
މާފްކުރާށޭ ކަލާ 18
މަލަކާގެ އަޑަށް ފާލިހްއާއި ޒާރާ ދިޔައީ ސިއްސައިގެންނެވެ. މަލަކާގެ ބޮޑުވެފައިވާ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“ބޭބީ. ތިހީކުރާ-” ފާލިހް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރިޔައެއް މަލަކާ ނުދިނެވެ.
“ކޮން ބޭބީއެއް ކިޔާކަށް. ތިވައްތަރަށް ނޫޅެ ރީއްޗަށް ބުނި ނަމަވެސް.” މަލަކާގެ އަޑުބެދުނެވެ. ރޮވޭ ވަރުން އޭނައަކަށް ވާހަކައެއް ނުދެއްކުނެވެ. ހުއްޓުމެއްނެތި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން މަލަކާ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ފާލިހް ކަރު އެލުވާލީ ދެން ހަނދާނީ ކިހިނެއްބާއޭ ހިތަށް އަރުވަމުންނެވެ.
“ސޮރީ.” ޒާރާ އޭނަގެ މޫނުމަތިން ދެރަވެފައި ހުރިކަން ފާޅު ކުރިނަމަވެސް ހިތް އުފަލުން ނަށަނީއެވެ. އޭނައަށް ރަނގަޅީވެސް މަލަކާއާ ފާލިހްއާ މައްސަލަ ޖެހި ދުރުވިއްޔާއެވެ. ފާލިހް އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފާލިހްއަށް ކޮޓަރީގެ ދޮރާއި ހަމައަށް ނުދެވި އުޅެނިކޮށް މަލަކާ ކޮޓަރި ދޮރުހުޅުވާލާފައި ނިކުތެވެ.
“މަލަކާ. ތި ދެން ކޮންކަމެއް.”؟ މަލަކާގެ އަތުގައި އޮތް ލަގެޖް ފެނުމުން ފާލިހްގެ އުދާސްކަންވީ އިތުރެވެ.
“ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ.” ފާލިހް މަލަކާގެ އަތުގައި ހިފިއެވެ. މަލަކާ ފާލިހްގެ އަތް ފޮޅުވާލިއެވެ.
“ދެން ނޯންނާނެ ކަލޭ މަށާ ދައްކަންޖެހޭ ވާހަކައެއް.” މަލަކާ ރުޅިވެރި ކަމުން ފުރިގެންވާ ބެލުމަކުން ފާލިހްއަށް ލޯއަޅާލިއެވެ.
“ކޮންހާ އަޑުގަދައެއްތަ މިވަނީ މިގޭތެރޭގަ.” އަޑުގަދަވެގެން ޝަރީފާ ކޮޓަރިން ނިކުތެވެ.
މަލަކާ ލަގެޖް ހިފައިގެން ހިނގައިގަތީ ޝަރީފާގެ މޫނަށް ބަލާލުމެއްވެސް ނެތިއެވެ.
“މަލަކާ ޕްލީސް. އަޑުއަހާބަލަ.” ފާލިހް ދުވެފައި ކަހަލަ ގޮތަކަށް ގޮސް މަލަކާގެ ކުރިމައްޗަށް ހުއްޓުނެވެ. ޒާރާ ހުރީ އެމަންޒަރު ބަލަން ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނައަށް ރަނގަޅީވެސް ވީ އެއްމެ އަވަހަކަށް މަލަކާ އެގެއިން ދިޔައިއްޔާއެވެ.
“ޒާރާ އަކީ ކޮއްކޮއެއް ގޮތަށް ދެކޭ ކުއްޖެއް. ހުވާ ކޮށްފަ މިބުނީ.” ފާލިހް ދެއަތް ޖޯޑް ކުރަމުން މަލަކާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލިއެވެ. ފާލިހް ބުނެ ދޫކޮށްލި ބަސްތައް ޒާރާގެ ހިތް ތޮރުފާލި ކަހަލައެވެ. ތިރީ ތުންފަތުގައި ބާރަށް ދަތް އަޅާލަމުން ޒާރާއަށް މުށް ކަވާލެވުނެވެ. އެވަގުތު ފާލިހް ބޭޒާރުކޮށްލަންވެސް ޒާރާގެ ހިތަށް އެރިއެވެ.
“ދަރިފުޅާ ފާލިހް. އަތްބަކަށް ވިޔަސް ތިވަރުވާާކަށް ނުވާނެ.” ޝަރީފާ ރުޅި އައީ މަލަކާދެކެއެވެ.
ފާލިހް އިސްޖަހައިގެން އިނދެ ރޯ މަންޒަރު ފެނުމުން މަލަކާ ގެ އަނދަމުންދާ ހިތް ކޮންމެވެސް ވަރަކަށް މަޑުވާންފެށިކަހަލައެވެ.
“ޒާރާ މިގޭގަ ހުންނަންޏާ އަހަރެން މިގެއަކު ނުހުންނާނަން.” ސީދާ ޒާރާ ގެ ލޮލަށް ބަލަން ހުރެ މަލަކާ އަނެއްކާވެސް ޒާރާ ގެ ޒަހަމްވެފައިވާ ހިތާއި ކުޅެލިއެވެ.
“އޯކޭ. މަލަކާ ބޭނުންގޮތެއް.” ފާލިހް ތެދުވެ މަލަކާ ގެ އަތުގައި ހިފިއެވެ. މަލަކާ ދެކެ ވާ މަތިވެރި ލޯތްބެއްގެ ބޮޑުކަމުން މިއަދު އޭނާ އެހުރީ މަލަކާ ބޭނުން ކޮންމެ ގޮތެއް ހަދާށެވެ.
“އުއްމީދުކުރަން މަލަކާ ގެ ނިންމުމާ މަންމަވެސް ދެކޮޅު ނުވާނެ ކަމަށް.” ޝަރީފާ އަށް އިތުރު އެއްޗެއް ބުނާނެ ޗާންސެއް ފާލިހް ދޭކަށް ބޭނުމެއްނުވިއެވެ.
ޝަރީފާ ހިނިތުންވެލިއެވެ. އެއީ ޝަރީފާ ވެސް ބޭނުންވާ ގޮތް ކަހަލައެވެ. މިހާރު ޒާރާ ގެ އެއްވެސް ބޭނުމެއްނެތީއެވެ. އެހެން ނޫންނަމަ މިއަދު އެހުރިހާ ކަމެއްވީއިރު ޝަރީފާ ހިމޭނަކުން ނުހުރީހެވެ. މީގެ ކުރީގައި ފާލިހް ހުއްޓަސް ނެތަސް ޝަރީފާއަކީ މަލަކާ އާއި ދިމާއަށް އެއްޗެއް ބުނަން ޖެހިލުންވާ މީހެއްނޫނެވެ.
ފާލިހް ގެ ފަހުގެ ނިންމުން ނިންމިއިރުވެސް ޒާރާ ހުރީ އިސްޖަހައިގެންނެވެ.
“ނިކުމޭ މިހާރު.” މަލަކާ ޒާރާ ގެ ކޮނޑުގައި ހިފައި ކޮށްޕާލިއެވެ. ފާލިހް ހުރީ ދެރަވެފައެވެ. ނަމަވެސް މިއަދު އޭނައަށް ކޮށްދެވޭނެ އެއްވެސް ކަމެއްނެތެވެ. ޒާރާ ގެ ކުށެއްނެތްކަން ފާލިހް ޤަބޫލުކުރިކަމުގައި ވިޔަސް ކަންތައްތައް ވީ ގޮތުން މަލަކާ އަށް ވިސްނަދިނުން އެއީ ނުވާނެކަމެކެވެ.
ޒާރާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޝަރީފާ އަވަސް އަވަހަށް އޭނަަގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެމަންޒަރު ޒާރާ އަށް ފެނުނު ކަމުގައި ވިޔަސް އޭނާއަޅައެއް ނުލިއެވެ. ޒާރާ އަށް ޝަރީފާ ރަނގަޅަށް އެނގޭތީއެވެ. މަލަކާ ޒާރާ އާއި ދިމާއަށް މޫނު ކުނިކޮށްލަމުން ފާލިހްގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާާއަށް ހިނގައިގަތެވެ.
ރޭގަނޑުގެ ރިހިއަލިން ވިދަމުންދާ ހުދު ދޮންވެލި ގަނޑުމަތީގައި އަޔާން އިށީނދެލައިގެން އިނެވެ. އިރުއިރުކޮޅާއި ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑު މިއުޒިކެއްފަދައެވެ. ފޯނުގެ ސްކްރީންގައި އިން މީތަން ގެ ނަމްބަރަށް އަޔާން ބަލަހައްޓައިގެން އިންނަތާ އެތައް އިރެކެވެ.
އަނެއްކާވެސް އަޔާން މީތަން އަށް ގުޅާލިއެވެ. ލިބެނީ އެއްޖަވާާބެކެވެ. ފޯނު އޮތީ ނިއްވާލައިފައި ކަމަށް އޮޕަރޭޓަރު ގެ ރެކޯޑިން މެސެޖުން ކިޔަމުން ދެއެވެ. ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލަމުން އަޔާން ތެދުވެ ވެލިފޮޅާލިއެވެ. ފޯނު ނަގާ ޖީބަށް ކޮށްޕާލަމުން އަޔާން ޖެޓީއާ ދިމާއަށް ހިނގައިގަތީ މާލެދިއުމަށެވެ.
“މަޑުކޮށްބަލަ.” ކޮޓަރިން ނިކުމެ ނިކުމެ ހުރި އާސިފްގެ އަތުގައި ހިފާާލި ނުހާގެ ދެލޮލުން ފެންނަމުންދަނީ މަސްތީ އަސަރެކެވެ.
“އޯ. ތީ ހަމަ ނުހާތަ؟” އާސިފް ދެލޯ ކުޑަކޮށްލަމުން ނުހާގެ އަތުގައި ފިރުމާލިއެވެ. ކައިވެނި ކޮށްގެން މިވީ ހާ ދުވަހު ނުހާއެގޮތަށް އާާސިފް އާއި އަމިއްލައަށް އިސްނަގައިގެން ކައިރިވެފައެއް ނުވެއެވެ. ނަމަވެސް މިއަދު އާސިފްގެ ހިތަށް ލިބިގެންދިޔައީ ބުނެދޭންވެސް ނޭނގޭކަހަލަ ހިތްހަމަޖެހުމެކެވެ.
އާސިފް އަތުގައި އޮތް ދަބަސް ނަގާ ހޫރާލިއެވެ. ނުހާގެ ބެލުމުގައިވާ ޖަޒުބާތު އާސިފް ދެނެގަތްކަހަލައެވެ. ނުހާގެ ހިމަ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލަމުން އާސިފް ނުހާ ގެ މޫނުން ވަސްބަލާލިއެވެ. ނުހާ ދެލޯ މަރާާލަމުން އާސިފް ގެ ފުޅާ މޭމަތީގެ އެހީގައި މޫނު ފޮރުވާލީ ހިތްހަމަޖެހިގެންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިރޭ ނުހާ އެހުރީ ވަރަށް އުފަލުންނެވެ. މީތަން ގެ މިލާާފައިވާ މޫނަކީ ނުހާ ގެ ހިތްހަމަ ޖެހުމެވެ.
ފާލިހް ނުކަނީތަ މިރޭ.” ނިއްކުރިމަތީގައި އަތް ބާއްވާލައިގެން އެނދުމަތީގައި އޮތް ފާލިހް ކައިރީގައި މަލަކާ އިށީނދެލިއެވެ.
“ކާހިތެއްނެތް.” ފާލިހް ދިނީ ކުރު ޖަވާބެކެވެ.
“އިނގޭ ހިތްހަމަ ނުޖެހިފަކަން ތިއޮތީ. އެކަމަކު އަހަރެން މިހެދީ ހަމަރަނގަޅަށް. މަށަށް ފެނޭ ފާލިހް ފެނުނީމަ އެ ޒާރާ އުޅޭގޮތް. ދައްކާ ތުއި.” މަލަކާގެ އަޑު އަނެއްކާވެސް ދިޔައީ ބާރުވެގެންނެވެ.
“ދެން ތިކަންވެސް ތި ނިމުނީނު. ދެން ތި ވާހަކަ އަލުން ނުދައްކަބަލަ.” ފާލިހް އަދިވެސް ހަމަ އޮތްގޮތަށް އޮތީއެވެ. މަލަކާ އަށް އެހީވަނީ ރަނގަޅަށެވެ. ހަޤީޤަތުގައިވެސް އޭނާ އެވިސްނަނީ ޒާރާ އާ ދޭތެރޭގައެވެ. ފާލިހްގެ ނަޒަރުގައި ޒާރާ އަކީ މާތްކުއްޖެކެވެ. އެފަދަ ބޮޑު ގޯހެއް އޭނައަށް ކުރެވުނީމަވެސް ޒާރާ ހިތުން ރުހުމުން މާފްކޮށްދިނެވެ. މިއަށް ރޭގަނޑު ޒާރާ ވަކި ދާނީ ކޮންތާކަށްބާއޭވެސް ފާލިހްގެ ހިތަށް އަރަމުން ދިޔައެވެ.
އެނދުމަތީގައި ބަންޑުން މީތަން އޮންނަތާ އެތައް އިރެއްވެއްޖެއެވެ. އަދިވެސް ނުހާ ގެ ބަސްތައް މީތަންގެ ހިތުގައި ހަރުލާފައިވާ ކަހަލައެވެ. އަޔާން އެތައް ފަހަރަކު ގުޅީމަވެސް ފޯނު ނަގަންވެސް މީތަން ގެ ހިތެއް ނޭދުނެވެ.
“ކީއްވެތަ ފޯނު ނުނަގަނީ.” ފަހަތުން އަޔާންގެ އަޑުއިވުމުން މީތަން އަށް ފުންމައިގެން ތެދުވެވުނެވެ.
“ވެގެން އުޅޭގޮތެއް ބުނީމަ އެނގޭނީ.” އަޔާން މީތަންގެ ލޮލަށް ބަލާލިއެވެ. ވަގުތުން މީތަން އިސްޖެހިއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އަޔާންއަށް ނުދައްކަންވެގެންނެވެ.
“އަޔާން ލޯބިވޭތަ ނުހާދެކެ.” އަޔާން އަށް ލިބުނީ ކުއްލި ސިހުމެކެވެ. މީތަން އެފަދަ ސުވާލެއް ކޮށްފާނެ ކަމަކަށް އަޔާން ހީއެއްވެސް ނުކުރެއެވެ.
“އެހެންވީމަ ނުހާ އެބުނީ ތެދެއްދޯ.” އަޔާންގެ ޖަވާާބެއް ނައިސް ލަސްވުމުން މީތަން އަށް ރޮވުނެވެ.
“ތީ ދޯ ތިވީ ގޮތަކީ. ނުހާ ކޮންމެވެސް މޮޅު ވާހަކައެއް ދެއްކީ ދޯ.” މީތަން ނުބުންޏަސް އަޔާންއަށް ވެގެން އުޅޭގޮތް ސާފުވެއްޖެއެވެ.
އަޔާން މަޑުމަޑުން ހިނގާފައި އައިސް މީތަންގެ ކައިރިއަށް ހުއްޓުނެވެ.
“ބަލާލަބަލަ އަހަރެންގެ މިދެލޮލަށް. ލޯބި ފެނޭތަ މީތަންއަށް.” އަޔާން މީތަންގެ ދަތް ދޮޅީގައި ހިފައި ހިއްލާލިއެވެ.
“އާން ފެނޭ. އެކަމަކު ނޭނގެނީ ކާކަށްޓަކާ އޮތް ލޯތްބެއްކަން.” މީތަން އަޔާން އަށް ފުރަގަސްދިނެވެ.
“އަޔާން ކީއްވެ ސީދާ ސީދާ ޖަވާބެއް ނުދެނީ. އިނގޭ ނުހާދެކެ އަދިވެސް ލޯބިވާކަން. އެހެން ނޫންނަމަ އަޔާން ނުހާގެ ހަޤީޤަތް އަޔާން ގެ ބައްޕައަކަށް ސިއްރެއް ނުކުރާނެ. ކީއްވެތަ؟ މިހުރިހާ ސުވާލަކަށް ޖަވާބު ދީބަލަ.” ވާހަކަ ދައްކަމުން ގޮސް މީތަން ފަހަތަށް އެނބުރި ބަލާލިއެވެ. އަޔާން އެއްނެތެވެ. ލިބުނު ހައިރާންކަމުގައި މީތަން ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. އަނެއްކާާ އަޔާން މީތަން ކައިރީގައި ހުރުން އެއީ މީތަންއަށް ހީވި ހީވުމެއްބާއެވެ.
ބެލްކަންޏަށް ނިކުމެ މަގުގެ ދެކޮޅަށް ބަލާލީ ކުރެވުނު ހީ ޔަޤީން ކުރަން ބޭނުންވާތީއެވެ. މަގުގެ އެތްފަރާތުގައި ޕާކް ކޮށްލާފައި ހުރި ސައިކަލްމަތީގައި އިށީނދެގެން އިން އަޔާން ފެނުމުން މީތަންއަށް ލިބުނީ ހައިރާންކަމެވެ. އަޔާން ދިޔައީ ކީއްވެހެއްޔެވެ. ޖީބުގައި އޮތް ފޯނު ނަގާ އަޔާންގެ ނަމްބަރަށް ޑައިލް ކޮށްލިއިރުވެސް މީތަންގެ އަތް ތުރުތުރުލައެވެ. އަޔާން އަށް ގުޅަމުން އަނެއްކާވެސް މީތަން ބެލްކަނިން ތިރި ބަލާލިއެވެ. އަޔާން އެއް ނެތެވެ. އެތައް ފަހަރަކު އަޔާން އަށް ގުޅުމުންވެސް އަޔާން ފޯނަކަށް ޖަވާބެއް ނުދިނެވެ. ވީދެރައިން މީތަން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ހިތްފުރޭ ވަރަށް ރޯލުމަށެވެ.
ވެހެމުންދާ ހިމަފޮދު ވާރޭއާއެކު ދުނިޔެ އާ ދުވަހަކަށް މަރުޙަބާ ކިޔައިފިއެވެ. އޮފީސް ދޮރުމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މީތަން އިންތިޒާރު ކުރަމުން އެދަނީ އަޔާންއަށެވެ. ރޭގަނޑު ހަތަރު ދަމު ނުނިދާ ރުއިމުގެ ސަބަބުން މީތަންގެ ދެލޯ ވަނީ ވަޅުވަދެފައެވެ.
“އައްސަލާމް އަލައިކުމް.”ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު މީތަން އެނބުރި ބަލާލިއެވެ. އޭރު ފާލިހް އާ އަދި މީތަން ނުދަންނަ އިތުރު މީހަކު ހެވިފައި މީތަން އަށް ބަލަހައްޓައިގެން ހުއްޓެވެ.
“މިއައީ އަޔާންއަށް ރަން ކިޔަނީ ކިހާވަރަކަށްތޯ އަހަން.” ފާލިހްއަށް ހެވުނު ނަމަވެސް މީތަން ހުރީ ވާނުވާ ނޭނގިފައެވެ. ފާލިހް މީތަންގެ ކައިިރިއަށް އައިސް ހުއްޓުނެވެ. ފާލިހް މިއައީ އަޔާން ފޮނުވައިގެން ރަން ރުހޭ ބަސް ހޯދަން ކަމަށް އަނެއްކާވެސް ބުނުމުން މީތަންގެ މޫނު ރަތްވެގެންދިޔައެވެ. ލަދުން ގޮސް މީތަންއަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. އިސްޖަހައިގެން ހުރެ ރަންރުހޭ ބަސް ދިނުމަށްފަހު މީތަން އޮފީހާއި ދިމާއަށް ދުއްވައިގަތެވެ.
އޮފީސް ދޮރުން ވަދެވަދެ ހުރި މީތަންގެ ފިޔަވަޅު ހުއްޓުނީ އޮފީސް ތެރޭގައި ހިނިތުންވެފައި ހުރި އަޔާން ފެނުމުންނެވެ.
އަޔާން މީތަންއާ ދިމާއަށް ދެއަތް ފުޅާކޮށްލުމާއެކު މީތަން ދުވެފައި ގޮސް އަޔާންގެ އަތު ތެރެއަށްވަނެވެ.
“ސޮރީ.” މީތަންއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.
“ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެތަ؟” އަޔާން މީތަންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
“އަޔާން ލިބިއްޖެ. ދެން އޯކޭ އެއްވެސް ޖަވާބެއް ނުލިބުނަސް.” މީތަން އިސްއުފުލާ އަޔާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އަޔާން މީތަންގެ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ.
އެވަގުތު އޮފީސް ތެރެއަށް ވަދެގެން އައި ނުހާއަށް އެމަންޒަރު ފެނިފައި ގަނޑުވި ކަހަލައެވެ.
“އިއްޔެ މީތަންއާ ހަވާލު ކުރި ފައިލް ކޮބާ؟” ނުހާގެ ހިތުގައި އަނދަމުންދާ ހުޅުގަނޑު ދިޔައީ އިތުރަށް ރޯވަމުންނެވެ.
“މީތަން. ގޯ ހޯމް. ޕެކް ކުރަންދޭ. ޔޫ އާ ގޮއިން ޓް ބީ މައި ވައިފް. މީގެ ފަހުން ގޭގަ ހުންނާނީ.” އަޔާން މީތަންގެ ގައިގައި ބައްދާލިއެވެ. ނުހާ އިސްޖެހީ އެމަންޒަރު ނުބަލަންވެގެންނެވެ.
މީތަން އަޔާން އަކާ އެއްވެސް ސުވާލެއް ނުކުރެއެވެ. އަޔާންގެ ކޮންމެ ނިންމުމަކާ މީތަން ރުހޭނެއެވެ.
“ގެޔަށް ގެން ގޮސް ނުދޭނަންތަ؟” މީތަން ހަމަ ގަސްތުގައި ނުހާއަށް ޖެއްސުންކޮށްލީއެވެ. ނުހާ ރޭގައި ދެއްކި ވާހަކަތައް ހިތަށް އަރާފައެވެ. އަޔާން މީތަންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
މޭޒުގައި ބޯ އަޅައިގެން އޮތް މާކިން ސިހުނީ ނުހާ އަތުގައި ހުރި ފައިލްތައް މޭޒުމައްޗަށް އުކާލި އަޑަށެވެ.
“ކޯޗެއްތަ ތި ބަލަނީ. ކުރެވުނު ވަރު އަދިވެސް ކުޑައީތަ؟ ބޮލަށް ތުރާވޭ ތަންތަނުން ދަރިން ހޯދައިގެން އައިސް މަށަށް މަންމަ ކިޔުއްވާތީ.” އަޔާން ދެކެ އައިއްސަ ހުރި ރުޅިގަނޑު ނުހާ ބާލާލީ މާކިންއަށެވެ.
“އެއީ ނުހާގެ ދަރިއެއްނު.” ފުރަތަމަ ފަހަރަށް ނުހާގެ ކުރިމަތީގައި މާކިންގެ އަނގަ ހުޅުވުނެވެ.
“ކީކޭ. މަގޭ ދަރިއެކޭ. އަދި އެއްފަހަރު ތިހެން ބުނެބަލަ.” ނުހާގެ ހޫނު ހަމަލާ އެރީ މާކިންގެ ކަންފަތް މައްޗަށެވެ. އެވަގުތު އާސިފް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ވަގުތުން ނުހާ ހުރިތަނަށް ގަނޑުވިއެވެ. މާކިން އިސްޖަހައިގެން ހުރީއެވެ. ވީތަދަކުން ނޫނެވެ. ވީ ދެރައަކުންވެސް ނޫނެވެ. އެއަށްވުރެ މާބޮޑު އަނިޔާއެއް ނުހާ ވަނީ އޭނައަށް ދީފައެވެ. އުމުރު ދުވަހު އުޅުނަސް ހިތުން ފިލުވާނުލެވޭވަރުގެ އަނިޔާއެކެވެ.
“ނުހާ. ތީ ކޮންކަމެއްތަ؟” އާސިފް އަދި ދުވަހަކުވެސް ނުހާ އަކާ އެހާ ރުޅިއައިސްފައެއް ވާހަކައެއް ނުދައްކައެވެ. އެހެންވެ ނުހާ ހުރީ ވަރަށް ފަސްޖެހިފައެވެ.
“ކޮންކަމެއްހޭ.” އާސިފް މާކިންގެ އިސްޖެހިފައިވާ މޫނަށް ނަޒަރު ހުއްޓާލަމުން އަނެއްކާވެސް އެހިއެވެ.
“ނޭނގެ މަށަކަށް. އަހަރެން ހިތަށް އަރާ ކަންކަން ނޭނގޭ މީހުން ކީއްވެބާއޭ ތަންތަނުގެ ވަޒީފާއަށް އަންނަނީ.” މާކިންއާ ދިމާއަށް ދެލޯ އަޅާލަމުން ނުހާ ގޮސް ފާހާނާއަށް ވަނެވެ.
އާސިފް އެއްވެސް އެއްޗެއް ނުބުނެ ހުރުމުން މާކިން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
“ތީ ކޯޗެއް؟” އަޔާންގެ މޭޒުމަތީގައި މާކިން ބާއްވާލި ސިޓީއުރައަށް ބަލާލަމުން އަޔާން އިށީނދެެގެން އިން ގޮނޑިން ތެދުވިއެވެ.
“މައި ރެޒިގްނޭޝަން.” މާކިން އޭނަގެ ފުސްވެފައިވާ ދެލޮލުން އަޔާން އަށް ބަލާލިއެވެ.
“މާކިން ދަންނަންދޯ ނުހާ ކުރިންވެސް.” ސިޓީ އުރަ ނަގާ ވައިގެ ތެރޭގައި ވިހުރުވާލަމުން އަޔާން ސީދާ މާކިންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
މާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން އަޔާން ހަމަ ރީއްޗަށް ފެނުނެވެ. ހާސްވެ ކަންބޮޑުވެފައިވާ ދެލޮލުން އަޔާން އަށް ނުބަލަންވެގެން މާކިން އިސްޖެހިއެވެ.
“ހަމަ ގައިމުވެސް އަހަރެން ދަންނަން ވަރަށް ރަނގަޅަށް ނުހާ.” އަޔާން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލީ އަނެއްކާވެސް މާޒީގެ ދުވަސްތައް މަތިން ހަނދާން ވުމުންނެވެ.
“ތިބުނި އެއްޗެއް ނުވިސްނުނު.” މާކިން ނިތްކުރިއަށް ރޫ ތައް ގިނަ ކޮށްލަމުން އަޔާން އާ ދިމާއަށް ބަލާލިއެވެ.
“މިބުނީ ނުހާ އަކީ އަހަރެންގެ ލޯބިވެރިޔާއޭ. އެކަމަކު އަހަރެންނަށް އޮޅުވާލާ މަކަރު ހަދާފައި މިހާރު އެއުޅެނީ އަހަރެންގެ ޑޭޑް އާ އެއްކޮށް.” އަޔާން މާާކިންއަށް ހުރިހާ ވާހަކަތަކެއް ކިޔާދެމުން ދިޔައިރު މާކިންގެ މޫނު މަތިން ފެންނަމުންދިޔަ ރުޅިވެރިކަމުންވެސް މާކިން އާ ނުހާ އާ ގުޅުމެއް އޮތް ކަން އަޔާން އަށް ޔަޤީންވާ ކަހަލައެވެ. އަޔާން ބޭނުންވީ މާކިންގެ އަނގައިން ހަޤީޤަތް ހޯދާށެވެ. މާކިންގެ ސަކަ މިޒާޖާއި އެހުންނަ މަޖާ ގޮތްގަނޑު ވެސް ނުހާ ފެނުނު ދުވަހުން ފެށިގެން ބަދަލުވެފައި ވާކަންވެސް އަޔާންއަށް ވަނީ ފާހަގަ ވެފައެވެ.
“ދެން އަޔާން ކީއްވެ މަޑުން އެއްޗެއް ނުބުނެ ތިހުންނަނީ.” މާކިން ގެ ސުވާލުން އަޔާން އަށް ހިނިތުން ވެލެވުނީ ބޭއިޙްތިޔާރުގަ އެވެ.
“ހަމަ މާކިންވެސް ތިހުންނަ ގޮތަށް.” މާކިން އެސުވާލު ކުރާނެކަން އަޔާން އަށް އެނގެއެވެ. އެ ސުވާލަށް އޭނާ ހުރީ ތައްޔާރުވެގެން ކަހަލައެވެ.
” ޒޫކަން އެއީ ކާކުގެ ދަރިއެއް. ކޮބާ އެކުއްޖާގެ މަންމަ.” އަނެއްކާވެސް އަޔާންގެ ސުވާލުން މާކިން ސިއްސުވާލި އެވެ.
މާާކިންގެ ފެންކަޅިވެފައިވާ ދެލޮލުން އަޔާންއަށް އެހުރީ ހަޤީޤަތް ފެންނާާށެވެ.
“ނުހާ އަކީ ޒޫކަންގެ މަންމަ.” އަޔާންއަށް އިންތަނުން ތެދުވެވުނީ ލިބުނު ކުއްލި ޝޮކަކުން ކަހަލައެވެ. އިތުރަށް ކަންތައްތައް އޮޅުން ފިލުވަން ބޭނުންވާ ކަހަލަ ގޮތަކަށް އަޔާން ބަލަހައްޓައިގެން ހުއްޓެވެ.
“ނުހާ އާ ރައްޓެހިވެގެން އުޅުނުއިރު ލިބުނު ކޯހެއްގައި ދާން ޖެހުނީ. އެހެންވެ ދިޔައީ ނުހާވެސް ގޮވައިގެން. އެހާ ވަރަށް ނުބަލާ އުޅެވުނީމަ ނުހާ ޕްރެގް ވީ. އެބޯޝަން ނުހެދީ ނުހާގެ ފުރާނައަށް ގެއްލުންވާނެ ކަމަށް ޑޮކްޓަރ ބުނީމަ. އެކަންތައް ތަކުގައި ނުހާގެ ފެމެލީވެސް ނުހާއާ އެއްކޮށް ގުޅުން ކަނޑާލީ. ވިހާފައި ނުހާ ހަފްތާއެއް ނުވަނީސް ދިޔައީ ފިލައިގެން. ޒޫކަން އެހާވަރު ވެފަ އެހުރީ މަންމައެއްގެ ލޯބިވެސް ނުލިބި.” މާކިން ހުއްޓާލީ އޭނަގެ އަޑުބެދި އިތުރަށް ކުރިއަށް ނުގެންދެވިގެން ނެވެ. ފެންކަޅި ވެފައި މާކިން ގެ ވާހަކަ އަޑުއަހަން ހުރި އަޔާން އައިސް މާާކިން ގެ ކަައިރިއަށް ހުއްޓުނެވެ. ކަރުނައިން ތެމެމުން ދިޔަ މާކިން ގެ ދެލޯ ފޮހެލަމުން މާާކިން އަޔާންއަށް ހިނިތުންވެލި އެވެ.
“މިހާރު މިވާހަކަތަކުގެ އެއްވެސް މާނައެއް ނެތް. ޒޫކަން އެއީ ހަމައެކަނި އަހަރެންގެ ދަރިއެއް.” މާކިން މޭޒު ކައިރީގައި ހުރި ގޮޑީގައި އިށީނީ ދެން އިތުރަށް އޭނައަށް ކޮޅަށް ނުހުރެވޭނެކަން ޔަޤީން ވީމަ އެވެ.
” ނުހާ މަށަށް ވެސް ދިނީ ވަރަށް ބޮޑު ހިތާމައެއް. އަދިވެސް އެކަމުން މިންޖެއް ނުވޭ. މަށާއެކީ ލޯބިން އުޅެމުން މަގޭ ޑޭޑް އާ އެއްކޮށްވެސް… ” އަޔާން އަކަށް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އެވާހަކަ ދައްކަން އޭނާ ލަދުގަނެއެވެ.
“އަދިވެސް ނުހާ ދެކެ ވަރަށް ލޯބިވޭ.” މާކިން ގޮޑިން ތެދުވެގެން ދަމުން ބުނެލި ޖުމްލައިން އަޔާން ހުއްޓުން އެރިއެވެ. މާކިން ދާ ތަން ބަލަން އޭނައަށް ހުރެވުނީއެވެ.
ނުހާ ހާސްވެގެން ދެކޮޅަށް އެނބުރެނީ އަޔާން ކައިވެނި ކުރަން އުޅޭތީއެވެ. ކުރެވޭ ނުކުރެވޭ ކަމެއް އޭނައަށް ނޭނގޭ ކަހަލައެވެ. އެންމެ ފަހުން އޭނާ ބޭނުންވީ އަޔާން އާއި ވާހަކަ ދައްކާށެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެކައިވެނި ހުއްޓުވަން ނުހާ ބޭނުމެވެ.
ބާރު ބާރަށް ހިނގާފައި ކެބިން އަށް ނިކުންނަން ހިނގައިގަތްތަނާ އާސިފް ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުން ނުހާ ދިޔައީ ސިއްސައިގެންނެވެ.
“ހާދަ ވަރަކަށް ތި ސިހުނީ ލޯބިވާ.” އާސިފް ހީލަމުން ނުހާގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“އާސިފް. ހީވޭތަ އަޔާން ކުރަން އެއުޅެނީ ރަނގަޅު ކަމެއްހެން.” އެންމެފަހުން ނުހާގެ ކެތްތެރިކަން ކޮޅުން ލުމުން ނުހާ އޭނާގެ ބޮލު ތެރޭގައި އެނބުރެމުންދާ ކަންތައްތަކުގެ ވާހަކަ ފެށިއެވެ.
“ތިބުނީ؟” އާސިފް އަށް ނުހާ ދެއްކި ވާހަކަ ސާފު ނުވުމުން ސުވާލުކޮށްލިއެވެ.
“މިބުނީ އިހަށް ދުވަހު ދިމާވި މީހަކާ އެހާ އަވަހަށް ކައިވެނި ކުރުން އެއީ ރަނގަޅު ކަމެއްހޭ؟” ނުހާ އާސިފްގެ އަތުގައި ހިފީ އޭނަ ބޭނުންވާ ގޮތަށް އާސިފް ކަންތައް ކުރާނެ ކަން އެނގޭތީއެވެ.
“ރަނގަޅުވާހަކައެއް. އެކަމަކު އަޔާންގެ އެއްވެސް އުފަލަކަށް ހުރަސް އަޅާކަށް ނެތިން. މާދަން އެމީހުންގެ ކައިވެނި ޕާޓީ އެބައޮތް. އެންމެ ދުވަހަކުން ހުރިހާ ކަމެއް ނިންމާފަ މިއައީ. މާގިނަ ބަޔަކު ގެންނާކަށް އަޔާން ބޭނުމެއް ނުވޭ.” އާސިފްގެ ވާހަކަ އަޑުއަހާކަށް ނުހާއަކަށް ފަސޭހައެއް ނުވިއެވެ. މޭޒުމަތީގައި އޮތް ފައިލް ނަގާ ހާވަން ފެށީ ވެސް އެ ވާހަކަ އިތުރަށް ދައްކަން ބޭނުންނުވާތީ ކަހަލައެވެ.
“ޑޭޑް.” އަޔާން ގޮވާލީ އާސިފްއަށް ކަމުގައިވިޔަސް އެންމެ ފުރަތަމަ ބަލާލީ ނުހާއެވެ.
“މާކިން އޮފީހުން ކެނޑިއްޖެ.” އަޔާން ލޮލުގެ ހިމަ ކޮޅުން ނުހާ އަށް ސިއްރު ސިއްރުން ބަލާލިއެވެ.
“އެވަރު ކަމަކާތަ އޮފީހުން އެކެނޑުނީ. ތަންތަނުގެ ވަޒީފާގައި އުޅޭއިރު ތަނުގެ ބޮޑެތި މީހުން ބާރަށް އެއްޗެހިވެސް ބުނާނެ. އެވަރު ވިސްނިފައި ނެތުން އެއީ ދެން ވަރަށް ދެރަކަމެއް.” ވާނުވާ ނޭނގޭ ހާލުގައި އާސިފް ކުށްވެރި ކުރީ މާކިންއެވެ.
ނުހާ އެނގޭ ކަމަށްވެސް ނުހަދާ ފައިލްގެ ގަނޑުތައް އުކާލަ އުކާލަ އިނެވެ. އާސިފްގެ ޖަވާބު އިވިފައި އަޔާންގެ ގާތަށް ރުޅިއައެވެ. ކިތަންމެ ފަހަރަކު ނުހާ ކައިރީގައި މާކިން އޮފީހުން ދިޔަ ސަބަބު އަހާށޭ ބުނަން އަޔާން ގެ ހިތަށް އެރިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އަޔާން ދިޔައީ މިވަގުތަށް އެއީ އެންމެ ރަނގަޅު ގޮތަށް ނުވީމައެވެ.
އޮފީސް ނިންމާފައި ފާލިހް ސައިކަލްމަތީގައި އެއިނީ އަޔާންގެ އިންތިޒާރުގައެވެ. ސިނގިރޭޓަކަށްފަހު ސިނގިރޭޭޓެއް ހުލި ކުރަމުން ފާާލިހް ދިޔައިރު އޭނާގެ ބޮލު ތެރޭގައި އެނބުރެމުންދަނީ ޒާރާގެ ޚިޔާލުތަކެވެ.
“ކިހިނެއްވެފަ ކަލޭ މާ ހާސްވެގެން ތިއުޅެނީ؟” އަޔާން އައި ގޮތަށް އައިސް ފާލިހް އަތުގައި އޮތް ސިނގެރޭޓް ފޮށި ޖަހައިގަތެވެ.
“މަލަކާ ޒާރާ ގެއިން ނެރެލައިފި.” ފާލިހް އަތުގައި އޮތް ސިނގެރޭޓް ބުރި ތުބުގައި ޖަހާ ދަމާލިއެވެ.
“ވަޓް. އެއްކަލަ ކަންތައް އެނގުނީތަ؟ ” އަޔާންއަށް ކުއްލިއަކަށް އަހާލެވުނެވެ.
ފާލިހް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނަމުން ވީގޮތް އަޔާންއަށް ކިޔައިދިނެވެ.
“ބުނަންތަ؟ އެއްގޮތަކުން ތިގޮތްވެސް ރަނގަޅު. ކުރިއަށް އޮތްތާާގައި އެއްވެސް ހާސްކަމެއްނެތި އުޅެވޭނެއެއްނު. ވިސްނަބަލަ ޕޮޒިޓިވްކޮށް.” ފާލިހްގެ ވާހަކަ އަޑުއަހަން އިނދެފައި އަޔާން ބުނެލިއެވެ.
“އެކަމަކު އިންސާފެއް ނޫން ދޯ.” ފާލިހް އަޔާންގެ އަތުގައި އޮތް ސިނގެރޭޓް ފޮށި އަތުލިއެވެ.
“އާ ޔޫ މިސިންގ ހާ؟ އިނގޭތަ އުޅޭ ތަނެއް؟” އަޔާން ފާލިހްގެ ދެލޮލަށް ބަލާލިއެވެ.
“ތިއެއް ނޭނގެ. މިސް ވާކަމެއް ނުވާކަމެއް. ވަރަށް ވާހަކަ ދައްކަން ބޭނުން. ނޭނގެ ވީ ތަނެއްވެސް. ދެން ހިނގާ ދާން ދޯ.” ފާލިހް ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އަޔާންވެސް ފުން ވިސްނުމެއްގައި ހުރެގެން ސައިކަލަށް އެރިއެވެ.
ހަވީރުގެ ފިނީގައި މަލަކާ އާއި މީތަން އުޅުނީ ޝޮޕިން ކުރުމުގައެވެ. މީތަންގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ދުވަހުގެ ތައްޔާރީތައް ވުމުގައެވެ.
“އެ ވެޑިން ޑްރެސް ހެޔޮވަރުތަ؟ ކުއްލިއަކަށް ހުރިހާ ކަމެއް ކުރަންވީމަ ވާނީ ތިހެންނު..” މަލަކާ މީތަން އާއި ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އާން. ނަސީބަކުން ހެޔޮވަރު. އެމީހުން ނަމޫނާއަކަށް ބައިންދާފައިން ޑްރެސް އެއް އެއީ. ބަޓް ވަރަށް ލޯބި. ދެން އަޔާން މިރޭ އައިއްސަ ފައިނަލް ކުރާނީ.” މީތަންގެ އަޑުންވެސް އޭނާ ހުރީ ވަރަށް އުފަލުންކަން އެނގެއެވެ.
“އޭތް ބަލާބަލަ. އެއޮށް ދަނީ ތިގޭގައި ހުންނަ ކުއްޖާއެއް ނޫންތަ؟” އެއްލިކަޅިއަކުން މީތަން އަށް ޒާރާ ފެނުމުން އަތުގެ އިޝާރާތުން މަލަކާ އަށް ދައްކާލިއެވެ.
“ނޮޓް އެނީ މޯ.” މަލަކާގެ މޫނު ވަގުތުން ފުސްވިއެވެ.
“ކީކޭ؟” ލޮލު ކޮޅަށް ގެއްލެމުން ދިޔަ ޒާރާ އަށް ބަލަން ހުރެ މީތަން އަހާލިއެވެ.
“އާން. އޭނަ ފާާލިހްގެ ފަހަތުން ދުވާތީ. ދެން އެވާހަކަ ބާއްވަބަލަ. ހިނގާާބަލަ އެފިހާރަައަށް ވަންނަން.” މަލަކާ އެވާހަކަ ދައްކަން ބޭނުންނުވީއެވެ.
އިރުއޮއްސި ދުނިޔެ މައްޗަށް ރަތްވިލާާގެ އަސަރުވެރިވަމުން ދިޔައިރު ޝަރީފާ އާއި ނާސިރާ ތިބީ ވިލިގިލީގެ އުތުރު ފަރާާތު އަތިރިމަތީގައެވެ.
“ވަރަށް ވިސްނާފަތަ ތިކަން ކުރަން ތިނިންމީ؟” ނާސިރާ އޭނަގެ އަތުގައި ކޮތަޅު ކޮޅަކުން އޮޅާލާފައި އޮތް އެއްޗެއް ނަގާ ކުޑަ ބިއްލޫރި ފުޅިއަކަށް ލިއެވެ.
“އާން. ތިދެން ޝައްކެއްވެސް އޮތް ކަމެއްނޫން. މަގޭ ދަރިއަށްވެސް ރަނގަޅުގޮތް ވާން މަވެސް ބޭނުންވާނު.” ޝަރީފާ ޔަޤީންކަން ދިނުމުން ކުޑަކޮށް ތުންތަޅުވާލުމަށްފަހު އެފުޅި އުދެރެހާ ދިމާއަށް ދިއްކޮށްލިއެވެ. ކުޑަ އިރުކޮޅަކު އެގޮތަށް ހުރުމަށްފަހު ލައިގެން ހުރި ހެދުން އަރުވާ ޖަހާލަމުން ފައިތިލި ފޮރުވޭ ވަރަށް މޫދަށް އެރުނެވެ. އަދި އަތުގައި އޮތް ކުޑަ ފުޅި މޫދަށް ދޫކޮށްލިއެވެ.
“މިފަހަރު ޔަޤީންތަ؟” ނާސިރާ ދެއަތް ފޮޅާލަމުން މޫދުން އެރުމުން ޝަރީފާ ހީލިއެވެ.
“އަން. މީތި އެންމެ އަވަހަކަށް ފާލިހްއަށް ބޯން ދީ.” ޖީބުން ނެނގި ކުޑަ ފުޅިއެއް ޝަރީފާ ގެ އަތު ތެރެއަށް ލަމުން ނާސިރާ ބޯޖަހާލިއެވެ. ޝަރީފާ ހިތްހަމަޖެހުމުގެ ނޭވާ އެއް ލަމުން ހިނިތުންވެލިއެވެ.
މަލަކާގެ އިންތިޒާރުގައި އިން ފާލިހް ފޫހިވެގެން ގޭގެ ބަގީޗާއަށް ނިކުތެވެ. އޭރު ކަޅު ފޮއެ ރެއެއްގެ އަނދިރިކަން ވަނީ މުޅި ދުނިޔެވެސް ވަށާލާފައެވެ. އެހާވެސް އަނދިރިއެވެ.
ފާލިހް ބަގީޗާގައި ހުރި ކުޑަ ދަށުގައި ހުއްޓިލިއެވެ. ކުޑަ އިރުކޮޅަކަށް އެކަނިވެލިޔަސް އޭނާގެ ސިކުނޑީގައި ޒާރާގެ ޚިޔާލުތައް އެނބުރިގަނެވެ. ޒާާރާ އުޅޭ ތަނަކާއިމެދު އެހާ ވިސްނެއެވެ. އެއްފަހަރު ނަމަވެސް ވާހަކަ ދައްކާލަން ހިތް އެދެއެވެ.
“ދަރިފުޅާ. ކީއްތިކުރަނީ މިތާ.” ޝަރީފާގެ އަޑަށް ފާލިހް އަށް އޭނަގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ.
“ކަމެއްނުކުރަން.” ފާލިހް އުޑުމަތީގައި ރަސްކަން ކުރަމުންދާ އަނދިރިކަމަށް ނަޒަރު ހުއްޓާލިއެވެ.
“މަންމާ ކޮބާތަ ޒާރާ. އުޅޭތަނެއް އެނގޭތަ؟” އެންމެ ފަހުން ފާލިހް އޭނާގެ ހިތް ބަންޑުން ކޮށްލިއެވެ.
“ދަރިފުޅު އާދެބަލަ މަންމަ އާ އެއްކޮށް.” ޝަރީފާ އޭނަގެ މަޤްސަދު ކާމިޔާބު ކުރުމަށްޓަކައި އަވަސް ވެގަތް ކަހަލައެވެ.
ޝަރީފާ ފާލިހްގެ އަތުގައި ހިފައިގެން ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.
ކާމޭޒު ކައިރީގައި ހުރި ގޮޑި ޝަރީފާ ދަމާލުމާއެކު ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ފާލިހް އެގޮޑީގައި އިށީންނި އެވެ. ފުރުސަތުގެ ބޭނުން ހިފަމުން ޝަރީފާ ދުރަށް ޖެހިލާފައި ލައިގެން ހުރި ހެދުމުގެ ޖީބަށް އަތްކޮށްޕާާލާ ކުޑަ ފެންފުޅި ނެގިއެވެ. އަދި ބިއްލޫރި ތައްޓަަކަށް އެފެން ފުޅި ހުސްކޮށްލިއެވެ.
“ދަރިފުޅު މާ ވަރަކަށް ޒާރާ އާ ދޭތެރޭ ވިސްނަނީ ކީއްވެތަ؟” ޝަރީފާ ފާލިހްގެ ކުރިމަތީގައި ފެންތަށި ނަގާ ބަހައްޓާލިއެވެ. އަދި ޖެހިގެން އިން ގޮޑި ދަމާލާފައި އިށީންނި އެވެ.
ފާލިހް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން އިނެވެ.
“ހާދަ ކަންބޮޑުވެފައޭ ދަރިފުޅު ތިހުންނަނީ. ފުރަތަމަ މިފެންތަށި ބޯލާފަ ހަމަޖެހިލަބަލަ.” ޝަރީފާ ފެންތަށި ނަގާ ފާލިހްއަށް ދިއްކޮށްލިއެވެ. ފާާލިހް އެފެންތަށީގައި ހިފަމުން ތުބުގައި ޖެހިއެވެ. ޝަރީފާ ހިނިތުންވެފައި ފާލިހް ފެންތަށި ހުސްކޮށްލާ މަންޒަރު ބަލަން އިނެވެ.
“ޒާރާ ގޮއްސި ރަށަށް. އެކޮޅުން ވަޒީފާ އަކަށް ދާނީއޯ. އެއްވެސް ހިތްބުރަކަމެއް ނެތޯ. މިއަދު ހެނދުނު މިގެޔަށް އައޭ.” ޝަރީފާ ދޮގަކަށް ފަހުން ދޮގެއް ހަދަމުން ފާލިހްގެ ހިތްހަމަ ޖައްސާާލަދިނެވެ.
“ބޭބީ….. -” ފާލިހް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ މަލަކާ ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އައުމުން ފާލިހް ހިމޭންވިއެވެ.
“މަންމަ. މިއަދު ނުފެނި ކޮންތާކުތަ އުޅުނީ.” މަލަކާ އަތުގައި އޮތް ފޮތި ކޮތަޅެއް ޝަރީފާއަށް ދިއްކޮށްލިއެވެ.
“ހަމަ މިއުޅެނީނު. ހޯދަން އުޅޭ މީހުންނަށް ދޯ ފެންނާނީ.” މަލަކާ އަތުން ފޮތިކޮތަޅު އަތުލައިގެން ޝަރީފާ އޭނަގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ޑްރެސިންގް ޓޭބަލް ކައިރީގައި މަލެއް ހެން ހެދިލައިގެން އިން ނުހާގެ މޫނު މަތީގައި އެއްވެސް ތާޒާ ކަމެއްނެތެވެ.
“އަދިވެސް ނުނިމޭ.” އާސިފް ނުހާ ރީތިވެ ނުނިމިގެން ކޮޓަރި ތެރެއަށް އައިސްވަނެވެ.
“މިހާރު ޕާޓީވެސް ފެށިއްޖެ. ހިނގާބަލަ ދާން.” އާސިފް ނުހާގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ވާއު. ސާދަ ފަނަރައިގެ ހަނދުތަ މީ އަޅެ.” އާސިފް ގުދުވެލާފައި ނުހާގެ އަތުގައި ތުންފަތް ޖައްސާލިއެވެ.
ނުހާ މާބޮޑު ފަރުވާލެއް ނުބަހައްޓާ ހިނގައިގަތެވެ.
އަޔާން މީތަން އަށް ބަލަހައްޓައިގެން ހުރީ ކަޅިވެސް ޖަހާނުލައެވެ. މިހާރު މީތަން އަކީ އޭނާގެ އަލަތު އަނބިމީހާއެވެ. ޕާޓީއަށް އަންނަ އެންމެންނާ ސަލާމް ކުރަމުން މީތަން ހިނިތުންވެލައެވެ.
“އަޅެ މަށާ ދިމާއަށް ބަލާލާފަ ހީލިއްޔާ ކީއްތަވާނީ.” އަޔާން ލާނެތް ފާާޑަކަށް ހީލިއެވެ. މީތަން އަނގަޔަށް ވައްތަރެއް ޖައްސާާލަމުން އަނެއްކާވެސް މެހެމާާނުންނާ ދިމާއަށް އެނބުރުނެވެ.
“ދަރިފުޅު. ބާއްޖަވެރި ދިރިއުޅުމަކަށް އެދެން.” އާސިފް އަޔާން އާއި ކަރާއި ކަރު ޖައްސާ ސަލާމްކޮށްލިއެވެ. ނުހާ އަވަސް އަވަހަށް އެތެރެއަށް ވަދެ ހުސް މޭޒެއް ކައިރީގައި އިށީނދެލިއެވެ. އަޔާން އާއި މީތަން އާ ކުރިމަތިލާން އޭނާ ބޭނުން ނުވީއެވެ. މީތަންއާ އަޔާން އަށް އެމަންޒަރު ފެނުނު ނަމަވެސް އެމީހުންގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުދިނެވެ.
ޕާޓީގެ މީރު ކެއުމަށް އިންސާފް ކުރަމުން ދިޔަ އެންމެންގެ ސަމާލު ކަން ހުއްޓުވާލީ އަޔާންގެ އަޑެވެ.
“ޑޭޑް. އައި ހޭވް ސަމްތިންގް ޓް ޝޯ ޔޫ.” އަޔާން މަޑުމަޑުން ހިނގާފައި އައިސް އާސިފްގެ ކައިރިއަށް ހުއްޓުނެވެ. އަދި ފާލިހްއަށް އަތުން އިޝާރާތް ކޮށްލިއެވެ. ހަމަ އެވަގުތު މުޅި ތަން އަނދިރިވެގެން ދިޔައެވެ. ޕްރޮޖެކްޓަރު ގެ ލައިޓްގެ އަލިން އަނެއްކާވެސް މުޅި އެތަން އަލިކޮށްލުމާއެކު އެންމެންގެ ލޯތައް އެދިމާއަށް ހުއްޓުނެވެ.
ނުނިމޭ
4 Comments!
Comments are closed.
Good. Keep up the good work
When next..mihaaru varah kehmadhu vehjje
ALHEYY AVAHAH UPLOAD KOHDHYBA ANEH BAII..V V KEHMADHUVEFA MIHIRYY..
Meethan aa ayan aa gulhunii dw.. SO HAPPY