08 ވަނަ ބައިގެ ތެރެއިން…….
ބެލްކަނީގައި ކޮފީ މަގެއް ހިފައިގެން ހުރި ޔަޒްދާންގެ ނަޒަރު ހުއްޓިފައިވަނީ މަތިމައްޗަށް ހިއްލާލާފައި ހުރި މާލޭގެ އުސް އިމާރާތްތަކަށެވެ. އޭނާގެ އަޅިކުލައިގެ ކަޅި އެހެންދިމާލަކަށް ހަރަކާތްވެސް ކޮށްނުލައެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ކޮފީތަށި ބަހައްޓަމުން ލައިގެން ހުރި ޖީބަށް އަތްކޮށްޕާލުމަށްފަހު ފޯނު ނެގިއެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔަތަނެވެ.
“ޔަޒްދާން! ދައްތަ ހާދަ ގޮވައިފީމޭ. މިތާހުންނާނެ ކަމެއް ނޭނގޭނެއްނު” ކުލްޝޫމް ފެނުމުން ހީލާފައި ޔަޒްދާން އޭނާގެ ފޯނު ޖީބަށްލިއެވެ. އަދި ދެލޯ ކުލްޝޫމަށް ފޮރުވާލަމުން ކަރުނަތައް ހިންދާލިއެވެ.
“ޔަޒްދާންގެ ތިދެލޯ ފެނުނީމަ ކޮންމެފަހަރަކު ދައްތަ ދަނީ ސިހިގެންދަނީ. ތީ ހަމަ ލިލީގެ ދެލޯ” ކުލްޝޫމް ބުނެލިއެވެ.
“ދައްތަމެން އަބަދުވެސް ބުނަމެއްނު ތިހެން” ހިނިތުންވެލަމުން ޔަޒްދާން ބުނެލިއެވެ.
“ހިނގާބަލަ. ވާހަކައެއް ދައްކަންވެގެނޭ ހޯދީ. އެވާހަކަ ދެއްކޭނީ ފައިޒަން ވެސް ކައިރީގައި ބައިންދައިގެން. ރިޔާޒްބެވެސް އެބައިން އިންތިޒާރުގަ” ކުލްޝޫމް ފަހަތުން ޔަޒްދާން ކޮޓަރިން ނިކުންނަން ހިނގައިގަތީ ހުސްނުވެ ހުރި ކޮފީތަށި ހިފައިގެންނެވެ. ރިޔާޒްގެ ނަން ބުނުމުން އޭނާއަށް ފާޑެއްގެ ގޮތެއްވިއެވެ.
******************************************************************************
ސިޓިންގްރޫމް ސޯފާގައި އިން ރިޔާޒަށް ކުލްޝޫމް ފަހަތުން އަންނަ ޔަޒްދާން ފެނި އެހެން ދިމާލަކަށް ބަލާވެސް ނުލެވުނެވެ. އެމޫނު އޭނާއަށް ޅަދުވަސް ހަނދާންކޮށްދޭ ކަހަލައެވެ.
“ޔަޒްދާން ކޮބާ ކިހިނެއްތަ؟” ރިޔާޒާއި ވާހަކަދައްކަން ޔަޒްދާން ޝައުޤެއް ނެތަސް ރަނގަޅޭ ބުނެ ހީލިއެވެ. ނަމަވެސް އޭނާ ރިޔާޒާއި ހަތަރުކަޅި ހަމައެއް ނުކުރެއެވެ.
“ފައިޒަން! ވަރަށް މުހިންމު ވާހަކައެއް ދައްކަން މިއުޅެނީ. ތިފޯނު އަތުން ދޫކޮށްފަ މިކަމަށް ސަމާލުކަންދީބަލަ. އަބަދު އިންނާނީ ނާލްއާއި ފައިޓްކުރަން” ހެމުން ފޯނުން އެއްޗެއް ޓައިޕްކުރަން އިން ފައިޒަން އަށް ކުލްޝޫމް ބުނެލިއެވެ.
“މިނިމުނީ. ނާލް ރުޅިއެރުވުން އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް އެއީ. އޯކޭ… މި ނިމުނީ” ފޯނު ޖީބަށް ކޮށްޕާލަމުން ފައިޒަން ބުނެލިއެވެ. އަދި އޭނާގެ ހުރިހާ ސަމާލުކަމެއް ބާކީ ތިބި މީހުންނަށް ހުއްޓާލިއެވެ.
“ކުލްގެ ވަރަށް ގާތް ރައްޓިއްސެއްގެ ދަރިއެކޭ ބުނީމަ ބޭބެ މިހުންނަނީ ވަރަށް ބައްދަލުކޮށްލާހިތުން” ރިޔާޒް ހީލަމުން އަނެއްކާވެސް ވާހަކަދެއްކީ ކުރިމަތީގައި އިން ޔަޒްދާނާއެވެ.
“ރިޔާއަށް އެނގޭނެ ކޮލެޖުގަ އަހަރެމެންނާއެކު ކިޔެވި ލިލީ” ހީލަމުން ކުލްޝޫމް ބުނެލިއެވެ. ރިޔާޒްގެ ނިތަށް ދެތިން ރޫ އަރައިގެން ދިޔައީ އެއްޗެއް ހަނދާން ކޮށްލަން ސިކުނޑުއަށް ބާރުލުމުންނެވެ. ނަމަވެސް އޭރުގެ ހަނދާންތަކަކީ އޭނާ އެހާ ގަޔާވާ ދުވަސްތަކަށް ނުވާތީ އެހަނދާންތަކަށް އޭނާގެ ސިކުނޑި ދަތުރުކުރިޔަނުދީ ހިފެހެއްޓިއެވެ.
“ތީ އެންމެ ރައްޓިއްސެއް ގެންގުޅުނު މީހެއްތަ؟؟ ދެން އޯކޭ… ޔަޒްދާނަށް މިގޭގައި މަނާ އެއްވެސް ކަމެއް އޮވެގެންނުވާނެ. ބޭބެގެ ކުރިމަތީގައި ފައިއާއި ޔަޒްދާން ހަމަހަމަވާނެ” ރިޔާޒް ހީލަމުން ބުނެލިއެވެ. ކުލްޝޫމްއާއި ފައިޒަން ހީލަމުން ބޯޖަހާލިއެވެ. ޔަޒްދާންވެސް އެއްވެސް މާނައެއްނެތް ހިނިތުންވުމެއް ދައްކާލިއެވެ.
“މާދަމާ ދަރިފުޅުމެންނާއެކު ޔަޒްދާންވެސް ކޮލެޖަށް ޖޮއިންކުރާނެ. މަންމަ އަސްލު ޔަޒްދާން މިތަނަށް މިގެނައީ ވާހަކައެއް ބުނަންވެގެން. ދައްތަގެ ހުންނަނީ ފައިޒަން އެކަނި ދަރިއަކަށް. އެކަމަކު މިހާރު ޔަޒްދާނަކީވެސް ދައްތަގެ ދަރިއެއްގެ ގޮތުގައި ދެކޭނަން. ވެދިޔަ އެއްވެސް ކަމަކާއި ޔަޒްދާން ދެރަނުވައްޗެ. މަރަކީ ކޮންމެ މީހަކާވެސް ބައްދަލުކުރާނެ އެއްޗެއް. މި މާލޭގައި ޔަޒްދާން މިނޫން ގެއެއްގައި ހުންނާކަށް ދައްތަ ބޭނުމެއްނޫން. ޔަޒްދާންގެ މަންމައަކީ ދައްތަގެ ދެދުނިޔޭގެ އެކުވެރިއެއް. ކިޔެވުން މެދުކަނޑާލާފައި ލިލީ ޤައުމަށް ދިޔަ ސަބަބު އަދިވެސް ދައްތައަށް ނޭނގޭ. މަރުވުމުގެ ކުރިން ޔަޒްދާން ކައިރީގައި ލިލީ އެއްވެސް ވާހަކައެއް ދެއްކިތަ؟” ޔަޒްދާނަށް ކުރިމަތިލައިގެން އިނދެ ކުލްޝޫމް ވާހަކަދައްކަމުން ދިޔައެވެ. ކުލްޝޫމްގެ ވާހަކަތަކުން ޔަޒްދާނަށް ޖަޒުބާތީ ވެވުނުވަރުން ދެލޮލުން ކަރުނަހިލުނެވެ. އޭނާ މަންމަ މަތިން ވަރަށްބޮޑަށް ހަނދާންވިއެވެ.
“މަންމަ އަޅުގަނޑަށް ހުރިހާ އެއްޗެއް ކިޔާދިން. އަޅުގަނޑުގެ ބައްޕައަކީ ކާކުކަންވެސް ބުނެދިން. ބައްޕައާއި ބައްދަލުކުރާށޭވެސް ބުނި. އެކަމަކު އެ އިންސާނާއާއި ބައްދަލުކުރާހިތެއްނެތް އަޅުގަނޑު” ޔަޒްދާން މަޑުމަޑުން ބުނެލިއެވެ.
“އަލްހަމްދުލިއްލާހް. ކިޔެވުން މެދުކަނޑާލާފައި ދިޔަ ސަބަބު ބުނިތަ؟ އޭރު ދައްތަ ވަރަށް މަސައްކަތްކުރިން ގުޅަންވެސް. ކާމިޔާބެއްނުވި. އެދުވަހު ޔަޒްދާން ލިލީއާއެކު ވީޑިޔޯ ކޯލެއް ނުކުރިނަމަ ޔަޒްދާނަކީ ކާކުކަންވެސް ދައްތައަށް ނޭނގުނިސް” ޔަޒްދާންގެ ވާހަކަތަކާއި ކުލްޝޫމް ގަޔާވިއެވެ.
“ވަގުތުޖެހުނީމަ އަޅުގަނޑު ދައްތަ ކައިރީގައި ހުރިހާ ވާހަކައެއް ކިޔާދޭނަން” ޔަޒްދާން އިސްޖަހާލިއެވެ. ޔަޒްދާންގެ ވާހަކަތަކުން އަދި އެވާހަކަ ދައްކަން އޭނާ ތައްޔާރުނޫންކަން ކުލްޝޫމަށް އެނގުނެވެ.
“އެންމެރަނގަޅު. އެކަމަކު މަގުމަތީގައި ހިނގަން ނޭނގެނިސް ބޭރުގައި ނޫޅެއްޗެ. ފައިޒަންއާ އެކުގައި ކާރުގައި އުޅޭނީ އިނގޭ” ކުލްޝޫމް ހީލަމުން ޔަޒްދާންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
“މިހާރު ބައްޕަ އެވަނީ ކޮންތާކަށް” ރިޔާޒް ފެންނަން ނެތުމުން ގޭތެރޭގެ އެކި ދިމާލަށް ނަޒަރުހިންގަމުން ބަލާލާފައި ކުލްޝޫމް ބުނެލިއެވެ.
“ފޯނެއްގަ ހުރެ މައްޗަށް އެރީ” ފައިޒަން ޖަވާބުދިނެވެ.
**********************************************************************
އާދުވަހަކަށް އިރިފެނުން ތޮޅިލިއެވެ. ދުނިޔެމަތި ރީތި ނަލަ ދުވަހެކެވެ. ޔަޒްދާން ތައްޔާރުވަމުން އެދަނީ ކޮލެޖަށް ދިޔުމަށެވެ. ޔަޒްދާންގެ އެންމެ ފުރަތަމަ ދުވަސް ވުމުން އޭނާ ބޭނުންވަނީ ގަޑިޖެހުމުގެ މާކުރިން ކޮލެޖަށް ދިޔުމަށެވެ.
“އަދި ވަގުތު އެބައޮތެއްނު. އަވަހަށް އާދޭ ސައިބޯން މިހާރު ފައިވެސް ފައިބާނެ” ބެކްޕެކް ކޮނޑުގައި އަޅުވައިގެން އަންނަ ޔަޒްދާން ފެނުމުން ކުލްޝޫމް ބުނެލިއެވެ. އޭރު ލެޕްޓޮޕް ދަބަސް ހިފައިގެން ރިޔާޒްވެސް އެހިސާބާއި އަރާ ހަމަވީއެވެ.
“ދައްތަމެންވެސް ޖޮބަށް ދަންތަ؟” ހެދިލައިގެން ހުރި ކުލްޝޫމް ފެނުމުން ޔަޒްދާން ބުނެލިއެވެ.
“އާނ… ކޮންދުވަހެއް. ކިޔަވާ ނިމުނު ގޮތަށް މިއީ ކުރާކަމަކީ. އަމިއްލަ ވިޔަފާރި. ރިޔާޒްބެގެ އަމިއްލަ ރިސޯޓްތަކާއި ފިހާރަތައް ރާއްޖެތެރޭގަވެސް ހުންނާނެ” ސައިހަދަމުން ވާހަކަދައްކަމުން ދިޔަ ކުލްޝޫމްގެ ވާހަކަތައް އަހަމުން ޔަޒްދާން އޭނާގެ ކުރިމަތީގައި އިން ރިޔާޒަށް އަވަސް ނަޒަރެއް ދިނެވެ. އޭރު ރިޔާޒްވެސް ހީލައިގެން އިނީ ޔަޒްދާނަށް ބަލަހައްޓައިގެންނެވެ. ޔަޒްދާންވެސް ހީލުމަށްފަހު ނަޒަރު އެހެންދިމާލަކަށް ބަދަލުކޮށްލިއެވެ.
“ގުޑްމޯނިންގް މަމް ގުޑްމޯނިންގ ޑޭޑް ގުޑްމޯނިންގް ބްރޯ…..” ހުރިހާ މީހުންނަށް އެއްފަހަރާ ހެނދުނުގެ ސަލާމްކޮށްލަމުން ޔަޒްދާނާއި ޖެހިގެން ހުރި ގޮނޑީގައި ފައިޒަން އިށީނެވެ. ސުފުރާމަތީގައި މާގިނަ ވާހަކަތަކެއް ނުދައްކާ ނާސްތާކޮށް ނިންމާލުމަށްފަހު ގެ ތަޅުލުމަށްފަހު ހަތަރުމީހުން އެކީގައި އެމީހެއްގެ މަންޒިލަށްދާން ކާރަށް އެރިއެވެ.
“ދަރިފުޅުމެން ގަޑިއަށްދައްޗެ ކޮލެޖަށް” ދުއްވަން އިން ރިޔާޒް ކައިރީގައި އިށީންނަމުން ކުލްޝޫމް ބުނެލިއެވެ.
“ފައިތަ ދުއްވަނީ” ކާރަށް އަރަންދަމުން ފައިޒަން ކައިރީގައި ޔަޒްދާން އަހާލިއެވެ.
“އަހަރެންވެސް ދުއްވަފާނަން. އެކަމަކު ބްރޯ ބޭނުންވިއްޔާ ދީފާނަން” ފައިޒަން ބުނެލިއެވެ.
“ނޫން. އަދި މަގުމަތަކެއް ދަހެއްނުވޭ” ދެމީހުން އެކީގައި ކާރު ދުއްވާލިއިރު ފައިޒަންގެ މިސްރާބުހުރީ ޔަނާލް ބަލާ އެގޭ ދޮށަށް ދިޔުމަށެވެ.
“މީތަ ކޮލެޖަކީ؟” ވަރުގަދަ ގޭޓެއް ލާފައިވާ ބޮޑު ގެއެއް ފެނުމުން ޔަޒްދާން އަހާލިއެވެ.
“ހެހެހެ… ނޫން މިއައީ މިގޭގަ އުޅޭ ސަންތި ބަލާ” ހިނިގަނޑަކަށްފަހު ފައިޒަން ބުނެލިއެވެ. ޔަޒްދާނަށް އެބުނީ ކާކުގެ ވާހަކަކަން ނޭނގުމުން ދެކޮނޑު އަރުވާލާފައި މަގުމައްޗަށް ނަޒަރުހިންގާލިއެވެ.
“ނަނާ ގޮވައިގެނެއްނު ދެވޭނީ. އެހެންނޫނީ މަށަށް ހެއަރުވާލާނެ” މަޖާވެފައި ފައިޒަން ބުނެލިއެވެ. ޔަޒްދާން ނިތަށް ރޫއަރުވާލިއެވެ. ފައިޒަން އެދައްކަނީ ކާކު ވާހަކަކަން އޭނާ އަށް މިހާރު އެނގިއްޖެއެވެ.
“ބްރޯ މިއަދު ވާނެ ނަނާއާއި އެކުވެރިވާން. ވަރަށް ސްވީޓްވާނެ” ވަކި އެއްޗެއް ނުބުންޏަސް ޔަޒްދާން ހީލިއެވެ. ޔަނާލް ކާރު ދޮރުހުޅުވާލުމުގެ ކުރިން ލޯގަނޑުން ފެންނަން އިން ޔަޒްދާނަށް ކަޅިއެއް އެއްލިއެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓުގައި ޔަޒްދާނު ހާދަ ލޯތްބެވެ. އޭނާގެ ބޯއިސްތަށިގަނޑު ގައި ވަނީ މަޑުމަޑު ރަންކުލައެކެވެ. މާދޮން ނޫނަސް މޫނުމަތިން ބޭރުކުއްޖެއް ވައްތަރު ޖަހައެވެ. ތުންފަތުގައި ވަނީ މަޑުމަޑު ފިޔާތޮށި ކުލައެކެވެ. ޔަނާލް ބަލަހައްޓައިގެން ހުރިކަން އެނގުނަސް ސިކުންތަކަށް ވެސް ޔަޒްދާންގެ ދެލޯ ޔަނާލާއި ދިމާލަށް ނުދިޔައެވެ. އެކަމާއި ޔަނާލް ފޫހިވިއެވެ. ޔަޒްދާނަށް ބަލަހައްޓައިގެން ހުރެ ޔަނާލް ތުންއަނބުރާލީ ޔަޒްދާންގެ ސަމާލުކަން އޭނާއަށް ނުލިބުމުންނެވެ.
“ފައި އަހަރެން ރީތިތަ؟” ފަހަތު ޝީޓަށް އަރާ ލައިގެން ހުރި ރޮނގު ދެމި ގަމީސްކޮޅަށް ދަމާލަމުން ޔަނާލް އަހާލިއެވެ. ޔަޒްދާން ކައިރިއަށް ކުޑަކޮށް ހިނިއަޔަސް އެކަމެއް އޭނާ ނާންގައެވެ. އަނގައިގެ ތެރޭގައި އޮތް ބޫމާ ހަފަމުން ދިޔައިރު އޭނާ އިނީ ކުޑަކޮށް ހިނި އައިއްސައެވެ.
“ހީކުރީދޯ ތިއީ އެންމެ ރީތި މީހާ ކަމަށް. ހީވަނީ ތުންބިބީއެއްހެން” އެހެންފަހަރުތަކާއި އެއްގޮތަށް މިފަހަރުވެސް ފައިޒަން ޔަނާލް ރުޅިއަރުވާލިއެވެ. ކުއްލިއަކަށް ފައިޒަން ސިހިގެން ދިޔައީ ފަހަތުގައި އިން ޔަނާލް އޭނާގެ ދަބަހުން ފައިޒަންގެ ކޮނޑުމަތީގައި ތަޅައިގަތުމުންނެވެ.
“ސޮރީ..ސޮރީ… ރީއްޗޭ….ވަރަށް ރީތި” ފައިޒަން އަވަހަށް އަމާންދިނެވެ.
“ތެންކިއު” ނިތްކުރިމަތިން ލޯމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތްދަށަށް ލައްވާލަމުން ހީލާފައި ޔަނާލް ބުނެލިއެވެ. އެވަގުތު ނޭނގުމުގެ ތެރެއިން ޔަޒްދާންގެ ދެލޯ ލޯގަނޑުން ފެންނަން އިން ޔަނާލަށް އަމާޒުވިއެވެ. އޭރުވެސް ޔަނާލް އިނީ ފޯނުން ބަލައިގެން ތުންފަތުގައި ލިޕްސްޓިކް ހާކާށެވެ. ހަތަރުކަޅި ހަމަވުމާއެކު ޔަނާލް ލަދުގަތެވެ. ޔަނާލް ހިނިތުންވުމެއް ހަދިޔާކޮށްލުމުން ޔަޒްދާން އޭނާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. ޔަޒްދާންގެ އެ އަމަލުން ޔަނާލް ފޫހިވިއެވެ. ޔަޒްދާނަށް ދެލޯ އަޅަލުމަށްފަހު ކުދިކިޔަން ފެށިއެވެ.
“ތިމީހުން ފައިބާ މިތަނަށް. މިއަންނަނީ ޒޯންގަ ޕާކްކޮށްފައި” ފައިޒަން ބުންޏެވެ. ޔަޒްދާނާއި ޔަނާލް ފައިބައިގެން ކޮލެޖް ކުރިމަތިން އެއްފަރާތުގައި މަޑުކޮށްލިއެވެ. ޔަޒްދާން ހުރީ ފޯނަށް ބަލަހައްޓައިގެންނެވެ. ފައިޒަން އައުމާއެކު ތިން މީހުން އެކީގައި އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ޔަޒްދާން ކުރިއަށް އެރި ވަގުތު ބަލާފައި ޔަނާލް ފައިޒަން ލައިގެން ހުރި އަތްދިގު ގަމީހުގެ ގިރުވާނުގައި ހިފާ ފަހަތަށް ދަމައިގަތެވެ.
“ނަނާ! މިހާރު މަކީއްކުރީތަ!” އަމިއްލަ ސަލާމަތްހޯދަން މަސައްކަތްކުރަމުން ފައިޒަން ބުނެލިއެވެ.
“ކާކުތަ ގޮވައިގެން ތިއުޅެނީ؟ ފައިއަށް ޔަޤީންތަ އެއީ އަނެއްކާ ފިރިހެނެއްކަން؟ ޔަނާލް ބުނި އެއްޗަކުން ފައިޒަން ބަލާލި ކުރީގައި ހުރެ ހިނގާފައިދާ ޔަޒްދާނަށެވެ. ފަހަތުގައި ހިނގަމުންދަނީ ކޮންކަމެއްކަން ނޭނގި ޔަޒްދާން މަޑުމަޑުން ހިނގާފައި ކުރިއަށް ދިޔައެވެ.
“އާނ…އޭނައަށް ޔަޒްދާން ކިޔަނީ…އަނެއްހެން އަހަރެން ނުއެއްދެކެން……” އަނެއްކާވެސް ފައިޒަން ގައިގާ ޔަނާލް ބޮނޑިއެއް އަޅުވާލިއެވެ.
“އަހަންނަށް ޝައްކު. ޔަގީނުންވެސް ބަލާބެލުމަކަށް އެހާ ގަމާރުކަމަކަށް ނުދައްކާ. ހޭން ނޭނގޭ މީހެއްދޯ” ޔަނާލް ބުނެލިއެވެ.
“ނޭނގެ މަށަކަށް. ހޭން އިނގޭ ކަންނޭނގެ. ދެން ފިރިހެނެއްތޯ ނަނާ ޔަޤީންކުރަންވީނުން” ފައިޒަން ބުނެލިއެވެ. ހުއްޓުމަށްފަހު ޔަނާލް ފައިޒަންގެ މޫނަށް ބަލާލިއެވެ. މިފަހަރުވެސް ޔަނާލްގެ ދަބަހުން ބޮނޑިއެއް އަތުވެދާނެތީ ފައިޒަން ދެފަޔަށް ބާރުލާފައި ކުރިއަށް ދުއްވައިގަތެވެ. ފަހަތުން ޔަނާލްވެސް ދުއްވައިގަތެވެ.
ބްރޭކަށްފަހު ދެން އޮތް ދެގަޑި ކިޔަވާދޭ ޓީޗަރުން ނާންކަން އެނގުމުން ޔަނާލް އުފަލުން ފުރުނެވެ. ހުރިހާ ކުދިން ކުލާހުން ނިކުންނަން ހިނގައިގަތްއިރު އެންމެ ކުރީގައި ހުރީ ޔަޒްދާނެވެ.
“އޭ ބްރޯ މަޑުކުރޭ އެންމެން އެކީގައި ދާނީ. ނަނާ މިއަދު ލަންޗް ދޭނަމޯ” ޔަޒްދާން ފަހަތުން ދުވެފައިކަހަލަ ގޮތަކަށް ނިކުންނަމުން ފައިޒަން ބުނެލިއެވެ.
“އަހަރެން ބެނުމީ ގެއަށްދާން. ވަރަށް ޓަޔާޑް” ޔަޒްދާން ބެންޗުގައި މަޑުކޮށްލަމުން ބުނެލިއެވެ.
“ދެން އެކަމު ގެއަށް ދިޔަސް ނުވެސް ވަދެވޭނެ. މަންމަވެސް ބައްޕަވެސް ލަންޗަށް ގެއަށް ނުދުރުވާނެ. ދެން މިފަހަރު ހިނގާދާން. އެހެންނޫނީ ނަނާ ދެރަވާނެ. މިހާރު މަގޭ ކައިރީގައި އަހަންވެސް އަހައިފި ތީ ފިރިހެނެއްހޭ” ވާހަކަދައްކަމުން ގޮސް ފައިޒަންއަށް ބުނެވުނެވެ. އޭނާއަށް ބުނެވުނު އެއްޗަކާއިމެދު ފައިޒަންއަށް ވިސްނާލެވުނީ ދުލުން ބޭރުވި ފަހުންނެވެ.
“ވަޓް؟؟؟” ފައިޒަން ދެއްކި ވާހަކައާއި ޔަޒްދާންގެ މޫނުމައްޗަށް އެރި ކުލަވަރު ރީއްޗަށް އެހިސާބަށް އައިސް މަޑުކޮށްލި ޔަނާލަށް އަޑުއިވުނެވެ.
“ޔޫ….. އައި ވިލް ކިލް ޔޫ…..”””” މިފަހަރުވެސް ދިޔައީ ތަޅާފޮޅުން ގަނޑެކެވެ. އެދެމީހުން އުޅުނުގޮތް ފެނުމުން މިފަހަރު ހުނުންގަނޑު ޔަޒްދާނަށް ކޮންޓްރޯލެއް ނުކުރެވުނެވެ. އެންމެފަހުން ޔަނާލްގެ އަތްދަށުން ފައިޒަން ސަލާމަތް ކޮށްދެން ޖެހުނީ ޔަޒްދާނަށެވެ.
“ސްޓޮޕް އިޓް… ތިއީ ކުޑަކުދިބައެއްތަ؟” ޔަޒްދާން އެހެން ބުނީ ފައިޒަންއަށް ބަލާލަމުންނެވެ.
“އޯކޭ…” ބޮލުގެ އިސްތަށގަނޑު ރީތިކޮށްލަމުން ޔަނާލް ބުނެލިއެވެ. އޭރު ފައިޒަން ޔަޒްދާންގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ މައިނޭވާ އަޅަމުން ދިޔައެވެ.
“ލެޓްސް ގޯ…” ޔަޒްދާން ބުނެލިއެވެ.
“މަޑުކޮށްބަލަ. ކޮންތާކަށް” ފައިޒަން ބުނެލިއެވެ.
“އަމް ސްޓަރވިންގް” ޔަޒްދާން ބުނެލިއެވެ.
“ހިނގާ. އަހަރެން މިއަދު ޓްރީޓްދޭނީ” ޔަނާލް ބުނެލިއެވެ.
“މަޑުކޮށްބަލަ. ތިދެމީހުން ހާދަ ބީރައްޓެހިކޮށް ތިއުޅެނީ” ޔަޒްދާންގެ އަތުގައި ހިފާ ހުއްޓުވަމުން ފައިޒަން ބުނެލިއެވެ.
“ލެޓް މީ އިންޓްރޮޑިޔުސް ޔޫ ބޯތް. މީ ނަނާ… އައިމީން ޔަނާލް. މައިބެސްޓްފްރެންޑް. އެންޑް ނަނާ! މީ ޔަޒްދާން. މައި ބްރޯ ހާފް އިޓަލީ” ފައިޒަން ބުނެލިއެވެ. އެވަގުތު ޔަނާލްގެ ފުރިހަމަ ނަޒަރު ހުއްޓުނީ ކުރިމަތީގައި ހުރި ޔަޒްދާންގެ ސާފު މޫނަށެވެ. ޔަޒްދާން ޔަނާލަށް ބަލާނުލިޔަސް ހީލިއެވެ.
“ނައިސް ޓު މީޓް ޔޫ ޔަނާލް…” ޔަނާލަށް ބަލާލަމުން ޔަޒްދާން ބުނެލިއެވެ. ޔަނާލް ހުރީ ޔަޒްދާން ޔަނާލޭ ކިޔާ މުހާތަބް ކުރުމުން ހިތްހަމަނުޖެހިފައެވެ. އޭނާ ދެކޭގޮތުގައި އޭނާގެ ފުރހަމަ ނަމުން އޭނާ އާއި މުހާތަބްކުރާ މީހުންނަކީ އޭނާ އާއި ވަރަށް ދުރުބައެކެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ކުޑައިރުން ފެށިގެން އުމުރުން އެހާވަރު ވަންދެންވެސް އެއްގޮތަކަށްވެސް ގޭތެރެއިން އޭނާ އަށް އޭނާގެ ފުރިހަމަ ނަމުން އެއްވެސް މީހަކު ގޮވާފައެއް ނުވެއެވެ. ދެރަވެ ހިތުގައި ޖެހިފައި ހުއްޓަސް ޔަނާލް ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއއެވެ.
“އެންޑް ޔޫ…. ބްރޯ ކިޔުމަށްވުރެ ބޮޑަށް ދާން ކިޔައިފިއްޔާ ރަނގަޅީ…” ޔަޒްދާން ހީލަމުން ފައިޒަންގެ ކަންފަތުގައި ހިފާލާފައި ބުނެލިއެވެ.
“އަހަރެމެންގެ ގުރޫޕަށް އެކަކު އިތުރުވީ އިނގޭ މިއަދުން ފެށިގެން” ދުރުގައި ހުރި ޔަނާލްގެ ކޮނޑުގައި އަތް އަޅުވާލާފައި ގާތްކޮށްލަމުން ފައިޒަން ބުނެލިއެވެ. އެދެމީހުން ކުރިއަށް ހިނގައިގަތްއިރު ޔަޒްދާން ހުރީ ފަހަތުގައެވެ. އޭނާގެ ނަޒަރު ހިނދުކކޮޅަކަށް ނަމަވެސް ޔަނާލްގެ ފުރަގަހުން ފެންނަންހުރި ފުރިހަމަ އިސްކޮޅަށް ހުއްޓާލެވުނެވެ. ފުރިހަމަ އިސްކޮޅެކެވެ. އިސްތަށިގަނޑު ފަނެވެ. ބުރަކައްޓަށް ވުރެ ތިރިއަށް އިސްތަށިގަނޑު ހުރިއިރު އިސްތަށިގަނޑުގެ އެންމެ ތިރިއަށް ވަނީ ކުޑަކޮށް ބުޅިކޮށްލާފައެވެ. އިސްތަށިގަނޑު ބޯކޮށް ހުންނައިރު ޔަނާލާއި ނުހަނު ގުޅޭއެވެ. ނިތްކުރިމަތިން ކޮށާލާފައިވާ ބަޔާއިއެކު އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މަތިން ރޮނގުދެމި ގަމީސްކޮޅެއް ލައިގެން ހުރިއިރު ތިރިން ލާފައި ހުރީ މަޑު ނޫކުލައިގެ ސްކިނީއެކެވެ. ޔަޒްދާންގެ ސިކުނޑިއަށް ވެރިވެގަތް ވިސްނުމެއްގެ ސަބަބުން އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. ފައިޒަން އާއި ޔަނާލްގެ ފަހަތުނ ހިނގައިގަތީ އަވި އައިނުން އޭނާގެ ދެލޯ ފޮރުވާލަމުންނެވެ.
********************************************
ރޭގަނޑުގެ ވަގުތެވެ. ޓީޝާޓްލަމުން ސިޑިން ފައިބައިގެން ދުވެފައި އަންނަ ފައިޒަން ފެނި ސިޓިންގްރޫމުގައި ދުޢާ ފޮތެއް ހިފައިގެން އިން ކުލްޝޫމް ގޮވާލިއެވެ.
“ދަރިފުޅާ މާ އަވަސް އަރުވާލައިގެން ކޮންތާކަށް؟” ކުލްޝޫމް ބުނެލިއެވެ.
“މިއަންނަނީ މަންމާ ނަނާ ގޮވައިގެން” ފައިޒަން ދިޔައީ ދޮރާއި ދިމާލަށެވެ.
“މިގަޑީގަ. އެހެރީ ކާންވެސް ހަދާފައި. ބައްޕަ ފާހާނާއިން ނިކުތީމަ ކާން ފަށަންވީ. ކައިގެން ދާންވީނުން” ކުލްޝޫމް ބުނެލިއެވެ.
“ވަރަށް އަވަހަށް އަންނާނަން. ނަނާ އަށް ފިލާވަޅެއް ހަދަން ހެލްޕްވާން ވެގެން. މާއްތަވެސް ބުނީ އަވަހަށް އަންނާށޭ. މާލަސްވީމަ ނަނާއަށް ނާދެވޭނެއްނު. ވަރަށް އަވަހަށް އަންނާނަން. ބައްޕަ ނިކުތީމަ މަންމަމެން ފަށާ” އެންމެފަހު ބަސް ބުނިއިރު ފައިޒަންގެ ދެފައި ހުރީ ދޮރުން ބޭރުގައެވެ.
ސިޓިންގްރޫމުގައި ދަބަސް ހިފައިގެން އިން ޔަނާލް ކޮޅަށްތެދުވީ ފައިޒަންގެ ފޯންކޯލް ލިބުމުންނެވެ.
“ދޮންބެމެން ދޭތަ؟” ޔަނާލާއި އެކުގައި ކޮޅަށްތެދުވި އާކިން އަހާލިއެވެ. އެ ޖުމްލައަށް ބާރުދިނުމުގެ ގޮތުން ޒާކިން އާއި ރާކިން ވެސް ތެދެއްހެއްޔޭ އަހާލިއެވެ.
“ނޫނޭ… ދެން ފައިމެން ގެއަކަށްނު މިދަނީ…. އެންމެން މާވަރަކުން ތިހެން އުޅެން ހަދައިގެން ބަލާތި ވަރަށް ރީތިގޮތެއް ވާނެ އަޅުގަނޑަށް” ޔަނާލް ބުނެލިއެވެ.
“ނޫން… ދަރިފުޅާ ތިހެން ދެން ނުބުނާތި. އެންމެންވެސް ދަރިފުޅާއިމެދު ވިސްނާތީ އެހެން އެވަނީ. ތީ މިގޭ ހުރިހާ އެންމެންގެވެސް ޕްރިންސަސް. މަންމަ ފައިޒަންއަށް އިތުބާރުކުރަން. ދެރަވަނީ ދަރިފުޅު ނުކައި ދާތީ” މާއިރާ ޔަނާލް ގެބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ނުކެވުނީ އަވަސްކުރަން ހަދައިގެން. އެކަމު ޕްރޮމިސް ކުލައްތަމެންގެއިން ކާނަން. ދެން ދަނީ އިނގޭ މަންމާ” ޔަނާލް ހަރުގަނޑުން ފައިވާން ނަގާ މަޅި އަޅުވާލަމުން ބުނެލިއެވެ. އެކުގައި ނުދިޔަ ނަމަވެސް ޔަނާލް ކާރަށް އަރަންދެން އޭނާގެ ތިން ބޭބެ ގޭ ދޮރުމަތީގައި ތިއްބެވެ.
“ތަތްބޮނޑި. ދެން މާރީތި މީހެއްނަމަތާ ތިވަރަށް ތުންފަތުގައި ކުލަޖައްސާނީ” ޔަނާލް ޖައްސާލުމާއެކު އާދައިގެމަތިން ފައިޒަން ރުޅިއަރުވާލިއެވެ.
“ދެން. ކިހާދެރަކަމެއް. މަށަށް އިނގޭ މަ ރީތިކަން. ފައިޒަންއަށް އެކަނި މަ ހަޑިކޮށް ފެންނަނީ” ޔަނާލް އެހެން ބުނުމުން ފައިޒަން ޔަނާލަށް ސީރިޔަސް ނަޒަރަކުން ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. ހީލަމުން އޭނާ ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ.
“އާކުބެމެން ނަނާ ހާދަ ކުޑަކޮށްގެނޭ ދޯ އުޅެނީ. ތީ އެންމެންގެ ބޭބީ ދޯ ހެހެހެ….” ފައިޒަން ބުނެލިއެވެ.
“މިސްޓަރ ޖޭ… ތިގޭގައި ފައި ދެކެ ލޯބިވާނެ މާގިނަ މީހުން ނެތީމަ ދޯ ތިހެން ތިކިޔަނީ” ޔަނާލް ފޮނިވެލާފައި ބުނެލިއެވެ.
“މަންމަ ބައްޕަ. އަދި މިހާރު އެހެރީނު ދާންވެސް. އެހާބައިވަރު ބޭނުމެއްނޫން. އެހާ ބައިވަރު ތިބީމަ ކޮންމެސް އެއދުވަހަކުން އެމީހުން ރުޅިއަންނަން ފަށާނީ” ފައިޒަން ބުނެލިއެވެ.
“އޭއި ތިއެއް ނޫނޭ… ދާން ދޯ… މަށަށް ވަރަށް ހެންޑްސަމް އޭނަ. އެކަމު އެހެރަ ފޮނިކަމެއް ދޯ…. މި ހީވަނީ މީނަ ދުވަހަކުވެސް އަންހެނަކަށް ބަލާނުލަން ހުވައެއް ކޮށްގެން އުޅޭހެން” ފިލްމީ ފާޑަކަށް ޔަނާލް ވާހަކަދައްކަމުން ދިޔައެވެ.
“މަށަށް އިނގޭ އޭރުވެސް މިހާރު ހުންނާނީ ހިތް ކިޔާފައިކަން. ނަނާ ބޭނުންވެގެން އެބައުޅޭތަ މީހަކު” ފައިޒަން ޖެއްސުންކޮށްލިއެވެ.
“އަނެއްކާ ޖޭ ބޮކި ފަޅައިގެންދިޔައީދޯ. މަށަށް އިނގެނީ އެއީ ވަރަށް ފޮނި މީހެއްކަން” ޔަނާލް ސިހުނީ ކުއްލިއަކަށް ކާރު ބްރެކި ޖައްސާލުމުންނެވެ. ހިތަށް ވެރިވި ބިރުވެރިކަމާއެކު މޭގައި އަތް އަޅާލައިގެން އިނދެ ޔަނާލް ފައިޒަންގެ މޫނަށް ބަލާލިއެވެ. އޭރު ފައިޒަން އިނީ ޔަނާލްގެ މޫނަށް ބަލަހައްޓައިގެންނެވެ.
“ޕްލީޒް ނަނާ… ނަނާ އެހެންމީހުންނަށް ތިގޮތަށް ތަޢުރީފް ނުކޮށްބަލަ. އަހަރެން ނަނާ ބޭނުން. ނަނާ ވާނީ ހަމައެކަނި އަހަރެންގެ މީހަކަށް. އަހަރެން ވަރަށް ލޯބިވޭ. ނޫޅެވޭނެ ނަނާ ނުލާ…” ފައިޒަން ދައްކަމުން ދިޔަ ވާހަކަތަކުން ސިކުންތަކަށްފަހު ސިކުންތެއް ޔަނާލްގެ މޫނަށްވެރިވަމުންދާ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ކުރިން ހިތުގައި އުފެދުނު ބިރުވެރިކަން މުޅިން ފިލައިގެން ހިނގައްޖެއެވެ. ފައިޒަންގެ މޫނުމަތި މިލާފައިވާ މަންޒަރު ފެނި ޔަނާލްގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ.
“ޕްލީޒް ކޮންމެސް އެއްޗެއް ބުނެބަލަ ނަނާ. ނަނާ ހިތުގައި ހަމަ ކުޑަވެސް ޖަޒްބާތެއް ނެތީތަ. ވާހަކަދައްކަބަލަ. ތި ހަމަހިމޭންކަން އަހަރެން މާނަކުރަންވީ ކިހިނެއް؟” ޔަނާލްގެ ދެއަތްތިލަ ފައިޒަންގެ އަތުތެރެއަށް ލަމުން ބުނެލިއެވެ.
“އަ….އަހަރެ…އަހަރެން…..” ދެވަނަ ފަހަރަށް ޔަނާލް ސިހުނީ ފައިޒަންގެ ބާރު ހުނުމުގެ އަޑުން ކާރުތެރެ ގުގުމާލުމުންނެވެ. ޔަނާލް ދިޔައީ ވާނުވާ ނޭނގި ފައިޒަންގެ މޫނަށް ބަލަމުންނެވެ.
“ބަލާބަ ތިހެރަ މޫނެއް… ހެހެހެހެ….. ނަނާ ހާދައަވަހަކަށޭ ތި ސީރިއަސް ވަނީ. ކޮންކަމަކާތަ ތިހާ ބިރެއްތިގަތީ. މީހަކު ލޯބިވާ ވާހަކަބުނާއިރަށް ތިހެރީ ނަނާއަށް ވީގޮތް. ހެހެހެ….” ފައިޒަންއަށް ހެވޭ ވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ޔަނާލް އިނީފައިޒަންގެ މޫނަށް ބަލަހައްޓައިގެންނެވެ.
“ވެރީ ފަނީ…..ހުނ….. ދެން ތިކަހަލަ ސަމާސާއެއް ނުކުރާތި މަށާ….. ވަރަށް ފޫހިވޭ…..” ފައިޒަންއަށް އިންޒާރެއްދޭ އުސޫލުން ޔަނާލް ބުނެލިއެވެ.
“އޯކޭ ސޮރީ…ސޮރީ…..އެކަމު ނަނާގެ ފޭސް….” އަނެއްކާވެސް ފައިޒަންއަށް ހެވުނެވެ.
“ދެންހެޔޮ ދިމާނުކުރިޔަސް. އެހެންވާނީ ދުވަހަކުވެސް މީހަކުދެކެ ލޯބިވާން ނޭނގޭ މީހަކު ތިކަހަލަ ވާހަކައެއް ދެއްކީމަ” ޔަނާލް ޝީޓުގައި ހަމަޖެހިލަމުން ބުނެލިއެވެ.
“ނަނާއަށް ކިހިނެއް އިނގެނީ އަހަރެން މިކުރީ ސަމާސާއެއް ކަމެއް. ހަޤީޤަތަކަށްވެސް ވެދާނެއްނު” ކާރު ދުއްވާލަމުން ފައިޒަން ބުނެލިއެވެ.
“ދެންހެޔޮ…. އަހަރެން ފައި ބޭނުމީ ހަމައެކަނި އެކުވެރިއެއް ގޮތުގަ. ޔުއަރ މައި ބެސްޓްފްރެންޑް. ފޯރއެވަރ އެންޑް އެވަރ” ދުއްވަން އިން ފައިޒަންގެ ކޮނޑުގައި ބޯއަޅާލަމުން ޔަނާލް ބުނެލިއެވެ. ފައިޒަން ޔަނާލަށް ބަލާލީ ހިތި ގޮތަކަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.





salaam!
good morning….. mi bai ves huriha kudhinnah kamudhaane kamah heekuran 🙂
V reethi
First part kobaa
Ushaali… i m a great fan of u…u re one of my favourit writer……ushaalige dhevaahaka kiyaalin..loabi nuvuyas firumaaladhee adhi vaa loabi ingeynama..hama habeys dhevaahaka ahves..????.faharehga kurin comment nukoh huredhaane ejam baraabarah kiyaalon..ushaalige vaahakakah inthaaru kuraatha v ginadhuvas vehjje….finally inthizaarah nimumeh..yey??? mi vaahaka adhi nukiyan…first episode in fashanvegen..eyrun nehnun ingeyni dhw???? soo wish u all the best….? luvya n keep smiling❤? reply nukuriyas kiyaalahcheyyy..and reply kohgiyya vvv happyvaane???..mivaaha kiyaalafa opinion hissakohleveytho balaanan onshallah???till dhen bye??
Mivaahakaage 1 vanabaikobaa.
Where can i find the 1st part of this story???
Ekiyaahen kobaathe first part thah??
Where 1st part
1234567 mi baitha k9baa
Koanthaku first part hoadhani
Mi vaahaka fashaigen kiyaalan libeyne gotheh neiytha hama