ދުޢާ 34
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ސިޓިންގްރޫމު ސޯފާގައި އިން އާލާ އިނީ ނުތަނަވަސްވެފައެވެ. ދާނިޔަލް ގެއަށް އައުން ލަސްވީވަރަކަށް އޭނާގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ކިތަންމެ ނުވިސްނަން އުޅުނަސް އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ދާނިޔަލްގެ ޚިޔާލުތަކެވެ. މިހާރު އެތަށް ފަހަރެއް މަތިން ދާނިޔަލްއަށް ގުޅިއްޖެއެވެ. އަދިވެސް ޚަބަރެއް ނުވެއެވެ. އަނެއްކާ ދާނިޔަލްއަށް ބޮޑުކަމެއް ވީބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް މިއަދު އޭނާ ގައިގައި ހޮސްޕިޓަލަށް ދާނެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ހޮސްޕިޓަލަށް ގުޅުމަށްފަހު އޭނާ މިއަދު ނުދާނެކަމަށް ބުނަމުން އެޕޮއިންޓްމެންޓްތައް ކެންސަލް ކޮށްލިއެވެ.
ނުތަނަވަސްވެފައި އިން އާލާ ސިހިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށެވެ. އޭނާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. ބާރުބާރަށް ހިނގާލައިފައި ގޮސް އާލާ ދޮރު ހުޅުވާލިއެވެ.
“ދާނިޔަލް..” ދޮރު ހުޅުވާލުމަށްފަހު އެ ހުރި ފުޅާ ހިނިތުންވުމުގައި އާލާ ބުނެލި ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ހިނިތުންވުން ފޭދިގެން ދިޔައީ ކުރިމަތީގައި ހުރި އަޒާން ފެނުމުންނެވެ. “އަޒާން.. މިގަޑީގަ؟؟؟ އާދޭ އެތެރެއަށް..” އާލާ މަޑުމަޑުން ބުނެލުމަށްފަހު އަޒާން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އަޒާން އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހާލީ އާލާ ބުރުގާ ނާޅާ ހުރުމުންނެވެ.
އާލާއަށް އެކަން ރޭކާލީ ވަގުތު އަވަސް އަވަހަށް ކޮޓަރިއަށް ވަންނަން ދިގު ފިޔަވަޅު ތަކެއްގައި ދިޔައެވެ. “ކޮބާތަ ކުޑޭ؟ ޚަބަރެއްވެސް ނުވޭ.. ގުޅާ ގުޅާ ފޯނެއްވެސް ނުނެގި..” އާލާ އައިސް ހުއްޓުނު ވަގުތު އަޒާން އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ. އެވަގުތު އާލާގެ ދެބުމަ ގާތްވެގެން ދިޔަ އިރު އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. “އަޒާން މެން ގާތަށް ނުދޭތަ؟ ދާނިޔަލް ނެތް ގެއަކު.. އަހަރެން ހީކުރީ އަޒާންމެންގާތުގަ ކަމަށް ވީ…” އާލާ ސޯފާގައި އިށީނުމަށްފަހު ހާސްކަމާއެކު ބުނެލިއެވެ.
“ވެދާނެ ކަންނޭނގެ ދޯ އިޝާން އާއި އެކީ ދިޔައީ ކަމަސް..” ކޮންމެވެސް ނުބައެއް އުޅޭކަމަށް އަޒާންގެ ހިތް ގޮވަމުން ދިޔަ ނަމަވެސް އާލާގެ މޫނުމަތިން ފެންނަން ހުރި ނުތަނަވަސްކަމާއި ހާސްކަމުގެ ސަބަބުން އެހެން ބުނާކަށް އޭނާއަކަށް ނުކެރުނެވެ. “އަހަރެން އެބަ ބަލައިލަން އިނގޭ.. އެގޭގަ ކަމަށް ވާނީ އެ އުޅެނީ.. އޮފީހުގެ ކުޑަ ކަމެއްގަ ޑިސްކަސް ކޮށްލަނީ ކަމަށްވެސް ވެދާނެ..” އަޒާން އެހެން ބުނެލުމަށްފަހު އެގެއިން ނިކުމެގެން ދިޔައެވެ.
އަޒާން ދިޔުމާއެކީ އާލާއަށް އިތުރަށް ވިސްނެން ފެށިއެވެ. ދާނިޔަލް އެ ދިޔަ ތާކަށް ދިޔައީ އަނެއްކާ އޭނާގެ ސަބަބުން ހެއްޔެވެ؟ އޭނާ ދާނިޔަލްއަށް ޖެއްސުން ކުރުމުން ދާނިޔަލް އޭނާދެކެ މާބޮޑަށް ހިތްހަމަ ނުޖެހުނީ ބާވައެވެ؟ އާލާ ބެލީ ގޯސް ވިސްނުން ތަކުން ދުރުވޭތޯއެވެ. ދާނިޔަލްދެކެ ކިތަންމެ ރުޅި އަޔަސް ދާނިޔަލްއަށް ދެރައެއް ލިބެން އޭނާއަކަށް ނޭދެވެއެވެ. ކިތަންމެ ބޭނުންވިޔަސް ވެހެވެ. “ދާނިޔަލް ކޮންތާކުތަ؟ އަހަރެމެން އެންމެންގެ ހިތް ނުތަޅުވާ އަވަހަށް އާދެބަލަ..” ނޭނގި ހުއްޓާ އާލާގެ ދުލުން ބޭރުވި ލަފްޒުތަކުން އާލާ ގެނބުނީ ހައިރާންކަމުގެ ކަނޑަކަށެވެ.
***
“ދޮރު ހުޅުވަބަލަ..” އެޕާޓްމެންޓެއްގެ ދިރު ކުރިމަތީ ހުރެފައި އަޒާން ކޮންމެވެސް މީހަކަށް ގުލާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދޮރު ހުޅުވާލީ އިޝާން އެވެ. “އާދޭ އެތެރެއަށް..” އިޝާންގެ ހުއްދަ އާއެކު އަޒާން އެގޭތެރެއަށް ވަނެވެ. ބޮޑު އެޕާޓްމެންޓެކެވެ. ގޭތެރެއަށް ވަދެގެން އަންނަ އިރު ކަނާތް ފަރާތުގައި ދިގު ސޯފާ ސެޓެއް ހުއްޓެވެ. އަދި އެޔާއި އިންވެގެން ވަކިން އެއް ސޯފާ އިނެވެ. އެ ސޯފާގެ ފުރަގަހުގައި ދިގު ބެލްކަންޏެއް ހުރި އިރު ފިނި ފިނި ވައިރޯޅިތަށް ބެލްކަނިން ގޭތެރެއަށް ވަންނަމުން ދެއެވެ. ސޯފާސެޓް ކުރިމަތީގައި ހުރި ފާރުގައި ޓީވީ ހަރުކޮށްފައި އިން އިރު ގެއަށް ވަންނަ ދޮރާއި ތަންކޮޅެއް ދުރުގައި ވައަތް ފަރާތުގައި ބަހައްޓާފައި ހުރީ ކާ މޭޒެވެ. އެ ކާމޭޒުގެ ފަހަތް ހުރީ ކެއްކޭގޮތަށް ފަރުމާކޮށްފައެވެ. މުޅިއަކު ދެ ކޮޓަރިއާއި އެކީ އެއީ ވަރަށްވެސް ފުރިހަމަ އެޕާޓްމެންޓެކެވެ.
“ކިހިނެތް ވީތަ؟ އަނެއްކާ އެހާ ނޫން ގަޑިއަކު ތި އައީވެސް.. ކޮންކަމަކާތަ މާ ހާސްވެފަ ތިހުރީ؟” ސޯފާގައި އިށީންނަމުން އިޝާން އަޒާންއާއި ސުވާލު ކޮށްލިއެވެ. “ކުޑޭ ގުޅިތަ އިޝާންއަށް؟” އަޒާން ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. އެހެންކަމުން އިޝާންއަށްވެސް ލިބުނީ ކުޑަވަރެއްގެ ސިހުމެކެވެ. “ކުޑޭއޭ؟ އޭނަޔާއި އިއްޔެ ވާހަކަ ދެއްކިން.. އޭގެ ފަހުން ނުވެސް ގުޅަން.. ދިމާވެސް ނުވޭ.. ކިހިނެތް ވީތަ؟” އިޝާންވެސް އެންމެފަހުން ސުވާލު ކޮށްލިއެވެ. އަޒާން އޭނާގެ މޫނުގައި އަތް ހާކާލިއެވެ. ކަންތައްތައް މި ވަނީ ކިހިނެއް ހެއްޔެވެ؟
“ކުޑޭގެ ޚަބަރެއް ނުވެގެން މިއުޅެނީ.. އާލާއަށްވެސް ނޭނގެ ކުޑޭ ދިޔަ ތަނެއް.. އޭނާވެސް ކުޑޭ ގެއްލިގެން އެ އުޅެނީ.. މަ ގޮސްގެން އޭނާ ދޮރު ހުޅުވާލީވެސް ކުޑޭކަމަށް ކަންނޭނގެ.. ދޮރު ހުޅުވާލިގޮތަށް ދާނިޔަލްއޭ ވިއްޔަ ބުނީ.. ދެން އަހަރުން މި ހީކުރީ އިޝާން ގާތު ކަމަށް ކުޑޭ ވީ..” އަޒާން އެއް ނޭވާއަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ. އޭނާ ވާހަކަ ދައްކާ ނިމުނު އިރު އިޝާންގެ ދެބުމަ އިނީ ގާތްވެފައެވެ. “އެކަމް ދާނިޔަލް ވަކި ކޮންތާކަށް ދާނީ؟ އޭނާއަކީ ގައިމު ރުޅި އައިސްގެންނޭ ކިޔައިފަ ގެއިންވެސް ނިކުމެގެން ދާނޭ މީހެއް ނޫން.. އެހާ ރުޅިގަދައެއް ނުވާނެ އޭނާއެއް.. ކޮންމެ ފިޔަވަޅެއް އެޅިޔަސް އެކަމެއް ކުރުމުގެ ކުރިން އޭނާ ވިސްނާނެ.. ދެން ކޮންތާކަށްބާ ތި ދިޔައީ؟” އިޝާން ވިސްނާލުމަށްފަހު ބުނެލިއެވެ.
“އަޅެ ހިނގާބަލަ އަހަރެމެން ދެމީހުން ވެގެން ކުޑޭގެ ޚަބަރެއް ވޭތޯ ބަލަން.. މަގޭ ހިތެއް ނުބުނޭ ރަނގަޅަކަށޭ މިކަން މި ދަނީ..” އަޒާން ހާސްވެފައި ބުނެލިއެވެ. “ހަމަޖެހިބަލަ އަޒާން.. ތިހެން ނުވިސްނަބަލަ ބްރޯ.. ޕޮޒިޓިވް ކޮށް ވިސްނާ.. ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ އިން ޝާ ﷲ..” އިޝާން ވިސްނައިދޭ ފަދައަކުން އަޒާން ގާތު ބުނެލިއެވެ. ރިޔާޝާއާއި ކައިވެނި ކުރިފަހުން އިޝާންއަށް ވަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރީގައި ސަކަރާތްބޮޑުވެގެން އުޅުނު އިޝާން އަކީ މިހާރު ވިސްނޭ ހަރުދަނާ ޒުވާނެކެވެ. “މަޑުކުރޭ.. މަ ރުކާއަށް ގުޅާފަ އެބަ ބުނަން އާލާ ކައިރިއަށް ދާށޭ..” އަޒާން އެހެން ބުނެލަމުން އޭނާ އިންތަނުން ތެދުވެލިއެވެ.
***
ބަދިގެތެރޭގައި ރުކާއާއި ވިޝާމާ ތަރުކާރީ ކޮށަން ތިބި އިރު ދެމީހުން ތިބީ އޮލަ ވާހަކައެއްގައެވެ. އެއްފަހަރު ދެމީހުން ގަދަޔަށް ހޭން ފަށައިފިއްޔާ އޭގެ ދެވަނަ ސިކުންތުގައި އެވަރަށް ސީރިއަސްވެފައިވެސް ތިބެދާނެއެވެ. ރުކާއާއި ވިޝާމާއާއި ދެމީހުން އެކަކު އަނެކަކާއި ގުޅުމުގެ ސަބަބުން ވާހަކަ ހުސްނުވެއެވެ. “އަނހަ ދަރިފުޅުމެން ކޯންޗެއް ކައްކާލަނީ..” ވާހަކައިގެ ފޯރީގައި ޖެހިފައި ތިބި ދެމީހުންނަށް ސިހުން ގެނުވީ ކުއްލިއަކަށް ބަދިގެތެރެއަށް ބޯދިއްކޮށްލައިފައި ވާހަކަ ދެއްކި މަނިކުގެ އަޑުންނެވެ.
މަނިކުގެ މޫނުމަތީގައި ފުޅާ ހިނިތުންވުމެއް ވީ އިރު ނުފިލާ އުފާވެރިކަމެއް ވިއެވެ. “ބައްޕަ؟ މިތާ ކީއް ކުރަނީ؟ ކަމަކު ތަ؟” މަނިކު އަކީ ދުވަހަކުވެސް ބަދިގެތެރެއަށް ވަދެ ނޫޅޭ މީހެއް ކަމުން ވިޝާމާ އަށް ލިބުނީ ހައިރާން ކަމެކެވެ. “ހެހެ.. އާނ ކަމަކު މި އައީ.. ބައްޕައަށް ކޮފީތައްޓެއް ހަދައިދީބަލަ.. އާދިން ނާދޭތަ އަދިވެސް ގެއަކަށް؟ އަޒާންވެސް ނުފެނޭ ގޭތެރެއަކުން މިއަދަކު..” ހިނިތުންވެލަމުން މަނިކު ބުނެލިއެވެ. “އާދިން އަދި އޮފީސް ނުނިމޭނެއްނު.. ބްރޭކަށް އަދި ނާދޭ މިއަދަކު..” އިން ތަނުން ތެދުވެފައި މަނިކަށް ކޮފީތަށި ހަދައިދޭން ފަށަމުން ވިޝާމާ ބުނެލިއެވެ. އެޔަށްފަހު އޭނާ ރުކާއަށް ބަލައިލީ ޖަވާބު ދޭށޭ ބުނާ ފަދައަކުންނެވެ.
“އަޒާން ބޭރަށް ދިޔައީ.. ހީވަނީ ދާނިޔަލް ކައިރިއަށް ހެން ދިޔައީ..” މަނިކު ދާނިޔަލް ދެކެ އަންނަ ރުޅި ނޭނގޭ ޙާލު ހަމަޖެހިލައިފައި ރުކާ ބުނެލިއެވެ. ރުކާގެ ވާހަކައިން ސިހުން ލިބުނު ވަރުން ވިޝާމާ އަވަސް އަވަހަށް މަނިކު އަތަށް ކޮފީތަށި ދިނީ މަނިކު އެތަނުން ދޭތޯއެވެ. މަނިކުގެ މޫނުމަތިން އެއްވެސް އަސަރެއް ދެނެގަންނަން ނޭނގުމުން ވިޝާމާ ހުރީ ގުޑިލާންވެސް ނޭނގިފައެވެ. ބިރުން ހުރިވަރުން ހީވަނީ މޭގަނޑުވެސް އަތަށް އައިސްދާނެހެންނެވެ.
ފާޑަކަށް ބަލައިލުމަށްފަހު މަނިކު އެތަނުން ދިޔައެވެ. ވީޝާމާ ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އައިސް ކުރިން އިން ތާނގައި އިށީނެވެ. ރުކާ އިނީ ވާނުވާ ނޭނގިފައެވެ. “ރުކާ.. ކާފަ ކައިރީ ދާނިޔަލްގެ ވާހަކަ ނުދައްކައްޗޭ.. ރަނގަޅީ ދާނިޔަލްގެ ނަންވެސް ނުގަތިއްޔާ..” ވިޝާމާ އެހެން ބުނެލުމުން ރުކާގެ ބޮލުގައި ސުވާލުމާކުތައް ފުނިޖެހިގެން ދިޔައެވެ. “އޯކޭ.. އެކަމަކު ކީއްވެ؟” ރުކާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ. “ކާފަ އެހާ ހިތް ހަމައެއް ނުޖެހޭނެ ދާނިޔަލް ދެކެ.. އެއީ ވަރަށް ބޮޑު ވާހަކައެއް.. މިގޮތަށް އިނދެގެން ނުވެސް ކިޔައިދެވޭނެ.. ފަހުން ކިޔައިދޭނަން އިނގޭ.. އިން ޝާ ﷲ..” ވިޝާމާ އެތަނުން ތެދުވެގެން ގޮސް އުނދުން ކައިރީ ހުއްޓިލީ ރުކާއަށް އިތުރު ސުވާލެއް ކުރަން ފުރުސަތު ނުދީއެވެ.
ރުކާވެސް ދެކޮނޑު އަރުވާލީ ވިޝާމާ ފަހުން ކިޔައިދޭނެއް ނޫންބާވައޭ ހިތަށް އެރުމުންނެވެ. ކިއުކަންބާއެއް ކޮށަން އިން ރުކާގެ ސަމާލުކަން ހުއްޓިގެން ދިޔައީ ރިންގުވަމުން ދިޔަ އޭނާގެ ފޯނަށެވެ. “ރުކާ ދަރިފުޅަށް ފޯނެއް އެބަ އާދެޔެއްނު..” ވިޝާމާއަށް ރިންގުވަމުން ދިޔަ ރުކާގެ ފޯނުގެ އަޑު އިވުމުން ބުނެލިއެވެ. އެއިރު ރުކާ އުޅެނީ އޭނާގެ އަތް ދޮންނަން ވެގެންނެވެ. “ހޫމް.. އަތް ދޮވެލައިގެން މި ނަގަނީ..” އެހެން ބުނެލުމަށްފަހު އައިސް އޭނާ އަވަހަށް އެ ކޯލް ނެގީ އަޒާންގެ ކޯލަކަށް ވުމުންނެވެ.
“ހެލޯ.. ރޫ.. ދޭބަލަ އާލާ ކައިރިއަށް.. ކުޑަ ކަމަކު.. ވީގޮތް ކިޔައިދޭނަން ފަހުން.. އިހަށް ދޭ އިނގޭ.. ވަރަށް އަވަސް..” އަޒާން އެއް ނޭވާއިން ހުރިހާ ވާހަކައެއް ކިޔާލުމުން ރުކާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކަމެއް ގޯސްވެއްޖެކަމުގެ ސިގުނަލް އޭނާގެ ސިކުނޑިން ދެމުން ދިޔައެވެ. އެހެން ކަމުން އެ ހުރި ހާސްކަމުގެ ތެރޭގައި އަޒާންގާތު އޭނާ އެކަމަށް އެއްބަސްވެލިއެވެ. “މަންމާ.. އެބަ އަންނަން އިނގޭ އާލާ ކައިރިއަށް ގޮސްލައިފަ.. ކުޑަ ކަމަކު..” ހަމަޖެހެން މަސައްކަތް ކުރަމުން ރުކާ ވިޝާމާ ގާތު ބުނެލިއެވެ. “ނޭހާ ގާތު ބުނެލައިފަ މި ދަނީ..” ވިޝާމާއަށް އެކަނި ހުރިހާ ކަމެއް ކުރަން އުނދަގޫ ވެދާނެތީ އެގޭގައި އުޅޭ މަސައްކަތު މީހެއްގެ ވާހަކަ ރުކާ ބުނެލިއެވެ.
“ނޫން މަންމައަށް ވާނޭ.. ދަރިފުޅު ދޭ.. މަންމަވެސް ވަރަށް ދާހިތްވޭ އެގެއަށް.. ދާނިޔަލްއާއި އެ މަންޖެއާއި ދިމާ ނުވާތާވެސް ދުވަސްކޮޅެއް ވެއްޖެ.. ދެކުދިންނަށްވެސް މަންމަގެ ސަލާމް ބުނެލަދެއްޗޭ..” ވިޝާމާ ހިނިތުންވެލައިފައި ބުނެލިއެވެ. ރުކާވެސް ބަދަލުގައި ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.
***
ފެންވަރާލައިގެން އައިސް ސޯފާގައި އިން އާލާގެ ހިތަށް އަދިވެސް ފިނިކަމެއް ނުލިބެއެވެ. ވަގުތު ފާއިތު ވީވީހެން އޭނާގެ ހިތަށް ލިބެމުން ދިޔަ ނުތަނަވަސްކަން ވީ އިތުރެވެ. މުޅި މީހާ ހުރީ ފާޑަކަށް ބިރު ގަނެފައެވެ. އޭނާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވީ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުންނެވެ. މިފަހަރު އެ އައީ ދާނިޔަލް ކަންނޭނގެއެވެ. ބޮލަށް ބުރުގާ މަހާލަމުން އާލާ އަވަހަށް ދޮރު ހުޅުވާލިއެވެ. ކުރިއެކޭ އެއްފަދައިން މިފަހަރުވެސް އޭނާގެ ހިނިތުންވުން ފޭދިގެން ދިޔައީ ކުރިމަތީގައި ދާނިޔަލްގެ ބަދަލުގައި ހުރި ރުކާ ފެނިފައެވެ.
“އާލް.. ދުވަސްކޮޅެއް ވެއްޖެ ދޯ ދިމާ ނުވާތާ..” ރުކާ އެގޭތެރެއަށް ވަދެ އާލާ ގައިގައި ބައްދާލިއެވެ. އާލާވެސް އޭނާގެ ހާސްކަން ފޮރުވަމުން ރުކާ ގައިގައި ބައްދާލިއެވެ. ގޭގެ ދޮރު ތަޅުލުމަށްފަހު އައިސް އާލާ ރުކާގެ ކުރިމަތީގައި އިން ސޯފާގައި އިށީނދެލިއެވެ. “އާލް ކިހިނެއް ވީތަ؟ އަޒާން އަހަންނަށް ގުޅާފަ ބުނި ދޭބަލާށޯ އާލް ކައިރިއަށް.. ވީކަމެއް ނުބުނި..” އާލާ މިއޮށް ހުރިހާއިރު އެ މޫނުމައްޗަށް ވެރިކޮށްގެން އިން ފޭކު ހިނިތުންވުން ފޭދިގެން ދިޔައީ ރުކާގެ އެ ސުވާލުންނެވެ. އާލާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ ގޮތް ރުކާއަށް ކިތަންމެހާވެސް ރީއްޗަކަށް ފެނުނެވެ. “އާލް ބުނެބަލަ.. ކިހިނެއްތަ ވީ..” އާލާ ގާތަށް އައިސް އޭނާގެ އަތުގައި ހިފާލަމުން ރުކާ ބުނެލިއެވެ.
“ދާނިޔަލް ފޯނު ނުނަގައިގެން މިއުޅެނީ.. ގުޅާ ގުޅާވެސް ފޯނެއް ނުނެގި.. އަޒާން ވެސް އައީ ދާނިޔަލްގެ ޚަބަރެއް ނުވެގެން.. ދެންމެ ގުޅާފަ ބުނި އިޝާންމެން ގެއަކުވެސް ނެތޭ..” ވާހަކަ ދެއްކުމަށް ދަތިވީ ފަދައަކުން އާލާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ދާނިޔަލް ގެއްލުމުން އޭނާ މިފަހަރު އެހާ ދެރަވީ ކިއްވެބާވައެވެ؟ “ދާނިޔަލް އިއްޔެއިން ސުރެ އަހަންނަށް ނުފެނޭ.. އެއިރު ރުކާ އައުމުގެ ކުރިން އަސުރު ނަމާދަށް ދިޔަ.. އޭގެ ފަހުން ނާދޭ ގެއަށް.. ހެނދުނު ހޭލި އިރަށް ވެސް ގޭގަ ނެތް.. އެހެންވެ އަހަރެން ހީކުރީ އަދި ދުވަން ދިޔައީ ކަމަށް.. އެހެނެއްވެސް ނުވި.. އަދި ގުޅާ ގުޅާ ފޯނެއްވެސް ނެގީކީ ނޫނޭ.. ރުޅި އައިސްގެން ވިޔަސް އެއްފަހަރު ފޯނު ނެގި ނަމައެއްނު.. އެއިރުން ގައިމުވެސް އަހަރެން ނުޖެހޭނެއްނު މިހާލުގަ އުޅޭކަށް.. ވަރަށް ފޫހިވޭ..” ތުން އޫކޮށްލަމުން އާލާ ދެއަތް އުރާލިއެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތަށް އެއިރު އޭނާގެ ދެލޮލުގައި ބަރާވެފައި ހުއްޓެވެ.
“ވޯހް.. އަހަންނަށް ނޭނގޭ އަދި ކުއްޖަކު ކުއްޖެއް ދެކެ ލޯބިވި ކަމެއް..” ރުކާ ސަމާސާ ކޮށްލީ އާލާގެ އެ ހާސްކަން ފިލުވާލުމަށެވެ. ރުކާގެ އަޑު އިވުމުން އާލާ އަވަހަކަށް އޭނާއަށް ބަލައިލިއެވެ. އެޔަށްފަހު އެކަމަށް އިންކާރު ކުރިއެވެ. “ދެން ކީއްވެޔޯ ދާނިޔަލްގެ ޚަބަރެއް ނުވެގެން އެހާ ވަރު ތި ވަނީ؟ އާލާގެ އެންމެ ކޯލަކަށް ޖަވާބު ނުދީގެން ތިހާ ރުޅި އައީ ކިއްވެ؟ އޭނާ ނެތިގެން މި ދެލޮލުން ކަރުނަ އަންނަން ވީ ކީއްވެ؟” އާލާގެ ލޯ ކައިރީގައި އަތް ޖައްސާލުމަށްފަހު އެ ދައްކާލަމުން ރުކާ ބުނެލިއެވެ. ނަމަވެސް މިފަހަރުވެސް އާލާ ދެކޮޅު ހެދިއެވެ.
“އާލް.. އަހަންނަށް އިނގޭ އާލާ ދާނިޔަލް ދެކެ ރުޅި އަންނަކަން.. އެކަމަކު އެއީ ކުރީގައޭ.. މިހާރު އެކަން ބަދަލުވެއްޖެ.. އާލްވެސް އޭނާދެކެ ލޯބިވޭ.. އެކަން އާލް ޤަބޫލު ނުކުރަން ތި އުޅެނީ.. އެ އިޙުސާސްތައް ކުރެވޭއިރުވެސް އަމިއްލައަށް އެ އިޙުސާސްތަކުގެ މައްޗަށް ފަސް އަޅާ ތި ފޮރުވަނީ.. ކޮބައި ބޭނުމަކީ؟ އާލް، އެއީ އާލްގެ ފިރިމީހާއޭ.. ލޯބިވުމުން މައްސަލައެއް ނެތޭ.. ދާނިޔަލްދެކެ އެހެން ނޫނަސް އާލް ލޯބި ވާން ޖެހޭނެއްނު.. ތިއީ ދާނިޔަލްގެ އަތްބަކަށް ވެ ހުރެ އާލް ޖެހޭނެޔޭ އަތްބެއްގެ ވާޖިބު އަދާކޮށްދޭން.. އާލް.. އާލް ޤަބޫލު ކުރިޔަސް ނުކުރިޔަސް ތި ދެލޮލުން ފެންނަނީ ދާނިޔަލްއަށްޓަކައި ސާފު ލޯބި.. މި ސިކުނޑި ބުނާ އެއްޗަކަށްވުރެ މި ހިތުގެ އެދުމަށް އިޖާބަދީ.. އެންމެ ފަހަރަކު އިޖާބަދީ.. އެއިރަށް އާލްގެ ހިތަށް ހަމަޖެހުމެއް ލިބޭނީ.. އާލް ދާނިޔަލް ދެކެ ލޯބި ނުވެގެން ތިހެން އުޅުނީމަ ދާނިޔަލްއަށް ލިބެންޖެހޭ ޙައްޤެއް ނުލިބޭނެ.. ދާނިޔަލް އާލް ދެކެ ލޯބިވޭ.. އާލްވެސް ދާނިޔަލް ދެކެ ލޯބިވޭ.. އެކަމަކު މީނދަ ބޯ ހަރު ކުއްޖާ އޭނާގެ އަމިއްލަ ގޮތުގަ ހިފަހައްޓަން ހަދައިގެން އެކަން ޤަބޫލު ނުކުރަނީ..” އާލާގެ ބޮލުގައި ކުޑަކޮށް ޖަހާލަމުން ރުކާ ބުނެލިއެވެ.
“އާލް.. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނުނެއްނު.. މިއީ މުޅިން އާ ދިރިއުޅުމެއްގެ ފެށުން.. އުފާވެރި އާއިލާއެއް ބިނާކުރުމުގެ ބިންގާ.. އިސްލާމީ މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ ފިޔަވަޅެއް.. އިސްލާމްދީނުގައި މިހާ މަތިވެރި ކަމެއް އާލް ސަމާސާއަކަށްތަ ތި ނަގަނީ؟ ވިސްނާލަބަލަ.. ދާނިޔަލް އެއްފަހަރުވެސް އާލްއަށް ދެރަގޮތެއް ހެދިތަ؟ އާލް ހިތުގަ ޖެއްސިތަ؟ އެހާ ރަނގަޅު ޙަޔާތުގެ ބައިވެރިއެއް ލިބުމުން އާލާ އޭނާއަށް ފުރަގަސް ނުދީ.. އޭނާއާއި އެކު އުފާވެރި ހަޔާތެއް ބިނާކުރުމަށް ޢަޒުމް ކަނޑަ އަޅާ.. އާލްއަށް އިނގޭތަ؟ ގޯސްކަމަކަށް ބާރު ނާޅާހާ ހިނދަކު ފިރިމީހާއަށް ކިޔަމަންވުމަކީ އަނބިމީހާއަށް ލާޒިމް ކަމެއް..
އެއީކީ އަހަރެމެންގެ ޝަރަފު ކުޑަވާ ކަމެއް ނޫނޭ.. އަހަރެމެންގެ އަގުވެސް ވެއްޓިގެންދާ ކަމެއް ނޫން.. ބަދަލުގައި އަހަރެމެންގެ ޤަދަރު މަތިވެގެންދާނެ ކަމެއް.. ފިރިމީހާ ބުނާ ކަމެއް އޭނާއަށް ކޮށްދިނުމަކީ އޭނާގެ އަޅަކަށް ވުމެއްވެސް ނޫން.. އެއީ އަހަރެމެންގެ ވާޖިބު.. އަހަރެމެންގެ ޒިންމާއެއް އެއީ.. ފިރިމީހާއަށް ކިޔަމަން ނުވަންޏާ ފާފަވެރިވާނެ.. އެކަން އާލްއަށް އިނގޭތަ؟ އާލްގެ މިޒާޖު ހުންން ގޮތުން އަހަރެން މި ވާހަކަ މި ބުނެލީ.. އެއްގޮތަކަށްވެސް އާލް ގޯހެކޭ ނުބުނަން.. އާފްޓަރ އޯލް ޔޫ އަރ މައި ބެސްޓް ފްރެންޑް އެންޑް ޔޫ ވިލް ބީ ދަ ބެސްޓް ބެސްޓީ ފޮރ އެވާ..” ރުކާ އާލާ ގައިގައި ބައްދާލައިފައި ހިނިތުން ވެލިއެވެ.
އާލާ އިނީ ހިނިތުންވާންވެސް ނޭނގިފައި ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާއަށް ވިސްނެމުން ދިޔައީ ދެންމެ ރުކާ ދެއްކި ވާހަކައަށެވެ.
“ރޫ.. އަހަރެން ބޭނުން އެކަނި ވަގުތު ކޮޅެއް.. މިވަގުތު އަހަރެން ބޭނުމީ އެކަނި ވެލަން..” އާލާ އޭނާގެ ދެފައި ސޯފާ މައްޗަށް ނަގައިފައި މޭގައި ޖައްސާލަމުން ބުނެލިއެވެ. “މައްސަލައެއް ނެތް.. ކަމަކު ބޭނުން ވެއްޖިއްޔާ އަންގާލައްޗޭ.. އާލާގެ ރުކާ ހުންނާނީ އަބަދުވެސް އާލާ އާއެކު.. އިން ޝާ ﷲ.. އާނ އަދި ހަނދާން ނެތިފައޭ މިހުރީ.. މަންމަ ސަލާމް ބުނި އާލްއަށް..” ރުކާ ހިނިތުންވެލުމަށްފަހު އެގެއިން ނިކުމެގެން ދިޔައީ އާލާއަށް އޭނާ ދެންމެ ދެއްކި ވާހަކައިންވެސް ވިސްނޭތީ ހިތާ ހިތުން ދުޢާ ކޮށްލަމުންނެވެ. ވިޝާމާ ސަލާމް ބުނި ވާހަކަ ބުނުމުން އާލާވެސް ހިނިތުންވެލިއެވެ. އެޔަށްފަހު ރުކާ ދިޔުމުން ގޭގެ ދޮރު ތަޅުލައިފައި ގޮސް އާލާ ކޮޓަރިއަށް ވަދެ ކޮޓަރީގެވެސް ދޮރު ތަޅުލިއެވެ.
އަދި އެނދު ކައިރީ އިށީންނަމުން ދެފައި ކުރުކޮށްލައިފައި މޭގައި ޖައްސާލިއެވެ. އެޔަށްފަހު އޭނާގެ ދެއަތުން ދެފައިގައި ވަށާލިއެވެ. އާލާގެ ވިސްނުން ގުޅިފައި ހުރީ ދެންމެ ރުކާ ދެއްކި ވާހަކައިގެ އިތުރުން ދާނިޔަލްއާއި އެވެ. އޭނާ ހަމަ ޙަޤީގަތުގައިވެސް ދާނިޔަލް ދެކެ ލޯބިވޭ ހެއްޔެވެ؟ އެހިނދު އާލާގެ ވިސްނުން ގޮސް ހުއްޓުނީ އިއްޔެގެ ހާދިސާއަށެވެ. ދާނިޔަލް އޭނާއަށް ބޭބިޝް އާލްއޭ ބުނުމުން އޭނާ ރުޅި އައުމުންވެސް ބަދަލުގައި ދާނިޔަލް ހިނިތުންވެލައިފައި ހުރި ގޮތެވެ. އަދި ދާނިޔަލް އޭނާއަށް ދިން އެންމެ ފަހުގެ ހަދިޔާއެވެ. އެޔަށްފަހު އޭނާއަށް ކުރެވުނު ފޮނި ފޮނި އިޙުސާސް ތަކެވެ. “މިހާރު އަދި މާ ކިއުޓް.. ބޭބިޝް އާލް.. ކިތަންމެ ބޭބީއަސް ޔޫ ވިލް ބީ ބިއުޓިފުލް އޭސް އޯލްވޭސް.. މާ ޝާ ﷲ..” ދެލޯ މަރާލައިގެން އިން އާލާގެ ކަންފަތް ދޮށުގައި ދާނިޔަލްގެ ފިރިހެންވަންތަ އަޑުން ބުނެލި ޖުމުލަ ގުގުމައިގެން ދިޔައެވެ. އެހިނދުވެސް އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
އެޔާއި އެކު އޭނާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އޭނާއަށް އިއްޔެގެ އެވަގުތު ވާހަކަ ނުދެއްކުނީ ކީއްވެހެއްޔެވެ؟ މީގެ ކުރިން ދާނިޔަލް އެއްޗެކޭ ބުންޏސށް އެ ގޮތްގޮތެއް ނުވެއެއެވެ. ދާނިޔަލްގެ ތުންފަތް އޭނާގެ ކޮލުގައި ބީހުނު ހިނދު ކުރިން އޭނާއަށް ނުވި އެތަށް ގޮތެއް އިއްޔެ އޭނާއަށް ވިއެވެ. ދާނިޔަލްގެ އެއްވެސް ޢަމަލަކުން ހިނިތުން ނުވި އާލާއަށް އިއްޔެ ހިނިތުން ވެލެވުނެވެ. ކީއްވެ ހެއްޔެވެ؟ އާލާގެ ހަނދާނަށް އަނެއްކާވެސް އައީ ރުކާ ބުނެލި ޖުމުލައެވެ. “އާލް.. ރުކާއަށް އިނގޭ އާލާ ދާނިޔަލް ދެކެ ރުޅި އަންނަކަން.. އެކަމަކު އެއީ ކުރީގައޭ.. މިހާރު އެކަން ބަދަލުވެއްޖެ.. އާލްވެސް އޭނާދެކެ ލޯބިވޭ.. އެކަން އާލް ޤަބޫލު ނުކުރަން ތި އުޅެނީ.. އެ އިޙުސާސްތައް ކުރެވޭއިރުވެސް އަމިއްލައަށް އެ އިޙުސާސްތަކުގެ މައްޗަށް ފަސް އަޅާ ތި ފޮރުވަނީ..” ރުކާގެ އެ ޖުމުލަ އާއެކު އާލާގެ ވިސްނުން އަނެއްކާވެސް ދާނިޔަލްގެ ޚިޔާލުތަކާއި ގުޅުނެވެ.
“ނޫން ނޫން.. ކީއްވެ އަހަރެން ދާނިޔަލް ދެކެ ލޯބި ވާންނީ؟ އަހަރެން ނުވޭ ދާނިޔަލް ދެކެ ލޯތްބެއް.. އައި ހޭޓް ހިމް.. އައި ހޭޓް ހިމް..” ދެ ކަންފަތުގައި އަތް އެޅުމަށްފަހު އާލާ ބުނެލިއެވެ. ނަމަވެސް އޭނާ ދެލޯ މަރާލާއިރަށް ސިފަވެގެން ދަނީ ދާނިޔަލް އެވެ. އެ ރީތި ހިނިތުންވުމެވެ. ކަޅުކަންގަދަ ބުމައާއި އެ އަސަރުގަދަ ދެ ލޮލެވެ. ފަން ބޯ ފަން ފަން އިސްތަށިގަނޑެވެ. “ލޯތްބަކީ މިއީތަ؟” އެތަށް އިރަކު ކަންފަތުގައި އަތް އަޅައިގެން އިން އާލާ ދެކަންފަތުން އަތް ނަގަމުން އަމިއްލަ ނަފްސާއި ސުވާލު ކޮށްލިއެވެ.
ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި އޭނާގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިން ނުވެސް ދަންނަ ކުއްޖެއް ދެކެ އޭނާއަށް ވެވުނު ލޯތްބެވެ. އޭނާ ޤަބޫލު ކުރީ އެއީ ލޯބި ކަމަށެވެ. އާލާއަށް އެއްކަމެއްވެސް އޮޅުމެއް ނުފިލިއެވެ. ހުރިހާކަމެއް ވަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ދާނިޔަލްގެ ސޫރަ އޭނާގެ ލޯ ކުރިމަތީގައި ކުރެހުނު ހިނދު އާލާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.
ދާނިޔަލް އޭނާއަށްޓަކައި ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ކުރި އެތަށް ސަތޭކަ ޖެއްސުމަކަށްވެސް ކެތްކުރީ ޝަކުވާއެއް ނެތިއެވެ. އާލާ ހަޅޭތް ލަވައިގަންނަ ކޮންމެ ފަހަރަކު ޖަވާބު ދެނީ ކެތްތެރިކަމާއި ހިނިތުންވުމާއި އެކުއެވެ. އޭނާއަށް ކައްކަން ކުރަން ނޭނގުނު ކަމުގައިވެސް ޝަކުވާއެއް ނުކުރިއެވެ. ބަދަލުގައި ކުރީ ތައުރީފެވެ. ދިނީ ހިތްވަރެވެ. ނަމަވެސް އާލާ އެޔާއި މުޅުން އިދިކޮޅެވެ. ފުރަތަމަ ދުވަހުއްސުރެ އޭނާ ދާނިޔަލައަށް ނުކުރާ އުނދަގުލެއް ނެތެވެ. ފެށުނީއްސުރެ ދާނިޔަލްއަށް އާލާ ދިނީ ވޭނާއި ހިތްދަތިކަމެވެ.
ދާނިޔަލްދެކެ ރުޅި އައިސްގެން އޭނާއަށް އުނދަގޫ ކުރުމަށްޓަކައި ކައިވެނީގެ ކުރީކޮޅު އާލާ ކޮޓަރީގައި ހުރި އެއްޗެހި ތަޅާލި ދުވަސް ހަނދާން ވީ ހިނދު އޭނާގެ ހިތް ކުދި ކުދިވެގެން ދިޔައެވެ. ފައި ހަލާކުވެފައި ހުރި ނަމަވެސް ދުވެފައި ދާނިޔަލް އައީ އޭނާއަށް ކަމެއް ވީ ކަމަށް ހީކޮށެވެ. އަމިއްލަ މިހާގެ ހަށިގަނޑުގައި އެޅި ވޭނަށްވުރެ ބޮޑަށް އޭނާގެ ދެލޮލުން ހާމަކޮށްދެމުން ދިޔައީ އާލާއަށްޓަކައި ފުރިހަމަ ލޯތްބާއި ރައްކާތެރިކަމެވެ. އެރޭ ދާނިޔަލް އޭނާގެ މައިންބަފައިންގެ ދިފާއުގައި ދެއްކި ވާހަކަ ހަނދާނަށް އައުމުން އާޅާގެ ހިތުގައި ދާނިޔަލްއަށްޓަކައި ދެވުނު ޤަދަރު މަތިވެގެން ދިޔައެވެ.
އާލާގެ ނުރުހުމުގައި އޭނާ ގައިގައި އަތް ނުލާނެކަމަށް ދާނިޔަލް ބުނީ ކެތްތެރިކަމާއި އެކުއެވެ. އެހެން އަންހެން ކުއްޖަކާއި އެކީ އެއް ކޮޓަރިއެއްގައި މިހާ ދުވަސް ވާއިރު އެގޮތަށް އުޅެވޭނީ ދާނިޔަލް ކިހާ ކެތްތެރިވުމުން ހެއްޔެވެ؟ އެންމެ ފަހަރަކުވެސް އޭނާ އާލާއަށް އުނދަގުލެއްވެސް ކޮށްފައި ނެތެވެ. އާލާއަށް ކަރުނައިގެ ތެރެއިން ހިނިތުންވެލެވުނެވެ. “އައިމް ސޮރީ ދާނިޔަލް..” ހިމޭންކަން ވެރިވެފައިވީ ކޮޓަރިތެރެއިން އެ ހިމޭންކަން ފޫދުއްވާލީ އާލާގެ މަޑު ނަމަވެސް ވޭނުން ފުރިފައިވި އަޑެވެ.
އެއްޗެއްގެ މުހިއްމުކަން އިނގޭނީ އެ އެއްޗެއް ބީވެދިޔުމުންނޭ ބުނާ ބަހުގެ ތެދުކަން އާލާއަށް މިއަދު ހަމަ ރަނގަޅަށްވެސް އިނގިއްޖެއެވެ. ދާނިޔަލް އޭނާއަށްޓަކައި ކޮށްދިން އެއްކަމަކަށްވެސް ޝުކުރވެރި ނުވެ ހުއްޓާ އޭނާއަށް ކުރިމަތިލާން ޖެހިފައިމިވަނީ ކޮންފަދަ ދުވަހަކާއި ހެއްޔެވެ؟ ދާނިޔަލް ދެކެ އޭނާއަށް ލޯބި ވެވިއްޖެ ކަމަށް އާލާގެ ހިތް ކެނޑިނޭޅި ބުނަމުން ދިޔަ ނަމަވެސް އަދިވެސް އެކަން ޤަބޫލުކުރަން އޭނާއަށް ފަސް ޖެހެވެނީއެވެ.
އެތަށް އިރެއް ވާންދެން އެގޮތުގައި އިން އާލާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. “ދާނިޔަލް.. އައިމް ސޮރީ.. އައިމް ރިއަލީ ވެރީ ސޮރީ.. އަހަންނަށް ވިސްނިއްޖެ މިއަދު ކުރިން ކުރެވުނު ކަންތައް.. އަހަންނަށް މާފުކުރޭ ދާނިޔަލް..” ދެކަކުލުގައި ބޯ އަޅާލަމުން އާލާ ބުނެލި އިރު އޭނާގެ އަޑު ވަނީ ކުރެހިފައެވެ. އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲއެވެ.
“އައި ލަވް ޔޫ..” ހިމޭންކަން ވެރިވެފައިވީ ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ އާލާގެ ހިތުގެ އަޑެވެ. އެންމެފަހުން އޭނާއަށް އެކަން ޤަބޫލު ކުރަން މަޖުބޫރު ވީއެވެ. ދާނިޔަލް އޭނާއަށް ކޮށްދިން ކޮންމެ ކަމެއްގައި ލޯތްބާއި އަޅާލުން އެކުވެފައި ވެއެވެ. މިއަދު އެކަން ޤަބޫލު ކުރެވި އޭނާއަށްވެސް ދާނިޔަލްދެކެ ލޯބި ވެވިއްޖެއެވެ. އެ ތެދުވެރި އަދި އިޚުލާސްތެރި ޒުވާނާ ދެކެ ލޯބި ވެވިއްޖެއެވެ. އެކަހަލަ ޒުވާނެއް ތިމާގެ ހާޔާތުގެ ބައިވެރިޔާއަށް ވާން ނޭދޭނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟
***
އަނދިރިކަން ވެރިވެފައިވީ ކޮޓަރިތެރޭގައި އިން ދާނިޔަލް އަށް ވިސްނެމުން ދިޔައީ އާލާއާއި މެދުއެވެ. އެފަކީރަށް މިމީހުން ކަމެއް ނުކޮށްފިއްޔާ ރަނގަޅެވެ. އާލާ ސަލާމަތުން ލެއްވުމަށް އެދި އެ ކުޑަ ވަގުތުކޮޅުގައިވެސް ދާނިޔަލް އެތަށް ފަހަރެއް މަތިން ދުޢާ ކުރިއެވެ. ދާނިޔަލްގެ ހަނދާނަށް ކުއްލިއަކަށް އައީ އިއްޔެ އާލާއާއި އޭނާއާއި ދެމެދު ހިނގި ކަންތަކެވެ. ތުން ކޮޅު އޫކޮށްލައިފައި އިންނަ އިރުވެސް އެ އަންހެން ކުއްޖާ އެހާ ލޯތްބެވެ. ދާނިޔަލްއަށް ހިނިތުން ވެލެވުނެވެ.
އޭނާ އާލާ ގާތު އާލާ ލޯބި ވާހަކަ ބުނީ ލަދުގަންނަވާލަން ނޫން ކަމުގައިވިޔަސް އެ އަންހެން ކުއްޖާގެ ދޮން ކޯތާފަތަށް އެރި ރަތް ކުލައިގެ ސަބަބުން ދާނިޔަލްއަށް އާލާ ދެކެ އިތުރަށް ލޯބި ވެވުނެވެ.
އާލާގެ އެފަދަ ކޮންމެ ސިފައަކީ އޭނާއަށް އާލާއާއި ގަޔާވެވޭ ސަބަބެކެވެ. ދާނިޔަލްގެ ހިތަށް މޮޅިވެރިކަން ވެރިވީ އޭނާއަށް ބުނެވުނު ބަހާއި ޚިލާފު ވެވުމުންނެވެ. އާލާގެ ނުރުހުމުގައި އޭނާ ގައިގައި އަތް ނުލާނެ ކަމަށް ބުނެފައި އިއްޔެ އޭނައަށް އެކަން ވެސް ކުރެވިއްޖެއެވެ. އާލާ އޭނާދެކެ އަންނާނެ ރުޅި ހިތަށް އެރުމުން ދާނިޔަލްގެ ހިތުގައި ރިއްސާލިއެވެ. މަރާލި ދެލޮލުން ފާއްދާލި ކަރުނަ އޭނާގެ ދޮން ކޯތާފަތުގައި ފޭދެމުން ގޮސް ވަކިވެގެން ދިޔައެވެ.
އާލާއަށް ވިސްނޭނީ ކޮން ދުވަހަކުން ބާވައެވެ؟ އޭނާ އާލާދެކެ ވާ މަތިވެރި ލޯބި އާލާއަށް އިޙުސާސް ވާނީ ކޮން ދުވަހަކުން ބާވައެވެ؟ އޭނާ އާލާ ދެކެ ކިތަންމެ ބޮޑަށް ލޯބިވި ކަމުގައި ވީނަމަވެސް އާލާ އޭނާދެކެ އަންނަނީ ރުޅިއެވެ. އޭނާދެކެ އާލާ ވަނީ ފޫއްސެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ދާނިޔަލްގެ ހިތް ކުދި ކުދިވެގެން ދެއެވެ. ކެތްތެރި ވެލަމުން ދާނިޔަލް އޭނާގެ ދެލޯ ހުޅުވާލިއެވެ. މާތް ﷲ ކޮންމެ ކަމެއް އެގޮތަކަށް މިންވަރު ކޮށްދެއްވުމުގެ ފަހަތުގައިވެސް ސަބަބެއް ވާނެއެވެ.
ކޮންމެ ކަމެއްވެސް ޙަޔާތުގައި ވާނީ ރަނގަޅަކަށެވެ. މާތް ﷲ އެމީހަކަށް ނުއުފުއްލޭނެ ވަރުގެ ބުރައެއް އެއްވެސް މީހަކަށް ނުޖައްސަވާނެއެވެ. އެމީހަކު ކުރަންޖެހޭނެ ކަމަކީ ހަމަ ކެތްތެރި ވެލުމެވެ. ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއް ކަނޑައެޅިފައި ވާއިރު އެކަމެއް ވާން ވުމުން އެ ވަގުތެއްގައި ވާނެއެވެ. އެހެން ކަމުން ދާނިޔަލް ކެތްތެރި ވާނެވެ. މާތް ﷲ އަށްޓަކައި އޭނާގެ ހިތުގައި ފުރިހަމައަށް އިތުބާރު އެބައޮތެވެ. އެކަލާނގެއީ އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ވީ އިރު އެކަލާނގެ ނިންމެވި ނިންމުމަކާމެދު ޝަކުވާކޮށް ސުވާލު އުފެއްދުމުގެ އެއްވެސް ޙައްޤެއް އޭނާއަކަށް ނެތެވެ.
ދާނިޔަލްގެ ނުތަނަވަސްކަން އިތުރުވީ އޭނާއަށް ނަމާދުވެސް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަތް އިރު ދެލޮލުން ކަރުނަތަށް އޮހޮރިގަތީ ހިތަށް ކުރި އަސަރަކުންނެވެ. އަވަހަށް އޭނާ އެތަނުން ސަލާމަތް ކޮށްދެއްވުން އެދި ދާނިޔަލް ﷲގެ ޙަޟްރަތުގައި ދުޢާ ކުރަމުން ދިޔައެވެ.
އިސްދަށަށް ޖަހާލައިގެން އިން ދާނިޔަލްއަށް ސިހުން ގެނުވީ ބައެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. އޭނާގެ އިސް އުފުލާލި ހިނދު ދާނިޔަލްގެ މޫނަށް ހައިރާންކަން ވެރިވުމާއި އެކީ ދެބުމަވެސް ގާތްވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





assalaamu a’laikum my dear readers.. 🙂 hurihaa kudhinge haalu kihineh? 🙂 al’hamdhulillaah miothee vaahakaige 34 vana bai up vefa.. ummeedhu kuran hurihaa kudhinnah ves mi part kamudhaane kamah.. 🙂 dhn kihineh vaanehen thikudhinnah heevanee? kon baeh baa e annanee dhw dhaaniyal gaathah.. hehe.. 🙂 mi part kiyaalaafa ves mistakes noor ah faahaga kohladhehchey ingey kudhin.. noor vrh ufaavaane eirah.. 🙂 jazakumullah khairan and LY all.. 🙂
Aal mamma and Maniku? Wowww varah reethi ♥️
Avahah up kohdhyba 🙁
masha allah sis. mi bai ves varah reethi.and sis thikuraa masakkathah varah bodah shukuriyya. may allah help you to get more and more intelligence
Yey me first right?? story v reethi
Oops sorry second dhw
Me third.?
Madha
Masha allah v reethi me part ves waitting
Varah reethi
Alheyyyyy. Yesss finallllyyyyy. Aalaa admitss she lovess dhaaan.!!! I’m so happpyyyyyyy?
Anehka kaakubaa e aiiii. Maniku kanneyge dhw. Ehnve ehnu eyna ehaa happy vefa huree. Alhey please dhaan ah dhera gotheh nuhadhahchey???
This part is also amazing as always. Ma sha allah. Can’tt waiitt for the next update. Anehka kaakubaa e fenuneeee.?
You are the best noor sis. Update kohdhehchey as soon as possible. Ly?
Mi part maa haasaru baa bodu kamah fahaga vey.
Manik kanneyge dho sis. Sis varah reethi mi vaahaka. Varah inthizaaru kurevey mivaahaka up vaane irakah.
Mi story ga lily ah v alhaiganey fanboa isthashi gandu innaathy… Lily ah heevany maa rythi vaanehen boafann isthashi gandu inihyaa.. ekam story hama ehvaney buneveyny… abadhuves hithah araa anehbai kiyaalan libeyny dhen khonirakun baaey… dhiinee bai bodah genesdhyfa hunnaathy v v kiyaahiyvey mi story… n mi story in v rangalhu ibratheh haasil vamun dhey.. ehenve v kiyaahiyvey.. Lily gabool kuraa gothuga thee v v molhu vaahak liyun therieh… thigothuga kuriah dheveytho balaa ingey… Miss n Luv u
Yahoo.. I waited so long for this moment.. aalaa finally admitted her feelings for dhaniyal ??
Curiously waiting for the nxt part.. keep it up dear
v reethi..umm….I think its maniku and shaziyya… curiously waiting for next part..sis avahah up kohllaathi..plss
Alheyyyy dhn miii vaahka ehaa avahah nunihmmahche.. dhaan ah kaafa, munii kaaafa kiyandhn vxx countinue kurahche plxxxx.. nooor nunimahche mii story???
Hurihaa part ehves dhigu kohleema varah nice??keep it up????
Oh noor miadhu adhi eh part up kurann dhw… Plx plx. Loabi loabi noor miadhu free viyya up kurahchey..love u
Manik and shaziyya tha eii
kihineh kon iraku Ishaan n riyaashaa merry kuree
Nxt part mireyy up kohdheeba plx plx plx…haadha reecheyy mi part..and vrh curious ebaveyyy
assalaamu a’laikum my dear readers.. 🙂 i’m really verry sorry.. Friday v hama hama bxy v.. in sha allah maadhan up kohladheynan.. mibunyy 17th ga up kohladheveytho try kohlaanamey, in sha allah.. maadhamaa ves ekam bxy vaane.. up nuviyyaamu ehn kamah balaa ingey.. i’m sorry readers..
Varah salhi mi part ves