Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 12

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 13, 2018 7 Mins Read
3 Comments

”ކެން، ކީއްވެތަ ހަޤީޤަތް ނޭގި އަހަރެންގެ ބޮލުގައި ތުހުމަތުތައް ތިއަޅުވަނީ؟… ފެންނަ ކޮންމެ މަންޒަރަކީ ތަދެއް ނޫން، ހަމައެއާއެކު އިވޭ ކޮންމެ އަޑަކީ ހަޤީޤަތެއް ވެސް ނޫން، އަހަންނަށް ނޭގޭ މިފޮޓޯ ދެއްކި މީހަކު މި ދައްކާފައި ކެން ގާތު ކިޔައިގެން ތިއުޅެނި ކީކޭކަމެއް… އެކަކަމު އަހަރެން މި ފޮޓޯތަކުގެ ހަޤީޤަތް ކިޔައިދޭނަން… ވިވިއަންމެން ތަނަކަށް ދާން ބުނެގެން އެމީހުންނާއެކު އަހަރެން ދިޔައީ، ދިޔައިރަކު އަހަންނަކަށް ނޭގޭ ދަނީ ބާރއެއްކަމެއް، ދިއުމުން އެނގުނީ ވެސް… އަހަރެން ވަގުތުން ބޭނުންވި ހޮޓެލަށް އަނބުރާ ދާން، އެކަމަކު އެއީ އަހަރެން އެކޮޅަށް ދިޔަ ފުރަތަމަ ދުވަސްކަމުން ރަގަޅަށް ތަންތަން ނޭގޭތީއާއި ހޮޓެލަށް އެކަނި ދާން ހަނދައިގެން ލަނޑެއް ލިބިދާނެތީ މަޑުކުރީ… ދައު ވެސް އެދުވަހު ބޮލުގައި ރިއްސާތީ ހޮޓެލުގައި މަޑުކުރީ… ހުވާކޮށްފައި މިބުނަނީ އަހަރެން ރަލެއްގައި އަތެއް ނުލަން، ނުވެސް ލާނަން… ފޮޓޯތަކުން ވެސް އެކަން ފާހަގަ ވާނެ… އެމީހުން އަހަރެންގެ ފޮޓޯތައް ނޭގީ ވެސް އަހަންނަށް ނޭގި… ކެން ޕްލީސް އަހަރެން މިދައްކާ ވާހަކަ ޤަބޫލުކުރޭ… އަހަންނަށް ކެން ކުރާ އިތުބާރުގެ ނާޖާއިޒު ފައިދާ އަހަަރެން ދުވަހަކު ވެސް ނުނަގާން، އޮޅުމެއްގެ ތެރޭން ވެސް ކެންގެ ހިތަށް އަނިޔާއެއް ލިބޭ ކަހަލަ ކަމެއް ނުކުރާނަން… އަހަަރެން ކެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ… ދިސް އިޒް ޖަސްޓް އެ މިސްއަންޑަސްޓޭންޑިންގް…”

ރޮމުންރޮމުން ތޫގާ ބުނެލިއެވެ. އޭނަގެ ކަރުނަތަކާއި ވޭނީ ގިސްލުންތަކުން ހިލަހިތެއްގެ ވެރިޔަކަށް ވެސް އަސަރުކުރުވާނެކަން ގައިމެވެ. އެހާ ވެސް އަސަރުގަދައެވެ. ރުކާންއަށް ވެސް އިރުކޮޅެއްވަންދެން ހިމޭނުން ހުރެވުނީ އެހެންވެއެވެ.

”އެންޑް ޔޫ އެކްޕެކްޓް މީ ޓު ބިލީވް ދެޓް؟… އެފަދަ އެކުވެރިންނާއެކު ތޫގާ އުޅެނީ ކީއްވެ؟…” ރުކާން ބުނެލިއެވެ. ތޫގާއަށް އެހާ ފަސޭހައިން އިތުބާރުކުރަން އޭނައަށް މިފަހަރު ދަތިވެފައިވިއެވެ.

”ކެން، އައި ސްވެއާރ ޓު ގޯޑް… އަހަރެން މިބުނަނީ ތެދު… އަހަރެން ރަލެއްގައި ދުވަހަކު އަތެއްނުލަން… ނުވެސް ލާނަން… ވިވިއަންމެންގެ ގޮތް އަހަންނާއި ދައުއަށް އެނގުނީ ވެސް އެފަހަރު… ކެންއަށް ވެސް އެނގޭނެ އަހަރެން ބޭރު ގައުމުތަކަށް ދަތުރު ކުރާއިރު އަބަދު ވެސް ދަނީ ދައުއާއެކީގަކަން… ދައުއަކީ ކިހާ އަހުލާޤު ރަގަޅު ދީންވެރި ކުއްޖެއްކަން ވެސް ކެންއަށް އިނގޭނެ…” ލޮލުން ކަރުނަ އޮހޮރޭ ހާލު ރުކާންގެ އަތުގައި ތޫގާ ހިފާލިއެވެ. އޭނަގެ ދެލޮލުގައި ވަނީ އާދޭހެވެ. އޭނަގެ ވާހަކަތައް ޤަބޫލުކުރުމަށް ރުކާންއަށް ބާރުއަޅާ ކަހަލައެވެ.

”އެހެންނޫނަސް އަހަރެން މީނީ އެފަދަ ކަމެއްގައި ޝާމިލު ވެވޭ ފަދަ ހާލަތެއްގައެއް ވެސް ނޫން… އައެމް ޕްރެގްނެންޓް…” ގިސްލުންތަކަކާއެކު ތޫގާ ބުނެލިއެވެ. އެޖުމްލައިން ރުކާންގެ މޫނުން ސިހުން ފެނުނެވެ. ތޫގާގެ ހިތުގައި ކާމިޔާބުގެ ވިންދު ޖަހާލީ ދިނެވެ. ދަނޑިވަޅުގެ ބޭނުން ހިފައި އަވަސްއަވަހަށް އަތްދަބަސް ތެރޭން އޭނަ ހެއްދި ޓެސްޓްތަކުގެ ނަތީޖާ ނަގައި ދައްކާލިއެވެ.

”އެކޮޅަށް ދިޔަ ދުވަހު މޯރނިންގް ސިކްނެސް ކަންތަކާ ހެދި ފުރަތަމަ ކިޓެއް ގަނެގެން ޓްސްޓް ހެދީ، އެކަމަކު ޔަޤީންކުރަން ހޮސްޕިޓަލަށް ގޮސްފަ ވެސް ޓެސްޓްތައް ހެދީ… އަހަރެން މި ނިއުސް ފޯނުން ކެންއާއި ހިއްސާ ނުކުރީ ޕާސަނަލީ ބުނަން ވެގެން… މިއީ ކިހާ ސްޕެޝަލްކަމެއްކަން އިނގޭތީ… އަހަރުމެންގެ ބޭބީއަށް ގެއްލުމެއް ވާނެ ފަދަ ކަމެއް އަހަރެން ކުރާނަންތަ؟… ތި ރިޕޯޓުގެ ޑޭޓާއި މި ފޮޓޯތައް ލާފައި ހުރި ދުވަހުގެ ޑޭޓް ބަލާބަލަ އޭރަށް އިނގޭނެ އަހަރެން މިބުނަނީ ތެދުކަން ވެސް… އަހަންނަށް އެނގޭ އެފަދަ މާހައުލެއްގައި އަހަރެން ހުއްޓާ ފެނުމުން ކެން ރުޅިއަންނާނެކަން… އެކަމަކު އެތާނގައި އެންމެ ސިކުންތަކަށް ވެސް ހުންނަން ކެތްނުވާނެތީ ވިވިއަން ގާތު ޕްރެގް ވާހަކަ ބުނެގެން ހޮޓެލަށް ދިޔައީ… ފަހުން އެމީހުން ވެސް މަޢާފަށް އެދުނު، އެކަމަކު އަހަަރެން އެމީހުންނަކަށް މަޢާފެއް ނުކުރަން… އެމީހުންގެ އަސްލު އެނގުނުފަހުން އެކުވެރިކަން ވެސް އިތުރަށް ކުރިއަށް ގެންދާކަށެއް ބޭނުމެއް ނޫން… އެފަދަ ވިޔާނުދާ އެކުވެރިންނާއެކު ހުރެވުނު ކަމަށްޓަކައި އަހަރެންގެ އިމޭޖް ވެސް ޚަރާބުވެގެން ދިޔައީ… އައެމް ސޮރީ…”

ރުކާންގެ ގައިގައި ބައްދާލަމުން ތޫގާ ބާރަށް ގިސްލައިގަތެވެ. އަތުގައި އޮތް ރިޕޯޓަށް ރުކާން ބަލާލިއެވެ. އޭގެ ނަތީޖާއަށް ބަލާލުމާއެކު އޭނަގެ ރުޅިވެރިކަމުގެ އަލިފާނަށް ހީވީ ފެންއަޅައި ނިއްވާލިހެންނެވެ. މެޔަށް ވެސް ފިނިކަމެއްގެ އިހުސާސްކުރެވުނެވެ. ހިތް ޖަޒުބާތުގެ ބާރު ގަދަ އޮއިގެ ތެރޭގައި ބެހިގެން ދިޔަ ހިނދު އޭނައަށް ތޫގާގެ ވާހަކަތަކަށް އިތުބާރު ކުރެވުނީ ކިހިނެއް ކޮން އިރަކުކަމެއް ނޭގެއެވެ. ތޫގާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުންް ގަމީސް ތެމި އޭގެ ފިނިކަން އިހުސާސްކުރެވުނު ހިނދު ރުކާންގެ ހިތަށް ތަދުވެލީ ތޫގާގެ ނާޒުކު ހިތަށް އަނިޔާ ދެވުނީތީ އެވެ. އަވަސްއަވަހަށް ތޫގާ ރުއްސަން އޭނަ އަވަސްވެގަތެވެ. އޭރު ތޫގާގެ ވާހަކަތަކުގެ އަވާގައި ޖެހި ރުކާންއަށް އަނެއްކާ ވެސް ތޫގާއަށް އިތުބާރުކުރެވެން ފެށުނެވެ.

ތޫގާގެ ތުންފަތަށް ވެރިވެގެން ދިޔައީ ފަތަހައިގެ ހިނިތުންވުމެކެވެ. އެހާ ފަސޭހައިން ރުކާންގެ ސިކުނޑިއާއި ކުޅެލެވުމުން އޭނަ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާކަމެއް ރުކާންއަށް އޮޅުވާލަން އޭނަ މަސައްކަތްކުރި ހިނދު ރުކާންއަށް އޭނަގެ ދޮގުތައް ފަޅާއަރާފާނެކަމުގެ ބިރު އެހިތުގައި އޮތެވެ. ނަމަވެސް ބާޒީ އޭނަ ބޭނުންވާ ގޮތަށް އަނބުރާލެވުމުން ތޫގާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ތޫގާ ވިވިންއާއެކު ބާރއަށް ދިޔައީ އޭނަ ބަނޑުބޮޑުކަން އެނގުމުން އެކަމުގެ އުފާފާޅުކުރާށެވެ. ނަމަވެސް އޭނަ ބޭނުންވާ ގޮތަށް ހަޤީޤަތް އަނބުރާލައިގެން ރުކާންގެ އިތުބާރު އަނބުރާ ލިބުމުން ތޫގާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.

ރުކާންއަށް ހަޤީޤަތް ފަޅާއެރިގޮތަކާ މެދު ވެސް ތޫގާއަށް ވިސްނާލެވުނެވެ. ރުކާންއަކީ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ މީސްމީޑިއާތަކަށް ޝައުޤުވެރިކަން ހުންނަ ޒުވާނެއް ނޫނެވެ. ބައެއްފަހަރު ރުކާންގެ އެނާތަހުޒީބު އާދައިގެ ސަބަބުން ތޫގާ ފޫހިވެސް ވެއެވެ. މީސްމީޑިއާގައި އެހެނިހެން ލޯބިވެރިން އެމީހުންގެ ލޯބި ދުނިޔެއަށް އިޝްތިހާރުކޮށް ސަޅިބައިސާކަނޑާ އުސޫލުން ކަންތައްކުރަން އޭނަ ވެސް ނުހަނު ބޭނުން ވެއެވެ. ރުކާން އޭނަ ލާ ފޮޓޯތަކަށާއި އަދި ފާޑުފާޑުގެ ޕޯސްޓްތަކުގައި އޭނަ ޓެގްކޮށް، ޚިޔާލުފާޅުކޮށް ލޯބިވާވަރު ބުނެދޭން ވެސް މެއެވެ. އޭނައާއި ރުކާންގެ ދެމެދުގައި އޮންނަ ފުރިިހަމަ ލޯބިން ހިތްތައް ހަސަދަވެރިކުރުވަން ވެސް މެއެވެ. ނަމަވެސް ރުކާންގެ ހުންނަ ބޯދާ ވިސްނުމާ ހުރެ މިހާތަނަށް ހާސިލު ނުވެވި އޮތް ހަމައެކަނި އުފަލަކީ އެއީ އެވެ.

ވިސްނަމުން ދިޔަ ތޫގާގެ ސިކުނޑީގެ ކަނަކުން އެލީނާގެ ނަން ގޮވާލިއެވެ. އެއާއެކު އޭނައަށް ހުރިހާކަމެއް ފަހުމު ވެއްޖެއެވެ. އެލީނާދެކެ ނުހަނު ރުޅިއައެވެ. އެވަގުތު ބަދަލު ހިފަން އޭނަ އަޒުމުކަނޑައެޅިއެވެ.

*****

އޮފީހަށް އަނބުރާ ދިއުމުގެ ކުރިން ރުކާން ތޫގާއާއެކު މެންދުރުގެ ކެއުމަށް ދިޔައީ ރަށުގައި ހުންނަ އެންމެ މަޝްހޫރު ރެސްޓޯރެންޓަށެވެ. ރުކާން ތޫގާގެ ހިދުމަތުގައި އުޅުނު ގޮތުންނާއި އެމޫނުމަތިން ފެންނަމުން ދިޔަ އިންތިހާ ދަރަޖައިގެ އުފާވެރިކަމުން މީގެ އިރުކޮޅެއް ކުރިން ތޫގާއާއި ކުރެވުނު ޒުވާބު ހަނދާނެއް ވެސް ނެތް ކަން ހާމަވެއެވެ. ލިބުނު އުފާވެރި ޚަބަރެއްގެ ސަބަބުން އޭނަގެ މުޅި ޠަބީއަތު ބަދަލުވެއްޖެއެވެ. އެއުފާވެރި ޚަބަރު އަޑުއަހަން އޭނަގެ ކަންފަތް ބޭޤަރާރުވެފައިވާތާ ކޮން ދުވަހެއް ހެއްޔެވެ؟ ދެއްވި މަތިވެރި ނިޢުމަތަށް މާތްﷲއަށް އެތައް ފަހަރެއްގެ މަތީން ހަމްދުކުރެވުނެވެ.

*****

ތޫގާ ގެއަށް ލާން އައިސް މެދުރުފަހު އޮތް މީޓިންގް ނިންމާލުމަށް ފަހު ގެއަށް އަންނާނެ ވާހަކަ ރުކާން ބުނެލިއެވެ. އަދި އޭނަ އައިސް ގޭގެ އެންމެނަށް ތޫގާ ބަލިވެއިން ކަމުގެ އުފާވެރި ޚަބަރު ހިއްސާކުރާނެކަން ވެސް ބުންޏެވެ. އެއަށްފަހު އޭނަ ކާރު ދުއްވާލީ ފުރިހަމަ ހިނިތުންވުމެއް ތޫގާއަށް ހަދިޔާ ކުރަމަށްފަހުއެވެ.

ހިނިތުންވުމަކާއެކު ގޭޓުން ކާރު ނިކުތް މަންޒަރު ބަލަން ހުރި ތޫގާގެ ހިނިތުންވުން ކުއްލިޔަކަށް ފަނޑުވެގެން ދިޔަ އެވެ. އަވަސް ހަރަކާތްތަކާއެކު އަތްދަބަސް ތެރޭ އޮތް ފޯނު ނަގައި ވިވިއަންއަށް ގުޅާލިއެވެ.

”ހަމަ މިހާރު ލާފަ ހުރި ފޮޓޯތައް ޑިލީޓްކުރޭ!، ކަލޭ ކީކޭ ހިތަށް އަރައިގެންތަ އަހަރެންގެ ހުއްދައާ ނުލާ އެފޮޓޯތައް ލީ!، އަދި ގަމާރުކަލޭގެ ލީ އިރު ވެސް އެނގުނީ މުޅި ދުނިޔެއަށް ފެންނަ ގޮތަށޭ ލާން!…” ވިވިއަންއާއި ދިމާއަށް ހަޅޭއްލަވައިގަތުމަށްފަހު ތޫގާ ފޯނު ކަނޑާލިއެވެ. އޭނަ ދެން ދިމާކޮށްލަން ގަސްދުކުރީ އެލީނާ އާއެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އޭނަ ފިޔަވަޅުތައް މަޑު ޖައްސާލިއެވެ. ރުކާންއަށް އެންގި ފަދައިން މިހާރު ގޭގެ އެންމެނަށް ނާންގާކަމެއް ވެސް ނޭގެއެވެ. އޭނަގެ ހިތުގައި ހާސްކަމެއް ވިއެވެ. ހަމަލާ ދިނުމުގެ އުކުޅު މިފަހަރު ބަދަލުކޮށްލަން ތޫގާ ވިސްނާލިއެވެ. މިފަހަރު އޭނަ ދޫކުރާނީ އެލީނާއަށް ހިތުން ނުފިލާނެވަރުގެ ބޮޑިއެއް ދީފަ އެވެ.

އެތެރެއަށް ވަންނަން ހިނގައިގަތް ތޫގާއަށް ހުއްޓެވުނީ އޭނަގެ ފޯނު ރިންގްވާން ފެށީމައެވެ. އޭނައަށް ގުޅަނީ މަންމައެވެ. ފުންނޭވާއެއް ދޫކޮށްލަމުން ހިނިތުންވުމަކާއެކު އަޑަށް އޮމާންކަން ގެންނަމުން ތޫގާ ފޯނަށް ޖަވާބު ދިނެވެ.

”ދަރިފުޅާއި ރުކާންއަށް މެންދުރު ކެއުމަށް ދައުވަތު ދޭން މަންމަ މި ގުޅީ…” ބަސްމާ ބުނެލިއެވެ.

”އަޅެ މަންމާ، ތަންކޮޅެއް ކުރިން ބުނެލިނަމަ، ރަށަށް އާދެވުނު އިރު ހައިވެފަ ހުރިވަރުން ރުކާންއާ ދެމީހުން ރެސްޓޯރެންޓަށް ގޮސް ކައިގެން މިއައީ ހަމަ ދެންމެ… މިހާރު މަންމަ ދައުވަތު ދިނީމަ ހިތަށް އެބައަރާ ބޭރުން ނުކެވުނު ނަމައޭ…” އަޑަށް ހިތާމަވެރިކަން ގެންނަމުން ތޫގާ ބުނެލިއެވެ. ”ކޮންމެހެންވެސް މިރޭ ދާނަން ޑިނާރއަށް…”

”އެއީ އެވަރު ކަމެއް ނޫނޭ، މަންމައަށް ވެސް ލަހުން ދަޢުވަތު ދެވުނީމަ އެހެން އެވީ… މިރޭ އަޔަސް އެންމެ ރަގަޅޭ… މަންމަ އެބައޮތް ދަރިފުޅު ގާތު ވާހަކައެއް ދައްކަން ވެފައި ވެސް…” ބަސްމާ ބުނެލިއެވެ.

”އަހަރެން ވެސް އެބައޮތް މަންމައަށް ސަޕްރައިޒެއް ދޭން ވެފައި… ބައްޕަ ވެސް ހުންނާނެ ދޯ މިރޭ ގޭގައި؟…” ތޫގާ ވާހަކަދެއްކި އިރު މާއީ މަތިން އޭނަ ހަނދާނެއް ނެތް ފަދައެވެ. ނޫނީ ގަސްދުގައި އަޅާނުލީއެވެ.

*****

އެލީނާގެ ކޮޓަރިއަށް ވަން ތޫގާއަށް އެނދުގައި އުޑުން އޮށޯވެލައިގެން ވާހަކަ ފޮތެއް ކިޔަން އޮތް އެލީނާ ފެނުމާއެކު ގޮވާލިއެވެ. ވާހަކައިގެ ދުނިޔޭން ނިކުންނަން ޖެހުމުން އެލީނާ ބަލާލީ ހިތްހަމަނުޖެހުމާއެކުގައެވެ. ތޫގާ ފެނުމުން ވާހަކަ ފޮތް އެނދުމައްޗަށް ދޫކޮށްލަމުން އޭނައަށް އަވަސްއަވަހަށް އެނދުން ތެދުވެވުނެވެ. ތޫގާގެ މޫނުން ފެނުނު ރުޅިވެރިކަމުން ދޮންބެއާއި ދެމީހުންގެ ދެމެދުގައި ޒުވާބުގަނޑެއް ހިނގައިފިކަން އެލީނާއަށް ނަގައިގަނެވުނެވެ. އެޒުވާބު ދިޔައީ ކިހިނެއްބާއޭ އޭނައަށް ހިތާއި ސުވާލުކޮށްލެވުނެވެ.

”ކޮބާތަ އެލީނާގެ މައްސަލައަކީ؟… އެފަދަ ކަމެއް ރުކާންއަށް އެންގި އިރު އެއްފަހަރު ވެސް ހަޤީޤަތް ހޯދުން މުހިންމުމަކަށް ނުވީ ކީއްވެ؟، ދެމަފިރިއެއްގެ ދެމެދުގައި މައްސަލަ ޖައްސަން މަސައްކަތްކުރީ ކީއްވެތަ؟… އަހަރެން ދުވަހަކު ވެސް އެލީނާގެ ފަރާތުން ތިފަދަ ކަމެއް ފެނިދާނެ ކަމަކަށް އުއްމީދެއް ނުކުރަން… އެލީނާ ކޮންމެ ދުވަހަކު ހަވީރު ގެއިން ބޭރަށް ގޮސް ކުރާ ކަންތައް އަހަރެން މަންމަމެންނަށް ކިޔައިދީފިއްޔާ ވާނީ ކިހިނެއް؟، އަހަރެންގެ ރަގަޅުކަމުން މިހުރިހާ ދުވަހު ހިމޭނުން ހުރީ، ގޭގެ މަސްލަހަތަށް ޓަކައި ވެސް ނުފެންނަ ކަމަށް ހަދައިގެން އުޅުނީ އެކަންތައް އިސްލާހުކުރަން އެލީނާއަށް ފުރުސަތު ދޭން ބޭނުން ވެގެން… އެކަމަކު އެލީނާ ތިކުރި ކަމަކުން އަހަރެން ދެން ހިމޭނުން ނުހުންނާނަން، މުޅި ޢާއިލާ ތެރޭގައި އަހަރެން ބަދުނާމުކޮށްފައި ތިހުރީ…” ތޫގާ ބުނެލިއެވެ. އޭނަގެ ރާގުން ހީވަނީ އެލީނާއަށް ކުރެވުނު ކަންތަކުގެ އިލްޒާމު ނަގަން މަޖުބޫރުކުރުވާ ހެންނެވެ.

”ދޮންބެދައްތަ ހީކުރަނީ އަހަރެން މީ ދޮންބެދައްތަ ކަހަލަ މީހެއްކަމައްތަ ފެންނަ ހުރިހާ މީހުން ގާތު ވާހަކަތައް އުފުލަމުން ދުވަން… ދޮންބެ ފިޔަވާ އިތުރު މީހަކަށް އަހަރެން އެފޮޓޯތަކެއް ނުދައްކަން… ދޮންބެއަށް ދެއްކީމަ އެކްޝަން ނަގާނެކަން އިނގޭތީ… ތީ ދޮންބެގެ އަންހެނުން، އެހެންވީމާ އެކަމެއް ހައްލުކުރަން އެކްޝަން ނަގަންްް ޖެހޭނީ ވެސް ދޮންބެ… ގޭގެ އިތުރު ބަޔަކު އެކަމުގައި ޝާމިލުވާކަށް ނުޖެހޭނެ… ދެން އަހަންނަށް ބިރު ދައްކަން ތިއުޅޭވަރުގެ ކަމެއް އަހަންނަށް ކުރެވިފައެއް ނޯންނާނެ…” ތޫގާ އޭނަގެ ބޮލުގައި އެޅުވި އިލްޒާމުތަކުން އެލީނާ ރުޅިއައެވެ. ވަގުތުން އޭނަ ތޫގާއާއި ކުރިމަތިލިއެވެ. ތޫގާ ހީކުރަނީ އޭނައަކީ ކާކު ކަމަށް ހެއްޔެވެ؟ ތިމާ މީހާ ފިޠުނަ އުފައްދަމުން ދުވާއިރު އެހެނިހެން މީހުންނަކީ ވެސް އެކަހަލަ މީހުން ކަމަށް ހީކުރަނީ ހެއްޔެވެ؟ އޭނަ ބޭނުންވިނަމަ ދޮންބެ އެދުނު ފަދައިން އެކަންތައް ސިއްރުނުކޮށް މަންމައަށް އެފޮޓޯތައް ދައްކައި މައްސަލަ އިތުރަށް ހޫނުކޮށްލެވުނީހެވެ. ނަމަވެސް އޭނަ އެފަދައިން ކަންތަކެއް ނުކުރެއެވެ.

އެލީނާގެ ޖުމްލައިން ތޫގާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރުކާން ފިޔަވާ އިތުރު މީހަކަށް އެފޮޓޯތައް ނުފެނުނީތީއެވެ. ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލެވުނީ އެހެންވެއެވެ.

”ގޯސްކަމެއް ކުރެވިފައި ނެތްތަ؟، އެކުވެރިންނާއެކު ބުރުޖަހަންށޭ ކިޔާފައި ދަނީ މިއުޅޭ ޕާޓޭ ސަލީމާއެކު ރަށުގެ ފަޅު ހިސާބުތަކަށް ކަން އަހަންނަށް އެނގެޔޭ، ދައުއަށް ފެނިގެން އޭނަ އަހަރެން ގާތު ބުންޏޭ… އަހަރެން ރުކާން ގާތު އެވާހަކަ ނުބުނެ ހުރީ އެލީނާއާއި ވާހަކަ ދައްކައިގެން އެކަންތައް އިސްލާހުކުރަން ބުނަން… އެކަމަކު ދެން އަހަރެން ނުހުންނާނަން އެއްޗެއް ނުބުނެ… އެލިނާގެ ކަންތައް މިހާރު މާމައްޗަށް ގޮސްފި!…” ތޫގާ ދިނީ އިންޒާރެކެވެ. އޭނަ އިންޒާރު ދިނަސް ކޮންމެހެން އެކަންތައް ވަގުތުންވަގުތަށް ރުކާންއަށް ކިޔާދިނުމުގެ ވިސްނުމެއް ނެތެވެ. ރަށުތެރެއަށް ފެތުރޭ އަޑުތަކުން މަންމައާއި ރުކާންގެ ކަންފަތަށް އެއަޑު އިވުމުން މާ ފޯރި ގަދަވާނެތީއެވެ. އޭރުން އެލީނާދެކެ ޢާއިލާ ހުރިހާ މެންބަރުން އަންނަ ރުޅިގަނޑު ވެސް ގަދަވާނެއެވެ. އެންމެން އެލީނާ ބާކީ ކުރާނެކަން ވެސް ގައިމެވެ. އޭރުން އޭނައަށް ލިބޭނެ މަންފާތައް ބައިވަރެވެ. އެލީނާއަށް ޢާއިލާގެ މެންބަރުން ދޭ ސަމާލުކަމައި ލޯބި ދެން ލިބެން ފަށާނީ އޭނައަށެވެ. އޭނަ އެބޭނުން ހާސިލު ނުކުރެވިގެން އުޅޭތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ.

އެލީނާގެ މެޔަށް ފިނިވިއެވެ. ހިތުގެ ތެޅުން ވެސް އަވަސް ވިއެވެ. ދެލޯބޮޑުކޮށްލައިގެން ތޫގާއަށް ބަލަން ހުރެވުނެވެ. އޭނަ ސަލީމާ ރައްޓެހިވެގެން އުޅެނީ ވަރަށް ވެސް ސިއްރުންނެވެ. ބައްދަލުކުރަން ދެނީ ވެސް ވަރަށް ވެސް ވިސްނާފައެވެ. ނަމަވެސް ތޫގާއަށް އެހުރިހާކަމެއް އެނގުމުން އޭނަ ހައިރާން ވެސް ވިއެވެ. ތޫގާ އޭނައަށް ފާރަލަނީ ހެއްޔެވެ؟ ތޫގާގެ މަޤުސަދަކީ ކޮބާ ހެއްޔެވެ؟

އެލީނާގެ ހިތް ބިރުވެރިކަމުން ވަށާލިއެވެ. މަންމައަށް އެކަންތައް އެނގިއްޖެއްޔާ އޭނަގެ ދުވަސް ދާނެއެވެ. ބައްޕަ ވެސް އެހާ ރުޅި އަންނާނެއެވެ. ދޮންބެ ކަންތައް ކުރާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ތޫގާގެ އިންޒާރުތަކާއެކު އެލީނާއަށް ހިންދިރުވާލެވުނެވެ. ކުޅެވުނީ އަލިފާނާކަން އޭނައަށް ރޭކާލީ ދެނެވެ. އޭނަ އަވަސްވެގަތީ މަޢާފަށް އެދުމަށެވެ. އަދި ސަލީމާއި އޭނަގެ ގުޅުން ސިއްރުކޮށްދިނުމަށް އެދި އާދޭސްކުރުމަށެވެ.

އެލީނާ ތަޅުވާލަން ވެގެން ތޫގާ ކޮޓަރިން ނިކުންނަން އެނބުރިލިއެވެ. އެއާއެކު ވައިސޫރިއެއްހެން އައިސް ތޫގާ ކުރިމައްޗަށް އެލީނާ ހުއްޓުނެވެ. އެލީނާގެ ފަރާތުން ފެނުނު ހާސްކަމާއި ބިރުވެރިކަމުން ތޫގާއަށް އެތެރެއިން ހިނިތުންވެލެވުނެވެ.

”ޕްލީޒް މަންމަމެން ގާތު ނުބުނޭ… އަހަރެން ދެން ސަލީމާ ބައްދަލެއް ނުކުރާނަން… ޕްލީސް… އަހަރެން ދޮންބެދައްތަގެ ފޮޓޯތައް ވެސް ދޮންބެ ފިޔަވާ އިތުރު މީހަކަށް ނުދައްކަމޭ… އަހަންނަށް ކުރެވުނު ކަންތަކަށް މަޢާފަށް އެދެން…” ދެއަތްތިލަ ޖޯޑުކޮށްލަމުން އެލީނާ އާދޭސް ކުރިއެވެ.

”އެލީނާ ކުރި ކަންތަކުން ރުކާންއާއި އަހަންނާ ދެމެދު ބޮޑު މައްސަލަގަނޑެއް ނުޖެހުނީ ހަމަ ކިރިޔާ، ދެން ވެސް ހަޤީޤަތެއް ނެތް ވާހަކަތައް މީހުން ގާތު ނުދައްކާތި، އެފޮޓޯތައް ދެއްކުމުގެ ކުރިން އެއްފަހަރު ވެސް ލޮލަށް ފެންނަ މަންޒަރަކީ ތެދަކަށް ނުވެދާނެއޭ ހިތަކަށް ނާރުވަންތަ؟… އެފޮޓޯތަކުގައި އަހަރެން ވިޔަސް އެއިން އެއްވެސް ކަމެއްގައި އަހަރެން ބައިވެރިއެއް ނުވަން، އެތަނަށް އަހަރެން ގެންދެވުނީ ވެސް އަހަންނަށް ނޭގި އަދި އެފޮޓޯތައް ވެސް ވިވިއަން ނަގާފައި ހުރީ އަހަންނަށް ސިއްރުން… އަހަރެންގެ ރަގަޅުކަމުން މިފަހަރު އެލީނާއަށް މަޢާފުމިކުރަނީ… ދެން ތި ސާލިމާ ބައްދަލު ނުކުރާތި…” ތޫގާ އޭނަގެ ކުށެއް ނެތްކަން ހާމަކުރަން ރުކާން ގާތު އެމުނާލި ބަނދިވަރު އެލީނާ ގާތު ވެސް ތަކުރާރުކުރި އެވެ. އަދި ސާލިމާ ބައްދަލުނުކުރަން ބުނެލީ ކޮންމެހެން އެލީނާއަށް ހެޔޮއެދިގެނެއް ނޫނެވެ.

އެލީނާ ވަގުތުން ބޯޖަހާލީ ދެން އިތުރަށް ސަލީމާ ބައްދަލު ނުކުރާނަން ކަމަށް ވަޢުދުވަމޭ ބުނެލަމުންނެވެ. އެއީ ކަނޑައެޅިގެން ދޮގެއްކަން ތޫގާއަށް އެނގުނެވެ. ޒުވާން ފުރައިގައި އަލަތު ލޯބީގައި ޖެހުމުން ހުންނާނީ ދީވާނާ ވެފައެވެ. އެލީނާގެ ހާލަކީ ވެސް އެވެ. ދެން އިތުރަށް ސަލީމާ ބައްދަލުނުކުރާނަމޭ އެބުނީ ހިތުން އޭނައަށް އޮޅުވާލުމުގެ ނިޔަތުގަ އެވެ.

ކޮޓަރިން ނިކުންނަން ދިޔަ ތޫގާ އޭނަގެ މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިކޮޅުތައް ކަންފަތުގައި އަޅުވާލަމުން މަކަރުވެރިކަމާއެކު ހިނިތުންވެލީ ކުރިއަށް އޮތް ދުވަސްތަކުގައި އެލީނާއަށް ވާނެ ގޮތް ހިތަށް ތަސައްވަރު ކުރެވުމުންނެވެ. އޭނަގެ ދިރިއުޅުމަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ހިތިރަހަ މިފަހަރު އެލީނާގެ ކަރުގައި އޭނަ ލައްވާނެ އެވެ. އެކަމަށް ބޭނުންވަނީ ވަގުތެވެ. ރަށުގައި ޚަބަރު އުފުއްލާ ވަސީލަތަކަށް އެހޫނު ބޮން ވައްޓާލުމާއެކު ފަތުއަޑުކިޔާފައި ރަށު ތެރެއަށް ފެތުރިގެންދާނެ އެވެ. އެހާހިސާބުން އޭނަ ހުންނާނީ ކުޅިވަރު ބަލަންށެވެ.

*****

ޢަޞްރު ނަމާދުން ފޭބި މާއީ ގޮސް ގޭގެ މެދު ގޯތީގައި ހުރި އަނބުގަހުގައި އެލުވާފައި އޮތް އުނދޯލީގައި އިށީނެވެ. ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް ކޮކާއަލިވަރު ދީފައި އޮތް އިރު ޖެހެމުން އަންނަ ތާޒާ ރޯޅިތަކާއެކު މަލުގެ މީރުވަހުން ސިކުނޑިއަށް އާރޯކަން ގެނެސްދެ އެވެ.

އުނދޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން މާއީ މަޑުމަޑުން އުނދޯލި ހެއްލަން ފެށިއެވެ. އޭރު އޭނަގެ ނަޒަރު އަމާޒުވެފައި ވަނީ ރޯޅިތަކާއެކު ހަރަކާތްކުރަމުން ދިޔަ އަނބުގަހުގެ އޮފިތަކަށެވެ. އެމަންޒަރު ބަލަން އޮތްކަމުގައި ވިޔަސް އޭނަގެ ސަމާލުކަން ދެވިފައިވަނީ މުޅިން އެހެންކަމަށެވެ. ވިސްނަމުން ދިޔަ ކަންތަކާ ދުރުވެލަން ވެސް އޭނަ ބޭނުން ވިއެވެ. ނަމަވެސް ނޭގޭ ދަމާ ބާރަކާ ހުރެ އެކަމެއް ހާސިލެއް ނުވި އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ފާފައިގެ ފޭރާން ލާކަށްނުރުހެވޭނެއެވެ.

Next

ދުޢާ 33

Next
November 13, 2018

ދުޢާ 33

Previews
November 13, 2018

ފާފައިގެ ފޭރާން ލާކަށްނުރުހެވޭނެއެވެ.

3 Comments!

  1. Aisha says:
    November 13, 2018 at 11:56 pm

    Nice..
    Plss upload soooon

  2. Shai says:
    November 13, 2018 at 11:57 pm

    Hi
    vaahaka vvv salhi vaa
    hiiyvaro kollahehthi
    love ya??❤️❤️❤️❤️

  3. reader says:
    November 28, 2018 at 1:44 pm

    V salhi. Kobaatha maai. Maai ehen meehakaa inaane gothe thi story ga Hama jasaba . Eyrun kihaa salhi vaane

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 13←


All Right Reserved!