އެނގުމެއްނެތި…12
“އަސްލު މިރޭ މިތަނަށް މި އައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެންނޭ.” ރާއިން ބުންޏެވެ. ކޮން ވާާހަކައެއްހޭ އަހައިލަން އަލީޝާ ނިތްއަރުވައިލިއެވެ. “އަލީޝާ މަށާ ރައްޓެހިވާނަންތަ؟” ރާއިންގެ ސުވާލުން އަލީޝާ އިރުކޮޅަކު މަޑުޖެހުނެވެ. އެ ޖުމުލަ އަޑުއިވުނު އީތަންގެ މޫނަށްވެސް އެރީ ހަމަ އެއް ކުލަވަރެކެވެ.
***************************
“ވިސްނާލާނަން…” އަލީޝާ ބުނިހާވެސް އެއްޗަކީ އެއީއެވެ. އަލީޝާގެ ޖަވާބުން އީތަންގެ މޫނުމަތި މިލައިފިއެވެ. އިންކާރުނުކުރީ ކީއްވެހެއްޔެވެ؟ އެ ސުވާލު އޭނާގެ ސިކުނޑީގައި އެނބުރުނެވެ. ހިތުތެރޭގައި ކެކެމުންދިޔައީ ދުވަހަކުވެސް އިހުސާސުކޮށްފައި ނުވާ އިހުސާސެކެވެ.
ޔޫސުފާއި ރާއިދާ ފިހާރަކޮށްލުމަށް މާލެ ދަތުރެއް ދިޔައީ އަލީޝާއާއި ގެ ބަލަހައްޓަން ހަވާލުކޮށްފައެވެ. މުޅި ގެ އެކީގައި ހިސާރުކޮށްލެވުމުން އަލީޝާ ހުރީ އުފާވެފައެވެ. މަންމަމެން ފުރި ރޭ ނޫން އަނެއް ރޭ ރައްޓެހިން ގެނަސްގެން ގޭގެ ސިޓީންގ ރޫމުގައި ޕާޓީ ބޭއްވިއެވެ. އޯލެވެލް ކައިރިވަމުން އައީތީ ފިލާވަޅު ދަސްކުރުމުގައި ބުރަވެފައިވާ ސިކުނޑިތަކަށް ލުއެއް ހޯދުމަށެވެ. ސްޕީކަރުން ލަވަ ޖަހައިގެން ވަށްބުރެއްގައި ތިބެ ހަތްކުދިން ކުޅެން ފެށީ ޓްރުތް އޯ ޑެއާއެވެ. މެދުގައި ފުޅި އަނބުރައިލިއިރު އެނބުރެމުންދިޔަ ފުޅިއަށް ބަލަން އެެންމެންވެސް ހިތާހިތުން ތިބީ މަށަށް ނުޖެހޭ މަށަށް ނުޖެހޭ ކިޔަންށެވެ. ފުޅި ހުއްޓުންއިރު މަތިގަނޑު ފަޅި ދިމާވެފައި އޮތީ މާޒިންއާއިއެވެ. ވަރަށް މަޖާވެފައި ޔުމްނާ ޓްރުތް އޯ ޑެއާރ އޭ އަހައިލިއެވެ. މާޒިން ނެގީ ޓްރުތްއެވެ. ޔުމްނާއާއި މާޒިން އެކަކު އަނެކަކާއި ހިތްކިޔާކަން އެެއީ އެތާ ތިބި އެއްވެސް އެކުވެރިއަކަށް އޮޅިފައިވާ ކަމެއް ނޫނެވެ. މި ފުރުސަތުގައި ދެ މީހުން ގުޅުވޭތޯ މަސައްކަތްކުރަން އެންމެންވެގެން ވަނީ ރާވާފައެވެ.
“މާޒިން ކުރީދުވަހު ބުނީމެންނު މަގޭ ކައިރީގަ ލައިކުވާ ކުއްޖެއް އުޅެއޭ. އުޅެނީ އަހަރުން ކުލާހުގައޭ. އެއީ ކާކު؟” ހަމްދާން ވަަރަށް މޮޅަށް، މާޒިންއަށް އިތުރު ބަހަނާއެއް ނެހެދޭނެެހެން ސުވާލު ރާވާލައިފައި އެއްސެވެ. މާޒިންއަށް އެންމެ ފުރަތަމައިނުންވެސް ޔުމްނާއަށް ބަލައިލެވުނު ގޮތުން ދެން ތިބި އެންމެންގެ ތުންފަތްތައް ދެ މިޔަކަނުން ހިއްލުނެވެ.
“މަ ލައިކުވަނީ… ޔުމްނާދެކެ.” ފުރުސަތެއް ލިބުމުން މާޒިން ގޮތްދޫކޮށްފައި ބުނެލިއެވެ. ޔުމްނާގެ ބައްތިރީސް ދަތް ދިލިއްޖެއެވެ. އުފާވިލެއް ބޮޑުކަން ފޮރުވަންވެގެން ޖެހުނީ އަނގަމަތީ އަތްއަޅާށެވެ. އެންމެން އެއްފަހަރައި ޔުމްނާއަށް ބަލައިލީ އޭނާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
“މަވެސް މާއިޒްދެކެ ލައިކުވޭ. މަށާ ރައްޓެހިވާނަންތަ؟” ޔުމްނާ އެއް ލޯ މަރައިލަމުން ފްލާޓީ ގޮތެއް ދައްކައިލިއެވެ. އެތަން ފެނިފައި މާޒިންގެ މޫނު އެކީ ރަތް އަރައިފިއެވެ. އަމިއްލައަށް ފްލާޓުގަނޑު ޖެއްސި ޔުމްނާގެ މޫނުވެސް ހީވަނީ ޓޮމާޓޯއެއްހެންނެވެ. ދެ މީހުންގެ ލޯބިކަން ފެނިފައި ހުރިހާ އެކުވެރިން ތިބީ މަޖާވެފައެވެ.
އެކުވެރި މާޒިންއާއި ޔުމްނާގެ ހަރަކާތްތަކަށް، ދަރިން އުފަލުގައި އުޅޭތީ އުފާވެފައި އިން މަންމައެއްހެން ބަލަން އިން އަލީޝާގެ ހަނދާނަށް އައީ ރާއިން އޭނާއަށް ހުށައެޅި ލޮއެއްބެވެ. އޭގެ ފަހުން ދެ ދުވަސްވީއިރު އޭނާއަށް ރާއިން ފެނިފައެއްނެތެވެ. ރާއިން ހުރީ އަދިވެސް އޭނާގެ ޖަވާބެއްގެ އިންތިޒާރުގައިކަން އަލީޝާއަށް އިނގެއެވެ. ދެ ފަޅިއަށް ބޯ ހޫރާލައިފައި އެ ވަގުތަށް އެކަން ހަނދާންނައްތައިލައި، އެކުވެރިންގެ މަޖަލުގައި ޝާމިލުވިއެވެ.
ދެ ވަނަބުރުގައި ފުޅި ހުއްޓުނީ ހުދާއާއި ދިމާއަށެވެ. ކަންތައް ފޯރިގަދަކުރުމަށް އެންމެ މޮޅު ހުދާ ނިންމީ ޑެއާރއެއް ހެދުމަށެވެ. ދެން ތިބި ދެ އަންހެންކުދިން މަޝްވަރާކޮށްލާފައި ހުދާއަށް ޖެއްސީ ލަވައެއް ކިޔަންށެވެ. ހުދާގެ މޫނު ވަގުތުން މިލައިފިއެވެ. އޭނާއަކީ ލަވަކިޔަން ދަންނަ ކުއްޖެއް ނޫންކަން އެންމެ ރަނގަޅަށް އިނގޭނީ އޭނާއަށެވެ. މީހަކު ރިކޯޑުކޮށްފާނެތީ ބިރުން އޭނާއަށް ފާހަނައިގައިވެސް ލަވަކިޔަން ނުކެރެއެވެ. ނަމަވެސް ފޯރިގަދަކުރުމަށްޓަކައި އެ ޑެއާއަށް ހުދާ އެއްބަސްވިއެވެ. ސްޕީކަރުން ލަވައެއްގެ މިއުޒިކް އެކަނި އަޅުވާލައިފައި ލަވަ ކިޔަންފެށިއެވެ. އެންމެ ފުރަތަމަ ޖުމުލައިންވެސް އެންމެން އެއްފަހަރައި ބަކަބަކައަޅާފައި ހޭންފެށިއެވެ. އަޑުގައި ރާގެއް ވަރެއް ނެތެވެ. ނަމަވެސް ހުދާ ވަރަށް ޖޯޝާއިއެކު ކިއެވެ. ހައި ނޯޓުތަކަށް ދަމާލާއިރު މެޓަލް ލަވަކިޔާ މީހުންހެން ލޯ ތަގުޅިކޮށްފައި އަނގަ ތަންމިނަށް ހުޅުވައިގެން ހަޅޭއްލަވައިގަންނައިރު ހީވަނީ މަރަށް ތެޅޭ ކުކުޅެއްހެންނެވެ. އެ ޖޯޝުގައި އޭނާ ލަވަ އެކީ ނިންމައިލިއެވެ. ސިއްރުން ވީޑިއޯކުރި ހަމްދާން އޭނާގެ ސްނެޕް ސްޓޯރީއަށް ލާންށޭ މިއުޅެނީ އެ ވީޑިއޯ ބުނުމުން ހުދާ އަޅައި އިތިކޮށް ހަމްދާން ފަހަތުން ދުއްވައިގަތީ ނޫނެކޭ ކިޔައި ހަޅޭއްލަވަމުންނެވެ. ނަމަވެސް ދުވެ ދުވެ ވަރުބަލިވުމުން ދެން ހެވޭ ކޮންމެ ތާކަށް ލިއަސް ކިޔާފައި ހުދާ އިށީނެވެ. ހުދާ އެހާ ފަސޭހައިން ގޮތްދޫކުރުމުން ފޫހިވެގެން ހަމްދާން އިށީނީ ދެން ނުލާނަމޭ، މަގޭ ގެލެރީގައި ލޯބިން ހަނދާނަކަށް ބައިންދާނީއޭ ކިޔާފައެވެ.
ވަށްބުރު މެދުގައި ތިންވަނަ ފަހަރަށް އަނބުރައިލެވުނު ފުޅީގެ މަތިގަނޑު ފަޅި ގޮސް ހުއްޓުނީ އަލީޝާއާއި ދިމާއަށެވެ. އަލީޝާވެސް ނެގީ ޑެއާރއެވެ. ހުދާގެ ތުންފަތްމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
“އަލީޝާ ހަމަ މިހާރު އީތަންއަށް ގުޅާފަ މިތަނަށް އަންނަން ބުނަންވީ.” އަލީޝާ ފިޔަވައި ހުރިހާ އެންމެންނަށް އެއްފަހަރާ އޯއޭ ކިޔާފައި ހަޅޭއްލަަވައިގަނެވުނީ، ހުދާގެ ޑެއާރ ސޮލިޑްކަމުންނެވެ. އަލީޝާ ނެތް ތާންގައި އަލީޝާއާއި އީތަން އަޅުވައިކިޔުން އެއީ އެ މީހުންގެ އާދައެކެވެ. އަލީޝާ ހުދާއަށްް އަސަރެއް ނެތް ނަޒަރެއް ހުއްޓައިލީ ހިތުތެރެއިން ގޮވުނުހާ ނުބައި އެއްޗެއް ގޮވަމުންނެވެ. ނަމަވެސް ފުން ނޭވާއެއް ވައިގެ ތެރެއަށް ދޫކޮށްލާފައި ފޯނު ނެގުމުން އެންމެނަށް ލިބުނީ ހައިރާންކަމެކެވެ. އަލީޝާ ވަގުތުން އިންކާރުކުރާނެކަމަށް ހީކޮށްގެން ތިބުމުންނެވެ. ފޯނު ނަގާފައި އީތަންގެ ނަންބަރަށް ގުޅައިލިއެވެ. ނަންބަރު ސޭވްކޮށްފައި އިނީ ޝައިތޯނު ޖަހާފައި ޑެވިލް އިމޯޖީއެއް ލާފައެވެ.
ފިލާވަޅު ދަސްކުރަން އިން އީތަންގެ ސަމާލުކަން ފޮތާއި ދުރަން އިހުތިޔާރަކާއި ނުލައި އިރުއިރުކޮޅާ ގެންދަނީ އޭނާގެ ސިކުނޑިއެވެ. ވިސްނެމުންދިޔައީ އަލީޝާއާއިމެދުއެވެ. ރާއިންއާއި އެކުގައި އަލީޝާ އުޅޭތަން ސިފަކޮށްލެވުމުންވެސް، ގޮތް ނޭންގޭ ސަބަބަކާއިހުރެ އީތަންގެ މޭގައި ކެކިގަންނަނީ އާދަޔާއިހިލާފު ރުޅިވެރިކަމެކެވެ. ގޮށްމުއްކަވައިގަތްފައި އެއްޗެއްގައި ތަޅައިގަންނަހިތްވެއެވެ. އެ ރުޅިވެރިކަމުގައި އެކުލެވިގެން ހިތާމަވެރި މާޔޫސްކަމެއްވެސް ވިއެވެ.
ފޯނު ރިންގުވުމުން ކޮންމެ މީހަކަސް ކަނޑައިލަން ނިންމައިގެން އުއްޑުންޖެހިއިރު އަލީޝާ ޖަހާފައި އިނުމުން ގަބޫލެއް ނުކުރެވުނެވެ. ތިން ފަހަރު ރިންގުވީއިރުވެސް އީތަންއަށް ބަލަހައްޓައިގެން އިނދެވުނެވެ.
“ހަލޯ؟” ފޯނު ނެގުމުން އަޑުއިވުނީ ހަމަ އަލީޝާގެ އަޑެވެ. އެހެން މީހަކު އޭނާގެ ނަންބަރުން ގުޅީކަމަށް ވެދާނެއޭވެސް އީތަންގެ ހިތަށްއެރިވިއްޔާއެވެ. އީތަންވެސް ހަލޯ ކިޔައިލިއެވެ.
“އޭތް އާދެބަލަ މަގޭ ގެއަށް. އަހަރުން މިއުޅެނީ ޕާޓީއެއް ބާއްވައިގެން މަންމަމެން ފުރީމަ. ހުދާ އެބައުޅޭ ކަލޭ ނެތީމަ ދެރަވެގެން.” އަލީޝާ ބުންޏެެވެ.
“މިހާރުތަ؟” އީތަން ހީވީ ވާހަކަގަނޑު ދިގުކުރަން އުޅޭހެންނެވެ. މާ ފަސޭހައިން ދާނަމޭ ބުނެފިއްޔާ އޭނާ ދާހިތްވި ވަރު އަލީޝާއަށް އިނގިދާނެތީއެވެ.
“އާނ ހަމަ މިހާރު. މާ ގިނަ ބަހަނާދައްކަން ނަހަދާތި. ކަލޭ ކުރާނެ އިތުރުކަމެއް ނޯންނާނެކަން މަށަށް އިނގޭ.” އަލީޝާ ބުންޏެވެ. އާނ މިދަނީއޭ ކިޔާފައި ފޯނު ބޭއްވިއިރު އީތަންގެ މޫނުމަތީ ވަނީ ފުޅާ ހިނިތުންވުމެކެވެ.
“ޕިސް ޕިސް… ތިއަށްވުރެ ރީއްޗަށް ނޭހުނީތަ ހަމަ؟” ހުދާ ބުންޏެވެ.
“އީތަންއަށް ގުޅާފަ ވަރަށް ލޯބިން އަންނާށޭ ބުނާށޭ ބުނެވުންނަަމަ މާ ސަޅިވީހޭ.” ޔުމްނާ ބުންޏެވެ.
“ނޫން އެއި ޕްލޭއެކޭ އެ މީހުންގެ. މީން ޕްލޭ.” ހަމްދާންގެ ޖޯކަށް އަލީޝާ ނޫން ހުރިހާ އެންމެން ހޭންފެެށިއެވެ. އެ ޖޯކުު މަޖާ ނޫނަސް، އީތަންއަށް ދައުއްވަތު ދެވުނީތީ ހިތްހަމަޖެހުނު ބައެއް އަލީޝާގެ ހިތުގައިވިއެވެ. ކިތަންމެ ނަފްރަތު ކުރާ ކުއްޖަކަސް، އޭނާ އައުމުން ޕާޓީތެރެ އިތުރަށް ފޯރިގަދަވާނެކަން އިނގޭތީއެވެ.
“ކޮބާ ކޮންކަހަލަ ޕާޓީއެއްތަ މީ؟” އީތަން ވަތް އަޑަށް އެންމެން އެއްފަަހަރައި ބަލައިލިއެވެ.
“ކަލޭ ބޭނުންކަހަލަ ޕާޓީއަކަށް ހެދިދާނެ. އާދޭ އާދޭ.” ހުދާ އެއްކައިރިއަކަށް ޖެހިލަމުން އޭނާއާއި އަލީޝާއާއި ދެމެދުން ތަން ދެއްކިއެވެ. ބަސްއަހާކުއްޖަކަށް ވުމުގެ ޕްރޮގްރާމް ފެށިފަހުން އީތަންއާއި އެކުވެރިނުވާ ކުއްޖަކު މުޅި ގްރޭޑުންވެސް މަދުކަމަށްވިތީ، އެތާ ތިބި ކުދިންނަށް އީތަން ބީރައްޓެއްސަކަށްނުވިއެވެ.
“ޓްރުތް އޯ ޑެއާރ ދޯ. ވަރަށް ޒަމާންްވެއްޖެ ނުކުޅޭތާ. އެކަމު ކަލޭމެންނެންނު… ޔަގީން ލަވައެއްކިޔައިލުން ކަހަލަ ފޫހިކަންތައްކަން ކުރާނީ.” އީތަން ދެފައި ވަށްކޮށް އިށީންްނަމުން ބުންޏެެވެ.
“ކަލެއަށް ދައުއްވަތު ދޭން ޑެއާރއެއްގަ އަލީޝާއަށް ޖެއްސީ މަށޭ.” ހުދާ ބުންޏެވެ.
“ތީތި ސަޅިއޭ. ކަލޭ ނެތްނަމަ މަ މިރޭ އޮންނަންޖެހޭނީ ފިލާވަޅު ދަސްނުވެެގެން ބޯ ގޮވާފަ.” އީތަން ހުދާއަށް ބުނެލިއެވެ. ފިލާވަޅު ދަސްނުވެގެންނޭ ބުނި ނަމަވެސް ހަގީގަތުގައި އޭނާގެ ބޯ ގޮވަމުންދިޔައީ އެހެން ކަމަކާއެވެ. މި ދަނޑިވަޅުގައި އަލީޝާއަށް ޖެއްސުމެއްކޮށްލައިގެން އެކަންތައް ހިނދުކޮޅަކަށް ނަމަވެސް ހަނދާންނައްތައިލެވޭތޯ މަސައްކަތްކުރުމަށް އީތަން ނިންމިއެވެ.
“އާނ، އަލީޝާގެ ޓްރުތް ދޯ… އެންމެ ފަހުން ރައްޓެހިވާން އެހީ ކާކު؟” އަލީޝާއަކީ އެތަކެއް ބައެއްގެ ފަރާތުން އެކަމަށް އެދެމުން އަންނަ ކުއްޖެއްކަން އިނގޭތީ ހުދާ އެހީ، ޝައުގުވެރި ޖަވާބެއް ލިބޭތޯއެވެ. ވަގުތުން އަލީޝާއާއި އީތަންގެ މިޖާޒު ހަރާބުވެއްޖެއެވެ. އެއީ އެ ދެ މީހުންވެސް ހަނދާންނައްތައިލަން ބޭނުންވެފައި ތިބި ކަންތަކެވެ. އެ ސުވާލު ކުރި ހުދާ އެހެން އެހީ، އެކަމުގެ ފަހުމެއްނެތިއެވެ.
“އަށެއްގަ އުޅޭ އިބްރާހިމް ކިޔާ ކުއްޖެއް.” އަލީޝާ ދޮގުހެދިއެވެ. އީތަން ކުރިމަތީ އެކަންތައް ބުނަން ބޭނުންނުވީތީއެވެ. އީތަންއަށް އިގޭކަން އަލީޝާއަކަށް ނޭންގެއެވެ. އަދި އީތަންގެ ހިތުގައި ހިނގަމުންދިޔަ ހާސަރުގަނޑު އަލީޝާއަށް އަންދާޒާވެސް ނުކުރެވެއެވެ. ނުވީތާކަށް ރާއިންއަކީ ކާކުކަން އެކުވެރިންނަށް ކިޔައިދޭންވެސް ޖެހޭނެއެވެ. އަދި ރާއިންއަކީ އީތަންގެ އާއިލާ ކުއްޖެއްކަން އިނގިއްޖިއްޔާ މާ ކަންތައް ބޮޑުވާނެއެވެ.
މައުލޫއު ބަަދަލުކޮށްލީ އީތަންއެވެ. ހަރާބުވެފައިވީ މޫޑު ބަދަލުކުރުމަށް އޭނާއަށް ޖެހުނު ސަކަރާތެއް ޖެއްސެވެ. އެންމެން ހީކުރި ގޮތާއި އެއްގޮތަށް އީތަން އައުމުން މާ މަޖާވިއެވެ. ޕިއްޒާ ފޮށިތައްވެސް އަރައިގެންދިޔަ ގޮތްވެސް ނޭންގުނެވެ.
ގަޑިން އެގާރަ ޖެހުމުން އެންމެ އެ މީހެއްގެ ގެއަށް ދާން ނުކުތެވެ. އަލީޝާ ނުކުތީ ދޮރުމައްޗަށެވެ. އެންމެ ފަހުން ނުކުންނަން އައި އީތަން އައިސް އަލީޝާ ކައިރީ ހުއްޓުނެވެ. އެހެން ކުދިން ދިޔަތޯ ރަނގަޅަށް ބަލައިލިއެވެ.
“މަށަށް އިނގޭ ރާއިން ކަލެއަށް ކޮންފެސްކުރިކަން.” އީތަންގެ ޖުމުލައިން އަލީޝާއަށް ލިބުނީ ހައިރާންކަމެލެވެ. “ކީކޭ ބުނަނީ ދެން؟ ރައްޓެހިވަނީތަ؟” އީތަން ވަރަށް ހަމަޖެލާފައި ދެ ޖީބަށް އަތްޖަހައިގެން ހުރެ އަހައިލިއެވެ.
“ނޭންގެ…” އިނގުނުގޮތެއްވެސް އެހުމަކާއި ނުލައި އިސްޖަހައިލައިގެން ހުރެ އަލީޝާ ބުންޏެވެ. އީތަން ހީކުރީ އަލީޝާ އޭނާއާއި ދިމާއަށް ‘ކަލެއަށް ކޮންކަމެއްހޭ’ އެކަހަލަ އެއްޗެއް ރުންކުރު ގޮތަކަށް ބުނެލާނެކަމަށެވެ. “ނޫނެކޭ ބުނަންވީ. އެކަމަކު މަ ބޭނުމެއް ނޫން އަހަރުން ދެމެދުގަ އޮޮތް އެކުވެރިކަން ބަދަލުވާކަށް. އަދި އަލަށް ގާތް ރައްޓެއްސެއް ކޮންފެސްކުރީ. އެހެންވެ ހަދާނެގޮތް ނޭންގިފަ މިހިރީ.” އަަލީޝާ އީތަންއާއި އެކުވެރިއެއްހެން ވާހަކަދެއްކީ އަލަށެވެ. ކީކޭ ހިތަށްއަަރައިގެން ކަމެއް ނޭންގެއެވެ. އެ ވަގުތުކޮޅަށް އޭނާގެ ހިތް އީތަންއަށް ހުޅުވައިލެވުނީ އަމިއްލަ އިހުތިޔާރަކާއި ނުލައެވެ. “ކަލެއަށް މާ ރަނގަޅަށް އިނގޭނެއެންނު ރާއިންގެ ގޮތް. ހީވޭތަ ރާއިން މަށާ ގުޅުން ކަނޑައިލާނެހެން ރިޖެކްޓްކޮށްފިއްޔާ؟” އިސް އުފުލައިލައިފައި އީތަންއަށް ބަލައިލަމުން އަލީޝާ އެއްސެވެ.
“ގުޅުން ކަނޑައިލާނެހެންނެއް ހިއެއްނުވޭ. އެކަމަކު ގާތް އެކުވެރިކަމެއް ބޭއްވޭނެހެންނެއްވެސް ހިއެއްނުވޭ. މަށަށް ޔަގީންވާ ކަމަކީ ކަލޭ އޭނަދެކެ ލައިކުނުވާއިރު އަމިއްލަ ނަފްސަށް އޮޅުވާލައިގެން ރައްޓެހިވާކަން އޭނަ ބޭނުމެއްނުވާނެކަން. އެހެންވީމަ ކަލޭ އޭނައާއި އެކަހަލަ ގުޅުމެއް ބާއްވަން ބޭނުންނުވަންޏާ ރީތިކޮށް ނޫނެކޭ ބުނީއާ އޭނައަށް ރަނގަޅުވާނީ.” ދުރު ބަލަހައްޓައިގެން ހުރެ އީތަން ދިނީ، ނުބައި މަގުސަދަކާއި ނުލައި އޭނާގެ ހަޔާތުގައި ދިން ފުރަތަމަ ހެޔޮ ނަސޭހަތް ކަންނޭންގެއެވެ. އަލީޝާ ބޯ ޖަހައިލިއެވެ. އީތަންގެ ޖަވާބުން އޭނާގެ ކަންބޮޑުވުމަށް ލުއެއްލިބުނެވެ.
ކުރިމައްޗަށް ބަލަހައްޓައިގެން ހުރެފައި އިތަން ހުރި ފަޅި ނޫން އަނެއްފަޅިއަށް ބަލައިލި އަލީޝާއަށް ކައިރީގައި އިން ބޮޑު، ކަޅު ބުޅާ ފެނުމާއިއެކު ދިޔައީ އެއްލިގެންނެވެ. ގަތް ބިރުން ފުންމައިގެން އަރައި އީތަންގެ ގައިގައި އޮޅުލައިގަނެވުނެވެ. ސަމާލުނުވެ ހުއްޓައި ގަޔަށް ޖެހުނު ކުއްލި ބަރުމިނުން އީތަންގޮސް އުއްޑުން ޖެހުނީ ކައިރީގައި ހުރި ޖޯއްޔަށެވެ. އެކީގައި އައި އަލީޝާ ވެއްޓުނީ އީތަންގެ ގައިމައްޗަށެެވެ. މަޑުމަޑު އެއްޗެއް ތުންފަތުގައި ޖެހިލި އިހުސާސް އީތަންއަށް ކުރެވުނެވެ. އަލީޝާގެ ބޮޑުވެފައިވީ ދެލޮލާއި އީތަންގެ ކަޅި ހަމަވީއިރު ދެ ތުންފަތް ވަނީ ގުޅިފައެވެ. ދެ ހިތުގެ ތެޅުން އަވަސްވާން ނެގީ އެެންމެ ހިނދުކޮޅެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.





varah varah salhi…haadha lahunney ekam up vani..!!
Thank melon keehkuraanee Saturday ga submit kurin ekamu maa lahun up vee can’t do anything bout that
Alhe wow haadha reehche, Maasha Allah… When is next part??
Thnx sharu nxt prt mianna week ga ingey
Wowww Alheyyyyy haadha Salhi Ey when next part? ???
Thank sis next prt mianna week ga
Vrh niceee..ahaha ethan ah vaa saabas..btw when iss next part? waiting as usual..hehe
Thnx next prt next week ga
Omg did they like each other ekam ekan gabool kuran beynun nuvanee kanneyge dhemeehunves anyways waiting for the upcoming part hope avaha up kuraane kamah cos i really wanna know what will happend next
It’s possible. Veehaaves avahakah up kohdheynan iraadhakureviyya inthizaaru kollachey
vv reethi masha Allah . when is next part
Thnx mianna week ga next part
Thnx nattu mianna week ga nxt prt
Olhigen dhefaharu fithunee?
Next part up kureveyne vaki dhuvaheh nubuneveny mihaaru submit koffa up vaane dhuvaheh kandaelhigen neyngeythee ingey I hope y’all will still wait for my story. vaguthu vejjiyya mi week ga ves liyeveytho balaanan. have a nice day?
Asl varah reethi mivaahaka.?..up vaaleh lasvaany
thnx. busy veema lasvanee
bunaa dhuvahah up nuvanee site ah up vaaleh las vaathee submit kuran baraabarah