މާފްކުރާށޭ ކަލާ 2
އެވަގުތު މުޅި ކާއިނާތުވެސް ހުއްޓިގެން ދިޔަ ކަހަލައެވެ. ގުޑިލާންވެސް ނޭނގިފައި އަޔާންއަށް ހުރެވުނީ ބަލާށެވެ. ނުދަންނަ މީހެއް ކުއްލިއަކަށް އައިސް އަތުގައި ހިފުމުން އަޔާން އަކަށް ހައިރާނެއްނުވެވުނެވެ. ސުވާލެއްވެސް ނުކުރެވުނެވެ.
“ކުޅަދުންވަންތަކަމާއެވެ.” އަޔާންގެ ހިތަށް އަރައި ފައިބަމުން ދިޔަ އިޙްސާސްތައްވެސް ދުލާ ހަމައަށް އަންނަން ނުކުޅެދިފައިވާ ކަހަލައެވެ.
“ސޮރީ. އަސްލުވީގޮތަކީ…..” ކުރިމަތީގައިހުރި އަންހެންކުއްޖާގެ ވާހަކަ މެދުކަނޑާލަންޖެހުނީ އަޔާންގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފެނިފަ އެވެ. ހައިރާންވެފައި ހުރެ އޭނާގެ ބޮޑު ދެލޯ އަޔާންގެ މޫނަށް ހުއްޓާލައިގެން ހުރީ އަޔާން އޭނާ ދަންނަ ކަމަށް ހީކޮށެވެ.
“ދަހާ ދަންނަންތަ؟ ތިހާ ލޯބިން ތިހީލީ.” ދަހާ އަޑުގައިވަނީ ސީރިއަސްކަމެވެ.
“ދަހާ.” އަޔާން ހިތާހިތާ އެނަން ކިޔާލިއެވެ. އަދި މަޑުމަޑުން ދަހާއާ ގާތަށް ޖެހެން ފެށިއެވެ. ދަހާ އަޔާންގެ މޫނަށް ބަލަމުން ފާރުގައި ލެގިލިއެވެ. އެއްވެސް ހާސްކަމެއް ނެތިއެވެ. ދަހާއަށް ހީވީއެވެ. އަޔާންއަށް ދަހާއަކީ ކާކުކަން އެނގެއެވެ.
އަޔާން ދަހާގެ މޫނާއި ކައިރިވެލަމުން ސީދާ ދަހާގެ ލޮލަށް ބަލާލިއެވެ. މީ ދުވަހަކު އަންހެންކުއްޖެއް ފެނިގެން އަޔާންއަށް ވީގޮތެއްނޫނެވެ. މަގުމަތީގައި ދުއްވަމުންދާ ވެހިކަލްތަކާއި ހިނގާފައިދާ މީހުން އުޅޭ ކަމެއްވެސް އަޔާންއަކަށް އިހްސާސެއް ނުވެއެވެ.
“މިތާގައިތަ ހުރިހާ ކަމެއް!!؟؟!!” މިފަހަރުވެސް ދަހާގެ ވާހަކަ މެދުކަނޑާލަން ޖެހުނެވެ. އަޔާންގެ ފޯނުގެ ރިންގުގެ އަޑަށެވެ. ސިހިފައި އަޔާންވެސް ދަހާއި ދުރަށްޖެހިލިއެވެ. ފުން ނޭވާއެއް ފަޒާގެ ތޭރެއަށް ދޫކޮށްލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“އަޔާން. ކޮބާތަ ޑޫޑް. ކައިވެނިކޮށްދޭ މީހުންވެސް އައިއްސި މިހާރު.” އެކޮޅުން އިވުނީ ފާލިހްގެ އަޑެވެ.
“މިދަނީއޭ. ވަރަށް ކައިރީގައޭ މިހުރީ.” އަޔާން ބޭނުންވީ ފޯނުކޯލް ކުރުކޮށްލާށެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރުނީ ދަހާ އެތަނުގައި ހުރިކަމަށެވެ. ވަގުތުން އަޔާންގެ މޫޑު އޯފް ވެއްޖެއެވެ. އަވަސް ހިނގުމެއްގައި ގޮސް ކުރިމަތީގައި އޮތް ގޯޅީގެ އެކިދިމަދިމާއަށް ނަޒަރު ހިންގަންފެށިއެވެ.
“ޝިޓް..ޝިޓް…ފާލިހަށްވެސް ގުޅަން އެނގުނީ މިގަޑީގައި ވިއްޔާ. އަޅެ. ގުޅޭނެ ނަމްބަރެއްވެސް ނުލިބެނީސް ވިއްޔަ އެދިޔައީ.”
ފާލިހްއަށް ކުދި ކިޔަމުން އަމިއްލަ މީހާގެ މޮޔަ ކަމާމެދު އަޔާން ލަދުގަތެވެ. އަވަސް އަވަހަށް ކާރެއް ހުއްޓުވުމަށްފަހު އަޔާން މިސްރާބުޖެހީ ނަސަންދުރާއާއި ދިމާއަށެވެ.
އަޔާން އަށް ދެވުނުއިރު ކައިވެނީގެ ކަންތައްނިމި ޕާޓީ ކުރިއަށްދަނީއެވެ.
“އާދެވިއްޖެ ދޯ. އަނެއްކާ މަގުމަތި އެޅީތަ!؟” ފާލިހް ހުރީ ޢަޔާން ނުފެނިގެން ކަހަލައެވެ. އަޔާން އެއް މިޔަކަނުން ހީލަމުން ދެމީހުންނާއި ސަލާމްކޮށްލިއެވެ.
އެހެން މެހެމާނުންނަށް ޖާގަ ދެމުން އަޔާން އެއްފަރާތެއްގައި ހުރި މޭޒެއްކައިރީގައި މަޑުކޮށްލިއެވެ. އޭރުވެސް އަޔާންގެ ބޮލުތެރޭގައި އެނބުރެމުންދަނީ ދަހާ ގެ ޚިޔާލުތަކެވެ. އޭނާ ބޭނުންވަނީ އެކަނި އިނދެ ދަހާ ގެ ޚިޔާލުތަކުގައި ގެބިގެންދާށެވެ. އެކަމަކު ފާލިހްގެ މިހާ ޚާއްސަ ރެއެއްގައި ބައިވެރިނުވެ ގެޔަށްދާކަށްވެސް ނުކެރޭނެއެވެ.
ވަގުތުތައް ގުނަގުނާ ހުރި އަޔާން އަށް އޭނާގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ ފާލިހް އައިސް އަޔާންގެ ކޮނޑުގައި އެތިފަހަރެއް އަޅާލުމުންނެވެ. ވީތަދުން އަޔާންއަށް ތެޅިގަނެވުނެވެ.
“އަޔާން. ކިހިނެއްވެފަތަ ތިހުންނަނީ؟ ކާއެއްޗެއްވެސް ނުކައި! ދުރުދުރުގައި އެކަނިމާއެކަނި. ތި ވެގެންއުޅޭ ގޮތެއް ބުނެބަލަ!”
ފާލިހް ހުރީ އަޔާންގެ މޫނުމައްޗަށް އަރައި ފައިބަމުންދާ ކުލަތަކަށް ބަލާށެވެ.
“ކަމެއްނުވޭ.” އަޔާންގެ ޖަވާބު ކުރެއެވެ. ދަހާގެ ވާހަކަ އެއްވެސް މީހަކާއި ހިއްސާ ކުރަން އަދި އޭނާ ބޭނުންނުވަނީއެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އަޔާންއަށްވެސް އެނގެނީ އެއީ ދަހާ ކަމެވެ. ކޮންތާކު އުޅޭ ކާކުކަމެއްވެސް އޭނައަކަށް ނޭނގެއެވެ.
“އަޔާން. މިހާރު ޕާޓީވެސް މިނިމެނީ. ހިނގާބަލަ އެއްޗެއް ކާލަން.” އަޔާންގެ އަތުގައި ހިފައި ދަމަމުން ފާލިހް ހިނގައިގަތެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަޔާންވެސް ފާލިހް އާއިއެކު ހިނގައިގަތެވެ.
“މަރުޙަބާ ދެކުދިން.” ފާލިހް އާއިއެކު ގޮސް މަލަކާ ކައިރީގައި މަޑުކޮށްލަމުން ހިތްގައިމު ހިނިތުންވުމެއް ދެމުން އަޔާން ބުނެލިއެވެ.
“އާދޭ ފޮޓޯ އެއް ނަގަން.” އަޔާންއަށް ޝުކުރުއަދާކުރަމުން މަލަކާ ބުނެލިއެވެ.
ޕާޓީ ނިމި ފާލިހްއާއި މަލަކާ އެދެމީހުންގެ އަލަތު ކައިވެނީގެ ރޭ ހޭދަކުރުމަށް ހަމަޖެހިފައިވާ ރިސޯޓްއަށް ހިނގައްޖެއެވެ. ދެފަރާތުގެ އާއިލާގެ ހެޔޮ ދުޢާތަކާއިވެސް އެކުގައެވެ.
ހުރިހާ އެންމެން ރޭގަނޑުގެ އަރާމު ނިދީގައި ކުލަ ހުވަފެން ބަލަމުންދާއިރު އަޔާން ހުއްޓިލައިގެން ހުރީ ދަހާ އާއި ދިމާވި ގޯޅި ކަންމަތީގައެވެ. ކޮންފަދަ މޮޔަ އިންސާނެއް ހެއްޔެވެ؟ ނުވެސް ދަންނަ އެގޮތް ނޭނގޭ އަންހެންކުއްޖާއަށްޓަކައި އޭނާގެ އަރާމު ނިދިކޮޅުވެސް ނަގާލަނީއެވެ.
އެގޮތަށް އެފާރު ކައިރީގައި އަޔާން ލެގިލައިގެން ހުންނަތާ ގަޑިއެއްހާއިރު ވީއިރުވެސް ދަހާ ގެ ހިލަމެއްނުވިއެވެ. ލިބުނު މާޔޫސްކަމުގައި އަޔާން ގެޔަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
އެއްވެސް ހުރަހެއްނެތި އެނދުމައްޗަށް ވެއްޓިގަތީ ސިކުނޑިއަށް ކުރަމުންދާ ބާރުގެ ސަބަބުންނެވެ. އެގޮތަށް އެނދުމަތީގައި އޮއްވާ އެންމެފަހުން އަޔާންގެ ދެލޯ މެރިއްޖެއެވެ. ނިދީގައިވެސް އޭނާ ވިސްނާނީ ދަހާ އާއި ދޭތެރޭގައި ކަން ޔަޤީނެވެ.
އާދުވަހަކަށް އިރުއެރި ކަމުގެ އިއުލާން ކުރަމުން މަތިން އުދުހިފައި ދިޔަ ދޫނި ޖޯޑަށް ބަލައިލަމުން މަލަކާ އަތިރިމަތީގައި އިށީނދެލިއެވެ. އެހިތްފަސޭހަ ގޮނޑުދޮށުގައި ރަސްކަންކުރަމުންދަނީ ހަމަހިމޭންކަމެވެ. ފާލިހް ފަހަތުން އައިސް މަލަކާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.
“ހެޕީ ތަ ލަވް؟” ވައި އަޑުން މަލަކާގެ ކަންފަތާއި ކައިރިވެލަމުން ފާލިހް ބުނެލިއެވެ. ލަދުގަހެއް ފަދައިން ފާލިހްގެ މޭތެރޭގައި މަލަކާ ބޮޑިވެގަތެވެ. ފާލިހްގެ ހަރަކާތްތަކުން މަލަކާ އިތުރަށް ރަކިވިއެވެ. އަދި ހުށިޔާރުކަމާއެކު ފާލިހްގެ އަތުތެރޭން ދެމިގަނެގެން މޫދާއި ދިމާއަށް ދުއްވައިގަތެވެ. ފާލިހްވެސް ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން މަލަކާގެ ފަހަތުން ދުއްވައިގަތެވެ.
“ނީތާ…ނީތާ..” އެއީ އާސިފްގެ އާދައެވެ. ގެޔަށް އަންނަ ގޮތަށް ފުރަތަމަވެސް ގޮވާނީ ނީތާއަށެވެ. އެހެން ނުވާންވީ ސަބަބެއްވެސްނެތެވެ. ފާއިތުވެ ދިޔަ އަށް އަހަރުގެ ތެރޭގައި އާސިފްގެ ހުރިހާކަމެއް ބަލަހައްޓަނީ ނީތާއެވެ. ސާހިބުމީހާގެ އަޑުއިވޭ އިރަށް ނީތާ ދުވަމުން ކަހަލަ ގޮތަކަށް އައިސްފިއެވެ.
“ކޮބާ އަޔާން. އަދިވެސް ނުހޭލާތަ؟ ” މޭޒުމަތީގައި އަތްދަބަސް ބަހައްޓާލަމުން އާސިފް އެހިއެވެ.
“ރޭގައި ތަންކޮޅެއް ލަހުން ނިދީމަ އަދި ނުހޭލާ.” ނީތާ އޮޅުން ފިލުވައިދިނެވެ.
“ކޮފީ އެއް ގެންނަންތޯ؟ ” އާސިފް ގޮޑީގައި އިށީންނުމުން ނީތާ އެހިއެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން އާސިފް ޓީވީ ހުޅުވައިލިއެވެ.
އެވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އާސިފް ޓީވީގެ އަޑުމަޑުކޮށްލިއެވެ.
“ތިވަރަށް ޝުކުރުއަދާކުރާވަރުގެ ކަމެއް ނޫނެއްނު ލިފްޓެއް ދިނުމަކީ.” އާސިފް ފޯނުން ވާހަކަ ދެއްކީ ހިތްހަމަޖެހިފައި ހުރެއެވެ.
“ތިކަން ހަމަޖެހިދާނެ. ދެގަޑިއިރު ފަހުން އޮފީހުން ބައްދަލުކޮށްލާ.” އާސިފް ވާހަކަ ކުރުކޮށްލީ ސިޑިން ފައިބައިގެން އަންނަ އަޔާން ފެނުމުންނެވެ.
“ދަރިފުޅު. ހޭލެވުނީތަ؟ ރޭގަ ޕާޓީ ކިހިނެއްތަ؟” ސުވާލުތައް ފައްޗެއްހެން އާސިފް އަމުނާލިއެވެ. އަޔާން ވަރުބަލިކަމާއެކު ސޯފާއަށް ވެއްޓިގަތެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ތާޒާ ކަމެއްނެތެވެ.
“ޑޭޑް. ކޮންއިރަކު އައީ. ޕާޓީ ރަނގަޅޭ. ކުރާނެކަމެއް ނެތީމަ ފޫހިވަނީ. ފާލިހްވެސް އަންނާނީ ހަވީރު.” އަޔާންގެ ވާހަކައިން އާސިފްގެ ގާތަށް އައީ ހިންޏެވެ.
“ދަރިފުޅު ފޫހިފިލާނެ ގޮތެއް ބުނެފާނަން. ހިނގާ ބައްޕައާއި އެކު މިއަދު އޮފީހަށް ގޮސްލަން. އޭރުން ހުރިހާ އެންމެންނަށް ދަރިފުޅު ތަޢާރަފްވެސް ކޮށްދެވޭނެއެއްނު.” އާސިފްގެ ޚިޔާލު އަޔާން އަށް ކަމުނުދިޔަ ކަމުގައިވިޔަސް ބައްޕަގެ އެދުމަށް ފުރަގަސްދޭކަށް ނުކެރުނެވެ. އަޔާން ތައްޔާރުވެލައިގެން އޮފީހަށް އަންނަން ބުނެފައި އާސިފް އޮފީހަށް ދިއުމަށް ނިކުތެވެ.
ފަޒާގައިވާ ހޫނުކަމުން ދުނިޔެ ހީވަނީ އަނދައިގެން ގޮސްދާނެހެން ނެވެ. އަޔާން ސައިކަލަށް އަރައި ދުއްވާލަމުން ރޭގައި ދަހާ އާއި ދިމާވި ގޯޅިއަށް ނަޒަރު ހިންގައިލިއެވެ. އަދި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ.
ސައިކަލް ޕާކްކޮށްލުމަށްފަހު މަޑު ހިނގުމެއްގައި އަޔާން ގޮސް އޮފީހަށްވަނެވެ. މީ ބައްޕަގެ އޮފީހަށް ވަތް ފުރަތަމަ ދުވަސް ކަމުން އަޔާން ހުރީ ވަރަށް ފަސްޖެހިފައެވެ. އޭނާ ހިނގަމުންދިޔައީ އިސްޖަހައިގެން ހުރެއެވެ.
“ބައްދަލުކޮށްލައްވަން ބޭނުންވަނީ ކޮން ބޭފުޅަކާތޯ؟” ތުއިތުއި އަޑެއް އަޔާންގެ ކަންފަތުގައި ޖެހުނެވެ. އިސްއުފުލާ ބަލައިލިއިރު ބޮޑު އައިނެއް އަޅައިގެން ހުރި އަންހެންކުއްޖެއް އަޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ބޮޑަށް ވައްތަރީ ކާޓޫނަކާއެވެ.
“މި ހޯދަނީ އާސިފްގެ ކެބިން.” އެތެރެއަށް ހިނިގަނޑު ހިންދާލަމުން އަޔާން އެކުއްޖާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލިއެވެ.
“މާފްކުރޭ. ފުރަތަމަ ޖެހޭނީ އެޕޮއިންޓްމަންޓް ހަދަން. އާސިފް އާއި ބައްދަލުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ލިސްޓް ވަރަށް ދިގު. ނަންނޯޓް ކޮށްލައްވަން ވީނޫންތޯ؟ ” އަތުގައި އޮތް ކުޑަ ނޯޓްފޮތް ހުޅުވާލަމުން އެ އަންހެންކުއްޖާ އަޔާންގެ ނަން ނޯޓް ކުރަން ތާއްޔާރުވެލިއެވެ.
“މީތަން. ނޯ ނީޑް ޓު ޑޫ ދެޓް. ހީ އިޒް މައި ސަން.” ދުރުގައި މަންޒަރުބަލަން ހުރި އާސިފްގެ އަޑަށް މީތަން ސިހުނެވެ. އޭނާ ހަމަ ގަސްތުގައި ލަދުގެންފިއެވެ. އެކަމަކު އެއީ އޭނާގެ ޑިޔުޓީއެވެ. ލޮލުގައި އަޅާފައިވާ އައިނުގައި ހިފަހައްޓާލަމުން ލޮލުގެ ކުޑަ ކަޅިން އަޔާން ދިމާއަށް ބަލައިލިއެވެ. އޭރު އަޔާންވެސް ހުރީ މީތަން އަށް ބަލަން ހިނިއައިސްފައެވެ.
ސޮރީ ބުނާ ކަހަލަ ގޮތަކަށް މީތަން ލޮލުން އިޝާރާތްކޮށްލިއެވެ.
“އޯކޭ.” މީތަންގެ އެހަރަކާތް އަޔާން އަށް ވިސްނުނެވެ.
އަދި ބައްޕަގެ ފަސްފަހަތުން ގޮސް ބައްޕަގެ ކެބިންއަށްވަނެވެ.
“ނުހާ. ވަރަށް އަވަހަށް ދެތަށި ކޮފީ ހަދާލަބަލަ.” މޫނުމަތީގައި ފައިލް އެއް އަޅައިގެން އިން އަންހެންކުއްޖާ އާސިފްގެ އަޑަށް ފައިލް ތިރިކޮށްލިއެވެ.
“އަޅުގަނޑުގެ ފުރަތަމަ މަސައްކަތް ދެއްތޯ.” ކަންފަތުގައި ޖެހުނު އަޑުން އަޔާންއަށް ސިހިފައި ތެޅިގަނެވުނެވެ. އަދި އާސިފްގެ ނިވަލުން ނިކުމެ އެއަންހެންކުއްޖާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެއީ ދެވަނަ މީހެއްނޫނެވެ. ދަހާ އެވެ. ހަމަ އެ މޫނެވެ. އެބޮޑު ދެލޮލެވެ. އެކަމަކު ބައްޕަ ވާހަކަ އެދެއްކީ ނުހާ އޭ ކިޔާފައެވެ. މީ ކިހިނެއް ވާނެ ގޮތެއް ހެއްޔެވެ؟ ކުރިން ރޭ އަޔާން ކައިރީގައި ދަހާ ގެ ނަން ބުނީވެސް ހަމަ ދަހާ އަމިއްލަ އަކަށެވެ. އަޔާންގެ ސިކުނޑި މަސއްކަތް ކުރުން ހުއްޓާލިކަހަލައެވެ. ކޮޅަށް ހުރުމަށް ދަތިވެ އޭނާގެ ފައިން ބާރު ދޫވާ ކަހަލަ އިޙްސާސެއް ކުރެވުމާއެކު އަޔާންއަށް ދެލޯ މަރައިލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Nice ❤️❤️ when next part?
Tonight insha allah 🙂
Woaahh twins?
Dhahaa olhuvaalaniithr.. nubai roleii kulhey kujjehthr.. anyway vrh reethi.