23 ވަނަބައިގެ ތެރެއިން….
“ބަނޑެއްގައި ރިއްސާތީ އަހަރެން އޮތީ ނުނިދިފައި. އެހެން އޮށްވަ ފެނުނީ ވަރަށް ސިއްރުން ޒާކް ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔަތަން. އަހަރެން ވަރަށް ހައިރާންވި ޒާކު އެގޮތަށް އުޅުނީމަ. އޭނައަށް ހީވީ ކަންނޭނގެ އަހަރެން އޮތީ ނިދާފައޭ. އެހާ ސިއްރުން ޒާކް އުޅުނީމަ ހިތަށް އެރީ ކުރަން އެއުޅޭ ކަމެއް ހަމަ އެހާ ސިއްރުން އަހަރެންވެސް ބަލާނަމޭ. އެހެންވެ ފަހަތުން ދިޔައީ. ޒާކް ވަނީ މަންމަ ކޮޓަރިއަށް. ޒާކް ވަނުމުން އަހަރެން ވަރަށް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެތެރެއަށް ބަލާލީ. އޭރު ތިބި މަންމައާއި ދޮންބެދައްތަ، ދޮންބެ. އެމީހުން ދެއްކީ ކޮންމެސް ރޭވުމަކުން މީހަކު މަރާލި ވާހަކަ. އަދިވެސް އެކަހަލަ މަޅިއެއް ޖަހައިގެން ކޮންމެސް އެހެން މީހަކު ފޮހެލާނަމޭ… ވަރަށް ރުޅިއާދެޔޭ… ދެން ނޭނގެ. ވަރަށް މަޑުން އަޑު އިވުނީ. އަހަރެން ހިތަށް އެރީ އެތަނުގައި އަހަރެން ހުއްޓާ އަހަރެން މަރާލާފާނޭ. އެހެންވެ އަވަހަށް ކޮޓަރިއާއި ދިމާލަށް ދުއްވައިގަތީ” ނާދު އޭނާއަށް އޮޅުންފިލި މިންވަރަށް ކިޔާދިނެވެ.
“އެހެންވީމަ އަދި ވަރަށް ކުޑަ އެއްޗެއް ތި އެނގުނީ. ކުރިން ނާއްތަ މިގޭގައި އެންމެ ސައިލެންޓްކޮށް ހުންނާނީ. އެހެންވެ އެމީހުން ކުރާ އެއްވެސް ކަމެއް ބެލުމުގެ ޝައުޤުވެރިކަން ނާއްތަގެ ނުހުންނަނީ. އެކަމުގެ ފައިދާ އެމީހުން ނެގީ” ޔަނާލް ބުނެލިއެވެ.
24 ވަނަބައި
“ތިހެން ބުނީމަ އެއްޗެއް ހަނދާންވެއްޖެ. އެއްދުވަހު ޝިފާ ނާއްތަ ކައިރީގައި ވަރަށް އެހެން ކަހަލަ ވާހަކަތަކެއްދެއްކި. އަހަރެން ޤަބޫލެއް ނުކުރިން. އެހެންވީމަ އެދުވަހު ޝިފާ ރަނގަޅު ވާހަކަތަކެއްނު އެދެއްކީ. އަހަރެން މާބޮޑަށްވެސް ގަމާރީ” މޫނު މައްޗަށް ހައިރާންކަން ގެންނަމުން ނާދު ބުނެލިއެވެ.
“ވެދާނެ. ތިބުނާ ދުވަހު ޝިފައްތަ އަހަރެންނަށްވެސް ވިސްނާދެން ވަރަށް މަސައްކަތްކުރި. އެކީއްވެބާ ޝިފައްތަ އޭރުގަ އެކަން ހާމަނުކުރީ” ޔަނާލް ބުނެލިއެވެ.
“ޝިފާއަކީ ގޯސް ކުއްޖެއްނޫން. އޭނައަށްވެސް މަޖުބޫރެއް އޮތް ކަމަށް ވާނީ. އެމީހުން ބޭރަށް ބަދަލުވިފަހުން މިއާއިލާއާއި އެއްވެސް ގުޅުމެއް ނުބާއްވާ. މިކަމާއި ގުޅުންހުރި ކޮންމެސް ކަންތައްގަނޑެއް މީ” ނާދު ބުނެލިއެވެ.
“ނާލްއަށް މަޖުބޫރުވި ގޮތް ކިޔާދީބަލަ. މި އާއިލާ އެންމެންގެ މައްޗަށް ނާލް ވަނީ ނިޔާވެފައި. އެކަމަކު މަންމަ ދަންނަ މީހުންނަށް އެނގިފައިވާ ގޮތުގައި ނާލް އުޅެނީ ޖަރުމަނުގައި މީހަކާއި އިނދެގެން. އަދި ކިރިޔާ މިއެނގުނީ. މަންމަމެން މިކަމުގައި ބެދިދާނެތީ ބޭރު އެއްވެސް މީހެއް ކައިރީގައި ނާލް ކަނޑުވެ މަރުވީއޭ ނުކިޔާ. ފުލުހުންނަށް މައްސަލަ ހުށައެޅިޔަސް މި އެންމެންނާއި ސުވާލު ކުރާނެއްނު” ނާދު ބުނެލިއެވެ. ޔަނާލް ހައިރާންވިއެވެ. މިފަހަރު ނާދުގެ ފަރާތުން އޭނާއަށް އެ އެނގުނީ ކުރިން އެނގިފައި ނުވާކަމެކެވެ. އެހެންވީމާ މާއިރާއާއި އޭނާގެ ތިން ދަރިންގެ ވިސްނުން މިވަނީ އޭނާ ހީކުރި ވަރަށް ވުރެ ވެސް މަތީގައެވެ.
“އެމީހުން އަހަރެން މަރާލަން މަސައްކަތްކުރީ. ކަނޑަށް ބަނދެފައި ވައްޓާލީ. ސްކޫލުގައި އުޅުނުއިރު ކުޑަކޮށް ފަތަން ދަސްކުރެވުނުކަން ނަސީބެކޭ ހިތަށް އެރި. އަހަރެންނަށް ހުރި ރަހުމަތެއްކަމެއް ނޫންކަންވެސް ނޭނގެ. ލޮނުގައި ޖެހުމާއެކު އެމީހުން އަހަރެންގެ އަތުގައި އައްސާފައި އޮތް އެތިގަނޑު ނެއްޓިގެންދިޔައީ. ދެން ހަތަރެސް ފައިން ބަކަތަޅަން އޮތީ. ހަޅޭއްވެސް ލެވިން. އަހަރެންގެ ހިތުގައިވާ ހުރިހާ ބިރުވެރިކަމެއް ކަނޑުގެ ލޮނުގަނޑުގައި ޖެހުމާއެކު ނެތިގެން ހިންގައްޖެ. ރޭގަނޑުގެ އަނދިރީގައި އެމީހުން އަހަރެން އެހާލަށް ދޫކޮށްލާފައި ދިޔައީ. އެއީ ބައްޕަ ޔާޒްއަށް ދިން ސަފާރީއަށް ދިޔަ ރޭ. އެރޭ ނާއްތައާއި ޝިފައްތަ ނުލާ ދިޔައީވެސް މިކަންތައް އެމީހުން ކުރިން މިގޮތަށް ކުރަން ރާވާފައި އޮތީމަ. އެރޭ އަހަރެންނަށް އިނގުނީ މާއިރާއަކީ އަހަރެންގެ އަސްލު މަންމަ ނޫންކަމާއި އެއީ އަސްލު ބޭބެއިންވެސް ނޫންކަން. އެމީހުން ބޭނުންވީ ބައްޕަގެ މުދާގަނޑު. އެމީހުން އެހެން ލޯންޗެއްގައި ނައްޓާލީއިރު އެމީހުންގެ ހުނުމުގެ އަޑު އިވިއިވި ހުރި. ކަނޑުގައި އަހަރެން ވަރުބަލިވެ ގޮތްހުސްވަމުން ދަނިކޮށް އަހަރެން އަލުން ސަފާރިއަށް ނެގީ އައްޔުބެ. އެނގެއެއްނު ފަހުން އައެއްނު އައްޔުމަން ކިޔާ ޑްރައިވަރެއް. އަހަރެންނަށް އެހީވީ އައްޔުބެ. މިގޮތަށް އެމީހުން ކުރިމައްޗަށް ދާން އަހަރެންނަށް ހިޔާލު ދިނީވެސް އައްޔުބެ. އައްޔުބެ އަހަރެންނަށް ދިނީ ދަރިއެއްގެ މަގާމް. އައްޔުބެ ބުނީ ބައްޕަ ނޫން އެހެންގޮތަކަށް ނުގޮވަން” ޔަނާލް ހުރިހާ އެއްޗެއް ކިޔާދީ ނިމުނުއިރު ނާދު އިނީ ކިޔާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. ނުބައި ނުލަފާ މީހުން ދުނިޔޭގައި އުޅުނަސް މި ދަރަޖައަށް ހައްދުފަހަނައަޅާފައިވާ ބައެއް އުޅޭކަމެއް ނޭނގެއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
“އެހެންވީމަ ޒާކު ވެސް……” ނާދުއަށް ބުނެވުނެވެ. ޔަނާލް ބޯޖަހާލުމާއެކު ނާދު މޫނުމަތީގައި އަތް އެޅިއެވެ. އޭނާއަށް ގިސްލާފައި ރޯން ފެށުނެވެ. އޭނާގެ ފިރިމީހާއަކީ މިދުނިޔޭގައި އޭނާ ސަތޭކަ ޕަސެންޓް އިތުބާރުކުރާ ހުރި ހަމައެކަނި މީހާއެވެ. އޭނާގެ އަލަތު ލޯތްބެވެ. އެންމެ ގާތް އެކުވެރިޔާއެވެ. އެހެންމަވެސް ފަހު ވަގުތު މިވީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ލޯބި މިވީ ޤާޠިލަކަށެވެ. އާއެނކެވެ. ޒާކިންއަކީ ޤާޠިލެކެވެ. ޙައްޤު އަދަބުން ޒާކިންއަށް މިންޖުވެވޭކަށް ނެތެވެ. އެތައް އިރަކު ރުއިމަށްފަހު ނާދު މޫނުމަތިން އަތްނަގާ ޔަނާލަށް ބަލާލިއެވެ.
“ނާއްތާ! އައި ކެން އަންޑަސްޓޭންޑް ޔުއަރ ޕެއިން. އެކަމަކު މިވަގުތު މީ ރޯންވީ ވަގުތެއްނޫން” ޔަނާލް ބުނެލިއެވެ.
“ނޫން… ނާއްތައަށް އަދި ނާލް ކުރި ހިތާމައާއި ކައިރިއަށްވެސް ކަރުނައެއް ނޭޅޭ. ތިހާ ޅަ އުމުރުގައި ނާލް ކުރިމަތިތިލީ ކޮންފަދަ އަނިޔާތަކަކާ. ކޮބާ ނާލްގެ ކުށަކީ؟ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ނާލްގެ އެއްފަރާތުގައި މިވަގުތުން ފެށިގެން ނާއްތަ ހުންނާނަން” ނާދު ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. ޔަނާލްގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ. ޔަނާލްގެ ހަށިގަނޑުގައި ނާދު ބައްދާލިއިރު އޭނާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ލޯބިވާ ފިރިމީހާއާއި ދެކޮޅަށް ދުވަހަކުވެސް އޭނާ ތެދުވަންޖެހިދާނޭ އޭނާގެ ހިތަކަށް ނާރައެވެ. ނަމަވެސް މިއަދު އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. ޒާކިން އަކީ ކުށްވެރިއެކެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ލިބެންޖެހެއެވެ.
“ދެން ނާއްތަ ދަނީ އިނގޭ. ބަލައިގެން އުޅެއްޗެ. ވިޝް ޔޫ އޯލް ދަ ބެސްޓް” ޔަނާލްގެ ކޯތާފަތުގައި ފިރުމާލަމުން ޔަނާލް ބުނެލިއެވެ.
“ނާއްތަ މިގަޑީގަ ދާނެކަމެއްނެތް. ހެނދުނު އެންމެން ހޭލަންވާއިރަށް ފައި ތެދުވެގެން އަންނާނެ ޔާޒް ކައިރިއަށް. ފައި ކައިރީގައި ބުނެލީމާ ރައްކާތެރިކަމާއެކު ނާއްތަ ކޮންމެސްތަނެއްގައި ބަހައްޓައިދޭނެ” ޔަނާލް ބުނެލިއެވެ. އޭނާގެ ދެލޮލުގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އެއްގޮތަކަށްވެސް ނާދު ދޫކޮށްލާކަށް އޭނާގެ ހިތެއް ނޭދޭއެވެ.
“ފައިއަށް އެނގޭތަ ތީ ނާލް ކަން” ހައިރާންކަން މޫނު މައްޗަށް ވެރިކުރުވަމުން ނާދު އަހާލިއެވެ. ޔަނާލް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.
“ފައިއަށް އެންމެ ކުރިން އިނގުނީ. ނާއްތައަށް އެނގޭތަ؟ ބައްޕަ އައްޔުބެއާއި އެކު އިންޑިޔާއަށް ފުރުވާލީވެސް ފައި. އަހަރެން ބޭނުން ބައްޕަ ގަދަވެގެން އަންނަން. އޭރުން އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބޭނެ” ޔަނާލް ބުނެލިއެވެ. އޭނާގެ ދެލޮލުގައި ވަނީ އުއްމީދުގެ ވިދުވަރެވެ.
“ސޯ ހެޕީ ފޯ ޔޫ ބޭބީ ގާރލް” ނާދު ޔަނާލްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
ފަތިހު އެންމެންނަށް ވުރެ ކުރިން ހޭލައިގެން ނަމާދަށް ދިޔުމުގެ ކުރިން ފައިޒަން އެކޮޓަރިއަށް އައެވެ. ޔަނާލް ކައިރީގައި އިން ނާދު ފެނުމުން ފައިޒަން ކުޑަކޮށް ރަކިވިއެވެ. ނަމަވެސް ހިނގާ ދިޔަ ކަންތައް ޔަނާލް ފައިޒަންއަށް ކިޔާދިނުމުން ކަންތައްކުރާނެ ގޮތަކާއިމެދު ފައިޒަން ވިސްނާލިއެވެ. އަދި އޭނާއަށް ވިސްނުނު އެންމެ ރަނގަޅުގޮތަށް ނާދު ގޮވައިގެން ގޮސް ބެހެއްޓީ އޭނާގެ ރަހްމަތްތެރިއެއްގެ ގޭގައެވެ.
ހާރޫން ބޭހަށް ފުރި ފަހުން މާއިރާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހާރޫނުގެ ބައްޔަށް ޝިފާއެއް ނުދެއްވާތޯ އޭނާ ހުންނަނީ އަބަދު ދުޢާކޮށްލަކޮށްލައެވެ. ހާރޫން ރަނގަޅުވެގެން އަތުވެއްޖެނަމަ މުޅި ދުނިޔެއަށް އޭނާ ބޭޒާރުވެދާނެތީއެވެ. ފަހަކަށް އައިސް އަބަދުވެސް މާއިރާގެ ހިތުގައި ހުންނަނީ ބިރެއް ހިފާފައެވެ. އެހެންކަމުން ކެއުމާއި، ނިދުމާ އޭނާ ވަނީ ވަރަށް ބޮޑަށް ދުރުވެފައެވެ. އެގޮތުން މިއަދުވެސް މާއިރާގެ ހިލަމެއް ނުވާތީ އާކިން އެކޮޓަރިއަށް ވަނީ އިފްނާއާއި އެކުގައެވެ. އޭރު ޒާކިން މާއިރާގެ ފައި މޮޑެދެން އިނެވެ. ވަގުތަކީ ދުވަހުގެ މެންދުރުފަހުގެ ވަގުތެކެވެ.
“މަންމާ! އިފޫ ބުނި ބައްޔޭ. ތެދެއްތަ؟” އާކިން އަހާލިއެވެ. މައިރާ އުނދަގުލުން ތެދުވެ އެނދުގައި އިށީނދެލިއެވެ.
“ބޮލެއްގައި ރިއްސަނީ. ރަނގަޅަށް ނުނިދޭތީހެން ހީވަނީ” މާއިރާ ޖަވާބުދިނެވެ. އޭނާގެ މޫނުމަތިން ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ.
“އެހެންވާނީ މަންމަ އުޅެނީ ނުނިދައި ވިއްޔާ” އިފްނާ މާއިރާގެ މަގަތުން އިށީނެވެ.
” ނިދޭނެތަ؟ މާދަމާ ކަންނޭނގެ ޖަލަށް ދާން ޖެހޭނީ. ހާރޫނު ގަދަވެގެން އައިއްޔާ އެހިސާބުން އަހަރެމެންގެ ދުވަސް ދިޔައީ. އަހަރެން އެންމެ ކަންބޮޑުވަނީ އޭނާ ޝާއިރާއާއި ބައްދަލުވެދާނެތީ” މާއިރާ ބުނެލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ.
“ޝާއިރާއްތަ އެތަނުގަތަ ހުރީ. މަންމަ ބުނީމެއްނު މީހަކަށް ފައިސާ ދީގެން ޝާއިރާއްތަ އެކްސިޑެންޓްކޮށްލީމޭ. ދެން މަރުވެފައިތިބޭ މީހުން އަލުން އަންނަން މީކީ ހިންދީ ފިލްމެއް ނޫނެއްނު” އާކިން ބުނެލިއެވެ.
“އާނ. ތިކަން ކުރީމޭ. އެކަމަކު ފަހުން ފުލުހުން އެތަނުން ބޮޑީއެއް ހޮސްޕިޓަލަށް ގެންދިޔަކަމށްވަނީ. ވެދާނެއްނު އެއީ ޝާއިރާކަމަށް ވެސް” މާއިރާ ބުނެލިއެވެ.
“އެހެނެއްނުވާނެ ބަލާތި. ހުރިހާ ކޮޅަކުން އަހަރެމެންނަށް ނާކާމިޔާބާއި ކުރިމަތިލާކަށް ނުޖެހޭނެ” އާކިން ބުނެލިއެވެ.
“މަންމާ! ތިއެއްނޫނޭ. މިރޭ އިފޫ ގޮވައިގެން ބޭރަށް ކާލަންދާން މިއުޅެނީ. ނެތްތަ ލާރިއެއް” އާކިން އަހާލިއެވެ.
“ނެތް ލާރިއެއް. ކަލޭމެންނަށްވެސް ތަނެއްގަ ވަޒީފާއަދާކުރެވޭ ކަމަކަށްނުވި. އެހެންނުވާނީ އެއްދުވަހު ދިޔައިއްޔާ އަނެއް ހަތަރު ދުވަހު ނުދާނެ. ކަނޑާލާނެއްނު. އޭރުވެސް ބުނިން ހާރޫންގެ އެ ފިހާރަގަނޑު ކޮޅަށްޖަހަން އުޅޭށޭ. ފައިޒަން އެ ހިންގަނީ އެންމެ ތިން ފިހާރަ. މާލޭގައި ހުރި އެންމެ ބޮޑު ފިހާރަ އަދިވެސް އެހުންނަނީ އިނދަޖެހުނު ގޮތަށް. މަށަށް ހީވަނީ އެތަންވެސް އެންމެފަހަށް ފައިޒަންކަން ނޭނގެ ހަދާނީ” އާދައިގެ މަތިން މާއިރާ ޝަކުވާތައް އޮށްސާލިއެވެ.
“އެތަން ހުޅުވަން އުޅުނީމޭ. ވަރަށް ރުފިޔާ ހަރަދުކުރަން ޖެހޭނެތީ ހުއްޓާލީ. ފަހު ވަގުތު ރާކުވެސް އޭނާގެ ރާނީ ގޮވައިގެން ފިލީ ވިއްޔާ. ދެން ކިހިނެއް އެކަނި އެކަން ކުރާނީ. ޒާކު އަތުގައިވެސް އެއްޗެއް އޮތީކީ ނޫން” އާކިން ބުނެލިއެވެ.
“ރާކިންގެ ވާހަކަ ނުދައްކާ. އެއީ މަގޭ ދަރިއެއްނޫން. އޭނާއަށް މުހިންމުވީ އޭނާގެ އަނބިމީހާ. އަހަރެންދެކެ ލޯބިވާކަން މިހާތަނަށް ސާބިތުކޮށްދިނީ އެންމެ ދަރިއެއް. އެއީ ޒާކިން. ނާދު ވަރިކޮށްފަ ގެއިން ފޮނުވާލީނު. މަންމަ ސާބަސްދެން ދަރިފުޅަށް. އޭނަ އަނގަ ނުހުޅުވައިފިއްޔާ ކިތަންމެހާވެސް ރަނގަޅު” މާއިރާ ޒާކިންގެ ބޮލުގައި ފިރުމާލިއެވެ.
“މަންމާ ކޮބާތަ މިގޭގެ ލިޔުންތައް” ކަމެއް ހަނދާންކޮށްލާ ކަހަލަ ގޮތަކަށް އާކިން އަހާލިއެވެ.
“ކާކު އަތުގައި އޮންނާނީ. އެ ފައިޒަން އަތުގައެއްނު. މިގޭ ވެރިންނަކީ އޭނައާއި ޔަނާލެއްނު” މާއިރާ އަނގައަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.
“ޔަނާލް ދެން އެއީ މިހާރު ނެތް މީހެއްތާ. ފައިޒަން އަތުން މިތަން ޖަހައިގަންނާނެ ގޮތެއް ވިސްނަންވީ ހާރޫނު އަޔުމުގެ ކުރިން” އާކިން ބުނެލިއެވެ.
“ތިއީ ރަނގަޅު ހިޔާލެއް. އެކަން ދަރިފުޅުމެން ކޮށްފިއްޔާ މަންމަ ބުނާނަން ތިއީ ފިސާރި ފިރިހެން ކުދިންތަކެކޭ. ފައިޒަން ހެނދުނު ވަޒީފާއަށް ދިޔައިމަ ނިކަން އެކޮޓަރިއަށް ވަދެ ހާވާލަބަލަ” މާއިރާ ހިޔާލު ދިނެވެ. އާކިންއާއި ޒާކިން ބޯޖަހާލިއެވެ.
“ތިކަން ކާމިޔާބު ވެއްޖިއްޔާ މަ ބަލާނަން ހާރޫނު އެނބުރި އައިސް އަހަރެމެން މިގެއިން ބޭރުކުރެވޭތޯ” މަލާމާތުގެ ހީލުމަކުން ހީލަމުން މާއިރާ ބުނެލިއެވެ.
“ކަލޭމެން ދެކުދިން އަތުގައި އެއްވެސް ވަރަކަށް ލާރިއެއް މިހާރު ނެތީތަ. ކޮބާ ހާރޫން ޖަމާކޮށްދިންހާ ފައިސާތައް” މާއިރާ އަހާލިއެވެ.
“ދެން ބޭނުންކުރަންޏާ ހުސްވާނެއްނު” އާކިން ދިނީ ފަރުވާކުޑަ ޖަވާބެކެވެ.
“ކަލޭމެންގެ އެކަކު ގައިގަވެސް ހަރުދަނާ އެއްވެސް އުސޫލެއްނެތް. ފައިސާ ލިބުނީމަ އޭގެ މަތީގައި އުދުހުނީ. ހިތަށް ނާރާ އެއީ ހުސްވާ އެއްޗެކޭ. އަމިއްލަ ބިޒްނަސްއެއް ފަށައިގަންނަން އެކަކުގެ ވިސްނުމަކަށްވެސް ނައި. އެ ރާކިން ފުރުމުގެ ކުރިން އޭނާ އެކައުންޓުގައި ހުރި ފައިސާތައް މަގޭ އެކައުންޓަށް ޖަމާކުރިކަން އެއީ ހަމަ ނަސީބު. އެ ހުސްވިއްޔާ އަނގަ އާއި އަތާ ދިމާކުރާނެ އެއްވެސް ގޮތެއްނެތް” މާއިރާ ވާހަކަދެއްކިއެވެ.
“މަންމާ އެބައޮތް ޚިޔާލެއް” ޒާކިން ބުނެލިއެވެ. ހުރިހާ އެންމެންގެ ސަމާލުކަން ޒާކިންއަށް ހުއްޓާލިއެވެ.
“މަންމަ އަތުގައި ހުރި ފައިސާއިން ހިނގާ އެ ފިހާރަ ހިންގަން ފަށަން. މުދާ ބަލައި އަޅުގަނޑާއި ދޮންބެ ފުރާނަން” ޒާކިން ބުނެލިއެވެ. މާއިރާއަށް އެހިޔާލު ކަމުދިޔައެވެ.
**************************************
ހަވީރު ސަޔަށް އިންސާފު ކުރެވެމުން ދިޔަ ވަގުތެވެ. މޭޒު ކައިރިއަށް ހުރިހާ މީހުން ވަނީ ޖަމާވެފައެވެ. ޔަނާލް ސައި އަރުވަމުން ދިޔައިރު ފައިޒަން އިނީ މޭޒު ކޮޅުގައި ހުރި ގޮނޑީގައި ޔާޒް އުރާލައިގެން ސަކަރާތް ޖެހުމުގައެވެ. މާއިރާ އޭނާގެ ލޮލުން އާކިންއަށް އިޝާރާތެއް ކޮށްލިއެވެ. އޭރު ޔަނާލް ހުރީ އާކިންއާއި ފައިޒަންއާއި ދެމެދު ފައިޒަންގެ ތައްޓަށް ސައި އަޅާށެވެ. ނޭނގޭކަމަށް ހަދާފައި އާކިން ޔަނާލްގެ އަތުގައި ޖެހިގަތެވެ. އެއާއެކު އާވިއަރަމުން ދިޔަ ސައި ބަންޑުންވީ ޔަނާލްގެ ދެއަތަށެވެ.
“އާ.. މަންމާ….” ނަގައިގަތް ދިލައިން ޔަނާލަށް ރޮއެގަނެވުނެވެ. ފައިޒަން ބަލާލިއިރު ޔަނާލް އެއް އަތުން އަނެއް އަތުގައި ހިފަހައްޓައިގެން ފެންކަޅިވެފައި ހުއްޓެވެ.
“ސޮރީ. ނޭނގުނީ” އާކިން ބުނެލިއެވެ. ފައިޒަން ވަގުތުން ޔާޒް ކުލްޝޫމް އަތަށް ދިނުމަށްފަހު ޔަނާލްގެ އަތުގައި ހިފައިގެން ގޮސް ޒިންކު ކައިރީގައި ހުއްޓުނެވެ. އަދި ޔަނާލް ލައިގެން ހުރި ހެދުމުގެ އަތްކުރި ކުޑަކޮށް މައްޗަށް ޖައްސާލުމަށްފަހު ސައި އެޅުނުތަނަށް ފެން އަޅަން ފެށިއެވެ. ޔަނާލް ހުރީ ފައިޒަންގެ މޫނަށް ބަލަހައްޓައިގެންނެވެ.
“ވަރަށް ބޮޑަށް ދިލަނަގާތަ” ފައިޒަން އަހާލިއެވެ. ޔަނާލް ޖަވާބެއް ނުދިނުމުން ފައިޒަން އެ މޫނަށް ބަލާލިއެވެ. އެއާއެކު ޔަނާލްގެ ކަޅި އޭނާއަށް އަމާޒުވެފައިވާތަން ފެނުމުން ކުޑަކޮށް ރަކިވިއެވެ.
“ކިހިނެއްވީ ތިބަލަނީ” ފައިޒަން އަހާލިއެވެ.
“ހެޔޮތަ އެމީހުން ބަލަން ތިއްބަސް” ޔަނާލް އަހާލިއެވެ. އެއާއެކު ފައިޒަން ޔަނާލްގެ އަތުން ދޫކޮށްލިއެވެ.
“ނުފިހޭ. ކްރީމް ހާކާލީމަ އޯކޭވެދާނެ” ފައިޒަން ގޮސް މޭޒު ކައިރީގައި ހުއްޓެމުން ބުނެލިއެވެ.
“ފައި ކޮންއިރަކުންތަ މެރީ ކުރަނީ” އިފްނާ އަހާލިއެވެ. އެއާއެކު ފައިޒަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ފައި ބޭނުން އިރަކުން އިންނަންވީ” ކުލްޝޫމް ޖަބާނުދިނެވެ.
“ހީވަނީ ފައި އުޅެނީ ޔާނާއާއި ރައްޓެހިވެގެންހެން. މިހެން މިބުނީ ކޮންމެހެން ޖެއްސުމަކަށްނޫން. ކުރިން ދެރެއަކު ދެމީހުން ވަރަށް ގާތްކޮށް ތިއްބާ ފެނިއްޖެ ބަދިގެތެރެއިން. މިއަދުވެސް ފެނިގެން މިދިޔަ މަންޒަރުން ބަލަން ހުރި މީހަކު ވިއްޔާ އެއްޗެއް ނުވިސްނި ނުހުންނާނެ” މާއިރާ ވާހަކަދެއްކިއެވެ. ކުލްޝޫމް އިނީ ފައިޒަންއަށް ބަލަހައްޓައިގެންނެވެ.
“އެ ތެދެއްތަ ދަރިފުޅާ” ކުލްޝޫމް އަހާލިއެވެ.
“ނޫން” ފައިޒަން ކުރު ޖަވާބެއްދިނެވެ. އެގޮތް ކުލްޝޫމަށް ކަމަކު ނުދިޔައެވެ.
“ދަރިފުޅު ކައިވެނިކުރަން ބޭނުން ކޮންމެ މީހަކާއި ކައިވެނި ކުރެވިދާނެ. އެކަމަކު ވިސްނަންވާނެ ކައިވެނި ކުރެވޭ މީހާއަކީ ކޮން އާއިލާއަކުން އައިސް ހުރި ކާކުކަން. މީހާގެ ގޮތްވެސް އެނގެންޖެހޭނެ” ކުލްޝޫމް ބުނެލިއެވެ.
“ބުނާނަން މަންމާ. ބައެއް މީހުންނަށް ހަޖަމު ނުވަނީ” ފައިޒަން އެވަރަށް ބުނެލިތަނާ ޔަނާލް އައިސް ހުއްޓުނެވެ.
“މިހާރު ރަނގަޅުތަ” ކުލްޝޫމް އަހާލިއެވެ. ޔަނާލް ބޯޖަހާލިއެވެ. ނަމަވެސް ފަހުން އޭނާގެ ކަޅި އަމާޒުވީ މަޑުމަޑުން ސައިބޮމުން ދިޔަ އާކިންއަށެވެ. އާކިން ޔަނާލަށް ބަލާލުމަށްފަހު ނުބައި ވައްތަރަކަށް ހީލިއެވެ. ޔަނާލްގެ ދެއަތް މުށްކެވިގެން ދިޔަ ވަގުތު އޭނާގެ ދެފައި އާކިންއާއި ގާތަށް ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އެންމެން ސައިބޮއެގެން ތެދުވި ވަގުތު ޔަނާލް އޭނާގެ އަތްތިލައިގެ ހޫނު ހަމަލާ އަމާޒުކޮށްލީ އާކިންގެ ކަންފަތް މައްޗަށެވެ. އާކިންއާއި އެންމެ ގާތުގައި ހުރި އިފްނާއަށް އަނގަމަތީގައި އަތް އަޅާލެވުނުއިރު މާއިރާ ދިޔައީ ބަނަހެއް ފުފޭހެން ފުފެމުންނެވެ.
“ޖަވާބު ކަލެއަށް ލިބިއްޖެކަމަށް ހީކުރަން” ޔަނާލް ބުނެލިއެވެ. ހުރިހާ މީހުން ތިބީ ވެދިޔަ ކަންތައް ޤަބޫލުކުރަން ދަތިވެފައެވެ.
“ޔާނާ!” ޔަނާލް ސިހުނީ ކުލްޝޫމްގެ އަޑުންނެވެ. ފައިޒަންވެސް ކުލްޝޫމަށް ބަލާލިއެވެ. މީގެ ކުރިން އެހާ ރުޅިއައިއްސާ މީހަކަށް ވާހަކަދައްކާފައެއް ނުވެއެވެ.
“ކީއްތިކުރީ. އަންހެނަކަށްވެ ހުރެ ފިރިހެނަކަށް އަތް އިސްކުރަން ލަދެއް ނުގަނޭތަ؟ މިވަގުތު އާކިން ބޭނުންނަމަ ޔާނާއަށް ކޮންމެކަމެއްވެސް ކުރެވިދާނެ” ކުލްޝޫމް ބުނެލިއެވެ. ޔަނާލް ފެންކަޅިވެފައިވި ދެލޮލުން ކުލްޝޫމަށް ބަލަމުން ދިޔައެވެ.
“އަހަ….އަހަރެން އަތަށް ސައިތަށި އަޅާލީ. އެއީ އޭނާ ގަސްދުގައި ކުރި ކަމެއް” ޔަނާލް ބުނެލިއެވެ.
“އެވަރުގެ ކަމެއް އާކިން ނުކުރާނެ. ޔާނާ ތިކުރީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. އާކިންގެ ކިބައިން މަޢާފް ހޯދާ. މިއީ ފައިޒަން ތިފަދަ އަމަލެއް ހިންގި ނަމަވެސް އަހަރެން ކަންތައް ކުރާނެގޮތް. އަހަރެން ދެކެނީ ޔާނާ ވެސް ދަރިއެއް ފަދައިން” ކުލްޝޫމް ބުނެލިއެވެ. ޔަނާލް ޖެހިތަނުގައި އަތް އަޅައިގެން ހުރެ އާކިން ޔަނާލަށް ބަލާލިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ އިންތިޒާރުކުރަމުން އެދަނީ ޔަނާލް އޭނާގެ ކިބައިން މަޢާފަށް އެދޭނެ އިރަކަށެވެ.
“ސޮރީ ދައްތާ. އަޅުގަނޑަށް ތިކަން ކޮށްދެވެންނެތް. އަޅުގަނޑު ކަންތައް މިކުރީ އަޅުގަނޑު ބޭނުންވާގޮތަށް. ދުވަހަކުވެސް ދުވަހަކުވެސް މިތަނުން އެއްވެސް މީހެއްގެ ކިބައިން އަޅުގަނޑު މަޢާފަކަށް ނޭދޭނަން” ވަކިވަކިން ކޮންމެ މީހަކަށް އިޝާރާތްކޮށްލަމުން ޔަނާލް ބުނެލިއެވެ. އަދި ކުލްޝޫމް އަތުގައި އިން ޔާޒް އުރާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ކުލްޝޫމް އެހާ ރުޅިގަދަވެފައި ހުރުމުން އެދެމެދުގައި އެއްޗެއް ބުނަން ފައިޒަންއަށް ނުކެރުނެވެ. ވެދިޔަ ކަންތަކަށްފަހު އޭނާ ޔަނާލްދެކެ ރުޅިއެއްނައެވެ. ސަބަބެއްނެތި އެފަދައިން ޔަނާލް ކަންތައް ނުކުރާނެކަން ފައިޒަންއަށް އިނގެއެވެ. ދެރައީ ޙަޤީޤަތް ކުލްޝޫމަށް ވަންހަނާވެފައި ވާކަމެވެ.
“ފެނިއްޖެއްނު މާ މޮޅުކޮށްގެން ގާތްކޮށްގެން އުޅުނު މީހާގެ ފެންވަރު. އެއީ އަންހެނަކަށްވާތީ އަހަރެންގެ އަތް ކޮންޓްރޯލް ކޮށްގެން މިހުރީ” ކުލްޝޫމްއަށް އެއްޗެއް ބުނުމަށްފަހު އާކިންގެ އަތުގައި ހިފައިގެން މާއިރާ ހިނގައިގަތެވެ. ޔަނާލް ކަންތައްކުރި ގޮތުން ކުލްޝޫމް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
“މަންމާ!” ފައިޒަން ކުލްޝޫމަށް ގޮވާލިއެވެ. ނަމަވެސް ކުލްޝޫމް އަޅާވެސްނުލާ ކުރިއަށް ހިނގައިގަތެވެ. އޭނާ ހުރީ ފައިޒަން ދެކެވެސް ހިތްހަމަނުޖެހިފައެވެ.
****************************
ކޮޓަރިއަށް ވަންގޮތަށް އެނދުގައި ޔާޒް ބޭންދުމަށްފަހު ޔަނާލަށް ކޮޓަރިތެރޭގައި ދެކޮޅަށް ހިނގެން ފެށިއެވެ. އާކިން އޭނާއަށް ދިން މަލާމާތުގެ ހިނިތުންވުން ޚިޔާލަށް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ލޭ ހޫނުވެގެން ދެއެވެ. އޭނާގެ ސިކުނޑީގައި ކެކެމުން ދިޔަ ރުޅިގަނޑު ކޮންޓްރޯލްނުވެ ޑްރެސިންގްޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއް އެއް އަތުން ޖަހާ ބުރުއްސާލިއެވެ. އެއަށްފަހު މާނޭވާ ލަމުންދިޔައެވެ. އެނދުގައި އިން ޔާޒް ޔަނާލްގެ ހަރަކާތްތަކަށް ފަރުވާވެ ބަލަމުން ދިޔައެވެ. ކުއްލިއަކަށް ޔަނާލް އެދިޔަ ބާރުމިނުގައި ގޮސް ސޯފާގައި ހުރި ކުޝަންތައް އެގޮތްމިގޮތަށް ކޮޓަރި ތެރެއަށް އުކާލިއެވެ. ޔާޒް ރޯން ފެށީ އެހިސާބުންނެވެ. އެކުއްޖާއަށް ކިރިޔާ ފިޔަވަޅު އެޅޭއިރު އެނދުން ފައިބަން މަސައްކަތް ކުރިއެވެ. ޔަނާލަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. ދުވެފައި ގޮސް ޔާޒް ނަގާ ބައްދާލިއެވެ. އެނދުގައި އިނދެ މަޑުމަޑުން ޔާޒް ނާނާ ކިޔާލިއެވެ. އޭރު އޭނާގެ ސިކުނޑި ތެރޭގައި ރޯލްވަމުން ދަނީ ކުލްޝޫމަށް އޭނާ ހަރުކަށިކޮށް ޖަވާބުދިން މަންޒަރެވެ. އޭނާ ހިތުގައި ޖެހުނެވެ. ކުލްޝޫމާއި އެގޮތަށް ވާހަކަދެއްކުނީތީއެވެ. އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ ކުލްޝޫމް ބުންޏަސް އޭނާ އާކިންގެ ކިބައިން މަޢާފަށް އެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މުޅި ދިރިއުޅުމަށް ޒަހަރު ލި މީހުންނަކީ އެމީހުންނެވެ. އޭނާގެ ޅަ ދުވަސް ނަގާލީ އެމީހުންނެވެ. އޭނާގެ މުޅި ދިރިއުޅުން ނަރަކައަކަށް ހެދީވެސް އެމީހުންނެވެ.
ޔާޒްއަށް ނިދުނުކަން އެނގުމުން ޔަނާލް ތެދުވެ ރީތިކޮށް އެނދުގައި ޔާޒް ބޭއްވިއެވެ. އަދި ކޮޓަރިތެރެ ހަމައަކަށް އަޅުވާލުމަށްފަހު ކޮޓަރިން ނިކުތެވެ. އޭނާ މިސްރާބު ޖެހީ ކުލްޝޫމްގެ ކޮޓަރިއާއި ދިމާލަށެވެ. މިވަގުތު ކުލްޝޫމް އިންނާނީ ކޮޓަރީގައިކަން އޭނާއަށް އެނގޭއެވެ. ޔަނާލް ދެފަހަރަކު ދޮރުގައި ޖަހާލިއެވެ. އެތެރެއިން ހަބަރެއް ނުވިއެވެ. ތިންވަނަ ފަހަރަށް ޖަހާލުމަށްފަހު ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. ހަބަރެއް ނުވުމުން ޔަނާލް ދޮރު ހުޅުވާލިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން ފެންނަ ހަމައެކަނި އައްޔަކީ ލައްޕާފައިހުރި ފާހާނާއިގެ ދޮރު ދަށުން ފެންނަން ހުރި ހުދު އައްޔެވެ. ޔަނާލް ފާރުގައި ހުރި ލައިޓް ޖައްސާލިއެވެ. މުޅި ކޮޓަރިތެރެއަށް އަލިވެގެން ދިޔުމާއެކު ދެފަރާތް ބަލާލިއެވެ. ކުލްޝޫމް ކޮޓަރީގައި ނެތެވެ. ފާހާނާއިގެ ތަންޑު ނައްޓާލީ އަޑު އިވުނީ އެވަގުތުއެވެ. ކޮޓަރި ތެރެއިން ޔަނާލް ފެނުމުން ކުލްޝޫމް ހުއްޓުންއެރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





Ummu Usuf kobaaaa ???
2m dho mi landudhinee??
Hmmmmm hama balabalaa mihureee landeh dheefaanetheee???
Ram Ziyaa ????
salaam all
mi baives huriha kiyuntherinnah kamudhaane 🙂 kamah heekuran
V v v rythi. Ekam maa lahy up vaaleh
V V reethi Mi haaru maa lahy up vaaleh