ހުވަފެނުގެ ރާނީ 23
21 ޑިސެމްބަރ 2002
އެކުޑަކުޑަ ދާރަ ތަކުގައި ލޯ ޖަހައިގެން ހުރި ރުކާޔަތުގެ ހިތް ހީވަނީ މޭފަޅާފައި ނިކުމެގެން ހިނގައިދާނެ ހެންނެވެ. އަނގައިން ބަހެއް ނުބުނެވި ރުކާޔަތުގެ ލޮލުން ކަރުނަގަނޑު އޮހިގަތީ ނިކަތު ދުވަމުން އައިސް ކޮޓިއަށް ވަނީމައެވެ. ތަޝްކީލް އޭރު ދޮރުގައި ހިފައްޓައިގެން އިނީ ދޮރު ހުޅުވިޔަ ނުދޭށެވެ. ކުއްލިއަކަށް ތަޝްކީލް ދިޔައީ ބުރައިގެންނެވެ. އެތެރެއަށް ވަދެގެންއައި މީހާ އޭރު ހުރީ އަލާމާރިއަށް ފުރަގަސް ދީގެންނެވެ. ސަލާމަތް ވާން ތަޝްކީލް ދުވެފައި ދިޔައީ ކޮޓަރީގެ ކަނަށެވެ. ނަމަވެސް އެމީހާ ހީވަނީ އިތުރު ހިތްވަރެއް ލިބުނު ހެންނެވެ. ކައިރީގައި ދޮރު ލެއްޕޭތީ ބާއްވާފައި އޮތް އެޅިގަލުގެ އެއްބައި ނަގައި ޖެހީ ތަޝްކީލްގެ ބޮލުގައެވެ. އެއާއެކު ތަޝްކީލް އެއްވެސް ރުލެއްނެތި ތަޝްކީލް ކޮތަރި ތެރެއަށް ދެމިގެން ހިނގައްޖެއެވެ. އަތުގައިވީ ލޭތަކާއެކު ގާބުރި ހިފައިގެން ދެން އެމީހާ އެނބުރިލީ އަލަމާރިއާއި ދިމާއަށެވެ. ވަގުތުން ރުކާޔަތަށް ފަހަތަށް ޖެހިލިއެވެ. އަނެއްކާ އެމީހައަށް އެނާ ފެނުނީ ނޫންބާވައެވެ.
އަލާމާރީގެ ދޮރާއި ނިވާވެ އިން ނިކަތު ދުއްވައިގަތީ އެމީހާގެ އަތުގައި ނުޖެހޭށެވެ. އެމީހާ ކޮންމެހެން ނިކަތުގެ ފަހަތުން ދުވާހަކަށް ނުހަދައެވެ. މަޑުމަޑުން ހިނގާލާފައި އެމީހާ ހިނގައިގަތީ އެދިމާލަށެވެ.
“މުއާޒް…” ތަޝްކީލް އަތް ނަގަމުން އެހެން ބުނެލިއިރު އެއަޑު ކިރިޔާ ނިކުންނަނީއެވެ. ރުކާޔަތު ކަންފަތުގައި އެއަޑު ޖެހުނު ވަގުތު އެމީހާއަށް ބަލާލިއެވެ. އެމީހާ އޭރު ހުރީ އަލަމާރިއަށް ކުރިމަތި ލައިގެންނެވެ.
“ދެން ކީއްކުރަން ގޮވަނީ… އަހަރެން ކިހައި އާދޭހެއް ކުރިން… ކިހައި ރުއިމެއް ރުއިން ތަޝްކީލް ކައިރީގަ… އަހަރެން…” މުއާޒް އެހެން ބުނެލިއިރު އެލޮލުން ކަރުނަ ފައިބައެވެ. އޭނާ ގާގަނޑު ހިފައިގެން އިން އަތް އޭރު ތުރުތުރު އަޅައެވެ. ގަލުގެ އަރިމަތިންނާއި މުއާޒްގެ އަތުން އޭރު ލޭތިކި ޖަހައެވެ. މުއާޒް އެހެން ހަނދަން ބޭނުން ނޫން ނަމަވެސް އެނޫން ގޮތެއް ނެތްކަން މުއާޒް ބުނެލީ ރޮމުންނެވެ. ފިލައި އިން ނިކަތުއަށް ބަލާލި މުއާޒް ތަޝްކީލްގެ ދެފައި ހިފައި ދަމަމުން ގެނެސް ސިޓިން ރޫމަށް ލިއެވެ. ތަޝްކީލްގެ ގައި ތެދެވެގެން ގޮސް އޭނާގެ ދަރިން ސަލާމަތް ކުރާނެހައި ވަރެއްވެސް ނެތެވެ. މުއާޒް އަތުގައި އޮތް ގާބުރީގައި އިސްތަށިވެސް ތަތްލާފައި ހުއްޓެވެ.
ދެން މުއާޒް އެނބުރިލީ ކޮޓަރިއާއި ދިމާލަށެވެ. ނޭވާ ކުރުވެފައިވާ ތަޝްކީލްގެ ލޮލުން ވަގުތުން ކަރުނަ ފައިބައިގަތެވެ. މަޑުމަޑުން ނިކަތުއޭ ބުނެލެވުނީ ބޭއިޙްތިޔާރުގައެވެ. މުއާޒް އޭރު މުއާޒް އަތުގައި ބަދުގެއިން ނެގި ވަޅިއެއް އޮތެވެ. އަނެއް އަތުގައި ގާބުރި އޮތެވެ. ކޮޓަރިއަށް މުއާޒް ވަންތައް ފެނުމުން ނިކަތު އެނދު ކައިރީގައި އިނދެފައި ދުއްވައިގަތީ އަލާމާރި އާއި ދިމާލަށެވެ. ރޮވެފައި އިން ނިކަތު އައިސް ދާރަ ތަކުގައި އިނގިލި ޖައްސާލަމުން ރޯން ފެށިއެވެ. ގިސްލެވެމުންދިޔަ ރުކާޔަތު އެތެރެއަށް ވަދެފައި އިން ނިކަތު ކުޑަވައި އިނގިލީގައި ހިފަމުން އަނެއް ފަރާތުން ބޯޖައްސާލިއެވެ. ފަހަތުން މުއާޒް އައިސް ނިކަތުގެ އިސްތަށިގަނޑު ހިފައި ދަމައިގަތެވެ.
“ދޮންތާ…” އިސްތަށިގަނޑު ބުޑުގައި ހިފަހައްޓައިގެން ނިކަތު ރޮމުން ގެންދިޔައީ ތަދުވާ ވަރުންނެވެ. ރުކާޔަތަށް ހަދާނެ ގޮތެއް ނޭނގުނެވެ. އޭނާ އެތަން ހުޅުވަން ވީ ހެއްޔެވެ.
ނިކަތު މުއާޒްގެ އަތުން ވީއްލި ގަނެގެން ދުއްވައިގަތީ ތަޝްކީލްއާއި ދިމާލަށެވެ. އޭރު ތަޝްކީލް ގައިގައި ނެތް ހިތްވަރު ލާފައި ތެދުވަނީއެވެ. ނަމަވެސް މުއާޒް އަތުގައި އޮތް ގާބުރި ދޮރާއި ހަމައިގައި ހުރި ނިކަތުއާއި ދިމާލަށް އެއްލީ ގައިގައި ހުރި ބާރެއް ލާފައެވެ. ދުވެދުވެ ހުރި ނިކަތު ވަގުތުން ހުރި ތަނަށް ތިރިވެގެން ދިޔައީ ސިކުންތެއްގެ ތެރޭގައެވެ. އެކުޑަ ކުއްޖާގެ ހަށީގައި ފުރާނަވެސް ނުހުންނާނެކަން ޔަޤީނެވެ. އެމަންޒަރު ފެނުނު ތަޝްކީލްގެ ގައިން ހުރިހައި ވަރެއް ދޫވިއެވެ. އަތް ޖައްސަމުން އެތަނަށް އަންނަން މަސައްކަތް ކުރަމުން ދެންދިޔަ ތަޝްކީލަށް ބާރަށް ރޮވެމުން ދިޔައެވެ. މުއާޒް ނިކަތު އިސްތަށިގަނޑުގައި ހިފައި ނެގިއިރު ނިކަތު ނޭވާލާން މަސައްކަތް ކުރަނީއެވެ. އެލޮލަށް އޭރުވަނީ ލޭ އަރާފައެެވެ. އަތުގައި އޮތް ގާގަނޑު ދުރަށް ހޫރާލި މުއާޒް ނިކަތު އަބުރާލީ ތަޝްކީލްއާއި ދިމާލައެވެ.
އަޑެއް ނުނިކުތް ނަމަވެސް ނިކަތުގެ ލޮލުން ހޯސްލާފާއި ކަރުނަ ފައިބަމުން ދިޔައެވެ. އެމަންޒަރު ފެނުނު ރުކާޔަތު ހިނދުކޮޅަކަށް ނަމަވެސް ނޭވާ އެތެރޭގައި ތާށިވިއެވެ. މުއާޒް ނިކަތުގެ ކަރުގައި ވަޅި ޖައްސާލަމުން ކުއްލިއަކަށް ދަމާލިއެވެ. ކެނޑުނު ކަންވެސް ނޭނގި ފުރަތަމަ ވެސް އެކުޑަ ކަރުން ލޭތަށް ދިޔައީ ބުރައިގެންނެވެ. ދެން ލައިނަކަށް ތިރިއަށް ފައިބައި ގަތެވެ. ކުޑަކޮށް ތެދުވެ ހުރި ތަޝްކީލްގެ ގައިން ހުރިހައި ވަރެއް ދޫވީ އެތަން ފެނުނީމައެވެ. ކަކޫ ޖަހާލި ތަޝްކީލް އަނގައިން ބަހެއްވެސް ނުނިކުތެވެ. ލޮލުން ކަރު ފައިބުން ނޫން ކަމެއް ނުވިއެވެ. އަނގަ ހުޅުވުނު ނިކަތުގެ ކަރުން އަޑެއް އިވުނުހެން ހީވިއެވެ. މުއާޒް ވަޅި އެޅުވި ތަން ފޭވެގެން ދިޔުމާއެކު އިތުރަށް އެތަނުން ލޭ އަންނަން ފަށައިފިއެވެ. ދެން މުއާޒް ވަޅި އަތަށް ހެޔޮވަރު ކޮށްލަމުން ޖަހާލީ ކޮނޑު ކަށުގަނޑައެވެ. އެކުޑަ އަތުގައި ވަޅި އަޅުވާ ދަމާލި ހިސާބުން ފުރާނަ ހުރި ނަމަވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މުއާޒް ނިކަތުގެ އިސްތަށުގަނޑުން ދޫކޮށްލުމުން އެހުރިހާ ލޭތަކާއިއެކު ނިކަތުއަށް ނެގުނީ ދެފިޔަވަޅެއެވެ. ތަޝްކީލް އައިސް އެކުއްޖާ ގައި ބައްދާލަމުން އެމޫނަށް ބަލާލިއެވެ. އޭރު ނިކަތު މަރަށް ތެޅެނީއެވެ. ތިންފަހަރު ބޯ އެއްލުމުން ތަޝްކީލް ނިކަތުގެ ކަންފަތް ބުޑުގައި ޝަހާދަތް ކިޔާލަދިނެވެ. ހަތަރުވަނަ އެއްލުމާއެކު ނިކަތުގެ ބޯވެސް ފަހަތަށް ދިޔައެވެ. އެއާއެކު އެކުއްޖާގެ ކަރުން ލޭގަނޑު ފައިބަތީ ފެން ފައިބާ ހެނެވެ.
މުއާޒް މަޑުމަޑުން ހިނގަމުން އައިސް ތަޝްކީލްއާއި އަރައި ހަމަކުރިއިރު ތަޝްކީލް މޭމަތީގައި ނިކަތުގެ އޮތެވެ. ތަޝްކީލް ދެން އިތުރަށް ކުރާނެ ހިތްވަރެއް ނެތެވެ. މުއާޒް އެދިމާލަށް ތިރިވެ ހަބަރު ހުސްވާން ކައިރިވެފައިވާ ތަޝްކީލްގެ އަތުގައި ހިފައި ވަޅި އަޅުވާލީ މަހެއްގެ ބުރަކަށީގައި އަޅުވާހެންނެވެ. ތަޝްކީލްގެ ލޯ ސީދާވެފައި ހުރީ ކޮޓަރީގައި ހުރި އަލަމާރިއާއި ދިމާލަށެވެ، ތަޝްކީލް ގަދަކަމުންހީލިއެވެ. އޭނާގެ ރުކާޔަތަށް އެންމެ ފަހު ވަގުތު އޭނާގެ ހިތްވަރު އެލިފައިވާ މޫނެއް ނުދައްކާނެއެވެ. އެއް އަތުން އޭނާ ނިކަތުގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލަމުން އަނެއްކާވެސް އެދިމާލަށް ބަލައިލިއެވެ. ރުކާޔަތު އެތަނުން ބަލަން އިންކަން އޭނާއަށް ޔަޤީނެވެ. މުއާޒް ތަޝްކީލްގެ އަތް ވައްޓާލަމުން އެމޫނަށް ބަލާލިއެވެ.
“ކޮބާ ރުކާޔަތު؟…” މުއާޒް އެހެން ކިޔާފައި ހަޅޭއް ލަވައިގަނެއްޖެއެވެ.
“ރުކޫ… ރުކޫ… ރުކާޔަތު….” ރުކާޔަތު ބިރުން ފަހަތަށް ޖެހެލީ އޭނާއަށް މުއާޒް ގިވަން ފެށުމުންނެވެ. ފާރުގައި ޖެހުނު ރުކާޔަތު ވެއްޓިފައި އޮތް ތަޝްކީލްގެ މޫނަށް ބަލަމުން ދިޔައީ ތަޝްކީލް އަދިވެސް ހިނިތުން ވެގެން އޮތުމުންނެވެ.
“ރުކާޔަތު….”
“ނޫން ރުކޫ… ނޫން ދަރިފުޅު… މަންމަ ވަރަށް ލޯބި…..” ތަޝްކީލް ވާހަކަ ދައްކަ ދައްކައި ހުއްޓުނީ މުއާޒް އެނބުރި ތަޝްކީލްގެ ކަރުގައި ވަޅިން ޖެހުމުންނެވެ. ތަޝްކީލް ވަރަށް މަސައްކަތުން އޭނާގެ އެއްއަތް ނަގައި ނޭފަތުގައި ޝަހާދަ އިނގިލި ޖައްސާލިއެވެ. އޭރު ތަޝްކީލްގެ އަނގައިން ލޭފައިބައެވެ. އެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ކުރިމަތިން ފެނަން މަންޒަރު ދިޔައީ ފުސްވަމުންނެވެ. އެންމެ ފަހު ވަގުތުވެސް ތަޝްކީލް ބޯހޫރާލިއެވެ. ވަރަށް މަސައްކަތުންނެވެ. އެތެރޭގައި އިން ރުކާޔަތު ބޯޖަހައިލީ ނުނިކުންނާނަމޭ ބުނާފަދަ ގޮތަކަށެވެ. ތަޝްކީލް ހިނިތުންވުން މޫނުން ފިލައިގެން ދިޔައެވެ. ރުކާޔަތު ކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިންއިރު އެލޮލުން އެންމެ އިރުކޮޅަކަށްވެސް ފެން ނުހިކެއެވެ.
މުއާޒް އެތަނުން ތެދުވަމުން ދުރުގައި ހުރި އަލާމާރިން ހެދުމެއް ނަގަމުން އަތް ފުހެލިއެވެ. އަދި ސިޓިން ރޫމުގައި ހުރި ފާހާނައަށްވަދެ ފެން ވަރާލައިގެން ނިކުމެ މަޑު ޖެހިލީ ރުކާޔަތު މެންގެ ކޮޓަރީގެ ފާރުގައި ތަތްކޮށްފައިވާ ލޯގަނޑު ކައިރީގައެވެ. އެލޮލުން އޭރުވެސް ހިފެހެއްޓުމެއްނެތި ކަރުނައާދެއެވެ. މަޑުމަޑުން މުއާޒް މޫނު ފުހެލިއެވެ. އަދި ލޯގަނޑަށް ބަލާލަމުން ހީލިއެވެ. އަލަމާރިން ޝައްމޫންގެ ގަމީހެއް ލަމުން މުއާޒް ބޮޑަށް ހިނިތުން ވެލިއެވެ. އަދި އެތަނުން ނިކުމެގެން ހިނގައްޖެއެވެ. މުއާޒް ނިންމީ ފަހުން ރުކާޔަތު މާލެ ތެރެއިން ހޯދާށެވެ. މިވަގުތު ރުކާޔަތު ގޭގައި ނޫޅެނީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މުއާޒް ފުނާއަޅައިގެން ނިކުމެގެން ހިނގައްޖެއެވެ.
10 މާރޗް 2019
ގޭގައި ހުރި އަމްރު ދެކޮޅަށް ހިނގަ ހިނގައި ހުރީ ނިކަތު ގުޅުމުންނެވެ. އައްމާރު އޭރު ކައިރީގައި ހުރީ އަމްރު އަތުން ފައިން ގޯހެއް ހަދައި ފާނެތީއެވެ. އަމްރު ސޯފާގައި އިށީނދެ މަޑުމަޑުން އަނެއް ފަރާތަށް އެނބުރިލިއެވެ. މޫނުގައި އަތް ފިރުމާލަމުން އަމްރު ނާޒިންއަށް ގުޅާލިއެވެ. އަދި ނިކަތު ގެއަށް އައިސްފިތޯ އަހާލިއެވެ. ނާޒިން ވަގުތުން ނޫނެކޭ ބުނުމުން އަމްރު ހާސްވާ ގޮތްވިއެވެ. ނާޒިން ފޯނުން ބޭއްވުމުން އަމްރު ސާރާއަށް ގުޅާފައި ދެން ގުޅީ ނިޝާންއަށެވެ. ނިޝާން ފޯނު ނުނެގުމުން އަމްރު ފޯނު ކަނޑާލަމުން ސޯފާ މައްޗަށް އެއްލާލިއެވެ. ސޯފާ މަތީގައި އޮތް ފޯނު ރިންގް ވާން ފެށުމުން ކުއްލިއަކަށް އަމްރު ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.
“ކޮބާ ނިކޫ؟….” ނާޒިން އެހެން ބުނެލީ ހާސްވެފައެވެ. ކުއްލިއަކަށް އަމްރުވެސް ހާސްވިއެވެ.
“އަމް….އަހަރެން ނިކޫ…..” އަމްރު ވާހަކަ ދައްކަން ނުކެރުނެވެ. އަމްރު އަޑުއައީ ކެނޑި ކެނޑި ގެންނެވެ. ކުއްލިއަކަށް އޭނާއަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އިހްސާސްވިއެވެ.
“ނިކޫ އެބައިން ފާޑެއްގެ މެސެޖް އެއް ކޮށްފަ… ހަގަޑި ފަންސާސް ފަހެއްގަ….” ނާޒިން އެހެން ބުނެލުމުން އަމްރުގެ ނިތުގައި އިހުނަށްވުރެ ބޮޑަށް ދާހިތްލާލިއެވެ.
“ކޮން ކަހަލަ މެސެޖެއް….” އަމްރު ހާސްވެފައި އެހެން އަހާލިއިރު އޭޏާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
“ޓޭކް ކެއަރ އޮފް ޝަވާދިން….” ނާޒިން އެހެން ބުނެލީ ވަރަށް މަޑުންނެވެ. އޭނާ އަޑުގައި ހާސްކަމެއް ވިއެވެ.
“ކާކު ޝާވާދިންއަކީ….” އަމްރު އެހެން ބުނެލީ މިވާ ގޮތެއް ނޭނގި ހުރެއެވެ. އެކަހަލަ ނަމެއް ދުވަހަކުވެސް އޭނާ އަޑެއް ނާހައެވެ. އެކަމަކު އެއީ މަދުން ނޫނީ އަޑު ނީވޭ ކަހަލަ ނަމެކެވެ.
“އަހަރެންގެ ކޮއްކޮ…” ނާޒިން އެހެން ބުނުމުން އަމްރު ފޯނު ކަނޑާލިއެވެ. ކުއްލިއަކަށް ނިކަތު ބުނަން ބޭނުންވީ ކީކޭކަން އަމްރު ދެނެގަޔެވެ. އެދެމީހުންނަށް ލިބެން އެއުޅެނީ އަންހެން ކުއްޖެއް ހެއްޔެވެ.
“އަމްރު ކޮންތާކަށް ތިދަނީ…….” ގެއިން ނިކުތް އަމްރުގެ އަތުގައި ހިފާލަމުން އައްމާރު ބުނެލިއެވެ. އަމްރުހުރީ ކުރިއަށްވުރެ ބޮޑަށް ނިކަތުދެކެ ރުޅި އައިސްފައެވެ. އޭނާ ކައިރީގައި ނުބުނެ ދަރިފުޅުގެ ނަންވެސް އެހެން މީހުން ކައިރީގައި ބުނީއެވެ.
“ނިކޫ އޮފީހުގަހެން ހީވަނީ… ގެއަށްލާން މިދަނީ… ބެއްބެ އަންނާނަން….” އަމްރު އެހެން ބުނުމުން އައްމާރު ބޯ ޖަހާލިއެވެ. ދެމީހުން އެއްކޮށް ކާރަށް އަރައި އޮފީހާއި ދިމާލަށް މިސްރާބު ޖަހައިލިއެވެ.
އޮފީހަށް ވަދެގެން އައި އަމްރު ހާސްވީ މުޅި ތަނުން ކަރަންޓް ގޮސްފައި އޮތުމުންނެވެ. ފޯނުގެ ލައިޓް ޖައްސާލަމުން އައްމާރު ލައިޓް ބޯޑުތައް ޖައްސާލިއެވެ. ކުއްލިއަކަށް އޮފީހަށް އަލިވެގެން އައީ އެއްކޮށެވެ. އަމްރު އައިސް ލިފްޓް ޖައްސާލިއެވެ. ކަން ދިމާކުރި ގޮތުން ލިފްޓްވެސް އިނީ ގްރައުންޑް ފޮލޯރ ގައެވެ. ލިފްޓްގެ ދޮރު ހުޅުވިފައި ލެއްޕުނު އިރުވެސް އަމްރު އިނީ އައްމާރުއަށް ބަލާށެވެ. އޭރު އައްމާރު ދުރުން ހިނގާފައި އެދިމާލަށް އާދެއެވެ. އަމްރު އަނެއްކާވެސް ލިފްޓް ދޮރު ހުޅުވާ ފިތަށް ސިއްތާލިއެވެ. އެއާއެކު އޭނާ ގަނޑުވެގެން ދިޔައެވެ. ލިފްޓްގެ ކަނެއްގައި ބަނޑު ވަތަށް އޮތް ނިކަތު ފެނުމުން އަމްރުގެ ހަށީގައި ހޭހުރީ ކިރިޔާއެވެ. އައްމާރު އައިސް ވަގުތުން ނިކަތު އުއްޑުން ޖަހާލަމުން ނޭފަތު ކައިރީގައި އަތް ޖައްސާލިއެވެ. ނިކަތުގެ މޫނަށް އެޅިފައިވާ ލޭތަކަށް ބަލަން އަދިވެސް އަމްރުއަށް އިނދެވުނީއެވެ.
“އަމްރު… ވޭކް އަޕް… ކޯލް އެމްބިއުލައިންސް….” އައްމާރު އޭނާގެ އަތުގައި އޮތް ފޯނުން އެއްލައި ޖެހުމުން އަމްރު ތެޅިގަތެވެ.
“ނިކޫ….” އަމްރު އައިސް ނިކަތުގެ މޫނުގައި ހިފައި ތަޅުވައިލުމުން އައްމާރު އަވަހަށް ގުޅާލިއެވެ. އޭރު ނިކަތުގެ ހަށިގަނޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. ހޮސްޕިޓަލަށް ނިކަތު ވައްދަން ދެންވެސް އަމްރު ހުރީ އަނގައިން ބަހެއް ނުބުނެވިފައެވެ. އައްމާރު ނިތަށް ރޫގިނަވީ އޭނާގެ ހީވުން ރަނގަޅު ބާއޭ ހިތަށް އަރާފައެވެ. ނިޝާންގެ އާއިލާއަށް ނިކަތު ގެނައި ތަން ފެނުމުން އެދިމާލަށް ދުއްވައިގަތެވެ. އަމިއްލަ ދެލޯ ފަދައިން ބަލައި ބޮޑުކުރި ކުއްޖާ ފެނުމުން ނިޝާންއާއި ސާރާގެ ގައިން ވަރު ދޫވެއްޖެއެވެ.
“އައި ތިންކް ޝީ އިޒް ސިންކިން…. ހަރީ….” ދުރުން ދުވެފައި އައި ޑޮކްޓަރ އެހެން ބުނެފައި އެނދުމައްޗަށް އަރައި ނިކަތުއަށް ސީ.ޕީ.އާރް ދޭން ފަށައިފިއެވެ. ހުރިހައި މަންޒަރެއް ބަލަން އަމްރުއަށް ހުރެވުނީއެވެ. ނޭވާވެސް ނުލެވުނެވެ. ދުރުން ނަރުސް އައިސް ފޯރމްތަކެއް ދީފައި ދިއުމުން އެވެސް ފުރަން ޖެހުނީ ނާޒިން އާއެވެ.
“ކިހިނެއްވީ ނިކަތުއަށް؟…” ނިޝާންއައިސް އެހެން އަހާލީ އަމްރު ކައިރީގައެވެ،
“އަހަރެން މިއަހަނީ އަހަރެންގެ ނިކޫއަށް އެހެން ހެދީ ކާކުހޭ….” ނިޝާން އެހެން ކިޔާފައި ހަޅޭއް ލަވައި ގަތުމުން އަމްރު ބޯހޫރާލުއެވެ. އަމްރު އޭނާ ނިކަތު ވަރިކޮއްލި ވާހަކަ ބުނުމުން ނިޝާން އިތުރަށް ރުޅިއަންނަ ގޮތްވިއެވެ. ނިޝާން އަމްރުގެ އަނގަމަތީގައި ގޮށްމުށުން ޖަހާލިއެވެ.
“މިގަޑީގަ މުހިންމީ ނިކޫ… ތަޅައި އަރައިރުން ވުމެއް ނޫން….” އައްމާރު ރުޅި އައިސްފައި ނިޝާން ދުރަށް ލުމުން އެތަނަށް ދެޕޮލިހުންވެސް އައެވެ.
އެއްގަޑީރާއި ބައިވާން އުޅެނިކޮށް އޮޕަރޭޝަން ކޮޓަރިން ނަރުސް ކުއްޖާ ނިކުތީ ހުދު ފޮތިކޮޅަކަށް ކުއްޖާ ލައިގެންނެވެ. އެތަން ފެނުނު ވަގުތުން ތެދުވެގެން އެދިމާލަށް ހިނގައި ގަނެއްޖެއެވެ. ނިޝާނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކާފައަކަށް ވުމުގެ އުފަލަށްވުރެ ނިކަތު އެމީހުން ދޫކޮށްލާފައި ދިއުމުގެ ބިރު އޭނާއަށް ބޮޑެވެ. ނަރުސް އައިސް އަހާލީ ބައްޕައަކީ ކާކުތޯއެވެ. އަމްރު ވަގުތުން ދެއަތް ދިއްކޮށް ލުމުން އަވަހަށް އެއަތު ތެރެއަށް ކުއްޖާ ލައިފިއެވެ. އަމްރު އެކުޑަ މޫނަށް ބަލާލީ ލޯބިން ފުރިގެންވި ނަޒަރަކުންނެވެ. މުޅި ގައިގައި ލޯލިތަށް ހުރުމުން މާބޮޑަށް ކުއްޖާ ލޯބި ކަމަށް ދައްކައެވެ. އަމްރު ބަލަހައްޓައިގެން ހުއްޓައި ތުންކޮޅު އޫކޮށްލާފައި ލޯ ހުޅުވާލުމުން އަމްރު ހީލިއެވެ. ހަމައެއާއެކު ލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. ކުޑަކުޑަ ފެހި ކަޅިން އަމްރުއަށް ބަލާލަމުން ރޯން ފަށައިފިއެވެ. އެންމެނަށް ކުއްޖާ ރޮއެ ގަތްއިރު އެހެން ގޮތެއްހެން ހީވިއެވެ.
“އާރ ޔޫ އިން ޕެއިން ޝަވާދިން؟….” އަމްރު ދަރިފުޅުގެ ގަނޑުގައި އަތް ހާކާލީ ލޯބިންނެވެ. އަމްރު އެނަން ބުނުން ސާރާއާއި ނިޝާނަށް އެދިމާލަށް ބަލާލެވުނީ އެއްކޮށެވެ. ނިކަތުއަށް ލިބުނީ އަންހެން ކުއްޖެއްކަންވެސް އިނގުނީ ދެނެވެ. ހުރިހާ ކަމެއްގައި އެމީހުން ތިބީ މާބޮޑަށް ސިނކުޑި ބަރުވެފައެވެ.
“ނޭވާ ލުމުގެ މައްސަލައެއް އެބައުޅޭ ހެން ހީވަނީ…..” ނަރުސް ކުއްޖާ އަމްރު އަތުން ޝަވާދިން އަތުލަމުން ހިނގައިގަތީ އެތެރއަށެވެ. އިރުކޮޅަކުން ނިކަތުއާއި ކުއްޖާއާއި ދެމީހުން ނެރުނެވެ. ކުއްޖާ އޮތީ ފޮޓެއް ފާޑުގެ އެއްޗަކަށް ލައިފައެވެ. ނިކަތުގެ ލޯމެރިފައި އޮތް އިރު ނޭވާލާން އަނގައަށް ހޮޅިގުޅާފައި އޮތެވެ. އެމަންޒަރު ފެނުނު އަމްރު ހިތް ހުއްޓުނު ފަދައެވެ.
ނިކަތު އައި.ސީ.ޔޫއަށް ވެއްދުމާއެކު ސާރާ މޫނުގައި އަތް އަޅައި ރޯން ފެށިއެވެ. އަމްރު ހަރަކާތެއް ނުގެނެވިފައި ހުރީ ޑޮކްޓަރ ދެއްކި ވާހަކައިންނެވެ. ނިކަތު އެއްކޮށް ރަނގަޅުވާން މަސް ދެމަސް ވަރުވާނެ ވާހަކަ ބުނުމުން އަމްރު ލައިލައި ހުރި ނޭވާ އެތެރޭގައި ތާށިވިއެވެ. ޝަވާދިންވެސް ގެންދިޔައީ ކުޑަކުދިން ބާއްވާ ތަނަށެވެ. ނޭވާލާން އުނދަގޫވެފައި ހުރެފައި ޝަވާދިން ވިހެއީ ހަތް މަހުން ކަމަށް ވުމުން ބާއްވާނެ ވާހަކަ ބުނެލިއެވެ. މާތް ﷲގެ އިރާދަ ފުޅުން ޝަވާދިން ގައި ދެކިލޯ ފައްސަތޭކަ ހުއްޓެވެ. އެހެން ނޫންނަމަ ގިނަ ދުވަހު ބާއްވާނެއެވެ. ވާހަކަ ނުދައްކައި ހުރި އަމްރުއަށް އެތަށް ގޮތަކުން ވިސްނައިދޭން އައްމާރު މަސައްކަތް ކުރިއެވެ. ނަމަވެސް ދެން އޭނާއަށް ކުރެވުނު ކަމެއް އަނބުރާ ނުގެނެވޭނެއެވެ. ދެން އޭނާ ނިކަތުއާއި އިންނަން ޖެހޭނީ ނިކަތު ހޭއަރައި އެއްކޮށް ރަނގަޅު ވުމުންނެވެ. އއަނެއްކާ ނިކަތު ހޭއަރާނެ ބާވައެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު އަމްރު ހާސްވެއެވެ. ނިކަތުއަށް ގޮތެއް ވެއްޖެނަމަ ޝަވާދިންއަށް ވާނީ ކިހިނެއް ހެއްޔެވެ. ހުރިހާ ކަމެއް އެއްދުވަހެއްގައި ވާންޖެހޭ ހެއްޔެވެ. އޭނާގެ މަންމަ މަރުވި ހަބަރު ލިބުނުތާ މިއުޅެނީ ސައުވީސް ގަޑިއިރު ނުވެގެންނެވެ.
އަމްރު މަޑުކޮއްލައިގެން ހުރީ އައި.ސީ.ޔޫ ބޭރުގައެވެ. ދުރުން ހާސްވެފައި މުއާޒް އަންނަތަން ފެނުމުން އަމްރު ކޮޅަށް ތެދުވެލިއެވެ. އޭމުނުގައިވި ކަންބޮޑު ވުމުން އިތުރަށް އަމްރު ދެރަވިއެވެ. މުއާޒް އައިސް އަރައި ހަމަވުމުން އަމްރު ވަގުތުން މުއާޒްގެ ގައި ބައްދާލަމުން ވާނެ ގޮތެއް ނޭނގޭނެ ކަމަށް ބުނެލިއެވެ. ތަންކޮޅެއް ދުރުގައި އެމަންޒަރު ބަލަން އައްމާރު ހުއްޓެވެ. އަމްރު އެހެން ބުނެލުމުން މުއާޒް އަމްރުގެ ކޮނޑުގައި ފިރުމާލިއެވެ. ނަމަވެސް އެމޫނުގައިވީ ހިނިތުން ވުމެކެވެ. އެމޫނުން ނިކަތު މަރުވެދާނެތީ އެއްވެސް ވަރަކަށް ދެރަވާ ކަމެއް އައްމާރު އަކަށް ނުފެނުނެވެ.
“ބައްޕާ….. ކީއްވެ ތިހެނީ؟….” ކައިރިއަށް އައި އައްމާރު އެހެން ބުނުމުން މުޢާޒް އަވަހާއި އެދިމާލަށް ބަލާލިއެވެ.
“އަހަރެން ކާފައަކަށް ވީނު.. ކޮބާ ކުއްޖާ……….” މުއާޒް މޫނު މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައީ އައްމާރު ބަލަން ހުރި ގޮތުންނެވެ. އެއީ މީގެ ކުރިން އައްމާރު އޭނާއަށް ބެލި ގޮތެއް ނޫނެވެ.
“ޝަވާދިން… ނިކް ޔޫގަ….” އަމްރު އެހެން ބުނެލުމުން މުއާޒް ބުމަ އަރުވާލިއެވެ. މިހާ އަވަހަށް ނަން ކިއީ ހެއްޔެވެ.
“ޝަވާދިން… ކީއްވެ މިހާ އަވަހަށް ނަން ތިކިއީ… ފުރިހަމަ ނަމަކަށް ވިސްނިންތަ… ޝަވާދިން އެކަނި ތަ ކިޔަނީ އެހެންނާ….” މުއާޒް އެހެން ބުނެލުމުން އަމްރު ވިސްނާލިއެވެ.
“ޝަވާދިން ޝަޔަން އަމްރު…” އަމްރު އެހެން ބުނެފައި ބަލާލީ އައްމާރުއަށެވެ. އައްމާރު ވަގުތުން ބޯޖަހާލިއެވެ. އަމްރު ހިނގައިގަތީ ނިޝާންމެން ތިބި ދދިމާއަށެވެ. އޭނާ ދަރިފުޅުގެ ކަންތައް ނިންމާއިރު އެމީހުނަށްވެސް އެނގެން ޖެހޭނެ ނޫން ހެއްޔެވެ.
“ބައްޕަ ކޮންތާކު އުޅެފަ ތިއައީ؟….” އައްމާރު އިސް ޖަހާލައިގެން އެހެން ބުނެލިއިރު އެމޫނުން ލަދުވެތިކަން ވިއެވެ. އޭނާ އަހަން ބޭނުން ނޫން ނަމަވެސް އެވާހަކަ އެހުން މުހިންމުވިއެވެ.
ނުނިމޭ
6 Comments!
Comments are closed.
varah reethi mi part ves… migothah avahah up kohla dheebaa pls
me first avahah up kurahchey
Alhey roe roe goss halaaku vejje.. muaaz haadha nulafaey dhw… ekamu mi prt vec varah reethi… nikath n amru gulhuvahchey ingey.. waiting for the nxt prt..
i was stuck when i read the killing part..
Vvvv sali..
Next part avsas pls????????????????
alhe plx next part avas kohba can’t wait