އެނގުމެއްނެތި…4
“އަލީޝާ ހާދަ ގޯހޭ…” ތޫބާ ކިޔައިލިިއެވެ. ހިތްކިޔާ ފިރިހެނަކު އެ ދޭތެރެއަށް ވަނުމުން، ރޯލް މޮޑެލްއަށް އަހަރުތަކެއް ވަންދެން ކުރަމުން އައި އިތުބާރު އެރީ ހަވަޔަށެވެ. “އީތަން…” މަޑުމަޑުން އެ ނަން ކިޔައިލިއިރު ތޫބާގެ ލޮލުގައިވީ ކަންބޮޑުވުމެވެ.
************************
ގާތުގައި އޮތް ފުރަތަމަ ޓާރމްގެ އެގްޒާމްއާއި، އަހަރު ނިމޭތާ އޮންނަ ވަރުގަދަ އޯލެވެލް އެގްޒާމްއަށް ނުވިސްނައި މުޅި ކުލާސްއެކީ ދަތުރުދާން އުޅޭތީ ޓީޗަރުން ކިތަންމެހާވެސް ދެކޮޅުހެދިއެވެ. ނަމަވެސް މަޖާކުރަން ނިންމައިގެން ތިބި ކުދިބައެއް ދައްކާނެ ބަހަނާތައް ހުސްވާނެހެއްޔެވެ؟ ޓެސްޓުގެ ކުރިން ހިތްހަމަޖައްސައިލަން ޖެހޭނެއޭ، އެހެންނޫނީ ބޯ ގޮވާނެއޭ ކިޔައިފައި، ދަތުރު ރާވައިލީ ވަރަށްވެސް ފުރިހަމައަށެވެ.
ހެނދުނު ހަތެއްޖެހިއިރު މުޅިއަކު ވިހި ކުދިންގެ ތެރެއިން އަށާރަކުދިން ތިބީ ބަނދަރުމަތީގައެވެ. ދަތުރު ރޭވުމުގައި ބޮޑަކަށް ހުރި ކުލާސް މޮނީޓަރު ހުދާ، މަދުވަނީ ކޮންބައެއްތޯ ބަލައިލިއެެވެ. ގަޑިއަށް ނާދެވިގެން އުޅޭ ނަވާރަވަނަ ކުއްޖާއާއި ވިހިވަނަ ކުއްޖަކީ އަލީޝާއާއި އީތަންއެވެ. އެ ދެމީހުންނަށް ނާދެވެނީތޯ އަހައިލަން ފޯނުކުރަން އުޅެނިކޮށް މާ ދުރުން ދެ ބައިސްކަލު އަންނަތަން ފެނިއްޖެއެވެ.
ދެ ގޯޅިން ނުކުމެ ބަނދަރު މަގަށް އީތަންއަށާއި އަލީޝާއަށް އެޅުނީ އެކުއެކީގައެވެ. ދެ މީހުންގެ ދެމެދުގައި ބަހެއް ބަދަލުވުމެއްނެތި ފޯރިގަދަ ބައިސްކަލު ރޭހަކަށް ބަދަލުވެއްޖެއެވެ. އެކަަކު އަނެކަކަށްވުރެ ބާރަށް ދެވޭތޯ ދުވެލި ބާރުކުރަމުންގޮސް ދޯނިކުރިމަތީ ތިބި ކުލާސްކުދިން ފަހަނައަޅައި ދެވުނުއިރުވެސް ނޭންގުނެވެ. ގާތްގަނޑަކަށް މަގު ނިމޭހާ ހިސާބުން ވަރުބަލިވެގެން ދެ މީހުން ބައިސްކަލު ހުއްޓައިލިއެވެ. މާ ނޭވާލާލައިފައި ދެ މީހުންގެ ނަޒަރު ބައްދަލުވީހިނދު އީތަން ތުންދަމާލާފައި އަނެއްފަޅިއަށް އެނބުރުނެވެ. އަލީޝާވެސް ކަޅި އަނބުރައިލަައިފައި ދޯންޏާއި ދިމާއަށް މަޑުމަޑުން ދުއްވައިލިއެވެ.
ދޯންޏަށް އަރަން ކައްޕި ގޮވައިލުމުން، އިތަންމެނަށް ބަލަން ވާނުވާގައި ހުރި ހުދާ ބޯ ހަލުވާލާފައި އިސްވެ ދޯންޏަށް އެރިއެވެ. ފަހަތުން އެހެންކުދިންވެސް އެރިއެވެ. އެންމެ ފަހުން އެރުނު އަލީޝާއަށާއި އީތަންއަށް ޖެހުނީ ޖެހި ފިތިގެން، ސީޓުގައި ހުސްކޮށް ބާކީ ހުރި ޖާގައިގައި އިށީންނަންށެވެ. ބާރު އިންޖީނުގެ އަޑާއިއެކު ދޯނި ދުއްވައިލީ ކައިރީގައި އޮތް ފަޅުރަށާއި ދިމާއަށެވެ.
ދިހަ މިނެޓުގެ ދަތުރު ތެރޭގައިވެސް މަޑުން ނުތިބެވުނު ބަޔަކު ފޯރީގައި ލަވަ ބާޒީ ކުޅުނެވެ. ބައިވެރިނުވި ކުދިން ލުއި ކާނާ ހަފަމުން، ލަވަކީ ކުދިންނަށް ހަޖޫޖެހުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ. އެންމެ ހިނދުކޮޅަކަށްވެސް ސަކަރާތުގެ އަޑު ކެނޑިގެންނުދާ ދޯނިތެރޭގައި އީތަންއާއި އަލީޝާގެ ދެމެދުގައި ހިނގަމުންދިޔައީ އަޑުމަޑު، އެހެނަސް ހޫނު ހަނގުރާމައެކެވެ. ސީޓުގެ ބޮޑުބައި ހޯދުމަށް އެކަކުއަނެކަކު ގައިގައި ޖެހިގަނެ ކޮއްޕަމުންދިޔައެވެ. އެކަކުވެސް އިނީ ދޫ ދޭ ހިޔާލަކު ނޫނެވެ. ދޯނި ރަށު ގޮނޑުދޮށަށް ބީއްސާލަންދެން ވަރުބަލިކަމެއްނެތި އެ ހަނގުރާމަ ކުރިއަށްގެންދިޔައެވެ. އެއޮށްހާއިރު އެ ދެމީހުންނަށް ކަޅިއަޅައިގެން ކަނެއްގައި ތޫބާ އިންކަން ރޭކާނުލައެވެ.
އެންމެ ފުރަތަމަ ދޯނިން ފުންމައިލީ އީތަންއެވެ. ރަށު ތެރެއަށް ހިނގައިގަތުމާއިއެކު އެހެންޏާ ކޮންމެ އަހަރަކު އެކުގައި ދަތުރުދާ ދެ އެކުވެރިން ނެތްކަމުގެ ފަޅުކަން އޭނާއަށް އިހުސާސުވިއެވެ. މި އަހަރު ޖިނާހުއާއި ރާފިއު އުޅެނީ އެހެން ކުލާހެއްގަވިއްޔާއެވެ. ނަމަވެސް ދެ ފަޅިއަށް ބޯ ހަލުވައިލުމަށްފަހު އަލީޝާ އުޅޭނެކަން އޭނާ އަމިއްލަނަފްސަށް ތަަކުރާރުކޮށްލިއެވެ.
“ކޮން ލަނޑެއްބާާ ދޭންވީ އޭނައަށް…” އީތަން ހިތާއިހިތުން ކިޔައިލިއެވެ.
“މިހާރު މިރަށުން އެއްޗެހި ފެނެޔޯ އިނގޭތަ؟ ކުރީ ދުވަހަކު މި ދިމާއަށް މަސްބާނަން އައިއްސަ އިރުއޮއްސުނު ފަހުން މި ރަށަށް އެރި އަލިބެއަށް ފެނުނޯ ކަޅު ހިޔަނިތަކެއް ނަށަނިކޮށް.” އަލީޝާގެ އެކުވެރިއަކު އައިސް އަލީޝާގެ ކަންފަތްބުޑުގައި ކިޔަންފެށިއެވެ.
“އޭތް! މޮޔަ ވާހަކަ ނުދައްކާ! ތި… ތި ވާނީ ގަހެއްގެ ގޮފިތަކެއް ވަޔާ ހެލެނިކޮށް ފެނުނީކަމަށް.” އަލީޝާ އަނގަ ޗޭކޮށްލާފައި ބިރުނުގަންނަކަމަށް ހަދަމުުން ބުންޏެވެ. “އާއާއާއާ!!!” ފަހަތުން އައި ހުދާ، ޖެއްސުމަށް އަލީޝާގެ ކަރުގައި ހިކި ފަތެއް ހާކައިލުމުން ސިހިފައި ހަޅޭއްލަވަައިގަތް އަލީޝާ އެއެއް މިއެއް ނުބަލައި ހުދާ ގައިގައި ތަޅައިގަތެވެ. ހުދާއަށާއި ދެން ހުރި އެކުވެރިޔާއަށް އެއްފަހަރާ ހޭންފެށުނެވެ. އަލީޝާގެ މޫނު ހުރީ ރުޅިން ރަތްއަރާފައެވެ. އެތަން ބަލަން ހުރި އީތަންއަށް ހީވީ ޖަވާހިރެއް ފެނުނުހެންނެވެ.
“ހްމްމްމް… އެ އަލީޝާ؟… ޖި…ޖި… ހަހަހަ… ޖިންނިދެކެ ބިރުގަނެއޭ؟” އީތަންއަށް ހިނިގަނޑު ހިފަހައްޓައިލެވުނީ ކިރިޔާއެވެ. މިފަދަ މުހިންމު މައުލޫމާތެއް ލިބުމުން އީތަންއަކަށް މަޑަކުން ނުހުރެވޭނެކަން ޔަގީނެވެ.
އާންމުކޮށް އަންނަ ރަށެއްކަމުން ރަށުތެރޭ ހިނގާކަށް އެކުދިންނަކަށް މާ އުނދަގުލެއްނުވިއެވެ. ހުސްކޮށް އޮތް ހިސާބެއް ހޯދާފައި ހަތަރު ޓެންޓު އެޅިއެވެ. ކޮންމެ ފަސް ކުއްޖަކަށް ޓެންޓެއްގައި އޮވެވޭ ގޮތަށެވެ. އެ ކުދިން ދަތުރު އައީ ދެ ދުވަހަށް ކަމުން އެއް ރޭ ނިދަންވެސް ޖެހޭތީއެވެ. ޓެންޓު އަޅާ ނިމުމުން ދެން ގިނަ ކުދިން ދިޔައީ މޫދަށް އެރޭށެވެ. ބައެއް ކުދިން ހަވީރުއޭ މޫދަށް އެރޭނީ ކިޔާފައި ޓެންޓުގައި ތާސްކުޅެން މަޑުކުރިއެވެ.
ޓެންޓުތެރޭގައި ފޯނާއި ކުޅެން އިން ތޫބާއަށް ކުދިންތަކެއް މޫދަށް ދިޔަކަން އިނގުނީ މާ ފަހުންނެވެ. އޭނާ އިން ޓެންޓުގައި ތިބި ކުދިންކޮޅު މަޑުކޮށްގެން ތިބީތީއެވެ. އަލީޝާއާއި އީތަން މޫދަށް ދިޔަކަން އިނގުމުން ތޫބާގެ ހިތަށް ވަނީ ބިރުވެރިކަމެކެވެ. ހިތަށް އަރުވަން ބޭނުންނުވާ އެތަކެއް ކަމެއް ހިތުތެރެއަށް ވަދެ ފައިބައިފިއެވެ. ހެޔޮމަގަކަށް ރުޖޫއަވާން މަސައްކަތްކުރަމުންދިޔަ އީތަން، ތޫބާއަށް ފެނުނީ އެހީއަށް ބޭނުންވެފައިވާ ކުއްޖެއްގެ ސިފައިގައެވެ. ދާނެ ދިމާއެއް ނޭންގޭތީ ވިސްނާލާފައި ތޫބާ މިސްރާބުޖެހީ އުތުރުކޮޅަށެވެ. މޫދަށްް އެރެން ދާނީ ރަށަށް އެރިކޮޅު ނޫން އަނެއްކޮޅަށްކަމަށް ލަފާކޮށެވެ. އޭނާ މިރަށަށް އައި އާއިލާއާއި އެކުގައި އެންމެ ފަހަރަކު ކަމުގައިވީ ނަމަވެސް ޓެންޓުގައި ތިބި ކުދިންގެ ތެރެއިން ކުއްޖަކާ ވާހަކަދައްކަން ނުކެރޭތީ އެހީއަަކަށް އެދޭކަށްވެސް ނުކެރުނެވެ. މުޅި ހަޔާތުގައިވެސް އާއިލާއާއި އެކީގައި ނޫނީ މިފަދަ ދަތުރެއް އޭނާ އައި މީ ފުރަތަމަ ފަހަރެވެ. މިފަހަރު އައުމުގެ ހަމައެކަނި މަގުސަދަކީވެސް އީތަންއެވެ.
މޫދަށް އެރުނުގޮތަށް ކުދިންތައް ގުރޫޕު ހަދާފައި އެކި މަސައްކަތައިގެން މަޝްއޫލުވެއްޖެއެވެ. މޫދަށް ފުންމައިލި އިތަންއާއި އަލީޝާގެ ދެމެދުގައި ފަތާ ރޭސް ފެށުނީ ސުވާލެއް ނެތިއެވެ. އީތަންއަކީ ކުޑައިރުންސުރެ މޫދުގައި އުޅެބޮޑުވި ކުއްޖެކޭ ބުނުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އޭނާގެ ގަދަ ޗޮކުލެޓުކުލައަށް އަނދާފައިވާ ހަންގަނޑު އެކަމަށް ހެކިދެއެވެ. އަލީޝާއަކީ ގައުމީ ފެންވަރުގައި ފެތުމުން ވަނަ ވަނަ ހާސިލްކުރަމުން އައި ކުއްޖެކެވެ.
“މި ދެމީހުން ހާދަ ވާދަވެރިއޭ ދޯ. އީތަން ބުނިހެން ހަމަ އަސްލުވެސް ބުރޯސް ކަންނެދޯ މިހާރު.” ހުދާ ބުންޏެވެ. “ޖައްސާލައިގެން އުޅޭ ދެމީހުންހެންވެސް ހީވޭދޯ…” އެ ދެމީހުންގެ ގުޅުމަށް ނަމެއް ދޭން ނޭންގިފައި އަލީޝާގެ އެކުވެރިން ތިއްބެވެ.
ކުރިއަށް ދެވޭ ވަރަކަށް ގަސް ބޯވަމުންދިޔައީތީ ތޫބާ އުޅެންޖެހުނީ ވަރަށް ހާލުންނެވެ. ގަސްތަކުގެ ގޮފިތަށް އެއްފަރާތްކުރަމުންގޮސް ކުއްލިއަކަށް ހުސް ދިމާއަކަށް ނުކުމެވުމުން ތޫބާ ވެލިގަނޑުމައްޗަށް ވެއްޓުނެވެ. ތެދުވެ ގައި ފޮޅާލާފައި ކުރިމައްޗަށް ބަލައިލިއިރު އެތާ ހުރީ ކުޑަވަރެއްގެ ފަޅު ގެއެކެވެ. ދޮރުވެސް ލައްޕާފައި ހުރުމުން އެތެރެ ބަލާލުމަކާއި ނުލައި، ކޮށާފައި އޮތް ހަނި މަގަކުން ހިނގައިގަތެވެ. މާ ގިނައިރެއް ނުވެ ގޮނޑުދޮށަށް ނުކުމެވިއްޖެއެވެ. ކުލާސްކުދިންގެ ސަކަރާތުގެ އަޑު އިވެން ހެދުމުން އޭނާ ހިތްހަމަޖެހުނެވެ. ނަމަވެސް އެކުދިން ތިބީ ތަންކޮޅެއް ދުރުގައެވެ. އެ ހިސާބަށްގޮސް ބަލައިލިއިރު އެ ދިމާއަށް ޓެންޓު އެޅި ހިސާބުކައިރިން ސީދަލަށް ނުކުމެވެން އުސް ފަސްގަނޑެއް އޮތެވެ. އޭނާއަށް ރަނގަޅަށް ބަލައިނުލައި ދެވުނީ ވަލުތެރެއިން މާ ދުރުދުރުންލާފައެވެ. ކުރެވުނު ބޭކާރު މަސައްކަތުން ވަރުބަލިވެގެން ތޫބާ ވެލިގަނޑުމަތީ، ކުދިން ފައިވާންތައް ބަހައްޓާފައި ހުރި ތަނުގައި އިށީންދެލިއެވެ.
“އެ އުސް ތަންކޮޅުން ދޯ ކުރީ ފަހަރު ކުންނާރު ކަށި ހެރުނީ ފަޔަށް.” އާއިލާއާއި އެކީގައި އައި ފަހަރު ދިމާވިކަމެއްގެ މަތިން ތޫބާ ހަނދާންވިއެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވިހެން ލޯ ކުޑަކޮށްފައި މޫދުގައި އުޅުން ކުދިންތަކަށް ބަލަންފެށީ އީތަންއާއި އަލީޝާ ފެނޭތޯއެވެ. ކަނޑު ފެށޭ ހިސާބުން އެ ދެކުދިން ބޯ ހިއްލައިލިތަން ފެނުމުން ތޫބާ ނުތަނަވަސްވިއެވެ.
“އެހާ އެކޮޅުގަ އެތިބީ ކީއްވެ؟” ތޫބާގެ ހިތަށްއެރިއެވެ. އަލީޝާއަކީ މޮޅު ފެތުންތެރިއެއްކަން އޭނާއަށް އިނގެއެވެ. ކަންބޮނޑުވީ އީތަންއާާއިމެދުއެވެ.
“ހަަހަހަ މަ މޮޅުވީ!” އީތަން މަލާމާތުގެ ރާގަކަށް އަލީޝާއާއި ދިމާއަށް ބުނެލިއެވެ.
“ކޯޗެކޭ ކިޔާކަށް؟ ވަރުބަލިވެގެން ފެތުން ހުއްޓައިލީ ކަަލެއެންނު. ކިތަށް ކޯވަރު ލޮނުބޮވުންބާ؟” އަލީޝާވެސް އަޑު ދަމައިލަމުން ބުނެލިއެވެ. ހިނދުކޮޅަަކަށް މަޑުމައިތިރިވުމަށްފަހު ކުއްލިއަކަށް އީތަން ފެނު އަޑިއަށް އަތް ބޭނުމަށްފަހު އަލީޝާގެ ބަނޑުގައި ގިލިގިލިކޮށްޓައިގަތެވެ. ހީލިކަރުވައިގަތް އަލީޝާ އެއެއްމިއެއް ނުބަލައި ތެޅިގަތެވެ. އިސްކޮޅުނުޖެހޭ ހިސާބެއްކަމުން ކަރު އަޑިއަށްގޮސް އަނގަފުރާ ލޮނު ކޮވަރެއް ބޮވުނެވެ.
“މިހާރު ކާކުބާ ތި ލޮނު ބޮނީ؟ މީރުތަ؟” އީތަން ބުންޏެވެ. މަޖާވެފައި ހުރި އީތަން، އަވަސްއަރުވާލާފައި ފަަތައިގަތީ، ހަމަޖެހިލެވުން އަލީޝާ އޭނާ ފަހަތުން އަންނާނެކަން އިނގޭތީއެވެ. އަލީޝާ ވަރަށް ހުޝިޔާރުކަމާއިއެކު އީތަންގެ ކުރިއަށް ހުރަސްވެ ފެތުން ހުއްޓުވުމަށްފަހު އީތަންގެ ބޯ އެއްއަތުން ހިފައި އަޑިއަށް ގަންބައިލިއެވެ.
އެއްގަމުގައި އިން ތޫބާއަށް ފުންމައިގެން ތެދުވެވުނީ އަލީޝާ އީތަންގެ ބޮލުގައި އަޅައި އަޑިއަށް ގަންބާތަން ފެނުމުންނެވެ.
“މީހެކޭ! އީތަން! އަލީޝާ އެއޮށް އީތަން މަރާލަނީ!” ހިތުތެރެއިން ހަޅޭއްލަވައިގަނެވުނު ނަމަވެސް ތޫބާގެ އަނގަައިން އަޑެއް ނުނިކުތެވެ. މިނެޓެއްވެސް ނުވެ އަލީޝާ އަތްދޫކޮށްލުމުން އީތަން ބޮޑު ނޭވާާއެއް ލަމުން ބޯ ހިއްލައިލިއެވެ. ނަމަވެސް ތޫބާއަށް ހީވީ އީތަން އަލިޝާގެ ކިބައިން އަމިއްލައަށް ސަލާމަތްވެގަތްހެނެވެ. ގައިގައި ހުރިބާރެއްލާފައި އީތަން އެއްގަމާއި ދިމާއަށް ފަތައިގަތުމުން ހެވިފައިހުރި އަލީޝާ ފަހަތުއަޅުވާކަށް ނޫޅުނެވެ. އަވަހަށް އޭނަގެ ކިބައިން ސަލާމަތްވާށޭ ތޫބާ ހިތުތެރެއިން ގޮވަމުންދިޔައެވެ. އަލީޝާ އީތަންއާއި ދުރުން ފަތައިގަތުމުން ތޫބާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް މުޅިން އޭނާގެ ހިތްހަމައެއް ނުޖެހުނެވެ.
“މި ހިސާބު މޫދު ހާދަ ރީއްޗެދޯ. އަދި އެއް ފަހަރުވެސް މި ކޮޅަކަށް ނާންނަން ދޯ މޫދަށް އެރޭކަށް.” އެއްގަމަށް އަރައިގެން އައި ހުދާ ޖެހިގެން ހުރި އެކުވެރިޔާގާތު ބުނެލި އަޑު ތޫބާއަށް އިވުނެވެ.
“ކޮންމެ ފަހަރަކު ކުލާސް ޓީޗަރު އަންނާތީއޭ މި ފަޅިއަށް ނާދެވެނީ. މާ ފުނޯ، އޮއެވަރު ބާރޯ ކިޔާނީ. މިފަހަރު އެކަނި އައިމަ މިއޮތީ އާދެވިފައެންނު.” ދެން ހުރި އަންހެންކުއްޖާ ބުނެލިއެވެ.
ފައިގަތަޅާ މެޗެއް ނިންމައިލުމަށްފަހު އެނބުރި ޓެންޓާއި ހަމައަށް ދާން ކުދިންތައް ހިނގައިގަތްއިރު މެންދުރު ވަނީއެވެ. އެންމެންވެސް ތިބީ ވަރުބަލިވެ، ބަނޑުހައިވެފައެވެ.
“ކޮބާ މަގޭ ފައިވާން؟” އަލީޝާ ހުދާ ކައިރީ އަހައިލިއެވެ.
“ނޭންގެ. ތިތާ ދޯ ބެހެއްޓީ.” ހުދާ އޭނާގެ ފައިވާނަށް އަރަމުން ބުންޏެވެ. ހޯދާ ހޯދާ ނުފެނުމުން އަލީޝާ ބަލައިލީ އުސް ފަސްގަނޑުން އަރައިގެން ދާ އިތަންއަށެވެ.
“އޭތް! މިހިރަ ދާ މީހާ! މަގޭ ފައިވާން ދީ!” އަލީޝާ އީތަންއަށް އިވޭ ވަރަށް ގޮވައިލިއެވެ. އީތަން ފަހަތަށް އެނބުރި، މަށަށްހޭ ތި ގޮވީ ބުނާކަހަލަ ގޮޮތަކަށް ބުމަ އަރުވައިލަމުން އަމިއްލަ ނަފްސަށް އިށާރާތްކޮށްލިއެވެ. އަލީޝާ ސީދާާ އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރުމުން ޖަވާބެއް ބޭނުމެއްނުވިއެވެ.
“މަ ކީއްކުރަން ކަލޭ ފައިވާން ނަގަންވީކީ؟” އަނގައޮރިކޮށްފައި އީތަން ބުނެލިގޮތުން ފައިވާންނެގީ އީތަންކަމަށް އަލީޝާއަށް ހައްތަހާ ގަބޫލުކުރެވުނީއެވެ. ހުސްފަޔާއި އުސް ފަސްގަނޑު މައްޗަށް އަރައި އީތަން ފަހަތުން ހިނގައިގަތެވެ. ދެ ތިން ފިޔަވަޅު އެޅުންތަނާ އަލީޝާގެ ފައިދަށުން ތޫނު ދިލައެއް ނަގައިގަތެވެ. އަރިއަޅާލައިގެން ވެއްޓެންދިޔަ އަލީޝާއަށް ހިފެހެއްޓުނީ އީތަންގެ ކޮނޑުގައެވެ.
“ހިނގަންވެސް ނޭންގޭތަ؟” އީތަން ޗޮކެއްކަނޑައިލިއެވެ. އަލީޝާ އީތަންގެ ކޮނޑުގައި އިތުރަށް ބާރަށް ހިފަހައްޓައިލަމުން ކަނާތު ފައި ހިއްލާލާފައި ދަށްފުށް ބަލައިލިއެވެ. ފައި ދަށްފުށުގެ އެކި ދިމަދިމާލުން ކުންނާރު ކަށި ހެރިފައި ހުއްޓެވެ. އެ ފައި ބިންމަތީ ނުޖައްސައި ކޮރެއް ޖަހަމުންގޮސް އަލީޝާ ވެލިގަނޑުމައްޗަށް ވެއްޓިގަތެވެ. ކުންނާރު ކަށިތައް ފައިން އުފުރަންފެށުމުން އީތަން ބަލަހައްޓައިގެން ހުއްޓުނެވެ.
“ދެންވެސް ފައިވާން ދީބަަލަ.” އަލީޝާ ބުރަ މަސައްކަތުގައި، އީތަންއަށް ބަލައިވެސްނުލައި ބުންޏެވެ.
“މަށެއް ނުނަގަމޭ…” އީތަން އެހެން ބުނެލުމަށްފަހު އަނެއްކާވެސް އައި ކޮޅަށް ހިނގައިގަތެވެ. އަލީޝާ ދާން ނޫޅެ އިށީންދެގެން އިންތަން ފެނުމުން ހުދާ ކައިރިއަށް އައެވެ. އިރުކޮޅަކުން އަލީޝާއަށާއި ހުދާއަށް އެއްފަހަރާ ސިހިފައި ބަލައިލެވުނީ ފައިވާން ކިބައެއް އައިސް އެ މީހުން ކައިރިއަށް ޖެހުމުންނެވެ. އަނެއް ކިބަވެސް ތަންކޮޅެއް ދުރަށްގޮސް ޖެހުނެވެ. އެއީ އުސް ފަސްގަޑުން ފޭބުމަށްފަހު އަތުގައި ހުރި ބާރެއްލާފައި އީތަން އެއްލި ފަައިވާން ޖޯޑެކެވެ.
“މީ ކާކުގެ؟” ކައިރީ އޮތް ފައިވާންކިބައަށް ބަލައިލަމުން ހުދާ އަހައިލިއެވެ. އެއީ އީތަން އަރައިގެންހުރި އެއްޗެއްކަން އިނގޭ ނަމަވެސް އަލީޝާ ހުދާއަކަށް ޖަވާބެއް ނުދެއެވެ. ފައިން ކުންނާރު ކަށިތައް ފިލުމުން ތެދުވެ އެ ފައިވާނަށް އަރައިގެން ހުދާއާއިއެކު ހިނގައިގަތެވެ.
މެންދުރު ފަހުން އޮތީ ކެއްކުމުގެ ކަންތަކެވެ. އެންމެންވެގެން ދަރު އެއްކޮށް ވިހި މީހުނަށްވާ ވަރަށް ސްޕެގެޓީ ކައްކަން ތައްޔާރުކުރުމުން، މަ ކައްކާނަމޭ ކިޔާފައި ބޮޑު ތެލި އަތަށް ނެގީ އެންމެ ހީނުކުރާ މީހާއެވެ. އީތަން ކައްކަން އިސްވުުމުން އެންމެން ތިބީ އޭނާއަށް އިންސާނަކަށް އަނގަޔަށްލާން ކެރޭވަރުގެ އެއްޗެއް ހެދޭނެކަމަށް ޝައްކުކޮށްގެންނެވެ.
“ހިނގާބަަލަ ތި މޮޅު ކެއްކުމެއް ބަލަން.” އީތަން ކުރުނުކޮށް ކިޔަންފެށުމުން ހުދާއަށް މަޖާވެގެން އެއްބަސްވެއްޖެއެވެ. ހުރިހާ އެންމެން ހުދާއަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ. ޒަހަރެއް ކާން ބޭނުމެއް ނޫނޭ ބުނާކަހަލަ ލޯތަކަކުންނެވެ. ނަމަވެސް މޮނީޓަރު އޭނާގެ ބަހެއް އަނބުރާ ނުގެނައެވެ. އީތަންގެ ކެއްކުން އެންމެ ކާހިތުން އިނީ އަލީޝާއެވެ. އޭނާއަށް ރަނގަޅީ ވީހާވެސް ނުބައިވިއްޔާއެވެ. މޮޅުވެފައި ހުރި އީތަންއަށް ގަދަޔަށް މަލާމަތްކޮށްލެވޭނެތީއެވެ. ތަންކޮޅެއް ދުރުގައި އިން ތޫބާ ހެވިފައި އީތަންއަށް ބަަލަން އިނީ އީތަަން އުޅޭގޮތް ލޯބިވެފައެވެ.
ކައްކާ ނިމިގެން ކުދިންގެ ތަށިތައްޓަށް އެޅިގެންދިޔަ ސްޕެގެޓީގެ މީރުވަހުން މުޅިތަން އެއްވަސް ވެއްޖެއެވެ. ހީކުރިގޮތާއި މުޅިން އިދިކޮޅެވެ. ވަހަށްވުރެ އަދި ރަހަގަނޑު ހާސްތަން މީރެވެ. ތެލީގެ ފޫ ކެހޭކަށް މާ ގިނައިރެއް ނުނެގިއެވެ. މަލާމަތްނުކުރެވުނީތީ ހިތާމަކުރި އަލީޝާއަށްވެސް ކެއުން ހުއްޓައެއް ނުލެވުނެވެ. ކައި ނިމިގެން އައިސް އީތަން ޖައްސައިލީ ދެވަނަ ތަށި އަޅައިގެން ފޯރީގަައި ކާން އިން އަލީޝާ ކުރިމަތީގައެވެ. ތައުރިފުގެ ބަހެއް ލިބޭތޯއެވެ.
“އޭތް. ކަލޭ އާދޭ އަހަރުންގޭ ނޯކަރަކަށް.” ކެއުމުގައި ޝާމިލުވިވަރުން އަލީޝާ ވާހަކަދެއްކިއިރު ތަށިން ނަޒަރު ދުރުނުކުރެއެވެ.
“މައްސަލައެއްނެތް. އެކަމަކު މުސާރައިގެ ބަދަލުގަ ކަލޭޖެހޭނީ މަގޭ ބޮކްސަރު ދޮވެދޭން.” އީތަން ވަރަށް ހަމަޖެހިލާފައި އިނދެ ރައްދުދިނެވެ.
“ޕިސް ޕިސް… އަމިއްލައަށް ބޮކްސަރު ދޮންނަންވެސް ނޭންގޭ. އެއް ހުނަރު ލިބުނުކަމަށްޓަކައި އެކަހަލަ އާދައިގެ ކަންތައް ކުރުމުގެ ހުނަރު ނެންގެވީދޯ. އަނެއްކާ ނަޖިސް ދޮއްވަނީވެސް އަދިވެސް މަންމަތަ؟” އަލީޝާ އަދިވެސް އީތަންއަށް ބަަލަައިވެސް ނުލައެވެ.
“އޭތް މާ ފޮނި ނުވައްޗޭ. އަދި މަަގޭ ރިވެންޖް އޮޮތީއޭ ބާކީ. ކަލޭ މަންމައަށްކަންނެ ނަޖިސް ދޮއްވަދޭން އަންނަން ޖެހޭނީ.” ކިބުރުވެރި ހިނިތުންވުމަކާއިއެކު އިންޒާރުދިނުމަށްފަހު ތެދުވެގެންދިޔަ އީތަންއަށް، ތަށި ސާފުކޮށްލި އަލީޝާ ބަލައިލިއެވެ. އީތަންގެ އެ ހިނިތުންވުމުން، މި ދަތުރުގެ ތެރޭގައި އޭނާާއަށް ކަމެއް ޖައްސާނެކަމަށް އަލީޝާއަށް ޔަގީންވެގެންދިޔައެވެ.
އުޑުމަތި ސާފު ރެއެކެވެ. މާގިނަ ތަަރިތަކެއް ފެންނަން ނެތް ނަމަވެސް ހަނދުވަރުގެ އަލިން ރަށުތެރެ ވަނީ ހިސާާބަކަށް އަލިވެފައެވެ. އަތިރިމައްޗަށް ނުކުމެ ފަހެއްކަ އެކުވެރިންނާއިއެކު ފިލާކުޅެން އުޅުނު އަލީޝާ ވިއްސާއި ހަމައަށް ގުނުމަށްފަހު ފިލަން ދިޔަ އެކުވެރިން ހޯދަންފެށިއެވެ. ކުންނާރު ކަށި ހެރުން ފަޔަށް ތަދުވާތީ ކޮރެއްޖަހަން ޖެހުނު ނަމަވެސް، ދަތުރު އައިސް އުޅޭއިރު އެންމެ އިރުފުކަކުވެސް މަޑުން އިންނާކަށް އޭނާގެ ހިތެއް ނޭދުނެވެ. ގަސްތަކުތެރެއަށް ވަދެ ހާވަންފެށި އަލީޝާއަށް، ގަހެއްގެ ފަލަ ގޮފިގަނޑެއް މައްޗަށް އަރައި ފަތްތަކުން ނިވާވެގެން އޮތް ހުދާ ހުރަސްކޮށް ދެވުނުއިރުވެސް ނޭންގުނެވެ. ހުދާ އޮތީ ހިނިގަނޑު ހިފަހައްޓަންވެގެން އަނގަމަތީ އަތްއަޅައިގެންނެވެ. ހޯދަމުން ހޯދަމުން އަލީޝާ ވަދެގެންދިޔައީ ހައްތަހާ އެތެރެއަށެވެ. ހަނި މަގަކުން އޭނާއަށް ނުކުމެވުނީ ފަޅު ގެއެއްގެ ކުރިމައްޗަށެވެ.
“ކުޅެން ކަނޑައެޅި ރޭންޖު ތެރެއެންނު މީ. އެހެންވީމަ މިތަނަށްވެސް ވަދެވޭނެ. ޔަގީން މިތާ މީހަކު ނޫނީ ދެ މީހަކު ހުންނާނެކަން ވަދެ.” އަލީޝާ އަމިއްލަނަފްސާއި ވާހަކަދައްކަމުންގޮސް ހުޅުވާފައި ހުރި ދޮރުން އެތެރެއަށް ވަނެވެ. “މިތާ ވަލުތެރޭ ކާކުބާ ގެ އެޅީ؟” އަނދިރިކަމާއި ހަމަހިމޭންކަމުން ކެތް ނުވާތީ އަލީޝާ އަމިއްލައަށް ވާހަކަދެއްކުން ކުރިއަށްގެންދިޔައެވެ. ފޯނު ނަގައި އަލިކޮށްލުމަށްފަހު އޭނާ ގޭތެރެއަށް ނަޒަރުހިންގައިލިއެވެ. އެއް ފަޅީގައި ސިމެންތި އަށްޓެއް ހުއްޓެވެ. އަށި ދަށަށް މަޑު މަޑުން ބޯ ދިއްކޮށްލިއިރު މީހަކު ނެތެވެ. ދެން އަނެއް ފަޅީގައި ހުރީ ބާވެގެންގޮސް ލަކުޑިތައް ފީވެފައި ހުރި އަލާމަރިއެކެވެ. މަޑުމަޑުން އަތް ގެންގޮސް އަލަމާރީގެ ދޮރުފަތް ދުރުކޮށްލިއިރު އަލީޝާގެ މޭގަނޑު ނެގިނެގިފައި ޖެހެމުންދިޔައެވެ. ހީވަނީ ދެންމެ ދެންމެ ކަބަޑު ތެރެއިން އެއްޗެއް ބޯ ދިއްކޮށްލަފާނެެހެންނެވެ. ކުއްލިއަކަށް ޖެހި ލުއިއްކަކުން ދޮރު ހުޅުވައި އަޅައިލިއިރު އެތެރެ އޮޮތީ ހުސްކޮށެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އަލީޝާ އިތުރަށް ގޭގެ އެތެރެއިން ވަދެވެން ހުރި ބަޔަށް ވަނެވެ. ދޮރެއް ނެތްނަމަވެސް ވަކި ކޮޓަރިއެކެވެ. އެތެރެއަށް ރަނގަޅަށް ބަލައިނުލެވުގެން އުޅެނިކޮށް އަތުން ދޫވެގެން ފޯނުވެއްޓިއްޖެއެވެ. ގޮވީ ވެލިގަނޑުގައި އެއްޗެއް ޖެހުމުން ގޮވާކަހަލަ އަޑެއް ނޫނެވެ. ލޯ އަޑެކެވެ. ފޯނު ވެއްޓިފައި އޮތީ ދަގަނޑު ވަށް ޖަންގްޝަން މަތިގަނޑެއް ކަހަލަ މަތިގަނޑެއް މައްޗަށެވެ.
“ސަލާމަތްކޮށްދީ!” ފޯނު ނަގަން ގުދުވި އަލީޝާއަށް އަޑިން މީހަކު ގޮވައިލި އަޑުއިވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.





Alheyyyyy haadha lahun up thi koh dhini? Ekam Mi part varah reethi ingey???.. Dhn aleeshaa ge rescue ah annaanee eethan dhw? ?Next part when? Thankolheh dhigu kohlahchey E part OK? ?? #DESPERATELY IN WAITING ❤️❤️❤️
Submit kurithaa eh dhuvas fahun e up vee dheloafulhaa keeh kuraanee… next part sunday ga ingey. Trip eh ais ulheythee mifaharu thankolheh las vaane inthizaaru kollachey
Next part kondhuvahaku vaahaka v reethi
Thnx nxt prt sunday ga
V salhi..when next..waiting
Thnx next prt sunday ga
wallaa luv it vrh salhi ❤❤❤ kobaa 5th part..have ffunn ingey wish i can joinn ??????????
Kehve nudhiya ee..mantheyy keeheve yo nudhiya ee..e mihun vrh maja kirey eba..moodhah ves gossimo bunii..wifi ves libey hotel eh salhi dhw assu?? Jinni men majaakurey aharun dhemihun geyga thai vefa..haha
Thnk u 5th part sunday ga up kuraanan… missing u
Dhen hamtii thi hurihaa vaahaka eh nukiyabala minaj dheravaane ey… adhi thi meehunnah ves dheveyne kommesthaakah iraadhakureviyya
huhh bckryx..wishin gud thimeehunah ehnoonas i dhiyayas cant ereningx moodhah but k men male aima vaane villingiyah dhaan..and yeah aharunves eba kiyaa resort akah dhaan poolah erenn
aan vaane vilingiyyah dhaan
Jinni! Koba next part? Avahah up kohba..pleeessss
Submit kohfeemey up nuvanee ey keehkuraanee…