22 ވަނަބައިގެ ތެރެއިން….
ޔާޒްއަށް ނިދުނުކަން އެނގުމުން ޔަނާލް ތެދުވެ ރީތިކޮށް އެނދުގައި ޔާޒް ބޭއްވިއެވެ. އަދި ކޮޓަރިތެރެ ހަމައަކަށް އަޅުވާލުމަށްފަހު ކޮޓަރިން ނިކުތެވެ. އޭނާ މިސްރާބު ޖެހީ ކުލްޝޫމްގެ ކޮޓަރިއާއި ދިމާލަށެވެ. މިވަގުތު ކުލްޝޫމް އިންނާނީ ކޮޓަރީގައިކަން އޭނާއަށް އެނގޭއެވެ. ޔަނާލް ދެފަހަރަކު ދޮރުގައި ޖަހާލިއެވެ. އެތެރެއިން ހަބަރެއް ނުވިއެވެ. ތިންވަނަ ފަހަރަށް ޖަހާލުމަށްފަހު ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. ހަބަރެއް ނުވުމުން ޔަނާލް ދޮރު ހުޅުވާލިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން ފެންނަ ހަމައެކަނި އައްޔަކީ ލައްޕާފައިހުރި ފާހާނާއިގެ ދޮރު ދަށުން ފެންނަން ހުރި ހުދު އައްޔެވެ. ޔަނާލް ފާރުގައި ހުރި ލައިޓް ޖައްސާލިއެވެ. މުޅި ކޮޓަރިތެރެއަށް އަލިވެގެން ދިޔުމާއެކު ދެފަރާތް ބަލާލިއެވެ. ކުލްޝޫމް ކޮޓަރީގައި ނެތެވެ. ފާހާނާއިގެ ތަންޑު ނައްޓާލީ އަޑު އިވުނީ އެވަގުތުއެވެ. ކޮޓަރި ތެރެއިން ޔަނާލް ފެނުމުން ކުލްޝޫމް ހުއްޓުންއެރިއެވެ.
*****************************
“ދައްތާ!” ކުލްޝޫމް އެއްޗެއް ބުނުމުގެ ކުރިން ޔަނާލް ގޮވާލިއެވެ. ކުލްޝޫމް ވަކި ޖަވާބެއް ނުދީ އަތުގައި އޮތް ތުވާލި ހިފައިގެން ގޮސް ހަރުގައި އަޅުވާލިއެވެ.
“ދައްތާ! އަޅުގަނޑަށް މަޢާފްކުރޭ” ޔަނާލަށް ރޮވުނެވެ.
“އަހަރެން ހީކުރީ ތިއީ ވަރަށް އަޚްލާޤް ރަނގަޅު ކުއްޖެއްކަމަށް. އެކަމަކު މިއަދު އެނގިއްޖެ ޔާނާއަކީ ކޮންކަހަލަ ކުއްޖެއްކަން” ކުލްޝޫމް ފުރަގަހަށް އެނބުރިހުރެ ބުނެލިއެވެ.
“ނޫން…ނޫން… ދައްތަ ބުނި ކޮންމެ ކަމެއް ކޮށްފާނަން. އަޅުގަނޑުގެ ޖާންވެސް ދީފާނަން. އެކަމަކު…. އެކަމެއް ނުކުރެވޭނެ” ޔަނާލް ބުނެލިއެވެ. ކުލްޝޫމް ޔަނާލްގެ މޫނަށް ބަލާލީ ހިތްހަމަނުޖެހިފައެވެ.
“ތިމާއަށް ކުރެވުނު ކުށަކަށްޓަކައި މަޢާފަށް އެދުމަކީ މީހާ ކުޑަވެގެން ދާނެ ކަމެއް ނޫން. އެއީ އެކަލާނގެ ހަޟްރަތުގައި މީހާގެ އަގު އަރައިގެންދާނެ ކަމެއް. ޔާނާ ޤަބޫލެއްނުކުރަންތަ ފިރިހެނެއްގެ ގަޔަށް އަތް އިސްކުރެވުނުކަން” ކުލްޝޫމް ބުނެލިއެވެ.
“އަޅުގަނޑު ޤަބޫލުކުރަން. އެކަމަކު އެއީ އޭނާއަށް ޙައްޤު ސަޒާ” ޔަނާލް ބުނެލިއެވެ.
“ޔާނާ ތިއީ ރަނގަޅު ކުއްޖެއްނޫންކަން މިހާރު އެނގި ހާމަވެއްޖެ. ޔާނާ ފެންނަ ކޮންމެފަހަރަކު އަހަރެންނަށް ހީވަނީ އަހަރެންގެ ނާލް ފެންނަހެން. އެހެންކަމުން އަހަރެން ހީކުރީ ނާލް ފަދައިން ޔާނާއަކީވެސް ވަރަށް ކިޔަމަންތެރިވާނެ ކުއްޖެއް ކަމަށް. އެކަމަކު މިވީ އެހެނެއްނޫން” ކުލްޝޫމް ވާހަކަދެއްކިއެވެ.
“ދައްތައަށް އަދި އެއްދުވަހުން އަޅުގަނޑުގެ ކުށެއްނެތްކަން އިނގޭނެ” ޔަނާލް ކޮޓަރިން ނިކުމެގެން ދުއްވައިގަތެވެ. އެމަންޒަރު އެކޮޓަރިއަށް ވަންނަން އައި ފައިޒަންއަށް ފެނުމުން ހުއްޓުނެވެ. މިވަގުތު މިއީ ކުލްޝޫމާއި ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫނޭ އޭނާ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ އަނބުރާލާފައި ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ.
***********************************
ކުލްޝޫމްގެ ކޮޓަރި ދޮރުގައި ޓަކިޖެހި އަޑު އިވުނީ އޭނާ ނިދަން ތައްޔާރުވަމުން ދަނިކޮށެވެ. ހިނގާ ދިޔަ ކަންތަކަށްފަހު އޭނާ އަދި ކޮޓަރިން ބޭރަށް ނުނިކުމެއެވެ. ލައިގެން ހުރި ނައިޓީ މަތިން ޖެކެޓް ލައިގެން ގޮސް ކުލްޝޫމް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި އިސްޖެހިފައި ހުރީ އާކިންއެވެ.
“އާކު ކަމަކުތަ؟” ކުލްޝޫމް ބުނެލިއެވެ. އާކިން ބޯޖަހާލިއެވެ. ކުލްޝޫމް އާކިން ވަންނަން ތަން ދެއްކިއެވެ.
“ކުލައްތައަށް ވެސް އިނގޭ ޔާނާ އެކުރީ ރަނގަޅު ކަމެއް ނޫންކަން. އެއީ ވަރަށް ބޯހަރު ގޮތްދޫނުކުރާ ކުއްޖެއް. ޔާނާގެ އެ އަމަލުގެ ސަބަބުން ކުލައްތަ ވަރަށް ހިތްހަމަނުޖެހުނު. ޔާނާގެ ފަރާތުން ކުލައްތަ މަޢާފަށް އެދެން” ކުލްޝޫމް ވާހަކަދެއްކިއެވެ.
“އެކަމުގައި ކުލައްތަގެ އެއްވެސް ކުށެއްނެތް. ޔާނާއަކީ އެހެން ހުއްޓަސް ވަރަށް ނުބައި ކުއްޖެއް. އަދި އޭނަގެ ގޮތް މިއަދުއެއްނު ކުލައްތަ މެންނަށް ތިފެނުނީ. ކަޅު ފޮތި ފޭއްޔެއްގެ ނިވަލުގައި ފިލާހުރި އިބިލީހެއް. ކުރީ ދުވަހުވެސް ފާޑެއްގެ ފިރިހެނަކާއެކު ކާރަކަށް އަރައިގެން ދިޔަތަން ދެކުނިން. އަދި މީގެ މޮޅު ތަންކޮޅަކީ ކާރަށް އެރުމާއެކު ލައިގެން ހުރި ކަޅު ހެދުން ބާލާފައި ކޮތަޅަކަށް ލައިފި. މިއީ އަޅުގަނޑުގެ ދެލޮލުން ދެކުނު މަންޒަރުތައް” ކުލްޝޫމްގެ ހިތުގައި ޔަނާލްގެ މައްޗަށް ފޫހިކަން އުފެދިފައިވި ދަނޑިވަޅުގައި އާކިން ބޭނުންވީ އަލިފާނަށް ޕެޓްރޯލު އަޅާށެވެ. ވީ ވެސް އެހެންނެވެ.
“ނާހަމަ ތެދެއްތަ. ހުންނަ ނުލަފާކަން…. ޔާނާގެ ގޮތް މިއަދުން މިއަދަށް އަހަރެން ބަލާނަން” ކުލްޝޫމް ބުނެލިއެވެ.
“އަދި އެވާހަކަ ދައްކާކަށް ނޫން މިއައީކީ. ކުލައްތައަށް ވެސް އެނގެއެއްނު އަޅުގަނޑު އަތު މިވަގުތު ޖޮބެއް ނެތްކަން. އަބަދުވެސް ބުނަމެއްނު ހަރުދަނާ ދިރިއުޅުމެއް އުޅޭށޭ. އަޅުގަނޑު ވަރަށް ވިސްނައިފިން. ވަރަށް އަވަހަށް އަޅުގަނޑާއި އިފޫއާއި ދެމީހުން މިއުޅެނީ ބޭބީއެއް ހޯދަންވެގެން. އޭގެ ކުރިން އެބަޖެހޭ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރަން” އާކިން ވާހަކަދައްކަމުން ދިޔައެވެ. ވާހަކަތައް ބަހައްޓަންވީ ގޮތް މާއިރާ ވަނީ އަލިފުން ޔާޔަށް އާކިންގެ އަނގައަށް އަޅައިދީފައެވެ.
“އާކުއަށް ތިކަހަލަ ވިސްނުމެއް އައިކަމަށްޓަކައިވެސް ކުލައްތަ ﷲ ށް ޙަމްދުކުރަން. ތިކަމުގައި ކުލައްތައަށް ވެވުނު އެހީތެރިކަމެއް ވެދޭނަން. ބޭނުން ކަމެއްވިއްޔާ ބުނޭ” އާކިންގެ ބޮލުގައި ފިރުމާލަމުން ކުލްޝޫމް ބުނެލިއެވެ.
“ބައްޕަގެ ބަންދުވެފައި ހުރި ފިހާރަ ކޮޅަށްޖަހަން ބޭނުމީ. އެކަމަށްޓަކައި އެފިހާރައިގެ ލިޔުންތައް ބޭނުންވޭ. ފައި އަތުގައި ހުންނާނީ. އަޅުގަނޑަށް ނުކެރުނު ފައި ކައިރީގައި ބުނާކަށް” އާކިން އޭނާގެ އެދުން ހާމަކޮށްލިއެވެ.
“ތިއީ އެއްވެސް ކަމެއް ނޫން. އެތަން ކޮޅަށްޖަހައިގެން އެއްޗެއް ލިބުނަސް ފައިދާވާނީ ހަމަ މިގެއަށް. ތިކުދިންނަށް. އެކަމަކު ކުލައްތަ ބުނެފާނަން. ދިރިއުޅުން އެންމެ ރަނގަޅު ކުރެވޭނީ ރެއަކާއި ދުވާލު ފަސް ފަހަރު އެކަލާނގެ އެގޮވާލާ ގޮވާލުމަށް އިޖާބަދީގެން. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި” ކުލްޝޫމް އާކިންއަށް ވިސްނާދިނެވެ. އާކިން ބޯޖަހާލިއެވެ.
“މާދަމާ ކުލައްތަ ފައި އާއި މަޝްވަރާ ކުރާނަން އިނގޭ… ދެން ދޭ އަވަހަށް ނިދަން. ގުޑްނައިޓް” ކުލްޝޫމް ބުނެލިއެވެ.
އަދި މާ ރަނގަޅު މީހަކަށްވެގެން މަށަށް ފަތުވާ ދީފިއެއްނު. އަމިއްލައަށް ދާންވީނުން ފަސް ފަހަރަށް އިޖާބަދޭން… ނިކަން ރަނގަޅު ދެރައެއްދޭނަން. ބަލަން ހުންނާތި” ކޮޓަރިން ނިކުންނަމުން އާކިން ހިތާއި ހިތުން ވާހަކަދެއްކިއެވެ. އޭނާ ހިތުން ދިޔައީ ކުލްޝޫމްގެ ގަމާރުކަމަށް ޖޯކު ޖަހަމުންނެވެ.
*****************************
ނުނިދިގެން އެނދުގައި އިށީނދެގެން އިން ޔަނާލް ސިހުނީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. މިގަޑީގައި އަންނާނީ ކާކުކަން އެނގޭތީ ޔަނާލް ވަންނާށޭ ބުނެލިއެވެ. އެއާއެކު ފައިޒަން ތަޅުދަނޑިން ހުޅުވާލާފައި ވަދެ ދޮރު ލެއްޕިއެވެ. ފައިޒަން ފެނުމާއެކު ޔަނާލް ދުވެފައި ގޮސް ފައިޒަންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭނާއަށް ރޮވުނީ ކަންތައްތައް ހިންގާ ދިޔަ ގޮތުންނެވެ. ޙާއްސަކޮށް ކުލްޝޫމްގެ ދުރުކަން ހިތަށް އަރާފައެވެ.
“އަމް ރިއަލީ ވެރީ ސޮރީ ފައި…” ޔަނާލް ބުނަމުން ދިޔައެވެ.
“ފޯރ ވަޓް؟” ފައިޒަންގެ ދެއަތުން ޔަނާލްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން އަހާލިއެވެ.
“ކުލައްތަ….” ޔަނާލަށް ބުނެވުނީ އެވަރަށެވެ.
“ޑޯންޓް ބީ ސޭޑް… މަންމައަށް އެއްވެސް ޙަޤީޤަތެއް ނޭނގޭތީ އެހެން ބުނީ. އެކަމުގައި މަންމަގެ ކުށެއްވެސް ނެތެއްނު” ފައިޒަން ބުނެލިއެވެ. ޔަނާލް ބޯޖަހާލިއެވެ.
“އިރު އެރީމަ އަހަރެން މަންމައާއި ބައްދަލުކުރާނަން. އަދި ހަމަޔަކަށް އަޅުވާނަން” ހީލަމުން ފައިޒަން ބުނެލިއެވެ.
“އެ އާކިން ހަމަ ގަސްތުގައި ސައިތަށި ވަރާލީ. އޭނަ އަހަންނަށް ބަލާފައި ނުލަފާ ވައްތަރަކަށް ހީވެސްލި. އެހެންވެ އަހަރެން އެހާ ރުޅިއައީ” ޔަނާލް ބުނެލިއެވެ.
“ހޭއި…. ޑޯންޓް ކްރައި….. އައި ނޯ ޔޫ ވެރީ ވެލް….” ޔަނާލްގެ ދެލޯ ކައިރި ފޮހެލަމުން ފައިޒަން ބުނެލިއެވެ. ޔަނާލް ހީލިއެވެ.
******************************
އާދުވަހެކެވެ. ހެނދުނުގެ ނާސްތާއަށް ޔަނާލް ކޮޓަރިން ނުނިކުމެއެވެ. އެހެންކަމުން މިއަދު އެގޭގައި ސައިހަދާނެ މީހަކުވެސް ނެތެވެ. އެކަން ބަދިގެއަށް ވަތް ކުލްޝޫމްއަށް އެނގުމުން ސައި ތައްޔާރު ކުރުމުގައި އުޅުނެވެ. ހޭލި ގޮތަށް އަވަހަށް ސައިބޯން ބަދިގެއަށް އައިސް ވަތް އިފްނާއަށް ފުށްމޮޑެން ހުރި ކުލްޝޫމް ފެނުމުން އަވަހަށް ފިލިއެވެ. އޭނާއާއި މަސައްކަތެއް ހަވާލުކޮށްފާނެތީއެވެ. އެކަމަކު މިފަހަރު އިފްނާއަށް ކާމިޔާބެއް ނުވިއެވެ. ކުލްޝޫމަށް ފެނުނީއެވެ.
“އާދެބަލަ. އަދި ކިރިޔާ ދޯ ތި ހިއްލާލީ” އިފްނާއަށް ގޮވާލަމުން ކުލްޝޫމް ބުނެލިއެވެ. އިފްނާ ބަދިގެއަށް ވަނެވެ.
“މިހެރީ ރޮށިފިހަން ތައްޔާރުކޮށްފައި. އިފޫ ފަށާބަލަ. ކުލައްތަ ރިހަކޮޅު ކައްކާލަން ތައްޔާރު ކޮށްލާނަން” އިފްނާއަށް ނޫނެކޭ ބުނަން ނުކެރުނެވެ. އެހެންކަމުން ރޮށި ފިހަން ތައްޔާރުވެލިއެވެ.
“ކުލައްތަ ވަރަށް އުފާވި ރޭގައި އާކު ދެއްކި ވާހަކައަކުން. މިހާރު އިފޫއަށް ހުންނާނީ އެނގިފައި ކޮން ވާހަކައެއްކަން” ހީލަމުން ކުލްޝޫމް ވާހަކަދެއްކިއެވެ.
“ތިކުދިންގެ އުޅުމަށް ހެޔޮ ބަދަލެއް އަންނަތަން ކުލައްތަ ހާދަ ދެކިލާހިތްވެޔޭ. ލަހެއްނުވެ ދެން އެދުވަސް ވެސް އައިސްދާނެ” ކުލްޝޫމް ވާހަކަދައްކާ ވަރުބަލިވެގެން އިފްނާއަށް ބަލާލީ ޖަވާބެއް ނައުމުންނެވެ. އޭރު ފާރުގައި ލެގިގެން އިފްނާއަށް ހުރީ ނިދިފައެވެ. ކުލްޝޫމަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު ރޮށި ފިހަންފެށި އިފްނާއަށް ގޮވާވެސްނުލައެވެ.
“އިފްނާ ދުވަހަކުވެސް އިސްލާހެއްނުވާނެ” ނިދިން ހޭލެވިގެން އައިސް ދޭފަތުގައި ހިފަން އުޅުމުން ހިތްހަމަނުޖެހިފައި ކުލްޝޫމް ބުނެލިއެވެ. ތުން އަނބުރާލުމަށްފަހު އިފްނާ ބަދިގެއިން ނިކުންނަން ދިޔައެވެ. މިވަގުތު ކުލްޝުމްގެ ހިތަށް ޔަނާލްގެ ސޫރަ އައިސް ވަނީ ކިހިނެއްކަމެއް ނޭނގެއެވެ. ފަތިހު ފަތިހާ ޔާނާ ބަދިގެއަށް ނުވަނިއްޔާ އަބަދުވެސް މީ ހާލަތެވެ. މިއަދު ޔާނާ ބަދިގެއަށް ނައީ ކީއްވެގެންކަން ކުލްޝޫމަށް ވިސްނުނެވެ.
“މަންމާ!” ކުލްޝޫމް ސިހުނީ ދާދި ކައިރިން އިވުނު ފައިޒަންގެ އަޑުންނެވެ. ކުލްޝޫމް ފައިޒަންއަށް ބަލާލީ ހައިރާންވެފައެވެ.
“މިއަދު އޮފީހަށް ނުދާ ދުވަހެއްތަ؟” ކުލްޝޫމް އަހާލިއެވެ.
“ބޮލުގައި ރިއްސާވަރުން. އިނގޭވިއްޔާ ދިޔަސް އިރުކޮޅަކުން ގެއަށްކަން އަންނަން ޖެހޭނީ” ފައިޒަން ބުނެލިއެވެ.
“އެއްޗެއް ކެއިންތަ؟ ބުއިންތަ؟” ކުލްޝޫމް އަހާލިއެވެ.
“ކޮފީއެއް ބުއިން. ޔާނާ ހަދައިދިނީ. އެކަމު މިހާރު ވަރަށް ބަނޑުހައި އެބަވޭ” ފައިޒަން ބުނެލިއެވެ.
“މަޑުކޮށްލާ. މިއަދު މަންމަ އެކަނި މިއުޅެނީ. ނިންމާލާފައި ގޮވާލާނަން” ދެމައިންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޔާޒް ކިހިލީޖަހައިގެން ޔަނާލް ބަދިގެއަށް އައިސް ވަނެވެ. މީހަކު ބަދިގެއަށް ވަތްހެން ހީވުމުން ކުލްޝޫމް ބަލާލިއެވެ. ޔަނާލްކަން އެނގުމުން އަޅާވެސްނުލާ ކުރަން ހުރި މަސައްކަތަށް މަޝްޢޫލްވިއެވެ. ޔަނާލާއި ފައިޒަން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ. ފައިޒަން ކައިރިއަށް އައިސް ޔަނާލް އުރުގައި އިން ޔާޒް ގޮވައިގެން ނިކުތުމުން ޔަނާލް ރިހަ ކައްކަން ތައްޔާރުކުރަން ފެށިއެވެ. އަނގައިން ނުބުނިއެއް ކަމަކު އިރުކޮޅަކާއި ކުލްޝޫމް ޔަނާލަށް ނަޒަރެއް އެއްލައެވެ.
ހެނދުނުގެ ނާސްތާ މޭޒު މައްޗަށް އެރުވުމާއެކު ފަހަރަކު މީހެއް ކަމަށް މޭޒު ދޮށަށް އައިސް އިށީނެވެ. ކުލްޝޫމް އިނީ ހައިރާންވެފައެވެ. ބަނޑަށް މަރުވިޔަސް އަމިއްލަ އަތުން ކާއެއްޗެއް ރޯފިލުވަން ކެރޭވަރުގެ އެއްވެސް މީހަކު އެގޭގައި ނެތީބާއޭ ހިތަށް އެރިއެވެ. ޔަނާލް ސައިބޯން އެރީ ހުރިހާ މީހުން ސައިބޮއެގެން ތެދުވީމައެވެ. އޭނައާއި މެދު ކުލްޝޫމްގެ ހިތުގައި ކުނި ޖެހިފައިވާތީ ސުފުރާގައި ބައިވެރިވާން ފަސްޖެހުނީއެވެ. ބަދިގެ ތެރޭގައި ސައި ތައްޔާރު ކުރުމަށް އެތައް ވަގުތެއް ހޭދަކުރިއިރުވެސް ކުލްޝޫމް އޭނައާއި އަނގައިން ބުނެފައެއް ނުވެއެވެ.
*****************************
ފައިޒަން ފާހާނާއިން ނިކުތް އިރު ކޮޓަރި ތެރެއިން ކުލްޝޫމް ފެނުމުން ހައިރާންވެފައި ބަލާލިއެވެ. ކުލްޝޫމް އުޅުނީ އެނދުގެ ބެޑްޝީޓް ބަދަލުކޮށެވެ. ކުލްޝޫމް ފައިޒަންއަށް ހިނިތުންވުމެއް ދިނެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ފައިޒަން އޭނާގެ އިސްތަށިގަނޑު ރަނގަޅު ކުރަން ފެށުމުން ކުލްޝޫމް އެނދުގައި އިށީނެވެ. އަދި އަތުގައި އޮތް ބޭސްކާރޑް ނަގާފައި ފައިޒަންއަށް ދައްކާލިއެވެ.
“ރޭގައި ނުނިދަނީތަ؟” ބޭސްކާރޑުން ޕެނަޑޯލް ގުޅައެއް ކަނޑާލުމަށްފަހު ފައިޒަންގެ އަތަށް ލައިދެމުން ކުލްޝޫމް އަހާލިއެވެ. އަދި ސައިޑް ކަބަޑްމަތީގައި ހުރި ފެންޖަގުން ފެން ތައްޓެއް އަޅާފައި ދިއްކޮށްލިއެވެ. ފައިޒަން ބޭސްގުޅަ ކާލިއެވެ. އަދި ހުސްތަށި ކަބަޑުމަތީގައި ބެހެއްޓިއެވެ.
“ނޫން. ނިދިން. ރޯގާ ވައްތަރުވެފައި ހުރީމަ ކަންނޭނގެ” ފައިޒަން ބުނެލިއެވެ.
“މަންމަ އެބައޮތް ވާހަކައެއް ދައްކަންވެފައި” ފައިޒަން ކައިރީގައި އިށީންނަމުން ކުލްޝޫމް ބުނެލިއެވެ.
“ކޮންވާހަކައެއް. އަވަހަށް ބުނޭ” ކުލްޝޫމްގެ މޫނަށް ބަލާލަމުން ފައިޒަން ބުނެލިއެވެ. ފައިޒަން ހީކުރީ ކުލްޝޫމް ޔަނާލާއި ގުޅުވައިގެން އެއްޗެއް ބުނަން އުޅެނީ ކަމަށެވެ. އެހެންކަމުން އޭނާ ކުޑަކޮށް ފިނިވިއެވެ.
“ކޮބާ ހާރޫންގެ މިހާރު ބަންދުކޮށްފައި އެހުރި ފިހާރައިގެ ލިޔުންތައް” ކުލްޝޫމް އަހާލިއެވެ. ހިތަށްވެސް ނާރާ ވާހަކައެއް ކުލްޝޫމް ފެށުމުން ފައިޒަންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.
“ހުންނާނެ. ހޯދާލަންޖެހޭނީ. އެކަމަކު ކުއްލިއަކަށް އެ ލިޔުންތަކުގެ ވާހަކަ މަންމަ ތިދެއްކީ. އަނެއްކާ ކިހިނެއްވީ؟” ފައިޒަން ހައިރާންވެފައި އަހާލިއެވެ.
“އާކިން ބޭނުންވެގެން މަންމަ ކައިރީގައި އެދުނީމަ. އޭނައަށް ފައި ކައިރީގައި ބުނާކަށް ނުކެރުނު” ކުލްޝޫމް ބުނެލިއެވެ.
“އާކިންއޭ” ފައިޒަންއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
“އާނ. ކީއްތަވީ. މަންމައަށް އިނގޭ އާކިން ރަނގަޅު ކުއްޖެއްނޫންކަން. އެކަމަކު މިހާރު އޭނަ ބޭނުންއެބަވޭ ރަނގަޅުވާން. އަމިއްލަ ފައި މައްޗަށް ތެދުވެ އާއިލާއެއް ބިނާކުރަން. އޭނަ އެފިހާރަ ހިންގައިގެން މީހަކަށް އުނދަގުނުކޮށް އުޅޭނެއްނު” ކުލްޝޫމް މަސައްކަތްކުރީ ހިތްހެޔޮކަމާއެކު ވާހަކަދައްކައިގެން ފައިޒަންގެ ވިސްނުން ބަދަލުކުރާށެވެ.
“ވަރަށް ބޮޑަށް ސޮރީ މަންމާ. އެލިޔުންތައް އަޅުގަނޑު އާކިންއަށް ހަވާލެއްނުކުރާނަން. އެއީ ހާރޫންބެގެ އަމާނާތެއް. ހާރޫންބެ ރަނގަޅުވެގެން އައިހާ އަވަހަކަށް އަޅުގަނޑު އެ ލިޔުންތައް ހާރޫންބެއަށް ރައްދު ކޮށްދޭނަން” ފައިޒަން ދެކޮޅުހެދިއެވެ. އެގޮތަށް މަންމަ ކުރިމަތީގައި ދެކޮޅު ހަދަންޖެހުމުން ފައިޒަން ހިތުގައި ޖެހުނެވެ.
“މަންމައަށް ޔަގީން އާކިންގެ އެ ނިންމުމާއި ހާރޫން ވެސް ވަރަށް ހިތްހަމަޖެހޭނެކަން. އެހެންނޫނަސް އެ ލިޔުންތަކަށް ދަރިފުޅަށް ވުރެ ބޮޑަށް ބާރު ދެއްކޭނީ ހާރޫންގެ ދަރިންނަކަށްނު” ކުލްޝޫމް ބުނެލިއެވެ.
“ޕްލީޒް މަންމާ. އަޅުގަނޑަށް ތިކަންތަކެއް ނުކުރެވޭނެ. އެއީ އެއްވެސް ގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން… ސަބަބުތައް ބައިވަރު” ފައިޒަން އެނދުން ތެދުވަމުން ބުނެލިއެވެ.
“މަންމައަށް ވިސްނިއްޖެ ފައި އެ ނުދޭން ތިއުޅޭ ސަބަބު. އެ ޔާނާއާއި އާކިންއާއި ދެމެދުގަ އޮތް ކަމަކަށް ފައި ކީއްކުރަން އިންވޯލްވް ތިވަނީ. މަންމަ މިހާރު އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހޭ ޔާނާއާއި މާގާތްވެގެން ފައި އުޅޭކަށް” ކުލްޝޫމް ހިތްހަމަނުޖެހުނެވެ. ފައިޒަންއަށް ކުލްޝޫމަށް ބަލާލެވުނެވެ. އެދެމެދަށް ކުރިންވެސް ޔަނާލް ވައްދާނެކަން ފައިޒަންއަށް އެނގުނެވެ. ޔަނާލާއިމެދު ކުލްޝޫމް މިހާރަކަށް އައިސް ހިތްހަމަނުޖެހިފައި ހުންނަވަރު ފައިޒަންއަށް ވިސްނެއެވެ.
“މަންމާ! މިއީ އެއްގޮތަކަށްވެސް ޔާނާއާއި ގުޅޭކަމެއް ނޫން. މިދެމެދަށް ޔާނާ ނުވައްދަބަލަ” ފައިޒަން ބުނެލިއެވެ. ފައިޒަން ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.
“ފައިއަށް މިހާރަކަށް އައިސް ކިހިނެއްވެފަ ތިހުންނަނީ. މިގެއަށް ޔާނާ ގެނައީ ޔާޒްގެ ކަންތައްތައް ބަލަހައްޓާކަށްނު. އެހެންވީމަ ޔާނާ ކައިރީގައި ބުނޭ ކުރަން ހަވާލުކޮށްފަ ހުންނަ ކަންތައް ކުރާށޭ. އާއިލީ މައްސަލަތަކުގެ ތެރެއަށް އަނގަ ނުވައްދާށޭ. މިގޭ ފިރިހެނުންގެ ގަޔަށް ބޮލަށް ނާރާށޭ. ލައިގެން ހުރި ހެދުމުގެ އަގު ވައްޓާލަން މަސައްކަތްނުކުރާށޭ” ކުލްޝޫމް ހިތްހަމަނުޖެހި ހަރުކަށި ކަމާއެކު ވާހަކަދައްކަމުން ދިޔައެވެ. ޔަނާލާއިމެދު ކުލްޝޫމްގެ ބަސްމަގު އެގޮތަށް ހުރުމުން ފައިޒަންގެ ހިތުގައި ރިއްސާލިއެވެ.
“މަންމައަށް އަދި މި މީހުންގެ ގޮތެއް ނޭނގޭ. އެމީހުން ޔާނާއާއި މެދު ކަންތައް ކުރިގޮތް. މަންމައަށް އެނގުނިއްޔާ މަންމަވެސް ދެރަވާނެ” ފައިޒަން ބުނެލިއެވެ.
“މަންމައަށް އިނގޭ މިގޭތެރޭގައި ކަންތައް ހިނގާދިޔަ ގޮތްތައް. އެހެންވަނީ ޔާނާގެވެސް ގޮތުން. ކުރިން އަހަރެންވެސް ހީކުރީ ޔާނާއަކީ ވަރަށް އިޚުލާސްތެރި ރަނގަޅު ކުއްޖެއްކަމަށް. އެކަމަކު މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެ” ކުލްޝޫމް ބުނެލިއެވެ.
“މަންމައަށް ކޮންކަމެއް އެނގިގެން ތިއުޅެނީ. ނޫނީ މަންމަ ކައިރީގައި މީހަކު ނުވަތަ ބަޔަކު ވާހަކަތަކެއް ދައްކައިގެންތަ ތިހެން ތިކިޔަނީ” ފައިޒަން އަހާލިއެވެ.
“ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ކޮންމެ މީހަކު ވިސްނާލިޔަސް އިނގޭނެ. ޔާނާއަކީ ނިކަމެތި ބައްޕައެއްގެ ހުރި އެންމެ ދަރިއެއް. މިވަގުތު މާލޭގައި އޭނާގެ އެކަކުވެސް ނެތް. ޔާޒްގެ ހުރިހާ ކަމެއް އޭނާ ބަލަހައްޓަދެނީ ހިލޭ ސާބަހަށް. ވީއިރު އޭނާ އަމިއްލަ ކަންތަކަށް ޚަރަދުކުރަން ރުފިޔާ ހޯދަނީ ކޮންތަނަކުން. އިއްޔެވެސް ބޮޑު ތިންކޮތަޅު ފުރާ އެއްޗެހި މިގެއަށްވެއްދި. އަހާލީމަ ބުނީ ޔާޒްއަށް ގަތް އެއްޗިއްސޯ. އަހަރެމެންގެ ބޮލަށް ޖަހާފައި ހުންނަނީ މީދާ ކޭ އުނބުތަކެއްނޫން” ކުލްޝޫމް ވާހަކަދައްކަމުން ދިޔައެވެ. އަޑުގައި ވަނީ ހިތްހަމަނުޖެހުމާއި ނުރުހުމެވެ.
“މަންމައަށް ތިއުޅެނީ ވަރަށް ބޮޑު އޮޅުމެއް އަރައިގެން. މަންމަގެ ތިވާހަކަތަކާއި މިފަހަރު އަޅުގަނޑަށް އެއްބަހެއް ނުވެވޭނެ. އަޅުގަނޑަށް ވުރެ ބޮޑަށް ޔާނާ އެނގޭނެ އެއްވެސް މީހަކު މިގޭގައި ނޫޅޭނެ. ޔާނާއަކީ މަންމަ ތިހީކުރާކަހަލަ ކުއްޖެއްނޫން” ފައިޒަން ވަގުތުން ދެކޮޅު ހެދިއެވެ. ކުލްޝޫމް ހުރީ ހައިރާންވެފައެވެ. އޭނާގެ ދަރިފުޅު އިއްޔެ މެންދުރު ފެނުނު އަންހެންކުއްޖަކަށްޓަކައި އޭނާގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ދެބަސްވާ މަންޒަރު ފެނުމުން އޭނާ ހުރީ ބުނާނީ ކީކޭކަމެއް ނޭނގިފައެވެ.
“ހަމަ ސާބަސް ދަރިފުޅަށް. ފައިއަށް ކިހިނެއް ކޮންއިރަކު އައި ބަދަލެއްތަތީ؟” ކުލްޝޫމް އަހާލިއެވެ. ފައިޒަންއަށް ހުރެވުނީ ކުލްޝޫމަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ދެމައިން ސިހިގެން ދިޔައީ ކޮޓަރި ދޮރުހުޅުވުނު އަޑަށެވެ. ދެވަނަ ސިކުންތުގައި ކުރިމަތީގައި ހުރި ޔަނާލް ފެނި ކުލްޝޫމްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ޔަނާލަށްވެސް ވީ އެވަރެވެ. ފައިޒަންއާއި ކުލްޝޫލް މުހިންމު ވާހަކަތަކެއް ދައްކަން ތިބި ވަގުތެއްގައި އެގޮތަށް އައިސް މާހައުލު ޚަރާބުކޮށްލެވުމުން އޭނާ އިންތިހާއަށް ލަދުގަނެ ދެރަވިއެވެ. ފައިޒަންއަށް ޔަނާލަށް ބަލަން ހުރެވުނެވެ. ޔަނާލް އިސްޖަހާލިއެވެ.
“ސޮރީ….” ޔަނާލް ދޮރުލައްޕާލާފައި ނިކުންނަން އުޅުނެވެ.
“މަޑުކުރޭ. ކަމަކުތަ؟ ބުނޭ” ޔަނާލް ހުއްޓުވީ ފައިޒަންއެވެ.
“މި…. ޔާޒްގެ ވެކްސިން ކާރޑް ހޯދަން. އިރުކޮޅަކުން ދާންޖެހޭނެ” ޔަނާލް އޭނާ އައި އަސްލު ބޭނުން ހާމަކުރިއެވެ.
“މަޑުކުރޭ… ޔާޒް ގެންދާނީ އަހަރެން. ޔާނާ ކޮންމެހެން ހާސްވާކަށް ނުޖެހޭނެ. މިގޭ މަސައްކަތްތަކުން ޔާނާ ވަރަށް އަވަހަށް މިންޖުވާނެ. ޔާޒް ބަލާކަށް މިހާރު އަހަރެމެން މީހެއްގެ އެހީ ބޭނުމެއްނުވޭ” ކުލްޝޫމް ޔާނާއަށް ދެލޯ އަޅާލަމުން ބުނެލިއެވެ. ޔަނާލް ހުރެވުނީ ކުލްޝޫމަށް ބަލަހައްޓައިގެން ޤަބޫލުނުކުރެވިފައެވެ.
“މަންމާ! ކީކޭ ތިބުނީ. ޔާޒްގެ ކަންތައް ޔާނާއަށް ވުރެ ބޮޑަށް ބަލާކަށްވެސް ކުރާކަށްވެސް އެއްވެސް މީހަކަށް ނޭނގޭނެ” ފައިޒަން ހިތްހަމަނުޖެހުނެވެ.
“ފައިޒަން އަނަގަމަޑުން ލައިގެން ހުރޭ. މިކަމުގައި ގޮތް ކިޔާކަށް ފައިޒަންއަކަށް ނުޖެހޭނެ. މަށަކީ ފައިޒަންގެ މަންމަ. ފައިޒަން ޖެހޭނީ މަގޭ އަމުރަށް ކިޔަމަންވާން” ވަގުތުން ފައިޒަން ހިމޭންވިއެވެ.
“އަޅު… އަޅުގަނޑަށް….” ޔަނާލް އެއްޗެއް ބުނަން އުޅުނެވެ. އޭނާގެ ދެލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ފެނި ފައިޒަންއަށް ހީވީ އޭނާގެ ހިތުގައި ތޫނު އެއްޗަކުން ޅިޔަ އަޅުވާލި ހެންނެވެ.
“ހުއްޓާލާ. އަހަރެންނަށް ޔާނާގެ ހުރިހާ ޙަޤީޤަތެއް އެނގި ހާމަވެއްޖެ. މިގޭ ތެރޭގައި މިހާ މައްސަލަ ބޮޑުވީ މިގެއަށް ޔާނާ އައިފަހުން. ޔާނާ، ޔާނާގެ ބައްޕަ ހުރިތަނަށް ފުރުވާލާނަން ވަރަށް އަވަހަށް. އަދި ނުހިފާ ހުރި ފައިސާ ވެސް ހަވާލުކުރާނަން” ކުލްޝޫމް ބުނެލިއެވެ. ހަޤީޤަތުގައިވެސް ކުލްޝުމް ހުރީ ޔަނާލްދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އާކިން ދެއްކި ވާހަކަތަކާއި އާކިންގެ ގަޔަށް އަތްލި މަންޒަރު ފެނިފައިވާތީއެވެ. ކުލްޝުމް ދެކޭ ގޮތުގައި އަންހެނުން ތިބެންޖެހޭނީ އަންހެނުންގެ ގޮތުގައެވެ. ޔަނާލް ވަނީ އިން ފަހަނައަޅާ ގޮށްސައެވެ.
“މަންމައަށް ކޯއްޗެއް އެނގިގެން ޔާނާއާއި މެދު ތިގޮތަށް ކަންތައް ތިކުރަނީ. މަންމަ ތިހީކުރާކަހަލަ ކުއްޖެއް ނޫނޭ ޔާނާއަކީ” ކުލްޝޫމްގެ އަމުރަށް ކިޔަމަންވެގެން އެއްޗެއް ނުބުނެ ހުންނަން ފައިޒަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ދާން ފެށުމުން އޭނާއަށް ކެތެއްނުވިއެވެ. ކުލްޝޫމް ކުރިމަތިން ހުރަސްކޮށްފައި ގޮސް އޭނާ ހުއްޓުނީ ރޮމުން ދިޔަ ޔަނާލް ކުރިމަތީގައެވެ.
“ޕްލީޒް…. ނޮޓް އަގެއިން…. އައިމް ސޮރީ….. އައި ހޭވް ޓު ޑޫ ދިސް. މަންމައަށް ހުރިހާ އެއްޗެއް ކިޔާދޭންވީ ވަގުތު އައިސް މިޖެހުނީ” ފައިޒަން ބުނެލިއެވެ. ޔަނާލް އިސްއުފުލާ ފައިޒަންއަށް ބަލާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





salaam all
mi bai ves huriha kiyuntherinnah kamudhaane 🙂 kamah heekuran
Ummu Usuf anekkaaves ????
Asthaa miadhu mee Ram Ziyaa ge dhuvvahekay dho???
Ummu Usuf ??????
Alhey
kihinehvvy dear?
Alhey haadha kurey miadhu v reethi ekam keep it up ushaali❤️
Haadha kurey mi part
heevi goi kannenge maa bodah kiyaahiy vefa huryma. ehen part thah ves genna varah 🙂 mi bai ves genaee
Alun yaana ah dhera eh dhyfinama vaahaka hadivaane abadhu nubai meehinnah molhuveema kada vaane dear
lets see yaanaa ah vaa goi balan.
V Reethi MA….dhn avahah yanaal ge hageegaiyy angabala ushaa… Ehaa dhera kuraakah nuvaane…kulahthaves olhumehge thereyga bahattan nuvaane ehnu
😀 hingaa balamaa dhw
Waiting for next part…
🙂 keep waiting Sai
Alhe mirey ithuru part eh up kohlaba
🙁 sorry vahaka kiyaa kujja
maadhan up kolla dheynan ingey
Koniraku vaahaka up kolla nee. avahah up kolla dheythi please.
v salhi vaahaka but thankolheh lahee annaleh… alhe next part knirakuntha annanii ?
koffa mihaaru innaany