ހޯދޭތޯ މަންޒިލެއް… 20
އޮއްސެމުން ދިޔަ އިރުގެ ދަޅަތަކުން ކުލަޖެހެމުން ދިޔަ އުދަރެސްމައްޗަށް މާއީ ނަޒަރުހުއްޓާލައިގެން އިނީ ފުއްޓަރުފަރާތުގައި ހުރި ހޮޅުއައްޓެއްގަ އެވެ. އޭރު ނޫކަށިފުރައިގެ ޒުވާނުންތަކެއް ބޯވަ ނަގަން މޫދަށް އެރިއުޅޭ މަންޒަރު ފެނެއެވެ. ފަރުހިކިފައިވުމުން ދުރުދުރަށް ދާންދެން ފެތުރިފައި އޮތް މުރަކައިގެ ދޫލަތައް ވެސް ފާޅުކަން ބޮޑު ކަމާއެކު ފެންނަމުން ދިޔަ އެވެ. ޖެހިލާ ރޯޅިތަކުގައި ވެސް ފަރުހިކިވަސް އެކުލެވިގެން ވެއެވެ. ނަމަވެސް އެވަހުން މާއީއަށް އުދަގޫވާހެނެއް ހިޔެއް ނުވެއެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތު އެތަނަށް އައުމުގެ ނަތީޖާއެއްގެ ގޮތުން އޭނަ ވަނީ އެކަންތަކަށް މުޅިންހެން ހޭނިފައެވެ. ވަށައިގެންވާ މާހައުލަށް އުކަމުން ދިޔަ ނަޒަރުތައް ސައިކަލެއް މަޑުކޮށްލި އަޑަށް އެދިމާއަށް އަމާޒުވެގެން ދިޔަ އެވެ.
ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައި ހުރި ނަހީކް އެއައީ ދެންމެ އޮފީސް ނިންމާފައިކަން އެނގެއެވެ. އޭނަ ސައިލަކުގެ ހަރު ޖައްސާލަމުން ސީޓުގެ ކުރީ ކޮޅުގައި އިން ޔަލްވީގެ ”ސޭފްޓީ” ކަމަރު ނައްޓާލިއެވެ. އަދި ޔަލްވީ އުރާލަމުން ސައިކަލުން ފޭބިއެވެ.
”ގެއަށް ދިޔަ އިރު ނުކާންވެގެން ރޮމުން ގޮސް ހީވަނީ ގެ ވައްޓާލަފާނެހެން، އެންމެފަހުން ބޮޑާ ހާކައި ރުއިން ހުއްޓާނުލީމަ ސައިކަލުގަ މި ނުކުތީ… ހަމަ ނިކުތް އިރަށް އޯކޭ ވެއްޖެ… ވަރެއްގެ ކުއްޖެއް މީ…” މާއީ ފެންނަ އިރަށް ނަހީކް ހިނިތުންވެލިއެވެ. އޭނަ ގޮސް ހޮޅުއަށީގައި އިށީނީ އިތުރު މީހަކަށް އެދެމެދުގައި އިދެވޭނެ ޖާގަ ހުސްކޮށްފައެވެ. އެތާނގައި ހޭލަމޭލަވަމުން ދިޔަ މީހުންތަކުގެ ސަމާލުކަން ހޯދަން އޭނަ ބޭނުމެއް ނުވެއެވެ. ފެންނަ ކޮންމެ ކަމަކަށް ދޮގު ހަދައިގެން ވާހަކަ ފެތުރުން އެއީ ރަށުގައި އޮންނަ އާދައެކެވެ. އޭނަގެ ސަބަބުން މާއީގެ ބޮލުގައި ދޮގު އިލްޒާމެއް އެޅެން ނަހީކު ބޭނުމެއް ނުވެއެވެ. ހަމައެއާއެކު އެދެމެދުގައި ބިނާވަމުން އަންނަ އެކުވެރިކަމުގެ ގުޅުން ހީނަރުވާން ވެސް އޭނަ ބޭނުމެއް ނޫނެވެ. މާއީއާއެކު ހޭދާ ކުރެވޭ ވަގުތުތަކުގައި އޭނަގެ ހިތަށް މިހާރު ހަމަޖެހުން ލިބެއެވެ. ދިރިއުޅުމުގެ އުދާސްތަކާއި ދުރުވެވެއެވެ.
”މިހާރު ޔަލް މާ ނޯޓިވެގެންނޭ އުޅެނީ، ކުރީ ދުވަހަކު ވެސް ނުކާން ވެގެން ވަރެއް ދައްކާލާފަ އުޅުނު، އެކަމަކު ފަހުން ބޭރަށް ނުކުތީމަ ބަސްއަހައިގެން ކާންވެސް ކެއި……” ޔަލްވީގެ ކޮލުގައި ހިފާލަމުން މާއީ ބުނެލިއެވެ.
ޔަލްވީ އިނީ ނިކަން އުފާވެފައެވެ. ބޭރުތެރެއަށް އާދެވުމުންނެވެ. އަބަދު ގޭގައި ހައްޔަރުވެފައި ހުންނަން ޖެހޭތީ ރޮއެ ބޮޑާ ހާކަނީ ވެސް ގެެއިން ބޭރަށް ދާށެވެ. އެކަން ހާސިލު ނުވެއްޖެއްޔާ ގޭގައި އުޅޭ މީހުންނަށް ދުނިޔެ ދައްކާލައެވެ.
ޔަލްވީ ބޭނުންވީ މާއީ ގާތަށް ދާށެވެ. ލުއި ހިނިތުންވުމަކާއެކު މާއީ ޔަލްވީ އުރާލިއެވެ. އެމަންޒަރު ބަލަން އިން ނަހީކްގެ ތުންފަތަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ. މާއީ ގާތު ޔަލްވީ އިނީ ނިކަން ބަސްއަހައިގެންނެވެ. އެދެމެދުގައި ވަނީ ތަފާތު ގުޅުމެކެވެ.
”ބަލާބަ މިހާރު އިން ގޮތް… މީގެ އިރުކޮޅެއް ކުރިން ހީވަނީ އެހެންފަދަކަމެއްހެން…” ނަހީކް ބުނެލިއެވެ. ނަހީކްއާއި މާއީ އިރުކޮޅެއް ވަންދެން އެތާގައި ވާހަކަދައްކަން ތިއްބެވެ. އެވަގުތު ގޮނޑުދޮށުން އަރައިގެން އައި މުސްކުޅި ފުރައިގެ އަންހެނުން ތަކަކަށް މާއީއާއި ނަހީކް ފެނި ބަލާލީ ހިތްހަމަނުޖެހުމާއެކުގައެވެ. އެކަންތައް ފާހަގަ ކުރެވުނު މާއީ އިނީ އުނދަގޫވެފައެވެ. އެމީހުންގެ ބެލުންތަކުގެ ފަހަތުގައިވާ ސަބަބަކީ ކޮބައިކަން އޭނައަށް ވިސްނައިގަނެވުނީތީ އެވެ. ބަނޑުބޮޑު އަންހެނަކު ހިލޭ ފިރިހެނަކާ ވާހަކަ ދައްކަން އިނީތީ އެވެ. އެދެމެދުގައި އޮތް ގުޅުމާމެދު ސުވާލު އުފެއްދީތީ އެވެ. ހުތުރު އިލްޒާމުތަކެއް ވެސް އެޅުވީތީ އެވެ. އެއާއެކު މާއީގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔަ އެވެ.
”ނަހީކް ދާންވީއެއްނު ޔަލް ގޮވައިގެން ގެއަށް، އިރުކޮޅަކުން އިރު ވެސް އޮއްސޭނެ، ދެނަމާދުދޭތެރެ ގަޑީގައި ކުޑަކުދިން ގޮވައިގެން ބޭރުގައި އުޅޭކަށް ނުވާނެ، އަހަރެން ވެސް މިދަނީ ގެއަށް ދާން…” މާއީ ބޭނުންވީ އެތަނުން ދާށެވެ. އޭނައާއި ނަހީކްއާއި އަޅުވާކިޔައިގެން ދޮގު ވާހަކަތަކެއް ފެތުރެން އޭނަ ބޭނުމެއް ނޫނެވެ. މިހާރަކަށް އައިސް ނާހީކްއާއި ބޭރުތެރޭން ބައްދަލުކުރަން ވެސް އޭނަ ޖެހިލުންވަނީ އެހެންވެއެވެ. އެދެމެދުގައިވާ އެކުވެރިކަމަށް ބަޔަކު މީހުން ހުތުރު ނަމެއް ދީފާނެތީއެވެ.
”މީހުންގެ ދުލުކުރީގައި ހިފާ އެއްވެސް މީހަކަށް ނުހުއްޓުވޭނެ، އެމީހުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ހަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްވޭ… މީހުން ކިޔާ އެއްޗަކަށް ވިސްނައިގެން ދުވަހަކު ވެސް ކުރިއަކަށް ނުދެވޭނެ… އެހެން ކަންތައް ވެއްޖެއްޔާމު އަބަދު ވެސް ހުންނާނީ ބިރުވެރިކަމެއްގެ ތެރޭގަ… މީހުން ބުނާ ގޮތަކަށް އެމީހުންގެ ރުހުން ހޯދަން ކަންތައް ކުރެވޭނީ… އޭރުން އެމީހަކަށް އެދެވޭ ހިތްހަމަޖެހުމެއް ދުވަހަކު ވެސް ނުލިބޭނެ، އަބަދު އުޅެން ޖެހޭނީ ނުތަނަވަސްކަމެއްގެ ތެރޭގަ، ބިރުވެރިކަމެއްގަ ތެރޭގަ… އެއީ ދިރިއުޅުމެއް ނޫން… މާއީ ވެސް މީހުން ބުނާހާ އެއްޗަކަށް އަމަލުކުރުން ދޫކޮށްލާ… އޭރުން އެމީހުންގެ މަޤުސަދު ހާސިލެއް ވެސް ނުކުރެވޭނެ…” ނަހީކްއަށް މާއީގެ ހާސްކަން ފާހަގަކުރެވުމާއެކު ބުނެލިއެވެ.
”މިރަށު މީހުންނަކީ ތެދަށްވުރެން ބޮޑަށް ދޮގުތަކަށް އިތުބާރުކުރާ ބަޔެއް…” މާއީ ހޮޅުއަށިން ތެދުވެލިއެވެ. އަދި ނަހީކް އަތަށް ޔަލްވީ ދިނެވެ.
”އެއީ އެމީހުންގެ މައްސަލައެއް… އަހަންނާއި މާއީއާ ދެމެދު ވަނީ އެކުވެރިކަން… މާއީ ބަލިވެ އިނޭ ކިޔާފައި ފިރިހެނަކާ އަނގައިންބުންޏަސް އެއީ ހުތުރުކަމަކީތަ؟… އެހެން ހީވާ މީހުންގެ ވިސްނުން ގޯހީ… ލޮލަށް ފެންނަހާ މަންޒަރުތަކަށް އެމީހުން ވެސް އިތުބާރުކޮށްގެން ނުވާނެ…” ނަހީކްގެ ވާހަތަކުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް މާއީގެ ހިތަށް ލިބުނެވެ. ނަމަވެސް އޭނަ ބޭނުންވީ އެތަނުން ދާށެވެ. މީހުންގެ ލޯތަކަށް ނުފެންނަ ހިސާބަކަށް ދާށެވެ. ނަހީކްއާއި އޭނަގެ އެކުވެރިކަމަށް އެއްވެސް މީހަކު ހުތުރު ނަމެއް އެރުވުމުގެ ފުރުސަތު ދޭން އޭނަގެ ޒަމީރު ދެކޮޅުހެދިއެވެ.
”މީހުންގެ ވިސްނުން ދުވަހަކު ބަދަލެއް ނުކުރެވޭނެ… ބައެއް މީހުންގެ ކަށީގައި ހިފާފަ ހުންނަކަމެއް ފިތުނަ އުފެއްދުމަކީ… އެކަމަކު އެމީހުންނާ ކުރިމަތިލެވޭނީ ވެސް ހިތްވަރުކޮށްގެން، އެމީހުން ބުނަހާ އެއްޗަކުން މާޔޫސް ވާނަމަ އިތުރު ހަމަލާތަކެއް ދޭން ދެވޭ ފުރުސަތެއް އެއީ، ނަމަވެސް އެމީހުންނާ ކުރިމަތިލައިފިނަމަ އިތުރު ކަމެއް ކުރާކަށް ނުކެރޭނެ، ޖެހިލުންވުން އަބަދު ވެސް ހިތުގައި އޮންނާނެ…” ނަހީކް މާނަ ފުން ޖުމްލައެއް ބުނެލިއެވެ. މާއީއަށް މީހުންނާ ކުރިމަތިލާން އުދަގޫވާނެކަން އޭނައަށް އެނގުނެވެ. އެކަމަކަށް ވަގުތު ބޭނުންވާނެކަން ވެސް މެއެވެ. އޭނަ ހުރީ މާއީއަށް ވެވުނު ގޮތަކުން މަދަދު ފޯރުކޮށްދޭން ތައްޔާރަށެވެ. މީހުންގެ ވިހަ ދޫތަކުން މާއީ ސަލާމަތްކޮށްދޭން އައްޑަނައަކަށް ވާން ވެސް ތައްޔާރަށެވެ. ދެން އިތުރު ތަކުލީފެއްގައި މާއީ ވާތަން ދެކެން އޭނަގެ ހިތަށް ކެތެއް ނުކުރެވޭނެއެވެ. ފާއިތުވި ދުވަސްތަކުގައި އޭނަގެ ހިތުގައި މާއީއަށްޓަކައި ޒަމާނުއްސުރެން އޮތް ލޯބި ވަނީ ގަދަ ނިދިން ހޭލާފައެވެ. އެލޯބީގެ ހައްގުގައި މާއީގެ އުފަލަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް އޭނަ ވާނެއެވެ.
”ދެން މިވަގުތަށް ގޮސްލަނީ… އަދި ފަހުން ބައްދަލުވާނެއެއްނު…” ނަހީކް ސައިކަލަށް އަރައި ސްޓާޓްކޮށްލަމުން ޔަލްވީގެ އަތުގައި ހިފައި މާއީއަށް ”ބާއީ” ބުނެލަމުން ހިނިތުންވެލިއެވެ. އެއަށްފަހު އޭނަ ސައިކަލު ދުއްވާލިއެވެ.
ނަހީކް ލޮލުގެ ކޮޅަށް ގޮސް ގެއްލެންދެން ބަލަން މާއީއަށް ހުރެވުނެވެ. ނަހީކްގެ ހިނިތުންވުމުން އޭނަގެ ހިތަށް ފިނިކަން ގެނެސްދިނެއެވެ. އެހެނަސް އެއިހުސާސްތައް ބަލައިގަންނަންވީ ކިހިނެއްކަމެއް މާއީއަކަށް ނޭގުނެވެ. އޭނަގެ ހިތުގައި ކުށްވެރިކަމުގެ އިހުސާސްތަކެއް ވެސް ވެއެވެ. އެއީ ޒިވާންއަށް ވެވޭ ބޭވަފާތެރިކަމެއްކަމަށް ހީކުރެވޭތީއެވެ. އެހުރިހާ ކަމަކާ ވިސްނާ މައީގެ ބޮލުގައި މިހާރަކަށް އައިސް ރިހުމެއް އެކުލެވެން ފަށައިފިއެވެ.
*****
އާދިއްތަ ދުވަހެވެ. ނަހީކް އޮފީހަށް ވަދެގެން ދިޔަ އިރު އޭނަގެ ފަސްފަހަތު އަޅުވާލައިގެން ސޯފީ އާދެ އެވެ. އެހެނިހެން ދުވަސްތަކާ ޚިލާފަށް ސޯފީ މިއަދު ލައިގެން ހުރީ ވެސް ހަށިގަނޑުގެ ވަނާތައް ފާޅުކަން ބޮޑު ގޮތެއްހައި އިޝްތިހާރު ކުރެވޭނެ ހެދުމެކެވެ. ތޫގާގެ ނަސޭހަތުގެ ދަށުން ސޯފީ އުޅެނީ ނަހީކް ”ސެޑިއުސް” ކުރާށެވެ. އޭނަގެ އަމަލުތައް ވެސް މިފަހަކަށް އައިސް ހުންނަނީ އެހެންނެވެ.
”ނިކް… އަހަންނަށް ވޯކް ކަމެއްގަ ހެލްޕް ވެވިދާނެތަ؟…” ނާހީކްއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަމުން ސޯފީ ބުނެލިއެވެ. ނަހީކްގެ ރީތިކަމާ ހުރެ ސޯފީ ހުންނަނީ މޮޔަވާ ހިސާބުގައެވެ. އޮފީހުގެ އެހެނިހެން މުވައްޒިފުންތައް މިހާރު ސޯފީއާ މުހާތަބު ކުރަނީ ވެސް ”ޖޫލިއެޓް”ގެ ނަމުންނެވެ. އެއިން އެއްވެސްކަމަކަށް ސޯފީ ފަރުވާލެއް ނުބަހައްޓަ އެވެ. އޭނަ ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. ނަހީކް އެވެ. އެންމެ ރެއަކަށް ވިޔަސް ނަހީކްގެ ތަންމަތީގެ ފަޅުކަން ފިލުވާލުމުގެ ނަސީބު ލިބިއްޖެއްޔާ އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭނެއެވެ. ނަހީކް ފެނި އަަބަދުމެ ސޯފީގެ ޚިޔާލަށް ފެތުރިގެންދަނީ ފާހިޝް ކަންތަކެވެ.
”އަޅެ ނިކް ވާހަކަދައްކަބަލަ، އަހަރެން ވަރަށް ޑެސްޕެރޭޓްވެގެން މިއުޅެނީ…” ނަހީކް އަނގައިން ނުބުނުމުން ސޯފީ ހިތުގައި ޖެހުނެވެ. ނަހީކް ނޫނީ އޭނައާއި އަނގައިން ބުނަން ދެކޮޅު ހަދާ ފިރިހެނެއް ނެތެވެ. އޭނަގެ ފައިދޮށަށް ވެއްޓި ފިދާވާން ތައްޔާރަށް ފިރިހެނުންގެ ބޮޑެތި ކިއު ލައިންތައް ވެސް އެބައޮތެވެ. ނަމަވެސް އެހުރިހާ އެންމެންގެ ތެރޭން ފުރޭނިގެން އައިސް އޭނައަށް އަބަދުމެ ފެންނަނީ ނަހީކް އެވެ. މުޅި އުމުރުގައި ވެސް އޭނަގެ ހިތް އަތުލައިގަތުމުގެ ކުޅަދާނަކަން ލިބުނު ހަމައެކަނި ފަރާތަކީ ވެސް ނަހީކް އެވެ.
”އެހީ ހޯދަން ބޭނުންވަންޏާ ސޯފީގެ ޑިޕާޓްމެންޓް މީހެއް ކައިރިން އަހާބަލަ… އަހަރެން މީ ސޯފީގެ ޑިޕާރޓެމެންޓް މީހެއް ނޫން…” ނަހީކް ދިގު ފިޔަވަޅުތައް އަޅަމުން ގޮސް ލިފްޓް ކައިރިއަށް ހުއްޓެމުން ލިފްޓްގެ ބަޓަނަށް ފިތާލި އެވެ.
ނަހީކްއާއި އެއްހަމައެއްގައި ފައިތިލަ ސާބިތު ނުކުރެވިގެން ދުވެފައި އައި ސޯފީއަށް ނަހީކް ވަން ލިފްޓަށް ނޭރެނީސް އޭގެ ދޮރުލެއްޕުމުން އޭނަ ގޮސް ތައްވީ ލިފްޓުގެ ދޮރަށެވެ. އެވަގުތު އެތައް ބަޔެއްގެ ހުނުމުގެ އަޑު އިވިގެން ދިޔަ އެވެ.
ނިއްކުރީގައި ފިރުމަމުން އެންމެނާ ދިމާއަށް ސޯފީ ލޯއަޅާލިއެވެ.
”އާރގްގްގް… މިހާރު ކިތައް މަސް ވެއްޖެ ނަހީކް ފަހަތުން އުޅެވޭތާ… އެކަމަކު އޭނަގެ އެރޮގެންޓްކަމާ ހުރެ އެއްވެސް ކަމެއް ހާސިލެއް ނުވޭ، ބަޓް އޭނަ ރުޅިއައިސްފަ ހުންނަ އިރު ހާދަ ފައްކަލޭ، ހިތަށް އަރާ ގަމީސް އިރާލާފަ ކިސްކޮށްފާނަމޭ… މައި ހޭންޑަސަމް ޑެވިލް…” ތުންފަތުގައި ދަތް އަޅާލަމުން ސޯފީ ދެއަތް ޖޯޑުކޮށްލި އެވެ. އޭނަ ހުރީ ބަލި ޤަބޫލުކުރާ ގޮތަކަށް ނޫނެވެ.
”އެ މާއީއަށް ވުރެ އަހަރެން ކިތަންމެހާ ވެސް ސެކްސީ… އެކަމަކު އެމުސްކުޅިގަނޑު ނަހީކްއަށް ފެންނަނީ، މޭއީ ބީ ހީ ހޭޒް އެ ތިންގް ފޯރ ޕްރެގްނެންޓް ވިމެން، ބައެއް މީހުންގެ އެކަހަލަ ފެޓިޝްތައް ހުރޭ ވިއްޔާ… އެކަމަކު އަހަރެން ދެން ބަޑުބޮޑުމީހަކަށް ވާނީ ކިހިނެއް؟… އާރގްގްގް!… ހަމަ އެންމެ ފަހަރަކު ނަހީކް ވާވައްދާލެވޭނެ ނަމަ…” ސޯފީ ތުންދަމާލި އެވެ.
*****
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މާއީގެ ހިތަށްވާ އުނދަގޫތަކުން އޭނައަށް ދިޔައީ ގޯނާކުރަމުންނެވެ. ނަހީކްގެ ގާތްކަމުން އޭނައަށް މިހާރު އުދަގޫވެ އެވެ. ބޭރުތެރޭގައި ނަހީކްއާއި އެކަނި ބައްދަލުކުރަން އޭނަގެ ހިތް ދެކޮޅު ހަދައެވެ. އިއްތިފާގަކުން ބައްދަލު ވިޔަސް އޭނަ ބޭނުންވަނީ އަވަހަށް އެތަނުން ދުރަށް ދާށެވެ. އެދެމެދުގައި އޮތް އެކުވެރިކަން ރަށު މީހުން ނަގާފާނެ ގޮތެއް ނޭގޭތީ އެވެ. ރަށުތެރެއަށް ނިކުމެލަމުން ވެސް މީހުން އޭނައަށް ބަލާބެލުމުގައި ތަފާތުކަމެއް އެކުލެވިގެންވާހެން އޭނައަށް ހީވާތާ ދުވަސްކޮޅެކެވެ. މާބަނޑު އަންހެނަކު ގޮތެއް ފޮތެއް ނެތިގެން އުޅެނީއޭ އެބެލުންތަކުން ބުނާކަހަލަ އެވެ. އެއުނދަގޫތަކާ ހުރެ މާއީ ހުންނަނީ ބޮލުގައި ރިއްސާފަ އެވެ. ބޭރަށް ނިކުންނަ ހިތް ވެސް ނުވާން ފެށި އެވެ.
ކުއްލިޔަކަށް މާއީއަށް އަންނަން ފެށި ބަދަލުތައް ނަހީކްއަށް ފާހަގަ ކުރެވެންފެށުނެވެ. އޭގެ ފަހަތުގައިވާ ސަބަބުތައް ވެސް މެއެވެ. އޭނަ މާއީއާއި އެވާހަކަތައް ހިއްސާކުރަން މަޑުކޮށްލައިގެން ހުރީ މާއީ އެގެއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ގިނަ ދުވަހެއް ނުވެ އެދުވަސް ވެސް އައެވެ. އެއީ ޔަލްވީގެ އުފަންދުވަހެވެ. ޢާއިލާއާއި ރައްޓެހިންނަށް އޮތް ކުޑަ ސަޔަށް ފަހު މާއީއާއި އެކަނި ވާހަކަދައްކާލާނެ ފުރުސަތެއް ނަހީކްއަށް ލިބުނީ ރޭގަނޑު ވަގުތުގަ އެވެ. އޭރު އާބިދާގެ އެދުމުގެ މަތިން މާއީ ހުރީ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން މަޑުކޮށްލައިގެންނެވެ. އުޒުރުވެރިވާން އުޅުނަސް އާބިދާގެ އާދޭސްތަކުން މާއީއަށް އެންމެފަހުން ޖެހުނީ ކެއުމުގައި ބައިވެރިވާން އެއްބަސްވާށެވެ.
އިޝާނަމާދުން ފައިބައިގެން އައި ނަހީކްއަށް ޖޯލީގައި ފޯނާ ކުޅެން އިން މާއީ ފެނުމާއެކު މިސްރާބު ޖެހީ ޖޯއްޔާއި ދިމާއަށެވެ. ނަހީކް ޖޯލީގައި އިށީނުމުން ހާސްކަން ލިބިގެން ދިޔަ މާއީއަށް ވަށައިގެން ހޯދާލެވުނެވެ.
”ރިލޭކްސް ނޯ ވަން އިޒް ހިއާރ…” ނަހީކް ބުނެލިއެވެ. ”އަހަންނަށް އެނގޭ މާއީ މިދުވަސްކޮޅު ވަަރަށް ބޮޑަށް ސްޓްރެސްވެފަކަން ތިހުންނަނީ… މާބަނޑު ދުވަސްވަރު ސްޓްރެސް ވުމަކީ ރަގަޅުކަމެއް ނޫން… އަހަރެންގެ ސަބަބުން މާއީއަށް އުނދަގޫވާނަމަ މާއީ ބޭނުންވާހެން ސްޕޭސް ދޭނަން… އަހަރެން ބޭނުމެއް ނޫން އަހަންނާ ހެދި މާއީއަށް އުނދަގުލެއްވާކަށް، ވިހައިގެން ގަދަވަންދެން އަހަރެން މާއީއަށް އިންތިޒާރު ކުރާނަން……”
ނަހީކްގެ ވާހަކަތަކުން މާއީއަށް ބަލާލެވުނީ ނަހީކްގެ މޫނަށެވެ. އޭގެ މާނަ ނަގަންވީ ކިހިނެއްކަމެއް ވެސް އޭނައަކަށް ނޭގުނެވެ. އޭރު ހިތުގެ ތެޅުން ވެސް އަވަސްވެފައި ވިއެވެ. ނަހީކް އެހިތުގެ ހާލު އޭނަ ގާތު ހާމަ ކުރީ ހެއްޔެވެ؟ އޭގެ މާނަ އޭނަ ނަގަންވީ ކިހިނެއް ހެއްޔެވެ؟ އެވަގުތު އެދެލޮލުން އޭނައަށް ފެނުނު ޝުއޫރުތަކުން މާއީގެ ހައިރާންކަން އިތުރު ވިއެވެ.
”މާއީ… އަހަންނަށް އިނގޭ ވަރަށް ގިނަ ދުވަސް ވަންދެން ވޭން ތަހައްމަލުކޮށްފިކަން… މިހާރު ވެސް ތިދަނީ އެވޭން ތަހައްމަލުކުރަމުންކަން… ވެދާނެ މާޒީގައި ކަންތައް ވެދިޔަ ގޮތުގެ ސަބަބުން އުފަލުގައި ހުރުމުގެ ހައްޤު މާއީއަށް ލިބިގެން ނުވާކަމަށް ހީކުރެވެނީ ކަމަށް ވެސް… ތޫގާގެ ސަބަބުން މާއީއަށް އެފަދައިން ވިސްނެނީ ކަމަށް ވެސް… ނަމަވެސް އެއީ ގޯހެއް… ކޮންމެ މީހަކަށް ވެސް އުފަލުގައި ހުރުމުގެ ހައްޤު ލިބިގެންވޭ… ފަހަރެއްގައި ވެސް ހީނުކުރާތި ވެދިޔަ އެއްވެސް ކަމެއް ކުރިމަތިވީ މާއީގެ ބަދުނަސީބުކަމުންނޭ ނުވަތަ ސުންޕާކަމުންނޭ… އެއީ މުޅިން ގޯހެއް، ދުވަހަކު ވެސް އެފަދައިން ހީނުކުރާތީ… ދިރުއުޅުމުގައި ދިމާވާނެ ކަންތައް އެއްވެސް މީހަކަށް ނޭގޭނެ… ހިތްވަރާއެކު ކުރިއަށް ދިއުން އޮތީ… އުފަލަކީ ކޮންމެ މީހަކަށް ވެސް ހައްޤު އެއްޗެއް…” ނަހީކްގެ ވާހަކަތަކުން މާއީ އެންމެ ބޮޑަށް ހަނދާންވީ ޒިވާން މަތިންނެވެ. އެއީ އަަބަދު ވެސް ޒިވާން އޭނަ ގާތު ދެއްކި ވާހަކަތަކެވެ.
މާއީގެ ލޮލުން ކަރުނަ ހިލިގެން ދިޔަ ތަން ފެނި ނަހީކް ކަންބޮޑުވި އެވެ. އޭނައަށް ހީކުރެވުނީ އޭނަ ދެއްކި ވާހަކަތަކުން މާއީގެ ހިތުގައި ޖެއްސުނީ ކަމަށެވެ.
”މާއީ… ފަހަރެއްގައި ވެސް މާއީ ހިތުގައި ޖައްސާކަށެއް ނޫން މިވާހަކަތައް ދެއްކީ…” ނަހީކް ކަންބޮޑުވި އެވެ.
”ނަހީކް ތިދެއްކީ ދޮގު ވާހަކަތަކެއް ނޫން… އަހަރެން ވެސް ބޭނުން އަހަރެންގެ ދަރިފުޅަށްޓަކަިއ ހުރިހާކަމަކާ ކުރިމަތިލާން… އެކަމަކު އަހަަރެންގެ ހިތްވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި…” މައީ ކަރުނަތައް ފޮހެލިއެވެ.
”ވަގުތާއެކު ހުރިހާކަމެއް ވެސް ހަމައަކަށް އެޅިގެންދާނެ… ހުރިހާކަމެއް ވެސް މާތްﷲގެ އިރާފުޅާއެކު ރަގަޅުވެގެންދާނެ… އަހަރެން އަބަދު ވެސް ވެވެނު ކޮންމެ ގޮތަކުން މާއީއަށް އެހީތެރިވެދޭނަން، އަދި މާއީ ހުރިހާކަމަކާ ހިތްވަރާއެކު ކުރިމަތިލުމަށް ގަސްދުކުރާ ދުވަހަކަށް އިންތިޒާރު ކުރާނަން، އެދުވަހަކުން މާއީގެ ގާތުގައި ވެސް ހުންނާނަން…” ނަހީކް ހިތްވަރު ދިނެވެ. އޭނަ އެވަގުތު އަޒުމު ކަނޑައެޅީ މާއީއަށް ވަގުތު ދޭށެވެ. ދުވަސްކޮޅަކަށް މާއީއާއި ދުރަށް ދާށެވެ. އޭރުން މާއީ ހަމައަކަށް ވެސް އެޅިދާނެ އެވެ.
*****
މާއީ އެދުނު ފަދައިން މާއީއަށް ނަހީކް ވަގުތު ދިނެވެ. ނަމަވެސް އޭގެ ސަބަބުން އަނެއްކާ ވެސް އެކަނިވެރިކަން މާއީއަށް އުނދަގޫކުރަން ފެށިއެވެ. އެދެމެދުގައިވި އެކުވެރިކަމުގެ ގުޅުން ހީނަރުވާން ފެށިކަން އޭނައަށް އިހުސާސްކުރެވެން ފެށުނެވެ. އެއާއެކު މާއީގެ ހިތަށް ތަދުވާން ފެށިއެވެ. އެދަނޑިވަޅަކީ އޭނަގެ ހިތުގައި ނަހީކްއަށް ވީ ލޯބި މާއީއަށް އިހުސާސްކުރެވުނު ވަގުތު ވެސް މެއެވެ. ހަމައެއާއެކު އޭނައަށް ނިދީގައި ފާޑެއްގެ ހުވަފެނެއް ވެސް ފެންނަން ފެށިއެވެ.
ހުވެފެނުގައި އޭނައަށް ފެންނަނީ ޒިވާން އެވެ. ކޮންމެ ފަހަރަކު އޭނަގެ މަގަތުން އެނދުގައި އިށީންނަމުން އޭނަގެ އަތުގައި ހިފާލައެވެ. އަދި ކަންތަކާ މާބޮޑަށް ފިކުރު ނުކުރުމަށް ބުނެއެވެ. މާއީ އޭނަ ދެކެވީ ލޯތްބަށް ޝުކުރުވެރިވާ ކަމުގައި ވެސް ބުނެއެވެ. އަދި އޭނަގެ ހަނދާނުގައި މުޅި އުމުރު ބޭކާރުކޮށްނުލުމަށް އެދެއެވެ. އިތުރު ބައިވެރިޔަކަށް އެހަޔާތުން ޖާގަ ދިނުމުގައި ފަސްނުޖެހުމަށް ވެސް ބުނެއެވެ. މާއީ އޭނަ ދެކެ ވީ ލޯތްބާ މެދު ދުވަހަކު ވެސް ސުވާލު ނުއުފައްދާނެކަމަށް ބުނެއެވެ. އަދި ބަޔަކު މީހުން ބުނާ އެއްޗަކާ މެދު ވިސްނައި ދިރިއުޅުންް މަތިން ފޫހި ނުވުމަށް ވެސް އެދެއެވެ. ކޮންމެ ރެއަކު މާއީއަށް އެހުވަފެނުން ހޭލެވި އެހުވަފެނާ މެދު ވިސްނަން އިނދެވެއެވެ. އޭގެ މާނައާ މެދު ފިކުރު ހިނގާލެވެއެވެ. އެއަށްފަހު އޭނަ ފަހުގެ ނިންމުން ނިންމާލިއެވެ. އޭނަގެ ހިތުން ނަހީކްއަށް ޖާގަ ދެވެން އޮތީ ދަރިފުޅު ލިބުމުންނެވެ. އެއީ އެންމެ ރަގަޅު ގޮތް ވެސް މެއެވެ. އޭރުން މީހުން ބުނާ އެއްޗަކާ މެދު ފިކުރުބޮޑުވާކަށް ވެސް ނުޖެހޭނެއެވެ. ނަހީކް އޮތީ އޭނައަށް އިންތިޒާރުކުރާނެ ވާހަކަ ވެސް ބުނެފައެވެ.
*****
ނަހީކް އޭނަގެ ކެބިންއަށް ވަދެ ހަމަނުޖެހެވެނީސް ސޯފީ ވަދެއްޖެއެވެ. ހީވަނީ ނަހީކް ނައިސްގެން ކޮޅުމަތި ބަލަން ހުރި ހެންނެވެ. ކެބިންގެ ދޮރު ހުޅުވުނު އަޑަށް އިސްއުފުލާ ދޮރާ ދިމާއަށް ނަހީކް ބަލާލިއެވެ. އޭރު ފަރި ހިނގުމެއްގައި ހިނގަމުން އައި ސޯފީ ފެނި ނަހީކްގެ މޫނަށް ވެރިވީ ފޫހިކަމެވެ. އެތައް ފަހަރަކު ވިސްނައިދީގެން ވެސް ސޯފީގެ އުޅުން އިސްލާހުވާކަން ނޫޅެއެވެ. މިހާރު ސޯފީ ދެކެ ނަހީކް ރުޅި ވެސް އާދެއެވެ.
”ހެލޯ… މިދުވަސްކޮޅު ހާދަ މޫޑީ ވެފައި ތިހުންނަނީ، ގާރލްފްރެންޑާ ބްރޭކްއަޕް ވީތަ؟…” ސޯފީ އައިސް ނަހީކް ގާތަށް ހުއްޓުނެވެ. އަދި އޭނަގެ އަތުގައި އޮތް ދެ ކޮފީ މަގުން ކުރެ އެއް މަގު ނަހީކްއަށް ދިއްކޮއްލިއެވެ. ސޯފީއައީ ނަހީކްއާއެކު ކޮފީ ބޯން ވެގެންނެވެ. އޭރުން އެދެމެދުގައި ގުޅުން ބަދަހިވެދާނެކަމުގެ ފޮނި އުއްމީދުތަކާއެކުގައެވެ.
”ނުކުމޭ…” ނަހީކް އަމުރުކުރިއެވެ.
ކެބިންއިން ނިކުމެގެން ދާ ކަހަލަ ޚިޔާލެއް ސޯފީގެ ނެތެވެ. އޭނަ އަތުގައިވި ކޮފީ މަގުތައް ނަހީކްގެ މޭޒު މަތީ ބެހެއްޓިއެވެ. އަދި ނިކަން ފަރި ހަރަކާތްތަކާއެކު މޭޒުގެ އަރިމަތީގައި އިށީންނަމުން ނަހީކްއަށް ބަލާލިއެވެ.
”އަޅެ އެންމެ ފަހަރަކު ވިޔަސް އަހަންނަށް ބަލާލަބަލަ… ކީއްވެތަ ނަހީކް އަހަރެންދެކެ ރުޅި އަންނަނީ؟… ގައިމު އަހަރެން މާއީއަށް ވުރެން މާ ރީތި… އޭނަ ޕްރެގް ވީމަތަ އޭނަ ފަހަތުން އުޅެނީ؟… އިފް ސޯ، އަހަރެން ވެސް މިހިރީ ނަހީކްއަށް ޓަކައި ޕްރެގްވާން ތައްޔާރަށް، ޔޫ ކޭން ޑޫ އެނީތިންގް ޔޫ ވޯންޓް، އައެމް އޯލް ޔޯރސް…” ނަހީކްއާއި ގާތްވާން ސޯފީ އުޅުނެވެ. އޭނަ ނަހީކްގެ މޭގައި ފިރުމާލަން އުޅުނު އަތުގައި ނަހީކް ހިފެހެއްޓިއެވެ. އަދި ފޮޅުވާލިއެވެ. އެއީ އޭނައާއި ދުރުގައި ހުރުމަށް ސޯފީއަށް ދިން ވަރުގަދަ އިންޒާރެކެވެ.
”އަހަރެން އެއްޗެއް ނުބުނަން ހުންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ… އެކަމަކު ދެން ނުހުރެވޭވެ… ޔޫ ހޭވް ކްރޮސްޑް ޔޯރ ލިމިޓް… ފުރަތަމަ އަމިއްލަ މީހާއަށް އުޅެވޭ ގޮތް ބަލާބަލަ… ކޮން ފަދަ ވިޔާ ނުދާ ވިސްނުމެއް ކަލޭގެ ތިހުރީ… ހަމަ މިހާރު މިތަނުން ނިކުމޭ، އަދި ބުނަން އަލެއަށް ދުވަހަކު މާއީއާ އެއްފެންވަރަކަށް ނާދެވޭނެ!… ގެޓް ލޮސްޓް!…” ނަހީކް ހަޅޭއްލަވައިގަތެވެ. އޭނަ ސޯފީގެ އަތުގައި ހިފާ ގަދަބާރުން ކެބިން އިން ބޭރުކުރިއެވެ. އޭރު ޑިޕާރޓްމެންޓްގައި މަސައްކަތް ކުރާ މުވައްޒިފުންތައް ވެސް އެތަނަށް ޖަމާވެފައި ތިއްބެވެ. ސޯފީ ހުރީ ލަދުގެންފައެވެ. އޭނަގެ މޫނުން އެކަމުގެ އަސަރު ފެނެއެވެ.
”އެންމެ ފަހު ފަހަރަށް މިބުނީ!… މީގެ ފަހުން އަހަރެންގެ ކުރިމައްޗަށް ވެސް އަރައިގެންނުވާނެ… ކަލޭ ތިއްތި ދެއްކެން ދޭ އެހެން މީހުންގެ ކުރިމައްޗަށް، ކޮންމެހެން އަހަރެންގެ ކުރިމައްޗަށް އަރަން އުޅޭނެ ކަމެއް ނެތް، ތިހަލަ މީހަކަށް ބަލާކަށް ވެސް އަހަރެން ބޭނުމެއް ނޫން!…” އެންމެންގެ ތެރެއަށް ސޯފީ ނެރެމުން ނަހީކް އިންޒާރެއް ދިނެވެ. ސޯފީއަށް ނަހީކްގެ މޫނުން ފެނުނު ރުޅިވެރިކަމުން އޭނަ ބިރު ވެސް ގަތެވެ. އަަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތް އިރު ނަހީކް ދެކެ އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. ހަމައެއާއެކު ދެރަ ވެސް ވިއެވެ. އޭނަގެ ލޯތްބަށް ޤަދަރުނުކުރީތީއެެވެ. އޭނަ ބޭޒާރުކޮށްލީތީއެވެ.
”ވަރަށް ފޫހިވޭ، ކަލޭ އަތުން އަދި މިކަމުގެ ބަދަލު ހިފާނަން!…” ސޯފީ ކުދިކިޔާލިއެވެ. ނަހީކް އެންމެންގެ ކުރިމަތީގައި އޭނަގެ އަގު ވައްޓާލުމުގެ ބަދަލު ހިފަން ސޯފީ އަޒުމުކަނޑައެޅި އެވެ.
*****
”ހެހެހެ…” ސޯފީއަށް ދިމަވި ކަންތައް އޭނަގެ އެކުވެރިންނަށް ކިޔާދިނުމުން އެންމެން ހިނިގަނޑެއް ޖަހާލައިފިއެވެ. އެއާއެކު ތޫގާއާއި ދައުހާއާ ދިމާއަށް ސޯފީ ކަޅި އަޅާލިއެވެ. އެމީހުން ތިބީ ރެސްޓޯރެންޓެއްގަ އެވެ. މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ.
”މިކަމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ތޫގާ… އަހަރެން ދުވަހަކު ވެސް މިފަދަ ބޮޑު ލަދެއްގައި ނުބެދޭ، ތިމާއަށް ރީތިކަމެއް ލިބިފަ ހުރީމަ ބޮޑާވެފައި ހުރި ފިރިހެނެއް އެއީ، ހުވާ ހާދަ ރުޅިއެއް އާދެއޭ… އެކަމަކު ހިތަށް ހާދަ ތަދެއް އެބަވެޔޭ…” ސޯފީ އޭނަގެ ލޮލުން ފޭބި ކަރުނަތައް ޓިޝޫއަކުން ފޮހެލިއެވެ. އޭރު މޭޒުމަތީގައި މަސްކާރާ ހޭކިފައި ހުރި ބައިވަރު ޓިޝޫތަކެއް ހުއްޓެވެ. ނަހީކް އޭނަގެ ލޯބީގައި ކޮޅުފައިން ޖެހުމުން އެކަމުގެ ހިތާމައިގައި ސޯފީއަށް ހަމަ ރޮވެނީއެވެ.
”މަ ކީއްވެ ޒިންމާ ނަގަންވީ؟… ތި ހުރިހާކަމެއް ވީ މާއީގެ ސަބަބުން، އޭނަ ނަހީކް ހިތްހަމަޖައްސައިދޭ ވަރަށް ސޯފީއަށް އެކަން ނުކުރެވުނީމަ ވާނީ އެހެން ދޯ… ބަދަލު ހިފަންޏާ އޭނަގެ ކިބައިން ހިފަން އުޅޭ… އޭނައަށް ހިތުންނުފިލާވަރުގެ ބޮޑިއެއް ދޭން ޖެހޭނެ، އޭރަށް ސޯފީއަށް ކަމެއް ކުރެވުނު ކަމަކަށް ވާނީ!…” ތޫގާ ވަސްވާސްލައިދިނެވެ. މާއީއަށް ދެރަގޮތް ހެދުމަށް ސޯފީއަށް ހިތްވަރުދިނެވެ.
”ހޫމްމްމް، ތިބުނީ ތެދެއް، އަދި ނަހީކް ވެސް ބުނެފިއޭ މަށަކަށް އެނާސިގަނޑާ އެއްހަމައެއް ނުކުރެވޭނެޔޭ… ހޫނނނ، ވަރަށް ފޫހިވޭ… މިފަހަރު އެނާސިގަނޑު ހޭއަރުވާލާނަން…” ސޯފީ ތުންއަނބުރާލިއެވެ. އަދި އަތުގެ ތެރެއަށް ޓިޝޫއެއް ބޮޑިކޮށްލިއެވެ.
”ސޯފީގެ ފާޓޭ ޕްރެންޑުން އުޅެއެއްނު، އެމީހުން ލައްވާ އޭނަ މޮލެސްޓް ކުރުވަންވީނު، އޭރަށް އެގޮލާ ރަށަށް ބަދުނާމު ވެސް ވާނެ… ނުކެރޭނެ ގެއިން ވެސް ބޭރަށް ނިކުންނާކަށް އޭރުން، ނަހީކްއާ އޮތް ގުޅުން ވެސް ކުރިއަށް ގެންދާކަށް ނުކެރޭނެ… މިހާރު ވެސް އޭނަ ބަނޑުބޮޑުވީމަ ނަހީކްއާއެކު އުޅޭތަން ފެނި މީހުން އެއްޗެކޭ ބުނެފާނެތީ ވެސް ހުންނަނީ ލައްކަ ބިރުން… މަބުނި ކަހަލަ ކަމެއް ދިމާވެއްޖެއްޔާ ހުންނާނެ ފެންވަރު ފެނިފަ…” ތޫގާ ޚިޔާލެއް ދިނެވެ.
”އެކަމަކު ތޫ ބުނީމެއްނު އޭނަ އަބަދު ގޭގައޭ އިންނަނީ ދެން ކިހިނެއް އެކަން ކުރެވޭނީ…” ތޫގާގެ ޚިޔާލު ސޯފީއަށް ކަމުދިޔަ އެވެ. ނަމަވެސް އެކަން ކާމިޔާބުކުރުމުގައި ހުރި ގޮންޖެހުންތައް އޭނަ ހާމަކުރިއެވެ.
”ފުރުސަތު ބަލާފައި އަހަރެން އަންގާނަމޭ…” ތޫގާ ބުނެލިއެވެ.
(ނުނިމޭ)
15 Comments
Comments are closed.
Yaayyyy me first dhw ??? awesome.. ❤️❤️❤️can’t wait for the next part..
Unmeedu kuran mibaives kiyuntherinah kamudhaane kamah. 21 vana bai maadhamaa upkohla deynan (In Sha Allah).
Hurihaa kiyuntherinah ves baajaveri reygandakah edhen. -Salaam-
Mi story nihmaafa ehn story ey kiyaalan libeyne tho.. 🙂
Mutha dheke hama loabivevijje
Muthaa
I love ure stories
Ehaaa avahah nimmaatheee dheravez veyy
Mi story nimmaafa ehen story eh gennaane kamah v hope kuran
Vvv salhiii
Maaee aa naheek gulhuvaalaba avahahhh
Maaee ah happy dhuvasthakeh hoada dheebala..
Love u mutha
Muthaaa ge hardwork ah
?????
Thoogaa bust kohlabh avahah dhn
Thoogaa ge kanthah maa mahchah dhanee. Thoogaa ge kanthah falhaa aruvabala.
Alhe dhan maaiy a dheragothe nahadhaaa thi
U r the Best writer.. mutha ge vaahakathah v kiyaahiyyvey.. sababakee vaahaka daily 2 times up kuraathee.. vv bodah thanks mutha..
??????
thoogaaaaaaa ?????haadhahaa goas vegen miulhenee dho…eynage kanthah falhaa aruvaalabala avahah…maai ah dhera gotheh nuhadhahchey dhen …
Muthaa alhe hithuga badhaluga galah vius hila yahvius a oy insaanaa bust kobbala? maai rahkaatheri koddeythi ingey? mi part
Ves vvv salhi (THANKS)?
Maee ah dheragotheh nuhadha thi Ameehun ge reyvun falha aruvala bala please
❤️❤️❤️❤️❤️❤️❤️
Next paty kn irakun up kurany. Vrh salhi vaahaka eh. Keep it up.. mutha?