ފަސްދާނު…
އިރުގެ ރަން ދޯދިތަކުން ފަޒާ އަލިކުރަމުން ދިޔައީ އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރަމުންނެވެ. ކާޅާ ކޮވެލީގެ އަޑުން މިއީ ފަތިސް ގަޑިކަން ދެނެގަންނަން ހެކަކަށް ފުދެއެވެ. ބައެއް ގެތަކުން ކީރިތި ޤްރްޢާނުގެ މޫރިތި އާޔަތްތަށް ކިޔަވަމުން ދާއަޑު އިވެއެވެ. އަނެއްބައި ގެތަކުން މަންމަމެން އެމީހުންގެ ދަރިން ސުކޫލަށް ގެންދިޔުމަށް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެމުން ދާއިރު އޮފީސްތަކަށް ދާން ޖެހޭ މީހުން އެމީހުން ގޭތެރޭގައި ކުރަން ހުރި މަސައްކަތްތަށް ނިންމުމަށްފަހު އޮފީހަށް ދިޔުމަށް ތައްޔާރު ވުމަށް ކޮޅުކޮޅު މައްޗަށް ދުވަމުން ދެއެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދިޔައީ ގަޑިނުޖެހި އެމީހެއްގެ ދުވަހުގެ މަސައްކަތަށް ރުޖޫޢަވެވޭތޯއެވެ. ނަމަވެސް ޝާޔަން މުޅިން ތަފާތެވެ. އޭނާ މިއަދުވެސް އޮތީ ދެ ހިޔާލެއްގައެވެ. މިއީ އެނާގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ކޮންމެ ދުވަހެއްގެވެސް އިރުއަރަނީ ޝާޔަން ނިދުމާ ހަނގުރާމަ ކުރަމުން ދަނިކޮށެވެ. އެންމެ ރެޔަކުވެސް އެފަކީރަށް ނިދުމަކާ ނުވެއެވެ. ލޮލުފިޔަ ޖެހޭއިރަށް ފެންނަނީ ހަމަ އެމަންޒަރެވެ. ޒިޔާދުގެ ފުރާނަނެތް މަސްގަނޑެވެ. އަނގައިންނާއި ނޭފަތުން އަންނަމުން ދިޔަ ލޭތަކެވެ. ޒުވާން ޢުމުރުގައި އެފަކީރަށް މި ޖެހުނީ ކިހާ ދަތި ހާލެއް ހެއްޔެވެ؟ ޒަވާޖީ ހަޔާތެއް ފެށިތާ މަހެއް ވީތަނާ އޭނާގެ ފިރިމީހާ ވަނީ އޭނައާއި މުޅި އުމުރަށް ވަކިވެފައެވެ. ޝާޔަން ގެ ހަޔާތަށްވެސް އައި ބަހާރު މޫސުން ނިމިގެން ދިޔައީއެވެ. ޝާޔަން ގެ ހިޔާލަށް އަންނަމުން ދިޔައީ އޭނާ އާއި ޒިޔާދުގެ ލޯބީގެ ސިލްސިލާ ފެށުނު ދުވަސް ތަކެވެ. އޭނާގެ ހަޔާތުގެ މާތަށް ފޮޅުނު ދުވަސްތަކެވެ.
“އެއީ މީގެ 3 އަހަރު ކުރިއެވެ. ޝާޔަން ތައްޔާރު ވަމުން ދިޔައީ އަހަރުގެ ފަހު އިމްތިހާނަށެވެ އަދި ހަމައެހެންމެ މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާވެސް ފެންނާނެ އިމްތިހާނުވެސް މެއެވެ. އޭނާ އަކީ ސުކޫލުން އެންމެ މޮޅުދަރިވަރު ކަމުން އޭނާގެ ކައިރިޔަށް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ކިޔަވަން އެތައް ކުދިންނެއް ދެއެވެ. އެހެން ކަމުން ޝާޔަން އަށް ވަނީ އިމްތިހާނަށް ތައްޔާރު ވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ދެގުނަ އިތުރުވެފައެވެ. ކިތަންމެ ބުރަކޮށް އުޅެމުންވެސް ނަތީޖާ ރަނގަޅު ކުރުމަށް ޝާޔަން ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. ޝާޔަންގެ މަންމަ އަބަދުވެސް އޭނާ އަށް އެނގޭ އެއްޗެއް އެހެން މީހުންނަށް ފޯރުކޮށްދިނުމަށް ނަސޭހަތްތެރި ވެއެވެ.
އިސާހިތަކު އިމްތިހާނުވެސް ނިމެއްޖެ އެވެ. ދެން އޮތީ ނަތީޖާއަށް އިންތިޒާރު ކުރުމެވެ. ނަތީޖާ ލިބެނީ 2 މަސް ފަހުންކަން އެނގުމުން މި ދުވަސްތައް ބޭކާރު ނުކޮށް ބޭނުންތެރި ކަމެއް ކުރުމަށް ޝާޔަން ވިސްނަން ފެށިއެވެ. އެގޮތުން އެންމެ ފަސޭހައިން އަދި އެންމެ ކުރާހިތްވާ ކަމަކަށް އޭނާއަށް ފެނުނީ ޓިއުޝަން ދިނުމެވެ. ކުޑަވަރެއްގެ ޢާމްދަނީއެއްވެސް ލިބޭނެ ކަމަކަށް ވެފައި އަދި ކިޔެވި އެއްޗެހި ހަނދާނުގައި ހުންނާނީވެސް ކިޔެވުމާއި މުޅިން ދުރަށް ނުދެވޭފަދަ ކަމެއްގައި މަޝްޣޫލު ވުމުން ކަމުން ޝާޔަން މިކަން ފެއްޓިއެވެ. 20 ވަރަކަށް ކުދިންނާއިއެކު އެކި ގަޑިތަކަށް ބަހައިލައިގެން ޝާޔަން ޓިއުޝަން ދެމުން ދިޔައީ އެކަމާ ވަރަށް ގަޔާވެގެން ހުރެއެވެ.
ޝާޔަން އަކީ އެހާ ގިނައިން ބޭރަށް ނިކުމެ އުޅޭ މީހެއް ނޫނެވެ. ނަމަވެސް ބޭރަށް ނިކުމެލާ ފަހަރަކު ޒުވާން ކުދިންގެ އުނދަގޫ ކޮންމެވެސް ވަރަކަށް އޭނާއަށް ފޯރައެވެ. އެކި ކުދިން ގެ ހުށައެޅުން ތައްވެސް ޝާޔަން އަށް ދިޔައީ ލިބެމުންނެވެ. ނަމަވެސް އެއިން ކޮންމެ މީހަކަށްވެސް ޝާޔަން ދެމުން ދިޔަ ޖަވާބަކީ އަދި ތިކަހަލަ ކަމަކާ ނުވިސްނާ ކަމަށެވެ. އެމީހުންގެ ސުވާލަކަށް ވަނީ ޝާޔަން އެހެން މީހަކަށް އިންތިޒާރު ކުރަނީ ހެއްޔެވެ؟ އާއެކެވެ. އޭނާ އެހެން މީހަކަށް އިންތިޒާރު ކުރެއެވެ. ނޭގުމެއްގެ ތެރޭގައިވެސް ޝާޔަންގެ ހިތް ވަނީ އެހެން މީހެއްގެ ހައްގަކަށް ވެ ނިމިފައެވެ. ނަމަވެސް މި ވާހަކަތަށް ވީ އޭނާގެ ހިތުގައެވެ. އެ ސުވާލުގެ ޖަވާބަށް އޭނާ ހިނިތުން ވުމަކުން ފުއްދާލަނީ އެވެ.
ޒިޔާދު އަކީ ޝާޔަންގެ ވަރަށް ގާތް އެކުވެރިއެކެވެ އަދި ހަމަ އެހެންމެ އޭނާގެ ފުރަތަމަ ލޯތްބިވެސް މެއެވެ. މި ލޯބި އުފެދުނީ ކިހިނެއްކަން އޭނާއަކަށްވެސް ނޭންގެއެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ ޒިޔާދު ފެނުމުން އޭނާއަށް ނޭންގޭ އެތަށް ހާސް އިހުސާސްތަކެއް ހަށިގަނޑުގައި ދައުރުވާ ކަމެވެ. ޒިޔާދު ފެނުމުން ވާހަކަ ދައްކަން އުނދަގޫ ވާކަމެވެ. އަދި ހަމަ އެހެންމެ ޝާޔަން އަށް ޔަގީންވާ އެއްކަމެއް އޮވެއެވެ. ޒިޔާދުވެސް އޭނާ އަށް ބަލަނީ ހަމަ އެ ނަޒަރުންކަމެވެ. ނަމަވެސް އޭނާގެ ހިތުގައި އުފެދޭ ސުވާލަކީ މި ގުޅުމުގައި އިތުރު ބޮޅެއް އިތުރު ވާނީ ކޮން އިރަކުން ކަމެވެ. ޒިޔާދުގެ ހުށައެޅުން ލިބޭނީ ކޮން ދުވަހަކުން ކަމެވެ. މި ސުވާލު ތަކަކަށް ޝާޔަން އަށްވެސް ދޭނެ ޖަވާބެއް ނޭންގުނެވެ. މި ހުވަފެނުގައި ވަރަށް އަވަހަށް ކުލަޖެހިގެން ދާނެކަމުގެ އިހުސާސް ޝާޔަން އަށް ކުރެވެމުން ދާތާ ކިތަންމެ ދުވަހެކެވެ. ޒިޔާދުގެ ހިޔާލު ސިކުނޑިޔަށް އަޔަސް ހިނިތުން ވެލެވެއެވެ.
ޝާޔަން އަކަށް މާ ގިނަ ދުވަހު އިންތިޒާރުގައި ހުންނާކަށް ނުޖެހުނެވެ. ކިޔެވުން ބަންދުވުމުން ޒިޔާދުވެސް ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރަށައަށް އައިއްސި އެވެ. ޒިޔާދުވެސް މިފަހަރު ރަށަށް އައި މި ހުރިހާދުވަހު ފޮރުވައިގެން ހުރި ލޯބި ހުށައެޅުމަށް ތައްޔާރު ވެގެންނެވެ. ޒިޔާދު ރަށަށް އައިތާ ދެދުވަސް ފަހުން ޝާޔަން އާއި ދިމާވިއެވެ. އަދި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބަ އޮތް ކަމަށާއި އަންނަ ހުކުރު ދުވަހުގެ ރޭ ބައްދަލުކޮށްލަން ބޭނުން ކަމަށްވެސް ބުޏްޏެވެ. ޖެހިގެން އައި ހުކުރު ދުވަހުގެ ރޭ ޒިޔާދު އާއި ޝާޔަން ބައްދަލު ކުރީ ރެސްޓޯރެންޓަކުންނެވެ. އެރޭ ޒިޔާދުގެ ލޯބި ޝާޔަން އަށް ހުށައެޅިއެވެ. ޝާޔަން ވަގުތުން ޖަވާބު ދިނެވެ. މިއީ އޭނާވެސް ކުރަމުން އައި ފޮނި އންމީދެއްވިއްޔާއެވެ.
ޝާޔަން އަށް ކުރެވުނު އެންމެ ބޮޑު ކުށަކީ އޭނައާއި ޒިޔާދުގެ ލޯބީގެ ގުޅުން އޭނާގެ އެކުވެރިޔާ ގާތު ބުނެވުމެވެ. މިއީ ޝާޔަންގެ ހަޔާތަށް ވިހަލާން ހުރި ހަރުފައެއް ކަމެއް ޝާޔަން އަކަށްވެސް ނޭންގުނެވެ. ވާނީވެސް އެހެން ތާއެވެ. މީޝާ އަކީ ޝާޔަން ގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. އިއްތިފާޤުން ދެމީހުންނަށްވެސް ލޯބިވެވިގެން މިއުޅެނީ ހަމަ އެންމެ މީހަކާއެވެ. ޝާޔަން އާއި ޒިޔާދުގެ ލޯބީގެ ގުޅުން މީޝާ އަށް އެނގުނު ހިސާބުން އޭނާގެ ހިތުގައި ޝާޔަންގެ މައްޗަށް އޮތް ލޯބި ނަފުރަތަށް ބަދަލުވެގެން ދިޔައެވެ. އޭނާ އަށް ނުލިބުނު ލޯތްބެއް ޝާޔަން އަށް ލިބޭކަށް އޭނައަށް ކެތްކުރެވޭނެ ހެއްޔެވެ؟ މީޝާ ހުރީ ޝާޔަން ގެ ހަޔާތުގައި ހުޅު ރޯކޮށްގެން ވިޔަސް ޒިޔާދު ހޯދުމަށް އަތުކުރި އޮޅައިލައިގެންނެވެ.
ކޮންމެއަކަސް 2 އަހަރު ފާއިތުވެގެން ދިޔައިރުވެސް މީޝާއަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ޒިޔާދު އާއި ޝާޔަން ގެ ކައިވެނި މިރޭ ކުރެވޭނެއެވެ. މިރެޔަށް ފަހު އޭނައަށް ޒިޔާދު މުޅިން ގެއްލުނީ އެވެ. މިއީ ހައްތާވެސް ތަޤުދީރުގެ ނިންމުމެވެ. އެޔަކަށް އެއްވެސް މީހަކަށް ބަދަލު ގެނައުމުގެ ބާރެއް ނުވެއެވެ.
ކައިވެނިވެސް ކުރެވިއްޖެ އެވެ. ޝާޔަން ހީވަނީ ޕަރީއެއް ހެންނެވެ. އެހާވެސް އޭނާ މިރޭ ރީއްޗެވެ. ކައިވެނި ކުރުމަށް ފަހު ކުޑަކުޑަ ޙަފުލާއެއްވެސް ބޭއްވިއެވެ. ހަމައެކަނި ދެފަރާތުގެ ޢާއިލާއަށްވެ އެހާ ބޮޑު ޕާޓީއެއްބާއްވާ ލާރިތަކެއް ބޭކާރުކޮށްލަން ޝާޔަން ބޭނުން ނުވީއެވެ. މީޝާ ހުންނަނީ ޕްލާސްޓިކް ހިނިތުންވުމެއް އަޅުވައިގެން އޭނާގެ ހިތުގެ ތެރޭގައި އޮތް ހަސަދަވެރިކަން ފޮރުވައިގެންނެވެ. އޭނާއަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުންވެސް އެހެން މީހަކަށް ޝައްކެއް ވެދާނެތީ އޭނާ ހުރީ ވަރަށް މަޑުންނެވެ. އަދި އޭނާ ރާވަމުން ދިޔައީ ޝާޔަން ޒިޔާދުގެ ހަޔާތުން ދުރައްލެވޭނެ ގޮތަކަށެވެ.
1 މަސް ފަސް
ޒިޔާދުއާއި ޝާޔަން އުޅެމުން ދިޔައީ ވަރަށް އުފަލުންނެވެ. އެދެމަފިރިންގެ ހަޔާތް ވޭތުވަމުން ދަނީ ވަރަށް އަމާން އޮމާންކޮށެވެ. އެއްރެއެއްގެ ރޭގަނޑުކެއުމަކަށް މީޝާ ޒިޔާދުގެ ދެމަފިރިންނަށް ދަޢުވަތު ދިނެވެ. މިއީ އޭނާގެ ރޭވުން ކާމިޔާބު ކުރާނެ ރެއެވެ. މީޝާ ބޭނުންވީ ސިހުރުން ޝާޔަންގެ ދިރިއުޅުން އެފުއް މިފުށަށް ޖެހުމަށެވެ. އަދި ކާއެއްޗަށް އަޅާ ކާންދީގެން ޝާޔަން މަރާލުމަށެވެ. އެހެންކަމުން އެރޭ ކެއުމުގެ ދަޢުވަތަކަށް ގެނެސް މީޝާ ޝާޔަންއަށް ސިހުރު ހަދައިފައި ހުރި ޖޫސްތައްޓެއް ދިނެވެ. ނަމަވެސް މިކަމުގައި މީޝާއަށް ގޯހެއް ހެދުނީ އެވެ. ޝާޔަން އާއި ޒިޔާދުގެ ޖޫސްތަށި އޮޅުވައިލެވުނީ އެވެ. އެ ޖޫސްތަށި ބޮވުނީ ޒިޔާދު އަށެވެ. މީޝާ އަކަށް މިކަމެއް ނޭންގުނެވެ. އެނގުނު އިރު ވަނީ ވަގުތު ފާއިތުވެފައެވެ. އެއީ ޒިޔާދުގެ މަރުގެ ހަބަރެވެ. މިއީ މީޝާ އަށް ލިބުނު ބޮޑު ޝޮކެކެވެ.
މީޝާ މެންގެއިން ކައިގެން ގެޔަށް ދިޔަ ފަހުން ޒިޔާދު ވަރަށް ގަދަޔަށް ކެއްސަން ފެށިއެވެ. މިކަމާ ޝާޔަން ވަރަށް ކަންބޮޑުވިއެވެ. ޑޮކްޓަރަށް ދައްކަން ދާން ބުނުމުން ޒިޔާދު އެކަމާ ދެކޮޅު ހެދިއެވެ. އިރުކޮޅަކުން ރަނގަޅުވެދާނެ ކަމަށް ބުޏްޏެވެ. ވީވެސް ހަމަ އެހެންނެވެ. އިރުކޮޅަކުން ކެއްސުން ފިލާ މީހާ ހަމައަކަށް އެޅުނެވެ. ނަމަވެސް ދަންވަރު އަނެއްކާ އެކަންލައި ގަނެއްޖެ އެވެ. ޝާޔަން އަށް ސިއްސައިގެން ހޭލެވުނީ ޒިޔާދު ކެއްސާ އަޑަށެވެ. އޭނައަށް ހޭލެވުނު އިރު ޒިޔާދު އުޅެނީ ފާހަނައިގައެވެ. ފެންފުޅި ކޮބައިތޯ ބަލައިލިއިރު ފެންފުޅި ހުސްވެފައި ހުރުމުން ފެންފުޅިޔެއް ހިފައިގެން އެބަ އަންނަމޭ ބުނެފައި ޝާޔަން އަވަހަށް ބަދިގެޔަށް ދިޔައެވެ. ފެންފުޅި ހިފައިގެން ކޮޓަރިއަށް ދާއިރު ޝާޔަން އަށް ލިބެން އޮތީ ކޮންކަހަލަ ޙަބަރެއްކަން އޭނައަކަށްވެސް ރޭކާ ނުލައެވެ. ފެންފުޅިއަށް ފެންއަޅައިގެން ކޮޓަރިޔަށް ވަތްއިރު ޒިޔާދު އޮތީ ކޮޓަރި ތެރެއަށް ވެއްޓިފައެވެ. ނޭފަތުންނާ އަނގައިން ވަރަށް ބައިވަރު ލޭ އައިސް ފައި ހުއްޓެވެ. ޝާޔަން ވަގުތުން އަނބުރައިގަނެގެން ވެއްޓުނެވެ. އޭނާއަށް ހަމަހޭވެރިކަން ވީއިރު ޒިޔާދު އޮތީ ހިނަވާ ކަފުން ކޮށްފައެވެ.”
ޝާޔަން އަށް ހަމަހޭވެރިކަން ވީ މަންމަ އޭނާގެ ނަމުން ގޮވަމުން ދޮރުގައި ތަޅާ އަޑަށެވެ. މަންމައަށް ޖަވާބު ދިނުމަށް ފަހު އޭނާ ވަނީ ފާހަނައަށެވެ. އޭނާގެ ދެލޮލުން ފެންނަނީ ފުން ހިތާމައެވެ. އަދިވެސް އޭނާއަށް ކުރެވޭ ސުވާލަކީ ޒިޔާދު މަރާލީ ކާކު ހެއްޔެވެ؟ އޭނާ ޒިޔާދު އަށް އިންސާފު ހޯދަދޭން ބޭނުމެވެ. އެއީ އޭނަގެ ފުރާނަ ފަދައިން ލޯބިވާ ފިރިމީހާއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ޒިޔާދުގެ މަރުގެ ޙަޤީގަތް ވަނީ ފޮރުވިފައެވެ. އޭނާވެސް ފަސްދާނުލެވުނު ފަދައިންނެވެ.
(ނިމުނީ)