އެނގުމެއްނެތި…11
“އިއްޔެ ކީ އެއްޗިއްސަކީ ތެދުހެން އަޅުގަނޑަށްވެސް ވަރަށް ހީވޭ. ތޫބާއަކީ އަޅުގަނޑުގެ ދަރިފުޅު އައިކާކަން މިހާރު ޔަގީނާ ގާތްވެއްޖެ…” ރާއިދާ ބުނެލި އެތިން އެތާ ތިބި އެންމެންގެ އަނގަ ހުޅުވިއްޖެއެވެ. ރާއިދާ ހިތް ބަލިވެގެން ބުނި އެއްޗެއްކަމަށް ޔޫސުފް އަވަހަށް އޭނާ ހުއްޓުވަން ދާން އުޅުނެވެ. ނަމަވެސް އޭނާ ހުއްޓުވީ އީތަންއެވެ. ރާއިދާ އޭނާގެ މާޒީގެ ހުރިހާ ވާހަކައެއް އެންމެން ކުރިމަތީ ބަންޑުންކޮށްލިއެވެ. ލަދެއް ނެތިގެންނެއް ނޫނެވެ. ދަރިފުޅު އަނބުރައި ބޭނުންވުން ފިޔަވައި އެހެން ކަމެއް އޭނާއަކަށް އެވަގުތު މުހިންމެއް ނުވިއެވެ.
ހަނީފުމެންނަށް އެ ތަނަށް އާދެވުނުއިރު ރާއިދާގެ ވާހަކަތައް ނިމެނީއެވެ. ރާއިދާ ދެއްކި ވާހަކަތައް އިނގުމުން ހަނީފުއަށާއި ހަމީދާއަށް، ދެން އެ މީހުނަށް ސަލާމަތެއް ނެތްކަން އިނގިއްޖެއެވެ. ހަމީދާ ހަބަރު ހުސްވެގެން ވެއްޓުމުން އެންމެން އެ ދިމާއަށް އެނބުރުނެވެ. ހަނީފު ހުރީ ގަބުވެފައެވެ. ހަމީދާ ހޭ އެރުމުން އެންމެން ތިބީ ހަނީފު މިކަމާއި ދޭތެރޭ ބުނާނެ އެއްޗަކަށް އިންތިޒާރުގައެވެ.
“އާނ… އެއީ ތެދެއް. ތޫބާއަކީ ޔޫސުފްއާއި ރާއިދާގެ ދަރިއެއް.” ހަނީފު ބުނެލިއެވެ. އޭނާ އެންމެ ފަހުން ނިންމީ ގޮތްދޫކުރަންށެވެ. އެއޮށްހާއިރު އެތާހުރި ތޫބާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. އޭނާ އެންމެ ދެރަވީ އެެންމެ އިތުބާރުކުރި ދެ މީހުން އޭނާއަށް އޮޅުވައިލީމައެވެ.
“އަހަރުމެން ދެމަފިރިންނަށް ދަރިއަކު ނުލިބޭ. އަހަރުމެން ތޫބާ އެޑޮޕްޓްކުރީ އާއިލާއެއް ނެތްކަމަށް. އަސްލު މައިންބަފައިން ދިރިހުރިކަން، އަދި އެއީ ކޮން ބައެއްކަން އިނގުނީ މާ ފަހުން. އެކަމަކު އަހަރުމެން ބޭނުމެެއްނުވި އަމިއްލަ ދަރިއެއްހެން ބަލައި ބޮޑުކުރި ދަރިފުޅު ދޫކޮށްލާކަށް. އަހަރުމެން ތޫބާދެކެ ވަރަށް ލޯބިވޭ. އެކަމަކު މިހާރު މި ވިސްނުނީ ދެން އަހަރުމެންނަކަށް ތޫބާއަށް ދަރިއެކޭ ކިޔުމުގެ ހައްގެއް ނޯންނާނެކަން. ބަޔަކަށް އެމީހުންގެ އުފަން ދަރި ފޮރުވައިގެން ގެންގުޅުވެނުުކަމުގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެ. ތޫބާ އަނބުރާ ގެންދޭ.” ހަނީފުގެ ކޯތާފަތް ތެމިއްޖެއެވެ. ތޫބާ އައިސް އޭނާ ގައިގައި ބައްދައިލިއެވެ. ހުރިހާ ކަމަކަށްފަހުވެސް ތޫބާ އޭނާ ބަލައިބޮޑުކުރި މައިންބަފައިންދެކެ ލޯބިވިއެވެ. ހަނީފު އިނީ ތޫބާގެ ގައިގައި ހިފަހައްޓައިލަންވެސް ލަދުންނެވެ. އެއްބައެއްގެ ހިތްތައް ރޮއްވައިލިއެވެ. އަނެއްބައެއްގެ ހިތުގައިވީ ހަނީފުމެން ކުރި ކުށަށް ނަފްރަތެވެ. ރާއިދާާމެންނަށް ވެވޭ ހަމްދަރްދީއެވެ.
މަންޒަރު ބަލަން ހުރި އީތަން ކައިރީ އައިސް ހުއްޓިލީ އަލީޝާއެވެ.
“މިކަހަލަ މެސްޑް އަޕް ގޮތްގޮތަށް ނޫނީ ކަލެއަކަށް ނޭންގޭތަ ކަމެއް ކުރާކަށް.” އަލީޝާ އަލުން އޭނާއާއި ވާހަކަދައްކާނެ ކަމަކަށް އީތަން ހީނުކުރެއެވެ. ނަމަވެސް އީތަންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ހިތުގައިވީ ބާގަނޑެއް ފުރުނު ކަހަލައެވެ.
“ތީ ކާކުބާ؟ މަ ނުދަންނަން ކަލެއެއް.” އީތަން ހިނިތުންވުން ހިންދައިލަމުން ލާނެއް ގޮތަކަށް ބުނެލިއެވެ.
“އެކަމަކު ޝުކުރިއްޔާާ.” އީތަންގެ ސަމާސާއަށް ބީރު ކަންފަތެއް ދީފައި އަލީޝާ ވައި އަޑަކުން ކިޔައިލިއެވެ.
“ކީކޭ؟ އަޑެއް ނީވުނު. އަދިއެއްފަހަރު ބުނެބަަލަ!” އީތަން އަޑުނީވޭކަމަށް ހަދާފައި އަލީޝާއަށް ޖެއްސުމަށް ބުންޏެވެ. އެއްޗެކޭ ނުބުނަމޭ ކިޔާފައި އަލީޝާ ހިނގައިގަތެވެ. އީތަން އުފާވެފައިހުރިވަރު އޭނާއަކަށް ނޭންގެއެވެ.
މަންމައަށް ރަށު ކުރިމަތީ އެ ޒާތުގެ ވާހަކައެއް ދައްކަން ޖެހުނީތީ އަލީޝާ ދެރަނުވަނީކީ ނޫނެވެ. ނަމަވެސް އެ ފާފައަށްފަހު ދެން ކުރެވުނު ކުށަށް އިއުތިރާފުވީތީ ހިތްހަމަޖެހުނެވެ. އައިކާއަށް އެފަދަ އަނިޔާއެއް ވެވުނުކަމަށް ރާއިދާ މާފަށްއެދުނީތީ އަލިީޝާ އުފާކުރިއެވެ. މަންމަ ކުރި ހިތްވަރަށް ފަހުރުވެރިވިއެވެ. އަދި ކޮންމެފަދަ ނުލަފާ ގޮތަކަށްވިޔަސް، އެކަންތައްު ވިޔަދިނުމުގައި އެންމެ ބޮޑު އެއް ރޯލެއް އަދާކުރި އީތަންއަށް ޝުކުރުވެރިވެވުނެވެ. އޭނާ ކަންތައް ކުރިގޮތަށް މާފުނުކުރެވުނަސްމެއެވެ.
އަލީޝާ ސްކޫލު ގޭޓުން ނުކުންނަތަން ފެނުމުން އިންތިޒާރުގައި ހުރި ރާއިން އަލީޝާއާއި ހިނގުން އެއްވަރުކޮށްލިއެވެ. އަލީޝާގެ ސަމާލުކަން ހޯދުމަށް ހައި ޖަހައިލިއެވެ. އަލީޝާވެސް ހައި ކިޔައިލިއެވެ.
“މީނަ މި އުޅެނީ އަނެއްކާ އަޅަައިގަނެގެންތަ؟” އަލީޝާގެ ހިތަށްއެރިއެވެ. އެ ހީކުރެވުނީ ރަނގަޅަށްކަމެއް އޭނާ ނުދެނަހުއްޓެވެ. ރާއިން ހާލުއަހުވާލު އަހައިލުމުން ހާލު ރަނގަޅޭ ބުނެ ޖަވާބުދިނެވެ.
“ތީ އަސްލު ކާކުތަ؟ މިރަށަށް އަލަށްތަ ތިއައީ؟” ރާއިން ބޭކާރުއަނގައެއް ތަޅަންފެށުމުގެ ކުރިން އަލީޝާ އިސްވެ ސުވާލުކުރިއެވެ. ރާއިން އޭނާގެ ތައާރަފެއްދިނެވެ. “އީތަންގެ ރިލޭޓިވްއެއްތަ؟” އަލީޝާ އީތަންގެ ނަންގަތުމުން ރާއިންއަކަށް މާ ކަމުނުުދިޔައެވެ. ކުރީ ދުވަހު އީތަންގެ މިޒާޖު ހުރިގޮތުން އޭނާއަށް އަދިވެސް ހީވެގެން އުޅެނީ އަލީޝާއާއި އީތަންއާއި ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށެވެ.
“އާނ. އީތަންއާއި ކަޒިންސް… އިއްޔެ އީތަން ކައިރީ އަލީޝާ ދަންނަންހޭ އެހީމަ ހީވީ ވަރަށް ރުޅިއަންނަ މީހެއްގެ ވާހަކަ ބުނެވުންހެން. އަނެއްކާ ބޮޑު ސްޓޯރީއެއްތަ؟” ސީދާ ސީދަލަށް ނުބުންޏަސް ރާއިން މަސައްކަތްކުރީ އޭނާގެ ޝައްކު ތެދުތޯ ބަލަންށެވެ. އަލީޝާއަށް ޖަހައިލެވުނީ ހިނިގަނޑެކެވެ.
“މަމީ އީތަންގެ އެކްސްއެއްބާއޭ ދޯ ހިތަށްއެރީ.” އަލީޝާގެ ތޫނުކަމުން ރާއިން ސިހުނެވެ. ސީދާ އޭނާގެ ހިތުގައި އޮތް އެތި ދެނެގަތީއެވެ. އަދި ޖެހިލުމެއްނެތި ބުނެވެސްލައިފިއެވެ. އަލީޝާގެ ކޮންމެ ބަހަކާއި ކޮންމެ ހަރަކާތަކުން ރާއިންގެ ހިތް ހައްތަހާ ލެނބެމުންދިޔައެވެ. “އެހެންނެއް ނޫން. އަހަރުން މީ ދުޝްމަނުން.”
“ދުޝްމަނުންްނޭ؟…” ރާއިން އަހައިލިއެވެ. އަލީޝާ ކުރުގޮތަކަށް އޭނާއާއި އީތަންގެ ވާހަކަ ކިޔައިދިނެވެ. ރާއިން އެ ކަންތައްގަނޑަށް ވަރަށް ޝައުގުވެރިވެއްޖެއެވެ. “މަ ވައްދަބަލަ އަލީޝާގެ ޓީމަށް. މަވެސް ބޭނުން އަލީޝާއާއި އެއްބައިވެގެން އީތަންއަށް ޖެއްސުންކުރަން.”
“މިހާރު އެކަންތައް ނިމިއްޖެއޭ. އެހެން ކަމަކާ ޓީމުހަދަން ޖެހިއްޖިއްޔާ އަންގާލާނަން.” ރާއިން ބުނީ އެތި މަޖާވެގެން އަލީޝާ ސަމާސާކޮށްލިއެވެ. ނަމަވެސް އެ ސަމާސާއިން ރާއިން އުފާވިވަަރު އަލީޝާއަކަށް ނޭންގެއެވެ. ކުރިން ވާހަކަދައްކާހިތް ނުވެގެން އުޅުނު ކުއްޖަކާއި އަޅައިބަލާފައި ފެނުނު އެކުވެރިކަމުން ރާއިންގެ ހިތްއުފާވެއްޖެއެވެ. އަލީޝާއާއި ގުޅުން ބަދަހިކުރުމަށް އޮތް އެދުން ހައްތަހާ ބޮޑުވިއެވެ.
“އޯކޭ މައްސަލައެއްނެތް.” ރާއިން ބުންޏެވެ. “އަލީޝާގެ ބިޓެއް ހުރޭތަ؟” ރާއިންގެ ސުވާލަށް ވަރަށް ހަމަޖެހިލާފައި ނޫނެކޭ ބުނަން އުޅެނިކޮށް މެދުކަނޑައިލީ ދެމެދަށް ވަދެގަތް އީތަންއެވެ.
“ކޮން ވާހަކައެއް ތި ދައްކަނީ؟” އީތަން އަހައިލީ ރާއިންގެ ފަހު ސުވާލު ނީވޭތީކީ ނޫނެވެ. އީތަން ދެމެދަށް ވަދެގަތް ގޮތުން ރާއިންއަށް ފާޑަކަށް އަނގަ އޮރިކޮށްލެވުނެވެ. އަލީޝާ ދޫކޮށްލި ފުން ނޭވާއިން ހީވީ ގައިގައި ހުރިހާ ހުރި އުފާވެރިކަމެއް ނުކުތްހެންނެވެ. އޭގެ ފަހުން އީތަން އަނގަތަޅާތީ ރާއިންއަށް ރަނގަޅަށް އަލީޝާާއާއި ވާހަކައެއް ނުދެއްކުނެވެ.
ބޭރަށް ދާން ދޮރު ހުޅުވައިލިއިރު ވަންނަން ނުކެރިފައި ދޮރުމަތީ ހުރި ތޫބާ ފެނިފައި ރާއިދާއަށް ލިބުނީ ސިހުމެކެވެ. ވަގުތުން ދާން އުޅުން ތަން ހަނދާން ނައްތާލާފައި ތޫބާ ގޮވައިގެން އެތެރެއަށް ވަނެވެ.
“ކޮބާ އަލީޝާ؟” ތޫބާއަށް ބުނެލެވުނުހާވެސް އެއްޗަކީ އެއީއެވެ.
“އަލީޝާ އެބައުޅޭ ކޮޓަރީގަ.” ރާއިދާ ޖަވާބުދިނެވެ. “ތޫބާ… ތޫބާ ބޭނުމީއާ އެ ގޭގަ އުޅުނަސް ނޫނީ މިގެއަށް އަޔަސް އެއްވެސް މައްސަލައެއްނެތް އިނގޭ. ތޫބާ ބޭނުންގޮތެއް.” އިރުކޮޅަކު ހަނުހުރުމަށްފަހު ރާއިދާ ބުނެލިއެވެ. “އަލީޝާގެ ކޮޓަރީގަ ތަން އޮންނާނެ މާ ބޮޑަށްވެސް.” ރާއިދާ ހީކޮށްގެން ހުރީ ތޫބާ އެ އާއިލާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ތޫބާ ރާއިދާއަށް ސީރިއަސް ގޮތަކަށް ބަލައިލިއެވެ.
“އަސްލު އެވާހަަކަ ދައްކަން މި އައީ.” ތޫބާ ބުންޏެވެ. އަލީޝާއަށް ކޮޓަރިން ނުކުމެވުނީ އެ ވަގުތުއެވެ. މާ ސީރިއަސް މޫޑެއްގައި ތޫބާމެން ތިބިތަން ފެނިފައި ވާނުވާ ބަލަން އޭނާ ކައިރިވެލިއެވެ. “ބައްޕަމެން އެ އުޅެނީ މާލެ ބަދަލުވާން. އަޅުގަނޑު… އަޅުގަނޑުވެސް ބޭނުންވަނީ އެއްކޮށް މާލެ ދާން.” ރާއިދާއާއި އަލީޝާ ތޫބާއަށް ބަަލައިލީ ސުވާލީ ނަޒަރަކުންނެވެ.
“ތީ އަސްލު އާއިލާކަން ގަބޫލު ނުކުރާތީކީ ނޫން. މިހާރު ގަބޫލު ކުރެވިއްޖެ. އެކަމަކު އަޅުގަނޑު އުޅެން ބޭނުންވަނީ މަންމައާއި ބައްޕައާއި އެއްކޮށް.” ތޫބާ މަންމައާއި ބައްޕަ އަދިވެސް ނިސްބަތްކުރީ ހަނީފުއަށާއި ހަމީދާއަށެވެ. “އެއްގޮތަކަށްވެސް މި އާއިލާއަށް އަންނަން ބޭނުންނުވާތީކީ ނޫން. އެކަމަކު މި ދަނޑިވަޅުގަ މަންމައާއި ބައްޕަ އެކަނި މާލެ ފޮނުވާކަށް ބޭނުމެއްނޫން. އެހެންވީމަ މާލެ ދާން މި އުޅެނީ. އެކަމަކު އިރާދަކުރެއްވިއްޔާ ކިޔަވައި ނިމިގެން އަންނާނަން އަނބުރައި މި ރަށަށް. މި އާއިލާ ކައިރިއަށް.”
“އާނ. ތީ ހަމަ އެންމެ ރަނގަޅު ގޮތް. ތޫބާ އަންނަންދެން އަހަރުމެން އިންތިޒާރުކުރާނަން. މި ގެއަށް ކޮންމެ ދުވަހަކު އަޔަސް ތޫބާއަށް އަހަރުމެން އުފަލުން މަރުހަބާކިޔާނަން.” ދަރިފުޅުގެ ހިތްހެޔޮކަން ފެނިފައި ރާއިދާގެ އުފާވެރިކަން ބަންޑުންވިއެވެ. އަލީޝާވެސް އޭނާގެ ކޮއްކޮއަށްޓަކައި ފަހުރުވެރިވިއެވެ.
އޭގެ ދެ ހަަފްތާފަހެވެ. ތޫބާ ފުރުވާފައި ގެއަށް މިސްރާބުޖެހި މަގުމަތީ އަލީޝާގެ ފޯނު ރިންގުވިއެވެ. އެއީ ރާއިންގެ ފޯނު ކޯލެކެވެ. ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ރާއިންއާއި އަލީޝާގެ ގުޅުންވަނީ ބަދަހިވެފައެވެ. ރާއިންއަކީ މީހުންނާއި ގުޅޭ، އެކުވެރި، މަޖާ ކުއްޖެއްކަމަށްވިތީ އަލީޝާއާއި އެކުވެރިކަން ބަދަހިވާން މާ އުނދަގުލެއްނުވިއެވެ. ކޮންމެ ދުވަހަކު އަލީޝާ ސްކޫލު ނިމޭގަޑީގައި ފަހަތުއަޅުވައިލުމުން ފެށި ރާއިން ވަނީ އަލީޝާއަށް ސަޔަށްވެސް ދައުއްވަތުދީފައެވެ. އެ ދުވަސްވެސްވީ ދެކުދިންގެ އެކުވެރިކަމަށް އިތުރުވި އާ ބޮޅަކަށެވެ.
“ހަލޯ.” އަލީޝާ ފޯނަށް ޖަވާބުދިނެވެ.
“މިރޭ ފްރީތަ؟ ހިނގާބަލަ ޑިނާރއަށް ހަސަންބެ ރެސްޓޯރެންޓަށް.” ރާއިންގެ އަޑުން ހީވީ ރަނގަޅު މާނައެއްގައި ހިތްއަވަސްވެފައި ހުރިހެންނެވެ.
“އެހާ އަވަހަށް ޕްރޮމޯޝަންއެއް ލިބުނީތަ؟” ރަށުގައި ހުރި އެންމެ ނަންހިނގާާ އެއް ރެސްޓޯރެންޓަށް ދައުއްވަތު ދިނުމުން އަލީޝާ ސަމާސާކޮށްލިއެވެ. ރާއިން އެރަށަށް އައި ގޮތަށް ވަނީ އިންޖީނުގެއިން ވަޒީފާއެއް ހޯދާފައެވެ.
“އާނ އެހެންކަމަށް ވިސްނާލާ. ދެން އަންނައްޗޭ އިނގޭ.” ރާއިން ބުންޏެވެ. އަލީޝާ އެއްބަސްވިއެވެ. ގޭގައި އަލީޝާއަށް އެންމެ ނުބައި ބަނބުކެޔޮ ރިހަ ކައްކާފައި ހުރީތީ، ރޭގަނޑު މީރު ކެއުމަކަށް އިންކާރުކުރާނެ ސަބަބެއް ނެތްވިއްޔާއެވެ.
ދެ ޖީބަށް އަތްޖަހައިގެން ހިނގާފައި ދިޔަ އީތަންއަށް ހަސަންބެ ރެސްޓޯރެންޓާއި ދިމާއަށް ބަލައިލެވުނީ ބަނޑުހައިވެފައި ހުރިވަރުންނެވެ. އެއޮށްވަރަށް ނަހަދައްޗޭ ބުނީމާވެސް މަންމަ ބަނބުކެޔޮލުގައި ކިރުގަރުދިޔަ ކެއްކީ ލިބިފައި އޮތް ބަނބުކެޔޮ ހަލާކުވެދާނެއޭ ކިޔާފައެވެ. ބަނބުކެޔޮލަށްވުރެ ނުބައި އެއްޗެއް އޭނާއަށް މުޅި ހަަޔާތުގައިވެސް ނުފެނެއެވެ. މީރު ކާއެއްޗަކަށް ބަލައިލައިގެން ހިތް ފުރައިލެވޭތޯ ބަލައިލި ނަމަވެސް އީތަންއަށް ފެނުނީ އެހެން މަންޒަރެކެވެ. އެކުގައި ކާން އަރައި ހެވިފައި ތިބި ރާއިންއާއި އަލީޝާއެވެ. ރެސްޓޯރެންޓުތެރެއަށް ވަދެ އެ ދެ ކުދިންނަށް ނުފެންނަ ގޮތަށް އިން ދިމާލެއްގައި އީތަންއަށް އިށީންދެވުނީ ބޭއިހްތިޔާރުގައެވެ. ކޮންމެވެސް ލަވައެއްގެ ވާހަކަ ދައްކަން އިންއިރު، އެހާ ގަޔާވެފައި މީހަކާ އަލީޝާ ވާހަކަދައްކާތަން އީތަން ދުވަހަކުވެސް ނުދެކެއެވެ. ރާއިންވެސް ދޭތެރެއަކުން ކޮމެންޓެއް ވައްޓައިލައެވެ. ހަމަ ހީވަނީ އެންމެ ކުޑައިރުންސުރެ ދަންނަ ދެ އެކުވެރިންހެންނެވެ.
“ކޮބާތޯ އޯޑަރަކީ؟” ވެއިޓަރަކު އައިސް އީތަންއާއި ވާހަކަދައްކަން ފެށުމުން އީތަންއަށް ދަތްކުނޑިވިކައިގަނެވުނެވެ. އަލީޝާމެންނަށް އޭނާ ފާހަގަވެދާނެތީއެވެ. އަވަސްއަވަހަށް ކަޅުސައެކޭ ކިޔާފައި ވެއިޓަރު މީހާ ފޮނުވައިލިއެވެ.
“އަސްލު މިރޭ މިތަނަށް މި އައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެންނޭ.” ރާއިން ބުންޏެވެ. ކޮން ވާާހަކައެއްހޭ އަހައިލަން އަލީޝާ ނިތްއަރުވައިލިއެވެ. “އަލީޝާ މަށާ ރައްޓެހިވާނަންތަ؟” ރާއިންގެ ސުވާލުން އަލީޝާ އިރުކޮޅަކު މަޑުޖެހުނެވެ. އެ ޖުމުލަ އަޑުއިވުނު އީތަންގެ މޫނަށްވެސް އެރީ ހަމަ އެއް ކުލަވަރެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.





Omg dhen kihineybaa vaanee aleesha proposal gabool kohfihyaa varah dhera cause eethan and aleesha make a perfect couple anyways waiting for the upcoming part
Let’s see dhw dhen vaagotheh
alhey v salhi mi part ves.. eethan aslu mihaar aleesha like vey kanneyge dhw..?!! btw waiting for next part<3
Thanks. Maybe he does let’s see dhw
Next part mianna saturday ga ingey iraadhakureviyya
mi part vx hama v reethi ur the best jinni lysm ??
Thanx nattu
Vaaaaau I just love it ingey???.. Aleeshaa yes ey bunefiyya eethan ah kihineh baa vaaani? ??? varah reethi mi story dhaa goh vx jinni ur the best of the best ????
Thnx sis s all thanks y’all’s support
Alheyyy haadha curious hisaabakun thi nimmaaly jinni ganduuu??????..Saturday ga dhw..mihaaru eethan alyshaa aa lyk vy kanneyge dhw..???➰➰➰?????❤❤❤Mi stry ge ending ga jiji beynun vany eethan n alysha ekyga fennan nd raain aa thoobaa..??????????????thats what I think ingey…KEEP GOING???↩↩????????❤?????????????
when’s next part?
Yeah why take so long jinni? ??