އެނގުމެއްނެތި…17
ވައުދާއި އެއްގޮތަށް އަލީޝާ ފަސް މާާއްދާއިން ފާސްވި ހަބަރު ލިބުމުން ރާއިން ވަގުތުން ދަތުރު ރޭވިއެވެ. ދެ އެކުވެރިންވެސް ތިބީ ގޮސް މަޖާކޮށްލުމަށް ކެތްމަދުވެފައެވެ. ރާއިދާއާއި، ރާއިންގެ ދައްތަ ރާނިޔާއާއި ދެމެދުގައިވެސް ބަދަހިވެފައިވީ ގާތް އެކުވެރިކަމެއްގެ ސަބަބުން ރާއިން އެއީ އަލީޝާމެން ގެއަށް ބީރައްޓެއްސަކަށް ނުވިއެވެ. އެހެންކަމުން އަލީޝާ ރާއިންއާއިއެކު އެއް ދުވަހަށް ދަތުރެއް ދާ ވާހަކަ ބުނުމުން ވަރަށް ފަސޭހައިން ހުއްދަ ލިބުނެވެ. މާ ގަދަޔަށް ސަކަރާތް ނުޖަހާށޭ ކިޔާފައި ހުއްދަ ދިން ޔޫސުފަކީވެސް މުދިމެއްކަމަކު މިޒަމާނުގެ ގޮތުން ބުނާނަމަ ކޫލް ބައްޕައެކެވެ.
ބޭކާރު ވާހަކައެއް ދައްކައިގެން ރުޅިއަރުވަފާނެތީ ރާާއިން، އީތަންގާާތު ބުނުން މުހިންމު ކަަމަށް ނުބެލިއެވެ. ނަމަވެސް އީތަންއަށް ހަބަރު ލިބުނީ ރާނިޔާގެ ފަރާތުންނެވެ. ވަރަށް އާދައިގެ ގޮތަކަށް ރާނިޔާ، އީތަން ނުދަނީ ކީއްވެހޭ، އަހައިލި ސުވާލުންނެވެ. އީތަންއަކަށް މި ހަބަރު ލިބި މަޑަކުން ނުހުރެވުނެވެ. ނޭންގޭ ޒާތެއްގެ އުނދަގުލެއް ވީ ނަމަވެސް އޭނާ ނިންމީ އެއީ އޭނާ ނުލައި ބުރޯ މަޖާކުރާތީ ވާ ހަސަދައެއްކަމަށެވެ. އަލީޝާއާއިއެކީ ދިޔުމުން އޭނާއަށް ޖެއްސުމެއްވެސް ކޮއްލެވޭނެއޭވެސް ހިތަށްއެރިއެރިއެވެ. ކޮންމެއަކަސް ދެ އެކުވެރިންގެ ދަތުރުގައި، އިޖާޒަތަކާއި ނުލައި އީތަން ބައިވެރިވެއްޖެއެވެ.
ލޯންޗެއްގައި ދަތުރުކުރިއިރު އަލީޝާމެން ތިން ކުދިންނާއި ކައްޕި ފިޔަވައި މާ ގިނަ ބައެއް ނެތެވެ. އިންޖީނުގެ ބާާރު އަޑާއި ރާޅުތަކުގެ އަޑު ފިޔަވައި އަޑެއް ނީވެއެވެ. ތިން ކުދިންވެސް ތިބީ އެ ކުއްޖެއްގެ ފޯނަށް ގެއްލިފައެވެ. ކުއްލިއަކަށް ޖެހި ބޮޑު ރާޅަކާއި އެކީ ލޯންޗު އެއް އަރިއަކަށް އަރިވިތަނާ ތިން ކުދިން އެއްފަހަރާ އެއްއަރިއަކަށް ވެއްޓުނެވެ. އީތަން ޖެހުނީ ކުޑަދޮރުގައެވެ. އަލީޝާ ވެއްޓުނީ އީތަންގެ ކޮނޑުމައްޗަށެވެ. ރާއިން ވެއްޓުނީ އަލީޝާގެ ކޮނޑުމައްޗަށެވެ. އެންމެ ފުރަތަމަަ ފުންމައިގެން ތެދުވި ރާއިން އަލީޝާއަށް ބަލައިވެސް ނުލައި ނޭންގޭކަމަށް ހަދާފައި ކުޅެންއިން ގޭމު ތެރެއަށް ފީނައިގަތީ ގަތް ލަދުންނެވެ. ދެން ފުންމައިގެން ތެދުވި އަލީޝާ އީތަންއާއި ދުރަށް ޖެހިލި ގޮތް ފެނިފައި، އީތަންވެސް ދުރަށް ޖެހިލަމުން ވަށްކަޅިން އަލީޝާއަށް ބަލާލާފައި މޭމައްޗަށް ދެއަތް ހުރަސްކޮށްލިއެވެ. އަލީޝާ ކަޅި އަނބުރާލައިފައި އަނެއްކާވެސް އަތުގައި އޮތް ފޯނަށް ސަމާލުކަންދިނެވެ. އީތަންއަށް ހެވުނެވެ.
ރިޒޯޓަށް ފޭބުމާއިއެކީ އެއް ކޮނޑަށް ވާގޮތަށް އަޅުވާފައި އޮތް ބެގްޕެކް ސޮހުމުގެ ކުރިން ބޮޑަށް ކޮނޑަށް އަރުވާލައިފައި، އަލީޝާ ވަށައިގެން ބަލައިލިއެވެ. ގުދުރަތީ ހިތްގައިމުކަމާއިއެކު، ޒަމާނީ ކުލަވަރެއްވެސް އެކުލެވިގެންވީ ތަނެކެވެ. ގިނައީ އެއްބައި އޮރިޔާން ހެދުންތަކުގައި އުޅޭ ގެސްޓުންނެވެ. ތިބެން ހަމަޖެހިފައިވީ ގެސްޓް ހައުސް ހުރީ ބަނދަރާއި ދާދި ގާތުގައެވެ. ދެ ފަރާތުން މޫދު ފެނެއެވެ. ބުކްކުރި ތިން ކޮޓަރިން ކޮންމެ ކޮޓަރިއަކަށް ކުއްޖަކު ވަދެ އެއްޗެހި ބަދަލުކޮށްގެން ނުކުތީ ޕޫލްއަށް އެރެން ދާންށެވެ. އަލީޝާއާއިއެކީ ތަނަކަށް އައިއްސިއްޔާ އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ އެކަމެވެ.
“ކީއްވެއޯ ބިކިނީއެއް ނުލީ؟” އަލީޝާ ނުކުތުމުން އީތަން ބުންޏެވެ. އަލީޝާާ ވަގުތުން އަމިއްލަ ފޫކޮޅުގައި އަތް އަޅައިގެން އީތަންއާާއި ދުރަށް ޖެހުނެވެ.
“ބަލާހިތްވާ މީހުން ގިނަކަމުން.” އެހެން ބުނެލުމަށްފަހު އަލީޝާ ގޮސް ޕޫލްއަށް ފުންމައިިލިއެވެ.
ހިތް ފުރެންދެން ފެނުގައި އުޅެވުމުން ޕޫލްއިން އެރިއިރު ރާއިން ހުރީ ހީކަރުވައިގަތްފައެވެ. ސްޓާާފަކަށް ގޮވައި މިކްސް ފްރުޓް ޖޫހަކަށް އޯޑަރު ދިނުމަށްފަހު ޕޫލްސައިޑް ރިކްލައިނާރއެއްގައި ޖައްސައިލިއެވެ. އަދި ޕޫލްގައި އުޅުނު އަލީޝާއަށް އޭނާ ބަލައިލިއެވެ. އަލީޝާގެ ކޮންމެ ހަރަކާތަކުން އޭނާގެ ހިތަށް ފިނިކަމެއް ލިބޭކަހަލައެވެ. އޭނާގެ ލޮއެއްބަށް އަލީޝާާ އިންކާރު ކުރުމުން، އެކުވެރިއެއްގެ ގޮތުގައި އުޅެން އަމިއްލަ ނަފްސަށް ވައުދުވީ ނަމަވެސް، އެ ހިތުގައިވީ އިހުސާސްތައް ފޮހެއެއް ނުލެވުނެވެ. އެ ހިތް އަދިވެސް ބޭއިހުތިޔާރުގައި އަލީޝާގެ ލޮއެއްބަށް އެދި އާދޭސްކުރަމުންދިޔައެވެ. ނަމަވެސް އޭނާ ދިޔައީ އެކަން އެއްވެސް މީހަކަށް އިނގުނަނުދީ ފޮރުވުމަށް ކުރެވުނުހާ މަސައްކަތެއް ކުރަމުންނެވެ. ބައެއް މީހުންހެން ލޯބިވާ ކުއްޖާއާއި ދުރަށް ގޮސްގެން ހަނދާން ނައްތައިލާކަށް އޭނާ ނޫޅެއެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ އަލީޝާ ގާތުގައި އުޅެ، ހަމައެކަނި އެކުވެރިއަކަށް ވެވޭތޯއެވެ. އޭނާ ވާން ބޭނުންނުވާ އިހުސާސްތަައް އެކީ ހިންދައިލައި، ފޮހެލެވޭތޯއެވެ.
“ފެނެއް ނެތްތަ؟” ޕޫލްއިން އަަރައިގެން އައި އަލީޝާާ ރާއިން ކައިރީ ހުރި އަނެއް ރިކްލައިނަރގައި އިށީނުމުން، އެވަގުތު ވެއިޓަރަކު ގެނައި ޖޫސްތަށި އަލީޝާއަށް ދިނުމަށް ރާއިން އިޝާާރާތްކުރިއެވެ. “މީ ކަލޭ ބޯން ގެނައި އެއްޗެއް ނޫންތަ؟” ތަށީގައި ހިފަަމުން އަލީޝާ ބުންޏެވެ.
“އެއްބައި ބޮއެފަ ދީ.” ރާއިން ބުންޏެވެ. އަލީޝާ ދެކޮނޑު އަރުވައިލާފަައި ހޮޅީގައި ތުންޖެހިއެވެ.
“އަސްލުވެސް މުދިންބެ އޯކޭވިތަ ދެ ފިރިހެނުންނާއެކީ އަންނަން؟” ރާއިން އެއްސެވެ.
“ތީ ދެން ފްރެންޑެއްނު. އީތަން އެއީ ޕްލޭންގެ ބޭރުން ވައްޓާލި މީހެންނު. ބައްޕައަކަށް ނޭންގޭނެ އީތަން އަންނަކަމެއް. އެނގުންނަމަ އަންނަން އުނދަގޫވީސް. ޔޫ ނޯ، އޭނާގެ ރެޕިއުޓޭޝަން އެހާ މައްޗެއް ނޫނެންނު ދޯ. އެކަމު އެއީ ދެން ބޭކާރު މީހެންނު.” އަލީޝާ ދެވަނަ ކޯވަރު ދަމައިލިއެވެ.
“އެޔޯ؟ އޭނަ މިހާރު ނުލާހިކު ރަނގަޅެއްނޫންތަ؟” ރާއިން ޝައުގުވެރިވިއެވެ.
“އާނ. އެކަމަކު ވަރަށް ބޮޑު ކަންތައްގަނޑެއް ހިންގައިލިއޭ އޭގެ ފަހުން.” އަލީޝާ ތޫބާމެން އާއިލާގެ ވާހަކަ ރާއިންއާއި ހިއްސާކުރިއެވެ. އަލީޝާގެ ހަޔާތުގެ އެހާ ބޮޑު ބައެއްގައި އީތަން ހިމެނިފައިވީ ކަމެއް ރާއިން ނުދެނަހުއްޓެވެ.
“ދެން އަލީޝާ އެކަމާ އީތަންދެކެ ރުޅިތަ އައީ؟ ނުނީ ތެންކްފުލްތަ ވީ؟” ރާއިންއަށް އެ ސުވާލުކޮށްލެވުނީ ކީއްވެކަން ޚުދު އޭނާއަކަށްވެސް ނޭންގެއެވެ.
“ތެދަށް ބުނަންޏާ ދެ ގޮތްވެސް.” އަލީޝާ ޖަވާބުދިނެވެ. “މިހާރު ދެން ނޭންގެ. އޭނަ އަސްލު ވަރަށް އެހީ ވެއްޖެ މަށަށް…ގަބޫލުކުރަން ބޭނުން ނުވިޔަސް… އެކަމަކު އަދިވެސް ވަރަށް ފޫހިވޭ.” އެކުވެރިޔާއަށް މާ ބޮޑަށް ހިތް ހުޅުވައިލެވުނީތީ ދެވަނަ ސިކުންތުގައި އަލީޝާ ޖެހިލުންވިއެވެ. ރާއިން އެއާއި ބެހޭގޮތުން އިތުރު ސުވާލެއް ނުކުރޭތޯ ހިތާއިހިތުން އެދެވުނެވެ. އެއީ އޭނާއަށްވެސް ޖަވާބު ސާފުނުވާ ސުވާލަކަށް ވެދާނެތީއެވެ.
އެ މައުލޫއު އެ ހިސާބަށް ހުއްޓައިލާފައި ރާއިން ބަލައިލީ ޕޫލްއިން އަރައިގެން އައި އީތަންއަށެވެ. އީތަން އަައިސް އަލީޝާގެ އަތުގައި ހުރި ޖޫސްތަށި އަތުލިތަން ބަލަން އޮތްއިރު ރާއިންގެ ސިކުނޑިވީ ބަރުވެފައެވެ. ފުރަތަމަ ފަހަރަަށް އީތަންއާއި އަލީޝާއާއި ދެމެދު ހަގީގަތުގައި އޮންނަނީ ކޮންކަހަލަ ގުޅުމެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. އެކަކު އަނެކަކުދެކެ ނަފްރަތުކުރާ ބައެއްގެ ގޮތުގަައި ވިސްނިފައިވީ ނަމަވެސް މިހާރު އެހެން ނަޒަރަކުންވެސް ރާއިންއަށް ވިސްނައިލެވުނެވެ. އަލީޝާ ދުލުން ބުނާހާ ނަފްރަތުކުރާ ކުއްޖަކަށް އީތަން ވާާނަމަ، އީތަން އަންނަން ހެދުމުން ދަތުރު ކެންސަލްކުރީސްކަން ޔަގީނެވެ. އަދި އެހާ ރުޅިއަންނަ އަލީޝާއާއި އެކީ އެވަރަކުން ރިޒޯޓަށް އީތަން އެ އައީ ކީީއްވެބާއެވެ؟ އީތަންގެ ގޮތް އެެންމެ ރަނގަޅަށް އިނގޭނީ ރާއިންއަށެވެ. ރާއިންއަށް ޔަގީންވަނީ އީތަންއަކީ އަމިއްލަަ މީހާއަށް ފައިދާއެއް ނުވާ ކަމެއް ނުކުރާ ކުއްޖެއްކަމެވެ. ބޭރުފުށުން ދައްކާގޮތުން އަލީޝާއާއި އެހާ ދުޝްމަންކަމަށް ވާނަމަ، ތޫބާގެ މައްސަލައިގައި އެފަދަ ކަމެއް ކުރުމުގައި އީތަންއަށް ފައިދާއެއް ނެތެވެ.
މެންދުރުގެ ކެއުމާއި ހަވީރުގެ ސަޔާއި އެއްފަދައިން ރޭގަނޑުގެ ކެއުންވެސް އޮތީ ރެސްޓޯރެންޓުގައެވެ. ބަނޑު ފުރެންދެން ކައި ނިމުންއިރު ތިން ކުދިން ތިބީ ހިތްވެސް ފުރިފައެވެ. ވާވަރަށް މަޖާ ނެގުނީތީއެވެ. ލޯންޗު އަންނަން ބައި ގަޑިއިރުވަރު އޮތުމުން އީތަން ދިޔައީ އޭނާއަށް މާ ކަމުގޮސްގެން އުޅުނު އާރކޭޑްއަށެވެ. ގަޑިއަށް އަންނައްޗޭ ގޮވާލާފައި ރާއިންއާއި އަލީޝާ ބަނޑުދަަމައިލަން ޖައްސައިލީ ހޮޓަލުގެ ގޯތިތެރޭގައި ހުރި ޖޯއްޔެއްގައެވެ. ހަނދުވަރުގެ އަލީގެ ދަށުގައި އުޖާލާވެފައި އޮތް އަލީޝާގެ މޫނަށް ސިއްރުސިިއްރުން ރާއިން ބަލައިލިކަން އަލީޝާއަކަށް ނޭންގެއެވެ.
“އަލީޝާ ލައިކުވާ ޓައިޕަކީ ކޮބާތަ؟” ފުރާވަރުގެ ކުދިން ކުއްލިއަކަށް ފަށާފާނެކަހަލަ މޮޔަ މައުލޫއެއް ރާއިން ފެށިއެވެ. ޖަވާބުދިނުމުގެ ބަަދަލުގައި އަލީޝާ އުޑަށް އިނގިލި ދިއްކޮށްލުމުން ރާއިން ހީކުރީ ހަނދާއި ދިމާއަށް ކަމަށެވެ. “ކަލޭ އިންނަން ބޭނުމީ ހަނދާ؟”
“ނޫން! ހަނދު މާ ބޮޑުގުޅަ. އެންމެން އުޅޭނީ ހަނދު ރީތިވެގެން. މަ އިންނާނީ ހަނދު ކައިރީ އިންނަ ތަރިއަކާ.” އަލީޝާ ބުންޏެވެ.
“އަލީޝާ ބޭނުންވާ ތަރި ގެނަސްދޭންވީ ދޯ.” ރާއިން ބުނެލީ ކުރީ ޒަަމާނުގެ ލޯބީގެ ވާހަކައެއްގައި ބަޠަލު ބުނެލާކަހަލަ އެއްޗެކެވެ. މިހާރު މީހަކު ބުނެފިއްޔާ އެންމެން ހުތްް އެއްޗެއް ކެވުނު ކަހަލަ މޫނެއް ހަަދައިގެން ފަހަތަށް ޖެހިލާ ކަހަލަ އެއްޗެކެވެ. އަލީޝާއަށްވެސް ވީ ހަމަ އެހެންނެވެ.
“އައިމް ކްރިންޖިން ސޯ ހާޑް ބުރޯ. ގައިން ހީބިހިވެސް ނަގައިފިއޭ.” ދެފައި ގެނެސް މެއާއިލައި ބޮނޑިކޮށް ކުރުގެޅެމުން އަލީޝާ ބުންޏެވެ. “އުޑުން ތަރި ބާލާ ވާހަކަ ދައްކާތަ މިހާރުގެ ފޮނިކަނޑާ ފިރިހެނުންވެސް؟ އަދިވެސް ރޯމިއޯތައް މަރުނުވޭތަ.” އަލީޝާއަށް ވީ ގޮތް ފެނިފައި ރާއިންއަށް ހެވުނެވެ. “އެކަމަކު ތި ސުވާލުގެ ޖަވާބު ދީފާނަން. މަ ބޭނުމެއްނޫން މީހަކު ތަރި ގެނަސްދޭކަށް. މަ އަމިއްލައަށް މަގޭ ލޯބިވާ ބަލައި ދާނީ.”
“ދެން ތަރިއަކާ ނޫނީ ހަމަ ނުގުޅޭނަންތަ؟” ރާއިން އަނެއްކާވެސް އަލީޝާގެ މޫނަށް ބަލައިލަމުން އެއްސެވެ.
“ނޭންގެ ދޯ.” އަލީޝާާ ބުންޏެވެ. “ކަލޭހާާ ހެޔޮ މީހުން ނޫޅޭނެ މިހާރު.” ސަމާސާ ރާާގަކަށް އަލީޝާާ ބުނެލީ ރާއިންއަށް އެ ޖުމުލައިން ކުރި އަސަރު އަނދާޒާ ކުރެވުމަކާއި ނުލަައެވެ.
“އޭތް މި ތަނުން ތެދުވަންވީ… މިތާ އިނދެގެން ރަނގަޅަކަށް އެއް ކަމެއްވެސް ނުވާނެ… ތެދުވޭ! ދުރަށްދޭ!” ރާއިން ހިތާއިހިތުން ކިޔައިލިއެވެ. ހިތުގައި އުފެދުމުން އައި ޖަޒުބާތުތައް ހުއްޓުވަން އޭނާ ބޭނުންވިއެވެ. އަލީޝާގެ މޫނުން ނަޒަރު ކައްސައިލެވޭތޯ ރާއިން މަސައްކަތް ކުރަމުންދިޔައެވެ. އަވަހަށް އެތަނުން ދުރަށް ދިއުމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންދިޔައެވެ. ނަމަވެސް ހުރިހާ މަސައްކަތެއް ވީ ބޭކާާރެވެ.
“މަ ހެޔޮތަ؟” ރާާއިން އަދިވެސް އަލީޝާއާއި ދިމާާއަށް ބަލަހައްޓައިގެން އޮވެ ބުންޏެވެ. ބަަލައިލާ ކޮންމެ މީހަކަށް އެ ލޮލުން އަލީޝާއަކަށްޓަކައި އުތުރެމުންދިޔަ ލޯބިި ނޫން އެއްޗެއް ނުފެންނާނެކަން ޔަގީނެވެ.
“ޔަގީނެންނު.” މިފަހަރުވެސް ރާއިން ހައްދަން ސަމާސާއަށް އެހެން ބުނެލި އަލީޝާ، ރާއިންއަށް ބަލައިލިއެވެ. ހަތަރު ކަޅި ހަމަވީހިނދު އަލީޝާއަށް ރާއިން އޭނާއަށް ބަލަން އޮތް ގޮތް ފާހަގަވެ މަޑުޖެހުނެވެ. އިންޒާރަަކާއި ނުލައި ރާއިން ކުރިއަަށް ޖެހިލާފައި އަލީޝާގެ ތުންފަތުގައި ބޮސްދިނުމުން އަލީޝާއަކަށް ހަަރަކާތެއް ނުކުރެވުނެވެ.
“އޭތް އެއޮތް ލޯންޗު….އައީ….” ޖޯލި ފަހަތުން އައި އީތަންއަށް އެ މަންޒަރު ފެނި ހުއްޓެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.





Me first dhw ❤?????????..kiyaalaafa comment eh kohlaanan…nd jinni !..plx reply the comments last prt..????
Varah reethi,,varah kuru koh thigenesdheny
whaaaaaaaaaaaat….. did they just kissed…
Adhi kiriya dhw comment mi kohlevuny..alheyy they just kissed ???…ethan ah will be shocked vahtharu dhw. ..hehe..?????????..how old r u sis??????????????❤?..Ly moominu jinni ??????????
Ahaa..eethan!!! Bro kada vaane..hahaha..adhives hevenee ey..btw wens next???avahah up kohllathi.. soooo curious to read the next part.. waiting