ދުޢާ 38
އެންމެން ސައިބޮއެގެން އެކި ވާހަކަ ތަކުގައި ތިއްބައި އާލާ ބެލްކަންޏަށް ނިކުތީ ފޯނެއް އައުމުންނެވެ. ދެން ތިބީ ދެ ފިރިހެނުން ކަމުން ރުކާވެސް އާލައާއި އެއްބައިވެލަން ބެލްކަންޏަށް ނިކުތެވެ. “ހިނގާ މިރޭ އެއްކަލަ ދައްތަމެން ގެއަށް.. ބުނީ މިރެއަށް ހެދުން ނިމޭނެޔޯ..” ރުކާ އައިސް ހުއްޓުނު ވަގުތު އާލާ ބުނެލިއެވެ. އެހެން ކަމުން ރުކާވެސް އެކަމާއި އެއްބަސްވެލަމުން ބޯ ޖަހާލީއެވެ. ދެމީހުން ހަވިރު ބައްދަލުވާން ނިންމަމުން އެތެރެއަށް ވަތް އިރުވެސް އަޒާންގެ އިތުރުން ދާނިޔަލް ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ. “މަޑުކޮއްލައްޗޭ ބައްޕައަށް އެބަ ގުޅަން..” އަޒާން އެހެން ބުނެފައި ފޯނު ނަގައި އާދިންއަށް ގުޅާލިއެވެ.
***
އާދިން އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ކޮންމެވެސް ފުލުސް އޮފިސަރަކާއި ވާހަކަ ދައްކާށެވެ. ދާނިޔަލްގެ ޚަބަރެއް ނުވެގެން އޭނާ އެދަނީ ދުވަހަކަށްފަހު ދުވަހެއްގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އޭނާގެ ހަނދާނުގައި އެއްކަމެއް އަބަދުވެސް އިނދެއެވެ. އެއީ ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށް ކަމެވެ. އަދި އެކަމަކަށް އެންމެ ރަނގަޅު ވަގުތު ޖެހުމުން ﷲ އެކަމެއް މެދުވެރި ކުރައްވާނެ ކަމެވެ. އެކަލާނގެ ޙަޟްރަތުން އިތުބާރު ގެއްލުވާ ނުލައި ސާބިތު ކަމާއި އެކު އޭނާ އެހުރީއެވެ.
“އާދިން.. އިން ޝާ ﷲ އަދި ވަރަށް އަވަހަށް ދާނިޔަލް ފެންނާނޭ.. ހިތްވަރު އެލުވާ ނުލައްޗޭ..” އެނދުގައި އިށީންނަމުން ފަޒާގެ ތެރެއަށް އާދިން ފުން ނޭވާއެއް ދޫކޮށްލައިފައި އިސްތަށިގަނޑުތެރެއަށް އަތް މަހާލި ވަގުތު ވިޝާމާ އައިސް އޭނާ ގާތު އިށީންނަމުން ބުނެލިއެވެ. އާދިން ވިޝާމާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް އެ އަނގަ ލައްޕާލަން ޖެހުނީ ފޯނަށް ގުޅަމުން ދިޔަ އަޒާންގެ ސަބަބުންނެވެ. މުހިއްމު ކޯލްއަކަށް ވެދާނެތީ އާދިން އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
އޭގެ ދެވަނަ ސިކުންތުގައި އޭނާ ހައިރާންކަން އެކުލެވިގެންވީ ނަޒަރެއް ވިޝާމާއަށް ދިނެވެ. “ކިހިނެތް ވީތަ؟ ކީކޯ އަޒާން ބުނީ؟” ވިޝާމާ އަވަސް އަވަހަށް އާދިން ގާތު އެހާލީ އާދިން ބަލަހައްޓައިގެން ހުރި ގޮތުންނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އާދިން އޭނާ ގޮވައިގެން ކޮޓަރިން ނިކުމެގެން ދިޔައީއެވެ.
***
“އެ އައީ ކަންނޭނގެ ބައްޕަމެން..” އަޒާން ސޯފާއިން ތެދުވެލައި ދޮރާއި ދިމާލަށް ހިނގައިގަތީ ބަޔަކު ދޮރުގައި ޓަކި ދިން އަޑަށެވެ. ދާނިޔަލް ހިނިތުންވުމަކުން ފުއްދާލީއެވެ. “ދާނިޔަލް؟” ދޮރު ހުޅުވާލި ތަނުން އާދިން ގޭތެރެއަށް ވަދެ ދާނިޔަލް ގާތަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. ވިޝާމާވެސް ފަހަތުން ވަނެވެ. އާދިންގެ ތުންފަތަށް ވެރިވެފައިވަނީ ނުފިލާނޭ ހިނިތުންވުމެކެވެ. ދާނިޔަލް ހަފްތާއެއްހާ ދުވަހަށްފަހު ފެނުމުން އެ ހިތަށް ވަނީ ބަޔާންނުކުރެވޭހާ ހިތްހަމަޖެހުން ލިބިފައެވެ. ދާނިޔަލް ގައިގައި ބައްދާލުމަށްފަހު އޭނާ އެކި އެކި ވާހަކަ ދައްކަމުން ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން އާދިންވެސް ކޮށްލީ ހަމަ ކޮންމެ މީހަކުވެސް އޭނާ ގާތު ކުރާ ސުވާލެވެ. އެކަން ކުރި މީހަކީ ކާކު ހެއްޔެވެ؟ ނޭނގޭ ސަބަބަކާއި ހުރެ ދާނިޔަލްއަށް މަނިކާއި ޝަޒިއްޔާގެ ނަން ބުނަން ފަސްޖެހެވެނީއެވެ. އެ ދެމީހުންނަށް އޭނާ ކުރާ އިޙްތިރާމްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
“ފަސް ޖެހޭން ވީ އެއްވެސް ސަބަބެއް ނެތް.. އަޅުގަނޑުމެން ގާތު ބުނަން ވީއެއްނު ދާނިޔަލްއަށް އިނގުނު މިންވަރަކުން.. ކުއްވެރިންނަން އެކަން ކުރަން ދެވަނަ ފުރުސަތެއް ދީގެން ނުވާނެ ދާނިޔަލް..” ނެގިމަޑުވެފައި އިން ދާނިޔަލްއަށް ސިހުން ލިބުނީ ގޭތެރެއަށް ވަދެގެން އައި ފުލުހުންގެ ޓީމުގަ އިސްކޮށް ހުރި އޮފިސަރުގެ އަޑަށެވެ. އޭނާ އިސް އުފުލާލައި ބަލައިލި އިރު އެމީހުންގެ ފަހަތުން މަނިކުވެސް ހުރީ އެގެއަށް އައިހެވެ. ދާނިޔަލްއަށް މަނިކުގެ ދެލޮލުން ފެނުނު ނުތަނަވަސްކަން ސިއްރެއް ނުވިއެވެ.
“ނޭނގެ އެއީ ކޮން ބައެއް ކަމެއް..” ދާނިޔަލް ކޮންމެ މީހަކަށްވެސް ދޭ ޖަވާބު ތަކުރާރު ކޮށްލިއެވެ. “ދޮގެއް.. ގައިމު ދާނިޔަލް އަހަރެން ގާތު ބުނީމެއްނު ކޮންމެވެސް ދެ ފިރިހެނެއްގެ ވާހަކަ..” ދާނިޔަލް ދިން ޖަވާބުން މަނިކަށް ލިބުނު ހިތްހަމަޖެހުން އޭގެ ދެވަނަ ސިކުންތުގައި ގެއްލުނީ އާލާ ބުނެލި ވާހަކަ އަކުންނެވެ. މިފަހަރު މިކަމުގައި ނުބެދި އޭނާ ސަލާމަތް ވާނެ ކަމެއްވެސް ނޭނގެއެވެ. އެވަގުތު އެތާ ތިބި އެހެން މީހުންނަށް އޭނާގެ މޫނު ފެނުނު ނަމަ މަނިކާއި ސުވާލު ކުރާނެކަން ގައިމެވެ. އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުރީ ނުތަނަވަސްކަމާއި ހާސްކަމެވެ.
ދާނިޔަލްއަށް ގޮތް ހުސްވުމުން ކުޑަގޮތަކަށް ކަންތައް ވީގޮތް ކިޔާލަދިނެވެ. ނަމަވެސް އޭނާއަށް ކުއްވެރިޔެއް ފަދައިން އިޙުސާސްވަމުން ދިޔައެވެ. ކީއްވެބާވައެވެ؟ މިކަމުގައި ހަމައެކަނި ޝިޔާމްއާއި ރިޒާގެ ވާހަކަ ބުނުމުން އެއީ އިންސާފަށް ވާނެބާވައެވެ؟ އެމީހުންނެކޭ އެއްވަރަށް މިކަމުގައި މަނިކާއި ޝަޒިއްޔާގެ ބައިވެރިވުންވެސް އެވައޮތެވެ. ކޮންމެ ގޮތެއް ވިޔަސް ދާނިޔަލް އިތުރަކަށް އެހެން ވާހަކައެއް ނުއެއް ބުންޏެވެ. ޕޮލިހުންވެސް އެގެއިން ނިކުމެގެން ދިޔުމުން އެތާ ދެން ތިބީ ހަމައެކަނި ގޭ މީހުންނެވެ. އާދިންއާއި ވިޝާމާއެކޭ އެއްވަރަށް އަޒާންގެ އިތުރުން ރުކާއަށްވެސް ހައިރާންކަން ލިބުނީ މަނިކު އެގެއަށް އައިސް ހުރުމުންނެވެ. މަނިކު ދާނިޔަލް ދެކެ އެހާ ރުޅި އަންނަ އިރު ކުއްލިޔަކަށް މިގެއަށް އަންނަން ޖެހުނު ސަބަބެއް އެއިން އެކަކަށްވެސް ނަގައެއް ނުގަނެވުނެވެ. ދާނިޔަލް ގެއްލުމުން އޭނާވެސް ކަންބޮޑުވީ ކަމަށް ނިންމާ އެމީހުންގެ ހިތް ހަމައަކަށް އަޅުވާލިއެވެ.
މަނިކު އެގޭގައި އިން ނަމަވެސް އެއީ އެތާ ނެތް މިހެކޭ އެއްފަދައެވެ. އޭނާ އިނީ ފާޑަކަށް ނެގިމަޑުވެފައެވެ. ދާނިޔަލްއަށް އެވަރަށް އަނިޔާ ދިން އިރުވެސް އޭނާގެ ނަން ދާނިޔަލް ޕޮލިހުން ގާތު ނުބުންޏެވެ. މިއަދު އޭނާގެ ނަން ބުނި ނަމަ މަނިކަށް އެކަމުން ސަލާމަތް ވެވުމަކީ ނާދިރު ކަމެކެވެ. ދާނިޔަލް އެގޮތަށް ކަންތައް ކުރީ ކީއްވެބާވައެވެ؟ އަނެއްކާ އޭނާގާތުން ދާނިޔަލް ބަދަލު ހިފަން ބޭނުން ވަނީ ބާވައެވެ؟ މަނިކުގެ ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދެމުން ދިޔައެވެ. އޭނާގެ ސިކުނޑި ފުރި ބާރުވަމުން ދިޔައީ އެފަދަ ޚިޔާލުތަކުންނެވެ. އާދިންގެ އަޑު މަނިކުގެ ކަންފަތަށް ފޯރީވެސް އާދިން ދެތިން ފަހަރަކު ގޮވާލުމުންނެވެ. “ބައްޕާ ހިނގާ ގެއަށް ދާން.. އަހަރެމެންވެސް މިދަނީ..” އުނދަގުލުން ހިނިތުންވެލުމަށްފަހު މަނިކު އިންތަނުން ތެދުވެގެން އާދިންމެން ފަހަތުން ދިޔައެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ އެ ޢަމަލުތަށް ވަރަށް ރަނގަޅަށް ބަލަން އެހެން މީހަކު އިން ކަމެވެ.
“ދާނިޔަލްއާއި ކާފައާއި މެދު އެހާ ރަނގަޅު ގުޅުމެއް ނޯވޭދޯ؟” އެންމެން އެގެއިން ނިކުމެގެން ދިޔުމުން އާލާއަށް ނީންދެވިގެން އެންމެފަހުން ސުވާލު ކޮށްލިއެވެ. މަނިކު ދާނިޔަލްއާއު އަނގައިންވެސް ނުބުނުމުން އޭނާގެ ހިތުގައި ވަނީ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ “ކިހިނެތް ވީ؟ ޖަވާބު ދިނުމުގެ ބަދަލުގައި ދާނިޔަލްވެސް ކޮށްލީ ސުވާލެކެވެ.
“ކާފަ ދާނިޔަލްގާތު ކިހިނެތް ހެއްޔޭ ވެސް އަހާނުލައެއްނު؟ ކާފަ އެއްވެސް ވަރަކަށް އަނގައިން ނުބުނާތީވެ އެހެން ހިތަށް އެރީމަ ހަމަ މި އަހާލީ..” ފުން ވިސްނުމަކަށް ގެއްލިފައި އިން ފަދައަކުން އާލާ ބުނެލިއެވެ. ދާނިޔަލްގެ ތުންފަތަށް ވެރިވީ ހިތާމަވެރި ހިނިތުންވުމެކެވެ. މަނިކަށް އޭނާއަކީ މަނިކުގެ ކާފަދަރިކަން އެނގޭ ޙާލު އޭނާއަށް އެހާލު ޖައްސައިފައި ވަކި ބުނާނެ އެއްޗެއް އޮންނާނެ ހެއްޔެވެ؟ މަނިކު ދާނިޔަލް ދެކެ އަންނަނީ އާދައިގެ ރުޅިއެއް ނޫނެވެ. އެ ރުޅިގަނޑުގެ ތެރޭގައި އޭނާ ދާނިޔަލްއަށް ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެކަން މަނިކު މިފަހަރު ދާނިޔަލްއަށް ސާބިތު ކޮށްދީފިއެވެ. ﷲގެ އިރާދަފުޅުން މިފަހަރު ދާނިޔަލް ސަލާމަތް ވީއެވެ.
“ހޫމް.. އެހާ އެހާ ރަނގަޅެއް ނުވާނެ އަހަންނާއި ކާފައާއި ދެމެދު އޮންނަ ގުޅުމެއް..” ދާނިޔަލް ބުނެލީ އެވަރަށެވެ. ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދާނިޔަލް ތެދުވެގެން ގޮސް މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ. އޭނާގެ ބޮލުގައިވެސް ކުޑަ ރިހުމެއް އުފެދިފައި ވާއިރު މުޅި ހަށިގަނޑުގައިވެސް ކޮންމެވެސް ވަރަކަށް ރިހުން އެކުލެވިފައިވެއެވެ. އެހެންކަމުން ދާނިޔަލް ބޭނުންވީ ކޮންމެވެސް ވަރަކަށް އަރާމުކޮށްލާށެވެ. ކާފަގެ ވާހަކަ ބުނުމުން ދާނިޔަލްއަށް އައި ބަދަލުން އާލާއަށް ހައިރާންކަން ލިބުނެވެ. އެއްޗެކޭ ނުބުނެ އޭނާ ދާނިޔަލްދިޔަ ދިމާލަށް ބަލަހައްޓައިގެން އިނުމަށްފަހު ދެވިސްނުމެއްގައި ހުރެ އެދިމާލަށް ދިޔައެވެ. އޭނާ ކޮޓަރިއަށް ވަތް އިރު ދާނިޔަލް އެނދުގައި އޮށޯވެލައިގެން އޮތީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ.
ދާނިޔަލްގެ އާއިލާއާއިމެދު އާލާގެ ޝައުޤުވެރިކަން އުފެދިފައިވީލެއް ބޮޑުކަމުން އަލަމާރީގައި ދާނިޔަލްގެ އަލްބަމެއް އޮތް ހަނދާނެއް ވެ އެ ނަގަން އާލާގެ ސިކުނޑި އޭނާއަށް ލަފާދިނެވެ. އެހެން ކަމުން އޭތި ނެގުމަށްޓަކައި ކޮޓަރީގެ އެއްފަރާތެއްގައި ހުރި ބޮޑު ހެދުން އަލަމާރިއާއި ދިމާލަށް އާލާ ހިގައިގަތެވެ. ދެ އަލްބަމެއް އޮތުމުން ދަށުގައި އޮތް އެތި ނަގަން އުޅުނު ވަގުތު އާލާގެ ލޮލުގައި އަޅައިގަތީ މުށިކުލައިގެ ކުޑަ ފޮށްޓެކެވެ. ދެބުމަ ގާތްކޮށްލަމުން އަލްބަމާއި އެކު އޭނާ އެ ކުޑަ ފޮށިވެސް ނެގިއެވެ.
“ދާނިޔަލް.. މިއީ ކޯންޗެއްތަ؟” ފޯނުން ނަޒަރު ވަކިކޮށްލުމަށްފަހު ދާނިޔަލް އާލާއަށް ބަލައިލީ އޭނާއާއި އާލާ ސުވާލު ކޮށްލުމުންނެވެ. އެއިރު އެއް އަތުން އަލްބަމެއް ހިފައިގެން އަނެއް އަތުން މުށިކުލައިގެ އާދައިގެ ވަރެއްގެ ފޮއްޓެއް ހިފައިގެން އާލާ ހުއްޓެވެ. ދާނިޔަލް ދެބުމަ ގާތް ކޮށްލުމަށްފަހު އެނދުގެ ހެޑްބޯޑުގައި ލައްވެލުމުން އާލާ އައިސް އެނދަށް އަރާ އޭނާ ގާތު އިށީނދެ ލިއެވެ. ދާނިޔަލްގެ ދެލޯ ބޮޑުވީ އެއީ އޭނާ ހަނދާނަކަށް ބަހައްޓަން ވެގެން އެއްޗެހި އެޅި ކުޑަ ފޮށިކަން ހަނދާންވުމުންނެވެ. ދާނިޔަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔަ އިރު އޭތި ހުޅުވުމުގެ ޝައުޤުވެރިކަން އެހިތުގައި އުތުރި އަރައިގަތެވެ.
“މިއީ.. މިއީ އަހަރެން ކުޑައިރުއްސުރެ ގެންގުޅޭ ފޮއްޓެއް.. ހުންނާނެ ވަރަށް އެއްޗެހި އަޅާފަ މިއަށް.. ބަލައިލަންވެއްޖެ.. ހަނދާންވެސް ނެތިފައޭ މިހާރު މިހުރީ މީތި މަތިން..” ދާނިޔަލް އެހެން ބުނެލައިފައި ފޮށި ހުޅުވާލިއެވެ. އާލާވެސް އޭނާ ގާތު އިނީ އޭގެ އެތެރެ ބަލައިލަން ނުހަނު ޝައުޤުވެރިވެފައެވެ. ދާނިޔަލްގެ ދެބުމަ ގާތްވެގެން ދިޔައީ އެ ފޮށި ތެރޭގައި އެންމެ ފުރަތަމަވެސް ފެންނަން އޮތް ގަނޑުކޮޅުންނެވެ. އެ ގަނޑު ފަތްޖަހާލައިފައި އޮތް އިރު ދާނިޔަލްއަށް ހައިރާންކަން ލިބުނީ އެއީ އޭނާ ލީ އެއްޗަކަށް ނުވާތިއެވެ.
އެއާއި ދިމާލަށް އަތް ގެންދިޔަ އިރުވެސް ދާނިޔަލްގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. މަޑުމަޑުން އެ ގަނޑު ނިއުޅުވާލި ދާނިޔަލްގެ ހައިރާންކަން އިތުރުވީ އެއީ އޭނާގެ މަންމަގެ ފަރާތުން އޮތް އެއްޗަކަށް ވާތިއެވެ. ޝައުޤުވެރިކަމާއެކު ދާނިޔަލް އޭގައިވީ އެއްޗެއް ކިޔަން ފެށިއެވެ.
“ދަރިފުޅާއެވެ. ތުއްތުއިރުއްސުރެ މަންމަ އެކަނި ބަލާބޮޑުކުރި ނަމަވެސް ދަރިފުޅު މަންމަ ގާތު ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. މިވެނި އެއްޗެއް ގަނެދޭށޭ ނުވަތަ އެވެނި އެއްޗެއް ގަނެދޭށޭ ކިޔައި ބޮޑާ ހައިކައިފައެއްވެސް ނުވެއެވެ. އަބަދުވެސް މަންމައަށް ކިޔަމަންތެރިކަން އަދާކޮށް ދަރިފުޅު ބޮޑުވަމުން އައީ ބަސް އަހާ މޮޅު ކުއްޖެއް ފަދައިންނެވެ. މިއަދު ދަރިފުޅު ތި ހޯދި ކާމިޔާބީއަކީ މަންމަގެ ފަރާތުން ދަރިފުޅަށް ހަދިޔާއެއް ލިބުން ޙައްޤު ކާމިޔާބީއެއް ނޫންހެއްޔެވެ؟ އެހެން ކަމުން މިދިޔަ މަސްތަކުގައި އެއްކުރި ރުފިޔާއިން މަންމަ އޮންނާނީ ދަރިފުޅަށް އަގުހުރި ހަދިޔާއެއް ގަނެދީފައެވެ.
ދަރިފުޅާއެވެ. ދަރިފުޅު ކުޑައިރު އަބަދުވެސް ކުރަމުން އައި ސުވާލަކީ އެހެން ކުދިން ފަދައިން ދަރިފުޅުގެ ބައްޕައެއް ނުހުންނަނީ ކީއްވެހެއްޔެވެ؟ މާމައާއި ކާފައެއް ނުހުންނަނީ ކީއްވެހެއްޔެވެ؟ މިއަދު ދަރިފުޅަކީ ވިސްނޭވަރުވެފަ ހުރި ހަރުދަނާ ޒުވާނަކަށް ވީތީ މަންމަ އެވާހަކަ ކިޔައިދޭން ޤަސްދުކުރަމެވެ.
ދަރިފުޅާއެވެ. ދަރިފުޅުގެ ބައްޕައާއި މަންމަގެ ކައިވެނި ކުރެވުނީ ދެ އާއިލާގެވެސް ނުރުހުމުގައެވެ. ދަރިފުޅުގެ ބައްޕަގެ ޢާއިލާއަކީ މުޅި މާލެއަށް ނަން މަޝްހޫރު މުއްސަނދި ބައެކެވެ. މުޅި ރާއްޖެއިންވެސް ހޮވާލެވޭނެ ވަރުގެ ބޮޑު ވިޔަފާރިއެއް ހިންގަމުން އަންނަ ޢާއިލާއެކެވެ. ނަމަވެސް މަންމަމެންގެ ޢާއިލާއަކީ އެހާ ތަނަވަސްކަން ލިބިފައި ހުރި ބައެއް ނޫނެވެ. ފެށުނީއްސުރެ ހޭދަކުން އައީ ނިކަމެތި ދިރިއުޅުމެކެވެ. އެގޮތުން އެއް ދުވަހަކު މަންމައާއި ބައްޕަ ދިމާވެ ދަރިފުޅުގެ ބައްޕަ އިސްވެ މަންމައާއި ވާހަކަ ދެއްކިއެވެ. ދަރިފުޅުގެ ބައްޕައަކީ މުއްސަނދި އާއިލާއަކަށް އުފަންވެފައި ހުރި މީހެކޭ ބުނަން ބައެއްފަހަރަށް ދަތިވެސް ވާނެއެވެ. ބައެއް މީހުން ފަދައިން މުއްސަނދި ވުމުން ތަފާތުކުރުމެއް ނުގެންގުޅެއެވެ.
އެންމެ ނިކަމެތި މިހާއާއި ވެސް ވާހަކަ ދައްކާނީ އެހާވެސް ހިތްހެޔޮކަމާއެކުއެވެ. ދަރިފުޅުގެ ބައްޕައަކީ ހިތްހެޔޮ މަޑުމައިތިރި އަދި ހިތްތިރި މިޒާޖެއްގެ ވެރިއެކެވެ. ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ދަރިފުޅުގެ ބައްޕަމަތިން މަންމަ ހަނދާންވާ ސަބަބަކީވެސް އެއީއެވެ.
ދެން މަންމައާއި ދިމާވެ ބައްޕަ ބޭނުންވީ މަންމައާއި ކައިވެނީގެ ގޮތުން ގުޅޭށެވެ. މި ޚަބަރު މަންމަގެ ޢާއިލާ އާއި ހަމައަށް ގެންދިޔުމުން ފާޅުގައި އެކަމަށް އިންކާރު ކުރިއެވެ. މަންމަގެ މައިންބަފައިން އެކަމަށް އިންކާރު ކުރީ ބައްޕައަކީ މާ މަތީ ފަންތީގެ މީހަކަށް ވުމުން މަންމައަށް ލަނޑު ދީފައި މަންމަ ދޫކޮށްލަފާނެތީއެވެ. އަދި އެހެން ކަންތައް ކޮށްފިނަމަ މަންމަމެން އިތުރަށް ނިކަމެތި ވާނެ ވާހަކަ ބުނެ މަންމައާއި އޮތް ގުޅުންވެސް ކަނޑާލީއެވެ.
އެ މާޔޫސްކަމުގައި ހުރެ ދެން ދިޔައީ ދަރިފުޅުގެ ބައްޕަ ފަރާތު ކާފަ ގާތުން ކައިވެންޏަށް ހުއްދަ ހޯދާށެވެ. ބައްޕަ ފަރާތު ކާފާވެސް ފާޅުގައި ކުރީ އިންކާރެވެ. ސަބަބަކަށް ވީ މަންމަ އަކީ ފަޤީރަކަށް ވުމެވެ. ދަރިފުޅުގެ ކާފަ މަންމައަށް ވަރަށް ބޮޑަށް ނަފްރަތު ކުރެއެވެ. އެ ދުވަހު ދަރިފުޅުގެ ބައްޕައާއި ދިމާލަށް ވެސް ކާފަ އެއްޗެހި ކީ މަންމަގެ ސަބަބުން ކަމަށް މަންމައަށް އަބަދުވެސް ޤަބޫލުކުރެވެއެވެ. ދަރިފުޅާއެވެ. މަންމަ ނެތް ދުވަހެއްގައި ވެސް ދަރިފުޅުގެ ކާފަމެން ގެއަށް ދައްޗެވެ. ދަރިފުޅުގެ ބޮޑުބޭބެ ދަރިފުޅަށް ހެޔޮއެދޭނެއެވެ. ދަރިފުޅު ދެކެ ލޯބި ވާނެއެވެ. އެއީ މަންމައަށް ޔަގީން ވާ ކަމެކެވެ. ދަރިފުޅުގެ ބޮޑުބޭބެ އަބަދުވެސް މަންމައާއި ބައްޕައަށް އެހީވިއެވެ. ނަމަވެސް އެއީ މަންމަމެން ކައިވެނި ކުރަންދެނެވެ. މަންމަމެންގެ ކައިވެންޏަށްފަހު ދަރިފުޅުގެ ކާފަ ބޮޑުބޭބެއަށް މަންމަމެންނާއި ވާހަކަ ދެއްކުން މަނާ ކުރީއެވެ. އެހިސާބުން ބައްޕައާއި ބޮޑުބޭބެއާއި ދެމެދު އޮތް ގުޅުންވެސް ހީނަރުވީއެވެ.
ބައްޕައާއި މަންމަގެ ކައިވެންޏަށްފަހު ދެން އުޅެމުން އައީ މީހެއްގެ އެހީއާއި އެކު އެގޭގައެވެ. އެމީހާގެ ހެޔޮކަމުން މަންމަމެންނަށް އެ ގެ ދިނީއެވެ. އެއަށް ފަހު އެއްވެސް ފަރާތެއްގެ އާއިލާގެ އެހީ ނުލިބުމުން މަންމަމެން އުޅެން ޖެހުނީ ވަރަށް ދަތި ޙާލުގައެވެ. ބައްޕަ އުޅުނު މުއްސަނދި ދިރިއުޅުގެ ބަދަލުގައި މަންމައާއި އެކު އުޅެން ޖެހުނީ ފަޤީރު ދިރިއުޅުމެކެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ނެތެވެ. މަންމަމެންގެ ފެންވަރުން މަންމަމެން އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ.
މަންމަމެންގެ އެކަނިވެރި ދިރިއުޅުމަށް ބަހާރުމުސުން ގެނުވި ސަބަބަކަށް ވީ ދަރިފުޅު މި ދުނިޔެއަށް އުފަން ވުމެވެ. އެޔަށްފަހު މަންމަމެންގެ ދިރިއުޅުން އުޖާލާވި ފަދައެވެ. މަންމައާއި ބައްޕަ ދެކެމުން އައީ ދަރިފުޅު ބޮޑުވެ ކާމިޔަބު މީހަކަށް ވާ ހުވަފެންތަކެވެ. ނަމަވެސް އެ ހުވަފެންތަކުގައި ކުލަޖެހެންދެން ދަރިފުޅުގެ ބައްޕައަށް މި ދުނިޔޭގައި ހުރުމުގެ ނަސީބެއް ނުލިބުނެވެ. ހާޓް އެޓޭކެއް ޖެހި ބައްޕަ މި ދުނިޔެއަށް އަލްވަދާޢު ކީއެވެ. އެޔަށްފަހު ދަރިފުޅު ބަލަމުން އައީ މަންމަ އެކަނިމާއެކަނިއެވެ. ﷲގެ އިރާދަފުޅުން ދަރިފުޅު ތަޢުލީމީ ދާއިރާއިން ތި ހޯދި ކާމިޠާބީ ދެކުމުގެ ނަސީބު މަންމައަށް މިއަދު ލިބިއްޖެއެވެ.
އެހެން ނަމަވެސް ކުރިޔަށް އޮތްތާ ދަރިފުޅުގެ އެހެނިހެން ކާމިޔާބީތަށް ދެކޭކަށް މި ދުނިޔޭގައި ހުރުމުގެ ނަސީބެއް މަންމައަށް ލިބޭނެ ކަމެއް ނޭނގެއެވެ. މި ދުނިޔޭގައި މަންމައަށް ދެން އޮތް ވަގުތުކޮޅުވެސް ވަރަށް މަދެވެ. މަންމައަކީ މިއަދު ބްލަޑް ކެންސަރު ޖެހި އެ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުރި މީހަކީމެވެ. މިކަން މަންމައަށް އެނގުމުން ދަރިފުޅަށް ސިއްރުކުރީ ދަރިފުޅު މިކަމާމެދު ވިސްނާ މާބޮޑަށް ފިކުރު ކުރަން ނޭދޭތީއެވެ. މަންމަގެ ސަބަބުން ދަރިފުޅުގެ ތަޢުލީމީ ޙަޔާތް ބަރުބާދުވުމަކީ މަންމަ އެދޭ ގޮތެއް ނޫނެވެ. މިކަމަށްޓަކައި މަންމައަށް މަޢާފް ކޮށްދެއްޗެވެ.
ދަރިފުޅާއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. މި ދުނިޔޭގެ ވަގުތީ އުފަލަށްވުރެ އަބަދުވެސް އާޚިރަތް އިސްކުރާށެވެ. ކޮންމެ ކަމެއް ކުރި ނަމަވެސް އެ ކަމެއް ކުރާއިރު ތިމާގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާ ފަރާތެއް ވާކަން ހަނދާނުގަ ބަހައްޓައްޗެވެ. ދުނިޔޭގައި މި ލިބޭ ވަގުތީ އަރާމާއި އުފަލަކީ އޭގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އެޔަށް ބުރަވެއްޖެނަމަ ދަރިފުޅުގެ އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މަންމަ އަދިވެސް އެއްފަހަރު ބުނަމެވެ. ދަރިފުޅާއެވެ. ދުނިޔޭގެ މަޖަލާއި އުފަލުގެ ބަދަލުގައި އަބަދުވެސް އާޚިރަތް ބާއްޖަވެރި ކުރުމަށް އިސްކަން ދޭށެވެ.
ދިރިއުޅުމުގައި ފައިސާ ކިތަންމެ ގިނައިން ލިބުނު ނަމަވެސް އެއީ ﷲ ތިބާއަށް ދެއްވި ނިޢުމަތެއްކަން ދުވަހަކުވެސް ހަނދާނުން ފުހެ ނުލާށެވެ. އެ ނިޢުމަތް ދަރިފުޅަށް ދެއްވި ކުޅަދުންވަންތަ ﷲ އީ ހަމަ ކޮންމެ ހިނދެއްގައިވެސް ދަރިފުޅުގެ އަތުން އެ ނިޢުމަތް އަނބުރާ ގެންދެވުމުގެ ބާރު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެހެން ކަމުން ތިމާއަށް ލިބުނު އެއްޗަކުން ހޭދަކުރަންވެސް އިސްކަން ދޭށެވެ. އަދި އެ ނިޢުމަތަށް ގިނަގިނައިން ޝުކުރުވެރިވާށެވެ.
ކޮންމެ ހިނދެއްގައި ކޮންމެ ތަނަކު ހުރި ނަމަވެސް ނަމާދު މަތިން ދަރިފުޅު ހަނދާން ނައްތާ ނުލައްޗެވެ. މިހާރެކޭ އެއްފަދައިން ކުރިއަށް އޮތްތާވެސް ދަރިފުޅަކީ ނަމާދަށް އިސްކަންދޭ ދީނަށް ލޯބިކުރާ ކުއްޖަކަށް ވާށެވެ. މަންމަމެން ދެރަވާނެ ފަދަ ޢަމަލަކަށް ދުވަހަކުވެސް އަރައިނުގަންނަން މަންމައަށް ވަޢުދުވެދޭށެވެ. މަންމަ ދަރިފުޅަށް އިތުބާރު ނުކުރަނީކީ ނޫނެވެ. ނަމަވެސް ޝައިޠާނާގެ މަސައްކަތަށް ކާމިޔާބީ ލިބޭކަށް މަންމަ ދުވަހަކުވެސް ނޭދެމެވެ. މަންމަ އެދެނީ ދަރިފުޅުގެ ދިރިއުޅުމަށް އަބަދުވެސް ފާގަތި މުސްތަޤްބަލެއް މިންވަރު ކޮށްދެއްވުމެވެ. މާތް ﷲ ދަރިފުޅަށް ފާގަތި މުސްތަޤްބަލެއް މިންވަރު ކޮށްދެއްވާ އަބަދުވެސް ދަރިފުޅަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އަދި ދަރިފުޅުގެ ފާފަ ފުއްސަވާށިއެވެ. ދަރިފުޅު ހިތްހަމަ ނުޖެހޭ ކަމެއް ދުވަހަކުވެސް މަންމައަށް ކުރެވިފައިވާނަމަ މަންމައަށް މަޢާފް ކޮށްދެއްޗެވެ. މަންމަ ދަރިފުޅު ދެކެ އަބަދުވެސް ލޯބިވެއެވެ. ވަރަށް ބޮޑަށް ލޯބިވަމެވެ.
-ލޯބިވާ މަންމަ-”
އާލިމާގެ އަތުން އޭނާގެ އެންމެ ފަހު ވަގުތުކޮޅުގައި ލިޔެފައި އޮތް ސިޓީ ކިޔައި ނިމުނު އިރު ދާނިޔަލްގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. ރޮއެ ރޮއެގޮސް އެ ދެލޮލުން ކަރުނަ ހިކިފައިވާފަދައެވެ. ރޮނގަކަށް ހިނިކފައިވާ ކަރުނަތައް އެ ދޮން ކޯތާފަތުގައި ހުރި އިރު އޭނާގެ ދޮން ނޭފަތް ހީވަނީ ރަތްވެގެން ގޮސް ޗެރީއެއް ހެންނެވެ. ފުރާ ފުރިހަމަވެފައި ހުރި ޒުވާނެއް ނަމަވެސް މަންމަގެ އެ ބަސްކޮޅުން އޭނާއަށް ނުހަނު އަސަރު ކޮށްފިއެވެ. އެ ބޮޑު ކޮޓަރިންވެސް އިވެމުން ދިޔައީ ދާނިޔަލް ނޭފަތް ދަމާލާ އަޑާއި އޭނާގެ ގިސްލުމުގެ އަޑުގެ އިތުރުން އާލާ ނޭފަތް ދަމާ އަޑެވެ.
އާލާއަށްވެސް އެ ސިޓީ ކިޔައި ނިމުނު އިރު ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. “އާލާ.. ކީއްވެ މަންމަ އަހަންނަށް މަންމަގެ ބަލި އެ ސިއްރު ކުރީ.. މަންމަ އަހަރެން ގާތު ބުނި ނަމަ ޑޮކްޓަރަށް ދައްކައިގެން ހަމަ ރަނގަޅު ކުރެވުނީހެއްނު..” އެވަގުތު ކޮށްފައި ހުރި އަސަރެއްގެ ބޮޑުކަމުން ދާނިޔަލްއަށް ޝަކުވާ ކޮށްލެވުނެވެ. އާލާވެސް ވަކި ބުނާނީ ކީކޭހެއްޔެވެ؟ އެ ހިތަށްވެސް ކޮށްފައިވާ އަސަރު ކުޑައެއް ނުނެވެ. އޭނާ ދާނިޔަލްގެ މޫނުގައި ދެއަތުން ހިފާލުމުން ދާނިޔަލް އާލާގެ ކޮނޑުގައި ބޯ އަޅާލިއެވެ. އާލާ ހަމަ އެހުރިގޮތަށް ދާނިޔަލް މޫނުގައި ފިރުމާލަމުން ދިޔައެވެ.
“ދާނިޔަލް.. ހިތްވަރު ކުރަން ވާނޭ.. މާތް ﷲ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވާނީ ހަމަ އެންމެ ރަނގަޅަކަށްނު.. އެހެން ނޫނަސް ދާނިޔަލް ވަރަށް ސްޓްރޯންގް ވާނެ.. އާލާއަށް އިނގޭ އެކަން.. އެހެން ވީމަ މިއަދުވެސް އެގޮތަށް ސްޓްރޯންގް ވެލާ އިނގޭ.. ޑޮކްޓަރސް ވަރަށް ހިތްވަރު ގަދަވާނެ..” އާލާ ދާނިޔަލްއާއި ވާހަކަ ދައްކަމުން ދިޔައީ ކުޑަކުއްޖަކަށްވެސް ވިސްނައިދޭނެ ފަދައަކުންނެވެ. ދާނިޔަލްގެ ހިތަށް މިވަގުތު ކުރާނެ އަސަރު އޭނާއަށް ނުވިސްނެނީކީ ނޫނެވެ. ނަމަވެސް އޭނާގެ ފިރިމީހާ އެހާލުގައި ރޯތަން ދެކޭކަށް އެހިތަކަށް ކެތެއް ނުވެއެވެ. އާލާގެ އަމިއްލަ ނަފްސަށް ކުއްވެރިޔެއް ފަދައިން އިޙުސާސްވަމުން ދިޔައެވެ. ކުރިން އޭނާއަށް ދާނިޔަލްގެ މައިންބަފައިންނާއިމެދު ބުނެވިފައި ހުރި އެއްޗެހިން އެހިތަށް ވަނީ ހިތާމައާއި ލަދުވެތިކަން ވެރިވެފައެވެ.
ދާނިޔަލް އާލާގެ އުނގުގައި ބޯ އަޅާލައިގެން އޮށޯތެވެ. އެއިރުވެސް އޭނާގެ ލޮލުން ތިއްކަކަށްފަހު ކަރުނަ ތިއްކެއް ވެއްޓެމުން ދިޔައެވެ. ނޭފަތްވެސް ދަމާލަ ދަމާލަ އޮތް ދާނިޔަލް އޮތީ ދެލޯ މަރާލައިގެންނެވެ. އާލާ އޭނާގެ މަޑުމަޑު އަތްތިލައިން ދާނިޔަލްގެ ބޮލުގައި ފިރުމަމުން ދިޔައީ ނުހަނު ލޯތްބާއި އަޅާލުމާއި އެކުއެވެ. އެހެން ކަމުން އިސާހިތަކު ދާނިޔަލްއަށް ނިދީގެ ފުންކަނޑަށް ގެނބިގެން ދިޔައެވެ. ދާނިޔަލްގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން އާލާ އޭނާގެ މޫނަށް ބަލައިލުމަށްފަހު ދާނިޔަލްގެ ނިތްކުރިއަށް ބޮސްދިނީ އޭނާއަށް ނިދިފައި އޮށްވައެވެ.
އާލާ އެހެން އިން އިރު އޭނާއަށް ވިސްނެމުން ދިޔައެވެ. ދެންމެ އެ ސިޓީގައި ދާނިޔަލްގެ މަންމަ ދައްކާފައި ހުރި ވާހަކަތަކަށްވެސް ވިސްނެމުން ދިޔަ އިރު ދާނިޔަލްއަށް ދިމާވި ޙާދިސާއަށްވެސް އޭނާ ވިސްނަމުން ދިޔައެވެ. މިކަން ކުރި މީހާކު އިނގުމަށް ކުޑަވެސް ހެތްކެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ.
***
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އާލާ ތައްޔާރު ވަމުން ދިޔައީ ރުކާއާއި އެކު ބޭރަށް ދިޔުމަށެވެ. “އެކަނިތަ ދަނީ؟” އާލާ ތައްޔާރުވާން ހުއްޓާ ދާނިޔަލް އައިސް ހުއްޓިލަމުން ސުވާލު ކޮށްލިއެވެ. އެހިނދު އާލާ ދެފަރާތަށް ބޯ ހުރުވާލީ ނޫނެކޭ ބުނެލުމުގެ ގޮތުންނެވެ. “ރުކާއާއި އެކީ.. އަޒާންވެސް އަންނާނެ ކަންނޭނގެ މިގެއަށް.. އެއިރަށް ދާނިޔަލް ފޫއްސެއް ނުވާނެއްނު..” ބޮލަށް ޕިނެއް ޖަހަން ހުރެ އާލާ ބުނެލިއެވެ. “އަހަންނާއި ދޭތެރޭ އެވަރަށް ވިސްނަންވެސް ވިސްނަންތަ މިހާރު އާލާ؟” ދެއަތް އުރާލަމުން ދާނިޔަލް އެއް މިޔަކަނުން ހީލައިފައި ބުނެލިއެވެ. މިއަދު އިނގުނު ޙަޤީގަތްތަކަށްފަހު ދާނިޔަލް މިހާރު ހުރީ ހަމައަކަށް އެޅިފައެވެ.
ދާނިޔަލްގެ އެ ޖުމުލައިން އާލަގެ ދެ ކޯތާފަތް ޖަންބެއްހެން ރަތްވުން ނޫން ކަމެއް ނުވިއެވެ. އެހެންކަމުން ނޭނގޭ ކަމަށް ހަދައިފައި އާލާ މައުލޫ ބަދަލުކުރަން އުޅުނެވެ. އެކަން ދާނިޔަލްއަށް ހަމަ ރަނގަޅަށްވެސް އެނގުމުން އޭނާ ދޫދޭކަށް ބޭނުމެއް ނުވިއެވެ. އާލާ ދާން އެނބުރުނު ވަގުތު ދާނިޔަލް އަވަސް ޙަރަކާތަކާއި އެކު އާލާގެ އަތުގައި ހިފައިފައި އޭނާއާއި ދިމާލަށް އަނބުރާލިއެވެ. އެހެން ކަމުން އާލާ އައިސް ޖެހުނީ ދާނިޔަލްގެ ތަނަވަސް މޭމަތީގައެވެ. އިސް އުފުލާލައި ބަލައިލި ވަގުތު އާލާގެ ދެލޯ ސީދާވީ ދާނިޔަލްގެ އަސަރުގަދަ ދެލޮލާއިއެވެ. ބަހެއް ބުނަން ނޭނގިފައި ދުލުގައި ތަޅެއް އެޅުވިފައި ވާ ފަދައަކުން އާލާ މަޑުން ހުރި އިރު އޭނާގެ ހިތް ހީވަނީ މޭ ފަޅައިފައި ނިކުމެދާނެހެންނެވެ. ދާނިޔަލްއާއި އެހާ ގާތުގައި ހުރެވުމުން އޭނާއަށް ކުރެވެމުން ދިޔައީ ތަފާތު އިޙުސާސެކެވެ.
“ރުކާ އާއި އެކީ ދިޔަޔަސް ބަލައިގެން އުޅޭތި.. ވަރަށް ނުލަފާ މީހުންވެސް އުޅޭނެ މިޒަމާނުގަ.. އަސްލު އަހަރެން ބޭނުން ވެގެނެއް ނޫން އިނގޭ މި ފޮނުވަނީކީވެސް.. އަހަންނާއި އެކީ އާލާ ދާންވެސް ބޭނުމީ.. އެކަމަކު ދެން މިފަހަރު އެހެން ވާން ނެތީމަ ކީއް ދޯ ކުރާނީ.. މާ ލަސްވަންދެން ނޫޅެ އަވަހަށް އަންނައްޗޭ.. މިހާރު މި މާލެއަކީވެސް އަންހެން ކުދިންނަށް ވަކި އަމާންތަނެއް ނޫން..” ދާނިޔަލް އޭނާގެ ފިރިހެންވަންތަ އަޑުން މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ. އެޔަށްފަހު އާލާއާއި ދިމާލަށް ގުދުވެލައިފައި އޭނާގެ ކޯތާފަތަށް ބޮސް ދިން ވަގުތު އާލާ ލަދުން އިސްޖަހާލިއެވެ.
އަވަހަށް ބޭރަށް ނިކުމެގެން ދިޔައީ އޭނާ ލަދުންގޮސް ވިރިދާނެތީއެވެ. އާލާ ނިކުމެގެން ދިޔަ ތަން ބަލަން ހުރި ދާނިޔަލް އަމިއްލަ ނަފްސަށް ހީލުމަށްފަހު އިސްތަށިގަނޑު ތެރެއަށް އަތް މަހާލައިފައި ބޭރަށް ނިކުތެވެ. އެއިރު އާލާ ހުރީ ރުކާމެން އައިސްގެން އޭނާ ގާތުއެވެ. އަޒާން ސޯފާގައި އިނެވެ. އާލާ ފަހަތަށް އެނބުރި ދާނިޔަލްއަށް ބަލައިލުމަށްފަހު ލަދުވެތި ހިނިތުންވުމެއް ރައްދުކޮށްލައިފައި ރުކާ އަތުގައި ހިފައިގެން އަވަސް އަވަހަށް ގެއިން ނިކުތެވެ.
“ބަލަ ހާދަ އަވަސް އަރުވާލައގެން ތިއުޅެނީ ކޮން ކަމެއްތަ؟ މިރޭ އަނެއްކާ ކިހިނެތް ވެގެން ތިއުޅެނީ؟ މާ މުހިއްމު ކަމެއް އޮތީތަ؟ އެ ދައްތަ ބުންޏެއްނު މިރޭ ކޮންމެ ވަގުތެއްގަ އަޔަސް ވެސް ހެދުން ލިބޭނެޔޭ.. ތިހާ ވަރުން ނޫޅުނަކަސް ވެދާނެހެން މަށަށް ހީވަނީ..” އާލާމެން ގެއިން އޭނާގެ އަތުގައި ހިފައިގެން ހުރެ ނިކުތް ގޮތުން ރުކާ ލިފްޓުގައި ހުރެގެންވެސް ކުދިކިޔަމުން ދިޔައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާ ވާހަކަ ދައްކަ ދައްކާ ހުއްޓާ އެކަމަށް އަޅާލުމެއްވެސް ނެތި އަވަސް އަވަހަށް އާލާ އޭނާ ގޮވައިގެން ނިކުތީއެވެ. “މި ކިޔާ އެއްޗެއް އަނެއްކާ އެބަ އަޑުއިވޭތަ؟” އާލާ ފާޑަކަށް ހިނިތުންވެފައި ހުރުމުން އޭނާގެ ކޮނޑުގައި ޖަހާލައިފައި ރުކާ ބުނެލިއެވެ. އެވަގުތު އަވަސް އަވަހަށް އާލާ ކީކޭ ހެއްޔޭ އަހާލިއެވެ. ޙަޤީގަތުގައި ދެންމެވެސް އޭނާއަށް ހުރެވުނީ ދާނިޔަލްގެ ޚިޔާލުތަކުގައެވެ.
“ޕިސް ޕިސް.. މިރޭ އާލާއަށް ވެފަ ހުރި ގޮތެއް އެބަ ބަލަން ޖެހެޔެއްނު.. މަށަށް ހީވަނީ ޑޮކްޓަރަށް ދައްކަން ކަންނޭނގެ ފުރަތަމަ ދާން ވި.. ނޫންތަ؟” ނިތުގައި ކުޑަކޮށް ޖަހާލަމުން ރުކާ ބުނެލިއެވެ. އެހެން ކަމުން އާލާ އަވަސް އަވަހަށް ކަމެއް ނުވެޔޭ ބުނެލިއެވެ. “މަށަށް ހީވަނީ ދާނިޔަލް މިގޮއްޔައަށް ފަންޑިތައެއް ހެދީހެން..” ނޫންކަމަށް ހަދާލައިފައި މަޑުމަޑުން ރުކާ ބުނެލި އިރު އޭނާގެ އަޑަށް ވެރިވެފައިވަނީ ލާނެތް ކަމެވެ. ތުންފަތުގައިވެސް ވަނީ ލާނެތް ހިނިތުންވުމެކެވެ. “ރުކާ ގަނޑު..” ރުކާ ބުނެލި ވާހަކަ އޭނާގެ ކަންފަތާއި ހަމައަށް ފޯރުމުން އާލާ ރުކާގެ އަތަށް ވަރުގަދަ ބޮނޑިއެއް ވީއްލާލިއެވެ.
ދެމީހުން އެކި ސަކަރާތުގައި ތިބެ ގޮސް ކާރަށް އެރައި ދުއްވާލިއެވެ. ފަނަރަ ވަރަކަށް މިނެޓު ދުއްވުމަށްފަހު އާލާ ކާރު ޕާކުކޮށްލިއެވެ. އެޔަށްފަހު ރުކާ އާއި ދެމީހުން ކާރުން ފައިބައި މަގު ހުރަސްކޮށްލައިފައި ގޮސް މިހާރުގެ ފެންވަރަށް ހަދައިފައި ހުރި ގެއަކަށް ވަނެވެ. އެގޭގެ ތަފާތު ކަމަކީ އެހެން އިމާރާތް ތަކާއި ޚިލާފަށް ބުރި ބުރިއަށް ނަގައިފައި ނެތް ކަމެވެ. ރާއްޖެތެރޭގައި ހުންނަ ގޮތަށް ތިރިކޮށް ހަދައިފައި ހުރި ހިތްގައިމު ގެއެކެވެ.
“އައްސަލާމް ޢަލައިކުމް..” ގޭގެ ދޮރުމައްޗަށް އެރުމަށްފަހު އާލާ ސަލާމް ގޮވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން ސަލާމް ބަލައިގަނެފައި އެތަނަށް އައީ އާލާގެ ހެދުން ފަހަން ހަވާލު ކުރި ދައްތައެވެ. އާލާ ގާތުގައި ހުރި ރުކާ މުޅި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ބޮޑެތި މުށިތަކެއް މުޅި ގޭތެރޭގައި ޖަހައިފައި ހުރި އިރު ސިޓިންގް ރޫމުގައި ބޮޑެތި ރީތި ސޯފާސެޓެއް ބަހައްޓައިފައި ހުއްޓެވެ. އެ ސޯފާތަކުގެ މެދުގައި ކަޅުކުލައިގެ ބިއްލޫރި ޖެހި ވަށް މޭޒެއް ބަހައްޓައިފައި ހުރި އިރު އޭގެ ކުރިމަތީގައި ހުރި ފާރުގައި ބޮޑު ފަތި ޓީވިއެއް ހަރުކޮށްފައި ހުއްތެވެ. ގޭތެރެއަށް ވަދެގެން ދާއިރު ކޮޓަރިތަށް ހުރީ އެތެރޭގައެވެ. ތަނަވަސް ގެއެކެވެ.
“އަނހަ.. އެކޮއެމެން ދޯ.. ހެދުން ނިމިފަ ހުރީ.. މިއަދު ހަވީރު ނިމިއްޖެ ހަތަރު ހެދުންވެސް.. ވަރަށް ފަސޭހަ ހެދުން ތަކެއް ވިއްޔަ.. އަވަހަށް ނިމޭނެއްނު.. މިހާތަނަށް ފެހި އެންމެ ފަސޭހަ ހެދުންތައް މީ.. ހަތަރު ފަރާތުން ފަތި ޖަހާލީމަ މީތި އޮންނަނީ ނިމިފަ.. ކަނޑަން ވެސް އެހާ ފަސޭހަ..” އާލާގެ ބަޓަފްލައި އަބާޔާ ތަކުން އަބާޔެއް ނަގައި ދައްކާލަމުން އެ ދައްތަ ވާހަކަ ދައްކަމުން ދިޔައީ ހިތްހެޔޮ ކަމާއި އެކުއެވެ. އާލާ ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އެ ދައްތަ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްލިއެވެ. އަދި އެ ދައްތައަށް އެ ހެދުން ފެހުމުގެ އުޖޫރަ ދިނެވެ. “ދެންވެސް ހެދުމެއް ފަހާލަން ވެއްޖިއްޔާ ދައްތަ ކައިރިއަށް އަންނާނަން އިނގޭ.. ނަންބަރު އިންނާނެއްނު ދޯ މިހާރު.. އަހަރެން މިއީ އާލާ.. ދެން މިހުރީ ރައްޓެއްސެއް.. ރުކާ..” އާލާ އެ ދައްތައަށް ތައާރަފްވެލުމަށްފަހު ރުކާވެސް ތައާރަފް ކޮށްދިނެވެ. ދެތިން ވާހަކައެއް ބުނެލައިފައި ދެމީހުން އެގެއިން ނިކުތީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ތިބެއެވެ.
“މަވެސް ދެން އަންނާނީ މި ދައްތަ ކައިރިއަށް.. ހާދަ އަވަހޭ ނިންމަދިންލެއް.. އަދި ވަރަށް ސަޅި ދޯ ފަހައިފަ ހުރިލެއްވެސް..” ކާރަށް އެރުމަށްފަހު ރުކާ އެ ދައްތައަށް ތަޢުރީފް ކުރަމުން ދިޔައެވެ. އާލާވެސް ބޯ ޖަހާލުމަށްފަހު ރުކާއާއި އެއްބަސްވެލިއެވެ. “ހިނގާބަލަ ބޭކަރީއަށް ގޮސް ކޮންމެވެސް އެއްޗެއް ގަނެލައިގެން ދާން.. އަޒާންވެސް އިންނާނެއްނު ގޭގަ..” އާލާ ކާރު ދުއްވަން އިނދެ ރުކާއަށް ޚިޔާލު ދިނެވެ. ރުކާވެސް އެކަމާއި އެއްބަސްވުމުން އާލާ ކާރުގެ މިސްރާބު ބޭކަރީއަކާއި ދިމާލަށް ޖެހިއެވެ.
***
“ކުޑޭ.. ގަޑިން ކިހާއިރެއްތަ؟” ރުކާ އާއި އާލާ ގެއަށް ވަތްތަން ފެނި އަޒާން ދާނިޔަލްއާއި ސުވާލު ކޮށްލިއެވެ. ދާނިޔަލް ގަޑި ބުނެލުމަށްފަހު ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން އިނީއެވެ. އާލާއާއި ރުކާ ފެނުމުން އޭނާއަށް ވީގޮތް ނަގައިގަނެވުނެވެ. “ކުޑޭއަށް އިނގޭތަ؟ މި އަންހެން ވެރިން ބާޒާރު ކުރުމަށް ހާދަ ހޭދައެއް ކުރެޔޭ.. އަނެއްކޮޅުން ފަސް މިނެޓަށް ބޭރަށް ނިކުތަސް ގެއަށް އަންނާނީ ދެއަތް ފުރާލައިގެން.. އަހަރެން ހިތަށް އަރާ މިމީހުންތިބެނީ އެކަމަށް އެޑިކްޓް ވެފަ ބާވައޭ.. ތާކުން އެއްޗެއް ފެންނަ އިރަށް ގަންނަންޖެހޭ އެއްޗެހީގެ ލިސްޓަށް އެ އެއްޗެއް އަރާނެ..” އަޒާންއަށް ރުކާމެން ނުފެންނަ ކަމަށް ހެދިގެން އިނދެ ކިޔަމުން ދިޔައެވެ. ދާނިޔަލް އެތެރެއިން ހީހީ އިން ނަމަވެސް އޭނާވެސް އެކަމުގައި ބައިވެރިވވެގެން އެކި އެއްޗެހި ކިޔަމުން ދިޔައެވެ.
“އަހަރެމެންވެސް އެއްޗެހި ގަންނަން ޖެހުނީމަ ގަންނާނެ ދޯ.. ޝުކުރު ކޮށްބަލަ ކާންވެސް އެއްޗެއް ގެނެސްދިނީތި.. ބޯ ހަލާކު މި ފިރިހެނުންނާހެދި..” އަތުގައި އޮތް ކޮތަޅު ދައްކާލަމުން ނުރުހިފައި އާލާ ބުނެލިއެވެ. ރުކާވެސް ދެބުމަ ގޮށްޖަހާލުމަށްފަހު އެތަނުން ކުށަންއެއް ނަގައި އަޒާންއާއި ދިމާލަށް އެއްލިއެވެ. އަދި ދެލޯ އަޅާލުމަށްފަހު އާލާގެ ފަހަތުން ދިޔަ އިރު އޭނާގެ ތުންކޮޅު ހުރީ އޫކޮށްލައިފައެވެ. “ރޫ.. ދޭބަލަ މީއްޗިހި މޭޒުމަތީގަ ބަހައްޓާލަން.. އެބަ އަންނަން މި ހެދުންތައް ކޮޓަރިއަށް ލައިފަ..” އާލާ ކޮޓަރިއާއި ދިމާލަށް ދަމުން އޭނާ އަތުގައި ހުރި ކާއެއްޗެހި ކޮތަޅު ރުކާއަތަށް ދީފައި ބުންޏެވެ.
ހަތަރު މީހުން އެކީ އެރޭގެ ކެއުމަށް އިންސާފު ކުރި އިރު އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. އާލާއާއި ރުކާއަށް ޖެއްސުން ކޮށްލުމުގެ ގޮތުން ދޭތެރެއަކުން ދާނިޔަލްމެން އެއްޗެކޭ ބުނެލައެވެ. “މަ އޮފީހަށްވެސް ދާންޖެހޭނެ ދޯ މާދަމާ.. މިއަދު އެއްކަލަ އިޝާންވެސް ގުޅައިގެން ހުއްޓޭ ފޯރިއެއް.. ރިޔާޝާ ބަލިވެ އުޅޭތީއޯ ތިމަންނާއަށް ނާދެވިގެން މިއުޅެނީ.. އެސޮރު ބައްޕައަކަށް ވަނީޔޯލަ..” ކައި ނިންމުމަށްފަހު ވާހަކަ ދައްކާލަން ތިބެ ދާނިޔަލް ބުނެލިއެވެ. އިޝާންއަކީ ދާނިޔަލްގެ ނުހަނު ގާތް އެކުވެރިއެއް ކަމުން އޭނާ މަތިން ދުވަހަކުވެސް ދާނިޔަލް ހަނދާން ނުނެތެއެވެ. އަޒާންވެސް މިހާރު އިޝާންއާއި ނުހަނު ރައްޓިއްސެވެ.
“ހޫމް.. ދޮންތަ ކައިރިއަށް ދިޔައިން އެހެންވެ އިއްޔެވެސް..” ރުކާ ހިނިތުންވެލައިފައި ބުނެލިއެވެ.
“ދެން ދަނީއޭ.. މާދަން ތިބުނީ ޑިއުޓީއަށްވެސް ދާން ޖެހެޔޭ.. އެކަމަކު އަހަންނަށް ފެންނަނީ އަދި ކުޑޭ ރެސްޓް ނަގަން.. މި ހަފްތާ ނިމުނީމަ ދިޔަސްވެސް ހަމަ ރަނގަޅު ވާނެއްނޫންތަ؟” ގޮނޑިން ތެދުވެލަމުން އަޒާން ލަފާދިނެވެ. ރުކާވެސް އެއިރު ހުރީ ތެދުވެ އަޒާންގާތުގައެވެ. “ނޫނޭ.. މިހާރު ހަމަ ބަރާބަރޭ.. ދެން އެހާ ގިނަ ދުވަހު ނުގޮސް ލަސްކޮށްފިއްޔާ މަސައްކަތްތައްވެސް ހުންނާނި ފުނިޖެހިފަ.. އަހަރެން ލަސްކުރި ވަރަކަށް ބަލި މީހުންގެ ހާލު ބޮޑިވިއްޔާޔޯ؟ އަނެއްކާ ހެޑަކަށް މަ ހުރެ އެހެން ހަދައިގެން ކަމަކު ނުދާނެއްނު.. މުޅި ހޮސްޕިޓަލުގަވެސް އަހަރެމެން ޑިޕާޓްމެންޓްގަ މިހާރުވެސް އެންމެ ޑޮކްޓަރުން މަދީ.. އެހެންވީމަ އަދި އަމުދުން މިހެން ނުހުރެވޭނެއްނު..” ދާނިޔަލް ހޮސްޕިޓަލަށް ނުގޮސް ހުންނާކަށް ބޭނުމެއް ނުވިއެވެ. ދާނިޔަލް ދެން އެ ޚިޔާލު ބަދަލު ނުކުރާނެކަން އިނގުމުން އަޒާންވެސް އިތުރަށް އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ރޭގަނޑުގެ ވަދާޢީ ސަލާމް ކުރުމަށްފަހު އެދެމީހުން އެގެއިން ނިކުމެގެން ދިޔައީއެވެ.
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ދާނިޔަލް ބެލްކަނީގައި އިން ސޯފާ ގޮނޑިއެއްގައި އިށީނދެލައިގެން އިނީ ހެނދުނުގެ ޛިކުރުތައް ކިޔާށެވެ. އުޑުމަތި ސާފު ދުވަހަކަށްވީތީ ވިލާރޮއްޖެއްހާ ހިސާބުވެސް ނެތެވެ. އިރުގެ ރަންދޯދިތައް އިމާރާތްތަކުގެ މަތިން ދައްކާލައިފައިވާއިރު ބަލައި ފޫހިނުވާނެހާ ރީއްޗެވެ. ދާނިޔަލްގެ ތުންފަތުގައި ވަނި ރީތި ހިނިތުންވުމެކެވެ. އެހެން އިނުމަށްފަހު ޛިކުރުތަށް ކިޔާ ނިމުމުން އޭނާ އިން ތަނުން ތެދުވެލީ ހޮސްޕިތަލަށް ދާން ތައްޔާރުވާން ދާށެވެ.
އާދައިގެ ހިނދުމެއްގައި ހިނގާލައިފައި ގޮސް ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ދާނިޔަލްއަށް ހުރި ފިޔަވަޅު މައްޗަށް ގަނޑުވެފައި ހުރެވުނީއެވެ. އޭނާއަށް ހުރެވުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އަދިވެސް ހައިރާންކަން ނުފިލާ ޙާލު ދާނިޔަލް އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ.
(ނުނިމޭ)
28 Comments!
Comments are closed.
vaahaka ah varah inthizaaru kohfin thanks
ehntha? you’re welcome dear.. 🙂 btw jazakillah khairan.. 🙂
Thank you very much Noor.
you’re welcome dear.. 🙂 jazakillah khairan shaha.. 🙂
assalaamu a’laikum my dear readers.. 🙂 miothee vaahakaige 38 vana bai up vefa.. al’hamdhulillaah.. 🙂 ummeedhu kuran mi part ves thikudhinnah kamudhaane kamah.. thikudhin dhaaniyal ah dhakkan beynun vi foshi ves mi part ga fennaane.. al’hamdhulillaah.. hehe.. 🙂 kuriyah huri baithakun dhn huri kanthah thah ves engigen dhaane kamah noor mi balanee, in sha allah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3
???Mi Bai ves hama varah reethi ???Masha Allah???
Varah reethi
mi part adhi kuree part same vefa dhw e inee??????????????
sorry olhifa e ee
No partves habeys haadha reechey thankolheh kurudho vvvsalhi more esfiyaige shaan ehaaves reethi
V salhi..
mashaa allah v v furihama ☺ momge siteyy kiayaafa ??? kaafa n aalge mom yae heyo thaufeeq devaashe..
Finally aala kalhu hedhumah badhalu kuree duo sis ?? masha Allah mi hai vee varaha reethi will wait for next part ingey
?????????????????????????????????????????????????????????????????????????????????????????????????????????????????????????
dhaniya ge manmage aailaa adhi fennane dhw
Awwn…..haadha loehbey mi prt vx….aish thee hama award eh dhey varuge writter eh….masha allah….kon irakun next prt???up kolladhehche as fast as u can……waiting 4 next prt curiously……LY 2,:]
maasha allah..v reethi…n thanks sis mihaaru long part eh genes dhineema… jazaakallah khairan…sis when is next…avaha up kohllaathi…can’t wait..ly sis alot
Maa Shaa Allah… V reethi mipartves… Thankolheh avahah up kohladheyhche ingey
Aalaa dhigu hedhumuga fenunyma dhw ehen dhaan ah evy
V v v v v reeeeeethiiiiii mibai vesss…..ly noor sis
Btw noor, konnn irakunnn thahhh dhaniyal ekkala box hulhuvaaneee??????
Kiyaafatha Aanyy thi comment kury alhe???
Box hulhuveeenun tha eh mii part ga.. noor dhn kohmmes gothakun aaalaa ah angadheeba edhuhu fahathun vxx fenunii dhaan kan.. aalaa ulhuneh nu edhuhu fahathun fenunu meeeha kamu gos gn
Aslu eyrun varah reethi vaane dhw e family ves libunyma….
Bodu moya aanyy
Ekah nukiya comment kureee…..??
Never mind??
Aley edemeehunge romantic thankolehves naadeytha
Noor when nxt part
NOOR this is so nice, mashaallah you’re very talented.