ާމާފްކުރާށޭ ކަލާ 19
ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަދަލުވަމުން ދިޔައިރު ނުހާ ތުރުތުރުއަޅައެވެ. އަނގަ ތަންމިނަން ހުޅުވައިގެން ހުރި އާސިފް ހުއްޓުން އަރާފައި ހުރީ ލޮލަށް ފެންނަމުން ދިޔަ މަންޒަރާއި މެދު ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުހާ އާއި މާކިން ގެ އެފޮޓޯތަކަށް ބަލަން ތިބި އެންމެން ނުހާ އާއި ދިމާއަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.
“ވަޓް އިޒް ދިސް އަޔާން؟” އާސިފް ދުވަހަކުވެސް އަޔާން ދެކެ މިހާ ރުޅިއައިސްފައެއް ވާހަކައެއް ނުދައްކައެވެ.
“ޓްރްތު.” އަޔާން ހުރީ އާސިފްގެ ހުރިހާ ސުވާލުތަކަށް ތައްޔާރުވެގެންނެވެ. ނިތްކުރިމައްޗަށް އެރި ކުދިކުދި ރޫތަކާއެކު އާސިފް ދެލޯ ކުޑަކޮށްލީ އަޔާން ދެއްކި ވާހަކަ އޮޅުން ނުފިލާތީއެވެ.
އަޔާން ބާރު ހިނގުމެއްގައި ގޮސް މޭޒެއްގެ ކައިރީގައި އިށީނދެގެން އިން ނުހާގެ އަތުގައި ހިފިއެވެ.
“އަޔާން ޕްލީޒް.” ވައި އަޑުން ނުހާ ވާހަކަ ދެއްކީ އަޔާން އަށް އެކަނި އަޑުއިވޭ ވަރަށެވެ. އަޔާން ނުހާއަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ނުހާ ގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އާސިފްގެ ކުރިމައްޗަށް ގެނައެވެ.
މާކިންގެ އަތުން ހުރިހާ ފޮޓޯތަކެއް ހޯދުމަށްފަހު އަޔާން ނުހާ ބޭޒާރުކޮށްލަން ނިންމީ ޒޫކަން އާއި ދޭތެރޭގައި ނުހާ އެހާ ރަހުމްކުޑަކޮށް ކަންތައް ކުރީމައެވެ.
“އިތުރަށް ނުހާ ކައިރީގައި އަހާބަލަ. މާ ރަނގަޅަށް ކިޔައިދޭނެ.” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ އަނެއްކާވެސް އަޔާންގެ އަޑެވެ.
“ނުހާ. މީ ކޮން ކަންތައްގަނޑެއްތަ؟” އާސިފް ނުހާގެ އަތުގައި ހިފައި ދަމައިގަތީ ވަރަށް ބާރަށެވެ. ރުއިން ނޫން އެހެންކަމެއް ނުހާއަކަށް ނުކުރެވުނެވެ. އަޔާން މޫނު އަނެއްފަރާތަށް އަނބުރާލީ ނުހާގެ ކަރުނުން ފުރިފައިވާ ދެލޮލަށް ބަލަން އޭނައަށް އުނދަގޫވާތީއެވެ. ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއް ހެއްޔެވެ؟ ހުރިހާ ކަމެއް އެނގޭ އިރުވެސް ނުހާ ދެރަވީމާ އަޔާން ދެރަވެއެވެ.
“ނުހާ. ޖަވާބެއް ނުދީ ރުޔަސް ނުވާނެ އެއްވެސް ކަމެއް.” އާސިފް ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.
“އާން. އެއީ އަހަރެންގެ މާޒީ. މާކިން އެއީ އަހަރެންގެ މާޒީ. ޒޫކަން އެއީ އަހަރެންގެ ދަރި. ދެން ކޮބާތަ މައްސަލައަކީ؟ މާކިން އާ އެކީ އަހަރެން ހެޕީ ނޫންވީމަ އަހަރެން އޭނަ ދޫކޮށްލީ. ޒޫކަން އަހަރެންނާ އެކީ ނުގެނައީ އެވަގުތު އަހަންނަށް އެއްވެސް ގޮތެއް ނެތީމަ. ޒޫކަން ބެލޭނެ ފެންވަރު ނެތީމަ. އެއީ އަހަރެންގެ ކުށެއްތަ؟” ނުހާގެ އަޑު މުޅި ހިސާބުގައި ގުގުމާފައިވާ ކަހަލައެވެ. ގިސްލަމުން ނުހާ ވާހަކަދައްކަމުން ދިޔައިރު އޭނައާއި ދިމާއަށް އެންމެންގެ ލޯތައް ވަނީ ހުއްޓިފައެވެ.
އާސިފް އަޔާން އަށް ބަލާލީ ނުރުހުންވެފައި ހުރެއެވެ.
“ނުހާ އާދޭ ދާން.” އާސިފް ހުރީ އިންތިހާއަށް ދެރަވެފައެވެ. ނުހާ ދެއްކި ވާހަކަތައް އާސިފް ޤަބޫލުކުރިކަހަލައެވެ. ނުހާ ގެ ވެސް މާޒީއެއް އޮވެދާނެ ކަމަށް އާސިފް ޤަބޫލުކުރެއެވެ.
“ޑޭޑް. ވެއިޓް.”އެއްލި އަތުން އަޔާން އާސިފްގެ އަތުގައި ހިފިއެވެ.
“އަޔާން. ދެން އިތުރަށް ދައްކަން ވާހަކައެއް ނެތް.” އާސިފް ނުހާގެ އަތުގައި ހިފައިގެން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
މީތަން އަޔާންގެ އަތުގައި ހިފީ އަޔާން އަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަޔާން ފާލިހްއަށް ބަލާލުމާއެކު ފާލިހްވެސް ބޯޖަހާލިއެވެ.
“ނުހާ ޗީޓެޑް މީ ޓޫ.” އަޔާންގެ ބާރު އަޑުން އާސިފްގެ ދެފައިގައި ކަސްތޮޅު އެޅުވި ކަހަލައެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު އަޔާންއަށް ހެޔޮ އެދޭ އެތައް ބައެއްގެ ހިތްވަރާއެކު އަޔާން އޭނަގެ ބައްޕަގެ ކުރިމައްޗަށް ހާމަކޮށްލިއެވެ.
އަޔާންގެ ފެންކަޅިވެފައިވާ ދެލޮލަށް އާސިފް ބަލަހައްޓައިގެން ހުރިއިރު ނުހާއަށް ހުރެވުނީ ދެން ވާނީ ކިހިނެތްބާއޭ ހިތަށް އަރާފައި މޭގަނޑު އަތަށް ނަގައިގެންނެވެ. އަޔާން އާސިފް ކުރިމަތީގައި އެވާހަކަ ދައްކަން ކެރިދާނެ ކަމަށް ނުހާ ހީވެސް ނުކުރެއެވެ. އަޔާން އާާސިފްއަށް އޭނަގެ ފޯނު ނަގާ ދިއްކޮށްލަމުން ހުރިހާ ހަޤީޤަތެއް ކިޔައިދޭންފެށިއެވެ. އާސިފް އަޔާން ދިއްކޮށްލި ފޯނުގައި ހިފަމުން ނުހާގެ އިސްޖެހިފައިވާ މޫނަށް ބަލާލިއެވެ. ހުރިހާ މެސެޖްތަކާއި ފޮޓޯތައް ހުރީ ލޯ ކުރިމަތީގައި ފެންނާށެވެ. ދެން އިތުރަށް އަހާނެ، ދައްކާނެ ވާހަކައެއްނެތެވެ.
ޕާޓީގައި ތިބި އެންމެންގެ ލޯތައް އާސިފްމެންނަށް އަމާޒުވެފައިވާ އިރު އެންމެންވެސް އިންތިޒާރު އެކުރަމުންދަނީ އާސިފްގެ ޖަވާާބަކަށް ކަހަލައެވެ.
“ޑޭޑް. މި ވާހަކަ ނުބުނެ ލަސްކުރެވުނީ ބުނާނެ ހިތްވަރު ނެތީމަ. އެކަމަކު މިހުރިހާ ކަމެއް ހިތުގަ ސިއްރުކޮށްގެން ފަހުން ވާން ޖެހޭ ދެރަ މާބޮޑު ވެދާނެ. އަހަރެން ބޭނުމެއް ނޫން ނުހާގެ ހިޔަނިވެސް އަހަރެންގެ ދިރިއުޅުމަކަށް ދެން އެޅޭކަށް.” އަޔާން އާސިފްގެ ގައިގައި އޮޅުލައިގަތެވެ. އާސިފް ހުރިގޮތަށް ހުރީއެވެ. އަޔާން ދެކެވެސް ހިތްހަމަ ނުޖެހިފައެވެ. ކޮންމެ ގޮތެއްވިޔަސް އެންމެންގެ ކުރިމަތީގައި އެހުރިހާ ޑްރާމާއެއް ކުޅެ އާއިލާގެ އަގު ވައްޓާނުލިއަސް އަޔާންއަށް އެނޫން ގޮތަކަށްވެސް އެވާހަކަ ބުނެވިދާނެ ކަމަށް އާސިފް ޤަބޫލުކުރެއެވެ.
“މިވަގުތުން ފެށިގެން ނުހާ އަކީ މަގޭ އަތްބެއް ނޫން.” އާސިފް ދެލޯ މަރާ ބާރުކޮށްލިއެވެ. ނުހާ އަނގަ މަތީގައި އަތް އަޅައިގެން ދުއްވައިގަތީ އެތަނުން ނިކުންނާށެވެ. އާސިފްގެ ބައެއް އެކުވެރިން ކުރިއަށް ޖެހި އާސިފްއަށް ހިތްވަރުދެމުން ދިޔައެވެ. ނުހާ ދިޔަ ދިމާއަށް އަޔާން އަށް ހުރެވުނީ ބަލާށެވެ. އެންމެ ފަހު ވަގުތުގައިވެސް ނުހާ ދެކިލަން ބޭނުންވާ ކަހަލައެވެ. އެރޭގެ ޕާޓީ ނިމިގެން ދިޔައީ އަޔާންގެ އާ ދިރިއުޅުމެއް ފެށި އޭނަގެ ބައްޕަ އާސިފްގެ ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހިގެންނެވެ.
ލައިގެން ހުރި ބަރު ހެދުމާއެކު މީތަން ފިނިފެންމަލުގެ މީރު ވަހުން އެއްވަސް ވެފައިވާ ކޮޓަރި ތެރޭގައި އެނދުމަތީގައި އިށީނދެގެން އިނީ އަޔާންގެ އިންތިޒާރުގައެވެ. މީތަން އިރުއިރު ކޮޅާ ދެއަތްތިލަ ކަކުލުގައި އަޅުވާލަމުން ބޮނޑިވެގަނެވެ. ކަކުލުގައި މޫނު ޖައްސައި މޫނު ފޮރުވާލައެވެ. ބުނެދޭން ނޭނގޭ އުފާވެރިކަމާއި ނުތަނަވަސްވެފައިވާ ހިތް ތެޅޭކަން މީތަންއަށް އިހްސާސް ކުރެވޭތީ މީތަންގެ މޫނުގެ ކުލަވަރު އެކިފަހަރު ބަދަލުވެގެންދެއެވެ.
“އާ ޔޫ ހެޕީ ނައު.” ނުހާގެ އަޑުން ގޯތި ތެރޭގައި ހުއްޓިލައިގެން ހުރި އަޔާން ދިޔައީ ސިއްސައިގެންނެވެ. އަޔާން އެނބުރި ބަލާލިއިރު ކަރުނުން ފުރިފައިވާ ދެލޮލުން ބަލަހައްޓައިގެން ނުހާ ހުއްޓެވެ. އަޔާން އަނެއް ފަރާާތަށް މޫނު އަނބުރާލަމުން ދެޖީބަށް އަތް ޖަހާލިއެވެ. ނުހާ އިތުރު އެއްޗެއް ނުބުނެ ލަގެޖް ދަމަމުން ހިނގައިގަތެވެ.
“ނުހާ.” އަޔާންގެ ވޭނީ އަޑު ނުހާގެ ކަންފަތުގައި ޖެހުމުން ނުހާ ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ.
“މަށާ ދެން އަޔާން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ.” ނުހާ ވާހަކަ ދެއްކީ އަޔާންއަށް ފުރަގަސްދީގެން ހުރެއެވެ. ނަމަވެސް ނުހާ ވާހަކަ ދެއްކީ ރޮމުން ކަން އަޔާން އަށް އެނގުނެވެ. އަޔާން އަކަށް ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ނުހާ ގެ އަތުގައި ހިފައި ދަމާލަމުން ގެނެސް އަޔާން ގެ އަތުތެރޭގައި ނުހާ ހައްޔަރުކޮށްލިއެވެ. ނުހާގެ ބަޑި ފަޅައިގެން ދިޔަ ކަހަލައެވެ. ބާރު ބާރަށް ރޮމުން އޭނާ އަޔާންގެ މޭތެރޭގައި ބޮނޑިވެލިއެވެ. އަޔާާންގެ ހާލުވެސް ހަމަ އެފަދައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ އަޔާން ގެ ތުބުޅި ތެއްމަމުންނެވެ.
“ޔޫ ޑޯންޓް ލަވް މީ.” ނުހާ އަޔާންގެ މޭމަތީގައި ދަތް އަޅާ ބާރުކޮށްލުމުން އަޔާން އަދި ވަކިން ބޮޑަށް ނުހާގެ ހަށިގަނޑު އަތު ތެރޭގައި ފިއްތާލިއެވެ.
“ނޯ. އައި ޑޫ ލަވް ޔޫ އަލޮޓް.” އަޔާން ނުހާގެ ދަތް ދޮޅީގައި ހިފާ ހިއްލާލިއެވެ.
“ނުހާ ކީއްވެ އެގޮތަށް ކަންތައް ތިކުރީ.” އަޔާން ނުހާ އާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އަހަރެންވެސް ނާހަމެއްނު އަޔާން ތިގޮތަށް ކަންތައް ތި ކުރީ ކީއްވެހޭ.” ނުހާ އަޔާންގެ އަތު ތެރޭން ވީއްލިގެން ގޮސް ތަންކޮޅެއް ދުރަށް ހުއްޓުނެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން އަޔާން ނުހާ ގެ ފަހަތުން ގޮސް ނުހާާ ގެ ގައިގައި އަނެއްކާާވެސް ބައްދާާލިއެވެ. އަޔާން އަށް އޭނައަކީ މީހެއްގެ ފިރިއެއްކަން ވެސް އިޙްސާސް ނުވާ ކަހަލައެވެ. އަލަތު ކައިވެނީގެ އުފާާވެރި ރޭ އޭނައަށް އިންތިޒާރު ކޮށްގެން މީތަން އިންކަން ވެސް އަޔާާންގެ ހިތުގައި ނެތް ކަހަލައެވެ.
“އަޔާން އަށް ދުވަހަކުވެސް މާފް ނުކުރާާނަން. އަދި ދުވަހަކު އަޔާން ފެންނަ ހިސާބަށްވެސް ނާންނާނަން.” ނުހާ އަޔާން ކޮށްޕާލަމުން ހިނގައިގަތެވެ.
“ނުހާ. ނުހާ ގެ އެކައުންޓް ޗެކް ކޮށްލައްޗޭ. ނުހާ އަށް އަރާާމުގައި އުޅެވޭނެ ގޮތް ހަމަޖައްސާފަ ހުންނާނީ. ނުހާ އަށް ތިހެން ތިވީ ނުހާގެ ވެސް ކުށުން. އެކަމަކު މިހިތަކުން ދުވަހަކުވެސް ނުހާގެ ނަމެއް ނުފިލާނެ.” އަޔާން ގެ ދެލޯ ފުރިގެން ބަންޑުންވިއެވެ. ނުހާ އަށް އަޔާން ދެއްކި ވާހަކަ އަޑު އިވުނު ނަމަވެސް ފަސް އެނބުރި ބަލާކަށް އޭނާ ބޭނުމެއްނުވިއެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް މީތަން އިސްއުފުލާލިއެވެ. މަޑު ހިނގުމެއްގައި އައިސް އަޔާން އެނދުގައި އިށީނދެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ކޮބާ ބައްޕަ” އަޔާންގެ މޫޑް އެހާ ރަނގަޅު ނޫންކަން މީތަން ދެނެގަތެވެ.
“ޑޭޑްގެ ރައްޓެހިން ގެންގޮއްސި ޑޭޑް ރިޒޯޓަށް. ހީވަނީ އޯކޭ ހެން. ވަރަށް ރީއްޗަށް ވާހަކަ ދެއްކީ.” އަޔާން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮށޯވެލިއެވެ.
“ސޮރީ. އައި ހޯޕް އަންޑަސްޓޭންޑް ވާނެކަމަށް. ވަރަށް ބޮލުގަ ރިއްސާ. ލެޓްސް ސްލީޕް.” އަޔާން މީތަންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. މީތަން ހިނިތުންވެލިއެވެ. ކިހާ އޯގާތެރި އަތްބެއް ހެއްޔެވެ؟ އެއްވެސް ޝަކުވާއެއް ނެތި އަޔާން ދެއްކި ވާހަކަ ޤަބޫލުކުރިއެވެ.
“އަންނާނަން ހެދުން ބަދަލު ކޮށްލައިގެން.” މީތަން އަޔާން ގެ ބޮލުގައި ފިރުމާލަމުން އެނދުން ތެެދުވިއެވެ. އަޔާން ހިނިތުންވެލީ ގަދަކަމުންނެވެ. ނުހާ ގެ ޚިޔާލުގައި މީހާގެ ބޯގޮއްވަމުން އަޔާން އެނދުގައި ރީއްޗަށް ހަށިގަނޑު ދަމާލިއެވެ. މީތަން އާއި ކުރިމަތިލާނެ ހިތްވަރު އޭނާގެ ނެތެވެ. އެހެންވެ ދެލޯ މަރާ ބާރުކޮށްލައިގެން އޮތީ ނިދައިފި ކަން މީތަން އަށް އެންގެމުގެ ގޮތުންނެވެ.
ފާހާނާއިން މީތަން ނިކުންއިރު އަޔާން އަށް ނިދިފައި އޮތުމުން މީތަން ގެ ހިތުގައި ޖެހުނެވެ. ނަމަވެސް މީތަން ހީކުރީ މިރޭ އެވީ ހުރިހާ ކަމަކާއި އަޔާން ބޯގޮވީ ކަމަށެވެ. ކުޑައިރުކޮޅަކު އެހުރި ފިޔަވަޅު މަތީގައި ހުރެފައި މީތަން އައިސް އެނދުގައި އޮށޯވެލިއެވެ. އަދި ނިދޭތޯ ލޯ މަރާލިއެވެ.
“ނިދަނީތަ؟” ފާލިހްގެ މެރިފައިވާ ދެލޮލަށް މަލަކާ ބަލަހައްޓައިގެން އޮތެވެ.
“ނިދޭތޯ.” ފާލިހް ނިތްކުރިމަތީގައި އަތް ބާއްވާލިއެވެ.
“މިރޭ އެވީ ކަންތައްތަކާއި ދޭތެރޭގައި ވިސްނަނީތަ؟ ހަމަ ރަނގަޅަށް އެނުހާ އަށް އެވީ. ހާދަ ފޫއްސެއްވޭ ފެނުނަސް. ޔަޤީނޭ އެނުހާ އެގޭގައި އުޅޭނަމަ މީތަން ފަކީރު ނޭވާ ލިޔަވެސް ނުދޭނެކަން. ދެން އެކަން ވެސް އެނިމުނީނު. މީތަންގެ މަންމަމެންވެސް ތިބީ ވަރަށް ހެޕީވެފަ އަޔާން އާ މެދު.” މަލަކާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ފާލިހް އޮތީ އެއްވެސް އެއްޗެއް ނުބުނެއެވެ.
“ބޭބީ ނިދީތަ؟” މަލަކާ ފާލިހްގެ އަތުގައި ހިފައި މަޑުމަޑުން ތަޅުވައިލިއެވެ. އެއްވެސް ޖަވާބެއް ނައުމުން ފާލިހް ނިދީ ކަމަށް ހީކޮށް މަލަކާވެސް ބާލީސް މޫނުމަތީގައި އަޅާލިއެވެ.
އާ ދުވަހަކަށް އިރު އެރީ މީތަން ބަދިގޭގައި ހުއްޓައެވެ. ނީތާ ހޭލިއިރު މީތަން ހުރީ ސައިގެ ކަންތައްވެސް ނިންމާފައެވެ. ހުރިހާ ކަމެއް ތައްޔާރުކޮށްލާފައި މީތަން ހިނގައިގަތީ އަޔާންއަށް ގޮވަން ދާށެވެ. ނަމަވެސް ގޭގެ ދޮރު ހުޅުވުނު އަޑަށް މީތަން ދޮރާއި ދިމާއަށް ބަލާލިއެވެ. އެވަގުތު އާސިފް ދޮރުން ވަދެގެން އަންނަނީއެވެ. ބޯވެފައިވާ އޭނާގެ މޫނުމަތިން ދޭހަކޮށްދެނީ ރޭގަނޑުގެ ނިދިކޮޅުވެސް އޭނައަށް ގެއްލިފައިވާ ހެންނެވެ.
“ޑޭޑް. އާދޭ ސައިބޯން.” ފުރަތަމަ ފަހަރަށް ސާހިބުމީހާ އަށް ބައްޕަ ކިޔަން ޖެހުނީމަ މީތަން ހުރީ ފަސްޖެހިފައެވެ.
އާސިފް ހިނިތުންވެލަމުން ބޯޖަހާލިއެވެ. އޭރު އަޔާންވެސް އޮފީހަށްދާން ތައްޔާރުވެގެން ސިޑިން ތިރިއަށް ފައިބަނީއެވެ.
“ތިޔޯ. ކީއްކުރަން އޮފީހަށް ދަނީ. އަވަހަށް ފުރަން ތައްޔާރުވެބަލަ މީތަން ގޮވައިގެން.” އާސިފް އަޔާންއަށް ބަލާލަމުން ދެފަރާާތަކަށް ބޯހޫރާލިއެވެ. އަޔާން ސިޑިން ފައިބައިގެން އައި ބާރު މިނުގައި އާސިފް ގެ ގައިގައި އޮޅުލައިގަތެވެ. އާސިފް އަޔާން ގެ ބުރަކަށީގައި ފިރުމާލީ ލޯތްބާއެކުގައެވެ.
“ޑޭޑް. ފޮގިވް މީ.” އަޔާން ކުޑަ ކުއްޖެއް ފަދައިން ރޮއެގަތެވެ.
“ދަރިފުޅުގެ ކުށެއް ނެތޭ. ބައްްޕަ އަށް މާފްކުރޭ.” އާސިފްގެ ކުރެހިފައިވާ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ.
“ދެން ނިމުނީ. ތި ވާހަކަ ބާއްވާ. ހިނގާ ސައިބޯން.” މީތަން އައިސް ދެމީހުންގެ ގައިގައި އެއްފަހަރާ ބައްދާލިއެވެ. މީތަންގެ ހިތްހެޔޮކަމާއި ރަނގަޅު އަޚްލާޤް އެވަގުތުވެސް އާސިފްއަށް ފާހަގަވިއެވެ. އަދި އަޔާންގެ ހޮވުމާއި މެދު ފަޚްރުވެރިވާ ފަދަ ގޮތަކަށް މީތަން އަށް ހިނިތުންވެލިއެވެ.
ފާލިހްއަށް ފުންމައިގެން ތެދުވެވުނީ ފޯނު ރިންގްވާ އަޑަށެވެ.
“މިދަނީ އަޔާން. ސޮރީ.” ގުޅީ އޮފީހުން އަޔާން އެވެ. ފާލިހް ލަސްވެގެންނެވެ. ފޯނު އެނދުމައްޗަށް އެއްލާލަމުން ފާލިހް އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލިއިރު ނުވައެއް ޖަހަނީއެވެ.
“މަލަކާ. މަލަކާ.” ފާލިހް ހަޅޭލަވައިގަތެވެ. ސިއްސައިގެން ގޮސް މަލަކާ ތެދުވިއިރު އޭނަގެ ދެލޯ ހުރީ ބޮޑުވެފައެވެ. ފާލިހް އެހާ ރުޅިއައިސްފައި މިވީހާ ދުވަހު ހަޅޭއްލަވާފައި ނުވާތީ މަލަކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ބަލާބަލަ ގަޑި. އޮފީހަށް ދާން ނުގޮވާތާގަ މަގޭ ގަމީސް ގަނޑެއްވެސް ނެތް އިސްތިރިކޮށްފަ.” ފާލިހްގެ އަޑު ދިޔައީ ފަހަރަކަށްވުރެ ފަހަރަކު ބާރުވަމުންނެވެ.
“ބޭބީ ދޭބަލަ ފެންވަރާލަން. ގަމީސް މިހާރު މި އިސްތިރިކޮށްލަނީ.” ފާލިހް ރުޅިގަދަވެފައި ހުރުމުން މަލަކާ އިސްކުރީ މަޑުމައިތިރި ކަމާއި ލޯތްބެވެ.
ފާލިހް ތުވާލި ހިފައިގެން ފާހާނާއަށް ވަދެ ބަންލާފައި ދޮރު ލެއްޕި އެވެ. މަލަކާގެ ދެލޮލުގައި ފިއްތައިގެން ހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތީ އެވަގުތުއެވެ. ފާލިހްއަށް އައި ކުއްލި ބަދަލުން މަލަކާގެ ހިތަށް ވަރަށް އަސަރު ކޮށްފި އެވެ. އަވަސް އަވަހަށް އަލަމާރިން ގަމީހެއް ނަގައިގެން މަލަކާ އިސްތިރި ކުރަން ފެށިއެވެ. ފާލިހް ފެންވަރައިގެން ނިކުތް އިރު މަލަކާ ފާލިހްގެ އޮފީސް ހެދުން ތައްޔާރުކޮށްފައި އޮތެވެ. ފާލިހް އަވަސް އަވަހަށް ތައްޔާރުވެލި އެވެ.
“އާދޭ ސައިބޯން.” ފާލިހް ކޮޓަރިން ނިކުތްއިރު މަލަކާ ތައްޓަށް ސައި އަޅަނީއެވެ. ފާލިހް އަޑު އިވޭ ކަމަށްވެސް ނުހަދާ ގެއިން ނިކުތެވެ. އެމަންޒަރު ބަލަން ހުރި ޝަރީފާ ހުރީ ހިނިއައިސްފައެވެ. ފެންކަޅިވެފައި ހުރި މަލަކާއަށް ބަލާލަމުން ޝަރީފާ ކޮޓަރިއަށް ވަނީ ނާސިރާއަށް ގުޅައި އެޚަބަރު ދޭށެވެ.
“ރޭގަ ކިހިނެއްތަވީ؟” އަޔާން އާއި ފާލިހް ތިބީ އޮފީސް ކެެންޓީނުގައި ސައިބޯށެވެ.
“އެހުރިހާ ހައިޖާނު ގަނޑެއްގަ ވަރަށް އޮފް ވެފަ ހުރީ. އެހެންވެ ނިދީ. ދެރަވެސްވި. އެކަމަކު.” އަޔާން ދޫކޮށްލީ ފުން ނޭވާއެކެވެ.
“ދެން މިއަދު އޮފީހަށް ތިނިކުތީ އޯ.” ފާލިހް ސައިތަށިން ކޯވަރެއް ބޯލިއެވެ.
“ދެން ހަމަ ނިކުތީ. ޑޭޑް ކުރު ނުކުރުމުން މީތަން ގޮވައިގެން އޮސްޓްރޭލިއާއަށް ދާާން މިއުޅެނީ މާދަމާ. އެހެން ނޫންނަމަ ނުދިޔައީސް.” އަޔާން މޫނު މަތީގައި އެއްވެސް އުފާާވެރިކަމެއް ނެތްކަން ފާލިހްއަށް ފާާހަގަވިއެވެ.
“ނުހާ އާ ދޭތެރޭ ވިސްނާލުން ހުއްޓާލަބަލަ. މީތަން އާ އަޔާން އިނީ ލޯބިންނެއް ނޫންތަ؟” ފާލިހް އަށް ހީވާ ހީވުން ޔަޤީން ކުރުމުގެ ގޮތުން އޭނާ އަޔާން އާއި ސުވާާލު ކޮށްލިއެވެ.
ފާލިހް ގެ ސުވާލަށް އަޔާން އެއްވެސް އެއްޗެއް ނުބުނެއެވެ. ފުރަތަމަ ފަހަރަށް ފާލިހް އާއި އެއްވެސް ވާހަކައެއް ހިއްސާ ކުރަން އަޔާން ނުކުޅެދުނެވެ. ނުހާ ގެ ޚިޔާލުތަކުން ދުރުވެވޭތޯ ރެޔާއި ދުވާލު އަޔާން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވެއެވެ. މީތަން ދެކެ ލޯބިވެވޭތޯ އަޔާންވެސް އަޔާންގެ ނަފްސާ އެތައް ފަހަރަކު ސުވާލުކޮށްފިއެވެ. މީތަން އާއި އަޔާން އިނީ އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނޫނެވެ. ނަމަވެސް އަޔާންއަށް އަދި އެއުޅެވެނީ ފިރިއެއްގެ ވާޖިބުވެސް އަދާނުކުރެވިގެންނެވެ.
“ހާދަ ހީވޭ ފިކުރު ބޮޑުވެފަހެން.” ފާާލިހް އަޔާންގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ.
“އޮފީސް ކަންތައްތައް ރަނގަޅަށް ބަލައްޗޭ. ޑޭޑް ވިލް ބީ ހިއަރ. ހިނގާ ދެން އަވަހަށް މަސައްކަތް ފަށަން ދާން.” އަޔާން ފެންތަށިން ކޯވަރެއް ބޯލަމުން ތެދުވުމުން ފާލިހްވެސް ފަހަތުން ތެދުވިއެވެ.
ދުވަސްތައް މާޒީ ވަމުން ދެއެވެ. އަޔާން އާއި މީތަންވެސް އެމީހުންގެ ހަނީމޫނަށް އޮސްޓްރޭލިއާ އަށް ފުރައިފިއެވެ. ނުހާ ގެ ހަނދާނުގައި އާސިފްވެސް އޭނާގެ ދިރިއުޅުމުގައި ކުރިޔަށް ދަމުން ގެންދާއިރު މަލަކާ ކަރުނައިގެ ކޯރެއްގައި ފަތަނީއެވެ. ފާލިހްގެ އެއްވެސް އަޅާލުމެއް ލޯތްބެއް އޭނައަކަށް ނުލިބެއެވެ. ވާހަކަ ދައްކާ ފަހަރަކުވެސް އެހާ ހަރުކަށްޓެވެ.
އަޔާން އޮފީހުގައި ނެތުމުން ފާާލިހްވެސް އުޅެނީ އެހާ ބުރަކޮށެވެ. ހެނދުނު އޮފީހަށް ދާ ގޮތައް އަންނަނީ ރޭގަނޑުއެވެ. ހިިތްދަތިކަމުގައި ވަގުތުތައް ގުނަމުން މަލަކާ ގެންދިޔައީ ކެތްތެރިކަމާއި އެކުގައެވެ.
ފިނި ފިނި ހަވީރެކެވެ. ފާލިހް އޮފީސް ނިންމާލާފައި ގޭގެ ދޮރު މައްޗަށް ސައިކަލްގައި އައިސް މަޑުކޮށްލިއިރު ޝަރީފާ ހުރީ ގޭގެ ދޮރު މަތީގައެވެ.
“ދަރިފުޅާ.ހިނގާބަލަ މަންމަ ގޮވައިގެން ހޮސްޕިޓަލަށް.” ފާލިހް ސައިކަލް ޕާކް ކޮށްލި ތަނާ ޝަރީފާ ބުނެލިއެވެ.
“އެ ކިހިނެއްވީ. މަންމަ ބަލީތަ؟” ފާލިހް އަވަސް އަވަހަށް އަހާލިއެވެ.
“ނޫނޭ. މަންމަގެ ރައްޓެއްސެއްގެ ދަރިއެއް ބަލިވެގެން އެޑްމިޓްކޮށްފައި އޮތީމަ. ދަރިފުޅު ހަނދާންވޭތަ ނައީމާއްތަ؟ ދަރިފުޅު ކުޑައިރު މިގެޔަށް އައިސް އުޅޭނު.” ޝަރީފާ ފާލިހް ގެ ސައިކަލްގެ ފަހަތުގައި އިށީނދެ ހަމަޖެހިލިއެވެ.
“ކޮން. އާން. ހީވަނީ ހަނދާންވޭހެން އެބަ. އެކަމަކު އެމީހުން އުޅެނީ ޗައިނާގައެއްނު. ނައީމާއްތަގެ ދަރި ޑޮކްޓަރުކަން ކިޔަވަން ވެގެން ގޮސް. ކޮން ނަމެއްތަ އެކުއްޖާާއަށް ކިޔަނީ. ހަނދާނެއް ނެތް މިހާރަކު.” ފާލިހް ވަރަށް ދުރު ހަނދާނެއްކޮށްލިއެވެ.
“ކިންޒާ ދޯ.؟” ޝަރީފާ ލާނެތް ފާޑަކަށް ހީލިއެވެ.
“އާން. އެހެންދޯ.” ފާލިހްއަށް ހަނދާންވީ ޝަރީފާ ބުނެދިނީމައެވެ.
” މިހާރު އެއީ ޑޮކްޓަރެއް. އޭޑީކޭގަ. އަދި ދެމަސް މިވީ މާލެ އައިތާ.” ޝަރީފާގެ ވާހަކައަށް ބޯޖަހަމުން ފާލިހް އައިސް އޭޑީކޭގެ ޕާކިން ޒޯނުގައި ސައިކަލް ޕާކް ކޮށްލިއެވެ.
ޝަރީފާ ފާލިހްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ހަވީރުގެ ވަގުތު ކަމުން މީހުން ވަރަށް ގިނައެވެ. ޝަރީފާ ފާލިހް ގޮވައިގެން ގޮސް ވަނީ ޕްރައިވެޓް ކޮޓަރިއަކަށެވެ.
“އަހާން ޝަރީފާ.” ބެޑް ކައިރީގައި ހުރި ގޮޑިއެއްގައި އިށީނދެގެން އިން ނައީމާ ދުވެފައި އައިސް ޝަރީފާގެ އަތުގައި ހިފިއެވެ.
“މީ ފާލިހް ތަ؟ ހާދަ ބޮޑުވެއްޖޭ.” ނައީމާ ފާލިހް ގެ ބުރަކަށީގައި ފިރުމާލިއެވެ.
ފާލިހް ހިނިތުންވެލިއެވެ.
“މީ ކޮން ކުއްޖެއްތަ ބަލިވެފަ މިއޮތީ.” ފާލިހް އެނދުގައި އޮތް އަނަސް ގެ ފައިގައި ހިފާލަމުން ހީލިއެވެ.
“މިއަދު ހޭލިއިރު ހުންގަދަވެފަ ހުރީ. މިހާރު ކުޑަކޮށް ރަނގަޅު. އޭނަގެ ދޮންތަ ދެންމެ އެދިޔައީ ބޭސްދީފަ.” ނައީމާ އޮޅުން ފިލުވައިދިނެވެ.
ޝަރީފާ ހުރީ ހިނިއައިސްފައި ބަލާށެވެ. ހީވާ ކަހަލައެވެ. ދެން ކަންތައްތައް ވެގެން ދާނީ އޭނާ ބޭނުންވާ ގޮތަށެވެ.
“މޯމް. އަޅުގަނޑު ޑިޔުޓީ ނިމުނީ. ވިއްސާރަވެސް ވެހެން ކަންނޭނގެ އެއުޅެނީ. އަންނާނަން ގެޔަށް ގޮސްލާފައި. އެހާ އިރަށް ޓެސްޓް ތަކުގެ ރިޒަލްޓްވެސް ލިބޭނެ.” އަންހެން ކުއްޖެއްގެ ތުއި އަޑުން އެންމެ ފުރަތަމަވެސް ބަލާލެވުނީ ފާލިހްއަށެވެ. އެއްވެސް މޭކަޕެއް ނެތް އިރުވެސް ކިންޒާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ކަޅުކަން ގަދަ ފަލަ ދެބުމައިން ކިންޒާގެ ދޮން މޫނުގެ ފުރިހަމަކަން އިންތިހާއެވެ.
“ދަރިފުޅު އާދެބަލަ. މިތިބީ ޝަރީފާއްތަ މެން އައިސް.” ނައީމާ ގޮވާލުމުން ކިންޒާ ލުއިލުއި ހިނިތުންވުމަކާއެކު އައިސް ހުއްޓުނެވެ. ފާލިހްގެ ނަޒަރު ކިންޒާގެ މޫނުން އެންމެ ފަހަރަކުވެސް ވަތްކެއް ނުވެއެވެ.
“ނައީމާ. ނިކަން ބަލާބަލަ ރީތިކަން ކިންޒާ.” ޝަރީފާ ކިންޒާ ގައިގައި ހުއްޓުމެއްނެތި ފިރުމަމުން ދިޔައެވެ.
“މީ ދައްތަގެ ދަރިފުޅު ފާލިހް.” ޝަރީފާ ކިންޒާއަށް ފާލިހް ތައާރަފް ކޮށްދިނެވެ.
ފާލިހް ކިިންޒާއާ ހަތަރު ކަޅި ހަމަކޮށްލަމުން ހިނިތުންވެލިއެވެ.
“މޯމް ދަނީ.” ކިންޒާ އޭނާގެ ކޮއްކޮ އަނަސް ގައިގައި ފިރުމާލުމަށްފަހު ދާން ހިނގައިގަތެވެ.
“ދަރިފުޅު ދާން ވީނު ކިންޒާ ގެޔަށް ގެންގޮސްދީފަ އަންނަން މިގަޑީގަ ވަރަށް އުނދަގޫވާނެ ކާރެއް ހޯދަންވެސް.” ލިބުނު ފުރުސަތުގެ ބޭނުން ޝަރީފާ ހިފާލީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. ފާލިހް ބޯޖަހާލަމުން ގޮޑިން ތެދުވިއެވެ.
“ހާދަ ބާރުބޮޑޭ ދޯ މަގުމަތި.” ފާލިހްގެ ސައިކަލްގެ ފަހަތުގައި އިން ކިންޒާ އަނގައިން ބުނާނެ އިރެއްގެ އިންތިޒާރުގައި އިން ފާލިހް ހީލިއެވެ.
“ޗައިނާގެ މަގުތައް ޔަޤީން މިއަށް ވުރެ ބާރު ބޮޑުވާނެކަން.” ފާލިހް ބޭނުންވީ ކިންޒާ ގެ ބީރައްޓެހިކަން ފިލުވާލާށެވެ. އެހެންވެ ހަމަގަސްތުގައި ސަމާސާކޮށްލިއެވެ. އެކި ވާހަކަ ދައްކަމުން ހެމުން ފާލިހްއާ ކިންޒާ ސައިކަލްގައި ދިޔައިރު ފިހާާރައަކުން ނިކުތް މަލަކާ އަށް ހަމަ ރަނގަޅަށްވެސް އެމަންޒަރު ފެނުނެވެ. އައި ރުޅީގައި މަލަކާއަށް ދަތްކުނޑިވިކައިލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Dhuvahakuves kaiveni nukureveyne dhemeehun eha bodah gulhuvan ulheytheeve kamakunudhey. Nuha a ayan aki dhe mahramun
Shadhiya is right. Mamma gaiga hug koffa ayan e ronee. Dhen faalih vess dho malaka ah vaagothun dhera veyy. Ekam sihr hedheema vaaneevess ehen dho
NEXT PART PLEASE…