
ފުން އިހުސާސެކޭ 23
އަނާނީ ކޮލެޖަށް ދިޔަ އިރު ވަރަށް ވިއްސާރައެވެ. ލޫކަސް އޮފީހުގައި މާ ބިޒީ ވުމުން އާދެވޭ ގޮތް ނުވުމުން އަނާނީ ދިޔައީ އެކަނި ހިނގާފައެވެ. ކުޑައެއް ހިފަހައްޓައިގެން ހުރި އިރު ވައި ގަދަ ކަމުން ކުޑަ އެއްލާލައިފާނެހެން ހީވާ ފަހަރު އައެވެ. މަގުތަކުގައި ފެން ބޮޑުވެ ހިނގަން އުނދަގޫ ވެފައި އޮތުމުން، އަނާނީއަށް ކޮލެޖަށް ދެވުނީ ވެސް ތަންކޮޅެއް ލަހުންނެވެ.
އަނާނީ ކްލާހަށް ދާން ވެގެން އަވަސް އަރުވާލާފައި ސިޑިން އަރަން ފެށީ ލަސްވެފައި ހުރުމުންނެވެ. ލިފްޓު ވެސް ހުރީ މައްސަލަ ޖެހިފައެވެ. ވަކި ހިސާބަކަށް އެރުން ތަނާ ފަހަތުން މީހަކު ބާރު ބާރަށް ވާހަކަ ދައްކާ އަޑު އިވުނެވެ.
“އެއްކަލަ ބަޑި އަނާނީ ގަޑި ޖެހިގެން ދޯ މި އައީ. ޔަގީން ފިރިހެނެއް ކައިރީގަ އުޅެ އުޅެފަ އެ އައީ. މީހަކާ އިނަސް މީނަ ނުވާނެ ރަނގަޅެއް!” ޒުހާ މިހެން ބުނި އިރު ސިޑިމަތީގައި އިތުރު ބައެއް ވެސް ތިއްބެވެ. އެއީ އަނާނީ ނުވެސް ދަންނަ، މުޅިން އެހެން ކޯހެއްގެ ކުދިން ތަކެކެވެ. އަނާނީ ވަރަށް ލަދު ގަތެވެ. ޒުހާގެ ބޭނުމަކީ ވެސް އެއީ އެވެ. “ޑޫ ޔޫ ގައިސް ނޯ ހާރ؟ މުޅި ކޮލެޖަށް ވެސް ހުރި ހުތުރެއް މިއީ. އާން އެހެންނު ވާނީ! އެންމެ ނަން މަޝްހޫރު ބަޑި ކިޔަވަނީ މިތަނުން ވިއްޔާ.” ޒުހާ ވާހަކަ ދެއްކީ އަނާނީއަށް އިނގިލި ދިއްކުރަމުންނެވެ. ދެން ތިބި ކުދިން ހުރީ ތަފާތު ގޮތަކަށް އަނާނީއަށް ބަލަހައްޓައިގެނެވެ. އަނާނީ ލަދުގަތް ވަރުން ޒުހާ ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ.
ކިތައްމެ ކޮންޓްރޯލު ކުރިޔަސް އެންމެފަހުން އަނާނީގެ ރުޅި ގަނޑު ފަޅައިގެން ދިޔައެވެ. “މިއީ ދެން ކިހާ ބޮޑު އުނދަގުލެއް ޒުހާ! ކަލޭ މުޅި އަހަރު ތި ނިންމާލަނީ މަށާ ތިގޮތައް ޖައްސާލައިގެން ދޮގު ވާހަކަ ފެތުރުމުގަ! އާ ޔޫ ދެޓް ޖޮބްލެސް؟؟ ގެޓް އަ ފްރިކިންގ ލައިފް! މަ ދެކެ ޖޭ ވިޔަސް ތީ ބޮޑުވަރު އިނގޭ!” އަނާނީ ދަތް ތަކަށް ބާރު ލާފައި ކިޔައިގަތެވެ. އެވަގުތު ދެން ތިބި ކުދިން ހެމުން ހެމުން ވަރަށް ބާރަށް ސިޑިން އަރައިގެން ދިޔައެވެ. އެމީހުންގެ މަލާމާތުގެ ހުނުން އަމާޒުވީ ޒުހާއަށް ކަން ޒުހާއަށް އެނގުނެވެ. އެއާއެކު ޒުހާ ގާތަށް އަރައިގަތް ރުޅިން އަނާނީ ގައިގައި އަތް ވިއްދައި ކޮއްޕައިލިއެވެ. އެވަގުތު ސިޑިމަތި ފުދޭ ވަރަކަށް ތެމިފައި އޮތުމާއެކު، އަނާނީގެ ބޫޓުގައި ވެސް ފެން ހަރުލާފައި ހުރުމުން އަނާނީ ކައްސާލައިގެން ދިޔަ ގޮތަށް ސިޑީގެ އެންމެ ތިރީ ހަރުފަތާ ހަމައަށް ވެއްޓުނީ ވަރަށް ބާރަށެވެ. ގޮސް ވެއްޓުނީ ވެސް ބަންޑުންނެވެ. އޭރު ބަނޑަށް އެރި ތޫނު ތަދަކާއެކު އަނާނީއަށް ހަޅޭއްލަވައިގަނެވިއްޖެއެވެ.
“ދެން ފަހަރަކުން ތި އަނގަ ގަނޑު މައިތިރި ކޮށްގެން ހުންނާތި! މަށާ ކުޅުނީމަ ވާ ގޮތް ފެނިއްޖެ އެއްނު!” ޒުހާ އަނާނީއަށް އިވޭނެ ވަރަށް ބުނެލާފައި އަވަސްއަވަހަށް މައްޗަށް އަރައިގެން ދިޔައެވެ.
އަނާނީ ނުތެދުވެވިފައި އެތައް އިރަކު އެހެން އޮތް އިރުވެސް އިތުރު މީހެއްގެ ހިލަމެއް އެތަނަކުން ނުވިއެވެ. އޭނާގެ ހަޅޭކުގެ އަޑު ވެސް މީހެއްގެ ކަންފަތައް ފޯރިހެނެއް ހީ ނުވެއެވެ. އަނާނީ ބަނޑުގައި އަތް އަޅައިގެން އޮވެ ރޮވެން ފެށުނެވެ. އެހާވެސް ގަދައަށް އޭނާގެ ބަނޑުގައި ވޭން އަޅަމުން ދިޔައެވެ. އެހާމެ އުނދަގުލާއެކު އަނާނީ ސިޑީގެ ރެއިލިންގައި ހިފަހައްޓަމުން ތެދުވެ ސިޑިމަތީގައި އިށީނެވެ. އަދި އެއް އަތުން ކަރުނަ ފޮހެމުން ފޯނު ޖީބުން ނަގައި ލޫކަސްއަށް ގުޅޭތޯ ބެލީ ވީހާވެސް އަވަހަށް އޭނާ ގޮވައިގެން ހޮސްޕިލަޓަލަށް ދިޔުމަށް އައިސް ދޭތޯވެ. ލޫކަސް ވަގުތުން ފޯނު ނެގުމުން އަނާނީ ގިސްލަމުން އަޅައަޅައިގަންނަމުން އެހެން ބުނެލުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަން އެނގި ލޫކަސްއަށް ތެޅި ގަނެވުނެވެ. އަދި އަވަސް އަވަހަށް އޮފީހުން ނުކުމެ ސައިކަލުގައި މިސްރާބު ޖެހީ އަނާނީގެ ކޮލެޖަށް ދިޔުމަށެވެ.
ލޫކަސް އަނާނީ ހޯދަމުން ދަނިކޮށް ސިޑިމަތީގައި އިށީނދެލައިގެން ރޯން އިން ތަން ފެނުނެވެ. “އަނާނީ! ކިހިނެއް ވީ؟؟” ލޫކަސް ހުރީ ހާސްވެފައެވެ.
“ސިޑިން ވެއްޓުނީ.. ބަނޑަށް.. ތަދުވަނީ.. ހޮސްޕިޓަލަށް..” ބަނޑުގައި ހިފަހައްޓައިގެން އިން އިރު އަނާނީއަށް ވާހަކަ ދެއްކެނީ ވެސް އުނދަގުލުންނެވެ.
“ކިހިނެއް ވެއްޓުނީ؟” ލޫކަސް އެނގެން ބޭނުންވިއެވެ.
“ޕްލީޒް.. ހޮސްޕިޓަލަށް.. ބޭބީއަށް ކަމެއް ވެއްޖެ..” އަނާނީ މިހެން ބުނުމުން ލޫކަސް އިތުރަށް ހާސްވެ ސުވާލު ކުރަން ނުހަދާ، އަނާނީ އަތުލަފިކޮށްގެން ގެންގޮސް ސައިކަލު މަތީގައި ބޭންދިއެވެ. އަދި އޭނާގެ ގައިގައި ބާރަށް ހިފަހައްޓައިގެން އިނުމަށް ބުނަމުން ސައިކަލަށް އަރައި ނައްޓައިލިއެވެ.
ޑޮކްޓަރަށް ދެއްކުމުން ސްކޭން ތައް ހައްދާފައި އެނގުނީ ބޭބީގެ ވިންދު ނެތް ކަމެވެ. އަނާނީއަށް ރޮއެގަނެވުނީ ބާރަށެވެ. އެވަގުތު ލޫކަސްް އަނާނީ ގެނެސް މޭގައި ބޮނޑި ކޮށްލުމުން އަނާނީ އިތުރަށް ރުޔެވެ. ޑޮކްޓަރު އިތުރަށް ބަލާފައި ބުނީ ބޭބީ ބަނޑުގައި ނިޔާވެފައި ވާ ކަމުގައެވެ. އަދި އެއީ އަނާނީ މާ ބާރަށް ބަނޑު ވަތަށް ވެއްޓުމުން ލިބުނު ޒަޚަމް ތަކަކުން ކަމަށް ބުނެލި އިރު ޑޮކްޓަރު ވެސް ހުރީ ދެރަވެފައެވެ. ނަމަވެސް ޑޮކްޓަރު އެންގީ ވީހާ ވެސް އަވަހަށް އޮޕަރޭޝަން ކޮށްގެން ބޭބީ ނެގުމަށެވެ. ނޫން ނަމަ އަނާނީގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމުގައި ބުންޏެވެ.
އަނާނީ މޮޔައެއް ހެން ރޮއެ ރޮއެފައި، ލޫކަސް ކައިރީގައި ހުރެގެން ދިން ހިތްވަރުގެ ސަބަބުން އެންމެ ފަހުން އޮޕަރޭޝަނަށް ތައްޔާރު ވިއެވެ. އަނާނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުން ލޫކަސް އަވަހަށް ލިއުޝާ މެންނަށް ގުޅޭތޯ ބެލީ އެ ޚަބަރު ދިނުމަށެވެ. ދެތިން ފަހަރަކު ގުޅުމުން ފައިސަލް ފޯނު ނެގުމުން ލޫކަސް ހިތާމަވެރި ރާގުގައި ކަން ހިނގައި ދިޔަ ގޮތް ކިޔައިދިނެވެ. އަދި ލިއުޝާއާ ހަމައަށް އެ ވާހަކަ ދިޔުމުން ލިއުޝާ ވެސް ވާހަކަ ދެއްކީ ދެރަވެފައި ހުރެއެވެ. ނަމަވެސް ލޫކަސްއަށް ހިތްވަރު ދެވޭތޯ ދެމީހުން ވެސް ބެލިއެވެ. އެމީހުންނަށް އެނގިފައި އޮތް ގޮތުން ނަމަ އެއީ ލޫކަސްއާ އަނާނީގެ ދަރި އެކެވެ. ހަޤީޤަތް އެނގިފައި ނެތުމުން އެމީހުން ލޫކަސްއަށް ވަރަށް ހިތްވަރު ދީ ހެދިއެވެ. އަދި އަނާނީގެ އޮޕަރޭޝަން ނިމި ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އަނާނީ އާ ވާހަކަ ދައްކާލަން ގުޅުމަށް ލޫކަސް ކައިރީ އެދުނެވެ.
ހަޤީޤަތުގައި އެއީ ލޫކަސްއާ އެއްވެސް ގުޅުމެއް ނެތް ފުރާނައެއް ކަމުގައި ވިޔަސް، އޭނާ ދެރަވެ ރޮވޭ ވަރުގައި ހުރީ ކީއްވެ ކަމެއް ނޭނގެއެވެ. އިންސާނަކަށް ވުމުން އެކަހަލަ ހިތާމަވެރި ކަމެއް ދިމާވުމުން ދެރަވަނީ އެވެ. އަދި އަނާނީއަށް ވީ ވަރު ފެނިފައި ކޮންމެ މީހެއްގެ ހިތް ވެސް ހަލާކު ވާނެއެވެ. ލޫކަސްއަށް ބޮޑަށް ފިކުރު ކުރެވެނީ ވެސް އަނާނީއާ ދޭތެރޭގައެވެ. އެހިނދު ހުރިހާ ކަމެއް ރަނގަޅަށް ދިޔުމަށް ހިތާހިތުން ދުޢާ ކޮށްލެވުނެވެ.
އޮޕަރޭޝަން ނިމިގެން، ޖެހިގެން އައި ދުވަހު އަނާނީ ގެއަށް ދޫކޮށްލުމާ ހަމައަށް ވެސް ލޫކަސް އަނާނީ ކައިރިން ދުރަކަށް ނުދެއެވެ. އަދި އަނާނީ އެކަނި ނުކުރުމަށާއި، އަބަދުވެސް ކޮންމެވެސް މީހަކު އަނާނީ ކައިރީގައި ހުރުމަށް ޑޮކްޓަރު ވެސް އޮތީ އަންގާފައެވެ. އެއީ ވެދިޔަ ހިތާމަވެރި ކަންތަކުގެ ސަބަބުން އަނާނީ ޑިޕްރެޝަން ފަދަ ނަފްސާނީ ބައްޔަކަށް ދިޔުމުން ރައްކާތެރި ކުރުމަށެވެ.
ގެއަށް އާދެވުނު އިރު ވެސް ދެމީހުން ކުރެ އެކަކު ވެސް އަނގައިންނެއް ނުބުނެއެވެ. އަނާނީ މާ މޮޅިވެފައި ހުރުމުން އިސްވެ ވާހަކަ ދައްކަން ލޫކަސް އަކަށް ނުކެރުނެވެ. އޭނާ ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ. ތަޤުދީރުން ވެފައި އޮތް ކަމެއް ނުވާ ކަމަކަށް ނުހެދޭނެއެވެ. އަނާނީ ކޮޓަރިއަށް ވަދެފައި ދޮރު ޖެހިއެވެ. ލޫކަސް އެއްޗެހި ބަދަލު ކޮށްލައިގެން، ސިނގިރޭޓެއް ބޯން ބެލްކަންޏަށް ނުކުމެފައި ކުއްލިއަކަށް ހަނދާން ވީ ޑޮކްޓަރު ބުނި ވާހަކައެވެ. އެއާއެކު އަވަހަށް ގޮސް އަނާނީ ކޮބައިތޯ ބަލައިލިއެވެ. އަނާނީގެ ކޮޓަރިީގެ ދޮރު މަޑުމަޑުން ހުޅުވައިލުމާއެކު ފެނުނީ ހަރަކާތެއް ނުކޮށް އަނާނީ އޮށޯވެގެން އޮތް ތަނެވެ. ކަޅި ހުއްޓިފައި ހުރީ ސީލިންގު މައްޗަށެވެ.
“އަނާނީ!” ލޫކަސް ގޮވައިލިއެވެ.
(ނުނިމޭ)
One Comment
Comments are closed.
Varah reethi ?