Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 24

Aishasha Level 310 Stories100 Login
November 25, 2019 5 Mins Read
1 Comment

އަނާނީ ލަސްލަހުން މޫނު އަނބުރައިލި އިރު ކަރުނައިގެ ރޮނގެއް ލޮލުން ފައިބައިފައި ހުރި ތަން ފެނުނެވެ. ލޫކަސް މަޑުމަޑުން އައިސް އަނާނީއާ ކައިރި ވެލިއެވެ. އަދި ބުންޏެވެ. “އަނާނީ.. ކީއްވެ ތި ރޮނީ؟ ތިހެން އަބަދު ރޯ އެއްޗެއް ނޫނޭ. ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ ބުނެ އެއްނު.”

“ކީއްވެތަ؟ ކީއްވެތަ އަބަދު އަހަންނަށް މިކަހަލަ ގޮތް ގޮތް ވަނީ؟” އަނާނީ ކޮށްލީ ސުވާލެކެވެ.

އަނާނީގެ ސުވާލުގެ ޖަވާބެއް ލޫކަސް އަތަކު ނެތެވެ. އެހެނަސް ލޫކަސް ވާހަކަ ދެއްކީ އަނާނީއަށް ވިސްނައިދެވޭތޯއެވެ. “އަނާނީއަށް އިނގޭދޯ އެ ދަރިފުޅަކީ އަނާނީއަށް ކުރެވުނު ފާފައެއްގެ ނަތީޖާކަން؟ މޭބީ އިޓް ވޯޒް ގޯޑްސް ޕްލޭން. ކޮންމެ ފުރާނައަކީ ވެސް މަތިވެރި ވެގެންވާ އެއްޗެއް. އެކަމަކު އެކަހަލަ ގޮތަކަށް އުފަންވި ނަމަ އެއީ އެކުއްޖާއަށް ވެސް ލިބޭނެ ދެރައެއް. ދުނިޔޭގެ އެންމެންނަށް އޮޅުވާލާފަ ބުނެވިދާނެ އެއީ އަހަންނާ އަނާނީގެ ދަރި އެކޭ. އެކަމަކު އަހަރެމެން ދެމީހުންނަށް އެބަ އިނގޭ ދޯ ހަޤީޤަތް. އަދި ހެއްދެވި ފަރާތަކަށް ވެސް އޮޅުވައެއް ނުލެވޭނެ. އަނާނީ އަށް ގެޓު ވޭ ދޯ މި ބުނަނީ ކީކޭ ކަން.. ޖަސްޓް ތިންކް އަބައުޓް އިޓް..” ލޫކަސްގެ ވާހަކަ ނިންމާލާފައި އޭނާ ތެދުވިއެވެ. އަދި ނުކުންނަމުން ކާން އައުމަށް ގޮވައިލިއެވެ.

އަނާނީ ވިސްނައިލުމުން އެނގުނީ ލޫކަސް އެ ދެއްކީ ދޮގު ވާހަކައެއް ނޫން ކަމެވެ. މިއީ އަނާނީއަށް ލިބުނު އިބުރަތަކަށް ނޫނީ ނުވާނެއެވެ. ތެދުވެ ފާހާނާއަށް ވަދެ ފެންވަރާލައިގެން ބޭރަށް ނުކުތީ ބަނޑުހައި ކަން އިހުސާސްވެ، ބަނޑުން އަޑު ކިޔަން ފެށުމުންނެވެ. އޭރު ލޫކަސް އަނާނީގެ އިންތިޒާރުގައި އިނެވެ.

“ކޯއްޗެއް ކާން ހަދާނީ؟” އަނާނީ އަހައިލިއެވެ.

“އެއްޗެއް ހަދާނެ ކަމެއް ނެތް. ހިނގާ މިއަދު ބޭރަށް ކާން ދާން! ތަފާތު ކޮށްލަން.” ލޫކަސް ޚިޔާލެއް ހުށަހެޅިއެވެ. އަނާނީއަށް ވެސް އެ ޚިޔާލު ކަމުދިޔައެވެ. އަދި ރީތި ވެލައިގެން މި އަންނަނީ ކަމުގައި ބުނެ އަނާނީ ދިޔައެވެ.

ލޫކަސްއާއި އަނާނީ އެރީ އަލަށް ހުޅުވި ރެސްޓޯރަންޓަކަށެވެ. މީހުން މާ ގިނަ ނޫނަސް، ފެންވަރުކޮށް ހަދާފައި ހުރި ތަނެކެވެ. ދެމީހުން ކާ އެއްޗިއްސަށް އޯޑަރު ދީފައި ހަމަޖެހިލިއެވެ. ދައްކާނެ މާ ގިނަ ވާހަކައެއް ނެތުމުން ދެމީހުން ވެސް ފޯނު ނަގައިގެން އެއާއި ކުޅެން ފެށިއެވެ.

ސާރާ އޭނާގެ އެކުވެރި ތަހުމީނާއާއި އެކީ ލަންޗު ބްރޭކަށް ދާން ތަނެއް ނުނިންމިގެން އުޅެނިކޮށް، އޮފީސް އެހެން ކުއްޖަކު ބުނި ބުނުމަކަށް މާލޭގައި އެންމެ ފަހުން ހުޅުވި ރެސްޓޯރަންޓަށް ދާން ނިންމިއެވެ. ދެމީހުން އެކީގައި އައިސް އެތަނަށް ވަން ތަނާއެކު ސާރާގެ ލޮލަށް ފެނުނު މަންޒަރުން ފިޔަވަޅު ހުއްޓުނެވެ. ޔަޤީން ކޮށްލަން ވެގެން އަވި އައިނު ނަގައިފައި، ދެތިން ފަހަރަކު ލޯ ވެސް އުނގުޅައިލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ދުރުގައި ހުރި މޭޒެއްގައި އެތިބީ ލޫކަސްއާއި އަނާނީއެވެ. ވަޤުތުން ސާރާގެ ޠަބީއަތު ގޯސްވެ، ކާ ހިތް ވެސް ކެނޑުނެވެ.

“އޭތް! ކަލޭ ކިހިނެއް ވެފަ ތި ހުންނަނީ؟” ތަހުމީނާ ސާރާގެ އަތުގައި ހިފެހެއްޓިއެވެ.

“ކަމެއް ނުވޭ…” ސާރާ ދޮގެއް ހަދާލާފައި ގޮސް އެންމެ ކައިރީގައި ހުރި މޭޒުގައި އިށީނެވެ. ނަމަވެސް ހަޤީޤަތުގައި އޭނާ އެހުރީ ރުޅި އައިސްގެން ހަލާކުވާ ވަރު ވެފައެވެ. ލޫކަސް އަނާނީ ދެކެ ލޯބި ނުވާ ކަމަށް ބުނެފައި އޭނާއަށް އޮޅުވައިލީއެވެ. ލޯބި ނުވާ މީހެއް ގޮވައިގެން ތަންތަނަށް ކާން ދާންވީ ކީއްކުރަން ހެއްޔެވެ. އަދި ސާރާ ގާތުގައި 3 މަސް ވަންދެން މަޑުކުރަން އެ ބުނީ ވެސް މި ކުޅިގަނޑު ހަމަޖެހިގެން ކުޅެން ކަން ޔަޤީނެވެ. އެދެމީހުން ކާން ތިބެފައި، ހެމުން ކޮންމެވެސް ވާހަކައެއް ދައްކާތަން ފެނިފައި ސާރާ އިތުރަށް ރޭރު ވިއެވެ.

“ހިނގާ މިތަނުން ދާން!” އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެ މަންޒަރު ބަލަން ސާރާ ބޭނުމެއް ނުވިއެވެ.

އެދުވަހު އޮފީސް ނިންމާފައި ގެއަށް ދިޔަ ގޮތަށް ސާރާ އޭނާގެ ރައްޓެއްސަކަށް ގުޅައިގެން ވާހަކަތައް ހިއްސާކުރުމުން، އެރޭ ބަރާބަރު 8 ޖަހާ އިރަށް ތައްޔާރު ވެގެން ހުރުމަށް ބުންޏެވެ. ސާރާ ބޭނުން އެވާ ކަންތައް އެ އެކުވެރިޔާއަށް ފަސޭހައިން ދެނެގަނެވުނެވެ.

8 ރަނގަޅަށް ނުޖަހަނީސް ސާރާ ތައްޔާރު ވެލައިގެން އެ އެކުވެރިޔާއަށް ގުޅައިފިއެވެ. އިރުކޮޅެއް ތެރޭގައި މި ކައިރި ކުރަނީ ކަމަށް ބުނުމުން ސާރާ ތިރިއަށް ފައިބައިގެން އިންތިޒާރުގައި ހުއްޓެވެ. އެދުވަހު މެންދުރު ފެނުނު މަންޒަރު ހިތަށް އައުމުން އަނެއްކާވެސް ދަތްކުނޑި ވިކާލެވުނެވެ. މިފަހަރު މިކަން ކޮޅެއްގައި ޖައްސާފައި ނޫނީ އޭނާ ހިންދެމިއެއް ނުލާނެއެވެ.

“މިއީތަ އެ ގެއަކީ؟” ޓެކްސީ އައިސް މަޑުކޮށްލީ ހަނި ގޯޅި ގަނޑެއްގެ މެދުގައެވެ. ސާރާއާއި އޭނާގެ އެކުވެރިޔާ ފޭބީ 3 ބުރިއަށް ނަގާފައި ހުރި ކުޑަ އިމާރާތެއްގެ ކުރިމައްޗަށެވެ. އެކުވެރިޔާގެ ފަހަތުން ސާރާ އެގޭ ތެރެއަށް ވަދެގެން ދިޔައެވެ. ސިޑިބަރި ފެނުނީ ތަންކޮޅެއް އެތެރެއަށް ވަދެވުމުންނެވެ.

ތިންވަނަ ބުރިއަށް އަރާފައި، ފެންނަން ހުރި ނޫ ކުލައިގެ ދޮރުގައި އެކުވެރިޔާ ޓަކިދިނެވެ. ސާރާ ހުރީ ސިޑިން އަރަން ޖެހުމުން ވަރުބަލިވެފައެވެ. “ބުނަން، މިއީ ސާރާ ތި ބޭނުންވާ ކަންތައް އެންމެ ސަޅިކޮށް ކޮށްދޭނެ މީހެއް. އެހެންވީމަ ބޭކަރު ވާހަކަ ނުދައްކާ ހުރިހާ އެއްޗެއް ސީދަލަށް ކިޔައިދޭތި. އަދި އޭނަ ބޭނުން ވަރަކަށް ފައިސާ ދޭތި. އެހެންނޫނީ މަސައްކަތް ފުރިހަމައެއް ނުވާނެ.” އެއްނޭވާއިން އެކުވެރިޔާ ކިޔައިލިއެވެ. ސާރާ އަވަސްއަވަހަށް ބޯ ޖަހައިލީ އިތުރު ވިސްނުމަކަށް ނުގޮހެވެ.

ދޮރު ހުޅުވީ އިރުކޮޅެއް ފަހުންނެވެ. އެތެރެއިން އެމީހުންނަށް މަރުހަބާ ކިޔަން ހުރީ ދެބައި އުމުރަށްވުރެ ހަގު ފިރިހެނެކެވެ. ބަލާބެލުމަށް ހީވަނީ 35އަށް ވުރެ މަތި ނުވާނެހެންނެވެ. މިކަމާ ސާރާ ކުޑަކޮށް ހައިރާންވިއެވެ. އެއީ، މި މަސައްކަތުގައި އާންމުކޮށް އުޅެނީ މުސްކުޅިންނަށް ވުމުންނެވެ. ނަމަވެސް މި މީހާ ތަފާތެވެ.

“ރަފީގުބެ. މިއީ އެކުއްޖާ.” ސާރާގެ އެކުވެރިޔާ ތަޢަރާފް ކޮށްދިނެވެ.

“ވަދޭ.” ރަފީގު ދޮރު ބޮޑަށް ހުޅުވައިލައި، ވަންނަން ތަން ދެއްކިއެވެ. އެއާއެކު އެކުވެރިޔާގެ ފަހަތުން ސާރާ ވަނެވެ. އެގެއަކީ މާލޭގައި މީހުން ދިރިއުޅޭ ގޮތަށް ހުންނަ އާދައިގެ ގެއެކެވެ. ސާރާ ހީކުރި ކަހަލަ ތަފާތު މަންޒަރެއް އެތެރެއަކުން ވެސް ނުފެނުނެވެ. އަނދިރި ކަމެއް ނެތެވެ. ސިޓިން ރޫމު ހުރީ ބޮކި ދިއްލައި އަލި ކޮށްފައެވެ. ސީލިންގުގައި މަނުކުވާ ފުރާފައެއް ނެތެވެ. ހަމައެކަނި ސީލިންގުގެ ކުލަ ވެއްޓިފައި ހުރިކަން އެކަންޏެވެ. ރީއްޗަށް މަސައްކަތްކުރާ ފަންކާއެއް ހުއްޓެވެ. ތަޅުންގަނޑުގައި ހުރީ މުށިޖަހާފައެވެ. އާންމުކޮށް ސިހުރުވެރިން ގެންގުޅޭ ކަހަލަ އުއްބަތިއާއި މިފަދަ އެއްވެސް ސާމާނެއް އެއްވެސް ދިމާލަކުން ފެންނާކަށް ނެތެވެ. މެދުމިން ސައިޒަކަށް ދާ ޓީވީއެއް ބަހައްޓާފައި އެބަހުއްޓެވެ. އެއް އަރިމަތިން ފެންނަން ހުރީ ކައިރި ކައިރީގައި ހުރި ދެ ކޮޓަރިއެވެ. އެތަނުން އެއް ކޮޓަރީގެ ބޮކި ދިއްލާފައި ވާތަން ފެނެއެވެ. އިތުރު މީހުންވެސް މިގޭގައި އުޅެނީ ކަންނޭނގެއެވެ.

“ކިހިނެއް ވާންވީ؟” ސާރާމެންނަށް ސޯފާގައި އިށީނުމަށް ބުނަމުން ރަފީގު އަހައިލިއެވެ. ބޭކާރު ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަހަލައެވެ.

ސާރާ ކިޔައިދިނީ އޭނާގެ ލޯބިވެރިޔާ އެހެން އަންހެނެއް “ޖަހައިގަތް” ވާހަކައެވެ. އަދި އެދެމީހުން މިހާރު ކައިވެނި ކޮށްގެން އުފަލުން އުޅެމުން އަންނަ ކަމަށާއި، އެކަމާ ސާރާ ނުރުހުން ވާ ވާހަކައެވެ. ވީހާ ވެސް އަވަހަށް އެ އަންހެނާ ލޫކަސްގެ ހަޔާތުން ނެރެލަން ބޭނުންވާ ކަމުގައި ބުނެލި އިރު ދެލޮލުގައި ވަނީ ރުޅިވެރި ކަމެވެ. “އަހަންނަށް ހެޔޮ އެ އަންހެނާގެ ފުރާނަ ދުއްވާލިޔަސް!”

“ވަރަށް އާންމު ކަމެއް. ތިނެސްކަން ލޯބި. ތިކަމަށް އެންމެ ގިނައިން މަގޭ ކައިރިއަށް މީހުން އަންނަނީ ވެސް. ތިކަން ނިންމާލެވިދާނެ ވަރަށް ފަސޭހައިން.” ރަފީގުގެ އަޑުގައި ވަނީ ޔަޤީން ކަމެވެ. އެއާއެ ސާރާ ކައިރިން އެދުނީ އެ އަންހެން ކުއްޖާގެ ފުރިހަމަ ނަމާއި، މައިންބަފައިންގެ ނަމާއި، އުފަން ތާރީޚު ހޯދުމަށެވެ. އަދި ދެން އަންނަ އިރު، އެކުއްޖާގެ ފޮޓޯ ގަނޑެއް ވެސް ގެންނަަންވާނެ ކަމުގައި ބުންޏެވެ. ސާރާ މި ހުރިހާ ކަމަކަށް އެއްބަސްވިއެވެ. “މިރޭގެ ބައްދަލުވުމަށް 5000 ރުފިޔާ. މިއީ ފެށުން. ދެން އަހަރެން ބުނި ކަންތައް ފުރިހަމަ ކޮށްގެން، ދެވަނަ ބައްދަލުވުމަށް އަންނަންވީ ސާރާ ބޭނުން އިރަކުން. އަވަހިއްޔާ އަވަސް.”

ރަފީގު ބުނި އަދަދުން ސާރާގެ ނިތްކުރިމަތީގައި ރޫޖެހުނެވެ. އަދި އެކުވެރިޔާގެ މޫނަށް ބަލައިލެވުނީ ސުވާލު އުފެދިފައެވެ. މިރޭ ހަމައެކަނި ސާރާގެ މަޤްސަދު ސިހުރުވެރިޔާއަށް ކިޔައިދީގެން އެވަރުގެ އަގެއް ދޭން ޖެހިދާނެ ހެއްޔެވެ. އަދި މިއުޅެނީ އަނާނީގެ ނަން ވެސް ހާމަނުކޮށެވެ. ނަމަވެސް އެކުވެރިޔާގެ މޫނުމަތީގެ ކުލަވަރުން، އިތުރު ގޮތެއް ނެތް ކަން އެނގުނެވެ. އަދި އެގެއަށް ވަނުމުގެ ކުރިން އޭނާ ބުނި ބަސްކޮޅު ހަނދާންވިއެވެ. ރަފީގު ބުނި ކޮންމެ ވަރަކަށް ފައިސާ ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ނޫން ނަމަ ސާރާ ބޭނުންވާ ކަންތައް ފުރިހަމައެއް ނުވާނެއެވެ. އެއާއެކު ދެވަނަ ވިސްނުމަކަށް ނުގޮސް، ސާރާ ދަބަސް ހާވަން ފެށިއެވެ. އަދި ފައިސާގެ ނޫޓު ތަކެއް ނަގާފައި ގުނަން ފެށިއެވެ. އެވަރުން ދަބަހުގެ އެކި ބައިތައް ހުޅުވައިގެން ބެލި އިރުވެސް ހަމަވީ 3000 ރުފިޔާއެވެ.

“މިއީ މިވަގުތު އިން ވަރު. ބާކީ 2000 ރުފިޔާ ދެން އަންނަ ރެޔަކުން ގެނަޔަސް އެންމެ ރަނގަޅުތަ؟” ސާރާ އެ ފައިސާތައް ރަފީގަށް ދިއްކޮށްލިއެވެ. ރަފީގު ވަގުތުން ޗޮކެއް ކަނޑާލާފައި އެ އަތް ދުރުކޮށްލިއެވެ.

“ކަމަކު ނުދާނެ! ބަރާބަރު 5000. އަދި ބުނަން، ދެވަނަ ރެޔަކުން އަންނަ އިރު ވެސް 5000 ގެންނަން ވާނެ. ދެން މަސައްކަތް ފުރިހަމަވީމަ އަނެއްކާ 5000. ބަރާބަރު 15000. އެނގިއްޖެތަ؟” ރަފީގު ހިތްހަމަނުޖެހިފައި އިނދެ ކިޔައިދިނެވެ.

“އެކަމަކު..” ސާރާއަށް ގޮތް ހުސްވިއެވެ.

“ސާރާ! ބޭންކް ޓްރާންސްފާއެއް ކޮށްލަން ވީނު؟” އެކުވެރިޔާ އަވަސްއަވަހަށް ބުނެލިއެވެ. ރަފީގުގެ ހިތްހަމަނުޖެހުން ފެނިފައި އޭނާ ބިރުގަތީހެން ހީވެއެވެ. ސާރާ ވަގުތުން އެކަމަށް އެއްބަސްވިއެވެ. އަދި އިރުކޮޅަކުން ރަފީގު ގެނައި ގަނޑުކޮޅެއްގައި އިން އެކައުންޓް ނަންބަރަށް 2000 ރުފިޔާ ޖަމާކޮށްދިނެވެ.

“އަހަރެން އެބައިން ވާހަކައެއް!” ރަފީގު އެދެމީހުންނަށް ދާން އިޝާރާތް ކުރުމުން ސާރާ ތަންކޮޅެއް އަޑުބާރުކޮށް ބުންޏެވެ. އެއާއެކު އަޑު މަޑުކޮށްލާފައި ކުރިއަށް ގެންދިޔައެވެ. “އަހަރެން ވަރަށް އިތުބާރު ކޮށްފަ މިވަރަށް ފައިސާ މި ދެނީ. އެހެންވީމަ އަހަރެން ބުނި ކަންތައް އެންމެ ރަނގަޅަށް ކޮށްދޭން ޖެހޭނެ. އަސްލު މަށަކަށް ނުވެސް އިނގޭ ތިއީ ކާކު ކަމެއް. ކޮންކަހަލަ މީހެއް ކަމެއް. އެކަމަކު އަހަރެންގެ އެކުވެރިޔާއަށް އިތުބާރުކޮށްފަ މި އައީ ވެސް މިތަނަށް. އެހެންވީމަ، އަހަރެންގެ ބޭނުން ފުރިހަމަ ކޮށްދޭން ވާނެ. ލޫކަސްގެ ހަޔާތުން އަނާނީ އަބަދުގެ އަބަދަށް ނެރެލަން ޖެހޭނެ.” ސާރާ ބޭނުންވަނީ ޔަޤީންކަމެވެ.

“ތިކަން އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ! ސާރާ ކައިރީގަ ބުނި ކަންތައް ވޭތޯ ބަލާ ފުރަތަމަ. ދެން ވެސް ބޭކާރު ވާހަކަ ނުދައްކާ އެކަމާ އުޅެން ދޭ!” އަމުރުވެރި ގޮތަކަށް ރަފީގު ބުންޏެވެ. މިކަމާ ސާރާ ހިތްހަމަނުޖެހޭ ގޮތް ވިއެވެ. ނަމަވެސް އެކުވެރިޔާއަށް ބަލާފައި އިތުރު އެއްޗެކޭ ނުކިޔައި ނުކުމެގެން ދިޔައެވެ.

އެގެއިން ނުކުމެފައި ސާރާ ވަރަށް ގިނަ ޝަކުވާ ކުރިއެވެ. ރަފީގުގެ މިޒާޖު އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް ބުންޏެވެ. ނަމަވެސް އެކުވެރިޔާ ބުނީ ވެސް ރަނގަޅު ވާހަކައެކެވެ. ސިހުވެރިންނަކީ މާ ރަނގަޅު ބައެއް ނޫންކަން ހަނދާން ކޮށްދިނެވެ. އެހެންކަމުން، އެކަހަލަ މީހެއްގެ ކިބައިން މާ ރަނގަޅު މެހުމާންދާރީއަކަށް އުއްމީދު ކޮށްގެންވެސް ނުވާނެ ކަމަށް ބުންޏެވެ. ސާރާއަށް އެކަމާ އެއްބަސް ވެވުނެވެ. އަދި އެރޭ ގެއަށް ދިޔައީ، ކުރަން މިއުޅޭ ކަންތައް ވީހާވެސް އަވަހަށް ފުރިހަމަ ވާނެ ކަމަށް އުއްމީދު ކުރަމުންނެވެ. ނަމަވެސް އަނާނީއާ ބެހޭ އެ ހުރިހާ މަޢުލޫމާތެއް އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ. މިކަމާ ވަރަށް ގަދަޔަށް ވިސްނުނެވެ. އެހެނަސް، ކަމެއް ކުރުމަށް އެހާ ކެތްމަދުވެފައި ވާ ނަމަ، ކޮންމެވެސް ގޮތެއް ފެންނާނެ ކަމަށް ސިކުނޑި ބުނަމުން ދިޔައެވެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ފުން އިހުސާސެކޭ 23

Next

ފުން އިހުސާސެކޭ 25

Next
November 25, 2019

ފުން އިހުސާސެކޭ 25

Previews
November 25, 2019

ފުން އިހުސާސެކޭ 23

One Comment

  1. Yan says:
    November 28, 2019 at 7:34 pm

    Story Vai vaanekaneyge loous and anaany vakivejehyaa I think like this ????

Comments are closed.

Next Episodeފުން އިހުސާސެކޭ 25←


All Right Reserved!