އެނގުމެއްނެތި…3
“މިހާތަނަށް ކަމެއް ނުކޮށް ހުރީމަ ހީނުކުރާތި މަށަށް ނުކެރެނީއޭ. މަ ރުޅިއަރުވައިގެން ވާނެގޮތް ދައްކާލާނަން.” މިފަހަރު ބޮޑު އިންޒާރު ދިނީ އަލީޝާއެވެ. އަލީޝާ ނޫން އެހެން މީހަކުނަމަ އެފަދަ އިންޒާރަކުން އީތަންގެ ހިތަށް ކަހަރުވަކެކޭވެސް ނާރާނެއެވެ. ނަމަވެސް އޭނާއަށް އަލީޝާގެ ގޮތް އިނގޭތީ ފާޑަކަށް ޖެހިލުންވިއެވެ. އެ ޖެހިލުންވުމާއިއެކުވެސް ހިތުގެ ކަނެއްގައި ވީ އުފާވެރި ހިތްއަވަސްވުމެކެވެ. އަލީޝާ ހަދާނެ ގޮތެއް ބެލުމަށް އޭނާއަށް އިންތިޒާރުކުރެވެންފެށުނެވެ.
*************************
ސަސްޕެންޝަންގެ އެންމެ ފަހު ދުވަހެވެ. ގޭގައި ދެކޮޅަށް ހިނގަހިނގައި އަލީޝާ ހުރީ ފުން ހިޔާލެއްގައެވެ. އީތަންގެ ކިބައިން ބަދަލުހިފުމަށް ހަދާނެ ރަނގަޅުގޮތެއް ނުވިސްނިގެންނެވެ. ކިތަންމެ ހިޔާލެއް އަތުވި ނަމަވެސް އޭގެން އެއްކަމެއްވެސް އޭނާގެ ހިތް ފުރޭނެހާ ފުރިހަމައެއް ނޫނެވެ. ބޮޑުވާ އިނގިލި ހަފަ ހަފައި، ހަން ދާން ގާތްވެފައިހުއްޓައި ގޭ ބޭރު ދޮރުގައި މީހަކު ޓަކިޖަހާ އަޑުއިވުނެވެ. ރާއިދާ ކޮޓަރީގައި އުޅޭތީ އަޑު ނީވޭނެކަން އިނގޭތީ އަލީޝާގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީ ހުރީ ތޫބާއެވެ. އަލީޝާގެ ބޮލުގައި އެޅުވުނު ތުހުމަތު ގަބޫލުނުކުރެވިގެން ކެތްނުވުމުން ސުވާލުކުރަން އައިހެވެ.
“ތޫބާ؟ ކަމެއް ދިމާވީތަ؟” ތޫބާ ފެނުމުން އަލީޝާގެ ހިތަށް އެންމެ ފުރަތަމަވެސް އެރީ އޭނާއަށް އީތަން ގޯނާއެއް ކުރީކަމަށެވެ.
“ނޫން… އެހެންނެއް ނޫން…” އަލީޝާ މާ ހާސްވެފައި ހުރުމުން ތޫބާއަށް ކުރަން އައި ސުވާލު އޮޅުނުކަހަލައެވެ.
“ދެން… އާނ ވަދޭ އެތެރެއަށް.” ދެން ކިހިނެތްވީހޭ އެހުމުގެ ކުރިން މެހެމާނު ގެއަށް ވެއްދުމަށް އަލީޝާ އިސްކަންދިނެވެ. ތޫބާ އިސްޖަހާލައިފައި ގެއަށް ވަދެ އަލީޝާ ދެއްކި ގޮނޑީގައި އިށީނެވެ. ” ކައިފިންތަ؟” އައި ސަބަބެއް އަހަަން ކެތްމަދުވެފައި ހުރި ނަމަވެސް އަލީޝާ އޭނާއަށް ދަސްވެފައި ހުރި ރީތި އާދަތަށް ހަނދާންނައްތައިނުލައެވެ. ތޫބާ ބޯޖަހައިލިއެވެ. “އެހެންވިއްޔާ ޖޫސް…”
“އަމް… އަލީޝާ…. ސުވާލު ކަރުދާސްތައް ނެގި ވާހަކަ… އެއީ ތެދެއްތަ؟” އަލީޝާގެ ޖުމުލަ މެދުކަނޑާލައިފައި އަހައިލުމަށްފަހު ތޫބާ ދެއަތުން އޭނާގެ ހެދުމުގެ ފަސްބަޔާއި ކުޅެންފެށީ ނުތަނަވަސްކަން ފޮރުވޭތޯއެވެ. އަލީޝާ ދޫކޮށްލީ ފުން ނޭވާއެކެވެ. ތޫބާ އިސްއުފުލައި ބަލައިލީ އަލީޝާ ރުޅިއައީކަމަށް ހީކޮށެވެ.
“ނޫން. އެހެން މީހަކު އަހަރެން ބައްދަން ހެދި އެއްޗެއް އެއީ.” ތޫބާ ކުރިމަތީ ގޮނޑިއެއް ބައިންދާލައިފައި އިށީންނަމުން އަލީޝާ ޖަވާބުދިނެވެ.
“އެންމެ ފުރަތަމަވެސް ހިތަށްއެރިއޭ އެހެން. އަލީޝާއަކީ އެކަހަަލަ ކަމެއް ކުރާާނެ ކުއްޖެއްނޫން.” ތޫބާ ހިތާއިހިތުން ކިޔައިލިއެވެ. “ދެން ކީއްވެ އެހެން ނުބުނީ ޕްރިންސިޕަލް ކައިރީގަ؟” ތޫބާ ސުވާލުކުރިއެވެ.
“އެއްވެސް ހެއްކެއް ނެތި ބުންޏަސް ނުކުރާނެއެންނު ގަބޫލެއް. އަހަރެންގެ ދަބަހުންވިއްޔަ ފެނުނީ.” އަލީޝާ ދަތްކުނޑިވިކާލައިފައި އަތްމުއްކަވައިގަތްގޮތުން ތޫބާ ކުޑަކޮށް ބިރުގަތެވެ. ދެން އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެވަރަށް އޭނާ މީހަކާ އެއް މައުލޫއެއްގައި ސުވާލުކުރި ހަނދާނެއްވެސް އޭނާގެ ނެތެވެ.
ތޫބާ ދިޔަފަހުން އަނެއްކާވެސް މީހަކު ދޮރުގައި ޓަކިތަޅަންފެށުމުން އަލީޝާގޮސް ހުޅުވީ އަނެއްކާވެސް އޭނާއަށް ދިމާވި ކަންތަކާ ސުވާލުކުރަން އައި މީހެކޭ ހިތާ ހިތްހަމަނުޖެހިގެންނެވެ. ދޮރު ކުރިމަތީ ހުރީ އީތަންގެ މަންމަ އަމީނާއެވެ.
“ކޮބާ ރާއިދާ؟ މި އަސާރަ ފުޅި ދޭންވެގެން މި އައީ.” އަތުގައި ހުރިކޮތަޅު ދައްކައިލަމުން އަމީނާ ބުންޏެވެ. އެ އާއިލާއަށް ޔޫސުފް މާލީގޮތުން އެހީވެދިންފަހުން ގޭގައި ހަދާ އެއްޗެއްގެ އެއްބައި ނުދޭ ދުވަހެއް ނުދެއެވެ.
“އަސާރައޭ؟ ކަލޭ ހަދާ އަސާރަ ކާހިތުން މިއަދު އިރުއެރީންސުރެ މި އުޅެނީ.” ވަރަށް އުފާވެފައި ނުކުތް ރާއިދާ، އަމީނާގެ އަތުގައި ހިފައިގެން އެތެރެގެއަށް ވަތްގޮތުން އެއީ އެއް އިރެއްގައި އެކަކު އެއްބަޔަކު އަނެއްބަޔަކުދެކެ ނަފްރަތުކުރި ދެ އާއިލާގެ ދެ މީހުންނެކޭ ނުބުނާނެއެވެ. ބޯ ހަލުވާލައިފައި އަލީޝާ އުޅުނީ ކޮޓަރިއަށް ވަންނަންށެވެ. ނަމަވެސް އޭނާގެ ދެފައި އަމިއްލައަށް ހުއްޓުނީ ދެ އަންހެނުން ފެށި ވާާހަކައަކުންނެވެ.
“ކޮބާތަ މިހާރު ފިރިހެންދަރި؟ ކިހިނެތްތަ އުޅެނީ؟” ތައްޓަށް ބަތް އަޅާމުން ރާއިދާ އަހައިލިއެވެ.
“ދަރި ދޯ. ކީކޭ ބުނާނީ… އަދިވެސް ހަމަ އެއްގޮތެއް. އަހަންނާ ޖަމާލުއާ ދެ މީހުން ކިތަންމެ ނަސޭހަތެއް ދިނަސް ހަމަ އެ ބޮޑާކަމާ ގޮތްދޫނުކުރުން. މިގޭ މީހުންގެ ހެޔޮކަމަށް ޝުކުރުވެރިވާށޭ ބުނީމަވެސް، ބައްޕަމެން ޔޫސުފުމެންގެ އަތްދަށުނުވާށޯ ކިޔަނީ. ކީއްކުރާނީ… އަހަރުމެންނަށް ދެވުނު ތަރުބިއްޔަތު މާ ގޯހީ. މިހާރު ވަރަށް ހިތާމަކުރަން ކުރިން އުޅެވުނުގޮތާމެދު.” އަމީނާގެ ލޮލުން ކަރުނަ ހިލުމުން ރާއިދާ ހިތްވަރުދިނުމުގެ ގޮތުން އޭނާގެ ބުރަކަށީގައި ފިރުމައިލިއެވެ. “ސްކޫލުގަ ރަނގަޅޯ ކިޔާ އަޑުއެހިން. އެކަމަކު…” އަމީނާ އަނެއްކާވެސް ވާހަކަ ކުރިއަށްގެންދަން އުޅުނު ނަމަވެސް ހުއްޓާލާފައި ދެ ފަރާތް ބަލައިލިއެވެ. ފެންޑާގެ ލޫއްވަގަނޑުން ލޯ ޖަހައިގެން ހުރި އަލީޝާ ބޯ ތިރިކޮށްލިއެވެ. އަމީނާގެ ދުލުން މުހިންމު އެއްޗެއް ނުކުންނަން އުޅޭހެން އޭނާއަށް ހީވިއެވެ. “އަހަންނަށް ވެގެންވާނަމަ ބޭނުންވަނީ ރާއިދާމެންނަށް މިކަން ނާންގާ އެކުއްޖާއަށް ނަސޭހަތްދީގެން ކަންތައް ހައްލުކުރަން. އެކަމަކު އެއީ އެހާ ފަސޭހަކަމެއްނޫން. އެހެންވެ މި އަންގާލަނީ. އަހަރެން އަޑުއެހިން އީތަން އެކުވެރިންތަކަކާ ވާހަކަދައްކަނިކޮށް. މަގޭ ދަރި ހުރީ ވަރަށް ރުޅިއައިއްސަ މިގޭ އަލީޝާދެކެ. ރާއިދާ އަހާ އޮޅުންފިލުވާތި އިނގޭ އަލީޝާއަށް އެއްވެސް ކަހަލަ އުނދަދަގުލެއް ފޯރާތޯ. ބުނާތި އީތަންއާއި ދުރުން އުޅޭށޭ.”
“އަޅެ އަމީނާ ވިސްނައިދީ ކަލޭ ދަރިއަށް. މަގޭ އަލީޝާއަށް ގޮތެއް ހެދިޔަނުދޭތި.” ރާއިދާގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. އެ ހިނދުކޮޅުތެރޭގައި އޭނާގެ ހިތަށް އެތަކެއް ނުބައި ހިޔާލެއް އަތުވެއްޖެއެވެ. އެ ވާހަކަދައްކަން ލަދުން އިން އަމީނާ ބޯ ޖަހައިލިއެވެ. އޭނާވެސް އީތަންގެ ފަރާތުން އަލީޝާއަށް ދެރަގޮތެއްވާކަށް ނޭދެއެވެ. ބޭނުންވި ކަންތައް ފުރިހަމަވުމުން ކޮޓަރިއަށް ގޮސް ވަތް އަލީޝާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.
“ބޭރުގަޔާ ސްކޫލުގަ ކުރެވުނަސް ގެއަކު އެކްޓެއް ނުކުރެވުނުދޯ…” ހިތްފުރޭވަރުގެ ބަދަލެއް އީތަންއަށް ދޭން އޭނާ ހުރީ ތައްޔާރަށެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެކެވެ. ޖޯލިތަކުގައާއި ޖަގަހަތަކުގައި އެކި އުމުރުގެ މީސްމީހުންގެ ފޮނި އަނގަތެޅުމާއި ބަހުސްކުރުމުގެ އަޑުތަކެވެ. މަގުތަކުން ކުޑަކުދިން ކުޅެން އުޅެ މަންޒަރެވެ. ދެ ޖީބަށް އަތްޖަހައިލައިގެން ބޮޑުމަގުން ލާފައި ދިޔަ އީތަންގެ މާބޮޑު ފިކުރެއް ނެތެވެ. ހިތް ފުރިފައިވީ ފޫހިކަމުންނެވެ. އަލީޝާ ސްކޫލަށް ނާންނާތީ ކޮންމެ ދުވަހަކު ސްކޫލަށް ދާހިތްވާނެ މަގުސަދެއްވެސް ނޯވޭވިއްޔާއެވެ. ހޮޅުއަށްޓާއި ހަމައަށް ދެވުނުއިރު ބަޔަކު އޭނާގެ ޒިކުރާއާކުރާ އަޑު އީތަންގެ ތޫނު ކަންފަތުގައި ޖެހިއްޖެއެވެ. ރަނގަޅަށް ބަަލައިލިއިރު އެއީ ޖިނާހުއާއި ރާފިއުއެވެ. އެ ދައްކާ ވާހަކައެއް އަޑުއަހައިލުމަށްޓަކައި އީތަން ތަންކޮޅެއް ގާތަށް ޖެހިލުމަށްފަހު ބިޔަ ގަހެއްގެ ފުރަގަހުގައި ނިވާވެލިއެވެ.
“ހާދަ ފޫއްސޭ މިހާރު އީތަން ބަސްއަހަންފެށިފަހުން. އެހެން އެކްޓުކޮށްކޮށް ދެން ދުވަސްކޮޅަކުން އަސްލު ބަސްއަހާކުއްޖަކަށް ވެފަ ހުއްޓަ ފެންނާނީ.” ހިނިގަނޑެއް ޖަހާލައިފައި ރާފިއު ބުންޏެވެ.
“މަ މިހާރު ވަރަށް ފޫހިވޭ އޭނަދެކެ. އޭނަ ބޭނުންއިރަކު ބޭނުންކަމެއް އަހަރުން ކޮށްދިނީމަވެސް، އަހަރުންނާ އޭނަ އަނގައިން ބުނަނީ ހިތަށް އެރީޔާ. އަހަރުންނާ އެއްކޮށް އުޅުނީމަ ބަސްއަހައިން ނޫޅެވޭނޭ ކިޔާފަ ދެން ދުވަސްކޮޅަކުން ގުޅުންވެސް ކަނޑާލާނެ. ބަަލައްޗޭ.” ރާފިއުއަށްވުރެ ޖިނާހުގެ އަޑުގައި ސީރިއަސްކަމެއް އެކުލެވިގެންވިއެވެ. އެ ދެމީހުގެ ވާހަކަތައް އަޑުއިވިފައި އީތަންގެ ގާތަށް އައީ ސިނގު ރުޅިއެކެވެ. ކުޑައިރުންސުރެ އެކުގައި އުޅުނު އެންމެ ގާތް އެކުވެރިން އޭނާގެ ގޯސް ވާހަކަ ދައްކަންފެށީތީއެވެ. އެހެން ބަޔަކު އޭނާއާއި އެއްބައި ނުވިޔަސް އެ ދެމީހުން އޭނާއާއި އެކުގައި ވާނެކަމަށް އެންމެ އިތުބާރުކުރި ދެ މީހުންނެވެ.
“ހެވޭ ކަލޭމެން މަގޭ ދެކެ ފޫހިވިޔަސް. މުޅި ދުނިޔޭގަ އެކަނިވިޔަސް މަށެއް ދަށެއް ނުވާނަން! މަ ހުންނާނީ މަ ގަބޫލުކުރާ ގޮތުގަ.” ގޮންމުށުން ގަސްގަނޑުގައި ޖަހަމުން އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔާލާފައި އީތަން އެތަނުން ދުރަށް ދިޔައެވެ. “މާދަމާ އަލީޝާ އަންނާނެ. އޭރަށް މާ ރީއްޗަށްވެސް ފޫހިފިލާނެ.” އިންތިޒާރުކުރެވޭ ހަމައެކަނި ކަމަކަށް މިހާރު އީތަންއަށް އޮތީ އޭނާގެ ދުޝްމަނުގެ ބަދަލުހިފުމެވެ.
ހަފްތާ ބަންދަށްފަހު ސްކޫލު ހުޅުވުންއިރު ގޭޓުން ވަދެގެން އައި އަލީޝާއަށް ހުރިހާ ކުދިންގެ ނަޒަރުތައް އުކެމުންދިޔައިރު އޭނާގެ ހިތުގައި ޖެހުލުންވުމެއްގެ ކަންފުޅެއްވެސް ނެތެވެ. ހަށި ސީދާކޮށްގެން ދިޔަ އަލީޝާ ހުރީ، އީތަންއާއި ބައްދަލުވާނެ އިރަކަށް ކެތްމަދުވެފައެވެ. ކުލާހަށް ވަތްއިރު އީތަން އިނީ މާ ކުރިން އައިހެވެ. ދެ ކުދިިންގެ ކަޅި ބައްދަލުވީހިނދު ދެ ތުންފަތުގައި ފެވުނީ ހިނިތުންވުމެވެ. ކޮންމެވެސް ކުޅިއެއް ރާވައިގެން އައިކަން އަލީޝާގެ މޫނުމަތިން އީތަންއަށް އިނގިއްޖެއެވެ.
އިންޓަވަލްގަޑިއެވެ. އެއް އަތުން ސޭންޑުވިޗް ކާން އިންއިރު އަނެއް އަތުން ފޯނާއި ކުޅެން އިން އީތަންއަށް އިސްއުފުލައިލެވުނީ ސްޕީކަރުން އަޑެއް އިވެން ފެށުމުންނެވެ. މުޅި ސްކޫލު ސަމާލުކަމަށް ގެނުވައިފިއެވެ. ސްޕީކަރުން އިވެމުންދިޔައީ ދެ އަންހެނުންގެ އަޑެވެ. އެކަކަކީ އީތަންގެ މަންމަ އަމީނާއެވެ. އަނެކަކަކީ އަލީޝާގެ މަންމަ ރާއިދާއެވެ. އެއީ އޭގެ ކުރީ ދުވަހު އެ ދެ މީހުން ސިއްރުން ދެއްކި ވާހަކައެވެ. ގޭތެރޭގައި ފާޅުވާ އީތަންގެ ހަގީގަތެވެ. އަލީޝާއަށް އީތަން ބެހެން އުޅޭ ވާހަަކައެވެ. ހުއްދަ ނެތި ސްޕީކަރުން އެއްޗެއް އެޅުވުމުން ލީޑިންގ ޓީޗަރުންތައް ދުއްވައިގަތީ ބްރޯޑްކާސްޓިންގ ރޫމާއި ދިމާއަށެވެ. ނަމަވެސް އެންމެ ކައިރީ އުޅުން ޓީޗަރަށްވެސް އެހިސާބަށް ފޯރިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އަލީޝާ އޭނާގެ މަސައްކަތް ނިންމައިލީ އަވަހަށް، އަދި އެހާމެ ފުރިހަމައަށެވެ. ޓީޗަރުން މާ ބޮޑުކަމަކަށް ނުހެދިނަމަވެސް، ކުދިންގެ ޝައުގުވެރިކަމެއް ނުފިލިއެވެ.
ލައިބްރަރީގައި އިން ލުބާއަކަށް ސްކޫލުތެރޭ ހިނގަމުންދިޔަ ކަންތަަކުގެ ފަހުމެއް ނުވިއެވެ. އޭނާ އިނީ ލޯބީގެ ވާހަކައެއްގެ ތެރެއަށް ގެއްލިފައެވެ. އެހާ ބޮޑަށް އެ ވާހަކައަށް އޭނާ ޝަައުގުވެރިވި އެންމެ ބޮޑު އެއް ސަބަބަކަށްވީ، ވާހަކައިގެ ބަޠަލާއަށް ވަމުންދިޔަ އިހުސާސްތައް އޭނާއަށް ވަމުންދިޔައީތީއެވެ. އުފާވެރި ނިންމުމަކަށްފަހު ފޮތް ލައްޕައިލިއިރު އޭނާގެ ހިތުގައި އުފާވެރިކަމެއްނެތެވެ. އަމިއްލަ ހިތަށް ވަމުންދިޔަގޮތްތައް އެންމެ ބަހަކަށް ދޭހަކުރުމަށް ނެގީ ދުވަސްގަނޑެކެވެ. އަދިވެސް ޔަގީންކޮށްލުމަށް އޭނާ ބޭނުންވީ އީތަންގެ މޫނު ދެކިލަންށެވެ. ފޮތް އަނބުރާ އިންތަނަށް ލުމަށްފަހު ލައިބްރަރީއިން ނުކުތްއިރު ސްކޫލުތެރެވަނީ ހަލަބޮލިވެފައެވެ. ކުދިންގެ ދުލުން އެންމެ ގިނައިން ނުކުންނަ ބަހަކަށް އިވެނީ އީތަންއާއި އަލީޝާއެވެ.
“އީތަންއަށާއި އަލީޝާއަށް ކަމެއްވީބާ؟” ލުބާގެ ހިތަށްއެރިއެވެ. ގިނަ އަދަދެއްގެ ކުދިންތަކެއް ޕޫލް ސަރަހައްދަށް އެއްވާތަން ފެނިފައި ލުބާވެސް އެ ދިމާއަށް ދިޔައެވެ. އަލީޝާގެ ކޮނޑުގައި އަތްއަޅުވައިގެން ހުރި އީތަން ފެނިފައި ލުބާގެ ހިތުގެ ތެޅުން އަވަސްވެގެންދިޔައެވެ.
“އެންމެން ހަމަޖެހިބަލަ. ދެންމެ އަޑުއިވުން އެތި… އެއީ އަހަރުމެން ދެ މީހުންގެ މަންމަމެންކަން ކިހިނެތް ޔަގީންވަނީ؟ އަޑު ނުލާހިކު ފުސް. ޔަގީން އެއީ ކޮންމެސް މީހެއްގެ ޕްރޭންކެއްކަން. އެހެންނޫނަސް މަ ކީއްވެ އަލީޝާއަށް ދެރަގޮތެއް ހަދަންވީ؟ މީ މަގޭ ބުރޯއެންނު. ދޯ އަލީޝާ!” އީތަން އަލީޝާއަށް ދޯ އެއްލީ އަލީޝާގެ އަނގަބަންދުކޮށްލަމުންނެވެ. އެއީ އަމީނާމެންގެ އަޑުކަން ޔަގީންކޮށްދޭން މަސައްކަތްކޮށްފިނަމަ ހުއްދަނެތި ސްޕީކަރުން އެ ރިކޯޑިން އެޅުވީ އޭނާކަމަށް އިއުތިރާފުވާންޖެހޭނެއެވެ. އަލީޝާ ނިންމީ ހަނުހުންނާށެވެ. ހިތްވަރު އެލުވައެއްނުލައެވެ. އޭނާ ބޭނުންވިގޮތަށް ކަންތައްވާނެކަމުގެ ޔަގީންކަން އޮތީތީއެވެ.
ސްކޫލު އެހިސާބުން ބެހުނީ ދެބަޔަކަށެވެ. ފުދޭވަރަކަށް ގިނަ ބަޔަކު އެ ރިކޯޑިންގ އެއީ ތެދު އެއްޗެއްކަމުގައި ގަބޫލުކުރިއެވެ. އީތަންގެ އެކްޓުގަނޑަށް އެކުދިން ޝައްކު އުފައްދަންފެށިއެވެ. އެންމެ ކުރީންސުރެވެސް އީތަން ސާލިހުވާނެކަމަށް ގަބޫލުނުކުރާ މަދުބަޔަކު މި ކުދިންކޮޅުގެ ބޮލަށްއެރި އެއީ ތެދެއްކަން އަންގަން އިތުރަށް މަސައްކަތްކޮށްދޭންވެސް އުޅުނެވެ. ދެވަނަ ބައިކުދިން ތިބީ އީތަންގެ ކޮޅުގައެވެ. އެ ކުދިން ގަބޫލުކުރީ އެއީ އީތަންދެކެ ރުޅިއަންނަ ބަޔަކު ކުރި ސަމާސާއެއްކަމަށެވެ. މި ކަންތައްގަނޑުގެ ސަބަބުން އަލީޝާ ސަސްޕެންޑުކުރި ވާހަކަ މުޅިން އެކީ ހިނދިއްޖެއެވެ. އަލީޝާގެ ރޭވުމުގެ ފަންސާސް ޕަސެންޓު ވީ އެ މަގުސަދުގައެެވެ.
“އަޑުއިވޭތަ އެބަ؟ މިހާރުވެސް ގިނަ މީހުން އެއޮށް ކަލެއަށް ޝައްކުކުރަަންފެށީ. އެންމެ ފަހަރަކު މީހަކު ސަލާމަތްކޮށްދީގެން ސާލިހުވެވޭނެކަމަށް ހީނުކުރާތި. ތި ނާށިގަނޑު ފަޅައި އެތެރޭ ކުނިވެފައޮތް މުޑި ދައްކާނަން!” އަލީޝާ އީތަންގެ މޭގައި އަތުގެ ނުފުށުން ޖަހައިލަމުން ބުނެލިއެވެ. “ހާދަ އުފަލުން ތިހިރީ؟ މީގެ ބަދަލު ދޭނެގޮތް ވިސްނީތަ މިހާރު؟” އީތަންގެ މޫނުމަތިން މޮޔަ ހިނިތުންވުމެއް ނުފިލާތީ އަލީޝާ އެއްބުމަ އަރުވައިލަމުން އެއްސެވެ.
“ހަހަ… ހަމަ ހެވެނީއޭ، ކީއްކުރާނީ؟ މަ ކަލޭދެކެ ހިތުގެ އަޑިން ނަފްރަތުކުރަން. އަދިވެސް ކުރަން. އެންމެ ފުރަތަމަ ހިތަށްއެރި ދިރިހުއްޓާ ވަޅުލާންވެސް. އެކަމަކު މިހާރު ހަމަ މަޖަލީ. ކަލެއާ ބަދަލުކުރެވޭ ހަމަލާތައް ވަރަށް މަޖާ. ވަރަށް ފޯރިގަދަ.” ވަރަށް އުފާވެފައި އީތަން ކިޔައިލިއެވެ.
“މަށަށްވެސް ވަރަށް މަޖާ ކަލޭދެކެ އެހެން މީހުން ނަފްރަތުކުރާތަން ބަލަން. އެހެންމީހުން ކަލެއަށް ލޯ އަޅާތަން ފެނުނީމަ އަހަންނަށް ހިތްހަމަޖެހުންލިބޭ. ކަލޭ މި ކުޅިވަރުގަ ދަށްވާ ދުވަހަކުން އަހަރެން އުފަލުން ޕާޓީ ބާއްވާނަން.” އެއް އަރިއަކަށް ނުލަފާ ގޮތަކަށް ހީލުމަށްފަހު އަލިޝާ ދިޔައެވެ. އީތަން ދެން ހަދައިފާނެ ގޮތަކާއިމެދު ވިސްނޭ ހާލު އޭނާއަށްވެސް މިފަހަރު އިންތިޒާރުކުރެވެންފެށުނެވެ.
އަލީޝާ ދާތަން ފެނުމުން ފާހަނަ ދޮރުމަތީ ހުރި ތޫބާ އެތެރެއަށް ދެމިގަތެވެ. އަލީޝާ އީތަންއާއި ދިމާއަށް ބުނި އެތި އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. އީތަންއާއި އަލީޝާގެ ދެމެދުގައި ބަދަލުވި މުއާމަލާތުގެ ތެރެއިން އޭނާއަށް އިވުނީ އަލީޝާ އީތަންއާއި ދިމާއަށް އެންމެ ފަހުން ބުނި އެތި އެކަންޏެވެ. ދެވަނަ ފަހަރަށް ބޭރަށް ބޯ ދިއްކޮށްލި ތޫބާއަށް ދެން ފެނުނީ ކަރުނަ ފޮހެމުން ފޮހެމުންދިޔަ އީތަންއެވެ. އެ ކަރުނައިން ތޫބާގެ ހިތް ދިޔާކޮށްލިއެވެ.
“އައްދޯއި! ކޯއްޗެއްތަ ލޮލަށް ވަދެގެން މި އުޅެނީ؟” ފިރިހެން ފާހަނައިގެ ލޯގަނޑު ކުރިމަތީ ހުއްޓި ދެ އިނގިލިން ރަތްވެފައިވާ ލޯ ބޮޑުކޮށްލަމުން އީތަން ބަަލައިލިއެވެ. ލޮލުތެރޭއަށް ވެއްޓިފައި އޮތް އެސްފިޔައެއް ނެގުމުން ލޮލަށް ފަސޭހަވެއްޖެއެވެ. “ހެހެ.. މިހިރީ ލޯ ރަތްބެއަކަށް ވެފަ. އަލީޝާއަށް ފެންނަންވާއިރަށް ރަތްކަން ގޮއްސިއްޔާ ރަނގަޅު. އެހެންނޫނީ ބުނެފާނެ ރޮއެރޮއެ ލޯ ރަތްވީއޭ.” އަމިއްލަނަފްސާއި ވާހަކަދައްކަމުންދިޔަ އީތަން ހުރީ ދުވަހަކުވެސް އުފާ ނުވާ ވަރަށް އުފާވެފައެެވެ.
“އަލީޝާ ހާދަ ގޯހޭ…” ތޫބާ ކިޔައިލިިއެވެ. ހިތްކިޔާ ފިރިހެނަކު އެ ދޭތެރެއަށް ވަނުމުން، ރޯލް މޮޑެލްއަށް އަހަރުތަކެއް ވަންދެން ކުރަމުން އައި އިތުބާރު އެރީ ހަވަޔަށެވެ. “އީތަން…” މަޑުމަޑުން އެ ނަން ކިޔައިލިއިރު ތޫބާގެ ލޮލުގައިވީ ކަންބޮޑުވުމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.





Intresting waiting for the next part?
Next part Wednesday ga ingey
Now I’m so curious!!
Thnx 4 reading
Now I’m so curious!! This ended too soon. ???
Kuda inthizaareh kollaa mihaaru 4 vana bai liyan fashaafa onnanee
Alheyyyyy Mi haadha interesting story ekey… Varah curious.??. When next part? #DESPERATELY IN WAITING ❤️❤️❤️
thnx sis next prt wednesday ga
v habeys..one of ma fav story akah vejje cuz of eethan n aleesha..btw waiting for the next part
thnx hamtii
lubaa and thooba eii ekeh tha.. i mean ekaku heyye, btw stry v salhi
oh god…luba liyevunukan nuves ingey!!! yeah luba ya thooba ya ei ekaku ingey. aslu luba ei varah kurin site eh ga up nukoh ma liyun vaahaka eh ga ulhey character eh. mi vaahaka yah eyna alun lee thooba yah nan badhalukohgen. luba ge character hithuga otheema ehen liyevunee olhigen. im sorry?
ohhh!!! very interesting!!! just love ittttttt!!!
thnx muslimmmm
in case u get confused or think that luba is a new character… luba ya thooba ya ei ekaku ingey… olhigen liyefa eynee sorry guys????
Love this vaahaaka also .jinni hama molhyeyyy
Ehehe thaanks?
Jinni. Alhe kobaatha next part haadha inthizaar kurameyyy eba.
Reyga submit koffin adhives up nuvey… Mihaaru varha las up vaaleh?
up waaleh slw wany kyhwetha?? keiy madhu wefa thiben mijeheny 🙁
idk y?