އޯގާވީ ހިތަކުން…44
ކައިވެނީގެ ހަފްލާ އޮތީ ޓްރޮޕިކަލް އައިލޭންޑް ރިޒޯޓް ގައެވެ. ރިޒޯޓްގެ ރެސްޓޯރެންޓް އޮތީ ކައިވެނީގެ ހަފްލާއަށް ހާއްސަކޮށް ޒީނަތްތެރި ކުރެވިފައެވެ. އުއްބައްތިތަކުގެ ފަނޑުއަލިކަން ފަތުރާލާފައި އޮތް އިރު ވިރެމުން ދިޔަ އުށްތަކުގެ މީރުވަސް އޮތީ މުޅި ތަނަށް ފެތުރިލާފައެވެ. ރެސްޓޯރެންޓްގެ އެކި ދިމަދިމާލުގައި ބަހައްޓާފައި ހުރި މޭޒުތަކުގެ ދޮށުގައި އިށީންދެލައިގެން ކެއުމާއިގެ ކުރިއަށް ދިޔަ މީހުންތައް ވެސް ދައްކަމުން ދިޔައީ ހަފްލާގެ ރީތިކަމުގެ ވާހަކައެވެ. ކުލަކުލައިގެ މާތަކުން މޭޒުތަކުގެ ފަޅުކަން ފިލުވާލަދީފައި ވާއިރު ހުދާއި ނުލުގެ ފޮތިތަކުން ކޮންމެ މޭޒެއްގައި ވަނީ ތަފާތު ޑިޒައިނެއް ފަތުރާފައެވެ. އެއީ ހަފްލާގެ ތީމް ކުލައެވެ. ބުފޭ ތަކުންވެސް ފެންނަނީ ކުޅިދިޔާކޮށްލާނެ ފަދަ މުއްސަނދިކަމެކެވެ. އެކި ވައްތަރުގެ ކާއެއްޗެހީގެ މީރުވަހުން އެކަނި ވެސް ބަނޑު ފުރޭހާ ވެއެވެ.
އީނާ އާއި އަލްޔަސް ވެސް މިރޭ އެހާމެ ރީއްޗެވެ. އަލްޔަސް ހުރީ ނޫކުލައިގެ އަތްދިގު ގަމީހަކާއި ހުދު ކުލައިގެ ޓަކްސީޑޯއެއްގަ އެވެ. ފަޓްލޫނުގެ ޖީބަށް އެއްއަތް ކޮށްޕާލައިގެން ހުރިއިރު އަނެއް އަތުން ވަނީ އީނާގެ އުނަގަނޑު ވަށާލެވިފައެވެ. އަލްޔަސްގެ މޫނުމަތިން ފެންނަ ހިތްގައިމު ހިނިތުންވުމުން އަލްޔަސްގެ ފިރިހެންވަންތަކަން އިތުރުކުރުވައެވެ. އަލްޔަސްއާއި އެހާ ގާތުގައި ހުރުމުގެ ނަސީބު ލިބުމުން އީނާއަށް ލިބިފައިވަނީ ބުނަން ނޭގޭ ހިތްހަމަޖެހުމެކެވެ. އޭނަ ލާ ނޭވާތަކުގައި ހަރުލާފައިވަނީ އަލްޔަސްގެ ސެންޓްވެހެވެ. އެވަހުން އެކަނި ވެސް ސިކުނޑިއާ ކުޅެލާހެން ހީވެއެވެ. އީނާ ހުރީ ހުދު ކުލައިގެ ”ޓްރަމްޕެޓް ޑްރެސް” އެއްގައެވެ. ނޫކުލައިގެ ލޭސްފޮއްޗާއި އެސްތަކުން ހެދުމަށް އިތުރު ދިރުމެއް ގެނެސްދީފައި ވާއިރު ހެދުމުގެ ފަސްބައި ރަތްކުލައިގެ ދޫލައިގެ މައްޗަށް ފެތުރިފައި އޮތެވެ. އަތުގައި އޮތް މާބޮނޑީގައި ވަނީ ނޫކުލައިގެ ފިނިފެންމަލާއި ލިލީމާތަކެވެ.
ހަފްލާއަށް އަންނަ އެކުވެރިންގެ ފަރާތުން ދެމަފިރިންނަށް އަޑުއިވިގެން ދަނީ އެންމެ ޖުމްލައެކެވެ. އެކުވެރިންގެ ތައުރީފުގެ ބަސްތަކުން އީނާގެ ހިތަށް ލިބިގެންދަނީ ބަޔާންކުރަން ދަތި ފިނިކަމެކެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅިފައިވާ ކަހަލައެވެ. އަލްޔަސްގެ އަންބެއްގެ މަޤާމް ލިބުން އެއީ އޭނަ ދެކެމުން އައި ހުވަފެނެކެވެ. ﷲގެ އިރާދަފުޅާއެކު މިރޭ އޭނަގެ އެހުވަފެން ހަޤީޤަތަކަށް ވެއްޖެއެވެ. އަލްޔަސްގެ މޫނަށް ބަލާލެވުނަސް އީނާގެ ހިތް އަވަސް ވެއެވެ. އެދެލޮލަށް ގިނަ އިރުވަންދެން ބަލަހައްޓައިގެން ނުހުރެވެއެވެ. މިރޭ އޭނައަށް ކުރެވެމުން ދިޔަ ތަފާތު ތަޖްރިބާތަކަކުން ހިތްވެސް ވަނީ އަވަސް ވެފައެވެ.
ހަފްލާ ނިމި ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއާ ހަމައަށް ދެވެންދެން ރޫޔާ އާއި ނަޒްޔަކް ދިމާކުރަމުން އުޅުނެވެ.
”ހޭވް އެ އޯސަމް ނައިޓް….” އަލްޔަސް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ނަޒްޔަކް ބުނެލިއެވެ. އެވަގުތު ފަސްދީގެން ހުރި އީނާގެ މޫނު ރަތް ވިއެވެ.
”މަންމަމެން ތިބޭ ތި ދެމީހުން ނައިސްގެން ލަސްވެގެން…. އަނެއްކާ ދެމީހުން ނުފުރަނީތަ؟ ނޫނީ މިކޮޓަރީގަ ތިބެންތަ ތި ވިސްނަނީ؟ އިފް ސޯ، ކޮޓަރީގެ ބޭރުން ޖާގަ ލިބިދާނެ…” އަލްޔަސް ބުންޏެވެ.
”ހޫމް މިދަނިއްޔޭ، ނޯ ޕޭޝަންސް…” ހިނިގަނޑު ކޮންޓްރޯލް ކުރަމުން ނަޒްޔަކް ބުންޏެވެ.
ގޮނޑުދޮށަށް ރާޅުތައް ބީއްސަމުން ދިޔަ އަޑު ސިކުންތުކޮޅަކަށް ވެސް ކެނޑިގެން ނުދާއިރު މިރޭ އުޑުމަތިވެސް އެހާމެ ޗާލެވެ. ހަނދުވަރު ދީފައި އޮތްއިރު ހުދުކަން ގަދަ ދޮންވެލިގަނޑު މަތީގައި ހިނގާލަންދާން ކޮންމެ ލޯބިވެރިޔަކު ވެސް ބޭނުންވާނެކަން ގައިމެވެ.
ފާލަމާ ދިމާއަށް ދެޒުވާނުންގެ މިސްރާބު ހުރިއިރު ރޫޔާގެ ފަރާތުން ފެންނަމުން ދިޔަ އާދަޔާ ހިލާފް ހިމޭންކަމުން ނަޒްޔަކްއަށް އުނދަގޫތަކެއް ވިއެވެ. ރޫޔާ އޭނަގެ މާޒީއާ މެދު ވިންނަނީ ހެއްޔެވެ؟ ހިތުގައި އުތުރިއަރަން ފެށި ސުވާލުތަކުން އެންމެފަހުން ކެތް ނުކުރެވިގެން ނަޒްޔަކް އެހިމޭންކަމަށް ނިމުމެއް ގެނައެވެ.
”ހާދަ ސައިލެންޓް ވެފަ…” ނަޒްޔަކް ބުންޏެވެ.
”އީނޫ މަތިން މިސްވާނެ ތީ، ދެން ދެމީހުން ބައްދަލުވާނީ ވެސް މަދު ފަހަރަކު….” މާޔޫސީ ރާގަކަށް ރޫޔާ ބުންޏެވެ. ނަޒްޔަކްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
”އައި ތޯޓް….” ލިބުނު ހިތްހަމަޖެހުމާއެކު ނަޒްޔަކްއަށް ހިނިތުންވެވުނެވެ. ނަޒްޔަކް ބުނަން އުޅުނީ ކީކޭކަން ރޫޔާއަށް ނަގައިގަނެވުނެވެ.
”ނޯ ނޯ… އަހަރެން ދެރައެއް ނުވޭ މެރިއޭޖް ކެންސަލްވީމަ، އަހަރެން އެކަމާމެދު ނުވެސް ވިސްނަން…. އަހަރެން ޖެހޭނީ އުފާވާކަށްނު؟، އެޓް ދި ލާސްޓް މޯމެންޓް އަހަންނަށް ޒަލަފްގެ ގޮތް އެނގުނީވެސް……” ރޫޔާ ނަޒްޔަކްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެއާއެކު އޭނަގެ ހިތަށް ސިހުރެއްގެ އަސަރުކުރި ކަހަލައެވެ. އެދެލޮލުގެ ތެރެއަށް ގެނބެން ފެށުނެވެ.
”މަންމަ އެގުޅަނީ….” ދެޒުވާނުން ސިއްސައިގެން ދިޔައީ ނަޒްޔަކްގެ ފޯނު ރިންގްވާން ފެށި އަޑުންނެވެ.
****
ވަރުބަލިކަމާއެކު ގޮސް އެނދުގައި އިށީން އީނާއަށް އެތަނަވަސް ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. މީ އަލްޔަސްގެ ބުރަ މަސައްކަތްކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު ހިތް ޝުކުރުން ފުރުނެވެ. ދެއަތް ޖޯޑުކޮށްލަމުން އީނާ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލިއެވެ. އޭރު ދޮރުތަޅުލަމުން އަލްޔަސް އެނބުރިލަނީއެވެ. އުއްބައްތީގެ އަލިތަކުގެ ތެރޭން އަލްޔަސް ފެނި އީނާގެ ހިތް ހީވީ ފުންމާލަފާނެހެންނެވެ. ދޮންމޫނަށް ދާތިކިތަކެއް ވެރިވުމުން އޭނަ ފުން ނޭވާއެއްލަމުން އެނދުން ތެދުވެލިއެވެ.
”ވަރަށް ބަނޑުހައި…” އީނާ އޭނަގެ ބަނޑުގައި ދެއަތް ޖައްސާލަމުން ބުންޏެވެ. ހަޤީޤަތުގައި އޭނަ ބޭނުންވީ އެކޮޓަރިން ބޭރަށް ނިކުމެލާށެވެ. ބޭރުތެރޭގައި އުޅެފައި އައުމުން އޭނަގެ ހާސްކަން ފިލާފާނެތީއެވެ. ”އަހަރެން ވެސް، ރޫމަށް ގެންނަންވީ ދޯ؟…” ޓައީއަށް ދޫކޮށްލަމުން އަލްޔަސް ބުންނެވެ.
”ނޫން… ބޭރަށް ދާނީ….” ކައިރިއަށް އައިސް ހުއްޓުނު އަލްޔަސްގެ ހަށިގަނޑުގައި ބައްދާލަމުން އީނާ ބުނެލިއެވެ. އަލްޔަސް ވެސް ބޭނުންވީ އެގޮތެވެ. ދެމަފިރިން ހެދުންތައް ބަދަލުކޮށްލައިގެން ބޭރަށް ނިކުތްއިރު ރީތި ހަނދުވަރުގެ ސަބަބުން ލިބުނީ އިތުރު ހިތްހަމަޖެހުމެވެ. އީނާ ހުރީ އަލްޔަސްގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓާލައިގެންނެވެ. ބޭރަށް ނިކުމެ ހިނގާލުމުން ހައިޖާންގަނޑެއްގެ ތެރޭގައިވި ސިކުނޑި ހަމައަކަށް އެޅިއްޖެއެވެ.
ކޭންޑްލްލިޓް ޑިނާރ ނިންމާލާފައި އީނާ އާއި އަލްޔަސް ދިޔައީ ގޮނޑުދޮށުގައި ހިނގާލާށެވެ. މިރޭގެ ކޮންމެ މިނެޓެއް ދެމަފިރިންގެ ސިކުނޑީގައި ރައްކާކުރެވެމުން ދިޔައީ ރީތި ފިލްމެއްގެ ސިފައިގައެވެ. ސަކަރާތްޖަހަމުން ކޮޓަރިއާ ހަމައަށް އާދެވުނު އިރު ވަރުބަލިކަން ވެސް ފިލައި ދެމަފިރިންގެ މޫނުމަތިން ވެސް ފެންނަނީ ތަފާތު ވިދުވަރެކެވެ. ދެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.
”ސޭމް ކްލޯޒް ޔޯރ އައިސް ޕްލީސް….” ކޮޓަރިއަށް ވަދެވުމާއެކު އީނާ ބުންޏެވެ. ”ގިފްޓެއް ދޭންތަ؟…” އަލްޔަސް ލާނެއް ރާގަކަށް ބުންޏެވެ. ”ބީ ޕޭޝަންޓް….” ލުއި ހީލުމަކާއެކު އީނާ ބުންޏެވެ.
”ޗޮކްލެޓް ތަ؟….” އީނާ ބުނުމުން ލޯ ހުޅުވާލި އަލްޔަސް އޭނަގެ އަތުގައި އޮތް ޕާރުސަލަށް ބަލަން ހުރެ ބުނެލިއެވެ.
”ހުޅުވީމައެއްނު އިނގޭނީ….” އަލްޔަސް އާއެކު އައިސް އެނދުގައި އިށީން އީނާ ބުންޏެވެ. ބުރުގާ ނަގައި ސައިޑް ޓޭބަލް މަތީ ބާއްވަމުން އަލްޔަސް އާ ދިމާއަށް އޭނަ އެނބުރިލިއެވެ. އޭރު އަލްޔަސް ޕާރުސަލް ހުޅުވާލަނީއެވެ.
”ކިހިނެއް؟….” އީނާ ބުމަ އަރުވާލިއެވެ. ”ގްރޭޓް….” އެއީ ޓޭން ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެކެވެ. އޭގެ އިތުރުން ދެމީހުންގެ ފޮޓޯތަކުން ފުރާލާފައި އޮތް އަލްބަމެއް ވެސް އޮތެވެ. ”ވަރަށް ވިސްނާލި ފަހުން ގިފްޓަކަށް ދޭނެ އެއްޗެއް ޑިސައިޑް ކުރެވުނީ، ހޫމްމްމް ދެން އަހަރެންގެ ހަދިޔާ….” އީނާ އެހެން ބުނާއިރަށް އަލްޔަސް ޕާރުސަލެއް ދިއްކޮށްލިއެވެ.
އީނާ ޕާރުސަލް ކަނޑާލި އިރު އެއީ ޗޮކްލެޓެވެ. އޭގެ ތެރޭގައި ވަކިން އޮތް ކުޑަ ފޮށި ހުޅުވާލުމުން އީނާގެ ކޯތާފަތް ރައްވެއްޖެއެވެ. ޕީޗް ކުލައިގެ ސިލްކް ނައިޓީނަގަމުން އޭގައި ފިރުމާލެވުނެވެ.
”ތޭންކްސް ލަވް….” އަލްޔަސްގެ ކޯތާފަތަށް ބޮސްދެމުން އީނާ ބުނެލިއެވެ. ”ތީތި ޓްރައި ނުކުރާނަންތަ؟ އީނޫ ސްލިމް ކަމުން ތި ފިޓްވާނެކަމެއް ވެސް ނޭގޭ….” އީނާ އާއި ކައިރިއަށް ޖެހިލަމުން ވައިއަޑަކުން އަލްޔަސް ބުންޏެވެ. އެއަޑުން އީނާގެ ހަށިގަނޑުގެ ނާރުތަކުގައި ނަރަންޓް ބާނީތަކެއް ދަތުރުކޮށްލިއެވެ. ކަނދުރާއަށް އެޅުނު ހޫނު ނޭވާތަކުން ލޭގެ ހިނގުން އަވަސް ކުރުވައިފިއެވެ.
”އަންނާނަން ފަސް މިނެޓް ތެރޭގަ….” އަލްޔަސްގެ މޭގައި އަތްއަޅާކޮށްޕާލަމުން އީނާ ފާޚަނާއަށް ގޮސް ވަނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ”މާ ލަސް….” އަލްޔަސް ބުނެލި އަޑު އިވުނެވެ. ފާހަނާގެ ދޮރުގައި ބުރަކަށިޖައްސާލަމުން އީނާ އަވަސް ނޭވާތަކެއް ލިއެވެ. މީހާ ހަމައަކަށް އަޅުވަން މަސައްކަތްފެށިއެވެ. ނައިޓީލަމުން އީނާ ބަލާލީ ލޯގަނޑުން ފެންނަމުން ދިޔަ އޭނަގެ ސޫރައަށެވެ. ނައިޓީ އޮތީ އެހަށިގަނޑަށް ހިފާލާފައެވެ. ދޮންދޮން ދެއަތް ތިލައާއި ދެފައި ވެސް ފެންނަނީ ސިހުރެއް ފަދައިންނެވެ. ނިއުޅާލެވިފައިވާ ބުޅި އިސްތަށިގަނޑު ދިގުކަމުން އުނަގަނޑާހަމައަށް އަރައެވެ.
އީނާ ފާޚަނާގެ ދޮރު ހުޅުވާލީ ލަސްލަހުންނެވެ.
ފޯނާ ކުޅެން އޮތް އަލްޔަސް ދޮރުހުޅުވުނު އަޑަށް ތެދުވެލިއެވެ. ހުސްގަޔާ ހުރި އަލްޔަސް ފެނި އީނާއަށް ހުރެވުނީ ކުރިއަށް ހިނގައިގަންނަން ނޭގިފައެވެ. އޭނައަށް ބެލެނީ އަލްޔަސް އަށެވެ. ފަނޑު އަލީގެ ތެރޭން ފެންނައިރު އޭނަގެ ހިތަށް ވާ ގޮތެއް ވެސް ބުނެދޭން ނޭގެއެވެ.
”ވާއު….” އަލްޔަސްގެ ދެލޮލުން ފެނުނީ ތަފާތު ވިދުވަރެކެވެ. އަލްޔަސްގެ އަޑުން އީނާއަށް ހަމަހޭވެރިކަން ވިއެވެ. އޭރު އަލްޔަސް އައިސް އޭނައާއި އަރާހަމަކުރަނީއެވެ.
”ހާދަ ރީއްޗޭ….” އީނާގެ ކޯތާފަތުގައި ފިރުމާލަމުން އަލްޔަސް ބުންޏެވެ. އެއާއެކު އީނާގެ ހިތުގައި މަޑު ހީލިކެރެވުމެއް އުފެދިގެން ދިޔައެވެ.
އަލްޔަސްގެ ހޫނު ނޭވާތައް މޫނަށް އެޅެންފެށުމާއެކު އީނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ”ވަރަށް ބޮޑަށް ލޯބިވޭ…….” އީނާ އަލްޔަސްގެ ކަސްރަތީ ހަށިގަނޑުގައި ބައްދާލިއެވެ. އަލްޔަސްގެ އަތުގެ ތެރޭގައި ހުރެވުމުން އީނާއަށް އިހުސާސް ކުރެވުނީ ނިމުމެއްނެތް ހިމާޔަތާއި ލޯތްބެވެ. އެއާއެކު އޭނަގެ ބިރުފިލައިގެން ދާން ގިނައިރެއް ނުނެގިއެވެ. މިރޭގެ ކޮންމެ މިނެޓެއްވެސް ފުރިހަމަ ވާން އޭނަ ބޭނުމެވެ. އީނާގެ ތުނި ހަށިގަނޑު ގެނެސް މެޔާލާ ބޮނޑިކޮށްލަމުން އަލްޔަސް އީނާގެ ބުޅި އިސްތަށިގަނޑާ ކުޅެލިއެވެ.
ދެމަފިރިން އެކަކު އަނެކަކަށް ބޭނުންވާން ފެށީ ވަކިވަރެއް ބަލާފައެއް ނޫނެނެވެ. އަލްޔަސް އީނާގެ ތުންފަތަށް ބޮސްދިނުމުން އީނާގެ ނޭވާ ހުސްވެދާނެހެން ހީވި ވަގުތުކޮޅެއް ވެސް އައެވެ. ބާރަކަށް އަލްޔަސްގެ ހަށިގަނޑުގައި ބައްދާލެވުނުއިރު ލޭގެ ހިނގުންވެސް އަވަސްވެއްޖެއެވެ. ދެމަފިރިންގެ ހަރަކާތްތައް އަވަސްވެ ދެހަށިގަނޑު އެއްހަށިގަނޑަށް ވާން މާކަގިނަ އިރެއް ނުނެގިއެވެ. ކައިވެނީގެ ފޮނި މީރުކަން ދެމަފިރިންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލު ކުރެވުނެވެ.
ދެމަފިރިން ފެންވަރާލައިގެން ނިކުތްއިރު ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ. ނަމާދުކޮށްލައިގެން އެނދުގައި ޖައްސާލާއިރަށް ފުން ނިންޖެއްގެ ތެރެއަށް ޖެނބިއްޖެއެވެ.
****
އީނާ އާއި އަލްޔަސް މާލެ އައީ ހަފްތާއެއް ފަހުންނެވެ. ދެމަފިރިންގެ މޫނުމަތިން ފެންނަ އުފާވެރިކަމުން މާޔޫސްކަން ވެރިވެފައިވާ ހިތްތަކަށް ވެސް އުފާވެރިކަން ގެނެސްދޭނެއެވެ.
ތާއިފް އާއި ކުލްޘޫމްގެ ހިތްހެޔޮކަމާއި އީނާދެކެ ވާ ލޯތްބެއްގެ ސަބަބުން އީނާ ހުންނަނީ އުފަލުން ގޮސް ފޮޅިފައެވެ. މަންމަ މަތިން ހަނދާން ނުވާނޭ ވަރަށް ކުލްޘޫމްގެ ފަރާތުން ލޯބި ލިބުނެވެ. މިނިވަންކަމާއެކު އެގޭގައި އުޅެލެވެއެވެ.
އެއްދުވަސް ފަސް…..
ކުލްޘޫމް އިނީ ފަޒްލާއާ ވާހަކަ ދައްކާލަން ސިޓިންގް ރޫމުގައެވެ. އީނާމެން ތިބީ ގޭގެ ބަގީޗާގައެވެ. ހަވީރުގެ ވަގުތަށް ވެފައި މުޅި ބަގީޗާއަށް ހިޔާ ދީފައި އޮތްއިރު ފަޒާ މުއްސަނދިކޮށްލެވިފައި ވަނީ މާމެލާމެލީގެ މީރު ވަހުންނެވެ.
”ހަނީމޫންއަށް ދަނީ ކޮން ދުވަހަކުންތަ؟….” ދެކެވެމުން ދިޔަ ވާހަކައިގެ ތެރޭން ނަޒްޔަކް އަހާލިއެވެ. ”ނިކް އާ ނުބެހޭ ކަމެއް ނޯންނާނެ، އަހަރުމެން އަވަހަށް ފޮނުވާލަން ތިއުޅެނީ ކީއްވެ؟….” އަލްޔަސް ބުނެލިއެވެ.
”ކަމެއް ނުވޭ، ދެން މެރީކޮށްގެން ހަނީމޫންއަށް ދާން ވާނެއެއްނު….” ސިއްރު ނަޒަރަކުން ރޫޔާއަށް ބަލާލަމުން ނަޒްޔަކް ބުންޏެވެ.
”އަދި ޑިސައިޑް ނުކުރެވޭ، ނީރްގެ ވެޑިންގްއަށް ފަހު ދާންކަމަށް މި ވިސްނަނީ….” އީނާ ބުނެލިއެވެ.
”ޒަވާން ވެސް މެރީކުރަނީ، ސޭމްވެސް މެރީކޮށްފި، އަހަރެން އެކަނި މިހާރު މިހުރީ….” ނަޒްޔަކް ބުނެލިއެވެ. ހަތަރުމީހުން އެކިއެކި ވާހަކަތައް ދައްކަމުން ގޮސް މަޣްރިބް ނަމާދަށް ބަންގި ގޮވުމުން އެންމެން އަވަސްވެގަތީ ނަމާދަށް އެރުމަށެވެ.
****
”ކޮބާތަ ސޭމް؟….” މަޣްރިބް ނަދާމުކޮށްލައިގެން އައިސް ބޮޑުކޮޓަރިއަށް ވަން އީނާ ނަޒްޔަކްއާ ސުވާލުކުރިއެވެ. ”ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔައީ… އީނޫ ގާތު ނުބުނޭތަ؟….” އަލްޔަސް ޓީވީ އިން ނަޒަރު ވަކިކޮށްލަމުން ބުނެލިއެވެ.
”ފޯނު އޮތީ ނިވިފަ….” އީނާ ބުނެލިއެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ނަޒްޔަކް އޭނަ ބަލަން އިން ފިލްމަށް ޝައުޤުވެރިކަން ދިނެވެ. އީނާ އިނީ ރޫޔާ އާއި ނަޒްޔަކްގެ ވާހަކަ ފަށޭނެ ގޮތެއް ނޭގިފައެވެ. އެތައް އިރެއް ވަންދެން ވިސްނުމަށް ފަހު ދުރުދުރުން ފެށުމުގެ ބަދަލުގައި އޭނަ ގަސްދު ކުރީ ސީދާ އޭނަގެ މައުޟޫއަށް ދާށެވެ.
”ނިކް އާއި ރޫ ވަރަށް ގުޅޭ…..” އީނާގެ ޖުމްލަ އިން ނަޒްޔަކް ދިޔައީ ސިއްސައިގެންނެވެ. އޭނަ އެހާ ވަރުން ސިއްރުކޮށްގެން އުޅުނު ކަންތައް އީނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
”ވަޓް؟….” ނަޒްޔަކްއަށް ބުނެވުނެވެ.
”ދެން ދެނެހުރިކަމަށް ވެސް ނުހެދޭނެ….” ނަޒްޔަކްއަށް ވެގެން ދިޔަ ގޮތް ފެނި އީނާއަށް ހީގަނެވުނެވެ.
”ކިހިނެއްތަ އެނގުނީ؟……..” އަލްޔަސް އެހި އެވެ.
”އިޓްސް ވެލް ރިޓެން އޯވާރ ޔޯރ ފޭސް………” އީނާ ބުނެލިއެވެ.
”އަސްލުވެސް؟….” ނަޒްޔަކް ހިނިތުންވުމަކާއެކު ބުންޏެވެ.
”ޕްލީސް މިކަން ސިއްރުކޮށްދޭތި، އަހަންނަށް އަދި ނޭގޭ ރޫ އަހަންނާ މެދު ދެކެނީ ކިހިނެއް ކަމެއް ވެސް….” ނަޒްޔަކް އާދޭހުގެ ރާގަކަށް ބުނެލިއެވެ. ”އޯކޭ، ނޫޅެމޭ ނޫސް ޕޭޕަރުގަ ޗާޕް ކުރާކަށް…. އަހަރެން މިވާހަކަ މިދެއްކީ ނިކްއަށް އެހީވާން….” އީނާ ބުނެލިއެވެ.
ރޫޔާއަށް ކަމުދާ ކަންތައް އޮޅުން ފިލުވަން މީ ރަނުގެ ފުރުސަތަކަށް ވެދާނެއެވެ. ރޫޔާގެ ހިތް މިލްކުކުރަން ނަޒްޔަކް ވަނީ އިންތިހާއަށް ބޭނުން ވެފައެވެ. އީނާގެ އެހީއާއެކު އޭނަ އުއްމީދުކުރި ވަރަށްވުރެ އަވަހަށް އެކަންތައް ވެސް ނިންމާލެވޭނެއެވެ.
”ރޫއަށް މިވަގުތު ބައިވެރިއެއްގެ ލޯތްބާއި އަޅާލުން ވަރަށް ބޮޑަށް ބޭނުންވޭ….. އަހަރުމެން ކިތަންމެ ވަރަކަށް ރޫގެ ހިތްހަމަ ޖައްސާލަދޭން މަސައްކަތްކުރިޔަސް އެކަމުގެ ނަތީޖާ އެންމެ އެކަށީގެންވާ ގޮތުގައި ނުފެނޭ، ޝީ އިޒް ހާޓް ޑީޕްލީ………… ނަމަވެސް ނިކް އާއެކު ރޫ ހުންނަ ވަގުތުތަކުގައި ރޫގެ މޫނުމަތިން އެފެންނަ ހިތްހަމަޖެހުން އަހަރެން މީގެ ކުރިން ދުވަހަކުވެސް ނުދެކެން، ޔޫ ޓޫ އާރ މޭޑް ފޯރ އީޗް އަދާރ، ރޫ ވެސް ނިކް ދެކެ ލޯބި ވާކަން ޔަޤީން، އެކަމަކު ބުނަން ނުކެރެނީ………. އައި ކޭން ހެލްޕް ޔޫ ވިތް ދެޓް……” އީނާ ބުނެލިއެވެ.
(ނުނިމޭ)
8 Comments!
Comments are closed.
mi vaahakaige kithah bai indheetha? mi ahaali nimendhen nukiyaa mihuri, 1 mnth break negifahun ninamaane kamuge unmeedhen nethima
vvvvv reethi mi part vx… n plxxxx nxt part avahahh up kohdhyba… v kiyaa hithunn mi iny <3
vvvvvvvvvvvvv.reethi
mutha what is this??? jus two line
3>..wow… very nice
ehaa dhuwas kohfa wes mihaa kuda thankolhehtha???!! :/ mi part ces varah nice next baai dhigukohladheichey ingeei 🙂
wow..hama bunaane ehchehvx neyngifa myny…next part kiyan kehmadhuvefa mihury…
wow <3 its jxt awesome 🙂 bt thankolheh kury…… story kiyamun dhiya iru ihu ge fiirst night ah image kurevun…. i also want such a loving person in my life 🙁 bt unfortunately i cnt get 🙁 i m so unlucky 🙁 ehn viyas kyp it up muthaa 🙂