
އެވްލީން… 10
ފިޒާޔާ އެވްލީންގެ އަތުން ދޫކޮށްލުމަށްފަހު އޭނަގެ އަތަށް ލެވުނުހާ ބާރަކާއެކު އެވްލީން ކޮށްޕާލުމުން އެވްލީންއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އެވްލީންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ވެއްޓެން ދިޔަ އެވްލީން ފެނުމާއެކު ޓެރެސްއަށް ނިކުތް ޒަވީންއަށް ދުއްވައިގަނެވުނީ އެވްލީންއާއި ދިމާއަށެވެ. ޒަވީން ހުށިޔާރު ކަމާއެކު އެވްލީންގެ އަތުގައި ހިފާ ލުއްކިޔެއް ޖެހުމާއެކު އެވްލީން ގޮސް ޖެހުނީ ޒަވީންގެ މޭމަތީގަ އެވެ. ޒަވީން ފެނުމާއެކު ޖުނެއިނާއާއި ފިޒާޔާއަށް ލިބުނީ ޝޮކެކެވެ. އެވްލީން ޚަބަރު ހުސްވެގެން ޒަވީންގެ އަތްދަނޑި މައްޗަށް ދެމުނެވެ.
” ޖުނެއިނާ… !!! ” މިފްޒާލްގެ ބާރު ހަޅޭކުގެ އަޑަށް ޖުނެއިނާ ދިޔައީ ސިއްސައިގެންނެވެ.
ޖުނެއިނާ މިފްޒާލްއާއި ދިމާއަށް ބަލައިލުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޓެރެސްއަށް ފެތުރިފައިވާ ފަނޑު އަލިކަމުގެ ތެރޭންވެސް މިފްޒާލްގެ ރުޅިއައިސް ރަތްވެފައިވާ މޫނު ފެނުމުން ޖުނެއިނާގެ ހިތަށް ބިރުވެރިކަން ސަވާރުވެގެން ދިޔައެވެ. ޖުނެއިނާގެ މޫނަށް ވެރިވަމުން ދިޔަ ދާތިތިތަކުން އޭނަ ބިރުގެންފައި ހުރި މިންވަރު ހާމަކޮށްދެއެވެ.
” މިފް..މިފްޒާލް… އަހަރެން… ” ޖުނެއިނާގެ އަޑުގައި ތުރުތުރު ލުމެއް އެކުލެވިގެންވިއެވެ. މިފްޒާލް އެހާ ރުޅިއައިސްފައި ހުއްޓާ ދުވަހަކުވެސް ޖުނެއިނާއަށް ފެނިފައެއްނުވެއެވެ.
” ހުއްޓާލާ !. ” މިފްޒާލް މަސައްކަތް ކުރަމުން ދިޔައީ ރުޅި ކޮންޓްރޯލް ކުރެވޭތޯއެވެ.
” އެންމެ ފަހަރަކު ވެސް އަހަރެން ދައްކަން މިއުޅޭ… ” އަހަރެން ބޭނުމެއްނޫން ކަލޭގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް !! ” މިފްޒާލް ދަތްކުނޑި ވިކާލިއެވެ. މިފްޒާލްގެ ޖުމްލައިން ޖުނެއިނާއަކަށް އިތުރު އެއްވެސް ބަހެއް ދުލުން ބޭރުކުރާކަށް ނުކެރުނެވެ. ޖުނެއިނާ ޒަވީންއާއި ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ޒަވީންގެ ސަބަބުން އޭނަގެ ހުރިހާ މަސައްކަތެއް އެދިޔައީ ފެނަށެވެ. އަދި ނުވީތާކަށް މިފްޒާލްއަށްވެސް ހުރިހާކަމެއް ފަޅާއަރައިފިއެވެ. މިފްޒާލްއަށް އެހަޤީޤަތް ފޮރުވަން އޭނަ ނުކުރާކަށް ކަމެއް ނެތެވެ. ނަމަވެސް އެއްވެސް ކަމެއް ދާއިމަށް ސިއްރެއް ނުކުރެވޭނެކަން ޤަބޫލުކުރަން އޭނައަށް އެއޮތީ ޖެހިފައެވެ.
” އަހަރެން ދުވަހަކުވެސް ހިޔާލަށް ނުގެންނަން ޖުނެއިނާ އެވްލީންއަށް އެފަދަ ބޮޑު އަނިޔާއެއް ދީފާނެކަމަށް…. އަހަރެން އެވްލީންގެ ކަންތައްތަށް ޖުނެއިނާއާއި ހަވާލު ކުރީ ޖުނެއިނާއަށް ހާދަ އިތުބާރެއް ކޮށްފައޭ !… ޖުނެއިނާ ބުނެގެން އަހަރެން އެވްލީން މެންޓަލް އެސައިލަމްއަށް ފޮނުވީވެސް އަހަރެންގެ ހިތާއި ދެކޮޅަށް… އެކަމަކު އަހަރެންގެ ހިތަށް ދުވަހަކުވެސް ނާރާ ބޭރުފުށުން ތިވާމަރުގެ ރަނގަޅު މީހެއް ނެތްކަމުގައި ހެދިގެން ހުރި މީހާ އަހަރެންގެ ދަރިފުޅުގެ ދިރުއުޅުން ބަރުބާދު ކޮށްލަފާނެޔޭ… އަހަރެންނަށް އެދުވަހު ޖުނެއިނާގެ އެދުމާ ދެކޮޅު ހެދުނުނަމައޭ އަހަރެންގެ ހިތަށް މިހާރު އެބައަރާ… ” ޖުނެއިނާގެ ކުރިމަށްޗަށް ހުއްޓިލަމުން މިފްޒާލް ހަޅޭއްލަވައިގަތެވެ. ޖުނެއިނާ ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން ހުރިއިރު އެހިތުގައި އަނދަމުން ދިޔައީ ރުޅިވެރިކަމުގެ އަލިފާނެވެ. އޭނަ ޒަވީންއާއި އެވްލީންއަށް ދުވަހަކުވެސް އުފަލެއް ލިބިޔަކަ ނުދޭނެއެވެ.
” ކަލޭގެ ތިމަޤްސަދު ހާސިލުކުރަން ކިތަށް މައުސޫމު ފުރާނަ ދުއްވާލީ… ؟ ” މިފްޒާލްގެ ސުވާލުން ޖުނެއިނާއާއި ފިޒާޔާއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. އޭރު ޒަވީން އެވްލީން އަތްދަނޑި މައްޗަށް އުފުއްލާލައިގެން އެވްލީންގެ ކޮޓަރިއާއި ދިމާއަށް ހިނގައްޖެއެވެ. ” ބަލަ އަހަރެން ސުވާލު މިކުރަނީ ޖުނެއިނާއާއޭ ! ” މިފްޒާލް ޖުނެއިނާގެ އަތުގައި ހިފަހައްޓަމުން މިފްޒާލްއާއި ދިމާއަށް އަނބުރާލިއެވެ.
” ހީކުރީ ދޯ ދުވަހަކުވެސް ކަލޭމެން ދެމީހުން ތިކުޅޭ ކުޅިގަނޑު އަހަންނަށް ފަޅާނާރާނެޔޭ ؟ ވިލްޝާގެ ފުރާނަ ދުއްވާލި އިރު ފިޒާޔާގެ ހިތުގައި އިންސާނިއްޔަތު ވަންތަކަންވެސް ނެތީތަ ؟ ” މިފަހަރު މިފްޒާލް ވާހަކަ ދެއްކީ ފިޒާޔާއައެވެ. ފިޒާޔާގެ މޫނުމަތިން ބިރުވެރިކަމުގެ ކުލަވަރު ފެންނަމުން ދިޔައިރު ހާސްކަން ކަނޑުވާލުމުގެ ބޭނުމުގައި ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ދެއަތްތިލަ ޖޯޑުކޮށްލައި އެވެ.
ފިޒާޔާ ވިސްނަމުން ދިޔައީ ވިލްޝާ މަރާލިކަން މިފްޒާލްއަށް އެނގުނު ގޮތަކާ މެދުގައެވެ. އެވަގުތު މައިހާ ހަނދާނަށް އައުމާއެކު ފިޒާޔާއަށް ހުރިހާކަމެއް ސާފުވެގެން ދިޔައެވެ.
” ޒަވީންއަށް ކަލޭމެންގެ ހަޤީޤަތް ފަޅާއެރުން އެއީ ބޮޑު ނަސީބެއް… ” މިފްޒާލް ޖުނެއިނާގެ އަތުން ދޫކޮށްލަމުން އޭނަގެ ފޯނުނަގައި ފުލުހަށް ގުޅާލިއެވެ. ” މިފްޒާލް ނޫން… ” މިފްޒާލް ފުލުހަށް ގުޅުމުން ޖުނެއިނާއަށް ރޮއިގަނެވުނެވެ. ފިޒާޔާ އެއްވެސް ބަހެއް ނުބުނެ ހުރީ ހުއްޓުން އަރާފައެވެ. ” ކަލޭމެން ކުރި ކުށުގެ ސަޒާ ލިބެން ޖެހޭނެ… ” މިފްޒާލް ޖުނެއިނާއާއި ފިޒާޔާއަށް ބަލާލިއެވެ. ޖުނެއިނާ ރޮމުންގޮސް ދެލޯރަތްވެފައި ވާއިރު ފިޒާޔާ ހުރީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. އަމިއްލަ ދިފާއުގައި ބަހެއްބުނަން ފިޒާޔާގެ ދޫހަރަކާތެއް ނުކުރިއެވެ.
ފިޒާޔާއަށް އޭނަ ކޮށްފައިވާ ނުބައި ކަންތައްތަށް ލޯކުރިމަތިން ސިފަވަމުން ދާހެން ހީވަމުން ދިޔައެވެ. އޭނަ ދުނިޔޭގެ އުފަލާއި އަރާމަށްޓަކައި އެތަށް ދިރުއުޅުން ހަލާކު ކޮށްލައިފިއެވެ. ކުށެއްނެތް މީހެއްގެ ފުރާނަވެސް ދުއްވާލައިފިއެވެ. ކުރެވުނު ކުށްތަކަށް ފިޒާޔާހުރީ ދެރަވެފައެވެ. ނަމަވެސް ޖުނެއިނާގެ ހިތުގައި އަނދަމުންދާ ނަފްރަތުގެ ހުޅުގަނޑުވަނީ ޖުނެއިނާގެ ހިތް ހިލަކޮށްލާފައެވެ.
* * *
ޒަވީން އެވްލީން އެނދުގައި ބާއްވަމުން ސައިޑްޓޭބަލް މަތީހުރި ފެންޖަގުން ތަށްޓަކަށް ފެން އަޅާލުމަށްފަހު ފެންގޮށްޓެއް ނަގައި އެވްލީންގެ މޫނަށް ބުރުއްސާލިއެވެ. ނަމަވެސް އެވްލީން ހޭއަރާ ގޮތެއް ނުވިއެވެ. އެވްލީންއަށް ކަމެއް ވެދާނެތީ ހާސްވެފައި ހުރި ވަރުން ޒަވީންއަށް އެއްވެސް ކަމަކާމެދު ރަނަގަޅަށް ނުވިސްނުނެވެ. ޒަވީން އެވްލީންގެ އަތުގައި ހިފަހައްޓާލަމުން އެވްލީންއަށް ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެވަގުތު އެވްލީންގެ ފިނިވެފައިވާ އަތްތިލައިން ޒަވީންގެ ހިތުގައި ބިރުވެރި ކަމުގެ ރާޅު ބާނީތަކެއް ދަތުރު ކޮށްލައިފިއެވެ.
އެވްލީންއަށް ނޭވާލާން އުނދަގޫވާކަން ޒަވީން ފާހަނގަވުމާއެކު ޒަވީން އެވްލީންއަށް ސީޕީއާރް ދިނެވެ. ނަމަވެސް އެވްލީންގެ ހާލަތު ދިޔައީ ސިކުންތަކަށްފަހު ސިކުންތަކަށް ދަށްވަމުންނެވެ. ކިތަންމެ ކެތްކޮށްގެން ހުރިކަމުގައި ވީނަމަވެސް ޒަވީންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
* * *
” ވުޑްލޭންޑް ” ޕޯޓިކޯއަށް މަޑުކޮށްލި ފުލުސް ޖީޕްގެ ސައިރެންސްގެ އަޑުން ހަފްލާއަށް އައިސްތިބި ހުރިހާ މެހުމާނުންގެ ނަޒަރު ހުއްޓިގެން ދިޔައީ ޕޮލިސް ޖީޕާއި ދިމާއަށެވެ.
ސިޓިންގް ރޫމަށް ވަދެގެންއައި ހަތަރު ފުލުހުން ފެނުމާއެކު ކަމެއް ގޯސްވެގެން އުޅޭކަން ހުރިހާ މެހުމޭނުނަނަށް ޔަޤީންވެގެން ދިޔައެވެ. އިސްޖަހާލައިގެން ތިބެ ސިޑިން ފައިބައިގެން އައި ޖުނެއިނާއާއި ފިޒާޔާ ގެ ފަހަތުން އައި މިފްޒާލް ފެނުމާއެކު ފުލުހުން ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ.
ޖުނެއިނާ ފިލަން ބޭނުންވިއެވެ. ނަމަވެސް އޭނަ ފިލަން އުޅެފިނަމަ އޭނަ އިތުރަށް ބަދުނާމު ވާނެއެވެ. އެހެންނޫންނަމަ އޭނަ ފިލައިފިތާ ކޮން އިރެއް ހެއްޔެވެ؟
” މިބިތީ އެދެމީހުން… ” މިފްޒާލްގެ އަޑުން މުޅި މާހައުލު ހަލަބޮލިވެގެން ދިޔައެވެ.
މިފްޒާލް ފުލުހުންނަށް އިތުރު މައުލޫމާތުތައް ސާފުކޮށް ދިނުމުން ހުރިހާ މެހުމާނުންނަށް ލިބުނީ ޝޮކެކެވެ. ޖުނެއިނާ ކަހަލަ ރަނގަޅު މީހެއްގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮންފަދަ ނުބައި މީހެއްކަން އެނގުމުން ޖުނެއިނާގެ އެކުވެރިން ތިބީ ބުނާނެއެއްޗެއް ނޭނގި އަނގަހުޅުވިފައެވެ. ފުލުސް ޔުނިފޯރމުގައި ހުރި އަންހެނަކު އައިސް ޖުނެއިނާ ގެންދަން އުޅުމާއެކު ޖުނެއިނާ މިފްޒާލްއާއި ދިމާއަށް ބަލައިލިއެވެ. މިފްޒާލް އޭނަ ސަލާމަތްކޮށް ދީފާނެ ކަމުގެ ކުޑަ އުއްމީދެއް އެހިތުގައި އޮތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ޕޮލިސް ޖީޕާއި ހަމައަށް ދެވެންދެން ވެސް މިފްޒާލް އެއްމެ ބަހެއްވެސް އެދުލުން ބޭރު ނުކުރިއެވެ. ޖުނެއިނާ ހުރީ އޭނަގެ އެކުވެރިން ކުރިމަތީގައި ބޭޒާރު ވުމުގެ ސަބަބުން އިންތިހާއަށް ރުޅިއައިސް ލަދުގެންފައެވެ.
ޕޮލިސް ޖީޕަށް އެރުވުމާއެކު ޖުނެއިނާއަށް ރޮއިގަނެވުނެވެ. ޖުނެއިނާގެ ހުރިހާ އެކުވެރިން ޖުނެއިނާއާއި ދިމާއަށް ބަލަހައްޓައިގެން ތިބީ ޤަބޫލުކުރަން ދަތި ނަޒަރަކުންނެވެ. ” ވުޑްލޭންޑް ” ގޭޓުން ޖީޕް ނިކުމެގެން ދިއުމާއެކު ހަފްލާއަށް އައިސް ތިބި މެހުމާނުންތަށްވެސް ތަފާތު ވާހަކަތައް ދައްކަމުން ހަފްލާ ދޫކޮށްދާން ހިނގައިގަތެވެ.
ހުރިހާ މެހުމާނުންގޮސް ހުސްވުމާއެކު ނޯކަރުންތަށް އަވަސްވެގަތީ ސިޓިންގް ރޫމް ސާފުކުރުމަށެވެ.
” އެވްލީން.. ” ރުޅިވެރި ކަމުގެ ތޫފާން އުފެދިފައިވާ މިފްޒާލްގެ ހިތަށް ކުއްލިޔަކަށް ބިރުވެރިކަން ސަވާރުވެގެން ދިޔައީ އެވްލީންމަތިން ހަނދާން ވުމާއެކުއެވެ. މިފްޒާލް ހަލުވި ފިޔަވަޅު ތަކެއްގައި ހިނގައިގަތީ އެވްލީންގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު މިފްޒާލްގެ ހިތުގެ ތެޅުންވަނީ އަވަސް ވެފައެވެ.
އެވްލީންގެ ކޮޓަރިއަށް ވަން މިފްޒާލް ހުއްޓުން އެރީ ޒަވީންގެ ޖުމްލައިންނެވެ. ” ހެލޯ… ވުޑްލޭންޑަށް އެމްބިއުލާންސެއް ފޮނުވަދީބަލަ… މޭކް އިޓް ވެރީ ފާސްޓް… އިޓް އޭން އެމަރޖެންސީ… ” ޒަވީންގެ އަޑުގައި ހާސްކަން އެކުލެވިގެންވިއެވެ. ” ޒަވީން… ކީއްކުރާ އެމްބިއުލާންސެއް ؟ ” މިފްޒާލް އެވްލީންއާ ދިމާއަށް ބަލާލިއެވެ. ” އެވްލީން ހާރޓް ބީޓް ދައްވާތީވެ… ” ޒަވީން އެވްލީން ކައިރިއަށް ހިނގައިގަތެވެ. ޒަވީންގެ ޖުމްލައިން މިފްޒާލްއަށް ހީވީ ބާރުގަދަ ބޮމެއް ކަންފަތް ދޮށުގައި ގޮވިހެންނެވެ. ޒަވީން ކިތަންމެ ހާސްވެފައި ހުރިކަމުގައި ވީނަމަވެސް އޭނަ މަސައްކަތް ކުރަމުން ދިޔައީ އެކަން ފޮރުވުމަށެވެ.
* * *
އެމްބިއުލާންސަށް އެވްލީން އެރުވުމާއެކު ޒަވީންއާއި މިފްޒާލްވެސް އެމްބިއުލާންސަށް އެރިއެވެ. ހޮސްޕިޓަލާއި ހަމައަށް ދެވެންދެން އެމްބިއުލާންސް ތެރޭގައިވެސް އެވްލީންއަށް ފަރުވާދެވުނެވެ. ވެންޓިލޭޓާރގެ އެހީގައި ނޭވާ ލަމުން ދިޔައިރު ނަރުސްކުއްޖަކު އިރުއިރު ކޮޅާ އެވްލީންގެ ހާޓް ބީޓް ނޯރމަލް ރެޓްގައި ހުރިތޯ ބަލައިލައެވެ.
އޭޑީކޭ ހޮސްޕިޓަލަށް އެމްބިއުލާންސް މަޑުކޮށްލުމާއެކު ނަރުސް ކުދިންތަކެއް އައިސް އަވަހަށް އެވްލީން ވެއްދީ އަވަސްފަރުވާދޭ ކޮޓަރިއަށެވެ. ޒަވީންއާއި މިފްޒާލް ބޭރުގައި މަޑުކޮށްލައިގެން ތިބި އިރު ޒަވީންގެ ހިތުގައިވަނީ ތޫނު ރިހުމެއް އުފެދިފައެވެ. އެވްލީންއަށް ކަމެއް ވެދާނެތީ ޒަވީންގެ ހިތް އާދަޔާ ހިލާފް ބާރު މިނުގައި ތެޅެމުން ދިޔައިރު އެހިތަށް ތަފާތު ކަންތައްތަށް ވެރިވަމުން ދިޔައެވެ.
” މިހާރު އެވްލީން ކިނިހެއްތަ ؟ ” ވިހި މިނެޓް ފަހުން އަވަސްފަރުވާދޭ ކޮޓަރިން ޑޮކްޓަރ ޢާލް ނިކުތުމާއެކު މިފްޒާލް އަވަސް އަވަހަށް ގޮސް އަހާލިއެވެ. ” ޝީ އިޒް ސްޓިލް އަންކޮންޝިއަސް… ޓެސްޓްތަކެއް ހަދަމުން މިދަނީ… ހޭ އެރީމަ ވަކި އެއްޗެއް ބުނެވޭނީ… މިހާރު އައިސީޔޫއަށް ބަދަލު ކުރަން އެއުޅެނީ….. ” ޢާލްގެ ޖުމްލައިން ޒަވީންއަށް ހީވާ ބާރުގަދަ އަތަކުން އޭނަގެ މޭމައްޗަށް ހޫނު އެތިފަހަރެއް ވީއްލައިލިހެންނެވެ.
* * *
އައުދުވަހަކަށް ސަނާ ކިޔަމުން އިރުގެ ދޯދިތައް ދުނިޔެ މައްޗަށް ފެތުރިގެން ދިޔައެވެ. އޮރެންޖް ކުލައިގެ ވިލާތައް ވަޔާއެކު ދައުރު ކުރަމުން ދިޔައިރު ހީވަނީ އޮރެންޖް ކުލައިގެ ދޫލައެއް ފަތުރާލާފައި ވާހެންނެވެ. ފަތިހު ވާރޭ ވެހުމުގެ ސަބަބުން ފަޒާގައި ތެއްފިނިކަމެއް ހަރުލާފައިވާއިރު މަގުތަކުގައިވަނީ ކުޑަ ފެންކޯރުތަކެއް ހެދިފައެވެ. މިއަދަކީ ހަފްތާ ބަންދަށްފަހު ސުކޫލުތަކާއި އޮފީސްތައް ހުޅުވޭ ދުވަސް ކަމުން މާލޭގެ މަގުތަށްވަނީ ހަލަބޮލިވެފައެވެ. އެކިކަހަލަ ވެހިކަލް ތަކުން މަޖީދީމަގު ފުރާލާފައި ވާއިރު ބަރުގޮނުގެ އަޑުން ފަޒާގެ ހިމޭންކަން ވަނީ ނަގާލާފައެވެ. ބަލާބެލުމަށް މިއީ ހެނދުނުގެ ވަގުތު ހެންވެސް ހިޔެއްނުވެއެވެ.
ޒަވީން ރޭ ހޭލާހުރުމުގެ ސަބަބުން ޒަވީންއަށް އިންތިހާ ދަރަޖައިގެ ބަރުބަލިކަން އިހްސާސް ވަމުންދިޔައެވެ. ނަމަވެސް އެވްލީން ދޫކޮށްލާފައި ދާހިތެއް ނުވުމުން ޒަވީން ހުރީ މަޑު ކޮށްލައިގެންނެވެ. އެވްލީންއާއި ބައްދަލުވިތާ 3 މަސް ދުވަސްތެރޭގައި އެވްލީން ވަނީ ރަނގަޅަށްވެސް އެހިތުގައި ޖާދޫއެއް ޖައްސާލާފައެވެ. އެވްލީން ނޫން ކުއްޖަކާ ދޭތެރޭގައި މިހާރު އޭނައަށް ނުވެސް ވިސްނެއެވެ. އެވްލީންގެ ހަނދާން ތަކުގައި ވަގުތު ހޭދަކުރެވޭ ގޮތެއްވެސް ޒަވީންއަކަށް ނޭނގެއެވެ. އެވްލީންއާއި އޭނަ ކައިރީގައިވާ މަންޒަރުތަށް ހަނދާނަށް އަންނަ ކޮންމެ ފަހަރަކު އެހިތަށް ފިނިކަމެއް ގެނެސްދެއެވެ.
އެވްލީންގެ މައުސޫމް ހިނިތުންވުމާއި އެވްލީންގެ ކޯތާފަތަށް ވެރިވާ ޖަންބުކުލައިން އެހިތުގައިވަނީ ތޫފާނެއް އުފައްދާފައެވެ. އެރީތި މުށިކުލައިގެ ދެލޮލުގެ ސަބަބުން ޒަވީންއަށް އެވްލީން ސިފަކުރެވެނީ ޕަރީއެއްގެ ގޮތުގައެވެ. ހަމަ ޔަޤީނުންވެސް އެވްލީންއަށް އެހިތުން ޖާގައެއްވަނީ ދެވިފައެވެ. އެހެން ނޫންނަމަ އެވްލީންއާ މެދުއެހާ ބޮޑަށް ނުވިސްނޭނެއެވެ. އޭނަ ކިޔަވަން އެމެރިކާގައި އުޅުނުއިރު އެވްލީންއަށް ވުރެ ރީތި އަންހެން ކުދިންވަނީ ފެނިފައެވެ. އެއިން ކޮންމެ ކުއްޖަކުވެސް އޭނަގެ ހިތް މިލްކު ކުރަން ނުކުރާކަށް ކަމެއްނެތެވެ. އޭނަ އާކައިރީގައި އުޅުންވެސް އެއީ އެކުދިންނަށް ލިބޭ ޝަރަފެކެވެ. ނަމަވެސް އެހުރިހާ ކުދިން ދޫކޮށްލުމަށްފަހު އެވްލީން ހާއްސަވީ ކީއްވެގެންހެއްޔެވެ ؟ އެހިތުން އެވްލީންއަށް ދެވިފައިވާ ޖާގައަކީ ކޮބާ ހެއްޔެވެ ؟
ޒަވީންގެ އިސްތަށިގަނޑު ހޭވިފައިވުމާއެކު ބައެއް އިސްތަށިތައް އެމޫނަށް ފައިބައިފައި ހުއްޓެވެ. އެރީތި އަޅި ކުލައިގެ ދެލޮލުގައިވަނީ ނިދީގެ އަސަރެވެ. ނޫކުލައިގެ ޖިންސަކާއި އެއާ ގުޅޭކަހަލަ ޓީޝާޓެއްގައި ޒަވީން ހުރިއިރު ، ޓީޝާޓް ގަޔަށް ހިފާފައިވާއިރު ޒަވީން ފެންނަނީ މޮޑެލް ކުރާ މީހެއް ހެންނެވެ. ފާރަށް ލެނގިލައިގެން ބޭރަށް ބަލަހައްޓައިގެން ހުރި އިރު ޒަވީން ހުރީ ދެއަށް ޖީބަށް ޖަހާލައިގެންނެވެ. އެމޫނުމަތިން ހިތާމައިގެ އަސަރު ފާޅުވަމުން ދިޔައިރު ހިތްތަށް ޒަހަމް ކޮށްލާހާވެއެވެ. އަންހެން ކުދިންގެ ތޫނު ނަޒަރު ޒަވީންއާއި ދިމާއަށް ހުއްޓެމުން ދިޔައެވެ.
” ކޮބާތޯ ޕޭޝަންޓްގެ މަންމަ ؟ ” އައިސީޔޫގެ ދޮރު ހުޅުވާލުމަށްފަހު ނުކުތް ނަރުސް ކުއްޖާ ސުވާލުކުރީ ގޮނޑި ބަރިއެއްގައި އިށީންދެލައިގެން އިން މިފްޒާލް އާއެވެ. ރޭ ނުނިދާ ހުރުމުގެ ސަބަބުން މިފްޒާލްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ނަރުސް ކުއްޖާގެ ސުވާލުން މިފްޒާލްއަށް ގޮނޑިން ތެދުވެވުނު ގޮތެއްވެސް ނޭނގެއެވެ. ތަންކޮޅެއް ދުރުގައި ހުރި ޒަވީންއަށްވެސް ނަރުސް ކުއްޖާގެ ސުވާލު އަޑުއިވުނެވެ.
” ސާރ…… ޕްލީޒް އިންފޯރމް ހާރ… ޕޭޝަންޓަށް ވަނީ ޝޮކެއް ލިބިފައި… މިފަދަ ދަނޑިވަޅެއްގައި ޕޭޝަންޓް ބޭނުންވާ ގޮތަށް ކަންތަށް ކުރުން އެންމެ ރަނގަޅުވާނީ…. ” މިފްޒާލްގެ ފަރާތުން ޖަވާބެއް ނުލިބުމުން ނަރުސް ކުއްޖާ ބުނެލިއެވެ.
ނަރުސް ކުއްޖާ އެވްލީންއަށް ” ޝޮކެއް ” ލިބުނު ވާހަކަ ބުނުމުން ޒަވީން ބާރު ފިޔަވަޅުތަކެއްގައި ގޮސް ނަރުސް ކުއްޖާ ކުރިމައްޗަށް ހުއްޓިލިއެވެ.
” އަހަރެން މީ އެވްލީންގެ ޑޮކްޓާރ… ކޭން އައި މީޓް ހާރ ؟ ” ޒަވީންގެ ފިިރިހެންވަންތަ އަޑު ނަރުސްކުއްޖާގެ ކަންފަތުގައި ގުގުމާލިއެވެ. ” މިހާރު މީޓް ކުރެވިދާނެ…. އެކަމަކު… ” އަހަރެން ބޭނުމީ ހަމައެކަނި ޕޭޝަންޓްގެ މެޑިކަލް ރިޕޯޓް ، އަދި އަަހަރެން ބޭނުން ޕޭޝެންޓްގެ ބްރެއިން އެކްޓިވީޓީ ވެސް ބަލައި އިތުރު ޗެކަޕެއްކުރަން… ” ޒަވީން ނަރުސް ކުއްޖާގެ ޖުމްލަ މެދުކަނޑާލިއެވެ. އޭރު ޒަވީންގެ ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ.
އެވްލީންއަށް ކުއްލި ޝޮކެއް ލިބުމުން އެވްލީން ހާލަތަށް އެކަމުން އަސަރުކުރާނީ ކިހިނެއްކަން ލަފާކޮށްލަން ނޭގޭތީ ޒަވީން ހުރީ ފިކުރު ބޮޑުވެފައެވެ. އިތުރު ޓެސްޓްތަކެއް ހަދަން އޭނަ ބޭނުންވީ ވެސް އެެހެންވެ އެވެ.
ނަރުސް ކުއްޖާގެ ފަހަތުން ޒަވީން އައިސީޔޫއަށް ވަނުމުން ހިތާއި ދެކޮޅަށްވެސް މިފްޒާލްއަށް ޖެހުނީ ޖުނެއިނާ ހޯދަން ޕޮލިސް ސްޓޭޝަނަށް ދާށެވެ. މިފްޒާލް ހޮސްޕިޓަލްގެ ޕޯޓިކޯއަށް ނިކުތްނަމުން ފޯނުނަގައި ރާއިފްއަށް ގުޅާލިއެވެ.
* * *
ޒަވީން އެވްލީން ބާއްވާފައި އޮތް އެނދުކައިރިއަށް ހުއްޓުމާއެކު އެވްލީން ބަލިގޮތަކަށް ލޯހުޅުވާލިއެވެ. ޒަވީން ފެނުމުން އެވްލީން އުނދަގުލާއެކު ހިނިތުންވެލިއެވެ. އެވަގުތު އެވްލީންގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. ” ޝްޝްޝް… ” ޒަވީން އެވްލީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް ލޯތްބާއެކު ފޮހެލަމުން ބޮލުގެ އިޝާރާތުން ނުރޮއި ހުއްޓާލުމަށް އެދުނެވެ.
” މެޑިކަލް ރިޕޯޓް… ” ޒަވީން އަތަށް ނަރުސް ކުއްޖާ ދިއްކޮށްލި ރިޕޯޓް އަތުލަމުން ޒަވީން އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
ދެނަރުސް ކުއްޖަކު އެވްލީންގެ ބޮލުގައި އިލެކްޓްރޯޑްސް ހަރުކުރަން އުޅުމުން އެވްލީންއަށް ތެޅިގަނެވުނެވެ. ނަމަވެސް ޒަވީން އެވްލީންގެ އަތުގައި ހިފާލުމާއެކު އެވްލީން ގަނޑު ފެންކޮޅެއްހެން ފިނިވެގެން ދިޔައެވެ. ކުޑައިރު ކޮޅަކަށް ނަމަވެސް އެވްލީންގެ ހުރިހާ ހިއްސުތަކެއް ހުއްޓުމަކަށް އައިހެން އެވްލީންއަށް ހީވިއެވެ. އެހިތުގެ ތެޅުން އާދަޔާ ހިލާފަށް ބާރުވެގެން ދިޔައެވެ. ޒަވީންގެ އަޅި ކުލައިގެ ލޮލަށް އެވްލީން ބަލަހައްޓައިގެން ހުރިއިރު ޒަވީންގެ ލޮގައިވާ ދަމާބާރުގެ ސަބަބުން އެވްލީން އޮތީ ކަޅިވެސް ޖަހާނުލައި އެ ފުން ކަނޑެއްފަދަ ދެލޮލަށް ބަލަހައްޓައިގެންނެވެ.
މެޝިން އޮން ކުރުމާއެކު ޒަވީން މެޝިނާއި ދިމާއަށް ހިނގައިގަތެވެ. އީއީޖީ ރިކޯޑިންގްތަކަށް ބަލަހައްޓައިގެން ހުރި ޒަވީންގެ ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުމުގެ ސަބަބުން ޒަވީން އުފާވެފައި ހުރިވަރު ހާމަކޮށްދެއެވެ.
” ޝީ އިޒް ނޯރމަލް… ” ޒަވީންއަށް އުފާވެރި ރާގެއްގައި ބުނެލެވުނެވެ.
* * *
ޕޮލިސް ސްޓޭޝަނަށް ވަދެގެންއައި މިފްޒާލްގެ ފިޔަވަޅުތައް ބާރެވެ.
” މިފްޒާލް… ” ޤައިދީން ބަހައްޓާފައިވާ ގޮޅިއެއްގައި އިން ޖުނެއިނާއަށް މިފްޒާލް ފެނުމާއެކު ބުނެލެވުނެވެ. އޭރު މިފްޒާލް އައިސް ޖުނެއިނާ ބަހައްޓާފައިވި ގޮޅިއާއި އާރާހަމަވަނީއެވެ. މިފްޒާލް ފެނުމުން ޖުނެއިނާގެ މޫނަށް ރުޅިވެރިކަން ސަވާރުވެގެން ދިޔައެވެ. މިފްޒާލް މިހާރު މިތަނަށް އައީ ކީއްކުރަން ބާވައެވެ ؟
. ” އަހަރެން މިއައީ ޖުނެއިނާ މިތަނުން މިނިވަން ކުރަން… ” ދެލޯ މަރާލަމުން ރުޅިގަނޑު އޮއްބައިލަމުން މިފްޒާލް ބުނެލިއެވެ. ” އަހަރެން ބަދުނާމު ކުރިލެއް އަދިވެސް ކުޑައީތަ…. މިހާރު މިފްޒާލް މިތަނަށް ތިއައީ އަހަރެން ލައްވާ އާދޭސް ކުރަން ވެގެން ދޯ ؟ މިފްޒާލްގެ ހިތަށް އަދިވެސް ހަމަޖެހުމެއް ނުލިބެނީތަ ؟ އަހަރެންގެ ހުރިހާ އެކުވެރިން ކުރިމަތީގަ އަހަރެންގެ އަގު ވައްޓާލުމުންވެސް ތި ހިތަކަށް ފިނިކަމެއް ނުލިބުނު ދޯ ؟ ” ޖުނެއިނާ ރުންކުރު ރާގެއްގައި ބުނެލިއެވެ.
” އަހަރެން ބޭނުމެއް ނޫން ކަލެއާ ބޭކާރު ވާހަކަ ދައްކާކަށް… އަހަރެންގެ ދަރިފުޅު ކަލެއާ ބައްދަލު ކުރަން ބޭނުންވާތީ އަހަރެން ކަލޭ ހޯދަން މިއަދީ…. އެހެން ނޫންނަމަ އަހަރެން ކަލޭގެ މޫނު ފެންނަ ތަނަކަށްވެސް ނާންނާނަން ! ” މިފްޒާލް ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ.
” ބުނޭ އޭނަ ކައިރީގަ އަހަރެން ބޭނުމެއް ނުވެޔޭ އެނާއާ ބައްދަލުކުރާކަށް… ” ޖުނެއިނާ ބޭނުންވީ މިފްޒާލް ލައްވާ އާދޭސް ކުރުވާށެވެ. އެވްލީން އޭނައާ ބައްދަލު ކުރަން ބޭނުންނަމަ މިފްޒާލް ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ އެއްބަސް ކުރުވާނެއެވެ. ” އަހަރެން ލައްވާ އާދޭސް ކުރުވަން ނޫޅޭތި ! ކަލޭގެ އަތުގަ އޮތީ އެންމެ ދެ ޗޮއިސް…. ރީތި ގޮތުގަ އަހަންނާއެކު ދިއުން… އަނެއް ޗޮއިސްއަކީ މުޅި އުމުރު ޖަލުގައި ހޭދަކުރުން ” މިފްޒަލް އޭނަގެ އެންމެ ފަހުގެ ނިންމުން އިއްވާލިއެވެ.
” މިފްޒާލް އާއެކު މިތަނުންދާން އަހަރެން މިހުރީ ތައްޔާރަށް އެކަމަކު… އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް… ” ޖުނެއިނާގެ މޫނަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
” ކޮބާ ޝަރުތަކީ… ؟ ” ރުޅިއައި ކަމުގައި ވީނަމަވެސް މިފްޒާލް ވާހަކަދެއްކީ ރީތިގޮތުގައެވެ.
” ކޮމްޕެނީގެ ރިޒޯޓް ޑިވިޝަން އަހަރެންގެ މިލްކަކަށް ހެދުން!… ” ޖުނެއިނާ އޭނަގެ ޝަރުތު ހާމަކުރިއެވެ. އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް މޮޅު ހޯދަން ޖުނެއިނާ ހުރީ ފައިވިއްދާލާފަ އެވެ..
މިފްޒާލް ޖުނެއިނާއާއި ދިމާއަށް ބަލައިލިއިރު މިފްޒާލްގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އެވަގުތު އެތަނުން ދާން ވެސް މިފްޒާލް އުޅުނެވެ. ނަމަވެސް އެވްލީން މަތިން ހަނދާންވުމާއެކު އޭނަގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.
މިފްޒާލް ޖުނެއިނާގެ ޝަރުތާ ޤަބޫލުވުމުން ޖުނެއިނާ ހުރީ އުފަލުން ފޮޅިފައެވެ. އޭނަގެ ބަދަލު ހިފުމުގެ ބައި ފެށުނީއެވެ. މަޑުމަޑުންގޮސް އޭނަ އެވްލީންގެ މިލްކުގައިވާ ހުރިހާ އެއްޗެއް އޭނަގެ މިލްކަކަށް ހަދާނެއެވެ.
* * *
އެވްލީން ރަނގަޅު ވިކަމުގެ ޚަބަރު މިފްޒާލްއަށް ލިބުމުން މިފްޒާލް އުފަލުންގޮސް ލޮލުން ކަރުނައައެވެ. ނަމަވެސް ޖުނެއިނާއަށް އެ ޚަބަރު ލިބުމުން ވިހަގަދަ ތީރެއް ފަދައިން އޭނަގެ ހިތަށް ހެރުނެވެ. ޖުނެއިނާއަށް އެޚަބަރު ލިބުނު ވަގުތުން ފެށިގެން އޭނަ ވިސްނަމުން ދިޔައީ އެވްލީން އޭނަގެ މަގުން އެއްފަރާތް ކޮށްލާނެ ގޮތަކާ މެދުގައެވެ. އެވްލީން އުފަލުގައި އުޅޭތަން ދެކެން އޭނައަށް ކެތެއް ނުކުރެވޭނެއެވެ. ޖުނެއިނާ ކުރާނެ ކަމަކާމެދު ވިސްނަމުން ދަނިކޮށް މިފްޒާލްއާއި ޒަވީން ދެއްކި ވާހަކައެއް އަޑުއިވުމުން އެހިތުގައި ބަދަލު ހިފުމުގެ އާރޫހެއް އުފެދިގެން ދިޔައެވެ.
އެވްލީންގެ ހަނދާނުން ފޮހެވިގެން ގޮސްފައިވާ ކަންތައްތައް މަަޖްބޫރުން ހަނދާން ނުކޮށްދިނުމަށް ޒަވީންވަނީ ބުނެފައެވެ. ވަގުތު ތަންދޭވަރަކަށް އެވްލީން ކުރީގެ ކަންތައްތައް ހަނދާން ވާނެއެވެ. ނަމަވެސް މަޖުބޫރުން ހަނދާން ކޮށްދޭން އުޅެފިނަމަ އެވްލީންގެ ފުރާނައަށް ގެއްލުން ވެދާނެ ކަމުގެ އިންޒާރުވެސް ޒަވީންވަނީ ދީފައެވެ.
* * *
* ދެހަފްތާ ފަސް *
ހަވީރުގެ ވަގުތެވެ. އަލިފާން ކުލައިގެ ވިލާތަކުން އުޑުމަތިވަނީ ބަރާވެފައެވެ. ޖެހެމުންދާ ފިނި ފައިރޯޅި ތަކާއެކު ގަސްތަށް ހެލިލާއިރު ހިކިފައިވާ ފަތްތައް ވަޔާއެކު އުދުހެމުން ދިޔައެވެ. މާމެލާ މެލީގެ މީރުވަހުން މުޅި ފަޒާގައި ހުވަނދު ލާފައިވާއިރު ކޮކާތަކާއި މާބުރުތައް މާތައް ވަށާ އުދުހެމުން ދިޔައެވެ. އެވްލީން ރަތްކުލައިގެ ކުރުތާއަކާއި ހުދުކުލައިގެ ސްކްނީއެއް ލައިގެން ބަގީޗާއަށް ނިކުތީ ކޮޓަރީގައި ހުންނަން ޖެހުމުގެ ސަބަބުން ފޫހިވެގެންނެވެ. ހޮސްޕިޓަލުން ދޫކޮށްލެވުނު ދުވަހުން ފެށިގެން އޭނަ އޮތްނަން ޖެހުނީ ކޮޓަރީގެ ހަތަރު ފާރުތެރޭގައި ބަންދުވެފައެވެ.
އެކިކުލަ ކުލައިގެ މާތަކުން ބަގީޗާ ފުރާލާފައި ވާއިރު އެވްލީން ކޮންމެ މަލެއްގެ ވަސް ބަލަމުން އޭނައަށް އެންމެ މީރުވަސްދުވާ މާތައް ބިންނަމުން ދިޔައެވެ. ޕޯޓިކޯ ކައިރީގައި އިންދާފައިވާ ޖޭސްމީން ގަހާ ހަމައަށް އާދެވުމާއެކު އެވްލީން ފޮޅިފައިވާ ޖޭސްމީން މާތަށް ބިންނަން ފެށިއެވެ.
ކުއްލިޔަކަށް ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ތެޅިތެޅި އޮތް ހިތަކާއެކު އެވްލީންއަށް ފަސް އެނބުރި ބަލާލެވުނެވެ. އޭރު އޭނައާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ޒަވީންގެ ފެނުމުން އެވްލީން ހުއްޓުން އެރިއެވެ. ކަޅުކުލައިގެ ޖިންސަކާއި ހުދުކުލައިގެ އަތްކުރު ގަމީހެއްގައި ހުރިއިރު ޒަވީންގެ ބާރުގަދަ މުލައްދަނޑީގެ ބޮޑު ބައެއްވަނީ ހާމައަށެވެ. އެވްލީން ކަޅި ޖަހާނުލައިގެ ޒަވީންއަށް ބަލަހައްޓައިގެން ހުރިއިރު އޭނަގެ ފައިން ވާގިދޫވާހެން އިހްސާސްވަމުން ދިޔައެވެ.
އެވްލީން އަރިއަޅާލައިގެން ވެއްޓެން ދިޔަވަގުތު އެވްލީންއަށް ހަޅޭއްލަވައި ގަނެވުނެވެ. ޒަވީން ހުޝިޔާރަ ކަމާއެކު އެވްލީން ވެއްޓުނަނުދީ ހިފަހެއްޓިއެވެ.
އެވްލީންގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ޒަވީންއާއި އޭނަގެ ހަތަރުކަޅި ބައްދަލު ވެގެން ދިއުމުންނެވެ. ޒަވީންއާއި އެވްލީން ހުއްޓުން އަރާފައި އެކަކު އަނެކަކުގެ ދެލޮލަށް ބަލަަހައްޓައިގެން ތިބިއިރު ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ކުރެހުމެއް ހެންނެވެ. އެވްލީންގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. ޒަވީން ފެންނަ ކޮންމެ ފަހަރަކު އޭނައަށް ވަނީ މިވަރެވެ. މިފަހަކަށް އައިސް ޒަވީން ފެނުނަސް އޭނަ ލަދުން ވިރޭވަރުވެއެވެ. އެވްލީންގެ ކޯތާފަތަށް ޖަންބު ކުލަ ވެރިވެގެން ދިޔަވަގުތު ޒަވީން އެވްލީންގެ އަތުން ދޫކޮށްލުމަށްފަހު ދުރަށް ޖެހިލިއެވެ.
” އާރ ޔޫ އޯކޭ ؟ ” ޒަވީން ދެއަތް ޖިންސްގެ ޖީބަށް ޖަހާލަމުން އަހާލިއެވެ. އެވްލީން ޒަވީންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ދުއްވައިގަތެވެ. އޭނަ އިތުރަށް އެތާ މަޑުކޮށްފިނަމަ އޭނަ ލަދުން ވިރިދާނެއެވެ. އެވްލީން ދިއުމުން ޒަވީންގެ ހިތަށް ތޫނު ރިހުމެއް އިހްސާސްވެގެން ދެއެވެ.
” ހެލޯ… ” ކުއްލިޔަކަށް ވައިބްރޭޓް ވާންފެށި ފޯނު ނަގައި ޒަވީން ވާހަކަދައްކަން ފެއްޓިއެވެ. ” ދަރިފުޅާ… މިހާރު އެއްމަސް ވެއްޖެއެއްނު… ކޮން އިރަކު އިންގްލޭންޑަށް އަންނަނީ… ؟ ” ޒަވީން ފޯނު ނެގުމާއެކު ޒަރާ އަވަސް އަވަހަށް އަހާލިއެވެ. ޒަރާގެ ޖުމްލައިން ޒަވީންގެ ހިތަށް އިތުރަށް ވޭންލިބުން ނޫންކަމެއް ނުވިއެވެ. އެވްލީން ރަނގަޅު ވީތަނާ މިޖެހުނީ ފުރާށެވެ. ” މޯމް އަދި 2 ދުވަސް ފަހުން ދެވޭވަރުވާނީ… ” ޒަވީން ޒަރާގެ ސުވާލަށް ޖަވާބުދިނެވެ. ” މިހާރު ދަރިފުޅު ނުވެސް ގުޅަމެއްނު… ވީ ރިއަލީ މިސްޔޫ… ” ޒަރާ ބުނެލިއެވެ. ” މޯމް ބިޒީވީމަ ނުގުޅުނީ… ސޮރީ… ” ޒަވީން ބުންޏެވެ.
ކޮޓަރިއަށް ވަންނަމުން އެވްލީން އަވަސް އަވަހަށް ދޮރުލައްޕާލިއެވެ. އޭރު އެވްލީންގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. އެރީތި ދޮން މޫނުގައި ދާތިކިތައް ވިދާބަބުޅަމުން ދިޔައެވެ. އެވްލީން އޭނަގެ ފިނިވެފައިވާ ދެއަށް ޖޯޑު ކޮށްލުމަށްފަހު ގޮސް އެނދުގައި އިށީނެވެ، އޭރުވެސް އެވްލީންގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ޒަވީންގެ ފެނުމުން އޭނައަށް މިވަނީ ކިހިނެއް ބާވައެވެ ؟ ބައެއްފަހަރު ޒަވީން ފެނުމުން ފިޔަވަޅުތައްވެސް އޮޅޭ ފަހަރު އާދެއެވެ. ޒަވީންގެ ކޮންމެ ބީހުމަކަށް އެހަށިގަނޑު ދައުވަތުދެނީ ރުހުމާއެކުއެވެ. ނަމަވެސް ޒަވީންގެ ފިރިހެންވަންތަ ހަށިގަނޑުގެ އެންމެ ބީހިލުމަކުން އޭނަ ގަނޑު ފެންކޮޅެއްހެން ފިނިވެގެންދެއެވެ. ޒަވީންގެ ދެއަތުގެ ތެރެއަށް ވިރިގެން ދާން އެވްލީން ބޭނުންވެއެވެ.
އެވްލީން ކުޑަ އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ބޯ ފަރުދާތައް ކަހާލުމަށްފަހު އެވްލީން ބެލްކަންޏަށް ނިކުތެވެ. އެވަގުތު ގެސްޓް ރޫމާއި ދިމާއަށް ފޯނުން ވާހަކަ ދައްކަމުން ހިނގާފައި ދިޔަ ޒަވީން ފެނުމާއެކު އެވްލީންއަށް ހީވީ އޭނަގެ ހިތުގެ ތެޅުން މަޑު ޖެހިލިހެންނެވެ. ހިތަށް ވެރިވެގެން ދިޔަ ޖަޒްބާތުތަކުން އެވްލީންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޒަވީން ފޯނުން ވާހަކަ ދައްކަމުން އެދަނީ ކާކާބާވައެވެ ؟ ޒަވީން ކުއްޖަކާއި ރައްޓެހިވެގެން އުޅެނީ ބާވައެވެ ؟ އަޖައިބެކެވެ. ޒަވީން މީހަކާއި ފޯނުން ވާހަކަ ދެއްކުމުން އޭނަގެ ހިތަށް ދަތުވާންވީ ކީއްވެ ހެއްޔެވެ ؟ ޒަވީން އޭނަ ނޫން އަންހެން ކުއްޖަކާއި ވާހަކަދައްކަން އެހިތް ނުރުހެނީ ކީއްވެ ހެއްޔެވެ ؟…
(ނުނިމޭ)
10 Comments!
Comments are closed.
me 1st. story hama superb…keep the good work
Haadha inthizaarekey
Alhe leenge bappaves kura kanthahdhw but story v reethi
Story is beautiful… I still can’t wait to read the nxt part…
Varah reethi
❤️❤️?story v reethi
v nice
Story is awesome.????? Next part avas kohlaba pls???
Avaaasu kohla dhybeleyyyyyyy
Next part avahas koladiii! Can’t wait??❤❤