
މާފްކުރާށޭ ކަލާ ފަހުބައި
އަތުގައި އޮތް ކޮތަޅުވެސް މަލަކާއަށް އަތުގެ ކޮޅަށް ހޫރާލެވުނީ ލިބުނު ހިތްދަތިކަމާއި ރުޅީގައެވެ. އޭނައާއި ހިނިތުންވެލާފައި ވާހަކަ ނުދައްކާއިރު އެހެން އަންހެނަކާ ވާހަކަ ދައްކަމުން އެދިޔައީ ދަތްޕިލަ އަތްމަައްޗަށް ނަގައިގެންނެވެ. މަލަކާގެ ހިތަށް އައިހާ އެއްޗެއް ކިޔަން ބޭނުން ވިޔަސް ދުލާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. މަލަކާގެ ހިތުގެ އުދާސްތައް އަޑުއަހާނެ އެއްވެސް ކަންފަތެއް ނެތެވެ. މީހުންގެ ލޯތައް މަލަކާއަށް އަމާޒުވެފައި ހުރި ކަމުގައި ވިޔަސް މަލަކާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ހުއްޓުވާކަށް މަލަކާ މަސައްކަތެއް ނުކުރެއެވެ.
ގޭތެރެއަށް ގޮސް ވަން އިރުވެސް މަލަކާގެ ދިގު އެސްފިޔަތައް ވަނީ ތެމިފައެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އެނދު މައްޗަށް މަލަކާ ވެއްޓިގަތެވެ. އެގޮތަށް އޭނާ އޮތީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ފާލިހް ކޮޓަރިއަށް ވަންއިރުވެސް މަލަކާއަށް ރޭކާނުލައެވެ.
“އަބަދުވެސް ނިދުންތަ ކަމަކީ.” ފާލިހް ޑްރެސިންގް ޓޭބަލް ކައިރީގައި ހުއްޓި ކަރުގައި އޮށް ޓައީގެ ގޮށް ދޫކޮށްލަމުން މަލަކާއަށް ބަލާލިއެވެ. މަލަކާ އަނގަޔަކުން ނުބުނެއެވެ. ފާާލިހްއާއި ދިމާއަށް ބަލާވެސް ނުލައެވެ. ހަމަ އޮތް ގޮތައް ބަންޑުން އޮށޯވެ އޮތީއެވެ.
“މަލަކާ. އަހަރެން ވާހަކަ އެބަދައްކަމޭ.” މަލަކާގެ ޖަވާބެއް ނައުމުން ފާލިހް ގާތަށް ރުޅިއައެވެ. އެއީ އަބަދުވެސް މިހާރު ފާލިހްގެ އާދައެވެ. މަލަކާ އާ ލޯބިން ވާހަކަ ދެއްކުނު ވަގުތެއް ފާލިހްއަށްވެސް ބުނެދޭން ވެސް ނޭނގޭ ކަހަލައެވެ.
މަލަކާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އެހިޔަސް ފާލިހް އިސްކުރާނީ ރުޅިއެވެ. ފާލިހްއަށް އައު ކުއްލި ބަދަލުން މަލަކާ ވެސް މުޅިން ބަދަލު ކޮށްލައިފިއެވެ. މަލަކާގެ މަޖާ މިޒާޖާއި މަލެއްހެން އަބަދު ފޮޅިފައި ހުންނަ މޫނުން މާޔޫސްކަން ފިޔަވައި އިތުރު އެއްޗެއް ނުފެނެއެވެ.
މަލަކާ ތެދުވެ އެނދު މަތީގައި އިށީނދެލިއެވެ. އަދި އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން ފާލިހްއަށް ބަލާލިއެވެ.
“ކޮން އަންހެންކުއްޖެއް ގޮވައިގެން ފާލިހް މިއަދު ހަވީރު އުޅުނީ.” މަލަކާ އަޑުގައިވަނީ ނުރުހުމެވެ.
“އޭނ.” މަލަކާގެ ސުވާލުން ފާލިހް ދިޔައީ ސިއްސައިގެންނެވެ. މަލަކާއާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ ދެންމެ ދެންމެ މަލަކާ ކާލަފާނެ ހެންނެވެ.
“ކަލޭ މަށާ މީހުންނާ އަޅުވާ ކިޔަނީތަ؟” ފާލިހް އަޑުގެ ނެތް ކޮޅަށް ހަޅޭލަވައިގަތެވެ.
“ރީއްޗަށް މި އެހީ. އަހާލައިގެން ވެސް ނުވަނީތަ؟” ފާލިހް ހަޅޭލަވައިގަތުމުން މަލަކާއަށް ރޮވުނެވެ.
“ރީއްޗަށް ވިޔަސް އަހާކަށް ނުޖެހޭ. މަލަކާ ހީކުރީ އަހަރެން މީ އެހާ ފިނޑި މީހެއް ކަމަށްތަ؟ ކުރާ ކަމެއް ކުރާނީ ކުރިމަތީގައި.” ފާލިހް ބަންލާފައި ދޮރު ލައްޕާފައި ނިކުތެވެ. މަލަކާއަށް ބާރަށް ރޮއެގަނެވުނެވެ. ފާލިހް އެގޮތަށް ކަންތައް އެކުރަނީ ކީއްވެގެންބާއޭ މަލަކާގެ ހިތަށް އެރިއެވެ. މަލަކާގެ ކުށަކީ ކޮބައި ހެއްޔެވެ؟ މަލަކާ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ. އަދި ފާލިހް ކޮބާތޯ ބަލަން ކޮޓަރިން ނިކުތެވެ.
“މަންމާ.ފާލިހް ދެކުނިންތަ؟” ކޮޓަރި ދޮރުމަތިން ޝަރީފާ ދިމާވުމުން މަލަކާ އަހާލިއެވެ.
“މަށަށްތަ އިނގެނީ. މަލަކާގެ ގައިގައި ތަތް ކޮށްގެން ގެންގުޅޭ މީހެއް މަލަކާއަށް ދޯ އެނގޭނީ.” ޝަރީފާގެ ހަރުކަށި ބަސްތައް މަލަކާ ގެ ޒަހަމް ވެފައިވާ ހިތް އިތުރަށް ޒަހަމް ކޮށްލި ކަހަލައެވެ. މަލަކާ ދެލޯ މަރާލީ ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކުން ކެތްނުކުރެވިގެންނެވެ. މަލަކާއަށް ހިތްހެޔޮ އެކަކުވެސް ނެތެވެ. މަޑުމަޑުން ހިނގާފައި ގޮސް އަނެއްކާވެސް މަލަކާ ކޮޓަރިއަށް ވަނެވެ.
ހިތްގައިމު މިއުޒިކެއްގެ އަޑުން މޫކައި ހޮޓެލްގެ ރެސްޓޯރެންޓް ފަޅުފިލުވައިދެމުން ދެއެވެ. ފާލިހްއާއި ކިންޒާ ތިބީ އެތަނުގައި އެމީހުންނަށް ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ މޭޒެއްގައެވެ.
“އާ ވީ ޑޭޓިންގް.” ފާލިހްގެ ތޫނު ބެލުން ތަކުން ރަކިވެފައި އިން ކިންޒާ ހިނިތުންވެލިއެވެ. ފާލިހްއަށް ހަމަ ބެލެނީ ކިންޒާގެ ޖަންބު ކުލައަރާފައިވާ މޫނަށެވެ.
“ހާދަވަރަކަށް ތިބަލަނީ.” ކިންޒާ ލަދުން އިސްޖަހާލިއެވެ.
“ކީއްކުރާނީ. ރީތި އެއްޗެއްސަށް ބެލުމަކީ އިންސާނީ ތަބީއަތެއްނު. އެކަމަކު ނުލިބޭނެ ދޯ ރީތިހާ އެއްޗެއްސެއް.” ފާލިހްގެ ދެމާނަ އެކުލެވޭ ޖުމްލަތަކުން ކިންޒާ ގެ ހިތާއި ކުޅެލަން ފާލިހް މަސައްކަތް ކުރާ ކަހަލައެވެ.
“ފާލިހް ވައިފްވެސް ނުލާހިކު ރީއްޗެއްނު.” ކިންޒާ މޭޒުމަތީގައި ބަހައްޓާފައި ހުރި މާޖަހާއެތީގައި ހުރި ރަތްކުލައިގެ ފިނިފެންމާތަކާއި ކުޅެލިއެވެ. ކިންޒާާގެ ވާހަކައިން ފާލިހްގެ މޫޑް ވަގުތުން އޮފްވިއެވެ. މިހާރު މަލަކާގެ ނަން އިވުނަަސް ފާލިހްގެ ގާތަަށް އަންނަނީ ރުޅިއެވެ.
“ރީތިކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަން ހުންނަ ރީތި ކަމެއް ނޫނެއްނު. ކާކުތަ ބޭނުންވާނީ ނަމެއްގެ އަތްބެއް؟” ފާލިހް މަލަކާ ދެކެ ވާ ފޫހި ފާލިހްގެ ވާހަކަތަކުން ހަމަރަނގަޅަށް ސާބިތުވެއެވެ.
“އެހެންތަ؟ ޝަރީފާއްތަ ވާހަކަތަކުންވެސް ތިކަހަލަ އެއްޗެއް ހީވި. ފާލިހްގެ ލައިފް ދޯ. ވައިފްއަށް ނަސޭހަތް ދީބަލަ.” ކިންޒާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހަމްދަރުދީއެވެ. ފާލިހްގެ އަތްތިލަ މަތީގައި ކިންޒާ އޭނަގެ މަޑުމަޑު އަތްތިލަ ބާއްވާލީ ފާލިހްގެ މިލާފައިވާ މޫނު ފެނިފައެވެ.
“ޔޫ ކޭން ޝެއަރ ވިތު މީ އެނީތިން.” ކިންޒާ ފާލިހްގެ އުދާސްވެފައިވާ ހިތުގައި ފިރުމާލި ކަހަލައެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފާކަށް ފާލިހް ކުޑަކޮށްވެސް ލަހެއް ނުކުރެއެވެ. މަލަކާގެ ރަނގަޅު އެއްވެސް ސިފައެއް މިއަދު ފާލިހްއަކަށް ނެތެވެ. ދޮގަކަށްފަހު ދޮގެއް ފާލިހް ހަދަމުން ދިޔައިރު ކިންޒާ އިނީ ފެންކަޅިވެފައެވެ.
“ދެން މިވާހަކަތައް އިތުރަށް ދެއްކުމުގެ ބޭނުމެއްނެތް. ހިނގާ ދާން. ވަރަށް ލަސްވެއްޖެއެއްނު.” ފާލިހް ހުރީ ހިތްހަމަޖެހިފައެވެ. ކިންޒާ ގެ ހަމްދަރުދީއާ އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ލިބުނީމައެވެ. ފާލިހް ކިންޒާއާ ދިމާއަށް އަތް ދިގު ކޮށްލިއެވެ. ރަކި ހިނިތުންވުމަކާއެކު ކިންޒާ ފާލިހްގެ އަތުގައި ހިފިއެވެ.
“ތޭންކްސް.” ފާލިހް ގޮނޑިން ތެދުވިއެވެ. އެވަގުތު އެއްފަރާތެއްގައި ހުރި މޭޒެއްގައި ނުހާ އިށީނދެގެން އިންތަން ފާލިހްއަށް ފެނުނެވެ. ނަމަވެސް ފާލިހް މާބޮޑު ސަމާލުކަމެއް ނުދީ ކިންޒާ ގޮވައިގެން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
ނުހާގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތް ކަހަލައެވެ. ބަލާބެލުމަށް ހީވަނީ އެތައް ހާސް ދުވަހެއްގައި ބަލި އެނދެއްގައި އޮވެފައި ހުރި މީހެއްހެންނެވެ.
“މޭމް.” ކުރިމަތީގައި ހުރި ވެއިޓަރ ގެ އަޑަށް ނުހާ އިސްއުފުލާ ބަލާލިއެވެ.
“ނަތިން.” ވަޅުވަދެފައިވާ ދެލޮލުން ނުހާ ވެއިޓަރަށް ބަލާލަމުން ހިނިތުންވެލިއެވެ.
އެވަގުތު އެތަނަށް އައިސް ހުއްޓުނު މާކިން ފެނިފައި ނުހާގެ ދެލޮލުން ކަރުނަ ހިލުނެވެ.
ވެއިޓަރަށް ބަލާލުމެއްނެތި ނުހާ މާކިންގެ ގައިގައި އޮޅުލައިގަތެވެ. ކުޑަކޮށް ފަހަތަށް ޖެހިލަމުން ވެއިޓަރ އެތަނުން ހިނގައިގަތީ އެވަގުތު އެތާ ހުރުން ރަނގަޅު ނޫންހެން ހީވާތީ އެވެ.
“އަހަންނަށް މާފްކުރޭ.” ނުހާ މާކިންގެ ގައިގައި އޮޅުލަމުން ދާއިރު މާކިން ނުހާގެ ގައިގައި އަތްވެސް ނުލިއެވެ.
“އަހަންނަށް ވިސްނިއްޖެ އަހަރެންގެ ކުށް. މިއަދު އަހަރެންގެ އެކަކުވެސް ނެތް.” ނުހާ ރޮމުން މާކިން ގެ ކުރިމަތީގައި އާދޭސްކުރަމުން ދިޔައެވެ. މާކިން މަޑުމަޑުން ނުހާގެ އަތުގައި ހިފައި އޭނައާ ދުރުކޮށްލިއެވެ. އަދި ގޮޑީގައި އިށީންނަން އިޝާރާތް ކޮށްލަމުން މާކިން ވެސް ގޮޑިއެއް ދަމާލާފައި އިށީނެވެ. އޭރުވެސް ހުއްޓާނުލާ ނުހާ ރޮނީއެވެ. އެތަނުގައި ތިބި އެހެން މީހުންގެ ނަޒަރު ނުހާ އަށް ހުއްޓިފައިވާ އިރު ވެސް ނުހާގެ ފަރުވާލެއް ނެތެވެ.
“އަޅެ މާކިން. އަހަންނަށް މާފްކުރޭ.” ނުހާގެ ކުރެހިފައިވާ އަޑު އަނެއްކާ ވެސް ނިކުތެވެ.
“އަހަރެން ނުހާއަށް މާފްކޮށްފިން.” މާކިން ވާހަކަ ދެއްކީ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށެވެ. ކިތަންމެ އެއްޗެއް ނުހާ އާއި ދިމާއަށް އޭނާ ބުނަން ބޭނުމެވެ. މާކިން ހިތްދަތި ކަމާއެކީ ހޭދަކުރިހާ ދުވަސްތައް ނުހާ އަށް ހަނދާން ކޮށްދޭންވެސް މާކިން ބޭނުމެވެ. ނަމަވެސް ހިތުގެ އެދުމަށްވުރެ މާކިން އިސްކުރީ ހަމަ ހިމޭންކަމެވެ.
“ތޭންކިޔު މާކިން. އަހަރެން ބޭނުން ޒޫކަންއަށް ވެސް މަންމައެއްގެ ލޯބިދޭން. ހިނގާ އަލުން އެއްކޮށް ރީއްޗަށް އުޅެން. އަހަރެން ވައުދުވަން. ދުވަހަކު ތިދެމީހުން ދޫކޮށްލާފަ ނުދާނަން ކަމަށް.” ނުހާ މާކިންގެ އަތުގައި ހިފިއެވެ. މާކިން އިނީ ކަޅިވެސް ޖަހާނުލާ ނުހާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހިތަށް އެވަގުތު އެރިހާ އެއްޗެއް ލޮލުގެ އިޝާރާތުން މާކިން ބުނަމުން ގެންދާ ކަހަލައެވެ. ނުހާ އަށް އެހެން ބުނެލަން ކިހާ ފަސޭހަ ހެއްޔެވެ؟ މީގެ ކުރީގައިވެސް އެކަހަލަ އެތައް ވައުދުތަކެއް ނުހާ ވިއެވެ. އެވައުދުތައް އުވާވެސް ލިއެވެ. އަނެއްކާވެސް ނުހާއަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ އަނެއްކާވެސް މާކިންގެ ލަކުނު ތަކުން ފުރިފައިވާ ހިތް ނުހާ ގެ ކުރިމަތީގައި ހުޅުވާލަން ވީ ހެއްޔެވެ؟ ޒޫކަން ގެ ކުޑަކުޑަ ހިތަށް އިތުރު ޒަހަމްތަކެއް ދޭނެ ދެވަނަ ފުރުސަތެއް ނުހާއަށް ދޭންވީ ހެއްޔެވެ؟
“ކޮބާ ޒޫކަން. ކީއްވެ ނުގެނައީ.” ނުހާގެ އަޑުން މާކިންގެ ޚިޔާލީ ވާފަށް ކެނޑުނެވެ. ފުން ނޭވާ އެއްލަމުން މާކިން ނުހާ އާ ދުރަށް ޖެހުނެވެ.
“އަހަރެން ނުހާއަށް މާފްކޮށްފިން. އެކަމަކު އަހަރެންގެ ލައިފް އަކުން ނުހާއަކަށް ޖާގައެއް ނެތް. އެހެން ކުއްޖެއް އެބަހުރި އަހަރެންގެ ލައިފްގަ. ނުހާ ބޭނުންނަމަ ޒޫކަން އަށް މަންމައެއްގެ ލޯބި ދެވިދާނެ.” މާކިން ވާހަކަ ދެއްކީ ނުހާ އަށް ބަލާވެސްނުލައެވެ.
“ވަޓް. މާކިންގެ ލައިފުން ޖާގައެއް ނުދެންޏާ ކީއްކުރާ ޒޫކަން އެއްތަ؟” ނުހާގެ ގާތަށް ރުޅިއައެވެ.
“ތީ ނުހާގެ އަަސްލަކީ. ނުހާއަކީ ރަނގަޅު މީހެއްނަމަ އަހަރެންގެ ލައިފުން ޖާގައެއް ނުދިނަސް ޒޫކަންއަށް މަންމައެއްގެ ލޯބިދޭނެ ދޯ. މަންމައިންނަކީ ދަރިން ދެކެ އިންތިހާއަށް ލޯބިވާ ބައެއް. ނުހާއަށް މިއަދު ގޮތެއް ނެތީމަ ތިގޮތަށް ތިބުނަނީ. މާދަންވެސް ގޮތެއް ފެންނައިރަށް އަނެއްކާވެސް އަހަރެމެން ނަގާ އެއްލާލާނެ. އަހަރެންނަށް ކޮންމެ ގޮތެއް ވިޔަސް ޒޫކަން ގެ ލައިފްއާ ނުހާއަށް ކުޅުނަކަ ނުދޭނަން.” މާާކިންގެ ވާހަކަތަކުން ނުހާގެ އަނގަ ބެދުނު ކަހަލައެވެ. އިސްޖަހައިގެން އިން ނުހާ އިނީ ކުށްވެރިއެއް ފަދައިންނެވެ.
“ހާސްނުވެބަލަ. ތިކަހަލަ ރީތި އަންހެނެއްގެ ފަހަތުން މުޅި ދުނިޔެ ދުވާނެ.” މާކިން ގޮނޑިން ތެދުވެގެން ހިނގައިގަންނަމުން ފަސްއެނބުރި ނުހާއަށް ބުނެލިއެވެ.
އެއްވެސް އަލިކަމެއް ނެތް ކޮޓަރި ތެރޭގައި މަލަކާ އެއޮތީ ފާލިހްގެ އިންތިޒާރުގައެވެ. މުޅި ކޮޓަރި ތެރޭގައި ރަސްކަން ކުރަމުން އެދާ އަނދިރިކަން އެއީ މިހާރު މަލަކާގެ ދިރިއުޅުމެވެ. އެއްވެސް ކަހަލަ އުޖާލާކަމެއް ހިތްހަމަ ޖެހުމެއްނެތެވެ. މަލަކާގެ ދެލޮލުން ކަރުނަ ހިކޭ އިރެއް ނާދެއެވެ. މީތަންއަށް ގުޅަން އެތައް ފަހަރަކު މަލަކާ ގެ ހިތް ވިސްނައިދެއެވެ. ނަމަވެސް ފިރިމީހާގެ ގޯސްވާހަކަ މަލަކާ ދައްކަން ބޭނުން ނުވަނީއެވެ.
ކޮޓަރީގެ ބޮކި ޖައްސާލިއަޑަށް މަލަކާގެ އިސްއުފުލާލިއެވެ. އޭރު ފާލިހް ކޮޓަރި ތެރޭގައި ހުއްޓެވެ. މަލަކާ ކަޅިވެސް ޖަހާނުލާ ބަލަން ހުރީ ފާލިހްގެ ހަރަކާތަށެވެ. ނަމަވެސް ފާލިހް ގެ އެއްވެސް ސަމާލުކަމެއް މަލަކާއަކަށް ނެތެވެ. އަނގައިން ނުބުނިތާގައި ބަލާވެސް ނުލިއެވެ.
“ފާލިހް.” މަލަކާގެ ދެލޮލަށް ކަރުނަތައް ބޮޑިވެގަތެވެ.
“ކީކޭ.” ފާލިހް ގަމީސް ބާލާ ކޮނޑުގައި އަޅުވާލިއެވެ. އަދި ތުވާލި ހިފައިގެން ގޮސް ފާހާނާއަށްވަނެވެ. މަލަކާ ބުނަން އުޅުނީ ކީކޭތޯވެސް އަހާލަން ފާލިހް ބޭނުންނުވިއެވެ. ފާލިހް ފެންވަރައިގެން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި މަލަކާ އޮތީއެވެ. އިތުރަށް ކުރެވޭނެ ކަމެއްވެސް ނެތީމައެވެ.
“އަހަންނަށް ކުޑަ ވަގުތު ކޮޅެއް ދެވިދާނެތަ؟” މަލަކާ ވާހަކަދެއްކީ ވަރަށް ހިތްވަރުކޮށްފައެވެ.
“ކިޔާބަލަ.” ފާލިހް ބޮލުން ފެން ހިއްކަމުން އަލަމާރި ކައިރީގައި ހުއްޓިލިއެވެ.
“ފާލިހް ހިތްހަމަނުޖެހޭ ކޮންކަމެއްތަ މަށަށް ކުރެވުނީ. މަށަށްތިހެން ނުހަދަފާާނަންތަ؟” މަލަކާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހިގަތެވެ. ފާލިހްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.
އަލަމާރިން ފޮށިނަގާ މަލަކާގެ ހެދުންތަކާއި ގެންގުޅޭ އެހެނިހެން ސާމާނު އަޅާ ބަންދުކޮށްލިއެވެ.
މަލަކާގެ ރުއިމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމަމުން ދިޔައެވެ.
“ހާދަ އަނގަ ގަދައޭ ދޯ. އެއްވެސް ސުވާލެއް ނުކުރިނަމަ މިހެން ނުވީސް. މަށެއްވެސް ބޭނުމެއް ނޫން މަގޭ ފަރާތުން މަލަކާ ރޯކަށް. މަށާ ދުރުގަ ހުރީމަ އުފާވާނެ.” ފާލިހް މަލަކާ ގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. މަލަކާ އެހެން ނުހެދުމަށް އެދި ރޮމުން އާދޭސް ކުރަމުން ދިޔައިރުވެސް ދަމަމުން ކަހަލަ ގޮތަކަށް ގޮސް މަލަކާ ގޭގެ ދޮރުން ބޭރުކުރިއެވެ.
“ކަލޭ ތިހުރީ ވަރިކޮށްފަ.” ފާލިހް މަލަކާގެ މޫނުމައްޗަށް ދޮރުލެއްޕިއެވެ. މަލަކާގެ މުޅި ދުނިޔެ ފުނޑު ފުނޑު ކޮށްލުމަށްފަހުގައެވެ. މަލަކާ ހުރީ ހުއްޓުން އަރާފައެވެ. ކަންފަތަށް އިވިގެން އެދިޔަ ފާލިހް ގެ ވިހަގަދަ ޖުމްލަތައް މަލަކާ ގެ ސިކުނޑީގައި ތަކުރާރުވަމުން ދެއެވެ.
ޝަރީފާ ބަގީޗާ ތެރޭގައި ހުރި ގަހުގެ ނިވަލުގައި އެމަންޒަރު ބަލަން ހުރީ އުފަލުން ފޮޅިފައެވެ. އެތައް ދުވަހުއްސުރެ ކުރަން ބޭނުންވި ކަންތައްތައް ކާމިޔާބު ވުމުން ވާނީވެސް އެހެން ނޫންހެއްޔެވެ.
ހަފްތާގެ ޗުއްޓީއަކަށްފަހު އަޔާންއާ މީތަން މާލެއައެވެ. ނުހާ މަތިން ހަނދާން ނުނެތުނު ކަމުގައިވިޔަސް އަޔާން މީތަން އަށް ފިރިއެއްގެ ލޯބިދީ އަޅާލުން ދިނެވެ. ނުހާގެ ހަނދާންތައް ހިތުގައި ފޮރުވައިގެން އަޔާން މީތަންގެ ކުރިމަތީގައި ހުންނަނީ ހިނިތުން ވެގެންނެވެ.
“މާދަން އޮފީހަށް ނިކުންނަންތަ؟ އަޅެ. ނޭނގެ ދޯ ވީކް ނިމިގެން ދިޔަ ގޮތްވެސް.” ކާރު ތެރޭގައި އަޔާންގެ ކައިރީގައި އިށީނދެގެން އިން މީތަން އަޔާންގެ ކޮނޑުގައި ބޯއަޅާލިއެވެ.
އަޔާން މީތަންގެ ކޮލުގައި ފިރުމާލިއެވެ.
“އަޔާން ބަލާބަލަ. އެއޮށްދަނީ ފާލިހްތަ؟ ކާކުތަ އެއިނީ ފާލިހްގެ ސައިކަލް ފަހަތުގަ؟” މީތަން ދިއްކޮށްފައިވާ އިނގިލި އަމާޒުކުރެވިފައިވާ ދިމާއަށް އަޔާން ބަލާލިއެވެ.
“އެއީ މަލަކާއެއް ނޫން ދޯ. ވެދާނެ ރައްޓެއްސެއް ކަމަށް ވެސް.” އަޔާން ހިނިތުންވެލިއެވެ.
“ދަރިފުޅާ. އަންގާވެސް ނުލާ. އަދި ހަތަރު ދުވަސް ފަހުންނު އަންނަން އޮތީ.” ގެޔަށް ވަދެގެން އައި އަޔާން އާއި މީތަން ފެނުމުން އިށީނދެގެން އިން ސޯފާއިން އާސިފް ތެދުވިއެވެ.
“ޓިކެޓް އަވަސް ކޮށްލީ. އެކޮޅުގަ ދެން ފޫހި ދޯ މީތަން ޑޭޑް މެން ނުފެންނާތީ.” އަޔާން އާސިފް އާއި ކަރާއި ކަރު ޖައްސާ ސަލާމްކޮށްލަމުން މީތަން އަށް ދޯ ދިނެވެ.
“އޮފީސް ކަންތައް ކިހިނެއް؟” އަޔާން ސޯފާގައި އިށީނދެލިއެވެ.
“ރަނގަޅު ހުރިހާ ކަމެއްވެސް.” އާސިފް ހިނިތުން ވެލަމުން އަޔާންގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް ނުހާގެ ވާހަކަ އަހާލަން އަޔާންގެ ހިތް އެތައް ފަހަރަކު ބުނަމުން ދިޔައެވެ. ނަމަވެސް އަޔާންގެ އެހާ ހިތްވަރެއް ނެތެވެ. އަނެއްކޮޅުން އަޔާންގެ ބައްޕަ ހިތަށް އަރާނީ ވެސް ކީކޭ ހެއްޔެވެ؟
“ހާދަ ފުން ވިސްނުމެއްގަ؟” ނައީމާއާއި ޝަރީފާ ވާހަކަ ދައްކަން ތިބީ ނައީމާގެ ގޭގެ ޓެރަސްގައެވެ.
“ބަލާބަލަ ނިކަން އެޔޮށް ކަމެއް. ހާދަ ލޯބިއޭދޯ އެކުގަ ފެންނައިރު.” ޝަރީފާ އަތުގެ އިޝާރާތުން ތަންކޮޅެއް ދުރުގައި ތިބި ފާލިހް އާއި ކިންޒާ ދައްކާލިއެވެ.
ނައީމާ ބޯޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ.
“އެދެކުދިން ކައިވެނީގެ ވާހަކަ ދައްކަން މީ ކިހާ ރަނގަޅު ފުރުސަތެއް؟” ޝަރީފާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކިންޒާ ފާލިހްގެ މީހަކަށް ހަދާ އެގެޔަށް ގެންދާށެވެ.
“ފާލިހް އާއި އަހަރެންވެސް ބޭނުންވަނީ ތިގޮތް. މަލަކާގެ އަނިޔާވެރިކަން ފާލިހްގެ ހިތުން ފިލުވާލަދޭން އަހަރެން ބޭނުމީ.” ޝަރީފާގެ ވާހަކައަށް ޖަވާބު ދިނީ ސީދާ ކިންޒާއެވެ. ފާލިހް ކިންޒާއަށްވެސް ކަމުދެއެވެ. ކައިވެނީގެ ކަންތައްތަކާއިމެދު އެންމެން މަޝްވަރާކުރަމުން ދިޔައިރު ޝަރީފާ އިނީ ދަތްޕިލަ ނަގާ އަތްމަައްޗަށް ލައިގެންނެވެ.
މީތަން ފޮށިން އެއްޗެހި ނަގާ ކޮޓަރި ތެރެ ހަމައަކަށް އަޅުވަމުން ދިޔައިރު އަޔާން މީތަން އަށް އަތްގާތް ކޮށްދެނީއެވެ.
“އަޔާން. ދޭބަލަ ތިރީގައި ހުރި ޓިޝޫ ބޮކްސް އިން ޓިޝޫ ކޮޅެއް ގެންނަން.” މީތަން ހެދުންތައް ނަގާ އެނދުމައްޗަށް އަޅާލިއެވެ.
“ނެތް ތަ ޓިޝޫއެއް؟ މިރޭ ނިކުމެލާނީ ދޯ ޝޮޕިންއަށް.” އަޔާން ހިނިތުންވެލަމުން ހިނގައިގަތެވެ. ސިޑިން ފައިބަމުން ދިޔަ އަޔާންގެ ދެލޯ ބޮޑުވެގެން ދިޔައީ އާސިފް ކައިރީގައި ހުއްޓިގެން ހުރި ނުހާ ފެނުމުންނެވެ.
އަޔާންއަށް ކަޅި ޖަހާވެސް ނުލާ ނުހާއަށް ބަލަން ހުރެވުނެވެ. ނުހާ ނުފެންނަތާ ހަފުތާއެއް ވީ އިރު އަޔާންއަށް ހީވަނީ އެއްއަހަރު ވެއްޖެހެންނެވެ. އަޔާންގެ ހިތަށް ލިބިގެންދިޔަ ފިނިކަމާއެކު އޭނާ އަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގަ އެވެ. އަދިވެސް ނުހާއަކީ އަޔާންގެ ހިތުގެ ހަމަޖެހުން ކަހަލައެވެ. ނުފެންނަންޏާ އެހާ ހިތް ނުތަނަވަސްވެއެވެ. ލޯތްބަކީ އެހާވެސް ބާރުގަދަ އެއްޗެއްތާއެވެ. ނުހާގެ މަކަރުވެރިކަމާއި ބޭވަފާތެރިކަން އެނގިހުރެވެސް އަޔާން ނުހާއަށްޓަކާ އެހުރީ ޖާނުން ފިދާވާންވެސް ތައްޔާރަށެވެ.
“އަޔާން އަށް ގޮވަން އުޅެނިކޮށް ތިއައީވެސް. ދޭބަލަ މީތަން ގޮވައިގެން އަންނަން.” އާސިފްއަށް އެއްލި ކަޅިއަކުން ސިޑިމަތީގައި ބަލަހައްޓައިގެން ހުރި އަޔާން ފެނުނެވެ. އާސިފް ވާހަކަ ދައްކަމުން ދިޔައިރުވެސް އަޔާންއަށް ބެލެނީ ނުހާ އަށެވެ. ތަރުތީބެއްނެތި ހޭވިފައިވާ ނުހާ ގެ ރަން އިސްތަށިކޮޅު ރަނގަޅުކޮށްލަ ދޭން އަޔާންގެ އަތް ހަރަކާތްކުރަން އުޅުނު ކަމުގައި ވިޔަސް ހިތް އެކަމަށް ހުރަސް އެޅުމުން އަޔާން ސިޑިން މައްޗަށް އަރަންފެށިއެވެ.
އިރުކޮޅެއް ނުވެ އަޔާން މީތަން ގޮވައިގެން އައިސް އާސިފްގެ ކުރިމައްޗަށް ހުއްޓުނެވެ.
“ޑޭޑް ޑިސައިޑް ކޮށްފިން އަލުން ނުހާ އާ ގުޅެން. ނުހާގެ މާޒީއެއް ބަދަލެއް ނުކުރެވޭނެ ކިތަންމެ ވަރަކަށް އުޅުނަސް. އެއީ ނުވާ ކަމަކަށްވެސް ނުހެދޭނެ. ދެން އަޔާން އާއި ގުޅުމެއް އޮތް ކަމެއް ނޭނގެ ޑޭޑް އަކަށް ނުހާ އާއި މެރީކުރި އިރަކު. އެކަމަކު ނުހާ ލައިފެއް އުޅެން ބޭނުންވީ މަށާއެކު. އެހެންވީމަ ޑޭޑް ބުނަން އޮތީ ކުރިންވީ ހުރިހާ ކަމެއް ހަނދާންނައްތާލާށޭ. ނުހާވެސް ބޭނުންވަނީ އެގޮތް.” އާސިފް ހުރިހާ ވާހަކައެއް ދެއްކިއިރު ނުހާ އިނީ އިސްޖަހައިގެންނެވެ.
މީތަން އަޔާންގެ މޫނަށް ބަލާލީ އަޔާންގެ ޖަވާާބަކަށް އިންތިޒާރުކުރާ ކަހަލަ ގޮތަކަށެވެ. އަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުހާ ފެންނަ ހިސާބުގައި ހުންނަން އަޔާން ހިތްހަމަ ޖެހެއެވެ. ނަމަވެސް މިއަދު އަޔާން ބަލަންޖެހޭ އިތުރު މީހަކު އެބަހުއްޓެވެ. ނުހާއާއި މީތަން ދެބަސްވާނެކަން އަޔާންއަށް ޔަޤީނެވެ. އަދި ނުހާ މީތަންއަށް ގަސްތުގައި ޖެއްސުން ކުރާނެކަންވެސް އަޔާންއަށް ހަމަ ރަނގަޅަށް އެނގެއެވެ. މީތަންގެ ހިތުގައި ޖެހޭ އެއްވެސް ކަމެއް ކުރަން އަޔާން ބޭނުމެއްވެސް ނުވެއެވެ. އަދި ނުހާ ދެރަވެފައި ހުންނަތަން ބަލާކަށްވެސް އަޔާންގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ހަދާނެ ގޮތް ހުސްވެފައި އަޔާން އަށް ހުރެވުނެވެ.
“ޑޭޑް ހެޕީ އިއްޔާ އަޔާންވެސް ހެޕީ.” އެންމެފަހުން އަޔާން ގޮތެއް ނިންމިއެވެ. މީތަން އަޔާން ބުނާ ގޮތެއް ހަދާނެކަމުގެ ޔަޤީންކަން އަޔާންއަށް އޮވެއެވެ.
ނުހާގެ ތުންފަތުގައި އެކުލެވިގެންދިޔަ މާނަ ފުން ހިނިތުންވުމާއެކު އޭނާ އަޔާން އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އަޔާން. ލެޓްސް ގޯ އިހަށް.” މީތަން އަޔާންގެ އަތުގައި ހިފިއެވެ. އެމަންޒަރު ފެނިފައި ނުހާ ގެ ހިތުގައި ވިކާާލި ނަމަވެސް އޭނާ ހުރީ ހިމޭނުންނެވެ. ހީވާ ކަހަލައެވެ. އަނެއްކާވެސް ނުހާގެ ސިކުނޑި ތެރޭގައި މޮޅު ރޭވުންގަނޑެއް ރޭވިގެންދަނީއެވެ.
ކޮޓަރި ތެރެ ތަރުތީބުކޮށް ނިންމާލެވުނުއިރު އަޔާން އާއި މީތަން ތިބީ ވަރުބަލިވެފައެވެ. އެނދުމައްޗަށް ވެއްޓިގަތީވެސް ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށެވެ.
“އަޔާން. މަލަކާގެ ފޯނަށް ހާދަ ގުޅައިފީމޭ. ނުއެއް ގުޅޭ.” މީތަން އަޔާންގެ ފަން އިސްތަށިކޮޅާއި ކުޅެލިއެވެ.
“އެހެންތަ؟ ހުރޭ އަޅެ ބަލާނަން ފާލިހް ގެ ނަމްބަރަށް ގުޅޭތޯ. ހަމަގައިމުވެސް މާލޭގަ އެބައުޅޭ. މިއަދު ފެނުނެއްނު ފާލިހްވެސް.” އަޔާން ޖީބުގައި އޮތް ފޯނުނަގާ ފާލިހްގެ ނަމްބަރަށް ގުޅިއެވެ.
ދެފަހަރަކު ރިންގްވިތަނާ ފާލިހް ފޯނު ނެގިއެވެ.
“ކޮބާތަ ކަލޭ. ޚަބަރެއްވެސް ނުވެ. މީތަން މަލަކާއަށް ނުގުޅިގެން އުޅޭތީ. ކޮބާތަ އޭނަ.” އަޔާން ވާހަކަ ދައްކަމުން ދިޔައިރު މީތަން އިނީ ކަޅިވެސް ޖަހާނުލާ އަޔާންއަށް ބަލާށެވެ.
“ކިހިނެއްވީތަ؟” އަޔާން އިތުރު ވާހަކައެއް ނުދައްކާ ފޯނު ބޭއްވުމުން މީތަންވީ ހައިރާނެވެ.
“މީޓްކޮށްލަ ބަލާށޭ. ހީވަނީ ކަމެއްވީހެން.” އަޔާންވެސް ހުރީ ފިކުރު ބޮޑުވެފައެވެ.
“މަލަކާ ކޮބާތަ އަޅެ. އަނެއްކާ ކަމެއްވީތަ އޭނައަށް.” މީތަން ހުރީ ފެންކަޅިވެފައެވެ.
“މަލަކާ އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނޭ. އަންނާނަން އިނގޭ. ރެޑީވެގެން ހުންނަންޗޭ އަންނަންވާ އިރަށް.” އަޔާން މީތަންގެ އޮމާން މޫނުގައި ފިރުމާލިއެވެ.
“އަޔާން.” ގޭގެ ގޯތިތެރޭގައި ހުރި ކުޑަ ގަހެއްގެ ކައިރީގައި ހުއްޓިލައިގެން ހުރި ނުހާގެ އަޑަށް އަޔާން ސިހުނެވެ. ލައިގެން ހުރި ކުރު ސޯޓުކޮޅުން ނުހާގެ ދޮން ފައިން ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. އަޔާންގެ ސިކުނޑި އަޔާންއަށް ވިސްނައިދެމުން ދިޔައީ އެމަންޒަރު ނުބެލުމަށެވެ. ނަމަވެސް ހިތް އެދެމުން ދިޔައީ ނުހާ ގެ އުނގު ތެރެއަށް ވަންނާށެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިވެސް މަސައްކަތް ކުރަމުން ދިޔައީ އަޔާން ގެ ހިތުގެ ހަމަޖެހުން ނަގާލުމަށެވެ. ކަޅިވެސް ޖަހާނުލާ އަޔާން ނުހާއަށް ބަލަން ހުރި އިރު އަޔާން ގެ ހިތުގެ ހާލަތު ނުހާ ގެ ކުރިމަތީގައި އޮތީ ފެންނާށެވެ. ނުހާ ނަގަމުން އެގެންދަނީވެސް އޭގެ ފައިދާއެވެ.
“ތޭންކްސް.”ނުހާ ހިނިތުންވެލިއެވެ.
“ފްރެންޑްސް.” ނުހާ އޭނާގެ އޮމާން އަތްތިލަ އަޔާންއަށް ދިއްކޮށްލިއެވެ.
ނުހާ ދިއްކޮށްލި އަތުގައި އަޔާންއަށް ހިފުނީ ބޭއިހްތިޔާރުގައި ކަހަލައެވެ. ނުހާ ގެ ވާހަކައަށް އަޔާން އެއްބަސްވެ ބޯޖަހާލި ނަމަވެސް ދުވަހަކުވެސް އަޔާން އަށް ނުހާ އާ ދޭތެރޭގައި ރަޙްމަތްތެރިއެއްގެ ގޮތުގައި ނުދެކެވޭނެއެވެ.
ފާލިހް އަނެއްކާވެސް އަޔާންގެ ފޯނަށް ގުޅުމުން އަޔާން އަވަސް އަވަހަށް ފާލިހް ކައިރިއަށް ދިއުމަށް ނިކުތެވެ.
އިރުގެ ރަންއަލިން ރަސްފަންނުގެ ސާފު ހުދު ދޮންވެލިގަނޑު ވިދަމުންދެއެވެ. މުޅި ހިސާބުގައި ބަހައްޓާފައިވާ ޖޯލިތަކުން އެ މާހައުލު ފެންނަނީ ވަރަށްވެސް ހިތްގައިމުކޮށެވެ. އަބަދުމެ މީހުން އެތަނުގައި ތިބިއެވެ. ގޮނޑުދަށަށް އިރުއިރުކޮޅާ ބީއްސަމުން ގެންދާ ރާޅުތައް ކުޅެމުންދާ ހިތްގައިމު މިއުޒިކުގެ އަޑުން ހިތްތަކަށް ގެނެސްދަމުން ދަނީ ވެސް އަޖައިބެއް ފަދަ ހިތްހަމަޖެހުމެކެވެ. ކުޑައެއް ދަށުގައި ހުރި ގޮޑިއެއްގައި ފާލިހް އިށީނދެލައިގެން އިނީ އަޔާންގެ އިންތިޒާރުގައެވެ.
“ސާބަސް. ސިގެރޭޓުން ބަނޑު ފުރަނީތަ؟” ފާލިހްގެ ކައިރިއަށް ހުއްޓުނު އަޔާންގެ ލޮލުގައި އަޅައިގަތީ ފާލިހްގެ ކައިރީގައި ބޮއެފައި ހުރި ސިގެރޭޓްބުރި ތަކެވެ. ފާލިހް ހިނިތުންވެލަމުން ބޮއެބޮއެ އިން ސިގެރޭޓްބުރި އެތެރެއަށް ދަމާލިއެވެ.
“ޔޫ ނޯ ވަޓް. ނުހާ އިޒް ބެކް.” އަޔާން ފާލިހްގެ ކައިރީގައި އިށީނދެލިއެވެ.
“އެޔޯ.” ފާލިހް ވީ ހައިރާނެވެ.
“ޑޭޑްގެ ނިންމުން. އައި ޑޯންޓް މައިންޑް.” އަޔާން ވާހަކަދެއްކީ ހިތާއި ދެކޮޅަށް ކަހަލައެވެ.
“ވަރަށް ވިސްނަންޖެހޭނެ. މީތަންއަށް ވަރަށް ޖެއްސުންކޮށްލާނެ ދޯ.” ފާލިހް އަތުގައި އޮތް ސިގެރޭޓް ބުރި މޫދާއި ދިމާއަށް ހޫރާލިއެވެ.
“ކޮބާތަ މަލަކާ. ކިހިނެއްތަ މިހާރު.” އަޔާން ކޮށްލި ސުވާލުން ފާލިހް ގެ ދުލުގައި ވަގުތުން ކަސްތޮޅު އެޅުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ފާލިހް އަށް އިނދެވުނީއެވެ. ފާލިހް ކަންތައްކުރި ގޮތް އެނގިއްޖެއްޔާ އަޔާން ރުޅިއަންނާނެކަން ޔަޤީނެވެ. އަނެއްކޮޅުން މަލަކާ އާއި މީތަން އެހާ ރައްޓެއްސެވެ.
“ކިހިނެތް ވީތަ؟ އަނެއްކާ މަލަކާ ބަލި ވީތަ؟” ފާލިހްގެ ޖަވާބެއް ނައުމުން އަޔާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“ވީ އާ ޑިވޯސްޑް.” ފާލިހްގެ ޖަވާބުން އަޔާން ގަނޑުވި ކަހަލައެވެ.
“ވަޓް. ޒާރާގެ ކަންތައްތައް ފަޅާ އެރީތަ؟ އެކަމަކު ކިހިނެއް؟ ކޮންއިރަކު؟” އަޔާން އެއްފަހަރާ ހުރިހާ ސުވާލުތަކެއް ފައްޗެއްހެން އަމުނާލިއެވެ.
“ތިކަހަލަ އެއްވެސް ކަމެއްނުވޭ. ތެދައް ބުނަންތަ؟ މަލަކާދެކެ އަހަރެން ލޯތްބެއްނުވޭ. މަގޭ ސަބަބުން އަބަދު މަލަކާ ހިތުގަ ޖެހުމަށްވުރެ ދުރުވުން ރަނގަޅުކަމަށް ފެންނާތީ އެގޮތަށް އެކަން ނިންމީ.” ފާލިހް ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. ފަހަރެއްގައިވެސް މަލަކާގެ ފަރާތުން އަޔާން މެނަށް ހަޤީޤަތް އެނގިދާނެތީ ފާލިހްއަކަށް އަޔާން ކައިރީގައި ދޮގު ހަދާކަށް ނުކެރުނެވެ. އެއީ އެދެމީހުންގެ ޒަމާންވީ ރަޙްމަތްތެރިކަމަށް ބުރޫ އަރަން ފާލިހް ބޭނުން ނުވާތީއެވެ.
“ނުކުރެވޭނެ ޤަބޫލެއް. ފާލިހް މަލަކާ ދެކެ ވަރަށް ލޯބިވާތީ ދޯ މަންމަ ގެ ނުރުހުމުގައިވެސް ކައިވެނި ކުރާނީ. ތި ދެމީހުން އުޅުނު ލޯބި ގޮތް މަށަށް ދޯ އެންމެ ކައިރިން ފެންނާނީ. އެންމެ ހަފްތާއެއް ތެރޭގައި ލޯބި ނުވޭ ބުނީމަ ކިހިނެއް ޤަބޫލު ކުރާނީ. ކޮންމެވެސް ގޯހެއް އެބައުޅޭ ތީގަ.” ހިތްހަމަ ނުޖެހިގެން އަޔާން އިންތަނުން ތެދުވިއެވެ.
“ނޫން އަޔާން. މިބުނީ ހަމަ ތެދައް. މަލަކާދެކެ ފޫހިވީ އަހަރެން. ސަބަބު އުޅެއުޅެވެސް ނޭނގުނު.” އަޔާން ހިތްހަމަ ނުޖެހިފައި ހުރުމުން ފާލިހް ހުރީ އިންތިހާއަށް ދެރަވެފައެވެ.
“ކޮބާ މިހާރު މަލަކާ؟ އޭނަގެ އާއިލާއަށް އެންގިންތަ؟ ފާލިހް ބުނީމެއްނު މަލަކާގެ އާއިލާ ދިރިއުޅެނީ އިންޑިޔާގައޭ.” އަޔާންގެ ހިތް މަލަކާ އަށްޓަކާ ހަމްދަރުދީން ފޯވި ކަހަލައެވެ. އޭނައަށް މިހާރުވެސް ވިސްނެމުން އެދަނީ މަލަކާ އުޅޭނެ ހާލެވެ.
“ނޭނގެ”؟ ފާލިހް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.
“ނޭނގެއޭ. ފާލިހް ކަލޭތީ އިންސާނެއްތަ؟ މަލަކާއާ އެކުގައި އުޅޭ ހިތް ނުވިޔަސް މަލަކާއަށް އުޅެވޭނެ ގޮތެއް ހޯދަދެން ޖެހޭނެދޯ. ގައިމު މަލަކާ ފާލިހް އާ އެކީ ދިރިއުޅެން އައީ އޭނަގެ ހުރިހާ އެއްޗެއް ދޫކޮށްލާފަ ދޯ. އެވަރު ވިސްނަން ޖެހޭނެއެއްނު.” އަޔާން އެއްޗެހި ގޮވަމުން ދިޔައިރު ފާލިހް އަނގައިންވެސް ނުބުނެ އިނީއެވެ. މާބޮޑު އެއްޗެއް އޭނަގެ ހިތަށް ނާރާ ކަހަލައެވެ.
“މަލަކާ ހިތްހަމަ ނުޖެހިގެން ވާހަކަ ނުދެއްކީމަ އޭގަ ދެން މަ ކީއްތަ ކުރާނީ.” ފާލިހް އަމިއްލަ ދިފާޢުގައި ވާހަކަދައްކަން ފެށިއެވެ.
“ދެން މިއަދު ކޮން ކުއްޖެއް ގޮވައިގެން އެދިޔައީ؟” އަޔާން ކުށްލިއަކަށް މިއަދު މީތަން ދެއްކި ކުއްޖާ މަތިން ހަނދާންވިއެވެ.
“އެ-އެއީ މަ-މަންމަގެ ރައްޓެއްސެއްގެ ދަރިއެއް. ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވީ. ކިންޒާ. ޑޮކްޓަރެއް.” އަޅައިގަންނަވަރުން ފާލިހްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ކިންޒާގެ ވާހަކަ ބުނެފިއްޔާ އަޔާން އަދި ވަކިން ބޮޑަށް އޭނާ ދެކެ ރުޅި އަންނާނެކަން ފާލިހް އަށް އެނގެއެވެ.
“ހާދަ ހާސްވީ؟ ކިންޒާ އަކީ ފާލިހްގެ ކާކު؟” ފާލިހްގެ މޫނުމަތިން ފެނުނު ހާސްކަން އަޔާންއަކަށް ސިއްރެއް ނުވިއެވެ. ހަޤީޤަތުގައިވެސް ފާލިހް ދެކެ އަޔާން ރުޅިއައިސްފި އެވެ.
ފާލިހްގެ ހަމަހިމޭންކަން އަޔާންގެ ސުވާލުގެ ޖަވާބަކަށް ފުދުނު ކަހަލައެވެ.
“މަށަކަށް ނޭނގޭނެ ފާލިހް ދިރިއުޅުން ގެންދަންވީ ގޮތެއް. އެކަމަކު ކުށެއްނެތި މީހަކަށް ދެރައެއްދީފައި އުފަލަކު ނޫޅެވޭނެ.” އަޔާން ފާލިހްއަށް ފުރަގަސްދެމުން ހިނގައިގަތީ ފާލިހްގެ ޖަވާބަކަށްވެސް އިންތިޒާރު ކުރުމެއްނެތިއެވެ. ކުށްވެރިއެއް ފަދައިން ބަސް ހުއްޓިފައި ފާލިހްއަށް އިސްޖަހާލައިގެން ހުރެވުނީއެވެ.
ބަދިގެ ތެރެއިން ދުވަމުން ދިޔަ މީރުވަހުން ކޮޓަރީގައި ވެސް އޮންނަން އުނދަގޫވެގެން އާސިފް ނިކުތެވެ.
“ހާދަ ވަސްގަނޑު ރަނގަޅޭ.” ރޭގަނޑު ކެއުން ތައްޔާރު ކުރަން ހުރި މީތަން އާސިފް ގެ އަޑަށް ފަސްއެނބުރި ބަލާލިއެވެ.
“ޑޭޑް ކާންވީތަ؟ މިހާރު މި ނިމެނީ. ފަސްމިނެޓް.” މީތަން ހިނިތުންވެލަމުން އާސިފްއަށް ބަލާލިއެވެ.
“ހިތަށް އަރާ މަގޭ އަންހެނުން އަތުން މީރު ކާއެއްޗެއް ހަދާލާފަ މަށަށް ކާން ލިބޭނީ ކޮން ދުވަހަކުން ބާއޭ.” ސިޑިން ފައިބައިގެން އަންނަ ނުހާ ފެނުމާއެކު އާސިފް ނުހާއަށް ޖެއްސުންކޮށްލިއެވެ.
“ނުހާ އާދެބަލަ މީތަން ކައިރިއަށް ކައްކަން ދަސްކުރަން.” އާސިފްގެ އެންމެ ބޮޑު މަޤްސަދަކީ މިހާރު ނުހާ އާއި މީތަން އާއި ގުޅުވުމެވެ. ގެޔަކަށް ހަޤީޤީ ހިތްހަމަ ޖެހުން ލިބޭނީ އެތަނެއްގައި ދިރިއުޅޭ އަންހެނުންގެ އެކުވެރިކަމުގެ ސަބަބުންކަން އާސިފް ޤަބޫލުކުރެއެވެ.
“ތެދެއް ނުހާ އާދޭ. ކައްކަން ދަަސްކޮށްދީފާނަން.” އާސިފްގެ މަޤްސަދު މީތަންއަށްވެސް ވިސްނުނު ކަހަލައެވެ.
“އާސިފް. އާދެބަލަ އިހަށް މަށާއެކު.” ނުހާ އާސިފްގެ އަތުގައި ހިފީ މީތަންގެ ކުރިމަތީގައި ހުންނަން ބޭނުންނުވާތީއެވެ. މީތަން އާއި އެއްވެސް ކަހަލަ ގުޅުމެއް ބާއްވަންވެސް ނުހާ ބޭނުމެއްނޫނެވެ. އަދި އެމީހުން ކުރާ ސަމާސާ އެއްގައި ބައިވެރިވާކަށް ނުހާ ބޭނުމެއްނޫނެވެ.
“ހިނގާބަލަ މަށާއެކު ތަނަކަށް ގޮސްލާފައި އަންނަން.” ނުހާ އާސިފްގެ ކަރުގައި އެލިގަތެވެ.
“ދޫންޏާ. މިހުރީ ފެންވެސް ނުވަރައޭ އަދި. އިރުކޮޅަކުން ދާންވީނު.” އާސިފް ލޯތްބާއެކު ނުހާގެ ކޮލުގައި ހިފާލިއެވެ. ނުހާގެ އޯފް ވެފައިވާ މޫނާއި ދިގުވެފައިވާ ތުންގަނޑު އާސިފްއަށް ދައްކާލަމުން ނުހާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
“މިޔޮށް އައީނު އަޔާންވެސް. ދަރިފުޅު ދޭބަލަ ނުހާ ތަނަކަށް ލާދީފަ އަންނަން.” ގޭތެރެއަށް ވަދެގެން އައި އަޔާން ފެނުމާއެކު އާސިފް އެދުނެވެ. ނުހާ ގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެމުންދިޔައިރު މީތަން ގެ ހިތަށް ވެރިވެގެން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ ހިތްދަތި ކަމެކެވެ. އާސިފްގެ ވާހަކައަށް އަޔާން އަށް ބަލާލެވުނީ މީތަންގެ މޫނަށެވެ.
ހިތާއި ދެކޮޅަށް ނަމަވެސް މީތަން ބޯޖަހާލީ ލުއި ލުއި ހިނިތުންވުމަކާ އެކުއެވެ. މީތަންގެ އެފަދަ ކޮންމެ އާދައަކުން އަޔާންގެ ހިތުގައި މީތަންއަށް ދެވިފައިވާ ޤަދަރު މަތިވެގެން ދެއެވެ.
“ލެޓްސް ގޯ.” އަޔާން އައި ކޮޅަށް އެނބުރި ހިނގައިގަތެވެ. ލޮލުގެ ހިމަކޮޅުން މީތަން އާ ދިމާއަށް ބަލާލަމުން ނުހާ އަޔާންގެ ފަހަތުން ހިނގައިގަތެވެ.
އަޔާން. މަޑުކޮށްބަލަ.” ނުހާ ފަހަތުން އައިސް އަޔާންގެ އަތުގައި ހިފިއެވެ. ނުހާގެ ފިނިފިނި އަތްތިލައިގެ ބީހުން އިޙްސާސް ވުމާއެކު އަޔާންއަށް ތެޅިގަނެވުނެވެ.
“ނުހާ. ބީ އިން ޔުއަރ ލިމިޓް. ތީ މަގޭ ޑޭޑްގެ ވައިފް އޭ.” އަޔާން ނުހާގެ އަތް ދުރުކޮށްލިއެވެ.
“އަޅެ ބުނެބަލަ ޑޭޑްގެ ވައިފް ދެކެ ލޯތްބެއް ނުވެޔޭ.” ނުހާ އަޔާންއާ ގާތަށް ޖެހިލިއެވެ. ދެޖީބަށް އަތް ޖަހާލަމުން އަޔާން ބާރުބާރަށް ހިނގައިފައި ގޮސް ސައިކަލަށް އެރިއެވެ.
“ކޮންތާކަށް ދާންވީ.” ނުހާ ސައިކަލް ފަހަތު ސީޓުގައި އިށީނުމުން އަޔާން އަހާލިއެވެ.
“އަޔާން ބޭނުންތާކަށް.” ނުހާ ފުރަގަހުން އަޔާންގެ ގައިގައި ބައްދާލިއެވެ. އައި ރުޅީގައި އަޔާން ސައިކަލުން ފޭބިއެވެ. އަދި ބާރުބާރަށް ހިނގާފައި ގޮސް ގޭތެރެއަށް ވަނެވެ.
“ހާދަ އަވަހަކަށް ތިއައީ.” ގޭތެރެއަށް ވަދެގެން އައި އަޔާން ފެނިފައި ކާމޭޒު ކައިރީގައި ހުރި އާސިފް އަށް ހައިރާންވެފައި އަހާލެވުނެވެ.
“އާން. ނުހާގެ ފްރެންޑް ގުޅާފަ ބުނީ ގޭގައެއް ނޫނޭ. އެހެންވެ ފަހުން ދާނީއޯ ނުހާ ބުނީ.” އަޔާން އެހެން ބުނުމަށްފަހު ސިޑިން މައްޗަށް އަރައިގެން ދިޔައީއެވެ. ދޮރު ކައިރީގައި ހުރި ނުހާއަށް އަޔާން ދިން ޖަވާބު ހަމަ ރަނގަޅަށްވެސް އަޑުއިވުނެވެ. އަޔާން ދެއްކި ވާހަކައާއި ދެބަސްވެވެން ނެތްކަން ނުހާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ.
އަޔާން ކޮޓަރިއަށް ވަން އިރު މީތަން ފެންނާކަށްނެތެވެ.
“މީތަން.” އަޔާން އެތަން މިތަނަށް ނަޒަރު ހިންގަމުން މީތަން އަށް ގޮވާލިއެވެ. ބެލްކަނީގެ ދޮރު ކެހުމާއެކު އަޔާންއަށް ސިހިފައި ބަލާލެވުނެވެ.
“ތިތާގަ އެކަނި. ކީއްތަ ތިކުރަނީ.” އަޔާން ހިނިތުންވެލަމުން އައިސް މީތަންގެ ކުރި މައްޗަށް ހުއްޓުނެވެ.
“މަންމަ ގުޅި. މަލަކާ އެބަހުރި އެގޭގައި. ކީއްވެ އަޔާން ނުބުނީ.” މީތަންގެ ދެލޮލުގައި މުތީ ތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަތައް އެއްވެސް އިހްތިޔާރަކާނުލާ ކޯތާފަތް މައްޗަށް އޮހިގަތެވެ.
“މިއައީ މީތަން ކައިރީގައި އެވާހަކަ ބުނާށޭ. އެކަމަކު އައި ތަނާ އަނެއްކާވެސް ދާން ޖެހުނީމަ ނުބުނެވުނީ.” އަޔާން މީތަންގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ.
“ކީއްވެތަ ފާލިހް އެހެން އެހެދީ.” އަޔާންގެ މޭމަތީގައި މީތަން ބޯއަޅާލިއެވެ.
“ކީކޭ ބުނާނީ. ރަނގަޅަކަށް ނޫން ފާލިހް އެކަންތައް ކުރީ އެއް. އެކަމަކު އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތެއްނު. ފާލިހްގެ އަމިއްލަ ލައިފް. އޭނައަށް ދޯ އެނގޭނީ އޭނަގެ ދިރިއުޅުން ގެންދަންވީ ގޮތް. މަލަކާ އަށް ހިތްވަރު ދިނުން ނޫން ގޮތެއް މިއަދަކު ނެތް.” އަޔާން ހާމަކުރީ ހަޤީޤަތެވެ. އަޔާންވެސް މަލަކާ އަށްޓަކައި އިންތިހާއަށް ދެރަވެއެވެ.
“ދާނީ ދޯ މިރޭ މަލަކާ ކައިރިއަށް.” އަޔާން މީތަންގެ ބުރަކަށީގައި ފިރުމާލިއެވެ.
“އާން. ދާނަން.” ކިންޒާ ވާހަކަ ދެއްކީ ފާލިހްއާއެވެ.
“އެކަމަކު ބިރުވެރިވާން ޖެހޭނެ ފިލްމް.” ފާލިހްއާއެކު ޝްވެކަށް ފިލްމް ބަލަން ދާން ކިންޒާ ތައްޔާރުވަނީއެވެ. ކިންޒާ ދައްކާހާ ތުއި ބެލުން އެއީ މިއަދު ފާާލިހްގެ އުފަލެވެ.
“ބިރުން ގޮސް މޮޔަނުވާތި ޑޮކްޓަރ ސާހިބާ.” ފާލިހް ހީނގަތެވެ.
“ހީވޭތަ އަހަރެން މީ އެހާ ބިރުގަންނަ މީހެއް ހެން.” ކިންޒާ ފާލިހް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“ރިއަލީ. އަޅެ ހިނގާބަލަ ބިރުކުޑަތޯ ބަލާލަން.” ފާލިހް ކިންޒާ އާއި ގާތަށް ޖެހެން ފެށިއެވެ. ކިންޒާ އަށް ފަހަތަށް ޖެހެން ފެށުނީ ބޭއިހްތިޔާރުގައެވެ. އެންމެ ފަހުން ކިންޒާ ގެ ފިޔަވަޅު ހުއްޓާލަން ޖެހުނީ ފާރުގައި ލައްވުމުންނެވެ. ފާލިހްގެ ދެއަތް ކިންޒާ ވަށާލިއެވެ. އެދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނެކަން ގައިމެވެ.
ކިންޒާ އިސްޖަހާލީ ފާލިހްގެ ތޫނު ބެލުންތަކުން ރަކިވެގެންނެވެ. ފާލިހް ކިންޒާގެ ނިއްކުރީގައި ތުންފަތް ޖައްސާލުމާއެކު ކިންޒާ ފާލިހް ގެ ތަނަވަސް މޭތެރޭގައި ބޮޑިވެގަތެވެ.
މަލަކާގެ ހާލަކީތޯއެވެ. ކެއުމެއް ބުއިމެއްނެތެވެ. ކަރުނަ އަކީ މަަލަކާގެ އެންމެ ގާތް އެކުވެރިޔާ ފަދައެވެ. އެދެލޮލުން ކަރުނަ ހިކޭ އިރެއް ނާދެއެވެ. ފާލިހް މަތިން ހަނދާންވާތީ ރުއިން ފިޔަވައި އިތުރު ކަމެއް މަލަކާ ނުކުރެއެވެ.
“ދަރިފުޅާ. ތިހެން އުޅޭކަށް ނުވާނެ. ކެތްކުރަންވާނެ. އަނިޔާވެރިއަކަށްޓަކާ މުޅި މީހާ ހަލާކު ކޮށްލާނެ ކަމެއްނެތް.” މީތަންގެ މަންމަ އާދިސާ މަލަކާގެ ބޮލުގައި ފިރުމަމުން ނަސޭހަތްތެރިވިއެވެ. މިއަދު އާދިސާ ނެތްނަމަ މަލަކާ މިދުނިޔޭގައި ވެސް ނުހުންނާނެ ކަހަލައެވެ. މަލަކާ އެކޭ ދުނިޔެއިން މޮޔަވެފައިވާ މީހެކޭ އެއްފަދައެވެ. މީތަންއަށް އެތަނަށް އާދެވުނު އިރުވެސް މަލަކާއަށް ރޮވެނީއެވެ. މަލަކާ ހުރި ހާލު ފެނިފައި މީތަންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މަލަކާގެ އަނަރޫފަވެފައިވާ ހަށިގަނޑުގައި މީތަން އޮޅުލައިގަތް ގޮތަށް އޭނައަށްވެސް ރޮވުނީއެވެ.
“ދަރިފުޅު ރުއީމަ މަލަކާ އަށް ވާނީ ކިހިނެއް؟ ކޮބާތަ އަޔާން.” އާދިސާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. އަޔާން ބޭރުގައި ހުރި ކަމަށް ހީކޮށެވެ.
“އަޔާން އެބައާދޭ. އޭނަގެ ބައްޕަ މެސެޖްކޮށްފަ އަންނާށޭ ބުނީމަ އެދިޔައީ ވީގޮތެއް ބަލާލަން.” މީތަން އަށް ވާހަކަދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. ހިތަށް ކުރަމުންދިޔަ ފުން އަސަރުތަކުގެ ސަބަބުންނެވެ.
ގޭގެ ދޮރު ހުޅުވާލާފައި ވަން އަޔާންއަށް މަރުޙަބާ ކިއީ ކަނު އަނދިރިކަމެވެ. ވަރަށް ދަންނަ މީރުވަހެއް ނޭފަތުގައި ޖެހުނީ އެވަގުތުއެވެ.
“ޑޭޑް.” އަޔާން އާސިފްއަށް ގޮވާލަމުން ލައިޓް އޮން ކޮށްލުމަށްޓަކާ ސްވިޗް ޖައްސާލިއެވެ. ނަމަވެސް ސްވިޗް މަސައްކަތެއް ނުކުރިއެވެ. އަޔާން ފޯނުގެ ލައިޓް އަޅުވާލަމުން ކުރިއަށް ހިނގައިގަތެވެ. އާސިފްމެން ކޮޓަރި ދޮރު މައްޗަށް ހުއްޓުނުތަނާ ކުއްލިއަކަށް މީހަކު ފަހަތުން އައިސް އަޔާންގެ ބުރަކަށީގައި އަޅާ ކޮޓަރިތެރެއަށް ކޮށްޕާލައިފިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން އަޔާން ނުވެއްޓުނީ ހަމަކިރިޔާއެވެ. ފޯނުގެ ލައިޓް ކުރިމަތީގައި ހުރި މީހާ ގަޔަށް އަލި އަޅުވާލުމާއެކު އަޔާންގެ ގައިން ހީބިހި ނަގައިގަތެވެ.
“ނުހާ.” އަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ނުހާ ބަލާކަށްނުހުރެ އަޔާން އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލިއެވެ. ހަމަ އެސިކުންތުގައި ނުހާ ސިންގާއެއް ފަދައިން އަޔާންގެ ގައިމައްޗަށް ޖެހިގަތެވެ. ނުހާ ގެ ގައިން ދުވަމުން ދިޔަ މީރުވަހުން އަޔާން ގެ ހިތްފުރިގެން ބަންޑުންވާ ކަހަލައެވެ. އަޔާން ގެ ދެއަތް ނުހާ ގެ ހަށިގަނޑުވަށާލާކަށް މާގިނައިރެއް ނުނެގިއެވެ.
އެތަކެއް ދުވަަސްތަކަށްފަހު ނުހާގެ ބީހުންތަކުގެ އިޙްސާސްވުމުން އަޔާންގެ ހިއްސުތައް ހަމައިން ނައްޓާލި ކަހަލައެވެ. ނުހާގެ އަދާތަކުގެ ޖާދޫގައި އަޔާން ހައްޔަރުވެގެން ދިޔައިރު ނުހާ އޮތީ އުފަލުންނެވެ. ނޭނގޭ ހޫނުކަމަކުން އަޔާންގެ ހަށިގަނޑު ފިހެމުންދަނިކޮށް ތެޅިގެންފައި އަޔާންއަށް ދެލޯ ހުޅުވާލެވުނެވެ. އޭރު އަޔާންއަށް އޮވެވުނީ ނުހާގެ ގައިމަތީގައެވެ. އަޔާން އަށް ތެދުވެވުނީ ބޭއިޙްތިޔާރުގައި ދެފަރާތަށް ބޯ ހޫރާލަމުންނެވެ.
“އަޔާން.” ނުހާގެ މަސްތީ އަޑު އަޔާންގެ ކަންފަތުގައި ޖެހުމާއެކު އަޔާންގެ މުޅި ގައިން ހީބިހި ނަގައިގަތް ކަހަލައެވެ. ނުހާ އަތް ދިއްކޮށްލަމުން އަޔާންގެ އަތުގައި ހިފިއެވެ. ނުހާ މަސައްކަތް ކުރަމުން ދިޔައީ އަނެއްކާވެސް އޭނަގެ ބާރުގެ ދަށަށް ގެންދާށެވެ. ނުހާގެ ރީތި އޮމާން ހަށިގަނޑުގެ ޖާދޫގައި އަޔާން ޖައްސާށެވެ.
“ނުހާ. ކިހިނެއްވެގެންތަ ތިއުޅެނީ.” އަޔާން ނުހާގެ އަތު ތެރޭގައި އޮތް އޭނަގެ އަތް ދަމައިގަތެވެ. ނުހާ އަނގަޔަކުން ނުބުނެއެވެ. ކުރިއަށް ޖެހިލާފައި އަޔާންގެ ހޫނު ތުންފަތުގެ ހޫނުކަން އޭނަގެ ތުރުތުރުއަޅަމުންދާ ފިނިފިނި ތުންފަތުގައި ޖައްސާލަމުން އެއްވެސް ފޭރާމެއް ނެތް އޭނާގެ ހަށިގަނޑު އަޔާންގެ ގައިގައި ޖައްސާ ފިއްތާލިއެވެ. އަޔާން އެކޭ ޗާބީ ދީފައިވާ ބުދެކޭ އެއްފަދައެވެ. ނުހާގެ ކޮންމެ އިޝާރާާތަކަށް އޭނާ މަރުޙަބާ ކިޔެއެވެ. ލޯބީގެ އެންމެ މީރު ފޮނިކަން އަޔާން ހޯދަމުން ދިޔައިރު މީތަންގެ މަތިން އޭނާ ހަނދާންވެސް ނެތްކަހަލައެވެ. ނުހާ ހުއްޓާނުލާ އަޔާންގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު އަޔާންއަށް ދުނިޔޭގެ ހޭވެރިކަންވެސް ނެތެވެ.
“އައި ލަވް ޔޫ.” ނުހާ އަޔާންގެ ކަންފަތާއި ކައިރިވެލަމުން ދެލޯ މަރާލިއެވެ.
“މީ ޓޫ.” އަޔާން ނުހާގެ ގައިމަތިން އެނދުގެ އެއްފަރާތަށް ވެއްޓިގަތެވެ. ވެފައިވާ ވަރުބަލިކަމާއި އެކުގައެވެ. އެގޮތަށް އަޔާންއަށް އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.
“ރުޅިއައިއްސަތަ؟” އަޔާންގެ ހަމަހިމޭންކަން ފެނިފައި ނުހާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. އަޔާން އެއްވެސް އެއްޗެއް ނުބުނެ ނިތްކުރިމަތީގައި އަތް ބާއްވާލަމުން ދެލޯ މަރާލިއެވެ. ރުޅި އަންނަންވީ އޭނާ ކޮންކަމަކާ ބާއޭ އަޔާންގެ ހިތަށް އަރަމުންދިޔައެވެ. ވާން ހުރި ހުރިހާ ކަމެއްވެ ނިމިއްޖެއެވެ. މިއަދު އޭނައަކީ ކުއްވެރިއެކެވެ. މީތަންގެއެވެ. އާސިފްގެއެވެ.
އެނދުމަތީގައި އޮތް އަޔާންގެ ފޯނުގެ ރިންގް ގެ އަަޑަށް އަޔާންދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޯނު ނަގާ ސްކްރީނަށް އަރާފައިވާ ނަމަށް އަޔާން ބަލާލިއެވެ. އެޔާއެކު އަޔާންއަށް ދެލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. މީތަންގެ ކޯލްއަށް ޖަވާބުދޭނެހާ ހިތްވަރުވެސް އަޔާންގެ ނެތެވެ. މީތަންގެ އަތުގައި އަތްޖަހާ ވެފައިވާ ވަޢުދުތައް އަޔާން އުވާލީ މަދު ސިކުންތުކޮޅެއް ތެރޭގައެވެ.
“އަޔާން މަޑުކޮށްބަލަ.” އަޔާން ކުށްލިއަކަށް އެނދުން ތެދުވުމުން ނުހާ އަޔާންގެ ފަހަތުން ބައްދައިގަތެވެ.
“ސްޓޭ އަވޭ ފުރޮމް މީ.” އަޔާން ނުހާގެ އަތް ފޮޅުވާލަމުން އެނދާއި ދިމާއަށް ނުހާ ކޮށްޕާލިއެވެ. ވެއްޓިފައި އޮތް އަޔާންގެ ސޯޓް އުނަގަނޑަށް ހެޔޮވަރު ކޮށްލަމުން އަޔާން ކޮޓަރިން ނިކުތީ ފަސްއެނބުރި ނުހާ އާ ދިމާއަށް ބަލާވެސްނުލައެވެ. ސައިކަލަށް އަރާ ސްޓާޓް ކޮށްލި އިރު އަޔާން ހުރީ ފެންކަޅިވެފައެވެ. މީތަންއާ ކުރިމަތިލާނެ ހިތްވަރުވެސް އަޔާންގެ ނެތްކަހަލައެވެ.
“ހާދަ ވަރަކަށް ގުޅައިފީމޭ.” ސައިކަލްގައި އައިސް އަޔާން މަޑުކޮށްލިއިރު މީތަން ހުރީ ގޭގެ ދޮރުމައްޗަށް ނިކުމެއެވެ. އަޔާންއަށް ހުރެވުނީ ކުށްވެރިއެއް ފަދައިން އިސްޖަހައިގެންނެވެ. މީތަންއާ ކުރިމަތިލާނެ ހިތްވަރުވެސް އަޔާންގެ ނެތްކަހަލައެވެ.
“ފޯން އޮތީ ސައިލެންޓްގައޭ. އެހެންވެ ނޭނގުނީ.” އަޔާން ވާހަކަ ދެއްކީ މީތަންގެ މޫނަށް ބަލާވެސްނުލައެވެ.
“އިޓްސް އޯކޭ. އަޔާން. ކަމެއްވެފަތަ ތިހުރީ. އަނެއްކާ ޑޭޑް އެއްޗެކޭ ބުނީތަ؟” އަޔާންގެ އިސްޖެހިފައިވާ މޫނަށް މީތަން ބަލަހައްޓައިގެން ހުރީ ސުވާާލުގެ ނަޒަރަކުންނެވެ.
“ނަތިން. ކޮބާ މަލަކާ؟” އަޔާން ހިނިތުންވެލަމުން މައުލޫއު އޮޅުވާލީ ގަސްތުގައެވެ.
“ވަރަށް ވާހަކަ ދައްކާފަ މިއައީ. މިހާރު އެބައޮތް ނިދިފައި.” މީތަން ސައިކަލްގެ ފަހަތަށް އަރާ އިށީނުމުން އަޔާން ސައިކަލް ދުއްވާލިއެވެ.
ޝްވެކް ސިނަމާއިން ކިންޒާ އާއި ފާލިހް އަތް ގުޅުވާލައިގެން ނިކުމެވުނީ އަޔާން މެންގެ ސައިކަލްގެ ކުރިމައްޗަށެވެ. ހެމުން ސަކަރާތް ޖަހަމުން އެކަކު އަނެކަކާއި ސަމާސާ ކުރަމުން ފާލިހް މެން ނިކުތް މަންޒަރު ހަމަރަނގަޅަށްވެސް އަޔާން މެންނަށް ފެނުނެވެ.
“އަޔާން. ކޮންތާކަށްތަ ތިދަނީ ދެކުދިން.” ފާލިހް ކުޑަކޮށް ސިހުނު ނަމަވެސް އޭނާ ހިނިތުންވެލިއެވެ.
“މިއައީ މަލަކާ ކައިރިން.” ފާލިހްއަށް ޖަވާބުދިނީ މީތަންއެވެ. މީތަންގެ މޫނުމަތިން ފެންނަމުން ދިޔަ ނުރުހުމާއި ރުޅިވެރިކަން ފާލިހްއަށް ހަމަރަނގަޅަށްވެސް ފާހަގަވިއެވެ.
“މީ ކިންޒާ އިނގޭ. މެރީ ކުރަން މިއުޅެނީ ވަރަށް އަވަހަށް.” ފާލިހް އެހެން ބުނެލީ ހިސާބަކަށް ފަސްޖެހިފައި ހުރެއެވެ. ފަހަރުގައި މީތަން ޖެއްސުމުގެ އެއްޗެއް ބުނެފާނެތީއެވެ.
“ކޮންގްރާ ދެކުދިން. ގޮސްލީއޭ.” އަޔާން ހިނިތުންވެލަމުން ސައިކަލް ދުއްވާލިއެވެ.
“އަޅެ މަޑުކޮށްލިނަމަ. ހިތަށް އަރާ ހަމަ ހަޅޭއްލަވައިގަނެފާާނަމޭ ފާލިހް އާ ދިމާއަށް.” މީތަން އަޔާންގެ ބުރަކަށީގައި ވިކައިގަތެވެ.
“ތިހެން ހީވެގެން އަވަހަށް އެތަނުން މިއައީ. މީތަން ކައިރީގައި ބުނީމެއްނު އެއީ ފާލިހްގެ އަމިއްލަ ލައިފް އޭ. އަހަރެމެންނަށް ގޮތެއް ނުކިޔޭނޭ.” އަޔާން އަނެއްކާވެސް މީތަންއަށް ހަނދާންކޮށްދިނެވެ. ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް އަޔާންދެއްކި ވާހަކަ މީތަން ޤަބޫލުކުރިއެވެ.
“މިކަން ރަނގަޅު ގޮތަކަށް ނިމޭނެތަ؟” ޝަރީފާ އާއި ނާސިރާ ވާހަކަ ދައްކަން ތިބީ ޝަރީފާގެ ގޭގެ ގޯތިތެރޭގައެވެ. ޝަރީފާ ވިސްނަމުން އެގެންދަނީ ކިންޒާ އާ ފާލިހް އާާއި މެދުގައެވެ.
“ޔަޤީން ނުވަނީތަ؟” ނާސިރާ ހުުރީ ހިތްހަމަ ނުޖެހިފައެވެ. ޝަރީފާގެ ވާހަކަތަކުން އޭނައަށް އެއްވެސް އިތުބާރެއް ނުކުރާކަހަލައެވެ.
“ރުޅިއައީތަ؟ ޔަޤީން ނުވަނީ އެއްނޫނޭ. އަދި އިތުރަށް ޔަޤީން ކޮށްލަންވެގެން. މީހުން ބުނޭނު ފަންޑިތައިގެ ބާރު ދިޔައީމަ އަނެއްކާވެސް ކަންތައްތައް ބަދަލުވާނެޔޭ. އެހެންވެ އަހާލީ.” ޝަރީފާ ދުފާ ތަބައް ނަަގާ ނާސިރާ އާ ދިމާއަށް ދިއްކޮށްލިއެވެ.
“ތިހެންވެސް ވޭ. އެކަމަކު ދެން މަވެސް ނުކުރާނެ ދޯ ޔަޤީާންކަން ނެތްކަމެއް؟” ނާސިރާ އެއްމިޔަނަކުން ހީލިއެވެ. އެވަގުތަކީ ފާލިހްއާ ކިންޒާވެސް އައިސް ގެޔަށް ވަން ވަގުތެވެ. ޝަރީފާމެންނަށް ބަލާލާފައި ހިނިތުންވެލަމުން ފާލިހްއާ ކިންޒާ ވަނީ އެތެރެއަށެވެ.
“އެއީ ތަ؟” ނާސިރާ ލޮލުގެ ހިމަކަޅިން ކިންޒާ އަށް ބަލާލަމުން އަހާލިއެވެ.
“އާން. ހަމަ ރަންގަނޑެއް؟” ޝަރީފާ ފަޚްރުވެރިކަމާއެކު ބުނެލިއެވެ.
އަތު ކުރީގައި އޮތް ގަޑިއަށް ބަލާލަމުން ނުހާ މޯޅިއަކަށް ދެމިލިއެވެ. ދަންވަރު ދޭއް ޖެހިއިރުވެސް ނުހާއަކަށް ނުނިދުނެވެ. އަޔާން އާއި ވާހަކަ ދައްކާނުލާ އޭނާ އަށް ހިތްހަމަވެސް ނުޖެހެވެނީއެވެ. ނިދާފައި އޮތް އާސިފްއަށް ބަލާލަމުން ނުހާ އެނދުން ތެދުވީ ވަރަށް މަޑުމަޑުންނެވެ. ދެން އޭނައަކަށް ކެތެއް ނުކުރެވޭނެއެވެ. އިރާކޮޅުގެ ހާދިސާއަށްފަހު އަޔާން ހުރީ ނުހާ ދެކެ ވަރަށް ރުޅިއައިސްފައި ކަން ނުހާ އަށް އެނގެއެވެ. އެހެންވެ އަޔާން ހަމައަކަށް އަޅުވަން ނުހާ ބޭނުމެވެ. ސިޑިން މައްޗަށް އަރައިގެން ދިޔަ ނުހާ ދިޔައީ ވަށައިގެން ހޯދަމުންނެވެ. ފަހަރެއްގައި ނީތާ ހޭލާ އުޅެފާނެތީއެވެ. އަޔާންގެ ކޮޓަރީގެ ތަޅުގެ އަތްގަނޑަށް އަނބުރާލުމާއެކު ދާދި ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ދޮރު ހުރީ ތަޅުނުލައެވެ. އޭނާގެ ނަސީބާމެދު ޝުކުރު އަދާާކުރަމުން ނުހާ މަޑުމަޑުން ދޮރު ލައްޕާފައި އެތެރެއަށް ވަނެވެ. ކޮޓަރީގައިވާ ނިދާބޮކީގެ ފަނޑުއަލިން ކޮޓަރިތެރެ ފެންނަމުން ދަނީ ފުދޭވަރަކަށް އަނދިރިކޮށެވެ. މަޑުފިޔަވަޅުތަކެއްގައި ނުހާ ހިނގާފައި ގޮސް ނިދާ އެނދު ކައިިރިއަށް ހުއްޓިލިއެވެ. އަދި ނިދާފައި ތިބި އަޔާންއާ މީތަން އަށް ނަޒަރު ސީދާކޮށްލިއެވެ. މީތަން އޮތީ އަޔާންގެ މޭތެރޭގައި މޫނު ފޮރުވައިގެން ނިދާފައެވެ. އެމަންޒަރު ފެނިފައި ނުހާ އަށް ހިންދިރުވާާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.
ނުހާ އަޔާންގެ ފައިގައި ހިފައި ތަޅުވައިގަތެވެ. ނަމަވެސް އަޔާން އޮތީ ގަދަނިދީގައެވެ. ނުހާ އަނެއްކާާވެސް ކުރިއަށް ޖެހިލާފައި ނިދާާފައި އޮތް އަޔާާންއާ ދިމާއަށް ގުދުވެލިއެވެ. ނުހާގެ ހޫނު ނޭވާތައް މޫނަށް އެޅެމުން ދިޔުމުން އަޔާންއަށް ދެލޯ ހުޅުވާލެވުނެވެ. ލިބުނު ސިހުމުގައި އަޔާން އުޅުނީ ހަޅޭލަވައިގަންނާށެވެ. ނަމަވެސް ނުހާ ހުރީ އެކަމަށް ތައްޔާރުވެގެން ކަހަލައެވެ. ހަމައެވަގުތު އަޔާންގެ އަނގަމަތީގައި ނުހާ އަތް އަޅާލިއެވެ.
“މާ ބާރަށް ހަޅޭލަވަން ތިއުޅެނީ އަމިއްލައަށް ބޭޒާރުވާންތަ؟” ނުހާ ވާހަކަ ދެއްކީ ވައި އަޑުންނެވެ. އައި ރުޅީގައި އަޔާން ނުހާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތެވެ.
“ނުހާ މޮޔަވީތަ؟” އަޔާން ސިޓިންގްރޫމް ސޯފާއާ ދިމާއަށް ނުޙާ ކޮށްޕާލިއެވެ.
“އާން މޮޔަވެއްޖެ ހަމަރަނގަޅަށްވެސް.” ނުހާ އަޔާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ތިކިޔޭ އެއްޗެއް، ކުރެވޭ ކަމެއް އެބަ އެނގޭތަ؟ ހެޔޮނުވާނެ މަށަށް ތަންކޮޅެއް ޕީސްފުލް ކޮށް އުޅުނަ ދީބަލަ” އަޔާންގެ އަޑު ކުރިއަށްވުރެވެސް ބާރުވިއެވެ.
“ކީކޭ އަޔާން ބުނަން ތިއުޅެނީ.” ނުހާ ދެބުމަ ގޮށް ޖަހާލަމުން އަޔާާންއަށް ދެލޯ އަޅާލިއެެވެ.
“މިބުނަން އުޅޭ އެއްޗެއް އިތުރަކަށް ކިޔާ ދޭކަށް ނުޖެހޭ. ނުހާ އަށް އިނގޭނެ.” އަޔާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ.
ދެފަރާާތުގެ އާއިލާގެ ފުރިހަމަ ރުހުމާއެކު ކިންޒާ އާއި ފާލިހްގެ ކައިވެނި ކުރެވުނެވެ. ބޮޑު ޕާޓީއެއް ބާއްވާ ބޭކާރު ހަރަދުކުރާކަށް ކިންޒާ ވެސް އަދި ފާލިހް ވެސް ބޭނުމެއް ނުވިއެވެ. ފާލިހް އެތައް ފަހަރަކު އަޔާންއަށް ގުޅުމުންވެސް އަޔާންގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން ފާލިހް މެސެޖެއްކޮށްލިއެވެ.
“ހަބީ ޖާން. ކީއްވެތަ މާ މޫޑީވެފަ ތިހުންނަނީ.” ކިންޒާ ފާލިހްގެ އަތުގައި ފިރުމާލީ ވަރަށް ލޯބިންނެވެ.
“އަޔާން ނާންނާތީވެ. ހީ އިޒް މައި ބެސްޓްފްރެންޑް. އަބަދުވެސް ކޮންމެ ކަމެއްގަ އެންމެ ކައިރީގައި ހުންނަ މީހާ. އެކަމަކު ގުޅާ ގުޅާ ފޯނެއްވެސް ނުނަގާ.” ފާލިހް ހުރީ އިންތިހާއަށް ދެރަވެފައެވެ.
“ވެދާނެއެއްނު ވީކެންޑް ވީމަ ބިޒީވީ ކަމަށްވެސް. ފަހުން ދިމާވާނެއެއްނު.” ކިންޒާ މަސައްކަތް ކުރީ ފާލިހްގެ ހިތްހަމަޖައްސާލަދޭށެވެ. ގަދަކަމުން ހިނިތުންވެލިޔަސް ފާލިހް އުފަލެއްނުވެއެވެ. އަޔާން އެތަނަށް އަންނަން ބޭނުން ނުވަނީ ކީއްވެކަން ފާލިހްއަށް އެނގެއެވެ. ނަމަވެސް މިއަދު ފާލިހްގެ ދިރިއުޅުމަކީ އޭނަގެ އަމިއްލަ ބާރުގައި އޮތް އެއްޗެއް ނޫނެވެ. މަކަރުވެރި ސިހުރެކެވެ.
“ތިހެން ނުހަދާ ދެން ކާލާ. ދެދުވަސް ވީ އޭ އެއްވެސް އެއްޗެއް ނުކާތާ.” މީތަން އާއި އަޔާން ތިބީ މަލަކާ ކައިރީގައެވެ. މިއަދު މަލަކާއަށް އެމީހުންގެ އަޅާލުން އިންތިހާއަށް ބޭނުމެވެ.
“މަލަކާ. ބޭވަފާތެެރިއަކަށްޓަކާ އަމިއްލަ ލައިފް ހަލާކު ނުކޮށްބަލަ.” މީތަން މަލަކާގެ ބުރަކަށީގައި ފިރުމަންފެށިއެވެ.
“ކީއްވެ؟ ފާލިހް މަށަށް މިހެން ހެދީ ކީއްވެ؟ ކޮބާ އަހަރެންގެ ކުށަކީ؟ ރޮމުން ވާހަކަ ދައްކަންފެށި މަލަކާ ކުއްލިއަކަށް ހޭންފެށިއެވެ.
“ކަލޭ އަހަރެންދެކެ ލޯބިވާނަންތަ؟” މަލަކާ ކައިރީގައި ހުރި ޖޫސްތަށި ނަގާ އަޔާންގެ މޫނަށް ޖެހިއެވެ. މީތަންއާއި އަޔާން ދިޔައީ ސިއްސައިގެންނެވެ. މަލަކާގެ އާދަޔާޚިލާފް ހަަރަކާތްތަކާއި އުޅުމުންނެވެ.
“ޔާ ރައްބީ. އެކުއްޖާ ފަކީރު ދުނިޔެއިން މޮޔަވީ ކަންނޭނގެ.” އާދިސާ ބާރަށް ރޮއެގަތެވެ.
“އަޔާން ދޭބަލަ ޗޭންޖް ކޮށްލާ ފްރެޝް ވެލަން. މަންމަ ހިނގާ މަލަކާ ހޮސްޕިޓަލަށް ގެންދަން.” މީތަން މަލަކާގެ ދެއަތުގައި ބާރަށް ހިފެހެއްޓީ މަލަކާ އަމިއްލަ ހަށިގަނޑަށް އަނިޔާ ދެމުންދާތީއެވެ.
ނުހާ ގޮވައިގެން ރިސޯޓަށް ދިއުމަށް ހުރިހާ ކަމެއް ހަމަޖައްސާފައި އާސިފް ޕާކް ކޮށްފައި އޮތް ކާރާ ދިމާއަށް ހިނގައިގަތީ އުފަލުން ލަވަ ކިޔަމުންނެވެ. އާސިފް އަބަދުވެސް އެންމެ އިސްކަންދެނީ ނުހާގެ އުފަލަށެވެ. އެހާވެސް ނުހާދެކެ އާސިފް ލޯބިވެއެވެ. ދެވަނަ ފަހަރަށް ނުހާ އޭނަގެ ހަޔާތަށް އައުން އެއީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ. މަގު ހުރަސްކޮށްލަން އާސިފް ކުރިއަށް ހިނގައިގަތީ މަގުގެ ދެފަރާާތަށް ރަނގަޅަށް ބެލުމަށްފަހުގައެވެ. ކުއްލިއަކަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއްގައި އާސިފްޖެހި އޭނާ މާދުރަށް ވިއްސައިގެން ގޮސް ވެއްޓުނެވެ. އިސާހިތަކު ލޭގެ ކޯރަކުން އާސިފްގެ ހަށިގަނޑު ވަށާލިއެވެ.
ލެއިން ކަޅިވެފައިވާ އާސިފްގެ ހަށިގަނޑު ފެނުނު މީހަކު ބިރުން ގޮސް ހަލާކުވާވަރުވެއެވެ. ހަޅޭލަވަމުން އެހިސާބުގައި ތިބި މީހުންތައް އެތަނަށް އެއްވިއިރު އާސިފްއާއި އެކްސިޑެންޓްވި ކާރު ލޮލުކޮޅަށް ފެންނަންވެސް ނެތެވެ. އިސާހިތަކު އެމްބިޔުލެންސްގެ ސައިރަންގެ ގަދަ އަޑުފަށްގަނޑާއި އެކު އާސިފް ހޮސްޕިޓަލަށް ގެންދެވުނެވެ.
“އައި އެމް ސޮރީ. މިވަގުތަށް މަލަކާ ބަހައްޓަން ޖެހޭނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި. އިތުރު ޗޮއިސް އެއް ނެތް.” ޑޮކްޓަރ ގެ ވާހަކަ އަޑުއަހަން އިން މީތަން އަށް އިށީނދެގެން އިން ގޮޑިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.
“ވަޓް. ނުވާނެ ތިކަމެއް. މަލަކާއަކީ މޮޔައެއް ނޫނޭ.” މީތަން އަށް ވާހަކަ ދެއްކުނީ ވަރަށް ރުޅިއައިސްފައެވެ.
“މަލަކާއަކީ މިހާރު ބުއްދި ސަލާމަތުން ހުރި ކުއްޖެއްނޫން. ގިނަފަހަރު އެހެންވަނީ ސިކުނޑީގައި އެހުރިހާ ވޭނެއް ތަހައްމަލްކޮށް ވިސްނާނެ ބާރު ނެތީމަ. ބައެއް ފަހަރު އަމިއްލައަށް ހުރެވެސް ރަނގަޅުވޭ. އެކަމަކު މިވަގުތަށް އެންމެ ރަނގަޅު ގޮތް އަޅުގަނޑު މިބުނީ.” ޑޮކްޓަރ މަސައްކަތް ކުރީ ކަމުގެ ސީރިއަސްކަން މީތަންއަށް ވިސްނާދޭށެވެ.
“ޑޮކްޓަރ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ނުލިޔަސް މަލަކާ އަހަރެމެެން ކައިރީގައިވެސް ބެހެއްޓޭނެއެއްނު. އޭރަށް މާބޮޑަށް އަޅާލެވޭނެއެއްނު.” ބުދެއްހެން ގަނޑުވެފައި ހުރި މީތަންގެ އަތުގައި ހިފައި އަޔާން ގޮޑީގައި ބައިންދަމުން ޑޮކްޓަރގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“މިއީ ތި ހީކުރާ ކަހަލަ އާދައިގެ ކަމެއް ނޫނޭ. މިތަނަށް ގެނައި ފަހުންވެސް އަމިއްލަ މޫނުގައި ވަކި އަޅާ ހަށިގަނޑަށް އެތައް ގެއްލުންތަކެއް ދީފި. ކައިރީގައި ތިބި މީހުންނަށްވެސް އަނިޔާ ކުރި. އެހެންވެ މިގޮތަށް މިބުނީ.” ޑޮކްޓަރ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އަޔާންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭނައަށްވެސް އެވާހަކަތައް ކިޔައިދޭން ޑޮކްޓަރއަށްވެސް އުނދަގޫވާ ކަހަލައެވެ. ނަމަވެސް ވާޖިބް އަދާކުރަން ޖެހޭތީ ކިޔައިދެނީއެވެ.
“އަޅެ އަޔާން. ކިހިނެއްތަ އެހެންވާނީ.” ދެލޮލަށް ޖަމާވެ ބޮޑިވެފައި ހުރި ކަރުނަތައް މީތަންއަކަށް މާގިނައިރަކު ނުހިފެހެއްޓުނެވެ. އަޔާންގެ މޭތެރެއަށް ބޮޑިވެގަންނަމުން މީތަން ރޮއެގަތެވެ. ކުރިމަތީގައި ހުރި ޑޮކްޓަރ ދުރަށް މޫނު އަނބުރާލީ ޑޮކްޓަރުންނަކީ ހިތްބަލި ބައެއްކަން ހާމަކުރަން ބޭނުންނުވާތީ ކަހަލައެވެ. މީތަން މޭގައި ލައްކޮށްލައިގެން އަޔާން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
“މި ބޭފުޅާގެ ނެތް އެއްވެސް އެހީތެރިއެއް.” ނުދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު އަޔާން އަޑު އައި ދިމާއަށް ބަލާލިއެވެ. އޭރު ހޮސްޕިޓަލްގެ މަސައްކަތު ދެމީހަކާއި ދެނަރުހުން ލެއިން ތަތް ތެޅިފައިވާ މީހެއް އެނދަކަށް ލައިގެން ދުއްވާފައި ދަނީއެވެ.
“ކިހިނެއްވީ؟” އަޔާން އަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. އެފަދަ ހާލެއްގައި މީހަކު އޮއްވާ ފެނިއްޖެ ކޮންމެ މީހަކަށްވެސް އަހާނުލާ ކެތްނުވާނެކަން ޔަޤީނެވެ.
“އެކްސިޑެންޓެއްވީ. ކޮންމެވެސް މަޝްހޫރު ވިޔަފާރިވެރިއެކޯ. ނަމެއްވެސް ނޭނގެ.” އެތަނުން އެކަކު ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. އަޔާންއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ނުތަނަވަސްކަން ވެރިވެގަތީ ކީއްވެ ކަން ޚުދު އޭނައަށްވެސް ނޭނގުނެވެ.
“އަޔާން. މަލަކާގެ މަންމަމެންނަށް އަންގައިފިންތަ؟” މީތަންގެ ކުރަކިވެފައިވާ އަޑު ނިކުތީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
“އެއްވެސް ނަމްބަރަކަށް ނުގުޅޭ. މަލަކާގެ ފޯނުވެސް ވަރަށް ހާވައިފިން.” މީތަން އާ ވާހަކަ ދެއްކިއިރުވެސް އަޔާންއަށް ހުރެވުނީ ދުރުބަލަހައްޓައިގެން ގެއްލިފައި ކަހަލަ ގޮތަކަށެވެ.
“އަޔާން.” ފަހަތުން ޑޮކްޓަރގެ އަޑު އިވުމާއެކު އަޔާންއާއި މީތަން އަށް ބަލާލެވުނީ އެކު އެކީގައެވެ.
“މަލަކާ ގެންދަން މިހާރު ހުރިހާ ކަމެއް ރެޑީ. ނިދާ އިންޖެކްޝަން ޖަހާ ނިންދަވާލާފަ މިއައީ.” ޑޮކްޓަރ އަޔާންގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ.
“ގުރައިދޫގައި ހުއްޓަސް މަލަކާއަށް ފަރުވާދޭނެ. އަދި އަޔާން މެންނަށް މަލަކާ ކައިރިއަށް ޒިޔާރަތްވެސް ކުރެވޭނެ.” ޑޮކްޓަރ ޔަޤީންކަން ދިނެވެ. އަޔާން އާއި މީތަން ތިބީ ފެންކަޅިވެފައެވެ. ނަމަވެސް ކުރެވޭނެ ކަމެއްނެތެވެ. އަޔާންގެ ހިތުގައި ފާލިހް އާއި ދޭތެރޭގައި ނަފްރަތުގެ އަލިފާން ގަނޑެއް ރޯވެގެންދިޔަ ކަހަލައެވެ. ހިތާ ހިތުން ފާލިހް އަށް ކުދި ކިޔަމުން މަލަކާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި އަޔާން އެތެރެއަށްވަނެވެ.
މަލަކާގެ މައުސޫމް މޫނުފެނިފައި މީތަން އަށް އަނެއްކާވެސް ބާރަށް ރޮއެގަނެވުނެވެ. ދެފަޔަށް ލެވުނު ހާ ބާރެއްލާފައި ގޮސް ނިންދަވާފައި އޮތް މަލަކާގެ ގައިގައި މީތަން އޮޅުލައިގަތެވެ.
އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ މަލަކާއަށް މިއަދު މީތަން އަކީ ކާކު ކަމެއްވެސް ނޭނގެއެވެ. ޚުދު މަލަކާގެ އަމިއްލަ ނަފްސުވެސް މިއަދު އޭނައަށް ބީރައްޓެއްސެވެ.
އިއްޔެއަކާއި ޖެހެންދެން އުފަލުގައި އުދުހެމުން ދިޔަ ކޮކާލެއް ފަދައިން އުޅުނު މަލަކާގެ ދިރިއުޅުން ބަދަލުވެދާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާނެއެވެ.
މަލަކާގެ ހަތަރެސްފައި ކުޑަކޮށް ބަނދެލުމަށްފަހު ހަތަރު މީހުން މަލަކާ އުފުއްލާ އެހެން އެނދަކަށް ބަދަލުކޮށްލިއިރުވެސް މީތަންއާ އަޔާން ތިބީ ޖެހި ބުދެއް ފަދައިންނެވެ.
“އަޔާންމެން ދާން ބޭނުން ވިޔަސް މިވަގުތު މަލަކާ އެކަނި އެހީތެރިންނާއެކު ދިޔަދީ. މިއޮތީ އެތަނަށް ގުޅޭނެ ނަމްބަރު.” އަޔާން މެން ފަސްދީ ދަމުން ޑޮކްޓަރ އަޔާން އަތަށް ދިއްކޮއްލި ކާޑުގައި ހިފަމުން އަޔާން ބޯޖަހާލިއެވެ. މީތަން ހަމައަކަަަށް އަޅުވަން ވެސް ޖެހޭނީ އަޔާން އަށެވެ. އަދި ނޭނގުނު ނަމަވެސް މަތިމައްޗަށް ލިބެން އުޅޭ ހިތާމަތަކާއި ކުރިމަތިލާން ވެސް ޖެހެނީ އަޔާންއަށެވެ.
މަލަކާ އެމްބިޔުލެންސްއަށް އަރުވައިގެން. ލޯމަތިން ގެއްލެންދެން ބަލަން ހުރި މީތަންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދެއެވެ.
“ދެން ހުއްޓާލާ. ގެންދާނަން މަލަކާ ކައިރިއަށް ވަރަށް އަވަހަށް.” އަޔާން މީތަންގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެދޭންފެށިއެވެ.
“އަޔާން.”ކުއްލިއަކަށް ދުވަމުން ކަހަލަ ގޮތަކަށް އައި ނުހާ އަޔާންގެ ގައިގައި ބައްދައިގަންނަމުން އަޑުގެ ނެތްތަނަށް ރޮއެގަތެވެ. ހިފަހައްޓައިގެން ހުރި އަޔާންގެ އަތުން ދޫކޮށްލަމުން މީތަންއަށް ފަހަތަށް ޖެހެވުނެވެ. އަޔާން ހުރީ ހަދާނެ ގޮތް ނޭނގިފައެވެ. ނުހާ އޭނަގެ ގައިގައި އޮޅުލަމުން ދާއިރުވެސް އަޔާންއަށް އެއްފަހަރު ނުހާ އަށް އަނެއްފަހަރު މީތަންގެ މޫނަށް ބަލާލަ ބަލާލަ ހުރެވުނީއެވެ.
“އަޔާން. އާސިފް އެ-އެކް-ސި-” ނުހާއަށް އޭނަ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީސް އަޔާން ނުހާގެ އަތުގައި ހިފާ ދުރުކޮށްލަމުން ނުހާގެ މޫނަށް ދެލޯ ބޮޑުކޮށްފައި ބަލަންފެށިއެވެ.
“ކީކޭ.” މުޅި ދުނިޔެވެސް އޭނަގެ ވަށާ އެނބުރެމުންދާ ހެން އަޔާން އަށް ހީވާކަހަލައެވެ. ކުއްލިއަކަށް އިރުކޮޅެއް ކުރިން ފެނުނު ލެއިން ތަތް ތެޅިފައިވާ މީހާ އަޔާންގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. އަޔާން މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ހޮސްޕިޓަލްގެ އެތެރެއަށް ދުއްވައިގަތެވެ. ނުހާވެސް އަޔާންގެ ފަހަތުން ދުއްވައިގަތް އިރު ތަންކޮޅެއް ދުރުގައި ހުރި މީތަން ހުރީ ބުނާނެ އެއްޗެއް ނޭނގި ބަލަހައްޓައިގެންނެވެ.
އަޔާން އައި ސީ ޔޫގެ ދޮރުމައްޗަށް ހުއްޓުނު ވަގުތު އައި ސީ ޔޫގެ ދޮރުހުޅުވުނެވެ.
“ޑޮކްޓަރ. ކިހިނެއްތޯ އަޅުގަނޑުގެ ޑޭޑް. ދެކިލަން ވަދެވިދާނެތޯ؟” އަޔާން ކުރިއަށް ޖެހި ޑޮކްޓަރ ގެ އަތުގައި ހިފައިގެން ރޯންފެށީ ކުޑަކުއްޖެއް ފަދައިންނެވެ. އެވަގުތު ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޑޮކްޓަރަށް ބަލާލެވުނީ އައި ސީ ޔޫގެ ތެރެއިން ހުދު ފޮތިގަނޑަކުން ނިވާ ކޮށްގެން ބޭރަށް ނެރެމުންދާ އާސިފްގެ ހަށިގަނޑަށެވެ. އަޔާން ބަލާކަށް ނުހުރެ ޑޮކްޓަރގެ އަތުގައި ހިފައި ދަމައިގަންނަމުން އެތެެރެއަށް ވަނެވެ. އަދި ތުރުތުރުއަޅާ އަތަކުން އާސިފްގެ މޫނުމަތީގައި އަޅާފައި އޮތް ފޮތިގަނޑު ހިއްލާލިއެވެ. މީހާގެ ސިފަވެސް ވަކިނުވާ ވަރަށް އާސިފްގެ މޫނު އޮތީ ނޮޅިފައެވެ. ކަނޑާލި ރުއްގުޅިއެއް ފަދައިން އަޔާން ބިންމައްޗަށް ވެއްޓުނެވެ. ކައިރީގައި ތިބި މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސް އަވަހަށް އަޔާން ނަގާ ހުސް އެނދެއްގައި ބާއްވާލުމުން ޑޮކްޓަރ އަޔާންގެ ކައިރިއަށް ދިޔައެވެ.
އާސިފްގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލަމުން ނުހާ އާއި މީތަން އަޑުގެ ނެތްތަނަށް ރޮމުން ދިޔައިރު އެމީހުންނަށް ހިތްވަރުދޭނެ އިތުރު މީހަކު ނެތެވެ. ކޮންފަދަ ހިތްދަތިކަމާއި ވޭނެއްހެއްޔެވެ؟ ޑޮކްޓަރގެ އެންގުމަށް އާސިފްގެ ހަށިގަނޑު އެތަނުން ގެންދިޔައެވެ.
“ނުހާ. ހިތްވަރު ކުރޭ.” މީތަން ނުހާގެ އަތުގައި ހިފާލިއެވެ. ނުހާ މީތަންގެ ގައިގައި އޮޅުލައިގަންނަމުން ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ. މީތަންގެ ހާލުވެސް ހަމައެފަދައެވެ. ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީއެވެ. ގާތް އެކުވެރިޔާ ދުނިޔެއިން މޮޔަވިއިރު ލޯބިވާ ބައްޕަ އަބަދުގެ އަބަދަށް ގެއްލުނީއެވެ.
އިސާހިތަކު އާސިފްގެ ޚަބަރު ވައިގައި ހިފާލިއެވެ. ޓީވީ އާއި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ވެސް އާސިފްގެ މަރުގެ ވާހަކައެވެ. އާސިފްއަކީ މަޝްހޫރު މުއްސަނދި ވިޔަފާރިވެރިއަކަށް ވުމުން އެކި ކަންކޮޅުތަކުން އެތައް ހާސްމީހުންނެއް އާާސިފްގެ މޫނު ދެކިލަން އަންނަމުން ދިޔައެވެ.
އަޔާންގެ ހާލަކީތޯއެވެ. އެއްވެސް މީހަކާއި އަނގަޔަކުން ނުބުނެއެވެ. އޭނައާއި އެންމެ ގާާތުގައި ފާލިހް އިށީނދެލައިގެން އިނެވެ. އާސިފް ނިޔާވި ޚަބަރު ލިބުނު ވަގުތުން ފެށިގެން ފާލިހް އަޔާންގެ ހިތާމައިގައި އެންމެ ފުރިހަމައަށް ބައިވެރިވާން ބޭނުންވީއެވެ. މަލަކާގެ ކަންތައްތަކާއި އަޔާން ހިތްހަމަ ނުޖެހިފައި ހުރިކަންވެސް އެނގިހުރެމެއެވެ.
ބޯވަމުން ދިޔަ ކަޅުވިލާތައް މިއަދުގެ ހާލަތާއި ގުޅިފަވާ ކަހަލައެވެ. މުޅި ދުނިޔެ އަނދިރިކަމުގެ ސާލަކުން އޮޅާލައިފައިވާ އިރު އަޔާންގެ އަނދިރިވެފައިވާ ހަޔާތުގެ ހިތާމަތަކުގައި ބައިވެރިވާ ކަހަލައެވެ.
“ދަރިފުޅާ. މަރު އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. ރޮއެ ކަރުނަ އޮހޮރުވުމަށްވުރެ ބައްޕައަށްޓަކާ ހެޔޮ ދުޢާ ކުރުން އެންމެ ރަނގަޅީ.” މީތަންގެ މަންމަ އަޔާންގެ ބޮލުގައި ފިރުމާލިއެވެ. އާސިފްގެ ކަށުކަމާ ކެމީގެ ކަންތައް ނިންމުމަށްފަހު ހުރިހާ އެންމެންވެސް އަޔާން ހަމައަކަށް އެޅުވުމަށްޓަކާ އެގެޔަށް އައީއެވެ.
އާދިސާ ނަސޭޙަތްދޭން ފެށުމުން އަޔާންއަށް އަދި މާބޮޑަށް ރޮވެން ފެށުނެވެ. އެ މަންޒަރު ބަލަން ހުރި ނުހާ މޫނު ކުނިކޮށްލީ އެއްވެސް މީހެއްގެ ސަމާލުކަމެއް އޭނައަށް ނުލިބުނީމައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އާސިފްއަކީ ނުހާގެ ފިރިމީހާއަށް ވީނަމަވެސް ނުހާގެ މޫނުމަތިން ދެރަވުމުގެ އެއްވެސް އަސަރެއް މިހާރަކު ފެންނާކަށްނެތެވެ. ގަދަކަމުން ރޯން އުޅެ އުޅެވެސް ނުހާ އަށް ނުރޮވުނީ ކަންވެސް ނޭނގެއެވެ. މީހުންގެ ސަމާލުކަން ހޯދުމަށްޓަކާ ނުހާ ކުއްލިއަކަށް ދުވެފައި ސިޑިން މައްޗަށް އަރައިގެންދިޔައެވެ.
“ދަރިފުޅާ މީތަން. ދޭބަލަ ނުހާ ކައިރިއަށް.” އާދިސާ ހުއްޓާނުލާ އަދިވެސް އަޔާންގެ ބުރަކަށީގައި ފިރުމަމުންދިޔައެވެ.
މީތަން ބޯޖަހާލަމުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ.
“އަޔާން. ހިތްވަރު ކުރަން ވާނެ. މީ ކެތްތެރިވާންވީ ވަގުތު.” ފާލިހް އަޔާން އިށީނދެގެން އިން ސޯފާގައި އަޔާން އާ ޖެހިގެން އިށީނދެލިއެވެ.
“މީ ކަލޭގެ ކަންތަކޭ. މިގެޔަށް އައުމާއެކު މުޅި ގެ ފަޅުވަނީ.” ނުހާގެ އަޑަށް މީތަން ދިޔައީ ސިއްސައިގެންނެވެ. އޭރު މީތަން ނުހާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަނީއެވެ. ނުހާގެ ބޮޑުވެފައިވާ ދެލޮލުން އަލިފާން ކަނި ބުރަމުންދާ ކަހަލައެވެ. އެ އަލިފާނުން ފިހިދާނެތީ މީތަން ހުރީ އިސްޖަހައިގެންނެވެ.
“އެއްޗެކޭ ނުބުނެ ހުންނާނެ ކަމެއްނެތް ދެނެއް. ދެން ނޭނގެ އަޔާން ކަމެއް-” ނުހާގެ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ މީތަންގެ ފުރަގަހުފައި ހުރި އާދިސާ ފެނުމުންނެވެ.
“ދަރިފުޅާ. އަޔާން އަށް ބަލައްޗޭ. މަންމަ ދެން ގޮސްލަނީ. މިހާރު އިރުވެސް އޮއްސެނީ.” އާދިސާ މީތަންއާ ވާހަކަ ދައްކަމުން ދިޔައިރު ނުހާ ހުރީ އައި ރުޅިން ދަތްކުޑިވިކިފައެވެ. ނުހާގެ ހިތް ބުނާ ކަހަލައެވެ. އަޔާން އަށް ބަލާކަށް މީތަން އަކާ ނުޖެހޭނެއެވެ. އަޔާން އަކީ ހަމައެކަނި ނުހާގެ މީހެކެވެ.
އާދިސާ އާއެކު މީތަން އެކޮޓަރިން ނިކުތީ ނުހާ ކައިރީގައި ދެން އިތުރަށް މަޑުކޮށްގެން ވާާނެ ފައިދާއެއް ނެތީމައެވެ. އާދިސާ އާއި މީތަން ނިކުތުމުން ނުހާ ކޮޓަރީގެ ދޮރު ބަންލާފައި ޖެހިއެވެ.
އެންމެން ދިޔުމުން މީތަން އަޔާން ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
“ދޭބަލަ ފެންވަރާލަން.” މީތަން އަޔާންގެ ގަމީހުގެ ގޮށްތައް ނައްޓަން ފެއްޓިއެވެ. ނަމަވެސް އަޔާން ޖެހިލީ މީތަން އާ ދުރަށެވެ. އިސްޖަހައިގެން ހުރެ މަޑުމަޑުން ހިނގާފައި ގޮސް އަޔާން އެނދުމައްޗަށް ވެއްޓިގަތް އިރުވެސް މީތަން ހުރީ ބަލާށެވެ. އަޔާންގެ ހިތްވަރު އެލިފައި ހުރި ވަރު މީތަންއަށްވެސް އިޙްސާސް ކުރެވެއެވެ. އެހެންވެ އަޔާން ކައިރީގައި އެއްވެސް ކަމެއް ގިނަ ފަހަރު ބުނުން ރަނގަޅު ނޫންކަމުގައި މީތަންގެ ހިތް ވިސްނައިދެމުން ދިޔައެވެ. ކުޑަ އިރުކޮޅަކު އަޔާންއަށް ބަލަން އިނުމަށްފަހު މީތަން ވެސް އެނދުގެ އެއްފަރާތުގައި އޮށޯވެލިއެވެ.
އިރު އުދަރެހުން ފެން މައްޗަށް ހިއްލާލީ އާދުވަހަކަށް މަރުޙަބާ ކިޔަމުންނެވެ. ބައެއް މީހުންނަށް އުފަލެވެ. އަނެއް ބަޔަކަށް ހިތާމައެވެ.
“ބޭބީ. ތެދުވެބަލަ. އޮފީހަށް ދާން.” ކިންޒާ ފާލިހްގެ ގައި މަތީގައި ރުލެއްނެތި އޮށޯވެލިއެވެ.
ނިދާފައި އޮތް ފާލިހްއަށް ދެލޯ ހުޅުވާލެވުނީ ނޭވާ ވެސް ނުލެވިގެންނެވެ. އެކަމަކު ކިންޒާގެ އެ ސަމާސާ ފާލިހް އަށް ވަރަށް ކަމުދިޔައެވެ.
“އޯ ސިންޓެކްސް ކަޅު ހަމެއް. ނޭވާ ވެސް ނުލެވޭ.” ތުންފަތުގައި ކުޅެލި ފަނޑު ހިނިތުންވުމާއެކު ފާލިހް ކިންޒާ ރުޅި އަރުވާލިއެވެ.
“އެހެންތަ ވަނީ. ހުރެބަލަ ދައްކާލާނަން ސިންޓެކްސް ކަޅު ހަމެއްކަން މީ އަދި.” ކިންޒާ ކުޑަކޮށް ތެދުވެލާފައި އަނެއްކާވެސް ފާލިހްގެ ގައިމައްޗަށް ވެއްޓިގަތެވެ. ފާލިހްއަށް ހީގަނެވުނީ ބޭއިޚްތިޔާރުގައެވެ.
“ދެން ވެސް ތެދުވެބަލަ. މިއަދު އަޔާން ނުދާނެއެއްނު އޮފީހަކަށް. ދެން ފާލިހް އެއްނު ހުންނާނީ. ފާލިހް އަޔާން އާ އޭނަގެ ވައިފް ގެނެސްބަލަ މިގެޔަށް. ކީއްވެތަ ނާންނަނީ.” ކިންޒާ އެނދުން ތެދުވަމުން ފާލިހްއަށް ބަލާލިއެވެ.
“އަދި އަންނާނެއޭ. އަޔާން ހަމައަކަށް އެޅުނީމަ.” ފާލިހް ހިނިތުންވެލިއެވެ. އެއީ ބައެއް ފަހަރު އޭނަގެ ހިތުގައިވެސް އުފެދޭ ސުވާލެކެވެ. ކުރިން އޮތް ގާތްކަން މިހާރު އަޔާން ނުބާއްވާކަންވެސް ފާލިހް އަށް އިޙްސާސްވެއެވެ. އަޔާން ކުރިއެކޭ އެއްގޮތަށް އަނެއްކާވެސް ފާލިހްއާ ގާތްކަން ބާއްވަފާނެބާއޭ ފާލިހްގެ ހިތް އަބަދު ސުވާލުކުރެއެެވެ. ނަމަވެސް އެއްވެސް ސުވާލެއް އަޔާން އާ ކުރާކަށް ފާލިހްއަކަށް ނުކެރެއެވެ.
“ދަރިފުޅާ. މަންމަގެ ދެލޯފަދަ ލޯބިވާ އަޔާން. ހިތާމަތަކާއި ކުރިމަތިލާބަލަ. ތީ އެހާ ހިތްވަރުގަދަ ކުއްޖެއްނު.” ނިދިފައި އޮތް އަޔާން އަށް ހޭލެވުނީ ސިއްސައިގެން ގޮސްގެންނެވެ. އަޔާންގެ މަންމަ ދާތި ގާތުގައި ހުރި ކަމުގެ އިޙްސާސް ކުރެވިގެންނެވެ. މަންމަގެ ލޯބިވެތި ބަސްތައް ސިކުނޑީގައި އަދިވެސް ތަކުރާރުވޭވެ ހުއްޓެވެ.
މީތަން އަށް އައިސް ކޮޓަރިއަށް ވަދެވުނީވެސް އަޔާން އެގޮތައް އޮއްވައެވެ.
“ކިހިނެއްވީ އަޔާން.؟” އަޔާންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން މީތަންވެސް ހާސްކޮށްލައިފިއެވެ.
“ކަމެއް ނުވޭ.” އާސިފް ނިޔާވުމަށްފަހު އަޔާންގެ އަނގައިން ބަހެއް އެނިކުތީ އަދި އަލަށެވެ.
“މަގޭ ލާ އެއްޗެހި ރެޑީ ކޮށްބަލަ އޮފީހަށް ދާން.” މީތަން އިތުރު އެއްޗެއް އަހާނެ ފުރުސަތެއް ނުދީ އަޔާން ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. މީތަން އަޔާން އާ ދިމާއަށް ބަލަން ހުރީ އުފަލުންނެވެ. އަޔާންގެ ހިތްވަރުގަދަކަން ފެނިފައެވެ. ހެއްދެވި ފަރާތަށް ޝުކުރު ކުރަމުން މީތަން އަޔާންގެ ގަމީސް ނަގައިގެން އިސްތިރިކުރަން ފެށިއެވެ.
ކިތަންމެ ހިތްވަރެއް ދެއްކި ކަމުގައި ވިޔަސް އަޔާންގެ ހިތް އަދިވެސް ރޮނީއެވެ. ހިތުގައި އެތައް ހާސް ވޭންތަކެއް އަޅަމުންދެއެވެ. މުޅި ގޭތެރޭގައި ވަނީ އާސިފްގެ ހަނދާންތަކެވެ. ބަލާލި ކޮންމެ ދިމާއަކުން އަޔާންގެ ލޮލަށް އޭނަގެ ބައްޕަގެ ފޮނި ހަނދާންތައް ސިފަވެއެވެ. ނަމަވެސް އަޔާންގެ މަންމަ ދިން ނަސޭޙަތްތައްވެސް ވަނީ އަޔާންގެ ހިތުގައި ބިންވަޅު ނެގިފައެވެ.
“ނީތާ. ކޮބާ ނުހާ.؟” އަޔާން އަށް ޖޫސް އަޅައިދެމުން މީތަން ނީތާއަށް ބަލާލިއެވެ.
“ނުނިކުމޭ ރޫމްއަކުން.” ނީތާގެ ޖަވާބުން އަޔާން އަށް ހިންދިރުވާލެވުނެވެ. ނުހާގެ ހާލުވެސް ބަލަން އަޔާން ހަނދާން ނެތިފައިވާ ކަހަލައެވެ.
“ގޮސް ގޮވާބަލަ ސައިބޯން.” މިފަހަރު ނީތާ އާ ވާހަކަ ދެއްކީ ސީދާ އަޔާން އެވެ. ހިތުގައި ކޫރުމެއް އެޅުނު ކަމުގައިވިޔަސް މީތަން އަޔާން އަށް ހިނިތުންވެލިއެވެ.
އަޔާން ކަމުން ގެންދިޔައީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
އިރުއިރުކޮޅާއި ސިޑިއާ ދިމާއަށް އަޔާން އަށް ބަލާލެވެއެވެ.
“ނުހުޅުވި ދޮރެއް.” ސިޑިން ފައިބައިގެން އައި ނީތާ ނުހާގެ ޚަބަރެއް ނުވި ވާހަކަ ބުނުމުން އަޔާން ކާން އިން ސޭންޑްވިޗް ބޭއްވުމަށްފަހު ޖޫސްތަށި އެއް ނޭވާއިން ދަމާ ހުސްކޮށްލިއެވެ. އަދި އަވަސް އަވަހަށް ސިޑިއާ ދިމާއަށް ހިނގައިގަތެވެ.
އަޔާންއަށް މާގިނަ ފަހަރަކު ދޮރުގައި ޖަހާކަށް ނުޖެހުނެވެ. ނުހާގެ ނަމުން ގޮވާލުމާއެކު ނުހާ ދޮރު ހުޅުވައިފިއެވެ.
އެވަގުތު އަޔާންގެ ނޭފަތުގައި ޖެހުނު ވަހުން އަޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ނުހާ.” އަޔާންގެ ބާރު އަޑާއެކު ހޫނު އެތިފަހަރެއް ނުހާގެ ކަންފަތް މައްޗަށް އަރުވާލިއެވެ. އެކަމަކު ނުހާގެ މާބޮޑު ސަމާލުކަމެއްނެތެވެ. ރަލުގެ މަސްތުކަން މަތީގައި ހުރި ނުހާ އަށް އުޅުނީ ރަނގަޅަށް ކޮޅަށްވެސް ނުހުރެވިގެންނެވެ.
“އަދި ވެސް ޖަހާބަލަ. ޖަހަން ނަމަވެސް މަގޭ ގައިގައި އަދި އެއްފަހަރު އަތް ޖައްސާލަބަލަ.” ނުހާ އަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. އަޔާން ފަސްއެނބުރި ބަލާލީ ފިޔަވަޅެއްގެ އަޑު އިވިގެންނެވެ. އޭރު ކޮޓަރީގެ ދޮރު މަތީގައި މީތަން ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.
“ފަސް ޖެހޭނެ ކަމެއްނެތް. އަދި އެއްފަހަރު.” ނުހާ އަޔާންގެ ކަރުގައި އެލި ގަންނަމުން ބިންމައްޗަށް ވެއްޓިގަތެވެ. އަޔާން އަށް ބަލާލެވުނީ މީތަންގެ މޫނަށެވެ.
މީތަން ވަގުތުން އިސްޖަހާލީ އެމަންޒަރު ބަލަން ހިތަށް ތަދުވާތީއެވެ. ވެއްޓިފައި އޮތް ނުހާ ނަގާ އެނދުމަތީ ބާއްވާލަމުން އަޔާން ނުހާގެ ގައިގައި ރަޖާ އަޅާލަދިނެވެ.
“އޮފީހަށް ގޮސްފައި ޑޮކްޓަރެއް ފޮނުވާނަން.” އަޔާން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
“އަޔާން.” މީތަން އަޔާން އަށް ގޮވި ނަމަވެސް އަޔާން ފަސް އެނބުރި ބަލާވެސް ނުލިއެވެ. މީތަންގެ ހިތުގައި ޖެހުނު ނަމަވެސް އޭނަ އެކަން މާބޮޑު ކަމަކަށް ނުހެދިއެވެ.
“ކޮންގްރާ.” ކުރިމަތީގައި މާޔޫސްވެފައި އިން އަންހެންކުއްޖާގެ މާޔޫސްކަން ފިލާނެ ކަހަލަ ޚަބަރެއް ކިންޒާ ދިނެވެ. ނަމަވެސް ކިންޒާ ދިއްކޮށްލި ރިޕޯޓްގައި ހިފިއިރު އެ އަންހެންކުއްޖާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
“ކިހިނެއްވީ؟ ހެޕީ އެއް ނޫންތަ؟” ކިންޒާ ހުރީ ހައިރާންވެފައެވެ. ކޮންމެ އަންހެން ކުއްޖެއްވެސް އެންމެ އުފާވާނީ ބަނޑު ބޮޑުވާކަން އެނގޭ ދުވަހުއެވެ. އެ ތަފާތު އިޙްސާސްތައް ކުރެވޭ ދުވަހުއެވެ.
“ކިތައް މަސް.؟” ކަރުނުން ބަރުވެފައިވާ ދެލޮލުން އެ އަންހެން ކުއްޖާ ކިންޒާ އަށް ބަލާލަމުން އިންތަނުން ތެދުވިއެވެ.
“ޓޫ ޕްލަަސް.” ކިންޒާގެ ޖަވާބު ލިބުމާއެކު އެ އަންހެންކުއްޖާ ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ކިންޒާ ގޮވަ ގޮވާ އޮއްވައެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ކިންޒާ ދެފަރާތަކަށް ބޯހޫރާލެވުނެވެ. އެވަގުތު އިތުރު ބަލިމީހެއް ވަނުމުން ކިންޒާ ހިނިތުންވެލިއެވެ.
އޮފީހަށް ވަދެގެން އައި އަޔާން ފެނުމާއެކު އެންމެންގެ ލޯތައް އަޔާންއަށް ހުއްޓުނެވެ. އަޔާންގެ ހިތްވަރުގަދަ ކަމަށްޓަކާ އެންމެން ސާބަސް ދޭ ކަހަލައެވެ.
ކެބިން އަށް ވަދެވުމަށްފަހު އަޔާން އެތަނުގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. އެވަގުތަކީ ފާލިހް ވެސް ކެބިންގެ ދޮރު ހުޅުވާލާފައި އައިސް ވަން ވަގުތެވެ.
“އަޔާން.” ފާލިހް ހިނިތުންވެލަމުން އަޔާންގެ ކުރިމަތީގައި ހުއްޓުނެވެ.
އަޔާން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އަޔާން އިތުރު ވާހަކައެއް ނުދެއްކުމުން ފާލިހް އަކަށްވެސް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.
“މަސްތުވާ ކަހަލަ އެއްޗެއް ބޭނުން ކުރުމުން މިހެން މިވީ. ހޭލީމަ ރަނގަޅުވާނެ. އިތުރުކަމެއް އުޅެންޏާ ގުޅާލާ.” ޑޮކްޓަރ ނިދިފައި އޮތް ނުހާ އަަށް ބަލާލަމުން އަތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ. މީތަން ޝުކުރު އަދާ ކުރަމުން ޑޮކްޓަރ އަށް ހިނިތުންވެލިއެވެ. އަދި ލޮލުގެ އިޝާރާތުން ނީތާއަށް ޑޮކްޓަރ އާ އެކީ ދޮރާއި ހަމައަށް ގޮސްދިނުމަށް އަންގާލިއެވެ.
ދުވަސްތައް މާޒީ ވަމުން ގޮސް އާސިފް ނިޔާވިތާ ދެމަސް ދުވަސް ވިއިރު އަޔާން އާއި ނުހާ ތިބީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.
ހަލަބޮލި ހިތްފަސޭހަ ހަވީރެކެވެ. އޮފީސް ނިންމާފައި އަޔާން ނިކުތީ މީތަން އަށް ދޭން މާބޮޑިއެއް ގަތުމުގެ ނިޔަތުގައެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި މީތަން އަށް އެއްވެސް އަޅާލުމެއް، ސަމާލުކަމެއް ނުދެވޭތީ އާވެސް އެކުގައެވެ.
“އަޔާން.” ކުއްލިއަކަށް ނުހާގެ އަޑު އިވުމުން އަޔާން ފަހަތަށް އެނބުރި ބަލާލެވުނެވެ.
އާސިފް ނިޔާވުމަށްފަހު ނުހާ އާ ވެސް ބަހައްޓަންޖެހޭ ދުރުމިން އަޔާން އަށް ވިސްނުނު ކަހަލައެވެ. ނަމަވެސް ހިތުގައި އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ.
“ކީކޭ.” އަޔާން ހިނިތުންވެލިއެވެ.
“މަށާ އިނދެފާނަންތަ؟” ނުހާ ބުނެ ދޫކޮށްލި ޖުމްލަ އަޔާންގެ މުޅި މީހާ ތުރުތުރު އަޅުވާލި ކަހަލައެވެ.
“ވަޓް. ތިކިޔޭ އެއްޗެއް އެބަ އިނގޭތަ؟” އަޔާން ނުހާގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
“އާން. މި ކިޔޭ އެއްޗެއް އެބަ އިނގޭ. މި ރިޕޯޓް ކިޔާ އެއްޗެއް ބަލާބަލަ ފުރަތަމަ އަޔާން.” އަޔާންގެ އަތު ތެރެއިން އަތް ދަމައިގަންނަމުން ނުހާ އަޔާންގެ މޫނުމައްޗަށް އޮޅާލާފައި އޮތް ރިޕޯޓް ނަގާ ޖެހިއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އަޔާން އެ ރިޕޯޓް ނަގާ ނިއުޅުވާލިއެވެ.
“ވަޓް. އާ ޔޫ ޕްރެގްނެންޓް؟ ޑޭޑް އަށް ތަ؟” ނިއްކުރި އެރި ކުދި ރޫ ތަކާއެކު އަޔާން ނުހާ އަށް ބަލާލިއެވެ.
“ލަދެއް ނުގަނޭތަ ތި ސުވާލު މަށާ ކުރާކަށް؟” ނުހާ އަޔާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފީ ރުޅިއައިސްފައެވެ. ބޮޑު ވެފައިވާ ނުހާ ގެ ދެލޮލުން އަލިފާންކަނި ބުރަމުން ދާއިރު އަޔާން ގެ ސިކުނޑި ބުމަރެއްހެން އެނބުރެނީއެވެ.
“ތިބުނީ ތީ އެއްކަލަ ދުވަހު؟” އަޔާންއަށް ވާހަކަ ދެއްކުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
“އާން. ތި ހީވީ ހަމަރަނގަޅަށް.” ނުހާ އަޑަށް ބާރު ލަމުން އަޔާން އާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ކަލޭތީ ހާދަ ނުބައި އަންހެނެކޭ ދޯ. ހީވީތަ މިފަހަރު ތި ކެހިވެރިކަމުގެ ދަލުގައި ޖެހޭނެހެން. ތި މަގޭ ދަރިއަކަށް ނުވާނެ. އެނގިއްޖެތަ؟” އަޔާން ފުރަތަމަ ފަހަރަށް ނުހާ އާ ދިމާއަށް ހަޅޭއް ލަވައިގަތުމުން ނުހާ އަށް ފަހަތަށް ޖެހެވުނެވެ. އިތުރަށް އަމިއްލަ ދިފާއުގައި އެއްވެސް އެއްޗެއް ބުނަން އަނގަ ހުޅުވާކަށްވެސް ނުހާއަކަށް ނުކެރުނެވެ.
“ތިއުޅެނީ މީތަން އާއި މަގޭ ލައިފް ހަލާކު ކުރަން ކަމަށް ވަންޏާ ތި ޚިޔާލު ހިތުން ފޮހެލާ. ފަހުންވެސް ތިކަމެއް ނުވާނެ. ނުހާގެ ލޯބި ހިތުގައި ބާއްވައިގެން އުޅެން މަށަށް ދަސްވެއްޖެ. އަދި މީތަންގެ މާތް ސިފަތަކުން ތި ނުހާ ގެ ލޯބި މަގޭ ހިތުން އެއްކޮށް ފޮހެވިގެންދާނެ.” އަޔާން ގެ ރުޅިވެރި ބަސްތަކުގެ ކުރިމަތީގައި ނުހާއަށް ޖެހުނީ އިސްޖަހައިގެން ހުންނާށެވެ.
“އެދުވަހު ވީކަމެއްވީ ކަލޭގެ މަކަރުވެރި ރޭވުމުން. ތިކަމުގެ ޒިންމާ އަމިއްލައަށް ނަގާ.” ސައިކަލަށް އަރާ ދުއްވާލަމުން އަޔާން ނުހާގެ އިސްޖެހިފައިވާ މޫނަށް ބަލާލީ ނުރުހުންވެފައެވެ. އަޔާން ލޯމައްޗަށް ގެއްލެންދެން ނުހާއަށް ހުރެވުނީއެވެ. ދުވަހަކުވެސް އަޔާން އެގޮތަަށް ވާހަކަ ދައްކަފާާނެ ކަމަކަށް ނުހާ ހީނުކުރެއެވެ. އަޔާންއަށް ނުހާގެ ފަރާތުން އެތަކެއް ހިތާމަތަކެއް ލިބުނުއިރުވެސް އަޔާން ނުހާއަށް އެއްވެސް ޝަކުވާއެއް ރުޅިވެރިކަމެއް ދައްކާފައި ނުވާތީ ކަން ނޭނގެއެވެ. ލިބުނު މާޔޫސް ކަމުގައި ނުހާ ހިނގައިގަތެވެ.
އުދަރެހުގައި ފަވާ ލެވިފައިވާ ރަތްވިލާތައް ހެކިދެނީ އިރުއޮއްސެން އުޅޭ ކަމެވެ. އޮފީހުން އައި ގޮތަށް އެއްޗެހިވެސް ބަދަލު ނުކޮށް ކިންޒާ އެނދުމަތީގައި އޮތީ މިއަދު ދިމާވި އާދަޔާޚިލާފް އަންހެން ކުއްޖާއާ ދޭތެރޭ ވިސްނާށެވެ. އެ ނުދަންނަ އަންހެން ކުއްޖާގެ ފުން ދެލޮލުގެ ތެރެއިން ފެންނަމުން ދާ ހިތްދަތިކަމާއި ވޭން ކިންޒާ ގެ ހިތުގެ އެންމެ ހިމަނާރުތަކާއިވެސް ކުޅެލާފައިވާ ކަހަލައެވެ.
“ދަރިފުޅު ބަލީތަ؟” ޝަރީފާ ޖޫސް ތައްޓެއް ހިފައިގެން ކޮޓަރިއަށް ވަން އަޑަށް ކިންޒާ އިސް އުފުލާ ބަލާލިއެވެ.
“ބަލީކީ ނޫން. ހަމަ އޮތީ.” އެނދުމަތިން ތެދުވަމުން ކިންޒާ ބާލީސް ނަގާ އެނދުގެ ބޯލާ ކޮޅުގައި ލައްކޮށްލިއެވެ. އަދި ދެފައި ދަމާލަމުން ބާލީހުގައި ބުރަކަށި ޖައްސާލިއެވެ.
“ކޮބާތަ ފާލިހް.” ޝަރީފާ ޖޫސްތަށި ކިންޒާ އަތަށް ދިއްކޮށްލިއެވެ. އަދި ކޮޓަރީގެ އެތައް މިތަނަށް ނަޒަރު ހިންގާލިއެވެ.
“އޭނަ ގޮއްސި އަޔާން އާ ބައްދަލުކޮށްލަން. މަންމަ ކަމެއް ބޭނުންވީތަ؟” ޝަރީފާ ދިއްކޮށްލި ޖޫސްތަށީގައި ހިފަމުން ކިންޒާ ހިނިތުންވެލިއެވެ.
“ވަކި އެހެނެއް ނޫން. ފެންނަން ނެތީމަ އަހާލީ.” ކިންޒާ ޖޫސް ބޮއެފައި ހުރި ހުސްތަށި ހިފައިގެން ޝަރީފާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
ނުހާ ދެއްކި ވާހަކައާ ދޭތެރޭގައި ވިސްނަމުން ގެޔަށް ވަން އަޔާން އާއި ފާލިހް ދިމާވީ ގޭގެ ގޯތިތެރެއިންނެވެ. ފާލިހް ފެނުމުން އަޔާންގެ ލޯމައްޗަށް ސިފަވެގެން ދިޔައީ މޮޔައިންގެ މަރުކަޒުގައި ހިތްދަތި ދުވަސްތަކެއް ހޭދަކުރަމުންދާ މަލަކާ އެވެ. ވީ ފޫހިން އަޔާން އަށް ފާލިހް އާ ވާހަކަވެސް ނުދެއްކުނެވެ.
“ކަމަކާ ވިސްނަނީތަ؟” ފާލިހް ހިނިތުންވެލީ އަޔާންގެ ހަމަހިމޭންކަން ފެނިފައެވެ. އެނގޭ ކަމަށް ނުހެދިޔަސް އަޔާން މަލަކާ ގެ ކަންތަކާ ހިތްހަމަ ނުޖެހިފައި ހުރިކަން ފާލިހް އަށްވެސް ވިސްނެއެވެ.
“ކަމަކުތަ؟” ފާލިހް ކުރި ސުވާލަށް ޖަވާާބު ދިނުމުގެ ބަދަލުގައި އަޔާންވެސް ކޮށްލީ ސުވާލެކެވެ. ބީރައްޓެހިގޮތަކަށެވެ.
“މަލަކާގެ ކަންތައްތަކާއި އަދިވެސް ހިތްހަމަ ނުޖެހިފަތަ؟ ލީވް އިޓް މޭން. މަގޭ ލައިފް ދޯ. މަގޭ އުފަލަށް މަވެސް ވިސްނާނެދޯ.” ފާލިހް އަޔާންގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.
“އާން. ރަނގަޅު ވާހަކައެއް ތިބުނީ. އިޓްސް ޔުއަރ ލައިފް. ސޯ ލިވް އިޓް އެލޯން ދަ ވޭ ޔޫ ވޯންޓް. މަގޭ ކައިރީގައި އެއްވެސް ވާހަކައެއް ނުދެއްކީމަ ނިމުނީނު.” ރުންކުރު ޖަވާބެއް ދިނުމަށްފަހު އަޔާން ގެޔަށް ވަންނަ ދޮރާއި ދިމާއަށް ހިނގައިގަތީ ފާލިހް ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީއެވެ. ފާލިހް ފެންކަޅިވެފައި ބަލަން ހުރީއެވެ. އަޔާން އެގޮތައް ރުޅި އަންނާތީ ފާލިހް އިންތިހާއަށް ދެރަވެއެވެ. ނަމަވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން ފާލިހް އެނބުރި އައިކޮޅަށް މިސްރާބު ޖެހިއެވެ.
“ހާދަ ހޭންޑްސަމް އޭ. ބޮލުން ދުން އަރާތީ މައްސަލައަކީ. މާ ބިޒީ ދުވަހެއްތަ؟” ކޮޓަރިއަށް ވަދެގެން އައި އަޔާންގެ ގައިގައި މީތަން ބައްދާލީ ވަރަށް ލޯބިންނެވެ. މީތަން ގެ ގައިން ދުވަމުން ދިޔަ ލުއި ލުއި މީރުވަސް އަޔާން ގެ ހާސްވެފައިވާ ހިތަށް ހިތްހަމަޖެހުން ގެނެސްދެވޭތޯ މަސައްކަތް ކުރަނީއެވެ. އަޔާން މީތަން ގެ ތުނިތުނި ހަށިގަނޑު އަތު ތެރޭގައި ފިއްތާލިއެވެ. އަދި ފަހަތަށް ދޫކޮށްލެވިފައިވާ މީތަންގެ ދިގު އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. ހާމައަށް ފެންނަން އޮތް މީތަންގެ އޮމާން ކަދުރާގައި އަޔާން ގެ އިނގިލިތަކުން ސަމާސާކޮށްލަމުން އަޔާން މީތަންގެ މާނަ ފުން ދެލޮލަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އަޔާން.” އަޔާންގެ ހަރަކާތްތަކުން މީތަން ލަދުން ވިރެމުންދާ ކަހަލައެވެ. މަސްތުން ފުރިގެންވާ މީތަން ގެ އަޑު އަޔާން ގެ ކަންފަތުގައި ޖެހުމާއެކު އަޔާންގެ ގައިން ހީބިހި ނަގައިގަތެވެ. އަތް މައްޗަށް މީތަން އުފުލާލަމުން އެނދާއި ދިމާއަށް އަޔާން ހިނގައިގަތް ވަގުތު ބޯކޮށް ވާރޭ އޮއްސާލި އަޑު އިވުނެވެ. ލަދުން ބޮޑިވެފައިވާ މީތަން އަދި އިތުރަށް އަޔާންގެ މޭތެރެއަށް ބޮޑިވެގަތެވެ.
“ވާރޭ ދެކެ ބިރުގަންނަނީތަ؟” ބީރައްޓެހި އަޑެއް ކަންފަތުގައި ޖެހުމާއެކު ނުހާ ބަލާލިއެވެ.
“މީތަ ކަލެއަށް އަންނަން އެނގުނުއިރު؟” ކުރިމަތީގައި ހުރި ޒުވާން ފިރިހެން ކުއްޖާއާ ނުހާ ވާހަކަ ދެއްކިގޮތުން އެދެމީހުން އެކަކު އަނެކަކު ދަންނަ ކަހަލައެވެ.
“ކީއްތަވީ؟ އިންތިޒާރު ކުރަން ފޫހިވަނީތަ؟ ތިހާ ރީތި ހުވަފަތް ވެފައިވާ އަތްބަކު މަށަށް އިންތިޒާރު ކުރާތީ އަހަރެން ވަރަށް އުފާވޭ.” ނުހާ ގެ ކުރިމައްޗަށް ބޯ ގުދުކޮށްލަމުން އެޒުވާނާ އެއްމިޔަކަނުން ހީލިއެވެ. ނުހާ ފަހަތަށް ޖެހިލީ މޫނު ކުނިކޮށްލަމުން ނެވެ.
“އޯ. އަދި މި ބުނެވުނީ ނުބައިކޮށް ދޯ. ކަރެކްޝަން. ތިހާ ލޯބިލޯބި ކުއްޖަކު މިދުނިޔެ މައްޗަށް ހުވަފަތް ކޮށްލި ބޮޑު ކުށްވެރިޔާއަށް އިންތިޒާރު ކުރީތީ ވަރަށް ތޭންކްސް.” ނުބައި ވައްތަރަކަށް އެޒުވާނާ ހީނގަތެވެ.
“އާހިލް. ކަލޭ މޮޔަވީތަ؟ މާބާރަށް ތިހަޅޭލަވަނީ.” ނުހާ އާހިލްގެ އަނގަމަތީގައި އަތް އެޅިއެވެ.
“ކޮބާތަ މައްސަލައަކީ. މިތާ އިތުރު މީހަކު ހުރީ ކީ ނޫން. ބޯކޮށް ވާރޭ ވެހޭ އަޑެއްނު އެއިވެނީ ހަމައެކަނި.” އާހިލް ނުހާގެ އަތުގައި ހިފިއެވެ. ތެޅިގެންފައި ނުހާ ޖެހިގަތީ ދުރަށެވެ.
“ތިދެން ވަރަށް މޮޅު ގޮތެއް. ނުހާ ނުޖެހޭ ދޯ މަދެކެ ތިހާ ބިރުގަންނާކަށް.” އާހިލް އަނެއްކާވެސް ނުހާ އާއި ގާތަށް ޖެހެން ފެށިއެވެ.
“އަން. މިއޮތީ ކަލޭގެ މަސައްކަތުގެ ބަދަލު.” އަތް ދަބަހުން ޑޮލަރު ބޮޑިއެއް ނަގާ އާހިލްއަށް ނުހާ ދިއްކޮށްލި އެވެ.
“މިވަރަކުން ނުވާނެ. މަށަކީ މާބުރެއް. ބޭނުންވަނީ މަލުގެ ކަރުގަނޑުގެ ފޮނި ރަހަވެސް ބަލާފަ ދާން.” ނުހާ އަތުން ޑޮލަރު ބޮނޑި އަތުލަމުން އާހިލް ސީދާ ނުހާ ގެ ލޮލަށް ބަލާލިއެވެ.
“ކަލޭ ހާދަ ލަދުކުޑައޭ ދޯ. މިތިބެވުނު ތަން އެނގޭތަ؟ މަގުމަތީގަ.” ނުހާ ގެ ބޮޑު ދެލޮލުން އާހިލް ބިރުގަންނަވަން އުޅޭ ކަހަލައެވެ. ދެލޯ ބޮޑުކޮށްގެން ނުހާ އާހިލް އަށް ލޯ އަޅާލިއެވެ.
“އަމިއްލަ ފިރިމީހާ މަރާލި މީހަކު ނުގަތް ލަދެއް މަ ގަންނާނެތަ ވަކި. މީ މަގުމަތި ވިޔަސް ކޮބާ މައްސަލައަކީ. އެއްވެސް ހިސާބަކުން މީހަކު ފެންނާކަށް ނެތެއްނު. މިހާ ބޯ ވިއްސާރައިގައި ކާކު މިތާގަ އަހަރެމެން ޖަހާ ސަކަރާތެއް ބަލާނީ. އެހެން ނޫނަސް މީ މާލޭގެ އެންމެ ހިތްފަސޭހަ މަޝްހޫރު ތަން ކަމުގައިވާ ދަރުބާރުގޭގެ ބިތްދޮށް. މިތަނަށް އެއްވެސް މީހަކު ނާންނާނެ ރަނގަޅު ކަމެއް ކުރާކަށް. މެޑަމް ތިހާ ހާސްވަންޏާ އެއޮތީ މެޑަމްގެ ފިރިމީހާގެ ކާރުކޮޅުވެސް. މާާ އަރާާމުވާނެ އެތަންވެސް. މީހަކަށްވެސް ނުފެންނާނެ.” އާހިލް ނުހާގެ ކަންފަތް ކައިިރިއަށް ގުދުވެގެން އޮވެ ދައްކަމުން ގެންދިޔަ ވާހަކަތައް އަޑުއަހަން ހުރި ނުހާ ހުރީ ދަތްކުނޑި ވިކާލައިގެން ނެވެ. އަތް ދަމާފައި ކަންފަތް މަތީގައި ޖަހާފާނަމޭ ކިތައްމެ ފަހަރަކު ނުހާގެ ހިތަށް އެރިއެވެ.
“އެގޮތް ކަޑައީތަ؟ ނޫނީ މޫޑް ނެތީތަ؟ މޫޑް ގެންނަން މަށަށް އިނގެޔޭ.” ނިއްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އަތުން ރީތިކޮށްލަމުން އާހިލް ލާނެތް ފާޑަކަށް ހީލިއެވެ.
“ކަލޭ ހީކުރަނީ މަމީ.-“
“އާން. ކަލޭތީ މި މާލޭގައި ނެތްވަރުގެ ކޫޑި އަންހެނެއް.” ނުހާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކޮށްދިނީ އާހިލްއެވެ. ނުހާ ގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އަތް ދަމާފައި އާހިލް ގެ ކަންފަތް މަތީގައި ހޫނު އެތިފަހަރެއް އަޅާލިއެވެ. ހަމަ އެސިކުންތުގައި އާހިލް ވެސް ނުހާގެ ކަންފަތްމަތީގައި ބޮޑިއެއް އަޅާލިއެވެ.
“ހީނުކުރައްޗޭ މަށާ ކުޅެވޭނޭ. ތިކަހަލަ މުޑުދާރު އަންހެނަކާ މަ ކައިރިވެސް ނުވާނަން.” ލައިގެން ހުރި ބޯ ކޯޓް ގަޔަށް ހެޔޮވަރުކޮށްލަމުން އާހިލް ހިނގައިގަތީ ނުހާ އަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އޭރު ވާރޭ ވެސް ތުނިކޮށްލައިފިއެވެ. ވީ ތަދުން ހުއްޓިފައި ހުރި ނުހާވެސް ކޯމަތީގައި އަތް އަޅައިގެން ކާރާއި ދިމާއަށް ހިނގައިގަތީ އާހިލްއަށް ކުދި ކިޔަމުންނެވެ.
އާ ދުވެހަކަށް އިރުގެ އަލިކަމުން މުޅި ދުނިޔެ އަލިކޮށްލީ ޝަރީފާ އަށް ކަޅުދުވަހެއްގެ ގޮތުގައެވެ. ބަދިގެ ފަރާތުގައި ސައި ތައްޔާރުކުރަން ހުރި ޝަރީފާ ގެ ކަންފަތުގައި ޖެހުނީ ނާސިރާ ގެ ކުށްލި މަރުގެ ޚަބަރެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ރިމޯޓް ނަގާ ޓީވީގެ އަޑު ޝަރީފާ ބާރުކޮށްލިއެވެ. ނިދާފައި ނުހޭލައިގެން ބެލިއިރު ނާސިރާގެ ފުރާނަ ނެތް ކަމަށް ޚަބަރުގައި ކިޔަމުންދިޔައިރު ޝަރީފާގެ ދެލޯވަނީ ކަރުނުން ތެމިފައެވެ.
“މަންމާ. ކިހިނެއްވީތަ ތިރޮނީ.” ފާލިހްގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝަރީފާ އަދި ވަކިން ބާރަށް ރޮއެގަތެވެ. ކިންޒާވެސް ފާލިހްގެ ފަހަތުން އައިސް ޝަރީފާގެ އަތުގައި ހިފިއެވެ.
“އަނެއްކާ ކަމެއްވީތަ؟ ތަނަކަށް ތަދުވަނީތަ؟” ކިންޒާ ހުރީ އިންތިހާއަށް ހާސްވެފަ އެވެ.
“ދަރިފުޅާ. މަންމަ ބޮލުގައި ރިއްސަނީ.” ޝަރީފާ ގަސްތުގައި އޮޅުވާލިއެވެ. ނާސިރާގެ މަރުގެ ވާހަކަ ފާލިހްއަށް އަންގާކަށް ޝަރީފާ ބޭނުމެއް ނުވިއެވެ.
“މަންމަ ހިނގާބަލަ އޮށޯވެލަން. އަހަރެން ބޭސް ދޭނަން. ބޭސްކައިގެން ނިދާލަނިކޮށް ވެސް ރަނގަޅުވެދާނެ.” ކިންޒާ އޯގާތެރިކަމާއެކު ޝަރީފާގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފާލިހް އަކަށް މުޅިއަކުން އޭނާގެ މަންމަ ދެއްކި ވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. ޝަރީފާ ގެ ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކަކީ ފާލިހްއެވެ. ކިރިޔާ ބޮލެއްގަ ރިއްސާލިޔަސް ޝަރީފާ ނުރޯނެ ކަން ފާލިހް އަށް އެނގެއެވެ. އާދަޔާ ޚިލާފަށް އަޑު ބާރުކޮށްފައިވާ ޓީވީ އަށް ފާލިހްގެ ނަޒަރު ހުއްޓުނީ އެވަގުތުއެވެ. ޓީވީގެ ތިރިއަށް އަރަމުން ދިޔަ ކުއްލި ޚަބަރު ފާލިހްގެ ލޮލުގައި އަަޅައިގަތެވެ. އެވަގުތު ފާލިހްވެސް ހިސާބަކަށް ހުއްޓުން އެރިއެވެ. ނާސިރާ ގެ ކުއްލި މަރުގެ ވާހަކަ އެނގުމުންނެވެ. އެންމެ ހައިރާންވީ މަންމަ އެކަން ސިއްރު ކުރުމުންނެވެ.
“ހިނގާ ސައިބޯން.” ދާދި ގާތުން ކިންޒާގެ އަޑުއިވުމުން ފާލިހް ހިނިތުންވެލިއެވެ.
“ކޮބާ މަންމަ މިހާރު.” ގޮޑިއެއް ދަމާލާފައި އިށީންނަމުން ފާލިހް އަހާލިއެވެ.
“ބޭސް ދީފަ މިއައީ. ނިދާލަން ބާއްވާފަ.” ފާލިހްގެ ފަން އިސްތަށިކޮޅާއި ކުޅެލަމުން ކިންޒާ އޮޅުންފިލުވައިދިނެވެ.
“އަޔާން. މަލަކާ ކައިރިއަށް ދާން ބޭނުން. ވަރަށް ދެކިލާހިތްވޭ އެބަ-” މީތަން ހުރީ ދޮރު ކައިރީގައި އަޔާން އޮފީހަށް ދާން އުޅޭތީ ބަލަހައްޓައިގެންނެވެ.
“މީތޫ. ނަމްބަރ އެބައިނެއްނު. ގުޅާބަލަ. އިއްޔެވެސް ގުޅީމޭ އަހަރެން. މަލަކާއަކަށް އަހަރެމެންނެއް ނޭނގޭނެ. އަދި އެތަނުގެ ވެރިން އެ އަންގަނީ މަލަކާ އާ ބައްދަލު ނުކުރެވޭނެ ވާހަކަ.” އަޔާން މީތަން އަށް ވިސްނާދިނީ ވަރަށް ލޯބިންނެވެ.
“ދަނީ އިނގޭ. ސީ ޔޫ ސޫން.” އަޔާން މީތަން ގެ ނިއްކުރީގައި ތުންފަތް ޖައްސާލަމުން ގެއިން ނިކުތެވެ.
“ދަބަހަށް އެރިގެން ކަލޭވެސް އޭނައާއި އެކީ އޮފީހަށް ދިޔަ ނަމަ.” އަޔާންއަށް އަތުން ވޭވް ކޮށްލަމުން ގޭތެރެއަށް ވަންނަން އެނބުރިލި މީތަންއަށް ނުހާ ފެނުމުން ސިހުނެވެ.
ނުހާ އަށް ރައްދު ދޭކަށް މީތަން ބޭނުމެއް ނުވިއެވެ. ލިބިފައިހުރީ އެކަހަލަ ވިޔާނުދާ ތަރުބިއްޔަތެއް ނޫނެވެ. އެއްވެސް އެއްޗެއް ނުބުނެ މީތަން މިސްރާބު ޖެހީ އޭނަގެ ކޮޓަރިއާ ދިމާއަށެވެ.
“އެކަމަކު ކީއްކުރާނީ. މެޑަމްގެ ފިރިމީހާގެ ހިތުގައި ރަސްކަން ކުރަނީ ހަމަ މި ނުހާ.” ނުހާ ބުނެ ދޫކޮށްލި ވިހަގަދަ ޖުމްލަ ހަމަ ރަނގަޅަށްވެސް މީތަންއަށް އަޑުއިވުނެވެ. ނަމަވެސް މީތަން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން މައްޗަށް އަރައިގެން ދިޔައީއެވެ.
އޮފީހުގައި ބުނެލުމަށްފަހު ކިންޒާ ގެޔަަށް ދާން ނިކުތީ ފާލިހް ގެ މަންމަ ޝަރީފާ ބަލިވެ އުޅޭތީއެެވެ. ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތު ކަމުން ކިންޒާ ބެލީ ޓެކްސީއެއް ލިބޭތޯއެވެ.
ނަމަވެސް އެއްވެސް ހުސް ކާރެއް ނުލިބުމުން ކިންޒާ ހިނގައިގަތެވެ. ފަހަރެއްގައި އަދިވެސް ކާރެއް އަތު ޖެހިދާނެ ކަމުގެ އުއްމީދުގައެވެ. ކުއްލިއަކަށް ކިންޒާ ގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި ހޮޅިއެއްގައި އަތުން ހިފަހައްޓާލައިގެން ހުރި މާބަނޑު އަންހެން ކުއްޖެކެވެ. ހީވާ ގޮތުން ތަނަކަށް ތަދުވަނީއެވެ. ކިންޒާ އެ އަންހެން ކުއްޖާއާ ދިމާއަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ.
“ކިހިނެއްވަނީ؟” ކިންޒާގެ އަޑަށް އެ އަންހެންކުއްޖާ ފަސްއެނބުރި ބަލާލިއެވެ.
“އޯ. އައި ރިމެމްބަރ ޔޫ.” ކުރިމަތީގައި ހުރީ ކިންޒާ ދަންނަ މޫނެކެވެ. ދެމަސް ކުރިން ކިންޒާގެ ހޮސްޕިޓަލްއަށް ފަރުވާ ހޯދުމަށް އައި ބަލި މީހެކެވެ.
“ހޫނު ގަދަކަމުން ބޮލަށް އެނބުރުން އަރާތީ.”
ކިންޒާ އެ ނުދަންނަ އަންހެންކުއްޖާގެ އަތުގައި ހިފަމުން ހިނިތުންވެލީ އެހީ ވެދިނުމުގެ ގޮތުންނެވެ.
“ހިނގާބަލަ މަށާއެކު އަހަރެމެން ގެޔަށް.”ކިންޒާ އެދުނެވެ.
“ނޫން. ތޭންކްސް.” ކިންޒާގެ އެދުމަށް އާއެކޭ ބުނަން އެ އަންހެންކުއްޖާ ދެކޮޅު ހެދުމުން ކިންޒާ ހައިރާންވިއެވެ. ނަމަވެސް ކުރުނުކޮށް ކިޔަން ފެށުމުން ކިންޒާ އާ އެކީ ދާން އެއްބަސްވިއެވެ.
“މީތަ ގެޔަކީ؟” އެ އަންހެންކުއްޖާގެ ނުތަނަވަސް ވެފައިވާ މޫނު ފަނޑުވެގެން ދިޔައެވެ.
“އާން. އާދެބަލަ އެތެރެއަށް. ނޫޅޭނޭ އެކަކުވެސް.” ކިންޒާ އެ އަންހެންކުއްޖާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ. އޭރު ބަގީޗާ ތެރޭގައި ބަހައްޓާފައި ހުރި އުނދޯއްޔެއްގައި ޝަރީފާ މޮޅިން ސާލު އޮޅާލައިގެންއިނެވެ. ދޮރާށި ހުޅުވުނު އަޑަށް ޝަރީފާ އިސްއުފުލާ ބަލާލިއެވެ.
“ޒާރާ…” ކަޅިވެސް ޖަހާނުލާ ޒާރާގެ ބޮޑުވެފައިވާ ބަނޑަށާއި މޫނަށް ބަލާލަމުން އިންތަނުން ޝަރީފާއަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.
ޝަރީފާ އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނާސިރާގެ މަރާއި ގުޅިގެން ޝަރީފާ ކުރަމުން ދިޔަ ހިތާމަވެސް ފަޅި ސިކުންތެއްގައި ގެއްލިގެން ދިޔަ ކަހަލައެވެ. ޝަރީފާ އެންމެ ހައިރާންވީ ޒާރާ ކައިރީގައި ކިންޒާ ހުރީމައެވެ.
“މަންމަ ދަންނަންތަ މިކުއްޖާ؟” ޝަރީފާ ޒާރާގެ ނަމުން ގޮވާލުުމުން ކިންޒާވެސް ވީ ހައިރާނެވެ. ކިންޒާ ޝަރީފާއަށް މަންމާ އޭ ކިޔާފައި ގޮވާލުމުން ޒާރާވެސް ވީ ހައިރާނެވެ. އެކަކު އަނެކަކުގެ މޫނަށް އެންމެންނަށްވެސް ބަލަހައްޓައިގެން ތިބެވުނީ ކުށްވެރިންތަކެއް ފަދައިންނެވެ.
“މީ- ޒާރާ އެއީ މަންމަގެ ރައްޓެއްސެއްގެ ދަރިއެއް. ދޯ ޒާރާ.” ކިންޒާއާ ދިމާއަށް ހިނިތުންވެލަމުން ޝަރީފާ ޒާރާއަށް ދޯ ދިނެވެ. ނަމަވެސް ޒާރާއަށް އެއަޑު އިވުނު ހެނެއް ހިއެއްނުވެއެވެ. ގޭގެ އެތަން މިތަނަށް ކަޅި އުކެނީއެވެ. މަލަކާ ފެނޭތޯއެވެ. ހަމަގައިމުވެސް ޝަރީފާގެ ފާލިހް ފިޔަވައި އިތުުރު އެއްވެސް ދަރިއެއް ނުހުންނާނެއެވެ. ވީއިރު ކިންޒާ ޝަރީފާއަށް މަންމަ ކިޔަންވީ ކީއްވެ ހެއްޔެވެ؟ ސުވާލުތައް ގިނަވި ވަރަކަށް ޒާރާގެ ސިކުނޑި ހާސްވެ މުޅި މީހާ ދާހިތްލާ ފޯވަމުން ދިޔައެވެ.
“އެހެންތަ؟ މާރަނގަޅަކަށްނު މިދިމާވީ. މަންމަ އަޅެ ގުޅާލަންވީނު ޒާރާގެ މަންމައަށް. ހީވަނީ ޒާރާ ވަރަށް ބަލިހެން.” ކިންޒާ ޒާރާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ.
ކިންޒާ ގެ ވާހަކަ އަޑުއަހާފައި އަނެއްކާވެސް ޝަރީފާާ ހާސްވެއްޖެއެވެ. އެއްދޮގު ފޮރުވަން އެތައް ހާސް ދޮގެއް ހަދަން ޖެހިއްޖެއެވެ.
“ދަރިފުޅާ. މަންމަ އަށް ގުޅޭނެ ނަމަތާ ގުޅާނީ. ތިކަމެއް ވާކަށް ނެތް؟” ޝަރީފާ ލޮލުގެ ހިމަކަޅިން ޒާރާ އަށް ލޯ އަޅާލަމުން މޮޅު ދޮގެއް ހަދާލިއެވެ.
“އެއީ؟” ކިންޒާއަށް ހައިރާންވެފައި ޒާރާގެ މޫނަށް ބަލާލެވުނެވެ.
“އެއީ ޒާރާގެ އެއްވެސް މީހެއް މިހާރަކު މިދުނިޔެއަކު ނެތް؟” ޝަރީފާގެ އަނގައިން ނިކުތް އާހް ގެ އަޑާއެކު އޭނާ ފުން ނޭވާއެއްލިއެވެ.
ހަމަ ދާ ގޮތަށް ގޮސް ޝަރީފާގެ ކުޑަ ދޫ ދަމައިގެންފާނަމޭ ޒާރާގެ ހިތަށް އެރިއެވެ.
“ފިރިމީހާ ވެސް ތަ؟” ކިންޒާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާާ އަށް ޒާރާ ގެ އަތުގައި ހިފާ ބާރުކޮށްލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
“ކިހިނެއްވީ ޒާރާގެ ފިރިމީހާއަށް؟ ކޮބާ އޭނަ؟” ކިންޒާ އޭނާގެ ފެންކަޅިވެފައިވާ ދެލޯ ޒާރާއަށް ހުއްޓާލިއެވެ.
“ދަރިފުޅު ދެން ތިވާހަކަތައް އިތުރަށް ޒާރާ ކައިރީގައި ނާހަބަލަ. ނުފެނޭތަ މިހާރުވެސް އޭނަ އިން ހާާލު. ޑޮކްޓަރަކަށްވެ ހުރެވެސް ކިންޒާއަކަށް އެވަރެއް ނުވިސްނުނު ދޯ.” ޝަރީފާ ހަތިޔާރު ބެހެއްޓީ އިތުރަށް ކޮނުނު ވަރަކަށް އަޅަން ޖެހޭނެ ފަސް ގިނަވާނެތީއެވެ.
“ސޮރީ. މަޑުކޮށްލައްޗޭ އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން.” ޒާރާގެ ބޮލުގައި ފިރުމާލަމުން ކިންޒާ ތެދުވެ ހިނގައިގަތީ ބަދިގެ ފަރާތާއި ދިމާއަށެވެ. ނޭނގިނަމަވެސް ކިންޒާ އެފަހިކޮށްދިނީ ޒާރާގެ ހިތް އެދިއެދި ހުރި ފުރުސަތެވެ.
“އޯވަރ ޓައިމްގަ ދިރިއުޅެމުން ދާ އިރުވެސް ކަލޭ ހާދަ އީމާންތެރިކަން ކުޑައޭ ދޯ. މަލަކާގެ ވަސްވެސް މިދުނިޔެއިން ފޮހެލީތަ؟” ތީ ހަމަ އިންސާނެއްގެ ސިފައިގައި މިދުނިޔެއަށް ފޮނުއްވާފައި ހުރި މުސީބާތެއް. ބޮޑު ވަބާއެއް.” ކިންޒާ ލޮލު ކޮޅަށް ގޮސް ގެއްލުމުން ޒާރާ ޝަރީފާ އާ ދިމާއަށް ހިތުގައި ހުރިހާ އެއްޗެއް ފައްޗެއްހެން އަމުނާލިއެވެ. މިއަދު ޒާރާ ދެރަވަނީ މަލަކާއާ މެެދުގައެވެ. ޝަރީފާގެ ބަހަށް ހެއްލިގެން ޚުދު އަމިއްލަ ދިރިއުޅުން ވެސް ހަލާކުކޮށް ލެވިއްޖެއެވެ.
“ނިމުނީތަ ކިޔަން ހުރި ހުރިހާ އެއްޗެއް ކިޔާ؟ އީމާންތެރިކަމޭ! ކަލޭ ތީ ވަކި ތާހިރު މީހެއްތަ؟ މިހާރުވެސް ބަނޑުގަ ތިއޮތީ ފާފައެއް. ނޭނގެ ކާކުގެ ކަމެއްވެސް. ތީ މުސީބާތަކީ. ބަނޑުގަ ތިއޮތީ ވަބާއަކީ.” ޝަރީފާ އެންމެ ތަންކޮޅެއްވެސް ދުލެއް ނުދިނެވެ. ޒާރާ އާ ދިމާއަށް މަލާމާާތުގެ ގޮތަކަށް ހީލަމުން ޝަރީފާ ނިތް އަރުވާލީ އިތުރަށް ޒާރާ ދަށް ކޮށްލުމުގެ ނިޔަތުގައެވެ.
“މި ވަބާ އޭ ކިޔާފަ ގޮވި އެއްޗަކީ ކަލޭގެ ލޭ. ފާފަ ކުރީ ކަލޭގެ ދަރި. އަހަރެން އެކަންޏެއްނޫން. ބޭނުންވިނަމަ މިލަދުންވެސް މަށަށް ސަލާމަތް ވެވުނީސް. އެކަމަކު މަށަކީ ކަލެއެއް ނޫނޭ. އިރާދަކުރެއްވިއްޔާ އަހަރެން މިހުރީ އަހަރެންގެ ކުށަށް ތައުބާ ވެގެން. އެކަމަކު ކަލޭ ތައުބާ ވެފަ ނުވާނެ ކަމެއް ނޭނގިފަ ތިހުންނަނީ. ކޮށްފައި ހުރީވެސް ހުސް ފާފަ ވިއްޔާ” ޒާރާގެ ރުޅި ހުރީ ކޮންޓްރޯލުން ނައްޓާފައެވެ. މުޅި މީހާގެ ހަށިގަނޑުވެސް ތުރުތުރުލައެވެ. އައިސްފައިވާ ރުޅިއެއްގެ ސަބަބުންނެވެ.
“އައްޗީ.ކަލޭ ހީކުރީ-” ޝަރީފާގެ އަނގަ ބަންދުވީ ކިންޒާ ފެނުމުންނެވެ. އޭރު ކިންޒާ އަށްވެސް ހުރެވުނީ ޝަރީފާއާއި ދިމާއަށް އަނގަ ހުޅުވިފައި ބަލަހައްޓައިގެންނެވެ.
“މަންމާ. ކަލޭއޭ. ހާދަ ހަޑިކޮށް ޒާރާ އާ ތިވާހަކަ ދައްކަނީ.” ކިންޒާ ހުރީ ނުރުހިފައެވެ. އަދި ވާނުވާ ވެސް އެނގެން ބޭނުންވެފައެވެ.
ކުއްލިއަކަށް ޝަރީފާ ހޭން ފެށިއެވެ. ޒާރާ އާ ކިންޒާ ހީކުރީ ޝަރީފާ މޮޔަވީ ކަމަށެވެ.
“ސާބަސް ދަރިފުޅަށް. ޒާރާގެ މަންމައަކީ ނިކަން މަޖާ މީހެއް. އަބަދުވެސް ފިލްމުތަކުގެ ޑައިލޮގް ޖެއްސުން ކުރާ ކަމަކީ. އެހެންވެ އެވާހަކަ ދައްކަމުން ގޮސް ޑައިލޮގެއްވެސް ޖައްސާލީ.” ޝަރީފާ އަދިވެސް ހެނީއެވެ.
“ނޭނގޭނެއެއްނު. ސޮރީ.” ޝަރީފާގެ ހުނުމުގައި ކިންޒާވެސް ބައިވެރިވެލިއެވެ.
“ވަރަށް ލަސްވެއްޖެ. ދެން ދަނީ.” ޒާރާ އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނަން ބޭނުމެއްނޫނެވެ. ކިންޒާ އެގެނައީ އެގެއަށް ކަން އެނގުނު ނަމަ ޒާރާ ނުވެސް އައީހެވެ.
“އެއްޗެއް ނުކައި ދަނީތަ؟ މަޑުކޮށްލަންވީނު.” ކިންޒާ ޒާރާ އާ ހަތަރުކަޅި ހަމަކޮށްލަމުން ހިިނިތުންވެލިއެވެ.
“ނޫނޭ. ދެން އެހެން ފަހަރަކުންދޯ.” ކިންޒާ އިތުރަށް އާދޭސް ކުރުމުގެ ކުރިން ޒާރާ ތެދުވެ ހިނގައިގަތެވެ. ޝަރީފާ ހަމަ ޖެހުމުގެ ނޭވާއެއް ލީ ވެސް ޒާރާ އެގެއިން ބޭރަށް ނިކުތީމައެވެ.
“އަން ދެން މި ޖޫސްތަށި މަންމަ ބޯލާ.” ކިންޒާ ޝަރީފާ ކައިރީގައި ޖޫސްތަށި ބަހައްޓާލަމުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ޒާރާ އަށް މަގުމައްޗަށް ނިކުމުވެނު އިރު ހަމަރަނގަޅަށްވެސް އޭނާގެ ދިގު އެސްފިޔަތައް ތެމިއްޖެއެވެ. އަމިއްލަ ހާލު ހިތަށް އެރުމުންނެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އިތުރަށް ދެން ރުއިމުގެ ބޭނުމެއްވެސް ނެތެވެ. ޒާރާގެ ސިކުނޑި ތެރޭގައި އޭރުވެސް މަލަކާ ގެ ޚިޔާލުތައް އެނބުރެމުންދެއެވެ. މަލަކާ އަށް ވީގޮތް ބަލަން ޒާރާ އިންތިހާއަށް ބޭނުމެވެ. ނަމަވެސް އަހާނީ ކާކުގެ ކައިރީގައި ހެއްޔެވެ؟ ހުރިހާ ކަމަކާއި ބޯ ގޮއްވާނެ ހާ ހިތްވަރު ޒާރާގެ ގައިގައި ނެތްއިރުވެސް އޭނާ ބޭނުންވަނީ އަދިވެސް މަލަކާ ކޮބައިތޯ ބަލާށެވެ.
މެންދުރުގެ ހޫނުން މުޅި ޖައްވު ފިހެމުން ދާއިރުވެސް ނުހާ އޮތީ ނިދާފައެވެ. އޭސީގެ ފިނީގެ ސަބަބުން ފަޒާގައިވާ ހޫނުކަމުގެ އަސަރެއް ނުހާ އަށް ނުކުރަނީއެވެ. ނީތާ ދެފަހަރަކު ކޮޓަރީގެ ދޮރު ހުޅުވާފައި ބަލާލައިފިއެވެ. ނުހާ ކާންވެސް ނުތެދުވާތީއެވެ. އެކަމަކު އެންމެ ފަހަރަކުވެސް ނުހާއަކަށް ގޮވާކަށް ނީތާއަކަށް ނުކެރެއެވެ. ނުހާގެ އުޅުމާއި މިޒާޖު ނީތާއަށް ރަނގަޅަށް އެނގޭތީއެވެ.
“ނީތާ. ހާދަ ހާސްވެފަ ތިހުރީ.” ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނީތާގެ ފިޔަވަޅު ހުއްޓުވާލީ މީތަންގެ އަޑެވެ.
“ނުހާ ކާން ނާންނާތީ ބަލާލީ.” ނީތާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. މީތަން ހިނިތުންވެލުމަށްފަހު އެތަނުން ހިނގައިގަތެވެ. ނުހާ އާއި ގުޅުން ހުރި އެއްވެސް ވާހަކައެއް އޭނާ ދައްކަންވެސް އަދި އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ. ނީތާގެ ވާހަކައާއި ގުޅުވައިގެން މީތަން އެއްވެސް އެއްޗެއް ނުބުނީވެސް އެހެންވެއެވެ.
އޮފީސް ނިންމާފައި ފާލިހް އާއި އަޔާން އަށް ނިކުމެވުނީ އެކުއެކީގައެވެ. ފާލިހް ފަނޑު ހިނިތުންވުމެއް އަޔާން އަށް ހަދިޔާ ކޮށްލި ނަމަވެސް އަޔާން ގެ މާބޮޑު ޝައުޤެއް ނެތެވެ.
“އަޔާން. ކީއްވެގެންތަ މަ ދެކެ ތިހާ ރުޅި ތިއަންނަނީ.” އަޔާން ގެ ނުރުހުންވެފައިވާ މޫނަށް ބަލާލަމުން ފާލިހް އިސްޖަހާލިއެވެ.
“ކާކުތަ ބުނީ އަހަރެން ފާލިހްދެކެ ރުޅި އާދެޔޭ.” ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް އަތް ޖަހާލަމުން އަޔާން ފުން ނޭވާއެއް ވައިގެ ތެރެއަށް ދޫކޮށްލިއެވެ.
“މީހަކު ބުނާކަށް ނުޖެހޭނު. އަޔާންއަށްވެސް އެނގޭނެ އަޔާން ޗޭންޖްވެފަ ހުރިވަރު.” ފާލިހް ހުރީ އިންތިހާއަށް ދެރަވެފައެވެ.
“ޗޭންޖެއް ނުވަން. އެކަމަކު ކަޑަވޭ ފާލިހް އެގޮތަށް ކަންތައްކުރީމަ. މަލަކާ ވީމައެއް ނޫން. ކުށެއްނެތި ކޮންމެ މީހަކަށް އެހެން ހެދި ނަމަވެސް ހަމަ އަހަރެންނަށް ފާލިހް ދެެކެ ހިތްހަމައެއް ނުޖެހެވޭނެ.” އަޔާން ދެއްކި ވާހަކައަށް ދޭނެ ޖަވާބެއް ފާލިހްއަށް ނޭނގޭތީ އޭނާ ހިނގައިގަތެވެ.
“މަޑުކޮށްބަލަ.” ނުހާގެ ފިޔަވަޅު ހުއްޓުވާލީ އާހިލްގެ އަޑެވެ. ނުހާ ކުޑަކޮށް ހުއްޓިލާފައި އަނެއްކާވެސް ހިނގައިގަތެވެ. ދުވާލުގެ ގިނަވަގުތު ނިދުމުގެ ސަބަބުން ނުހާގެ އޮމާން މޫނު ވަނީ ބޯވެފައެވެ. ދެލޯވެސަ ހީވަނީ ވަޅުވަދެފާ ވާހެންނެވެ.
“މަޑެއް ނުކުރާނަންތަ؟” އާހިލް ދުވެފައި ކަހަލަ ގޮތަކަށްގޮސް ނުހާގެ ކުރިމައްޗަށް އެރިއެވެ.
“ކިހާ ބޮޑު ކަމެއްތަ؟ ކަލޭ މަށާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ.” ނުހާގެ އަޑު ބާރުވެގެން ދިޔައެވެ. އާހިލް އަށް ވަށާ ހޯދާލެވުނެވެ. ހަވީރުގެ ވަގުތުކަމުން މަގުމަތީގައި ވަރަށް ގިނަ މީހުން ހޭލަމޭލަވެ އުޅެއެވެ. ނުހާ ގެ އަޑަށް ބައެއް މީހުންގެ ލޯތައް ވަނީ އާހިލް އަށް އަމާޒުވެފައެވެ.
“ކަލޭ.-” އާހިލް އުޅުނީ ނުހާގެ އަތުގައި ހިފާށެވެ. ނަމަވެސް އެ ދެމެދަށްވަނީ އަޔާން އެވެ. ކުއްލިއަކަށް އަޔާން ފެނުމުން އާހިލް އަށް ވުރެ ބޮޑަށް ހާސްވީ ނުހާއެވެ. ފަހަރެއްގައިވެސް އާހިލް ގެ އަނގައިން ހަޤީޤަތް ފަޅާއަރާފާނެތީ އެވެ.
“ކަލޭ ކޯއްޗެއް؟ ކޮބާ ކަލޭގެ މައްސަލައަކީ؟” އަޔާންގެ ރާގު ގައިވާ ހަރުކަށިކަމުން އާހިލް ހުރީ ބަސް ހުއްޓިފައެވެ.
“ކަލެއަށް ކީއް؟ މި ކަލޭގެ އަންހެނުންނެއް ނޫނެއްނު.” އާހިލް ބޭނުންވީ ގަދަ ކޮށްލަން ކަމުގައި ވިޔަސް އާހިލް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“އާނ. ރަނގަޅު ވާހަކައެއް. ކަލޭގެ ވެސް އަންހެނުންނެއް ނޫނެއްނު. އެކަމަކު މަގޭ މީހެކޭ މީ.” އަތުގައި އޮތް ސިގެރެނޓް ތުބުގައި ޖަހާލަމުން އަޔާން ނުހާގެ އަތުގައި ހިފިއެވެ.
އަޔާންގެ ބަސްތައް ނުހާ ގެ ހިތުގައި ފިރުމާލިކަހަލައެވެ. ލިބުނު ހިތްހަމަ ޖެހުމާއެކު ނުހާ އަށް އަޔާން ގެ އަތަށް ފިތާލެވުނެވެ.
“ސޯ. ކަލޭގެ މައްސަލައަކީ ކޮބާ؟ ކަލޭގެ މީހެއްނަމަ ކަލޭ ރަނގަަޅަށް ބަލައިގެން ދޯ ގެންގުޅެންވާނީ. ތީ ހުވަފަތް އަންހެނެއް.“ އަނގައިން ދެރަވަން އާހިލް އަށް އާދަވެފައިނެތް ކަހަލައެވެ.
“މީ މަގޭ މަންމަ. ދެން ކިޔާާބަލަ އެއްޗެކޭ.” އަޔާން ނުހާ ގެ އަތުގައި ހިފައިގެން ހިނގައިގަތީ އާހިލް ގެ މޭގައި އަޅާ ކޮށްޕާލަމުންނެވެ. އަޔާން ސައިކަލަށް އެރުމުން ފާނޑަކަށް ދެކޮނޑު އަރުވާލަމުން އާހިލް ހިނގައިގަތީ ނުހާއަށް މަލާާމާތުގެ ފާނޑަކަށް ހީލާފައެވެ.
“އަރާ ސައިކަލަށް؟” އަޔާން އަމުރު ކުރި ކަހަލައެވެ.
“މަމީ ކަލޭގެ މަންމަތަ؟ ނުޖެހޭނެ އަރާކަށް. އެނގިއްޖެތަ؟” ނުހާ ޝަހާދަތް އިނގިލި އަޔާން އާ ދިމާއަށް ދިއްކޮށްލި އެވެ. ހީކުރި ގޮތަށް އަޔާން ވާހަކަ ނުދެއްކުމުން ނުހާ އަށް ރުޅިއާދެވުނީ އިންތިހާއަށެވެ.
“ނާރަންޏާ ހުރޭ. އަނ. މީގަ ހިފާ.” އަޔާން ވާހަކަ ދެއްކީ ނުހާ އާ ދިމާއަށް ބަލާވެސް ނުލައެވެ. ނުހާއަށް ބޭއިޚްތިޔާރުގައި އަޔާން ދިއްކޮށްލި ކަރުދާސްކޮޅުގައި ހިފުނެވެ. އަދި ލޮލުގެ ހިމަކަޅިން އަޔާންއަށް ބަލާލަމުން ނުހާ އެކަރުދާސްކޮޅު ނިއުޅުވާލިއެވެ.
“ދަރި ވައްޓާ ބޭސް.” ނުހާ އަޔާންގެ މޫނަށް ސުވާާލުގެ ނަޒަރަކުން ބަލާލުމުން އަޔާން ބުނެލިއެވެ.
“ވަޓް. ތި އުޅެނީ ބޯދަމައިގަންނަންތަ؟ ނުވާނެ ތިކަމެއް. އަޅެ ތިނޫން ގޮތަކަށް ކަންތައްކުރަން ނޭނގުނީތަ؟” އައިސްފައި ހުރި ރުޅިއާއި ވެފައި ހުރި ދެރައިން އެންމެ ފަހުން ނުހާއަށް ރޮވުނެވެ.
“ބަނޑު ބޮޑު ނަމަތާ. ކެރޭނެތަ ޓެސްޓް ހަދަންދާން މަށާއެކު.” ނުހާ ގެ މޫނަށް ނުބަލަން އަޔާން ހުރީ އިސްޖަހައިގެންނެވެ. އަދިވެސް ނުހާ ރޯތަން ބަލަން އަޔާން ގެ ހިތަށް އުނދަގޫވާކަހަލައެވެ.
“އައްޗީ. ނުޖެހޭ އިތުރަށް އަލުންބަލުން ޓެސްޓް ހަދާކަށް. އަދި މި ބޭސް ވެސް އަޔާންއަށް. މިކަންތައް ވަރަަށް ރަނަގަޅަށް ނިންމާލާނަން. ބަލަން ހުންނަންޗޭ.” ނުހާ އުޅުނީ ގަދަބަސް ބުނެފަ ހިނގައިގަންނާށެވެ. ނަމަވެސް އަޔާން ސައިކަލުން ފޭބިގޮތަށް ނުހާގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ.
“ކަލެއަށް ކީއްކުރެވޭނީ. މިއަދު ކަލޭ ހަމަ ރަނގަޅަށްވެސް ސާބިތު ކޮށްދީފި ކަލޭތީ އެއްވެސް ގޮތެއްނެތް އަންހެނެއްކަން. މަގޭ އަންހެނުންގެ ހިޔަންޏާ ހަމައަށްވެސް ކަލެއަށް ކައިރި ނުވެވޭނެ.” އަޔާން ނުހާ އާއި ދިމާއަށް ހިތަށް އެރިހާ އެއްޗެއް ގޮވަމުން ގޮސް ނުހާގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ. ނުހާ އަށް ހީވީ ކަރަންޓްގައި ޖެހުނުހެންނެވެ. އެއްވެސް ބެލުމެއްނެތި އަޔާންގެ ގައިގައި ތަޅައިގަތެވެ. ނަމަވެސް އަޔާން އެޔަށްވުރެ މާ ހުޝިޔާާރެވެ. އަތަށް ބާރުލަމުން ނުހާ އޭނާއާއި ދުރަށް ކޮށްޕާލިއެވެ.
“މަރުވަން ނޫނީ ދެން ކައިރިނުވައްޗޭ މަށާ. ނުދަންނަ މީހެއް ނުހުރޭ. ދެންމެވެސް ބޮޑު ޕާޓޭއެއް ކައިރިކޮށްލައިގެން ތިއުޅުނީ. އެހެންވީމަ ލައްކަ ސިއްރު ހުންނާނެ އަދި އޮޅުން ނުފިލާ. ދެންވެސް މައިތިރިވެގެން ހުރޭ.” މިހާ ތަނަށް ނުހާއަށް ފެނިފަވަނީ އަޔާންގެ މަޑުމައިތިރި ކަމެވެ. ނަމަވެސް މިހާރު އޭގެ އިދިކޮޅެވެ.
“ހައިރާން ނުވޭ. މަގޭ މި ސިފަތައް މިހާރު ފެންނަން ހުރުމުގެ ސަބަބަކީ ހަމަ ތި ނުހާ.” އަޔާން ސައިކަލަށް އަރާ ދުއްވާލިއެވެ. ނުހާގެ ފޯނުވެސް ހިފައިގެންނެވެ. ނުހާއަށް ހީވީ އުޑު ވެއްޓި ބޮލުގަ ޖެހުނު ހެންނެވެ.
އިރު އޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވަށާލިއިރުވެސް ފާލިހް އިނީ ގޭގެ ގޯތި ތެރޭގައެވެ. އޮފީހުން އައި ގޮތަށް ގޭތެރެއަށް ވަންނަ ހިތްވެސް އޭނާގެ ނެތީއެވެ.
“ދަރިފުޅު ކިހިނެއްވެފަތަ ތިއިނީ.” ޝަރީފާ ފާލިހްގެ ކައިރިއަށް ހުއްޓި ފާާލިހްގެ ބުރަކަށީގައި ފިރުމާލީ ވަރަށް ލޯބިންނެވެ. ފާލިހް އަނގަޔަކުން ނުބުނެއެވެ.
“މިއަދު ޒާރާ އައި މި ގެޔަށް. ކިންޒާ އާއެކު.“ ފާލިހް ހަމަ ރަނގަޅަށްވެސް ސިހުނެވެ.
“ކިހިނެއް؟ ކޮން އިރަކު؟” ފާާލިހްއަށް އިންތަނުން ތެދުވެވުނީވެސް ބޭއިޚްތިޔާރުގައެވެ.
“ދަރިފުޅު ހާސްނުވެބަލަ. މަންމަ އެއްވެސް ކަމެއް އެނގުނަކަ ނުދެމޭ. ދެން ފަހުން ވާހަކަ ދައްކާނީ. އޭނަ އަކީ ކިންޒާގެ ޕޭޝަންޓެއް. މަގުމަތިން ދިމާވެގެން އައީ. އެޔަށް އަންނަނީ ކިންޒާ.” ޝަރީފާ ވާހަކަ ދައްކަމުން ގޮސް އެމީހުންނާއި ތަންކޮޅެއް ދުރުގައި ހުރި ކިންޒާ ލޮލުގެ އިޝާރާތުން ފާލިހްއަށް ދައްކާލިއެވެ.
“ވަރަށް އިރުވެއްޖެތަ އައިސްގެން؟ ސޮރީ ނިދުނީ. ކީއްވެތަ ނުގޮވީ.” ކިންޒާ ފާލިހް ގެ އަތުގައި ހިފާލީ ލޯތްބާއި އެކުގައެވެ. ޝަރީފާ އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ފާލިހް އަށް އެއްވެސް އެއްޗެއް ނުބުނެ ގަނޑުވެފައި ހުރެވުނީއެވެ.
“ވަރަށް ޓަޔަޑް ދޯ. ދޭބަލަ ފްރެޝްވެލަން. މިދަނީ ކާން ހަދަން..” ކިންޒާ ފާލިހް ގެ ނޭފަތުގައި ހިފާ ދަމާލުމުން ފާލިހް ހިނިތުންވެލީ ގަދަކަމުންނެވެ.
އިރާކޮޅު ވެހެން ފެށި ވާރޭ ހުއްޓާލަން ހިތަށްވެސް ނާރައެވެ. އަޔާން ނުހާގެ ފޯނު ސައިލެންޓް ކޮށްލާފައި މީތަން އަށް ނުފެންނަހެން ކަބަޑު ތެރެއަށް ލާ ފޮރުވިއެވެ. ދާދި ދެންމެއަކު ވީ ކަމެއްހެން އަދިވެސް ނުހާ އާއި ދެބަސްވެވުނު މަންޒަރު އަޔާންގެ ލޯމަތީގައި ސިފަވަމުން ދެއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އަޔާން ބެލްކަންޏަށް ނިކުމެ ދަގަނޑު މަތީގައި އަތް އަޅުވާލިއެވެ.
“ހިނގާ ކާން. އަދި ފެންވެސް ނުވަރަންދޯ.” މީތަން ބެލްކަނި ދޮރުކައިރީގައި ހުއްޓި ހިނިތުންވެލިއެވެ.
“އެއްވެސް ސުވާލެއްނުކޮށް އަހަރެން ބުނާ ކަމެއް ކޮށްދީފާނަން.” މީތަންއާ ވާހަކަ ދެއްކި ކަމުގައި ވިޔަސް އަޔާންގެ ނަޒަރު ހުއްޓިފައިވަނީ ބޯކޮށް ވެހެމުންދާ ވާރެ އަށެވެ.
ހިތުގައި އެތައް ސުވާލެއް އުފެދުނު ނަމަވެސް މީތަން އާއެކޭ ބުނަމުން ޖަވާބު ދިނެވެ. ކޮންފަދަ ކިޔަމަންތެރި އަތްބެއް ހެއްޔެވެ.؟ އެއްވެސް ގޮތްދެއްކުމެއް ނެތެވެ.
“މާދަމާ ހެނދުނަށް ފުރަން ރެޑީވޭ. މީތަންގެ މަންމައާ ވެސް ވާހަކަ ދައްކާފަ މިއައީ. މަންމައާއެކު ދޭ.” އަޔާން މީތަން އަތުގައި ހިފާ ގާތަށް ދަމާލިއެވެ.
ނުހާގެ ކުޅިގަނޑުގެ ތެރޭގައި މީތަންއަށް އެއްވެސް ދެރަގޮތެއް ވާާކަށް އަޔާން ނޭދެއެވެ.
“ކޮންތާކަށް ފޮނުވާލަނީތަ؟ އަޅެ ނުހުރެވޭނެ އަޔާން ނުފެންނަ ހިސާބެއްގަ. ދެން ނުލިބޭނެ ލޯބި ކޮޅެއްވެސް.” މީތަން ތުން ދަމާލުމުން އަޔާން އަށް ހެވުނެވެ.
“ސިންގަޕޫރަށް. އެންމެ ހަފްތާއެކޭ. އަދި އެކަކު ކައިރީގަވެސް ނުދައްކާތި މިވާހަކަ.” އަޔާން މީތަންގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.
“ތިވަރަކުން ނުވާނެ ދޯ އެއް ހަފްތާއަކަށް.” މީތަން ރަކި ގޮތަކަށް ހީލަމުން އިސްޖަހާލިއެވެ. ޖެހެމުންދާ ފިނި ވައިރޯޅި މީތަން ގެ އިސްތަށިކޮޅާ ސަމާސާ ކޮށްލާތަން ބަލަން ހުރި އަޔާން މީތަން ނަގާ އަތްމައްޗަށް އުފުއްލާލި އެވެ. އަޔާންގެ އެހަރަކާތް މީތަން އަށް ވިސްނުނުކަހަލައެވެ. އެހެންވެ އަޔާންގެ އަތު ތެރޭގައި އޮވެ އެނދާ ދިމާއަށް ދަމުން ކޮޓަރީގެ ލައިޓް މީތަން ނިއްވާލިއެވެ.
ހެނދުނު ވިއިރުވެސް ވާރޭ ހުއްޓާނުލައެވެ. އޮފީސް ބަންދު ދުވަހަކަށް ވުމުން ކިންޒާ ބޭނުންވީ ބަގީޗާ ތެރެ ސާާފުކޮށްލާ އާ ގަސްތައް އިންދާށެވެ.
“ފާލިހް. ސައިބޮއެވެސް ނިމިއްޖެއެއްނު. ހިނގާާބަލަ ގަސްއިންދަން ދާން.” ކިންޒާ ތުއިވެލަމުން ފާލިހްގެ އަތުގައި ހިފައި ދަމައިގަތެވެ.
“ދެންމެ މިއައީ ފެންވަރައިގެން. އަނެއްކާ ނުތެމެވޭނެ.” ފާލިހް މަނާކުރިއެވެ. ނަމަވެސް ކިންޒާ އާދޭސް ކުރުމުން ފާލިހްއަށް ޖެހުނީ އެންމެ ފަހުން ކިންޒާ އާއި އެކީ ދާށެވެ.
“ބޭބީ. މިތަން ކޮނެލަބަލަ. މިތާގަ މަގޭ ގާާޑަން ހަދާނީ.” ކިންޒާ ގެ އަތުގެ އިޝާރާތުން ދައްކާލި ތަން ފާލިހް ކޮންނަން ފެށިއެވެ. ކުއްލިއަކަށް ފަސްގަނޑު ތެރެއިން ފާާލިހް ގެ ލޮލުގައި އަޅައިގަތީ މަލަކާގެ ހެދުމުގެ ފޮތިކޮޅެކެވެ. އެހެދުމުގެ ކުލަ ފާލިހް އަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ ފާލިހް އެންމެ ފުރަތަމަ މަލަކާއަށް ގަނެދިން ހެދުމުގެ ފޮތިކޮޅެކެވެ. އެހެދުން ގެއްލިގެން މަލަކާ އެތައް ފަހަރަކު އޭނާ ކައިރީގައި ވެސް އެވާހަކަ ވަނީ ދައްކާފައެވެ. ބަލާކަށް ނުހުރެ ފާލިހް އެފޮތިކޮޅުގައި ހިފައި ދަމައިގަތެވެ. އެފޮތިކޮޅު ތެރޭގައި ކޮންމެވެސް އެއްޗެއް ލާފައި ވަނީ އައްސާ ބާރުކޮށްފައެވެ.
“ކޯޗެއްތަ؟” ކިންޒާގެ އަޑަށް ފާލިހް ދިޔައީ ސިއްސައިގެންނެވެ.
“ކޯޗެއް ކަމެއް ނޭނގޭތަ؟” އަޔާން ވާހަކަ ދެއްކީ އޭނާގެ އަންހެނުން މީތަން އާއެވެ. އެމީހުން ތިބީ ފުރަން އެއާޕޯޓަށް ގޮހެވެ.
“ދެން އަޔާން ބުނެބަލަ. ކޯޗެއްތަ މުށުތެރެއަށް ލާ ފޮރުވައިގެން ތިއުޅެނީ.” މީތަން ބޮޑާހާކާލިއިރު ހީވަނީ ކުޑަ ކުއްޖެއްހެންނެވެ. މީތަން އުޅުނު ގޮތުން އަޔާންއަށް ހެވުނެވެ.
“ދެލޯ މަރާބަލަ.” އަޔާން މީތަންގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން މީތަން އަވަސް އަވަހަށް ދެލޯ މަރާލީ އަޔާން ފޮރުވައިގެން ގެންގުޅޭ އެއްޗެއްގެ ހަޤީޤަތް ބަލަންވެގެންނެވެ.
އަޔާން މަޑުމަޑުން މީތަންގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. މީތަންގެ އޮމާން ކަނދުރާ ފެނިފައި އަޔާންއަށް ހިންދިރުވާލެވުނީ ބޭއިހްތިޔާާރުގައެވެ.
ހަމަ އެވަގުތު މީތަންގެ ގައިގައި އޮޅުލައިގަންނަން އަޔާން ބޭނުންވިއެވެ. ނަމަވެސް ވަގުތުގެ ގޮތުން އަޔާން އަށް އެގޮތަށް އެކަން ކުރެވެން ނެތީއެވެ.
މުށުތެރޭގައި އޮތް ފަށް ނަގައި މީތަންގެ ކަރުގައި އަޅުވާލަދިނެވެ. އެއާއެކު މީތަން ދެލޯ ހުޅުވާލީ އުފަލުން ހެވިފައި ހުރެއެވެ.
“އަޅޭ ލޯބި. މީ ކޮންހިތެއްތަ؟” މީތަން ގެ ފަށުގެ ފޫ އަތްތިލަ މަތީގައި ބާއްވާލަމުން އަޔާން އަށް ހިނިތުންވެލިއެވެ.
“އަޅެ ހުޅުވާފައި ބަލާލަބަލަ.” އަޔާން މީތަންގެ ކޮލުގައި ހިފާލިއެވެ.
“ނުކެރޭނެ ހުޅުވާކަށް. ވެދާނެއެއްނު ކޮންމެ އެއްޗަކަށްވެސް.” ކިންޒާ އާއި ފާލިހް ތިބީ ހަދާނެގޮތެއް ނޭނގިފައެވެ. ތުނިތުނި ކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ހަށިގަނޑު ފިނިކުރަމުން ދިޔައިރުވެސް އެމީހުންނަށް އޭގެ އިޙްސާސްވެސް ނުވާ ކަހަލައެވެ. އެފިނީގައިވެސް ފާލިހްގެ މޫނުން ދާތިކި ފާއްދާލައިފައިވެއެވެ.
“ތި ދެމީހުންނަކަށް ފިންޏެއްވެސް ނުވޭތަ؟” ފަހަތުން ޝަރީފާގެ އަޑު އިވުމާއެކު ސިހިފައި ފާލިހް އަތުގައި މަލަކާގެ ހެދުމުގެ ފޮތިކޮޅުން އޮޅާ އައްސާފައި އޮތް އެތި ވެއްޓުނެވެ. ޝަރީފާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އިތުރަކަށް އެހެން މީހަކަށް ފޮރުވޭނެ އެއްވެސް ކަމެއް ނެތް ކަހަލައޭ ޝަރީފާގެ ހިތަށް އެރިއެވެ. ހަރަކާތެއް ކުރަން ނޭނގިފައި ޝަރީފާއަށް ހުރެވުނީ ބަލާށެވެ.
“މަންމާ. ކިހިނެއްވީ. މަންމަވެސް ބިރުގަތީތަ؟” ކިންޒާ އަވަސް އަވަހަށް ގޮސް ޝަރީފާގެ އަތުގައި ހިފިއެވެ.
“ތީ ކޮންތާކުން ނެނގި އެއްޗެއް. ތި އޮތް ތާކު އަލުން ތި ބާއްވާ. އެހެން ނޫނީ ދަރިފުޅުމެންނަކަށް އުފަލުގަ ނޫޅެވޭނެ.” ޝަރީފާ އަޑު ތުރުތުރު އަޅާވަރުން އޭނައަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.
“އޭން. ކީކޭ؟ ކޮންކަހަލަ ވާހަކައެއް މަންމަ ތިދައްކަނީ. އެއީ އަސްލު ކޯޗެއްތަ؟” ކިންޒާ ހައިރާންވެފައި ބަލަހައްޓައިގެން ހުރިއިރު ފާލިހްގެ ނަޒަރު ސީދާވެފައިވަނީ ޝަރީފާގެ ހާސްވެފައިވާ މޫނަށެވެ.
ބުނެވުނު އެއްޗަކާމެދު ޝަރީފާއަށް ވިސްނާލެވުނީ ދެނެވެ.
“ބުނާތީ އަޑުއަހަން. ތިގޮތަށް ހުންނާނީ ފަންޑިތަ ހެދީމައޭ. އެގެއެއްގައި އުޅޭ ބަޔަކު އުފަލުގަ އުޅުނަ ނުދޭންވެގެންނޭ. ތިގޮތަށް ހަދާފަ ހުންނަނީ. އެކަހަލަ އެއްޗެހީގައި އަތްލައިފިއްޔާ އެއްކަމެއްވެސް ރަނގަޅެއް ނުވާނެއޭ. ތި އޮތް ތާކު ބާއްވާފައި ޖެހޭނީ ތި ސިހުރު ބާތިލް ކޮށްލަންށޭ.” ޝަރީފާ ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ދިފާޢުގައި ކޮށްފައިވާ ފާފަތައް ފަޅާއަރާފާނެތީ ކަހަލައެވެ.
“ހާދަ ޔަޤީންކޮށް މަންމަ ތިބުނަނީ. އުފަލާއި ހިތާމަ ދެއްވަނީ މާ މަތީ ފަރާތަކުން. މިހުޅުވައިގެން ބަލަން ބޭނުން އަހަރެން.” ފާލިހް ޝަރީފާ އާ ހަތަރު ކަޅި ހަމަކޮށްލީ ނުރުހުންވެފައި ހުރެއެވެ. ޝަރީފާ ކަމެއް ސިއްރު ކުރެއޭ ފާލިހްގެ ހިތް ބުނަމުންދިޔައެވެ.
“ފާލިހް އެބުނީ ތެދެކޭ މަންމާ. މަށަށް ފެންނަނީ ތިކަން ދަންނަ މީހަކަށް ތީތި ދައްކާލަން.” ކިންޒާ ފާލިހްގެ ނިންމުމަށް ތާއީދު ކުރުމުން ޝަރީފާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“ކަލޭމެންނަށް ފެންނަގޮތެއް ހެދީމަ ނިމުނީނު.” ރުޅި ގަދަވެގެން ގޮސް ދަތްކުނޑި ވިކާލަމުން ޝަރީފާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.
“މަންމާ. މީތަންއަށް ބަލައްޗޭ.” ބޯޑިންއަށް ވަންނަން އިއުލާން ކުރުމާއެކު އަޔާންއަށް ކުރެވިގެންދިޔައީ ބުނެދޭންވެސް ދަތި އިޙްސާސްތަކެކެވެ. މީތަން ލޯމަތިން ގެއްލެން އަޔާންގެ ހިތް ބޭނުން ނުވާކަން އަޔާންއަށް ވިސްނެންފެށީ އަދި އަލަށެވެ. ލޯމަތިން މީތަން ގެއްލެންދެން އަޔާންއަށް ބަލަން ހުރެވުނީ ފެންކަޅިވެފައެވެ.
ލޯމަތިން ފްލައިޓް ގެއްލިގެން ގޮސް އެތައް އިރެއްވީއިރުވެސް އަޔާން އަށް ހުރެވުނީ ހަމަ ހުރި ފިޔަވަޅުމަތީގައެވެ. ގުޑިލަަންވެސް ނޭނގިފައެވެ. އަޔާންއަށް އިޙްސާސް ކުރެވެމުން ދިޔައީ އޭނާގެ ހަށިގަނޑުގެ އެއްބައި މަދުވެފައިވާ ކަމެވެ.
އޭޓީއެމް އިން ނިކުތް ގޮތަށް ނުހާ ކާރެއް ހުއްޓުވިއެވެ.
ނުހާ ގެޔަށް ނުދާތާ އެއްދުވަސްވީއެވެ. މިހާރު ނުހާ ބޭނުންވަނީ މާލެއިންވެސް ފުރައިގެން ދާށެވެ. އަޔާންއަށްވެސް އަދި އެއްވެސް މީހަކަށްވެސް ދުވަހަކުވެސް ނުފެންނަ ހިސާބަކަށެވެ.
ނަމަވެސް ނުހާގެ ޕާސްޕޯޓް ލިބިގެން ނޫނީ އެއްކަމެއްވެސް ކުރެވޭކަށްނެތެވެ. ދެރަކަމަކީ ނުހާއަށް އެއްވެސް ކަމެއް ކޮށްދޭނެ މީހެއް މިހާރު ނެތީމައެވެ.
“ކޮންތާކަށް ދާންވީ.” ފިކުރުތަކުން ވަށާލެވިފައިވާ ނުހާ ސިއްސުވާލީ ކާރުގެ ޑްރައިވަރުގެ އަޑެވެ.
“ކުރިއަށް ދުއްވަބަލަ. އިރުކޮޅަކުން ބުނާނަމޭ.” ނުހާގެ ހަރުކަށި ރާގުން ކާރުގެ ޑްރައިވަރު އެއްފަހަރުން ހިމޭންކޮށްލިއެވެ.
އޮފީހަށް ވަދެލަން އުޅެފައިވެސް އަޔާން ބޭނުންވީ ގެޔަށް ގޮސްލާށެވެ. ބަންދު ދުވަހެއްކަމުން މަގުމަތިވެސް ވަރަށް އަމާނެވެ. ގޭގެ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލިއިރު ދޮރު ތެރޭގައި އެއްފަރާތެއްގައި ލެގިލައިގެން ހުރި ޒާރާ އަޔާންގެ ލޮލުގައި އަޅައިގަތެވެ. ކުރިން ފާލިހްގެ ގެއިން ދެތިން ފަހަރަކު ފެނިފައިވާތީ އަޔާންއަށް ޒާރާ ފާހަގަ ވާކަށް އިރުތަކެއް ނުނެގިއެވެ. ނަމަވެސް ތަފާތަކީ ޒާރާގެ ނިކުމެފައިވާ ބޮޑު ބަނޑެވެ.
ސައިކަލް ޕާކްކޮށްލުމަށްފަހު ޒާރާ ކައިރިއަށް ގޮސް ހުއްޓުނު އަޔާންއަށް ޒާރާއާ ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން ފެނުނީމަ.” ޒާރާ ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ.
އަޔާން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
“އެންމެ ސުވާލެއްކޮށްލަން ބޭނުންވާތީ މިއައީ.” ޒާރާ އިސްއުފުލާ އަޔާންއާ ދިމާއަށް ބަލާލީ ފެންކަޅިވެފައި ހުރެއެވެ.
“ސުވާލު ކުރެވިދާނެ ފަހުންވެސް. އިހަށް ހިނގާބަލަ އެތެރެއަށް.” އެހާލަތުގައި ޒާރާ ކޮޅަށް ބަހައްޓާކަށް އަޔާން ބޭނުމެއް ނުވިއެވެ. ޚުދު އަޔާންވެސް ޒާރާ އާ ކުރަން ބޭނުން ބައިވަރު ސުވާލު އެބަހުއްޓެވެ.
“ނީތާ. ޖޫސްތައްޓެއް ގެނެސްބަލަ ވަރަށްއަވަހަށް.” ޒާރާ ގޮވައިގެން ގޭތެރެއަށްވަދެ ސޯފާގައި ޒާރާ ބައިންދާލަމުން އަޔާން ނީތާއަށް ގޮވިއެވެ.
ބުމަރެއްހެން ހޫރެމުން އެނބުރެމުން ނީތާ އަވަސް އަވަހަށް ބަދިގެ ތެރެއަަށް ވަނީ އަޔާންގެ އަޑަށެވެ.
“ފާލިހްގެ ދަރިއެއްތަ؟” މާދުރުން ވާހަކަ ދިގުކޮށްގެން ބޭކާރު ވާހަކަތަކެއް ދައްކަން އަޔާން ބޭނުމެއްނުވިއެވެ. ނަމަވެސް ޒާރާއަށް ވާނެ ގޮތާއި ދޭތެރޭގައި އަޔާން އެއްވެސް ވަރަކަށް ނުވިސްނައެވެ. ޒާރާއަށް އެނގޭ ގޮތުގައި އެއީ ހަމައެކަނި ފާލިހްއާއި ޒާރާގެ ސިއްރެކެވެ. ޒާރާ ހުރީ ބުނާނެ އެއްޗެއް ނޭނިގިފައެވެ. ފާލިހް އެވާހަކަ އަޔާންއާ ހިއްސާ ކުރީތީ ހިތްހަމަ ވެސް ނުޖެހި ލަދުގެންފައެވެ.
“މަށަށް ތިކަން އެނގިގެން ޒާރާ ދިރިއުޅުމަކަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ.” ޒާރާގެ ހާސްކަން އަޔާން ދެނެގަތެވެ.
“އެއީ އެހާވަރުގެ ކަމެއްނޫން. އެނގުނަސް ދިރިއުޅުމެއް އޮތް މީހެއްގެ ތާ ދިރިއުޅުން ހަލާކުވާނީ.” އުދާސްވެފައިވާ ދެލޮލާއެކުވެސް ޒާރާ ހިނިތުންވެލިއެވެ.
“މީ ފާލިހްގެ ދަރިއެއް. އެކަމަކު އެވާހަކަ ދައްކާކަށް ނޫން މިއައީއެއް. މަށަށް ފާލިހް އަށްވުރެ މުހިންމު މަލަކާ.” ޒާރާ ވާހަކަ ދައްކަން ބޭނުން މައުލޫޢު އަޔާން ކުރިމަތީގައި ހުޅުވާލިއެވެ.
“މަލަކާއޭ. ޒާރާ އާ މަލަކާއާ އޮތީ ކޮން ގުޅުމެއް؟” އަޔާން ހުރީ ހިސާބަކަށް ހައިރާންވެފައެވެ.
ޒާރާގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލަހައްޓައިގެން އަޔާންއަށް ހުރެވުނީއެވެ.
“އަހަންނަކީ ބޮޑު ކުށްވެރިއެއް؟” ޒާރާ އަށް ރޮއެގަނެވުނީ ބޭއިޚްތިޔާރުގައެވެ. އަޔާން އަދި ވަކިން ބޮޑަށް ކަންތައް ބޮޑުވެއްޖެއެވެ. އަދި ވަކިން މާބަނޑު އަންހެނަކު އެގޮތަށް ކުރިމަތީގައި އިނދެ ރޯތަން ބަލަން ހުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟
“ޒާާރާ. ކީކޭތަ ތިކިޔަނީ. ނުރޮއެ ހުއްޓާލައިގެން ތި ވެގެން އުޅޭގޮތް ކިޔާދީބަލަ.” އަޔާން ޒާރާގެ ބޮލުގައި ފިރުމާލީ އޯގާތެރިކަމާއި އެކުގައެވެ. ނަމަވެސް ޒާރާާއަށް ހުއްޓާލެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އަޔާން ޒާރާ ހިތް ފުރެންދެން ރޯން ދޫކޮށްލައިގެން ބަލަހައްޓައިގެން އިނީއެވެ.
ހިތް ފުރެންދެން ރޯލުމަށްފަހު ޒާރާ އަޔާން އަށް މަލަކާ ގެ ވާހަކަތައް ހިއްސާކުރަން ފެށިއެވެ.
“އަހަރެން އެގެޔަށް ގެންދިޔައީ ފާލިހް ގެ މަންމަ. މަލަކާ އާއި ފާލިހް ދުރުކުރުވަން. ހިސާބަކަށް ފަންޑިތަވެސް ހަދާ ކަން ނޭނގެ. ޔަޤީނެއް ނޫން. އެއީ އަހަރެންގެ ލޮލަކުން ނުދެކެން އެކަހަލަ ކަމެއް ކުރަނިކޮށެއް. މަލަކާ އެދުވަސްކޮޅު ވީ ބަލި އެއީވެސް މިކަމުގެ ސަބަބުން ވީކަންތައްތައް. ނަމަވެސް ފަހުން ފާލިހްގެ ދިރިއުޅުމުގައި މަލަކާ އަށް ދީފައިވާ މަޤާމު ބޭނުންވީ އަހަރެން އަމިއްލައަށް. މަލަކާ ގެ ބަނޑުގައި އޮތް ދަރިފުޅު މަރާލީވެސް އަހަރެން.. – “ ޒާރާގެ ވާހަކަ ހުއްޓުވާލީ އަޔާން އަތް ދިއްކޮށްލަމުން ޒާރާއަށް ކޮށްލި އަތުގެ އިޝާރާތެވެ. ޒާރާ އިތުރަށް ވާހަކަ ދައްކަން ދެން އަޔާން ބޭނުން ނުވާކަހަލައެވެ. އަޑުއަހާނެ ހިތްވަރުވެސް އަޔާންގެ ނެތީއެވެ.
“ކަލޭމެން ތީ ހާދަ ނުބައި ބައެކޭ ދޯ. ކުށެއްނެތް ކުއްޖަކު މުޅިން އެކަނިކޮށްލާ މުޅި ދުނިޔެއިން ވެސް މޮޔަކޮށްލައިިފި.” އަޔާންއަށް ހަޅޭލަވައިގަނެވުނީ ވަރަށް ބާރަށެވެ.
“ކީކޭ. ހަމަ ރަނގަޅަށްވެސްތަ؟” ޒާރާއަށް ރޮއެގަނެވުނެވެ. އޭނާގެ ކުށް އޭނާ އަށް އިޙްސާސްކުރެވުނު އިރު މާލަސްވެއްޖެއެވެ. އަދި މިހާރު ޒާރާއަށް ލިބެމުންއެދަނީ އެކަމުގެ ޝަޒާ އެވެ. މުޅި ދިރިއުޅުން ހަލާކުވެ އެންމެންގެ މަލާމަތާއި ނަފްރަތުގެ ޝިކާރައަކަށް މިހާރު ޒާރާ އެވަނީ ވެފައެވެ.
“ދެން ދެރަވިޔަސް ރުޔަސް ކުރެވޭނެ ކަމެއްނެތް. ސޮރީ މާ ބާރަށް ބުނެވުނީމަ.” އަޔާން ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. ޒާރާ އެއްވެސް އެއްޗެއް ނުބުނެ އިންތަނުން ތެދުވެގެން ހިނގައިގަތެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. ދެން ކަންތައް ކުރަންވީ ގޮތް އޭނާ އަށް އެނގެއެވެ. އަޔާން ވެސް ޒާރާ ހުއްޓުވާކަށް ނޫޅުނެވެ. އަޔާން ގެ ނަޒަރުގައި ފާލިހް އެކޭ އެއްގޮތަށް ޒާރާ ވެސް އެއީ ކުށްވެރިއެކެވެ.
ވެހެމުންދިޔަ ހިމަ ފޮދު ވާރެޔަށް ބަލަހައްޓައިގެން ގޯތި ތެރޭގައި ހުރި ކުޑައެއް ދަށުގައި ފާލިހް އިނެވެ. އިރުއިރުކޮޅާ ކައިރީގައި ބަހައްޓާފައި ހުރި ކޮފީތަށިން އެތިފޮދެއް ބޯލައެވެ. ހިމަފޮދުވާރެއާ ފާލިހްގެ ހަޔާތާއި ގުޅިފައިވާ ކަހަލައެވެ. އާއެކެވެ. މިއަދު ހެނދުނުއްސުރެ މަލަކާގެ ހަނދާންތައް ނޫން އެހެން ކަމެއް ފާލިހްގެ ބޮލުގައެއް ނެތެވެ. ކުރީގެ ފޮނި ހަނދާންތަކެވެ. އަލަތު ކައިވެނީގެ އުފާތަކެވެ. އެކުގައި ހޭދަކުރިހާ ވަގުތު ތަކެވެ. އަތާ އަތް ގުޅުވާލަމުން ވީ ވަޢުދުތަކެވެ.
ގޭގެ ދޮރޯށި ހުޅުވާލި އަޑަށް ފާލިހް އިސްއުފުލާ ބަލާލިއެވެ. އެވަގުތު އަތުގައި ހުރި ކޮފީތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ. ކުރިމަތީގައި ހުރި ޒާރާ އާއި އޭނާގެ ބަނޑަށް ފާލިހް އަށް ބަލަން ހުރެވުނީ ދެލޯ ބޮޑުކޮށްގެންނެވެ.
“ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން ފެނުނީމަ. ހަމައެކަނި އަހަރެންނެއް ނޫންދޯ. މިބަނޑު ފެނުނީމަވެސް.” ޒާރާ ފާލިހްއަށް ބަލާލީ ލޮލުގެ ހިމަކަޅިންނެވެ.
“ނާހާނަންތަ އަހަރެން މިތަނަށް މިއައީ ކޮން ބޭނުމަކުތޯ.” ޒާރާ ފާލިހްގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިލިއެވެ.
“ތީ ކާކުގެ ދަރިއެއް. މީހަކާ އިނީތަ؟”ފާލިހްގެ ބެދިފައިވާ އަޑު ނިކުތީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
ޒާރާ އަށް ހީނގަނެވުނީ ބޭއިހްތިޔާރުގައެވެ.
“މީހަކާ އިނދެގެން އެކަނިތަ ދަރިން ލިބެނީ. ވަރަށް ޖޯކް ދެން ތިހެން ބުނީމަ.” ޒާރާ ފާލިހްއަށް ފުރަގަސްދެމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
“ބުނަންތިއުޅެނީ.-” ފާލިހްގެ ބަސްހުއްޓުނީ ޒާރާ ކުއްލިއަކަށް އޭނައާ ދިމާއަށް އެނބުރުނީމައެވެ.
“ބުނަން މިއުޅޭ އެއްޗެއް ގެޓް ވާނެ ފާލިހްއެއް. ބޭނުންވަނީ އަހަރެންގެ އަނގައިންތަ އެނގެން ހުރިހާ ކަމެއް. މީ ފާލިހްގެ ދަރިއެއް. އިތުރު ބަހަނާ ދައްކަންޏާ ތިން މަސް ފަހުން ޑީ އެން އޭވެސް ހެދިދާނެ.” ފާލިހް އިތުރު ސުވާލެއް ނުކުރެވޭ ވަރަށް ޒާރާ ތަފްސީލުކޮށްލަ ދިނެވެ.
ފާލިހްއަށް ހީވީ މީހަކު އޭނާގެ ބޮލުގައި އެތިފަހަރަކުން ޖެހި ހެންނެވެ.
“ވަޓް.” ކިންޒާގެ އަޑަށް ފާލިހް އާއި ޒާރާވެސް ދިޔައީ ސިއްސައިގެންނެވެ.
ފާލިހްގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައިރު ޒާރާ ހުރީ ވަރަށް ހަމަޖެހިފައެވެ.
“ސާފެއް ނުވިތަ މިބުނި އެއްޗެއް. ނޫނީ އަދި އެއްފަހަރު ބުނަންވީތަ؟” ޒާރާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ކެރި ހުރެއެވެ. އަމިއްލަ ކުށަށް ތައުބާވެ މަލަކާ އަށް އިންސާފް ހޯދައިދިނުމަކީ މިއަދު ޒާރާގެ އެންމެ މުހިންމު މަޤްސަދެވެ.
“ފާލިހް. ޒާރާ މިކިޔަނީ ކީކޭތަ؟ މި ކޮން ކަންތައްގަނޑެއްތަ؟” ކިންޒާ އޭނާގެ ފެންކަޅިވެފައިވާ ދެލޯ ފާލިހް އަށް ހުއްޓާލިއިރު ފާލިހް ހުރީ އިސްޖަހައިގެންނެވެ. އަނގައިން ބަހެއް ނުނިކުތްތާގައި ކިންޒާ އާއި ހަތަރުކަޅި ހަމަކޮށްލާނެހާ ހިތްވަރުވެސް މިއަދު ފާލިހް ގެ ނެތެވެ.
“ހާސް ނުވޭ. އަހަރެން މިއައީ ތި ދިރިއުޅުމަކަށް އެރިގަންނާކަށް ނޫން. އަހަރެންގެ ބަނޑުގައި މިވާ ފާލިހްގެ ދަރިއަކަށް މި އާއިލާގެ އެއްވެސް މީހެއްގެ ހިޔަނިވެސް އެޅުނަކަ ނުދޭނަން.. ހަމަ އެންމެ ސުވާލެއް ކުރަން ބޭނުންވަނީ. މަލަކާ އަށް އެހާ ނިކަމެތިކޮށް ކަންތައް ކުރަން ޖެހުނީ ކީއްވެގެންތޯ.” ޒާރާ ފާލިހް ގެ އަތުގައި ހިފިއިރު ވެސް ކިންޒާ ހުރީ ބަލަހައްޓައިގެންނެވެ.
“އެކަމެއް ނޭނގެ. އަހަރެމެންގެ ދިރިއުޅުމަށް ވަންނަން ބޭނުން ނޫންނަމަ ކީއްވެގެންބާ އަހަރެންގެ ކުރިމަތީގައި އަހަރެންގެ ފިރިމީހާގެ ގަޔަށް ބޮލަށް ތި އަތްލަނީ.” ކިންޒާ ހިތްހަމަ ނުޖެހުނީ ޒާރާ ފާލިހް ގެ އަތުގައި ހިފީމައެވެ. އަދި ކިންޒާ ކުރިއަށް ޖެހިލާފައި ފާލިހް ގެ އަތުގައި ހިފަހައްޓާފައި އޮތް ޒާރާގެ އަތް ދުރުކޮށްލިއެވެ.
“ކަލެއަށް. ތިއުޅެނީ އޮޅިގެން. ފާލިހް މަލަކާ ދޫކޮށްލީ ކެތްނުކުރެވިގެން. މަލަކާ ގެ އަނިޔާއާ ކުރާހާ ޖެއްސުންތަކަށް. ދެން އެބައުޓް ތި ބަނޑުގަ އޮތް ކުއްޖާ. ތީގެ ހަޤީޤަތް ޖެހޭނީ ބަލަން.” ކިންޒާ ޒާރާ އާއި ދިމާއަށް ހަޅޭލަވައިގަތެވެ. އަދި ރުޅި އައިސްފައި ދެލޯ އަޅާލިއެވެ.
“ކަލޭ އިހަށް ދުވަހު މިތަނަށް ފުންމާލި މީހަކަށް ކޯޗެއް އެނގޭނީ. އަޅެ ލޯބިވާ ފިރިމީހާ ކުރެން އަހާލަބަލަ. އޭރަށް މާ ރީއްޗަށްވެސް ތެދު ހާމަވާނެ. އަހަރެންގެ ބަނޑުގަ އޮތް ކުއްޖާގެ ބައްޕަވެސް އެނގޭނީ ކަލެއަށްވުރެ ބޮޑަށް މަށަކަށްނު. އެވަރުވެސް ނޭނގޭ ގަމާރެއްތަ ތީ. ނޫނީ ކީއްތަވާނީ ފާލިހް ކައިރީގައި އަހާލިއްޔާ.” ޒާރާގެ ރާގުގައިވަނީ މަލާމާތެވެ.
މަންމަން ވެފައި ހުރި ފާލިހްގެ މޫނަށް ކިންޒާ ބަލާލީ އިތުރަށް ޔަޤީން ކުރަން ބޭނުންވާތީއެވެ.
“ފާލިހް. ކީއްވެތަ އެއްޗެއް ނުބުނެ ތިހުންނަނީ. އޭނަ އެދައްކާ ދޮގު ވާހަކަތަކަށް ރައްދު ދީބަލަ.” ކިންޒާ ފާލިހް ލައިގެން ހުރި ޓީޝާޓްގައި ހިފައި ދަމަމުން ރޯންފެށިއެވެ. ނަމަވެސް ޖެހި ބުދެއްހެން ފާލިހް އަށް ގަނޑުވެފައި ހުރެވުނީއެވެ. މިއަދު އެއްވެސް ވާހަކައެއް ދޮގުކުރެވޭކަށްވެސް ފާލިހް އަކަށް ނެތެވެ.
“ކޮންހާ އަޑުގަދައެއްތަ މިވަނީ.” ގޭތެރެއިން ނިކުތް ޝަރީފާއަށް ޒާރާ ފެނުމާއެކު ހުއްޓެވުނެވެ.
“އޯ. އާދޭ އާދޭ. ކަލޭ ނެތީމަ އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބިގެން މިއުޅެނީ.” ޒާރާ އެއްމިޔަނަކުން ހީލީ ޝަރީފާއަށް މަލާމަތް ކުރަމުންނެވެ.
“ހާދަ ގޮތްކުޑައޭދޯ ކަލޭ. މީސްމީހުންގެ ގެޔަށް ވަދެ އަޑުގަދަ ތިކުރަނީ. ހަމަ މިހާރު ނިކުމޭ މިގެއިން.” ޝަރީފާ އަމުރުކޮށްލިއެވެ.
“ގޮތްކުޑަ މީހުންނަށްވަނީ ކިހާވަރެއް ވީމަކަން މަށަށް ތަންކޮޅެއް ސާފުކޮށް ކިޔާދީބަލަ ނިކަން. އަމިއްލަ ދަރިއަށް ފަންޑިތަ ހެދީމަތަ؟ ނޫނީ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލީމަތަ؟ މަކަރާއި ހީލަތުން އަހަރެން މިގެޔަށް ގެނެސް އަމިއްލަ ދަރިފުޅުގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މޮޅެތި ރޭވުންތައް ރޭވީމަތަ؟” ޒާރާ އެއްފަހަރާ ޝަރީފާގެ ދުލުގައި ތަޅުއަޅުވާލިއެވެ.
ޝަރީފާއަށްވެސް މަޖުބޫރުވީ ޒާރާގެ ކުރިމަތީގައި އިސްޖަހާާލާށެވެ. ކޮންމެ ކަމެއްގައިވެސް ހަޤީޤަތާއި ކުރިމަތިލާން ޖެހޭ ދުވަހެއް އަންނާނެއެވެ.
“މަންމާ. ކީކޭތަ ޒާރާ އެކިޔަނީ.” ފާލިހް މަޑުހިނގުމެއްގައި ގޮސް ޝަރީފާ ގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު ޝަރީފާގެ ވަޅުވަދެފައިވާ ދެލޮލުން ކަރުނަ އޮހެމުންދިޔައެވެ. ޝަރީފާ އުޅުނީ އެތަނުންދާށެވެ. އެއީ ހަޤީޤަތް ހާމަކުރަން އޭނާ ބޭނުންނުވާތީއެވެ. ނަމަވެސް ފާލިހް އެއްލި އަތުން ޝަރީފާގެ އަތުގައި ހިފެހެއްޓިއެވެ.
“މިއަދު މިވަގުތު އަހަރެން ބޭނުން ހުރިހާ ކަމެއް އެނގެން.” ފާލިހް ގެ އަޑު ކުރިއަށް ވުރެވެސް ބާރުވެގެން ދިޔައެވެ.
“އާނ. އެ މަލަކާ އަކީ ކޯޗެއް އޮތް މީހެއްތަ؟ އެ މަލަކާ އެއްގެ ފަހަތުން މޮޔަވެގެން ފާލިހް ދުވީ. އަދި އިންތަނުން ފާލިހް އަތް ދަށު ނުލެވިގެން ދަރިއެއްވެސް ހޯދީ. ދެން ހަމަ އަހަރެން ހުންނަންވީތަ އެމަންޒަރު ބަލަން. ނުހުރެވޭނެދޯ. އެ ސުންޕާ މަލަކާގެ ވަސް ވެސް މިގެއިން ފޮހެލާފަ އޮންނާނީ. ހަމަ ދަރިފުޅަށްޓަކާ. މިހާާރު ދަރިފުޅު ކިހާ އުފަލުގަ ތަ ތިއުޅެނީ.” ޝަރީފާާގެ ހައްދުފަހަނަޅާފައިވާ ނުބައިކަން ފެނިފައި ކިންޒާ ވެސް ހުރީ އަނގަހުޅުވި ކޮސްވެފައެވެ.
“ފަންޑިތަވެސް ހެދީ ހަމަ އެ މަލަކާ ގެ ސުންޕާކަމުން ދަރިފުޅު ސަލާމަތްކުރަން.” ފާލިހް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޝަރީފާއަކީ ހަމަ އޭނާގެ އަސްލު މަންމަ ބާއޭ ފާލިހްގެ ހިތަށް އެރިއެވެ. އަމިއްލަ ބަނޑުން އުފަންވި ދަރިއަކަށް އެހާ ރަހުމުކުޑަކޮށް ކަންތައް ކުރަން ކެރިދާނެ ހެއްޔެވެ؟ ފާލިހްއަށް ކުޑަކަކޫ ޖަހާލަމުން ބިންމަތީގައި އިށީނދެވުނެވެ. އޭރުވެސް ލޯމަތީގައި އެނބުރެމުން ދަނީ މަލަކާގެ ސޫރައެވެ.
“ކަލޭ ތީ ހާދަ ނުބައި އަންހެނެކޭ ދޯ. ތިކަހަލަ މީހުންތީ މަންމައިންނަށްވެސް އޮތް ހުތުރެއް.” ފާލިހްއަށް ވަމުންދިޔަ ގޮތް ފެނިފައި ޒާރާ ހިތުގައި ޖެހުނު ކަހަލައެވެ.
“ކަލޭ ތި ހަލާކު ކުރީ ކަލޭގެ ދަރިފުޅުގެ އެކަނި ދިރިއުޅުމެއް ނޫން. އަހަރެމެން އެންމެންގެވެސް.” އެންމެފަހުން ކިންޒާ ގެ ނަފްރަތާއި ބަދު ދުޢާގެ ޝިކާރައަކަށްވެސް ޝަރީފާ ވީއެވެ. ނަމަވެސް ޝަރީފާ ގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލައެވެ. އޭނާގެ ކުށް އޭނާއަށް އިޙްސާސް ވިނަމަ އެއްފަހަރު ނަމަވެސް މާފަށް އެދުނީހެވެ. ފާލިހްގެ ކަރުނުން ތެމިފޯވެފައިވާ މޫނަށް ބަލާލަމުން ޝަރީފާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
“އޭ. ހުއްޓޭ.” ފާލިހްގެ އަޑު މުޅި އެހިސާބުގަނޑަށް ގުޑުން އަރުވާލިއެވެ. ޝަރީފާއަށް ފަހަތަށް އެނބުރެވުނީ ތެޅިގެންފައެވެ. އޭރު ފާލިހް ގެ ރަތްވެފައިވާ ދެލޯ ބޮޑުކޮށްގެން ހުރެ ޝަރީފާއާ ދިމާއަށް އަންނަނީއެވެ.
“ހިތަށް އަރާ ވަޅިއަކުން ކޮށާ ކުދިކޮށްލަފާނަމޭވެސް. ތިކަހަލަ މަންމައިންގެ ފައިތިލިދަށުން ސުވަރުގެ ދެވޭނެބާއޭ އަހަރެންގެ ހިތަށް އަރާ. އެންމެ ފަހަރަކުވެސް ބުނެލިނަމަ މަލަކާއާ ނުއިންނާށޭ. ނޫނީ ދޫކޮށްލާށޭ. ތިހާ ރަހުމެއްނެތް މީހަކަށް އަހަރެން ދުވަހަކުވެސް މަންމަ އެއް ނުކިޔާނަން. އަދި ތި މީހާގެ ހިޔާވަހިކަމުގެ ދަށުގައި އެންމެ ހިނދުކޮޅަކުވެސް ނުހުންނާނަން.” ފާލިހްގެ ހިތް މުޅިން ކުދިކުދިވެއްޖެއެވެ. ބަނޑު އަޅައި ވިހޭ މައިމީހާ ނޫންނަމަ މިއަދު ފާލިހްގެ އަތުން ޝަރީފާ މަރުވީހެވެ. ޝަރީފާ ކިތަންމެ ނޫން ކަމަށް ހެދިފައި ގޭތެރެއަށްވަދެގެން ދިޔަޔަސް ފާލިހްގެ ބަސްތައް އޭނަގެ ހިލަގަނޑެއްހާ ހަރުހިތް ތޮރުފާލައިފިއެވެ.
“ޒާރާ. ބޭނުން ނަމަ މަގޭ ކުށުގެ އަދަބު މަށަށް ދެވިދާނެ. އަހަރެން ހަމަ ހިތް ހެޔޮ.” ފާލިހް ޒާރާގެ ކުރިމަތީގައި ދެއަތް ޖޯޑް ކޮށްލީ މާފަށް އެދެމުންނެވެ.
“ނޫން. ފާލިހްގެ ކުށެއްނެތް. މީ އަހަރެންގެ އަމިއްލަ ކުށުންވީކަމެއް.” ޒާރާ ފާލިހްއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ފާލިހް އަށް ތިގޮތަށް މަލަކާ އާ ދޭތެރޭގައިވެސް ކަންތައް ކުރެވުނީ ތި ސިހުރެއްގެ ބާރުގައި. އަވަހަށް މަލަކާ ކައިރިން މާފަށް އެދޭ.” ޒާރާ ފާލިހް ގެ ކޮނޑުމަތީގައި އަތްބާއްވާލީ އޯގާތެރިކަމާއެކީގައެވެ. އަދިވެސް ޒާރާ ގެ ހިތުގެ ފުންމިނުން ފާލިހް ދެކެ ލޯބިވެއެވެ.
“އަހަރެން ބޭނުން އަހަރެންގެ ދަރިފުޅަށްވެސް އަހަރެންގެ ފަރާތުން ޙައްޤުވާ ލޯބި ދޭން. އެކުއްޖާގެ އެއްވެސް ކުށެއްނެތް. ކިންޒާ ބޭނުންނަމަ އަދިވެސް އަހަރެން އުޅޭނަން ކިންޒާ އާއެކު.” ފާލިހް އޭނާގެ ކުރިމަތީގައި ގަނޑުވެފައި ހުރި ކިންޒާގެ އަތުގައި ހިފާލިއިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ.
“މަށަކީ އެހާ މާތް މީހެއް ނޫން. މަށަކަށް ނޫޅެވޭނެ ވީ ކަމެއް ނުވާ ކަމަކަށް ހަދައިގެނެއް. ފާލިހް ތީ މަލަކާގެ ހައްޤެއް. އެއްފަހަރުވެސް އަހަރެން ނުބުނަން ފާލިހްގެ ކުށެކޭ. މާދަން ފާލިހްގެ މަންމަ އަހަންނަށްވެސް އެހެން ހަދާފާނެ.” ކިންޒާ އަށް ވާހަކަ ދެއްކުނީ ގިސްލަމުންނެވެ. އެހާވެސް އޭނާ އެހުރީ ހިތުގައި ޖެހިފައެވެ. ނުހަނު ލޯބިން ފެށި ދިރިއުޅުންވެސް ގެއްލުނީއެވެ.
ކިންޒާ ދެއްކި ވާހަކަތަކަށް ފާލިހް ބޯޖަހާލީ އެއީ ޚަޤީޤަތް ވީމައެވެ. ހަޤީޤަތުގައިވެސް ފާލިހް ލޯބިވަނީ މަލަކާ ދެކެއެވެ. ތަޤުދީރުގެ ނިންމުން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ.
ދެފަހަރަކު ނުހާގެ ކޮޓަރި ދޮރު ހުޅުވާލާފައި ނުހާގެ ހިލަމެއްވޭތޯ އަޔާން އިންތިޒާރު ކުރަމުން ދިޔައެވެ.
“ނީތާ. ނުހާ ދެކުނިންތަ؟” އެންމެ ފަހުން ސިޑިން މައްޗަށް އަރައިގެން އައި ނީތާ ފެނުމުން އަޔާން އެހިއެވެ.
“އިއްޔެ ހެނދުނު ދިޔަ ގޮތަށް ނާދެއެއްނު. ނުދެކެން މިގޭތެެރެއަކުން.” ނީތާގެ ވާހަކަ އަޑުއަހާފައި އަޔާން ހައިރާނެއް ނުވެއެވެ. އަޔާންގެ ހިތްބުނެއެވެ. ކޮންމެވެސް ކަންތައްގަނޑެއް ނުހާ ހިންގަނީއެވެ.
އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް އަޔާން ދުއްވައިގަތީ ނުހާގެ ފޯނު މަތިން ހަނދާންވުމުންނެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އަޔާން ކަބަޑްގެ ދޮރުފަތް ހުޅުވާލުމަށްފަހު ނުހާގެ ފޯނު ނެގިއެވެ. އެތައް ސަތޭކަ މިސްޑް ކޯލްތައް އެތައް ނަމްބަރު ތަކަކުން އައިސްފައި ހުއްޓެވެ. އަޔާން އަށް ނުހާގެ ފޯނެއް ނުހުޅުވުނެވެ. ސަބަބަކީ ޖަހާފައިވާ ލޮކް އާއި ފިންގަރ ޕްރިންޓްއެވެ. ނަމަވެސް ގުޅާފައިވާ ނަމްބަރުތަކާއި ފޯނަށް އައިސްފައި ހުރި މެސެޖެތަކުގެ ބައެއް ފެންނަން ހުއްޓެވެ. ކުއްލިއަކަށް އަޔާންގެ ލޮލުގައި އަޅައިގަތީ ޕާޓްނަރ ޖަހާފައި އިން ނަމްބަރަކުން އައިސްފައި އިން މެސެޖެކެވެ.
– ބަސްޓްވާން ބޭނުން ނެތިއްޔާ އަދި ފަސް ހާސް ޑޮލަރު މިރޭގެ- މެސެޖް ފެންނަން އިން ހިސާބަށް އަޔާން އަށް ކިޔާލެވުނެވެ. އަޔާން ބޭނުންވަނީ ނުހާ ހުރިތަނަކުން ހޯދައިގެން ނުހާ ލައްވާ ފޯނު ހުޅުވާށެވެ. ހަދާނެގޮތަކާއި ދޭތެރޭގައި ވިސްނަމުން އަޔާން އަތު ތެރޭގައި ފޯނު އަނބުރާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނުހާ ދާާނެހެން ހީވާ ތަނެއްވެސް އަޔާންގެ ސިކުނޑިއަކަށް ނާދެއެވެ. އަދި ނުހާގެ އެއްވެސް ތިމާގެ މީހެއް ނޫނީ ރައްޓެއްސެއްވެސް އަޔާންއަކަށް ނޭންގެއެވެ.
“އަޔާން.” ފުން ވިސްނުމެއްގައި ހުރި އަޔާން ސިހުނީ ފާލިހްގެ އަޑުންނެވެ. ފާލިހް އެހާ ގާތުގައި ހުރިއިރުވެސް އަޔާން އަށް ރޭކާނުލިއެވެ.
ފާލިހްގެ އުދާސްވެފައިވާ މޫނާއި ފެންކަޅިވެފައިވާ ދެލޯ ފެނިފައި އަޔާންއަށް ބޭއިހްތިޔާރުގައި ފާލިހްގެ އަތުގައި ހިފަހައްޓާލެވުނެވެ.
ގިނަ އިރުތަކެއް ވަންދެން އަމިއްލަ ހިތާއި ހަނގުރާމަ ކުރަމުން ދިޔަ ފާލިހް ކޮންޓްރޯލްއިން ނެއްޓިކަހަލައެވެ.
“އަހަރެންގެ މަންމަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލައިފި.” ކުޑަ ކުއްޖެއް ފަދައިން ރޮއެގަންނަމުން ފާލިހް އަޔާންގެ ގައިގައި އޮޅުލައިގަތެވެ. އަޔާން އަށް އެއީ އާ ވާހަކަތަކެއް ނޫނެވެ. ޒާރާގެ ފަރާތުން ކޮންމެވެސް ވަރަކަށް އެކަމުގެ ހަޤީޤަތް އަޔާންއަށްވަނީ އެނގިފައެވެ.
“ބަލާބަލަ. މިއޮތީ މަންމަ އަހަންނާއި މަލަކާއާ ދެމީހުން ދުރުކުރަން ހަދާފައި އޮތް ފަންޑިތަ. ހެޔޮ ވާނީ ކިހިނެއް.” ފާލިހްގެ ބެދިފައިވާ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. އަޔާން އަށް ޒާރާ ކައިރިން އެނގުނު ވާހަކަތަކަށް ވުރެ ތަފްސީލުކޮށް ފާލިހް ހުރިހާ ވާހަކައެއް އަޔާން އަށް ކިޔައިދެމުން ދިޔައިރު އަޔާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މަންމައަކު ދަރިއަކަށް އެފަދަ ބޮޑު ދެރައެއް ދީފާނެ ކަމަށް ހީވެސް ކުރާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ އަށް ވުރެ ތިން ދަރަޖަމަތިކޮށް މަންމަގެ މަޤާމް ކަނޑައެޅިފައިވާއިރު އެފަދަ ކަމެއް މަންމައަކު ކުރުމުން ހައިރާންވާހާ ވެއެވެ.
“އަހަރެން ބޭނުން މަލަކާ. މަލަކާ ކައިރިން މާފަށް އެދެން.” ފާލިހްއަށް އަދިވެސް ރޮވެނީއެވެ.
“މަލަކާއަށް ފާލިހް އެނގިއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅު.” އަނގައިން ނިކުތް އާހްގެ އަޑާއެކު އަޔާން ކަރުއެލުވާލިއެވެ.
“ކީއްވެ ތިހެން ތިބުނީ. މަލަކާއަށް ކީއްވެ އަހަރެން ނޭންގެންވީ.” ފާލިހް ދެލޯ ބޮޑުކޮށްފައި ބަލަން ހުރި ގޮތުން ފާލިހް އަށް މަލަކާގެ އެއްވެސް ވާހަކައެއް ނޭނގޭކަން އަޔާން އަށް އެނގުނެވެ.
“ފާލިހް މަލަކާ ދޫކޮށްލުމުން އޭނައަށް އެހީވީ މީތަންއާއި އޭނަގެ މަންމަ. ލިބުނު ހިތްދަތިކަމާއި ވޭނުގައި މަލަކާ ދުނިޔެއިން މޮޔަވީ. އަހަރެމެން ވަރަށް މަސައްކަތް ކުރިން މީތަން ގުރައިދޫއަށް ނުގެންގޮސް ވާނެ ގޮތަކަށް. ނަމަވެސް ޑޮކްޓަރ ގެ ލަފާގެ މަތިން މަޖުބޫރުވީ.” އަޔާންގެ ވާހަކަ އެހާހިސާބަށް ދިޔައިރު ފާލިހް ބިންމައްޗަށް ތިރިވަނީއެވެ. ކިތަންމެ ވަރަކަށް ރުޔަސް ކުރެވޭނެ ކަމެއްނެތެވެ. މާފަށް އެދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ފާލިހްގެ ހާލަތު ފެނިފައި އަޔާންގެ ހިތްވެސް ފަޅައިގެން ދާހާވެއެވެ.
“ވެދާނެއެއްނު މަލަކާގެ ހާލަތު އެގޮތަށް ބަދަލުއެވީ ވެސް ތިފަންޑިތައިގެ ސަބަބުން ކަމަށް. ހިނގާބަލަ ތީތި ދަންނަ މީހަކަށް ދައްކާލަން.” ފާލިހްގެ ކޮނޑުގައި ހިފާ ކޮޅަށް ނަގަމުން އަޔާން ރަނގަޅު ޚިޔާލެއް ދިނެވެ.
“އެކަމަކު އިހަށް ހިނގާބަލަ ޕޮލިސްޓޭޝަނަށް މަށާއެކު.” އަޔާން ލައިގެން ހުރި ޓީޝާޓްގައި އަތް ހާކާލީ ކުޑަކޮށް ރޫ ޖެހިފައި ހުރީމައެވެ.
“އެ ކީއްކުރަން.” ފާލިހް އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.
“އެއީ ނުހާ ވީ ނުވީތަނެއް ނޭނގި ގެއްލިގެން.” އަޔާން ހާމަކުރީ ހަޤީޤަތެވެ. މިއަދު ނުހާއަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ.
“އަދިވެސް ކަލޭ އެކަމެއް ނުހުއްޓަންތަ؟ އަނެއްކާ މިފަހަރު ކޮން ޑްރާމާއެއް ނުހާ އެކުޅެނީ.” ފާލިހް އަޔާންއާ ދިމާއަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. ފާލިހް ހީކުރަނީ އަޔާން އަދިވެސް ނުހާގެ ފަސްފަހަތުން އޭނަ ޖަހާހާ ބެރަކަށް ނަށާކަމަށެވެ.
“މަ ނޫޅެމޭ އެކަމަކާ. އެކަމަކު އެއްދުވަސް ވަންދެން ޚަބަރެއް ނުވީމަ އަންގާލަންވާނު. ހިނގާ އަވަހަށް ދާން. އަދި ތި ސިހުރު ކަންތަކާއި ވެސް އުޅެން ޖެހޭނެއެއްނު.” އަޔާން ފާލިހްގެ ކޮނޑަށް އަތް ވައްޓާލަމުން ހިނގައިގަތެވެ. އެތައް ދުވަސް ތަކަށްފަހު އަޔާންގެ ގާތްކަން ލިބުމުން ފާލިހް އުފާވިޔަސް މަލަކާ އާމެދު ވިސްނުން އަދިވެސް އޭނަގެ ސިކުނޑި ހުއްޓައެއް ނުލައެވެ. ހިތުގައި އަޅަމުންދާ ވޭނަކަށް ލުޔެއް ނުލިބެއެވެ.
މޫކައި ހޮޓެލްގެ ހިތްގައިމު ކޮޓަރިއެއްގެ އަރާމު އެނދެއްގައި ނުހާ ބަންޑުން އޮށޯވެ އޮތެވެ. މީގެ ކުރީގައި ނުހާ އެކަހަލަ ކިތަންމެ ތަންމައްޗެއްގައި އުފަލާއި މަޖާކުރިއެވެ. ނަމަވެސް މިއަދު އެ އަރާމު ތަންމަތިން ނުހާއަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ނުހާގެ ސިކުނޑި ތެރޭގައި އެނބުރެމުންދަނީ ކުރެވިފައިވާ ފާފަތަކެވެ. އެ ހުރިހާ ފާފަ ތަކާއެކުވެސް ނުހާާއަށް ދިރިއުޅުން ހޯދަ ދިން އާސިފެވެ. ނުހާާގެ ލޯބީގައި ދީވާނާއެއް ފަދައިން ޤުރުބާން ވަމުން ދިޔަ އަޔާނެވެ. ލޯބި އެއީ ކޮން އެއްޗެއްކަން ދަސްކޮށްދިން މާކިންއެވެ. މިއަދު ނުހާގެ އެކަކުވެސް ނެތެވެ. ވަށައިގެންވަނީ އެކަނިވެރިކަމާއި މާޔޫސްކަމެވެ.
ޕޮލިސް ސްޓޭޝަނަށް މައުލޫމާތު ދިނުމަށްފަހު އަޔާންއާއި ފާލިހް މިސްރާބު ޖެހީ މާލޭގައި ފަންޑިތަވެރިކަމުގައި އެންމެ ނަން މަޝްހޫރުވެފައިވާ ފާރޫގުބެ ކައިރިއަށެވެ. ކިޔުގައި އެތައް އިރެއް ތިބުމަށްފަހު އެންމެ ފަހުން ފާލިހްއާއި އަޔާންއަށް އެތެރެއަށް ވަންނާނެ ފުރުސަތު ލިބުނެވެ.
“މި ކޯޗެއްކަން ބަލާލަ ދީފާނަން.” ފާލިހް އޭނަގެ ޖީބުން މަލަކާާގެ ހެދުމުގެ ފޮތިން އޮޅާފައިވާ އެތި ފާރޫގުއަށް ދިއްކޮށްލިއެވެ. ވަރަށް ފަރުވާތެެރިކަމާއެކު ފާރޫގުބެ އެފޮތިކޮޅު މޮހާލައިގެން ބަލަން ފެށިއެވެ.
“މީ ދެމީހަކު ދުރުކުރަން ހަދާފައިވާ ސިހުރެއް. އަދި ފުރާާނައަށްވެސް ނުރައްކާވާގޮތަށް ހަދާާފައި މިހުރީ.” ލޮލުގައި އަޅާފައި އޮތް އައިނު ރަނގަޅު ކޮށްލަމުން ފާރޫގުބެ ފުންނޭވާއެއްލިއެވެ.
“ތި ބުނީ އަހެރެންގެ މަލަކާ މަރުވާނެއޭތަ؟ އަޅެ މިކަމުގަ އެހީތެރިވެ ދެއްވާ. އާދޭސްކުރަން.” ފާލިހް އެކޭ ކުޑަކުއްޖެކޭ އެއްފަދައެވެ.
” ހުއްޓާލާ ކޮއްކޯ. ތިވެގެން އުޅޭ ގޮތެއް ކިޔާދީބަލަ ބޭބެއަށް ފުރަތަމަ.” އަޔާން ފާލިހް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ފާރޫގުބެ ބޭނުންވީ ހުރިހާ ކަމެއް އޮޅުންފިލުވާށެވެ.
އަޔާން ފާރޫގުބެއަށް ކަންތައްތައް ވީ ގޮތް ކިޔައިދިނީ ފާލިހްގެ ގައިގައި ވާހަކަ ދައްކާނެހާ ހިތްވަރުވެސް ނެތީމައެވެ.
“މިޔަށް ދުނިޔެއެއްތާ ދޯ. ބޭބެއަށް މިފަންޑިތަ ބާތިލް ކޮށްލެވިދާނެ. ބޭނުންވާ ހުރިހާ މައުލޫމާތު ލިބެނިކޮށް.” ފާރޫގު ގެ ވާހަކަ އަޑު އިވިފައި ފާލިހްގެ މަރުވެފައިވާ ހިތަށްކުޑަ ނަމަވެސް ދިރުމެއް ލިބުނު ކަހަލައެވެ.
ފާރޫގުބެ ގެ ހިތް ހަލާލު ދިނުމަށްފަހު ފާލިހްއާ އަޔާން އެތަނުން ނިކުތީ ހިތްހަމަ ޖެހިގެންނެވެ. އެފަންޑިތަ މާދަމާ އިރުއަރާއިރު ބާތިލް ވާނެ ކަމަށް ބުނީމައެވެ.
ވިސްނާ ވިސްނާ އެންމެ ފަހުން ނުހާގެ ބޮލުގައި ރިއްސަންފެށިއެވެ. ކޮފީއެއް ބޯލާނަމޭ ހިތާ ނުހާ ތެދުވީ ހޮޓެލްގެ ރެސްޓޯރެންޓަށް ދާށެވެ. ފާހާނާއަށް ވަދެ މޫނު ދޮވެލުމަށް ފަހު ނުހާ ކޮޓަރިން ނިކުތެވެ.
މުޅި ރެސްޓޯރެންޓްވަނީ ގެސްޓުންގެ މީހުންނުން ފުރިފައެވެ. ކާއެއްޗެހީގެ މީރުވަސް ޖެހުމާއެކުގައާއި ވެފައިވާ ބަނޑުހައި ހޫނުކަމުގައި ނުހާ ބޭނުންވީ ރަނގަޅަށް ކާލާށެވެ.
ކުޑަ ހިނދުކޮޅަކަށް ނަމަވެސް ފިކުރުތަށް ދުރަށް ޖައްސާލަމުން ނުހާ ވަރަށް ރަނގަޅަށް ކައިފިއެވެ.
“މެޑަމް ބިލް.” ވެއިޓަރ ގެ އަޑަށް ނުހާއަށް ބަލާލެވުނެވެ. އަދި ޕާސް ތެރޭގައި އޮތް ކާޑް ނަގާ ވެއިޓަރ އަތަށް ދިއްކޮށްލިއެވެ. ހިނިތުންވެލުމަށް ފަހު ވެއިޓަރ ކާޑުން ބިލް ދެއްކުމަށްޓަކައި އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ.
ކޮންމެ ފަހަރަކުވެސް ފެއިލްވަނީއެވެ.
“މީ ކީއްވެ ވާންވީ ގޮތެއް.” ނުހާ ހުރީ ހިސާބަކަށް ހާސްވެފައެވެ. އޭރުވެސް ވެއިޓަރ ކާޑު މަސައްކަތް ކުރޭތޯ ބަލަމުންދިޔައެވެ.
“މައްސަލައެއް އުޅެނީތަ. އަހަރެން ބިލް ދައްކާލަދެންތަ؟” ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު ނުހާއަށް ކުއްލިއަކަށް ބަލާލެވުނެވެ. ހީވި ހީވުން ޔަޤީންކުރާށެވެ.
ނުހާ އަށް ހީވީ ރަނގަޅަށެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. މާކިންއެވެ. އެއް އިރެއްގައި ނުހާގެ ހިތުގެ ހިނގުމެވެ. ނުހާގެ ދިރިއުޅުމެވެ. ހަޔާތުގެ އެހާ ހިތްދަތި ދަނޑިވަޅެއްގައި މާކިން ކުއްލިއަކަށް ފެނުމުން ނުހާއަށް ރޮވުނެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ.
“ކިހިނެއްވީ؟” ނުހާގެ ލޮލުން ފައިބަމުންދާ ކަރުނަތަކަށް ކަޅި ހުއްޓާލައިގެން ހުރި މާކިން ހުރީ ހައިރާންވެފައެވެ. ނުހާ އިންތަނުން ތެދުވެ މާކިންގެ މޭތެރެއަށްވަނެވެ. އެތަނުގައި ތިބި އެއްވެސް މީހަކަށް ބަލައިލުމެއްވެސް ނެތެވެ. އެތަކެއް އަހަރު ތަކަކަށްފަހު ނުހާގެ ބީހުންތައް މާކިންގެ ހިއްސުތައް ހޭލައްވާާލި ކަހަލައެވެ. ނުހާގެ ބުރަކަށީގައި މާކިން ފިރުމަމުން ގެންދިޔައިރު ނުހާއަށް އަދިވެސް ރޮވެނީއެވެ.
“ނުހާ. އެންމެންތައް ބަލަނީއޭ. ދެން ބުނާނެ އަހަރެން ނުހާ ރޮއްވަނީއޭ. ހިނގާބަލަ ގެޔަށް ދާން. އަހަރެން ގެންގޮސްދެންތަ؟” މާކިން ނުހާގެ ކަންފަތާއި ކައިރިވެލީ އެމީހުން ދައްކާ ވާހަކަ އެއްވެސް މީހަކަށް އަޑު ނީއްވަން ކަހަލައެވެ. ކުއްލިއަކަށް މާކިން އެހާ ގާތްކޮށް ވާހަކަ ދެއްކުމުން ނުހާ ހިސާބަކަށް ހައިރާންވެސްވިއެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން މާކިން ވަނީ ދުވަހަކުވެސް ނުހާ އާއި އެއްވެސް ގުޅުމެއް ނުބާއްވާނެކަމަށް ބުނެފައެވެ. އެސްފިޔަ ވެސް ޖަހައިލަން ހަނދާންނެތިފައި ނުހާއަށް އިނދެވުނީ ވިސްނާށެވެ.
“ނުހާ.” ޖެހި ބުދެއްހެން ހުރި ނުހާ އަށް ރޭކާލީ އަނެއްކާވެސް މާކިން ގޮވާލީމައެވެ.
ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ނުހާ ހިނގައިގަތީ ކުރިޔަށެވެ. ޖީބުން ފަސް ސަތޭކަ ރުފިޔާގެ ނޫޓެއް ނަގާ ވެއިޓަރު އަތަށް ދިއްކޮށްލަމުން މާކިންވެސް ބާރުބާރަށް ހިނގައިގަތީ ނުހާ ދިޔަ ދިމާއަށެވެ. ނުހާގެ ހުޝިޔާރުކަމަށް ސާބަސް ދޭހާ ވެއެވެ. ނުހާ އެގޮތަށް އެކަންތައް ކުރީ މާކިން ނުހާގެ ފަހަތުން ގެންނަންވެގެން ނެވެ. އަދި އަންނާނެ ކަމުގެ ޔަޤީންކަންވެސް އޮތީމައެވެ. ނުހާ ގޮސްވަނީ އޭނަގެ ކޮޓަރި އަށެވެ. އެތެރެއަށް ވަންނަމުން ދޮރުވެސް ލައްޕައިނުލީ މާކިންއަށް ދައުވަތުދޭ ކަން އަންގާލަން ވެގެންނެވެ. ދެފިކުރެއްގައި ހުރެ މާކިން ނުހާ ވަން ކޮޓަރިއަށް ވަނެވެ.
“ދޮރު ލޮކް ކޮށްލައްޗޭ.” ނުހާގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. އެއްވެސް ސުވާލެއް ނުކޮށް މާކިން ދޮރު ލައްޕާލިއެވެ.
“އެއްވެސް ސުވާލެއް ނުކޮށް އަހަރެން ބުނާކަމެއް ކޮށް ދީފާނަންތަ؟” ނުހާ މާކިން އާ ސީދާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ނުހާގެ ދެލޮލުގައިވާ ފުރިހަމަކަމުގެ ޖާދޫގައި އަނެއްކާވެސް މާކިން ޖައްސަން ނުހާ ބޭނުންވާކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ނުހާގެ އެރީތި ބޮޑު ދެލޮލަކީ އެ ދެލޮލަކަށް އަބަދުމެ މާކިން ތައުރީފްކޮށްފައިވާ ދެލޮލެވެ.
މާކިންއަށް ނުހާއާ ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“ކަމެއްގެ ގޮތުން ދޯ އެނގޭނީ.” ލައިގެން ހުރި ޖިންސްގެ ޖީބަށް އަތް ކޮށްޕާލަމުން މާކިން ފަރުވާތެރިކަމާއެކު ނުހާއާ ދިމާއަށް ބަލާލިއެވެ.
މާކިންގެ ޖަވާބާއި އެކު މުޅިތަނަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމެވެ. ނުހާ ބޭނުންވި ކަހަލަ ޖަވާާބެއް ނުލިބުނީމާ ކަމަށް ވުން ވެސް އެކަށީގެންވެއެވެ.
“ނުހާގެ ފިރިމީހާ ނިޔާވި ޚަބަރު އަޑުއެހިން. ހިތަށްއެރި ގުޅާލަންވެސް-” މާކިންގެ ވާހަކަ މުޅިން ފުރިހަމަ ނުވަނީސް ނުހާ މާކިންގެ ގައިގައި އޮޅުލައިގަތެވެ. ނުހާގެ އަތްވަނީ މާކިންގެ ކަރުގައި ވަށާލެވިފައެވެ. ނުހާގެ ފިނިފިނި އޮމާން އަތްތިލައިގެ ބީހުން އިޙްސާސްވުމާއި އެކު މާކިން ގެ ގައިން ހީބިހި ނަގައިގަތެވެ.
“އަޅެ. އަހަންނަށް މާފްކުރޭ.” ނުހާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ މޮޅިވެެރިކަމެވެ.
“މާފްކޮށްފިން.” ފާލިހް ވާހަކަ ދައްކަމުން ދިޔައީ އޭނަގެ ކުރިމަތީގައި އިސްޖަހައިގެން އިން ޝަރީފާ އާއެވެ.
“އެއީ ތީ އަހަރެންގެ މަންމައަށްވީތީ. އެކަމަކު ދުވަހަކުވެސް މިކަންތައްތަކެއް އަހަރެންގެ ހިތަކުން ނުފިލާނެ. އަދި މަލަކާ އަށް ޖެހިފަ ހުރި ހާލުގެ ޒިންމާވެސް ނަގަން ޖެހޭނީ މަންމަ.” ފާލިހް އަޑުގައިވަނީ ނުރުހުމެވެ. މާފްކުރާނީވެސް ކިހިނެއް ހެއްޔެވެ؟ ފާލިހްގެ މުޅި ދިރިއުޅުން އެ ނަގާލީ އޭނާ ދިރިއުޅުން އުޅެން މިދުނިޔެއަށް އުފަން ކުރި މީހާއެވެ.
“މަލަކާ މިގެޔަށް ގެނެސްދީ. މަންމަ ބޭނުން ތިދެކުދިން އެކުގައި އުފަލުން އުޅޭތަން ދެކެން.” ޝަރީފާ އަޑުން އަޑުނަގައި ރޮއެގަންނަމުން ފާލިހްގެ އަތުގައި ހިފެހެއްޓިއެވެ. ޝަރީފާގެ ބަސްތަކުން ފާލިހްގެ ހިތްދަތިކަން ދެގުނައަށް އިތުރުވެގެން ދިޔަކަހަލައެވެ. މަލަކާ މިހާރު ހުރި ހާލުގެ ވާހަކަވެސް ޝަރީފާ ކައިރީގައި ބުނާކަށް ފާލިހް ގެ ހިތެއް ނޭދުނެވެ. މަލަކާ އަށް އެހާލު ޖެއްސީ ޝަރީފާ ކަމަށް ވީތީއެވެ. ޝަރީފާ ގެ އަތް ދުރުކޮށްލަމުން އިންތަނުން ތެދުވެގެން ފާލިހް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ދެން އެތަނުގައި ހުންނާނެހާ ހިތްވަރުވެސް ފާލިހް ގެ ގައިގައި ނެތީމައެވެ.
“ދަނީތަ؟” ނުހާއާއި ދުރަށް މާކިން ހިނގައިގަތް ތަން ފެނިފައި ނުހާއަށް މާކިންގެ އަތުގައި ހިފުނެވެ.
“މަށަކަށް މާފެއް ނުކުރާނަންތަ؟” މާކިންގެ ހަމަހިމޭންކަން މަޖުބޫރު ކުރުވީ އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލުމަށެވެ.
“އަހަރެން ނުހާއަށް މާފްކޮށްފީމޭ ކުރިންވެސް ބުނީމެއްނު.” މާކިންގެ ތޫނު ނަޒަރު ނުހާގެ މޫނަށް ހުއްޓާލުމުން ނުހާއަށް ހިނިތުންވެލެވުނެވެ.
“އަޅެ. އަަސްލުވެސްތަ؟. މާކިންގެ ހިތުން ކުރިން މަށަށް ދިން ޖާގަ ލިބިދާނެތަ؟ އައި އެމް ޗޭންޖްޑް އޭ. ދެން ދުވަހަކުވެސް މާކިން ދެރަވެ ހިތުގައި ޖެހޭ ކަމެއް ނުކުރާނަން.” ޖަޒުބާތުގައި ޖެހުނު ގޮތަށް ނުހާ އުޅުނީ މާކިންގެ މޭތެރޭގައި މޫނު ފޮރުވާލާށެވެ. ނަމަވެސް އެއަށް ވުރެ ކުރިން މާކިން ދުރަށް ހިނގައިގަތެވެ. ނުހާގެ އެ އަމަލު މާކިން އަށް އެނގުނު ކަހަލައެވެ.
“ނުހާ ބޭނުންނަމަ އާދެވިދާނެ އަހަރެންގެ ދިރިއުޅުމަށް އަދިވެސް. އެކަމަކު މިފަހަރު މިގުޅުން ބިނާ ކުރެވިގެން ނުވާނެ އެއްވެސް ދޮގެއްގެ މައްޗަކަށް. ނުހާ އިތުބާރު ކުރަން ޖެހޭނެ އަހަންނަށް. މަށަށް ކަމެއް ސިއްރުން ކުރާނަމަ ވެސް، ކޮށްފަ އޮތް ނަމަވެސް ކުރިން ބުނެދީފަ ގުޅުމެއް އުފައްދަން ވާނީ. ޒޫކަން އަށް ޓަކައި މިގޮތަށް މި ނިންމީވެސް.” މާކިން ވާހަކަ ދައްކަމުން ދިޔައިރު ނުހާއަށް ހުރެވުނީއެވެ. ކަންފަތަށް އިވެމުން އެދަނީ ހަޤީޤަތްބާ އޭ ނުހާގެ ހިތަށް އަރަމުންދިޔައެވެ. މާކިން ހަމަ އަލުން އޭނާގެ ހަޔާތަށް ގުޅިދާނެބާއެވެ.
“އާ ޔޫ ކިޑިން މީ.” ނުހާގެ ޖާދުވީ ދެލޯ މާކިންގެ މޫނަށް ހުއްޓާލަމުން ނުހާ މާކިން އާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ވައި ޝުޑު އައި. ބައި ދަ ވޭ. ކީއްވެ ނުހާ މިތަނުގައި ތިއުޅެނީ.” މާކިން ކޮށްލި ސުވާލުން ނުހާ ހާސްވި ކަހަލަައެވެ. އޭސީ ފުލް ކޮށްފައިވާ އެކޮޓަރި ތެރޭގައިވެސް ނުހާގެ ނިތްކުރިމަތިން ދާ ތިކިތިކި ވިދަމުންދިޔައެވެ.
“ނުވޭ ކަމެއް. ބޯ ހަމަ ޖައްސާލަނީ.” ނުހާއަށް ދެވުނީ ފަރުވާކުޑަ ޖަވާބެކެވެ.
“އޯ. ގުޅުމެއް އަލުން އުފައްދަން ބުނާއިރު އިތުބާރެއް ނުކުރޭ. މަށަށް އިނގޭ ނުހާ ތި ހަދަނީ ދޮގުކަން. ކޮންމެވެސް ކަމެއް ވެގެން ދޯ މިތާާގައި އެކަނި މާއެކަނި އުޅޭނީ. ބުނަން ބޭނުން ނެތިއްޔާ އޯކޭ. އަހަރެން ދެން ދަނީ.” މާކިން އެތަނުން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ނުހާ މާކިންގެ އަތުގައި ހިފާލީ ނުދާށޭ ބުނާ ފަދަ ގޮތަކަށެވެ. މާކިން އިސްއުފުލާލަމުން ނުހާގެ އުދާސްވެފައިވާ މޫނަށް ބަލާލިއެވެ.
“އަހަރެން- އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ.” ނުހާގެ ބޮޑު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.
“ޕްލީސް ޑޯންޓް ކްރައި. ނުހާއަކަށް ނުކުރެވޭނެ އަހަންނަށް މާފް ނުކުރެވޭނެ ވަރުގެ ކުށެއް.” މާކިން ނުހާގެ މޫނުގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން ނުހާގެ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ.
މާކިންގެ ލޯތްބާއި ހަމްދަރުދީ ވެގެން ދިޔައީ ނުހާގެ ހިތުގައި ފޮރުވިފައިވާ ބޮޑު ސިއްރު ހާމަކުރަން ލިބުނު ބޮޑު ހިތްވަރަކަށެވެ. ނުހާ މާކިންއާއި ހަތަރު ކަޅި ހަމަކޮށްލީ އެދެލޮލުން އެފެންނަ ހަމްދަރުދީ ޔަޤީން ކުރުމަށް ކަހަލައެވެ.
“މި- އައި-ކިލްޑް އާސިފް.” ނުހާއަށް އަނގަމަތީގައި އަތް އެޅުނީ ރޮއެނުގަންނަން ވެގެންނެވެ.
“ވަޓް.” މާކިން ނުހާ އޭނާގެ ގަޔާއި ދުރަށް ކޮށްޕާލިއެވެ.
“ބުނީމެއްނު މާާފް ކުރާނަމޭ.” ނުހާ މާކިން އަށް ހަނދާންކޮށްލަދިނެވެ.
“ފައިސާގެ ދަހިވެތިކަމުގައި ތިކުރީ ވަރަށް ދަށުދަރަޖައިގެ ކަމެއް.” މާކިން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގި ހައިރާންވެފައެވެ.
“އަހަރެންނަކަށް ނޭނގެ އެކަން އެވީ ކިހިނެއް ކަމެއް. އަޔާންގެ ލޯބި ހާސިލްކުރުމަށްޓަކާ އިތުރުގޮތެއް ނެތީ. އެހެންވެ މީހަކަށް ލާރި ދީގެން އެކަން ކުރެވުނީ.” ނުހާއަށް އަނގައިން ބުނެލަން ކިހާ ފަސޭހަ ހޭ މާކިންގެ ހިތަށް އެރިއެވެ.
“ދެން ތިކަމުގަ އަހަރެން ކީއް ކޮށްދޭންވީ.” މާކިން އަތުގައި އޮތް ފޯނު ނަގާ ނަމްބަރަކަށް ޑައިލް ކޮށްލިއެވެ.
“ކާކަށް ތިގުޅަނީ.” ނުހާ ހާސްވެފައި ތެޅިގަތެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނުހާގެ ރޫމްގެ ދޮރު ހުޅުވުނެވެ. ލިބުނު ޝޮކުގައި ނުހާ އަށް ދޮރާއި ދިމާއަށް އެނބުރެވުނެވެ. އޭރު ހޮޓެލްގެ މެނޭޖަރ ދޮރުމަތީގައި ހުއްޓެވެ.
“މީ ކޮންކަހަލަ ހޮޓަލެއް. ނޭނގޭތަ ހުއްދައަކާއި ނުލައި ބާރުގެބޭނުންކޮށްގެން ތިގޮތަށް ދޮރު ނުހުޅެވޭނެކަން.” ނުހާ އުޅުނީ އަތް ދަމާފައި ހޮޓެލް މެނޭޖަރު ގެ ކަންފަތް މަތީގައި ފިރުމާލަދޭށެވެ. ނަމަވެސް އެއަށްވުރެ ކުރިން ނުހާގެ އަތް ބާރުގަދަ އަތަކުން ވަށައިލިއެވެ.
ވީތަދުން ނުހާއަށް ބަލައިލެވުނެވެ. އެވަގުތު ނުހާާގެ ހިތް ވެސް ނުހުއްޓުނީ ކިރިޔާއެވެ.
“އަޔާން.” ނުހާ ހަމަ ރަނގަޅަށްވެސް ބިރުގެންފިއެވެ.
“ތޭންކްސް މާކިން.” އަޔާން މާކިން އާއި ކޮނޑާއި ކޮނޑު ޖައްސާ ސަލާމްކޮށްލިއެވެ. އަޔާންގެ ފަހަތުން އެ ރޫމް ތެރެއަށް ވަނީ ފުލުހުންގެ ތިން މީހުންނެވެ.
“ތި ބޭފުޅާ ދެންމެ ތި ދެއްކި ހުރިހާ ވާހަކައެއް ވަނީ ރެކޯޑް ކުރެވިފައި. އަދި ތި ބޭފުޅާގެ އަނެއް ބައިވެރިޔާ އަހްމަދު އާހިލްވެސް މިވަގުތު ހުރީ އަހަރެމެންގެ ބެލުމުގެ ދަށުގައި.” ނުހާގެ ދެއަތް ވަގުތުން ފުރަގަހަށް ގެނެސް ބިޑި އަޅުވާލެވުނެވެ.
“އަޔާން. އަހަންނަށް މާފް ކުރޭ.” ނުހާ ފުލުހުންނާއެކު ހިނގައިގަންނަމުން ފަސް އެނބުރި އަޔާން އާއި ދިމާއަށް ބަލާލީ ދެލޯ ކަރުނުން ފުރިފައިވާ ހާލުގައެވެ. ނަމަވެސް އަޔާން މޫނު އަނބުރާލީ ދުރަށެވެ. ނުހާ އަޔާންއަށް ދިން ކޮންމެ ވޭނަކަށް އަޔާން ކެތްކުރިއެވެ. މާާފްވެސް ކުރިއެވެ. އެކަމަކު އަޔާންގެ ލޯބިވާ ބައްްޕަ އަޔާން އާއި ވަކިކޮށްލުން އެއީ މާފް ކުރެވޭނެވަރުގެ ކަމެއް ނޫނެވެ.
“މާކިން. ތޭންކްސް. ތި ކޮށްދިނީ އަހަންނަށް މިދުނިޔެމަތީގައި މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަންތައް.” މާކިން އާ ވާހަކަ ދެއްކި އިރުވެސް އަޔާންއަށް ބަލަން ހުރެވުނީ ނުހާ ނިކުމެގެން ދިޔަ ދޮރާއި ދިމާއަށެވެ.
“ހިތްހެޔޮ ކުރައްޗޭ. މާދަމާ އަނެއްކާވެސް އެނބުރި މެލޭޝިޔާއަށް ދާން މިއުޅެނީ. އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އާއެކު.” މާކިން ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.
އަޔާން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން މާކިންގެ އަތުގައި ހިފިއެވެ.
އެވަގުތު ޖީބުގައި އޮތް އަޔާން ގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލި ވަގުތު އަޔާން ގެ ހިތުގެ ތެޅުން ބާރުވެގެންދިޔަ ކަހަލައެވެ. ގުޅަނީ ގުރައިދޫ ގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުންނެވެ. ދުވަހަކުވެސް މިގަޑީގައި އެތަނަކުން އެއްވެސް ކޯލެއް މި ވީހާ ތަނަށް އައިސްފައެއް ނުވެއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އަޔާން ފޯނު ނަގާ ކަންފަތުގައި ޖައްސާާލި އެވެ.
“ހިތްހެޔޮ ކުރައްޗޭ. މާދަމާ އަނެއްކާވެސް އެނބުރި މެލޭޝިޔާއަށް ދާން މިއުޅެނީ. އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އާއެކު.” މާކިން ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.
އަޔާން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން މާކިންގެ އަތުގައި ހިފިއެވެ.
އެވަގުތު ޖީބުގައި އޮތް އަޔާން ގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލި ވަގުތު އަޔާން ގެ ހިތުގެ ތެޅުން ބާރުވެގެންދިޔަ ކަހަލައެވެ. ގުޅަނީ ގުރައިދޫ ގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުންނެވެ. ދުވަހަކުވެސް މިގަޑީގައި އެތަނަކުން އެއްވެސް ކޯލެއް މި ވީހާ ތަނަށް އައިސްފައެއް ނުވެއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އަޔާން ފޯނު ނަގާ ކަންފަތުގައި ޖައްސާާލި އެވެ.
“އެކިހިނެއްވީތޯ.” އަޔާންގެ އަޑުއަޑު ތުރުތުރު އަޅަމުން ދިޔައިރު ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. އަޔާންގެ ކުރިމަތީގައި ހުރި މާކިން ކައިރީގައި ދަނީއޭ ބުނެލަންވެސް އަޔާންގެ ސިކުނޑިއަށް އެވަގުތު ނުވިސްނުނެވެ.
“އަޔާން. ކިހިނެއްވީތަ؟” ވާނުވާ ނޭނގިފައި ހުރި މާކިން އަޔާންއަށް ގޮވާލި ނަމަވެސް އެއަޑު އަޔާންގެ ކަންފަތަކާއި ހަމައަކަށް ފޯރިހެނެއް ހިއެއް ނުވެއެވެ.
ދެފަޔަށް ލެވުނުހާ ބާރެއްލާފައި އަޔާން ނިކުމެގެން ދިޔައީއެވެ.
ރީތި ހަނދުވަރެއްދީފައި އޮތް ރެއެއް ނަމަވެސް ނުހާގެ ހަޔާތުގައި ދެން އެއްވެސް އަލިކަމެއް ނެތެވެ. ޕޮޮލިސް ޖިޕުގައި އިށީނދެލައިގެން އިން ނުހާގެ ލޯމަތީގައި ސިފަވަމުން ދިޔައީ މިދުނިޔެމަތީގައި އޭނާާއަށް އުޅެވިފައިވާ ގޮތެވެ. ވަގުތު ކޮޅެއްގެ ހިތްހަމަޖެހުމަކަށްޓަކައި ނުހާ ގެ ހަޔާތުން ބޭކާރުކޮށްލިހާ ވަގުތެވެ. ހަޤީޤަތުގައި ނުހާ އެއްވެސް ވަރަކަށް ދެރަވާކަށް ބޭނުމެއްނޫނެވެ. ރޯކަށްވެސް ބޭނުމެއްނޫނެވެ. ބޭނުމީ މާފަށް އެދޭށެވެ. އެތައް ބައެއްގެ ކައިރިންނެވެ. އެބައެއްގެ އުފާވެރި ދިރިއުޅުން ނުހާ ގެ މުށުތެރޭގައި ފިތްތާލެވުނު އެންމެންގެ ކައިރިންނެވެ. ނުހާ އެންމެ ލޯބިވާ އަޔާން ގެ ކައިރިންނެވެ. އެކަމަކު ނުހާާ ގެ ހިތްބުނަމުންދިޔައެވެ. އެއްވެސް މީހަކު ނުހާ އަކަށް މާފެއް ނުކުރާނެ އެވެ. ނުހާ އަށް ކުރެވުނީ ވެސް އެއްވެސް މީހަކު މާފުދޭ ވަރަށް ވުރެ ބޮޑެތި ކުށްތަކެއްކަން ކަށަވަރެވެ.
ފާލިހްގެ ގޭގެ ދޮރުން އެތެރެއަށް ވަދެވުނު ގޮތަށް އަޔާން އަށް ފާލިހްގެ ނަމުން ގޮވާ ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު ނިދިފައި އޮތް ފާލިހްއަށް ފުންމައިގެން ތެދުވެވުނެވެ. ކޮޓަރި ތެރޭގައި މޮޅިވެފައި އިން ޝަރީފާ ވެސް ކުއްލިއަކަށް ދޮރުހުޅުވާލާފައި ނިކުތެވެ.
“އަޔާން ކިހިނެއްވެފަ ތިހުރީ މީހާއަށް.” ހޭވިފައިވާ އަޔާންގެ އިސްތަށިގަނޑާއި ފުސްވެފައިވާ މޫނަށް ފާލިހް އަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“އާާދެބަލަ.މަށާއެއްކޮށް.” އަޔާން ފާލިހް ގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ސަބަބަކީ ޝަރީފާއެވެ. މަލަކާ ގެ އެއްވެސް ވާހަކައެއް ޝަރީފާ ގެ ކުރިމަތީގައި ހާމަކުރަން އަޔާންގެ ޒަމީރު އެއްބަސްނުވީއެވެ. އަޔާން ގެ ހިތްބުނެއެެވެ. އަދިވެސް އެ ޝަރީފާ ގެ ހިތް ރަނގަޅެއް ނުވާނެއެވެ.
“ވީގޮތެއް ކިޔާބަލަ.” ބޭރަށް ނިކުމެފައި ފާލިހް އަކަށް މަޑަކުން ނުހުރެވުނެވެ.
“ނޭނގެ. ގުރައިދޫން ގުޅާފައި ބުނީ ވީ އެންމެ އަވަހަކަށް އައިސް ދިނުމަށް.” އަޔާން ގެ ވާހަކަ އަހާފައި ފާލިހް އަށްވެސް ތެޅިގަނެވުނެވެ.
“އަނެއްކާ މަލަކާ.” ފާލިހް އަށް ރޮއެގަނެވުނެވެ. މަލަކާއާ މާދަމާ ބައްދަލުވާނޭ ކަމުގެ ފޮނި އުއްމީދުގައި ފާލިހް ދިޔައީ ވަގުތުތައް ގުނަމުންނެވެ. ކުއްލިއަކަށް އެލިބުނު ޚަބަރުން ފާލިހް ގެ އުއްމީދުތަކާއި ހޭލާ ހުރެ ބެލިހާ ހުވަފެނެއް ވިއްސިވިހާލިވެއްޖެއެވެ.
“ހިނގާބަލަ ވީގޮތެއް ބަލަންދާން. މިހާރު އިންނާނީ ލޯންޗްވެސް ހަމަޖައްސާފައޭ.” އަޔާން ސައިކަލް ސްޓާޓް ކޮށްލުމުން ފާލިހް ސައިކަލްގެ ފަހަތު ސީޓްގައި އިށީނެވެ.
އަމާން އޮމާން ދަތުރަކަށްފަހު އަޔާން މެންނަށް ގުރައިދުއަށް ދެވުނު އިރު ދަންވަރު ބާރަ ޖަހަނީއެވެ. ހަނދުވަރުގެ ރިހި އަލިން ރަށުތެރެ ދިއްލިފައި އޮތް ނަމަވެސް މުޅި ރަށުތެރޭގައި ރަސްކަން ކުރަމުންދަނީ ހަމަ ހިމޭންކަމާއި ފަޅުކަމެވެ.
ޖީބުގައި އޮތް ފޯނުނަގާ އަޔާން ގުޅާލީ ކުރިން އަޔާންއަށް ގުރައިދޫން ގުޅި ނަމްބަރަށެވެ.
ބޭރުގައި މަޑުކޮށްލައިގެން ތިބި ވާހަކަ ބުނުމަށްފަހު އަޔާން ފޯނު ބޭއްވީއެވެ. އިރުކޮޅެއްފަހުން މުޅިން ހުދު ފޭރާމެއްގައި ހުރި ދެބައި އުމުރުގެ ފިރިހެނަކު ނުކުތެވެ.
“ވަދޭ.” ބަރު އަޑެއް ކަންފަތުގައި ޖެހުމުން އަޔާން އާއި ފާލިހްއަށްވެސް ފަހަތަށް ޖެހެވުނެވެ.
ނަމަވެސް ހަމަ އެސިކުންތުގައި ނަފްސު ހަމައަކަށް އަޅުވާލަމުން އަޔާން އާއި ފާލިހް އެތެރެއަށްވަނެވެ.
އެވަގުތު ފެނުނު މަންޒަރުން ފާލިހް އަރިއަޅާލައިފިިއެވެ. ނަމަވެސް ކައިރީގައި ތިބި ދެތިން ފިރިހެނަކު ވަރަށް ހުޝިޔާރުކަމާއެކު ފާލިހް ގެ ގައިގައި ހިފަހައްޓައިފިއެވެ. ފާލިހް ގެ ހޭވެރިކަމެއްނެތެވެ. އިސާހިތަކު ޑޮކްޓަރުންގެ ޓީމް ފާލިހް ވަށާލިއެެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އައްޓެއްގެ މަތީގައި ހުދު ފޮތި ގަނޑަކުން ބަންދުކޮށްލާފައި އެ އޮތީ ފާލިހްގެ ހިތެވެ. ފުރާނަފަދަ ލޯބިވާ މަލަކާ އެވެ. އެންމެ ކުޑަމިނުން މާފަށް އެދޭނެ ފުރުސަތެއްވެސް ފާލިހްއަކަށް ނުލިބުނެވެ.
“ޑޮކްޓަރ. މީ ކިހިނެއްވީ ކަމެއްތޯ. ގައިމު މިއަދު ހެނދުނުވެސް ބުނި ރަނގަޅޭ.” ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެނުފުށުން ފޮހެލުމަށްފަހު އަޔާން ޑޮކްޓަރާއި ކުރިމަތިލިއެވެ.
“ކީކޭ ބުނާނީ. މަލަކާ ގެ ހާލަތު ހުރީ ވަރަށް ރަނގަޅުވެފައި. މިއަދު މަލަކާ ގެ މަންމައާއި ބައްދަލުކުރަން ގޮސް ވެއިޓިން ރޫމް ގޮޑީގަ އިންގޮތަށް ނުތެދުވެގެން ބެލިއިރު މަލަކާ އޮތީ މަރުވެފައި.” ޑޮކްޓަރ ފުން ނޭވާއެއް ދޫކޮށްލަމުން އަޔާންގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ.
“މަންމައޭ. ތީ ކިހިނެއްވާނެ ކަމެއްތޯ. މަލަކާ ގެ މަންމަ ނެތް ރާއްޖޭގައިވެސް.” އަޔާން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.
“ވަޓް.” ޑޮކްޓަރ އަށް ވެސް ލިބުނީ ޝޮކެކެވެ. ހަޤީޤަތް ނޭނގޭ އެތައް ބައިވަރު ކަންތައްތަކެއް ވާކަން އަދިވެސް ޔަޤީނެވެ. ނަމަވެސް އަޔާންއަށް މުހިންމުވީ އެންމެ އަވަހަކަށް މަލަކާ ފަސްދަށަށްލުމެވެ.
ޑޮކްޓަރުންގެ އެތައް މަސައްކަތަކުން ފާލިހް ގެ ހޭވެރިކަން އައި އިރުވެސް ފާލިހް ގެ ލޮލުން ކަރުނަ ނުހިކެއެވެ. އަތުން ވެލި މުށެއް ނަގާ އެއްލަމުން ފާލިހް ގެ ހިތުގައި ހުރި ހުރިހާ ވާހަކައެއް މަލަކާ އާއި ހިއްސާ ކުރަމުންދިޔައީ ހިތުންނެވެ.
‘-އަހަރެންގެ އެންމެ ލޯބިވާ މަލަކާ އެވެ. އަހަންނަށް މާާފް ކުރާށެވެ. ދެރަ ދެވުނީ ގަސްތުގައި އެއް ނޫނެވެ. ޚުދު އަހަރެންވެސް ހުރީ ވާނުވާ ހާލުގައެވެ. ތަޤުދީރު އަހަރެމެންނާއި މިކުރީ ކިހާބޮޑު ސަމާސާއެއް ހެއްޔެވެ؟ ހުރިހާ އުފަލަކާއި ހިތްހަމަ ޖެހުމެއް ފޭރިގެންފިއެވެ.-‘
ހިތުން ހިތައް މެސެޖްތައް ފޮނުވަމުން ދިޔައިރު ފާލިހްގެ މޮޔަކަންވެސް ކުޑައެއް ނޫނެވެ. މިއަދު މަލަކާ ގެ ހިތުގައި އެއްވެސް ދިރުމެއްނެތްކަން ފާލިހް އަށް ނޭނގުނީ ހެއްޔެވެ؟ އާވާރާއެއް ފަދައިން ފާލިހް ދެކޮޅަށް ހިނގަންފެށިއެވެ. އެއްވެފައިވާ މީހުންގެ ލޯތައް ފާލިހްއަށް ހުއްޓިފައިވާތަން ފެނުމުން އަޔާން ފާލިހް ގެ އަތުގައި ހިފިއެވެ.
“އަހަރެން އެނުލަފާ އަންހެނާއަށް ދެން މަންމަވެސް ނުކިޔާނަން.” ފާލިހް އަޔާން ގެ ގައިގައި އޮޅުލައިގަތީ ރޮއެގަންނަމުންނެވެ.
“އަހަރެންގެ މަލަކާ އަހަންނަށް ގެއްލިއްޖެ އަޔާން. މީ ކެހިވެރި ދުނިޔެއެއް. މިތާކު މަށެއްވެސް ނުހުންނާނަން.” ފާލިހް ދެއަތުން އަމިއްލަ މީހާ ގައިގައި ތަޅަން ފެށިއެވެ.
“ފާލިހް. ހަމަޖެހިބަލަ. މަލަކާ ގެއްލުނީކީ ނޫން. ގެއްލުވާލީ.” އަޔާން ފާލިހް ގެ އަތުގައި ހިފައި ދަމަމުން މީހުންނާއި ތަންކޮޅެއް ދުރަށް ގޮސް މަޑުކޮށްލިއެވެ.
“އާން. ގެއްލުވާލީ. އެ ޝަރީފާ. އަހަރެން އޭނާގެ ކުރިމައްޗަށް ދެން ނާރާނަން ދުވަހަކުވެސް.” އަޔާން ބުނި އެއްޗެއް ފާލިހް އަށް އެނގުނުހެނެއްވެސް ހިއެއް ނުވެއެވެ. އޭނާ ކިޔަމުންދިޔައީ އޭނާ ހިތަށް އެރިހާ އެއްޗެކެވެ.
“އާދެބަލަ މަށާއެކު.” އަޔާން ފާލިހްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
އަޔާން ގޮސް ވަނީ ޑޮކްޓަރުގެ ކޮޓަރިއަށެވެ.
އަޔާން ވަން އަޑަށް ފައިލެއް ހުޅުވާލައިގެން އިނދެފައި ޑޮކްޓަރ ހާޝިމް ތެދުވިއެވެ.
“މިތަނަށް ވަންނަ މީހުންނާއި ނިކުންނަ މީހުން އެނގޭނެހެން ފެންނަން ހުންނާނެތަ؟” އަޔާން ކުރި ސުވާލުންވެސް އަޔާން ގެ މަޤްސަދު ޑޮކްޓަރ ހާޝިމް އަށް ވިސްނުނު ކަހަލައެވެ.
ބޯ ޖަހާލަމުން މޭޒުމަތީގައި އޮތް ފޯނު ނަގައި ނަމްބަރަކަށް ޑައިލްކޮށްލިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުއްޖަކު އައިސް ހާޝިމް އަތަށް ސީޑީއެއް ދިއްކޮށްލިއެވެ. ޑޮކްޓަރ ހާޝިމް އެ ސީޑީ ޕްލޭ ކުރަމުން މޭޒުމަތީގައި ހުރި ލެޕްޓޮޕް އަޔާން މެންނާއި ދިމާއަށް އަނބުރާލިއެވެ. ފާލިހްވެސް އިނީ ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ސުބުޙާނަﷲ. މިހާ ޖާހިލު މަންމައިން ވެސް ތިބޭތަ؟” އަޔާންއަށް އަނގަމަތީގައި އަތް އަޅާލެވުނީ ސްކްރީނުން ފެންނަމުންދިޔަ ޝަރީފާ ފެނިގެންނެވެ. މުށު ތެރޭގައި ބޮޑިކޮށްލާފައި އޮތް ކުޑަ ކޮތަޅެއްވެސް އޮތެވެ.
ކުއްލިއަކަށް ފާލިހްގެ ހުނުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައެވެ. އަޔާން ފާލިހް ގެ ގައިގައި ހިފައި ތަަޅުވައިގަތެވެ. ނަމަވެސް ފާލިހް ގެ ހުނުމަކަށް ބަދަލެއް ނައެވެ. ދެފަރާތަކަށް ހެލެމުން ނަށަމުން ހެމުންދިޔަ ފާލިހްގެ ސިކުނޑީގައި އެއްވެސް ތެތްކަމެއް މިހާރަކު ނެތްކަން ޔަޤީނެވެ.
“ޑޮކްޓަރ. ކިހިނެއްތޯ މިވީ. ފާލިހް.” އަޔާން އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ މަތި މައްޗަށް ހިތާމައެވެ. ވަށައިގެން ހިތްދަތިކަމެވެ.
“ކުއްލި ޝޮކެއް ލިބުނީމަ ވާގޮތް އެއީ. ލަފާ ކުރެވެނީ ފާލިހް މޮޔަވީ ކަމަށް.” ޑޮކްޓަރ ފާލިހް އާ ގާތްވެލިއެވެ. އެވަގުތު ކަރު ކެހިލާފައި ޑޮކްޓަރ ހާޝިމް ގެ މޫނަށް ފާލިހް ކުޅު ޖެހިއެވެ. އަދި އެހާމެ ބާރަށް ހީގަތެވެ.
ޑޮކްޓަރ ހާޝިމް ގެ އަވަސް އިޝާރާތަށް އެވަގުތު ފަސް މީހުން އައިސް ފާލިހް އުފުއްލާލައިގެން ގެންދިޔައެވެ.
ޑޮކްޓަރ ހާޝިމް ދިން ސީޑީ ހިފައިގެން އަޔާން ހިނގައިގަތެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މީތަން މިއަދު ކައިރީގައި ހުރި ނަމައޭ އަޔާން ގެ ހިތަށް އެރިއެވެ. މިހުރިހާ ކަމެއް މީތަން އަށް އެނގިއްޖެއްޔާ ވާނީވެސް ކިހިނެއްހެއްޔެވެ؟
އާދުވަހަކަށް އިރު ފެނުން މައްޗަށް ހިއްލުނު އިރު އަޔާން ހުރީ ފާލިހް މެންގޭގެ ދޮރުމަތީގައެވެ. އެގެއަށް ވަންނާކަށްވެސް އަޔާން ބޭނުމެއް ނޫނެވެ. ނަމަވެސް އެންމެ ފަހު ފަހަރަށް ފާލިހްގެ މަންމަ ގެ ކުރިމައްޗަށް އަރަން އަޔާން ބޭނުމެވެ.
“ކޮބާތަ ފާލިހް.” ގޭތެރެއަށް ވަން އަޔާން ފެނުމާއެކު ސޯފާގައި އިށީނދެލައިގެން އިން ޝަރީފާ ފުންމައިގެން ތެދުވިއެވެ.
“މާ އާޓް ބޮޑު ނުކުރައްޗޭ. އެހެން ނޫނީ އަހަރެންގެ އަތުންފައިން ގޯހެއް ހެދިދާނެ.” އަޔާން ވާހަކަ ދެއްކީ ވަރަށް ރުޅި ކޮންޓްރޯލް ކުރަމުންނެވެ.
“ކޮން ވައްތަރަކަށް ތަ ތި ވާހަކަ ދައްކަނީ. މަންމަމެންގެ އުމުރުގެ މީހުންނަށް އިޙްތިރާމް ކުރަންވެސް ނޭނގެނީތަ؟” ޝަރީފާ ދެބުމަ ގޮށްޖަހާލިއެވެ.
“މަންމައޭ. ތީ މަންމައިންނަށް ހުރި ހުތުރެއް. ތިކަހަލަ މަންމައިން ރަޖަމު ކުރިޔަސް ފާފަ ނުވާނެ.” އަޔާންގެ ކެތްތެރިކަން ކޮޅުންލީއެވެ. އަތް ދަމާފައި ހޫނު އެތިފަހަރެއް ޝަރީފާ ގެ ކަންފަތްމައްޗަށް އަރުވާލެވުނެވެ.
ޝަރީފާ ބަލާކަށް ނުހުރެ މަކުނެއް ފަދައިން އަޔާން ގެ ގައިގައި ހިފައިގަތެވެ.
“ކަލޭ މަށަށް އަނިޔާކުރަނީތަ؟” ޝަރީފާގެ ނިޔަފަތިން އަޔާންގެ އަތުގެ އެތައްމިތަން ކޮށާލިއެވެ. ޝަރީފާއަށް އަޔާންގެ ކުރިމަތީގައި ވަކިން ދެއްކޭނީ ކޮންބާރެއް ހެއްޔެވެ؟ އަޔާން އަތުގައި ހުރި ބާރެއްލާފައި ޝަރީފާގެ މޭގައި އަޅާ ކޮށްޕާލިއެވެ. ސޯފާ ކައިރިއަށް ގުޅަވަރަކަށް ޖެހުނު ޝަރީފާ ހަޅޭލަވައިގަތީ ބިރުވެރި އަޑަކުންނެވެ.
“ހަމަ ތި ހާލުގައި ހަޅޭލަވަމުން އެކަނި އޮވެ ކަލޭ ނިމިދާނީވެސް.” އަޔާާންއަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން ހަލާކުވީއެވެ. މީހާ ގެއްލި ހަލާކުވީއެވެ.
“ކަލޭ ތީ އަހަންނަށްވުރެ ތަޖުރިބާ ހުންނަން ޖެހޭނެ މީހެއް. ބުނާތީ އަޑުއަހަންތަ މީހަކަށް އަނިޔާއެއް ދީފި މީހަކު އެންމެ ލޯބި ހުންނަ މީހަކަށް ނަމަވެސް އެއަނިޔާ ޖެހޭނެ. ދެރައީ ކަލެއަށް އެވަރުވެސް ނުވިސްނުނުކަން. ތި ކަހަލަ މުޑުދާރު އަންހެނެއްގެ ގައިގައި އިނގިލި ޖައްސާލި މީހަކުވެސް ފާފަ ވާނެ.” އަޔާން ޝަރީފާގެ ލޮލުގައި ޖެހޭ ނުޖެހޭ ހިސާބަށް އިނގިލި ދިއްކުރަމުން ހަޅޭލަވައިގަތެވެ.
“ކަލެއަށް ކޯޗެއް އެނގި ގެންތަ ތިއުޅެނީ. އަހަރެންގެ ދަރިފުޅު އަހަންނަށް މާފްކޮށްފި.” ޝަރީފާ ވާހަކަ ދެއްކީ ހިސާބަކަށް ފަސްޖެހިފައި ހުރެއެވެ. އަޔާންގެ ރުޅި ފެނިފައެވެ.
“މާފްކުރިކަމުގެ ބަދަލު އިއްޔެ ތިދިނީއެއްނު ފާލިހް އަށް. އަހަންނަށް ޝައްކު ކަލޭގެ ދަރިއެއް ކަމަށްވެސް ފާލިހް އެއީ. ހެޔޮވާނީ ކިހިނެއް ތިހެން ހަދަން.” އަޔާންއަށް އެހިސާާބަށް ބުނެވުނުއިރު ޝަރީފާ ރޮނީއެވެ.
“ހާދަ ގޮތްދައްކަންވެސް މޮޅޭ ދޯ. ކަލެއަށް މަލަކާ ގެ ފުރާނަ ދުއްވާލާފަ މޮޅުތަކެއްވާނެ ކަމަށްތަ ހީކުރީ. ބަލަ. އެއީ ސިއްރުވާނެ ކަހަލަ ކަންތައްތަކެއް ނޫނޭ. ތިމާއަށް އެނގިފައި ހުރި ފަންޑިތަވެރިކަން ރަނގަޅު ގޮތުގައި ބޭނުން ހިފުމުގެ ބަދަލުގަ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ތިހަލާކު ކޮށްލީ.” އަޔާން ޝަރީފާ އަށް ފުރަގަސްދިނެވެ. އެކަހަލަ މުޑުދާރު އަންހެނެއްގެ ކުރިމަތީގައި ހުއްޓަސް ފާފަވެރިވާނެއެވެ.
“ކަލޭ މަގޭ ބޮލުގަ ބަދުނާމު އަޅުވާކަން ފާލިހް އަށް އެނގިއްޖެއްޔާ ވަރަށް ގޯސްވާާނެ.” ޝަރީފާ ދިނީ އިންޒާރެއް ކަހަލައެވެ.
“އެ އޮތީ އަޅުވާާފަތާ. ދެން އެތިބަ މީހުންނަށް އިތުރަށް ޔަޤީންކޮށްދީ. ފާލިހްއެއް ނާންނާނެ ކަލޭ ކައިރިއަށް ދުވަހަކުވެސް.” އަތުގެ އިޝާރާތުން ދޮރުން ވަދެގެން އަންނަ ފުލުހުންގެ ދެމީހަކު އަޔާން ޝަރީފާއަށް ދައްކާލިއެވެ.
“ބައްލަވާ އަހަރެން މަލަކާ އެއް ނުމަރަން. މިހިރަ ފެންނަ މީހާ އަހަރެންގެ ދަރިފުޅުވެސް ފޮރުވައިގެން އެއުޅެނީ.” ފުލުހުންގެ މީހުން ފެނިފައި ޝަރީފާ ބިރުން ވިރިގެން ދިޔަ ކަހަލައެވެ.
“ކާކުތޯ ބުނީ ކަލެއޭ މަލަކާ މަރާލީ. ކަލޭގެ ދަރިފުޅު މޮޔައިންގެ މަރުކަޒުގައި ފަރުވާދެނީ ސިކުނޑި އުނި މީހެއްގެ ގޮތުގައި.” ފުލުހުންގެ އަންހެނަކު އައިސް ޝަރީފާގެ ކުރިމައްޗަށް ހުއްޓުނެވެ. ވަގުތުން ޝަރީފާ މޫނުގައި ދެއަތް އަޅާފައި ރޮއެގަތެވެ.
“ނުވާނެ މަގޭ ދަރިއަކަށްތިހެނެއް. ބުނޭ ތީ ދޮގޭ.” ޝަރީފާ ބިންމައްޗަށް ވެއްޓިގަންނަމުން ރޮއެ ނަގަމުން ދިޔައެވެ. ފާލިހް އަށް ދެރައެއްވާކަށް އޭނާ ނޭދެއެވެ. ނަމަވެސް ޝަރީފާއަށް ނުވިސްނުނު ކަމަކީ މަލަކާ އަށް ދެރަ ދިނުމަކީ ހަމަ ފާލިހް އަށް ދެރަ ދިނުން ކަމެވެ.
“އަޅުގަނޑުމެންނާއެކީ ހިންގަވާ. ތަހުޤީޤަށް ހައްޔަރު ކުރުމަށް އަމުރު ނެރެފަ އިނީ.” ފުލުހުންގެ މީހުންނާއެކު ޝަރީފާ ހިނގައިގަތެވެ. އިސްޖެހިފައި ހުރެއެވެ. ދެލޯ ފުރާ އަގެއްނެތް ކަރުނަ އަޅާ ހާލުގައެވެ.
އަޔާން ވަށައިގެން އެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެއް އިރެއްގެ ފޮނި ހަނދާންތައް ލޯމައްޗަށް ސިފަވެގެން ދިޔުމާއެކު އަޔާން އަށް ދެލޯ މަރާލެވުނެވެ. މަޑު ފިޔަވަޅު ތަކެއްގައި އަޔާން ހިނގައިގަތީ އެގެއިން ނިކުންނާށެވެ.
“އަޔާން.” އަޔާންގެ ފިޔަވަޅު ހުއްޓުވާލީ ޒާރާގެ އަޑެވެ.
“ކޮބާ ފާލިހް. ކޮން ފުލުހުންނެއްތަ ނިކުމެގެން އެދިޔައީ.” ޒާރާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ.
“ޒާރާާ. އަހަންނާ އެއްވެސް ސުވާލެއް ނުކުރޭ. އަދި އެނގޭނެ ހުރިހާ ކަމެއްވެސް. ފުލުހުންނަށް ޒާރާ އާ ބެހޭގޮތުން ވެސް އެނގޭ އެއްޗެއް އަހަރެން ވާނީ ކިޔައިދީފައި. އަހަރެން ޤަބޫލު ކުރާގޮތުގައި ތީވެސް މަލަކާގެ ކުށްވެރިއެއް. މަލަކާގެ އުފާތަކުގައި ހުޅުޖެހި މީހެއް.” އަޔާން ސައިކަލަށް އަރާ ދުއްވާލިއިރުވެސް ޒާރާ ހުރީއެވެ. އިތުރު ސުވާލެއް ކުރަންވެސް ނޭނގިފައެވެ. އަޔާން އެބުނީ ދޮގެއް ނޫންކަން ޚުދު ޒާރާގެ އަމިއްލަ ނަފްސުވެސް ޤަބޫލުކުރެއެވެ. ޒާރާ ހިނގައިގަތީ ފުލުހުން ޒާރާ އާ ހިސާބަށް އައުމުގެ ކުރިން ފުލުހުންނަށް ހުރިހާ އެއްޗެއް ކިޔައިދޭން ދިއުމަށެވެ. މަލަކާގެ ފަރާތުން މާފަށް އެދޭނެ ފުރުސަތެއްވެސް ޒާރާއަކަށް ނުލިބުނެވެ. އަމިއްލަ ކުށަށް އިއުތިރާފްވެ އަދަބު ލިބިގަތަސް އެއީ މިއަދު މަލަކާއާ މެދު ވެވޭ އިންސާފެއްކަމަށް ޒާރާއަށް ވިސްނުނެވެ.
ފްލައިޓްގެ ސީޓްގައި ބުރަކަށި ޖައްސާލަމުން އަޔާން ބިއްލޫރިގަނޑުން ބޭރުބަލާލިއެވެ. ފާއިތުވެގެންދިޔަ ހިތްދަތި ދުވަސްތައް ހިތަށް ސިފަވުމާއެކު ދެލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. އެ ހުރިހާ ކަމަކީ ހުވަފެނަކަށްވީނަމަ ކޮންފަދަ ހެއްޔެވެ؟ ނުހާ އާ ދުވަހަކު ބައްދަލު ނުވިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެރީތި ސޫރައިގެ ފަހަތުން ނުދުވެވުނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ މީތަން އޭރު ބުނިހެން ޝަރީފާ މަލަކާ އަށް ހެދި ގޮތުގެ ވާހަކަތަކާއި މެދު ވިސްނާލެވުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ކުރިން ހުރިހާ ކަމެއް އެނގުނު ނަމައެވެ. ލޯބިވާ ބައްޕަ ނިމިދިޔައީ އަޔާންގެ ހިތުގެ ރަނިކަމަނާ އަތުންނެވެ. ހުރިހާ ކަމެއްގައި އަޔާން އަށް އަޔާން ގެ އަމިއްލަ ނަފްސް ކުށްވެރިކުރެވެނީއެވެ. މީތަން އަށް ހުރިހާ ވާހަކައެއް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ވިސްނަމުން ދިޔަ ވަރަކަށް އަޔާން ހާސްވާާން ފެށިއެވެ. އަދި އަތުގައި އޮތް ޓިޝޫ ކޮޅުނަގާ ފައިމަތީގައި ބާއްވާލަމުން ޖީބުގައި އޮތް ގަލަން ނެގިއެވެ.
އަދި ބޮޑު އަކުރުން ދެލަފްޒު ލިޔެލިއެވެ.
— މާފްކުރާށޭ ކަލާ—- އެލަފްޒުތައް ހިތުގެ އެންމެ ފުން މިނުގައި ހަރުލިއިރުވެސް ދުލާއި ހަމައަކަށް ނައެވެ. އަނެއްކާވެސް އަޔާންގެ ދެލޯ ކަރުނައިން ފުރިއްޖެއެވެ.
ނިމުނީ
6 Comments!
Comments are closed.
މި ވާހަކައިގެ ނުނިމި އޮތް ބައި ގެނެސްމިދިނީ އަޅުގަނޑު ރާއްޖެއިން ބޭރަށަް ފުރަން ޖެހުމާއެކު ކުރިއަށް އޮތް ތާގައި ވާހަކައިގެ ޕާޓްތައް ޤަވައިދުން ޕަބްލިޝް ނުކުރެވިދާނެތީއެވެ.
އަޅުގަނޑުގެ އާ ވާހަކައެއް ޑިސެމްބަރ ދިހަވަނަ ދުވަހުން ފެށިގެން އިރާދަކުރެއްވިއްޔާ ގެނެސްދޭނަމެވެ.
Alhe varah dhera vehjje story ninunyma..zana good luck..abadhu vx thigothuga kuriyah dhaathi..??
Wow.. vrh reethi story eh
Wow… vrh avahah dw minimunee.. goodluck for u r next story
Thee misaaleh Ehn liyuntherinnah. Hama Saabas dhey varuvey. V reethi vaahaka
vaahaka v reethi. ekam meethan ah ayaan kuri kanthahthah ves egunu nama ithurah furihama vees vaahaka nimigen dhiyairu ves heevanee ayaan loabi vanee nuhaa dhekehen hama ekani nuhaa ah dhakan hen meethan aa marry kohgen ulhenee ayaan ah meethan ge importance ihsaas ve nuhaa dheke v loabah vure bodah loabi vevunu nama