Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި 5 ވަނަ ބައި

shiff Level 110 Stories
November 28, 2018 6 Mins Read
8 Comments

“ރިޔާ. . .” ޒިޔާން މަޑުމަޑުން އަހަރެންގެ ނަން ކިޔާލިއެވެ. އެކަމަކު އަހަރެން އިޖާބައެއް ނުދެމެވެ. ގުޑިވެސް ނުލައި އެގޮތުގައި ހުރެވުނީއެވެ.

“އަހަރެން ވަރަށް ލޯބިވޭ ރިޔާ ދެކެ” އަހަރެންގެ ކަންފަތް ދޮށުގައި ވަރަށް ސިއްރުން ޒިޔާން ބުނެލިއެވެ.

އަހަރެންގެ ދެ ލޯ ކަރުނައިން ފުރުނެވެ. އަދި މަޑުމަޑުން އޭނާއާ ދުރަށް ޖެހިލުމަށްފަހު އެ މޫނަށް ބަލައިލީމެވެ.

“ގަބޫލެއް ނުކުރެވޭ ދޯ!” އަހަރެން ބަލައިލި ގޮތުން ޒިޔާން އެހިއެވެ. “އެނގޭ ގަބޫލު. . .” އަހަރެންގެ ޝާހާދަތް އިނގިލި ޒިޔާންގެ ދެ ތުންފަތް މަތީގައި ހުރަސްކޮށްލަމުން ޒިޔާން ބުނަން އުޅުނު ޖުމުލަ ހުއްޓުވީމެވެ.

“ތި ދެލޮލުން ލޯބި ނޫން އިތުރު އެއްޗެއް އަހަންނަކަށް ނުފެނެ. . ޒިޔާންގެ ކޮންމެ މެސެޖަކުން، ބުނެލާ ކޮންމެ ލަފުޒަކުން އަހަންނަށް ލޯބި އިހުސާސް ކުރެވޭ!” ވަރަށް މަޑުމަޑުން އަހަރެން ބުނީމެވެ. އޯގާތެރިކަމާއެކު ޒިޔާން އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އޭނާ އަށް ލެވުނުހައި ބާރެއް ލާފައި އަހަރެންގެ ގައިގައި ބައްދާލިއެވެ.

އަހަރެމެން އިތުރު ވާހަކައެއް ނުދައްކަމެވެ. ޒިޔާންގެ ހިތުގެ ވިންދު އަޑުއަހަން އަހަރެން ހިމޭނުން ހުރީއެވެ. ޒިޔާން ވެސް ބޭނުންވީ އެގޮތެވެ.

އަހަރެމެންނަށްޓަކައި ދުނިޔޭގެ ދައުރުވުން ހުއްޓޭނެނަމައެވެ. މި އުފާވެރި ވަގުތުކޮޅު ނިމޭކަށް އަހަރެން ނޭދެމެވެ. އެކަމަކު ވަގުތުގެ މައްޗަށް އެއްވެސް އިންސާނަކަށް ބާރެއް ނުފޯރުވޭނެއެވެ. ދެ ގަޑިއިރު ފާއިތުވެގެންދިޔަ ގޮތެއް ވެސް ނޭނގުނެވެ. ހީވީ އެންމެ ދެ މިނެޓު ހެންނެވެ.

އަހަރެންގެ ދިރިއުޅުމަށް އައި އެންމެ އުފާވެރި ވަގުތުކޮޅުގެ ވާހަކަ ފޮތެއްގައި ލިޔެވޭތޯ މަސައްކަތް ކުރީމެވެ.

“ޒިޔާން އެވެ. ހާދަ ލޯބިވެއޭ. . .” އެކަމަކު އިތުރަކަށް ނުލިޔެވުނެވެ. އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅަނީއެވެ. ނޭވާލުމަށް ދަތިވަނީއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަ އަންނަނީއެވެ. މާ ބޮޑަށް އުފާވުމުން އެހެން މީހުންނަށް ވެސް މިހެންވޭބާއެވެ؟

އަހަރެންގެ އަތްތިލައިން ދެލޯ ފުހެލަން އުޅުނު ވަގުތު ޒިޔާންގެ ހަށިގަނޑުގެ މީރު ވަސް އަހަންނަށް އިހުސާސް ކުރެވުނެވެ. އަހަރެން ލައިގެން ހުރި ހެދުމުގައި ވެސް ވަނީ އެ ވަސް ހިފާފައެވެ. އަހަރެން ހެދުން ބޭލީމެވެ. އަދި ވަރަށް ރީތިކޮށް ފަށްޖެހުމަށްފަހު ހެދުމާއި ދޯޕައްޓާ ފޮރުވީމެވެ. ޒިޔާންގެ ހަނދާނަކަށެވެ. މިއީ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ބައްދަލުވުންކަމަށް ވެސް ވެދާނެތީއެވެ.

އެރޭ ގެއަށްގޮސްފައި ޒިޔާން މެސެޖެއް ނުކުރެއެވެ. އަހަންނަށް ވެސް ނިދުނުއިރެއް ނޭނގެއެވެ. ހޭލެވުނީ ހެނދުނު ނުވައެއް ޖެހިފަހުންނެވެ. އޭރު ފަތިހު ޒިޔާން ކޮށްފައިވާ މެސެޖެއް އޮތެވެ.

“ވަރަށް ހަނދާންވޭ!” އަހަންނަށް ދެތިންފަހަރު އެ މެސެޖު ކިޔާލެވުނެވެ. މި ދުނިޔޭގެ ހުރިހާ އުފަލެއް އަހަރެންގެ ފައިތިލަދަށަށް ޖަމާވެފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. އަހަންނަކީ ފެށުނީއްސުރެ މުއްސަނދި، އަރާމު ދިރިއުޅުމެއް އުޅެމުންއައި ކުއްޖެކެވެ. އެކަމަކު މީގެކުރިން ދުވަހަކުވެސް މިފަދަ އުފަލެއް ތަޖުރިބާއެއް ނުކުރެވެއެވެ. މިއީ މަޢުނަވީ އުފަލެކެވެ.

އަހަންނަށް ސައިބޮއެގެން ބޭރަށް ނުކުމެވުނުއިރު މެންދުރުވަނީއެވެ. އުޑުމަތި ސާފު، ވައިމަޑު ދުވަހެއްކަމުން ވަރަށް ހޫނުގަދައެވެ. މަގުގެ އަނެއްފަރާތުގައިވާ ގަސްތަކުގެ ހިޔަލުގައި ހުރި ޖޯލިފަތީގައި އިށީނުމަށްފަހު އަހަރެން ވިޝާލްގެ ނަމްބަރަށް ގުޅާލީމެވެ.

“ގޭގަތަ؟ އާދެބަލަ ޖޯއްޔަށް!” ވިޝާލް ވާހަކަދައްކާލާ ހިތުން އަހަރެން އެދުނީމެވެ. ދެތިން މިނެޓު ފަހުން ވިޝާލް އައެވެ.

“ކޮބާ ރޭގަ ކިހިނެއްވީ؟ ވަރަށް ވަރުކޮށްލިންދޯ!” ވިޝާލް އައިސް ޖޯލީގައި އިށީންނަމުން އަހަންނާ ދިމާކޮށްލިއެވެ.

އަހަރެން ޖަވާބު ދިނީ ހިނިތުންވުމަކުންނެވެ. އެއީ އެންމެ ފަސޭހަ ޖަވާބެވެ.

“ރިޔާޝާ ތީ ޖާދޫގަރެއްތަ؟ ކިހިނެއްތަ ޒިޔާނަށް ތިހެދީ؟ މަ ހަމަ އަޖައިބުވެއްޖެ!” ވަރަށް ސީރިއަސްވެފައި ވިޝާލް އެހިއެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ހަޤީގީ ޖާދޫގަރަކީ ޒިޔާން އެވެ. އެންމެ ފެނިލުމަކުން އަހަރެންގެ ހިތް އަތުލީއެވެ.

“އޭނަ އަށް ހާދަވަރެއް ވެފައޭ އެހުންނަނީ. މިހާރު މަ ބުނެފިން ދެން ނިހާ ދޫކޮށްލަންވީ ނޫންހޭ؟”

“ދެން ކީކޭ ބުނީ؟” ވަރަށް އަވަސްއަވަހަށް އަހަރެން އެހީމެވެ.

“ބުނަނީ ނިހާ ދެކެ ވެސް ލޯބިވެއޭ! ރިޔާޝާދެކެ ވެސް ލޯބިވެއޭ! . . . ކީކޭ ދެން ބުނާނީ؟” ވިޝާލް ބޮލުގައި އަތްހާކާލިއެވެ.

“ވެދާނެ އެއީ ތެދެއްކަމަށް. ފިރިހެނުންނަށް ހަތަރު އަނބިން ވެސް ހުއްދަ އެއްނު؟ މާނަ އަކީ ހަތަރު މީހުންދެކެ ވެސް ލޯބި ވެވިދާނެއޭ!” އަހަރެން ގަބޫލުކުރާގޮތް ބުނީމެވެ.

“ރިޔާޝާގެ ވިސްނުން ހާދަތަފާތޭ! ވަރަށް ގިނަ އަންހެން ކުދިން ބުނާނެ ލޯބިވެވޭނީ އެއްފަހަރު އެކަކު ދެކެއޭ!”

އެއީ ތެދެކެވެ. އެހެން ބުނާ އަންހެނުން ވެސް، ފިރިހެނުން ވެސް ވަރަށް ގިނައެވެ. އެކަމަކު އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. ބައެއް ފަހަރު ލޯބި ވެވޭނީ ސަބަބައެއް ނެތިއެވެ. އަހަންނާއި ޒިޔާނަށް ވީއެހެންނެވެ. އެކަމަކު ޒިޔާން ނިހާ ދެކެ ލޯބިވީ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެގެން ކަމަށް ވެދާނެއެވެ. އެހެންވެއްޖެނަމަ ނިހާއާ އެއްގޮތް ސިފަތަކެއް ހުރި ދެވަނަ މީހަކު ދެކެ ޒިޔާނަށް ލޯބި ވެވިދާނެ ނޫން ހެއްޔެވެ؟

އަހަރެންގެ ހިޔާލު ފާޅުކުރީމެވެ. ވިޝާލް ވެސް އެކަމާދެކޮޅެއް ނުހެދިއެވެ.

“ޒިޔާން އަހަންނާ އިނދެފާނެތަ؟” ވިޝާލް ދޭ ޖަވާބެއް ބަލައިލަން އަހަރެން އެހީމެވެ.

“ހިއެއްނުވޭ!” ދެފަރާތަށް ބޯހޫރާލަމުން ވިޝާލް ބުންޏެވެ. އެއީ އަހަރެން އުއްމީދުކުރި ޖަވާބެއް ނޫނެވެ.

“ކީއްވެ؟” ހައިރާންކަމާއެކު އަހަރެން އެހީމެވެ.

“އެންމެ ފުރަތަމަ ޒިޔާނަކަށް ނޭނގެ ރިޔާޝާ ތީ ކާކުކަމެއް! އެކަމަކު މިހާރު އެނގިއްޖެ ތީ އާސިފްގެ ދަރިއެއްކަން” ވިޝާލް ނަތާ ކައިރިން އަހަރެންގެ މައުލޫމާތު ހޯދަނީ ޒިޔާން ބުނެގެންކަން ކުރިން ވެސް އަހަންނަށް އެނގެއެވެ.

“ދެން ކޮބާ މައްސަލައަކީ؟” ޖަވާބު އެނގޭ ސުވާލެއް އަހަރެން ކުރީމެވެ.

“އާސިފް ނޭނގޭ މީހަކު މި ދިވެހި ރާއްޖެއަކު ނޫޅޭނެ. އެކަމަކު ޒިޔާނަކީ ކާކު؟ ނިކަމެތި، މުސްކުޅި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު” ޒިޔާނަކީ ކޮން ފެންވަރެއްގެ ކާކުކަން އަހަންނަށް އެނގުނީ ވިޝާލްގެ ފަރާތުންނެވެ. އަހަރެން އެކަހަލަ އެއްވެސް ސުވާލެއް ޒިޔާނަކާ ނުކުރަމެވެ. ކުރަން ބޭނުންނުވީއެވެ. އެއީ ކޮންމެ ފަންތިއެއްގެ މީހެއް ނަމަވެސް އަހަންނަށް ވަރިހަމައެވެ. އަހަންނަށް އޭނާ ދެކެ ލޯބި ވެވުނީ އެއީ ކޮން ފެންވަރެއްގެ މީހެއްކަން އެނގިގެންނެއް ނޫނެވެ.

އެކަމަކު އަހަރެންގެ ބައްޕަމެންގެ ވިސްނުން މުޅިން ތަފާތުވާނެއެވެ. އެއީ މާލޭ މީހުންނާ ރާއްޖެތެރޭ މީހުން ތަފާތުކުރާ ބައެކެވެ. މުއްސަނދިންނާއި ފަޤީރުން ފަރަގުކުރާ ބައެކެވެ. ބައްޕަ އަކީ މޮޅު ދަރިކޮޅެއްގެ މޮޅު މީހެކެވެ. މުއްސަނދި މަހުޖަނަކެވެ. ޤަދަރުވެރިއެކެވެ. ބާރާއި ނުފޫޒުގަދަ މީހެކެވެ. އަހަންނަކީ ބައްޕަގެ ހަތަރު ދަރިންގެ ތެރޭގައި ހުރި އެންމެ އަންހެން ދަރިފުޅެކެވެ. ބައްޕަ އެންމެ ލޯބިވާ ދަރިފުޅެވެ. އަހަރެންގެ ހަގަށްހުރި ކޮއްކޮ ވިހެއުމުގެ ތެރޭގައި މަންމަ މިދުނިޔެ ދޫކުރީއްސުރެ، ބައްޕަ އަހަރެމެން ބަލައި ބޮޑެތިކުރީ އެކަންޏެވެ. ބައްޕަ ދަރިންނަށް ދިން ތަރުބިއްޔަތުގައި މައްސަލަތަކެއް ހުރިކަން އަހަންނަށް ފާހަގަކުރެވެން މިފެށީ އަދިކިރިޔާއެވެ. ނަސްލީ އިމްތިޔާޒުތަކަށް މި މުޖުތަމައު އިން ޖާގަ ދެވިގެން ނުވާނެއެވެ. މުއްސަނދިންނާއި، ފަޤީރުން ތަފާތުކޮށްގެން ނުވާނެއެވެ. އަހަންނަކީ އަމީރާއެއް ފަދަ ކުއްޖެކެވެ. އަހަރެންގެ ކައިވެނި ކުރެވޭނީ އަމީރަކާއެވެ. އެކަމަކު އަހަންނަށް ލޯބި މިވެވުނީ ކާކު ދެކެ ހެއްޔެވެ؟ ބައްޕަ އަށް މިކަން އެނގިއްޖެނަމަ ހާދަ ބޮޑު މައްސަލައަކަށް ވާނެއެވެ. އަހަރެން ދެކެ ހާދަ ރުޅިއެއް އަންނާނެއެވެ. ހާދަ އެއްޗެއްސެއް ކިޔާނެއެވެ. އަހަންނަށް ބައްޕައާ ދެކޮޅުވާން ކެރިދާނެ ހެއްޔެވެ؟ މާތްކަލާކޯ އެވެ. އަދި މިވަރަށް ވިސްނާކަށް ނުވެއެވެ. ޒިޔާން އަހަންނާ އިންނަން އުޅެނީކީ ވެސް ނޫނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަހަރެން ހިތްހަމަ ޖައްސާލީމެވެ.

މިހާރު އަހަންނަށް އަބަދު އިންތިޒާރުކުރެވެނީ ހުކުރުވިލޭރެއަށެވެ. ކޮންމެ ހުކުރުވިލޭރެއަކު އަހަންނާ ބައްދަލުވުމަށް ޒިޔާން ވަނީ ވަޢުދުވެފައެވެ.

“ގަޑި ހިނގާލެއް ހާދަ ލަހޭ!” އަހަންނަށް ޒިޔާންގެ މެސެޖެއް ލިބުނެވެ.

“ކަމަކަށް އިންތިޒާރުކުރަނީތަ؟” އަހަރެން ނޭނގޭކަމަށް ހެދީމެވެ.

“އިންތިޒާރުކުރަނީހޭ؟ ރިޔާ ނުކުރަންތަ؟” ޒިޔާން ހައިރާންވެފައި އެހިއެވެ.

އަހަންނަށް ހެވުނެވެ. އުފަލުންނެވެ. އަހަންނެކޭ އެއްގޮތަށް ޒިޔާން ވެސް ހުރީ ބައްދަލުވާހިތުން ކެތްމަދުވެފައެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް އަހަރެމެންގެ އިންތިޒާރަށް ނިމުންއައެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނޭ ބުނާ އުސޫލުންނެވެ. އަހަންނަށް ކުޅި ކައިރިއަށް ދެވުނުއިރު ޒިޔާންހުރީ އިންތިޒާރުގައެވެ. އޭނާ އަހަންނަށް މަރުޙަބާކީ ރީތި ހިނިތުންވުމަކުންނެވެ. އަހަރެން ގޮސް އޭނާގެ ކުރިމަތީގައި ހުއްޓުމުން މަޑުމަޑުން އަހަރެންގެ ދެ އަތްތިލާގައި ހިފާލިއެވެ.

“ރިޔާ. . .” ޒިޔާން އަހަރެންގެ އަތްތިލައަށް ބޮސްދިނެވެ. ޒިޔާންގެ އެ ލޯބިވެތި ހަރަކާތާއި، ބަލައިލި ގޮތުން އަހަންނަށް އިސްޖެހުނެވެ.

“ބުނަން އުޅެއުޅެ ބުނަން ނުކެރުނު ވާހަކައެއް ބުނަންތަ؟” އަތުން ދޫކޮށްލުމަށްފަހު، ދެއަތުން އަހަރެންގެ މޫނުގައި ހިފަހައްޓާލަމުން ޒިޔާން ބުންޏެވެ. “ރިޔާ ހާދަ ރީއްޗޭ!” ވަރަށް މަޑުމަޑުން ޒިޔާން ބުންޏެވެ.

“ކީއްވެ ނުކެރުނީ؟” އަހަންނަށް ހެވުނެވެ. އެހެން ބުނަން ނުކެރިގެން އުޅުމުންނެވެ.

“އަންހެން ކުދިން ކައިރީގަ ރީއްޗޭ ބުނީމަ ހީކުރާނީ ފްލާޓް ކުރަނީއޭ!” ޒިޔާން އެއް ލޯ މަރައިލަމުން މަޑުމަޑުން ހީނލިއެވެ. އަހަރެން ވެސް އެ ހުނުމުގައި ބައިވެރިވީމެވެ.

“ބޮއްކުރާ ދުއްވާލަން ދާނަންތަ؟” ކުޅީގައި އޮތް ބޮއްކުރައަށް އިޝާރާތްކޮށްފައި ޒިޔާން އެހިއެވެ.

“ނޫނޭ! އެވަރުގެ ބުރައެއް އުފުލާނެކަމެއް ނެތް!” ކިތަންމެ ބޭނުންވިޔަސް އަހަންނަށް އިހުސާސް ކުރެވުނީ އެއީ ވަރަށް އުނދަގޫކަމެއްގެ ގޮތުގައެވެ.

“އެއީ ބުރަކަމެއް؟ ފަލިޖަހަން އަހަރެން ވަރަށް ފަރިތަވާނެ” އަހަރެންގެ އަތުގައި ހިފައިގެން ޒިޔާން އެދިމާއަށް ހިނގައިގަތެވެ. “އަހަރެން ބޭނުން ރިޔާގެ ހިތް އުފާކޮށްދޭން”

“ކީއްވެ؟” އަހަރެން އެހީމެވެ.

“އަހަރެން ރިޔާ ދެކެ އިންތިހާއަށް ލޯބި ވާތީ. މާދަމާ ވެސް ރިޔާ ފުރައިގެން ހިނގައިދާނެ. އޭރުން އެއްވެސް ކަމެއް ނުކޮށްދެވޭނެ!” ޒިޔާން އަހަރެން އުފުލާލައިގެން ގެންގޮސް ބޮއްކުރާގައި ބޭންދިއެވެ. އަދި ވާ މޮހާލުމަށްފަހު މަޑުމަޑުން ފަލިޖަހަންފެށިއެވެ.

“އަހަރެން ޒިޔާންގެ ފަރާތުން އިތުރު ކަމެއް ބޭނުމެއް ނޫން. ޒިޔާންގެ ލޯބިވެތި ބަސްތައް އަހަންނަށް ފުދޭ!” ޝުކުރުވެރިކަމާއެކު ޒިޔާންގެ މޫނަށް ބަލައިލަމުން އަހަރެން ބުނީމެވެ.

އޮމާންކޮށް އޮތް ކުޅީގެ ފެންގަނޑުގައި ކުދިކުދި ބާނިތައް އުފެދެން ފެށިއެވެ. އުޑުމަތީގައި ވިލާ މަދު، ތަރި ގިނަ ރެއެކެވެ. މަޑުމަޑުން އުތުރުން ޖެހެމުންދިޔަ ރޯޅިތަކާއި، ދިއްލިފައިވާ ތަރިތަކުން މާހައުލަށް އިތުރު ހިތްގައިމު ކަމެއް ވެރިވެފައި އެވެ. ރީތި ފެންގަނޑެއްގައި އެންމެ ލޯބިވާ ފަރާތާއެކު ބޮއްކުރާ ދުއްވާލެވެނީ އެވެ. މިފަދަ އުފަލެއް އެހެން އަންހެން ކުއްޖަކަށް ތަޖުރިބާ ކުރެވުނު ބާއެވެ؟ އަމިއްލަ ނަފުސާމެދު އަހަރެން ފަޚުރުވެރިވީމެވެ. އުފާކުރީމެވެ. މިފަދަ ކޮންމެ ކަމަކީ ޒިޔާންގެ ލޯބި އަހަންނަށް ވަޒަންކުރެވޭ ހިނދުކޮޅެކެވެ.

ފުރަތަމަ ރެއަށްވުރެ މިރޭގެ އުފާތައް ދެގުނައަށް އިތުރުވިއެވެ. މި ހަނދާންތައް ޒަމާންތަކަކަށް ދެމިއޮންނާނެއެވެ. ޒިޔާން އަހަރެން ދެކެ ހާދަ ލޯބިވެއެވެ. ހާދަ އޯގާތެރިއެވެ. އޭނާއާ އެކުގައި ދިރިއުޅޭނެ ފުރުޞަތު ލިބޭނެ ނަމައެވެ. އޭނާގެ އަނތްބަކަށް ވެވޭނެ ނަމައެވެ. އޭނާގެ ލޯބިން އަހަރެންގެ ދިރިއުޅުން ސުވަރުގެއަކަށް ހަދާނެކަން ޔަގީނެވެ. ނޫނެކެވެ. މި ވިސްނޭ ގޮތް ރަނގަޅެއް ނޫނެވެ. ޒިޔާނާ އެކުގައި ދިރިއުޅުމުގެ ހުވަފެން ދެކޭކަށް ނުވާނެއެވެ. އޭރުން ހަލާކުވާނީ އަހަރެންގެ ހިތެވެ. އަހަރެމެންނަކީ މުޅިން ތަފާތު ދެ މަންޒިލަކަށް ދަތުރުކުރާ ދެ ދަތުރުވެރިންނެވެ. އަހަރެމެންނަށް އެކުގައި ވެވޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ހިތަށް ވިސްނައިދިނީމެވެ. މިންވަރަށް ޝުކުރުކުރަންވާނެއެވެ. ޒިޔާންގެ ލޯބިން އަހަރެންގެ ހިތް ފުރައިދީފިއެވެ. އިތުރުކަމަކަށް އެދޭކަށް ނުވާނެއެވެ. އޭރުން ދިމާވާނީ ހައްލުނުކުރެވޭ ފަދަ ބޮޑެތި މައްސަލަތަކެކެވެ. ހަލާކު ވާނީ އެންމެ މީހެއްގެ ދިރިއުޅުމެއް ނޫނެވެ. އަހަންނަކީ މާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ. އަހަރެންގެ ހިތް ޒިޔާންގެ މައްޗަށް ދޫކޮށްލީ ނިހާގެ އަތުން ޒިޔާން ޖަހައިގަތުމަށް ވިސްނައިގެންނެއް ނޫނެވެ. ހަމައެކަނި ޒިޔާންގެ ލޯބިން ކުޑަ މިންވަރެއް ނަމަވެސް ލިބޭތޯއެވެ. އެކަން އަހަންނަށް ކާމިޔާބު ވެއްޖެއެވެ. އިތުރަކަށް ބޭނުމެއް ނޫނެވެ.

ޖެހިގެންއައި ދުވަހު ޒިޔާންގެ މެސެޖެއް ނުލިބެއެވެ. އާންމުކޮށް ރޭގަނޑު އޭނާ މެސެޖުކުރާ ގަޑި ޖެހުމުން ވެސް ޚަބަރެއް ނުވިއެވެ. އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ދެތިން މެސެޖެއް ލިޔުނީމެވެ. އެކަމަކު ފޮނުވާކަށް ނުކެރުނެވެ. އިސްވެ މެސެޖުކުރުމަކީ ނުވަތަ ގުޅުމަކީ އަހަންނަށް އޮންނަ އިޚުތިޔާރެއް ނޫނެވެ. ޒިޔާން ނުބުނާގޮތަކަށް ކަމެއް ކުރާކަށް އަހަންނަކަށް ނުކެރޭނެއެވެ. އޭނާގެ ލޯބި ވަނީ އަހަރެންގެ ހިތް ކިޔަމަންކުރުވާފައެވެ.

އަހަންނަށް ނިދުނުއިރެއް ނޭނގެއެވެ. ހޭލެވުނީ ހެނދުނެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން ސައިވެސް ނުބޮއެ އަހަރެން ދިޔައީ ވިޝާލް ދިމާވޭތޯއެވެ. މަގުމަތިން ދިމާނުވުމުން އަހަރެން އެގެއަށް ވަނީމެވެ. އެންމެ ފުރަތަމަވެސް ދިމާވީ ވިޝާލްގެ މަންމައާ އެވެ.

“އަހަނ. . . ހާދަ ހެނދުނަކާ؟” ވަރަށް ގާތް ގޮތަކަށް ވިޝާލްގެ މަންމަ އެހިއެވެ. އެއީ ކިތަންމެ ކައިރީގައި ހުރި ނަމަވެސް އަހަރެން މީގެކުރިން ނުވަންނަ ގެއެކެވެ. އެކަމަކު ވިޝާލްގެ މަންމަގެ ހިތްހެޔޮކަން ފެނިފައި ވަރަށް ބޮޑަށް ހިތްވަރުލިބުނެވެ.

“ވިޝާލް ހޯދަންވެގެން. . .” އަހަރެން މަޑުމަޑުން ބުނީމެވެ.

“ވިޝާލް ރޭގަ ދަންވަރު ޑިއުޓީ. ހަމަ ދެންމެ އެ ނިދީ” ވިޝާލްގެ މަންމަ ބުންޏެވެ. އަހަންނަށް ލިބުނީ އިތުރު މާޔޫސްކަމެކެވެ.

“ހޭލީމަ ބުނެދޭނަން ހޯދަން އުޅުނު ވާހަކަ” އަހަރެން ފަސްއެނބުރި ދާން ހިނގައިގަތުމުން ވިޝާލްގެ މަންމަ ބުންޏެވެ.

ގެއަށް ދިޔުމަށްފަހު އަހަންނަށް އިނދެވުނީ ގަބުވެފައެވެ. ފޯނަށް ބެލުން ނޫން އިތުރުކަމެއް ނުކުރެވެއެވެ. ޒިޔާނަށް ވަރަށް ބޮޑު ކަމެއް ދިމާވީއެވެ. އަހަރެންގެ ހިތް ބުނަނީ އެހެންނެވެ.

“ކިހިނެއްވީ؟ ބަލީތަ؟” ނަތާ އައިސް ކޮޓަރީގެ ދޮރުހުޅުވާލިއިރު އަހަރެން އިނީ އެނދުގެ މަގަތުގައި އިށީނދެއެވެ.

“ދެންމެ ހީވި ރިޔާ ބޭރަށް ދިޔަހެން. ދެން ކީއްވެ ސައިނުބޮއެ އަނެއްކާ ކޮޓަރިއަށް ތި ވަނީ؟” ނަތާ އަހަރެން ކައިރީގައި އިށީނެވެ.

“މިއަދު ސައިބޯހިތް ނެތީ” އަހަރެން ކުރު ޖަވާބެއް ދިނީމެވެ.

“ދެން ދެންމެ ކޮންތަނަކަށް ތި ދިޔައީ؟” މުނާ އެހިއެވެ.

“ވިޝާލް ހޯދަން ވެގެން އެގެއަށް” އަހަރެން ތެދަށް ބުނީމެވެ.

ނަތާ ހީނގަތެވެ. “ސާބަސް. މި ދެމީހުން ހަމަ ރަނގަޅަށް ވެސް ކަމެއް ކުރަނީތާ!” ނަތާ އަހަންނާ ދިމާކުރިއެވެ. އަހަރެން ގަސްތުގައި އޭނާ އަށް އެ ފުރުޞަތު ދިނީއެވެ. އަހަރެން ޒިޔާނާ ގުޅުމެއް ބާއްވާކަން އެމީހުންނަށް ޝައްކުވިޔަ ނުދޭންވެގެންނެވެ.

“ކޮބާ ކޮބާ.؟ ބަންދު ދުވަހެއް ވީމަ މަ މިއައީ މޫދަށް ދާންވެގެން” އެވަގުތު ލައިޝާ އައިސް އެނދުމައްޗަށް ވެއްޓިގަތެވެ.

“އަހަންނެއް ނުދާނަން” އަހަރެން ވަގުތުން އިންކާރުކުރީމެވެ. މަޖާކުރުމުގެ މޫޑެއް އަހަރެންގެ ނެތެވެ.

“ކިހިނެއްވީ އަނެއްކާ؟ ބަލީތަ؟” ލައިޝާ ދެލޯ ބޮޑުކޮށްލިއެވެ.

“ވިޝާލް ދެމީހުން ގަނޑެއް ގަންނަނީ” ނަތާ ސުރުޙީ އަޅާލިއެވެ.

“އަސްތާ. . . ހަމަ ތެދެއްތަ؟” ލައިޝާ ދެފައި ވަށްކޮށްލަމުން އެނދުމަތީގައި އިށީނީ ވަރަށް ގަޔާވެފައެވެ. އެހެންވެ އަހަރެން ހަމަ އެވަގުތު އެތަނުން ތެދުވެގެން ގޮސް ބޭރަށް ނުކުތީމެވެ. އެ ދެމީހުންގެ އިތުރު ސުވާލުތަކާ ކުރިމަތިލާން ބޭނުން ނުވާތީއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shiff

Level 110 Stories

Other Articles

Previous

ބަދަލު ވެއްޖެއެވެ.( ފަހުބަޔާއިއެކު)

Next

ހިތުގެ ތެޅުން 12 – ފަހުބައި

Next
November 28, 2018

ހިތުގެ ތެޅުން 12 – ފަހުބައި

Previews
November 28, 2018

ބަދަލު ވެއްޖެއެވެ.( ފަހުބަޔާއިއެކު)

8 Comments!

  1. shiff says:
    November 28, 2018 at 10:17 am

    Asalam alaikun..vaagaka reethi kamah umeedhu kuran ☺☺☺☺☺☺??????????????????❤❤❤please comment

  2. ?? says:
    November 28, 2018 at 10:43 am

    Nice…..?❤️???

  3. Reader says:
    November 28, 2018 at 12:49 pm

    Vrh reethi❤❤

  4. Mux says:
    November 28, 2018 at 2:21 pm

    Nice

  5. Naash says:
    November 28, 2018 at 2:47 pm

    Nice to read your story again shiff…..i realllyy love this story….and sifa kurun thah hama speechless…love story is just hama amaazing???….keep up the good work….may allah always bless you.??…
    And when is the next part??? Curious to read this story….??

  6. shiff says:
    November 28, 2018 at 8:07 pm

    beanun vih varah vuren madun kiyun theringeh faraathun support mih libunny?????
    nash thanks a lot..❤❤❤❤that means a lot…??❤
    little bit sad
    varah support nulibeythyy

  7. Ifa says:
    November 29, 2018 at 9:17 am

    Support Aslu nulibeny maa kurukoh liyaathy. Varah myhun balai nugannaane kuru vyma. Vaahaka kithamme rycchas

  8. shiff says:
    November 29, 2018 at 6:55 pm

    Next part dhigu vaaneh ?

Comments are closed.

Next Episodeލޯބި 6 ވަނަ ބައި←


All Right Reserved!