Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (22ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
December 10, 2018 6 Mins Read
13 Comments

22ވަނަ ބައި

ނާސިރު އަވަސް އަރުވާލައިގެން ގޭތެރެ ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭތަން ހިބާއަށް ފެނުމުން މަންމަ ކޮބާބާއޭ ހިތައް އެރިއެވެ. އޭނާ ކައިވެންޏެއް ކުރާއިރު މަންމަގެ ހެޔޮ ނަސޭހަތެއް ހިސާބުވެސް އޭނާ އަށް އަޑު ނީވޭތާ މަންމަގެ ހިތްހެޔޮ ހިނިތުންވުމެއްވެސް އޭނާއަށް ނުފެންނަތާ މިހާރު ވީ ކިތައް ދުވަސް ކަމެއްވެސް ނޭނގެއެވެ. މާ ގިނަ ދުވަހެއް ނުވެ އޭނާ ފިރިމީހާއާއެކު އެގެއިން ނިކުމެގެން ދާން ޖެހޭނެއިރު މަންމަގެ ރުހުން ނުލިބި ދާން ވެއްޖެ ނަމަ އޭނާގެ ހިތައް ކިހާ ބަރުވާނެ ނޫން ހެއްޔެވެ. އަބަދު ވިސްނޭނީ ދެން އެކަމާ ވިއްޔާއެވެ. ހިބާގެ މާޔޫސްކަން އިތުރު ވަމުން ދާން ފެށުމުން އަވަހައް ﷲގެ ކިބަފުޅަށް ދުޢާ ދަންނަވާލީ އޭނާގެ މަންމައަށް ތެދު މަގު ދައްކަވާތޯއެވެ. އޭނާގެ ހިތުގެ ހާލު މަންމަ އަށް އިހްސާސް ކޮށްދެއްވާތޯއެވެ. އޭނާ މަންމަގެ ލޯތްބައް ފެންބޮވައިގެންފައި ވާ މިންވަރު މަންމަ އަށް އިހްސާސް ކޮސްދެއްވާތޯއެވެ.

………………

ހުމާ ވޭތުވެދިޔަ ދެ ދުވަސްތެރޭ މަޑުމަޑުން ނަމާދު ޤާއިމް ކުރެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. އޭނާގެ މުޅި ސިކުނޑި ވަނީ އެކަމަށް ގޮސް ހުސްކޮށްލާފައެވެ. ނަމާދުގައި ކިޔާ ތަކެތި އަލުން ދަސްކުރެވޭތޯ މަސައްކަތް ފެށިއެވެ. އަދި އެތަކެތި ދަސްކުރުމަށް ކިޔަމުން ދިޔަ އެކިއެކި ފޮތްތަކުންނާއި ސައިޓް ތަކުން ބޭނުންތެރި، އޭނާއަށް ކުރިން ނޭނގޭ ދީނާއިބެހޭ އެތައް މަޢުލޫމާތެއް އެނގިގެން ދިޔައެވެ. އެހެންކަމުން އަޢުރަ ނިވާކުރުމުގެ ހެޔޮ ނިޔަތުގައި ބުރުގާ އަޅާ، ލާހެދުންތައް މުޅިން ބަދަލު ކޮށްލަން ބޭނުންވިއެވެ. ނަމަވެސް އެކަމާއި ވިސްނާ ބައެއްފަހަރު ހިތައް އަރަނީ އަދި ބުރުގާ އަޅަން މާ އަވަސް ކަމުގައެވެ. ތަންކޮޅެއް ބޮޑައް ދީނީ ކަންތައްތަކުގައި ސާބިތުވުމުން ބުރުގާ އަޅާނީ ކަމުގައެވެ.

ނަމަވެސް އެކަމާއިމެދު ރަނގަޅައް ވިސްނާލުމުން އެއީ ޝައިޠާނާގެ ނުބައި ވަސްވާސެއްކަން އެނގުންވިއެވެ. ސަބަބަކީ އެއީ އޭނާ ބުރުގާ އަޅަން ހިތައް އެރި ފުރަތަމަ ފަހަރެއް ނޫންވިއްޔާއެވެ. ކުރިންވެސް ދޭތެރެއަކުން ކުދިން ބުރުގާ އަޅާފައި ތިބޭލެއް ރީތިކަމުން ބުރުގާ އަޅަން ހިތައް އަރައެވެ. ނަމަވެސް ފަހުން ފަހުން ނޭ، ހިތައް އަރަނީ ހަމަ އެގޮތައް ދީނީ ކަންކަމުގައި ސާބިތުވީ ދުވަހަކުން ކަމަށް ވިސްނާފައެވެ. އެހެންކަމުން މިފަހަރުވެސް ފަހައް ބާއްވައިފިއްޔާ ފަހުންގޮސް އަނެއްކާވެސް ދީނީ ކަންކަމަށްދޭ ސަމާލުކަން ކުޑަވެ އެކަން ކުރާހިތްނުވާތަން އަންނާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަކަށް އެކަން ކުރަން ބޭނުންވި އިރު އެކަން ކުރުމެވެ. އަދި ހެޔޮ ނިޔަތުގައި ކޮށްފިނަމަ އެކަމަށް ސަވާބު ލިބޭނޭކަން އޭނާ އޭނާގެ އަމިއްލަ ނަފްސައް ހަނދާން ކޮށްދިނެވެ. އެތައް ފާފައަކަށް އަރައިގަނެވިފާ ވާހިނދު ކުރާ ކުޑަކުޑަ ކަމަކުން ލިބޭ ހެޔޮ ސަވާބުވެސް މިވަގުތު ހުމާއަށް ވަރަށް މުހިންމުކަމުގައި އޭނާއަށް ދެކެވުނެވެ.

ރަހްމާ އޮތީ އޭނާގެ ކޮޓަރީގައި ސޯފާގައި އޮށޯވެލައިގެން އެދުވަހު ނާސިރު ދެއްކި ވާހަކަތަކައް ވިސްނާށެވެ. ގޮތްދޫކޮށްފައި ހިބާގެ ކައިވެންޏައް ރުހުން ދޭން ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކައިވެނި ކުރަން ވިސްނިއިރުވެސް އެ މާހިލް ނޫން އެހެން މީހަކާއި ކައިވެނި ކުރަން ވިސްނިނަމަވެސް ރަހްމާ މިއަދު ހުރީހީ އެކައިވެނީގެ ހުރިހާކަމެއްގައި އުފަލުން ބައިވެރިވާށެވެ. އެފަދަ ޚިޔާލުތަކެއްގައި އޮށްވާ ކޮޓަރި ދޮރުގައި ދެތިން ފަހަރު ޓަކި ދީފައި ދޮރު ހުޅުވާލާ ބޯ ދިއްކޮށްލީ ހުމާއެވެ. “މަންމާ ބިޒީތަ؟ ކަމެއް ކުރަނީތަ؟” ހުމާ ދޮރުމަތީ ހުރެލާފައި އަހާލިއެވެ. ރަހްމާ ނޫނެކޭ ބުނުމުގެ ގޮތުން ދެކޮޅައް ބޯ ހޫރާލާފައި ސޯފާއިން ތެދުވެ ހަމަޖެހިލައިގެން އިށީނދެލިއެވެ. އެޔާއިއެކު ހުމާ އައިސް ރަހްމާ ކައިރީ އިށީނދެލާފައި މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. “މަންމަ ކިހިނެއް ވެފަތަ ތި އޮންނަނީ.. މިހާރު ހާދަ ކަންނެތް ވެއްޖެއޭ ދޯ؟.. ދޮންތަގެ ކައިވެނި ކުރެވެން އުޅޭއިރު މިގޭގަ ހީނުވޭ ކަމެއް ކުރަން އުޅޭހެން ވެސް. އަޅެ ދޮންތަވެސް ނޫޅެ އެންމެ ކުޑަ މިނުން ވެޑިން ޑްރެސް އެއް ފަހަންވެސް. އަދި ޕާޓީގެ ޑެކަރޭޝަންސް ނޫނީ ކާޑުތަކުގެ ވާހަކަ އެއްވެސް ނުދައްކާ… ދެން އަޅެ މަންމަ އުޅެން ވީނުން މީން ކަމަކާ… މިއޮށް ބޮޑު ޗުއްޓީގަ އެންމެން ތަންތަނައް ދާއިރު ހުމާ މެން މި ތިބެންޖެހެނީ ގޭގަ. ޕާޓީ އޮތަސް އޭގެ އެއްވެސް ހަރަކާތެއް ނެތް މިގޭގަ.” ފޫހިވެފައިވާކަން ހާމަކޮށްލަމުން ހުމާ އެހެން ބުނިއިރު ރަހްމާ އިނީ އެކަމާއިމެދު އެއްޗެކޭ ބުނަން ބޭނުން ނުވެފައެވެ. ނަމަވެސް ހުމާ ބަލަހައްޓައިގެން އިންގޮތުން ދެން ޕާޓީގެ ކަންކަމުގައި އުޅޭނީ ކައިވެނި ކުރާ މީހުންނޫން ހެއްޔޭ ބުނެލިއެވެ.

ރަހްމާ އެކަމާއިމެދު މާ ޝައުޤުވެރިކަމެއް ނެތްތަން ފެނިފައި އަދިވެސް ރަހްމާ ހިބާގެ ކަންކަމާއި ނުރުހޭކަން ހުމާއަށް އެނގުން ވިއެވެ. އެކަން އިހްސާސްވި ހިނދު އެކަހަލަ ދަނޑިވަޅެއްގައި އޭނާ ބުރުގާ އަޅާ ވާހަކަ ދައްކައިފިއްޔާ ރަހްމާ އަނެއްކާ ހުމާ ދެކެވެސް ފޫހިވާނޭ ހިތް ބުނެލިއެވެ. ނަމަވެސް އެވަގުތު ހިބާގެ ވާހަކައެއް މަތިން ހަނދާން ވެލިއެވެ. މޫނުބުރުގާ އެޅީ ކީއްވެތޯ ސުވާލު ކުރެވުނު ދުވަހު ސަބަބު ކިޔައިދެމުން ބުނި ވާހަކަތައް އެހިތުގައި އާލާވެގެން ދިޔައެވެ. މީހުން އެކަމާއި މެދު ދެކޭގޮތައްވުރެ ޢަޢުރަ ނިވާ ކުރުމުގެ މުހިންމުކަން މާ ބޮޑުކަމާއި، މީހުންގެ ނުރުހުމަށްވުރެ ﷲ ގެ ރުއްސެވުން މާ މުހިންމުކަމަށް ބުނި ބުނުން މަތިންނެވެ. އަދި އެޔާއިއެކު އަޢުރަ ނިވާ ނުކުރާ މީހުންނަށް ސުވަރުގޭގަ ވަސް ފޯރާ ފަށަށްވެސް ގާތް ނުވެވޭނޭ ކަމަށް ބުނާ ބުނުން މަތިން ހަނދާންވުމާއިއެކު، ކޮންމެ ގޮތެއް ވިޔަސް  އެކަން ކުރަން ހިތުގައި އަޒުމް ކަނޑައެޅިއެވެ. އަދި އޭނާ މަންމަ ކައިރިއަށް އެއީވެސް އެވާހަކަ ދައްކަން ވިއްޔާއެވެ.

“މަންމާ! އަޅުގަނޑު ބޭނުން ވާހަކައެއް ދައްކަން.” ހުމާ ޖެހިލުންވެ އިނދެ އެހެން ބުނި މަންޒަރު ބަލަން އިން ރަހްމާ އެކަމަށް ޝައުޤުވެރިވީ އަނެއްކާ ހުމާ ބުނަން މިއުޅެނީ ކޮން ވާހަކައެއް ބާއޭ ހިތާއެވެ. ނާސިރުވެސް އެދިޔައީ ވަރުގަދަ ވާހަކަތަކެއް ބުނެފަ ވިއްޔާއެވެ. “އަޅުގަނޑު ބޭނުން ތަންކޮޅެއް ދިގުކޮން ހެދުންކޮޅެއް ފަހަން. ބު ރު ގާ އަޅަން ބޭނުންވާތީ..” ހުމާ އިސްޖަހާލައިގެން އިނދެ ޖެހިލުންވެފައި ބުނެލިއެވެ.

ރަހްމާ އަށް ލިބުނު ޙައިރާން ކަމުގައި ހިތް ބުނެލީ އަނެއްކާ މިވެސް ވާނީ އެ ހިބާގެ ކަމެއް ކަމަށެވެ. ޔަޤީނުން ވިއްޔާ ހުމާއަށް ވަރުގަދަ ލެކްޗަރެއް ދިނީ ކަންނޭނގެއޭ އެ ހިތް ބުނެލިއެވެ. “ދޮންތަ އެއްޗެކޭ ކީތަ ހުމާ ކައިރީ..؟” ރަހްމާ އަށް ހަރުކަށި ރާޤަކަށް ސުވާލު ކޮށްލެވުނެވެ. “ނޫން މަންމާ… ދޮންތަ އެއްވެސް އެއްޗެއް ކިޔައިގެނެއް ނޫން. ހުމާ ކުރިންވެސް ދޭތެރެ ދޭތެރެއިން ބޭނުންވޭ ބުރުގާ އަޅަން. އެކަމަކު އެހާވަރަށް ދީނުގެ ކަންކަމާ އަޅާ ނުލެވޭތީ އަބަދުވެސް ހިތައް އަރަނީ ރަނގަޅައް ނަމާދު ކުރެވެން ފެށީމައޭ އަޅާނީ.. އެކަމަކު ދުވަހަކުވެސް އެ ދުވަހެއް ނައި.. އެކަމަކު މިހާރު ހުމާ ޓްރައި ކުރަން އެބަ ފަސް ނަމާދު ކުރެވޭތޯ.. ސޯ ބުރުގާ އެޅީމަ އަދި މާ ހިތްވަރު ލިބޭނެ އެއްނު ނަމާދު ކުރަންވެސް” ހުމާ ރަހްމާއަށް އެކަމުގެ ފަހަތުގައިވަނީ ހިބާ ނޫންކަން ބުނެދިނެވެ. ނަމަވެސް ދެންވެސް ރަހްމާއަށް ޤަބޫލު ނުކުރެވިފައި އިނދެވުނީ ހުމާއަށް ބަލަހައްޓައިގެންނެވެ.

“އަޅެ ހިނގާބާ މަންމަވެސް ބުރުގާ އަޅަން. ދެމީހުން އެކީ ބައްޕަ އަށާއި ދޮންތައަށް ސަޕްރައިޒް ދޭނީ.. ” ހުމާ ނިކަން ގަޔާވެލާފާ އެހެން ބުނެލީ އޭނާގެ މަންމަވެސް އޭނާޔާއެކު ހެޔޮކަންކަމުގައި ޝާމިލް ވުމުން ހުމާއަށް އަދި އެ އާއިލާއަށްވެސް ލިބޭނެ އުފާ އިހްސާސް ކުރެވޭތީއެވެ. “ޕިސް.. މަ ނޫޅެން މާ ދީންވެރިވާން ބޭނުން ވެގެންނެއް. ބުރުގާ ނޭޅިޔަސް ކާފިރަކަށް ނުވާނެ.” ރަހްމާ ފޫހި ރާޤަކަށް ވަގުތުން އިންކާރު ކުރިއެވެ. ހުމާއަށް ރަހްމާގެ ޖަވާބުން ދެކޮޅައް ބޯ ހޫރާލެވުނީ އަދި އެ ވިސްނަނީ ރަނގަޅައް ނޫން ކަމުގައި ވާތީއެވެ. “އަޅުގަނޑު ކީ އެއްޗެއްގަ އިނީ ބުރުގާ ނާޅަންޏާ ފުރިހަމަ މުސްލިމަކަށް ނުވެވޭނެޔޯ.. އެއީ ދީނުގެ އެއްބަޔައް އަމަލު ކޮށްފައި އަނެއް ބަޔައް އިންކާރު ކުރާ ކަމަށޯ ވާނީ.. މުސްލިމަކު ވިއްޔާ ﷲގެ ހުރިހާ ހުކުމަކަށްވެސް ބޯލަނބަން ޖެހޭނެޔޯ.. އެހެންނޫނީ ހަމަ އެ އިންކާރު ކުރާ އިންކާރުކުރުމަކީ ކުރެވޭ ބޮޑު ފާފައެކޯ..” ހުމާ އޭނާއަށް އެނގިފައިވާ މިންވަރުން އޭނާގެ މަންމަ އަށް ވިސްނައިދެވޭތޯ ބެލިއެވެ.

“ހޫމް.. ދެން ހެވޭ.. މިހާރު ހުމާވެސް ދީނީ ދަރުސް ދޭން ފެށީދޯ.. މިރޭ ރެޑީވޭ.. ފިހާރައަށް ދާން. ހެދުމާ ބުރުގާޔާ އެއްޗެހި ގަންނަން.” ހުމާގެ ވާހަކަތައް މާގިނަވާތީ ރަހްމާ ފޫހިވެފައި އިތުރަށް ހުަމާ އޭނާއަށް ނަސޭހަތެއް ދިނުމަށް ފުރުސަތު ނުދިނުމަށް ހުމާ އެތަނުން ފޮނުވާލިއެވެ. ހުމާ އެތަނުން ދިޔަ ނަމަވެސް ރަހްމާގެ ސިކުނޑި އަށްވަނީ އިންތިހާއަށް ބަރު ބޮޑުވެފައެވެ. “އެންމެންވެސް ދައްކަން އެނގޭ ވާހަކައަކީ ދީނުގެ ވާހަކަ. އެނޫން ވާހަކައެއް ދައްކަން އެނގޭ އެކަކުވެސް ނޫޅެ” ރަހްމާއަށް ޕިސް ޕިސް ޖަހާލެވުނެވެ. ނަމަވެސް ހަމައެވަގުތު އޭނާގެ ހިތް އޭނާގެ ނަފްސާ ސުވާލު ކޮށްލިއެވެ. “ދީނުގެ ވާހަކަ ދައްކާތީ ރަހްމާއަށް އެހާ އުނދަގޫވަނީ ކީއްވެގެން ހެއްޔެވެ؟ ރަހްމާ އެވާހަކަތަކަށް ޝަޢުޤުވެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟” ރަހްމާއަށް އެ ސުވާލުތަކުގެ ޖަވާބެއް ނޭނގުނެވެ.

ހަޤީޤަތުގައި ރަހްމާވެސް ނަމާދުކުރަން ބޭނުންވާ ދުވަސްތައް އާދެއެވެ. އެކަމަކު އެކަމަށް އެހާ ބޮޑު އިސްކަމެއް ނުދެވެނީއެވެ. ކޮންމެވެސް ދުނިޔެވީ ކަމެއްގައި ޖެހި އެކަން މަތިން ފޫހިވަނީއެވެ. ނުވަތަ ހަނދާން ނެތެނީއެވެ.

……………………..

އަސުރު ނަމާދު ކޮށްލައިގެން ނާސިރު އަވަސް އަވަހައް ގެއަށް އައީ މެހެމާނުންނަށް ކަމޭހިތަން މުހިންމުކަމެއް ދީގެންނެވެ. އަދި އައިސް ނީލާ ފޮނުވައިގެން ހިބާ އާއި ހުމާ ތައްޔާރުވެ ނިމިއްޖެތޯ ބެލިއެވެ. ނީލާ ހުރީ ނާސިރު ބުނިގޮތައް ސައިގެ ކަންކަމާއި، ގޭތެރޭގެ ކަންކަން ނިންމާފައެވެ. ކޮޓަރިއަށް ވަނީ ރަހްމާ ތައްޔާރު ވެއްޖެތޯ ބަލާށެވެ. އޭރު ރަހްމާވެސް އިނީ ތައްޔާރުވެގެން ހެން ނާސިރައް ހީވިއެވެ. މާބޮޑައް ޒީނަތް ތެރިވެފައި ނެތްނަމަވެސް ބޭރަށްދާ ހެދުމެއް ލައިގެން އިނުމުން ތައްޔާރުވެގެން ކަމަށް ނިންމުނެވެ.

“މިހާރު އެމީހުން އަންނަން އުޅޭނެ. އަހަރެންގެ އުންމީދަކީ ރަހްމާ މިކައިވެންޏާ ނުރުހުނަސް އެކަން މެހެމާނުންނަށް ނޭންގުން. އާއިލީ ސިއްރުތައް އާއިލާ ތެރޭގައި ބޭއްވުން އެންމެ ރަނގަޅު ވާނީ…” ނާސިރު އޭނާ އެދޭގޮތް ރަހްމާއަށް އިއްވާލިއެވެ. ނަމަވެސް ރަހްމާގެ ފަރާތުން އެކަމަކަށް އެއްވެސް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ރަހްމާއަށް ވިސްނައިދެވޭތޯ ނާސިރު އުޅުނެވެ. “އެކަމަކު އަހަންނަކަށް ނުވިސްނޭ މިހާރުދެން ރަހްމާ މިކައިވެންޏާއި ނުރުހެންވީ ސަބަބެއް. މާހިލް އަށް އިތުބާރު ނުކުރެވެންޏާ އަހަންނަށް އިތުބާރު ކޮށްބަލަ. މާހިލް އެއީ ކުރީގެ މާހިލް ނަމަ އަހަރެން ޔަޤީނުންވެސް މިކަން ކުރުވާކަށް ނޫޅޭނެއްނު.” ދެންވެސް ރަހްމާގެ ޖަވާބެއް ނައުމުން އަނެއްކާވެސް ވާހަކަދެއްކީ ނާސިރެވެ. “ރަހްމާ ހަމަ މިކައިވެންޏައް ނުރުހުންވަނީ ހިބާއަށް މާހިލް ލަނޑެއް ދީފާނެތީ ބިރުން ތަ؟ ހަމަ އެހާ ވަރަށް ހިބާދެކެ ލޯބިވޭތަ؟ ނޫނީ އަދިވެސް ގޮތްދޫކުރަން ބޭނުން ނުވަނީދޯ؟.. ބަލަ ތިގޮތައް ގޮތުގައި ހިފަހައްޓައިގެން އިނދެގެން ރަހްމާއަށް އެއްވެސް ފައިދާއެއް ނުވަތަ އުފަލެއް ލިބެނީތަ؟”

ރަހްމާ އާއި ދެންވެސް ކުރެވުނު ސުވާލައް ރަހްމާ ބީރުކަންފަތެއް ދީގެން އިނީ އަޑުއިވޭ ކަމަށްވެސް ނުހަދައެވެ. “އަހަރެން އަހަރެންގެ އަންހެނުން އޭނާގެ ދަރިފުޅުގެ އުފަލުގައި އުފަލުން ބައިވެރިވާތަން ދެކެން މިވަނީ ފެންބޮވައިގެންފާ.. އެ ދަރިފުޅު އޭނާގެ މަންމަގެ ލޯބިން ހެޔޮ ނަސޭހަތެއް ދޭ އަޑުއަހާލާހިތުން އެހުންނަނީ ކެތް މަދުވެފައި.. އެ ފަކީރު އެހުންނަނީ އޭނާގެ މަންމަ ކައިވެނީގެ ކަންކަމުގައި ބައިވެރިވެ ފާޑުކިޔާ، ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ވަގުތެއްގެ އިންތިޒާރުގައި. މަންމައެއްގެ ވާޖިބުތައް އަދާކޮށްދޭން އަދިވެސް ވަގުތު ފާއިތެއް ނުވޭ… އުފާވެރިކަން ލިބޭނީ ހަމައެކަނި އަހަރެމެނަކަށް ނޫން. ރަހްމާއަށްވެސް ހިތްހަމަޖެހުން ލިބޭނެކަން ޔަޤީން..” ނާސިރު އެންމެ ފަހުން އޭނާގެ ހިތުގެ އެދުން ހާމަކޮށްލާފައި އެކޮޓަރިން ނުކުމެގެންގޮސް ލިވިންރޫމުގެ ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.

އެވަގުތު ގޭ ބޮޑު ދޮރުގައި ޓަކި ޖަހާލާފައި ބޭރުން މީހަކު ސަލާން ގޮވާލި އަޑުއިވުނެވެ. އެއީ ރިޔާޒުމެންކަމަށް ޔަޤީން ކުރަމުން ދޮރު ހުޅުވަން ހިނގައިގަތް ނާސިރު ނީލާ އަށް އަންގާލީ ހިބާމެން ގާތު އެމީހުން އައި ވާހަކަ ބުނެދިނުމަށެވެ.

“އަނހާ… މިއޮށް އައީނުން.. އަވަހަށް ވަދޭ…” ރިޔާޒް މެންނަށް ތަންދައްކަމުން ނާސިރު އެއްފަރާތަކަށް ޖެހިލަމުން ބުނެލިއެވެ. ރިޔާޒާއި އައިމިނަތުގެފަހަތުން ވަތް މާހިލްގެ ހިތުގެ ތެޅުންވަނީ ހިސާބައްވުރެ އަވަސްވެފައެވެ. އެގެއަތް ވަތްމީ ފުރަތަމަ ފަހަރު ނޫން ނަމަވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހޭވަރުން މޫނުމަތިން ޖެހިލުންވެފައިވާވަރު ހާމަވެއެވެ. އޭނާ ކުރިން އެގެއަށް ވަދެއުޅުނީ ހިބާގެ ބޯއީފްރެންޑްގެ ގޮތުގައެވެ. ނަމަވެސް މިއަދުގެ ހާލަތު ބަދަލުވެފައި ވީވަރުން ﷲގެ ރޭއްވެވުންތެރިކަމުގެ ފުރިހަމަކަން އިހްސާސް ވަމުންދިޔައެވެ. އެތައް ދުވަހަކަށްފަހު ހިބާ ފެންނަން އުޅޭތީވެސް އެހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އަދި ހިބާ އޭނާގެ އަންބަކަށް ވާންއުޅޭކަން ހަނދާންވާ ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭކަހަލަ އުފާވެރިކަމެއް އެ ހިތައް ލިބެއެވެ.

ނީލާ އައިސް މެހެމާނުން އައިއްސިކަމަށާއި ނާސިރު ދެކުދިން ތިރިއަށް އައުމަށް އެންގިކަމަށް ބުނި ހިސާބުން ހިބާގެ ހިތްވެސް ނެގިނެގިފައި ޖެހެނީއެވެ. ޢޭނާގެ ވާންއުޅޭ ފިރިމީހާގެ ކުރިމައްޗައް އަރަން ޖެހިލުންވަނީއެވެ. އެއީ މާހިލް ކަމެއްވެސް ނޫންކަމެއްވެސް ހިބާއަށް އެނގެނީކީ ނޫން ވިއްޔާއެވެ.

ހުމާ ރީތިވެލައިގެން ލޯގަނޑު ކުރިމައްޗައް ހުއްޓުނުއިރު އެ ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަނުޖެހުމެއް ހިނގަމުންދިޔައެވެ. ފުރަތަމަ ފަހަރައް ލޯގަނޑުން ފެންނަންހުރި ސޫރަޔާއިމެދު އެހިތުގައި ބިރުވެރިކަމުގެ މިންވަރެއް ވިއެވެ. ޢަޢުރަ ނިވާނުވާކަން އިހްސާސްވާލެއް ބޮޑުކަމުން ވަގުތުން ލައިގެންހުރި ހެދުން ބާލައި ޢަޢުރަ ނިވާާވާ ކަހަލަ ހެދުމަކަށް ބަދަލުކުރަން އޭނާގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އޭނާ އަތުގައި އެފަދަ އެއްވެސް ހެދުމެއް ނެތް ވިއްޔާއެވެ. ޢެވަގުތު އޭނާގެ ދޮންތަ ލާ ހެދުމެއް ލުމަށް ހިތްބުމެލިއެވެ.
އެ ޚިޔާލު ހުމާ އަށް މާ ކަމުނުދިޔަ ނަމަވެސް އެގޮތައް ހުރެ މެހެމާނުންގެ ކުރިމައްޗައް ނުކުންނަން އެ ހިތެއް ޤަބޫލެއް ނުވިއެވެ. އެހެންކަމުން ހިބާގެ ބަޔައްގޮސް ހިބާ ރެޑީވެއްޖެތޯ ބެލިއެވެ. ތައްޔާރުވެގެންހުރި ހިބާއަށް އޭނާގެ ކޮއްކޮގެ މޫނުމަތިން އެހެންޏާ ނުފެންނަ ކަހަލަ އަސަރުތަކެއް ފާޅުވާކަން ފާހަގަވިއެވެ. ވީ ކިހިނެއްތޯ އަހާލުމުން ހުމާ އޭނާގެ އިހްސާސްތައް ކިޔައިދިނެވެ. ހުމާގެ ވާހަކަ އަޑުއަހާފައި ހިބާއަށް ބޭއިޚްތިޔާރުގައި ހިނިތުން ވެވުނެވެ. އަދި އޭނާގެ ކޮއްކޮގެ މާޔޫސްކަމުގެ ހައްލު އެބައޮތް ކަމުގައި ބުނެލީ ހިނިތުންވެ ހުރެއެވެ.
**ނުނިމޭ**

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 5

Next

ބޭނުންވަނީ އުމުރަށް 19 ވަނަ ބައި

Next
December 10, 2018

ބޭނުންވަނީ އުމުރަށް 19 ވަނަ ބައި

Previews
December 9, 2018

ވިންދޭ ލޯބި ތީ އެދޭ 5

13 Comments!

  1. Faathii says:
    December 10, 2018 at 8:33 am

    Assalaam Alykum
    Here is the 22th part. Mi bai thankolheh kuruveekamahttakaa maafah edhen kiyuntherin faraathun. Alhuganduge laptop massala jehigen nuliyevigen miulheny.. And rashun beyrugai ulheythy borrow kollanves lap eh nulibigen miulheny.. So phonun kudakoh liyelaafai miothy.. Have a good day..

  2. Hajja says:
    December 10, 2018 at 8:45 am

    Vvv salhi.. kon iraku next..

    1. Faathii says:
      December 10, 2018 at 4:02 pm

      Jazaakillah
      Wednesdayga kureveytho balaanan. Yaqeenehnoon. In Shaa Allah

  3. RaI❤ says:
    December 10, 2018 at 9:08 am

    Wow.varh reethi..?❤

    1. Faathii says:
      December 10, 2018 at 4:07 pm

      Jazaakillah
      ?

  4. Anonymous says:
    December 10, 2018 at 9:13 am

    keeve dheenee category kandaalaafa iny?

    1. Faathii says:
      December 10, 2018 at 9:26 am

      Mihaaru innaany rangalhu kollaafa. Thanks handhaankolladhinythy.. Jazaakillah

  5. Cutie says:
    December 10, 2018 at 9:28 am

    mi vahaka vvvvvvvvvvvv reethi.. v kiyaa hithun indhaa nimuny

    1. Faathii says:
      December 10, 2018 at 4:10 pm

      ?☺ jazaakillah

  6. RaI❤ says:
    December 10, 2018 at 11:42 am

    Alhe next part miyah vureh dhigu kohdhehchey..

    1. Faathii says:
      December 10, 2018 at 4:11 pm

      In Shaa Allah
      🙂

  7. ?Shifna? says:
    December 10, 2018 at 6:16 pm

    Masha allah. Mi part vx v.v.v salhi. When next part??

    1. Faathii says:
      December 11, 2018 at 8:57 am

      Wednesdayga. In Shaa Allah. Jazaakillah 🙂

Comments are closed.


All Right Reserved!