Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 27

Ushaali Level 810 Stories100 Comments100 Stories500 Comments
February 27, 2019 9 Mins Read
13 Comments

26 ވަނަ ބައިގެ ތެރެއިން….

“ފެނުނުތަ؟ މިހާރުވެސް އެބަހުރި ކަންނޭނގެ…. އަޅެ ނޭނގޭކަމަށް ހަދާލާފައި ބަލާލަބަލަ” ޔަނާލް މޫދަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފައިޒަން އެގޮތަށް އަމަލުކުރިއެވެ. އަދި ޔަނާލާއި ދާދި ގާތުގައި އިނދެ ފުރަގަހުން އަކިރިތަކުގެ މަތީގައި ދެއަތް ވިއްދާލަމުން ހަށިގަނޑު ފަހަތަށް ޖައްސާލިއެވެ. އޭނާ ވާހަކަދެއްކީ އެއަށް ފަހުގައެވެ.

“މިހާރުނެތް. އެކަމަކު ހިއެއްނުވޭ ދާނެހެނެއް” ފައިޒަން ބުނެލިއެވެ.

“ހެހެހެ… މަޖާކަމެއްދޯ….. އަހަރެމެންނަށް ވާނުވާ ބަލާނެ ބަޔަކު އެބަތިބިތާ ދޯ” ޔަނާލް ހީގަތުމުން އެމޫނަށް ފައިޒަން ބަލާލިއެވެ. އެހިނިތުންވުން އޭނާއަށް މިހާރު ފެންނަނީ ވަރަށް މަދުންނެވެ. ފެނިއްޖެނަމަ އޭނާއަށް އެމޫނުން ނަޒަރު ވަކިކޮށެއް ނުލެވެއެވެ.

**********************************

“ކިހިނެއްވީ؟ އައި މިސް ދޯސް ޑޭސް… ދޯސް މޯމެންޓްސް ވީ ހޭޑް ޓުގެދަރ… ހިތަށް އަރާ އަދިއެއްފަހަރު އެދުވަސްތަކަށް އަނބުރާ ދެވޭނެނަމައޭ….” އުޑުމައްޗަށް ނަޒަރު ހިންގާލަމުން ފައިޒަން ބުނެލިއެވެ.

“އަހަރެން ހިތަކަށް ނާރާ. އެދުވަސްތައް ހަނދާނަށް އައުމުން އަހަރެންނަށް ލިބެނީ ހިތްދަތިކަން. ވޭނާއި ރިހުން” ޔަނާލް ބުނެލިއެވެ. އެދުވަސްތަކުގެ ވާހަކަ ދައްކަން ފެށުމުން އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިފިއެވެ.

“އޭރުގެ ހުރިހާ ދުވަސްތަކަކީ ވޭނާއި ރިހުން ގެނުވި ދުވަސްތަކެއް ނޫނެއްނު” ޔަނާލްގެ މޫނަށް ފައިޒަން ބުނެލިއެވެ.

“އެހުރިހާ ދުވަސްތަކަކީވެސް އަހަރެންނަށްޓަކައި ހިތްދަތިކަމުން ފުރިފައިވި ދުވަސްތަކެއް. ބައެއްގެ ހީލަތްތެރި، ދެއްކުންތެރި ލޯތްބެއްގެ ސަބަބުން އަހަރެން މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ… އެމީހުން ޖަހައިގެން އުޅުނު މަޅީގައި ރަނގަޅަށް ހައްޔަރުވެފައި އަހަރެން ހުރީ” ޔަނާލް ވާހަކަދެއްކިއެވެ.

“ތިކަހަލަ ވާހަކަނުދައްކާ….. އެމީހުންނަށް އެމީހުން ކުރި ކުށުގެ ޙައްޤު އަދަބު ލިބޭނެ. މިދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް” ފައިޒަން ބުނެލިއެވެ.

“ލިބެންވެސްޖެހޭނެ. ޤާނޫނީގޮތުން އެމީހުންނަށް ލިބެންޖެހޭ އަދަބެއް ނުލިބިއްޖެނަމަ އަހަރެން ނިކުންނާނަން އެކަނި ވިޔަސް. ދުލެއްނުކުރާނަން. އަހަރެންނަށް މިހާރުވެސް ފެންނަކަހަލަ އަހަރެންގެ ޔަޒްދާން އަހަރެންގެ އަތުތެރޭގައި އޮވެ އެންމެފަހުގެ ނޭވާ ދޫކޮށްލި ގޮތް” ޔަނާލް ދެލޮލުގައި ގިނަވެފައި ހުރި ކަރުނަތައް އޭގެ މަޤާމުދޫކޮށް އޮހިގަތެވެ.

“ތިބުނީ؟؟؟ އެމަރުގެ ފަހަތުގައިވެސް އެމީހުންތަ؟؟” ފައިޒަން އަހާލިއެވެ. އޭނާގެ މުޅި ހަށިގަނޑު ޔަނާލާއި ދިމާލަށް އަނބުރާލިއެވެ.

“އާނ…. ޔަޒްދާންގެ ކުށަކީ ކައިވެންޏަށްފަހު ބައްޕަގެ މުދަލުން ބައެއް އަހަރެންނާއި ކައިވެނިކުރާ މީހަކަށް ލިބޭގޮތަށް މާކުރިން ބައްޕަ ހަމަޖައްސާފައި އޮތްކަން. ނަސީބުދެރަކަމުން އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށްވީ ޔަޒްދާން…” ޔަނާލް ބުނެލިއެވެ.

“އެކަން ހިނގިގޮތް ނަނާއަށް އެނގެންޏާ ކިޔާދީބަލަ” ފައިޒަން އެދުނެވެ. ވާހަކަދައްކަން ފެށުމަށް ޔަޒްދާން އިރުކޮޅެއް ނެގިއެވެ.

“އެރޭ ޕާޓީއަށޭ ކިޔާފައި އެމީހުން ޔަޒްދާން ގެންދިޔައީ މަރާލަން. އެމީހުން ޔަޒްދާންގެ ކޯކްތައްޓަށް އަޅާފައި ހުރީ ބާރުގަދަ ކެމިކަލެއް. އޭތި އެމީހުން ހޯދީ އިފްނާގެ ރައްޓެހި ޑޮކްޓަރެއް މެދުވެރިކޮށް. އެޑޮކްޓަރަށް އެމީހުން ވަރަށް ބޮޑު ހޭދައެއްވެސް ކުރި. އޭގެ އަސަރު ޔަޒްދާނަށް ކުރީ އޭނާ އައިސް ކޮޓަރިއަށް ވަންވަގުތު. ޤަބޫލުކުރެވޭތަ؟ ފައިސާއާއި މުދަލަށްޓަކައި އެއް އިންސާނަކު އަނެއް އިންސާނަކު ނެތިކޮށްލަފާނެއޭ….” ޔަނާލް ވާހަކަ ހުއްޓާލީ އޭނާއަށް ރޮވި އަޑުބެދުމުންނެވެ.

“ނޯ….. އައި ހޭޓް ޓިއަރސް….. އެންޑް އައި އަންޑަސްޓޭންޑް ވަޓް ޔޫއަރ ގޮއިންގް ތްރޫ ދީސް ޑޭސް….” ޔަނާލް އިސްޖަހާލުމުން އޭނާގެ އަތުގައި ހިފާލަމުން ފައިޒަން ބުނެލިއެވެ.

“ލުކް ނަނާ!!! ނޮޓް އަގެއިން” ޔަނާލްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމުން ފައިޒަން ބުނެލިއެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އޭނާ ފައިޒަންއަށް ނަޒަރެއްދިނެވެ.

“ކީތްކުރާނީ…. މީގެ އެތައް އަހަރެން ފަހުންވެސް މިވާހަކަ އަހަރެން ދައްކަންޏާ ވާނީ މިވަރު. ހާދަ ހަނދާންވެޔޭ….” ޔަނާލް ބުނެލިއެވެ. ފައިޒަން ޔަނާލް ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.

“ތިހުރިހާ ކަމެއް ނަނާއަށް ކިހިނެއް އެނގުނީ…. އައި މީން ދާންގެ ކޯކްތައްޓަށް އެމީހުން ކެމިކަލެއް އެޅިކަން” ފައިޒަން އަހާލިއެވެ.

“ޔާޒްއަށް ތިންމަސްވީ ދުވަހު އެންމެން ރޭވީ ސަފާރީއަށްދާން. އެދަތުރުގައި ބައިވެރިނުވަނީ ބައްޕައާއި ޝިފައްތައާއި ނާއްތަ. ބައްޕަވީ ވިޔަފާރި ކަމެއްގައި އިންޑޮނޭޝިޔާގަ. ޝިފައްތައާއި ނާއްތަ އެދުވަސްކޮޅުގައި މާލޭގައި ނެތީ. އެއްރޭ އަހަރެން ޔާޒް ނިންދަވާފައި ބޭރަށް ނިކުތްގަޑީގައި ބޭރު ސޯފާގައި ތިބެ އެމީހުން ދެއްކި ވާހަކަ އަޑު އިވުނީ. އެމީހުން ވަރަށް މަޖާވެފައި ހީނ ސަކަރާތްޖަހާފައި ކިޔަމުން ދިޔައީ ޔަޒްދާނަށް ވިހަ ދިންގޮތް. ކޯކްތަށި ނުބޯން ޔަޒްދާން ވަރަށް އުޅުނުކަމަށް ބުނީ. އާކިން ކިއި ވަރުންނޯ ޔަޒްދާން ބޯލީ. އެހުރިހާ ވާހަކައެއް އަޑު އިވުނީމަ އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީ. ވަރަށް އަސަރުކުރީމަ އެހާ ބާރަށް އަހަރެންނަށް ރޮއެގަނެވުނީ. އެހިސާބުން އެމީހުންނަށް އެނގުނީ ހުރިހާ އެއްޗެއް އަހަރެންނަށް އެނގިއްޖެކަން. އެހިސާބުން އެމީހުން ނިންމީ އަހަރެންގެ ދުވަސް ދުއްވާލަން. އަހަރެން ވަރަށް ރަހުމްކުޑަކޮށް ދަމާފައި ގެންދިޔައީ ސަފާރީގެ އެންމެ މައްޗަށް. އަހަރެން ބަނޑުކޮޅުގައި ފައިން ތަޅަމުން އާކިން ކިއީ އެމީހުންގެ އަތް ދަށުން އަހަރެން ސަލާމަތްވިޔަސް ދުވަހަކުވެސް މީހަކާއި ކައިވެނިކޮށް މަށަށް ދަރިޔަކު ނުލިބޭވަރު ކުރާނަމޭ. މާއިރާއާއި އިފްނާ ހުރީ އަހަރެންގެ އިސްތަށިގަނޑުގައި ހިފައިގެން. އަހަރެންނަށް އަނިޔާ ނުކުރަނީ ހަމައެކަނި ރާކިން. އެކަމަކު އޭނާވެސް އެތަނުގައި ކުޅިބަލަން ހުރި. އަހަރެން ކަނޑަށް ހޫރާލަމުން މާއިރާ ހާމަކުރީ އަހަރެންނަށް މިހާތަނަށް އެނގޭނެ އެންމެ ހިތި ހަޤީޤަތް. އަހަރެންނަކީ އޭނާގެ ދޮންދަރިއެއްކަން. އަދި އެތިން ފިރިހެނުންނަކީ ބައްޕަގެ ދޮންދަރިންކަން. ކަނޑުގެ އެގަދަ ބާނިތަކުގެ ތެރޭގައި ސަލާމަތަށް އެދި އަހަރެން ރޮމުން ދަނިކޮށް އަހަރެން އަތުގައި ޖެހުނީ ހަމެއް ފާޑުގެ އެއްޗެއް. ތަނަށް ވެރިވެފައިވި އަނދިރިކަމެއްގެ ސަބަބުން އެމީހުންނަށް ނުފެނުނީ އަހަރެން އެހަންގަނޑުގެ ސަބަބުން އަޑިއަށް ނުގޮސް އޮތްތަން. މާއިރާ ކިޔަމުން ދިޔައީ ވަރަށް އަވަހަށް އަހަރެން ފޮނުވާލިތަނަށް ބައްޕައާއި ޔާޒް ފޮނުވާލާނެ ކަމަށް. އޭގެ އިރުތަކެއް ފަހުން އަހަރެން ނެގީ ސަފާރީގެ ހުރިހާ ކަމެއްބަލަން ބައްޕަ ހަވާލުކޮށްފައި ހުންނަ އައްޔުބެ. ކުޑަދުވަސްކޮޅަކު އައްޔުބެ ބައްޕަގެ ޑްރައިވަރަކަށް ހުރީ.  ކަނޑުން ނެގއިރު އަހަރެން ވަރަށް ބަލިވެފައި އޮތީ. އައްޔުބެ ބުނީ އެމީހުން ޔާޒް ގޮވައިގެން ލޯންޗުގައި ނައްޓާލާއިފިޔޯ. އައްޔުބެއަށް ހުރިހާ މަންޒަރެއް ފެނި އަޑުވެސް އިވިއްޖެޔޯ ބުނީ. އަހަރެން އެވަގުތު އެދުނިން އަހަރެން ގެއަށް ފޮނުވައިދިނުމަށް. އެކަމަކު އައްޔުބެ ވިސްނާދިނީ ދެވަނަ ފަހަރަށްވެސް އެމީހުން އަހަރެން މަރާލަން މަސައްކަތްކުރާނެ ކަމަށާއި އެއްވެސް ގޮތެއް ޔާޒްއަށް ހަދަން އެމީހުންނަށް ނުކެރޭނެކަމަށް. އަހަރެން އައްޔުބެއާއި އެކީގައި ބޭރަށްފުރީ. ވަރަށް ދެރަވި ޔާޒްއާއި ވަކިން ދުވަސްތައް ހޭދަކުރަންޖެހުނީމަ. އަހަރެން ހެއްދެވި ފަރާތަށް ދުޢާކުރިން އެދަރިފުޅު ހެޔޮހާލުގައި ލެއްވުމަށް އެދި. އަހަރެއް ވުމުން އެކުއްޖާ ދެކޭހިތުން އަހަރެން ތެޅިފޮޅޭވަރުން އައްޔުބެ ލަފާދިނީ ޔާނާއަށް ވެގެން މޫނުފޮރުވައިގެން އެމީހުން ކުރިމައްޗަށް ދިޔުމަށް. އޭގެކުރިން އައްޔުބެގެ ފަރާތުން އެނގުނު ބައްޕަ އިން ހާލުވެސް. ވަރަށް ދެރަވި އެއްވެސް އެހީއެއް ބައްޕައަށް ނުވެވޭތީ. މާލެ އައިސް ފޭސްބުކް އާ އައިޑީއަކުން ވަދެ ތިއެންމެންގެ ޕްރޮފައިލް ހާވަމުން ދަނިކޮށް ފެނުނީ ކުޑަކުއްޖަކު ބަލާދޭނެ މީހަކު ހޯދުމަށް ފައި ޖަހާފައި އިން ޕޯސްޓް. ވަގުތުން މަށަށް އެނގުނު އެއީ މަގޭ ދަރިފުޅުކަން. އެހެންވެ އަހަރެން ފައިއަށް މެސެޖްކޮށް ބައްދަލުކުރީ. އެދުވަހު އަހަރެންނަށް ފައި ބަލަމުން ދިޔަ ގޮތުން ހީކުރީ އަހަރެންމީ ކާކުކަން އެނގުނީކަމަށް. އެގޭތެރެ އަހަރެން އެޅި ފުރަތަމަ ފިޔަވަޅާއެކު އެމީހުންގެ ފުށުން ވަރަށް ރީތިގޮތަކަށް ބަދަލުހިފާލާނަމޭ އަހަރެންގެ ހިތަށް އެރި. އެއިން ކޮންމެ މީހަކު ފެންނައިރަށް އަހަރެންގެ ލޭކެކިގަނޭ. އެގެއަށް އައިފަހުން އެނގުނީ ބައްޕަގެ ވިޔަފާރިވެސް ބަނގުރޫޓްވެފައި އޮތްކަން….. މިހާރު ފައިއަށް އެނގިއްޖެއްނު އަހަރެންނަށް ފައިއަށް އެއްވެސް އެއްޗެއް ކިޔާނުދެވުނީ ކީއްވެގެންކަން. ކުލްމަންމަ ބަލިވެގެން ބޭރަށް ދިޔަގޮތަށް ފައިގެ އެއްވެސް ހަބަރެއްނުވޭ. މަށަށް އިނގޭ ފައި ހުންނާނީ ވަރަށް ޓެންޝަންގަކަން…….” ޔަނާލް ވާހަކަހުއްޓާލިއެވެ. އަދި ފައިޒަންގެ މޫނަށް ބަލާލިއެވެ. ފައިޒަން އިނީ މައްޗަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

“ކީކޭބުނާނީ…. ހާދަ ނުބައި ބަޔެކޭދޯ. ނަނާގެ މަރަށްފަހު މަންމަގެ ހާލު ރަނގަޅުވާންފެށީ. އެކަލާނގެ މަންމައަށް އިތުރު ހިތްވަރެއްދެއްވީ. އަހަރެން ބަލިކަށިވީ ވަގުތު މަންމަ ކޮޅަށްތެދުވީ. ވަގުތުން މަންމަ ބޭނުންވީ މާލެ އަންނަން. އައިގޮތަށް މަންމަ ދިޔައީ ތިގެއަށް. އަހަރެން ނުދިޔައީ ތިގެއަށް ވަންނާނެ ހިތްވަރެއްނެތީމަ. ނަނާ މަތިން މާބޮޑަށް ހަނދާންވާނެތީ. މަންމަ ދިޔަ ގޮތަށް ގެއަށް އައީ ޔާޒް ގޮވައިގެން. ބުނީ އެމީހުން އެދުނީޔޯ ނަނާ ކަނޑުވެ މަރުވިކަމަށް އަޑު ނުފަތުރަން. އެހެންކިޔަންޏާ ފުލުހުން ބޮޑު މައްސަލަގަނޑެއް އުފައްދާ އާއިލާ ތެރެއިން ބައެއްގެ ބޮލުގައި އިލްޒާމެކޯ އެޅިގެންދާނީ. އަހައިފިއްޔާ ކޮންމެ މީހަކުވެސް ބުނާށޯ ނަނާ އާއިލާ ނުގަބޫލުގަ ޖަރުމަނު މީހަކާއި އިނދެގެން ޖަރުމަނަށް ފުރައިފިޔޭ…. ކިހާ ހެއްވާ….. އެމީހުން އޭރުގައި އެގޮތަށް ކަންތައްކުރީ ކީއްވެކަން ވިސްނާލީމަ މިހާރު އިނގޭ. އޭރުގަ ކިހިނެއް ހިތަށް އަރާނީވެސް ބަޔަކު އެހާމޮޅަށް ކަންތައްތައް ރާވައިގެން އުޅޭނެކަމެއް. މަންމަ ބުނި އެމީހުން ޔާޒް ނުދެންވެސް ވަރަށް ހިފާލިޔޯ. އެކަމަކު މަންމަ ދޫނުކުރީމަ އެންމެފަހުން ދިނީޔޯ…..” ފުންނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ފައިޒަން ޔަނާލަށް ބަލާލިއެވެ.

“ކީތްކުރާނީ… އެދުވަސްވެސް ލޮލަށް ދައްކަވައިފި. ދެން އޮތީ އަހަރެމެންގެ ދުވަސް. ފުލުހުންނަށް މައްސަލަ ހުށައަޅަންޏާ އެމީހުންނާއި ދެކޮޅަށް ހެކިވެސް ބޭނުންވާނެ” ފައިޒަން ބުނެލިއެވެ.

“ލިބޭނެ. އެކަމަކު މިކަމާއި ބޮޑަށް އުޅޭނީ ރަނގަޅުވެގެން ބައްޕަ އެނބުރި އައި ދުވަހަކުން. ބައްޕައާއި މެދު އެމީހުން ކަންތައްކުރި ގޮތްވެސް އެނގެން އަހަރެން ބޭނުން” ޔަނާލް ބުނެލިއެވެ.

“ވަރަށް ލަސްވެއްޖެދޯ…. ހިނގާ ދަމާ…” ތެދުވެ ޖިންސުން ވެލިފޮޅާލަމުން ފައިޒަން ބުނެލިއެވެ. އަދި ޔަނާލަށް ދެއަތް ދިއްކޮށްލިއެވެ. ޔަނާލް ކޮޅަށްތެދުވީ ފައިޒަންގެ ދެއަތުގެ އެހީގައެވެ. ދެކުދިން އެކީގައި ގެއާއި ދިމާލަށް ހިނގައިގަތްއިރު އިރުއޮށްސުމަށް ތައްޔާރުވަމުން ދިޔަ ރަތާއި އޮރެންޖް ކުލައިގެ ވިލާތައް އުޑުމަތީގެ އެކި ހިސާބުތަކުގައި ރަންކުލަ ފަވަމުން ދިޔައެވެ.

********************************************

މެންދުރު ކެއުން ކުރިޔަށް ދިޔަ ވަގުތުގައި މާއިރާ ބަލަމުން ދިޔައީ މޭޒު ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ޔަނާލްގެ އަތްތިލަ އަށެވެ. ކުރީ ދުވަހު ޔަނާލްގެ އަތުން އޭނައަށް ފެނުނު ކަޅުތިލަ ފެންނާނެ ގޮތެއްނުވިއެވެ. ޔަނާލް ހުރީ އަތަށް އަންގި އަރުވައިގެންނެވެ. މާއިރާ ބަލާލީ ކައިރީގައި އިން އާކިންގެ މޫނަށެވެ. މާއިރާ ބަލަމުންދާކަން އިނގޭއިރުވެސް ޔަނާލް ހުރީ ހަމަ އަޅާވެސްނުލައެވެ.

“މަންމަ ކައިރީގައި ބުނީމެއްނު ތިވާނީ މަންމަ އެކަމާއި މާބޮޑަށް ވިސްނީމަ ފެނުނު ގޮތް ކަމަށޭ” އެއްވެސް މީހަކަށް ނޭނގޭނެހެން އާކިން މާއިރާގެ ކަންފަތް ދަށުގައި ބުނެލިއެވެ. ޔަނާލް އާކިންއަށް ބަލަން ހުރިތަން ފެނުމުން އާކިންގެ ހީބިހި ނަގައިގަތެވެ. ޔަނާލްގެ ބެލުމުގައި އާދަޔާޚިލާފްކަމެއް ވާކަން އެހުރިހާ މީހުން މިހާރު ޤަބޫލުކުރަން ފަށައިފިއެވެ. އާކިންއަށް ވީގޮތް ފެނި ޔަނާލް ކައިރިއަށް ހިނިއައެވެ.

“އައްދެ…. މަންމި ދޫނި މިއަދު ރުޅިކޮށްލާފައި އިން ދުވަހެއްތަ؟” ފައިޒަން އިނގިލީގައި ހިފާލައިގެން ކުދި ފިޔަވަޅުތަކެއްގައި އައި ޔާޒް ފެނުމުން ޔަނާލް ބުނެލިއެވެ. މާއިރާ ފަސްއެނބުރި ބަލާލިއެވެ. އޭރު ކުޑަކުޑަ ޔާޒް ހުރީ ކުޑަ ތުންފަތްކޮޅު ފިއްތާލައިގެންނެވެ. ޔަނާލް ‘މަންމި’ އޭ ބުނުމުން މާއިރާއަށް ހީވީ އޭނާގެ ކަންފަތްމަތީގައި ނުފެންނަ އަތްތިލައަކުން އަޅުވާލި ހެންނެވެ. އާކިންއާއި ބާކީ ތިބި މީހުންވެސް ތިބީ ހިތްހަމަނުޖެހިފައެވެ. އެއްވެސް ހާލެއްގައި ޔާޒް ލައްވާ ޔަނާލަށް މަންމި ކިޔުއްވަން އެމީހުން ބޭނުމެއްނުވެއެވެ.

“އާނ… މަންމި ނުފެނި ގިނައިރު ވީ” ފައިޒަން ހީލަމުން ބުނެލިއެވެ.

“ތެދެއް…. އަވަހަށް އާދޭ މަންމި ދޫނި” ޔާޒް އުރާލަމުން ކުޑަކުދިން ވާހަކަދައްކާ ރާގުގައި ޔަނާލް ބުނެލިއެވެ. ފައިޒަން ގޮނޑީގައި އިށީނުމުން ޔަނާލް އެއްއަތުން ޔާޒް އުރާލައިގެން ހުރެ ފައިޒަންއަށް ތަށި ކައިރިކޮށްދިނެވެ.

“ކޮބާ މަންމަ؟” ތަނުގައި ކުލްޝޫމް ފެންނަން ނެތުމުން ފައިޒަން އަހާލިއެވެ.

“މިއަންނަނީ ގޮވާލާފައި” ޔަނާލް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. އޭރު ޔާޒް އޮތީ ޔަނާލް ކޮނޑުމަތީގައި ބޯއަޅާލައިގެންނެވެ. ދެލޯ ކުޑަވަމުން ދިޔަގޮތުން ހީވަނީ ދެންމެ ދެންމެ ނިދާފާނެ ހެންނެވެ.

“ނީނދެ އިނދެގެން ދޯ….ޗި…… މިހާރު ގާޒީ ކުރިމަތީގައި އަނބި ޤަބޫލުކޮށްފީމޭ ނުބުނާކަން ދޯ” އިފްނާ ވާހަކަދެއްކިއެވެ. އޭނާ ދޯ ދިނީ މާއިރާއަށެވެ.

“ހެހެހެ… އިފްނާއްތަ ޖެލެސްވީތަ؟” ހީލަމުން ފައިޒަން އަހާލިއެވެ. އިފްނާ ރަކިވިއެވެ. ފައިޒަންއަށް ބަލާލީ ދެލޯ އަޅަމުންނެވެ.

“ފައިޒަން! އަހަރެން ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް؟” ސަމްސަލާއި އޫ ތަށި ތެރެއަށް ދޫކޮށްލަމުން މާއިރާ ބުނެލިއެވެ.

“އަޑުއަހަން މީނީ” ފަރުވާކުޑަ ގޮތަކަށް އުލާއި ސަމްސާ ބޭނުންކޮށްގެން ބަތްތަށި އެއްކުރަމުން ފައިޒަން ބުނެލިއެވެ.

“ކަލޭމެން ޤަބޫލުކުރިޔަސް ނުކުރިޔަސް ޔަނާލަކީ މަގޭ ދަރިއެއް. އެއީ މަގޭ ހުރި ހަމައެކަނި އަންހެން ދަރިފުޅު. އެދަރިފުޅު މިދުނިޔެއިން ވަކިވެގެން ދިޔަ ނިކަމެތި ގޮތް އެއީ އަހަރެން ދުވަހަކުވެސް ހިތުން ފިލާނެކަމެއް ނޫން. މިދުނިޔޭގައި އެދަރިފުޅުގެ ނިޝާނަކަށް ހަމައެކަނި ހުރީ ޔާޒް. އެއީ އަހަރެންގެ ހުރި ހަމައެކަނި މާމަ ދަރިފުޅު. ކުލްޝޫމަށް ޙައްޤު އޮތް ގޮތަށް ޔާޒްގެ މައްޗަށް މަށަށް ވެސް ޙައްޤު އެބައޮތް. ޔަޒްދާނަކީ ކުލްޝޫމްގެ އުފަން ދަރިއެއްނޫން. އެއީ ޔާޒްގެ ދޮން މާމަ. އެހެންވީމަ ކުލްޝޫމް ވާނީ މަށަށް ވުރެ ދުރު”……….

“ބްލާ…..ބްލާ…ބްލާ….. ޕޮއިންޓަށް ދޭބަލަ” އުލުން އަލުވިކޮޅެއް ނަގާ އަނގައަށް ލަމުން ފައިޒަން ބުނެލިއެވެ. މާއިރާ ފައިޒަންއަށް ބަލާލި ނުރައްކާތެރިގޮތް ފެނި އިތުރަށް ފައިޒަން ހިނިއައެވެ. ހީވީ އަރާ ކާއެއްޗެއްހެން އަރާ އޭނާގެ މޫނުމަތީގެ ލޭކޮށާލާފާނެ ހެންނެވެ. މާއިރާ އިނީ އޭނާގެ ވާހަކަތައް އެގޮތަށް ފައިޒަން މެދުކަނޑާލަމުން އިންތިހާއަށް ރުޅިގަދަވެފައެވެ.

“ކޮބާތަ ފައިޒަންގެ އަޚްލާޤް؟ ތީތަ ކުލްޝޫމް ދިން ތަރުބިއްޔަތަކީ….” އެންމެފަހުން މާއިރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ހެހެހެ… ސޮރީ… ސޮރީ….” ހުނުންގަނޑު ކޮންޓްރޯލް ކުރަމުން ފައިޒަން ބުނެލިއެވެ.

“ފައިޒަން! ތިގޮތަށް އަހަރެންގެ މަންމައާއި ވާހަކަދެއްކުމުގެ އެއްވެސް ޙައްޤެއް ކަލެއަކަށް ނޯންނާނެ. އަހަރެމެން ކިތަންމެ ނުލަފާވިޔަސް ތިގޮތަށް ދުވަހަކުވެސް ކުލައްތައާއި ވާހަކަދައްކާފައެއް ނޯންނާނެ… މަށަށް ހީވަނީ މިގޭ އުޅޭ ފޮތިފޭލި ވަރަށް ރަނގަޅަށް ކަލެއަށް ކިޔަވާދެނީހެން” އާކިން ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

“ހެހެހެ… ކަލޭމެން ލަވައެއް ކިއިޔަސް އެލަވައެއް ނިންމާލަމުން ޔާނާއާއި ގުޅުވާލާނެ. އަސްލު ކޮބާ ތިއެންމެންގެ މައްސަލައަކީ…. ޔާނާ ކަލޭމެންނަށް ކީތްކުރީ ތިވަރުގެ ނަފްރަތެއް އޭނާއަށް ކުރަން” ފައިޒަން އާކިންގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“އަހަރެން މިއުޅެނީ ތިވާހަކަދައްކާކަށް ނޫން. އަހަރެން ބުނަން މިއުޅޭ އެއްޗެއް އަޑުއަހާ” މާއިރާ ބުނެލިއެވެ.

“ނުބުނެވުނެއްނު. މިހާރު ފޫހިވެއްޖެ. މޫޑެއްނެތް” ފައިޒަން އިންތަނުން ތެދުވެލިއެވެ.

“އަޑުއަހަން ޖެހޭނީ. ޔާޒްގެ މަންމަ މިދުނިޔެއަކު ނެތް. އެކުއްޖާ ލައްވާ ތަނަކުން ފެންނަހާ މީހަކަށް އަމާ ކިޔުއްވަން ނޫޅުނިއްޔާ ރަނގަޅީ. ޔާޒްގެ އަމައެއްވެސް ބަފައެއްވެސް ނެތް. އެކުއްޖަކީ ބަލަދުވެރިންނަކީ އަހަރެމެން. އެކުއްޖާގެ ދިފާއުގައި އެއްޗެހި ބުނަން ތިބީވެސް ހަމަ އަހަރެމެން” މާއިރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ވާއު….. އެމޭޒިންގ….. ފެންޓާސްޓިކް….. ތިވާހަކަތައް ދައްކަން އެންމެ އެކަށީގެންވާ މީހުން ތިކަހަލަ ވާހަކަދެއްކީމަ ވާނެތާ ކްލެޕްކޮށް ތަޢުރީފްކުރަން. ޔާޒްދެކެ ތިހާ ލޯތްބެއްވީ ކޮންއިރަކު؟ އެކުއްޖާގެ އުމުރުން ދޮޅު އަހަރުމިވީ. ބުނެބަލަ ލޯބިން ފިރުމާލިންތަ؟ ކުޑަމިނުން ރުހުމުގެ ލޮލަކުން އެކުއްޖާއަށް ބަލާލިންތަ؟ނޫނީ އެއީ އަންހެންކުއްޖެއް ކަމެއް ނޫނީ ފިރިހެން ކުއްޖެއްކަމެއް އިނގޭ ކަމެއްވެސް ނޭނގޭ. ދެން ކިހިނެއް ތިހާ ލޯތްބެއް ވާނީ. އެހެންނޫނަސް ގަހަށް ނެތް ކުލުނެއް ފަތަށް ހުންނާނެތަ؟” ފައިޒަން ވާހަކަދެއްކިއެވެ. ރަކިވިވަރުން ބުނާނެ އެއްޗެއް މާއިރާއަށް ނޭނގުނެވެ. ފައިޒަން ހިނގައިގަތެވެ.

“އެއްޗެއް ބުނާއިރަށް ހާދަ ވަރަކަށޭ ތިފުފެނީ. ފައިޒަންއަށް ކޯޗެއް އެނގިގެން ތިވައްތަރަށް ވާހަކަ ތިދައްކަނީ” މާއިރާ ބަލި ޤަބޫލުކުރަން ބޭނުމެއްނުވިއެވެ.

“ބުނަންތަ ވާހަކައެއް؟ ބޮޑެތި ހަން ކަހަލަ އެއްޗިއްސަށް ވައި އެޅީމަ ފުފޭނީ. މަށަކީ ހަމެއް ނޫން. އެހެންނޫނަސް ޔާޒް ބައްޕަ ކިޔަނީ މަށަށް. އެއީ މަގޭ އެއްބަފާ ބޭބެގެ ދިރިހުރި ނިޝާން. އެކުއްޖާ މިދުނިޔެއަށް އުފަންކުރީ މިދުނިޔެމަތީގައި ހުރި މަ އެންމެ ލޯބިވާ ކުއްޖާ ޔަނާލް. މިހާރު އެކުއްޖާ މަންމަ އެކިޔަނީ އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ވާން އުޅޭ ކުއްޖާއަށް. ޔާނާ. ޔާނާއަކީ މުސްތަގުބަލުގަ އަހަރެންގެ އަނބިމީހާ. މިގޭގެ ވެރިޔާ. ޔާޒްގެ މަންމަ. އަދި ކަލޭމެން އެންމެންގެ އެންމެބޮޑު އަދާވަތްތެރިޔާ…….. އަދި އެއްވާހަކަ. ތިބުނީނު މަށަށް ކޮންއެއްޗެއްހޭ އެނގެނީ…. ދެން ނާހައްޗެ…. ހެހެހެ….. އަހަރެންނަށް އެނގޭ އެއްޗެއް ސިއްރެއްގޮތުގައި ބޭއްވިޔަދީ. އެހެންނޫނީ މަންޒަރު މާރިއްޗެއް ނުވާނެ” ފައިޒަން ވާހަކަދެއްކިއެވެ. އޭނާ އެމީހުންނަށް ފުރަގަސްދީފައި ހިނގައިގަތްއިރު ހުރީ ލާނެއް ހިންޏެއް އައިއްސައެވެ.

**************************************

ކޮޓަރީގައި ދެކޮޅަށް ހިނގަން ހުރި މާއިރާގެ ސިކުނޑި ތެރޭގައި އެނބުރެމުންދަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާގެ ކުރިމަތީގައި ހުރެ ފައިޒަން ދައްކަމުން ދިޔަ ވާހަކަތަކެވެ. އޭނާ ރުޅިއައިއްސަ ހުރީ އޭނާގެ އަމިއްލަ ނަފްސުދެކެއެވެ. ރައްދުގައި ފައިޒަންއަށް ޖަވާބުނުދެވުނީތީއެވެ. ހިތުގައި އުފެދުނު ބިރެއްގެ ސަބަބުން އޭނާއަށް އިތުރަށް އެއްޗެއް ބުނަން ނުކެރުނީއެވެ.

“ދެން މިހާރު ކޮންކަމަކާ މަންމަ ތިވިސްނަނީ” އެނދުގައި އިން އާކިން އަހާލިއެވެ.

“ނުފެނޭތަ؟ އަޑެއްނީވޭތަ އެ ފައިޒަން ކިޔާފައި ދިޔަ އެއްޗެހި. ހިތަކަށް ނާރާތަ އަހަރެމެންނާއި ބެހޭގޮތުން ފައިޒަންއަށް އެނގިގެން އުޅެނީ ކިހާވަރަކަށްބާއޭ” މާއިރާ ބުނެލިއެވެ.

“މަންމަ މާ އަވަހަށް ކަންބޮޑުވަނީ. އެ ފައިޒަންއަށް އެއްވެސް ކަމެއް އެނގިގެނެއްނޫން އެހެން ކިޔަނީ. މަންމަ ތެޅިގަންނަނީއޭ މާބޮޑަށް. މަންމަ ތިގޮތަށް ކަންތައް ކުރީމަ ކޮންމެ މީހަކަށްވެސް ޝައްކުވާނެ” މާއިރާ ދެކޮނޑުގައި ހިފައިގެނެސް އެނދުގައި ބައިންދަމުން އާކިން ވާހަކަދެއްކިއެވެ.

“އާކު އިޒް ރައިޓް މަންމާ. ފައިޒަންއަށް ކަމެއް އެނގިގެން އުޅޭނަމަ އެގޮތަށް ބްލެކްމެއިލްއެއް ނުކުރާނެ. ސީދާ ކަންކޮށްފަ ދައްކާނީ. މަންމަ މާބޮޑަށް ތިވިސްނަނީ” މާއިރާގެ އަތަށް ފިނި ފެންތައްޓެއް ދެމުން އިފްނާ ވާހަކަދެއްކިއެވެ.

“އަހަރެން ނޫނީ ދެން ކާކު ހުރީ ކަންބޮޑުވާން. އަހަރެންގެ މުޅި އުމުރު މިނަގާލާނީ ތިން ދަރިންނަށްޓަކައި. އެމީހުންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދާދިނުމަށްޓަކައި. އާޚިރުގައި މިކަން ކޮޅެއްގައި ޖެހޭއިރު އަހަރެން ހުންނަންޖެހޭނީ އެކަނި ކަންނޭނގެ. ރާކިންވެސް އަހަރެން ދޫކޮށްލާފައި ދިޔައީވިއްޔާ” ރުޅިއާއި ނަފްރަތާއި ބިރުވެރިކަމެއްގެ ތެރޭގައި މާއިރާ ފެށި ވާހަކަތައް ނިންމާލިއިރު އޭނާގެ ހިތަށް އަސަރުކޮށް ދެލޮލުން ވަނީ ކަރުނަ ނީރާލާފައެވެ.

“ރާކް ދިޔަސް އަދި ޒާކް ދިޔަސް އަޅުގަނޑު އެކަނި ވިޔަސް އަބަދުވެސް ހުންނާނީ މަންމައާއި އެއްކޮޅަށް. ދުވަހަކުވެސް މަންމަ ދޫކޮށްލާފައި ނުދާނަން” އާކިން މާއިރާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

“މިހެން ތިބޭކަށް އަޅުގަނޑަށް ނުފެނޭ. ހިނގާ ޔާނާއަށް ލަނޑެއްދޭން ކަމެއް ރާވަމާ” އިފްނާ ބުނެލިއެވެ. ބަހެއް ނުބުނެ އެނދުގައި އިނަސް މާއިރާ ނުލަފާ ގޮތަކަށް ހީލިއެވެ. އޭނާގެ ސިކުނޑި ތެރޭގައި އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެތައް ކަމެއް ރާވާލިއެވެ.

********************************

ބޭނުންކުރާވަރަށް ފައިސާ ނުލިބެން ފެށުމުން ޒާކިންއާއި ރާކިން އިޚްތިޔާރުކުރީ އެންމެ ނުބައި މަގެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯރކަކާއި ގުޅިގެން ޒާކިން ކުރިއަށް ދިޔައެވެ. ހަމައެގޮތަށް ހަށިވިއްކަން އަންހެނުން ހޯދައިދޭ ނެޓްވޯރކަކާއި ގުޅިގެން އާކިން ކުރިއަށް ދިޔައެވެ. އިސާހިތަކު ދެބެންގެ ޖީބު ފުރާ ފައިސާ ލިބެން ފެށުމުން އެކަމާއި އެންމެ އުފާކުރީ މާއިރާއާއި އިފްނާއެވެ. އަމިއްލަ ލޯންޗެއް ޒާކިން ގަތް ހަބަރާއެކު ޔަނާލާއި ފައިޒަން ވިސްނަން މަޖުބޫރުވިއެވެ. އެދެމީހުން ފައިސާ ހޯދަމުންދާ ގޮތެއް ނޭނގިގެން އެކަމާއި ޔަނާލާއި ފައިޒަން މަޝްވަރާ ކުރީ ފައިޒަންގެ ކޮޓަރީގައެވެ.

“މަށަށް ވަރަށް ޝައްކު. ބައްޕަ އެމީހުން އެކައުންޓަށް ޖަމާކޮށްދިން ފައިސާތައް ތަޅާ ހުސްކުރިތާ ކޮން ދުވަހެއް. ވަޒީފާއަކަށް އެއްވެސް މީހަކު ދަނީއެއް ނޫން. ދެން ކިހިނެއް ބޮޑެތި ދޯނިފަހަރު ގަންނަނީ” އެނދުގައި އިނދެ ޔާޒް ނިންދަވަމުން ޔަނާލް ވާހަކަދެއްކިއެވެ.

“ހޫމް…. ސަމްތިންގް އިޒް ފިޝީ. މިޖެހުނީ ސިއްރު ޕޮލިހަކަށްވާން” ބޯޖަހާލަމުން ފައިޒަން ވާހަކަދެއްކިއެވެ. ޒާކިން ފައިސާ ހޯދާ ގޮތެއް ބެލުމަށް ކުރަންޖެހޭ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދައްކަން އެތައް އިރަކު އެދެމީހުން ކޮޓަރި ތެރޭގައި ތިއްބެވެ.

**********************************

ޒާކިންގެ އެއްވެސް ހަޤީޤަތެއް ހޯދުމުގައި ކާމިޔާބީއާއި ހަމައަށް ނުދެވިގެން އުޅެނިކޮށް ހަބަރު ލިބުނީ އާކިން މާލެއިން ފިހާރައެއް ގަތް ހަބަރެވެ. އެހަބަރާއެކު ޔަނާލާއި ފައިޒަން އިތުރަށް ޖަސޫސް ކުރަން ނިންމިއެވެ. މާއިރާގެ ތުންފަތްމަތިން މިހާރު ފެންނަނީ ހިނިތުންވުމެވެ. އޭނާގެ ދެދަރިން ހިތްހަމަޖެހޭ ވަރަށް އޭނާއަށް ފައިސާ ގެނެސްދެއެވެ. އެދެމީހުން ހިނގަނީ ރަނގަޅު މަގަކުން ނޫން ނަމަވެސް އެގޮތެއް ބަލާކަށް އޭނާ ބޭނުމެއްނޫނެވެ. ކުރިއާއި ޚިލާފަށް އަނެއްކާވެސް އޭނާ ފެޝަން ހެދުމަށް ބަދަލުކުރިއެވެ. މާއިރާއަށް އަންނަމުން ދިޔަ ބަދަލު އެންމެގާތުން ފާހަގަވީ ކުލްޝޫމަށެވެ.

“ޒާކިންއާއި އާކިން ވަޒީފާ އަދާކުރަނީ ކޮންތާކު؟” އެއްދުވަހު ކުލްޝޫމް މާއިރާ ކުރެން އަހާލިއެވެ.

“ކިހިނެއްވީ؟ ކޮންމެސް ތަނަކު ވަޒީފާ އަދާކޮށްގެންތާ އެމީހުންނަށް ފައިސާ ލިބޭނީ. މަގޭ ދަރިންނަކީ މިގޭ ޙިއްސާވާ ބައެއް ނަމަވެސް އެމީހުން އުޅެންޖެހެނީ އެންމެ ބިކާރީ މީހުން އުޅޭގޮތަށް” މާއިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ހާދަ ވަރެކޭ ތިވީ. އެހެން އެވަނީ ޒިންމާދާރުވާން ނޭނގޭތީ. އެތަން މިހާރު އެހިންގަނީ ފައިޒަން. ދުވަސްކޮޅަކުން ހާރޫން ހަވާލުވާނެ. އެހިސާބުން ބުނެބަލަ އެދެމީހުން ކައިރީގައި ހަރުދަނާ ބަޔަކަށް ވެގެން ބައްޕަގެ މަސައްކަތުގެ އެއްފަރާތުގައި ހިފާށޭ” ކުލްޝޫމް ވާހަކަދެއްކިއެވެ.

“ކް….ކީކޭ… ހާރޫން އެބައާދޭތަ؟ އޭނަ ރަނގަޅުވީތަ؟” މާއިރާއަށް ސިހުމެއް ލިބުނު ކަހަލައެވެ.

“ކިހިނެއްވީ؟ އޭނަ ރަނގަޅުވުން ނުބައި ފާލެއްތަ؟ މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު ބޭސްފަރުވާ ކުރަންޏާ ކޮންމެ ބައްޔަކަށްވެސް ޝިފާ ލިބޭނެ. ހާރޫނުގެ ހާލު ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ” ކުލްޝޫމް ބުނެލިއެވެ. މާއިރާގެ ހިތަށް ވެރިވެގަތް ބިރުވެރިކަން އޭނާގެ މޫނުމަތިން ފާޅުވުމުގެ ކުރިން އަނގަމަތީގައި އަތް އަޅާފައި ދެލޮލަށް ގަދަކަމުން ކަރުނަ ގެނުވިއެވެ.

“ނާހަމަ ތެދެއްތަ. އަހަރެން ހާރޫން ރަނގަޅުވަނީތަ. ވަރަށް އުފާވެއްޖެ. އާކުމެންވެސް ވަރަށް އުފާވާނެ. އަހަރެން ވަރަށް ރަނގަޅަށް ދެން އުޅޭނީ. ރޭގައި ހުވަފެނުގަވެސް ފެނުނޭ ހާރޫނު” ހިތަށް ވެރިވެގެން ދިޔަ ނުތަނަވަސްކަމާއެކު މާއިރާއަށް ހީފައި ވާހަކަދެއްކުންވީ އުނދަގު ކަމަކަށެވެ. ކުރިމަތީގައި މާއިރާ ޖައްސަމުން ދިޔަ ޑްރާމާ ކުލްޝޫމަށް އިނގުނެވެ.

“ވަރަށް އުފާވެއްޖެ މާއިރާއަށް ވިސްނުނީތީ. ހާރޫން އެނބުރި އަންނަނީ މާއިރާއަށް ވަރަށް ބޮޑު ހަދިޔާއެއް ހިފައިގެން” މާއިރާގެ ކޮނޑުގައި އަތް އަޅުވާލަމުން ކުލްޝޫމް ބުނެލިއެވެ. މާއިރާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

ކޮޓަރިއަށް ވަދެގެން ދިޔަގޮތަށް މާއިރާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔަ ރުޅިވެރިކަމެއްގެ ސަބަބުން ދެއަތް މުށްކެވިގެން ދިޔައެވެ. ޑްރެސިންގްޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއް އަތުންޖަހާ އުކާލީ އޭނާގެ ނަފްސަށް ރުޅި ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ނުލިބުމުންނެވެ.

“ކުއްތާ މަރެއްވެސް ނުވިއެއްނު. މަގޭ ދަރިންކޮޅާއި މަ ބޭޒާރުކުރަން އަންނަނީ ވިއްޔާ. ލާހިކެއްނޫން މާލޭ ފަސްގަނޑުގަ ފައިޖައްސަން” މާއިރާ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އޭނާ ނިންމީ ރާއްޖެ އައުމުގެ ކުރިން ހާރޫންގެ ދުވަސް ދުއްވާލާށެވެ. އޭނާގެ އޯޑަރަށް މީހަކު މަރާލުމަށް މަސައްކަތްކުރި މީހަކު މިހާރުވެސް ހުރީ އޭނާގެ ކޯލެއްގެ އިންތިޒާރުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޖެހުމުން ވަބާ

Next

އެނގުމެއްނެތި…17

Next
February 27, 2019

އެނގުމެއްނެތި…17

Previews
February 26, 2019

ޖެހުމުން ވަބާ

13 Comments!

  1. Ushaali says:
    February 27, 2019 at 2:34 pm

    salaam all
    🙂 mi bai ves vahaka kiyaalaa huriha kiyuntherinnah kamudhaane kamah heekuran

  2. Lll says:
    February 27, 2019 at 2:46 pm

    Yayyyy…I’m first
    Vvvvv reeethi.. love it

    1. Ushaali says:
      February 27, 2019 at 3:06 pm

      🙂 thankq so much LII

  3. Az says:
    February 27, 2019 at 3:01 pm

    Vvv reethi

    1. Ushaali says:
      February 27, 2019 at 3:06 pm

      🙂 thankq so much

  4. Vaahaka kiyaa kujja says:
    February 27, 2019 at 3:51 pm

    Vaahaka nimen ulheyhen hyvaathy dhera vejje. Ekam v v v rythi.

  5. Ny says:
    February 27, 2019 at 7:09 pm

    Nice

  6. Reet says:
    February 27, 2019 at 7:47 pm

    Vvv reethi maaeraa falha aruvaala kah nuvy tha

  7. ... says:
    February 27, 2019 at 11:24 pm

    Mi story ge furathama bai kobaitho?

  8. eerA says:
    February 28, 2019 at 12:08 pm

    Liu thihthaa haadha salhi vaahaka ekey…

  9. Kehnukurevey says:
    February 28, 2019 at 1:48 pm

    Alhe when is next.. up it soooooon..liu i cant wait to read it..up soon

  10. Sid says:
    February 28, 2019 at 8:26 pm

    Where’s the next part

  11. Aki says:
    February 28, 2019 at 9:45 pm

    ushaali dhooni kobaa tha next part… alhe avahah next part up kohla dheebaa pls

Comments are closed.

Next Episodeދިނީ ޒަހަރު….. 28←


All Right Reserved!