ހުވަފެނުގެ ރާނީ 6
“އަމްރު…” ދޮރުމަތިން އިވުނު އަޑުން ދެމީހުންނަށް ތެޅިގަނެފައި ތެދުވެއްޖެއެވެ. ތިރިއަށް ބަލަންހުރި ނިކަތު ހެނދުން ރީތި ކޮއްލަމުން އަމްރުއަށް ލޯބޮޑު ކޮއްލިއެވެ. އަދި ކުރިމަތީގައި ހުރި މިހާއަށް ބަލާލިއެވެ. ވަގުތުން އެމީހާ ފަހަތަށް ޖެހިލައިފިއެވެ. މީހަކު ސިންގާއެއް ފެނުނަސް އެވަރު ނުވާނެއެވެ.
“ތަޝްކީލް…” ތެޅެމުން ދިޔަ ހިތާއެކު ބޭއިޙްތިޔާރުގައި އީމާނާއަށް ބުނެލެވުނެވެ. އީމާނާ އެހެން ބުނުމާއެކު އަމްރު ބުމައަރުވާލައިފިއެވެ.
19 ޖެނުއަރީ 1996
ތަޝްކީލް މަޑުކޮއްލައިގެން އިނީ ގޭގެ ދޮރުމަތީގައި ކޮޅަށެވެ. ކޮނޑުމަތީގައި ދިހަދުވަހުގެ ކުޑަކުޑަ ރުކާޔަތާއި އަނެއް އަތުން ނިކަތު ހިފަހައްޓާލައިގެން އިން ތަޝްކީލް މިހާރު ވަރުބަލި ވެއްޖެއެވެ. އިރުކޮޅާއި މަގު މައްޗަށްވެސް ނިކުމެ އޭނާއަށް ބަލާލެވެއެވެ. ނަމަވެސް ދުރުން ނަމަވެސް އޭނާއަށް ޝައްމޫނެއް ނުފެނެއެވެ. ރުކާޔަތުގެ ކުކުރާލުމާއެކު ތަޝްކީލްގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ދެކުދިން ސިޓިން ރޫމްގައި ހުރި ފަތްޖެހެނދެއްގެ މަތީގައި ބާއްވާލުމަށްފަހު އަނެއްކާވެސް ތަޝްކީލް ނިކުތީ ބޭރަށެވެ. މެންދުރުން ފަސްވެ ހަތަރެއް ޖަހަން ކައިރިވި އިރުވެސް ޝައްމޫނެއް ނައެވެ. ހިތްވަރު އެލުވާލާފައި ތަޝްކީލް އެންމެފަހުން ގޭތެރެއަށްވަދެ ނުކުރެވުފައި ހުރި ކަންތައްތައް ކޮށް ނިންމާލިއެވެ. އަދި ކުޑަކުޑަ ދެކުދިން ގޮވައިގެން ކޮޓަރިއަށްވަދެ އެކުދިން ނިންދަވަން މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް އެއްކުއްޖަކު ރޮއެލަން ތަނަށް އަނެއްކުއްޖާ ފަށައެވެ. އެމަންޒަރު ފެނުނު ތަޝްކީލްގެ ލޮލަށް ވަގުތުން ކަރުނަ ޖަމާވެގެން ދިޔައެވެ.
ކުދިން ނިދުމާއެކުހެން ތަޝްކީލަށްވެސް ނިދުނު އިރެއް ނޭނގެއެވެ. ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވުމާއެކު އަޑެއް ކިއުމުންނެވެ. އެތެރެއަށް ވަން ޝައްމޫން ފެނުމުން ތަޝްކީލް ބޯ އުފުލާލަމުން މޭޒުމަތީގައި ހުރި ގަޑިއަށް ބަލާލިއެވެ. މެންދަމުން އަނބުރާ ތިނެއް ޖަހަނީއެވެ. ގަމީސް ބާލަމުން ގޮނޑިމައްޗަށް އެއްލި ޝައްމޫން ބަލާލީ އެނދަށެވެ. ތަޝްކީލް އެނދުން ތެދުވެގެން އައިސް ކޮތަރީގެ ބޮކި ދިއްލާލިއެވެ. އަދި ޝައްމޫންގެ މޫނަށް ބަލާލި ޝަކުވާ ކުރާފަދަ ގޮތަކަށެވެ. ނަމަވެސް އެމޫނުގައި އެއްވެސް އަސަރެއް ނެތެވެ.
“ޝައްމޫން…” ކޮޅަށް ހުރި ތަޝްކީލްއަށް ބަލާވެސް ނުލައި އައިސް ޝައްމޫން އެނދުގައި އޮށޯތުމުން އޭނާ އަނދައި ގަތް ކަހަލައެވެ.
“ތެދުވޭ… ތެދުވާށޭ…” ޝައްމޫންގެ އަތުގައި ހިފައި ދަމައި ގަންނަމުން އެނދުން ނެނގި ތަޝްކީލަށް ހުރީ ރޮވިފައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކާއެކު އޭނާ ޝައްމޫންގެ މޭގައި ބާރަށް ޖަހައިލިއެވެ.
“މޮޔަވަނީތަ؟…” ތަޝްކީލްގެ އަތުގައި ހިފައި ދުރަށް ހޫރާލަމުން ޝައްމޫން ހަޅޭއްލަވައި ގަތެވެ. ނަމަވެސް މިރޭގައި ތަޝްކީލްހުރީ ބިރުންނަކުން ނޫނެވެ. ޝައްމޫން ދައްކާ ބޭކާރު ވާހަކަ އަޑު އަހާކަށްވެސް ނޫނެވެ.
“ވަކި ވަރަކަށް ކަންތައް މައްޗަށް ދިޔާމަ މީހުން މޮޔަވެސް ވާނެ…” ގޮނޑިމަތީގައި ޝައްމޫން ބޭއްވި ގަމީސް ނަގަމުން ތަޝްކީލް އޭތި ނޭފަތް ކައިރީގައި ޖައްސާލިއެވެ. އިތުރަށް އޭނާ ރުޅި އައިހެން ހީވިއެވެ. ތަންތަން ހާވަމުން ގޮސް ކަތުރެއް ނެގިތަން ފެނުނެވެ. ދެން ފެނުނީ ގަމީސް ކޮށާ ކުދި ކޮއްލި ތަނެވެ. މިރޭ ހީވަނީ ތަޝްކީލްގެ ކެތްތެރިކަން ކޮޅުން ލާފައި ވާހެންނެވެ.
“އަދި ދެންތަ އެހެން އެއްޗެއްވެސް…” ކަރު މަތީގައި އަތް އަޅުވާލައިގެން ހުރި ޝައްމޫނަށް މިރޭ ތަޝްކީލް ނުހުއްޓާނެކަން އެނގުނެވެ.
“ކީއްވެ ޝައްމޫން…” މޭޒުމަތީގައި ހުރި ޕްލާސްޓިކް ފުޅިތައް ނަގައި ޝައްމޫންއާއި ދިމާލަށް އުކައި ގަންނަމުން ތަޝްކީލް ތިރިވެ އިށީނދެއްޖެއެވެ. ގިސްލަ ގިސްލާފައި ރޯންފެށި ތަޝްކީލް ފުސްވެފައިވާ ލޮލުން ބަލައިލީ އެނދުމަތީގައި ނިދާފައި ތިބި ދެކުދިންނަށެވެ،
“ތަޝްކީލް ކިހިނެއް ވެގެން ތިއުޅެނީ؟..” ޝައްމޫން ދުރަށް ބަލާލަމުން ކައިރީގައި ހުރި ގޮނޑި ގެނެސް އޭގައި އިށީނދެއްޖެއެވެ.
“ތިއައީ އީމާނާ ކައިރި އަކުންނު… ޝައްމޫން ގައިގަ ލަދުގެ ކަންފުޅެއްވެސް ނުހުންނަނީތަ؟ އެއީ ހަތްއަހަރުގެ ކުއްޖެއްގެ މަންމައެކޭ.. އަހަންނަށް ކުރިންވެސް އެނގިފަ އޮތީ އެއީ ޝައްމޫންގެ އެންމެ ކުރީގެ ލޯބިވެރިޔާކަން އެކަމް ދެން މިހާ އަހަރުތަކެއް ފަހުން އަނެއްކާ އޭނާ ކައިރިއަށް ދާނެ ކަމަކަށް ހިއެއް ނުކުރަން…” ވަރުބަލިވި ތަޝްކީލް މިހާރު އިނީ ތިރިއަށް ބަލާށެވެ. އަދި އެދޮންދޮން ކޯތާފަތްވަނީ މިހާރު ރަތްވެ ލޯކައިރި ގުޅަ ވެފައެވެ.
“އަހަންނަށް ނޭނގުނީ އީމާނާވެސް ހަޔާތްކުޑަކަން… އަހަރެން ބަނޑުބޮޑުވި ފަހުން ޝައްމޫންގެ އުޅުމަށް ތި ބަދަލެއް އައީ… އަހަރެންގެ ލޮލުން އިއްޔެ ދެކުނީ އީމާނާއާއެކު ގޮސް އެމީހުންގެއަށް ވަންތަން…” މަޑު އާހެއް ނިކުތް ތަޝްކީލް އެންމެފަހުން ގައިން ވަރުދޫވި ކަހަލައެވެ.
“ދެމީހަކު އެއްކޮށް ގޮސް ގެއަކަށް ވަނަސް އެ ގޯސްކޮށް އުޅުނީތަ؟.. އަޖައިބު…” ހިނދުކޮޅަކަށް ނަމަވެސް ޝައްމޫންގެ މޫނުން ބިރުވެރިކަން ފެނިގެން ދިޔައެވެ.
“ދެން ޝައްމޫން ތިބުނަނީ ތިދެމީހުންގެ މެދަށް ހަތިމެއް ލައިގެންނޭތަ އިށީނދެގެން ތިބީ..” މަލާމާތުގެ ރާގަކަށް ތަޝްކީލް ބުނެލިއެވެ. އަދި ތެދުވަމުން އަތުގައި އޮތް ކަތުރު މެޒުމައްޗަށް އެއްލާލިއެވެ.
“އަހަރެންވެސް ކުރިއަކުން ހިއެއް ނުކުރަން.. އެކަމް މިއަދު ހެނދުނު މުއާޒް އައިސް ބުނީ.. އަހަނަށް އިނގޭ ފިރިއަކު އެހެން އައިސް ބުނާނީ ވަރަށް ވަރުވީމަކަން… އެހިސާބުން އަހަރެންވެސް ލަދު ކަނޑާފަ އަހަން އެބަހެޖޭދޯ..” ތަޝްކީލް އެހެން ބުނަމުން ޝައްމޫންގެ މޫނަށް ބަލާލިއެވެ. އެމޫނަށް އަރާފައިވާ ކުލައިން ތަޝްކީލަށް އިތުރު ހެއްކަކަށް ބޭނުމެއް ނުވިއެވެ. ހިންދިރުވާލަމުން އައިސް ޝައްމޫން ކުރިމަތީގައި ހުއްޓެމުން އާދޭސް ކުރާފަދަ ގޮތަކަށް ބަލާލިއެވެ.
“އަހަރެން ހީކުރީ އެންމެ ކުރިންވެސް ތަޝްކީލަށް އެނގޭނެ ކަމަށް… އަހަރެން އެއްވެސް އިރެއްގަ ތަޝްކީލް ދެކެ ލޯތްބެއް ނުވޭ… ތަޝްކީލްގެ ރީތިކަން އަހަރެން ބޭނުންވީ… އަހަރެން އިންނަންވެސް މަޖުބޫރުވީ އެހެން ގޮތަކަށް ތަޝްކީލް އަހަންނާއި ކައިރިވާން ބޭނުން ނުވީމަ…” ސީދާ ތަޝްކީލްގެ ލޮލަށް ބަލަހައްޓައިގެންހުރެ ޝައްމޫން ބުނެލިއެވެ. އަދި ގޮނޑިން ތެދުވަމުން ދޮރާއި ދިމާލަށް ބަލާލިއެވެ.
“އަހަރެން ޝައްމޫނަށްޓަކައި އަހަރެންގެ މައިންބަފައިން ދޫކޮއްލީ…” ގިސްލެވެން ފެށުނު ތަޝްކީލް ތިރިވެ ޝައްމޫންގެ ކަކުލުގައި ހިފަހައްޓާލަމުން ބޯ ޖައްސާލިއެވެ.
“އަހަރެން ތަޝްކީލް އަށާއި ކުދިންނަށް ހަރަދު ކުރާނަން އެކަމް ދެން ހަޤީޤަތް އެނގުނީމަ އުޅޭކަށް ބޭނުމެއް ނޫން…” ޝައްމޫން ބާރަށް ހިނގައި ގަތުމުން ތަޝްކީލް ކޮޓަރީ ތެރެއަށް ވެއްޓުނީއެވެ. ނަމަވެސް އެއްފަހަރުވެސް ފަސްއެނބުރި ބަލައެއް ނުލައެވެ. ޝައްމޫންއާއި ތަޝްކީލް ދިމާވީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ. އޭރު ތަޝްކީލް މަންމަމެން އޭނާގެ ކައިވެނި ހަމަޖައްސާފައި އޮތީ ނިޝާންއާއެވެ. ނަމަވެސް ޝައްމޫންގެ ލޮބުވެތި ބަސްތަކުން އޭނާގެ ހިތް ލެބުނީއެވެ. މިހާރު ނިޝާންގެވެސް ތިންއަހަރުގެ ފިރިހެން ދަރިއެއް ހުންނަކަން އޭނާއަށް އެނގެއެވެ. ތަޝްކީލަށް ޝައްމޫންއާއި އީމާނާގެ ކަންތައް ޝައްކުވާންފެށީ ޝައްމޫންގެ ގައިން ދުވަންފެށި އަންހެން ސެންޓުގެ ވަހުންނެވެ.
އޭނާ ދުވަހަކުވެސް ދިރިއުޅުން މިހެން ވެދާނެ ކަމަކަށް އުންމީދެއް ނުކުރެއެވެ. ކުޑަ ދެކުދިން އެކަނި ބޮޑު ކުރާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް ކަންތައް ހީކުރި ގޮތާއި މުޅިން ހިލާފުވީ ޝައްމޫން ރާއްޖެއިން ބޭރަށް ފުރައިގެންދިޔަ ހަބަރު ލިބުމުންނެވެ. އެއަށްވުރެ ބޮޑަށް ތަޝްކީލްގެ ހިތުގައި ޖެހުނީ އޭނާއާއިއެކު އީމާނާވެސް ދިޔަކަން އެނގުމުންނެވެ. ހަރަދު ކުރި ނަމަވެސް އޭނގެން ދެކުދިންނަށް ވި ފައިދާއެއް ނެތެވެ. ބޮޑުވަމުންއައި ދެކުދިންނަށް ބައްޕަގެ ލޯބިއެއީ ކޯއްޗެއް ކަމެއްވެސް ނޭނގެއެވެ.
31 އޮކްޓޯބަރ 2018
“ތަޝްކީލް…” ތެޅެމުން ދިޔަ ހިތާއެކު ބޭއިޙްތިޔާރުގައި އީމާނާއަށް ބުނެލެވުނެވެ. އީމާނާ އެހެން ބުނުމާއެކު އަމްރު ބުމައަރުވާލައިފިއެވެ. މިއޮތް ހުރިހާ ދުވަހު އީމާނާ ދެއްކީ ދޮގު ވާހަކަކަން އޭނާއަށް އެނގުނެވެ.
“ނިކަތު…” އީމާނާ އެހެން ބުނުމުން ނިކަތު މޭގައި އަތް ޖައްސާލަމުން ބުނެލިއެވެ. ކައިރިވެފައިވާ ބުމައާއެކު އަމްރު އަދިވެސް ހުރީ އީމާނާއަށް ބަލާށެވެ.
“މަންމަ މިތާ ކީއްކުރަނީ…” އަމްރު އަޑުގައިވި ނުރުހުންވުމުން ނިކަތު ސިހުނެވެ. އަމިއްލަ މަންމައާއި އެއްވެސް މީހަކު އެހެން ވާހަކަ ދައްކާނެ ހެއްޔެވެ. އީމާނާ ޖަވާބެއް ނުދިނުމުން އަމްރު ނިކަތުގެ އަތުގައި ހިފައިގެން އެތަނުން ނިކުންނަން ހިނގައި ގަނެއްޖެއެވެ.
ދެމީހުން ތިރިއަށް ދިޔައިރު ކުޑަކޮށް ވާރޭ ވެހެއެވެ. ނިކަތު ހަށަން ބަނދެލައިގެން އިނދެ ބަލާލީ އަމްރުއާއި ދިމާލަށެވެ. މި މީހަކު ދަސްކުރަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ. ފުންނޭވާއެއް ދޫކޮއްލަމުން ނިކަތު ބޭރަށް ބަލާލިއެވެ. ވާރޭގައި ޖެހިދާނެތީ އޭނާ ހުރީ ވާރޭ ތިއްކެއްވެސް ނުޖެހޭ ހިސާބުގައެވެ. ބެލްކަނީގައި ހުރި އީމާނާއަށް އެމަންޒަރު ފެނުމުން ލޯހަނި ކޮއްލެވުނެވެ. އޭނާ ދަންނަ ނިކަތުއަކީ ވާރެއާއި ހެދި މޮޔަވެފައި ހުންނަ ކުއްޖެއެވެ. ވާރެއާ ނުތެމި ދުރުގައި އަބަދުވެސް ހުންނަނީ ނިކަތުއެވެ. ދެކުދިން އެއްވައްތަރު ނަމަވެސް އަބަދުވެސް ސިޔާސައީ ރުކާޔަތެވެ. ނަމަވެސް މިކުއްޖާ ނިކަތުއަށް ވިގޮތެއް އޭނާއަކަށް ނޭނގުނެވެ. އޭނާއަށް އެނގޭ ނިކަތުއަކީ ވާރެއަށް ވަރަށް ފޯރި ހުންނަ އަންހެން ކުއްޖެކެވެ. ނަމަވެސް މިކުއްޖާ މިތަފާތުވަނީ ކީއްވެ ހެއްޔެވެ.
އީމާނާ ފޯނު ނަގައި ނަންބަރަކަށް ގުޅާލަމުން އެތަނުން ހިގައިގަތީ ތިރިއަށް ދާށެވެ. އޭނާ މިނުދަންނަ ނިކތުއާއި ވާހަކަ ދައްކާލަން ބޭނުމެވެ. ކުޑަކޮށް ވާރޭ ވެހެމުން ދާތީ އަދިވެސް ނިކަތު ހުރީ ދާން ބޭނުންނުވެފައެވެ. އޭނާ އެއްވެސް ވަރަކަށް ވާރެއަށް ނިކުންނާކަށް ބޭނުމެއް ނުވެއެވެ. ދޮރުމައްޗަށް ނިކުތް އީމާނާ އެންމެ ފުރަތަމަވެސް ބަލާލީ ނިކަތުގެ ނިކަތުގެ ކަޅިއަށެވެ. ނިކަތު ދެތިން ފަހަރު އެސްފިޔަ ޖަހާލަމުން އިމާނާ ލައިގެން ހުރި ބޮޑޫ ހެދުމަށް ބަލާލިއެވެ. އަދި އޭނާ އަޅައިގެންހުރި ޝޯލްއަށްވެސް ބަލާލިއެވެ. ބަލާބެލުމަށް އީމާނާއަކީ އެހައި އުމުރުން ދުވަސްވެފައި ވާނެހެއް ހިއެއް ނުވެއެވެ. ނިކަތުއަށް އީމާނާ ބަލަންހުރި ގޮތުން ހީވަނީ އޭނާ ވަރަށް ދުވަސްވަންދެން ދަންނަ މީހަކަށް ބަލަން ހުރި ހެންނެވެ.
ކައިރިއަށް ޖެހިލި އީމާނާ ސަލާމަށް އަތްދިއްކޮއްލިއެވެ. ރައްދުގައި ހަދާނެ ގޮތެއް ނޭނގުނު ނިކަތުއަކަށް ބަލާލެވުނީ ކައިރީގައި ހުރި އަމްރުއަށެވެ. އަމްރުގެ މުލައްދަނޑީގައި ހިފައި ދަމާލެވުނު ނިކަތު އެއްވެސް ވަރަކަށް ކުރެވުނު ކަމަކަށް ނުވިސްނައެވެ. އަމްރު ލުއިކޮށް ހީލިތަން ފެނުމުން އީމާނާ އަނދައިގަތް ކަހަލައެވެ. ފުރަތަމަ ތަޝްކީލެވެ. މިހާރު ވިއްދާފައި މިހުރީ އޭނާގެ ދަރިއެވެ.
“ރުކޫ.. ކިހިނެއް މިގެއަށް އައީ؟…” އީމާނާ ނޭނގިހުރެ އަހާލިއެވެ. ނިކަތު މިފަހަރު ކުޑަކޮށް ހިތްހަމަ ނުޖެހުނުކަން އޭނާގެ މޫނުން ފާހަގަވިއެވެ.
“އަޅުގަނޑަށް ކިޔަނީ މަރްޔަމް ނިކަތު ނިޝާން….” ރުޅިއައި ނިކަތު އެހެން ބުނެފައި ގެއާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. އެތަނުގައި މަޑުކޮއްފިނަމަ އޭނާއަށް ނުދަންނަ މީހަކާއި ހަޑިކޮށް ވާހަކަ ދެއްކިދާނެއެވެ.
“ނިކަތު ނިޝާން… ހެހެހެ….” ނިޝާންގެ ނަން އަޑުއިވުމުން އީމާނާގެ މޫނަށް ވެރިވީ ނުލަފާ ހިނިތުން ވުމެކެވެ. ކައިރީގައި ހުރި އަމްރުދެން އެނބުރުނީ އީމާނާއާއި ދިމާލަށެވެ. އޭނާ އަހަން ބޭނުންވި ބައިވަރު ވާހަކަ އެބަހުއްޓެވެ.
“މަންމަ ކީއްކުރަނީ މިގޭގަ…” މޫނު ހަދާލަމުން އެތެރެއަށް ވަންނަން ދިޔައެވެ. އޭނާ އެއްވެސް ވަރަކަށް އީމާނާ އެގޭގައި ހުންނާކަށް ބޭނުމެއް ނުވެއެވެ.
“އަމްރު ރާއްޖެއިން ބޭރު ކުއްޖަކަށްވިއަސް މަންމައަށް އެންމެ ރަނގަޅު.. އެކަމް ރުކޫ.. އައި މީން ނިކަތް އެއްނޫން….” އީމާނާ އެހެން ބުނުމުން އަމްރު ފަހަތަށް އެނބުރުނު އަމްރު އުކުޅުގައި އަތް ވިއްދާލަމުން ލޯބޮޑުކޮއްލިއެވެ.
“މަންމާ ބުނަންތަ… އަހަރެންގެ ދިރިއުޅުންމީ.. މަންމަ އެހެން ފިރިހެނަކާއެކު ފިލައިގެން ދިޔަރޭ އަހަރެން ރުއިރުރިން ހަނދާން އެބަހުރިތަ…” އަމްރު އިސްޖަހާލަމުން އެހެން ބުނެލި ގޮތުން އީމާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ނުނިމޭ
2 Comments
Comments are closed.
Mi story than kolheh kury….ninnu mi avvure dhigu Koh genes nufheveyne tha…aslu …mi story varah rythi …
haadha reethi story ekey.ekam kuree digukolaanama. when next part