
“ނާސިރައްވެސް އަހަރެން މުހިންމު ނޫން ވީމަތާ ތި ހިސާބައް ދިޔަ އިރުވެސް މަގޭ ޚިޔާލެއް ހޯދުމުގެ މުހިންމުކަން ނޭނގުނީ.. ދެން މިއަދު މަގޭ ކައިރީ ތި ވާހަކަ ތި ދައްކަނީ ކައިވެނީގެ ހުރިހާ ކަމެއް ނިމި އެކަން ކުރެވެމުން ދާތީ ދެން އިތުރައް މަގޭ ޚިޔާލުން ކަމެއް ބަދަލު ނުކުރެވޭނޭކަމަށް ދޯ… މަށައް ހެޔޮ އެއް ކަމެއް ބަދަލު ނުވިޔަސް.. ގޮސް ބުނޭ މަގޭ ރުހުމެއް ދުވަހަކުވެސް ތި ކައިވެންޏަކައް ނުލިބޭނޭ… އަދި މިއަދައްފަހު އޭނާގެ މަންމަ ވަނީ އޭނާޔައް މަރުވެފައިޔޭ ބުނޭ…” ރަހްމާގެ އަޑުވެސް އިރެއް އިރަކަށް ދިޔައީ ބާރުވަމުންނެވެ.
“މަންމަޔަކީ މުހިންމު މީހެއް ނަމަ މަންމަގެ ރުހުން ހޯދަން އުޅޭނެދޯ؟… މަންމަގެ ޤަބޫލުވުން ނުވަތަ ނުޤަބޫލުވުންވެސް މުހިންމުވާނެދޯ؟؟ މަންމަގެ ރުހުން މުހިންމު ނުވީމަތާ އެންމެ ފަހުން ބައްޕަގެ ބޮލައް ވަދެގެން މަށާވެސް ސިއްރުން ހުރިހާކަމެއް ނިންމާލީ. ހުންނަ މަކަރުވެރިކަން ވިސްނާލަބަލަ…. އެކަމަކު އިރުއިރުކޮޅާ ތިމަންނަ މުސްލިމެކޭ ކިޔާ ﷲ މަތިން ހަނދުމަކޮށްދޭއިރު ހީވާނީ އެހެން ފަދަ ކަމެއް ހެން. ހުދު އަމިއްލަ މީހާގެ ހިތުގައި ކުޑަ ނަމަވެސް ބިރުވެރިކަމެއް އޮންނަނަމަ ރަނގަޅެއްނު.”
“ރަހްމާ! ބަލަ ތިމާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ހިސާބައް މިހާރު ތިޔަ ދަނީ… އަމިއްލަ ދަރިންނާމެދު ތިހާ ހިތް ގޯސްކުރަން ވާނެތަ؟” ނާސިރު އަނެއްކާވެސް ރުޅިވެރިކަމާއިއެކު ރަހްމާ މައިތިރި ކުރަން އުޅުނެވެ.
“އަދިވެސް މަތަ ގޯސްވަނީ؟؟ ކަލޭމެނައް ގޯސްކޮށް ކުރެވޭ އެއްވެސް ކަމެއް ނޯންނާނެ.. ބަލަ ދަރިޔަކު އޭނާގެ މަޔަކު ހުންނަކަން ނުދަނެ ހިތައް އެރިހާ ކަމެއް ކުރަމުން ދުވާއިރު، އަދިވެސް މައިމީހާ ހުންނަންވީތަ ދެއަތް އުރާލައިގެން. މަޔަކު ހުންނަ ކަން ދަންނަ ނަމަ ރަނގަޅެއްނު. މިއަދު މިގޮތައް މަށާ ކަލެޔާ ޒުވާބު ކުރާކައްވެސް ނުޖެހުނީހެއްނު. ” ރަހްމާހުރީ އެއްގޮތަކަށްވެސް ދޫ ދޭ ގޮތަކަށް ނޫނެވެ.
“ބަލަ ރަހްމާގެ ވާޖިބު ރަހްމާއަށް އަދާ ކުރެވުނުތަ މަޔަކަށްވެ ހުރެގެން. މާދަމާވެސް މި ދުނިޔެ ނިމިގެން ގޮސްފާނެކަމަށް ބިރުން، ދެން ދާން އޮތް ދުނިޔެއަށް ތައްޔާރުވުމަށް އެކުދިންނަށް އެއްވެސް ހެޔޮކަމެއް ދަސްކޮށްދިނިންތަ؟ އެންމެ ކުޑަ މިނުން ނަމާދުކުރަން އެއިން ކުއްޖެއް ކައިރީ ބުނެލި ހަނދާން ވޭތަ؟ ޤިޔާމަތް ދުވަހެއް ވާކަން ނުވަތަ ސުވަރުގެއާއި ނަރަކަ ވާކަން އެކުދިންނަށް ބުނެދިން ދުވަހެއް ހަނދާން އެބަހުރިތަ؟” ނާސިރައް އައި ރުޅީގައި ރަހްމާއަށް ނުކޮށްދެވުން ކަންތައްތައް ހަނދާންކޮށްދިނެވެ. ހިބާ ދަރިޔަކަށްވެހުރެ ދަރިޔެއްގެ ވާޖިބުތައް އަދާނުކުރެވުނު ވާހަކަ ދެއްކީތީ ރަހްމާ އަށް އަދާކުރެވުނު ވާޖިބެއް ނެތްކަން ރަހްމާއަށް ހަނދާންކޮށްދޭން ބޭނުންވީއެވެ.
ނަމަވެސް އެ ސުވާލުތައް ކޮށްލެވުމުން ހުދު ބަފަޔަކަށްވެ ހުރެ އޭނާއަށްވެސް އެ ވާޖިބުތައް އަދާ ނުކުރެވޭކަން ހަނދާންވުމުން އެހިތުގައި ހިނގަމުންދިޔަ އެންމެ ހައި ރުޅިވެރިކަން ވަގުތުން ފިލައި، އޭނާގެ ފާފަތައް އިހްސާސް ކުރެވި ﷲ މަތިން ހަނދާންވިއެވެ. އެވަގުތު ހިތުގައި ރިއްސާލިލެއް ބޮޑުކަމުން މުޅި މީހާ މާޔޫސްވީ އެއީހަމައެކަނި ރަހްމާގެ ވާޖިބެއްނޫންކަން ހަނދާންވުމުންނެވެ. ދަރިންގެ އާޚިރަތް ހެޔޮކުރަން އެކުދިންނަށް ބާރު ނޭޅުނުތާ އޭނާގެ އަމިއްލަ އަނބިމީހާވެސް އިސްލާހު ކުރުމަށް އޭނާގެ ދުލުން އެންމެ ލަފްޒެއްވެސް ބޭރު ނުކުރެވޭކަން ހަނދާންވުމުން އެ ދެލޯ ކަރުނުން ފުރުނީ ހިތުގައި ބިރުވެރިކަން އުފެދުމުންނެވެ.
އެ ހިތްދަތި އިހްސާސްތައް އޭނާ ވަށައިލުމުން އޭނާގެ ދެފައިން ވާގިނެތުނު ފަދައެވެ. ހުރިތަނުގައި އިށީނދެވުނީ އެ ފައިގައި، އެ ކުއްވެރި ނަފްސު ކޮޅައް ހިފަހައްޓާނެ ބާރެއް ނެތުމުންނެވެ. ދެލޮލުން ފައިބަން ފެށި ކަރުނުތައް ފޮރުވުމަށް އޭނާ ލޮލުގައި އަތްއަޅާލިއެވެ. ނަމަވެސް އޭނާގެ ކަރުން ގިސްލުމުގެ އަޑު ބޭރުވީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އޭނާއަށް ވިސްނި އުޅުން އިސްލާހު ކުރަން ފަށައިފައި ވީނަމަވެސް އުޅެން ޖެހޭލެއް ބުރަކަމުން މާވަރަކަށް އެކަންކަމަށް ފިކުރު ހިންގަން ވަގުތު ނުވަނީއެވެ. ހިތުގައި އުފެދެމުން ދިޔަ ކުއްވެރިއެއްފަދަ އިހްސާސްތައް އޭނާ ބޭރުނުކޮށް ހިފަހައްޓައިގެން މިއޮށް ހުރިހާ ދުވަހު ހުރިނަމަވެސް މިއަދު ކުއްލިއަކަށް އެކަން އޭނާގެ ކޮންޓްރޯލުން ބޭރުވީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. އޭނާ ރޯން ބޭނުމީ ހަމައެކަނި އޭނާގެ އިލާހުގެ ކުރިމަތީގައެވެ. އިންސާނުންނަށް ފެންނަ ހިސާބުގައި އެކަން ކުރާކަށް އޭނާ ދުވަހަކުވެސް ނުވިސްނައެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ހާލަތްތަކަކީ އަމިއްލަ އިޚްތިޔާރެއް އޮންނަ ހާލަތް ތަކެއް ނޫން ވިއްޔާއެވެ.
ކުއްލިއަކަށް ނާސިރައް ވީގޮތް ފެނިފައި ރަހްމާއަށް ލިބުނީ ޙައިރާންކަމެވެ. ނާސިރު ރޮނިކޮށް މީގެ ކުރިން ދުވަހަކުވެސް ރަހްމާ ނުދެކެއެވެ. އެ ދެމަފިރިންގެ ދޭތެރޭ އެކަހަލަ ޒުވާބުތައް ދޭތެރެ ދޭތެރެއިން ދިޔަ ނަމަވެސް ނާސިރަކީވެސް އަބަދުވެސް އޭނާގެ ގޮތުގައި ހިފަހައްޓައި، ވަކި ރަހްމާ އަކަށް ދޫ ދޭ މީހެއް ނޫނެވެ. ނަމަވެސް މިއަދު އެވީ ގޮތެއް ރަހްމާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. ހިބާގެ ކަންކަމުގައި ވެސް މީގެ ކުރިންވެސް އެ ދެމަފިރިން ޒުވާބު ކޮށްފާ އެބަހުއްޓެވެ. ނަމަވެސް ނާސިރު ދެރަވެފައެއް ނުވެއެވެ. ދެން މިއަދު މިވީ ކީއް ހެއްޔެވެ؟ ނާސިރު ރޯންވީ ކޮންކަމަކާއި ހެއްޔެވެ؟ ކީކޭ ހިތައް އަރައިގެން ހެއްޔެވެ؟ ސުވާލުތަކުން ތޮއް ޖެހެމުން ދިޔަ އޭނާގެ ސިކުނޑިއަށް އަނެއްކާ ނާސިރު ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވީ ކަންނޭނގެއޭ ހިތައް އެރުމުން ރަހްމާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. އަދި ފިރިމީހާ އަށްޓަކައި އިހްސާންތެރިކަން އެ ހިތުގައި އުފެދުނެވެ. އެކަމަކުވެސް ނާސިރު ރޯންވީ ހަޤީޤީ ސަބަބު ބުނީމަ ނޫނީ ރަހްމާގެ ގޮތް ދޫނުކުރުމަށް ރަހްމާގެ ނަފްސު އޭނާއަށް ނަސޭހަތް ދޭ ފަދައެވެ.
“އަހަންނަށް މާފުކުރޭ ރަހްމާ!.. އަހަންނަކީ ވަރަށް ބޮޑު ކުއްވެރިއެއް. ރަހްމާގެ ބޮލުގައި އިންޒާމު އަޅުވާފައި އަހަންނަށް ވަކި ސަލާމަތް ވެވޭކަށް ނެތް. އެއީ ރަހްމާޔެކޭ އެއްފަދައިން އަހަރެންގެވެސް ދަރިން. އެކުދިންނަށް ތެދުމަގު ދައްކައިދިނުމުގެ ވާޖިބު އަހަރެންގެވެސް ބޮލުގައި އެޅިފައިވޭ… އެކަމަކު…. އެކަމަކު އަހަންނަށް އެ މުހިންމު ވާޖިބު އަދާ ކުރެވިފައި ނުވޭ… އަދި ދުވަހަކުވެސް ރަހްމާއަށްވެސް ހެޔޮ ނަސޭހަތެއް ދެވިފަކާއެއް ނުވޭ… އަހަރެން ﷲ އާއި ކުރިމަތިލާނީ ކިހިނެއް؟ އަހަރެންގެ ޒިންމާތައް އަދާކުރި މިންވަރު އަހަރެންގެ ފޮތުން ފެންނަ ދުވަހު އަހަރެން އެކަމަށް ދައްކާނީ ކޮން ބަހަނާއެއް؟ ދުނިޔޭގެ ދަހިވެތިކަމުގައި، ދުނިޔެ އާރާސްތު ކުރުމަށް ވިޔަފާރީގެ ރޮގުން ކުރިއަރާތޯ މަސައްކަތް ކުރުން ނޫން އެހެން ކަމެއް އަހަންނައް މީން ދުވަހަކު ނުކުރެވޭ…” ފާފަތަކާއި މެދު ވިސްނުން ވަރަކަށް ނާސިރުގެ ލޮލުން ކަރުނަ އައުން ވީ ގިނައެވެ.
ރަހްމާއަށް ހުރެވުނީ ހަދާނެގޮތެއް ނޭނގި ގަބު އަރާފައެވެ. ކުއްލި އަކަށް ނާސިރު ދައްކަން ފެށި ވާހަކަތަކާއި އެގޮތައް ރޯން ފެށުމުން ލިބުނު ޙައިރާންކަމުން އޭނާގެ ދުލާއި ހަމައަށް އެންމެ ލަފްޒެއްވެސް ނަޔެވެ. ފިރިމީހާ ރުއިން ހުއްޓުވަން ބުނާނީ ކީކޭ ކަމެއް ނުވަތަ އޭނާ އިރުކޮޅެއް ކުރިން ކުރަމުން ދިޔަ ޝަކުވާތައް އިތުރު ކުރަންވީތޯ ނުވަތަ ނޫންތޯވެސް ނޭނގިފައި އޭނާއަށް ހުރެވުނީއެވެ.
ނާސިރައް އެހެން އިނދެގެން ރޮވުނީ ކިހާއިރަކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ފާފަތައް މަތިން ހަނދާންވިވަރަކަށް ހިތުގައި ވޭން އަޅަމުން ދިޔައެވެ. އެހެންކަމުން ﷲ އަށް ސަޖިދަ ޖަހާ ފާފަތައް ފުއްސެވުމަށް އެދި ދުޢާކުރަން އޭނާގެ ހިތް ގޮވާލިއެވެ. އެ ގޮވުމަށް އިޖާބަ ދިނުމަށް ދެލޯ ފޮހެލާފައި އޭނާ ތެދުވީ މިސްކިތައް ދާންވިއްޔޭ ހިތާއެވެ. ނަމަވެސް އެ ވަގުތު އެނދުގެ ކަނެއްގައި އިށީނދެ ބުނާނެ އެއްޗެއް ނޭނގިފައި އިން ރަހްމާ ފެނުމުން އޭނާ ދައްކަން އައި ވާހަކަތައް މަތިން ހަނދާންވިއެވެ.
“ރަހްމާ! އަހަރެމެންމީ އިންސާނުން. ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެ. އެކަލާނގެ އިންސާނުން ހައްދަވާފައިވަނީ ފާފަ ކުރެވޭ ބައެއްގެ ގޮތުގައި. އަދި އެކަލާނގެ މީސްތަކުންގެ ފާފަތައް ފުއްސެވުމަށް ލޯބި ކުރައްވާ.. މާހިލް ވަނީ އޭނާ އަށް ކުރެވުނު ކުއްތަކަށް ތަކުރާރުކޮށް މާފައް އެދިފައި. އަދި ޠަޢުބާވެ އުޅުން އިސްލާޙް ކޮށްފައި. ޠަޢުބާވުމުން ﷲ އެމީހެއްގެ ފާފަތައް ފުއްސަވާ. ވީމާ ﷲ އެމީހެއްގެ ފާފަތައް ފުއްސަވާ ޠަޢުބާ ޤަބޫލުކޮށްފައިވާ އަޅެއްގެ، ކުރީގެ ފާފަތަކުގައި ހިފާ ދަމާ އަލުން އޭނާގެ ބޮލުގައި އެ ފާފަތައް އަޅުވަން މަސައްކަތް ކުރުމަކީ ވަރަށް ނުބައި ކަމެއް. ނިކައް ވިސްނާލަބަލަ. ރަހްމާ ރަހްމާގެ ފާފަތަކަށް ޠަޢުބާ ވެފައިވަނިކޮށް މީހަކު އެގޮތައް ރަހްމާއަކީ ވަރަށް ނުބައި މީހެކޭ، ކުރިން އެވެނި މިވެނި ކަމެއްކޮށް އުޅުނު މީހެކޭ، ނަމާދެއްވެސް ނުކޮށް ޢަޢުރަވެސް ނިވާނުކޮށޭ އުޅުނީ ކިޔާ ހެދީމާ ރަހްމާ އަށް އިހްސާސް ކުރެވޭނެގޮތް ބުނެބަލަ. މިހާރުވެސް އަހަރެމެންގެ އެންމެ ކުށަކަށްވެސް އަނެކާގެ ކުރިމަތީގައި އެއްބަސްވުން އަހަރެމެނަށް ވަނީ ދުނިޔެހާ ބޮޑު ބަރު ކަމަކަށް. އެކަމަކު އެހުރިހާ ކުށެއް، ރޭ ދުވާލު ކުރެވޭހާ ފާފަތައް ﷲ ދެނެވޮޑިގެންވާ ހާލުވެސް އާދުވަހެއް އަހަރެމެންނަށް މިންވަރު ކުރައްވަނީ އަހަރެމެން ޠަޢުބާވުމަށް ފުރުސަތު ދިނުމަށް.
މާހިލްވަނީ ޠަޢުބާވެ އިސްލާހުވެފައި.. އަހަރެން އޭނާގެ އަމަލުތައް ވަރަށް ކައިރިން ބަލާފައި މި ޔަޤީންކަން ދެނީ.. އެއީ ކުރީގެ މާހިލް އެއް ނޫން. އެއީ އަހަރެމެންގެ ދަރިފުޅައް ވަރަށް އެކަށޭނެ، އެ ދަރިފުޅު ހެޔޮގޮތުގައި ގެންގުޅޭނެ ރަނގަޅު ފިރިއަކަށްވާނެ މީހެއްކަމަށް އަހަންނަށް ޔަޤީން ކުރެވުނީމާ އަހަރެންވެސް މިކައިވެންޏައް އެއްބަސް ވީ.. އަދި އެތައް ދުވަހެއް ފަހުން ފުރަތަމަ ފަހަރައް މާހިލްގެ ވާހަކަ މިގޭގައި ދެކެވުނީ އަހަރެންގެ އަމިއްލަ ދުލުން. އޭނާގެ ބައްޕަ އައިސް އޭނާ ހިބާއާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނުމުން. އަދި މާހިލް އައިސް އޭނާއަށް ކުރެވުނު ކަންތައްތަކަށް އަހަރެން ކައިރިން މާފައް އެދުނު ހިސާބުން މިގޭގައި މާހިލްގެ ވާހަކަ ދެކެވުނީ.. އަހަރެންނަށްވެސް ފުރަތަމަ ހީކުރެވުނީ ރަހްމާއަށްވެސް ތިޔަ ހީވި ފަދައިން. އެކަމަކު އެއީ މުޅިންވެސް ކުއްހީ އެއް. ހިބާ އާއި މާހިލްގެ ދެމެދުގައި އެއްވެސް ގުޅުމެއް އަދި ނުވޭ.. އެކަމަކު އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހައް އެ ދެކުދިންގެ ކައިވެނި ކުރެވިގެން ދާނެ. އެ ނިންމުން ބަދަލު ކުރާކަށް އަހަރެން ބޭނުމެއް ނޫން. ރަހްމާވެސް އެކަމާ ދޭތެރޭ ރަނގަޅައް މަޑުމައިތިރި ކަމާއިއެކު ވިސްނާލުން ބުއްދިވެރި..” މަޑުމައިތިރިކަން އެކުލެވިފައިވި ރާޤަކަށް ނާސިރު ރަހްމާ އާއި ވާހަކަ ދެއްކި އިރު ރަހްމާ މި ފަހަރު އިނީ އެއްވެސް އެއްޗެއް ނުބުނެ މަޑުން ނެވެ. ރަހްމާގެ ބަހެއް ލިބޭތޯ މިނަޓަކު މަޑު ކޮށްލާފައި ރަހްމާގެ ފަރާތުން ޖަވާބެއް ނައުމުން ނާސިރު ނިކުމެގެން ދިޔައީ މިސްކިތަށެވެ.
………………….
މާހިލް އޮފީހުގައި އުޅެނިކޮށް ރިޔާޒު ގުޅާފައި މާހިލްގެ ކައިވެނީގެ ކަންތައްތައް ވަރަށް ބާރައް ކުރިއަށް ދާވާހަކަ ބުނެދިނެވެ. އަދި އެދުވަހުގެ ހަވީރުގައި ރަންކިޔުން އޮތްކަން އެންގިއެވެ. ވީމާ އަވަހައް އޮފީހުން ނިމިގެން ގެއަށް އައިސް ތައްޔާރުވުމަށް ހަނދާން ކޮށްދިނެވެ. މާހިލް ލައްބަ އޭ ބުނީ ބަސްއަހާ ކިޔަމަންތެރި ދަރިއެއް ފަދައިންނެވެ.
އޮފީސް ނިންމާލާފައި ގެއަށްގޮސް ފެންވަރާ ތާޒާ ވެލައިގެން ކޮޓަރިން ނިކުތް އިރު އެންމެންވެސް ތިބީ މާހިލްގެ އިންތިޒާރުގައެވެ. ނާއިލް އާއި ނަސްރާ އަދި ޔުސްރާވެސް ތިބީ ވަރަށް ރީތި ވެލައިގެންނެވެ. މާހިލް ނިކުތުމުން ރިޔާޒް އޭނާގެ ކައިރީގައި މާހިލް ބައިންދާފައި ފުރާފައި ހުރި ފޯމު މާހިލް އަތައް ދީފާ އޭގައި އެއްވެސް ކުށެއް ޖެހިފައި އިންތޯ ޗެކް ކޮށްލުމަށް ބުންޏެވެ. މާހިލް ފޯމު ކިޔަމުން ގޮސް އަޅައިގަތީ އޭނާގެ ވާން އުޅޭ އަނބިމީހާގެ މައުލޫމާތު ފުރަން އިން ގޮޅި ތަކަށެވެ. ނަމަވެސް އެއިން އެއްވެސް ތަނެއްގައި އެއްވެސް މައުލޫމާތެއް ފުރާފައި ނެތުމުން ހިތުގައި ސުވާލު އުފެދުމުން ރިޔާޒައް ބަލާލެވުނީ އޭގެ ސަބަބު ހޯދާށެވެ. “ތިބައި ފުރާނީ އެގެއަށް ގޮސް. ހެކިވެރިންގެ މަސައްކަތެއް ތީ.. ހިބާ ރަން ކިޔުމުން ރަނުގެ އަދަދާއިއެކުއެއްނު ތިބައި ފުރިހަމަ ވާނީ… މާހިލް އެ ގަނޑުތައް ކިޔަމުން ދިޔަ މަންޒަރު ގާތުން ބަލަން އިން ރިޔާޒައް މާހިލްގެ ހިތުގެ ހާލު އެނގުނު ފަދައެވެ. ރިޔާޒު ހިބާގެ ނަން ކިޔާލުމުން މާހިލްގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ޙައިރާން ކަމުންނެވެ. އަދި ބޭ އިޚްތިޔާރުގައި “ހިބާ އޭ؟؟” ބުނެލެވުނެވެ.
އެއާއިއެކު އެތާގައި ތިބި އެންމެންގަނޑު އެއްފަހަރާ ހޭންފެށިއެވެ. އަދި ނާއިލް އަޑުގެ ހުރިކޮޅައް ސަޕްރައިޒް އޭ ބުނެލިއެވެ. މާހިލް އަށް އިނީ ވާނުވާ ނޭނގިފައެވެ. ނާސިރު އެކައިވެންޏައް ޝަރުތު ކަނޑައަޅާ، އެ ޝަރުތު ތަކައް އޭނާ ނޫނެކޭ ބުނި އިރު ދެން އޭނާއާއި ހިބާއާއި ކައިވެނި ކުރެވެންވީ ކީއްވެގެން ހެއްޔޭ އޭނާގެ ހިތައް އަރަމުން ދިޔައެވެ. މާހިލްގެ މޫނުމަތިން އޭނާއަށް ވާނުވާ ނޭނގިފައިވި މަންޒަރު ފެނުމުން ރިޔާޒް އޭނާގެ ހުނުން މައިތިރި ކުރެވޭތޯ ބެލިއެވެ. އަދި އެއަށްފަހު ވީގޮތް ކިޔައިދިނެވެ.
ނާސިރު އެ ޝަރުތު ކަނޑައެޅީ މާހިލްގެ ޚިޔާލު ހުރި ނެތްގޮތް ބެލުމަށްކަމަށް ބުންޏެވެ. އަދި މާހިލްގެ ޖަވާބުން މާހިލްގެ ހިތުގައި ދީނައް ދެވިފައިވާ ލޯބި ވަރަށް ރަނގަޅައް ހާމަ ވެގެން ދިޔަ ކަމަށްވެސް ބުނި ކަމަށް ބުންޏެވެ. އަދި އެހެން ގޮތްގޮތައްވެސް މާހިލްގެ އުޅުން ހުރި ނެތްގޮތް ނާސިރު ކޮންމެވެސް ވަރަކަށް ބެލިކަމަށް ނާސިރު ރިޔާޒް ކައިރީ ބުނި ކަމަށް ވެއެވެ. އެގޮތުން މާހިލްގެ ރައްޓެހިންގެ ގާތުންނާއި، މާހިލް އާންމުކޮށް ނަމާދައް އަރާ މިސްކިތު އިމާމު މީހާ ކައިރިންވެސް އޮޅުން ފިލުވި ކަމަށް ވެއެވެ. އަދި އެ ހުރިހާ ގޮތަކައް ބަލައި އޭނާ ޔަޤީންކުރަން ބޭނުންވާ އެއްޗެއް ޔަޤީންވުމުން ރިޔާޒް އާއި ބައްދަލުކޮށް އެ ވާހަކަތައް ދައްކާ ކައިވެނީގެ ކަންކަން އަވަސް ކުރުމަށް އެދުނު ކަމަށް ބުންޏެވެ. ދެން ދެމީހުންވެސް ނިންމީ ކުޑަކޮށް ތިޔަ ދެކުދިން ތަޅުވާލުމަށް ފުރަތަމަ އެކަން ސިއްރުކުރުމަށް ކަމަށްވެސް ރިޔާޒް ކިޔައިދިނެވެ.
ރިޔާޒްގެ ވާހަކަތައް އަޑުއަހާފައި މާހިލްގެ ހިތައް ހަމަ ޖެހުން ލިބިގެން ދިޔައެވެ. އަދި ﷲ އަށް ޙަމްދު ކޮށްލިއެވެ. އެއަށްފަހު ގޭ ހުރިހާ ކުދިންވެސް ދިމާ ކުރަން ފެށުމުން މާހިލް ކުޑަކޮށް ލަދު ގަންނަގޮތް ވިއެވެ. މާހިލްގެ މަންމަ އައިމިނަތު ދެން އިތުރަށް ސަކަރާތް ޖެހުމުގައި ވަގުތުތައް ނަގާނުލާ އެގެއަށް ދާން އުޅުމަށް ހަނދާން ކޮށްދިނެވެ. އެޔާއިއެކު ރިޔާޒް ކަނޑައަޅާފައިވާ ދެ ހެކިވެރިންނަށް އޭނާ ފޯނު ކޮށްފައި އެގެއާ ދިމާލައް މިސްރާބު ޖެހުމަށް އަންގާލިއެވެ. އެއީ މާހިލްގެ ބޮޑުބޭބެއާއި ރިޔާޒްގެ ގާތް އެކުވެރިއެކެވެ.
………………
ނާސިރު ދެއްކި ވާހަކަތަކުން ރަހްމާގެ މުޅި ދުވަސް ހަރާބުވެގެން ދިޔަ ފަދައެވެ. ހުރިހާ ކަމެއްގެ މަތިން ފޫހިވެފައި ބަދިގެއަށް ވަންނަހިތްވެސް ނުވެފައި އޭނާއަށް އިނދެވުނީއެވެ. ނާސިރު މިސްކިތުން އެނބުރި ގެއަށް އައި އިރުވެސް ރަހްމާ އިން ގޮތައް ކޮޓަރީގައި އިންތައް ފެނި ނާސިރު ހިތްހަމަ ނުޖެހުނެވެ. ހިބާގެ ރަން ކިޔުމުގެ ހަފްލާގެ އެއްވެސް ތައްޔާރީއެއް ކުރިއަށް ދާ މަންޒަރު ނުފެންނާތީއެވެ. ނަމަވެސް ރަހްމާއާއި ވާހަކަ ދައްކަން ވެއްޖިއްޔާމުން އަނެއްކާވެސް ޒުވާބު ކުރަން ޖެހިދާނޭ ހިތާ އޭނާ ކޭޓަރިން ސާވިސްދޭ ފަރާތަކަށް ގުޅާ ވަރަށް އަވަހައް ބޭނުންވާ އެއްޗެހި ގެނެސް ދިނުމަށް އޯޑަރު ކޮށްލިއެވެ. އެހާ ކުއްލި ގޮތަކަށް އޯޑަރު އައުމުން ހަދައިދޭންވެސް ބުނީ ދެގުނަ އަގުބޮޑުކޮށެވެ. ނަމަވެސް އެނޫންގޮތެއް އެވަގުތު ދެން ނުހެދޭނެތީ ނާސިރު އެގޮތައް އެއްބަސްވީއެވެ. އެއަށްފަހު ނީލާ ކައިރިއަށްގޮސް ބަދިގޭގެ މަސައްކަތް ތައް ބަހައްޓާފައި ގޭތެރެ ސާފު ކުރުމަށް އަންގާލިއެވެ. އަދި މޭޒުމައްޗައް ހެދިކާ އަޅާނެ ތަށިތައް ތައްޔާރުކޮށް ހަދާލުމަށްވެސް ބުނެދިނެވެ. ދެން ނާސިރު ފިހާރައަކަށްގޮސް ހެދިކާ ކާން ބޭނުންކުރާ ވަށްތަރުގެ ޕްލާސްޓިކް ތައްޓާއި ޖޫސް ބޯން ބޭނުންވާނެ ތަށިތައް ގެނެސް ނީލާ އާއި ހަވާލުކުރީ އެތަކެތިވެސް މޭޒުމަތީ ތަރުތީބު ކޮށްލުމަށެވެ. އެއަށްފަހު ހިބާގެ ބައިގައި އިން މޭޒު ތިރިއަށް ގެނެސް ސޯފާތައް ކައިރީ ބަހައްޓާލީ ފޯމުތައް ފުރާ، ސަޔައް އިންސާފު ކުރުމުގެ ކުރިންވެސް ދެފަރާތު އާއިލާ އެ މޭޒުކައިރީ ތިބިގެން ވާހަކަ ދައްކާލާ ހަދާން ބޭނުން ވާނެތީއެވެ.
ނާސިރު އަވަސް އަރުވާލައިގެން ގޭތެރެ ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭތަން ހިބާއަށް ފެނުމުން މަންމަ ކޮބާބާއޭ ހިތައް އެރިއެވެ. އޭނާ ކައިވެންޏެއް ކުރާއިރު މަންމަގެ ހެޔޮ ނަސޭހަތެއް ހިސާބުވެސް އޭނާ އަށް އަޑު ނީވޭތާ މަންމަގެ ހިތްހެޔޮ ހިނިތުންވުމެއްވެސް އޭނާއަށް ނުފެންނަތާ މިހާރު ވީ ކިތައް ދުވަސް ކަމެއްވެސް ނޭނގެއެވެ. މާ ގިނަ ދުވަހެއް ނުވެ އޭނާ ފިރިމީހާއާއެކު އެގެއިން ނިކުމެގެން ދާން ޖެހޭނެއިރު މަންމަގެ ރުހުން ނުލިބި ދާން ވެއްޖެ ނަމަ އޭނާގެ ހިތައް ކިހާ ބަރުވާނެ ނޫން ހެއްޔެވެ. އަބަދު ވިސްނޭނީ ދެން އެކަމާ ވިއްޔާއެވެ. ހިބާގެ މާޔޫސްކަން އިތުރު ވަމުން ދާން ފެށުމުން އަވަހައް ﷲގެ ކިބަފުޅަށް ދުޢާ ދަންނަވާލީ އޭނާގެ މަންމައަށް ތެދު މަގު ދައްކަވާތޯއެވެ. އޭނާގެ ހިތުގެ ހާލު މަންމަ އަށް އިހްސާސް ކޮށްދެއްވާތޯއެވެ. އޭނާ މަންމަގެ ލޯތްބައް ފެންބޮވައިގެންފައި ވާ މިންވަރު މަންމަ އަށް އިހްސާސް ކޮށްދެއްވާތޯއެވެ.
**ނުނިމޭ**
13 Comments!
Comments are closed.
Keep up the good work faathi..Jazakillah Khair
May Allah reward u too.. 🙂
Wow. Mi part vx v.v.v.interesting. Curiously waiting 4 next part…
Jazaakillah 🙂
Wow.adhi thankolheh dhigukohlinama varah furihama vees.
Jazaakillah 🙂
Masha allah varaha furihama vaahakr eh mi ee???mai Allah thibaayah heyo rahmai lavvashi
Allah thibaa ahves heyo rahmah lahvvaashi. 🙂
V salhiey mi part vs. Thanks Faathi
Jazaakillah?
whn nxt ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? hama habeys stry eh
Mondayga In Shaa Allah.
Jazaakallah 🙂
Tommorow ga stry up kohdhehchey…