ލޯބި 6 ވަނަ ބައި
އަހަރެން ނުދިޔަޔަސް ނަތާމެން މޫދަށް ދިޔައެވެ. އެމީހުން ދިޔުމުން އަހަރެން އެކަނި ގޮސް ހުރީ ކުޅި ކައިރީގައެވެ. އެތަނަށް ދިޔުމުން ހިތުގެ ނުތަނަވަސްކަން ކުޑަވިއެވެ. ރީތި ފިލްމެއް ފަދައިން ކުރީ ދެ ރޭގެ މަންޒަރުތައް ވަކިވަކިން އަހަރެންގެ ހިތަށް ފެންނަމުން ދިޔައެވެ. ޒިޔާން އަހަރެންގެ ނިތްކުރީގައި ބޮސްދިން ލޯބިވެތި ގޮތެއެވެ. އަހަރެންގެ ގައިގައި ބައްދާލިގޮތެވެ. ފެންގަނޑުގައި ބޮއްކުރާ ދުއްވި ހާއްސަ ވަގުތުކޮޅެވެ. އަހަރެންގެ ލޮލުން ކަރުނައެވެ. ދެ އިހުސާސް އެކުލެވޭ ކަރުނައެކެވެ. އުފަލާއި ނުތަނަވަސްކަމެވެ. ޒިޔާނަށް ކިހިނެއްވީ ހެއްޔެވެ؟ މިހާރު ޚަބަރެއް ނުވާތާ ދެ ދުވަސްވަ ނީއެވެ. އަނެއްކާ މާބޮޑަށް ބަލިވީ ނޫންބާއެވެ؟ އެހެން ހިތަށް އެރުމުން އަހަރެންގެ ހަރަކާތްތައް އަވަސްވިއެވެ. ދެވަނަ ފަހަރަށް ވިޝާލް ހޯދަން ދިޔައިމެވެ. އޭރު ވިޝާލް ނަަތާމެންގެ ގެއިން ނުކުންނަނީއެވެ.
“ވިޝާލް!” އަހަރެން ތަންކޮޅެއް ބާރަށް ގޮވާލީމެވެ. އަދި ހަލުވި ފިޔަވަޅުތަކެއް އަޅަމުން އައިސް އޭނާއާ ހަމަކުރީމެވެ.
“މަންމަ ބުނި ހެނދުނު ހޯދަން އައި ވާހަކަ. އަހަރެން ވެސް މިހުރީ ރިޔާޝާއާ ބައްދަލުކުރަން ވަރަށް ބޭނުންވެފައި” އާޒިމްގެ މޫނުމަތިން އަހަންނަށް ފެނުނީ ހާސްކަމެވެ.
“ޒިޔާނަށް ކިހިނެއްވީ؟” އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ރޮވޭގޮތް ވިއެވެ.
“މިކަންތައްގަނޑު ނިހާއަށް އެނގުނީ” ވިޝާލް ބުންޏެވެ.
“އަހަންނާ ޒިޔާންގެ ގުޅުން؟” އިތުރަށް ޔަގީންކުރުމުގެ ގޮތުން އަހަރެން އެހީމެވެ.
“އެނގުނީކީ ނޫން. ޝައްކުވީ” ވިޝާލް އިތުރަށް ކިޔައިދިނެވެ. އަހަންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
“ޒިޔާންގެ ފޯނުގަ އިން މެސެޖެއް ފެނުނީ”
އަހަރެންގެ ހިތަށް އެރިއެވެ. އެއީ އެހާބޮޑު ކަމެއް ހެއްޔެވެ؟ އެވަރުގެ ކަމަކާ ޒިޔާން އަހަންނާ ގުޅުންކަނޑާލައި، އަހަރެންގެ ހިތް ނުތަނަވަސް ކުރުވީއެވެ. ދޮގެއް ހަދައިގެން ވެސް އެވަރުގެ ކުޑަކުޑަ މައްސަލައެއް ޒިޔާނަށް ހައްލުކުރެވެން ޖެހޭނެއެވެ. އެއީ ދެމަފިރިންނެއް ނޫނެވެ. އުޅެނީ ދެގޭގައެވެ. ވަގުތެއް ހޯދައިގެން ވެސް އަހަންނަށް ގުޅާފައި އަންގާލެވޭނެ ނޫން ހެއްޔެވެ؟
“ދެން ގުޅާފަ ބުނެލިނަމަ. . .” އަހަންނަށް ޝަކުވާކުރެވުނެވެ.
“ނިހާ އަކީ ފިސާރި އަންހެނެއް! ރޭގަނޑު ދަންވަރުވެސް ޒިޔާނަށް އެބަގުޅާ ކޯލް ވެއިޓިންގަ ތޯ ބަލާލަން” ވިޝާލް ބުންޏެވެ. “ކިތަންމެ ލޯބިވިޔަސް އަހަންނަކަށް ނޫޅެވޭނެ އެވަރަށް ދަށުވެގެންނެއް! އަސްލު ޒިޔާނަށް އަހަރެމެން އުޅޭހެން އުޅެން ނުކެރެނީވެސް ނިހާ ދެކެ ބިރުން”
ވިޝާލް ޒިޔާނަށް ދިނީ ‘ފިނޑިއެއްގެ’ ލަޤަބެވެ. އެކަމަކު އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. ޒިޔާނަކީ އެވަރުގެ ނުކެރޭ، ޖެހިލުންވާ މީހެއް ނަމަ އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އުފެދުނު ލޯބި ހާމައެއް ނުކުރާނެއެވެ. ރޭގަނޑު ދަންވަރު އަހަންނާ ބައްދަލުކުރާކަށް ވެސް ނުކެރޭނެއެވެ. ޒިޔާނަކީ ލޯތްބަށް އިޚުތިރާމަކުރާ އިޚުލާސްތެރިއެކެވެ. ޒިޔާން ނިހާ ދެކެ ނިހާޔަތަށް ލޯބިވެއެވެ. ނިހާ ގެއްލިދާނެތީ ކަންބޮޑުވެއެވެ. ޒިޔާން ނިހާގެ ދަށުވެގެން އުޅޭހެން އެހެން މީހުންނަށް ހީވާ ސަބަބަކީ އެއީއެވެ.
އެރޭ އެކެއްޖެހިފަހުން ޒިޔާންގެ މެސެޖެއް ލިބުނެވެ. ދެބަދޭތެރޭގައި އޮވެފައި މެސެޖު ލިބުނު އަޑަށް އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އޭގައި އޮތީ ހުކުރުވިލޭރޭ ބައްދަލުކުރާނެ ވާހަކައެވެ. އިތުރަށް މެސެޖުކޮށް ނުހެދޭނެ ވާހަކައެވެ. އެކަމަކު ޒިޔާންގެ ލޯބިވެތި ބަސްތަކާ ވަކިން އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ ޒިޔާން ކޮށްލާ ކުދިކުދި ސަމާސާތަކުން މުނިފޫހިފިލައެވެ. ބުނެލާ ހަންހާރަވެތި ލަފުޒުތަކުން ހިތަށް ދިރުންލިބެއެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ މީހަކު ހުރިކަން އިހުސާސް ކުރެވި، ފަޚުރުވެރިވެވެއެވެ.
ދިގުލައި ވެހެމުންދިޔަ ވާރޭ އެރޭގެ ދިހައެއްޖެހިއިރު ވެސް ހުއްޓައެއްނުލައެވެ. އަހަރެން ވަރަށް ކަންބޮޑުވިއެވެ. ޒިޔާނާ ބައްދަލު ނުކުރެވިދާނެތީއެވެ. ވާރޭ ހުއްޓާނުލައިފިނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަދަންވީ ގޮތެއް ޒިޔާން ކައިރީގައި އަހަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން ކަމަކުނުދާނެއެވެ. މިހާރު އޭނާ އިންނާނީ ނިހާ ކައިރީގައެވެ. ކިތަންމެ ވިއްސާރަޔަސް ނިހާ ކައިރިއަށް ދެވެއެވެ. އެހެން ވެއްޖެނަމަ އަހަރެން ކައިރިއަށް ވެސް އާދެވޭނެއެވެ.
ވަގުތު ކައިރިވާން ފެށުމުން އަހަރެން ތައްޔާރުވީމެވެ. އަހަރެންގެ ހިތް ބުނީ ޒިޔާން އަންނާނެ ވާހަކައެވެ. ކަންވީވެސް އެހެންނެވެ. ބާރަޖަހަން ވަރަށް ކައިރިވީފަހުން ޒިޔާންގެ މެސެޖެއް ލިބުނެވެ.
“މިހުރީ ތިގެއާ ދިމާ ގޮނޑުދޮށުގަ. . .”
އަހަރެން އަވަސްއަވަހަށް ކުޑައެއް ހިފައިގެން ނުކުތީމެވެ. އޭރު ވާރޭ ވަރަށް ތުނިކޮށްލައިފިއެވެ. ވައިވެސް މާ ބާރެއް ނޫނެވެ. އެކަމަކު ދޭތެރެއަކުން ވިދުވަރުގެ އަލިކަންވެއެވެ.
އަހަންނަށް ދެފަސްބެދުނު ހިސާބަށް ދެވުނުތަނާ ފޯނު ވައިބްރޭޓް ވާންފެށިއެވެ. ގުޅަނީ ޒިޔާނެވެ.
“ކަނާއަތް ފަރާތުގަ ހުރި ހަރުގެތެރޭގަ މިހުރީ” ކަންފަތުގައި ފޯނު ޖައްސާލުމުން ޒިޔާން ބުންޏެވެ.
އަހަރެން ގޮސް ހަރުގެއަށް ވަންއިރު ޒިޔާން ހުރީ އިންތިޒާރުގައެވެ. އެކަމަކު ކުރިން ދެ ރޭ ކީފަދަ ހޫނުމަރުޙަބާއެއް އޭނާ ނުކިޔައެވެ. އެ މޫނުން ފެންނަނީ ނުތަނަވަސްކަމެވެ. މޮޅިވެރިކަމެވެ. އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން ހުރެފައި އޭނާ އަހަރެން ހިފައިގެން ހުރި ކުޑަ އަތުލުމަށްފަހު ހަރުގެ ތެރޭގައި އޮތް ދޯނިމަތީގައި ބޭއްވިއެވެ.
“ރިޔާ. ކިތަންމެ ވިއްސާރަޔަސް މިރޭ ކޮންމެހެން ވެސް ބައްދަލު މިކުރީ ވަރަށް މުހިއްމު ވާހަކައެއް ބުނަން ވެގެން!” އަހަންނާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ވާހަކަދައްކާނެހާ ހިތްވަރު ޒިޔާނަށް ނުލިބުނީ ކަންނޭނގެއެވެ. އޭނާ ހުރީ ފަސްދީގެންނެވެ.
“އަހަރެން ވަރަށް ލޯބިވޭ ނިހާ ދެކެ. ބޭނުމެއް ނޫން އޭނައާ އެއްވެސް މައްސަލައެއްޖެހޭކަށް. އޭނަ އަހަންނަށް ކުރާ އިތުބާރު ގެއްލޭކަށް. . ” ޒިޔާން ލަސްލަހުން ވާހަކަދެއްކިއެވެ.
“ދެން؟” ކެތްނުވެގެން އަހަންނަށް އަހާލެވުނެވެ.
“ނިހާ ދެކެ ވެސް ވަރަށް ލޯބިވޭ! އެކަމަކު ނާހާތި ކާކުދެކެހޭ ބޮޑަށް ލޯބި ވަނީ؟ އަހަންނަކަށް ޖަވާބެއް ނުދެވޭނެ!” ޒިޔާންގެ އަޑު ބެދުނެވެ. އަހަރެން ގޮސް އޭނާގެ ކުރިމައްޗަށް އެރީމެވެ. އެ ދެލޮލުގައި ވަނީ ވޭނީ އަސަރެކެވެ. އެ ހިތުގެ ރިހުން ދެލޮލުންނާއި، މޫނުމަތިން ވަރަށް ރަނގަޅަށް ހާމަވެއެވެ.
“ޒިޔާން ބަލާބަލަ!” އަހަރެންގެ ވާއަތްތިލަ ޒިޔާނަށް ދައްކާލީމެވެ. “މީ އަހަރެންގެ މުސްތަޤުބަލު އޮތް ގޮތް. އަހަރެންގެ ދިރިއުޅުމުގެ ބިންގާ މިވަނީ އެޅިފައޭ ބުނުން ދޮގަކަށް ނުވާނެ. އެކަން އެންމެ ވަގުތުކޮޅަކަށް ވެސް އަހަރެން ހަނދާނެއް ނުނެތޭ!” ކަށި އިނިގިލީގައި އިން އަނގޮޓި އަށް އިޝާރާތްކޮށްފައި އަހަރެން ބުނީމެވެ.
“މި ހިތުގައި ލޯބީގެ ވިންދު ޖެހީ ޒިޔާނަށްޓަކައި. . . ހަމަ އެކަނި ޒިޔާނަށްޓަކައި” އަހަރެން ޒިޔާންގެ ހަށިގަނޑުގައި ބާރަށް ބައްދައިލީމެވެ. އެވަގުތު ވިދުވަރުގެ ގަދަ އައްޔާއެކު ގުގުރީގެ ބާރު އަޑުފަށްގަނޑު އިވިގެން ދިޔައެވެ.
“މި ކުޑަކުޑަ އުފާ އަހަރެންގެ އަތުން ފޭރިނުގަނޭ!” އަހަރެން އާދޭސްކުރީމެވެ. އަހަންނާ ވާހަކަދެއްކުން ހުއްޓާނުލުމަށް އެދުނީމެވެ. ނިހާ އަށް ސިއްރުން މިގުޅުން ކުރިއަށް ގެންދަން ބުނީމެވެ.
ޒިޔާން ކުޑަކޮށް އަހަންނާ ދުރަށް ޖެހިލިއެވެ. “ރިޔާ . . މިފަހަރު ދޮގެއް ހަދައިގެން ސަލާމަތް ވެއްޖެ! އެކަމަކު އަބަދު ކިހިނެއް އެހެން އުޅޭނީ؟” މީހުން ބުނެ އުޅޭ ނޫން ހެއްޔެވެ؟ ވަގަކަށް ހާސްދުވަހެވެ. ވެރިއަކަށް އެއްދުވަހެވެ. ކިތަންމެ ސިއްރުން ކުރިޔަސް، އަބަދު ކުރާކަމެއްނަމަ ކޮންމެވެސް ދުވަހަކުން ފަޅާއަރާނެއެވެ. ހައްލު ނުކުރެވޭފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. އެއީ ޒިޔާން ދެކޭގޮތެވެ.
“ރިޔާ އަށް އެނގޭތަ؟ ނިދަން އޮށޯވެފަ ރިޔާ އަށް ކޮށްލާ މެސެޖަކުން އަހަރެންގެ ހިތެއް ނުފުރެ! ރިޔާގެ އަޑު އަހާލާ ހިތްވެ! އެކަމަކު ނިހާ އަށް އެނގިދާނެތީ ބިރުން އެކަން ވެސް ނުކުރެވެނީ. އަހަރެން މިގަޑީގަ ރިޔާއާ ބައްދަލު މިކުރަނީ ވެސް ވަރަށް ބިރުން ހުރެ. މިކަން އެހެން މީހަކަށް އެނގިއްޖެނަމަ ކިހިނެއް ވާނީ؟” ޒިޔާން މަސައްކަތް ކުރީ އަހަންނަށް ވިސްނައިދެވޭތޯއެވެ. އެއީ ތެދެކެވެ. ޒިޔާން ހިލޭ އަންހެން ކުއްޖަކު ގޮވައިގެން މެންދަމު އަތިރިމަތީގައި ހުރި ވާހަކަ ރަށުތެރެއަށް ފެތުރިއްޖެނަމަ ޒިޔާންގެ އަބުރަށް ހުތުރުވާނެއެވެ. ހީނަރު ވާނީ ނިހާއާ ދެމެދުގައި އޮތް ގުޅުން އެކަންޏެއް ނޫނެވެ. އޭނާގެ މައިންބަފައިން ވެސް ލަދުގަންނާނެއެވެ. މީގެކުރިން ވެސް ޒިޔާން ވަނީ އެ ވާހަކަތައް ހަމަ އެގޮތަށް ދައްކާފައެވެ. އަހަންނަށް ވިސްނައިދެވޭތޯއެވެ.
“މިއީ ހަޤީގަތް ގަބޫލުކުރަންވީ ވަގުތު. މިކަމުގަ އަހަރެމެން ދެމީހުންގެ ކުށެއް ނެތް. ދެމީހުންނަށް ވެސް ލޯބި ވެނުވީ އިޚުތިޔާރަކާ ނުލާ. . .” ޒިޔާންގެ ދެއަތުން އަހަރެންގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“ޒިޔާން ބޭނުން ވަނީ ކޮން ގޮތެއް!” ރޮވިފައިވާ ދެލޮލުން އަހަރެން ޒިޔާންގެ މޫނަށް ބަލައިލީމެވެ. ޒިޔާންގެ ނިންމުން އަހަންނަށް އެނގެއެވެ. އިހުސާސް ކުރެވެއެވެ.
“ފާއިތުވެގެން މިދިޔަ އުފާވެރި ވަގުތުތަކަކީ އުފާވެރި ހުވަފެނެކޭ ހީކުރާނީ. . .” ކިތަންމެ ހިތްވަރުކޮށްގެން ހުރިނަމަވެސް ޒިޔާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ގިސްލަމުން އޭނާ އަހަރެންގެ ގައިގައި ބައްދައިގަތެވެ. ވަރަށް ބާރަށެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. މީގެކުރިން އަހަރެމެން އެކަކު އަނެކަކުގެ ގައިގައި ބައްދައިގެން ތިބީ އުފަލުންނެވެ. އެކަމަކު މިފަހަރު ހިތާމައިންނެވެ. ވަކިވާންޖެހޭތީއެވެ.
“ރިޔާ. . . ކެތްތެރިވުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތް!” އަހަންނަށް ހިތްވަރުދިނުމުގެ ގޮތުން ޒިޔާން މަޑުމަޑުން ބުނެލިއެވެ.
ދެން އައީ ހިމޭންކަމުގެ ވަގުތެވެ. ވަރަށް ގިނައިރު އެގޮތުގައި ތިބުމަށްފަހު އަހަރެން މަޑުމަޑުން ޒިޔާންގެ މޫނަށް ބަލައިލީމެވެ. އޭރު އޭނާ ވެސް ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އަހަރެންގެ ދެއަތުން ޒިޔާންގެ މޫނުގައި ހިފަހައްޓާލީމެވެ. އަދި މަޑުމަޑުން ދެފައިތިލަ ހިއްލައިލީމެވެ. އަހަރެން ބޭނުންވާ ގޮތް ޒިޔާނަށް އެނގުނީއެވެ. ނުވަތަ އެގޮތަށް އޭނާ ވެސް ބޭނުންވީއެވެ. އޭނާ މަޑުމަޑުން ބޯ ތިރިކޮށްލުމަށްފަހު އަހަންނަށް އިޖާބަދިނެވެ. ވަރަށް ލޯތްބާއެކު އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. އަހަރެން ބޭނުން ވަނީ ލޯތްބެވެ. ވަކިވުމުގެ ކުރިން ޒިޔާންގެ ލޯބިން މި ހިތް ފުރާލާށެވެ. އަހަރެންގެ ހިތާއި، ޖިސްމު ޒިޔާނަށް ޤުރުބާންކުރާށެވެ.
ޒިޔާން އަހަންނަށް ލޯބި ދިނެވެ. ދުވަހަކު ވެސް ހަނދާންނުނެތޭނެ މިންވަރަށެވެ. އަހަރެމެން ލޯބީގެ ކަނޑުގެ އެންމެ ފުނަށް ފީނީމެވެ. ވަކިވުމުގެ ކުރިން ކުރެވުނު ވަދާޢީ ސަލާމެއްގެ ގޮތުންނެވެ.
ޒިޔާނަކީ އަހަރެންގެ ހަޔާތަށް އައި މެހުމާނެކެވެ. ދިރިއުޅުގެ މި އަޑިގުޑަން ދަތުރުގައި ބައްދަލުވި މުސާފިރެކެވެ. ހިތް ނޭދުނަސް މި ހަޤީގަތް ބަދަލެއް ނުކުރެވޭނެއެވެ. ޖެހޭނީ ގަބޫލުކުރާށެވެ. އަހަރެން ބޯ އަޅައިގެން އޮތް ބާލީސް ކަރުނައިން ފޯވަމުންދިޔައެވެ. ރުއިމާއި، ގިސްލުން ނޫން އިތުރުކަމެއް އަހަންނަކަށް ނުކުރެވެއެވެ. އަހަންނަށް ޒިޔާން ދެކެ ލޯބި ނުވެނުނަމައެވެ.
ބޭއިޚުތިޔާރުގައި އިރުއިރުކޮޅުން ފޯނަށް ބަލައިލެވޭތީ ފޯނު ނިއްވާލީމެވެ. ކުޑަ ނަމަވެސް އުއްމީދެއް ނެތް ކަމަކަށް އިންތިޒާރު ކޮށްގެން އިތުރަށް ހިތް ނުތަނަވަސް ކުރުވަންވީ ކީއްކުރަން ހެއްޔެވެ؟ ދެން އަހަރެންގެ ފޯނަށް ޒިޔާންގެ މެސެޖެއް ނުލިބޭނެއެވެ. އެ އަސަރުގަދަ އަޑު އެހުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އެ ލޯބިވެތި ސޫރަ ދުށުމުގެ ނަސީބެއް ނުލިބޭނެއެވެ. ޒިޔާން އަހަންނާ ވަކިވީއެވެ. އަބަދުގެ އަބަދަށެވެ.
“އަހަރެން މިއުޅެނީ ފުރަން” ދެދުވަސް ވަންދެން ވިސްނުމަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. ޒަހަމްވެފައިވާ އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ޝިފާއެއް ލިބޭނީ ޒިޔާންގެ ހަނދާންތަކާއި ދުރުވެވިގެންނެވެ. އެ ހަނދާންތަކާ ދުރުވެވޭނީ މި ފަސްގަނޑުން ދުރަށް ގޮސްގެންނެވެ.
“ޒިޔާނަކީ ހާދަ ހެއްވާ މީހެކޭ ދޯ! ތިކަން ކުރަންފެށިއިރު ވެސް އޭނައަށް އެނގެންވާނެ އެއްނު ނިހާ އެބަހުރިކަން؟ ނިހާ އަށް ޝައްކު ވެދާނެކަން؟” ވިޝާލް ޒިޔާން ކުށްވެރިކުރިއެވެ. “އަހަރެން ހީކުރީ އެނގުނަސް ވަރިހަމަ ވީމަކަށް އެހާވަރުން ރިޔާޝާއާ ގުޅުން ނުބޭއްވިގެން އުޅުނީ!”
“ތިހެން ނުބުނޭ! ސިއްރު ލޯބިވެރިޔަކު ގެންގުޅުމަކީ މަސްލަހަތު މާ ރަނގަޅުވާނެ ކަމެއް ނޫން. އަހަރެން ވެސް ބޭނުން ވަނީ މިކަން މިހިސާބުން ނިންމަން” ހިތާދެކޮޅަށް އަހަރެން ބުނީމެވެ. އިތުރު ގޮތެއް އަހަންނަކަށް ނެތެވެ. މިކަން ބޭޒާރުވެއްޖެނަމަ ޒިޔާންގެ އަގު ވެއްޓޭނެއެވެ. ބައްޕަމެން އަހަންނަށް ކުރާ އިތުބާރު ގެއްލޭނެއެވެ. ވަގުތުފާއިތުވުމުގެ ކުރިން މި އެޅުނީ ރަނގަޅު ފިޔަވަޅެކެވެ.
“އަހަރެން ބޭނުންވީ ޒިޔާންގެ ލޯބި. ޒިޔާން ވަރަށް ފުރިހަމައަށް އެ ލޯބި އަހަންނަށް ދިން. މިވަރުން އަހަންނަށް ފުދޭ!” ހިތުގައި އަތްއަޅައިގެން، ހުރިހާ އިހުސާސެއް ފޮރުވަން މަސައްކަތްކުރަމުން އަހަރެން ބުނީމެވެ. މިންވަރަށް ޝުކުރުނުކުރާ މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
“އަހަރެން ހީކުރީ ލޯތްބަކީ އެއްވެސް މީހަކަށް ގިނަވާ އެއްޗެއް ނޫން ކަމަށް” ވިޝާލް ސަމާސާއެއް ކޮށްލިއެވެ. “މީހުން ކިޔައެއްނު އިންސާނުންގެ ހިތެއް ނުފުރޭނޭ!”
“ވެދާނެއެއްނު އަހަރެންގެ އޮންނަނީ ވަރަށް ކުޑަ ހިތެއް ކަމަށް!” އަހަރެން އޭނާއާ ބައިވެރިވެ ހިނިތުންވީމެވެ. އަހަރެން ބޭނުމީ އަބަދުވެސް ހިނިތުންވެފައި ހުންނާށެވެ. އިހުސާސް ކުރަން ބޭނުންވަނީ ޒިޔާންގެ ލޯބިން ލިބުނު ފޮނިކަމެވެ. ޒިޔާންގެ ލޯބި ބީވުމުގެ ހިތްދަތިކަމެއް ނޫނެވެ. އެކަމަށް އަހަރެން ޖެހޭނީ ހިތްވަރާއެކު މަސައްކަތްކުރާށެވެ.
ވަރަށް ވިސްނުމަށްފަހު އަހަރެން އެންމެ ފަހުގެ ނިންމުން ނިންމީމެވެ. ބާލީސް ދަށުގައި އޮތް ފޯނު ނަގައިގެން ނަމްބަރަކަށް ގުޅާލީމެވެ. އެކަމަކު ޖަވާބެއް ނުދިނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ހިތް ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު ސުވާލު ގިނަވެފައިވާ ހިތް ވަނީ ނުތަނަވަސްވެފައެވެ. ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. ޒިޔާނާ ވަކިން އަހަންނަށް ދިރިއުޅެވޭނެ ހެއްޔެވެ؟ ޒިޔާންގެ ލޯތްބާނުލައި އަހަންނަށް ދިރިއުޅުމެއް ފެށިދާނެ ހެއްޔެވެ؟ ނޭނގެއެވެ. އަހަރެންގެ ހިތް އާނއެކޭ ނުބުންޏެވެ. އަމިއްލަ ނަފުސުގެ މައްޗަށް އެވަރުގެ އިތުބާރެއް ނެތީއެވެ. މަޑުމަޑުން އަހަރެން ބަލިކަށިވާން ފެށިއެވެ. ހިތުގެ ވޭން ގަދަވެ، ގިސްލެވެން ފެށިއެވެ.
އެވަގުތު އަތުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. އެންމެ ފުރަތަމަ ހަދަންވީ ގޮތެއް ނޭނގިފައި ފޯނުގެ ސްކްރީނަށް ބަލަން އިނދެވުނީއެވެ. އިރުކޮޅެއް ފަހުން ފޯނު ނެގީމެވެ.
“ރީީީީީީ… ކިހިނެއްވީ؟” ފޯނު ކަންފަތުގައި ޖައްސާލުމުން މީޝާއިލްގެ އަޑު އިވުނެވެ. އެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެކުލެވިފައިވެއެވެ. އަހަންނަކީ އިސްވެ އޭނާ އަށް ގުޅާ މީހެއް ނޫނެވެ. އެހެން ކަމުން ބޮޑުކަމެއް ދިމާވީ ކަމުގައި އޭނާ އަށް ހީކުރެވުނީ ކަންނޭނގެއެވެ.
“ރީ! ކަމަކުތަ ގުޅީ؟” އަހަރެން ޖަވާބެއް ނުދިނުމުން ދެވަނަފަހަރަށް މީޝާއިލް އެހިއެވެ.
“އަހަރެން ބޭނުން ވަރަށް އަވަހަށް މެރީ ކުރަން” އެއްވެސް ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަ ފައިބަމުން ދިޔަނަމަވެސް އަޑުން އެކަން ސިއްރުކުރަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.
“އަނެއްކާ ކިހިނެއް ވީ؟ މީހަކު އެއްޗެކޭ ބުނީތަ؟” ގަބޫލުނުކުރެވިގެން އުޅޭ ކަހަލަ ގޮތަކަށް މީޝާއިލް އެހިއެވެ. އޭނާ ހީކުރީ ކައިވެނި އަވަސްކުރަން ބައްޕަ އެދުނީކަމުގައެވެ.
“ނޫން. ހަމަ ބޭނުން ވަނީ. . . މާ ބޮޑަށް އެކަނި ވަނީ!” ވަރަށް ހިތްވަރު ކޮށްފައި އަހަރެން ވާހަކަދެއްކީމެވެ.
“އެހެންތަ؟ ވީއެންމެ އަވަހަކަށް އަހަރެން މާލެ ދާނަން” މީޝާއިލްގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.
އޭނާގެ ހިތް އުފަލުން ނަށާނެކަން އަހަންނަށް ޔަގީނެވެ. ކައިވެނި ލަސްކުރީ އަހަރެންގެ އެދުމަކަށެވެ. މީޝާއިލް ފުރަން އުޅުނީ އަހަންނާ ކައިވެނި ކޮށްފައެވެ. ބައްޕަ ވެސް ބޭނުންވީ އެގޮތެވެ. އެކަމަކު މީޝާއިލްއަކީ ކޮންމެ ކަމެއްގައި ވެސް އަހަރެންގެ އުފާ އިސްކުރާ މީހެކެވެ. އޭނާ އަހަންނަށްޓަކައި، އަހަރެންގެ ލޯތްބަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވެސް ވެދާނެއެވެ. އޭނާ ވާލޯބި ފެނިފައި ބައެއްފަހަރު އަހަރެން ހައިރާންވެއެވެ. ލޯބިން ލޯބި ހޯދާ ވާހަކަ މީހުން ދައްކައެވެ. އެކަމަކު އަހަންނަކަށް އެހެންނެއް ނުވިއެވެ. މީޝާއިލްއެވެ. އަހަންނަށް މަޢާފުކުރާށެވެ. ޒިޔާނަށް މިހިތުން ދިން މަޤާމު އިތުރު އެހެން މީހަކަށް ނުދެވޭނެއެވެ.
ހެނދުނު ހޭލެވުމާއެކު އަހަރެން ވިޝާލަށް ގުޅީމެވެ. ބުނަން ބޭނުންވާ ވާހަކަ ބުނާނެ ގޮތެއް ނުވިސްނިގެން އުޅެނިކޮށް ވިޝާލް ފޯނު ނެގިއެވެ.
“މަ ބުނީ މިއަދު މިއުޅެނީ ފުރަންވެގެންނޭ!” މިއަދު ފުރަން އުޅޭ ވާހަކަ ކުރިން ވެސް ވިޝާލް ކައިރީގައި ބުނީމެވެ.
“ހޫމް. . . ދެން؟” ވިޝާލް އެހިއެވެ. “އެއަރފޯޓަށް ގޮސްދޭންވީތަ؟” ސަމާސާކުރާކަހަލަ ރާގެއްގައި ވިޝާލް އެހިއެވެ.
“ނޫނޭ! ލައިގެ ބައްޕަ ދާނެ އަހަރެން ގޮވައިގެން. . . މީ. . . އާޒިމް. . .” ބުނާނެގޮތެއް އަހަންނަކަށް ނޭނގުނެވެ. ވިޝާލް ހީކުރާނެ އެއްޗެއް ނޭނގޭތީއެވެ.
“އާނ. . ބުނެބަލަ! ޒިޔާން ކައިރީގަ ފުރާ ވާހަކަ ބުނަންވީތަ؟” އަހަރެން ވާހަކައެއް ބުނަން އުޅޭކަން ވިޝާލްއަށް ވިސްނުނެވެ. ފުރަން އުޅޭކަން ޒިޔާނަށް ނޭނގުމަށް އަހަރެން އޮންނާނީ އެދިފައެވެ.
“އަހަންނަށް ޒިޔާންގެ މަންމައާ ބައްދަލުކޮށްލެވިދާނެތަ؟” ވަރަށް ހިތްވަރުކޮށްފައި އަހަރެން އެހީމެވެ.
ވިޝާލް ހިނިގަނޑެއް ޖަހާލިއެވެ. “މައްސަލައެއް ނޯންނާނެ. ރެޑީ ވޭ! މިދަނީ ބަލާ!”
އަހަރެން ހީކުރިވަރަށްވުރެ މާ އަވަހަށް ވިޝާލް ހުރިހާކަމެއް ހަމަޖެއްސިއެވެ. ޒިޔާންވީ ސްކޫލުގައިތޯ ވެސް ޔަގީން ކުރިއެވެ.
އަހަރެން ތައްޔާރުވެގެން ނުކުތްއިރު ވިޝާލް ސިޓިންގ ރޫމުގައި އިނެވެ. ނަތާ ހީނހީފައި އެކި ގޮތްގަތަށް އޭނާއާ ދިމާކުރިއެވެ.
“ފުރަންވާއިރަށް ބުރެއްޖަހާލަން ދާން ބަލާއައިސް މީނީ!” އަހަރެން ފެނުމުން ނަތާ ބުންޏެވެ.
“ނަތާ މެންނަށް އަހަރެން ގޮވައިގެން ތަނަކަށް ދާން ވަގުތު ނުވަންޏާ ދެން ވިޝާލް އެކީގަތާ ދެވޭނީ!” އަވަސްއަވަހަށް ފައިވާނަށް އަރަމުން އަހަރެން ބުނީމެވެ.
“ރިޔާޝާ ފުރާތީ މިއަދު މިހުރީ އޮފީހަށް ނުގޮސް” އަހަރެމެން ގޯތިތެރެއަށް ނުކުތުމުން ނަތާ ދޮރުން ބޯދިއްކޮށްލިއެވެ. “ވިޝާލޫ. . . އަނެއްކާ ބާރުބާރަށް ދުއްވާފަ މި މަންޖެ ފުނޑުފުނޑު ކޮށްނުލާތި!” އަހަރެމެން ބޭރަށް ނުކުތުމުން ނަތާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
މީހުންގެ ލޯތަކުގައި އަޅައިނުގަންނާނެ ގޮތަކަށް ދާން ވެގެން އަހަރެމެން ދިޔައީ ކާރެއްގައެވެ. ކާރު މަޑުކުރީ އެގެއާ ތަންކޮޅެއް ދުރަށެވެ. ދެން ދިޔައީ ހިނގާފައެވެ.
“އެއީ އެ ގެ!” މަގުގެ އެންމެ ފަހު ގެ އަށް އިޝާރާތްކޮށްފައި ވިޝާލް ބުންޏެވެ.
ތިން ފޫޓަށް ރާނާފައިވާ ގޭގެ އިންފާރުގެ ސަބަބުން ގޯތިތެރެ ވަރަށް ރީތިކޮށް ފެންނަން އޮތެވެ. ގޯތިތެރޭގެ ހުސް ޖާގަ ގުޅިފައި ވަނީ ވަލުތެރެއާއެވެ. ބޮޑެތި ހިރުދުގަސްތަކުން މުޅި ގޯތިތެރެއަށް ވަނީ ހިޔާވެފައެވެ. ބިންމަތި އޮތީ ދޮންވެލި ލައި ހުދުކޮށްފައެވެ. އެންމެ ބޮޑުކޮށް ހުރި ހިރުނދުގަހުގެ ހިޔަލުގައި ހުރި ހޮޅުއަށީގައި އަންހެނަކު ރޯނު ވަށަން އިނެވެ.
“އެއީ ދޯ ޒިޔާންގެ މަންމަ!” އަހަރެން އެހީމެވެ. “ވިޝާލް މިތަނުގަ މަޑުކުރޭ! އަހަރެން އަންނާނަން” އެކަނި ދާން ހިތް އެދުނީ ކީއްވެ ކަމެއް ނޭނގެ އެވެ. ވަރަށް މަޑުމަޑުން ހިނގާފައި ގޮސް އަހަރެން ސަލާމް ގޮވާލީމެވެ. އެ އަންހެން މީހާ އިސްއުފުލައި ބަލައިލަމުން ސަލާމަށް ޖަވާބު ދިނެވެ.
“ކީއްކުރާ ކުއްޖެއް؟” ހައިރާންކަމާއެކު އޭނާ އެހިއެވެ.
އޭނާ އަހަރެންގެ މޫނަށް ބަލައިލި ގޮތުން އަހަރެންގެ ހިތުގައި އާދަޔާހިލާފު ގޮތަކަށް ވިންދު ޖަހާލިއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ރޫޖެހިފައިވާ ހަންގަނޑާއި، ނުރަވެފައިވާ އިސްތަށިގަނޑަށް ބަލަން އިރުކޮޅަކު އަހަންނަށް ހުރެވުނެވެ. އެއަށްފަހު އޭނާއާ ހަތަރުކަޅި ހަމަކޮށްލީމެވެ. އެ ދެ ލޮލުގައި ވަނީ މައިވަންތަ ކަމުގެ ކުލުނެވެ. އެ ލޯތްބަށް އެދި އަހަރެންގެ ހިތް ރޮއެ، އާދޭސްކުރާ ލޯތްބެވެ.
“ޒިޔާންގެ ރައްޓެއްސެއް!” އަހަންނަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ.
“ޒިޔާން ގެއަކު ނޫޅެ! ސްކޫލްގައި ވީ!” ހިތްހެޔޮކަމާއެކު އޭނާ ބުންޏެވެ.
އަހަރެން ވެސް ހިނިތުންވެލީމެވެ.
“ބުނެދޭތި އަހަރެން އައި ވާހަކަ!” އަހަރެންގެ މަޤުޞަދަކީ ޒިޔާންގެ މަންމައާ ބައްދަލުކުރުން ނަމަވެސް އަހަރެން އެކަން ހާމައެއް ނުކުރަމެވެ.
އަހަރެން ސަލާމްކުރަން އަތް ދިއްކޮށްލީމެވެ. މަސައްކަތް ކޮށްކޮށް ހަން ބޯވެ، ކުރަކިވެފައިވާ އަތްތިލައިގައި ހިފާލެވުމުން އަހަރެންގެ އިހުސާސްތަކުގެ މައްޗަށް ބާރުނުފޯރުވޭ ހިސާބަށް ދިޔައެވެ. ދެ ލޯ ފެންކަޅިވިއެވެ. އެހެންވެ އެކަން ފޮރުވަން އަހަރެން އިސްދަށަށް ޖެހީމެވެ.
“ތިޔައީ މިރަށު ކުއްޖެއް ނޫން ދޯ!” އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެ ޒިޔާންގެ މަންމަ އެހިއެވެ. އޭރު ވެސް އޭނާ ބަލަން ހުރީ އަހަރެންގެ މޫނަށެވެ.
އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ.
“މިއަދު ފުރަން އުޅޭތީ ޒިޔާނާ ބައްދަލުކޮށްލަން މިއައީ. . . ދެން ދަނީ” އޭނާގެ އަތުން ދޫކޮށްލަމުން އަހަރެން ފުރަގަސްދިނީމެވެ. އެ ވަގުތު ދެލޮލުން ދެ ކަރުނަތިކި ވެއްޓުނެވެ. އަހަރެން ހަލުވި ފިޔަވަޅުތަކެއް އަޅަމުން މަގުމައްޗަށް ނުކުތީމެވެ. އޭރު ވިޝާލް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.
ފޮށްޓަށް އެއްޗެހި އަޅަން ހުރިއިރު ވެސް އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ދެ ލޮލުން ކަރުނަ ފައިބައެވެ. އަހަރެން ޒިޔާނާ ވަކިވަނީ އެވެ. އަބަދުގެ އަބަދަށެވެ. އެއީ އަހަރެން އެންމެ ލޯބިވާ ފަރާތެވެ. އެހެނަސް އެންމެ ކުޑަމިނުން އޭނާގެ ހަނދާނަކަށް ގެންދާނެ މާއްދީ އެއްޗެއް ވެސް އަހަރެންގެ އަތަކު ނެތެވެ. އޭނާގެ ފޮޓޯއެއް ވެސް ނެތެވެ. އަހަންނާއެކު ހަމައެކަނި ވަނީ ފޮނިފޮނި ހަނދާންތަކެވެ.
ފަހަރަކު ހެދުމެއް ފޮށްޓަށް ލަމުން ގެންދަނިކޮށް އެންމެ ފުރަތަމަ ޒިޔާނާ ބައްދަލުކުރިރޭ ލައިގެން ހުރެވުނު ލައިލަކް ކުލައިގެ ހެދުމާއި، ދޯޕައްޓާ ފެނުނެވެ. އަހަރެން އެ ހެދުމުން ވަސް ބަލައިލީމެވެ. ވަހަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަންނަށް އިހުސާސް ކުރެވުނީ ޒިޔާނާ ނުހަނު ގާތުގައި ހުރެވޭކަމެވެ. އަހަރެން ދެލޯ މަރާލީމެވެ. ޒިޔާންގެ ހަނދާނަކަށް ރައްކާކޮށްފައި ބާއްވަން މިއަށްވުރެ ވަކި ރަނގަޅު އެއްޗެއް ކޮބާ ހެއްޔެވެ؟
ޒިޔާންގެ ރަށަށް އަހަރެން އަލްވަދާޢު ކީ މޮޅިވެރިކަމާ އެކުގައެވެ. މިއީ ތަޤުދީރެވެ. އަހަންނަށް ޒިޔާން ލިބެންނެތީއެވެ. ޖެހޭނީ ޝުކުރުކުރާށެވެ. ކެތްތެރިވުމަށް އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ހިތުގެ މައްޗަށް ބާރު ފޯރުވީމެވެ.
އަހަރެން މާލެ އަށް ދިޔައީ އެކަންޏެވެ. އެއްވެސް މީހަކަށް އަންގާނުލާ ދިޔުމުން ބައްޕަ ހުންނާނީ ހިތްހަމަނުޖެހިފައި ކަމަށް ހީކުރެވުނެވެ. އެކަމަކު ކަންތައް ވީ އަހަރެން ހީކުރިގޮތަކަށް ނޫނެވެ. އަހަރެން އަންނަކަން އެންމެންނަށް އޮތީ އެނގިފައެވެ. މުޅި ގޭތެރެ ވަނީ އަހަންނަށްޓަކައި ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ. ބައްޕަމެން އަހަންނަށް ވަރަށް ހޫނު މަރުޙަބާއެއްކިއެވެ.
“ކައިވެންޏަށް ފިލަންވެގެން ރާއްޖެތެރެއަށް ދިޔަ މީހާ އަށް ކިހިނެއް ތިވީ؟” ތުއްތުބޭބެ ވަރަށް ސިއްރުން އަހަރެންގެ ކަންފަތްދޮށުގައި ބުނެލިއެވެ.
ކަންވީގޮތް އޮޅުންފިލީ އެހިސާބުންނެވެ. އަހަރެން ކައިވެނި އަވަސްކުރަން އެދުނުކަން މީޝާއިލް ވަނީ އެންމެންނަށް އަންގާފައެވެ. އެންމެން އެކަމާ ތިބީ އިންތިހާއަށް އުފާވެފައެވެ.
“އެރަށަށް ދިޔައިމަ ރިޔާޝާ މާބޮޑަށް އެކަނިވީ ދޯ!” އަހަރެން އަނގައިން ނުބުނެ ހުރުމުން ދޮންބޭބެ ބުންޏެވެ.
އަހަރެން ހިނިތުންވެލީމެވެ. ވަކި ޖަވާބެއް ނުދެމެވެ. ދޭނީ ވެސް ކޮން ޖަވާބެއް ހެއްޔެވެ؟ އެންމެ މަހެއްގެ ތެރޭގައި އަހަރެންގެ ދިރިއުޅުމަށް މިފަދަ ބޮޑު ބަދަލެއް އައުމުން ޚުދު އަހަރެން ވެސް މިހުރީ ހައިރާންވެފައެވެ. މިކަން އިތުރު އެއްވެސް މީހަކާ ހިއްސާއެއް ނުކުރެވޭނެއެވެ. މިއީ ސިއްރެކެވެ. މީހުން ބުނެ އުޅެއެވެ. މާޒީ އަށް ބަލާ މީހަކަށް މުސްތަޤުބަލެއް ނުފެންނާނެއެވެ. މާޒީ އަށް ބަލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު މާޒީ ހަނދާންނައްތާލެވޭކަށް ވެސް ނެތެވެ. އެއީ އަހަރެންގެ އަލަތު ލޯތްބެވެ. ލޯބިނުވާ މީހަކާ ކައިވެނިކުރަން މިނިންމީ ޒިޔާންގެ ފަރާތުން ލިބުނު ލޯބީގެ އެހީގައި އެކަން ފޫބެއްދިދާނެކަމަށް ދެކިގެންނެވެ. މިއީ އެއްވެސް މީހެއްގެ މަޝްވަރާއެއް ނުހޯދާ އަހަރެން ނިންމި ނިންމުމެކެވެ. ކަންކަން ވާނެ ގޮތެއް ނޭނގެއެވެ.
*** ނުނިމޭ ***
.
10 Comments
Comments are closed.
Salhi
Me first dhw….mi part vx varah looabi…..satisfied cox dhigu v ma….whenn nest part???
Nash scound ?????????????thank you for commenting..aslu digu kohly kuhhjeh geh edumah ??????❤❤❤??
Salhi
Vrh vrh reethi mi vaaahaka…waiting for next part❤❤❤❤❤
Alheyyy haadha reehchey.. Mihaa hisaabah kee vaahakathakuge therein hama emme emme reethi vaahaka..vrh vrh vrh reethi?
Mivaahakaige kuryge part thah libeyny Kon thanakun. Minpart ekani fennany
Ehen vaahaka thah liyuntheriyaa namah click kollyma liyuntheriyaage hurihaa liyumeh feney
Mivaahakaige liyuntheriyaa ah click kollyma mi bai ekani fennan iny
Aslu mi vhk fashaafa innaanyy shiff ge namuga….but mi part inyy hassan ge name ga up koffa….maybe ehnve e nufennanyy anei baithah…?
Varah fooohivey. Koba aneh part
Alheyy…..kobaatha aneh part….i am really curious to know what happens next..please upload next part….??