އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ 02

- by - 21- March 15, 2019

ކީރިތި ރަސޫލާގެ އަރިހުގައި، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާގެ ދިރިއުޅުއްވުން

ރަސޫލާ صلّى اللّـه عليه وسلّم، ޢުމްރަތުލް ޤަޟާއިން އެނބުރި މަދީނައަށް ވަޑައިގެން އެކަލޭގެފާނުގެ މިސްކިތްކޮޅު ކައިރީގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އަށް ކޮޓަރިކޮޅެއް ބިނާކޮށް ދެއްވިއެވެ. އެކަމަނާގެ ކޮޓަރިކޮޅަކީ، މި އުއްމަތުގެ އުއްމުލް މުއުމިނީނަކަށްޓަކައި އެންމެ ފަހުން ބިނާކުރެވުނު ކޮޓަރިކޮޅެވެ. ރަސޫލާ صلّى اللّـه عليه وسلّم، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އާ ކާވެނި ބައްލަވައިގެންނެވި އިރު އެކަލޭގެފާނުގެ އިތުރު އެހެން އަށް އަނބިއަނބިކަނބަލުން ތިއްބެވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާއަކީ، ވަރަށް އަޅުވެރި ތަޤްވާވެރި ބޭކަނބަލެކެވެ. އަޅުކަމެއް ކުރައްވާއިރު އެއަޅުކަމުގެ ފުރިހަމަ ޘަވާބާއި ދަރުމަ ޙާޞިލުވާނެ ގޮތުގައި އެއަޅުކަމެއް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އާދަވެގެން ނަމާދުފުޅު ކުރައްވަނީ މަސްޖިދުއްނަބަވީގައެވެ. އެހެނީ، އެހެން މިސްކިތެއްގައި ކުރާ އެއްހާސް ނަމާދުގެ ޘަވާބާއި ދަރުމަ، މަސްޖިދުއްނަބަވީގައި ކުރާ އެއް ނަމާދުން ލިބޭނެކަމަށް ރަސޫލާ صلّى اللّـه عليه وسلّم، ޙަދީޘް ކުރައްވާފައި ވާތީއެވެ.

އެއްފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އެކަމަނާ ގެންގުޅުއްވި އަޅު އަންހެންކުއްޖަކު މާތް ﷲ ގެ ވަޖުޙުފުޅަށްޓަކައި މިނިވަން ކުރެއްވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، އެކަމަނާގެ އަރިހުގައި ހުންނަވާ ދުވަސް އައުމުން އެކަމަނާ އިތުރު ސާހިބާގެ އަރިހުގައި އެވާހަކަ ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ކަމަނާ އެ އަޅުއަންހެން ކުއްޖާ، ކަމަނާގެ މައިފުށުގެ ބޮޑުބޭބެއިންގެ ތެރެއިން މީހަކަށް ދެއްވިނަމަ މާގިނަ ޘަވާބާއި ދަރުމަ ލިބިއްޖައީހެވެ.”

މި ޙަދީޘުގެ ޝަރަހާގައި އިމާމު ނަވަވީ ވިދާޅުވެފައިވެއެވެ. “މި ޙަދީޘުން ގާތްތިމާގެ ކަމުގެ ގުޅުން ޤާއިމުކުރުމުގެ މުހިއްމުކަމާއި ގާތްތިމާގެކަމުގެ މީހުންނަށް ޞަދަޤާތްދިނުމުގެ މުހިއްމުކަން ސާބިތުވެއެވެ. ހަމައެހެންމެ، ޞަދަޤާތްދޭއިރު، ގާތްތިމާގެ މީހުންގެ ތެރެއިން ތިމާގެ މަންމަ ފަރާތަށް އިސްކަން ދިނުމުގެ މުހިއްމުކަމާއި، ފިރިމީހާގެ ހުއްދަނެތި އަންހެން މީހާއަށް ތިމާގެ މުދަލުން ހޭދަކުރެވިދާނެކަން ސާބިތުވެއެވެ.”

އެއްދުވަހަކު އިތުރު ސާހިބާ صلّى اللّـه عليه وسلّم،  އަށް އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާގެ ގެކޮޅުގެ ކައިރިން މަރުވެފައި އޮތް ބަކަރިއެއް ފެނިވަޑައިގެންނެވިއެވެ. އެބަކަރިއަކީ أمّ المؤمنين ގެ އަޅުއަންހެން ކުއްޖަކަށް ކޮންމެވެސް މީހަކު ޞަދަޤާތުގެ ގޮތުގައި ދީފައިވާ އެއްޗެކެވެ. އެ ބަކަރި ފެނިވަޑައިގެން އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. “ތިޔަބައިމީހުން އެބަކަރީގެ ހަން ދިބާޢުކޮށްގެން ބޭނުން ނުކުރީ ކީއްވެގެން ހެއްޔެވެ؟” އެކަލޭގެފާނަށް ދެންނެވުނެވެ. “އެ ބަކަރި މަރުވެފައިވަނީ ޠަބީޢީ މަރަކުންނެވެ. އެއީ މުޅަ އެއްޗެއް ނޫންތޯއެވެ؟” ޙަދީޘު ކުރެއްވިއެވެ. “ޙަރާމްވަނީ މުޅަތެކެތީގެ މަސްކެއުމެވެ. އެތަކެތީގެ ހަން ދިބާޢުކޮށްގެން ބޭނުން ކުރުން ޙަރާމެއް ނުވާނެއެވެ.”

އުއްމު ޙުފައިދު ބިންތު އަލްޙާރިޘަކީ، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާގެ އެއް ބައްޕާފުޅު އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އުޅުއްވީ ބަނީ ޖަޢުފަރު ވަންހަޔަށް ނިސްބަތްވާ ބޭކަލަކާއެވެ. އެއްފަހަރު އެކަމަނާ އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ އަށް ފިހެފައިވާ ޟައްބުގެ މަސް ވެދުމަށް އެރުވިއެވެ. އެއީ އެކަމަނާ ނަޖުދުން ގެންނެވި އެއްޗެކެވެ. ކައުސާހިބާ އާއި ޚާލިދު ބިން ވަލީދު ރަޟިޔަ ﷲ ޢަންހު އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމުން ޟައްބުގެ މަސް ފަރީކުޅުއްވުމަށް އެކަމަނާ އޭގެ ދެކަލުންނަށް ދެއްވިއެވެ. ޟައްބުގެ މަހަކީ ކައުއިތުރު ރަސޫލާއަށް އެހާ ފަރިތަފުޅު މަހެއްނޫނެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އާދަވެގެން ކާބާވަތެއް ނޫނެވެ. ކައުސާހިބާއަކީ، އެކަލޭގެފާނު އާދަވެގެން ފަރީއްކުޅުއްވާ ބާވަތްތައް ފިޔަވައި އެހެން ތަކެތި ފަރިއްކުޅުއްވުމުން ދުރުހެލިވެވަޑައިގަންނަވާ ބޭކަލެކެވެ. އެފަދައެއްޗެއް ފަރިއްކުޅުއްވަނީ މަދުފަހަރަކުއެވެ.

ނަމަވެސް، އެފަހަރު އެކަލޭގެފާނު ޟައްބުގެ މަސް ފަރީއްކުޅުއްވުމަށް އެތަކެއްޗާ ދިމާއަށް އަތްޕުޅު ދިއްކޮށްލެއްވިއެވެ. އެހިނދު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އެކަލޭގެފާނަށް އެއީ ޟައްބުގެ މަސްކަމުގައި ދެންނެވިއެވެ. ވަގުތުން އެކަލޭގެފާނުގެ އަތްޕުޅު ދަންމަވައިގެންނެވިއެވެ. ޚާލިދު ބިން ވަލީދު ދެންނެވިއެވެ. ޟައްބުގެ މަހަކީ ޙަރާމް އެއްޗެއްތޯއެވެ؟ ޙަދީޘު ކުރެއްވިއެވެ. “ނޫނެކެވެ. އެކަމަކު އެއީ ތިމަންކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ކައިއުޅޭ އެއްޗެއް ނޫނެވެ. އެހެންކަމުން ތިމަންކަލޭގެފާނު އެތަކެތި ފަރީއްކުޅުއްވާ ހިތްނުވީއެވެ” ދެން ޚާލިދު ބިން ވަލީދު ރަޟިޔަ ﷲ ޢަންހު، އެކަލޭގެފާނާއި ކައިރި ފަރާތުން ޟައްބުގެ މަސް ނައްޓުވައިގެން ފަރިއްކުޅުއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ވެސް އެތަކެތި ފަރިއްކުޅުއްވުމުން އެއްކިބާވެވަޑައިގެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “ކައުސާހިބާ ފަރީކުޅުއްވުމުން ދުރުހެލިވެވަޑައިގެންނެވި، އެއްޗެއް އަހަރެން ނުކާނެމެވެ. އަހަރެން، ކާނީ އިތުރު ސާހިބާ ފަރީއްކުޅުއްވާ އެއްޗެކެވެ.”

އަލް ޙާފިޒު އިބްނު ހަޖަރު ވިދާޅުވެފައިވެއެވެ. “މި ޙަދީޘުން، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާގެ ޙިކުމަތްތެރިކަން ހާމަވެއެވެ. ކައުސާހިބާގެ ޠަބީއަތު އެކަމަނާ ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެތަކެތި ފަރީއްކުޅުއްވައިފިނަމަ އިތުރު ސާހިބާއަށް އުނދަގޫޅެއް އިޙްސާސް ކުރައްވަން ޖެހިވަޑައިގެންފާނެތީ އެކަމަނާ އެތަކެތި ފަރީއްކުޅުއްވުމުން ދުރިހެލިވެވަޑައިގެން އިންނެވީއެވެ.”

ކައުސާހިބާ صلّى اللّـه عليه وسلّم،  އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ގެކޮޅަށް ފައިންޕުޅު ބީއްސެވިއެވެ. އޭރު އެކަލޭގެފާނުގެ މާތް މޫނުފުޅުން ހިތާމެވެރިކަމާއި މޮޅިފުޅުވުމުގެ އަސަރުތައް ފާޅުވޭވެ ހުއްޓެވެ. أمّ المؤمنين ސުވާލުކުރެއްވިއެވެ. “ކަލޭގެފާނުގެ މޫނުފުޅުން ނުތަނަވަސްކަމުގެ އަސަރު ތިމަން ކަމަނާއަށް އެބަފެނެއެވެ.” އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. “ތިމަންކަލޭގެފާނާ ބައްދަލުކުރެއްވުމަށް ޖިބްރީލުގެފާނު ވަނީ ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަލޭގެފާނުގެ އެއްވެސް އިޝާރަތެއް ނުވެއެވެ. ޖިބްރީލުގެފާނަކީ އެކަލޭގެފާނު ވެވަޑައިގަންނަވާ ވަޢުދާ ޚިލާފުވެވަޑައިގަންނަވާ ބޭކަލެއް ނޫނެވެ.”

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ރަސޫލާ އެދުވަސް ހޭދަކުރެއްވީ ޖިބްރީލުގެފާނު ވަޑައިނުގަންނަވާތީ އެކަމުގެ ހިތާމަފުޅުގައެވެ. އެހެން އުޅުއްވަނިކޮށް ކައުސާހިބާއަށް ގެކޮޅުގެ ތެރެއިން މަރުވެފައި އޮތް ކުޑަ ކުއްތާއެއް ފެނިވަޑައިގެންނެވިއެވެ. ދެން މީހަކަށް އަމުރު ކުރައްވައިގެން އޭތި އެތަނުން ނަންގަވައި ބޭރަށް އެއްލައިލެވުނެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން ފެންނަންގަވައި އޭތި އޮތްތަނަށް ފެންވިސަވައިލެއްވިއެވެ.

އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖިބްރީލުގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންފިއެވެ. ކައުސާހިބާ އެކަލޭގެފާނުގެ އަރިހުގައި ކުރިންރޭ ވަޑައިނުގެންނެވުމުން އެކަމުގެ ޝަކުވާ ދެންނެވިއެވެ. ޖިބްރީލުގެފާނު ވިދާޅުވިއެވެ. “ތިޔަ ވިދާޅުވި ފަދައިން ތިމަންކަލޭގެފާނު، ކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވުމަށް ވަޢުދުވެވަޑައިގެންނެވީމުއެވެ. ނަމަވެސް ތިމަންމެން މަލާއިކަތް ބޭކަލުން ކުއްތާގެ ސޫރަ ހުންނަތަންތަނަށް ވަދެވަޑައިގެން ނޫޅުއްވަމުއެވެ.”

(ނުނިމޭ)

21

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Maa sha Allah.. Vrh furihama. Maaiyy Allah thibaage thi masahkathuga barakaaiyy lavvaa thibaa ah heyo rahmaiyy lavvaashi.. Aameen..

    ⚠Report!

Leave a Reply

Your email address will not be published.