މާފްކުރާށޭ ކަލާ 1
- އިރު އޭގެ ވާޖިބު އަދާކުރަމަށްފަހު ވިލާތަކުގެ ނިވަލުގައި ފިލުމުން އަނދިރިކަން ދުނިޔެ ވަށައިލައިފިއެވެ. އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތައް މަސައްކަތް ކުރަމުންއެދަނީ ކަޅު އަނދިރިކަން ވެރިވެފައިވާ ދުނިޔެ މައްޗަށް އަލި ކަމެއް ގެނެސްދެވޭތޯއެވެ. ނަމަވެސް ރޭގަނޑުގެ ރަސްގެފާނު ކަމުގައިވާ ހަނދު ފެންނަން ނެތުމުން ދުނިޔެމައްޗަށް ވެރިވެފައިވަނީ އިންތިހާ ދަރަޖައިގެ ފަޅުކަމެކެވެ.
މާލޭގެ ގެތަކާއި މަގުތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިން މުޅި މާލެ ވިދާ ބަބުޅަމުން އެދަނީވެސް ރޭގަނޑުގެ އަނދިރިކަމާއި ފަޅުކަމުން ސަލާމަތްވުމަށް ކަން ޔަޤީނެވެ.
ފްލައިޓްގެ ކުޑަދޮރުން ބޭރު ބަލަން އިން އަޔާން އިނީ ކެތްމަދުވެފައެވެ. މިރޭ މެލޭޝިޔާއިން މާލެ އެއަންނަނީ އޭނާގެ ބެސްޓްފްރެންޑްގެ ކައިވެނި ޕާޓީއަށެވެ. އަޔާން މެލޭޝިޔާގައި ކިޔަވަން ހުންނަތާ އަށް އަހަރުވީއިރުވެސް އެންމެ ފަހަރަކުވެސް އޭނާ މާލެ އައިސްފައެއް ނުވެއެވެ. އަޔާންގެ ބައްޕަ އާސިފް އެތައްފަހަރަކު އާދޭސް ކުރުމުންވެސް އަޔާންވަނީ މާލެ އަންނަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި ކިޔަވާ ނިމުމަށްފަހުވެސް މެލޭޝިޔާގައި ވަޒީފާ އަދާކުރަން ނިންމާފައިވާ އަޔާން ކުއްލިއަކަށް މާލެއައުމުން އެތައް ބައެއް އުފާވާނެކަމާމެދު ޝައްކެއްވެސްނެތެވެ. ޚާއްސަކޮށް އަޔާންގެ ބައްޕައެވެ. އަޔާން މާލެ އަންނަކަން ހަމައެކަނި އެނގޭނީ އޭނާގެ ބެސްޓީ ފާލިހް އަށެވެ.
ފްލައިޓް މާލޭ އިންޓަރނޭޝަނަލް އެއާޕޯރޓްއަށް ޖެއްސުމާއެކު މީހުންތައް ފޭބުމަށް އަވަސްވެގަތެވެ. ދެފަރާތަށް ބަލައިލަމުން އަޔާން ގޮނޑިން ތެދުވަންއުޅުތަނާ އަނެއްކާވެސް ގޮނޑީގައި އިށީދެނވުނެވެ.
“ބެލްޓް ނައްޓާލަންވީނޫންތޯ.” ފްލައިޓްގެ ކެބިންކުރޫގެ ތުންފަތަށް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ. އަޔާން އޭނާގެ ފަން އިސްތަށިކޮޅުގައި އަތުން ފުނާއަޅާލަމުން އިސްޖަހާލިއެވެ. އަދި މަޑުމަޑުން ބެލްޓް ނައްޓާލިއެވެ.
ކެބިންކުރޫ އަޔާންގެ މޫނަށް ކަޅި ޖަހާނުލާ ބަލަން ހުއްޓެވެ. އެކަން ފާހަގަ ވެގެން ކަންނޭގެއެވެ. އަޔާން މާބޮޑު ސަމާލުކަމެއްނުދީ އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ހިނގައިގަތެވެ.
އެތަކެއް އަހަރުތަކަކަށްފަހު ފެނުނު ކަމުގައިވިޔަސް ފަލާހްއަށް އަޔާން މާދުރުން ފާހަގަވިއެވެ. އަދި އުފަލުން ފުރިފައި ހުރެ އަތުން ހަނާ އަޅާލިއެވެ.
“ވެލްކަމް ބެކް ބަޑީ.” ފަލާހް އަޔާން އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
“އެކަމް އެންމެ ހަފްތާއެއް އިނގޭ. މަށަކަށް މިތާގައި މާގިނަ ދުވަހަކު ކެތެއް ނުވާނެ.” އަޔާން ލަގެޖް އެއްފަރާތެއްގައި ބަހައްޓަމުން ފާލިހް ކުރިމައްޗަށް ހުއްޓުނެވެ.
“ތިދެން އަދި މާ ފަހުގެ ކަމެއްނު. ކޮބާ ވަރަށް ސަޅި އެއްޗެހި ގެނައިންތަ؟ ” ފާލިހް ގަސްތުގައި މަޢުޟޫ ބަދަލުކޮށްލިއެވެ. ދެމީހުން އެކިއެކި ވާހަކަ ދައްކަމުން ފެރީ އާ ދިމާއަށް ހިނގައިގަތެވެ.
އަޔާންއަށް ގެޔަށް ދެވުނުއިރު ދިހައެއް ޖަހަނީއެވެ.
“އޭ. މަ ނައްޓާލީއޭ. ވަރަށް ވަރުބަލިވެފައެއްނު ހުންނާނީ. ދެން ގޮސް ނިދާލާ. ޕާޓީ ޑެކަރޭޝަން ކަންތަކާވެސް މާދަން އުޅެން ޖެހޭނެއެއްނު. މަ ގުޅާނަން ކަލެއަށް. މިއޮތީ ސިމްކާޑް” އަޔާންގެ މޫނުމަތިން ފެންނަމުން ދިޔަ ވަރުބަލިކަން ފާހަގަވުމުން ފާލިހް ބޭނުންވީ އަޔާން އަރާމުކޮށްލުމަށް ފުރުޞަތުދޭށެވެ. އަޔާންވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
އަޔާން ހިނގަމުން ދިޔައިރު ވަށައިގެން ކަޅި އުކަމުންދިޔައެވެ. މިވީ އަށް އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ބަދަލުވެފައެއް ނެތެވެ. ކުރިން ކޮންމެ ދުވަހަކު ހެނދުނު އަޔާން އެތަކެއް ވަގުތުތަކެއް ހޭދަކޮށްފައިވާ ބަގީޗާ އަދިވެސް ވަރަށް ހިތްގައިމެވެ. އެކި ކުލަކުލައިގެ މާތަކުން ދުވާ މީރުވަސް މުޅި ހިސާބުގައި ފެތުރިފައިވާއިރު ރޭގަނޑުގެ ފަނޑުއަލީގައި ޖެހެމުންދިޔަ މަޑުމަޑު ރޯޅިން ގަސްތައް ނަށަމުން އުފާ ފާޅުކުރަމުންދެއެވެ. އަޔާންގެ ހިތުގައި އެވަގުތު އާވެގެން ދިޔައީ އޭނާގެ ލޯބިވާ މަންމަގެ ފޮނި ހަނދާންތަކެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް މުތީ ތަކެއް ފަދައިން ވިދަމުން ކޯތާފާތް މައްޗަށް އޮހެންފެށިއެވެ. ހަމަ އެހިނދުކޮޅުގައި އަޔާން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ދެލޯ ފޮހެލިއެވެ. އަދި މަޑުމަޑުން ގޮސް ގޭގެ ދޮރުގައި ޓަކިޖަހާލިއެވެ.
ކުޑަ އިރުކޮޅެއްފަހުން ދޮރު ހުޅުވާލި އަޑަށް އަޔާން އިސްއުފުލާ ބަލާލީ ފަސްޖެހިފައި ހުރެއެވެ. އޭނަގެ ބައްޕަ ކަމަށް ހީކޮށްފައެވެ. ކަންތައްވީވެސް އެހެންނެވެ. ފޯނު ކަންފަތުގައި ޖަހައިގެން އަނެއް އަތުން ފައިލެއް ހިފައިގެން އެހުރީ އަޔާންގެ ބައްޕަ އާސިފްއެވެ.
“ދަރިފުޅު.” އާސިފްގެ އަތުން ފައިލް ވެއްޓެން އުޅުމުން ނުހަނު ހުޝިޔާރު ކަމާއެކު އަޔާން ފައިލްގައި ހިފަމުން ހިނިތުންވެލިއެވެ. އާސިފް ބަލާކަށް ނުހުރެ އަޔާން ގައިގައި އޮޅުލައިގަތެވެ. އަޔާން ފެންކަޅިވެފައި ހުރެ އޭނަގެ ބައްޕަގެ ބުރަކަށީގައި ފިރުމާލިއެވެ.
“ދަރިފުޅު އަންގާވެސް ނުލަމެއްނު. ކީއްވެ ނުބުނީ. ” އާސިފްގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.
“ޑޭޑް. ކުރިން އެންގިނަމަ ތިހާ ސަޕްރައިޒެއް ނުވާނު.” އަޔާން ހިނިތުންވެލިއެވެ.
ދެބަފައިން އެތައް އިރެއް ވަންދެން ވާހަކަ ދައްކަންތިއްބެވެ. އަޔާންގެ ކިޔެވުމުގެ ވާހަކައެވެ. އާސިފްގެ ވިޔަފާރީގެ ވާހަކައެވެ. އާސިފް އެންމެ ހިތްހަމަ ޖެހުނީ އަޔާން މާސްޓާސް ނިމި އެންމެ މަތީ ދަރަޖައިގެ ފާހެއް ލިބުމުންނެވެ.
އާސިފްގެ އަބަދުގެވެސް އުއްމީދަކީ އޭނަގެ ވިޔަފާރިއާއި އަޔާން ހަވާލުވެ އޭނާއާއިއެކު މަސައްކަތް ކުރުމެވެ.
“ދަރިފުޅު ދެން ނުދާނަންދޯ. ބައްޕަގެ ރިސޯޓް ވިޔަފާރި ދަރިފުޅު ބަލަހައްޓަންވީނު. ބައްޕަ ވަރަށް އުފާވާނެ ދަރިފުޅު މިކަމަށް އެއްބަސްވެއްޖެއްޔާ.” އާސިފް ވާހަކަ ދެއްކީ ސީދާ އަޔާންގެ ލޮލަށް ބަލަން ހުރެއެވެ. ކެންސަރު ބަލީގައި އަޔާންގެ މަންމަ މަރުވުމުން އަޔާންގެ މުޅި ދުނިޔެ ފުޑުފުޑިވި ކަހަލައެވެ. މަސްދުވަސް ވެގެން ދިޔައިރުވެސް އަޔާންއަށް އޭނާގެ މަންމަގެ ހަނދާންތަކުން މިންޖެއްނުވެއެވެ. މެލޭޝިޔާއަށް އަޔާން ބަދަލުވީވެސް އެހެންވެއެވެ. މިތަނުގައި އަޔާން ހުންނަން ބޭނުން ނުވަނީވެސް އެހެންވެގެންނެވެ.
“ދަރިފުޅު ވިސްނާލައްޗޭ ބައްޕަ މިދެއްކި ވާހަކައާ އިނގޭ.” އަޔާންގެ ހަމަހިމޭންކަން ފޫދުއްވާލީ އަނެއްކާވެސް އާސިފްގެ އަޑެވެ. ބޯ ޖަހާލަމުން އަޔާން އޭނަގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އެނދުގައި އޮށޯވެލިތަނާ ވެފައި ހުރި ވަރުބަލިކަމާއެކު އަޔާންގެ އެސްފިޔަތައް ލެއްޕުނެވެ
ދުނިޔެއަށް އިރު އޭގެ އަލިކަން ފޯރުކޮށްދެމުން އާދުވަހަކަށް މަރުޙަބާ ކިޔައިފިއެވެ.
މިއަދު އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް އާސިފު ހޭލައިފިއެވެ. ހަޤީޤަތަށް ބުނާނަމަ އޭނައަށް ރަނގަޅަށް ނުވެސްނިދުނެވެ.
“ނީތާ….ނީތާ…” ގޭގައި މަސައްކަތް ކުރަން ގެންގުޅޭ މީހާއަށް ގޮވަމުން އާސިފް ސިޑިން ފޭބީ ދުވަމުން ކަހަލަ ގޮތަކަށެވެ. ސާހިބުމީހާގެ އަޑަށް ގަސްތަކަށް ފެންދެން ހުރި ނީތާ ގެޔާއި ދިމާއަށް ދުއްވައިގަތެވެ. ޔަޤީނެވެ. ކޮންމެވެސް ބޮޑުކަމެއް ދިމާވީއެވެ. އެހެން ނޫންނަމަ އެގޮތަކަށް އެހާ ބާރަކަށް އާސިފް ނުގޮވާނެއެވެ.
ފުން ޚިޔާލެއްގައި ނުތަނަވަސްވެ ހުރެ ނީތާ ސިޓިންރޫމްގައި ކޮޅުކޮޅަށް ހިނގަ ހިނގާހުރި އާސިފް ކައިރިއަށް ގޮސް ހުއްޓުނެވެ. “ނީތާ.. ރޭގައި އަޔާން އައިސްފި. މިއަދު ރަނގަޅު ކާއެއްޗެހި ތައްޔާރުކުރަން ވާނެ. ސެކެޓްރީއަށް ގުޅާ މަގޭ ހުރިހާ މީޓިންތައްވެސް ކެންސަލްކޮށްލާ.”
“ނޫން ބައްޕާ. ބައްޕަ ދުރުވޭ އޮފީހަށް. މިރޭ ފާލިހްގެ ކައިވެނި ޕާޓީ އެބައޮތް. އޭނައަށް އަޅުގަނޑުގެ ހެލްޕް ބޭނުންވާނެ. ބައްޕަވެސް މިރޭ އަޅުގަނޑާއެކު ޕާޓީއަށް ދާންވާނެ.” އަޔާންގެ އަޑަށް އާސިފްއަށާއި ނީތާއަށް ބަލާލެވުނީ އެކު އެކީގައެވެ. އެވަގުތަކީ ފާލިހްވެސް އަޔާން ހޯދަން އެގެޔަށް އައި ވަގުތެވެ.
“އަހާން. މިޔޮށް އައީނު ފާލިހްވެސް. އަންގާވެސް ނުލަމެއްނު މީހަކާއި އިންނަން އުޅޭއިރު.” އާސިފް ދެކެނީ އަޔާން އެކޭ އެއްގޮތަށް ފާލިހް އަކީވެސް އޭނާގެ ދަރިއެއް ގޮތުގައެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ދެކުދިންނަށް ދާދި އެއްވަރަކަށް ލޯބިދީ އަޅާލައެވެ.
“ނީތާ. ދޭބަލަ މިދެކުދިންނަށް ސައިހަދަން. ސައިބޮއެގެން ތިކުރާ ކަމެއް ކުރަން ދާންވާނީ.” އާސިފް ޖީބުން ޗެކް ފޮތް ނަގަމުން ނީތާއަށް ބުންޏެވެ. އަދި ޗެކެއް ލިޔެލުމަށްފަހު ފާލިހް އަށް ދިއްކޮށްލިއެވެ.
“ދަރިފުޅަށް ހެޔޮ ހިތުން ދިން ހަދިޔާއެއް.” ފާލިހްގެ ހާސްކަން ފެނިފައި އާސިފް ހިނިތުންވެލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ފާލިހް އާސިފްގެ އަތުން ޗެކް އަތުލަމުން ޝުކުރު އަދާކުރިއެވެ.
ސައިބޮއެގެން އަޔާންމެން ބޭރަށް ނުކުތެވެ.
“ވާންވީގޮތާއި ދާންވީ ތަންތަން ކިޔަންވީނު.” އިނގިލީގައި ތަޅުދަނޑިފަތި އަނބުރާލަމުން އަޔާން ދެބުމަގޮށް ޖަހާލިއެވެ.
“އެންމެ ފުރަތަމަ ހިނގާ މަގޭ ކުއީން އަށް ފެނިލަން. ދެން އަނެއްހެން މާބޮޑުކަމެއްނެތް. ޑެކަރޭޝަން އެންޑް ކޭޓްރިން ކަންތައް ބަޔަކާއި ހަވާލުކޮށްފަ އިންނާނީ. ދެން ކަންތައް ދާގޮތް ބަލާލަން ޖެހޭނީ. ދެން މޭކަޕް ހަވީރު. މޫނުގަ ދަވާދު ހާކަން ދާންޖެހޭ. ” ފާލިހް ހެމުން ހެމުން ކިޔައިދިނެވެ.
“ތި ނިމުނީ. ކަލޭވެސްދޯ. މަ އެހާ ދުރުގަ ހުއްޓާ ވަރަށް މަސައްކަތް އެބައޮތޭ ކިޔާފަ އިމޯޝަނަލީ ބްލެކް މެއިލް ކޮށްފަ ގެނެއްސަ ތިބުނީ ކުރަން ހުރި ކަންތައް.” އަޔާންގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ.
“މިޔަށް ގުޅަނީ މަގޭ ވަތުކިބަ. ހިނގާ އަވަހަށް ދަމާ.” ފޯނަށް ބަލާލަމުން ފާލިހް ސައިކަލަށް އެރިއެވެ.
އަޔާންގެ ކަމަކީ ފާލިހްގެ ސައިކަލް ފަހަތުގަ އިނދެގެން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގުމެވެ. ފާލިހް ދައްކާ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަށްއަހަރުގެ ތެރޭގައި މާލެއަށް އައިސްފައި ހުރި ބަދަލުތަކާއިމެދު އޭނާ ވިސްނާލިއެވެ.
ސައިކަލް ގޮސް މަޑުކޮށްލުމުން އަޔާން ފޭބިއެވެ. ސައިކަލް ޕާކްކޮށްލުމަށްފަހު އަޔާންގެ އަތުގައި ހިފައިގެން ފާލިހް ހިނގައިގަތެވެ.
އޭރު ސޯފާގައި ދެފައި ވަށް ކޮށްލައިގެން މަލަކާ އިނެވެ.
އަޔާން ފެނުމާއެކު މަލަކާ ފުންމައިގެން ތެދުވިއެވެ.
“އައްދޭ. މިއަށް ހުރިހާ ދުވަހު މަ ފެނިގެން ތިހާ ރެސްޕެކްޓެއް ނުކުރޭ. ދޮރުން ނުވަދެވޭނެ އެވަގުތު އަތުގައި އޮތް އެއްޗަކުން ތަޅައިގަންނާނެ. ” ފާލިހް ގަސްތުގައި މަލަކާ ރުޅިއަރުވާލިއެވެ. މަލަކާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަޔާން އަށް އިށީންނަށް ތަންދެއްކިއެވެ. އެކަކު އަނެކަކަށް ތަޢާރާފްވިއެވެ. އެކިއެކި މަޖާ ވާހަކަ ދައްކަން ތިބުމަށްފަހު ފާލިހް އާއި އަޔާން މިސްރާބުޖެހީ ޕާޓީ ބާއްވަން ހަމަޖެހިފައިވާ ތަން ކަމުގައިވާ ނަސަންދުރާ ޕެލެސް ހޮޓެލްއަށެވެ. އެތާގެ ކަންތައްތައް ހިނގާގޮތް ބަލާލުމަށެވެ.
ހަވީރު ވުމުން ފާލިހް އާއި މަލަކާ ސެލޫންއަށް ގޮސްފިއެވެ. އިރު އޮއްސެންދެން މަސައްކަތްދާގޮތް ބަލަން އަޔާން މަޑުކުރިއެވެ. އޭނާ ގެއަށް އައީ ޕާޓީ ފެށޭ ގަނޑި ވަރަށް ކައިރިވެފައި ހުއްޓައެވެ. ގެއަށް އައުމުން ނީތާގެ ފަރާތުން ޚަބަރު ލިބުނީ މިރޭ ބަޔަކާއި ބައްދަލު ކުރުމަށްޓަކައި އަޔާން ގެ ބައްޕަ ރިސޯޓުގައި މަޑުކުރަން ޖެހުނު ވާހަކައެވެ.
ލިބުނު މާޔޫސްކަމާއި އެކުވެސް އަޔާން ޕާޓީއަށްދާން ތައްޔާރުވެލިއެވެ. ގަދަމުށިކުލައިގެ ގަމީހާއި ކަޅު ކުލައިގެ ފަޓުލޫނުގައި އަޔާން ފެންނަލެއް ވަރަށް ހިތްގައިމެވެ. ނިތްކުރިމަތީގައި ފިރުމަމުންދިޔަ އިސްތަށިކޮޅު އަތުން ރީތިކޮށްލަމުން އަޔާން ބޯ އޮމާން ކޮށްލިއެވެ. ކޮނޑާއި ހަމައަށްދާ ފަން އިސްތަށިކޮޅަށް ބަލާލަމުން އަޔާން ފުނާ ބާއްވާލިއެވެ.
މަޑު ހިނގުމެއްގައި އަޔާން ގެއިން ނިކުންނަން ދޮރު ހުޅުވާލިތަނާ ފިނިފިނި ވައިރޯޅިއެއް އަނެއްކާވެސް އަޔާންގެ ފަންފަން އިސްތަށިކޮޅާ ސަމާސަކޮށްލިއެވެ. ކުދި ކިޔަމުން އަޔާން އަތުން އިސްތަށިގަނޑު އޮމާ ކޮށްލިއެވެ. ސައިކަލަށް އަރައި ސްޓާޓް ކުރަން އުޅެ ސައިކަލް ސްޓާޓްއެއް ނުވިއެވެ. އައި ރުޅީގައި ފައިން ދެތިން ފަހަރު ސައިކަލްގައި ޖެހުމަށްފަހު ކާރެއް ލިބޭތޯ ހިނގައިގަތެވެ.
ދެކޮޅު ހޯދަމުން ގޯޅިއެއް ލަބާލިތަނާ ކުއްލިއަކަށް މީހަކު އަޔާންގެ އަތުގައި ހިފެހެއްޓިއެވެ. ސިހިފައި އަޔާންއަށް ބަލާލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Omg! Varah reethi mi part ???
Amazing ??????
When is next part?
Waiting………
Wow.. vrh reethi… when is next part…
Omg this is so amazing…
Please upload ssooon
Nice