ވާ ލޯބި އިނގޭ ނަމަ 2
“ލީން ދެރަވާނެތީ އޭ އަސްލު މަ އެއް ވަނަ ނުހޯދަނީ. އެއީ ލީން އަށް ސްޕެޝަލްކޮށްފަ އިންނަ ޕްލޭސް އެއް. އެނީވޭސް!! މިފަހަރު އަސްލުވެސް ހަމަ އުނދަގޫ އިނގޭ. ދެން ބަލަމާ ދޯ ވާނެ ގޮތެއް ވެސް” ވާހަކައިގައި ތިބެ އަވްލީންގެ ގެއާ ހަމައަށް އާދެވުމުން ދެ އެކުވެރިން ވަކިވިއެވެ.
3 މަސް ފަސް
އަމީނިއްޔާ ސްކޫލްގެ ގޯތިތެރެ ވަނީ ދަރިވަރުންނާއި ބެލެނިވެރިންނުން ފުރާލެވިފައެވެ. ކޮންމެ މިހެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އެންމެ ފަހުން އެ ސްކޫލުން މަތީ ސާނަވީ އިމްތިހާނު ހެދި ކުދިންގެ ނަތީޖާ ލިބޭނެ ވަގުތަކަށެވެ. އަވްލީން ވެސް ކެއްމަދުވެފައި ނަތީޖާ ބާލުމުގެ އިންތިޒާރުގައި އިނެވެ. އޭނާ އާއި އެކު މައިރާވެސް އިނެވެ.
މާގިނަ އިރުތަކަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. އަވްލީން އަށް އޭނާގެ ނަތީޖާ ފެނުމުން ގަބޫލުކުރަން ވެސް ތަދިވިއެވެ. ހިސާބުން A އެއް ލިބިފައިވާ އިރު އެހެން ހުރިހާ މާއްދާއިކުން A* ލިބުނެވެ. މައިރާ އަވްލީން އަށް މަރުހަބާ ކިއެވެ. އަވްލީންއަށް ސްކޫލްގެ ބެސްޓް އޯލްރައުންޑް ލިބުނެވެ. މިއީ އަވްލީން ދެކެމުން އައި ފޮނިހުވަފެނެއްގެ ކުލަޖެހެން ފެށި ހިސާބެވެ.
އަވްލީން ހޯދި ރަން ވަނައިގެ ސަބަބުން އިތުރަށް ކިޔެވުމަށް ބޭރު ޤައުމަކަށް ދިޔުމުގެ ފުރުސަތު އޭނާއަށް ފަހިވިއެވެ. އެންމެ ކުޑައިރުއްސުރެ ޑޮކްޓަރަކަށް ވުމަށް ދެކެމުން އައި ހުވަފެނުގައި ކުލަޖެހޭތަން ފެނުމުން އަވްލީން ހުރީ ވަރަށް ވެސް ހިތްހަމަޖެހިފައެވެ.
“ހޭއި ސިސް!! ކޮންގްރެޓްސް ކޮންގްރެޓްސް. އަމް ސޯ ޕްރައުޑް އޮފް ޔޫ.” މާޒިން އަވްލީންގެ ގައިގާ ލޯބިން ބައްދާލަމުން އޭނާއަށް މަރުހަބާކިއެވެ. ޔާސިރާ އަވްލީން ދެކެ ކިތެއްމެ ރުޅިއައި ނަމަވެސް މާޒިން އޭނާގެ ދޮންތަދެކެ ވަރަށް ލޯބިވެއެވެ. އަބަދުވެސް މާޒިން އަށް ވީ ވަރަކުން ޔާސިރާގެ ވިހަ ބަސްތަކުން އަވްލީން ސަލާމަތްކޮށްދެއެވެ.
“އޯހް ތެންކްސް މައި ލިލް ބްރޯ. ދޮންތަ ވަރަށް މިސް ވާނެ އިނގޭ ޒިން މަތިން އެކޮޅަށް ދިޔައަސް. ޒިން ދޮންތަ މަތިން ހަނދާން ނައްޓާނުލައްޗޭ އިނގޭ” އަވްލީން ހިނިތުންވެލަމުން އޭނާގެ ކޮއްކޮއާއި ވާހަކަ ދެއްކިއެވެ. މާޒިން އާއި ދުރަށް ދާން ޖެހޭތީ އަވްލީން ވަރަށް ދެރަވިއެވެ. އަބަދުވެސް އޭނާ އާއި އެކުގައި އޭނާއަށް އެހީތެރިވެދޭން ހުންނަ ކޮއްކޮ އާއި ދުރަށް ދާން ޖެހުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ.
“ދެން ދޮންތަވެސް ދޯ!! ޒިން ދޮންތަ މަތިން އަބަދުވެސް ހަނދާން ވާނެއޭ. އަބަދު ގުޅާފަ އުނދަގޫވެސް ކުރާނަން..” މާޒިން ހީލަމުން އަވްލީންގެ ކޮލުގައި ހިފައިލަމުން ވާހަކަ ދެއްކިއެވެ.
ހަފްތާއެއް ފަހުން އަވްލީން މެލޭޝިޔާއަށް ފުރީި މޮޅު ޑޮކްޓަރަކަށް ވެގެން އެނބުރިއައުމުގެ ފޮނި އުންމީދުގައެވެ.
5 އަހަރު ފަސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސް ގޭޓްކުރިމަތީ ހުރި މާޒިން ހުރީ އޭނާގެ ދޮންތަ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މިއަދަކީ އަވްލީން އޭނާގެ ކިޔެވުން ނިންމުމަށް ފަހު އަންބުރާ ރާއްޖެ އަންނަ ދުވަހެވެ. މާޒިންގެ އިންތިޒާރަށް ނިމުމެއް އައީ އެރައިވަލްސް ގޭޓުން ނިކުމެގެން އަންނަމުން ދިޔަ އަވްލީން ފެނިފައެވެ. އަވްލީން ފެނުމުން މާޒިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި އަވްލީން އަށް އަތުން ހާނަ އަޅާލިއެވެ.
“އޯ އެމް ޖީ!!! ދޮންތާ ޔޫ ލުކް… ޖަސްޓް އޯއޯއޯސަމްމްމްމްމް…..” އަކުރުތަކަށް ދަމައިލަމުން މާޒިން ބުނެލިގޮތުން އަވްލީނަށް މަޖާ ވެގެން ހެވުނެވެ. މާޒިން އެހެން ނުބުނަންވީ ސަބަބެއް ވެސް ނެތެވެ. އަވްލީން ގެ ހަށިގަނޑު މިހާރު ކުރިއަށް ވުރެވެސް ފުރިހަމައެވެ. ދޮން އޮމާން ހަންގަނޑުގައި ކޫރުމެއް ނުވާއިރު އެ އަޅި ކުލާގެ ދެ ލޯ ދިގު ބޯ އެސްފިޔަތަކުން ފްރޭމް ކުރެވިފައިވާ ގޮތުން ބަލައި ފޫހިނުވާނެވެ. ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު ވަނީ މައްޗަށް ނަގައި ކްލިޕްއަކުން ހައްޔަރުކޮށްލާފައެވެ. ކުދި ކުދި އިސްތަށިކޮޅުތައް ތިރިއަށް ވެއްޓިފައި ހުރި ގޮތުން ހިތްގައިމު ގޮތެއް ހުރެއެވެ. ލައިގެން ހުރި މެރޫން ކުލައި ޓޮޕް ކޮޅާއި އައިސް ބްލޫ ސްކިނީ ޖިންސްގައި އަވްލީން ފެންންނީ ވަރަށް ވެސް ފުރިހަމަ ކޮށެވެ.
“ހެހެހެ.. ދެން ޒިން ވެސް ދޯ. ޑޯންޓް ފޮގެޓް ދެޓް އައި އޭމް ޔުއަ ބިގް ސިސް” އަވްލީން ވެސް މާޒިން އާއި ބައިވެލަމުން ބުނެލިއެވެ. ދެކުދިން ވާހަކައިގައި ތިބެ އެއާޕޯޓުން ނިކުމެގެން އެމީހުންގެ މަންޒިލާއި ހަމައަށް ދިއުމަށް ދަތުރު ފެށިއެވެ.
ގޭތެރެއަށް އަވްލީން އަށް އެޅުނު ފުރަތަމަ ފިޔަވަޅާއި އެކު ޔާސިރާގެ މަލާމާތާއި ނުރުހުމުގެ ބަސްތަކާއި ކުރިމަތިލާން ޖެހުނެވެ.
“މީހަކަށް ތިއޮތީ އުޑަށް އެރިފައި. ދެން ރަނގަޅު ވާނެ ލޮނު ލީ އެއްޗެއް ނުކެޔަސް ވެސް. މަގޭ މާޒިން އަށް ވުރެ މޮޅަށް ކިޔެވުނީމަ ވަރަށް ފޮނިވެސް ވެފަ އެއްނު އަދި އެ ހުންނަނީ. ބުނަން ރަނގަޅު ވާހަކައެއް މި ގޭގައި އުޅެންޏާ މަ ބުނާ ގޮތަށް ކަލޭ ކަންތައް ކުރަން ވާނީ.” އާދައިގެ މަތިން ޔާސިރާ އޭނާގެ ހިތަށް އެރިހާ އެއްޗެއް އަވްލީން އާއި ދިމާއަށް ގޮވާލިއެވެ. ވަގުތުން އަވްލީންގެ ރީތި ދެ ލޮލަށް ކަރުނަތައް ޖަމާވެލީ ބަސް ބުނާހާ ހިނދުކޮޅެއްގައެވެ.
“މަންމާ ދެން ކޮންކަމެއްތަ ތީ؟ ދޮންތަ ދެންމެ އޭ ގެއަށް އެ އައީ. އައި އިރަށް ތި އެއްޗިސް ގޮވާލީ. ދޮންތަ ނޫޅެޔޭ އަހަރެންނަށް ވުރެ މޮޅަށް ކިޔެވުނީމަ އެކަމާ ފޮނި ވެގެންނެއް. އަހަންނަށް އިނގޭ ދޮންތަ އަހަރެން ދެކެ ލޯބިވާކަން” މާޒިން އަވްލީންގެ ދިފާޢުގައި ބުނެލިއެވެ. ނަމަވެސް މާޒިން ކީ އެއްވެސް އެއްޗެއް ޔާސިރާއަށް އަޑު އިވުނު ކަމަކަށް ނުވިއެވެ. ތުންއަނބުރައިލަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރުޖަހައިލިއެވެ.
“އިޓްސް އޯކޭ ދޮންތާ. ޔޫ ނޯ އެއްނު މަންމަގެ ގޮތް” މާޒިން އަވްލީންއަށް ހިތްވަރުދިނުމުގެ ގޮތުން ވާހަކަދެއްކިއެވެ.
“އައި އޭމް ގޮއިންޓް ފްރެޝް އަޕް އެންޑް ރެސްޓް” މާޒިން އަށް ހިނިތުންވުމެއް ހަދިޔާކުރަމުން އަވްލީން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ދަބަސް ހުޅުވާލުމަށް ފަހު ބޭނުންވާ އެއްޗިސް ނެގުމަށް ފަހު ފާހާނާއަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ. ފެންވަރާގެން ނިކުމެ އަވްލީން ގައިގާ ލޯޝަން ކޮޅެއް ހާކާލުމަށް ފަހު ތުންފަތުގައި ވެސްލިންގް ކޮޅެއް ހާކާލާފައި އެނދަށް އެރީ ނިދާލުމުގެ ނިޔަތުގައެވެ.
ނިދިފައި އޮތް އަވްލީން އަށް ހޭލެވުނީ ކޮޓަރީގެ ދޮރުފަތުގައި މީހަކު ބާރަށް ތަޅައިގަތުމުންނެވެ. އަވްލީން ބިރުން ހުރީ އެއީ ޔާސިރާ ކަމަށް ހީކޮށްފައެވެ. އަވަހަށް ތެދުވެ ބޯ ރީތިކޮށްލުމަށް ފަހު ގޮސް ދޮރު ހުޅުވާލިއެވެ.
“އަޅޭ ޒިން ކިރިޔާ އޭ ބިރުން ހަލާކު ނުވީ ދޮންތަ. އައި ތޯޓް އިޓް ވޯޒް މަމް ކަމަށް” ހިފަހައްޓާގެން ހުރި ނޭވާ ބޭރުކޮށްލަމުން ހަމަޖެހިލައިފައި އަވްލީން ވާހަކަ ދެއްކީ ކުރިމަތީގައި ހުރި މާޒިން އާއެވެ.
“ސޮރީ ސޮރީ.. ހިނގާބަލަ މަށާއެއްކޮށް ބޭރަށް ކާން ދާން. ޕްލީޒް ޕްލީޒް” މާފަށް އެދެމުން މާޒިން އެދުނީ ބޭރަށް ކާން ދާން އަންނާށެވެ. އަވްލީން ވެސް ބަނޑުހައި ވެފައި ހުރުމުން އެކަމަށް އެއްބަސްވެލުމުން ރެޑީ ވެލައިގެން އެބަ އަންނަންކަމަށް ބުނުމުން މާޒިން ބޭރު ސޯފާގައި ގޮސް ޖައްސާލިއެވެ.
ފަނަރަވަރަކަށް މިނެޓު ފަހުން އަވްލީން ތައްޔާރުވެލައިގެން އައުމުން ދެބެން އެކު އެކީގައި ބޭރަށް ނިކުތެވެ. ޔާސިރާއަށް މި މަންޒަރު ފެނި ކިތެއްމެ ހިތްހަމަނުޖެހުނަސް އެއްޗެކޭ ނުބުނީ މާޒިން އޭނާ އަވްލީން އާއި ދެކޮޅަށް ބަހެއް ބުނެލާއިރަށް އަވްލީން ދިފާޢުކުރާނެކަން އިނގޭތީއެވެ.
ޑައިނަމޯގެ މޭޒެއް ދޮށުގައި އަވްލީން އާއި މާޒިން ތިބީ އޮލަ ވާހަކައިގައެވެ. އޯޑަރުކޮށްގެން ގެނައި ސަބްމެރީން އާއި ޗޮކްލެޓް މިލްޝޭކް ތަށި މޭޒު މަތީގައި ހުއްޓެވެ.
“ދޮންތަ ކޮންއިރަކުންތަ ދެން ޖޮބަށް ނިކުންނާނީ؟ ބުނީމެއްނު މިކޮޅުން ޖޮބްހަމަޖެހިފައޭ އޮތީ” މިލްކްޝޭކް ތަށިން އެތިފޮދެއް ބޯލަމުން މާޒިން އޭނާގެ ދޮންތަ އާއި ސުވާލުކޮށްލިއެވެ.
“ނެކްސްޓް ވީކްގަ ޖޮއިން ކުރަން ބުނެފަ އޮތީ. އަމް ސޯ އެކްސައިޓެޑް” ހިތްހަމަޖެހިފައިހުރެ އަވްލީން މާޒިންއަށް ޖަވާބުދިނެވެ.
އަވްލީން އަވަދިނެތި ތައްޔާރުވަމުން ދިޔައީ މިއަދަކީ އޭނާ ޑިއުޓީއަށް އަލަށް ނިކުންނަ ދުވަސް ކަމަށް ވުމުންނެވެ. ‘ފަސްޓް އިމްޕްރެޝަން އިޒް ރިއަލީ އެފެކްޓިވް ވަން’ ކަން އަވްލީން އަށް އިނގޭތީ އޭނާ އަތްމަތި އަވަސްކޮށްލައިގެން އުޅުނީ ގަޑިޖެހެން ބޭނުން ނުވާތީއެވެ.
ބަރާބަރު 7:50 ގައި އަވްލީން ހުރީ ‘ޑްރީމް ކެއާ ހޮސްޕިޓަލް’ ގެ ކުރިމަތީގައެވެ. ގަޑިޖެހެން 10 މެނެޓަށް ވެފައި ވުމުން އަވްލީން އަވަހަށް އެތެރެއަށް ވަނެވެ. ރިސެޕްޝަންގައި އިން ކުއްޖާ ގާތު ބުނެލުމުން 2 ވަނަ ފްލޯގައި ހުރި ކޮންފަރެންސް ހޯލަށް ދައުމަށް އެ ކުއްޖޭ އެދުނެވެ.
ކުޑަކޮށް ހާސްވެފައި ހުރި ނަމަވެސް ހަމަޖެހިލަމުން އަވްލީން ހޯލަށް ވަނެވެ. ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ސްޓާފުން އެތާގައި ތިބީ އަވްލީން އަށް މަރުހަބާ ކިޔުމަށެވެ. ހޯލުގެ ފާރުގައި ބޮޑުއަކުރުން ‘މަރުހަބާ ޑރ. އާމިނަތު އަވްލީން މިރުހާން’ ޖަހާފައި އިނެވެ. އަވްލީން ހިނިތުންވެލަމުން އެންމެންނާއި ސަލާމް ކުރިއެވެ. ހުރިހާ އެންމެން ވެސް ވަރަށް ހިތްހެޔޮވެފައި ގުޅެއެވެ. އެހެންކަމުން އަވްލީން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



I’m surprised ??
? Why dear?
I hope you like the story
Wow this story is amazing
great job sis love ya!!! ?❤️❤️?????
Thanks zoe dear ❤️??