
މާފްކުރާށޭ ކަލާ 17
ހިތް ބާރުބާރަށް ތެޅެމުން ދިޔަ ނަމަވެސް ފާލިހް ޒާރާ އަށް ހިނިތުންވެލިއެވެ.
“ކޮން ޝަރުތެއް؟” ފާލިހްގެ އަޑުގައިވާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ފާލިހް އަހާލިއެވެ.
“ޝަރުތަކީ.. ބުނަންވީ؟” ޒާރާ ބޭނުންވީ ފާލިހް ތަޅުވާލަން ކަހަލައެވެ. ޒާރާ ހެވިފައި ފާލިހްއަށް ބަލަން ހުރި ކަމުގައިވިޔަސް ފާލިހްގެ މޫނުމަތިން ހިނިތުންވުމުގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ.
“އަބަދުވެސް ޒާރާ އަކީ ފާލިހްގެ ރައްޓެއްސެއްކަމަށް ބަލަންވާނެ.” ދުވަހަކުވެސް މިގުޅުން ކަނޑާނުލައްޗޭ.” ފާލިހްގެ މިލާފައިވާ މޫނު މައްޗަށް އަލުން އާ ދިރުމެއް އައި ކަހަލައެވެ. އޭނަގެ ހިތުން ޒާރާ އަށް ޚާއްސަ ޤަދަރެއް ދެވިގެންދިޔަ ކަހަލައެވެ. ފާލިހް ކުރިއަށް ޖެހިލާ ޒާރާގެ އަތުގައި ހިފިއެވެ.
“އައި ޕްރޮމިސް.” ވެފައި ހުރި އުފަލުން ފާލިހްގެ ލޮލުން ކަރުނަ ހިލުނެވެ. ޒާރާ ތުންފަތުގައި ކުޅެލީ ފަނޑު ހިނިތުންވުމެކެވެ.
“ޔަޤީންތަ؟” މީތަން އަޔާންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. މީތަން އާއި އަޔާން ވާހަކަދައްކަން ތިބީ އެގޭ ސިޑިމަތީގައެވެ. އަޔާން ފިނި ވަނީއެވެ.
“އަޅެ އަޔާން. ޔަޤީންތަ މަންމައާ ވާާހަކަ ދައްކާނެ ހިތްވަރު އެބަހުރިކަން.” މީތަން ބޭނުންވީ އިތުރަށް ޔަޤީން ކުރާށެވެ. އަޔާން އޭނަގެ މަންމައާ ވާހަކަ ދައްކަން ނުކެރިގެން އުޅޭތީއެވެ.
އަޔާން އަދިވެސް ދެއަތް ދެއަތާއި އުނގުޅާލަ އުނގުޅާލަ ހުރީއެވެ.
“މަށަކަށް ހިއެއްނުވޭ އިރުއެރިޔަސް މިރެއަކު ތިކަން ވާނެހެނެއް. ކުރިއަށް ދެފިޔަވަޅު އަޅައިފިއްޔާ ފަހަތަށް ހަތަރު ފިޔަވަޅު އެބަ އަޅާ.” މީތަން ރުޅި އައިސްގެން އަޔާންއަށް ދެލޯ އަޅާލިއެވެ.
“ހެހެހެ. މީތަންއަށް ވާގޮތް ބަލާލީއޭ. ހިނގާބަލަ އެތެރެއަށް ވަންނަން. މަށަށް ކީއްވެތަ ވަކި ނުކެރެންވީ.” މީތަން ރުޅި އައުމުން އަޔާން އަވަސް އަވަހަށް ވާހަކަ ބަދަލު ކޮށްލިއެވެ. އަދި މީތަންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
މީތަންގެ މަންމަ އާދިސާ އިނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތި ޓީވީ ބަލާށެވެ.
ގޭގެ ދޮރުހުޅުވުނު އަޑަށް އާދިސާ އިސްއުފުލާ ބަލާލިއެެވެ. އޭރު އަޔާންއާއި މީތަން އެތެރެއަށް ވަދެއްޖެއެވެ.
“އާދޭ އާދޭ.” އާދިސާ ފަރުވާތެރިކަމާއެކު އަޔާާން އާއި ދިމާއަށް ބަލާލިއެވެ.
“މީތަން. ދޭބަލަ އަޔާންއަށް ކޮންމެވެސް އެއްޗެއް ހިފައިގެން އަންނަން.” އާދިސާ ބޭނުންވީ މީތަން އެތަނުން ފޮނުވާލާށެވެ. މީތަން ބަދިގެ ފަރާާތަށް ދިއުމުން އާދިސާ އަޔާންގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އަޔާން އެނގޭ މަންމައަށް. މީ ދެން މަންމަ ކަމަށް ބަލާ. މީތަން އަކީ އަހަރެންގެ ފުރާނަ. މީތަންގެ ބައްޕައަކީ ހުއްޓަސް ނެތް މީހެއް ހަމަ. ދުވަހަކުވެސް މަގޭ ދަރިފުޅު ހިތުގައި ނުޖައްސާތި.” އާދިސާ ޖަޒުބާތުގައި ޖެހި ލޮލުން ކަރުނަ ހިލުނެވެ.
“އަހަރެން ވައުދުވަން މީތަން އަބަދުވެސް އުފަލުގައި ގެންގުޅެން..” އަޔާން ވާހަކަ ދެއްކީ ސީދާ އާދިސާގެ ލޮލަށް ބަލަންހުރެއެވެ. އަޔާންގެ ދެލޮލުން ފެންނަ ތެދުވެރިކަން އާދިސާ އަށް އަންގައިދޭން އަޔާން ބޭނުންވާކަހަލައެވެ.
އެވަގުތު މީތަން ދެތަށި ޖޫސް ހިފައިގެން އައިސް އެތަނަށް ހުއްޓުނެވެ. އަދި ލޮލުން އަޔާންއަށް އިޝާރާތްކޮށްލީ މަންމަ ރުހުނުތޯ ޔަޤީންކޮށްލުމަށެވެ. އަޔާން ބޯ ޖަހާލަމުން ހިނިތުންވެލިއެވެ.
ރޭގަނޑުގެ ހަމަހިމޭންކަންމަތީ މުޅި ދުނިޔެ ނިދާފައިވާއިރު މާކިން އޮތީ ހޭލައެވެ. ޖެހެމުންދާ ފިނި ފިނި ރޯޅިތައް މާކިންގެ ފަން އިސްތަށިކޮޅުގައި އިރުއިރުކޮޅާއި ފިރުމާލައެވެ. ނަމަވެސް މާކިންގެ ތެމިފައިވާ ދެލޯ ވަނީ އެއްދިމާއަކަށް ހުއްޓިފައެވެ. ކުޑަދޮރު ކައިރީގައި ބަހައްޓާފައި ހުރި ގޮޑިއެއްގައި އޭނާ އެއިނީ ނުހާ އާ އެކީ އޭނާ ނަގާފައިވާ ފޮޓޯއަކަށް ބަލާށެވެ.
“ބައްޕީ.” ނިދާފަައި އޮތް ޒޫކަން ގެ އަޑުން މާކިން ސިއްސުވާލިއެވެ. އެވަގުތު ޖެހިލި ބާރު ވައިރޯޅިއެއްގައި މާކިންގެ އަތުން އެފޮޓޯގަނޑު ވިއްސައިގެން ގޮސް މާދުރަށް ވެއްޓިއްޖެއެވެ. މާބޮޑު ފަރުވާލެއް ނުބަހައްޓާ މާކިން ޒޫކަން ކައިރީގަައި އޮށޯވެލިއެވެ. ކުޑަކުޑަ ޒޫކަން މާކިންގެ މޭތެރޭގައި ބޮޑިވެލިއެވެ. މާކިންގެ ލޯބި ފިރުމުންތަކާއެކު އިސާހިތަކު ޒޫކަން އަށް ނިދިއްޖެއެވެ.
ފަތިހު ވެހެން ފެށި ވާރޭ ހެނދުނު ވިއިރުވެސް ހުއްޓާނުލައެވެ. ނުހާ ތެދުވެ ނިދާފައި އޮތް އާސިފް އާއި ދިމާއަށް ބަލާލީ ފޫހިގޮތަކަށެވެ. ފިކުރުތަކާއި ހުރެ ރަނގަޅަށް ނުނިދޭތީ ނުހާގެ މަލެއްފަދަ މޫނުގައި އެއްވެސް ތާޒާ ކަމެއްނެތެވެ.
ނުހާގެ ކުރު އިސްތަށިކޮޅުގައި އަތުން ފުނާ އަޅާލަމުން ކޮޓަރިން ނިކުތެވެ. އެވަގުތު އަޔާންވެސް އޮފީހަށްދާން ތައްޔާރުވެލައިގެން ނިކުންނަނީއެވެ.
“މަ ބަލާނަމޭ ތި މީތަންއެއް މިގެޔަށް ގެނެސްގެން މިގޭގައި އުޅެވޭތޯ.” ދެކޮޅު ހޯދާލަމުން ނުހާ އަޔާންގެ އަތުގައި ހިފެހެއްޓިއެވެ. އަޔާން އަތް ފޮޅުވާލަމުން ހިނގައިގަތީ އެއްވެސް އެއްޗެއް ނުބުނެއެވެ.
“އަޅެ އެއްފަހަރުވެސް ބުނެބަލަ މި ނުހާ ދެކެ ލޯތްބެއްނުވޭ.” ހިނގަ ހިނގާހުރި އަޔާންގެ ކުރިމައްޗަށް ނުހާ ދުވެފައި ގޮސް ހުއްޓުނެވެ. އަޔާން އިސްއުފުލާ ނުހާގެ މޫނަށް ބަލާލިއެވެ. ތުނިތުނި ނިދާހެދުމުގެ މަތިން ޖެކެޓެއް ލައިގެން ހުއްޓަސް ނުހާގެ އޮމާން މޭމަތިން ބައެއް އޮތީ ފެންނާށެވެ. އަޔާން ގެ މޫނު ދުރަށް އަނބުރާާލީ އެމަންޒަރު ނުބަލަންވެގެންނެވެ. ނުހާ އެހީކުރަނީ ރަނގަޅަށެވެ. އަޔާން އަދިވެސް ނުހާދެކެ ލޯބިވެއެވެ. އެކަމަކު އެއްވެސް އަގެއް ނެތް އެލޯބީގައި ފެތި ޤަރަޤުވެގެންދާން އަޔާން ބޭނުން ނުވަނީއެވެ.
“ތިކަހަލަ ކުށްހީ ނުކޮށްބަލަ. ނުހާ ދެކެ ލޯބިވާނަމަ މިއަޔާން މީތަން އަކާ އެކީ ނޫޅޭނެ.” އަޔާން ނުހާގެ ސުވާލަށް ޖަވާާބު ދިނީ އަމިއްލަ ހިތުގައި އަތް އަޅައިގެން ހުރެ ކަހަލައެވެ.
“ތީ ދޮގެއް. އަޔާން މީތަންއާ އެކީ ތިއުޅެނީ މަށަށް ދައްކަން. ބަޓް ޝީ އިޒް ނަތިން ލައިކް މީ.” ނުހާ މަލާމަތް ފާޑަކަށް ހީލިއެވެ.
“ތިކަހަލަ ބޭކާރު ވާހަކަތައް އަޑުއަހަން ނެތް ޓައިމްއެއް.” އަޔާން ނުހާާގެ ކޮނޑުގައި ހިފާ އެއްފަރާތައް ކޮށްޕާލަމުން ބާރުބާރަށް ހިނގައިގަތީ އިތުރަށް ނުހާ އާ ޒުވާާބު ކުރަން ބޭނުންނުވާތީއެވެ.
“ހާދަ ބިޒީ ކޮށްލައިގެން.. ވަސްގަނޑުވެސް ހާދަ ރަނގަޅޭ.” ބަދިގެ ފަރާާތަށް އައިސް އައިސް ހުރި ޒާރާގެ އަޑަށް ކާމޭޒުމަތި ތައްޔާރުކުރަން ހުރި މަލަކާ ބަލާލިއެވެ.
“މީހަކު ގަދަފަދަ ވީކަން އަންގާލީނު.” މަލަކާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ޒާރާގެ ފަހަތުން އައި ޝަރީފާ މަލަކާއަށް ބަހަކުން ޖަހާލިއެވެ.
“މިއަދު ފާލިހް އޮފީހަށް ނިކުންނަނީނު. އެހެންވެ.” މަލަކާ ޒާރާއަށް ހިނިތުންވެލިއެވެ. އަދި ފާާލިހް އަށް ގޮވައިގެން އެބަ އަންނަމޭ ބުނެފައި ހިނގައިގަތެވެ.
“ދުވާ މީރު ވަހުން ކެތް ނުވާތީ ނުގޮވަނީސް އައިސް މިހުރީ.” ފާލިހް މަލަކާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. އެމަންޒަރު ފެނުމުން ޒާރާއަށް ދެލޯ މަރާލެވުނެވެ.
“މަންމާ އާދޭ ސައިބޯން.” ފާލިހް ބަދިގެ ތެރޭގައި ހުރި އޭނާގެ މަންމަ ޝަރީފާއަށް ބަލާލަމުން ގޮޑިއެއް ދަމާލާފައި އިށީނެވެ. މަލަކާއި ދިމާއަށް ފޫހިގޮތަކަށް ބަލާލަމުން ޝަރީފާ ކާމޭޒު ކައިރީގައި އިށީނީ ފާލިހްގެ އެދުމަށް ފުރަގަސްދޭން ނުކެރިގެންނެވެ.
“ޒާރާވެސް އާދޭ. ކޮލެޖަށް ދާ ގަޑިވެސް ޖެހެނީނު.” ޝަރީފާ ޒާރާ އަށް އިޝާރަތް ކޮށްލިތަން ފެނިފައި މަލަކާގެ ހިތުގައި ޖެހުނެވެ. ޝަރީފާ އޭނަދެކެ ރުޅި އަންނަންވީ ސަބަބެއް މަލަކާއަކަށް ހަމަ އުޅެ އުޅެވެސް ނުވިސްނުނެވެ.
“ޒާރާ. ހިނގާ ކޮލެޖަށް ޑްރޮޕް ކޮށްލަދޭނަން.” ސައިބޮއެ ނިމިގެން ގޮޑިން ތެދުވި ފާލިހްގެ އަޑަށް އެންމެ ބޮޑަށް ހައިރާާންވީ ޝަރީފާއެވެ. ޝަރީފާ އުޅުނީ ފާލިހް ކައިރީގައި ޒާރާ ކޮލެޖަށް ގެންގޮސްދޭން ބުނާށެވެ. މަލަކާއަށް ބޭއިހްތިޔާރުގައި ފާލިހްއާ ދިމާއަށް ބަލާލެވުނެވެ. ފާލިހް އެހާ ހިނިތުންވެލާފައި ޒާރާއާ ވާހަކަ ދައްކަނިކޮށް އަދި އޭނައަށް ފެނިފައެއް ނުވެއެވެ.
“އެބައަންނަން ބޭގް ހިފައިގެނ.ް.” ޒާރާ މަލަކާ އާއި ދިމާއަށް ބަލާލީ މަލާމާތުގެ ގޮތުން ހީލަމުންނެވެ. ފާލިހް ބޯޖަހާލަމުން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. މަލަކާ ހުރީ ފާލިހް އޭނައަށް ސަމާލުކަމެއްދޭތޯއެވެ. ނަމަވެސް މޮޅިވެރިކަން ފިޔަވައި އިތުރު އެއްޗެއް ނުލިބުމުން މަޑު ހިނގުމެއްގައި މަލަކާގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން ހުރި ޝަރީފާ އަތް ޖަހަމުން ނަށައިގަތެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޝަރީފާ ބޭނުންވަނީވެސް އެގޮތެވެ. ފާލިހް އާ މަލަކާ ދުރުވުމެވެ.
“ގުޑް މޯނިންގް. ސާބަސް. ވަކިތަނެއްވެސް ނޯވޭތަ ކަލޭމެންނަކަށް.” އަޔާންއާއި މީތަން ތިބީ އަޔާންގެ ކެބިންގައެވެ. އެކަކު އަނެކަކާ ޖެހި ފިތިގެން އަޔާންގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ކަލޭވެސް ދޯ. މި ވެޑިން ކާޑްގެ ޑިޒައިންތައް ބަލާލަނީއޭ. ކުރިއަށް އޮތް ހަފްތާގައި މެރީކުރަން ކަމަށް.” އަޔާން އަށް ފާލިހްގެ ބަދަލުވެފައިވާ މޫޑް ފެނުމުން ހީލިއެވެ.
މީތަން ހުރީ ލަދުންނެވެ. ފާލިހް އެގޮތަށް އައިސް ދިމާކޮށްލީމައެވެ.
“އަޔާން. ކަލޭގެ ގޮމަ މިއަށް އޮޅެނީ ލަދުން.” މީތަން ލަދުން ހުރުމުން ފާލިހް ބޭނުންވީ މީތަން ރަކި ކޮށްލާށެވެ. މީތަން ސޯފާއިން ތެދުވެގެން ދޮރާއި ދިމާއަށް ދުއްވައިގަތެވެ.
“ކޮބާ ތަ ދެވަނަ އަނބި ކަންތައް. ކިހިނެއް ދިޔައީ.” އަޔާން މޭޒުމަތީގައި އޮތް ފައިލެއް ނަގަމުން ސޯފާއިން ތެދުވިއެވެ.
“ރަނގަޅަށް ދިޔައީ. ކޮލެޖަށްވެސް ލާދީފަ މިއައީ. މާފްކޮށްފީމޯ. ލެޓްސް ބީ ފްރެންޑްސް އޯ.” ފާލިހް ދިގު ނޭވާއެއް ލަމުން ސޯފާއަށް ވެއްޓިގަތެވެ. އަޔާން ހުރީ ހިނިއައިސްފައި ބަލާށެވެ.
“ނަސީބެއްނު ބޮލަށް ނޭރިކަން.” އަޔާން އޭނަގެ އަތުގައި އޮތް ފައިލް ނަގާ ފާލިހްއަށް ދިއްކޮށްލިއެވެ. ފާލިހް އަޔާންއާ ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ތީ ރިސޯޓްތަކުގެ އަހަރީ ރިޕޯޓްތައް. ބައެއް މައުލޫމާތު ބޭނުންވާނެ. ހިނގާބަލަ. ފާލިހް ގެ މޭޒުގެ ވަތްގަނޑު ތެރެއަށް މަ ލީން ބައެއް ޑޮކިޔުމެންޓްސް.” އަޔާންއާ ފާލިހް ނިކުތީ އެކުއެކީގައެވެ.
“އަޔާން. ޔުއަރ ސްޓެޕް މަމް.” ފާލިހް އަނގަމަތީގައި އަތް އެޅީ ނުހޭންވެގެންނެވެ.
އަޔާން ލޮލުގެ ހިމަކޮޅުން ނުހާ އާ ދިމާއަށް ބަލާލަމުން އިސްޖަހާލިއެވެ. އޭރު ނުހާ ގޮސް އާސިފްގެ ކެބިން އަށް ވަންނަނީއެވެ.
“އެބައުޅޭ ނިއު ކުއްޖެއް އިނގޭ. މާކިން. މެލޭޝިޔާގައި ހުރިއިރުގެ ރައްޓެއްސެއް.” ފާލިހްގެ ކެބިންއަށް ވަންނަމުން އަޔާން ކުއްލިއަކަށް މާކިން މަތިން ހަނދާންވިއެވެ.
ފާލިހް އާއި އަޔާން އަވަސް އަވަހަށް މޭޒުގެ ވަތްގަނޑުތައް ހާވަން ފެށިއެވެ.
“މިއޮތީ ފެނިފައޭ.” އަޔާން ބައިވަރު ގަނޑުތަކެއް އަތަށް ނަގަމުން ހިންދެމިލިއެވެ. އެވަގުތު އެގަނޑުތަކުގެ ތެރެއިން ވެއްޓުނީ ފަތް ޖަހާފައިއޮތް ކުޑަ ކަރުދާސްކޮޅެކެވެ. އަޔާން ގުދުވެ އެކަރުދާސް ކޮޅު ނަގާ ނިއުޅުވާލިއެވެ.
“ކަލޭ މެލޭޝިޔާއިންވެސް ބިޓެއް ގެންގުޅެންތަ؟” ފާލިހްއާ ދިމާކޮށްލާނެ ޗާންސެއް ލިބުމުން އަޔާން ބޭނުންވީ އެޗާންސްގެ ބޭނުން ހިފާލާށެވެ.
” ވަޓް. ދައްކަބަލަ.” ފާލިހް ކުއްލިއަކަށް އައިސް އަޔާންގެ އަތުން އެކަރުދާސްކޮޅު ދަމައިގަތެވެ.
“މީ މަގޭ ކަމެއް ނޫނޭ. ކަލޭގެ ސްޓެޕް މޯމްގެ ކަމެކޭ. ހަނދާންވޭތަ ނުހާއަށް ނުގުޅިގެން އުޅުނު ދުވަސްތައް. އެދުވަސްކޮޅު ނުހާ އޮފީހުން ކެނޑުނީ. ދެން އާސިފް އެއްދުވަހު ގުޅާފަބުނީ ނުހާގެ ވަތްގަނޑު ޗެކްކޮށްލަން. އެއްވެސް މުހިންމު އެއްޗެއް އޮތް ތޯ. އެދުވަހު އެވަތްގަނޑު ހާވަނިކޮށް މަށަށް ފެނުނު އެއްޗެއް މީ.” ފާލިހްގެ ވާހަކަ އަޑުއަހަން ހުރި އަޔާން އެވާހަކައަކަށް މާބޮޑު ޝައުޤެއްނެތެވެ.
ފާލިހް އަޑުގެ ނެތްކޮޅަށް އެނަމްބަރު ކިޔަމުން އަޔާން އާ ދިމާކުރަމުން ދިޔައެވެ.
“އަދި އެއްފަހަރު ތި ނަމްބަރު ކިޔާބަލަ.” އަޔާން ކުއްލިއަކަށް ޖީބުން ފޯނު ނެގިއެވެ.
އަޔާން ފޯނުގެ ކީޕެޑްގައި ފާލިހް ކިޔަމުންދިޔަ ނަމްބަރު ޖެހިއިރު އަޔާންގެ ދެލޯ ހުރީ ބޮޑުވެފައެވެ.
“މާ-މާކިން.” އަޔާންގެ އަޑު ދިޔައީ ކެނޑި ކެނޑިގެންނެވެ.
ފާލިހް އަޔާންގެ ބޮޑުވެފައިވާ ލޮލަށް ބަލަހައްޓައިގެން ހުރީ ވާނުވާ ނޭނގިފައެވެ.
“އަޔާން. ކީކޭތަ ތިކިޔަނީ.” ފާލިހް އަޔާންގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ނޭނގެ.” އަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ތީ ކޮން ނަމްބަރެއްތަ؟ ކޮން މާކިން އެކޭ ތަ ތިކިޔަނީ.” ވެގެން އުޅޭ ގޮތް އޮޅުންފިލުވާ ހިތުން ފާލިހް ހުރީ ކެތްމަދުވެފައެވެ.
“ޔަޤީންތަ ނުހާގެ މޭޒުގެ ވަތްގަނޑު ތެރޭގައިކަން މިނަމްބަރު އޮތީ.” އަޔާން އެކަރުދާސްކޮޅު ފާލިހްއަށް އަނެއްކާވެސް ދައްކާލިއެވެ.
“އާއެކޭ.” ފާލިހްގެ އަޑު ބާރުވިއެވެ.
“ސޯ ނުހާއާ މާކިންއާވެސް ގުޅުމެއް އޮންނަނީ. އައި ރިއަލީ ކާންޓް ބިލީވް ދިސް.” އަޔާން ދެފަރާާތަކަށް ބޯހޫރާލިއެވެ.
“އަދި ތިހެން ނުނިންމަބަލަ. ހިނގާ ހަޤީޤަތް ބަލަމާ.” ފާލިހް ދިނީ ރަނގަޅު ޚިޔާލެކެވެ.
“ކިހިނެއް؟” ނުހާ އޭނާގެ ކުރިމަތީގައި އިސްޖަހައިގެން އިން މާާކިން މޫނަށް ނަޒަރު ހުއްޓާލިއެވެ. މިއަދު ނުހާއަކީ މާކިންގެ ސާހިބުމީހާއެވެ. ނުހާއާ ވާހަކަދައްކާ ޖަވާބުދާރީ ވާން މިއަދު މާކިން އަށް މަޖުބޫރެވެ.
“ރަނގަޅު.” މާކިން ވާހަކަ ދެއްކީ އިސްއުފުލާ ނުހާ އާއި ދިމާއަށް ބަލާވެސް ނުލައެވެ.
“ކުރިން ވީ ކަމެއް ވީ. އެކަމަކު މާކިން އެއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީގައި ނުދައްކާނެކަމަށް ހީކުރަން.” އަތު ކުރީގައި އޮތް ގަޑިއަށް ބަލާލަމުން ނުހާ ގޮޑިން ތެދުވިއެވެ. މާކިން އެއިން ގޮތަށް އިސްޖަހާލައިގެން އިނީއެވެ. ނުހާ އަކީ ކޮންކަހަލަ އިންސާނެއްބާއޭ މާކިން ހިތަށްއެރިއެވެ. އަމިއްލަ މީހާގެ ދަރި ދުނިޔޭގައި ހުރިތޯ ކިހިނެއްތޯވެސް އަހާނުލައެވެ. ބުނާތީ އަޑުއަހަމެވެ. މައިންނަކަށް އެމީހުންގެ ދަރިންނާއި ދުރުގަ ކެތެއް ނުކުރެވޭނެއެވެ. އެކަމަކު އެބަހުގަ އެއްވެސް ތެދެއް ނެތްކަން މިއަދު ނުހާ ހަމަރަނގަޅަށްވެސް ސާބިތުކޮށްދީފިއެވެ. ވިސްނަން ބޭނުން ނުވިޔަސް މާކިންގެ ބަސްނާހާ ސިކުނޑި ކޮންމެފަހަރަކުވެސް މާކިންގެ ބޯގޮއްވާލަނީއެވެ. ދެލޯ ފުރިގެން ބަންޑުންވުމުގެ ކުރިން މާާކިން އޭނާގެ ބޮޑު ދެއަތް ތިލައިން ދެލޯ ފޮރުވާލިއެވެ.
ގޭގެ ގޯތި ތެރޭގައި ހުރި މާ ބަގީޗާގައި ޝަރީފާ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ބަލާބެލުމަށް ހީވަނީ މީހެއްގެ އިންތިޒާރުގައި ހުރިހެންނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައި ހުރިގޮތުން ހީވަނީ ކަމަކާ ވަރަށް ބޮޑަށް ހާސްވެފައި ހުރިހެންނެވެ. ދޮރާށި ހުޅުވާލި އަޑަށް ޝަރީފާ ދިޔައީ ސިއްސައިގެންނެވެ. އޭރު އަތްމައްޗަށް ފޮތް ބޮޑިއެއް ލައިގެން ލަވަކިޔަމުން ޒާރާ ގޭތެރެއަށް ވަންނަނީއެވެ.
“ހޮއެ ހޮއެ.. ހާދަ އުފަލެއްގަ ތިހުރީ.” ޝަރީފާގެ ވާހަކަ ދެއްކުމުގައި ހުރީ މަލާމަތުގެ ރާގެވެ.
“އެސްފީނާ ނުޖައްސަބަލަ މަގޭ އުފާވެރިކަމަށް.” ޒާރާވެސް ރައްދުދިނެވެ. ކުރިން ޝަރީފާ ދެކެ ޖެހިލުންވެފައި ހުންނަ ޒާރާގެ ޖެހިލުންކުޑަކަން ފެނިފައި ޝަރީފާ ހިސާބަކަށް ހައިރާންވެސްވިއެވެ.
“ތި އުފާވެރިކަން ތީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް. ކުލަނެތް ހުވަފެން ބަލާލަ ބަލާލަ ހުރޭ.” ބުނަން ބޭނުންވި ކަމުގައި ވިޔަސް ޝަރީފާގެ ދުލާއި ހަމައަށް ހިތުގައިވާ ބަސްތައް ޝަރީފާ ގެންނަން ބޭނުންނެތް ކަހަލައެވެ. އެނގެން ޖެހޭ ދުވަހު އެނގޭނެއެވެ.
ޒާރާ ދެކޮނޑު އަރުވާލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ގޭގެ ދޮރޯށި ހުޅުވާލާފައި އަނެއްކާވެސް މީހަކު ވަނެވެ. ނަމަވެސް ޒާރާ ފަސްއެނބުރި ބަލާވެސް ނުލާ ގޮސް ގޭތެރެއަށް ވަނެވެ.
ޝަރީފާ ބާރުބާރަށް ހިނގާފައި ގޮސް ކޮރުޖަހަމުން އައި ނާސިރާގެ އަތުގައި ހިފިއެވެ.
“ނަސީބެއްނު މީހަކަށް ނުފެނި އާދެވުނުކަން.” ޝަރީފާ ދެކޮޅު ހޯދަމުން ނާސިރާ ގޮވައިގެން ހިނގައިގަތެވެ.
“ދެންމެ އެވަނީ ކޮންކުއްޖެއްތަ؟” ނާސިރާގެ ނަޒަރު އުކެމުންދިޔައީ ގޭގެ އެކިދިމަދިމާއަށެވެ.
“އެއީ ފާލިހްއާ މަލަކާއާ ދުރުކުރުވަން އަހަރެން ބޭނުން ކުރަމުންދާ ހަތިޔާރެއް. ނާސިރާ ބުނި ގޮތަށް ދެން އޮތީ ދެމަހެއްނު.” ޝަރީފާ ވާހަކަ ދައްކަމުންދިޔައީ ވަރަށް މަޑުންނެވެ.
“ދެމަސް ދުވަހޭ.” އާސިފް ފޯނުން ވާހަކަ ދައްކަން އިނީ އޮފީސް ދޮރުމަތީގައެވެ.
“އަހަރެންގެ ދަރިފުޅުގެ އުފަންދުވަސް އަންނަން ދެއޮތީ ހަތަރު ދުވަހޭ. އެހެންވީމަ ދެމަސް ދުވަހަށް ތިތަން ބުކިން ފުލްވެގެން ކަމަކުނުދާނެއެއްނު.” ފޯނު ބޭއްވިއިރުވެސް އާސިފްގެ މޫނުމަތީގައި ހުރި ނުރުހުމުގެ އަސަރު ނުފިލައެވެ.
“ކޮންކަމަކާތަ މާ ހާސްވެގެން ތިއުޅެނީ.” ނުހާގެ އަޑުން އާސިފް ސިހުނެވެ.
“ކަމެއްވީ ކީ ނޫން. ގެޔަށް ގޮއްސަ ދޯ ވާހަކަ ދައްކާނީ.” އާސިފް ނުހާގެ ކޮނޑަށް އަތްވައްޓާލިއެވެ.
“އެބައޮތޭ އިތުރު ކަމެއް ނުހާ ކުރަން ޖެހޭ. އާސިފް ދޭ. އަހަރެން އެބަ އަންނަން ކުޑަ އިރުކޮޅެއްގެ ތެރޭގައި.” ނުހާ ހިނގައިގަތީ އެނބުރި އޮފީސް ތެރެއަށް ވަންނާށެވެ.
“އެކަކުވެސް ނެތެއްނު އޮފީހުގަ. ދެން ނުހާ އެކަނި ކީއްތަ ވަކި ކުރަން އޮންނާނީ.. މަޑުކުރަންތަ ނުހާ ނިމެންދެން.” އާސިފްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނަމުން ނުހާ ދިޔައީ ފަސްއެނބުރި ބަލާވެސް ނުލައެވެ. ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުން އާސިފް ކާރަށް އެރިއެވެ.
ވިލާ ކޮލެޖް ދޮރުމަތީގައި ފާލިހް އެހުރީ ޒާރާ ގުޅާފައި އަންނާށޭ ބުނީމައެވެ. ރައްޓެއްސެއްގެ ގޮތުގައި ދެކޭތީއެވެ.
“ލަސްވެއްޖެ ދޯ.” ފަރި ހިނގުމެއްގައި އައި ޒާރާ ފާލިހްގެ ކުރިމައްޗަށް ހުއްޓި ހިނިތުންވެލިއެވެ.
“ނޫނޭ. އެންމެ ފަސްމިނެޓެއްނު ލަސްވީ. ލެޓްސް ގޯ.” ޖެހެމުންދިޔަ ވައިރޯޅިއާއެކު ޒާރާގެ ގައިން ދުވި މީރު ސެންޓްގެ ވަހުން ފާލިހްއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ޒާރާ އަށް އެކަން ފާހަގަވެސް ކުރެވުނެވެ.
“ސޮރީ އިނގޭ. ކުއްލިއަކަށް ގުޅުނީމަ. ގެޔަށް ގޮއްސައޭ މިއައީ. އެކަމަކު އެއްޗެއް ބާާއްވާފަ ދެވުނީމަ އަނެއްކާ އަލުން އަންނަން ޖެހުނީ. އެހާ ދުރަށް ހިނގަން ޖެހުނީމަ އައި ވޯޒް ވެރީ ޓަޔަޑް.” ޒާރާ ސައިކަލްއަށް އަރާ އިށީނދެލިއެވެ.
ކަޅު ކުލައިގެ ކުރު ހެދުމެއް ލައިގެން ބޭރަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތް މަލަކާ ގެ ނޭފަތުގައި ނުބައި ވަހެއް ޖެހުނެވެ. ނޭފަތުގައި އަތް އަޅާލެވުނީވެސް ބޭއިހްތިޔާާރުގައެވެ.
“ކޮންތާކުންތަ އެހާ ނުބައި ވަހެއް އެދުވަނީ.” މަލަކާ މުޅި ގޭތެރޭގެ އެތަން މިތަން ހޯދަމުން ދިޔައެވެ.
“ތި ދާ ތާކަށް ދޭބަލަ. އެއީ އަހަރެންގެ ގައިގައި އުނގުޅަން ހެދި ބޭހަކުން ދުވާ ވަސް.” ބަދިގެ ފަރާތުން ކުޑަ ބޯތައްޓެއް ހިފައިގެން ނިކުތް ޝަރީފާ މަލަކާއާއި ދިމާއަށް ބަލާލީ ނަފްރަތުން ފުރިގެންވާ ބެލުމެކެވެ.
މަލަކާ އަވަސް އަވަހަށް ހިނގައިގަތީ އެތަނުން ދާށެވެ. ޝަރީފާގެ ހަރުކަށި ބަސްތައް މިހާރު މަލަކާއަށް އަލެއް ނޫނެވެ. ހަމައެކަނި ނޭނގެނީ އެއީ ކީއްވެގެން ކަމެވެ.
“ނާސިރާ. މި އެންމެ ރަނގަޅު ވަގުތޭ. އެހުރީ ފާލިހްގެ ކޮޓަރި.” މަލަކާ ދޮރުން ނިކުތުމުން ވައި އަޑުން ޝަރީފާ ނާސިރާއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ.
މީތަންއަށް އާދެވުނީ މަލަކާ އިންތިޒާރުގައި ހުންނަތާ އެތައް އިރެއް ފަހުންނެވެ.
“ސާބަސް. ތީ ހަތަރު ކުދިން މަންމަތަ؟ ދެން ނޭނގެ މާގިނަ ފިހާރައަށް ވަދެވޭނެ ކަމެއްވެސް.” މަލަކާ މީތަންގެ ކޮނޑުގައި ހިފައިގަތެވެ.
“ދެން އެހެއްނު ވާނީ. އަޔާން ކުއްލިއަކަށް ގޮއްސި ބަޔަކާއި މީޓް ކުރަން ޖެހިގެން ރިސޯޓަށް. އުޅެ އުޅެ ޓެކްސީއެއް ނުލިބުނު.” މީތަންގެ ނިއްކުރި މައްޗަށް ވެއްޓިފައިވާ ނުކިޔަމަންތެރި އިސްތަށިކޮޅެއް އަތުން އެއްފަރާތް ކޮށްލަމުން މީތަން ހިނިތުންވެލިއެވެ.
“ކާކަށްތަ މާވަރަކަށް ތިގުޅަނީ.” މީތަން ދެއްކި އެއްވެސް ވާހަކައަށް ފަރުވާލެއް ނުބަހައްޓާ ފޯނުގެ ސްކްރީނަށް ކަޅި ހުއްޓާލައިގެން ހުރި މަލަކާގެ އަތުގައި މީތަން ހިފިއެވެ.
“ސޮރީ އިނގޭ. ދެން މަ ގުޅާނީ ފާލިހްއަކަށްނު. ބޭރަށް ދާ ވާހަކަ ބުނަން ވެގެން. މިއަދު އޮފީހަށް ދިޔަ ފަހުން އަދި އެއްފަހަރުވެސް ނުގުޅޭ.” މަލަކާގެ އަޑުން އޭނާ އެހުރީ އިންތިހާއަށް ދެރަވެފައިކަން އެނގެއެވެ.
“ވެދާނެއެއްނު އަޔާން އާ އެކީ ދިޔައީ ކަމަށް ރިސޯޓަށް.” މީތަން ބޭނުންވީ މަލަކާގެ ހިތްހަމަ ޖައްސާލަދޭށެވެ. އެވަގުތު ވަރަށް ކައިރިން އިވުނު އަންހެންކުއްޖެއްގެ ހުނުމުގެ އަޑަށް މަލަކާއި މީތަން އަށް ބަލާލެވުނީ އެކު އެކީގައެވެ.
އޭރު ފާލިހް ޒާރާ ގޮވައިގެން އައިސް ސައިކަލް ގެ ކައިިރިއަށް މަޑުކޮށްލަނީއެވެ. މަލަކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވީދެރައިގެ އިތުރަށް އެހާ ރުޅިވެސް އައެވެ. ހެނދުނުއްސުރެ މަލަކާ ފާލިހްއަށް ގުޅުނު އަދަދުވެސް ނޭނގެއެވެ. މީތަން ހުރީ މަލަކާގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަތައް ބަލާށެވެ.
ޒާާރާ ރަކި ގޮތަކަށް ހީލަމުން ގޮސް ގޭތެރެއަށްވަނެވެ.
“ހެލޯ މީތަން. ކޮންތާކަށްދާން ދެކުދިން ތިދަނީ.” ފާލިހް އެމީހުންގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ގާލްސް ސީކްރެޓް ޝޮޕިން.” މީތަން ހިނިތުންވެލިއެވެ. މަލަކާ ފާާލިހް އާ ދިމާއަށް ބަލާވެސް ނުލިއެވެ.
“މަގޭ ބުލްބުލް. ހާދަ މޫޑް ސަކަރާތްވެފަ ތިހުރީ.” ފާލިހް އުޅުނީ މަލަކާގެ ކޮލުގައި ހިފާށެވެ. ނަމަވެސް އެއަށްވުރެ ކުރިން މަލަކާ ދުރަށް ޖެހުނެވެ. އަދި މީތަން އަތުގައި ހިފައިގެން ހިނގައިގަތެވެ. ދުރު މީހެއް ހުއްޓާ މަލަކާ އެގޮތަށް ކަންތައް ކުރުމުން ފާލިހް ހިތްހަމައެއް ނުޖެހުނެވެ. ދެވަނަ ފަހަރަށް މަލަކާއަށް ނުގޮވީ ވެސް އެހެންވެގެންނެވެ.
“ކަންތައް ތިކުރެވުނީ ރަނގަޅަށްތަ؟” މަލަކާގެ ކަރުނުން ތެމެމުންދާ މޫނަށް މީތަން ބަލާލިއެވެ.
މަލަކާއަށް ގިސްލެވެން ފެށުނެވެ.
“އަޅޭ. ހިނގާބަލަ މިހިރަ ކެފޭއަށް ވަންނަން. މީ މަގުމައްޗެއްނު. މީހުން ހީކުރާނީ ކީކޭ.” މީތަން މަލަކާގެ އަތުގައި ހިފައިގެން ގޮސް ޖެހިގެން ހުރި ކެފޭއަށް ވަނެވެ.
ސަލްސާ ރޯޔަލް ކައިރިއަށް ޓެކްސީ މަޑުކޮށްލުމުން ނުހާ ކާރުގެ ޑްރައިވަރު އަތަށް ރުފިޔާ ދިއްކޮށްލިއެވެ.
“މަ ކިހިނެއް ކަލޭ އަތުން ލާރީގަ ހިފާނީ. އަދިވެސް ކުރީގެ އަސަރުތައް ނުފިލާ އެބަހުއްޓޭ.” ދަންނަ އަޑެއް ކަންފަތުގައި ޖެހުމާާއެކު ނުހާ އިސްއުފުލާ ބަލާލިއެވެ. އެއީ އެއްއިރެއްގައި ނުހާ ވިއްކަމުންދިޔަ ލޯބި ގަނެ އޭނާގެ އަވައިގަައި ޖެހުނު މީހެކެވެ.
“ރަނގަޅަށް ތިބުނީ. ހިފާނެ ކަމެއްނެތް. ކަލޭގެ އަންހެނުން އަހަރެންގެ ގެއަށް އައިސް ވަރަށް ލޯބިން ކަންފަތް މަތީގައި ފިރުމާލަ ދިނީމަ އޭގެ އަސަރުތައް ނުފިލާ އެބަހުރި އަދިވެސް.” އަނގަޔަށް ފޫހި ވައްތަރެއް ޖައްސާލަމުން ނުހާ ކާރުން ފޭބިއެވެ. އަދި ގައިގައި ހުރި ބާރެއްލާފައި ބަން ލާފައި ކާރުގެ ދޮރު ޖެހިއެވެ.
ސިޑިން ނުހާ އަރަމުން ދިޔައީވެސް ދުވެފައެވެ.
ދޮރުގައި ޓަކި ޖަހާލަމުން ނުހާ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ރީތިކޮށްލިއެވެ.
“ކޮން ކުއްޖެއް؟” މީތަންގެ މަންމަ އާދިސާ ދޮރު ހުޅުވާލިއެވެ.
“މީތަން އުޅޭތަ؟” ރުންކުރު ގޮތަކަށް ނުހާ އަހާލިއެވެ.
“ނޫނޭ ކޮއްކޯ. ހަމަ ދެންމެ ބޭރަށް އެދިޔައީ.” އާދިސާ ހިނިތުންވެލިއެވެ.
“އަޔާން އާ އެކީގަތަ؟” ނުހާއަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ. އާދިސާގެ ނިތްކުރި މައްޗަށް ގިނަވެގެން ދިޔަ ކުދި ރޫތަކާއެކު އޭނާ ނުހާ އާ ދިމާއަށް ބަލަހައްޓައިގެން ހުރީ ސުވާލުގެ ނަޒަރަކުންނެވެ.
“އޯކޭ ދަނީ.” އާދިސާއަށް އިތުރު ސުވާލެއް ކުރާނެ ފުރުސަތު ނުދީ ނުހާ ހިނގައިގަތެވެ. ކުރަން ބޭނުންވި އެއްވެސް ކަމެއް ނުވުމުން ނުހާ ގާާތަށް ރުޅިއައެވެ.
“މަންމީ.” ކުދި ކިޔަމުން ދިޔަ ނުހާ ސިއްސުވާލީ ކުޑަ ކުއްޖެއްގެ އަޑެވެ. ނުހާ އެނބުރި ބަލާލިއެވެ. އޭރު ކުޑަކުޑަ ޒޫކަން ހުރީ ހެވިފައި ނުހާއަށް ބަލަހައްޓައިގެންނެވެ.
ނުހާ މަޑުމަޑުން ހިނގާފައި ގޮސް ޒޫކަންގެ ކައިރިއަށް ގުދުވެލިއެވެ.
“ކީކޭ. ކޮބާ ކޮއްކޮގެ މަންމި.” ނުހާ ޒޫކަންގެ މުށިކަން ގަދަ ދެލޮލަށް ބަލާލިއެވެ.
“ތީ ޒޫކަންގެ މަންމި.” ޒޫކަން ނުހާގެ ކަރުގައި އެލިގަތެވެ.
“ޒޫ -ކަން.” ނުހާ ކުއްލިއަކަށް ޒޫކަންގެ އަތް ދުރުކޮށްލަމުން ތެދުވިއެވެ. އާއެކެވެ. އެއީ ހަމަ އެނަމެވެ. ނުހާއާާއި މާކިން އެމީހުންގެ ދަރިއަށް ކިޔަން ބޭނުންވި ނަމެވެ. ނަމަވެސް ކައިވެންޏަކާއި ނުލައި ލިބުނު ދަރިއަކަށް ވުމުން ނުހާއަށް އެކަންވީ ލަދަކަށެވެ.
“ދަރިފުޅޫ. ކީއްތިކުރަނީ ދޮރު ކައިރީގައި.” ދޮރުފަތުގައި އަތް އަޅައި ބޮޑަށް ކޮށްޕާލަމުން މާާކިން ބޭރަށް ނިކުތެވެ.
“ބައްޕީ. ލުކް. މަންމި.” މާކިން ހުރީ ބުނާނެ އެއްޗެއް ނޭނގިފައި ނުހާއަށް ބަލަހައްޓައިގެންނެވެ. ނުހާ ދުރަށް މޫނު އަނބުރާލަމުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ނުހާ ދާތަން ފެނިފައި ޒޫކަން ރޮއެގަތެވެ. ނުހާއަށް އެއަޑު އިވޭނެވެސްމެއެވެ. އެކަމަކު ނުހާ ފަސްއެނބުރި ބަލާވެސްނުލިއެވެ. މާކިން ޒޫކަން ނަގާ އުރާލަމުން ގޭތެރެއަށް ވަނެވެ. މާކިންއަށް ނުހާ ކޮންމެ ގޮތެއް ހެދިޔަސް ޒޫކަން އަށް އެހެން ހަދާނެ ކަމަކަށް މާކިން ކުޑަކޮށްވެސް ހިއެއްނުކުރެއެވެ. ދުވަހަކުވެސް ނުހާއަށް މަޢާފް ނުކުރަން މާކިންގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.
“ހުއްޓާލާ ދޫނީ ދެން. އެއީ ދަރިފުޅުގެ މަންމި އެއް ނޫނޭ.” މާކިން ޒޫކަންގެ ބޮލުގައި ފިރުމާލަމުން މެޔާލައި ބޮޑިކޮށްލިއެވެ.
އިރުއޮއްސުމުން މަގުތަކުގައި ހަރުކޮށްފައިވާ ބޮކިތައް ދިއްލެން ފެށިއެވެ. އިރުގެ އަލި ދެކެ ބިރުން ގޭގައި ފިލާ ތިބި އަންހެން ކުދިންތައްވެސް ނަލަ ހެދިލައިގެން ބޭރަށް ނިކުމެ ހޭލަމޭލަވެ އުޅެއެވެ. މީތަން އާއި މަލަކާ ހިނގަމުންދިޔައީ ދެއަތް ފުރާ ކޮތަޅު ހިފައިގެންނެވެ.
“ލައްކަ ޝޮޕިން ކުރެވިއްޖެއެއްނު.” މީތަން ހުރީ ވަރުބަލިވެފައެވެ. މަލަކާ އެއްވެސް ޖަވާބެއް ނުދެއެވެ. އަދިވެސް އޭނާ ހުރީ މޫޑީ ވެފައެވެ. މީތަން އަތުގެ އިޝާރާތުން ކާރެއް ހުއްޓުވާލިއެވެ.
“އަދި މަލަކާ ނުވާނެ އެހާ ދުރަށް ހިނގާކަށް.” މީތަން މަލަކާއަށް ކާރުގެ ދޮރު ހުޅުވާލަ ދިނެވެ.
“ހާދަ ވިސްނެއޭ ދޯ. ކިހާ ރަނގަޅު ލޮލުގެ ކުރިމައްޗަށް ފެންނަމުންދާ ހަޤީޤަތާއި މެދު ވިސްނާލިއްޔާ.” ނުހާގެ އަޑަށް މީތަން ބަލާލިއެވެ.
“ވަޓް ޑޫ ޔޫ މީން.”މީތަން ނުހާ އާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އައި މެންޓް އަޔާން އިޒް ޔޫސިން ޔޫ. މަށަށް ދައްކަން ކަލެއާ އެކީ އެއުޅެނީ. ހާދަ ގަމާރޭ ދޯ.” ނުހާ ހީނގަތެވެ.
“ތިކަހަލަ އަންހެނުނަށް ކުރަން އެނގޭނެހާވެސް ކަމަކީތީ. ހުންނަ ގޮތެއްނެތް ކަން ދޯ. ކުރާނެ ކަމެއް ނެތިއްޔާ ކަލޭގެ މުސްކުޅި ފިރިމީހާގެ ފަހަތުގައި ހުރެބަލަ ނިކަން.” ނުހާއަށް ޖަވާބު ދިނީ މަލަކާއެވެ. ފާލިހް ދެކެ އަރާފައިވާ ރުޅިގަނޑުވެސް ބަލާލީ ނުހާއަށެވެ.
“އަޔާން އަދިވެސް ލޯބިވަނީ އަހަރެންދެކެ. އެކަމުގެ ހެކި މިއަދު އެގޭގައި އަހަރެން މިއުޅެނީ. އަޔާން ބޭނުންނަމަ އޭނާގެ ބައްޕަ އަށް އަހަރެންގެ ހަޤީޤަތް ކިޔާ ދެވޭނެ. އެކަމަކު އަޔާންގެ ލޯ ކުރިމަތީގައި އަހަރެން ބަހައްޓަން ބޭނުންވާތީ އަޔާން ހުރިހާ ކަމެއް ސިއްރުކޮށްގެން އެހުރީ.” މަލަކާ އިސްޖަހައިގެން ހުރި މީތަންގެ އަތުގައި ހިފައި ކާާރަށް އެރީ އިތުރަށް ނުހާ ދައްކާ ވާހަކަ އަޑުނާޙަންވެގެންނެވެ. ނުހާގެ ވިހަގަދަ ބަސްތައް މީތަންގެ ބޮލުތެރޭގައި އެނބުރެންފެށިއެވެ. ކާރު ދުއްވާލުމާއެކު ނުހާ ފުން ނޭވާއެއް ދޫކޮށްލީ ހިތްހަމަ ޖެހިގެން ހުރެއެވެ.
މަލަކާ އެތަކެއް ފަހަރު ވިސްނަދިން އިރުވެސް މީތަން އިނީ ހިމޭނުންނެވެ. އެވަގުތު ފޯނަށް މެސެޖެއް އައުމުން މީތަން ފޯނު ނަގާ ބަލާލިއެވެ. މީތަން ދެލޯ މަރާލަމުން ފޯނު ދުރުގައި ބޭއްވިއެވެ. މެސެޖަށް ޖަވާބެއް ދޭނެ ހިތްވަރު ނެތީމައެވެ. އިރުކޮޅަކުން ފޯނު ރިންގް ވާންފެށިއެވެ. މީތަން ފޯނު ނަގާ ނިއްވާލަމުން ދަބަސް ތެރެއަށް ފޯނު ވައްޓާލިއެވެ.
“އަޔާންތަ؟ ނަގާބަލަ.” މީތަންގެ ހަރަކާތްތަކަށް މަލަކާ އިނީ ބަލާށެވެ.
“ފަހުންް.” މީތަން ކާރުގެ ލޯގަނޑުން ބޭރު ބަލަން އިނދެ ބުނެލިއެވެ.
މަލަކާ އަންނާނެ އިރެއްގެ އިންތިޒާރުގައި ކޮޓަރި ތެރޭގައި އޮވެ އޮވެ ފާލިހް ފޫހިވެގެން ސިޓިންރޫމަށް ނިކުތެވެ. އެވަގުތު ބަދިގެ ތެރެއިން އެއްޗެހިތަކެއް ފައިބައިގަތް އަޑަށް ފާލިހް އެދިމާއަށް ދުއްވައިގަތެވެ.
“ތިކާކު؟” ފުށުން ތަތްތެޅިފައިވާ ޒާރާގެ މޫނު ފެންނަވަރެއް ނުވިއެވެ.
“މީ މަށޭ. ޒާރާ. ފުށް އެތި މިތާ މަތީގައި ބަހައްޓަން ޖެހޭތަ؟ މަގޭ ގަޔަށޭ އެވެއްޓުނީ.” ޒާރާ ފުށްތައް ފޮޅަމުން ދިޔައިރު ހުރީ ރުޅި އައިސްފައެވެ. ފާލިހްއަށް ބާރަށް ހީނގަނެވުނެވެ. ޒާރާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ.
“ހުރެބަލަ ނިކަން މަލާމަތްކުރަންޏާ ރަނގަޅު ލަނޑެއްދޭނަން.” ފާލިހް ވިސްނާނުލާ ހުއްޓާ ޒާރާ ފުށްތަކާއެކު ފާލިހްގެ ގައިގައި ހިފައިގަތެވެ. އެއްވެސް ހުރަހެއްނެތި ފާލިހް އަރިއަޅާލިއެވެ. ދެމީހުން އެއްކޮށް ބިންމައްޗަށް ގުޅަވަރަކަށް ޖެހުނެވެ.
“ފާލިހް.” މަލަކާގެ އަޑުން މުޅި ގޭތެރެ ދިޔައީ ގުގުމައިގެންނެވެ.
ނުނިމޭ
7 Comments!
Comments are closed.
Wow nice.. When next part ❤❤❤??
Nuhaa mihaaru ayaan aa meethan ge dheythereah vx vanii dw… anyway vvvvvvv reethi…. malaka dn kihineii ba hadhaaniii
Me first..vvv reethi
Alhey kiyaa hithun indhaa e nimunee… vvv salhi mi story
Nuha dhen kithanme beynunviyas aayan akaa needheveyne. Edhe myhun ge mahchah kaiveni haraam vaane.
alheyyyyy storyy vrh nice…and thank you so much zaana….thy hama time ah vahaka up kohdheyy kuhjjeh masha allah❤…when next part?
Vvvv reethi