންވި. އެކަމަކު ބައްޕަ އެކަމާ އެއްބަހެއްނުވި. ބައްޕައާއި ދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ ހިތްވަރެއް ނުލިބުނު.”
އޭރުވެސް އަހަރެންނަށް ރުއިން ކޮންޓްރޯލެއްނުކުރެވެއެވެ. ހަނދާނަށް އައީ އަހަރެންނަށް ހަގީގަތް އެނގުނު ދުވަހެވެ.
****************
“އަޒާންއަށް ކަމެއްވީތަ؟” ލަސްލަހުން އަހަރެން އެހެން ބުނިއިރަށް މަންމަގެ މޫނަށް ވީގޮތް ފެނި އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނެވެ. މަންމަގެ މޫނު މަތީގައިވި ހިތާމައިގެ ކުލަވަރު ރުޅިވެރިކަމަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ކުއްލިއަކަށް ތެދުވެ ދުރަށް ޖެހިލަމުން އަހަރެންނާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިގޮތުން ހީވީ އަހަރެންނަށް ގޯސް އެއްޗެއް އެހުނީހެންނެވެ. “މަގޭ ކުރިމަތީގައި އޭނާގެ ނަންވެސް ނުކިޔާތި!” ދެލޯ ބޮޑުކޮށްލަމުން މަންމަ ވާހަކަދެއްކިއިރު ހީވީ ބުއްދި ހަމަނުޖެހޭ މީހަކުހެންނެވެ. ބޮޑުދައިތަ މަންމަގެ އަތުގައި ހިފައިގެން މަންމަ ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މަންމަ ބޮޑުދައިތަގެ އެއްވެސް ވާހަކައެއް އަޑު ނާހައި އަޒާންއާއި ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. ހައިރާންވެފައި އެމީހުންނަށް ބަލަންއިންއިރު އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. މަންމަ ކިޔަމުން ދިޔަ އެއްޗަކަށް ސަމާލުކަން ނުދެވިފައި އަހަރެން އިނީ އެސުވާލުތަކާމެދު ވިސްނާށެވެ. މަންމަގެ ވާހަކައަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ ބޭބެގެ ނަންއައި ހިސާބުންނެވެ. ބޭބެގެ ގާތިލުގެ ވާހަކަ ދެއްކުމުންނެވެ.
އިށީންދެ އިން ތަނުން ތެދުވެ އަހަރެން ބޭރަށް ދިޔައީ ދުވެފައެވެ. ބޮޑުދައިތަ މަންމަގެ އަތުން ދޫކޮށްލުމަށްފަހު އަހަރެންގެ ފަހަތުން އަންނަން ހިނގައިގަތެވެ. ބޭރަށް ނިކުތްއިރު ގޭތެރޭގައި އުޅެނީ އާއިލާގެ މަދު ބައެކެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ މާޔޫސްކަމެވެ. އަހަރެން ފެންނައިރަށް ބަލައިލަނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ޓީވީ އާއި ހަމައަށް ދެވުނު އިރު ދައްކަމުން ދިޔައީ ނިއުސް ކޮންފަރެންސެކެވެ. ދައްކަމުން ދިޔައީ ބޭބެގެ ގާތިލު އަމިއްލައަށް ކުށަށް އިއުތިރާފްވި ވާހަކައެވެ. ގާތިލުގެ ނަމަކީ އަޒާން ރާއިޝް ކަމަށް ތިރިއަށް އަރަމުންދިޔަ ސުރުޚީތަކުގައި އޮތެވެ. ހުރިތަނަށް އަހަރެން ތިރިވީ ފައިގެ ވާގިދިޔުމުންނެވެ. ބޮޑުދައިތަ އަހަރެންގެ ކައިރިއަށް އައެވެ. ބުރަކަށީގައި ފިރުމަމުން ކޮންމެވެސް އެއްޗެއް ކިޔެވެ. ކީއެއްޗެއް އަހަރެންނަށް އަޑެއްނީވެއެވެ. އަހަރެންގެ ވަށައިގެން މުޅިތަން އެނބުރޭހެން ހީވިއެވެ. އަޖައިބެއްކަހަލަ ހުސްކަމެއް އިހުސާސްކުރެވެމުން ދިޔައިރު އަހަރެންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލައިފައިވާކަހަލައެވެ. މުޅި ހަށިގަނޑު އައްސިވަމުން ދިޔަކަހަލަ އިހުސާސެއްކުރެވުނެވެ.
ހޭލެވުނު އިރު އަހަރެން އޮތީ އަހަރެންގެ ކޮޓަރީގައެވެ. ކައިރީގައި އަހަރެންގެ ބޮލުގައި ފިރުމަން މަންމަ އިނެވެ. ކޮޓަރީގައި ހުރި ސޯފާގައި ނިތްކުރީގައި އެއްއަތުން ހިފަހައްޓައިގެން ބައްޕައިނެވެ. ބައްޕަގެ ކައިރީގައި ދުރަށް ނަޒަރު ހުއްޓާލައިގެން އިނީ ބޮޑުދައިތައެވެ. އަހަރެން ހޭއެރިތަން ފެނުމުން މަންމަ ދެލޯ ފުހެލަމުން މަޑުމަޑުން އަހަރެންނަށް ގޮވައިލިއެވެ. މިއަޑު އިވި ބައްޕައާއި ބޮޑުދައިތަގެ ސަމާލުކަންވެސް އަހަރެންނަށް ހުއްޓުނެވެ. އަހަރެން ހޭނެތުމުގެ ކުރިން ވީކަންކަން ހަނދާނަށް އަންނަންފެށީ ދެނެވެ. މޭފިތޭކަހަލަ އިހުސާސެއްކުރެވުމުން މަޑުމަޑުން މޭގައި ފިރުމައިލީމެވެ. ބައްޕަ ހާސްވެފައި ކައިރިއަށް އައެވެ. ތަދުވަނީތޯ ސުވާލު ކުރިއެވެ. އުނދަގުލެއްވަނީތޯ ސުވާލުކުރިއެވެ. އަހަރެން މަޑުމަޑުން ދެފަރާތަށް ބޯހޫރައިލީމެވެ. “ދަރިފުޅާ. ވީކަމެއްވީ. އެކަމާ ވިސްނުމަކުން އެކަމެއް ބަދަލެއްނުވާނެ. އެކަންތައްތައް ހަނދާން ނައްތާލަން މަސައްކަތް ކުރަންވީ.” ބައްޕަ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. އަހަރެންގެ އަރު ބެދުނެވެ. ވާހަކަ ނުދެއްކޭނެކަން އެނގޭތީ ބޯޖަހައިލީމެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ތާޒާ ވެލަން ބޭނުން ކަމަށް ބުނުމުން އިރުކޮޅެއްވަންދެން ކަންބޮޑުވެފައި އަހަރެންނަށް ބަލަން އިނުމަށްފަހު ބައްޕަ ބޯޖަހައިލަމުން ތެދުވެގެން ބޭރަށް ހިނގައިގަތެވެ. މަންމަވެސް ނުދާން އިނދެފައި ބައްޕަ ގޮވައިލުމުން ފަހަތުން ނިކުތެވެ.
އެކަނި ވުމުން ހިތްފުރެންދެން ރުއީމެވެ. އަޒާން އަހަރެންނަށް އެވަރު ބޮޑު ކެއްސެއް ދީފާނެ ކަމަކަށް ހިއެއް ނުކުރަމެވެ. އޭނާގެ މާޒީއާއި ބެހޭގޮތުން ސުވާލު ނުކުރެވުނީތީ ދެރަވިއެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. ނޭވާ ހާސްވާހެން ހީވެ އެނދުން ތެދުވެ ދެކޮޅަށް ހިނގަން ފެށީމެވެ. އަހަރެންނަށް އަޒާންއާއި ނުލައި ނޫޅެވޭނެއެވެ. އޭނާއާއި އެކުވެސް އަހަރެންނަށް ނޫޅެވޭނެއެވެ. ދިރިއުޅުމުގައި ވެއްޓުނު އަޑިގަނޑުން އަޒާންގެ އެހީގައި މައްޗަށް އަރަން އަހަރެން ތައްޔާރުވީ އަހަރެންނަށް ނޭނގި އަޒާން އެވަޅުގަނޑު އިތުރަށް ފުންކޮށް، ވަކި ހިސާބަކުން އަހަރެންގެ އަތުން ދޫކޮށްލާނެ ކަމަކަށްނޫނެވެ. އެދުވަހު އަހަރެން އަމިއްލަ ނަފްސަށް ވައުދެއްވީމެވެ. އަހަރެންގެ ހިތާމަތަކުގެ ސަބަބުން މަންމަމެންނަށް އިތުރު ހިތާމައެއް ލިބުނަނުދިނުމަށެވެ. އެމީހުންގެ ކުރިމަތީގައި ނުރުއިމަށެވެ.
ސައީދުއަށް ކަންތައް ވީގޮތް އެނގުމާއެކު އަހަރެންނަށް ގުޅިއެވެ. ފޯނު ނުނެގުމުން ގެއަށް އައެވެ. އެކަހަލަ ކަމެއް އޭނާގެ ފަރާތުން ކުރިން ފެނިފައި ނުވާތީ އަހަރެން ހައިރާންވިއެވެ. ވަރަށް ގިނަ ވަގުތު އަހަރެންގެ ގޭގައި މަންމަމެންނާ އެކު އޭނާ ހޭދަކުރިއެވެ. ދެން އެދުނީ އަހަރެންގެ ކައިވެންޏަށެވެ. ވަރަށް ކުރިއްސުރެވެސް އަހަރެންދެކެ ލޯބިވާ ކަމަށް ބުނަމުންނެވެ. ކައިވެންޏަށް އަހަރެން އެއްބަސްވީ މަންމަމެންގެ އުފަލަށްޓަކައެވެ.
****************
ޚިޔާލުތަކުން އަހަރެންނަށް ނިކުމެވުނީ އަޒާން ގޮވައިލުމުންނެވެ. އޭނާ އަހަރެންގެ އަތުގައި ހިފަން އަތް ދިއްކޮށްލިނަމަވެސް ފަހު ވަގުތު އަތް ދުރަށް ގެންދިޔައީ އަހަރެންގެ ވާހަކަ ހަނދާންވެގެން ކަން ނޭނގެއެވެ.
“ނައިރާގެ ބޭބެ އަހަރެންނަށް އަނބުރައެއް ނުގެނެވޭނެ. އެނގޭ އަހަރެންނަށް ކުރެވުނީ މައާފު ދެވޭ ވަރު ކަމެއް ނޫންކަންވެސް. އަހަރެންނަށް އެއްވެސް ވަރަކަށް ތިއީ ނިހާންގެ ކޮއްކޮކަން އެނގޭނަމަ އަހަރެން ނައިރާގެ ދިރިއުޅުމަކަށް ނާންނާނަން. ނައިރާ… އަހަރެން ނައިރާދެކެ ވަރަށް ލޯބިވޭ. ދުވަހަކުވެސް ނައިރާއަށް ދެރައެއް ދޭކަށް ބޭނުމެއްނޫން. އަހަރެން ބޭނުން ނަމަ ނައިރާއަށް އަހަރެންނަކީ ނައިރާގެ ބޭބެގެ ގާތިލުކަން ނާންގައިވެސް ކައިވެނި ކުރެވުނީސް. އެކަމަކު އަހަރެން ކުށަށް އިއުތިރާފުވީ އެއްވެސް ކަމެއް އަބަދަށް ސިއްރު ނުވާނެކަން އެނގޭތީ. ކައިވެނީގެ ފަހުން ނައިރާއަށް އެނގުނުނަމަ ނައިރާއަށް ލިބޭ ދެރަ މާބޮޑުވީސް. އަހަރެން ބޭނުންވީ ނައިރާގެ ހަޔާތް އުފާވެރިކަމުން ފުރާލަދޭން. ހުރިހާ ހިތާމަތަކާއި ދުރުކޮށްދޭން. އެކަމަކު އަހަރެން މިވީ ނައިރާގެ ހަޔާތައް މިހާތަނަށް އައި ހުރިހައި ހިތާމައެއްގެ ސަބަބުކަމުގައި. ނައީ އަކަށް ނޭނގޭނެ ނިހާންއެއީ ނައީގެ ބޭބެކަން އެނގުނީމަ އަހަރެންނަށްވީ ދެރައެއް. އަހަރެން…”
އެހިސާބަށް އަޒާންގެ ވާހަކަ ދިޔުމުން އަހަރެން އަތުގެ އިޝާރާތުން ވާހަކަ ހުއްޓާލުމަށް އެންގީމެވެ. ދެލޯ ފުހެލަމުން ވާހަކަ ދައްކަން ފެށިއިރު ރުއިމުގެ ސަބަބުން އަޑުހުރީ ކުރެހިފައެވެ.
“އަޒާންއަށް ވީ ދެރަ؟ އަދިވެސް އަޒާންއަށްތަ ދެރަވާންވީ؟” އަޒާން ދެފަރާތަށް ބޯހޫރާލަމުން ވާހަކަ ދައްކަން އަނގަހުޅުވާލާފައި ހުއްޓުނީ އަނެއްކާވެސް އަހަރެން ވާހަކަ ދައްކަން ފެށީމައެވެ. “އަޒާންއަށް އަހަރެން ދުވަހަކުވެސް މައާފެއް ނުކުރާނަން. ދުވަހަކުވެސް އަޒާން މިތަނުން ސަލާމަތްވެގެން ނިކުންނާކަށް އަހަރެން ނޭދެން. ދުވަހަކުވެސް އަޒާންއާއި އަޒާންގެ އާއިލާއަށް އުފަލެއް ލިބޭކަށް އަހަރެން ނޭދެން.” ރޮމުން އަހަރެންނަށް ވާހަކަ ދެއްކުނީވެސް ކިރިޔާއެވެ.
އަހަރެންގެ ލޯބިވެރިޔާއަކީ އަހަރެންގެ ބޭބެގެ ގާތިލުކަން އެނގުނީއްސުރެ އެހަގީގަތާއި ކުރިމަތިނުލާން އަހަރެން އައީ މަސައްކަތް ކުރަމުންނެވެ. އިހުސާސްތައް ހިފަހައްޓައިގެން ހުރެ އަހަރެން ވަރުބަލިވެއްޖެއެވެ. އަހަރެން ރޯތަން ފެނި އަޒާން ތެދުވެގެން އަހަރެންނާއި ދިމާއަށް ހިނގައިގަތެވެ. އަހަރެން ވަގުތުން ގޮނޑިން ތެދުވެ ފަހަތައް ޖެހިލީމެވެ. އަޒާންގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. “ނާންނާތި ކައިރިއަށް. އަހަރެންގެ މައްޗަށް އަޒާންގެ އެއްވެސް ހައްގެއްނެތޭ ބުނެފީމެއްނު. އަހަރެންމީ މިހާރު މީހަކު އަންބެކޭ.” ފަހު ލަފްޒަށް ބާރުލަމުން އަހަރެން އެހެން ބުނުމުން އަޒާން ސިހުނުވަރުން އަހަރެން ހައިރާންވިއެވެ. އަޒާންއަށް އަދި އެކަން އެނގިފައި ނެތްކަން އަހަރެންނަށް އެނގުނެވެ. އޭނާއަށް ދެރަވީ ވަރު ފެނި އަހަރެންނަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ދެރަވީ އަޒާންގެ އަންބަކަށް އަހަރެން ނުވީތީއެވެ. އުފާވީ އަޒާންއަށް ދެރަވާ އެއްޗެއް ބުނެވުނީމައެވެ. “ނައިރާ؟” ސުވާލު އުފެދިފައި ހުރެ އަޒާން ގޮވައިލީ ކިރިޔާ އަހަރެންނަށް އިވޭ ވަރަށެވެ. “ތިއިވުނީ ރަނގަޅަށް. އަހަރެންމީ ސައީދުގެ އަންހެނުން.” މަލާމާތުގެ ރާގަކަށް އަހަރެން އެހެން ބުނީ އަޒާން އިތުރަށް ދެރަކޮށްލާށެވެ. އަޒާން އިތުރަށް ހައިރާންވިއެވެ. ކުއްލިއަކަށް ކައިރިއަށް އައިސް އަހަރެންގެ މުލައްދަނޑީގައި ހިފިގޮތުން އަހަރެން ސިހުނެވެ. އޭނާ ހިފާފައި ހުރިލެއް ބާރުކަމުން އެތަނަށް ތަދުވި ނަމަވެސް އެއަށްވުރެ ބޮޑަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ އޭނާގެ މޫނަށެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރު ފެނި ހިތް ބިރުން ރޫރޫއަޅައިގަތެވެ.
ނުނިމޭ
3 Comments!
Comments are closed.


Varah reethi
Salhi story?
kobaatha 10. kn irakun up kurany?????